ހޮނިހިރު20201114

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ވާހަކަ މުސްތޮގެ ރިވާޔަތްތައް 2: ޙައްޤުވެރިޔާ

މުސްތޮގެ ރިވާޔަތްތައް 2: ޙައްޤުވެރިޔާ

musto-hagguveriya

މީގެ އަހަރުތަކެއް ކުރިން އެމް.އެސް.އެލް ގެ ބޯޓަކުން ދަތުރުކުރަން ގޮސް އުޅުނު މީހަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ހަމަ އެހެންމެ އެދަތުރުގައި އޭނާއާއި އެންމެ އެކުގައި އުޅުނު އޭނާގެ ވަރަށް ގާތް ރައްޓެއްސަކު ވަނީ ދަންޖެހިގެން މަރުވެފައެވެ. ކަމުގެ ޙަޤީޤަތެއް އެއްވެސް މީހަކަށް ނޭނގެއެވެ. އަދި އޭރު ކަންތައްތައް އޮންނަ ގޮތުން މާބޮޑު ތަޙުޤީޤެއްވެސް އެކަމާއި މެދަކު ހިންގިފައެއް ނުވެއެވެ. މީހުން ތަފާތު ވާހަކަ ދައްކާ އުޅުނެވެ.

ނަމަވެސް އެއީ އޭރުއެވެ. މިހާރު އެކަންތައް ހަނދާންހުރި އެކަކުވެސް ހުރިކަމަކަށް ނުވެއެވެ.

ދުވަސްތައް މާޒީވެ ދަނީއެވެ. އެއާއި އެކު ދުނިޔެވެސް ދަނީ ބަދަލުވަމުންނެވެ. މީހުންގެ އުޅުމަށާއި ގުޅުމަށްވެސް ބަދަލުތަކެއް އާދެއެވެ. ހެދުން އެޅުމުގެ ވައްޓަފާޅިއަށާއި ވާހަކަދައްކާ ބަހުރުވަވެސް ބަދަލުވެއްޖެއެވެ. ބަދަލުވަމުންދާ ދުނިޔޭގެ އޮއިވަރުގައި ކުޑަކުޑަ ދިވެހިރާއްޖެވެސް ޖެހި، ދުނިޔެ ދާމަގުން ކުރިއަށް އޮވެގެން ދެއެވެ.

މިހާރު މާލެއަކީ މީގެ ވިއްސަކަށް އަހަރު ކުރިން ފެންނަން އޮތް މާލެއެއް ނޫނެވެ. އެއަށްވުރެ މާރީތި ކުރިއަރާފައިވާ ހަރަކާތްތެރި މާލެއެކެވެ. މަގުތަކާއި ގެތައްވެސް ފެންނަލެއް ވަރަށް ޗާލެވެ. މިސްކިތްތަކާއި ރީތި މައިޒާންތަކެވެ. އަދި އެކި މަރުހަލާތަކަށް ކިޔަވައިދޭ މަދަރުސާތަކެވެ. މީހުންނާއި ދުއްވާތަކެތިވެސް މާލޭގެ މަގުމަގުމަތިން ފެންނަނީ ހައިރާން ވާހާ ގިނައިންނެވެ. އެކި ފުރަފުރައިގެ މީހުންނާއި ކުދިންނެވެ. އެއެންމެންގެވެސް އެ ހުންނަ ރީތި އޮޅަލި ހަންގަނޑާއި އެހަމާއި ގުޅޭ ކުލަކުލައިގެ ރީތި ހެދުންތަކުން ޒީނަތްތެރިވެގެންނެވެ. އޭގެ އިތުރުން ތަފާތު އެކިކުލަކުލައިގެ ބިދޭސީން ފެންނަލެއްވެސް މަދެއްނޫނެވެ.

މެންދުރުން އަނބުރައި ދެގަޑި ބައިގައި ހުޅުލޭގެ ވައިގެބަނދަރަށް ޖައްސަން އޮތް އަލިޓާލިއާ ގެ ފްލައިޓުން މިއަދު، އިޓަލީވިލާތުގެ މާބޮޑު މުއްސަންޖަކު ރާއްޖެއަންނަވާހަކަ ނަސަންދުރަ ޕެލަސް ހޮޓަލްގައި މަސައްކަތްކުރާ އެންމެންވެސް އޮތީ އަޑު އަހާފައެވެ. އޭނާގެ ނަމަކީ މރ. މޮރިސް އެވެ. ޖަމީލް މޮރިސްއެވެ. މުސްލިމެއްވެސް ތޯއްޗެކެވެ. ނަމުން އެކަހަލަ އެއްޗެއް ދޭހަވެއެވެ. އެހެން ނޫނީ އެއީ އަރަބި ނަސްލުގެ އިޓަލީ މީހަކަށް ވުން ވެސް އެކަށީގެން ވެއެވެ.

އަލިޓާލިއާގެ ފްލައިޓް ރާއްޖޭގެ ސަރަޙައްދަށް ވަނީންސުރެ މރ. މޮރިސް، އެރީތި ކުދިކުދި ރަށްތަކަށް ބެލުން ހުއްޓައެއް ނުލައެވެ. ބޯޓުގެ ކުޑަދޮރުން އޭނާ އެރަށްތަކަށް ބަލަމުން ދިޔައިރު މޫނުމަތިން މާބޮޑު އުފާވެރިކަމެއް ފާހަގައެއް ނުކުރެވެއެވެ. އަދި ކިއެއްތަ އޭނާގެ އަގުބޮޑު އަވިއައިނުން މޫނުގެ ބޮޑުބައެއްވަނީ ފޮރުވިފައެވެ. އުމުރުން 60 އަހަރު ވީއިރު މރ މޮރިސް ދުވަހަކުވެސް ކާވެންޏެއް ނުކުރެއެވެ. އޭނާގެ މުޅި ޒުވާން އުމުރު ނަގާލީ ލާރި އެއްކުރުމުގައެވެ. އެކަންތައް މިއަދު އޭނާއަށް މާ ރަނގަޅަށްވެސް އެވަނީ ޙާސިލްވެފައެވެ. މިދަތުރުގައި އޭނާއާއި އެކު ގެނައީ އޭނާގެ ޚާއްސަ ވަކީލާއި ނަރުހެކެވެ. އޭނާ ގެ މަންޒިލަކީ ސީދާ މާލެއެވެ. އެއީވެސް އަޖައިބެކެވެ. ދުނިޔެމަތީގެ ފިރްދައުސްގެ ނަމުން މަޝްހޫރުވެފައިވާ ރާއްޖޭގައި އެހާ ބައިވަރު ރިސޯޓުތައް އޮއްވާވެސް މީނާ މި އަންނަނީ މާލެއަށެވެ.

ބޯޓު ހުޅުލޭގެ ރަންވޭގައި ޖައްސައިފިއެވެ. އަދި އޭގެ ދުވެލި މައިތިރިވަމުން އައިސް އެންމެފަހުން ހުއްޓިއްޖެއެވެ. އެއާއިއެކު ދަތުރުވެރިންނަށް އުފާވެރިދަތުރަކަށް އެދެމުން ބޯޓުގެ ދޮރުތައްވެސް ހުޅުވިއްޖެއެވެ.

މރ މޮރިސް އާއި އޭނާގެ ދެ އެހީތެރިންވެސް ބޯޓުން ފައިބައިފިއެވެ. އެއާއިއެކު ހުޅުލޭގެ ތެތް ހޫނު ވައިރޯޅިތައް މރ މޮރިސްގެ ގައިގައި ފިރުމަންފެށިއެވެ. އެވަގުތު އޭނާއަށް ބުނަންނޭނގޭކަހަލަ އަސަރުތަކެއް ކުރިއެވެ. ބިމައްތިރިވެ އެބިންގަނޑުގައި ފުރޮޅިގަންނަން އޭނާގެ ހިތައް އެރިއެވެ. އެ ބިމުގެ ވެލިގަނޑުތެރެއަށް އޭނާގެ ހަށިގަނޑު ވިރާނާވެ ދާނެނަމައޭ އޭނާގެ ހިތަށް އެރިއެވެ. އެއާއެކު އޭނާގެ ފަނާވަނިވި ހަށިގަނޑުވެސް އޭގެ އަސްލާއި އެކުވެ ހިނގައިދާނެއެވެ.

އަވިއައިނު ހިއްލާލުމަށްފަހު ކުޑަކުޑަ ރުމާލަކުން އޭނާ ދެލޯ ފޮހެލިއެވެ. އެއަށް ފަހު ލަފާމީހުންގެ ގިމަތައަށް ވަންނަން ދިޔަ މީހުންނާއެކު އޭނާވެސް ވަދެގެން ހިނގައްޖެއެވެ.

އަނެއްކާވެސް މީގެ ދިހަ ވަރަކަށް އަހަރު ކުރިއަށް ޖެހިލާނަމެވެ. ހުދުބޯގަންވިލާގެއަކީ ވަރަށް އާދައިގެ ގޮތަކަށް ހުރި ގެއެކެވެ. ގޭގެ އެއްބައި ރާނާފައި ހުރި އިރު ބޮޑުބައި ހުރީ ޕްލައިވުޑު ފިލައިން ހަދާފައެވެ. އެކަމަކު ބަލާބެލުމަށް ރީތި ހިތްފަސޭހަ ގެއެކެވެ. ގޭގެ އަހުލުވެރިންގެ ސާދާކަމާއިއެކު ވެސް އެމީހުންގެ އުޅުން ހުންނަނީ ވަރަށް ފުއްދުން ތެރިކޮށެވެ. އުމުރުން ފަންސާހަކަށް އަހަރުވެފައި ވާ ނަސީމާއްތަ އަކީ މިންވަރަށް އީމާންވާ ރަނގަޅު ހެޔޮލަފާ އަންހެނެކެވެ. އޭނާގެ ދެ ފިރިހެން ކުދިން ތިބެއެވެ. ދޮށްޓަށް ހުންނަނީ ހާރޫނެވެ. ހަގަށް ހުންނަނީ މުސްޠަފާއެވެ. ހާރޫނުގެ ބައްޕަ ވަނީ ވަރަށް ކުރިން ނިޔާވެފައެވެ. މުސްތަފާ އަކީ ނަސީމާއްތަ އަލިބެއާ އިނދެގެން ލިބުނު ކުއްޖެކެވެ. އަލިބެއަކީ ގޭދޮށު މިސްކިތެއްގެ މުދިމަކަށް ހުންނަ ދީންވެރި މުރާލި މީހެކެވެ. ފަހަރެއްގައި ވެސް އޭނާއަކީ ދޮންބައްޕަ ކަމެއް ހާރޫން އިޙްސާސްކުރާކަށް ނުޖެހެއެވެ.

ހާރޫނުގެ އުމުރުން 20 އަހަރު ވީއިރު އޭނާ އުޅެނީ އޮފީހެއްގެ އާދައިގެ މުވައްޒަފަކަށެވެ. ގުރޭޑު 10 ގެ ފެންވަރަށް އޭނާވެސް އެހެރީ ކިޔަވައިގެންނެވެ. މިހާރު ގޭގެ ބޮޑުމީހަކީވެސް އޭނާއެވެ. އަލިބެ ވެސް އެއްވެސް ކަމަކާ މާބޮޑަކަށް އަޅައެއް ނުލައެވެ. މުސްތަފާގެ ހުރިހާ ކަމަކާވެސް ޒިންމާވާ ބޮޑުމީހަކީ މިހާރު ހާރޫނެވެ. އެއީ މާ ފަސޭހަ ކަމެއްވެސް ނޫނެވެ. އުމުރުން 14 އަހަރު ވެފައި ވާއިރު އޭނާގެ ކަންތައް އުޅެނީ ފުކެއް މަތީގައެވެ. ދޭތެރެއަކުން މަދުރަސާގެ ކޮންމެސް ޝަކުވާއެއް އަޑުއަހަން ޖެހެއެވެ. ބެލެނިވެރިއެއްގެ ހައިސިއްޔަތުން މުސްތަފާގޮވައިގެން ދާންޖެހެނީ ހަމަ ހާރޫނަށެވެ. އޭގެ އިތުރުން ގޭގެ ފޯނު ބިލްވެސް އުޅެނީ ތަންކޮޅެއް މަތީގައެވެ. މުސްތަފާއަށް ހީވާގޮތުން އޭނާއަކީ މިހާރު މާ ބޮޑު މީހެކެވެ. 14 އަހަރުވީއިރު މުސްތަފާ އެތައް އަންހެން ކުދިންނަކާއި ރައްޓެހިވެ ރުޅިވެފައި ވާއިރު އޭނާގެ ބޭބެ ހާރޫނު އަދިވެސް އެކަހަލަ ކަމަކާ ވިސްނިހެނެއް ހީއެއް ނުވެއެވެ. ނުވިސްނަނީއެއް ވެސް ނޫނެވެ. އަދި އެހެން މީހުނަށް އެކަންތައްތައް ރޭކައި ނުލަނީއެވެ.

