އަންގާރަ20181113

އާކުރެވުނީ: 08:43:52

ވަސީމް

vaseenނޯޓް: މިވާހަކައަކީ ރާއްޖޭގައި ހިގާދިޔަ ހަގީގީ ހާދިސާއެއްގެ މައްޗަށް ބަރޯސާވެ ލިޔެފައިވާ ވާހަކައެކެވެ. ވާހަކައިގައި ބޭނުންކުރެވުނު ނަންތަކާއި، ބައެއް ހާދިސާތަކުގެ އަސްލު ކޮންމެވެސް ވަރަކަށް ބަދަލު ކުރެވިފައިވެއެވެ.

ވަސީމަކީ ތަފާތު މީހެކެވެ. އޭނާ ދިރިއުޅުމެއް ފެށީ މުސްތަގުބަލަށް ފޮނި އުއްމީދުތަކެއް ކުރަމުންނެވެ. ކޮންމެ އިންސާނަކުމެ ހަޔާތުގެ އުއްމީދުތައް ފުރިހަމަކުރުމަށް އެދޭ ފަދައިންނެވެ.އެކަމަކު އެއުއްމީދުތަކުގައި ހަގީގީކުލަ ނުޖެހުނީ ހަމަ އޭނާގެ ދޯދިޔާ ކަމުންނެވެ. ދިރިއުޅުމުގެ ދަތުރުގައި ކޮންމެ މީހަކުމެ ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއެއް ކަނޑައަޅައެވެ. އަދި އެލަނޑުދަނޑިއަށް ވާސިލްވެވޭތޯ މަސައްކަތް ކުރެއެވެ.

ވަސީމުގެ ދިރިއުޅުމުގައި ވަނީ މަކަރާއި އޮޅުވާލުމެވެ. ހީލަތާއި ޚިޔާނާތެވެ. ދިރިއުޅުމުގައި ރަގަޅު ނޫން މީހުންނަކީ ނާކާމިޔާބު މީހުންނެވެ. މިހާތަނަށް އައި އިރު ވަސީމު ވަނީ 4 ކައިވެންޏެއްކޮށް 7 ކުދިން ލިބިފައެވެ. ފުރަތަމަ ވަސީމު ކައިވެނި ކުރީ 80ގެ ފަހުކޮޅުގައެވެ. އެއީ ފުރަތަމަ ވަސީމުގެ އަވާގައި ޖެހުނު ނާހިދާ އާއެވެ. ކައިވެންޏަށް އަހަރެއް ވެސް ނުވަނީސް ނާހިދާއަށް ވަސީމު ގެ ކިބައިން އަންހެން ކުއްޖަކު ލިބުނެވެ. އޭނާގެ ނަމަކީ ނޫމާ އެވެ. ނޫމާއަށް 2އަހަރު ހަމަވީ އިރު ވަސީމު ވަނީ ނާހިދާ ވަރިކޮށްފައެވެ. ޝަރީޢަތުން ނޫމާ ބަލަން ހަވާލު ކުރީ ވަސީމުގެ މަންމަ ކަތްދާނިކެ އާއެވެ. ދުވަސްކޮޅަކު ނޫމާ ކަތްދާނިކެ ގާތުގައި އޭނާގެ ރަށް ލ.ފުނަދޫ ގައި ގެންގުޅުނެވެ. ނަމަވެސް ވަސީމު ދެވަނަ ކައިވެންޏެއް ކުރުމަށް ފަހު ނޫމާ އޭނާގެ ގާތަށް މާލެއަށް ބަދަލުކުރި އެވެ. ވަސީމު ދެވަނަ އަށް އިނީ އަމީރާ އާއެވެ. އަމީރާ އަކީ ވަސީމު ދެކެ އިންތިހާއަށް ލޯބިވީ އަންހެނެކެވެ. އަމީރާ އާ ވަސީމު ކައިވެނި ކުރިތަނާހެން މައްސަލައެއްގައި ވަސީމު ބަންދު ކުރިއެވެ. ބުނެވޭގޮތުގައި އެފަހަރު ވަސީމު ބަންދުކުރެވުނީ އޭރު ވަސީމު މަސައްކަތްކުރި އޮފީހުގެ ފައިސާއަށް ޚިޔާނާތްތެރި ވުމުގެ ސަބަބުންނެވެ. ޖަލުގައި ދުވަސްގަނޑަކު ބަންދުކުރުމަށް ފަހު ހދ.މަކުނުދުއަށް ވަސީމު އަރުވާލިއެވެ. މަކުނުދޫ އަކީ އަމީރާގެ ތިމާގެ ބައެއްމީހުން އުޅޭރަށަކަށް ވާތީ ވަސީމު އެރަށުގައި އުޅުނީ އަރާމާއި އުފަލުގައެވެ. އަމީރާއާއި ވަސީމުގެ ކައިވެނިން ދެފިރިހެން ކުދިން ލިބިފައިވެއެވެ. އެއީ އަމްޖަދު އާއި، އަޖުވަދު އެވެ.

