ބުރާސްފަތި20200806

އާކުރެވުނީ: 08:43:52

ﷲއަށް އީމާންވުމަކީ ކޮބައި؟

allah-ah-eemanvunއީމާންކަމުގެ ފުރުތަމަ ރުކުނަކީ މާތްﷲއަށް އީމާންވުމެވެ. ﷲއަށް އީމާންވުމުގައި، އަޅުގަނޑުމެން އީމާންވާންޖެހޭ ހަތަރު ކަމެއްވެއެވެ.

އެކެއް: ﷲ ވޮޑިގެންވާކަމަށް އީމާންވުން

މާތްﷲ ސުބުޙާނަހޫ ވަތަޢާލާ، ވޮޑިގެންވާކަން ދަލީލުކޮށްދެނީ، އިންސާނާގެ ފިޠުރަތުން، ބުއްދިން، ޝަރީޢަތުން، އަދި ޙިއްސުންނެވެ.

ހ. ކޮންމެ މަޚްލޫޤަކުވެސް އުފެދެނީ، އިތުރު ވިސްނުމަކާއި އެގުމެއް ނެތިވެސް،

ހެއްދެވިފަރާތެއްވާކަން ޤަބޫލުކޮށް އީމާންވުމުގެ ފިޠުރަތުގެ މަތީގައެވެ. ކޮންމެ އިންސާނަކުވެސް އުފަންވަނީ އިސްލާމްދީނުގެ ސާފު ފިޠުރަތުގެ މަތީގައެވެ.

ފަހުން އޭނާ އެހެން ދީނަކަށް ވަދެ ނުވަތަ އެއްކައުވަންތަކަން ޤަބޫލު ނުކުރަނީ، ބޭރު އެހެން އަސަރުތަކެއް އޭނާއަށް ކުރީމައެވެ. އެގޮތުން

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ: "ފިޠުރަތުގެ މަތީގައިނޫނީ އެއްވެސް ކުއްޖެއް އުފަންނުވެއެވެ. އޭނާ ޔަހޫދީއަކަށް ނުވަތަ ނަޞްރާނީއަކަށް ނުވަތަ މަޖޫސީއަކަށްވެސް ހަދަނީ، އޭނާގެ މައިންބަފައިންނެވެ."

ށ. ﷲ ވޮޑިގެންވާކަމުގެ ބުއްދީގެ ދަލީލަކީ، ދުނިޔޭގައި ވާހައި މަޚްލޫޤާތުތަކަކާއި، ވީހައި މަޚްލޫޤާތުތަކަކާއި އަދި ވާނެހާ މަޚްލޫޤާތުތަކެއް އުފެއްދެވި ފަރާތެއްވުން އެއީ ބުއްދީގެ ހަމަތަކުން ވިސްނާއިރު ލާޒިމުކަމެކެވެ. އެހެނީ އުފެއްދޭ ކޮންމެ އެއްޗެއް އުފައްދާ ފަރާތެއް ހުންނަންޖެހެއެވެ. އެއްވެސް އެއްޗަކީ، އެއެއްޗެއްގެ އަމިއްލަ ނަފުސު އަމިއްލައަށް އުފެއްދޭނެ އެއްޗެއް ނޫނެވެ. އުފެދުމުގެ ކުރީގައިވާނީ ނެތުމެވެ. ނެތުމަކީ އެއްޗެއް އުފެއްދުމުގެ ކުޅަދާނަކަން ލިބިފައިވާ އެއްޗެއް ނޫނެވެ.

މަޚްލޫޤާތުތައް އަމިއްލައަށް ނުއުފެދޭނަމަ އުފެއްދި ފަރާތެއް ހުންނަންޖެހެއެވެ. އަފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެގޮތުން މާތް ﷲ ކީރިތި ޤުރުއާނުގެ ޠޫރު ސޫރަތުގެ 35 ވަނަ އާޔަތުގައި ވަޙީކުރައްވަނީ: أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ

މާނައަކީ : "ނުވަތަ އެމީހުން ހެދިފައިވަނީ، ހެއްދެވިފަރާތަކާއި ނުލައިހެއްޔެވެ. ނުވަތަ އެމީހުންގެ އަމިއްލަ ނަފުސުތައް ހެދިބަޔަކީ އެމީހުން ހެއްޔެވެ."

ވީމާ އިންސާނާ އުފެދުނީ ޚާލިޤަކާއި ނުލައެއް ނޫނެވެ. އަދި އުފެއްދި އަމިއްލައަކަށްވެސް ނޫނެވެ. އެހެންވީމައި އިންސާނުން އުފެއްދެވި ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ކީރިތި ރަސޫލާ، ޠޫރު ސޫރަތް ކިޔަވައި ވިދާޅުވަމުންގޮސް،

أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ * أَمْ خَلَقُوا السَّمَاوَاتِ وَالْأَرْضَ بَل لَا يُوقِنُونَ *أَمْ عِنْدَهُمْ خَزَائِنُ رَبِّكَ أَمْ هُمُ الْمُسَيْطِرُونَ

މިއާޔަތްތައް ވިދާޅުވުމުން، ޖުބައިރު ބިން މުޠްޢިމް މުޝްރިކެއްގެ ގޮތުގައި ހުރެފައި އިސްލާމްވިއެވެ. އަދި ފަހުން ވިދާޅުވިއެވެ. ''މި އާޔަތްތައް އަޑުއިވުމުން އަހަރެންގެ ހިތް އުދުއްސައިގަންނަން އުޅުނު ކަހަލައެވެ.'' މިވާހަކަ އައިސްފައިވަނީ ބުޚާރީގެ ކިތާބުއްތަފްސީރު 1839 ވަނަ ޞަފްޙާގައެވެ.

