ހޮނިހިރު20200919

އާކުރެވުނީ: 08:43:52

ނަހުޒާ

nahuzaa

ނަޢީމް އޭނާގެ ބާވެފައިވާ މައުންޓަން ބައިސްކަލުގަޑުގައި، ގެއާ ދިމާލަށް އަންނައިރު ހިތުތެރޭގައިވާ ރުޅިގަނޑު ގަދަވަމުން އާދެއެވެ. މިރޭ ފިހާރައިގެ މަސައްކަތް ނިންމާލީ ބޮޑުސޭޓާ ކޮށްލި ޒުވާބުގަނޑަކުންނެވެ. ފިހާރައިގެ ބޮޑު ސޭޓު ދެކެ އަންނަ ރުޅި ފަޅައިގެން ދިޔައީ، ހުކުރުދުވަހު ހަތަރުދަމު މަސައްކަތް ކުރުވީތީއެވެ. ގެ ހުންނަ ގޯޅިގަނޑަށް އެޅުމާއެކު ނަޢީމުގެ ރުޅިއަށް ފިނިކަމެއް އައިސް، އަންހެނުން ނަހުޒާ މަތިން ހަނދާންވިއެވެ. އެއާއެކު އިޚްތިޔާރަކާ ނުލައި ހިނިތުންވެލެވުނެވެ.

ނަޢީމާއި ނަހުޒާ އިނީ ލޯބިވެގެންނެވެ. ނަހުޒާގެ މަންމައާއި ދޮންބައްޕަގެ ރުހުމާދެކޮޅަށެވެ. މައްސަލައަކީ ނަޢީމު ނުކިޔަވާ ހުރުމެވެ. ކިތަންމެ ބުރަކޮށް މަސައްކަތް ކުރިއަސް، ރާއްޖެތެރޭ މީހަކަށް ވީމައެވެ. ނަހުޒާވެސް ވަކި ކިޔަވައިގެން ހުރީކީ ނޫނެވެ. ކައިވެންޏަށް އަހަރު ވާއިރުވެސް ދެމީހުންގެ ލޯތްބަކަށް ބަދަލެއް ނާދެއެވެ.

ޒުވާން ދެމަފިރިން އިންތިޒާރު ކުރަމުންދަނީ ކުޑަކުއްޖެއްގެ އަޑު ގޭތެރޭގައި އިވޭނެ ދުވަހަކަށެވެ.

''ގެ'' އަކީ ހަނިގޯޅިގަނޑެއްގެ ތެރޭގައި ފާޚާނާއާ އެއްކޮށް ހުރި ކޮޓަރިގަނޑެކެވެ. ކިތަންމެ ފޫހިވިޔަސް، ދެހާސް ހަތްސަތޭކަ ރުފިޔާއަށް މިވަރުގެ ތަންކޮޅެއް ނުލިބޭނެކަން ، ނަޢީމަށް އެގެއެވެ.

ގޯޅިގަނޑުގެ ތެރޭގައި ބައިސިކަލު ބެހެއްޓުމަށްފަހު ، އެތެރެއަށްވަދެ ގޭ ދޮރުމައްޗަށް ހުއްޓުމާއެކު، ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އިޙްސާސް ކުރެވުނެވެ. ދެފަހަރަކު ޓަކި ޖަހާލާފައި އަތްގަނޑުގައި ހިފާ އަނބުރާލުމާއެކު ދޮރު ހުޅުވިއްޖެއެވެ. ކަނު އަނދިރިކޮށް އޮތް ގޭތެރެއިން އިވެނީ ފަންކާގެ އަޑެވެ.

''ނަހޫ '' ނަޢީމު ގޮވާލިއެވެ. އެއަށްފަހު ހޮޅިބުރި ދިއްލާލިއެވެ. އެނދުގައި އަރިއަކަށް ނަހުޒާ އޮތެވެ. ''ކިހިނެއްވީ ނަހޫ ؟'' ހާސްވެފައި ނަޢީމު އެހިއެވެ. ނަޢީމު ގުދުވެފައި ކޮލުގައި ދޮނެއް ދިނުމުން މަޑު ބާލީހުތެރެއަށް މޫނު ގަންބާލައި ފޮރުވިއެވެ.

'' ހިނގާ ކާން ! ... ދެން ފަހުން ތިވީކަމެއް ކިޔައިދީ '' ނަޢީމު ދެވަނަފަހަރަށް އެހިއެވެ. ނަހުޒާގެ ހިމޭންކަން ނަޢީމަށް ތަދުކުރުވިއެވެ.