ވަސީމު ޖަލުގައި ވަނިކޮށް އަމީރާއަށް ނޫމާ ނުބެލެހެއްޓޭނެ ކަމަށްބުނެ ނޫމާ ނާޙިދާ އާއި ހަވާލު ކުރިއެވެ. އޭރު ނާހިދާ ވެސް އުޅެނީ ދެވަނަ ކައިވެންޏެއް ކޮށްގެނެވެ. ނޫމާ ނާހިދާއާއި ހަވާލުކުރި ދުވަހުން ފެށިގެން ނާހިދާ ނޫމާ ބެލީ ވަސީމުގެ އެއްވެސް އެހީތެރިކަމެއް ނެތިއެވެ. ކުޑަމީނުން ލޯލާރިއެއް ވެސް ވަސީމުގެ އަތުން ބޭނުމެއް ނުކުރެއެވެ. ނަމަވެސް ވަސީމުގެ ތިމާގެ ބައެއް މީހުން ނޫމާއަށް ދޭ ހަދިޔާ ބަދިޔާ ނާހިދާ ގަބޫލުކުރެއެވެ.

ވަސީމުގެ ބަންދުން ސަލާމަތްވެ މިނިވަންވެގެން މާލެ އައުމާއެކު އަމިއްލަ މަސައްކަތެއް ފެށިއެވެ. އެއީ ވަޑާންކުރުމާއި، ކޮންސްޓްރަކްޝަންގެ މަސައްކަތެވެ. ދުވަސްކޮޅެއްގެ ތެރޭގައި އަމީރާއާއި، ވަސީމުގެ ދެމެދުގައި މައްސަލަތައް އުފެދެންފަށައިފިއެވެ. މައްސަލަތަކުގެ ނިމުން އައީ ''ވަރީ''ގެ ސިފައިގައެވެ. އެއަށްފަހު ޗުއްޓީއަކަށް ރަށަށް ވަސީމް ދިޔައެވެ. ރަށުން އައީ ރަށުމީހަކާއި ކައިވެނި ކޮށްގެން އޭނާ ގޮވައިގެންނެވެ. އެއީ ރިލްފާ އެވެ. ރިލްފާ އަކީ ކުރިން ދެމީހުނާއި ކައިވެނިކޮށް ވަރިވެފައިވާ އަންހެނެކެވެ. އެކަމަކު ރިލްފާ އަކީ ގެވެހި ރަގަޅު އަންހެނެކެވެ. ރިލްފާ ކުރިން އިން ދެމީހުން ވެސް ރިލްފާ ވަރިކުރީ ދަރިން ނުލިބެޔޭ ކިޔާފައެވެ. ތެދެއް ވަސީމްއާއި ރިލްފާގެ ކައިވެންޏަށް އަހަރެއް ވީއިރުވެސް އެދެމަފިރިންނަށް ދަރިޔަކު ނުލިބެއެވެ. އިންޑިޔާ އަށް ވެސް އެކަމަށް ބޭސްކުރުމަށް ރިލްފާ ގޮވައިގެން ވަސީމް ދިޔައެވެ. ކޮންމެ މީހަކުވެސް ބުނަނީ އެއްވެސް މައްސަލައެއް ރިލްފާގެ ނެތްކަމުގައެވެ. ދެން ރިލްފާ ދެއްކީ މުޅިމާލެއަށް މަޝްހޫރު ޔަގާނެގީ އަށެވެ. ޔަގާނެގީ އަށް ދެއްކުމުން ބަރާބަރު ދެއަހަރު ދުވަހު ހުއްޓައި ނުލާ އެކަމަށް ފަރުވާ ހޯދަން ޖެހޭނެ ކަމަށް ބުނެއެވެ. ކަންތައް ދިޔައީ ވެސް މުޅިން ރަގަޅަށެވެ. ޔަގާނެގީގެ ގާތުން ފަރުވާ ހޯދަންފެށިތާ ދެއަހަރު ފަހުން ރިލްފާ ވަސީމްގެ ދަރިއަކަށް ބަލިވެއިނެވެ. އޭރު ވެސް ވަސީމް އުޅެނީ ކުރިން ބުނިހެން ކޮންސްޓްރަކްޝަންގެ މަސައްކަތުގައެވެ. ރިލްފާ ވަސީމު އާއި އެކު އުޅުނީ އުފަލުގައެވެ. ވަސީމް ކުއްޔަށް ހިފާފައި ހުންނަ ކޮޓަރީގައެވެ.