މުސްތަފާގެ ލާނެއްކަމާއި ހަލަބޮލިކަމާއެކުވެސް ހާރޫން އޭނާގެ ކޮއްކޮއަށް އިތުބާރު ކުރެއެވެ. ސަބަބަކީ މުސްތަފާގެ މިޒާޖު އެކަހަލަ ގޮތަކަށް ހުއްޓަސް އޭނާއަކީ ވިޔާނުދާ ކުއްޖެއް ނޫންކަން ހާރޫން ދަންނަކަމެވެ. މައްސަލައަކީ އޭނާ އުޅޭ ގޮތުން އޭނާގެ ކިޔެވުމަށް ބުރުލެއް އަރާފާނެކަމެވެ. އެއާއި އެކުވެސް ހާރޫނު އެންމެ ހިތް ހަމަ ޖެހޭ ކަމަކީ މުސްތަފާގެ އެކުވެރިންނަކީ ލަފާ ކުދިބަޔަކަށް ވާކަމެވެ. ރިޒާއާއި ޒަކަރިއްޔާއާއި އަދިވެސް ދެތިން ކުއްޖަކު އެބައިގައި އުޅެއެވެ. އެ އެންމެންނަކީވެސް ކިޔެވުންވެސް ރަނގަޅު، މަދަރުސާގެ ހަރަކާތް ތަކުގައި ވެސް ބައިވެރިވެއުޅޭ ކުދިންނެވެ. އޭގެ ތެރެއިންވެސް އެންމެ ނުކިޔަވާ އުޅެނީ ހަމަ މުސްތަފާއެވެ. ނަމަވެސް އޭނާއަކީ ޕްރިފެކްޓެކެވެ. ސަބަބަކީ އެކުގައި އުޅޭ ކުދިން ކަމާއިމެދަކު ޝައްކެއްނެތެވެ. އެ މީހުންނާއިއެކު އުޅޭތީ މަދަރުސާގެ ހަރަކާތްތަކުގައި އޭނާއަށް ވެސް ބައިވެރިވެވެއެވެ. މަޖައްލާ ނެރޭއިރު އެކަމުގައިވެސް އަވަދިނެތި އޭނާ އުޅެއެވެ. ދުވަހަކު މަޒުމޫނެއް ޅެމެއް އެއްޗެއް ހަދާފައި ނެތަސް އޭނާގެ ވަރަށް ބުރަ މަސައްކަތްތައް އެފަދަ ކަންތައްތަކުގައި އޮވެއެވެ. އެހެން ނަމަވެސް އޭނާގެ ފާހަގަވާ އެއްކަމެއް އޮވެއެވެ. ކުޅިވަރުގެ މައިދާނުގައި އެއީ ބަޠަލެކެވެ. އިދިކޮޅުޓީމު ޖެހިލުންވާ ވަރުގަދަ ފަހުލަވާނެކެވެ. ބައި ކުދިންނަށް، ދޫކޮށްލެވެން ނެތް ރަނެކެވެ.

 

އެއްދުވަހެއްގެ ހަވީރު ހާރޫން ގެއަށް އައި އިރު މުސްތަފާ އޭނާގެ ގުރޫޕު އެއްކޮށްގެން މާ އޮލަ ވާހަކައެއް ދައްކަނީއެވެ. ޒަކަރިއްޔާގެ އަތުގެ ކުޑަހުޅުގައި ބެންޑޭޖެއް އޮޅާފައި އޮތެވެ. އެމީހުން ހީހީފައި އެދައްކާ ވާހަކައެއް ދައްކަނީ މަޑެއްކޮށެއް ވެސް ނޫނެވެ. މަންމަގެ ފަހާފޮށި ކައިރީގައި ހުރި އަނދަރާދަގޮނޑިއެއްގައި ހާރޫނު އިށީނެވެ. އަދި އެތާ އޮތް ނޫސްގަނޑެއް ނަގާ، މަތިމަތިން ސުރުޚީތަކަށް ބަލާލިއެވެ. ނަމަވެސް އެމީހުން އެދައްކާ ވާހަކައެއްގެ މަޖާކަމުން އެކަމަށް ވެސް ކަންފަތެއް ދީގެން އިނދެވުނެވެ.

" މުސްތޮ ކުރީ ދުވަހު ފަޔަށް ތަދުވެގެން ދަނޑުންފޭބި އިރު ކޮރުޖަހަމުން ދިޔަގޮތުންނޯ މަރީގެ ހިތް ހަލާކުވީ..."

އެންމެން އެކީގައި ޕަކަޕަކަ އަޅާފައި ހީގަތެވެ.

" މޮޔަވީތަ..؟ "

ވީ ފޫއްސަކުން މުސްތަފާ ބުންޏެވެ.

" ޒަކޭ އެހެންވެ އަޅައިގެން އުޅޭ ބެންޑޭޖެއް އެއީ.. ދެން ބިޓުންނަށް ހީވާނެއްނު މީ މާ ސްޕޯރޓީ މީހެކޭ..."

" އެހެން ދޯ.. އެހެން ވީމަ ތި މަރީއަކު ކައިރިއަށް ޒަކޭ ފޮނުވަން ވީނުން.. ތިހިރަ ބެންޑޭޖުގަނޑުގަ މިފަހަރު މަރީ އަޅައި ނުގަނެއެއް ނުދާނެ.."

އަނެއްކާވެސް އެންމެން އެކީގައި ހޭންފެށިއެވެ.

" ތަހޫ ކައިރީގަ ބުނޭ މަރީއަށް ވިސްނައިދޭށޭ.. މަ މިއުޅެނީ މިހާރުވެސް ފާތުން ނުނެގިގެން.. އެހެން ނޫނަސް ތި މަރީއަކީ ތީ ބޮޑު ކޫޑިއެއް ނު.."

މިހެން ބުނާއިރު މި މުސްތަފާއަށް ވުރެ ބޮޑު ކޫޑިއެއް ތާކު ވަކި އުޅޭ ބާވައެވެ. ހަގީގަތަކީ ފިރިހެން " ކޫޑިއެއް" އަދި މިހާތަނަށް ދުނިޔެއިން ފެނިފައި ނުވާކަމެވެ.

 

މި މީހުން މިނޫން ކަމަކާއި މެދު ވިސްނާ ބާވައޭ ހާރޫންގެ ހިތަށް އެރިއެވެ. އޭނާ ވެސް އެ އުމުރުގައި އަންހެން ކުއްޖަކާހެދި ހޭބަލިވެގެން އުޅުނެވެ. އެކަމަކު އެއީ މިނިސްޓަރެއްގެ ދަރިއެއް ވިއްޔާއެވެ. ވީމާ އަނގައިން ބުނެލާކަށް ވެސް ނުކެރެއެވެ. އޭނާއަކީ އެމީހުންނާ އެކަށޭނަ މީހެއްވެސް ނޫނެވެ. އެއަށް ވުރެ މާ އާދައިގެ މީހެކެވެ. މުއްސަނދިންނާއި ސަރުކާރުގެ މަތީ މީސްމީހުންގެ ދަރިން އެހާ ރީތީ ކީއްވެ ބާވައޭ އޭނާގެ ހިތަށް އަރައެވެ. ހަގީގަތުގައި އެހެން ކުދިންނާ އަޅާ ބަލާއިރު އެކުދިންވެސް ވަކި ރީތީއެއް ވެސް ނޫނެވެ. އެކުދިންނަށް ވިޓަމިން ހުރި ރަނގަޅު ކާނާ ކެވޭތީ ހަންގަނޑު އޮމާނީއެވެ. އަގުބޮޑެތި ގަހަނާއާއި ރީތި ހެދުން އެޅޭތީ ހިތްދަމައިގަންނަ ގޮތް ބޮޑީއެވެ. އެހެންވީމާ ޅަފުރާގެ ފިރިހެންކުދިންނަށް އެހެން އަންހެން ކުދިންނަށް ވުރެ އެ ފަންތީގެ ކުދިން މާރީތިހެން ހީވަނީއެވެ.

ހާރޫނު ހިތާވެގެން އުޅުނު ކުއްޖާއަށް ކިޔަނީ މައުސޫމާ އެވެ. ގޯސް ކުއްޖެއް ނޫނެވެ. ވަރަށް ހިތްތިރި ރަހުމަތްތެރި މިޒާޖެއްގެ ކުއްޖެކެވެ. އޭނާ ހާރޫނާއި ވާހަކަ ދައްކާ އުޅުނެވެ. ފެނުނީމާ ހީލައެވެ. އެ ހީލުމުގައި ވަނީ ކޮން މާނައެއް ކަމެއް ހާރޫނަކަށް ނޭނގެއެވެ. އޭނާގެ "ފިނޑިކަން" އެއަށްވުރެ ބޮޑެވެ. ނަމަވެސް މިހާރު އެ މައުސޫމާއެއް ނެތެވެ. އޭނާ ވީ މާދުރުގައެވެ. ރާއްޖޭން ބޭރުގައެވެ. އޭނާގެ މުޅި އާއިލާ މިހާރު ދިރި އުޅެނީ ލަންޑަނުގައެވެ. މުސްކުޅިވެ ސިއްޙީ ހާލަތު ހުރިގޮތުން މިނިސްޓަރުކަން ދޫކޮށްލާފައި ހުރިއިރުވެސް އޭނާގެ ބައްޕަގެ ޢިއްޒަތްތެރިކަމަކަށް ބަދަލެއް ނާދެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މިހާރު ހާރޫންގެ އުމުރުން ވެސް 25 އަހަރުވެއްޖެއެވެ. އަދި މުސްތަފާވެސް މަދަރުސާ ނިންމާފައި މިހާރު ވަޒީފާއަށް ނުކުންނަން ފަށައިފިއެވެ. ދެ ފިރިހެން ދަރިންވެސް ބޮޑުވެ ވަޒީފާއަށް ނުކުންނަން ފެށުމުން ނަސީމާއްތަ ވެސް މިހާރު ހުންނަނީ ވަރަށް ހިތްހަމަޖެހި އުފަލުންނެވެ. ނަމަވެސް ދޮށީ ފިރިހެން ދަރިފުޅު އަދިވެސް ކާވެންޏެއް ކުރަން ނޫޅޭކަމުގެ ފޫހި އިޙްސާސެއް އަބަދުވެސް އޭނާގެ ހިތުގައި އޮވެއެވެ. އެ ނޫނީ އޭނާ މިހާރު ވިސްނާ އެހެންކަމެއް ނެތެވެ. ކަން މިހެން އޮއްވާ މުސްތަފާ އެއްދުވަހަކު ދިން ޚަބަރަކުން އެންމެން ދިޔައީ ސިއްސައިގެންނެވެ.

" މަންމާ .. ދެން އަބަދު ތިހެން އެކަނި މައި އެކަނި ބަދިގެ ތެރޭގަ ކިހާދުވަހަކު އުޅެން ކަމަށް ތަ ތި ވިސްނަނީ..؟ "

ރިހަ ބޯތައްޓެއް ހިފައިގެން ނަސީމާއްތަ އައިސް ކާމޭޒު ދޮށަށް ހުއްޓުނުއިރަށް މުސްތަފާ ބުނެލިއެވެ.

އެވަގުތު އަލިބެއާއި ނަސީމާއްތަ ވެސް ބަލާލީ ހާރޫނުގެ މޫނަށެވެ. އެންމެނަށް ވެސް ހީވީ އެއީ ހާރޫނަށް އެއްލި ގަލެއް ކަމަށެވެ.

" ދޮންބެއަކަށް ނުވާނެ ކަމެއް.. މަ މިހާރު ގޮތެއް ނިންމައިފިން.. މަންމަ ތިހާ ބުރަކޮށް އުޅޭ ތަން ބަލާކަށް ދެނެއް މަށަކަށް ނުހުރެވޭނެ.."

" ވާސަރީ.. އެހެން ދޯ ވަނީ.. ދެން ތިހާ ދުރުން ދުރުން ނޫޅެ ތި ނިންމި ގޮތެއް އަޅެ ބުނަންވީނުން.."

ނަސީމާއްތަ މާ އުފަލަކުން ހުރެ އެހެން ބުނި އިރު ބައްތިރީސް ދަތް އެކީގައި ފެނުނެވެ. ހާރޫނު ގާތަށް ވެސް ފާޑެއްގެ ހިންޏެއް އައެވެ. އަލިބެ އަށް އިނދެވުނީ އަނގަޔަށް ލީ ބަތްސުވާވެސް ހަފާލަން ހަނދާން ނެތިފައެވެ.

" މަ މިއުޅެނީ މީހަކާ އިންނަން މިހާރު.. މަންމައަށް ވެސް އެނގޭނެ އޭނަ.. ވަރަށް ރަނގަޅު ކުއްޖެއްނު.."

އެއީ ތެދެކެވެ. މުރީހާ އަކީ ވަރަށް އުޅުންހުރި، ރަނގަޅު، ހަރުދަނާ ކުއްޖެކެވެ. މުސްތަފާ އެކަކާ ރައްޓެހިވެ އަނެކަކާ ރައްޓެހިވަމުން ގޮސް އެންމެފަހުން އިންނަން އެ އުޅެނީ ހަމަ ވަރަށްވެސް ރަނގަޅު ކުއްޖަކާއިއެވެ.

އޭނާ އެވާހަކަ ދެއްކިތާ މާ ގިނަ ދުވަހެއް ނުވެއެވެ. މުރީހާ އާއި އިންދެގެން ގެއަށް ގެނެސްފިއެވެ. އަދި މުރީހާ ގޭތެރެއަށް ހޭނޭކަށް ވެސް މާގިނަ ދުވަހެއް ނުނެގިއެވެ. މިހާރު އެންމެންގެ އެއްޗެހި ދޮވެ ގޭތެރެ ކުނިކަހާ ކައްކާ ހަދަނީ އޭނާއެވެ. ވަރަށް ކަންތައްތައް ދަންނަ ކުއްޖެކެވެ. ދޫހެލޭ ކެރޭ ވެސް ކުއްޖެކެވެ. ދިވެހިން އާއްމުކޮށް ކައްކާ ބާވަތްތަކުގެ އިތުރުން ތަންކޮޅެއް މިޒަމާނުގެ އެއްޗެހިވެސް އޭނާއަށް ކައްކަން އެނގެއެވެ. ކޮންމެ ދުވަހަކު ނިދުމުގެ ކުރިން އާފަލެއް ކާން އޭނާ އޮންނަނީ މައިދައިތަ އަށާއި ބަފައިބެއަށް އަންގާފައެވެ. އަދި ބަފައިބެ ފަތިސްނަމާދުން ފައިބައިގެން ގެއަށް އަންނަ އިރަށް ސައިދީފައި އަލިބެގެ ދެމަފިރިން ގެއިން ބޭރުކުރެއެވެ. ދެން އެ ދެމީހުން އަންނަނީ ލޮނުޒިޔާރަތްކޮޅުގައި ކަސްރަތަށް ހިނގާފައެވެ. މިއީ ހައްތާވެސް މުރީހާ އައިފަހުން އެމީހުންގެ ދިރިއުޅުމަށް އައިހާ ބަދަލުތަކެވެ.

