އަންގާރަ20181113

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ ބަހާއީން : އިސްލާމްދީނުން ބޭރުވެފައިވާ ބައެއް.

ބަހާއީން : އިސްލާމްދީނުން ބޭރުވެފައިވާ ބައެއް.

bahaaeenބަހާއިއްޔާ ނުވަތަ ބާބިއްޔާ ޙަރަކާތް އުފެދިގެން އައިސްފައިވަނީ، ފާރިސްކަރައިގައެވެ. މިއީ، އިސްލާމީ އުއްމަތުން ، އަދިކިއެއްތަ ސަމާވީ ހުރިހާ ދީންތަކަކުން ބޭރުވެފައިވާ ބަޔަކު އުފައްދާފައިވާ ބޮޑު ބިދްޢައެކެވެ. މިފާފަކުރުމުގައި އެންމެ އިސްކޮށްހުރި މީހަކީ، މިރްޒާ ޢަލީ މުޙައްމަދު އައްޝިރާޒީއޭ ކިޔުނު މީހެކެވެ.

މިކަންތައްގަނޑު ފެއްޓުމުގެ ގޮތުން، އެންމެފުރަތަމަ އޭނާ އޭނާގެ އަމިއްލަ ނަފްސަށް، ބާބްގެ ލަޤަބުދިނެވެ. މިލަޤަބުން ހާމަކޮށްދޭ މާނައަކީ، އިލާހީ ޙަޤީޤަތާއި ހަމައަށް ވާޞިލުކޮށްދޭ ވާސިތާ ނުވަތަ މެދުވެރިޔާއެވެ.

އަލަށް އުފެއްދުނު މިބިދްޢައަށް ބާބިއްޔާގެ ނަންދެވިފައިވަނީ މިލަޤަބާއި ގުޅުވައިގެންނެވެ. މިރްޒާއަށްފަހު، ޙުސައިން ނޫރީ ކިޔާމީހަކު އުޅުނެވެ. އޭނާ އޭނާގެ ލަޤަބަކަށް ދިން ނަމަކީ ބަހާއުﷲ އެވެ. މިމަޛްހަބުގެ މީހުންނަށް ބަހާއިއްޔާއިންނޭ ކިޔުނީ އެހާ ހިސާބުންނެވެ.

މިމަޛުހަބުގައި އޭގެ ފަހުން ޒަޢީމަކަށް އުޅުނު އެންމެ މަޝްހޫރު ދެމީހަކީ، ޢައްބާސް އަފަންދީ ޢަބްދުލްބަހާއު ކިޔާ މީހަކާއި، ޝައުޤީ އަފަންދީ އައްރައްބާނީ ކިޔާ މީހެކެވެ. ފުރަތަމަ މީހާ މަރުވެފައިވަނީ، 1923ގައެވެ. ދެވަނަ މީހާ މަރުވެފައިވަނީ 1957 ގައެވެ.

މިބިދްޢަ އެންމެ ފުރަތަމަ އުފެއްދި މީހާގެ ނިމުމަކަށްވީ، އީރާނު ސަރުކާރުން އޭނާ ޤަތުލުކުރުމެވެ. އެއީ، އޭރު އީރާނުގައި އުޅުއްވި ޢިލްމުވެރިންނާއި ފިޤްހުވެރިން، އޭނާ އިސްލާމުދީނުން މުރުތައްދުވެއްޖެކަމަށް ފަތުވާދެއްވުމާއި ގުޅިގެންނެވެ.

އީރާނުން، މިރްޒާއަށްފަހު، އޭނާގެ ޚަލީފާ، ޙުސައިން ޢަލީ ނޫރީ، ތުރުކީ އަށް ފޮނުވާލިއެވެ. އެއަށްފަހު، އޭނާ ދިޔައީ ފަލަސްޠީނަށެވެ. އެތަނުގައި 1893ގައި އޭނާ މަރުވުމުން، ވަޅުލެވިފައިވަނީ ޙައިފާގައެވެ.

