ހޯމަ20201116

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ފެށުން

އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ފެށުން

aamu-thaaraf-1-feshun* ފޮތުގެ ފެށުން
   - ސުވަރުގޭގެ މަގާއި ނަރަކައިގެ މަގުގެ މިސާލު
   - ނަފްސަކީ ކޮން އެއްޗެއް  
   - އިންސާނުންނަކީ ކޮބައިހެއްޔެވެ؟
   - ފަހެ ބުއްދިއަކީ ކޮން އެއްޗެއް ހެއްޔެވެ؟
   - މަރަކީ ކޮން އެއްޗެއްހެއްޔެވެ؟
   - ދުނިޔެއާއި އާޚިރަތުގެ މިސާލަކީ ކޮބައިކަން އެނގޭހެއްޔެވެ؟

* އިސްލާމްދީން
  - އިސްލާމްދީނަކީ ކޮބައިހެއްޔެވެ؟
  - އަސާސީ ކަންތައްތަކުގެ ޚުލާޞާއަކީ
  - އަޅުކަންތަކުގެ ތެރެއިން ފުރަތަމަ ކަމަކީ

މިއީ އައްޝައިޚް ޢަލީ އައްޠަންޠާވީ (ރަޙިމަހުﷲ) ލިޔުއްވާފައިވާ "އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް" މިފޮތުގެ ދިވެހި ތަރުޖަމާއެވެ. ފުރަތަމަ މިވަނީ "ފޮތުގެ ވާހަކަ" އަދި "ފޮތުގެ ފެށުން" އަދި "އިސްލާމްދީން" މި ތިން ބާބެވެ. ދެން އަންނަންހުރި ބާބުތަކަކީ ޢަޤީދާއާ ބެހޭ ބާބުތަކެކެވެ. ވަގުތު ނެތް ކިޔުންތެރިއަކު "ފޮތުގެ ވާހަކަ" ދޫކޮށްލިޔަސް ގެއްލޭނެ އެއްޗެއް ނޯންނާނެއެވެ. އެއީ އެބައިގައި ވަނީ ޝައިޚް މިފޮތް ލިޔުއްވަންޖެހިވަޑައިގަތް ގޮތުގެ ވާހަކައެވެ. މިފޮތުގައިވާ ބައެއް ޢާއްމު ނޫން ބަސްތަކުގެ މާނަ ތިރީގައި ވާނެއެވެ.

މިފޮތުގެ ވާހަކަ:

މި ފޮތުގެ ކުރީގެ ޗާޕުތަކުގައި ''މިފޮތުގެ ވާހަކަ'' މި ނަމުގައި ވާ ފަޞްލެއް ވާނެއެވެ. އެއާ މެދު މިއަދު އަހަރެން އަލުން ވިސްނި ވިސްނުމުން އެނގުނު ގޮތުގައި، އެ ވާހަކަ ގެނެވިފައި އެ ވަނީ، ވާހަކަ ފެއްޓުނު ހިސާބަކުން ނޫނެވެ.

މި ފޮތުގެ ވާހަކައިގެ ފެށުމަކީ ފުރަތަމަ ބޮޑު ހަނގުރާމައިގެ (1941މ ގެ ހަނގުރާމަ)ދުވަސްވަރެވެ. އެ ދުވަސްވަރަކީ އަހަރެންވެސް ތަންދޮރު އޮޅުން ފިލާ ޢުމުރަށް އެޅި ދުވަސްވަރެވެ. އަދި ވަށައިގެން ހިނގާ ކަންތައް އެނގެން ފެއްޓިއެވެ. އަހަރެންނަށް ފެނުނީ، ގޭގައި ބައްޕަ ފަތިސް ނަމާދަށް ފަހުގައްޔާއި، ޢިޝާގެ ކުރިން، ދަރިވަރުންނަށް ދީނީ ފިލާވަޅު ދޭ ތަނެވެ. އެ ފިލާވަޅުތަކަކީ އަހަރެން ދާ މަދަރުސާގައި ދޭ ފިލާވަޅާއި މުޅިން ތަފާތު އެއްޗެކެވެ. ގޭގައި ބައްޕަ ކިޔަވައި ދޭ ކުލާހުގައި ތިބެނީ ފޮށާއަޅައިގެން، ތުނބުޅި ބަހައްޓާފައި ތިބޭ ޝައިޚުންތަކެކެވެ. މަދަރުސާގައި ތިބޭކަހަލަ ކުޑަ ކުދިންތަކެއް ނޫނެވެ. މަދަރުސާގައި ދޭ ފިލާވަޅުތައް ހާ ފަސޭހަ ނޫނަސް، ބައްޕަ ދެމުން ދިޔަ ފިލާވަޅުތައް އަހަރެން ދިޔައީ އަޑު އަހަމުންނެވެ. ވީމާ އަހަރެން ދިޔައީ ދެ ތަޢްލީމެއް އުނގެނެމުންނެވެ. ޔުނިވާސިޓީ ނިމެންދެން އަހަރެން މަދަރުސާ ތަޢްލީމް ފުރިހަމަ ކުރީމެވެ. މިއާ އެކުއެކީގައި އަހަރެން ދިޔައީ އަހަރެންގެ ބައްޕަ، އައްޝައިޚް މުޞްޠަފާ އައްޠަންޠާވީ، އަރިއަހުން ޢިލްމު އުނގެނެމުންނެވެ. އޭނާ އަކީ އެ ދުވަސްވަރު ޝާމްކަރައިގެ އެންމެ ކުރީގައިވާ ޢިލްމުވެރިންގެ ތެރެއިން އެކަކެވެ. އޭނާ އަކީ، އެތާނގެ މުފްތީ، އައްޝައިޚް އަބުލްޚައިރް ޢާބިދީން، އަރިއަހުގައި، މަސައްކަތްކުރެއްވި، ފަތުވާއާ ބެހޭ އަމީނެވެ. 1343ހ ވަނަ އަހަރުގެ ޝަޢްބާން މަހު ބައްޕަ ނިޔާވިއެވެ. އެ ހިސާބުން ފެށިގެން އަހަރެން އެހެނިހެން ޢިލްމުވެރިންގެ އަރިއަހުން ޢިލްމު އުނގެނުނީމެވެ.

ވީމާ ދިމިޝްޤުގައި މި ގޮތަށް އެންމެ ފުރަތަމަ، ދެ ވައްތަރެއްގެ ތަޢްލީމީ ނިޒާމަށް އުނގެނުނު މީހަކީ އަހަރެންނެވެ. އެ ދުވަސްވަރު ޢިލްމުވެރިންނަކީ، ދުނިޔެވީ ޢިލްމާއި ޒަމާނީ ތަޢްލީމުގެ އެކައްޗެއްވެސް ނޭނގޭ 'ޝައިޚެއް' ނުވަތަ ދީނީ ތަޢްލީމުން އެކައްޗެއްވެސް ނޭނގޭ 'އަފަންދީ' އެކެވެ.[1]

ޒަމާނާ ގުޅޭ ގޮތަކަށް އިސްލާމްދީން ހުށައެޅުމުގެ މުހިއްމުކަން، ވަރަށް ކުރިން އަހަރެންނަށް އެނގުނެވެ. އެކަމާ ބެހޭ މަޒްމޫނުތަކެއް ވެސް ލިޔުނީމެވެ. އަދި ލުއި ފޮތްތަކެއް ވެސް ޝާއިޢު ކުރީމެވެ. މިފޮތުގައި އަހެރެން މި ލިޔާ ފިކުރާއި ވާހަކައަކީ މީގެ ފަންސާސް އަހަރު ކުރިން، މި ބުނި އެއްޗެހި ތަކުގައި ލިޔެފައިވާ ފިކުރާއި ވާހަކައެވެ.

އަހަރެންގެ ފޮތް 'އަލްއިޞްލާޙް އައްދީނީ' ގެ އެގާރަވަނަ ޞަފްޙާގައި، ދީންވެރިވުމުގެ އަހައްމިއްޔަތު ކަމާމެދު، އަހަރެން ބުނެފެއި ވާނެއެވެ:

''ދީނަކާ ނުލައި އިންސާނަކަށް އުޅެވިދާނެހެއްޔެވެ؟ ޔަޤީނުންވެސް ޖަވާބަކަށް ވާނީ، ''ނޫނެކޭ'' އެވެ. އެހެން ނޫނީ އެ މީހަކު ޖެހޭނީ ހަމައެކަނި މާއްދާގެ އެހީގައި ދިރިއުޅޭށެވެ. މާއްދާ ނޫން އެހެން ހުރިހާ އެއްޗެއް -އަމިއްލަ ނަފްސަށް ދާންދެން- ޖެހޭނީ ފާރުބުޑަށް ޖަހާލާށެވެ. އޭނާގެ ހިތުތެރޭގައި އުތުރި އަރަމުންދާ ލޯބި ވެސް ޖެހޭނީ ނެރެ އެއްލާލާށެވެ. ޠަބީޢީ ރީތި މަންޒަރުތަކާ މެދު އޭނާގެ ހިތުގައި ވާ ޝުޢޫރުތަކާއި، ދޫނިތަކުގެ ރީތި ގޮވުންތަކާއި، ޤަބުރުސްތާނާއި އެތާނގައިވާ އެކަނިވެރިކަން ވެސް ޖެހޭނީ ހިތުން ނެރެލާށެވެ.''

ދެން އަހަރެން ވާހަކަ ދައްކާފައިވާނީ އަފްލާޠޫންގެ މިސާލީ ދުނިޔެއާ ބެހޭގޮތުންނެވެ. އަދި ކާންޓް (އިމެނުއެލް ކާންޓް)، އޮގަސްޓް ކާންޓް، ޕަސްޓޯރ، ނިއުޓަން، ޕަސްކާލް، މަލްބްރެންޝް، ހާވީ، ގޮލޭހް، ހޮކްސެލީ، ފަދަ މީސްމީހުންގެ ބުނުންތަކުން އަހަރެންގެ ވާހަކައަށް ހެކިދައްކައި އުޅުނީމެވެ. ސަބަބަކީ އޭރު އަހަރެންނަކީ ފަލްސަފާ ޢިލްމުގެ ތެރެއަށް ވަދެގެން އުޅުނު ދަރިވަރަކަށް ވާތީއެވެ. އެ ފޮތުގެ ބޭރުގައި ވެސް ލިޔެފައިވާނީ 'ޢަލީ އައްޠަންޠާވީގެ ޤަލަމުން، އަދަބާއި ފަލްސަފާއިން -ބީއޭ' މިހެންނެވެ.

