ހުކުރު20200529

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ ޙަޔާތުގެ އުނދަގޫތަކާއި ކުރިމަތިލާނީ ކިހިނެއް؟

ޙަޔާތުގެ އުނދަގޫތަކާއި ކުރިމަތިލާނީ ކިހިނެއް؟

hayaathuge-udhagooއިންސާނާއަށް އޭނާގެ ޙަޔާތުގެ އެކި މަރުޙަލާތަކުގައި ތަފާތު ދަތި ހުރަސްތަކާއި ކުރިމަތިލާން ޖެހެއެވެ. އެކަހަލަ ކަމަކާއި ކުރިމަތިވާހިނދު ތިމަންނައަކީ ނަސީބުނެތް މީހެކޭ ބުނެ ޙަޔާތުގައި ދިމާވާ އެކިކަހަލަ ހުރަސްތަކާއި ކުރިމަތިލާން ފަސްޖެހެއެވެ. މިފަދަ މީހުން އަބަދުވެސް ބަލަނީ އެމީހުންގެ ވަށައިގެންވާ އެހެންމީހުންގެ ޙާލަތަށެވެ.

އޭނާ އަހަރެންނަށްވުރެ މުއްސަދީ ކީއްވެހެއްޔެވެ؟ އޭނާ އަހަރެންނަށްވުރެ މޮޅީ ކީއްވެހެއްޔެވެ؟ އެކަމަކު އަހަރެން ބަރާބަރަށް ނަމާދުކޮށް ރޯދަ ހިފާ ހުރިހާ އަޅުކަމެއް ކުރަމެވެ. އެތަނަވަސްކަން ލިބިފައިވާ މީހާ އަކީ ދުވަހަކުވެސް ނަމާދެއްކުރި، ރޯދައެއް ހިފި، މީހެއްނޫނެވެ.

އެހެން ވީއިރު އަހަރެންނަށް އެފަދަ ތަނަވަސް ކަމެއް ނުލިބެނީ ކީއްވެހެއްޔެވެ. މިއީ އަހަރުމެންގެ ތެރެއިން ބައެއްމީހުންގެ ޝަކުވާ ތަކެވެ.

ދިރި އުޅުމުގައި ދިމާވާ މިފަދަ ދަތިއުނދަގޫތަކާއި ކުރިމަތިލާނީ ކިހިނެއްހެއްޔެވެ؟ އޭގެ ޙައްލަކީ އަޅުކަންކުރުމާއި ދުރުވެ ހުރުން ހެއްޔެވެ؟ ނުވަތަ މަސްތުވާ ތަކެތީގެ ބޭނުން ކޮށްގެން ސިކުނޑިން ކުޑަވަގުތު ކޮޅަކަށް ނަމަވެސް އެޚިޔާލުތައް ނެރެލުން ހެއްޔެވެ.؟ ނޫނީ މިއީ ތިމަންނައަށް ހުރި ގޮތޭ ބުނެ ދެފައިދަމާފައި ނިދުންހެއްޔެވެ؟ ދިރި އުޅުމުގައި ދިމާވާ މިފަދަ ދަތި ހުރަސް ތަކާއި ކުރިމަތި ލާން އަހުރަމެންގެ ދީން އަންގަވާފައިވާ ގޮތް ބަލަމާ ހިނގާށެވެ.

ލިބިފައިވާ ނިޢުމަތް ތަކަށް ބަލާށެވެ:

ކެތްތެރި މުއުމިނުން ތިމާއަށް ލިބިފައިވާ އުނިކަންތަކާއި ނުކުޅެދުންތަކަކަށް ނުބަލާނެއެވެ. އެކަމަކު އޭނާ އަބަދުވެސް ބަލާނީ މާތްﷲ އޭނާއަށް ދެއްވާފައިވާ މަތިވެރި ނިޢުމަތް ތަކަށެވެ. އޭރުން މާތްﷲ އޭނާ އަށް ދެއްވާފައި ހުރި ގިނަގުނަ ނިޢުމަތް ތައް ފެންނާނެއެވެ. އެއް އަތް ނެތް މީހުން ނުވަތަ އެއްފައި ނެތްމީހުން އޭނާގެ ނެތްއަތާއި ނެތްފަޔާއި ދޭތެރޭގައި ޝަކުވާ ނުކުރާށެވެ. އެކަމަކު އޭނާއަށް ދެއްވާފައިވާ އެހެން ނިޢުމަތްތަކާއި މެދު ރުހި ޝުކުރު ވެރިވާށެވެ.