މުސްތަފާގެ ކާވެންޏަށް އެއް އަހަރު ވީއިރު އޭނާއަށް ކުއްޖަކު ލިބިއްޖެއެވެ. އެކުއްޖާގެ ނަމަކަށް ކީ ޢުމަރެވެ. އެއީ އޭނާގެ އެކުވެރި ޒަކަރިއްޔާ ދިން ނަމެކެވެ. ޒަކަރިއްޔާއަކީ ނުލަފާ މޮޅެތި ވާހަކަ ދައްކަން ދަންނަ ޒުވާނެކެވެ. މުރީހާ ވިހައިގެން ގެއަށް ގެނައިންސުރެ ކުޑަސޮރު ހުއްޓާލަނީ މަދު ފަހަރަކުއެވެ. އެއީވެސް އޭނާގެ މަންމަ ގާތުގައެވެ. އެހެން މީހަކު އަތް ލާއިރަށް ހަމަ ރޮނީއެވެ. އެވަރު ކުއްޖަކަށް އެހެން މީހަކު އަތްލާއިރަށް ރޯން އެނގޭކަންވެސް މޮޅެވެ. މިކަމާހެދި މުސްތަފާ އެކުއްޖާދެކެ ގަންނަނީ އަމަށަކު ބިރެއް ނޫނެވެ.

" މި މުސްތޮގަނޑަށް ނުކެރޭނެ މިސޮރު ބާއްވާފަ އޮންނަ މަގަކުން ހިނގަންވެސް.. ކިހާ ބޮޑުކަމެއް ދެން.."

މުރީހާ އެސޮރު އުނގަށް ލައިގެން އިނދެފައި އެހެން ބުނި އިރު ޒަކަރިއްޔާވެސް ގޭގައި އުޅެއެވެ.

" މުރީ ބުނަންތަ.. ތީ އާކަމެއް ނޫން.. ޢުމަރުގެފާނު ހިންގަވާ މަގަކުން އިބިލީހަށްވެސް ހިނގަން ނުކުރޭ ކަމަށް ވަނީ.."

ޒަކަރިއްޔާ އެހެން ބުނާއިރަށް އެންމެން ހޭންފެށިއެވެ. ހާރޫނު ކައިރިއަށް އައި ހިނިން އަނގަފުރާ އަޅާފައި ހުރި ފޯއްތައް ކަރުތެރެއަށް ގޮސް މުޅިން ކޮށިއަރައިފިއެވެ.

" ދެން ތިބުނީ މަށަކީ މީ އިބިލީހޭތަ؟ "

މުސްތަފާ ނިކަން ރުޅިއައި ކަމަށް ހަދާފައި ހަޅޭލައިގަތެވެ. އެއަޑަށް ކުޑަސޮރު މާ ބާރަކަށް ރޯންފަށައިފިއެވެ. އެކަމާ އޭނާ ގަންނާ ކުރެއްވި ބިރުން އަވަހަށް އެތަނުން ނުކުމެގެން ހިނގައްޖެއެވެ. ޒަކަރިއްޔާ ހަމަ ޗަކަޗަކަ އަޅާފައި އިނދެގެން ހެނީއެވެ. ހާރޫނު ކޮށިއަރައިގަނެގެން އުޅޭތީ ނަސީމާއްތަ އޭނާގެ ބުރަކަށީގައި ތަޅަންފެށިއެވެ. ކޮންމެއަކަސް އެ ހާދިސާއިން އެންމެންނަށް ވެސް ވިސްނުނީ ދަރިފުޅަށް ކިޔަން އެންމެ ރަނގަޅު ނަމަކީ ޢުމަރުކަމެވެ.

އެއްދުވަހެއްގެ މެންދުރުގަޑީގައި ކުޑަސޮރުގެ ފޮތިތައް ހިއްކަން އަޅަންވެގެން އުޅެނިކޮށް ނަސީމާއްތަ މޫނުމައްޗަށް އަނދިރިވާގޮތް ވިއެވެ. ދެން އެތާ ކޮޅަށް ނުހުރެވިގެން އައިސް ޖަނބުރޯލުގަހުގެ ހިޔަލުގައި ހުރި ޖޯލިފަތިން ޖޯއްޔެއްގައި އޭނާ އިށީނެވެ. އަދި އެއީ ގަދަ އަވީގެތެރެއަށް ނުކުތުމުން ވީގޮތެއްކަމަށް ބަލާފައި ހިތްހަމަ ޖައްސާލިއެވެ. އިރުކޮޅަކުން ރަނގަޅުވެއްޖެހެން ހީވިއެވެ. ދެން އަނެއްކާވެސް ކުރަން އުޅުނު ކަންތަކައިގެން އޭނާ މަޝްޣޫލު ވެއްޖެއެވެ.

ނަމަވެސް ނަސީމާއްތަ އަށް މިހާރަކަށް އައިސް މާގިނައިން މިހެން ވާންފަށައިފިއެވެ. މާގިނައެއްކޮށް ބޮލެއްގައިވެސް ރިއްސަނީއެވެ. ދޭތެރެއަކުން ރަނގަޅުވެސް ވެއެވެ. އެކަމަކާ ހެދި ފަތިހު ހިނގާކަށް ވެސް ނުދެވެއެވެ. މި ހުރިހާ ކަމެއް މުރީހާ ދުވަހުން ދުވަހަށް ނޯޓުކުރަމުން ދިޔައެވެ. އަދި މީގައި ކޮންމެސް ނުބައެއް އުޅޭކަން އޭނާއަށް ވިސްނިއްޖެއެވެ.

އެއްދުވަހެއްގެ މެންދުރު ކައިގެން މުސްތަފާއާއި ހާރޫނު ނުކުތްތަނުން މުރީހާ ގޮވާލިއެވެ.

" ދޮންބެ އައިސްބަލަ މިކޮޅަށް.."

މުރީހާގެ ގޮވާލުމުގައި ހުރި ރާގުން، ކަރަންފުލެއްވެސް އަނގަޔަށް ނުލައި ހާރޫނު އެތަނަށް ދިޔައެވެ. އަދި މެދަށް އެއް ޖޯލި ދޫކޮށް ދެން ހުރި ޖޯލީގައި އިށީނެވެ. މުރީހާ ވައި އަޑުން ފާޑެއްގެ ވާހަކަތަކެއް އޭނާ ކައިރީގައި ދައްކަން ފެށިއެވެ. އެއާއެކު ހާރޫނު ގެ ނިތްކުރިއަށް ކަންބޮޑުވުމުގެ ރޫތަކެއް އަރަމުން ދިޔައެވެ. އެހެން އިނދެފައި އެންމެ ފަހުން ބުންޏެވެ.

" އެހެންވީމަ މިރޭ މަންމަ ގޮވައިގެން ހޮސްޕިޓަލަށް ދާން ތިޔަ ވީ .."

" އާނ .. ލަސް ކޮށްގެން ކަމަކު ނުދާނެ.."

މުރީހާ އެބަހަށް ތާއީދު ކުރިއެވެ.

" ބުނަން.. ޑރ ސައީދަށް ދައްކަންވާނީ.. އެއީ މިހާރު މާލޭގަ ހުރި އެންމެ ރަނގަޅު ޑޮކްޓަރު.. އަންހެން ޑޮކްޓަރެއް.."

" އަންހެނުންނަށް ސައީދު ވެސް ކިޔާތަ؟ "

" ތިޔެއް ނޭގެ މަށަކަށް... އެހެން އޭނާއަށް ކިޔާ އުޅެނީ ... ވެދާނެ ފަހަތު ނަން ކަމަށްވެސް .."

" އެހެން ދޯ.. އޯކޭ އެހެންވީމަ.. ޑޮކްޓަރުސައީދަށް އެހެން ވީއިރު ދެން ދައްކާނީ.."

އެރޭގެ އަށެއް ޖެހި އިރު ހުދުބޯގަންވިލާގެ ކައިރިން ޓެކްސީއެއް ބަރުގޮނު އަޅަންފަށައިފިއެވެ. ދެން މުރީހާ އޭނާގެ ގަދަ އަޑުން ޓެކްސީ އައި ވާހަކަ މުޅި ގޭތެރެއަށް އިއްވާލިއެވެ. އެއިރު މުރީހާ އޮތީ މުސްތަފާ ފޮނުވައިގެން ނަންބަރެއްވެސް ނަންގުވާފައެވެ. ދެން ލަހެއް ނުކޮށް ހާރޫނާއި އޭނާގެ މަންމަ، ނުކުމެގެން ގޮސް ޓެކްސީއަށް އަރައިފިއެވެ. ހަމަ ވަގުތުން ހަސްފަތާލާ ދިމާއަށް އެ ކާރު މިސްރާބު ޖެހިއެވެ.

އެތަކެއް ބަލިމީހުންގެ ތެރޭގައި ހާރޫނުގެ ދެމައިންވެސް އެމީހުންގެ ނަންބަރަށް ގޮވަންދެން އިންތިޒާރުގައި ތިއްބެވެ. އެއިރު ޑޮކްޓަރު އިންނަވާ ކޮޓަރީގެ ބޭރުގައި ހަރުކޮށްފައި ހުރި ނަންފިލާގަނޑުގައި ބޮޑު އަކުރުން ޑރ މައުސޫމާ ސަޢީދު ޖަހާފައި އޮތެވެ. އެ ނަން ފުރަތަމަ ފަހަރަށް ފެނުމުން ހާރޫންގެ ގައިން ހީބިހި ނަގައިގަތެވެ. އެއީ މީގެ ދުވަސް ތަކެއް ކުރިން އޭނާގެ ހުވަފެންތަކުގައި ރަނިކަން ކުރި ނަމެކެވެ. ހަމަ އެކަނި އެ ނަމެވެ. މައުސޫމާ ސަޢީދެވެ. ފަހަރެއްގައިވެސް މި ޑޮކްޓަރަކީ އެ މައުސޫމާ އަށް ވުމަކީ އެހާ ގާތްކަމެއް ނޫނެވެ. އޭނާގެ މައުސޫމާއަކީ މިހާ މަޝްހޫރު ޑޮކްޓަރެއްނަމަ އެކަން އޭނާއަށް ނޭނގިއެއް ނޯތީހެވެ. ކޮންމެއަކަސް 22 ވަނަ ނަންބަރަށް ގޮވައިފިއެވެ. ހާރޫނަށް ބޭއިޚްތިޔާރުގައި އޭނާގެ އިސްތަށިގަނޑު ރީތިކޮށްލެވުނެވެ. އަދި ގަމީސްވެސް ރަނގަޅު ކޮށްލައި އެއް އަތުން މޫނުވެސް ފޮހެ ލެވުނެވެ. ދެން މަންމަ ގޮވައިގެން އޭނާ ޑޮކްޓަރުގެ ކޮޓަރިއަށް ގޮސް ވަދެއްޖެއެވެ. އެއާއި އެކު އޭނާ އަށް ހުއްޓުން އެރިއެވެ. ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ޑޮކްޓަރެއްގެ ހެދުމުގައި އެތާ އެއިނީ ދެވަނަ ދެމީހެއް ނޫނެވެ. އޭނާގެ .. އޭނާގެ މަދްރަސީދައުރުގެ .. މައުސޫމާއެވެ. ޑރ މައުސޫމާއަށް ވެސް ހާރޫނަކީ ކާކުކަން ދެނެގަންނާކަށް މާގިނަ އިރެއް ނުނެގިއެވެ. އެއާއިއެކު ހައިރާންކަމާއި އުފާވެރިކަމުގެ ހިނިތުންވުމަކުން މަރުހަބާކިޔަމުން އޭނާ ހާރޫނާއި ސަލާން ކޮށް ހާލު އަހުވާލު އަހާލިއެވެ. އަދި ނުފެންނާތީ ޝަކުވާވެސް ކުރިއެވެ. އަދި ހާރޫން މިހާރު އޭނާ މަތިން ހަނދާންވެސް ނުހުންނާނޭ އެންމެފަހުން ބުނެލިއެވެ.

ހާރޫން ވަރަށް އުފާވިއެވެ. އަދި ހައިރާންވެ އަންތަރީސްވެސް ވެއްޖެއެވެ. މައުސޫމާގެ ރީތިކަމާއި ފުރިހަމަކަން ފެނި އޭނާ އެކަމުގައި ރަނގަޅަށް ޖެހިއްޖެއެވެ. މިހާރު އެއީ ފުރާ ފުރިހަމަވެފައި އިން ރީތި އަންހެނެކެވެ. މާތްކަލާނގެ ލެއްވިހާ ވިޓަމިނެއް އޭނާގެ އެ ރަންދޯދި ހަންގަނޑަށް ވަނީ ލިބިފައެވެ. ހިނިތުންވުމުގައިވެސް އެހެރަ އުޖާލާ ކަމެކެވެ.

ކޮންމެއަކަސް ޑރ ސަޢީދު ވަރަށް ރަނގަޅަށް ނަސީމާއްތަ ބައްލަވާފައި އިތުރު ޓެސްޓުތައް ހަދަން ބޭނުން ވާހަކަ ބުނުއްވިއެވެ. އަދި އެހެން ޓެސްޓެއް ހަދަންޖެހޭތީ އެމީހުން އެހެން ކޮޓަރިއަކަށް ފޮނުއްވަމުން ޑޮކްޓަރު ބުނުއްވިއެވެ:

" މި ޓެސްޓް ހަދާލާފައި ގެއަށް ދޭ އިނގޭ.. ދެން ހާރޫންގެ ފޯން ނަންބަރު ދީ .. މިތަނަށް ދެން ކޮންމެހެން ނަޔަސް ވާނުވާ، އަހަރެން އަންގާލާނަން.."

ހިނިތުން ވެލަމުން އޭނާ އެހެން ބުނީ ވަރަށް ގާތް ރައްޓެއްސަކު ބުނާ ގޮތަށެވެ.