އަދި ކައުނު އުފެދުނީ އިއްތިފާޤަކުންނޭ ބުނާ މީހުންނަށް ރައްދު ދީފައި ވެސް އަހަރެން ލިޔެ އުޅުނީމެވެ. މި މޭރުމުން އޭރު އަހަރެން ބުނެފައި ވާނީ:

''އެތެރެ ނުފެންނަ ކޮތަޅަކަށް ހަތަރު ހުދު ބޯޅައާއި އެއް ރަތް ބޯޅަ ލާފައި، އެތެރެ ނުބަލައި ބޯޅައެއް ނަގައިފިއްޔާ ރަތް އެތި ނެގުމުގެ ފުރުޞަތަކީ ފަހަކުން އެކެކެވެ. ދެން ނުވަ ހުދު ބޯޅައާއި، އެއް ރަތް ބޯޅަ ލާފައި، އެތަނުން އެއްޗެއް ނަގައިފިއްޔާ ރަތް އެތި ނެގުމުގެ ފުރުޞަތަކީ ދިހަ އަކުން އެކެކެވެ. ދެން ނިމުމެއް ނެތް ޢަދަދެއްގެ ހުދު ބޯޅަ އަޅައިފިއްޔާ، ރަތް ބޯޅަ ނެގުމުގެ ފުރުޞަތަކީ، ނިމުމެއް ނެތް ޢަދަދެއްގެ ތެރެއިން އެކެކެވެ. މިހާލަތުގައި، ޔަޤީންކަމާއެކު ރަތް ބޯޅަ އެއްފަހަރުން ނުވަތަ ދެފަހަރުން ނުވަތަ ސަތޭކަފަހަރުން ވެސް ނެގޭނެއެކޭ، ބުއްދި ހުރި މީހަކު ނުބުނާނެއެވެ.

އުޑުގައި ވާ ތަރިތަކަކީ ނިމުމެއް ނުވާ ޢަދަދެއްގެ ތަރިތަކެކެވެ. އެކަތި އަނެކައްޗާ ނުޖެހި، ވަކި ނިޒާމަކުން ތަރިތައް ދަތުރު ކުރުމުގައި އޮތީ އެންމެ ފުރުޞަތެކެވެ. ވީ އިރު، މި ފުރުޞަތު މިއީ، ޙިކްމަތްވަންތަ، ކަންތައްތައް އެންމެމޮޅަށް ދެނެވޮޑިގަންނަވާ ފަރާތެއްގެ ތަދުބީރާ ނުލައި ހިނގާފާނެ އިއްތިފާޤެއްހެއްޔެވެ؟''

 

*  *  *  *

 

މިއީ މީގެ ފަންސާސް އަހަރު ކުރިން، އަހަރެން ލިޔެ، ޗާޕު ކުރެވިފައިވާ ފޮތެއްގައި ވާ ވާހަކަތަކެކެވެ.

ދެން ފަހުން އަހަރެން ޢަޒުމް ކަނޑައެޅީ މި މައުޟޫއާ ބެހޭ އެހެން ފޮތެއް ނެރޭށެވެ. އޭގެ ނަމަކަށް އަހަރެން ކަނޑައެޅީ ''އަހަރެން މުސްލިމަކަށް ވީ ކީއްވެ؟'' މިހެންނެވެ. މި ފޮތުގެ ވަކިވަކި ބައިތައް ލިޔެ، ޝާއިޢު ކުރީމެވެ. 'ސައިފުލް އިސްލާމް' ގެ ނަމުގައި އަހަރެން ނެރުނު (1349-ހ ، 1930-މ) މަޖައްލާގައި އެ ފޮތުގެ މުޤައްދިމާ ޖަހައި ވެސް ހެދީމެވެ. ނަމަވެސް ޗާޕުކުރުމުގައި އުނދަގޫތަކެއް ކުރިމަތިވެ، ފޮތުގެ އަސްލު އަތުން ބީވެ، ޗާޕު ނުކުރެވުނެވެ.

1936 ވަނަ އަހަރު، ބަޣްދާދުގެ ޘާނަވީ މަދަރުސާއަކަށް، ޢަރަބި އަދަބިއްޔާތު ކިޔަވައިދޭ މުދައްރިސެއްގެ ގޮތުގައި، އަހަރެން ޢިރާޤަށް ދިޔައީމެވެ. ދިޔައިމާ ހަވާލު ކުރެވުނީ ދީން ކިޔަވައިދޭށެވެ. އެއް ފޮތަކުން އިސްލާމްދީން ފަހުމްވެ، އެ ދީން އުނގެނެވިދާނެ ފޮތަކާ ބެހޭ ގޮތުން ކުދިން އަހަންނާ ސުވާލުކުރަން ފެއްޓިއެވެ. ތަޖުވީދަށް ފޮތެއް، ތައުޙީދަށް ފޮތެއް، ތަފްސީރަށް ފޮތެއް، ފިޤްހަށް ފޮތެއް، ޙަދީޘަށް ފޮތެއް، މުޞްޠަލަޙަށް ފޮތެއް، ކުދިން ބޭނުމެއް ނޫނެވެ. ކިއެއްތަ، އެ ކުދިން ބޭނުންވީ އިސްލާމްދީނަކީ ކޮބައިކަން ބުނެދޭނެ ފޮތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިއަހަށް ވަފްދުތަކުގައި އަންނަ ޢަރަބިންނަށް -ނުވަތަ އަޢްރާބީންނަށް- ދީން ހުށައަޅުއްވައި ދެއްވާ ގޮތަށް ދީން ހުށައަޅާ ދެވިފައިވާ ފޮތެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެ މީހުންނަށް އިސްލާމް ދީން ހުށައަޅައި ދެއްވާގޮތުން، އެންމެ ދުވަހެއް ނުވަތަ ބައި ދުވަސް ތެރޭގައި، ދީން ފަހުމްވެ، އެނގެއެވެ.

ނަމަވެސް އެ ބުނާ ކަހަލަ ފޮތެއް އަހަރެންނަކަށް ނުފެނުނެވެ. އެހެންވެ، ވިހި އަހަރު ދުވަސް ވަންދެން -ނޫސް ފެއްޓުނީއްސުރެން ބަންދުކުރަންދެން- އަހަރެން ލިޔަމުން ދިޔަ ނޫސް 'އައްރިސާލާ' ގައި މި ފަދަ ފޮތެއްގެ މުހިއްމު ކަމާ ބެހޭގޮތުން ލިޔުނީމެވެ. މި ކަހަލަ ފޮތެއް ލިޔުމަށް ޢިލްމުވެރިންނަށް ގޮވާލީމެވެ. އަދި އޭގެ ފަހުންވެސް ގޮވާލީމެވެ. އަހަރެންގެ ޝައިޚް މުޙައްމަދު ބަހުޖަތު އަލްބައިޠާރު ފިޔަވާ އެކަކު ވެސް މި ވާހަކައަށް އިޖާބައެއް ނުދިނެވެ. 'އައްރިސާލާ' އަށް އެނބުރި ގޮސް ބަލައިފިނަމަ، އޭނާ ލިޔުއްވި ލިޔުންތައް ފެންނަން ހުންނާނެއެވެ.

 

*  *  *  *

 

ދުވަސްތައް ފާއިތުވެ ހިނގައްޖެއެވެ. ފަންސާސް އަހަރު ކުރީގައި، އަހަރެން އެކަނި މާއެކަނި، ނުވަތަ އަހަރެން ފަދަ މަދު ޢަދަދެއްގެ ބަޔަކާ އެކީ ދަތުރު ކުރަމުން ދިޔަ މަގުގައި -ދީނީ ޢިލްމާއި ދުނިޔެވީ ޢިލްމު އެކުއެކީ އުނގެނުން- ﷲ ގެ ޙަމްދާ އެކު މި އަދު މި ވަނީ ގިނަ ބަޔަކު ދަތުރު ކުރަން ފަށާފައެވެ. ސަތޭކަ އާއި ގާތް ކުރާ ޢަދަދަކަށް އިތުރުވެ، އަދި ފަހުން އެތައް ސަތޭކަ ޢިލްމުވެރިން ވަނީ މި މަގުން ހިނގާފައެވެ. އެ މީހުންގެ ތެރޭގައި އަހަރެންނަށް ވުރެ، މާ މޮޅެތި، މާ ދޫ ފަސޭހަ، މާ އީމާންތެރި، އަހަރެންނަށް ވުރެ ހުރިހާ ގޮތަކުން ވެސް ރަނގަޅު މާތް ޢިލްމުވެރިން ތިއްބެވެ. އަދި ރަނގަޅު ފެންވަރުގެ، ދީނީ އެތަކެއް ފޮތް އެ ބޭފުޅުން ލިޔުއްވިއެވެ. އެހެން ނަމަވެސް އަހަރެން މި އެދޭ ފޮތް ލިޔުއްވާފައެއް ނުވެއެވެ.

ދެން 1387ހ ގައި 'ރާބިޠަތުލް ޢާލަމުލް އިސްލާމީ' މަޖައްލާގައި 'އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް' މި ނަމުގައި މަޒްމޫނެއް ލިޔުނީމެވެ. އަހަރެންގެ އެކުވެރި ޢިއްޒަތްތެރި އައްޝައިޚް މުޙައްމަދު ޢުމަރު ތައުފީޤު -އޭރުގެ ޙައްޖާއި އައުޤާފާއި ބެހޭ ވަޒީރު- ގެ ސަމާލުކަން މި މަޒްމޫނަށް ލިބި، މި މައުޟޫއަށް ފޮތެއް ލިޔަން އަހަރެންނާއި ހަވާލުކުރަން، ރާބިޠާއަށް އެންގެވިއެވެ.

އަދި އަހަރެންގެ އެކުވެރިއާ، އައްޝައިޚް މުޞްޠަފާ އަލްޢައްޠާރަށް ވެސް މި މަޒްމޫނު ކަމުގޮސްގެން، ތަޢްލީމާ ބެހޭ ވަޒީރު އައްޝައިޚް ޙަސަން ބިން ޢަބްދުﷲ އާލް އައްޝައިޚް އަށް ލިޔުއްވިއެވެ. މި ބޭފުޅުންނާއި އަދި އޭރުގެ ތަޢްލީމާ ބެހޭ ވުޒާރާގެ ވަކީލު އައްޝައިޚް ޢަބްދުލް ވައްހާބު ޢަބްދުލް ވާސިޢް ގެ ހިތްވަރު ދެއްވުން އަހަރެންނަށް ވަނީ ލިބިފައެވެ.

ދެން ހޫނު މޫސުން އެއްކޮށް، އަދި ޖެހިގެން އައި ދިރާސީ އަހަރު އެއްކޮށް ފޮތް ލިޔުމުގެ މަސައްކަތުގައި އަހަރެން އުޅުނީމެވެ. ކަންނެތްކަން ދުރުކުރެވޭތޯ ބެލީމެވެ.

ބޮޑު ތިން ސިޓީ އުރަ ފުރޭހާ ގިނަ ލިޔުން އަހަރެންނަށް މި ދުވަސްކޮޅު ތެރޭގައި ލިޔެވުނެވެ. އެއްކޮށް ލިޔެވިފައި ހުރި ބައިތަކާއި، އަދި އިތުރު ވަރަށް ގިނަ މަސައްކަތާއި، ތަރުތީބު ކުރުންތަކާއި، އިތުރު އެތައް ކަމެއް ކުރަން ޖެހޭ ލިޔުންތަކެއް އޭގައި ހުއްޓެވެ.