ދުނިޔޭގައިވާ ހުރިހާ އެއްޗަކީ ފައިސާ އާއި މުއްސަދި ކަމެއް ނޫނެވެ. ފަހެ މުއްސަދި ކަމުގެ ނިޢުމަތުން މަޙްރޫމު ވެފައިވާ މީހުން ތިމަންނައަށް މުއްސަދިކަން ނުލިބުނީ ކީއްވެހޭ، ތިމަންނައަށް ވުރެން އަރާމުގައި ކާފަރުން ވެސް އެބަ އުޅުޔޭ ކިޔާ ނުރުހުންވެ ޝަކުވާ ގިނަ ނުކުރާށެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވާ އެހެން ނިޢްމަތްތަކަށް ޙަމްދުކޮށް ޝުކުރުވެރި ވާށެވެ. ތިމާ އަށް މުއްސަދި ކަން ނުލިބުނު ނަމަވެސް ފުރިހަމަ ސިއްހަތެއް ލިބުނެވެ. ވިސްނާ ފިކުރު ކުރުމަށް ބުއްދީގެ ބާރު ދެއްވިއެވެ. އަދި މިހުރިހާ ކަމެއްގެ އިތުރުން އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ދެއްކެވިއެވެ.

ފަހެ އެއީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެންމެ މަތިވެރި އަދި ދުނިޔެ އާއި އާޚިރަތުގައި ވެސް އެންމެ ފައިދާ ކުރަނިވި ނިޢުމަތެވެ. މުއްސަދިކަމަކީ ވެސް ނިޢުމަތެކެވެ. އެހެންނަމަވެސް މުއްސަދިކަން ޞިއްޙަތުގެ ނުކުޅެދުން ތެރިކަމާއި އެކީގައި ލިބުމުގެ އުފަލެއް އެބަ އޮތްހެއްޔެވެ؟ އަދި ޖާހިލުކަމާއި ކާފަރުކަމާއި އެކު ލިބުމުގެ ބޭނުމެއް އެބަ އޮތްހެއްޔެވެ؟ ހިސާބު ބައްލަވާދުވަހުން އެހުރިހާ މުއްސަދި ކަމެއް ތިމާއަށް ވާގިވެރިވެ، އެހީވާނެހެއްޔެވެ؟

ދިމާވާކަންތަކާއި މެދު ނުރުހުން ނުވާށެވެ.އާޚިރުގައި އެއީ ލިބޭ ހެވަކަށްވެސް ވެދާނެއެވެ.

އިންސާނުންނަކީ ޣައިބުގެ ކަންތައްތައް ދަންނަ ބައެއްނޫނެވެ.އިންސާނާ އަބަދުވެސް ވިސްނަނީ ބޭރުފުށުން ދިމާވާ ކަންތައް ތަކުގެ މައްޗަށެވެ. އަބަދުވެސް ބަލަނީ މިއަދު ވާކަންތައްތަކަށެވެ.ފަހުން ވާނެކަންތައް ތަކެއް އިންސާނުންނަކަށް ނޭނގެއެވެ. މުޞީބާތެއް ދިމާވާ ހިނދު އެކަމާއި ނުރުހުންވެ ތިމަންނައަށް މިކަން މިދިމާވީ ކީއްވެހޭ ކިޔާ ޝަކުވާ ގިނަ ނުކުރާށެވެ. އެކަންތައް ތަކަކީ އާޚިރުގައި ތިމާއަށް ހުރި ރަނގަޅަކަށްވެސް ވެދާނެއެވެ. މާތްﷲ މީހަކަށް ނިޢުމަތެއް ދެއްވުމުގެ ކުރިން އެމީހަކު އިމްތިޙާނު ކުރައްވައެވެ. ބަނޑުހައި ހޫނު ކަމާއި، ބިރުވެރިކަމާއި، މުދާމަދުކުރެއްވުމުންނާއި، ލޯބިވާ މީހުންގެ މަރު ހިއްޕެވުމުންނާއި، އަދި މިނޫންވެސް ތަފާތު ކަންކަމުން އިންސާނާ އިމްތިޙާނުކުރެވެއެވެ. ބުއްދިވެރިންނަކީ މިފަދަ މުޞީބާތް ތަކަށް ކެތްކުރާމީހުންނެވެ.