އޭނާ ކިހާ ރަނގަޅު ހެއްޔެވެ! ކިހާ ހިތްހެޔޮ ހެއްޔެވެ! އެހާ މުއްސަނދި، އަދި ޢިއްޒަތްތެރި، ތަޢުލީމީ، އަދި މަދުން ނޫނީ ނުފެންނާނެ ރީތި ކުއްޖަކު، މާކުރީގެ ކުލާސްޓެއްސަކު ފެނުމުންވެސް ރަހުމަތްތެރިކަމާއި ހިތްހެޔޮކަން ފާޅުކޮށްފިއެވެ.

 

އަނެއް ދުވަހު ހާރޫން އޮފީހުގައި އިންދާ އޭނާގެ މޯބައިލް ރަނގަބީލުވެއްޖެއެވެ. ދެން އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖެއްސިއެވެ..

" ހަލޯ.. "

އެކޮޅުން އައީ ވަރަށް ހިތްގައިމު އަންހެން އަޑެކެވެ.

" ނޭނގުނު ދޯ.. މީ މައުސޫމާއޭ.."

" މައު.. އަނހަ.. އެހެންތަ؟ ކިހިނެތް؟ ކޮބާ...."

ހާރޫނު ހާސްވިއެވެ. އޮށްދާ ހިއްލާލިއެވެ. ކިޔޭ ނުކިޔޭ އެއްޗެއް އޭނާއަކަށް ނޭނގުނެވެ.

" މަންމަގެ ޓެސްޓުތައް އަހަރެން ހަމަ ރޭގަ ބަލާލައިފިން އިނގޭ.. ރޭ ޑިއުޓީ ނިންމާލާފަ.. އެކަމަކު އެއިރު މާ ދަންވެފައި ހުރީމަ ނުގުޅީ.."

މަންމަގެ.. މައުސޫމާގެ ދުލުން އެބުނީ މަންމައޭއެވެ. ހާރޫނުގެ މަންމައަށް މަންމައޭއެވެ. އެކަމުންވެސް އޭނާއަށް ތަފާތު އަސަރެއް ކުރިއެވެ. ދެން އެބުނީ މާ ބޮޑަށް ދަންވި ވާހަކައެވެ. ހާރޫންގެ މޯބައިލްފޯނަށް މައުސޫމާ ގުޅާކަށެއް ދަންގަޑިއެއް އޮންނާނެ ބާވައެވެ. ހާރޫން ފުން ނޭވާއެއް ލައި ހަމަ ޖެހިލިއެވެ.

" ހޫނ.. ކިހިނެތް ދެން ނަތީޖާ..؟ "

" އަހަންނާ ބައްދަލު ކޮށްލެވިދާނެތަ؟ ....... އެއީ.. އަސްލު، ތަންކޮޅެއް ހަމަޖެހިލައިގެން ތިބެ ނުން ވާހަކަ ދައްކާލެވޭނީ.."

މައުސޫމާ އެބުނި އެއްޗަކުން ހާރޫނުގެ ހިތުގައި ހުރި ޢިޝްޤީ ގޮތްގަނޑު ކެނޑި ހޭ އަރައިފިއެވެ.

" ކީކޭ..؟ ކިހިނެތްވީ އަނެއްކާ..؟ "

" ހާސް ނުވޭ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. "

" ކޮން އިރަކުން.. ؟ ކޮން އިރަކުން..؟ މިހާރު ދަންތަ..؟"

ހާރޫން ބޭނުންވީ އަވަހަށް އެކަންތައްތައް އޮޅުން ފިލުވާށެވެ. ކޮންމެސް ނުބައެއް އުޅޭކަމަށް އޭނާއަށް އިހްސާސްވާންފެށިއެވެ.

" މިހާރަކު ނޫން .. މިއަދު 11 ގަޑި ބައިގަ ހޮސްޕިޓަލަށް އާދޭ.. އަހަރެން އެގަޑީގަ ހުސްވާނެ.. ދެން ހާސް ނުވޭ އިނގޭ.."

އޯގާތެރި އަޑަކުން މައުސޫމާ ބުނެލިއެވެ.

އޭނާ ހިތްހަމަ ޖައްސާލިއެވެ. އެހެން ނަމަވެސް ގަޑި ހިނގާލެއް ލަސްވާން ފެށިއެވެ. ފިކުރުބޮޑުވާންފެށިއެވެ.

 

އެދުވަހުގެ އެގާރަ ގަޑި ބައި ވީ އިރު ހާރޫނާއި މައުސޫމާ ތިބީ ހޮސްޕިޓަލުގެ ކެންޓީނުގައެވެ. ފިކުރު ބޮޑުވުމާއި ހާސްކަމުގެ އަސަރުތައް ހާރޫންގެ މޫނުމަތިން ފާޅުވޭވެ ހުއްޓެވެ. މައުސޫމާ އޭނާގެ އަތުގައި ހިފާލައިގެން އިނދެ ވާހަކަތަކެއް ދައްކަމުން ގެންދިޔައެވެ.

" ހާރޫން ބުނަންތަ އަސްލު.. ބަލީގެ ކުރީކޮޅު ފަރުވާދެވިއްޖެއްޔާ ހަމަ 99 ޕަސެންޓު ކާމިޔާބުވާނެ..ނަސީބަކުން މަންމަގެ އަދި މާ ބޮޑުވަރެއް ނުވޭ.. "

" ދެން ކިހިނެތް އަހަރެން ހަދަންވީ..؟ "

ގޮތް ހުސްވެފައި އިން ކުޑަ ކުއްޖަކުހެން ހާރޫން ބުންޏެވެ.

" އޮޕަރޭޝަނެއް ކުރަން ޖެހޭނީ.. އެކަމަކު.. މިތަނަކުން ނުވާނެ.... ލަންކާއިން ވެދާނެ.. އެކަމް...."

މައުސޫމާ ބުނަން އުޅުން އެތި މެދު ކަނޑާލިއެވެ.

" އެކަމަކު ކިހިނެތްވީ..؟ "

" ބެންކޮކް އެންމެ ރަނގަޅުވާނީ.. ވަރަށް ރިސްކީ ކަމެއް މީ"

" ބެން... އަޅެ ހެޔޮ ބެންކޮކަށް ގޮސްގެން ވެސް ތިކަންތަށް ކުރަން ޖެހޭނެއްނު..؟ "

" އާނ.. އެކަމް.. ވަރަށް ޚަރަދު ބޮޑު އޮޕަރޭޝަނެއް .."

އެކަމަށް ހިނގާފާނެ ޚަރަދު ބުނުމުން ހާރޫންގެއުއްމީދު މުޅިން ކެނޑުނު ކަހަލައެވެ. ނަމަވެސް އޭނާއަކީ އެހާ އަވަހަށް ކަންކަމާއި މާޔޫސްވާ މީހެއް ނޫނެވެ. އަދި އަމިއްލަ މައްސަލަތައް އެހެން މީހުނަށް މާ ބޮޑަށް ހާމަ ކުރަން ވެސް ބޭނުން ވާ މީހެއް ނޫނެވެ. ވީމާ ފައިސާއާއި މެދު ކަންބޮޑުވާކަން އޭނާ މައުސޫމާގެ ކުރިމަތީގައި ހާމައެއް ނުކުރެއެވެ. މައުސޫމާ އަނެއްކާވެސް ހާރޫނުގެ އަތުގައި ހިފާލަމުން ނިކަން އޯގާތެރި ކަމާއިއެކު އޭނާގެ މޫނަށް ބަލާލަމުން ބުންޏެވެ:

" ހާރޫން.. ބުނަން.. އެއްވެސް ކަމަކު އެހީއަށް ބޭނުން ވެއްޖެއްޔާ އަހަރެން ކައިރީގަ ބުނާތި.. އެނގިއްޖެތަ.. އެއްވެސް ކަމެއްގަ..އިނގޭ..."

ހާރޫން މަޑުމަޑުން ބޯޖަހާލިއެވެ.

 

ހާރޫންގެ ހަތަރު އުދަރެސް ފެނު ޖެހުން ކަހަލައެވެ. އެހާ ބައިވަރު ފައިސާ އޭނާ ހޯދާނީ ކޮންތާކުން ހެއްޔެވެ؟ އެކަމަކު އުއްމީދެއް އޮތް އިރު އޭނާގެ މަންމައަށް ބޭސް ކުރަން އޭނާ އަޒުމް ކަނޑައެޅިއެވެ. އެއީ ފައިސާއިން ވާނެކަމެއް ކަމަށް ވަންޏާ ކުރާނެއެވެ. ތަނެއް ފަޅާފައި ނަމަވެސް އޭނާ ފައިސާ ހޯދާނެއެވެ. އެކަމަކު ކިހިނެތް ހެއްޔެވެ؟ އޭނާގެ ކޮއްކޮއަކީ ވެސް މާގިނަ ފައިސާ ތަކެއް ގެންގުޅޭ މީހެއް ނޫނެވެ. އެއާއި އެކު ޅަދަރިއަކާ އަންބަކުވެސް އޭނާގެ ހުރެއެވެ. ދެން ސަލާން ޖަހައިގެން ވެސް އެ ހުރިހާ ލާރި ހޯދާނީ ކިހިނެތް ބާވައެވެ. މައުސޫމާމެން ކިތައްމެ މުއްސަނދިވެފައި ރަނގަޅަސް އޭނާ ކައިރިއަށް ސަލާން ޖަހަން ދިއުމަށް ވުރެ ހާރޫން ގެ ކިބުރުވެރިކަން ތަންކޮޅެއް ބޮޑެވެ. ކުރާނީ ކީއް ހެއްޔެވެ؟ އެއީ ފިރިހެނުންގައި ހަމަ ހުންނަ ގޮތަކީއެވެ. އެހާ ހިތާވާ އަންހެން ކުއްޖަކު ކުރެން ފައިސާއަށް އެދި ސަލާން ޖެހުމަކީ އޭނާ އަށް ވަރަށް ލަދު ކަމެކެވެ. އެއަކުން އަދި އޭނާ ދަށްވީ ކަމަކަށްވެސް އަދި ނުވާނެއެވެ. ބަޅުގެ ނަގޫ ސަންފާ އޮނަށް ލިޔަސް ތެދު ނުވާނެހެން ފިރިހެނުން ގެ ހުންނަ އެކަހަލަ ބޮޑާ ސިފަތަށް ވަރަށް ބަދަލު ނުވާނެއެވެ. މީގައި ދިވެއްސެއް ޔޫރަޕްމީހެއް، އަދި އެމެރިކާމީހެއް ވަކި އިސްތިސްނާއެއް ނުވާނެއެވެ. ދެން ކޮންމެ ގޮތެއް ވިޔަސް އޭނާގެ މަންމައަށް ބޭސް ކުރަން އެބަ ޖެހެއެވެ. ސަންފާ އޮނަށް އެރިގެންވެސް އޭނާ އެކަން ކުރާނެއެވެ.

ހާރޫން އެދުވަހު ގެއަށްދިޔައީވެސް މަޖުބޫރުންނެވެ. މަންމަގެ ރީދޫވެފައި ހުރި މޫނުގައި ވަޅުވަދެފައި ހުރި ދެލޮލުން ކިހާވަރެއްގެ ބަލި މީހެއްކަން ފުރަތަމަ ފަހަރަށް އޭނާއަށް ދެނެގަނެވުނެވެ. މިމައްސަލާގައި ވިސްނަން ހަދައިގެން އޭނާ މިއަދު ހުންނަނީވެސް މާ ނެގިމަޑުވެފައެވެ.

" ކޮބާ ޑޮކްޓަރު ވަކި އެއްޗެއް ނާންގާތަ ފަހުން..؟ "

ބޯދަށަށް ދެއަތް ލައިގެން ޖޯލި ފަތީގައި އޮއްވާ މުރީހާ އައިސް ސުވާލު ކުރިއެވެ.

" އުނ.. ކީކޭ .."

ކުއްލި ސިހުމަކާއި އެކު ހާރޫނަށް އަހާލެވުނެވެ.

" އާނ.. ޑޮކްޓަރު ދޯ..؟ ނޫނޭ.. މިހާރު މަންމަ ގޮވައިގެން ބޭރަށް ދާ ގޮތަށް މި ނިމުނީ.. ކުޑަ އޮޕަރޭޝަނެއް ކޮށްލީމަ ރަނގަޅު ވެދާނެ ކަމަށް ޑޮކްޓަރު ބުނަނީ.."

" ބޭރަށޭ..؟ "

ޝައްކުގެ ކަޅިއެއް އަޅާލަމުން މުރީހާ ދޮންބެއާ ދިމާއަށް ބަލާލިއެވެ. ނަމަވެސް މިވަގުތު ސުވާލު ގިނަކުރާކަށެއް އޭނާ އަކަށް ނުފެނުނެވެ. ހާރޫންގެ މޫނުމަތިން މުރީހާ ވަރަށް ގިނަ ކަންތައް ތަކެއް ދެނެގެންފިއެވެ. ނަމަވެސް އޭނާގެ ބުއްދި ރަނގަޅު ކަމުން ދޮންބެ އެކަނި ބާއްވާފައި އެތަނުން ތެދުވެގެން ދިޔައީއެވެ. ހާރޫން ސަރުކާރަށް ލިޔަން ނިންމިއެވެ. އަދި ކޮންމެސް ވަރެއްގެ އެހީއެއް މައުސޫމާގެ އަތުން ވެސް ހޯދާނީއެވެ.

ހަމަ އެދުވަހުގެ ހަވީރު ހުދުބޯގަންވިލާގޭ ދޮރޯށި ހިއްލާލާފައި މީހަކު ސަލާމް ގޮވާލިއެވެ. އެމީހަކު އައި ގޮތަށް އައިސް އެހީ ހާރޫން އަހުމަދު އުޅުއްވާތޯއޭއެވެ. އެއިރުވެސް ހާރޫން ޖޯލީގައި އިނެވެ.

" ހާރޫން އަހުމަދަކީ އަޅުގަނޑު..."