އަނެއް ހޫނު މޫސުން ފެށުމުން ދެން އަހަރެން ޗުއްޓީއަކަށް ދިޔައީ ޢައްމާނަށެވެ. މި ބުނި ސިޓީއުރަތައް ގެއްލިދާނެ ކަމަށް ގަންނަ ބިރަކުން، އަހަރެން އެ ގެންދިޔައީވެސް އަތުން ހިފައިގެންނެވެ. އަހަރެން ރަނގަޅަށް ހަނދާންވާގޮތުގައި އެއާރޕޯޓުން ނިކުމެގެން، ދަނބިދަރިފުޅު ގެ ގެއަށް ދާންވެގެން ކާރަށް އެރި އިރުވެސް، މި ސިޓީއުރަތައް އަތުގައި ހުއްޓެވެ.

ދަތުރުކުރުމުގެ ވަރުބަލިކަމާއި، އިސްތިޤްބާލުކުރުމުގެ އުފާވެރިކަމާއި، ތިމާގެ މީހުންނާއި އެކުވެރިންނާއި ބައްދަލުވެ އުޅުނު އުޅުމުގެ ސަބަބުން، ދެ ހަފްތާ ފަހުން ނޫނީ އެއްކަލަ ސިޓީއުރަތައް މައްޗަކުން ހަނދާނެއް ނުވިއެވެ. ހަނދާންވެގެން އެ ހޯދާހޯދާވެސް ފެންނަ ގޮތެއް ނުވިއެވެ. ގޭތެރެ އެފުށް މިފުށަށް ޖަހާ، ޓެކްސީ ދުއްވާ ކޮންމެ މީހަކާ ސުވާލުކޮށް ޚަބަރު ބެލީމެވެ. ފުލުހަށް ގޮސް އެ ގެއްލުނު ވާހަކަ ރިޕޯޓް ވެސް ކުރީމެވެ. އެކަމަކު ވެސް ވީކަމެއް ނެތެވެ. ދުވަސްތަކެއް ވަންދެން، ހަދާނެ ގޮތެއް ނޭނގިފައި، މި ހިތާމައިގައި އަހަރެން އުޅުނީމެވެ. ކާ އެއްޗެއްގެ މީރުކަމެއް ނުލިބެއެވެ. ހަމަޖެހިލައިގެން އަރާމު ނިންޖެއް ނުނިދެއެވެ. ކޮންމެއަކަސް އަހަރެންގެ ނަފުސު ހަމަޖެހި، ބުއްދި ހަމައަކަށް އެޅުނީމާ، ﷲ ގެ ވާގިފުޅާއެކު އާ ފެށުމަކުން މަސައްކަތް ފެށުމަށް އަހަރެން ނިންމީމެވެ.

އަހަރެން އުޅުނީ ޢައްމާންގެ ރަށްބޭރު ހިސާބެއްގައެވެ. އަހަރެންގެ ކުތުބުޚާނާ ހުރީ ދިމިޝްޤުގައެވެ. އެހެނިހެން ލިޔެކިޔުންތައް ހުރީ މައްކާގައެވެ. މުޞްޙަފަކާއި، ފަންސާސް އަހަރު ވަންދެން ޢިލްމުވެރިންގެ އަރިއަހުން އަޑު އިވިފައިވާ އަދި ކިޔާފައިވާ އެއްޗެއް ފިޔަވާ އެހެން އެއްވެސް އެއްޗެއް އަތަކު ނެތެވެ. އެ ފަންސާސް އަހަރު ތެރޭގައި، ފޮތް ކިޔުމާއި ޢިލްމުވެރިންގެ އަރިއަހުން އުނގެނުން ފިޔަވާ އެހެން ކަމެއް އަހަރެން ނުކުރަމެވެ.

އަހަރެން ހިތަށް އެރިއެވެ. ''މި ވީ ރަނގަޅަށް ކަން ނޭނގެ... އަހަރެން މި ފޮތް ލިޔަނީ ފިޤުހުވެރިންނަށް ނުވަތަ ޢިލްމުވެރިންތަކަކަށް ނޫން... ޒުވާނުންނަށް. ބޭނުމަކީ އެ މީހުންނަށް އިސްލާމް ދީނަކީ ކޮން އެއްޗެއްކަން ބުނެދިނުން. ވީމާ ފޮތްތަކުން މަޢްލޫމާތު ނަގައިގެން ލިޔުމަށް ވުރެން، އާ އެއްޗެއް ލިޔުނިއްޔާ އެ މީހުންނަށް މާ ފައިދާ ކުރާނެ'' އެވެ.

މަސައްކަތް ފައްޓައިގެން ދިހަ ދުވަސްތެރޭގައި ފުރަތަމަ ބައި ނިންމާލީމެވެ. އެއީ ޢަޤީދާ ގެ ބައެވެ. ދެން މި އެއްޗެހިތައް އަހަރެން މައްކާއަށް ގެންދިޔައީމެވެ. ފުރަތަމަ ޗާޕު ކުރެވުނީ މަދީނާގައެވެ. ޗާޕުވުމުގެ ޝުކުރު ޙައްޤުވަނީ ﷲ އަށެވެ. ދެން އެއަށް ފަހު އުސްތާޛް ޢުޘްމާން ޙާފިޡް އަށެވެ. މިއަށް ފަހު އުރުދުންގެ ވުޒާރަތުލް މަޢާރިފްގެ މަޖައްލާއެއް ކަމުގައިވާ 'ރިސާލަތުލް މުޢައްލިމް' ގެ ޚާއްޞަ ޢަދަދެއްގައި އޭތި ޝާއިޢް ކުރެވުނެވެ. އޭގެ ބާރަ ހާސް ކޮޕީ ހަދައި އުރުދުންގެ އަންހެން، ފިރިހެން މުދައްރިސުންނަށް ބެހުނެވެ. މި ކަމުގެ ޝުކުރު ޙައްޤުވަނީ، އޭރު ވުޒާރާގެ މުޤައްރަރާއި ފޮތްތަކާ ބެހޭ ބައިގެ މުދީރަކަށް ހުންނެވި ޑޮކްޓަރ. އިސްޙާޤް ފަރްޙާނަށެވެ. ފަހުން އޭނާ ވަޒީރަކަށް ވެވަޑައިގަތެވެ. އަދި އަލްއަޚް ޑޮކްޓަރ. އައްޝައިޚް އިބްރާހީމް ޒައިދް އަލްކީލާނީ، އަލްއަޚް އަލްއުސްތާޛް ސަލީމް އައްރުޝްދާން އަށް ވެސް ޝުކުރު ޙައްޤުވެއެވެ. ދެން މި ފޮތް ޝާއިޢް ކުރީ އުރުދުންގެ ދިފާޢީ ވުޒާރާއިންނެވެ. ޝުކުރު ޙައްޤުވަނީ އަހަރެންގެ އެކުވެރި، ބްރިގޭޑިއާރ މުޢިން އަބޫ ނައްވާރު -މިހާރު ލަންޑަނުގައި ހުންނަވާ އުރުދުން ސަފީރު- އަށާއި، އެކުވެރި އަބޫ އަންވަރަށާއި، ކާނަލް އަޙްމަދު އަލްޢުބައިދާއަށެވެ. އުރުދުން ލަޝްކަރުގެ އަފްރާދުން މި ފޮތް ކިޔާފައި ވެއެވެ.

ދެން މިއަށް ފަހު، ބައިރޫތުގައި 'މުއައްސަސަތުއް ރިސާލާ' އިން އޭގެ އަގުހެޔޮ ޗާޕެއް ނެރުނެވެ. އަދި ފަހުން ރީތި މޮޅު ޗާޕެއް ނެރުނެވެ.

އިސްލާމްދީނާއި ބެހޭގޮތުން ވާހަކަ ދައްކަން، އަހަރެން ދެން ބޭނުންވާ ބައިތަކަކީ ފޮތުގެ ދެވަނަ އަދި ތިންވަނަ ބައެވެ. އޭގައި އަހަރެން ދައްކަން ބޭނުންވަނީ އިސްލާމްކަމާއި، އިޙްސާންކަމާއި ބެހޭ ގޮތުންނެވެ. އިސްލާމީ ސުލޫކާއި ބެހޭގޮތުންނެވެ. ހުވާކޮށް ބުނަމެވެ. އަހަރެން މި ހުރީ ކިއުންތެރިން ދެކެ ލަދުންނެވެ. ނަމަވެސް އަހަރެންގެ އުޒުރަކީ، ހިތްތައް ވަނީ ﷲ ގެ އިރާދަފުޅުގެ ދަށުގައެވެ. ކަންކަމަށް ހިތްމަތް ދެއްވާ ޢަޒުމް ވަރުގަދަ ކުރައްވަނީ އެ ކަލާނގެއެވެ. އަހަރެންގެ ހިތްމަތް މި ވަނީ ބަލިވެފައެވެ. ޢަޒުމް ވަނީ ދެރަވެފައެވެ. ޒުވާން ދުވަސްވަރު އަހަރެން އުޅުނީ ވަރަށް ހެލިފެލިވެއެވެ. ފިކުރުގެ ފަޤީރުކަމާއި، ލިޔެވޭ އެއްޗެއް މަދުކަމާއެކު ވެސް، އޭރު އަހަރެން ޗާޕު ކުރާ މީހުން ކައިރިއަށް އަމިއްލައަށް ގޮސްގެން ނަމަވެސް ޗާޕު ކުރެވޭތޯ ބަލަމެވެ. އެކަމަކު މިހާރު ފިކުރު ރޯފިލައި، މަޢްލޫމާތު ގިނަވެ، ޗާޕް ކުރާ މީހުން ގިނަވީމާ، މަސައްކަތް ކުރުމުގެ ހިތްވަރެއް އަހަރެންގެ ކިބައަކު ނެތެވެ. ފޮތުގެ މި ދެބައި ލިޔުމުގެ މަގު މާތްﷲ އަހަރެންނަށް ތަނަވަސްކޮށް ފަސޭހަކޮށް ދެއްވުން އެދި ދުޢާ ކުރަން، ކިޔުންތެރިއަކަށް ﷲ އިލްހާމު ދެއްވައިގެން ދުޢާ ކޮށްފިއްޔާ، ﷲގެ ވާގިފުޅާއެކު، ފުރަތަމަ ބައި ލިޔުނުހެން ދިހަ ދުވަސް ތެރޭގައި އަހަރެން އެ ލިޔެލާފާނަމެވެ.

އެކަމަކު އެ ދިހަދުވަސް އަންނާނީ ކޮން އިރަކުންހެއްޔެވެ؟ އެކަން ދެނެވޮޑިގަންނަވަނީ މާތް ﷲ އެވެ.

މި ހުރިހާ ވާހަކަތަކަށް ފަހު ބުނަމެވެ. މި ފޮތުގެ މަންފާއެއް ދެއްކެވުން ﷲ ގެ ކިބަފުޅަށް އަހަރެން އެދެމެވެ. އަދި ހެޔޮ ޢަމަލާއި ތަޤްވާވެރިކަން ފިޔަވައި އެހެން އެއްޗަކުން މަންފާއެއް ނުކުރާނެ ދުވަހުގައި، މި ފޮތަކީ އަހަރެންގެ ހެޔޮ ޢަމަލު އިތުރުކޮށްދޭނެ އެއްޗަކަށް ވުން އެދެމެވެ.