މީހަކު އައިސް، އަޅުގަނޑުމެންގެ މީހެއްކައިރީގައި، ތިމަންނަގެ ވަރަށް ރީތި ބަގީޗާތަކާއި ފެންއާރުތަކާއި، ދޫންޏާއި އެކިފާޑުފާޑުގެ ޖަނަވާރުތައް ހުރި ގަނޑުވަރެއް، އޮވެއޭ ބުނުމުން އެއީ ކާކު ހެދިތަނެއްހޭ އެހުމުން، އެތަން އެއީ އެއްވެސް މީހަކު ހެދިތަނެއް ނޫންކަމަށް ބުނެފިއްޔާ އެވާހަކަ ޤަބޫލު ކުރެވޭނަތޯއެވެ؟ ނުކުރެވޭނެއެވެ. ބުއްދިއެއް ހުރި މީހެއްވިއްޔާ ބުނާނީ ތިއީ އެއްވެސް ތާކުންތާކު ނުޖެހޭ ޙަޤީޤަތެއްނެތް ބޮޑު ދޮގެއްކަމުގައެވެ.

ހަމައެފަދައިން ދުނިޔެއާއި ދުނިޔޭގައި މިހުރިހައި އެއްޗެއް އުފެދިފައި މިހުރީ، އުފެއްދިފަރާތެއް ނެތިއޭ ބުނުމުން ޤަބޫލެއް ނުކުރެވޭނެއެވެ. ހަމަކަށަވަރުން މި ހުރިހައި އެއްޗެއް އުފެއްދެވި ފަރާތަކީ އެއްކައުވަންތަ މާތް ﷲ އެވެ.

ނ. މާތް ﷲ ވޮޑިގެންވާކަން ޝަރީޢަތުން އެގޭ ހެއްކަކީ، ބާވައިލެއްވެވި ހުރިހާ ފޮތެއްގައި އަދި ހުރިހާ ރަސޫލު ބޭކަލުންނާއި ނަބީބޭކަލުން ވެސް ދެއްވާފައިވާ ރިސާލަތަކީ ﷲ ވޮޑިގެންވާ ކަމެވެ. އާދަމުގެ ފާނުއްސުރެ މުޙައްމަދުގެ ފާނާއި ހަމައަށް ވަޑަގެނެނެވި ހުރިހާ ނަބީ ރަސޫލު ބޭކަލުންގެ ދަޢުވަތަކީ ﷲގެ އެއްކައުވަންތަކަން ޤަބޫލުކޮށް، އެހެން ހުރިހައި އެއްޗަކަށް އަޅުކަން ކުރުން ދޫކޮށްލުމެވެ. ރަސޫލުބޭކަލުން ގެނެސްދެއްވާފައިވާ ޝަރީއަތަކީ، ޚަލްޤުތަކުންގެ ކަންތައް ބަލަހައްޓަވާ އޯގާތެރިވަންތަ އިލާހެއްވާކަމުގެ ހެއްކެކެވެ.

ރ. އަމިއްލަ ޙިއްސުންވެސް މާތް ﷲ ވޮޑިގެންވާކަމުގެ ހެކިތައް ފެންނަން އެބެހުއްޓެވެ. ކަނޑުގައި ޣަރަޤުވަމުންދާ މީހަކު، ބޮޑު މުޞީބާތެއް ދިމާވާ މީހަކު، ތަނަކަށް ތަދުވުމުން، ބިރުގަންނަ ފަދައަކުން ބޯވާރޭ ވެހި ރަށުގައި ފެންބޮޑުވުމުން، ހަތަރު އުދަރެސް ފެނު ޖެހުމުން ދެން އަޅުގަނޑުމެން އެންމެންވެސް އަދި ދުނިޔޭގެ އެންމެންވެސް ގޮވައިލަނީ ކީކޭތޯއެވެ؟ އާދެ. ބުނެވެނީ އާ ﷲ އެވެ. އެމީހަކު ތަބާވާ ދީނެއްގައި އިލާހަށް މުޚާތަބްކުރެވޭ ނަމަކުންނެވެ. މި ވަގުތު އަޅުގަނޑު ދަންނަވަން މިއުޅެނީ ، އިލާހެއް ވާކަމެވެ. އެންމެންވެސް އެކަން ޤަބޫލު ކުރެއެވެ. ނުވަތަ މި ޙަޤީޤަތަށް ބޯލަބަން ޖެހެއެވެ. އެއްކައުވަންތަކަން ޤަބޫލުނުކުރުން ނުވަތަ ﷲ ނޫން އެހެންފަރާތެއް އިލާހެއްކަމުގައި ނެގުން އެއީ ، އެބައެއްގެ ހުރި ޖާހިލު ކަމެވެ.

މީހުންނާއި ބޮޑެތި މުސީބާތްތައް ކުރިމަތިވުމުން، އެހީއަށްއެދި ދުޢާދެންނެވުމުން އެދުނު ކަންތައް ފުދޭތަން އަޅުގަނޑުމެންނަށް ފެނެއެވެ. އެ ކަންތައް އެ ކުރައްވަނީ ކާކުތޯއެވެ. އާދެ އެއީ ﷲއެވެ. ﷲ ވަޙީކުރައްވަނީ:

يَسْأَلُهُ مَنْ فِي السَّمَاوَاتِ وَالْأَرْضِ كُلَّ يَوْمٍ هُوَ فِي شَأْنٍ

މާނައި: "އުޑުތަކާއި ބިމުގައިވާހާ ތަކެއްޗާއި ބަޔަކު، އެކަލާނގެކިބައަށް އެދި ދުޢާކޮށް ދަންނަވައެވެ. ކޮންމެ ކަމެއްގައިމެ އެކަލާނގެ ވޮޑިގެންވަނީ ކަމެއްގައެވެ."

فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ

މާނައި:" ފަހެ އެބައިމީހުން ނާފަހަރަށް އަރައިފިނަމަ، ދަތުރުގެ އުނދަގޫ ލިބިއްޖެނަމަ، މާތް ދީން އެކަލާނގެ ޙަޟްރަތަށް ޙައްޤުވެގެންވާ މާތް ﷲ ގެ ޙަޟްރަތަށް އިޚްލާޞްތެރިކަމާއެކު، އަޅުކަންކުރެތެވެ. ނުވަތަ ދަންނަވަތެވެ. ފަހެ އެބައިމީހުން ހިކިފަސްތަނަށް މިންޖުކުރައްވައިފިނަމަ، އެބައިމީހުން އެކަލާނގެއަށް ޝަރީކުކުރެތެވެ."

أَمْ مَنْ يُجِيبُ الْمُضْطَرَّ إِذَا دَعَاهُ وَيَكْشِفُ السُّوءَ وَيَجْعَلُكُمْ خُلَفَاءَ الْأَرْضِ أَإِلَهٌ مَعَ اللَّهِ قَلِيلًا مَا تَذَكَّرُونَ

މާނައި:"ނުވަތަ ދަތި އުނދަގޫ ހާލުޖެހިފައިވާ މީހާ ދުޢާކުރާހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވާ، އަދި އެ ދަތި އުނދަގޫ ހާލުގެ ނުބައިކަމުން ކަޝްފުކުރައްވައި، އަދި ކަލޭމެންނަކީ ދުނިޔޭގެ ވެރިކަމާއި އިމާމަތު، ވާރުތަވާ މިލްކެއްގެ ގޮތުގައި ލިބެނިވި ބައެއްކަމުގައި ލެއްވި ރަސްކަލާނގެ ރަސްކަންފުޅުހެއްޔެވެ؟ ﷲ އާއި އެކުގައި އަދި އެހެން އިލާހަކުވެސް ވޭހެއްޔެވެ؟ ކަލޭމެން (ކާފަރުން) ކަންކަމުގެ މައްޗަށް ވިސްނާ ފިކުރުކުރަނީ ހާދަކުޑަގޮތެއްގައެވެ."

ދުނިޔެ ހެއްދެވީއްސުރެ މިއަދާއި ޖެހެންދެންވެސް، ތެދުވެރިކަމާއި އެކު ﷲގެ ރަޙުމަތާއި މަދަދަށް އެދި ދުޢާކުރާމީހުންގެ ދުޢާދަނީ އިޖާބަ ވަމުންނެވެ. އަދި އެވަގުތެއްގައި، ހަމައެކަނި ﷲއަށް އެގިލައްވާ ޙިކުމަތަކަށްޓަކައި ދުޢާ އިޖާބު ނުވިޔަސް އެ ދުޢާ ބޭކާރުގޮތުގައި ނުދާނެ ކަމީ މުއުމިނުންގެ ވަރުގަދަ ޢަޤީދާއެކެވެ. އެގޮތުން މާތް ﷲ ވަޙީ ކުރައްވަނީ:وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ

މާނައީ: " އަދި ތިމަންރަސްކަލާނގެ ރަސްކަންފުޅާމެދު ކަލޭގެފާނުގެ އަރިހުން ތިމަންރަސްކަލާނގެ އަޅުން ސުވާލު ދަންނަވައިފިނަމަ، ފަހެ ތިމަންރަސްކަލާނގެއީ ކުއްތަންވެވޮޑިގެންވާ، ގާތުގައި ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަން ރަސްކަލާނގެ ކިބައަށް ދުޢާކޮށްފިނަމަ، ދުޢާކުރިމީޙެއްގެ ދުޢާ ތިމަންރަސްކަލާނގެ އިޖާބަކުރައްވަމެވެ."

ދުނިޔޭގައި ވާ ކޮންމެ އެއްޗަކަށް ބެލިއަސް، މާތް ﷲގެ ކުޅަދުންވަންތަކަމާއި، ހުރިހާކަމެއް ތަދުބީރު ކުރައްވަމުން ގެންދަވާ އިލާހެއްވާކަން ޔަޤީންކޮށްދެއެވެ. އަޅުގަނޑުމެން އުފެއްދެވީ ކާކުތޯއެވެ؟ މަންމައާއި ބައްޕަތޯއެވެ؟ ނޫނެކެވެ. މަންމައާއި ބައްޕައަކީ ﷲ އަޅުގަނޑުމެން ދުނިޔެއަށް އުފަންވުމަށް މެދުވެރި ކުރެއްވި ދެމީހުންނެވެ. މަންމަގެ ބިހާއި ،ބައްޕަގެ ދަރިފަންޏަކީ އެމީހުންނަށް އެގުމަކާއިވެސް ނުލައި އެމީހުންގެ ހަށިގަނޑުގައި ﷲ އުފެއްދެވި އެއްޗެއްސެވެ. ފަނި އަންހެނާގެ ރަޙިމުގެ ތެރެއަށްވަނުމުން ބިހާއި ދިމާއަށް ދާން ފަންޏަށް އިލްހާމު ދެއްވަނީ ކާކުތޯއެވެ. ފަނި ހަމަ އަބުރައި އައި ކޮޅަށް އަޔަސް އެންމެ ރަނގަޅު ނޫންތޯއެވެ. މީހަކު މިހިސާބުން ބުނާނީ، އެހެން ވަނީ ރަޙިމުގައި ހުުންނަ ތަފާތު ކެމިކަލްތަކުގެ ސަބަބުންނެވެ. އެހެންވިއްޔާ އެކެމިކަލްތައް ލައްވައި އޭގައި ވަކި ތާސީރުތަކެއް ލެއްވީ ކާކުރޯއެވެ. މިހެންގޮސް ވާހަކަ ހުހެއް ނުވާނެއެވެ. ވީމައި މިވަގުތަށް ކުރުކޮށްލާނަމެވެ. ﷲ ވަޙީ ކުރައްވަނީ: سَنُرِيهِمْ آيَاتِنَا فِي الْآفَاقِ وَفِي أَنْفُسِهِمْ حَتَّى يَتَبَيَّنَ لَهُمْ أَنَّهُ الْحَقُّ

