ހޮނިހިރު20180922

އާކުރެވުނީ: 08:43:52

ޝުޢޫރު

shuoorވިއްސާރަދުނީގެ ކުލަތަކުން ދުނިޔެ އުޖާލާވިއެވެ. ކަޅުވިލާތައް ކެހި، ބަހާރެއްގެ ހިތްގައިމުކަން ރަމްޒުވިއެވެ. އުއްމީދީ ކުލަތަކަކުން ޙަޔާތަށް ދިރުން ލިބުނުކަހަލަ އެވެ. ގެތެމުން ދިޔަ ކަމިޔާބީގެ ހާރަށް އުއްމީދުގެ ބޮޅެއް އިތުރުވި އެވެ. ހަށިފުރާ ނޭވާއެއް ލެވުނެވެ. ޙަޔާތުގެ މުހިންމު މަރުޙަލާއެއް ކާމިޔާބާއިއެކު ކަޑައްތު ކުރެވުމުގެ އުފާ ލިބުމުންނެވެ. ވިސްނާލީމެވެ. މާޒީވި ދުވަސްތަކާއި މެދުގައެވެ. ކޮންމެ ކަމެއް ގުޅިފައި ވަނީ މިއަދާއިއެވެ.

އަރާމު ނިދިން މަޙުރޫމުވި ފަތިސްތަކެވެ. އާ ކަންތައްތައް ހޯދުމާއި އަޑުއެހުމާއި ދަސްކުރުމުގައި ހޭދަވި ދުވަސްތަކެވެ. ބުރަ މަސައްކަތާއިއެކު މަޝްޣޫލުވެ އުޅުނު ރޭތައް.... ގެނެސްދިން އުފަލަކީ ކޮބައިހެއްޔެވެ؟ މިއަދުގެ މި ނަތީޖާއެވެ.

ހިތްވަނީ ޝުކުރުން ފުރިފައެވެ. ތިޔަ ދެމީހުންނަށްޓަކައެވެ. އާނއެކެވެ! މިދިގު ދަތުރު ފުރިހަމައެއްނުކުރެވުނީހެވެ. ހިތްވަރު ނުދިންނަމައެވެ. ނަސޭޙަތަށް މިކަންފަތް އާދަ ނުކުރުވި ނަމައެވެ. ދުޢާތަކުން އުއްމީދު ގެނެސް ނުދިންނަމައެވެ.

ތެދެކެވެ. ވެއްޓުމުން ތެދުވެވެން ޖެހޭނެއެވެ. އަތުގައި ހިފާނެމީހަކު ހުރިނަމައެވެ. ގައިން ހިރަފުސް ފޮޅާލައި ހިންދެމިލެވޭނެއެވެ. އެހީވާނެ މީހަކު ގާތުގައި ވިނަމައެވެ. ޙަޤީޤަތަކީ އެއީއެވެ. އެ ފަލްސަފާ މި ޙަޔާތަށް ފެތެއެވެ. ވެއްޓުމުން ކޮޅަށް ތެދުވެވުނެވެ. ތިޔަ ދެމީހުންގެ އެހީގައެވެ. ހިނގަން ނޭނގޭއިރު ހިނގަން ދަސްކޮށްދިން ފަދައިންނެވެ. އިނގިލިކުރީގައި ހިފަހައްޓައިގެން ފިޔަވަޅު އެޅުވިގޮތަށެވެ.

ޙަޔާތުގެ މަޤްޞަދާއިމެދު ވިސްނާލެވުނެވެ. ޙަޤީޤަތަކީ ކޮބައިބާއެވެ؟ ޝައްކެއްނެތެވެ! މިއީ ކުރު މުއްދަތެކެވެ. މަދު ގަޑިތަކެކެވެ. އެނގޭނެއެވެ. ފުންކޮށް ވިސްނާލައިފި ނަމައެވެ. އެއްވެސް އިންސާނެއްގެ ހުރިހާ އެދުމެއް ފުރިހަމަވޭހެއްޔެވެ؟ އެއްބަހެއް ނުވެވޭދޯއެވެ! ފުރުޞަތު ނަގާލަންވީ ކީއްވެ ހެއްޔެވެ؟ އުއްމީދުތަކެއް ވެއެވެ. ހިތުގައި ރައްކާކުރެވިފައެވެ. ޙާޞިލްކުރަން ބޭނުން ލަނޑުދަނޑިތަކެއްވެއެވެ. ސިކުނޑީގައި ރޭވިފައެވެ. ހިތަށް އަރައެވެ. އެހެންމީހުނަށް އެނގޭނެ ނަމައެވެ!