އަހަރެން ލިޔާތާ ފަސްދޮޅަސް އަހަރުވެއްޖެ ކަމަށާއި (1347ހ ވަނަ އަހަރުން ފެށިގެން) ލިޔުނު އެއްޗެހީގެ ޢަދަދު ތޭރަހާސް ޞަފްޙާއަށް ވުރެ ގިނަ ވާނެ ކަމަށާއި، ކުދި ފޮތްތަކާއި ބޮޑެތި ފޮތްތަކުގެ ފަންސާސް ފޮތް ލިޔެވިފައިވާނެ ކަމަށާއި، 1345ހ ވަނަ އަހަރުން ފެށިގެން ނާދީތަކުގައި މުޙާޟަރާ ދޭ ކަމަށާއި، ޔާފާގައި 'އައްޝަރުޤުލް އަދްނާ' ރޭޑިއޯ އުފެދުނު ދުވަހުއްސުރެ، ރޭޑިއޯގައި ވާހަކަ ދައްކާ ކަމަށާއި، އިތުރު މާ ގިނަ މަސައްކަތެއް ދެން ބޭނުން ނުވާނެ އެގާރަ ފޮތެއް ލިޔެ ނިމިފައިވާކަމަށް، ކުރީ ޗާޕެއްގެ ފެށުމުގައި އަހަރެން ބުނެފައި ވާނެއެވެ.

މި ހުރިހާ ކަމަކުން ދުރުވެގެން ނަމަވެސް އަހަރެން މިހާރު އެންމެ ބޮޑަށް އެދެނީ، މި ފޮތް ފުރިހަމަ ކުރުމަށެވެ. އަދި 'ބައި ޤަރުނުގެ ހަނދާން' މި ފޮތް ވެސް ފުރިހަމަ ކުރުމެވެ. އެ ފޮތުގައި އަހަރެން ކިޔައިދީފައި ވާނީ، އަހަރެންނަށް އިވި، ފެނިފައިވާ ވާހަކަތަކެވެ. ޤައުމުތަކުގެ ކަންތައްތައް ބަދަލުވެ، ޙާލަތް އެހެން ޙާލަތަކަށް ބަދަލުވީ ވާހަކައެވެ. އަދި އަހަރެންނާ ބައްދަލުވި މީސްމީހުންގެ ވާހަކައެވެ. އަހަރެން ވަނީ ޝާމްކަރައިގެ ޢުޘްމާނީ ވެރިކަން ދެކެފައެވެ. ދެން އައްޝަރީފް ފައިޞަލް ގެ ވެރިކަމެވެ. ދެން ފަރަންސޭސިން ގެ ވެރިކަމެވެ. ދެން މިނިވަންވި ދުވަސްވަރާއި، އޭގެ ފަހުގެ ދުވަސްތަކެވެ. އަހަރެންގެ ޢުމުރުގެ ބައެއް ވަނީ މިޞްރު، ޢިރާޤު، ލުބްނާން، އަދި ސުޢޫދިއްޔާގައި ހޭދަ ކުރެވިފައެވެ. އެންމެ އިރުމަތިން ގޮސް އޮސްޓްރޭލިއާގެ ސިޑްނީއަށް އުދުހޭބޯޓުގައި ދެ ގަޑި އިރުން ދެވޭހާ ކައިރިއަށް ދަތުރުކުރީމެވެ. ހޮލެންޑުގެ އެންމެ އުތުރުގައި އޮންނަ 'ވޮލެންޑަމް' އާ ހަމައަށް ދިޔައީމެވެ. ފޮނިކަމާއި ހިތިކަމުގެ ރަހަ ދުށީމެވެ. ފަޤީރުކަމާއި މުއްސަނދިކަން އިޙްސާސް ކުރީމެވެ. ވަފާތެރިކަމާއި ޣަދަރުވެރިކަން ދުށީމެވެ. ސޫރިޔާ، ޢިރާޤު، ލުބްނާން، ސުޢޫދިއްޔާ ގައި އެތަކެއް ހާސް ކުދިންނަށް ކިޔަވައިދެވިފައި ވާނެއެވެ. އޭގެތެރެއިން ބައެއް ކުދިން ވަނީ ޤައުމުގެ ރައީސުންނަށް، ބޮޑުވަޒީރުންނަށް، ވަޒީރުންނަށް، އަދި ޤާޟީންނަށް ވެފައެވެ. ނުވަތަ މުވައްޒަފަކަށް ނުވަތަ ސަފީރަކަށް ނުވަތަ ޔުނިވަރުސިޓީގެ އުސްތާޛުންނަށް ވެފައެވެ. ނުވަތަ މަސައްކަތާ ވިޔަފާރީގެ ދުނިޔޭގެ ކުރީ ސަފުގައި ވާ މީހުންނަށް ވެފައެވެ.

އަހަރެންގެ މުޅި ޢުމުރު ވެސް ހޭދަކުރީ މުޖްތަމަޢްގެ ހަލަބޮލިކަމާއި ދުރުގައި، މީހުންނާ އެކަހެރިކޮށެވެ. އެހެނެއް ކަމަކު، އަހަރެންނަށް ހުރިހާ އެއްޗެއް އަޑު އިވި، ހުރިހާކަމެއް ފެނުނެވެ. އެ ޒަމާނުގެ އެންމެ މުހިއްމު ކަންތައްތަކުގައި އަހަރެން ވާހަކަ ދެއްކީމެވެ.

މި ހުރިހާ ކަމެއް ވެސް މި ވަނީ މާޒީވެފައެވެ. އަދި ޢުމުރު ވެސް ނިމިގެން ދާނެއެވެ. ޒުވާންކަން ވެސް ނިމިދިޔަ ފަދައިންނެވެ. އަދި އަހަރެން ކުރި ހުރިހާ ކަމެއް، މީހުން ހަނދާން ވެސް ނެތޭނެއެވެ. އެހެން މީހުންގެ ޢަމަލު ވެސް ހަނދާން ނެތޭނެއެވެ. އަޅާ އާޚިރަތުގެ ގޮވައްޗަށް ދާއިރު ގެންދާ އެއްޗެއް ފިޔަވައި އެހެން އެއްޗެއް ދެމިއެއް ނުހުންނާނެއެވެ. މި ފިޔަވާ އެހެން ކޮންމެ ޢަމަލަކީ ފަނާވެ ނިމިދާނެ ކަންކަމެވެ.

އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަހަރެންގެ ޢަމަލުތައް ބޭކާރުވެގެން ދިޔަ ނުދެއްވާފާނދޭވެ! އިބަރަސްކަލާނގެ ފަޟްލުވަންތަވެރިކަމާއި ރަޙްމަތްފުޅުން، މިއަޅާގެ ޢަމަލުތަކުން މި އަޅާއަށް ޘަވާބެއް ދެއްވާފާނދޭވެ! ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! މި އަޅާ ލިޔުނު އެއްޗަކާއި ދެއްކި ވާހަކަތަކަކީ، ޢުމުރު ނިމިދިޔައަސް ނިމިނުދާ، މަންފާހުރި ޢިލްމުތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމުގައި ލައްވާފާނދޭވެ!

އޭﷲ! ހަމަކަށަވަރުން މި އަޅާގެ ފާފަ ފުއްސެވުން އެދި އިބަރަސްކަލާނގެއަށް ދުޢާކުރަމެވެ. އަދި އިބަރަސްކަލާނގެއަށް ތައުބާވަމެވެ. މިއަޅާ އިބަރަސްކަލާނގެ ކިބަފުޅުން އެދި ދަންނަވަނީ ރަނގަޅު ނިމުމަކަށެވެ. އަދި އީމާންކަންމަތީ މަރުވުމަށެވެ.

 

 

ޖިއްދާ (އައްޒަހްރާ): 25 ޛުލްޤަޢްދާ، 1408ހ

ޢަލީ އައްޠަންޠާވީ

 

*    *    *    *

 

ފޮތުގެ ފެށުން

އެކަނި ދަތުރު ކުރަމުން ދަނިކޮށް، މަގު ދެކަފި ވެފައިވާ ހިސާބަކަށް ދެވިއްޖެއެވެ. ދާން އޮތް ދެ މަގުގެ ތެރެއިން އެއް މަގަކީ ދަތުރުކުރަން އުނދަގޫ، ފަރުބަދައެއްގެ މައްޗަށް އުސްވަމުން ދާ މަގެކެވެ. އަނެއް މަގަކީ ދަތުރުކުރަން ފަސޭހަ، ހަމަ ބިމާ ދިމާއަށް ތިރިވަމުން ދާ މަގެކެވެ. ފުރަތަމަ މަގުގައި ވަނީ އަޑިގުޑަންތަކާއި ހިލަތަކެވެ. ކައްޓާއި ވަޅުގަނޑުތަކެވެ. ފަރުބަދައަށް އަރަން އުނދަގުލެވެ. މަގުގައި ހިނގަން ދައްޗެވެ. އެކަމަކު އެ މަގު ފެއްޓޭ ހިސާބުގައި ސަރުކާރުން ޖަހާފައި ހުރި ބޯޑެއް ހުއްޓެވެ. އޭގައި ވަނީ: ''މި މަގުގެ ކުރީކޮޅު ކިތަންމެ އަޑިގުޑަނަސް، ހިނގަން އުނދަގުލަސް، ރަނގަޅު މަގަކީ މިއީއެވެ. ދާން އުޅޭ ރަށަށް އަދި ބޭނުންވާ މަންޒިލަށް ދެވޭނީ މި މަގުންނެވެ.''

ދެވަނަ މަގުގައި އޮތީ ރީއްޗަށް ތާރުއަޅައި އޮމާންކޮށްފައެވެ. މޭވާ ގަހާއި މާ ގަސްތަކުގެ ހިޔާ ވަނީ މަގަށް އެޅިފައެވެ. މަގުގެ ދެ އަރިމަތީގައި ވަނީ ސައި ފޮޓާތަކެވެ. ހިތްއުފާވާނެހާ ކަމަކާއި، ލޮލަށް ފިނިވާނެހާ މަންޒަރާއި، ކަންފަތް ދިއްވާހާ ރީތި އަޑުތަކުން ގުގުމާފައިވާ ނާޗަރަންގީ ގެތަކެވެ. އެކަމަކު އެ މަގު ފެއްޓޭ ތަނުގައި ހުރި ބޯޑުގައި ލިޔެފައި ވަނީ: ''މިއީ ނުރައްކާތެރި، ހަލާކުން ފުރިގެންވާ މަގެކެވެ. މި މަގުގެ ނިމޭ ހިސާބުގައި ވަނީ ފުން ވަޅުގަނޑެކެވެ. ވެއްޓި މަރުން ސަލާމަތް ނުވާނެކަން އެއީ ޔަޤީން ކަމެކެވެ.''