ރިލްފާ އާއި ވަސީމްގެ ފުރަތަމަ ދަރިފުޅު ރާމީ ލިބުނު ތަނާހެން ވަސީމް މަސައްކަތް ކުރާ ކުންފުނީގެ ފަރާތުން އައްޑުއަތޮޅުގައި ހިންގާ މަސައްކަތެއް ހިގާ ނުހިގާގޮތް ބެލުމަށް އައްޑުއަށް ދާންޖެހިއްޖެއެވެ. 3މަސް ދުވަހު އައްޑޫގައި ހުރެފައި އައީ މީހަކާއި އިދެފައެވެ. އެފަހަރު އިނީ ޝިޔާމާ އާއެވެ. ޝިޔާމާއަކީ ވަރަށް ފަގީރު އާއިލާއެއްގެ އަންހެނެކެވެ. ވަސީމް މާލެއައުމަށްފަހު ވެސް އޭނާގެ ދެވަނަ ކައިވެނީގެ ވާހަކަ ދޮށީ އަނބި ރިލްފާ އަށް ސިއްރު ކުރިއެވެ. އަދި ވަސީމްގެ އާއިލާގެ މީހަކަށް ވެސް ވަސީމު އައްޑުއަތޮޅުން މީހަކާއި އިން ކަން އަންގާފައެއް ނުވެއެވެ. އެހުރިހާ ކަމެއް ވަކި ދުވަހަކާއި ހަމައަށް ޖެހެންދެން އޮތީ ސިއްރުކުރެވިފައެވެ.