'' ކާން އެއްވެސް އެއްޗެއް ހެދިންތަ ؟ '' ނަހުޒާގެ ގައިގައި ހިފައި ތަޅުވައިގަތެވެ. ނަޢީމަށް ހިފުނުލެއް ބާރުކަމުން ހައިރާންވިއެވެ.

''އަހަންނެއް އެއްވެސް އެއްޗެއް ނުކައްކަން ''

''އެންމެ ރަނގަޅު ، ނަހޫ އޮވޭ! އަހަރެން އެއްޗެއް ހަދާލަފާނަން '' .

އަންހެންވެރިން ބަލިވެއިނީމާ ހާދަ ހެއްވައޭ ، ބިއްގަނޑަކުން ވަކިކޮށްފައިވާ ''ބަދިގެ '' ތެރެއަށް ވަންނަމުން ނަޢީމުގެ ހިތަށް އެރިއެވެ. ނަހުޒާ މަޑުމަޑުން އެނދުން ތެދުވެއްޖެއެވެ.

'' ކައްކާނެ އެއްވެސް އެއްޗެއް ނުހުންނާނެ '' ނަހުޒާގެ އަޑު ކުރެކިއްޖެއެވެ.

''އަހަރެން މިއަދު ފިހާރައަށް ދިޔައީވެސް ރުފިޔާ ދީފައެއްނު؟''. ވެފައިހުރި ހައިހޫނުކަމާއެކު، ނަޢީމުގެ ކެތްތެރިކަން ކުޑަވާންފެށިއެވެ. ހުކުރުދުވަހު ހަތަރުދަމު މަސައްކަތް ކުރުމަށްވުރެ، ގެއަށް އަންނައިރު ކާނެ އެއްޗެއް ނެތްކަން މާ ގޯހެވެ.

''ނަޢީމު '' . ނަހުޒާ ނަޢީމުގެ އަތުގައި ހިފަހައްޓާލިއެވެ. '' މަންމަ މިއަދު އައިސް ބުނީމާ އަހަރެން އެ ފައިސާކޮޅު ދިނީ '' . ނަހުޒާގެ ޖަވާބުން ނަޢީމު ރަތްވިއެވެ.

'' ކަލޭ އަމާ މިއަދު މިތަނަށް އައުމުން ، އަހަރެންގެ ފައިސާ ދިނީ ؟ ކަލޭގެ މަންމަ އަހަރެންނާ ދިމާލަށް ގޮވި އެއްޗެހި ހަނާދާން ނެތީތަ ؟ ކަލޭގެ އަމަޔާ ދޮންބަފަޔާ ހެދިއެއްނޫންތަ މިގޮތަށް ތެޅެން މިޖެހެނީ ؟ އެންމެން ކުރިމަތީގައި އަހަރެންނަށް ބެވި ދުވަސް ހަނދާން ނެތީތަ ؟ ދެން މިތަނަށް އޭނަ ... '' . ނަޢީމު އަތް ފޮޅުވާލިއެވެ.

'' ނަޢީމު ... އެއީ އަހަރެންގެ މަންމަ . ކިހިނެއް އަހަރެންގެ މަންމަ ބުނީމާ ... '' . ނަހުޒާއަށް ޖުމްލަ ނުނިންމުނެވެ. ނަޢީމު ރުޅިއައިސްފައިވާ ކުޅަނދުރެއްހެން ނަހުޒާއާ ދިމާލަށް އައެވެ. ނަހުޒާ ބިރުން ފަހަތަށް ޖެހިލުމާއެކު ، ނަޢީމު އަތް ދަމާފައި ނަހުޒާގެ ކަންކަށީގައި ޖެހިއެވެ. އެއާއެކު ކައިރީގައި ހުރި އެނދު މައްޗަށް ވެއްޓުނެވެ. ވީތަދާއެކު ނަހުޒާއަށް ހައިރާންކަން ލިބުނެވެ.

'' ކަލޭތި އަހަރެން ގައިގާ ޖެހީ ؟'' . ނަހުޒާގެ އަޑު ބެދި ، ގިސްލެވެން ފެށިއެވެ.