މި ދެމަގުގެ ތެރެއިން، ދާން ކަލޭ އިޚްތިޔާރު ކުރާނީ ކޮން މަގެއް ހެއްޔެވެ؟

ޝައްކެއް ވެސް ނެތް ގޮތުގައި އަބަދުވެސް ނަފްސު އެދޭނީ ފަސޭހައަށެވެ. އުނދަގުލަކަށް ނޫނެވެ. އަރާމަށެވެ. ވޭނަކަށް ނޫނެވެ. ލޯބި ކުރަނީ މިނިވަންކަމަށެވެ. ހުރަސްތަކަށް ނަފްރަތު ކުރެއެވެ. މިއީ ﷲ އިންސާނުންގެ ނަފްސުތައް އުފައްދަވާފައިވާ ފިޠްރަތެވެ. އިންސާނާ އޭނާގެ ނަފްސާއި ހަވާނަފްސުގެ ލަގަން ދޫކޮށް، އެއަށް ތަބާވެގެން ހިނގައްޖެނަމަ، އިޚްތިޔާރު ކުރާނީ ދެވަނަ މަގެވެ. އެކަމަކު މި ހިސާބުން، ބުއްދި އޭނާއާއި އޭނާގެ ނަފްސާއި ދެމެދަށް ވަދެގަނެއެވެ. ވަގުތުން ލިބެން އޮތް ކުރު މުއްދަތެއްގެ އަރާމާއި، އޭގެ ފަހުން އޮތް ދިގު މުއްދަތެއްގެ ނިމުމެއް ނެތް ވޭނާ ދެމެދު އަޅާ ކިރައެވެ. ކުރިމަތީގައި އޮތް ވަގުތީ ދަތި އުނދަގުލުގެ ފަހަތުގައި ވަނީ ދެމިގެންވާ ނިމުމެއް ނެތް އަރާމެކެވެ. ވީމާ މި ހިސާބުން އޭނާ އިޚްތިޔާރު ކުރާނީ ފުރަތަމަ މަގެވެ.

ސުވަރުގޭގެ މަގާއި ނަރަކައިގެ މަގުގެ މިސާލަކީ މިއީއެވެ:

ނަރަކައިގެ މަގުގައި ހިތް އެދޭ ހުރިހާ އަރާމެއް ވެއެވެ. ނަފްސު ލެނބެނީ އެއަށެވެ. ހަވާނަފްސު ކޮއްޕަނީ އެ ދިމާއަށެވެ. އެ މަގުގައި އަންހެނުންގެ ޗާލުކަމަށް ބެލެން ހުންނާނެއެވެ. ޝަހުވަތުގެ ގޮވުންތަކަށް އިޖާބަ ދީ، އެ އަރާމު ލިބިގަނެވޭނެއެވެ. އެކި ދިމަދިމާއިން ހުރިހާ ގޮތަކަށް ފައިސާ ހޯދެން ހުންނާނެއެވެ. ފައިސާއަކީ ހިތް އެދޭ ލޮބުވެތި އެއްޗެކެވެ. ޤައިދުތަކުން މިނިވަންވެގެން އެ މަގުން ދުއްވައިގަނެވޭނެއެވެ. ނަފްސުތައް އެދެނީ މިނިވަންކަމަށެވެ. ހުރަސްތައް ދެކެ އެ ނަފްރަތު ކުރެއެވެ.

ސުވަރުގޭގެ މަގުގައި ވަނީ ދައްޗާއި އުނދަގޫ ކަންތަކެވެ. އެ މަގުގައި ހުރަސްތަކެއް ބެހެއްޓި ހައްދުތަކެއް ކުރެހިފައިވެއެވެ. އެ މަގުން ދަންޏާ އަމިއްލަ ނަފްސާ ޚިލާފުވާންޖެހެއެވެ. ހަވާ ނަފްސާ ދުރުވާންޖެހެއެވެ. އެކަމަކު މި މަގުގައިވާ ވަގުތީ ދަތިއުނދަގުލުގެ ނިމުމަކީ، އާޚިރަތުގެ ދާއިމީ އަރާމެވެ. އަބަދުގެ ހިތްހަމަޖެހުމެވެ. ނަރަކައިގެ މަގުގައިވާ ވަގުތީ އަރާމުގެ ފަހު މޭވާއަކީ، ނަރަކައިގެ އަބަދަށް ދެމިގެންވާ ވޭނާއި ޢަޛާބެވެ.

މީގެ މިސާލަކީ އިމްތިޙާނު އޮންނަ ދުވަހުގެ ރޭގަނޑު، ގޭ އެންމެން ޓީވީ ބަލަން ތިއްބާ ކިޔަވާ ކުއްޖާ އެކަނި ގޮސް ދަސް ކުރަން ހުންނަން ޖެހުމުން ހިތަށް ތަދުވާ ތަދުވުމެވެ. ބަލާހިތްވާ އުފާވެރި މަންޒަރުތައް ބަލަން އެންމެން ތިބޭއިރު ވެސް، އޭނާ ހުންނަން ޖެހެނީ ފޮތާއި ގަނޑުތަކުގެ ތެރޭގައެވެ. އެހެން ނަމަވެސް މި ވޭނަށްފަހު އޭނާ އިޙްސާސް ކުރާނީ ފާސްވުމާއި ކާމިޔާބުވުމުގެ ފޮނި އިޙްސާސެވެ. މީގެ އެހެން މިސާލަކީ ޑޮކްޓަރު ބުނެގެން، ބަލި މީހަކު ދުވަސްތަކެއް ވަންދެން ކާ ހިތްވާ މީރު ކާއެއްޗެއްސާ ދުރުގައި ހުރުމުން، ބަލިން ފަސޭހަވެ ފަހުން އެ ލިބޭ ޞިއްޙަތާއި ދުޅަހެޔޮކަމެވެ.

ﷲ -ސުބްޙާނަހޫ ވަ ތަޢާލާ- ވަނީ، އަހަރެމެންގެ ކުރިމަތީގައި ދެ މަގެއް ލައްވާފައެވެ. އަދި އެ ދެމަގުގެ ތަފާތު ވަކިކުރުމުގެ ކުޅަދާނަކަން އަހަރެމެންގެ ކިބައިގައި ލައްވާފައިވެއެވެ. އެއިން އަހަރެމެންނަށް ހެވާއި ނުބައި ވަކިކުރެވެއެވެ. މީގައި ޢިލްމުވެރިއާއާއި ޖާހިލު މީހާ ހަމަހަމައެވެ. ބޮޑުމީހާއާއި ކުޑަކުއްޖާ ހަމަހަމައެވެ. ރަނގަޅު ޢަމަލެއް ކުރުމުން، މިއިން ކޮންމެ މީހެއްގެ ޟަމީރަށް ވެސް ހަމަޖެހުން ލިބޭނެއެވެ. ނުބައި ޢަމަލެއް ކޮށްފިއްޔާ ނުތަނަވަސްކަން އިޙްސާސް ވާނެއެވެ. ކިއެއްތަ، މި ބުނި ކުޅަދާނަ ކަމަކީ ޖަނަވާރުންގެ ކިބައިގައި ވެސް ވާ ސިފައެކެވެ. ކުރިމަތީގައި އޮތް ބުޅަލަކާ ދިމާއަށް، މަސްގަނޑެއް އެއްލާލައިފިއްޔާ، އެ ސޮރު ކަލޭގެ ކުރިމަތީގައި އޮވެގެން މަސްގަނޑު ކާލާނެއެވެ. ހަމަޖެހިލައިގެން މަޑުމަޑުން އޮވެއެވެ. އެ ކަމަކު އެ ސޮރު މަސްގަނޑު ޖަހައިގެންފިއްޔާ، ދުރަށް ދުއްވައިގަންނާނެއެވެ. އަދި އަވަސް އަވަހަށް ކައި ނިންމާލާނެއެވެ. ކަލޭ އެ ސޮރު ފަހަތުން އަތުވެދާނެ ކަމަށް އެ ސޮރު އޮންނާނީ ބަލަބަލައެވެ. ފަހެ މީގެ މާނައަކީ، ފުރަތަމަ ފަހަރު އެއްލި މަސްގަނޑަކީ އެ ސޮރުގެ ޙައްޤެއް ކަމާއި ފަހުން އެ ސޮރު ޖަހައިގަތް މަސްގަނޑަކީ ނުޙައްޤުން ހޯދި އެއްޗެއްކަން، އެ ސޮރަށް އެނގުން ނޫންހެއްޔެވެ؟

މިއީ ފަހެ ޙައްޤާއި ބާޠިލް އެ ސޮރަށް ވެސް ވަކިވުން ނޫންހެއްޔެވެ؟ ޙަލާލާއި ޙަރާމް އެނގުން ނޫންހެއްޔެވެ؟

ކުއްތާވެސް ރަނގަޅު ކަމެއް ކޮށްފިއްޔާ އައިސް އެސޮރުގެ ވެރިމީހާ ގައިގައި ކޭއްތި ހަދައެވެ. ކުރި ރަނގަޅު ޢަމަލަށް އިނާމެއް ހޯދަން އުޅޭ ފަދައަކުންނެވެ. އަދި ކުށެއް ކޮށްފިއްޔާ އެ ސޮރު އޮންނާނީ ދުރުގައި ނަގޫ ތަޅުވާލަ ތަޅުވާލަ އެކަހެރިވެގެންނެވެ. ކުރެވުނު ކުށަށް މާފަށް އެދޭކަހަލަ ގޮތަކަށް ނުވަތަ ސަޒާއެއް ލިބޭނެކަން އެނގޭފަދައަކުންނެވެ.

މާތް ﷲ -ސުބްޙާނަހޫ ވަތަޢާލާ- ގެ ބަސްފުޅެއް ކަމުގައިވާ: وَهَدَيْنَاهُ النَّجْدَيْنِ  މި އާޔަތުގެ މާނައަކީ މިއީއެވެ.

އާޔަތުގެ މާނަ: ''އަދި (ހެއު، ނުބައި) ދެ މަގަށް، ތިމަންރަސްކަލާނގެ އެ އިންސާނާއަށް މަގު ދެއްކެވީމެވެ.''

ސުވަރުގެއަށް ދެވޭ މަގުގައި، ސުވަރުގެއަށް ވަންނަން ގޮވާލާ ބަޔަކު، މާތް ﷲ ވަނީ ލައްވާފައެވެ. އެއީ ނަބީބޭކަލުންނެވެ. ހަމަ އެހެންމެ، ނަރަކަށް ދެވޭ މަގުގައި، ނަރަކައަށް ވަންނަން ގޮވާލާ އެ ދިމާއަށް ލަންބުވާ ބަޔަކު ވެސް ލައްވާފައިވެއެވެ. އެއީ ޝައިޠާނުންނެވެ. އަދި މާތް ﷲ، ނަބީބޭކަލުންގެ ވާރުތަވެރިން ކަމުގައި ޢިލްމުވެރިން ލައްވާފައިވެއެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނަށް، އެކަލޭގެފާނު ފައިސާއެއް ނުވަތަ މުދަލެއް ވާރުތައެއް ނުކުރައްވައެވެ. އެކަމަކު އެކަލޭގެފާނުގެ އަރިއަހުން ޢިލްމުވެރިންނަށް ވަނީ 'ދީނަށް ގޮވާލުން' ވާރުތަވެފައެވެ. ވީމާ ރަނގަޅު ނިޔަތަކާއެކު މި ދީނަށް ގޮވާލަން ޖެހޭގޮތަށް، ދީނަށް ގޮވާލާ މީހަކީ، މި ވާރުތައިގެ ޝަރަފް ޙައްޤު މީހެކެވެ.