މާނައަކީ :

ދޭއް: ﷲގެ ރުބޫބިއްޔަތަށް އީމާންވުން

ރުބޫބިއްޔަތަށް އީމާންވުމަކީ، ހަމަކަށަވަރުން ޚަލްޤުތަކުން ހައްދަވައި ބޮޑު ކުރެއްވީ ﷲ ކަމާއި، އެކަލާނގެއަށް އެއްވެސް ބައިވެރިއަކު އަދި އެހީތެރިއަކުވެސް ނުވާކަމަށް ހިތުގެ އަޑިން ޤަބޫލުކޮށް އީމާންވުމެވެ. މާތް ﷲ، އަލްއަޢްރާފް ސޫރަތުގެ 54 ވަނަ އާޔަތުގައި ވަޙީކުރައްވަނީ:أَلَا لَهُ الْخَلْقُ وَالْأَمْرُ

މާނައަކީ: "ފަހެ އުފެއްދެވުމާއި ހުރިހާ އަމުރެއްވަނީ އެކަލާނގެ ކިބަފުޅަށް ނޫންހެއްޔެވެ."

ސޫރަތުލް ފާޠިރުގެ 13 ވަނަ އާޔަތުގައި ވަޙީކުރައްވަނީ:
ذَلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ وَالَّذِينَ تَدْعُونَ مِنْ دُونِهِ مَا يَمْلِكُونَ مِنْ قِطْمِيرٍ

މާނައަކީ: "އަދި އެކަލާނގެ ރަސްކަންފުޅު ފިޔަވައި ތިޔަބައިމީހުން ގޮވައި އަޅުކަންކުރާ ފަރާތްތައް، ކަދުރެއްގެ އޮށުގެ ބޭރުން އޮންނަ ދުލިފަށެއްގެ މިންވަރުވިޔަސް، އެފަރާތްތަކަށް މިލްކުވެގެން ނުވެއެވެ."

ﷲގެ ރުބޫބިއްޔަތު ޤަބޫލުނުކޮށް އިންކާރުކުރާ މީހަކު ކުރާނީ ކިބުރުވެރިކަމާއި ބޮޑާވުމުގެ ބާނުމުގައެވެ. އޭނާ އެ ދަޢުވާކުރާ ވާހަކައެއް، އަމިއްލަ ޟަމީރަށްވެސް ޤަބޫލު ނުކުރެވޭ ޙާލަތުގައި ހުރެއެވެ. އެގޮތުން ފިރުޢައުނު އެއީ ''ރައްބު'' ކަމަށް ދަޢުވާ ކުރިއެވެ.

ނަމްލު ސޫރަތުގެ 14ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ: وَجَحَدُوا بِهَا وَاسْتَيْقَنَتْهَا أَنْفُسُهُمْ ظُلْمًا وَعُلُوًّا

މާނައަކީ: "އެއާޔަތްތައް އެއީ ތެދުކަން އެމީހުންގެ ހިތްތަކަށް ޔަޤީންވެއެގިތިބެ ، އަނިޔާވެރިކަމާއި ބޮޑާވެގަތުމުގެގޮތުން ، އެއާޔަތްތަކަށް އެބައިމީހުން ދެކޮޅުހެދީއެވެ."

މައްކާގެ މުޝރިކުންވެސް ﷲގެ ރުބޫބިއްޔަތަށް އިޤުރާރުވިއެވެ. (ޝަރީކު ކުރުމާއިއެކު) މިކަމަށް އިޝާރާތް ކުރައްވައި އަލްމުއުމިނޫން ސޫރަތުގެ 84 ކުން 87 ވަނަ އާޔަތާއި ހަމައަށް ވަޙީކުރައްވަނީ: قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ* سَيَقُولُونَ لِلَّهِ قُلْ أَفَلَا تَذَكَّرُونَ قُلْ مَنْ رَبُّ السَّمَاوَاتِ السَّبْعِ وَرَبُّ الْعَرْشِ الْعَظِيمِ * سَيَقُولُونَ لِلَّهِ قُلْ أَفَلَا تَتَّقُون

މާނައަކީ: "ކަލޭގަފާނު ވިދާޅުވާށެވެ. ބިމާއި ބިމުގައި ވާހައި އެއްޗެއް، މިލްކުވެގެންވަނީ ކާކަށްހޭ ؟ ތިޔަބައިމީހުންނަށް އެކަން އެގޭނަމައެވެ. (އެބަހީ ތިޔަބައިމީހުންނަށް އެކެން އެގޭނަމަ ބުނެބަލާށެވެ.) * އެބައިމީހުން ދަންނަވާނެތެވެ. މާތް ﷲއަށެވެ. ކަލޭގަފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން ހަނދުމަ ނުކުރަނީހެއްޔެވެ. ކަލޭގަފާނު ވިދާޅުވާށެވެ. ހަތް އުޑުގެވެރިއަކީ އަދި މާތްވެގެންވާ ޢަރުޝީގެ ވެރިއަކީ ކާކުހޭ؟ އެބައިމީހުން ދަންނަވާނެތެވެ. އެހުރިހާކަމެއްމެ ވަނީ މާތް ﷲއަށެވެ. ކަލޭގަފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން ބިރުވެތި ނުވަނީހެއްޔެވެ؟"

ޒުޚުރުފް ސޫރަތުގައިވެސް މިބީދައިން ވަޙީކުރައްވާފައިވެއެވެ.