" އެހެންތޯ؟ އަޅުގަނޑު މިއައީ ވަރަށް މުހިއްމު ކަމަކު.. އެއީ ހެންވޭރު ގޮބޮޅިގެއަށް ދުރުވެދެއްވާތޯ.."

" ގޮބޮޅި ގެއޭ.. "

އޭނާ ހައިރާންވިއެވެ. ކޮން ގޮބޮޅިގެ އެއް ހެއްޔެވެ. މި ޖެހުނީ އަނެއްކާ ކޮން ކަމެއް ބާވައެވެ.

" ކީއް.... އެންމެ ރަނގަޅު ... ކޮން އިރަކުން ދާންވީ.. ކާކާ ބައްދަލު ކުރަން..؟ "

" މިހާރު ދުރުވެދެއްވެން އޮތިއްޔާ ވަރަށް ރަނގަޅު މރ މޮރިސް ކިޔާ އިޓަލީގެ ބޭކަލަކު ތި ބޭފުޅާ އާއި ބައްދަލު ކޮށްލަން ބޭނުންވެލައްވާ އެބަ، ވަރަށް އަވަހަށް.."

މިސްޓަރ މޮރިސް...! އިޓަލީ...! މީ އަނެއްކާ ކޮންކަހަލަ އަރަތެއް ކިޔަމުން އައި މީހެއް ބާވައެވެ. ކޮންމެ އަކަސް މި ވެގެން އުޅޭގޮތެއް އޮޅުން ފިލުވާހިތް އޮތްލެއް ބޮޑުކަމުން ހާރޫން އެންމެ ފަހުން އެމީހާއާއި އެކު ދާން އެއްބަސް ވިއެވެ. އަދި އޭނާ ގެ ސައިކަލް ނެރެން ވެގެން އޭގެ ހުންގާނުގައި ހިފާލި ތަނުން އެމީހާ ބުންޏެވެ:

" އަޅުގަނޑު އައީ މިސްޓަރ މޮރިސްގެ ކާރުގަ.. އޭނާގެ ޑްރައިވަރުވެސް އެބައިން.. އެހެން ވީމަ ސައިކަލު ބަހައްޓަވަން ވީ ނޫންތޯ؟ "

ކޮންމެއަކަސް ހާރޫން އޭނާ ބުނިގޮތަކަށް ހަދައިގެން ދާންވެގެން ނުކުތް އިރު ބޭރުގައި ކާރެއް އޮތެވެ. އޭގައި ޑްރައިވަރުވެސް އިނެވެ. ދެން އެމީހާއާއި އެކު ހާރޫން ވެސް އެ ކާރަށް އަރައި އިށީނެވެ.

" ގޮބޮޅިގެއަކީ ގެސްޓް ހައުސް އެއްތަ؟ "

ކާރުގައި އިށީނދެ ހަމަޖެހިލަމުން ހާރޫން އެއްސެވެ.

" ނޫން .. އެއީ މިސްޓަރ މޮރިސްގެ އަމިއްލަ ގެއެއް.."

އަޖައިބެކެވެ. އިޓަލީ މީހަކު މާލޭގައި އަމިއްލަ ގެދޮރުވެސް ހުރޭހެއްޔެވެ. ނޫނޭ މިނަށް ވުރެ މުއްސަނދިއްޔާ ގެއެއް ވެސް ގަނެވިދާނެ އެވެ. ސުވާލަކީ އިޓަލީމީހަކަށް މާލެއިން ކިތައްމެ އަގުބޮޑުކޮށްވެސް ގެއެއް ވިއްކަ ފާނެ ބާވައޭއެވެ.

ކާރު ގޮސް ގޮބޮޅިގޭ ދޮރާށި މައްޗަށް ހުއްޓުމާއިއެކު، އެމީހާގެ ފަހަތުން ހާރޫން ވެސް ފޭބިއެވެ. ދެން ޑްރައިވަރު ކާރުގެންގޮސް ގަރާޖަށް ވެއްދިއެވެ. ދޮރޯށި ހުޅުވާލާފައި ހާރޫން އެމީހާގެ ފަހަތުން ގޮސް ގޭތެރެއަށް ވަދެއްޖެއެވެ. އެއިރު އެތާހުރި ސޯފާއެއްގައި ވަރަށް ބަލި މުސްކުޅިއަކު އިށީނދެގެން އިނެވެ. އެމީހާގެ ބޮލުގައި އެންމެ އިސްތައްޓެއްވެސް ނެތެވެ. އެއަށް ވުރެ ތަންކޮޅެއް އެތެރޭގައި ހުރި މޭޒެއް ކައިރީގައި ޒުވާންފުރައިގެ -ޔޫރަޕްގެ ދޮން- ފިރިހެނެއް ކަރުދާސްތަކެއް ހާވަން ހުއްޓެވެ. އެއީ މރ މޮރިސް ނޫންކަމާއިމެދަކު ހާރޫން ޝައްކެއް ނުކުރެއެވެ. އޭނާއަށް އެހީ ވާން ހަމަ އެކަހަލަ ދޮން އަންހެނެއް ވެސް އެތާ ހުއްޓެވެ. އެވާނީ މިސިޒް މޮރިސް ކަމަށެވެ.

ހާރޫން ފެނުމުން މުސްކުޅިޔާ ވަރަށް ފަރުވާތެރިކަމާއިއެކު އޭނާގެ ބޮލުން ފެށިގެން ފައިގެ ބޮޑުވައި އިނގިއްޔާ ހަމައަށް ބަލާލިއެވެ. އަދި ހިނިތުން ވެލަމުން ބުނެލިއެވެ.

" ތިޔައީ ހާރޫން... ދޯ؟ ކޮއިފުޅު ހާދަ ބޮޑުވެއްޖޭ.."

މުސްކުޅިޔާގެ ބަހުރުވަވެސް ހުރީ މާކުރީގައި މީހުން ވާހަކަދައްކާ ކަހަލަ ބަހުރުވައަކަށެވެ. އަނެއްކާ ދިވެހިބަހަށް ކޮށި ގޮތެއްވެސް އެބަ ހުރިމެއެވެ. ކޮންމެއަކަސް އޭނާގެ ވާހަކަ އަޑު އަހާފައި އަޖައިބުވެގެން ހާރޫނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ.

" ހައިރާން ނުވޭ.. އަހަންނަކީ މިސްޓަރ މޮރިސް.. އަހަންނަކީ އިޓަލީ ދިވެއްސެއް.. ނޫނީ ދިވެހި އިޓާލިއާނޯ އެއް.."

ހާރޫނަށް ބުނާނެ އެކައްޗެއްވެސް ނުވިސްނުނެވެ. މީ ދިވެއްސެއް ކަމަށް ވަންޏާ ކޮން މޮރިސްއެއް ހެއްޔެވެ؟ މީނާ އިޓަލީ މީހަކަށް ވީ ކިހިނެއް ހެއްޔެވެ؟ ދެން އަނެއްކާ މީނާއަށް ހާރޫނު އެނގެނީ ކޮންގޮތަކުން ބާވައެވެ؟

" އިށީނދޭ.. "

އޭނާ އިށީނދެގެން އިން ސޯފާގެ އަނެއް ކޮޅަށް އިޝާރާތް ކުރަމުން މޮރިސް ބުންޏެވެ. ބިރުގެންފައި ހުރި ކުޑަ ކުއްޖަކު ހެން ހާރޫން ގޮސް އޭނާ ދެއްކި ތާގައި މަޑުމަޑުން އިށީނެވެ. އެވަގުތު މޮރިސް އޭނާގެ ތުރުތުރު އަޅާ އަތް ހާރޫންގެ ބޮލާދިމާއަށް މަޑުމަޑުން ހިއްލާލިއެވެ. ދެން އަނެއްކާ ޚިޔާލު ބަދަލުވެގެން އެ އަތް ތިރިކޮށްލިއެވެ. އޭނާ އުޅުނީ ހާރޫން ގެ ބޮލުގައި ފިރުމާލާށެވެ. ނަމަވެސް އޭނާގެ އަތަކީ އެކަމަށް ލާއިޤް އެއްޗެއް ނޫނީ ކަންނޭނގެއެވެ.

" އަޅުގަނޑަކަށް ނުވިސްނުނު... މިސްޓަރ މޮރިސް.. ! ތި ބޭފުޅާ އަޅުގަނޑާއި އޮތީ ކޮން ގުޅުމެއްތޯ..؟ އަޅުގަނޑު އެނގިލައްވަނީ ކޮންގޮތަކުން ތޯ؟ ހަމަ ގައިމު ތީ އަޅުގަނޑު ދުވަހަކުވެސް ތަނަކުން ދުށް .... އަދި އަޑު އަހާފައިވާ ނަމެއް ނޫން.. "

ތަނުގެ ހަމަހިމޭންކަން ކަނޑުވާލަމުން ތަންކޮޅެއް ސާބިތުކަމާއި އެކު ހާރޫން މރ މޮރިސް އާއި މުޚާތަބު ކުރިއެވެ. މރ މޮރިސް ހިތި ގޮތަކަށް ހިނިތުންވެލިއެވެ.

" ތިޔަ އަޅުގަނޑު ކިޔުން ހުއްޓާލާ.. ހެޔޮނުވާނެ..! ތީ މާ ދުރުހިލޭ މީހުންގެ ގޮތެއް.."

މުސްކުޅިޔާގެ ވާހަކައިން ހާރޫން ގެ ހައިރާންކަން ހައްތާ ދިޔައީ އިތުރުވަމުންނެވެ.

" މިވާހަކަ ދައްކާނެ ގޮތެއްވެސް އަހަންނަކަށް ނުވިސްނޭ... ފަށާނީ ކޮން ހިސާބަކުން ބާވައޭވެސް ހިތަށް އަރާ..."

މރ މޮރިސް އަށް ވާހަކަ ކުރިއަށް ގެންދާކަށް ނޭނގުނެވެ.

" އެންމެ ރަނގަޅު .. ތީ ކާކުކަން ... އަހަންނާއި ޖަމީލާއި އޮތީ ކޮން ގުޅުމެއްކަން ބުނެދީ..؟"

މރ މޮރިސްއަށް މައުޟޫ ހުޅުވައިދޭން ހާރޫން މަސއްކަތް ކުރިއެވެ.

" ޖަމީލް ނުކިޔުން އެދެން .. ޖަމީލްބެ ކިޔާ.."

" އެންމެ ރަނގަޅު ޖަމީލްބެ.."

" އަހަންނަކީ ހާރޫންގެ ތިމާގެ މީހެއް ނޫން.. އެހެން ނަމަވެސް އެއްޒަމާނެއްގައި އަހަންނަކީ ހާރޫންމެންގެ އާއިލާއާއި ވަރަށް ގާތް ގުޅުމެއް އޮތް މީހެއް... ހާރޫންގެ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް.. އަދި އެގޮތުން ހާރޫންގެ މަންމައަކީވެސް އަހަރެންގެ ރައްޓެއްސެއް.. "

ހާރޫން ގެ ބައްޕަގެ ވާހަކަބުނުމުން އޭނާގެ ޝައުޤުވެރިކަން ބޮޑުވިއެވެ.

" މަގޭ ބައްޕަ ނިޔާވިކަން ދެނެހުރިންތަ؟ ވަރަށްކުރިން ނިޔާވެއްޖެ.. ބައްޕަގެ ސިފަވެސް އަހަރެން ރަނގަޅަށް ހަނދާން ނުހުރޭ.."

" އަހަރެން ދެނެހުރިން.. ހުރިހާކަމެއް ދެނެހުރިން .. "

އެހެން ބުނި އިރު މޮރިސް ގެ ލޯ ފެންކަޅިވިއެވެ.

" އަހަރެން ދެނެހުރިން ތި ހުރިހާ ކަމެއްވެސް.. މިވާހަކަތައް ދައްކާނެ ހިތްވަރެއް ވެސް ހަގީގަތުގައި އަހަރެންގެ ކިބަޔަކު ނެތް.. އެކަމަކު.. .. އެކަމަކު މީ އަހަރެން ގެ ވާޖިބެއް.. ދަރަންޏެއް.. މީ ކޮންމެ ގޮތަކުން ހާރޫނަށް އެނގެން ޖެހޭކަމެއް... އެކަމަކު......... އެކަމަކު ވަޢުދުވޭ.. ވަޢުދުވޭ..."

މޮރިސްގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަފައިބަން ފެށިއެވެ. މި އަޖައިބެއްކަހަލަ ކަންތައްގަނޑު ދެކެން ހާރޫން ހައިރާންކަމާއި އެކު އިނެވެ. ހާރޫންގެ ބައްޕަ މަރުވީ ހިތާމަވެރި ހާދިސާއެއްގައެވެ. އެކަން އޭނާއަށްވެސް އޮތީ ފަހުން އެނގިފައެވެ. ކަމުގެ މާބޮޑު ތަފްސީލުތަކެއް އެނގިފައެއް ނެތެވެ. އެނގޭކަށް ބޭނުމެއްވެސް ނޫނެވެ. އެވާހަކައަކީ އަޑު އިވުނަސް އޭނާ ލަދުގަންނަ ވާހަކައެކެވެ. ނަމަވެސް އޭނާގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދެންފެށިއެވެ. އަދިހަމަ އެއާއިއެކު މި ނިކަމެތި މުސްކުޅިޔާއާއި ދޭތެރޭ ހަމްދަރުދީވެސް އުފެދެންފެށިއެވެ.

" ކޮންކަމަކާ...؟ އަހަރެން ވަޢުދު ވާންވީ ކޮންކަމަކާތަ..؟

" ބޭބެ މީ ބޮޑު ކުއްވެރިއެއް.. ފާފަވެރިއެއް.... ބޭބެއަށް މާފުކުރަންކަމަށް ވަޢުދުވޭ.."