މިގޮތުން މާތްﷲ ނަބިޔުންނަށާއި ރަސޫލުންނަށް، ނަބީކަމާއި ރަސޫލުކަމާއިގެން ފޮނުއްވުމުގެ ކުރިން ތަފާތު އުނދަގޫތަކާއި ކުރިމަތި ކުރެއްވިއެވެ. އެބޭކަލުން މިހުރިހާ ދަތިތަކަށް ކެތްކުރައްވައި މާތްﷲ އަށް ޝުކުރުކުރެއްވުން މަތީގައި ދެމިތިއްބެވިއެވެ.

އިންސާނުންނަށް ޙަޔާތުގައި ދިމާވާ މިފަދަ އުނދަގޫތަކާއި ކުރިމަތިލުމަށް ކެތްތެރިވާންޖެހޭނެއެވެ. ފަހަރެއްގައިވެސް އެ ދަތިތަކަކީ މާތްﷲ އަހަރެމެންގެ މައްޗަށް ބާވާލައްވާ ޢުޤޫބާތްތަކެއް ކަމުގައި ދެކިގެންނުވާނެއެވެ. ގިނަފަހަރަށް މިފަދަ ކަންކަމަކީ ނޭނގުނުކަމުގައިވިޔަސް، އަހަރެމެންނަށް ލިބޭ ހެވަކަށްވެދެއެވެ. ދުނިޔޭގެ ދިރިއުޅުމުގައި އަބަދުވެސް އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެކަން ހަނދާން ބަހައްޓަން ޖެހޭނެއެވެ. އެއީ ތިމާއަށް ހުރިގޮތޭ ބުނެ އެއްވެސް ކަމެއްނުކޮށް ނުހުންނާށެވެ.

ޙަޔާތުގައި ދިމާވާ އެކިދަތިތަކާއި ހުރަސްތަކަކީ ހަމަ އަހަރެންނަށް ހުރިގޮތޭ ބުނެ އެއްވެސް ކަމެއްނުކޮށް ނުހުންނާށެވެ. ކަންތައްތައް ޙާސިލުކުރެވޭނީ އެކަންތައްތައް ޙާސިލުކުރަން މަސައްކަތް ކޮށްގެންނެވެ.ޢިލްމު ހޯދަންބޭނުންވާ މީހާ ކިޔެވުމަށް އެއްވެސް މަސައްކަތެއްނުކޮށް އަހަންނަކަށް ނުކިޔެވޭނެޔޭ ކިޔާ ނުހުންނާށެވެ. އަދި މުއްސަދިކަން ހޯދަންބޭނުންވާ މީހާ އަހަރެންމިހެން ހުއްޓާ މުއްސަދި ވާނެނަމައޭ ކިޔާ ނުހުންނާށެވެ. ކަމެއް ޙާސިލުކުރަން ބޭނުންނަމަ އެކަމަކަށް ގަދައަޅާ މަސައްކަތް ކުރުމަށްފަހު ރައްބަނާގެ ރަޙުމަތަށް އެދޭށެވެ. ކަންތައްތަކެއް ހަމަހުރިގޮތަށް ހުއްޓައެއްނުވާނެއެވެ. ކަންތައްތައްވާނީ ޤަޟާޤަދަރުގައިވާ ގޮތަށޭ ކިޔާ ނުހުންނާށެވެ.