ދުވަސްތަކަށްފަހު ރިލްފާ އަށް ސިއްރުން ޝިޔާމާ މާލެއަށް ގެނައެވެ. އަދި ރިލްފާއެކޭ އެއްގޮތަށް ކޮޓަރިއެއް ކުއްޔަށް ހިފުމަށްފަހު އެތާގައި ޝިޔާމާއަށް އުޅެވޭނޭ ގޮތް ހަމަޖެއްސިއެވެ. ޝިޔާމާ މާލެ ގެނައުމަށްފަހު ވަސީމް ގެޔަށް ނިދަން އަންނަ ރޭރޭ މަދުވާން ފަށައިފިއެވެ. އެކަމާއި ރިލްފާ ސުވާލުކުރުމުން ވަސީމް ބުނަނީ ކ.ގުރައިދޫގައި ކުންފުނީގެ ފަރާތުން ހިންގާ މަސައްކަތްތަކެއް ބެލުމަށް ކޮންމެ ރެޔަކު ވެސް އެރަށަށް ދަނީ ކަމުގައެވެ. ނަމަވެސް މިގޮތަށް ވަސީމްގެ އަމަލުތައް ތަކުރާރު ވުމުން ރިލްފާ އަށް ޝައްކުވެ އިތުރަށް ރިލްފާ ޝަކުވާ ކުރިއެވެ. ނަމަވެސް ޖަވާބުގައި ބުނީ ހަމަ ކުރިން ވެސް ބުނިހެން ކުންފުނީގެ މަސައްކަތްތައް ބުރަކަމުން ދުވާލު ގުރައިދޫގައި ހަދާ އިމާރާތުގެ މަސައްކަތްހިގާނުހިގާގޮތް ބަލަން ނުދެވޭތީ ރޭގަނޑު ދަނީ ކަމުގައެވެ. އެކަމަކު ގުރައިދޫ އަށް ދަނީއޭ ބުނެ ވަސީމް އޮޅުވާލާ ކޮންމެ ރެޔަކުމެ ވަސީމް ހޭދަކުރަނީ ހަނގު އަނބި ޝިޔާމާގެ ކޮޓަރީގައެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ޝިޔާމާ ވަސީމްގެ ދަރިއަކަށް ބަލިވެއިނެވެ. އަނެއްކޮޅުން ރިލްފާ ވެސް އިނީ ބަލިވެއެވެ. ދުވަސްފުރި ވިހެއުމަށްޓަކައި ރިލްފާ ހޮސްޕިޓަލަށް ގެންދިޔައިރު ވަސީމް އާއިލާގެ ބައެއް މެމްބަރުން ރިލްފާ ކައިރީގައި ތިބިއެވެ. ހަމަ އެދުވަހު ރިލްފާއާއި ވަސީމް އަށް ދެވަނަ ދަރިއަކު ލިބުނެވެ. އެދަރިފުޅަށް ކީ ނަމަކީ ރާގީ އެވެ. ރިލްފާ ވިހެއުމަށްފަހު 3ދުވަހު މަދުވެގެން ހޮސްޕިޓަލުގައި އަރާމު ކުރަންޖެހޭނެ ކަމަށް ބުނިއެވެ. އެހެންކަމުން ރިލްފާގެ ކައިރީގައި އަބަދުވެސް ވަސީމްގެ އާއިލާގެ ކޮންމެވެސް މީހަކު އިދެއެވެ. ވަސީމް ވެސް ދޭތެރެއަކުން ދައްކާލައެވެ. ވަސީމް ބުނާގޮތުގައި އޭނާ އުޅެނީ ކުންފުނީގެ މަސައްކަތުގައި ވަރަށް ބުރަކޮށެވެ.

ހޮސްޕިޓަލަށް ގެންދިޔަ ވަގުތުން ފެށިގެން ރިލްފާ އަށް އެންމެ އެހީތެރިވި އެކަކީ ވަސީމްއަށް ބޮޑުބޭބެ ކިޔާ ނަރުހަކަށް އުޅޭ ޝިރުޒިމަތު އެވެ. ޝިރުޒިމަތު އުޅެނީ މާބަނޑުއަންހެނުންގެ ވޯރޑްގައި ކަމަށް ވުމުން ހޮސްޕިޓަލަށް ވިއްސަން ގެންނަ ހުރިހާ މީހުންނާއި، ވާހަކަދައްކައި ހެދުމުގެ ފުރުސަތު ލިބެއެވެ. އަދި ތުއްތު ކުދިން އުފަންވާ ދުވަހު ފުރާ ފޯރމްތައް ވެސް ވަރަށް ގިނައިން ޝިރުޒިމަތު ފުރަން ޖެހެއެވެ.