ކުއްވެރިއެއް.... ފާފަވެރިއެއް... މީނާ އަނެއްކާ މިދައްކަނީ ކޮން ވާހަކައެއް ބާވައެވެ.. ހާރޫންގެ ބައްޕަގެ މަރާއި މީނާއާއި ގުޅުމެއް ވަނީބާއެވެ. އަނެއްކާ މީނާގެ އަތުން ހާރޫންގެ ބައްޕަ މަރާލީ ނޫން ބާވައެވެ. އަދި އެއަށްފަހު އޭނާގެ ބޮލުގައި ދަންޖެހިގެން މަރުވީކަމުގެ ތުހުމަތު އެޅުވީބާވައެވެ. ހާރޫންގެ ހިތުގައި ނަފުރަތުގެ އޮއިވަރު ހިނގައިގަތެވެ. ނަމަވެސް ހަގީގަތަކީ ކޮބައިކަމެއް އަދިވެސް މޮރިސް ނުބުނެއެވެ. އޭނާ މޮރިސްގެ މޫނަށް ބަލާލިއެވެ. އެވަގުތު އޭނާގެ މޫނުމަތިން ފެންނަންހުރި ފުން ހިތާމަތަށް ފެނި އޭނާގެ ހާލުގެމައްޗަށް ސަހަރޯވެރިވެ، ހަމްދަރުދީ އުފެދުނެވެ.

" އަހަރެން މާފު ކުރަން ޖެހޭވަރުގެ ކަމެއް ހީއެއްނުވޭ މީހަކަށް ކުރެވިފައި ވާނެހެނެއް.. އަދި ކުރެވިފައި ވިޔަސް، އެކަމެއް އެނގުނީމަނުން މާފު ކުރެވޭނީވެސް.... ކޮންމެފަދަ ކަމެއްކަމަށް ވިޔަސް ވަރިހަމަ.. މަގޭފަރާތުން މާފުކޮށްފިން.."

އޭނާ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ހާރޫން އެހެން ބުނީއެވެ. މާފުކުރެވޭނީ ކުރެވޭވަރުގެ ކަންތަކުގައެވެ. އަދި އެއީ ކޮން ކަމެއްތޯވެސް އޭނާ ބަލަން ބޭނުމެވެ.

" ހާރޫންގެ ބައްޕަ، އަހުމަދާއި އަހަންނަކީ މީ ގާތް ދެރަޙްމަތްތެރިން.. އަހަރެމެން ދެމީހުންނަކީ އެއް ބޯޓަކުން ދަތުރުކުރަން ގޮސް އުޅުނު ދެމީހުން... ނަމަވެސް އަހަރެމެން ދެމީހުންނަކީ ވަރަށްވެސް މިޒާޖު ތަފާތު ދެމީހުން.. އަހަންނަކީ ބޭކާރު ޚަރަދު ކޮށް، ދުނިޔޭގެ މަޖަލުގައި އުޅެން އާދަވެފައި ވީ މީހެއް... އެކަމަކު އަހުމަދަކީ މުއްބާރު ދަހި މީހެއް.. ވުމާއެކު އޭނާ ދަތުރުކުރަން ދާން ފެށީއްސުރެ ލިބުންހާ ލާރިއެއް އައީ އެއްކުރަމުން .. އޭނާގެ އަންބަކާއި ދަރިއަކު ހުރިއިރު އެއިން މީހަކަށް އެއްޗެއްވެސް ނުފޮނުވާ.. ހަގީގަތުގައި ނަސީމާ ދިރިއުޅުން ފުއްދަމުން އައީ އޭނާ އަމިއްލައަށް.. މީހުންނަށް ހެދުން ފަހައިދީގެން ލިބޭ އެއްޗަކުން.. އެއްފަހަރަކު އިޓަލީގެ މަރސީލިއާ ބަނދަރުގައި އަހަރެމެން ތިބިން.. އެ ތިބި އިރު ތަނުގެ ކަސްބީ އަންހެނަކާ އަހަރެން ވަރަށް ރައްޓެހިވެއްޖެ.. އަދި މި އަންހެން މީހާގެ ދަޅައިގައި އަހަރެން ހަމަ ރަނގަޅަށް ޖެހިއްޖެ.. އަދި އޭނާގެ ހުޝިޔާރުކަމުން މަގޭ ހުރިހާ ފައިސާއެއް ވަގަށް ނަގައިގެން ފިލައިފި.. ދެން އަހަރެން ހާލުގައި ޖެހި ދުވަހަކުވެސް އެކަހަލަ ގޮތަކަށް ނޫޅެން ޢަޒުމް ކަނޑައެޅިން.. އަދި މަގޭ އެންމެ ގާތް ރަޙުމަތްތެރިޔާކައިރިން ފައިސާކޮޅަކަށް އެދުނިން.. ނަމަވެސް އަހަންނަށް މަލާމާތް ކޮށް، އެއްޗެހި ކިޔުން ފިޔަވާ އިތުރު އެއްޗެއް އޭނާގެ ކިބައަކުން ނުލިބުން.. މިކަމާއިހެދި އަހަރެން އޭނާދެކެ ވަރަށް ރުޅިވެސް އައި، އަދި އޭނާގެ ދަހިވެތިކަމަށް ރަނގަޅު ޢިބުރަތެއް ދޭން ގަސްދުކުރިން.. އޭނާ ފައިސާ ފޮރުވާތަން އަހަންނަށް އެނގޭ.. އެއީ ބެންކެއްގަ ތަނެއްގަ ބަހައްޓާ އެއްޗެއް ނޫން.. އެ ހުންނަނީ އޭނާ ގެންގުޅޭ ދަބަހެއްގަ.. ލައްކަ ފައިސާ އޭނާ އެއްކޮށްފައި ހުރި.. އަދި އެފައިސާތައް ވަގަށް ނަގައިގެން ފިލާނެ ގޮތަކާއިމެދު އަހަރެން ވިސްނަން ފެށިން.. އިޓަލީއަކީ ކޮންމެސް ވަރަކަށް އަހަރެން ދަންނަ ތަނެއް.. އަދި އެކަށީގެން ވާވަރަކަށް މަގޭ ރައްޓެހިންވެސް އެތާގައި އުޅޭ.. އެހެންވީމާ ފިލައިގެން ދާން އަހަންނަށް އެންމެ ރަނގަޅު ތަނަކަށް ފެނުނީ އިޓަލީ.. ނަމަވެސް އިޓަލީގައި އެކަން ކުރާކަށް މާގިނަ ވަގުތެއް ނެތް.. ވީމާ ބޯޓު މާރސީލިއާ ބަނދަރުން ފުރަން އޮތް ރޭ އަހަރެން ހަމަ ކުއްލިއަކަށް ދަނޑިވަޅު ބަލާފައި ފައިސާ ދަބަސް ހިފައިގެން ފިލާ ރައްކާވީ.. އެރޭގެ އިރު އެރި އިރަކު އަހަރެމެން ދަތުރު ކުރި ބޯޓެއް އެ ބަނދަރަކު ނެތް.. އަހުމަދު ދަންޖެހިގެން މަރުވިކަން އަހަންނަށް ތަންކޮޅެއް ފަހުން އެނގުނު.. ނަމަވެސް އަހަރެން އެކަމަކާ މާބޮޑަކަށް އެއިރު ދެރައެއް ނުވި.. ސަބަބަކީ.. އަހަންނަށް ވިސްނުން ގޮތުގައި.. އޭނާ ދަންޖެހުނީ ފައިސާތައް ގެއްލުން ކަމުގެ ހިތާމާގައި.. އަހަރެންގެ ނަޒަރުގައި އެއީ ވަރަށް ވެސް ފިނޑި ކަމެއް.. އަދި އޭނާގެ އަނބިދަރިންނާ މެދު އެއްވެސް ފިކުރެއް ނެތްކަން އެއިން ދޭހަވަނީ.. މީ ކޮންމެހެން އަހަރެން ކުރި ފާފައަށް ފަސް އަޅަން ބުނާ ވާހަކައެއް ނޫން .. އަދި ހާރޫންގެ ހިތުގައި ބައްޕައާއި މެދު ނަފްރަތު އުފައްދަން ދައްކާ ވާހަކައެއްވެސް ނޫން..

ކޮންމެއަކަސް.. އަހަންނަށް އެހާ ބައިވަރު ފައިސާ އެއްތާކުން ފެނުމުން .. އަހަރެންގެ ހިތުތެރޭގައިވެސް ފައިސާ އެއްކުރުމުގެ މަޖާކަން ހިނގައިގެންފި.. އަދި އިޓަލީ ތެރޭގައި މާ ބޮޑު މުއްސަންޖަކަށް ހެދިގެން އުޅެންފަށައިފިން.. އެހެން އުޅެމުންގޮސް.. އެތަން ރަނގަޅަށް ދަސްވެ.. ތަނަށް ރޯވުމުން މަގޭ ނަންވެސް ބަދަލު ކޮށް އެންމެ ފަހުން އިޓަލީ މީހަކަށްވެއްޖައިން.. އޭގެ ފަހުން ކުދި ކުދި ވިޔަފާރި ކުރަމުން ގޮސް އެންމެ ފަހުން އަހަރެން މީ ބޮޑު މުއްސަންޖަކަށްވެސް ވެއްޖެ.. އަހަރެން ގެ ޢުމުރުން ދުވަސްވެ މުސްކުޅި ވަންދެން ފައިސާގެ ކަނޑެއްގައި ފަތަފަތާ އޮއްވާ ހޭވެރިކަން ވީއިރު އަހަންނަށް އޮއެވުނީ ޝިފާއެއް ލިބެން ނެތް ބައްޔެއް ޖެހިފަ.. އަހަންނަށް މިވަނީ ވަރަށް ބޮޑަށް ކެންސަރުޖެހިފަ.... އެ ހިސާބުން އަހަރެން ހޭ އަރައިފި.. އަދި ތައުބާވާން ބޭނުން ވެއްޖެ.. އެކަމަކު.. ކިހިނެތް.. ހާރޫން..! ކޮއިފުޅާ.. ބޭބެއަށް ތައުބާވެވޭނީ ކިހިނެތް.. ބޭބެގެ މުއްސަނދިކަން ބިނާކޮށްފައި މިއޮތީ ޔަތީމު ކުއްޖެއްގެ ފައިސާގަނޑަކުން.. މި ފައިސާ.. މި ހުރިހާ ފައިސާ.. މި ހުރިހާ ކާރުޚާނާތަކާ ދަނޑުތައް.. މިއީ ... މިއީ މޮރިސްގެ ޙައްޤެއް ނޫން.. މޮރިސްގެ މުދަލެއް ނޫން.. ކޮއިފުޅާ.. ހާރޫން.. މި ހުރިހާ މުދަލެއްގެ ހައްޤުވެރިއަކީ ހަމަ އެކޮއި.. ތީ މި މުދާތަކުގެ ހައްޤުވެރިއަކީ.. އަހަންނަކީ ހަމަ އެކަނި.. އަހަންނަކީ.. ވަގެއް.. ކޮއިފުޅުގެ މުދާތައް ފޭރިގަނެގެން އުޅޭ ވަގެއް.."

ހާރޫން އަޖައިބުވެ އަންތަރީސް ވިއެވެ. އޭނާއަށް މިފެންނަނީ ހުވަފެނެއް ބާވައެވެ. އޭނާގެ ބައްޕަ މަރުވިގޮތަކަށް މަރުވެ ހިނގައްޖެއެވެ. އެކަމާ އޭނާ ހިތާމަ ކުރާކަށް ނުޖެހެއެވެ. ފިނޑި މަރަކުން އޭނާ މަރުވި އިރު އޭނާގެ ދަރިއަކު ހުރިކަން ވެސް ހަނދާނެއް ނުކުރިއެވެ. އެއީ ހާރޫން ވިސްނަން ބޭނުންވެސް ކަމެއް ނޫނެވެ. މާތްﷲ ގެ ރަޙުމަތްޕުޅުން، އޭނާ އަށް ލިބުނީ ދުނިޔޭގައި މީހަކަށް ލިބޭނެ އެންމެ އޯގާތެރި މަންމައެވެ. އެމަންމަ ދުނިޔޭގައި ހުރިހައި ހިނދަކު އޭނާއަކަށް އިތުރު އެކައްޗެއްވެސް ބޭނުމެއް ނޫނެވެ. ބައްޕައެއްގެ އުނިކަންވެސް އޭނާއަކަށް ނުވެއެވެ. ނަމަވެސް އެ މަންމަ އޭނާއަށް ރަނގަޅު ބައްޕައެއްވެސް ވަނީ ހޯދައިދީފައެވެ. އޭނާގެ ދޮންބައްޕަ އަކީ އުފަން ބައްޕަ ނޫންކަމަކަށް އޭނާ ގެ ހިތަކަށް ދުވަހަކުވެސް ނާރައެވެ. ދެން މާކުރިން ކަނޑުބޯޓެއްގައި ދަންޖެހިގެން މަރުވި މީހެއްގެ ފައިސާގަނޑަކާ އޭނާއަކާ ކޮންކަމެއް ހެއްޔެވެ؟ އޭނާވެސް ފައިސާ ބޭނުމެވެ. އަދި އަމުދުން މިހާރު އޭނާއަށް ދިމާވެފައި މިވާ ކަންތައްގަނޑުން ސަލާމަތްވެވެން އޮތީވެސް ފައިސާ ލިބިގެންނެވެ. އެހެންނަމަވެސް... މޮރިސްގެ ފައިސާތަކަކީ އޭނާއަށް ގަބޫލުކުރެވޭނެ އެއްޗެއް ނޫނެވެ. އެއީ ފައިސާއެއް ނޫނެވެ. އެއަށް ވުރެ މާ ނަޖިސް އެއްޗެކެވެ.

" ތިޔަ ފައިސާތަކުގެ ބޭނުމެއް އަހަރެންގެ ނެތް.. ތިޔައީ އަހަރެންގެ ބައްޕަ ދުނިޔޭގައި ހުރިނަމަވެސް އަހަންނަށް ނަސީބު ހުރީސް އެއްޗެއްކަމަކަށް އަހަރެން ގަބޫލެއް ނުކުރަން..."