ﷲގެ ރުބޫބިއްޔަތުގެ ދަށުގައި ކައުނާއި ކައުނުގައިވާ ތަކެތި ޝާމިލުވާހެން، ޝަރީޢަތްވެސް ޝާމިލްވެއެވެ. ކައުނުގައި އެކަލާނގެ އިރާދަކުރައްވާ ގޮތަށް ކަންތައްތައްވާހެން، ޝަރީޢަތުގައިވެސް އެކަލާނގެ އިރާދަ ކުރައްވާ ގޮތަކަށް އަމުރު ކުރައްވައި ނަހީ ކުރައްވައި ހައްދަވެއެވެ. ކައުނުގައި މިވެނި ކަމެއް މިވެނިގޮތަކަށް ހެއްދެވީ ކީއްވެގެންތޯ، އަޅުގަނޑުމެންނަށް ސުވާލު ނުކުރެވޭނެފަދައިން، ޝަރީޢަތުގައި މިވެނި ކަމެއް މިހެން އޮތީ ކީއްވެތޯ ސުވާލުކޮށް ޖަދަލު ނުކުރެވޭނެއެވެ. ވީމައި ނަމާދު ފަރުޟޫ ކުރެއްވުން، އަންހެނާ ޢިއްދައިގައި ހުރުން ، ވާރުތަ މުދާ ބެހުމުގެ ފަރުޟު ކުރައްވާފައިވާ އުސޫލާއި މެދު ހިތްހަމަނުޖެހިގެން ސުވާލު ކުރުން އެއީ އިންސާނުންނަށް ލިބިފައިވާ ޙައްޤެއް ނޫނެވެ. މިފަދަ ސުވާލު ކުރާމީހަކު، އިރު ހުރި ދުރުމިނާއި މެދު ހިތްހަމަނުޖެހިގެން، ހިލަ ވާހަކަ ނުދައްކައިގެން، ނުވަތަ ހަށިގަނޑުގައި ލޭގެ ބަދަލުގައި ފެން ނެތިގެން، ހިތް ހަމަނުޖެހިގެން ވާހަކަ ދައްކާނެކަމަށް ފެނެއެވެ.

ތިނެއް: ﷲގެ އުލޫހިއްޔަތަށް އީމާންވުން

މީގެ މާނައަކީ ﷲއަކީ ހައްޤުގޮތުގައި އަޅުކަންކުރެވޭ ހަމައެކަނި އިލާހު ކަމަށާއި، އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވަތަ ބައިވެރިއަކު ނުވާކަން ހިތުގެ އަޑިން ޝައްކަކާއި ނުލައި ޤަބޫލުކޮށް އީމާންވުމެވެ.

ޢަރަބި ބަހުގައި ''އަލްއިލާހު'' ގެ މާނައަކީ ''އަލްމައުލޫހު'' އެވެ. މައުލޫހުގެ މާނައަކީ އަޅުކަންކުރެވޭ ފަރާތެވެ.

ﷲ ބަޤަރާ ސޫތަތުގެ 163 ވަނަ އާޔަތުގައި ވަޙީކުރައްވަނީ: وَإِلَهُكُمْ إِلَهٌ وَاحِدٌ لَا إِلَهَ إِلَّا هُوَ الرَّحْمَنُ الرَّحِيمُ

މާނައަކީ: "ތިޔަބައިމީހުންގެ ކަލާނގެއީ އެއްކައުވަންތަ ކަލާނގެއެވެ. އެކަލާނގެ ރަސްކަންފުޅު މެނުވީ ޙައްޤުގޮތުގައި އަޅުކަންކުރެވޭ އިލާހަކު ނުވެއެވެ. އެއީ އެންމެހައި ކުދިބޮޑު ނިޢުމަތް ދެއްވާ ރަޙުމަތްވަންތަ ރަސްކަލާނގެއެވެ."

ﷲ ފިޔަވައި އަޅުކަންކުރެވޭ ކޮންމެ އެއްޗަކީ ބާޠިލް އެއްޗެކެވެ. މިގޮތުން މާތް ﷲ ޙައްޖު ސޫރަތުގެ 62 ވަނަ އާޔަތުގައި ވަޙީކުރައްވަނީ: ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِنْ دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ

މާނައަކީ: "އެހެނީ ހަމަކަށަވަރުން އެކަލާނގެއީ އިލާހުކަން ޙައްޤުވެގެންވާ ، މާތް ﷲ އެވެ. އަދި އެކަލާނގެ ފިޔަވައި އެބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ އެއީ ބާޠިލް އެއްޗެތިތަކެކެވެ. ހަމަކަށަވަރުން މާތް ﷲ އީ އެންމެ މަތިވެރި އެންމެ މާތް ކަލާނގެއެވެ."

އިންސާނުން އަމިއްލައަށް، އެއީ އިލާހެއް ކަމުގައިބަލައި އެއްޗެއްސަށް ނަންދިނަސް އެއީ ޙައްޤު އިލާހެއް ނޫނެވެ. އެގޮތުން މައްކާގެ މުޝްރިކުން ''އައްލާތު'' ''އަލްޢުއްޒާ'' ''މަނާތު'' އަދި ހިންދީންގެ ރާމް، ނުވަތަ ކްރިޝްނާ، ބުޑިސްޓުންގެ ބުއްދާ، ނަސާރާއިން ބުނާ ޖީޒަސް އަކީ އެއީ އިލާހެއް ނޫނެވެ. އިލާހުންތަކެއް ނުވެއެވެ. ވަނީ އެންމެ އިލާހެކެވެ. އެއީ މާތް ﷲ އެވެ. ދެންމެ މިދެންނެވި، މީސްމީހުން އަމިއްލައަށް ނަންދޭ ނަންތަކަށް އިޝާރާތް ކުރައްވައި މާތް ﷲ ނަޖްމު ސޫރަތުގެ 23 ވަނަ އާޔަތުގައި ވަޙީކުރައްވަނީ: إِنْ هِيَ إِلَّا أَسْمَاءٌ سَمَّيْتُمُوهَا أَنْتُمْ وَآبَاؤُكُمْ مَا أَنْزَلَ اللَّهُ بِهَا مِنْ سُلْطَانٍ