މި ދީނަށް ގޮވާލުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކީ އާދަމުގެ ދަރިންގެ ނަފްސުގެ ޠަބީޢަތަކީ ހިފެހެއްޓުމެއް ނެތް މިނިވަންކަމަށް ލެނބުމެވެ. ނަމަވެސް ދީން، މި މިނިވަންކަން ހައްދުން ނެއްޓި ދިޔަ ނުދީ ވަކި އިންތަކެއްގެ ތެރޭގައި ހިފަހައްޓައެވެ. ނަފްސު ލެނބެނީ އަރާމާއި މަޖަލުގެ ފަހަތުން ދުއްވައިގަންނާށެވެ. ނަމަވެސް ދީން، އެ ހިފަހައްޓައި މައިތިރި ކުރެއެވެ. ވީމާ ފާސިޤު ކަންތަކަށާއި، އުރެދުމަށް ގޮވާލާ މީހާ އެއީ، އިންސާނާގެ ނަފްސުގެ ޠަބީއަތާއި އެއްގޮތް މީހެކެވެ. އަރި ބިމަކުން ފެންގަނޑު ދެމިގެން ދާ ފަދައިން، ނަފްސު މިފަދަ މީސްމީހުންނާ ތަބާވެގެން ދާނެއެވެ. ފަރުބަދައެއްގެ ކުރިއަށް އަރައި، އެތާ ހުރި ފެންތާނގީއެއްގައި ކޯރާޑިއަކުން ޖަހައި ބާގަނޑެއް ހަދާލަބަލާށެވެ. ބަލަންހުއްޓާ ފެންތައް ފައިބައިގެން ގޮސް ތިރީގައި އޮތް ވާދީ އަށް އެޅި ހުސްވާނެއެވެ. ދެން އެ ފެން އަނބުރާ ތާނގީއަށް ގެންނަން ބޭނުންވެއްޖެނަމަ ޕަންޕުތަކުގެ އެހީގައި ނޫނީ ނުގެނެވޭނެއެވެ. ވަރަށް ބުރަ މަސައްކަތާއި ގިނަ ޚަރަދުތަކެއް މިކަމަށް ކުރަންޖެހޭނެއެވެ. ފަރުބަދައިގެ ކޮޅުގައި އޮތް ހިލައެއް ވެސް ވައްޓާލަން ބޭނުންވީމާ ޖެހޭނީ، އޮތްތަނުން މަޑުމަޑުން ގުޑުވާލާށެވެ. އޭރުން އެ ހިލަ ފުރޮޅެމުން ފުރޮޅެމުން ތިރިއަށް ފައިބައިގެން ހިނގައިދާނެއެވެ. އެއްވެސް ބުރައެއް އުފުލުމަކާ ނުލައެވެ. ދެން ކަލޭ އެ ހިލަ އަނބުރާ މައްޗަށް ގެންނަން ވެއްޖެނަމަ، ވަރަށް އުނދަގޫތަކާއި ބުރަ އުފުލަންޖެހޭނެއެވެ.

އިންސާނާގެ މިސާލަކީވެސް މިއީއެވެ.

ނުބައި އެކުވެރިއާ ކަލޭ ގާތު ބުނާނީ: ''އެ ތާނގައި ވަރަށް ރީތި، އޮރިއާމުން ހުރި އަންހެނެއް ނަށަން އެބަހުރި'' މިހެންނެވެ. އެ ހިނދު ކަލޭގެ ނަފްސު، އެ އަންހެން މީހާއާ ދިމާއަށް ލެނބޭނެއެވެ. ނަށާ ތަނާ ދިމާއަށް ދާން، ކަލޭގެ ހަވާ ނަފްސު ކަލޭ ކޮއްޕާނެއެވެ. އެއް ހާސް ޝައިޠާނުން ވެގެން، އެ ދިމާއަށް ކަލޭ ދަމާ ގެންދާނެއެވެ. ނަށާތަނުގެ ދޮރުމަތީގައި ހުއްޓި ހުރެވޭ ހިނދު ނޫނީ ވީނުވީއެއް ރޭކާ ނުލާނެއެވެ. މި ވަގުތު ހެޔޮ ނަސޭޙަތް ދޭ މީހަކު އައިސް، މި ކަންތައްގަނޑާ ކަލޭ ދުރުކުރަން މަސައްކަތް ކުރިއަސް، އެ މީހާގެ ބަސް އަޑު އަހަން ކަލެއަށް އުނދަގޫވާނެއެވެ. ހިތް އެދޭ ގޮތާއި ހަވާ ނަފްސާ އިދިކޮޅަށް ހިނގަން އުނދަގޫވާނެއެވެ.

ވީމާ، ނުބައި ކަންތަކަށް ގޮވާލާ މީހުން ވަރުބައްޔެއް ނުވެއެވެ. އަދި ނުބައި މަގަށް މީހުން ގެންދިއުމަށްޓަކައި، އެ މީހުން މާކަ ބުރަ މަސައްކަތެއް ވެސް ކުރާކަށް ނުޖެހެއެވެ. ވަރުބަލިވެ ބުރަ މަސައްކަތް ކުރަން ޖެހެނީ، ރަނގަޅު ކަންތަކަށް ގޮވާލާ މީހުންނެވެ. ވަޢްޡު ދޭ މީހުންނެވެ. ނުބައި ކަންތަކަށް ގޮވާލާ މީހުން އަތުގައި، މީސްތަކުންގެ ނަފްސު އެދޭ ފަދަ ހުރިހާ އެއްޗެއް ހުރެއެވެ. ނިވާކަމެއް ނެތް ޢައުރައާއި، ޙަރާމް ލޯތްބާއި، ލޮލާއި ކަންފަތާއި ހިތާއި ހަށިގަނޑަށް އަރާމު ލިއްބައިދޭ ހުރިހާ އެއްޗެއްސެއް ހުންނާނެއެވެ. އެކަމަކު ރަނގަޅު ކަންތަކަށް ގޮވާލާ މީހާ އަތުގައި، މާކަ ގިނަ ވަސީލަތްތަކެއް ނުހުރެއެވެ. ހުންނަހާ ވެސް އެއްޗަކީ ''މަނާކުރުމެވެ.''

ދީން އަމުރުކޮށްފައިވާ ކަހަލަ ހެދުމެއް ނުލާ ހުރި، ނިވާކަމެއް ނެތް އަންހެން ކުއްޖެއް ފެނުނީމާ، އެ ކުއްޖާގެ ރީތިކަން ބަލަން ކަލޭ ހިތް އެދޭނެއެވެ. ރަނގަޅުކަންތަކަށް ގޮވާލާ މީހާ އައިސް ބުނާނީ: ''ބެލުން ތިރިކުރާށޭ އޭނާއަށް ނުބަލާށޭ'' އެވެ. ރިބާ ކައިގެން ފަސޭހައިން މުއްސަނދި ވާނެ ފުރުޞަތެއް، ވިޔަފާރިވެރިއާއަށް ލިބިދާނެއެވެ. އެއްވެސް މަސައްކަތެއް ނުކޮށް، ބުރައެއް ނު އުފުލައެވެ. ނަފްސު ވެސް އެދޭނީ މިގޮތެވެ. ދެން ރަނގަޅު ކަންތަކަށް ގޮވާލާ މީހާ އައިސް ބުނާނީ: ''ރިބާ ކެއުން ހުއްޓާލާށޭ، އެއާ ކައިރި ވެސް ނުވާށޭ އަދި އެފަދަ ފައިސާއަކަށް އަތް ވެސް ދިއް ނުކުރާށޭ'' އެވެ. މުވައްޒަފަށް ފެންނާނީ އޭނާއަށް ހަ މަހުން ލިބޭ މުސާރައާ އެއްވަރު ޢަދަދެއް، ކައިރީގައި ޖެހިގެން ހުރި މުވައްޒަފު ރިޝްވަތު ކައިގެން، އެންމެ މިނިޓެއްތެރޭ ހޯދާތަނެވެ. ހިތަށް އަރާނީ އެ މުވައްޒަފު ދިރިއުޅޭ ތަނަވަސް ދިރިއުޅުމެވެ. ގަންނަ ގިނަގުނަ އެއްޗެއްސެވެ. ދެން ރަނގަޅު ކަންތަކަށް ގޮވާލާ މީހާ ބުނާނީ: ''ރިޝްވަތު ނުހިފާށޭ އެ ކައިގެން އަރާމު ދިރިއުޅުން ނުހޯދާށޭ'' އެވެ.

މި އެންމެންނަށް ވެސް ނަސޭޙަތް ދޭ މީހާ ބުނާނީ: ''އާޚިރަތުގައި ލިބެން އޮތް އަރާމުތައް ލިބިގަތުމައްޓަކައި، ދުނިޔޭގައި ލިބެން އޮތް އަރާމާއި ލައްޒަތު ދޫކޮށްލާށޭ. މިހާރު އަދި ފެންނަން ނެތް އެހެން ނަމަވެސް ފަހުން ލިބެން ހުރި އެއްޗެހިތައް ލިބިގަތުމައްޓަކައި، މި ވަގުތު ދުނިޔޭގައި ފެންނަން ހުރި އެއްޗެހިތައް ދޫކޮށްލާށޭ. ކަލޭމެންގެ ނަފްސުގެ ލެނބުންތަކާއި، ހިތުގެ އެދުންތަކުގެ މައްޗަށް ގަދަވެގަންނާށޭ '' އެވެ.

މި ކަންތައްތަކަކީ ނަފްސަށް ބުރަ އުނދަގޫ ކަންތަކެކެވެ. ދީނަކީ ބުރަ އެއްޗެކޭ އަހަރެން ބުނުމުން އެކަމާ އިންކާރު ނުކުރާށެވެ. ފަހެ ﷲ -ސުބްޙާނަހޫ ވަތަޢާލާ- ވަނީ، ކީރިތި ޤުރުއާނުގައި ދީނަށް މި ސިފަ ދެއްވާފައެވެ. އެކަލާނގެ ވަޙީކުރައްވަނީ إِنَّا سَنُلْقِي عَلَيْكَ قَوْلاً ثَقِيلاً .

އާޔަތުގެ މާނަ: ''ތިމަންރަސްކަލާނގެ ކަލޭގެފާނަށް، ޝަރުޢީ ޙުކުމްތަކާއި، އަމުރުތަކާއި ނަހީތައް ހިމެނިގެންވާ ބަރުދަންހުރި ބަސްތަކެއް -ދީނުގެ ތަކްލީފުތައް- ބާވައިލައްވާހުށީމެވެ.'' (އަލްމުއްޒައްމިލް: 5)

މާތް މަތިވެރި ހުރިހާ ކަމަކީ ވެސް، އިންސާނުންގެ ނަފްސަށް ބުރަ ކަންތަކެކެވެ. ކިޔަވާ ކުއްޖާ ޓީވީ ބެލުން ހުއްޓާލާފައި ގޮސް، ފިލާވަޅައިގެން، އުޅުން އެއީ ބުރަ ކަމެކެވެ. ޢިލްމުވެރިއާ، މުނިފޫހި ފިލުވާ މެހެފިލް ދޫކޮށް ގޮސް، ކިޔެވުމާއި ކިޔަވައި ދިނުމުގައި މަޝްޣޫލުވުން، އެއީ ބުރަކަމެކެވެ. ނިދާފައި އޮންނަ މީހާ، ނިދިން ތެދުވެގެން ފަތިސްނަމާދަށް ދިއުން އެއީ ބުރަކަމެކެވެ. އަނބިންނާއި ދަރިން ދޫކޮށްފައި، ޖިހާދު ކުރަން ދިއުން އެއީ ފިރިއަކަށް ބުރަކަމެކެވެ.