ބާބިއްޔާ ނުވަތަ ބަހާއިއްޔާއަކީ، ބައިވަރު ފަލްސަފާތަކާއި ދީންތަކެއް އެއްކޮށްގެން ހަދާފައިވާ ބިދްޢައެކެވެ. އޭގައި، އިސްލާމީ އުއްމަތް އެއްބައިކުރުވާ، އިޞްލާޙުކުރުމަށް ބޭނުންވާ އެއްވެސްކަމެއް ހިމެނިފައެއް ނުވެއެވެ. އެކަމަކު، މިމަޛުހަބަކީ، ޒަޔޮނިސްޓުންނާއި، އިސްތިޢްމާރުގެ ޚިދްމަތުގައި އުފެއްދިފައިވާ މަޛްހަބެއްކަން، ވިސްނާ ފިކްރުކޮށްލައިފި ކޮންމެ މީހަކަށްވެސް ވިސްނޭނެއެވެ.

ބަހާއީންގެ މަބާދިއުތަކަކީ ނުވަތަ އެމީހުންގެ އުޞޫލުތަކަކީ، އިސްލާމްދީނާއި ފުށު އަރާކަންކަމެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއްކަންކަން ތިރީގައި އެވަނީއެވެ.

1- ވެރިވެގަތުން : ބަހާއީން ބުނާ ގޮތުގައި މާތް ރަސްކަލާނގެ ، ޝީޢީންގެ 12 އިމާމުންގެ ހަށިތަކަށް ވެރިވެ ވޮޑިގެންނެވުމަށްފަހު، އަޙްމަދު އަލްއަޙްސާއީއޭ ކިޔުނު މީހެއްގެ ސިފައިގައި ، ނުވަތަ އޭނާގެ ހަށިގަނޑަށް ވެރިވެވޮޑިގަތެވެ. އެއަށްފަހު، އަލްބާބް ކިޔުނު މީހެއްގެގަޔަށެވެ. އަދި އޭނާއަށްފަހު، މިބިދްޢައަށް ތަބާވާ މީހުންގެ ވެރިންގެ ގަޔަށެވެ. ބަހާއުﷲ ދަޢުވާކޮށްފައިވާ ގޮތުގައި، އޭނާ އަކީ އަލްބާބްއެވެ. އެއަށްފަހު އޭނާ އަކީ އަލްހުދާ ކަމަށް ދަޢުވާކުރިއެވެ. އެއަށްފަހު ޚާއްޞަ ނަބީކަމަށެވެ. ދެން ނަބީކަމަށެވެ. އަދި އެންމެފަހުން އޭނާއަކީ އިލާހު ކަމަށް ބުނެފައިވެއެވެ.

މިހުރިހާ ކަމަކީ، ކީރިތި ޤުރުއާނުން ސާފުސީދާކޮށް އެނގެން އޮތް ގޮތާއި ޚިލާފު ކަންކަމެވެ. ފަހެ ﷲ ސުބްޙާނަހޫ ވަތަޢާލާއަކީ ވަކި ތަނެއްގައި، ވޮޑިގެންވާކަމަށް ސިފަކުރެވޭނެ ފަރާތެއްނޫނެވެ. އެހެންކަމުން، އެއްވެސް މީހެއްގެ ގަޔަށް ވެރިވެވޮޑިގަތުމުން އެކަލާނގެ ހުސްޠާހިރުވެ ވޮޑިގެންވެއެވެ. ނަބީ ކަމަށް ދަޢްވާކުރުމަކީ، ޤުރުއާން ދޮގު ކުރުމެވެ. ނުވަތަ ޤުރުއާނުގައިވާ އާޔަތްތަކަށް އިންކާރުކުރުމެވެ. މާތްﷲ އަޙްޒާބް ސޫރަތުގެ 40 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. '' ތިޔަބައިމީހުންގެ ބޮޑެތިފިރިހެނުންކުރެ އެކެއްގެވެސް ބަފާކަލަކުކަމުގައި މުޙައްމަދުގެ ފާނު ނުވެއެވެ. އެހެނެއްކަމަކު އެއީ މާތްﷲގެ ރަސޫލާއެވެ. އަދި ނަބީކަން ނިންމެވި ކަލޭގެފާނެވެ. (ނޯޓު: ނަބީކަމުގެ ނިމުމުގެ ސިއްކައެއްކަމުގައިވާ ކަލޭފާނެވެ.) އަދި ކޮންމެކަމެއްމެ ދެނެވޮޑިގެންވާ ކަލަކުކަމުގައި މާތްﷲ ވޮޑިގެންވެއެވެ.''