ނަޢީމު، ވެއްޓިފައި އޮތް އޭނާގެ ނަހޫއަށް ބަލައިލިއެވެ. އޭނާގެ ނަހޫގެ ބަނޑު ، ދިރުމުން ފުފެނީއެވެ. އޭނާގެ ދަރިއެއްގެ ދިރުމުންނެވެ. ނޫނެކެވެ. ދެމީހުންގެ ދަރިއެއްގެ ދިރުމުންނެވެ. ނަހޫގެ ބަނޑުގައި ވަނީ ، އެ ދެމީހުންގެ ލޯބީގެ މޭވާއެވެ. އެއީ މައިންބަފައިންގެ ރުހުމާ ދެކޮޅަށް ވި ، ލޯތްބެކެވެ. މައިންބަފައިން ދޫކޮށް ، މި ދަތި ދިރިއުޅުމާ ކުރިމަތިލުމުގެ ހިތްވަރު ހޯދައިދިން ލޯތްބެވެ. ނަޢީމަށް އޭނާގެ ނަފުސުދެކެ ނަފުރަތު ވެވިއްޖެއެވެ. ކުރެވުނު ކަންތަކާމެދު ލަދުގަނެ ދެރަވެއްޖެއެވެ.

'' ނަހޫ އަހަރެންނަށް މާފު ކުރޭ '' . ނަހުޒާގެ މަގަތުގައި އޮށޯންނަމުން ނަޢީމު ބުންޏެވެ. އަޑުގައިވަނީ ތުރުތުރެވެ. ނަޢީމުގެ ލޮލުން ކަރުނަ ނިރާލިއެވެ. ނަހުޒާ އެއޮތްގޮތަށް އޮތެވެ. ނަޢީމު ރޯނެވަރަކަށް ރޯންދެނެވެ.

''ނުރޮއި ލޯބިވާ! ނުރޮއި! ކުށްވެރިއަކީ އަހަރެން '' . ނަޢީމުގެ ބޮލުގައި ފިރުމަމުން ނަހުޒާ ބުންޏެވެ.

'' ނޫން އެއީ އަހަރެންގެ ކުށް ، އަރެންނަށް ތަންކޮޅެއް އަވަހަށް ރުޅި އާދެވުނީ ، އިންފަހުން އަދި ވާނީ ކިރިއާ އަހަރެއް ، މިހާރު އަހަރެން ނަހޫ ގައިގާ މިޖެހީ ، މާފުކުރޭ! . ބުނޭ މާފުކޮށްފީމޭ ''

'' ކޮންމެ ފަހަރަކުވެސް އަހަރެންގެ ގައިގާ ޖަހާފައި ނަޢީމު ބުނާނީ މާފުކުރާށޭތަ؟''

''ދެން ދުވަހަކުވެސް ... ''

''ޝުޝްޝް '' . ނަޢީމު ގައިގާ އޮޅުލައިގަންނަމުން ނަހުޒާ ، ވާހަކަ މެދު ކަނޑާލިއެވެ.

'' ވީކަމެއް އެވީ ! މިއަދަކީ ކޮން ދުވަހެއްކަން ހަނދާން އެބަހުރިތަ؟ '' ނަހުޒާ މަޑުމަޑުން އެހިއެވެ.

'' ނޫން . ކޮންދުވަހެއްތަ ؟ '' ނަޢީމު އެއޮތްގޮތަށް އޮވެ އެހިއެވެ.

'' ސާބަސް ! ކައިވެންޏަށް އަހަރުވާ ދުވަސް '' ނަހުޒާ ހީލަމުން ނަޢީމާ ފޭއަށް ފުރޮޅިލިއެވެ.

'' މިކޮޅަށް އާދޭ . އަހަރެން ޖެހިތަނުގައި ފިރުމާލަ ދޭނަން ''

ނަހުޒާ ނަޢީމު ގާތަށް ޖެހިލިއެވެ.

'' އޫނ ...ކޮންތާކު ތި ފިރުމަނީ ! ޖެހީ ތިތާކު ނޫން ! ހާދަ އަވަހަށް ހަނދާން ނެތެއޭ ދޯ ؟'' ނަހުޒާ މަޑުމަޑުން ހީގަތެވެ.

'' ނަޢީމު އަހަރެންދެކެ ވަރަށް ލޯބިވޭތަ؟''

''ވަރަށް ބޮޑަށް ''

''ކިހާ ބޮޑަކަށް؟''

''ހަމަ ... ވަރަށް ... ބޮޑަށް!''

ދެމީހުން ހެމުން ހެމުން އޮޅުލައިގަތެވެ. އެނދުގައި އޮތް ބެޑްޝީޓު އިތުރަށް ބޮނޑިކެވެމުން ދިޔައެވެ.

 

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.