ހިތްވަނީ ފުރިފައެވެ. ވަރުގަދަ ޢަޒުމަކުންނެވެ. ބިރުގަނެއެވެ. އުއްމީދު ފުރިހަމަ ނުވެދާނެތީއެވެ. ހިތްވަރު އެލިދާނެތީއެވެ. ހާސްވެއެވެ. ހުވަފެންތައް ބިލާހަކަށް ވެދާނެތީއެވެ. އެހެނަސް...... އެނގެއެވެ. ޔަޤީން ކުރެވެއެވެ. ގާތުގައި ވާނެއެވެ. ތިޔަ ލޮބުވެތި މައިންބަފައިންނެވެ. އަބަދުވެސްމެއެވެ. ހިތަށް ފިނިކަން ހޯދައިދޭނެއެވެ. އޯގާތެރި ބަސްތަކުންނެވެ. ދުޢާތަކުންނެވެ. ނަސޭޙަތާއި އިރުޝާދުންނެވެ. ތިޔައީ މުޤައްދަސް ލޯތްބެކެވެ. ހިއްވަރު ދޭނެއެވެ. ހެޔޮއެދޭ އެހެން މީހުންނެވެ. ތަޢުރީފުތައް އޮހޭނެއެވެ. ތިޔަ މަތިވެރި ދޫތަކުންނެވެ. އުއްމީދު އާ ކުރުވާނެއެވެ. ތިޔަ މާތް ނަޒަރުންނެވެ.

ޝަކުވާއަކަށް ޖާގައެއް ނެތެވެ. ޤަބޫލު ކުރެވެއެވެ. ފުރުޞަތެއް ނުދޭނެއެވެ. ފަސްއެނބުރި ބަލައިލުމަށެވެ. އަތުން ހަނާއަޅާލާނެއެވެ. ބުނާނެއެވެ. އަދިވެސް ކުރިއަށް ދާށެވެ. ޔަޤީން ކުރާނަމެވެ. ފައިވިދި ހުންނާކަށް ނުޖެހޭނެއެވެ.

އެނގޭނީ ވިސްނާމީހާއަށެވެ. ދިރިއުޅުމަކީ ކޮބައިކަމެވެ. ދަންނަ ފަދައިންނެވެ. އުފަލަކީ ކޮބައިކަމެވެ. ކާމިޔާބުވެސް ލިބޭނެއެވެ. ޢަޒުމެއް ހުރެގެންނެވެ. ހިތްވަރެއްވެސް ކުރެވިގެންނެވެ. ވަރަށް ވަރުގަދައަށެވެ.

އޮތީ އެންމެ އެދުމެކެވެ. އެންމެ އާދޭހެކެވެ. ގާތުގައި ވައްޗެވެ. އަބަދުވެސް މެއެވެ. އަޑުއިވުނަ ނުދެއްޗެވެ. ހިތްމަރުވެދާނެ އެންމެ ލަފުޒެއް ވިޔަސް މެއެވެ. އޭރުން ހިތްތަކުން ނުފިލާނޭފަދަ މަޤާމެއް މިލްކު ކުރެވިދާނެ އެވެ.

ވިސްނެއެވެ. ހަޔާތުގެ މުހިންމު މަރުހަލާ އޮތީ ކުރިޔަށެވެ. ދިގުވެފައި އުނދަގުލެވެ. ފާއިތުވީ ދަތުރަށްވުރެ ކުރިޔަށް އޮތް ދަތުރެވެ. މަންޒިލް އަތުލެވިދާނެއެވެ. ހިތުގައިމިވާ ހިތްވަރާއި ޢަޒުމުންނެވެ. އޭރުން އަތް ޖަހާނެއެވެ. ތިޔަ ލޮބުވެތި އެންމެންނެވެ. އުފަލުންނެވެ. އޭރުން ހިތުގައި އޮންނާނީ އާ ޢަޒުމެކެވެ. "ޤައުމުގެ އުނގަށް މާ އަޅައިދޭ" ދަރިއެއް ކަމުގައި އަހަރެން ވެސް ވާނަމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.