2- އިސްލާމުދީނުގައި، ޤިޔާމަތްދުވަހާއިމެދު ބަޔާންވެގެންވާ ގޮތާއި ބަހާއީން އިދިކޮޅުހަދައެވެ. އެމީހުން ބުނާގޮތުން، ޤިޔާމަތުގެ މާނައަކި، އިލާހުގެ ސިފަ ފާޅުވުމެވެ. ސުވަރުގެއަކީ އެމީހުންގެ ގާތުގައި، ރޫޙާނީ ޙަޔާތެވެ. ނަރަކައަކީ، ރޫޙާނީ މަރެވެ.

3 - ބަހާއީންގެ ބައެއް މީހުން އެމީހުންގެ މައްޗަށް ވަޙީ ބާވާލެއްވިކަމަށް ދަޢުވާކޮށްފައިވެއެވެ. އަދި އޭގެތެރެއިން ބައެއްމީހުންނަކީ، ސަލާމާތް ޞަލަވާތްލެއްވި ކީރިތި ރަސޫލާއަށްވުރެ، ހެޔޮކަން ބޮޑު، މާތްބައެއްކަމަށް ބުނެފައިވެއެވެ. ޤުރުއާނާއި ތަޢާރުޟުވާ ފޮތްތަކެއް ހެދުމަށްފަހު، އޭގައި ހިމެނޭ މުޢުޖިޒާތްތައް ޤުރުއާނުގައި ހިމެނޭ މުޢުޖިޒާތަށްވުރެ ބޮޑުކަމަށްވެސް ބުނެފައިވެއެވެ. މިއީ ހައްތަހާވެސް މީސްތަކުންނަށް އޮޅުވާލުމަށް އެމީހުންކޮށްފައިވާ ކަންތައްތަކެވެ.

4- އެމީހުންގެ މިމަޛްހަބްއަކީ، ހުރިހާ ދީންތަކެއް ފުހެލާ މަޛްހަބެއްކަމަށް ބަހާއިން ބުނެއެވެ.

5 - ޤުރުއާނުގެ އާޔަތްތަކުގެ މާނަ، ހިތުހުރިހާގޮތަކަށް، އެމީހުންގެ މަޛްހަބާއި އެއްގޮތްވާގޮތަށް ބަދަލުކޮށްފައިވެއެވެ. އެގޮތުން، އިސްލާމުދީނުގެ ހުރިހާ ޢިލްމުވެރިންވެސް އެކަންކަމާއިމެދު އެއްބަސްވެވެވަޑައިގެން ، އިއްތިފާޤުވެވަޑައިގަންނަވާ ބައެއްކަންކަން ބަދަލުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއްކަން ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.

ހ - ނަމާދުގެ ރަކްޢަތްތަކުގެ ޢަދަދަކީ 9 އެއްކަމުގައި ހަމަޖައްސައި، ޤިބްލައަކީ، ބަހާއުﷲ ހުންނަ ދިމާކަމުގައި ހެދުން. މިގޮތުން ، މަސްޖިދުލް ޙަރާމުގެ ބަދަލުގައި އެމީހުން ކުރިމަތިލަނީ ޙައިފާއަށެވެ. މާތް ﷲ ބަޤަރާ ސޫރަތުގެ 144ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުން، މުސްލިމުންގެ ޤިބްލައަކީ މަސްޖިދުލް ޙަރާމްކަންވަނީ އަންގަވާފައެވެ.

ޤިބްލައަކީ، އިސްލާމުދީނުގައި ކަނޑައެޅިގެން ޟަރޫރީގޮތުން އެނގިފާޅުވެފައިވާ ކަމަކަށް ވީހިނދު ، މިކަން އެހެންގޮތަކަށް ބަދަލުކޮށްފި މީހަކީ ، އިސްލާމުދީނާއި އިދިކޮޅު މީހެއްކަން ޔަޤީނެވެ. ހަމައެފަދައިން، ނަމާދުގެ ރަކްޢަތްތަކުގެ ޢަދަދާއި، ނަމާދުގެ ޢަދަދާއި، އޭގެ ވަގުތުތަކަކީ، ހުރިހާ ޢިލްމުވެރިންވެސް އެކަންތައްތަކާއިމެދު އެއްބަސްވެވަޑައިގަންނަވާފައިވާ ކަންކަމެވެ. އެހެން ކަމުން އެއީވެސް، ދީނުގައި ކަނޑައެޅިގެން އެނގެން އޮތްކަންތައްތަކުގެ ޙުކުމް ލިބިފައިވާ ކަންކަމެވެ.