މާނައަކީ: "އެތަކެއްޗަކީ (ބުދުތަކަކީ) ތިޔަބައި މީހުންނާއި ތިޔަބައި މީހުންގެ ކާބަފައިން ކިޔައިގެން އުޅޭ ހަމައެކަނި ނަންތަކެއް ކަމުގައި މެނުވީ ނުވެއެވެ. އެތަކެއްޗަށް އަޅުކަންކުރުމަށް އެއްވެސް ދަލީލެއް ޙުއްޖެތެއް މާތް ﷲ ބާވައިލައްވާފައެއް ނުވެއެވެ.

އަދި ޔޫސުފް ސޫރަތުގެ 39، 40 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ: يَا صَاحِبَيِ السِّجْنِ أَأَرْبَابٌ مُتَفَرِّقُونَ خَيْرٌ أَمِ اللَّهُ الْوَاحِدُ الْقَهَّار * مَا تَعْبُدُونَ مِنْ دُونِهِ إِلَّا أَسْمَاءً سَمَّيْتُمُوهَا أَنْتُمْ وَآبَاؤُكُمْ مَا أَنْزَلَ اللَّهُ بِهَا مِنْ سُلْطَانٍ إِنِ الْحُكْمُ إِلَّا لِلَّهِ أَمَرَ أَلَّا تَعْبُدُوا إِلَّا إِيَّاهُ ذَلِكَ الدِّينُ الْقَيِّمُ وَلَكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ

މާނައަކީ: "އޭ ޖަލުގެ ދެއެކުވެރިންނެވެ. ވަކިވަކިވެގެންވާ ކަލާނގެތަކެއްހޭ ރަނގަޅީ ނުވަތަ ޤުދުރަތުގެ ބާރުގަދަ އެއްކައުވަންތަ މާތް ﷲ ހެއްޔެވެ؟ * މާތް ﷲ ގެ ރަސްކަންފުޅު ދޫކޮށް ތިޔަބައިމީހުން އަޅުކަންކުރާ އެއްޗެއްސަކީ ހަމަތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކާބަފައިން އެ އެއްޗެއްސަށް ނަން ދީފައިވާ އެއްޗެހިތަކެކެވެ. އެއެއްޗެއްސަށް މާތް ﷲ އެއްވެސް ބާރެއް ދެއްވާފައި ނުވެއެވެ. ފަހެ ހުރިހާ ތަޤުދީރެއްގެ ޙުކުމްވަނީ މާތް ﷲ އަށެވެ. އެ ކަލާނގެއަށް ފިޔަވައި ތިޔަބައިމީހުން އަޅުކަން ނުކުރުމަށް، އެ ކަލާނގެ ވަނީ އަމުރުކުރައްވާފައެވެ. ޙައްޤު ތެދު ދީނަކީ އެއީއެވެ. ނަމަވެސް ގިނަ މީހުން ނުދަންނަނީއެވެ."

އީމާންނުވެ ކާފިރުވާ މީހުންގެ އިލާހެއްކަމުގައި ބަލާ އެއްޗެއްސަކީ އިލާހެއް ނޫންކަން ، ކީރިތި ޤުރުއާނުގައި ބުއްދީގެ ދަލީލުތަކެއްގެ ގޮތުގައި ބަޔާން ކުރައްވައި މިފަދަ އިލާހުންތައް ބާޠިލް ކުރައްވާފައިވެއެވެ.

- މުޝްރިކުން އިލާހެއްކަމުގައި ބަލާ އެއްޗެހީގައި، އިލާހިއްޔަވަންތަ ކަމުގެ އެއްވެސް ސިފައެއް ނުވާކަން، ޤުރުއާނުގައި ހާމަ ކުރައްވާފައިވެއެވެ. ފަހެ އެއީ އުފެއްދުމުގެ ކުޅަދާނަކަމެއް ނެތް، މަޚްލޫޤު (އުފެއްދިފައިވާ ތަކެތި) ތަކެކެވެ. އެއަށް އަޅުކަންކުރާ މީހުންނަށް ފައިދާއެއް ނުގެނެސްދެވޭތާގައި ގެއްލުމަކުން ސަލާމަތެއްވެސް ކޮށެއް ނުދެވެއެވެ. އަޅުކަން ކުރާ މީހުންނަށް ދިރުއްވަން ، މަރު ގެންނަން ކުޅަދާނަވެގެނެއް ނުވެއެވެ. މިކަންތަކަށް އިޝާރާތް ކުރައްވައި ފުރުޤާން ސޫރަތުގެ ތިންވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ: وَاتَّخَذُوا مِنْ دُونِهِ آلِهَةً لَا يَخْلُقُونَ شَيْئًا وَهُمْ يُخْلَقُونَ وَلَا يَمْلِكُونَ لِأَنْفُسِهِمْ ضَرًّا وَلَا نَفْعًا وَلَا يَمْلِكُونَ مَوْتًا وَلَا حَيَاةً وَلَا نُشُورًا

މާނައަކި: "އެކަލާނގެ ރަސްކަންފުޅު ދޫކޮށް އެހެން އިލާހުންތަކެއް އެބައިމީހުން ހިފައި ބަލައިގަތެވެ. އެއްވެސް އެއްޗެއް ނަހަދާ އިލާހުންތަކެކެވެ. އަދި އެ ތަކެއްޗަކީ ހެއްދެވިގެންވާ ތަކެއްޗެވެ. އެތަކެތީގެ އަމިއްލަ ނަފްސުތަކަށް ގެއްލުން ދިނުމެއްވެސް އަދި މަންފާއެއް ކުރުމެއްވެސް، އެތަކެއްޗަކަށް މިލްކުވެގެންނެއް ނުވެއެވެ. އަދި މަރުވުމެއްވެސް އަދި ދިރިތިބުމެއްވެސް، އަލުން ދިރުމަކަށް ފޮނުވުމެއްވެސް އެތަކެއްޗަށް މިލްކުވެގެންނެއް ނުވެއެވެ."