ޞާލިޙް މީހުންނަށް ވުރެ ފާސިދު މީހުން، ގިނައިން ފެންނަނީ މިހެންވެގެންނެވެ. ހޭލައި ތިބެގެން ތެދުމަގުގައި ހިނގާ މީހުންނަށް ވުރެ ޣާފިލްކަން މަތީ ތިބެގެން މަގުފުރެދިގެން ދާ މީހުން، ގިނައިން ފެންނަނީ މިހެންވެގެންނެވެ. ބެލުމެއް، ދަލީލެއް ނެތި، މީހުން ގިނަ ކޮޅަށް ތަބާވާ މީހަކީ ގިނަފަހަރަށް މަގު އޮޅިގެންދާ މީހަކަށް ވަނީ މިހެންވެގެންނެވެ. މާތް ﷲ ވަޙީ ކުރައްވަނީ : وَإِن تُطِعْ أَكْثَرَ مَن فِي الأَرْضِ يُضِلُّوكَ عَن سَبِيلِ اللّهِ

އާޔަތުގެ މާނަ: ''އަދި ބިމުގައިވާ ގިނަ މީހުންނަށް ކަލޭގެފާނު ކިޔަމަންވެ ވަޑައިގެންފިނަމަ، އެބައި މީހުން ﷲ ގެ މަގުން ކަލޭގެފާނު ފުރައްދައިފާނެތެވެ.'' (އަލްއަންޢާމް: 116)

މަދުކަމާއި ނާދިރުކަން އެއީ، މަތިވެރިކަމާއި މޮޅުކަމުގެ ސިފައަކަށް ނުވާނަމަ، އަލިމަސް އެއީ މަދު ނާދިރު އެއްޗަކަށް ނުވީހެވެ. ބޯޓު ދެލި ޢާއްމު އެއްޗަކަށް ނުވީހެވެ. އަދި މޮޅެތި ޢަބްޤަރީންނާއި، ހައިރާން ކުރުވާފަދަ ބަޠަލުން އެއީ، މީސްތަކުންގެ ތެރެއިން މަދު ބަޔަކަށް ނުވީހެވެ.

ނަބީބޭކަލުންނާއި، އެބޭކަލުންގެ ވާރުތަވެރިން ކަމުގައިވާ ޞާލިޙް ޢިލްމްވެރިން އެއީ، ސުވަރުގޭގެ މަގަށް ގޮވާލާ މީހުންނެވެ. އަނެއްކޮޅުން ޝައިޠާނުންނާއި ނުބައި ނުލަފާ މީހުންގެ ތެރެއިންވާ އޭނާގެ އައުވާނުންނަކީ، އެއީ ނަރަކައިގެ މަގަށް ގޮވާލާ މީހުންނެވެ. ﷲ -ސުބްޙާނަހޫ ވަތަޢާލާ- ވަނީ އަހަރެމެންގެ ކިބައިގައި -އަހަރެމެންގެ ނަފްސުގައި- އެބައި މީހުންނަށް ވެސް އަދި މިބައި މީހުންނަށް ވެސް ނަޞްރު ދޭ ބާރެއް ލައްވާފައެވެ. އަހަރެމެންގެ އެތެރޭގައި، ނަބީބޭކަލުންނާއި އެކުގައިވާ ބާރެއް ވެއެވެ. އަދި ނުބައިކަންތަކަށް އަމުރުކުރާ ނަފްސުގައި، ޝައިޠާނާއާ އެކުގައިވާ ބާރެއްވެއެވެ.

މިހާރު ކަލޭމެންގެ ހިތަށް އަރާނީ ''ބުއްދިއަކީ ކޮން އެއްޗެއްހޭ؟ އަދި ނަފްސަކީ ކޮން އެއްޗެއްހޭ؟'' އެވެ.

އަހަންނަށް މި ދޭތީގެ ދެމެދުގައި ފާޅުކަންބޮޑު، އިމެއް ކުރެހޭނެއެކޭ، ނުވަތަ ތަފާތުކަން ބޮޑު ގޮތަކަށް ދޭތި ވަކި ކުރެވޭނެއެކޭ، ބުނެ ދަޢްވާއެއް ނުކުރަމެވެ. މިފަދަ ކަންތަކަކީ، އަދިވެސް އަހަރެމެންނަށް ނޭނގޭ ކަންތައްތަކުގެ އަނދިރީގެ ތެރޭގައިވާ ކަންކަމެވެ. މީގެ ތަފްޞީލުތަކަށް އަލި އަޅުވާލުމުގެ ކުޅަދާނަކަމެއް، އަދި ޢިލްމަކަށް ލިބިގެނެއް ނުވެއެވެ. ''އަހަރެންގެ ނަފްސަށް ބުނީމެވެ''، ''އަހަރެންގެ ބުއްދި އަހަންނަށް ބުންޏެވެ'' މިފަދަ ޢިބާރާތްތަކެއް އަހަރެމެން އެންމެން ވެސް ބުނަމެވެ. ފަހެ ކަލެއަކީ އަދި ކަލޭގެ ނަފްސަކީ ކޮބައިހެއްޔެވެ؟ އަދި ކަލޭގެ ނަފްސަކީ އަދި ކަލޭގެ ބުއްދިއަކީ ކޮބައިހެއްޔެވެ؟ އަދި މިއަދާ ޖެހެންދެން މިކަން ހޯދިފައެއް ނުވެއެވެ. ވީމާ ނޭނގި އޮތް މިކަންތައް، ފަހަރެއްގައި ވެސް އަހަރެން އަލަށް ހޯދައިގަންނަނީ އެއް ނޫނެވެ. ކިއެއްތަ، ޢާއްމުކޮށް ފެންނަ އެނގޭ މިސާލެއް ކިޔައި ދެނީއެވެ:

ފިނި މޫސުމުގެ ރެއެއްގައި، ތަންމަތީގެ ހޫނުކަމުން ހިތްހަމަޖެހިގެން، އަރާމު ނިންޖެއްގައި އޮއްވާ، ފަތިސް ނަމާދު ގަޑި ވަދެއްޖެކަން އިޢްލާން ކުރުމުގެ ގޮތުން، ގަޑި ސޯނާ ވާން ފަށައިފިއެވެ. އެހިނދު ''ނަމާދަށް ތެދުވާށޭ'' މިހެން ބުނެ ކަލޭގެ އެތެރެއިން ގޮވާލާ އަޑެއް އިޙްސާސް ކުރެވޭނެއެވެ. ދެން ތެދުވާން އުޅެގަތީމާ، ''ކުޑަކޮށް އަދި ނިދާލާށޭ'' ބުނާ އަޑެއް އިވޭނެއެވެ. ''ނިދުމަށް ވުރެ ނަމާދު ހެޔޮކަން ބޮޑޭ'' ދެން އަނެއްކާ ފުރަތަމަ އަޑު ބުނާނެއެވެ. ''ނިދުން ހާދަ އަރާމޭ، ނަމާދު ކުރަން އަދި ވަގުތު އެބައޮތޭ، ވީމާ އަދި ކުޑަކޮށް ލަސްކޮށްލާށޭ'' ދެން ދެވަނަ އަޑު ބުނާނެއެވެ.

ގަޑީގެ ޓިއްޓިކެއް ހެން، މި ދެ އަޑު އިވިއިވި ހުންނާނެއެވެ. ''ތެދުވޭ. އޮވޭ. ތެދުވޭ. އޮވޭ.'' މިކަހަލަ ގޮތަކަށެވެ. ފުރަތަމަ އަޑަކީ އެއީ ބުއްދިއެވެ. ދެވަނަ އަޑަކީ އެއީ ނަފްސެވެ.

މި މިސާލަކީ އެތަކެއް ހާސް ސިފައެއްގައި އެތަކެއް ހާސް ފަހަރު ތަކުރާރުވާ މިސާލެކެވެ. މިކަހަލަ ހާލަތެއް ދިމާވާ މީހަކު ޙަރާމް ކަމެއްގެ ކުރިމަތީގައި ހުއްޓޭ ހިނދު އޭނާގެ ނަފްސު ބުނާނީ އެކަންތައް ކުރުމަށެވެ. އެކަމަކު އޭނާގެ ހިތުގައި އީމާން ކަމެއް ވަންޏާ ބުއްދި ބުނާނީ އެކަން ނުކުރުމަށެވެ. ނަފްސުގެ މައްޗަށް ބުއްދި އަށް ނަޞްރު ލިބޭ މިންވަރު އިތުރުވުން އެއީ އޭނާގެ އީމާންކަމަށް ލިބޭ ގަދަ ކަމެކެވެ.

މީގެ މާނައަކީ އަބަދަށް ދާއިމަށް ބުއްދިއަށް ނަޞްރު ލިބޭ ވާހަކައެއް ނޫނެވެ. އަދި މުސްލިމަކު އެއްގޮތަކަށް ވެސް ފާފައެއް ނުކުރާނެ ވާހަކައެއް ނޫނެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، އިސްލާމް ދީނަކީ އިންސާނުންގެ ފިޠްރަތާ ގުޅޭ ދީނެކެވެ. ޙަޤީޤީ ދުނިޔޭގައި ކަން އޮތް ގޮތް ޤަބޫލު ކުރާ ޢަމަލީ ދީނެކެވެ. ކަންއޮތް މި ބުނި ގޮތަކީ، ކިޔަމަންތެރިވެ ހުސް ހެޔޮ ޢަމަލުކޮށް ތާއަބަދު އަޅުކަމުގައި ދެމިތިބޭ ބަޔަކު މާތް ﷲ އުފައްދަވާފައި ވާކަމެވެ. އެއީ 'މަލާއިކަތުން' ނެވެ. އަހަރެމެންނަކީ މަލާއިކަތުން ކަމުގައި މާތް ﷲ ނުލައްވައެވެ. އަނެއްކޮޅުން، ނުކިޔަމަންތެރިވެ ކުފުރުވާ ބަޔަކު ވެސް މާތް ﷲ ވަނީ އުފައްދަވާފައެވެ. އެއީ 'ޝައިޠާނުން' ނެވެ. އަހަރެމެންނަކީ ޝައިޠާނުން ފަދަ ބަޔަކު ކަމުގައި މާތް ﷲ ނުލައްވައެވެ. މީގެ އިތުރުން ބުއްދިއެއް ނުދެއްވާ،ޣަރީޒާތަކެއް [2] ލެއްވި މަޚްލޫޤެއްވެސް، މާތް ﷲ ވަނީ އުފައްދަވާފައެވެ. އެހެންވެ އެ އެއްޗެއްސަކީ ދީނީގޮތުން މުކައްލަފުންނަށް ވާ، އަދި ސުވާލު ކުރެވޭނެ އެއްޗެއްސެއް ނޫނެވެ. އެއީ 'ގެރިބަކަރިއާއި ވަލުޖަނަވާރު' އެވެ. އަހަރެމެންނަކީ ގެރިބަކަރި ނުވަތަ ވަލުޖަނަވާރު ފަދަ ބައެއް ކަމުގައި މާތް ﷲ ލައްވާފައެއް ނުވެއެވެ.