ށ- މައްކާއަށް ޙައްޖުވުން ބާޠިލްކޮށްފައި، ބަހާއުﷲގެ ގަބުރު އޮންނަތަންކަމުގައިވާ، ޙައިފާއަށް ޙައްޖަންދިއުން. މިއީ ޙައްޖުގެ ފަރްޟާއި ބެހޭގޮތުން، ޤުރުއާނުގައި އައިސްފައިވާ ޙުކުމްއާއި ޚިލާފުކަމެކެވެ.

ނ- 19 އަކީ މާ މާތް، މުޤައްދަސް ޢަދަދެއްކަމުގައި ހަދައި ، ދީނުގެ ބައެއްކަންކަން އެޢަދަދާއި ގުޅުވުން. މިސާލަކަށް އެމީހުން ބުނާ ގޮތުގައި، ރޯދަ ހިފަންޖެހެނީ 19 ދުވަސްވަންދެނެވެ. އަދި އަހަރެއްގައި ހިމެނެނީ 19 މަހެވެ. އަދި ކޮންމެމަހެއްގައި ހިމެނެނީ 19 ދުވަހެވެ. މިއީ ޤުރުއާނުގައި އައިސްފައިވާ ގޮތާއި ޚިލާފުކަމެކެވެ. މާތް ﷲ ތައުބާ ސޫރަތުގެ 36ވަނަ އާޔަތުގައި ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. '' ދަންނައެވެ. ހަމަކަށަވަރުން، އެންމެ ފުރަތަމައަށްﷲ އުޑުތަކާއިބިން ހެއްދެވި ދުވަހުން ފެށިގެން، ދުނިޔެމަތީގެ އަހަރެއްގައިވަނީ ﷲ ގެ ޙަޟްރަތުގައި 12 މަސްދުވަހެވެ.''

އަދިވެސް ވަޙީކުރައްވާފައިވެއެވެ. '' ހަނދާއިމެދު ކަލޭގެފާނުންގެ އަރިހުން އެބައިމީހުން ސުއާލުދަންނަވައެވެ.ކަލޭގެފާނު ވިދާޅުވާށެވެ. އެއީ މީސްތަކުންނަށާއި ޙައްޖުމޫސުމުގެ ދުވަސްތައް ފާހަގަކުރުމަށް ލައްވަވާފައިވާ އެއްޗެކެވެ. އެބަހީ ޙައްޖުމޫސުމާއި އެހެނިހެން އަޅުކަމުގެ މޫސުން ފާހަގަކޮށް މީސްތަކުންގެ ދިރިއުޅުމާއި ބެހޭގޮތުން މައްސަރުތަކާއި އަހަރަތައް ދެނެގަތުމަށްޓަކައި ޤުދުރަތުން ލައްވަވާފައިވާ އެއްޗެކެވެ." ''(ބަޤަރާސޫރަތުގެ 189އާޔަތުގެ ބައެއްގެ މާނައިގެ ތަރުޖަމާ) ހަނދުމަހުގެ ދުވަސްތަކުގެ ޢަދަދަކީ، 29 ނުވަތަ 30 ދުވަހެވެ. އެއީ ކީރިތި ރަސޫލާގެ ޙަދީސްއިން އެނގެން އޮތްކަމެކެވެ.