ހާރޫން ހަމަހިމޭން އަޑަކުން ބުންޏެވެ.

" އަސްތާ ތިހެން ނުބުނޭ.. ތިހެން ނުބުނޭ.. ކިތައްމެ ގޯސްކަމެއް ކުރި ކަމުގައި ވިޔަސް .. އަހުމަދަކީ ކޮއިފުޅުގެ ބައްޕަ.. އަދި މި ފައިސާއަކީ ހަމަ އޭނާގެ ފައިސާ.. އޭނާ ދުނިޔޭގައި ނެތްދުވަހެއްގައި.. މި ފައިސާގެ ވާރުތަވެރިއަކީ ހަމަ ކޮއިފުޅު.. މީ ކޮއިފުޅުގެ ފައިސާ.. ތިހެން ނުހަދާ ދަރުމަވާނެ.."

މޮރިސްގެ އަޑު ހުރިގޮތުން ހީވަނީ ހަމަ ދެންމެ ދެންމެ ޕާސް ކިޔާފައި ރޮއިގެން ފާނެހެންނެވެ.

" އެންމެ ރަނގަޅު.. ޖަމީލް.... ޖަމީލް..ބެ.. މަގޭ ބައްޕަގެ އަތުން ނެގި ފައިސާގެ އަދަދަށް ފައިސާ ގެނޭ.. އެއިރުން އެ ނިމުނީނުން.. ދަރަނި އަދާ ކުރެވުނީނުން.."

ހާރޫން ފޫހި ރާގަކަށް ބުންޏެވެ.

" ނޫނޭ ނޫނޭ.. އަހަރެން އަތުގައި މި ހުރި ހުރިހައި ފައިސާއަކީ.. ހަމަ އެފައިސާއިން އުފެދިފައިހުރި އެއްޗެހި.. މި ހުރިހާ އެއްޗެއްގެ ހައްޤު ވެރިއަކީ ހަމަ އެކޮއި.. ދޮން ބައްޕައަކު އެކޮއި ބަލާ ބޮޑު ކުރި ކަމުގައި ވިޔަސް.. ތީ އަހުމަދު ގެ ކުއްޖެއް.. ކިތައްމެ ދުވަހެއް ވިޔަސް އެކަމެއް ބަދަލެއް ނުކުރެވޭނެ.. އަދި އެކޮއި ގެ ދަރިންގެ ދަރިންނަށް ދާންދެން ވެސް ހަމަ އެ ހުރިހާ ކުދިންނެއް ވާނީ ހަމަ އަހުމަދުގެ ކުދިންނަށް.. އެއީ ބަދަލު ކުރެވޭނެކަމެއް ނޫން.. ހަމަ އެ ގޮތަށް މިފައިސާއަކީވެސް ހަމަ އެފައިސާއިން އުފެދިފައި ހުރި އެއްޗެހި..ވީމާ މީގެ ހައްގުވެރިއަކަށް ވާނީ ހަމަ މި އުފެދުނު މައި އެތީގެ ހައްގުވެރިޔާ.."

މޮރިސް ހާރޫނަށް ވިސްނައިދެވޭތޯ އުޅުނެވެ.

" ތީ ތެދެއް ކަންނޭނގެ.. އެކަމަކު.. ތިޔަ ފައިސާތައް ގިނަ ކުރީ ޖަމީލްގެ މަސައްކަތުން ނުން.. އެހެންވީމާ ތީ ޖަމީލުގެ އެއްޗެއް.. ސޮރީ.. ޖަމީލްބޭގެ ..."

ހާރޫން އެ ނިކަމެތި މުސްކުޅިޔާއަށް މަލާމާތް ކުރަނީ ހެއްޔެވެ. އޭނާއަށް އެ ބަލިކަށި މީހާގެ ލޮލުން ފައިބާ ކަރުނަތައް ނުފެންނަނީ ހެއްޔެވެ. އޭނާގެ ހިތުގައިވާ ހަމްދަރުދީ ކޮބައި ހެއްޔެވެ؟ އޭނާގެ މަންމަ އޭނާ ތަރުބިއްޔަތު ކުރި އުސޫލުތައް.. އަނެކާއަށް ހަމްދަރުދީވުމުގެ އުސޫލުތައް ހަނދާން ނެތުނީހެއްޔެވެ؟

" އަހަރެން ކުރި މަސައްކަތު ގެ އަގު އަހަންނަށް ލިބިއްޖެ.. އޭގެ އަގަކަށް މުޅި ޢުމުރުދުވަހު އަހަރެން އުޅުނު އަރާމު ދިރިއުޅުންވެސް ފުދޭ.... އަދި އިތުރަށްވެސް ލިބިއްޖެ.. އަހަރެން ކުރި ފާފައިގެ ސަޒާވެސް މިއަދު އަހަންނަށް މި ދަނީ ލިބެމުން.. ކަލާނގެ ޢަދުލުވަންތަވެރިކަން އަހަންނަށް މިދަނީ ފެންނަމުން.. އެކަމަކު އެއީ އަދި ހަމަ އެކަނި މި ދުނިޔެ މަތީގަ... އާޚިރަތުގައި އަހަންނަށް އޮތް ގޮތެއް ހިތަށްވެސް ގެންނަން ނޭނގެ.."

މޮރިސް އަޑުން އަޑުނަގާ ރޮއިގަތެވެ.

" ކޮއި ފުޅާ.. އާދޭސް ކޮށްފަ ބުނަން... މި ނިކަމެތި މުސްކުޅިބެއަށް ރަޙުމް ކުރޭ.. އަހަރެންގެ ޢުމުރުގަ ދެން މާގިނަ ދުވަހެއް ނެތް.. އަހަންނަށް ތައުބާވެވެން އޮތީ މި އަމާނާތް އޭގެ ވެރިފަރާތަށް ރައްކޮށްދެވިގެން.. .. އަހަރެން އަދިވެސް ހަމަ އިއްޔެ ވީ ކަމެއްހެން ހަނދާން އެބަހުރި.. ކޮއިފުޅުގެ ބައްޕަ ކައިރީގަ ފައިސާއަށް އެދި އާދޭސް ކުރި ހަނދާން.. އެއިރު އަހަރެންގެ އަތްމަތި އޮތީ މުޅިން ހުސްވެފަ.. ހަމަ އެ ދުވަސް .. އަނެއްކާވެސް މި އައީ.. މިއަދު .. މިއަދު އޭނާގެ ދަރިފުޅު ކުރިމަތީގަ އާދޭސްކުރަން މި ޖެހުނީ.. މިއަދު އަހަރެން މި ވަނީ ވަގުތު ހުސްވެފަ.. މާތްކަލާނގެ ހަޟްރަތާއި ކުރިމަތިލާން ޖެހިފަ.. ކުރެވުނު އެއްވެސް ހެޔޮ އަމަލެއް ނެތް... ހުރީ ހުސް ފާފަ.. ދަރަނި.. ދަރަނި.. އެކަމަކު.. މިއަދު.. އަހަންނަށް ބޭނުން ވެގެން މިއުޅޭ އެއްވެސް އެއްޗެއް ވަގަށް ނެގޭނެ ގޮތެއް ނެތް.. އެއްވެސް ގޮތެއް ނެތް .. އޮތް ނަމަ ... އޮތްނަމަ އަހަރެން މިއަދު އެ ވަގަށްވެސް ނެގީމުސް... ކޮއިފުޅުގެ މާފު.. އަހަރެންގެ ބޮލުގައި އެޅިފައި މިވާ އަމާނާތުން މިނިވަން ކޮށްދިނުން.. ހެޔޮނުވާނެ.. ދަރުމަވާނެ.. ކޮއެފުޅާ.. އާދޭސް ކޮށްފަ މި ބުނީ... މި މުސް ކުޅިބެ ސަލާމަތް ކޮށްދީ....! "

މޮރިސް ގެ ރުއިމާއި އާދޭސް އަޑުއަހާފައި.. ހާރޫން ގެ ހިތް މަޑުވިއެވެ.

" އަހަންނަށް ކިހިނެތް އެނގެނީ ޖަމީލްބޭ ކުރީ ކޮންކަހަލަ ވިޔަފާރިއެއްކަމެއް.. ފަހަރެއްގަ....."

ހާރޫން އޭނާގެ ވާހަކަ އެހާހިސާބަށް މެދުކަނޑާލިއެވެ.

" ނޫން ނޫން.. އެއްގޮތަކަށް ވެސް ތިހެން ނުބުނޭ.. އަހަރެން އެއްވެސް ކަހަލަ ޤާނޫނާ ޚިލާފު ހަރަކާތެއް ނުހިންގަން.. އަހަރެން ފުރަތަމަ ކުރީ ލަކުޑީގެ ވިޔަފާރި.. އެ ވިޔަފާރިން އަހަރެން ތަރައްޤީވީ.. އޭގެ ފަހުން އަހަރެން ތަފާތު ކާރުޚާނާތައް ގަނެ އެކިކަހަލަ ދަނޑުބިންތައްވެސް ގަނެ ވިޔަފާރި ފުޅާ ކުރީ.. އޫރުމަހާއި ރަލުގެ ވިޔަފާރިއެއްވެސް އަހަރެން ނުކުރަން.. ފަހަރެއްގައިވެސް އެއީ އަހަރެންގެ ހުރި ތަޤްވާވެރި ކަމަކުން ނޫން .. އަހަރެން ދުނިޔޭގައި ލެއްވިހާ ފާފައެއް ކުރަމުން ދިޔަ އިރުވެސް މި ފައިސާތައް ގިނަ ކުރީ ހަލާލު ވިޔަފާރިކޮށްގެން.. އެއީ ގަސްތުގައި ހަލާލު ވިޔަފާރިއެއް ކުރާކަށެއް ވިސްނައިގެންނެއްވެސް ވަކި ނޫން.. އަހަރެންގެ ހިތުން ކަލާނގެ ޙިކުމަތްފުޅުން މި ފައިސާ.. އޭގެ ވެރިފަރާތަށް ލިބެން ހުރީތީ އަހަރެން ގެ ސިކުނޑިއަށް ވެސް އެކަހަލަ ކަމެއް ނައީ.. އަހަރެން ކުރި ވިޔަފާރީގެ ހުރިހާ ލިޔެކިޔުންތައްވެސް ސަލާމަތުން އެބަހުރި.."

މޮރިސްގެ ވާހަކަތައް އަޑުއަހާފައި ހާރޫންގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އަދި އޭނާ ހިތުގެ އަޑިން މޮރިސްއަށް މާފުކޮށްފިއެވެ. ނަމަވެސް ފައިސާގެ ކަންތަކުގައި އަދި އިތުރަށް ވިސްނަން ބޭނުން ކަމުގައި ހާރޫން ބުންޏެވެ.

އޭގެ ބަރާބަރު އެއް ހަފްތާފަހުން ހާރޫން އޭނާގެ މަންމަ ގޮވައިގެން ބެންކޮކަށް ދާން ފުރައިފިއެވެ. މިދަތުރުގައި މުރީހާ އަށް ދެވުނު ނަމަ ކިތައްމެހާވެސް ރަނގަޅެވެ. އެކަމަކު އޭނާގެ ދަރިފުޅު އަދި މާ ކުޑައީއެވެ.

މިއަދަކީ ނަސީމާއްތަގެ އޮޕަރޭޝަން ކުރަން އޮތް ދުވަހެވެ. ހާރޫންގެ ހިތުގައި ތަފާތު ޚިޔާލުތަށް ހިނގަންފެށިއެވެ. ނަމަވެސް މަންމަގެ ކުރިމަތީގައި ވަރަށް ހަމަޖެހިލައިގެން އޭނާ ހުންނައިރު އެއްވެސް ކަމަކާ ފިކުރު ކުރާހެނެއް ހީއެއް ނުވެއެވެ. ވީމާ ހަސްފަތާލަށް ދަމުންވެސް އޭނާ މަންމައާއި ވަރަށް ސަމާސާކޮށް ހީ ހެދިއެވެ.

" އެ ޑޮކްޓަރު ހާދަ ހިތް ހެވޭ ދަރިފުޅާ.."

ނަސީމާއްތަ އެއްފަހަރަކު ބުނެލިއެވެ.

" ކޮން ޑޮކްޓަރެއްތަ މަންމާ..؟ "

" ދަރިފުޅުގެ ރައްޓެހި ޑޮކްޓަރު.. މައުސޫމާ.."

ހާރޫންގެ މޫނު ރަތްވިއެވެ. އޭނާ ލަދުން އެހެން ވާހަކައެއް ފެށޭތޯ އުޅުނެވެ.

" މުރީހާ މިއަދު ގުޅާފަ ބުނި.. މައުސޫމާ އަހަރެމެންގެ ފޯން ނަމްބަރު ހޯދި ވާހަކަ.."

" އެހެންތަ؟ އާނ އެއީ ވަރަށް ހިތް ހެޔޮ ޑޮކްޓަރެއް...."

ހާރޫން ނޫންކަމަށް ހަދާލިއެވެ.

" އަދިވެސް ވަރަށް ވާހަކަ ދެއްކި... މުރީހާ ބުނީ އޭނާ މައުސޫމާ ވަރަށް ރަނގަޅަށް ކޮނެލައިފީމޯ.... މާގިނައިންނޯ ހާރޫންގެ ވާހަކަތައް އޭނާ އަހަނީ.."

" ހޫން.. ތި މުރީހާ ހުންނާނީ ދައްކާނެ ވާހަކަ މަދުވެފަ.. "

" މަންމައަށް ހީވަނީ އެއީ ވަރަށް ރަނގަޅު ކުއްޖެއްހެން...."