އެއީ ރިލްފާ ވިހެއިތާ 3ވަނަ އަށް ވީ ދުވަހުއެވެ. އޭރު ރިލްފާ އަދި ހޮސްޕިޓަލަކުން ނުގެންދެއެވެ. ވިއްސާކޮޓަރިން ނެރެގެން މީހަކު ގޮވައިގެން މީހުންތައް އައިއިރު ޝިރުޒިމަތު އަށް ބޮޑުބޭބެ ވަސީމް އެތަނުގައި ހުއްޓައި ފެނިއްޖެއެވެ. އަދި ކީއްކުރަނީ ތޯ ސުވާލު ކުރިއެވެ. ޖަވާބުގައި ވަސީމް ބުނީ ރިލްފާ ދައްތަ ކައިރިއަށް އައީ ކަމުގައެވެ. ވަސީމް ދިޔައީ ރިލްފާ ކައިރިއަށެވެ. ޝިޔާމާ ގެންދިޔައީ އެދުމަތި ކުރުމަށްޓަކައެވެ. ޝިޔާމާ ގާތުގައި އޭނާގެ ތިމާގެ އަންހެންކުއްޖަކު ވެސް އިނެވެ. ޝިޔާމާ އެދުމަތިކޮށް ނިންމުމަށްފަހު ފޯރމް ފުރުމަށްޓަކައި ޝިރުޒިމަތު އަވަސްވެގަތެވެ. ޝިޔާމާ އަށް ނިދިފައި އޮތުމާއި އެކު ކުއްޖާގެ މައުލޫމާތު ތައް ދިނީ ޝިޔާމާގެ ކައިރީގައި އިން އޭނާގެ ދައްތަ ނައީމާއެވެ. ޝާފީ ކިޔާ އެކުއްޖާގެ އުފަންދުވަހުގެ ފޯރމް ފުރުމަށްޓަކައި ސުވާލުކުރަމުން ގޮސް ބައްޕަގެ ނަމާއި އެޑްރެސް އަހާލިއެވެ. އެވަގުތު ނައީމާ ދިން ޖަވާބުން ޝިރުޒިމަތު ސިހުނެވެ. އެއީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ. ޝިޔާމާ އަށް ލިބުނު ތުއްތު ތުއްތު ދަރިފުޅުގެ ބައްޕައަކީ ޝިރުޒިމަތުގެ ބޮޑުބޭބެ ވަސީމްއެވެ. ފޯރމް ފުރައި ނިންމާފައި ރިލްފާ އޮތް އެދުކައިރިއަށް ދިޔައިރު ރިލްފާ ގެޔަށް ގެންދިއުމުގެ ތައްޔާރީތައް ވަނީ އެވެ. އޭރު ވަސީމްވެސް ޝިރުޒިމަތުގެ މަންމަ ހާޖަރާ ވެސް އެތާގައި އިނެވެ. ވަސީމް އިނީ ރިލްފާ އަށް ލިބުނު ދެވަނަ ދަރިފުޅު ރާގީ އުރާލައިގެންނެވެ.

ވަސީމް ބައެއް އެއްޗެތި ހިފައިގެން ރިލްފާ ގެއަށް ގެންދިއުމަށްޓަކައި ހިގައިގަތެވެ. ވަސީމް ތެދުވުމުން ހާޖަރާ ވެސް ރިލްފާ އާއި އެކު ކުޑަދަރިފުޅު އުރާލައިގެން ހިގައިގަތެވެ. އެމީހުންތިބީ ވަސީމް އަށްވުރެ ތަންކޮޅެއް ފަހަތުގައެވެ. އޭރު ޝިރުޒިމަތު ވެސް އެމީހުނާއި އެކު ހިގަމުން އާދެއެވެ. ކާރާއި ހަމައަށް ވާސިލްވުމުގެ ކުރިން ވަސީމްއަށް އެހެން ދަރިއެއް މިއަދު ހޮސްޕިޓަލުގައި އުފަންވެއްޖެ ކަމުގައި ރިލްފާ ގާތު ޝިރުޒިމަތު ބުންޏެވެ. އަދި އެވާހަކަތައް ރަގަޅަށް ޝިރުޒިމަތު ރިލްފާއާއި އޭނާގެ މަންމަ ހާޖަރާ އަށް ކިޔައިދިނެވެ.

ގެޔަށް ދެވުމާއި އެކު ރިލްފާ ވަސީމްއާއި އެސުވާލު ކުރިއެވެ. ވަސީމްގެ ޖަބާވު ކުރުވެފައި އަވަސްވެސް މެއެވެ. ޖަވާބު ގައި ވަސީމް ބުނީ ޝިރުޒިމަތު އެބުނީ ތެދެއްކަމަށާއި، އޭނާ ބުނި ފަދައިން ވަސީމުގެ ދެވަނަ އަނތްބެއް ހުންނަކަމާއި، އޭނާގެ އަކީ އައްޑުއަށް އުަފަން ޝިޔާމާ ކިޔާ މީހެއްކަމަށާއި، އޭނާ ވެސް އިންނަނީ ރިލްފާ އެކޭ އެއްފަދައިން މާލޭގައި ކޮޓަރިއެއް ކުައްޔަށް ހިފާފައި ކަމުގައި ބުންޏެވެ. އަދި ކަންތައް ހިގައި ދިޔަ ގޮތް ރަގަޅަށް ކިޔައިދިނެވެ. އެވަގުތު ރިލްފާގެ ހެޔަށް ގޮތް ނުވީ ކިރިޔާ އެވެ. ހަމަ އެދުވަހު އެޚަބަރު ވަސީމްގެ އާއިލާގެ މީހުންނަށް ވެސް ރިލްފާ ދިނެވެ.