ރ - ބަހާއީން، ޢަދުއްވުންނާއި އިދިކޮޅަށް ޖިހާދުކުރުން އުވާލިއެވެ. ނަމަވެސް، ޖިހާދަކީ، ޤުރުއާނުންނާއި، މާތް ރަސޫލާގެ ސުންނަތުން، ކަނޑައެޅި އެނގެން އޮތްކަމެކެވެ. އެހެން ކަމުން، ޖިހާދުކުރުން އުވާލުމަކީ، އިސްލާމީ އުއްމަތާއި އެއުއްމަތުގައި ހިމެނޭ ދައުލަތްތައް ނައްތާލުމެވެ. ބަހާއީންގެ މިބަހަށް ހެއްލުމަކީ، އިސްތިޢުމާރީ ބާރުތަކަށާއި، އަޅުވެތިކަމުގެ ސިފައިންނަށް އަމާންދިނުމެވެ. ބަހާއީންނަކީ، ޒަޔޮނިސްޓުންނާއި، މުސްތަޢުމިރުންގެ ޚިދްމަތުގައި ތިބި ބައެއްކަން ހާމަވާ އެއްކަމަކީ މިއީއެވެ. މިމީހުންގެ މިބިދްޢަ އުފައްދައި، ދުނިޔެއަށް ފަތުރާފައިވަނީ، ޒަޔޮނިސްޓުންނާއި އިސްތިޢްމާރީ ޤައުމުތަކުގައި ކަމަށްވާއިރު، މިއީ އަޖައިބުވާންވީކަމެއް ނޫނެވެ.

މިބިދްޢައާއި އިދިކޮޅުހެދުން

ބަހާއިއްޔާ މަޛްހަބު ފާޅުވުމާއިއެކު، އީރާނުގެ ރައްޔިތުންނާއި، ޢިލްމުވެރިންނާއި، ސަރުކާރުން، މިބިދްޢައާއި އިދިކޮޅަށް މަސައްކަތްކުރަން ފެއްޓިއެވެ. އެގޮތުން މިކަން ތަޢާރަފްކުރި ބާބްގެ މައްސަލަބަލައި، އޭނާ އަކީ މުރުތައްދެއްގެ ގޮތުގައި ބަލާފައި، 1850 ގެ ޖުލައި މަހުގައި، މަރުގެ ޙުކުމް އޭނާގެ މައްޗަށް ތަންފީޒުކުރެވުނެވެ.

މިމީހުން މިޞްރަށް އައުމުން، މިޞްރުގެ ރައްޔިތުންވެސް، އެކަމާއި އިދިކޮޅު ހެދިއެވެ. އެގޮތުން ޝައިޚުލް އަޒްހަރުގެ މަޤާމުގައި އޭރުހުންނެވި، ސަލީމްއަލް ބުޝްރީ، ބަހާއީންގެ ވެރިޔާ، މިރްޒާ ޢައްބާސްއަކީ ކުފްރުވެފައިވާ މީހެއްކަމަށް ފަތުވާދެއްވިއެވެ.

ބާޠިލް ޢަޤީދާއެއް

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ބަހާއިން ގެ ގާތްގަނޑަކަށް 5 މިލިއަން އަށްވުރެ ގިނަމީހުން މިއަދު ދުނިޔޭގެ އެކި ޤައުމުތަކުގައި އުޅެމުންދެއެވެ. މިމީހުން، މީސްތަކުން މަގުފުރެއްދުމަށް، ޚާއްޞަގޮތެއްގައި މުސްލިމުން އަތުއަޅުވާލުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންދެއެވެ.

މީސްތަކުން އުޅުމަށް މާތްﷲ ރުއްސަވާ ދީނަކީ އިސްލާމްދީންކަން ކަމާއި އެދީންވަނީ ފުރިހަމަ ކުރެއްވިފައިކަން އަޅުގަނޑުމެންނަށް ކީރިތި ޤުރުއާނުން ވަރަށް ޞަރީޙަކޮށް އެނގެން އެބައޮތެވެ. އެހެން ކަމުން މިދީނުގެ ޢަޤީދާގެތެރެއަށް ބައެއް އިތުރުކޮށް ނުވަތަ އުނިކޮށް، ނުވަތަ މުޅިން އާ ގޮތްތަކެއް އީޖާދުކޮށްގެން ، ބަހާއީން ފަދައިން ބަޔަކު މީހުން ބިދްޢައެއް އުފެއްދިޔަސް، ''ބުއްދި ސަލާމަތުންހުރި '' އެއްވެސް މީހަކު އެކަމަށް ތަބާވެގެން ނުވާނެއެވެ. އަޅުގަނޑުމެންނަށް ދެދުނިޔޭގެވެސް ސަލާމަތްކަން އޮތީ އިސްލާމްދީނުގެ ޢަޤީދާގައި ހިފަހައްޓައިގެންތިބެ، ހެޔޮޢަމަލުތައްކުރުމުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.