އަބަދުވެސް ކަމެއް ހާސިލުނުވުމުން އެކަމުގެސަބަބު ހޯދާ އެކަން އިސްލާޙުކުރުމަށް ކެތްތެރިކަމާއިއެކު މަސައްކަތްކުރާށެވެ. ތިމާހިތްއެދޭގޮތަށް ބައެއްކަންކަންނުދިޔުމުން އެކަމާ ނާއުންމީދުނުވާށެވެ. އޭގެބަދަލުގައި އަނެއްކާވެސް ހިތްވަރާއެކީގައި އެކަމަކާއި ކުރިމަތި ލާށެވެ. އަދި އެކަމަށް މަގުފަސޭހަ ކޮށްދެއްވުން އެދި މާތްﷲ އަށް ދަންނަވާށެވެ. ﷲ އަކީ އެކަލާނގެ އަޅުތަކުންނާއި އަބަދުވެސް ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެއެވެ.

އުއްމީދު ކަނޑާނުލާށެވެ:

ކަންކަމާއި މެދު އުއްމީދު ކަނޑާލުމަކީ މުއުމިނުންގެ ސިފައެއްނޫނެވެ. މުއުމިނަކު ކަލާނގެ ރަޙުމަތާއި މެދު ދުވަހަކުވެސް އުއްމީދު ކަނޑާލައިގެން ނުވާނެއެވެ. އޭނާއަށް ކިތަންމެ ބޮޑު މުޞީބާތެއް ދިމާވިނަމަވެސް އަދިކަމެއްޙާސިލު ކުރުމުގެ ހުރިހާ ދޮރެއްބަންދުވިޔަސް އެކަމާ އުއްމީދު ކަނޑާނުލާށެވެ.އެއީ ކާފިރުންގެ ސިފައެކެވެ. މާތްﷲގެ ރަޙުމަތް ވަރަށް ތަނަވަހެވެ. އެކަލާނގެ ކަމަކަށް އިރާދަ ކުރައްވައިފިނަމަ އެކަމެއްވެދެއެވެ.

ވުމާއި އެކު ކަންކަމާއި މެދު ނާއުއްމީދުވެ، ދެން މި ހަތަރު އުދަރެސް ފެނުޖެހުނީއޭ ހީނުކުރާށެވެ. އިއްޔެ އަށް ވުރެން މިއަދު ރަނގަޅުވެދާނެއެވެ.އަދި މިއަދަށް ވުރެ މާދަމާ ރަނގަޅު ވެދާނެއެވެ.އެއީ މާތްﷲގެ ސުންނަތެވެ.ފަހެ އަހަރެމެންގެ ލޯމަތިން ފެންނަކަންތައްތަކާއި މެދު ވިސްނާ ފިކުރު ކޮށްބަލާށެވެ.މިއަދު ކާނެ އެއްވެސް އެއްޗެއްނެތި ބިކަހާލުގައި އުޅުނުމީހުން މާދަމާ އެތިބެނީ ބޮޑެތި މަހުޖަނުންނަށްވެފައެވެ.އަދި އެއްވެސް ބާރެއްނެތް ފަޤީރު ނިކަމެތިން މާދަމާ އެތިބެނީ ޤައުމުތަކުގެ ބޮޑެތި ވެރިންނަށް ވެފައެވެ. ހަމަ އެގޮތަށް ބޮޑެތި މުއްސަދިން އެތިބެނީ މާދަމާ ކާލާނެ އެއްވެސް އެއްޗެއްނެތި ބިކަ ޙާލުގައެވެ.

ފަހެ އިންސާނާއަށް ޙަޔާތުގައި މުޞީބާތްތަކާއި ކުރިމަތިވުމުން، އީމާންކަމާއި ކެތްތެރިކަމާއިއެކީގައި އެކަމާ ކުރިމަތި ލާށެވެ. އަދި މާދަމާ އަށް ކުރާ އުއްމީދު ކަނޑާނުލާށެވެ. މާތްﷲގެ ހެޔޮ ރަޙްމަތްފުޅުން ކަޅުފޮއި އަނދިރި ރެޔަކަށްފަހު މާދަމާގެ އިރު އުދަރެހުންފާޅުވާނީ ހިނިތުންވުމާއި އުފާވެރިކަން ގެނުވަމުންކަމަށްވުމީ ކައިރިކަމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.