ވަސީމްގެ އެއަމަލުގެ ސަބަބުން ރިލްފާ ވަސީމްދެކެ ފޫހިވިއެވެ. އަދި ވަކިވާން ވެސް ބޭނުވިއެވެ. ނަމަވެސް ރިލްފާ އަކީ ނުލާހިކު ނިކަމެތި މީހަކަށްވެފައި ދެދަރިންގެ ހައްގުގައި ވަސީމްއާއި އެކު އުޅެން ރިލްފާ ނިންމިއެވެ. ހަގީގަތުގައި ވަސީމް ދެވަނަ ކައިވެންޏެއް ކުރިފަހުން ރިލްފާ އުޅެނީ އެހާ ފޯރާ ދިރިއުޅުމެއްނޫނެވެ. ސަބަބަކީ ވަސީމް ހޯދާލާރިން ޚަރަދުކުރަނީ ހަމައެކަނި ރިލްފާއާއި އޭނާގެ ދެދަރިން ކަމުގައި ނުވުމެވެ. އެހެން ކަމުން ވިހައި ގަދަވުމާއި އެކު ރިލްފާ މީހުންނަށް އަގަށް ފަހައިދޭން ފެށިއެވެ. އެކަމުން ރިލްފާ އަށް ފުދޭވަރެއްގެ އެއްޗެއް ލިބެއެވެ.

ދެއަނބިން ގޮވައިގެން ދެމީހުން ދެގޭގައި ގެންގުޅެމުން ދަނިކޮށް ވަސީމް އަނެއްކާ ވެސް މަޅިއެއްގައި ބެދިއްޖެއެވެ. މިފަހަރު މުޅިން އެހެން ކަމެކެވެ. މާލޭގައި ވަގުނޫޓު ޖަހައިގެން އެމައްސަލަ ފަޅައަރައިގެން މީހުންތައް ބަންދު ކުރި އިރު ވަސީމްވެސް ބަންދުކޮށް ފިއެވެ. މައްސަލަ ނިންމާ ހުކުމް ކުރި އިރު ވަސީމް އަށް ޖާގަ ލިބުނީ މާފުށީ ޖަލުގެ ކުޑަގޮޅިންނެވެ. އެއީ އެމައްސަލައިގައި ހައްޔަރު ކުރި އެހެން މީހުންނާއި ވެސް އެކުގައެވެ. ވަސީމް ބަންދު ކުރިއިރު ޝިޔާމާ އިނީ ވަސީމުގެ ދެވަނަ ދަރިފުޅަށް ބަލިވެއެވެ. އަދި ވަސީމް ޖަލުގައި ވަނިކޮށް ޝިޔާމާ ވިހައިފިއެވެ. އެފަހަރު ލިބުނު ދަރިފުޅަށް ކީ ސާމީއެވެ.