މިއީ މިފަދަ އިލާހުންތަކުގެ ޙާލުކަމުގައި ވާއިރު، އެއަށް އަޅުކަންކޮށް ހަދާ ބަޔަކީ މޮޔައިންގެތެރެއިންވެސް މޮޔަ ހަމަ ނުޖެހޭ ބައެއެކެވެ.

ހަތަރެއް: ﷲގެ ނަންފުޅުތަކާއި ސިފަފުޅުތަކަށް އީމާންވުން

މީގެ މާނައަކީ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ސާބިތުވެފައިވާ، ނަންފުޅުތަކާއި ސިފަފުޅުތައް ﷲ ގެ ޛާތުކޮޅާއި އެއްގޮތްވާނެ ގޮތެއްގެ މަތިން، އެ ސިފަތަކަށް އުނިއިތުރު ކުރުމެއްނެތި، ތަމްސީލު ކުރުމެއްނެތި، އެހެން އެއްޗަކާއި އެއްފަދަ ކުރުމެއްނެތި، ﷲގެ ރަސްކަންފުޅަށް ސާބިތު ކުރުމެވެ.

އަޢްރާފް ސޫރަތުގެ 180 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ: وَلِلَّهِ الْأَسْمَاءُ الْحُسْنَى فَادْعُوهُ بِهَا وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ

މާނައަކީ: "އެންމެ މާތް އެންމެ މަތިވެރި އިސްމުފުޅުތައް ، ނަންފުޅުތައް މާތް ﷲ އަށް ޚާއްޞަވެ މިލްކުވެ ވޮޑިގެންވެއެވެ. ފަހެ އެ އިސްމުފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ކިބައަށް ދަންނަވައި ދުޢާކޮށް އުޅޭށެވެ. އަދި އެކަލާނގެ އިސްމުފުޅުތަކާއިމެދު ދޮގުހަދައި ހަމައިން ނެއްޓި އުޅޭ މީހުން ދޫކޮށްލައްވާށެވެ. އެބައިމީހުން ކުރަމުން ގެންދިޔަ ކަންތަކާއިމެދު އެބައިމީހުންނަށް ޖަޒާ ލިބޭނެއެވެ."

ސިފަފުޅުތަކާއި ނަންފުޅުގެ މައްސަލައިގައި ބައެއް މީހުންވަނީ ރަގަޅު ގޮތުން ކަސިޔާރުވެފައެވެ. މިބައި މީހުން ދެބަޔަކަށް ބެހިދާނެއެވެ.

ފުރަތަމަ ބަޔަކީ:

ﷲ ގެ ސިފަފުޅުތަކާއި ނަންފުޅުތައް، ބޭނުންނުކޮށް ދޫކޮށްލާ މީހުންނެވެ. ހުރިހާ ސިފަފުޅުތަކެއް ނުވަތަ އެއިން އެއްބައެވެ. މިމީހުން ހީކުރާގޮތުގައި ﷲ ގެ ރަސްކަންފުޅަށް ސިފަފުޅުތަކާއި ނަންފުޅުތައް ސާބިތު ކުރުމުން، ﷲ ސުބުޙާނަހޫ ވަތަޢާލާއާއި މަޚްލޫޤަކާއި އެއްފަދަ ކުރެވުނީއެވެ. ނަމަވެސް މި ހީކުރުން މިއީ ރަނގަޅު ހީކުރުމެއް ނޫނެވެ.

އެއީ:

- މިގޮތަށް ޤަބޫލު ކުރާކަމުގައިވާނަމަ، ﷲ ގެ ކަލާމްފުޅުގައި އަރައިރުންވާ ވާހަކަތަކެއް ހުންނަކަމަށް އަޅުގަނޑުމެންނަށް ބުނެވުނީއެވެ. (ސުބުޙާނަﷲ . އެހެނީ ﷲ ސުބުޙާނަހޫ ވަތާޢާލާ ވަނީ، އެކަލާނގެ ކިބަފުޅަށް ސިފަފުޅުތަކާއި ނަންފުޅުތައް ވަނީ ސާބިތު ކުރައްވާފައެވެ. އަނެއްކޮޅުން ވަނީ، އެކަލާނގެ އެއީ އެފަދަ އެހެން އެއްވެސް ފަރާތެއް ނުވާ ރަސްކަލާނގެކަން އަންގަވާފައެވެ. ވީމައި ސިފަފުޅުތަކާއި ނަންފުޅުތައް ބޭނުން ތައުވީލު ނުކޮށް ބޭނުން ކުރުމުން ތަޝްބީހު (އެއްގޮތް) ކުރެވޭނަމަ ފަހުން މިދެންނެވި (ﷲ އާއި އެއްފަދަ އެއްވެސް ފަރާތެއް ނުވާކަމަށް) އޮންނަ އޮތުމާއި މުޑިއަރައެވެ. މިއީ ﷲ ގެ ކަލާމްފުޅުގައި މުސްތަޙީލް ކަމެކެވެ. ވީމައި ސިފަފުޅުތަކާއި ނަންފުޅުތައް، ތައުވީލު ކުރުމެއްނެތި ﷲގެ ކިބަފުޅަށް ސަބިތުވެއެވެ.