" މަންމަ ގޮވާ މޮޔަ ދެން.. "

ނަސީމާއްތަ އޮޕަރޭޝަން ތިއޭޓަރަށް ވައްދައިފިއެވެ. ހާރުން ގެ ވިންދު އަވަސްވިއެވެ. ބިރުގަންނަން ފެށިއެވެ. އޭނާގެ މަންމަ އެތަނަށް ވައްދަމުން ދިޔައިރު އެ މަންމަ އޭނާއާއި ދިމާއަށް ބަލާލި ގޮތުން އަލްވަދާއޭ ބުނާ ކަހަލައެވެ. ޔާރައްބަކަލާކޯއެވެ..! އެގޮތަށް މެދުވެރި ނުކުރަށްވާށިއެވެ... ހާރޫން ގެ ވަގުތުތައް ދިޔައީ ހިތުގެ އަޑިން ދުޢާ ކޮށްލަކޮށްލާ ހުރެއެވެ. މިހާރު ދެން އެނޫން އެއްޗަކުން އޭނާއަށް ކުރާނެ މަންފާއެއްނެތެވެ. ފައިސާ ކިތައްމެ ވަރަކަށްވެސް އެބަހުއްޓެވެ. އެއިން ކުރެވޭނެ ކަމެއްވިއްޔާ މިހާރު އޭނާ ކޮށްފިއެވެ.

މިހާރު މުރީހާ މިވީ ދެތިން ދުވަސްތެރޭގައި މައުސޫމާއާއި މާބޮޑަކަށް ގުޅާލައިފިއެވެ. މުރީހާއަކީ މީހުނާ ރައްޓެހިވާން ފަސޭހަ އަންހެނެކެވެ. މައުސޫމާވެސް ހުންނަނީ ހުދުބޯގަންވިލާގޭތެރެއަށް ވަދެގަނެވޭނެ ބަހަނާއެއް ނުލިބިފައެވެ. އެހެން ހުއްޓާ މުރީހާގެ ރަހުމަތްތެރިކަމުގައި އެންމެފަހުން އެގެއަށްވެސް ދެވިއްޖެއެވެ. މައުސޫމާއަކީ ކިޔަވައިގެން ހުރި ވިސްނުންތޫނު އަންހެނެއް ކަމުން އޭނާވެސް މާބޮޑު ތުއިކަމެއް ނުދައްކާ ހަގީގަތް މުރީހާއަށް ކިޔައިދިނެވެ. އެއީ ހާރޫނާއި މެދު އޭނާ ވަރަށް ހިތްހަމަޖެހޭ ކަމެވެ. އަދި ހިތުގައި ޚާއްސަ މަޤާމެއްވެސް ދެވިފައިވާކަމެވެ. އަދި އެހެން ވާހަކައެއްވެސް އޭނާ ބުންޏެވެ. އެއީ ހާރޫން މަދަރުސާގައި އުޅުން އިރު އޭނާގެ ފޮތެއްގައި މައޫސޫމާދެކެ ލޯބިވާވާހަކަ އިނގިރޭސިން ލިޔެފައި އޮއްވާ އެކަންތައް ފަޅާއެރި ވާހަކައެވެ. އެކަމަކު މައުސޫމާ ބިރުގަންނަކަމަކީ މިހާރު ހާރޫންގެ ހިތް އޮތް ގޮތެއް ނޭނގޭކަމެވެ. ނަމަވެސް މުރީހާ އޭނާއަށް ޔަޤީންކަން ދިނެވެ. ހާރޫން އެއްވެސް އަންހެން ކުއްޖަކާއި ގުޅުމެއް ނެތްކަމަށް އޭނާ ބުންޏެވެ. އަދި މުރީހާ މައުސޫމާއަށް އެކަންތައް ކޮށްދޭނެކަމަށް ވެސް ބުންޏެވެ.

އެއްދުވަހެއްގެ މެންދުރު ފަހެވެ. މައުސޫމާއާއި މުރީހާ ތިބީ ހުދުބޯގަންވިލާގޭ ބޭރުގޭތެރޭގައި ހުރި ދިގު ގޮނޑިއެއްގައި އެގޭ ފޮޓޯ އަލްބަމްތަކެއް ބަލާށެވެ. އޭގައި ހާރޫންގެވެސް ވަރަށް ގިނަ ފޮޓޯތައް ހުއްޓެވެ. އޭނާގެ މަދަރުސީދައުރުގެ ފޮޓޯތަކެވެ. އެކި އެކި މުނާސަބަތުތަކުގައި ނަގާފައި ހުރި ފޮޓޯތަކެވެ. އެފޮޓޯތަކަށް މައުސޫމާގެ ސަމާލުކަން ވަރަށް ބޮޑަށް އައެވެ. ޚާއްސަކޮށް އޭނާ ސްކައުޓު ޔުނީފޯމުގައި ނަގާފައި ހުރި ފޮޓޯފެނިފައި ވަރަށް ގިނަ ފާޑުކިޔުންތައް އެ ފޮޓޯއަށް ރައްދުވިއެވެ. މިހިރަ މޮޔަގަނޑެކޭ ބުނާނެއެވެ... " އޯ ސަޅި..." " މަ ހަނދާން އެބަހުރި އަދިވެސް މި ގަނޑު ނެގި ދުވަސް...." " އޭ.. ފަހަތުގައި އެހެރީ ޝަރުމީލާ..." އެކި ފަހަރުމަތިން އޭނާ އެފޮޓޯ ފެންނަ އިރަށް މިކަހަލަ ކޮންމެސް އެއްޗެއް ބުނެލައެވެ. މުރީހާ ވެސް ސިޔާސީ ހިނިގަނޑަކުން މިކަހަލަ ކޮންމެ ކޮމެންޓެއްގެ ޖަވާބު ދެއެވެ. އެހެން ތިއްބާ ފޯނު ރަނގަބީލުވެއްޖެއެވެ.

" ހަލޯ.."

" ދޮންބެ ތަ؟ ކިހިނެތްވީ.... މިހާރު އޮޕަރޭޝަން ކޮށްފިތަ؟ "

" ހުރިހާކަމެއްވެސް ރަނގަޅު... އޮޕަރޭޝަންވެސް ކޮށްފި... މަންމަވެސް މިހާރު އަންނަނީ ރަނގަޅުވަމުން.. ހަފްތާއެއްފަހުން ދެން ފުރަންވީ....ކޮބާ މުސްތޮ....؟ "

" އަދި ނާދޭ.. އޭ.. ދެން މަންމަ ރަނގަޅުދޯ .. އަޅެ.. ދެން އަވަހަށް އަންނަން އުޅޭ.. އޭ.. ދޮންބޭ.. މައުސޫމާވެސް އެބަހުރި.. ބޭނުންތަ ވާހަކަދައްކަން.. "

" ސަލާމް ބުނޭ.. އެހެންފަހަރަކުން ދެން.. ފަހުން އަދި ގުޅާނަން މިހާރު ހުރެވޭކަށް ނެތް..."

ފޯނުބާއްވާފައި މުރީހާ ނަށައިގަތެވެ.

" ކީކޯ ކީކޯ..؟ "

މައުސޫމާ ވެސް ވަރަށް ޝައުޤުވެރިކަމާއިއެކު އަހާލިއެވެ.

" މަންމަ ރަނގަޅުވެއްޖޯ، ދެން ހަފްތާއެއްފަހުން އެބަ އަންނަމޯ..."

އެވަގުތު މައުސޫމާގެ މޫނަށް ލާނެއްގެ ހިނިތުންވުމެއް ވެރިވިއެވެ. އަދި އެއްޗެއް ނުބުނެ މުރީހާއަށް ބަލަން ހުއްޓެވެ.

" ކިހިނެތްވީ..؟ "

މޮޔަ ފާޑަކަށް މުރީހާ ސުވާލުކުރިއެވެ.

" ރަނގަޅު އައިޑިއާއެއް އައިސްފި..."

" ކޮބާ ؟"

" ހިނގާ އެންމެން ބެންކޮކަށް ދާން .. ވަރަށް މަޖާވާނެ.. އަޅެ ނުބުނާތި ނޫނެކޭ.."

" އެއިރުން މަގޭ ކުޑަސޮރޯ..؟

" އެކަންތަކާ ހާސް ނުވޭ.. އަހަރެން މިހިރީނުން.. މަށަށް އިތުބާރު ކުރޭ.. އެސޮރަށް ގެއްލުމެއް ވިޔަކަ ނުދޭނަން.."

މިކަންތައް މުރީހާއަށްވެސް ވަރަށް ކަމުދިޔައެވެ. އަދި އެންމެ ފަހުން އެއްބަސްވިއެވެ.

" މުސްތޮ ގަބޫލު ވާނެބާ އަނެއްކާ..؟ "

" ތިކަންތައް ދޫކޮށްލާ މަގޭ އަތްމައްޗަށް... މުސްތޮގެ ސިކުނޑިއަށް ވަންނާނީ މަ ވެއްދި އެއްޗެއް.."

ވަރަށް އިތުބާރާއެކީ މުރީހާ ބުންޏެވެ.

 

ޖެހިގެން އައި ބުދަ ދުވަހު ހުދުބޯގަންވިލާގޭ އެންމެންނާއި މައުސޫމާ، ތިބީ ބެންކޮކްގައެވެ. އަދި އެމީހުން އެއަރޕޯޓުގައި ތިބެފައި ހާރޫންގެ ފޯނަށް ގުޅިއެވެ.

" ދޮންބޭ ކޮބާ ކިހިނެތް ކަންތައްގަނޑު.."

އެމީހުން އައި ކަމެއްވެސް އަދި އަންނަން އުޅޭކަމެއްވެސް ހާރޫނު ނުދެނެހުއްޓެވެ.

" ހުރިހާކަމެއްވެސް ރަނގަޅު... މިހާރު ހޮސްޕިޓަލަކު ނޫން މިތިބީ.. ހޮޓަލުގަ.. ހަމަ އައިސް ކުރިންވެސް ތިބި ހޮޓަލުގަ.."

" އެހެންތަ.. ކޮބާ މަންމަ.. މަންމައާ ވާހަކަދައްކާލެވިދާނެތަ..؟ "

" ނޫނޭ އަހަރެން މިއުޅެނީ ކުޑަކޮށް ބާޒާރުކޮށްލަން ނުކުމެ... މަންމަވާނީ ހޮޓަލުގަ.."

" ބަލާބަލަ.. މިހާރު މަންމަ އެކަނި ބާއްވާފަ ހިނގަންފެށީދޯ.."

މުސްތަފާ އޭނާއާއި ދިމާ ކޮށްލިއެވެ.

" އެކަންޏަކު ނޫނޭ.. ރަނގަޅު ނަރުހެއް ކުއްޔަށް ހިފައިގެން މިއުޅެނީ.. އޭނައާ މަންމަގެ ކަންތައް ހަވާލުކޮށްގެން މި އުޅެނީ... ދެން މަށަށް ތަންކޮޅެއް އުނދަގުވެސް ވާނެއްނު މަންމަ ފެންވަރުވާ ފާޚާނާއަށް ގެންގޮސް ހަދަން.. އެހެންވީމަ.."

" ބަރާބަރު... ތިހެންތިބޭނީ މީހުންގެ ހަލާލު ފިރިހެން ދަރިން.. ސާބަހޭ.."

ފޯނު ކަނޑާލާފައި ނުލަފާ ހިނިތުންވުމެއްގައި ހުރެ އޭނާ ދެންތިބި މީހުނަށް ބަލާލިއެވެ.

" ރަނގަޅު ދަނޑިވަޅެއް މީ... މިހާރު އެތާ ތިބޭނީ މަންމައާ އެ ބުނާ ނަރުހަކާ.. ހިނގާ އަވަހަށް ދޮންބެ ނާންނަނީސް ގޮސް ތިބެން.."

ނަސީމާއްތަ އުފަލުން ފެންކަޅިވެފައި އޮތެވެ. އޭނާގެ ބަލި ރަނގަޅުވީ ވަގުތު މުޅި އާއިލާވެސް އެއްތަނަކަށް އެއްވީއެވެ. މިހާރު އެމީހުން އެތިބެނީ ހާރޫންގެ އިންތިޒާރުގައެވެ. މިއަދު އޭނާ ރަނގަޅަށް ސިއްސުވާލާނެއެވެ.

ކޮންމެއަކަސް ހިންދީ ފިލްމުތައް ނިމޭކަހަލަ ގޮތަކަށް ބައެއްފަހަރު ހަޤީޤީ ދިރިއުޅުމުގައިވެސް ދިމާވެއެވެ. އަހަންނަށް މި ދިމާވީ އެކަހަލަ ކަމެކެވެ. އެއްވެސް މީހަކަށް އޮޅިފައި ނޯންނާނެ ފަދައިން މިވާހަކައިގައި މިއުޅޭ މުސްތަފާއަކީ އަހަރެންނެވެ. ނަމަވެސް މިފަހަރު މި އުސްލޫބުން ލިޔަން މި ޖެހުނީ އަހަރެންގެ އަމިއްލަ ވާހަކަތައް މާގިނައިން ކިޔައި ދޭންޖެހޭތީއެވެ. އަހަންނަކީ އެހާ ފޮނި މީހެއް ނޫނިއްޔާއެވެ. ނިންމާލުމުގެ ކުރިން އަދި ބުނެލަން ބޭނުން ވާހަކައެއް އެބަ އޮތެވެ. ގޮބޮޅިގެއަކީ އަހަރެން މިހާރު މި ދިރިއުޅޭ ގެއެވެ. މރ މޮރިސް މަރުވުމުގެ ކުރިން އެ ގެ އޮތީ ދޮންބެއަށް ދީފައެވެ. ނަމަވެސް ދޮންބެ އެގޭގައި އުޅޭކަށް ބޭނުމެއް ނުވިއެވެ. ވީމާ އަހަރެން އެގެ އޭނައަތުން ހޯދީއެވެ. މިހާރު ހުދުބޯގަންވިލާގޭގައި އުޅެނީ މަންމައާއި ބައްޕައާއި ދޮންބެގެ ދެމަފިރިންނާއި ކުދިންނެވެ. ދޮންބެ އެންމެފަހުން އިނީވެސް ހަމަ އެ މައުސޫމާއާއި އެވެ. އޭނާއަށް ހައްޤު ލޯބި އޭނާއަށް ލިބުނީއެވެ.

= ނިމުނީ =

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.