4އަހަރު ދުވަހު ޖަލުގައި ހޭދަކުރިފަހުން ވަސީމް ސަލާމަތްވީ ރައީސް ދެއްވާ އަފްއާމްގައި ލައްވާލައިގެން 2002 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު މިއަދު ވެސް ވަސީމް އުޅެނީ ހަމަ ކުރީގެ ދިރިއުޅުމެވެ. ތިމާގެ އަތުގައި ދެއަބިންނާއި ދަރިން ބަލަހައްޓާނޭހާ ފައިސާ ނެތްހިނދު ވެސް އެގޮތަށް އުޅެން ވަސީމް ބޭނުންވެއެވެ. ނާހިދާ އާއި ، އަމީރާގެ ގާތުގައި ތިބި ވަސީމްގެ ކުދިންނަށް އޭނާގެ ކިބައިން ލިބޭ އެހީއެއް ނެތެވެ. ފަހަރުގައި ވަސީމްގެ އާއިލާގެ މީހަކު އެއިން ކުއްޖަކަށް ދޭ ހަދިޔާއެއް މެނުވީ އެކުދިންނަކަށް ވަސީމްގެ ކިބައަކުން ނުލިބެއެވެ. މިއަދު މުޖުތަމައުގައި ވަސީމްއާއި ގުޅުވައިގެން އެހެން ވާހަކައެއް ދެކެވެއެވެ. އެއީ ކުރިން ޓީވީ ލަވަތަކުން ފެނުނު އަރީޝާއާއި ވަސީމް ކައިވެނި ކުރަން އުޅޭ ވާހަކައެވެ. މާދަމާ ކޮންމެ ވެސް ކަމެއްގައި ހައްޔަރުވެ ދުވަސްތަކެއް ޖަލުގައި ހޭދަކުރަން ޖެހުމަކީ ވެސް ދުރުގައިވާ ކަމެއް ނޫނެވެ. އެއީ އެއްފުޅަށް މަތިން ފުއްމާލި ބަކަރި އަނެއް ފުޅައްމަތިން ވެސް ފުއްމާލާނެތީއެވެ.

މިއަދު އުމުރުން 17އަހަރުގެ މަރިޔަމް ނޫމާ އުޅެނީ ސީއެޗްއެސްސީ ގްރޭޑް12ގައެވެ. ކުރު ފަށް އިސްތަށިކޮޅެއް ލިބިފައިވާ ފަތިހަށިގަނޑެއްގެ ވެރި ނޫމާ ގަބޫލުކުރާ ގޮތުގައި އޭނާގެ ކާމިޔާބީގެ ސިއްރަކީ ލޯބިވާ މަންމައާއި، ބައްޕައެއްގެ ލޯބިދިން ބޭބެއެވެ. ނޫމާއަށްޓަކައި އޭނާގެ ބައްޕައަކީ މިދުނިޔޭގައި ނެތްމީހެކެވެ. ދެންހުރީ އަމްޖަދުއާއި، އަޖުވަދުއެވެ. އަމުޖަދު ކިޔަވަމުން ދަނީ އިސްކަންދަރު ސްކޫލްގެ ގްރޭޑް7ގައެވެ. އަޖުވަދު އުޅެނީ ގްރޭޑް 6ގައެވެ. ބައްޕަ ނެތަސް އެކުދިންދަނީ ކިޔެވުމުގައި ވެސް އެކުދިންގެ ހުނަރު ދައްކަމުންނެވެ. ފަހަރެއްގައި ވެސް އެކުދިންގެ ކާމިޔާބީގެ އަސްލަކީ ވަސީމްއޭ ބުނެވޭކަން ނެތެވެ. އެކަމަކު އެއީ އެކުދިންގެ މައިންނަށް ލިބިފައިވީ ތަނަވަސްކަމާއި، އެކުދިން ތަރުބިއްޔަތު ކުރުމަށް ކުރި މިންނެއް މަސައްކަތުގެ ނަތީޖާއެވެ.

ސުވާލަކީ ވަސީމްފަދަ މީހުންނަށް މިމުޖުތަމައުން ޖާގަ ދޭންވީހެއްޔެވެ؟ ވަސީމްގެ ސަބަބުން ބައްޕަގެ ލޯބިން މަހުރޫމްވީ ހަމަ އެކަނި ނާހިދާގެ ދަރިފުޅު ނޫމާ އެއް ނޫނެވެ. އަދި އަމީރާގެ ދަރިން ކަމުގައިވާ އަމުޖަދު އާއި އަޖުވަދެއް ވެސް ނޫނެވެ. މާދަމާ ވަސީމް އެހެން މީހަކާއި އިދެފިނަމަ ރިލްފާގެ ދަރިންނާއި އަދި ޝިޔާމާގެ ދަރިންނަށް ވެސް ނިކަމެތިކަން ލިބުނީ އެވެ. ބައްޕަގެ ލޯބިން އެކުދިން މަހުރޫމް ވީއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.