- ދެ އެއްޗެއް، ސިފައެއްގައި ނުވަތަ ނަމެއްގައި ލަފްޒީ ގޮތުން ބައިވެރިވުމުން، އެ ދެއެއްޗަކީ އެއްގޮތް ދެ އެތިކަމުގައި ވާކަށް ނުޖެހެއެވެ. މިސާލަކަށް ލޮލު ފެންނަ، އަޑުއިވޭ ވާހަކަ ދެއްކޭ ދެ މީހަކު ފެނުމުން އެއީ އެކެކޭ ނުބުނެވޭނެއެވެ. މިފެންނަ ޖަނަވާރުތަކުގައި އަތާއި ފައި، އަދި ލޯ ހުރުމުން އިންސާނުންނާއި ޖަނަވާރާއި އެއްގޮތް ކަމުގައި ނުބުނެވޭނެއެވެ. އަނެއް ކޮޅުން އެއް މަޚްލޫޤަކު އަޑުއަހާ ގޮތާއި ފެންނަގޮތް އަނެއް މަޚްލޫޤަކާއި ތަފާތެވެ.

މަޚްލޫޤްތަކުގެ މެދުގައި ނަމާއި ސިފަ އެއްގޮތްވިޔަސް، މިހާ ތާފާތު ބޮޑުވާއިރު، މަޚްލޫޤާއި ޚާލިޤު ދެމެދުގައި މުޅިން ތަފާތެވެ.

ދެވަނަ ބަޔަކީ:

ދެވަނަ ބަޔަކީ ﷲ ގެ ސިފަފުޅުތަކާއި ނަންފުޅުތައް އެކަލާނގެ ޚަލްޤުތަކުންނާއި އެއްގޮތް ކުރާ މީހުންނެވެ. މިހެން މިހަދަނީ ޤުރުއާނުގެ ނައްޞުން، ސިފަފުޅުތައް ދޭހަ ވަނީ މިގޮތް ކަމަށް ބުނެފައެވެ. އަދި ﷲ އިންސާނުންނާއި މުޚާޠަބު ކުރައްވާނީ އިންސާނުންގެ ބުއްދިއަށް ވިސްނޭ ޢިބާރާތްތަކުން ކަމަށްވެސް މިބައިމީހުން ބުނެހަދައެވެ. ނަމަވެސް މިއީވެސް ރަނގަޅު ގޮތެއް ނޫނެވެ.

އެއީ :

- ﷲ ސުބުޙާނަހޫ ވަތާޢާލާ، އެކަލާނގެ ޚަލްޤަކާއި އެއްގޮތްކުރުން ނުވަތަ ވައްތަރު ކުރުން އެއީ ބުއްދިއާއި ޝަރީޢަތުން ބާޠިލު ވާ ކަމެކެވެ. އަދި ޤުރުއާނުގެ ނައްޞުތައް އެއީ ބާޠިލް ކަމަކަށް ދަލީލު ނުވަތަ ދޭހަކޮށްދޭ ކަމަކަށްވެސް ނުވާނެއެވެ. ވީމައި އެމީހުން އެބުނާ ނައްޞުތަކުގެ މާނަ އެ ގޮތަށް ދޭހަކޮށް ނުދެއެވެ.

- ﷲ އިންސާނުންނާއި މުޚާޠަބް ކުރައްވާފައިވަނީ، އޭގެ މާނަ އިންސާނުންނަށް އެގޭނެ ފަދައަކުންނެވެ. އެކަމަކު ސިފަފުޅުތަކުގެ ޙަޤީޤަތާއި އޭގެ އަޑި އެގުން، އެކަލާނގެ ވަނީ ޛާތުފުޅަށް ޚާއްޞާ ކުރައްވާފައެވެ.

ވީމާ ﷲ އެކަލާނގެ ސިފަފުޅެއް ކަމުގައި އައްސަމީޢު (އައްސަވައިވޮޑިގަތުން)، އެންގެވުމުން އަޅުގަނޑުމެންނަށް އެގެނީ އަޑު އެހުމަކީ އަޑުތައް އިވުންކަމެވެ. ނަމަވެސް ﷲ އައްސަވައި ވޮޑިގަންނަވަނީ ކިހިނެއްކަން އަޅުގަނޑުމެންނަކަށް ނުއެގެއެވެ.

ހަމައެހެން ޢަރުޝިކޮޅަށް އިސްތިވާވޮޑިގަތުން، މީގައިވެސް އިސްތިވާގެ މާނަ ދުނިޔެއަށް ނިސްބަތްކުރާއިރު އޭގެ މާނަ އެގެއެވެ. ނަމަވެސް ﷲ ގެ ޛާތުފުޅުގައި އިސްތިވާވޮޑިގަންނަވަނީ ކިހިނެއްކަން އިންސާނުންނަކަށް ނޭގޭނެއެވެ. ސަބަބަކީ ﷲ އަކީ ވެރި ރަސްކަލާނގެއެވެ. އިންސާނުންނަކީ އެ ކަލާނގެ އަޅުންނެވެ. އެކަލާނގެ އެންގެވި މިންވަރެއް މެނުވީ އެގުމެއް ނެތެވެ. މިކަމާއި ބެހޭ ގޮތުން އަލްއިމާމް އަޙްމަދު އިބްނު ޙަންބަލް ވިދާޅުވެފައި ވަނީ، އިސްތިވާއަކީ ކޮން އެއްޗެއްކަން އެގެއެވެ. އެކަމަކު ކިހިނެއްކަން ނޭގެއެވެ. އެއަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެއާއިމެދު ސުވާލު ކުރުމަކީ ބިދުޢައެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.