އެހެންވިއްޔާ އަހަރެމެންނަކީ ކޮންބައެއް ހެއްޔެވެ؟ އިންސާނުންނަކީ ކޮބައި ހެއްޔެވެ؟

އިންސާނާއަކީ ވަރަށް ތަފާތު މަޚްލޫޤެކެވެ. އިންސާނާގެ ކިބައިގައި މަލާއިކަތުންގެ ބައެއް ސިފަތައް ހުރެއެވެ. އަދި ޝައިޠާނުންގެ ބައެއް ސިފަތައް ވެސް ހުރެއެވެ. އަދި ރަށްވެހި ޖަނަވާރާއި ވަހުޝީ ޖަނަވާރުގެ ބައެއް ސިފަތައް ވެސް ހުރެއެވެ. މިހެން މިކަން އޮތުމުން، އިންސާނާ އަޅުކަމުގެ ތެރެއަށް ގެނބިގަނެ، އިޚްލާޞްތެރި ކަމާއެކު ﷲ އަށް ދުޢާކޮށް ނަމާދު ކޮށް، ﷲ އާ ކުއްތަން ވާ ވަގުތު ހިތަށް އީމާންކަމުގެ ފޮނިކަން ލިބިއްޖެނަމަ، އެ ހިސާބުން އޭނާއަކީ ﷲ އަމުރުފުޅު ކުރެއްވި އެއްވެސް ކަމަކަށް ނުކިޔަމަންތެރި ނުވާ އަމުރުކުރެއްވުނު ކޮންމެ ކަމެއް ކުރާ މަލާއިކަތުން ފަދަ މީހެކެވެ.

އެކަމަކު އިންސާނާ އޭނާ ހެއްދެވި ޚާލިޤަށް ކުފުރުވެރިވެ، އެކަލާނގެއަށް ނުކިޔަމަންތެރިވެ، ނުވަތަ ޝިރުކުކޮށްފިއްޔާ، މި ހާލަތުގައި އޭނާގެ ކިބައިގައި ބޮޑަށް ހުންނާނީ ޝައިޠާނާގެ ސިފައެވެ.

ރުޅިގަދަވެ، ހަމައިން ނެއްޓި، ލޭ ކެކި، އަތްފަޔަށް ބާރުލެވި، އޭނާގެ ދުޝްމިނާގެ މައްޗަށް ގަދަވެގަނެ، ދަތް އަޅައި، ނިޔަފަތި އަޅައި، ކަރުގައި ހިފައި ނޭވާ ނުލެވޭ ވަރު ކޮށްލަން ހިތާ ވަގުތު، އޭނާގެ ކިބައިގައި ބޮޑަށް ހުންނާނީ ވަލު ޖަނަވާރެއްގެ ސިފަތަކެވެ. މިނިކާވަގެއް ނުވަތަ ސިންގާއަކާ އޭނާއާ މާކަ ބޮޑު ފަރަގެއް ނުހުންނާނެއެވެ.

ބަނޑުހައިވެ، ފެންބޮވައިގަނެ، ހުރިހާވެސް އެދުމަކީ މައިދާ ފުރާލާނެ ރޮއްޓެއް ނުވަތަ ކަރުހިއްކުން ފިލުވާލާނެ ފެންތައްޓެއް ހޯދުން ކަމަށްވެ، ނުވަތަ އޭނާގެ ނަފްސުގެ މައްޗަށް ޖިންސީ އެދުންވެރިކަން ގަދަވެގަނެ، ލޭ ކެކި، ލޭ ނާރުތަކުގައި ހުޅު ހިފައި، އެދުންވެރިކަމުގެ ޚިޔާލުތަކުން ސިކުނޑި ފުރޭވަގުތު، އޭނާގެ ކިބައިގައި ބޮޑަށް ހުންނާނީ ރަށްވެހި ޖަނަވާރެއް ފަދަ ޖަނަވާރެއްގެ ސިފައެވެ. ގިތެލެއް ނުވަތަ އަހެއް، ނުވަތަ އެ ނޫންވެސް އެފަދަ ޖަނަވާރެއް ފަދައިންނެވެ.

އިންސާނާގެ ޙަޤީޤަތަކީ މިއީއެވެ. އޭނާގެ ކިބައިގައި ރަނގަޅު ކަންތައް ކުރުމުގެ ޤާބިލުކަން ވެސް ހުރެއެވެ. ނުބައި ކަންތައް ކުރުމުގެ ޤާބިލުކަން ވެސް ހުރެއެވެ. ﷲ -ސުބްޙާނަހޫ ވަތަޢާލާ- ވަނީ، އޭނާއަށް މި ދެ ބާރު ވެސް ދެއްވާފައެވެ. އަދި މި ދެ ކަންތައް ތަފާތުކޮށް ވަކި ކުރުމަށްޓަކައި ބުއްދިއެއް ވެސް ދެއްވާފައި ވެއެވެ. ދެ ކަންތަކުގެ ތެރެއިން އިޚްތިޔާރު ކުރާ ވަކި ކަމެއް ކުރުމަށް ބޭނުންވާނެ، އިރާދަ ވެސް ދެއްވާފައި ވެއެވެ. ވީމާ، މި ދެ ކަން ވަކިކޮށް ދެނެގަތުމުގައި ބުއްދީގެ ބޭނުން ރަނގަޅަށް ހިފައި، ތަންފީޒު ކުރުމުގައި އިރާދައިގެ ބޭނުން ރަނގަޅަށް ހިފައި، ރަނގަޅު ކަންތައް ކުރުމުގެ ޤާބިލިއްޔަތުކަން އިތުރުކޮށް، އަދި މިކަން އަޚްލާޤެއް ކަމުގައި ހަދައި، ހެޔޮ ޢަމަލު ކޮށްފިއްޔާ، އާޚިރަތް ދުވަހު އޭނާ ވާނީ އުފާވެރިންގެ ތެރެއިންނެވެ. އެނާ ކަންތައް ކުރީ މިގޮތާ ޚިލާފަށް ނަމަ، އޭނާ ވާނީ ޢަޛާބު ލިބޭ މީހުންގެ ތެރެއިންނެވެ.

ރަނގަޅު ވާހަކައެކެވެ. ނަފްސުގެ ޠަބީޢަތަކީ މިނިވަންކަމަށް ލޯބިކުރުމެވެ. ނަމަވެސް ދީނަކީ މި މިނިވަންކަމުގެ ކުރިމަތީގައި ވަކިކަހަލަ ހުރަސްތަކެއް ބާއްވާ އެއްޗެކެވެ. އެއީ މިއީ ކޮންމެހެން ވެސް ބޭނުންތެރި ހުރަސްތަކެކެވެ. ހިފެހެއްޓުމެއް ނެތި ނަފްސު ދޫކޮށްލައިފިއްޔާ، އިންސާނުން ހިތުހުރި ގޮތަކަށް ފާޙިޝްކަންތަކަށް އަރައިގަންނާނެއެވެ. އެއީ އޭނާގެ ޠަބީޢަތުގައި އެ ސިފަ ވެސް ހުންނާތީއެވެ. އަދި މިހެން ވެއްޖެނަމަ، މުޖްތަމަޢް މޮޔައިންގެ ބޮޑު ހަސްފަތާލެއް ފަދަ ތަނަކަށް ބަދަލު ވެދާނެއެވެ. އެހެނީ ހިފެހެއްޓުމެއް ނެތް މިނިވަންކަމަކީ މޮޔައިންގެ އެއްޗެކެވެ. މޮޔައަކު އޭނާގެ ހިތަށް އެރިހާ ކަމެއް ކުރާނެއެވެ. މަގުމަތީ އޮރިއާމުން ހިނގާވެސްފާނެއެވެ. ޢާއްމުން ދަތުރުކުރާ ބަސް ދުއްވާ މީހާގެ ބޮލަށް ވެސް އަރާފާނެއެވެ. ނުވަތަ ކަލޭގެ ހެދުން ރީތިވީމާ އެ ބާލުވަންވެސް އުޅެފާނެއެވެ. ނުވަތަ މޮޔައަކަށް ކަލޭގެ އަންހެން ދަރިފުޅު ރީތިވީމާ، އައިސް ލޯބީގެ ގޮތުން ގުޅެންވެސް އެދިފާނެއެވެ. ކައިވެނި ކުރާކަށެއް ނޫނެވެ. ހިފެހެއްޓުމެއް ނެތް މިނިވަންކަން ލިބިފައި ވަނީ މޮޔައިންނަށެވެ. ބުއްދި ހަމަޖެހޭ މީހެއް ވިއްޔާ، އޭނާގެ ބުއްދި އޭނާގެ މިނިވަންކަމަށް ހިފެހެއްޓުންތަކެއް ކަނޑައަޅާނެއެވެ.

ފަހެ ބުއްދިއަކީ ކޮން އެއްޗެއް ހެއްޔެވެ؟

ބުއްދިއަކީ އެއީ ހިފެހެއްޓުމެވެ. ޢަރަބިބަހުގައި ބުއްދިއަށް ކިޔަނީ ''ޢަޤްލު'' އެވެ. މި ބަސް ނެގިފައި ވަނީ 'އަލްޢިޤާލް' މި ބަހުންނެވެ. މީގެ މާނައަކީ ޖަމަލު ހިފަހައްޓަން އައްސާ ވާގަނޑެވެ. 'ޙިކްމަތް' މި ކަލިމައިގެ މާނައަކީ ވެސް މިއާ ކައިރި ކުރާ މާނައެކެވެ. މި ބަސް ނެގިފައި ވަނީ 'ޙިކްމަތުއް ދާއްބާ' މިއިންނެވެ. މީގެ މާނައަކީ އޭތި އައްސާ ވާގަނޑެވެ. 'ޙަޟާރަތަކީ' ވެސް ހިފެހެއްޓުމެކެވެ. ސަބަބަކީ ޙަޟާރަތް ވެސް ކަލޭ ބޭނުންހާ ކަމެއް ކުރެވުނަ ނުދޭނެއެވެ. ކިއެއްތަ، އެހެން މީހުންގެ ޙައްޤުތަކާއި މުޖްތަމަޢްގެ އާދަކާދަތަކަށް ކަލޭ ބޯ ލަނބަން ޖެހެއެވެ. ޢަދާލަތަކީ ވެސް ހިފެހެއްޓުމެކެވެ. ސަބަބަކީ ޢަދާލަތު، ކަލޭގެ އަވައްޓެރިއާގެ މިނިވަންކަން ފެއްޓޭ ހިސާބުން ކަލޭގެ މިނިވަންކަމަށް ހައްދެއް ކަނޑައަޅައެވެ.

ދެން ބަލާލާއިރު، ފާފައަކީ ކުރާހިތްވާ ކަމެކެވެ. އެއީ ފާފައަކީ ނަފްސުގެ ޠަބީޢަތާ ގުޅޭ އެއްޗަކަށް ވާތީއެވެ. ޣީބަ ބުނާ އަޑު އަހައި އޭގައި ބައިވެރިވުމުން ކަލެއަށް ހިތްހަމަޖެހުމެއް ލިބެއެވެ. އެއީ ޣީބަ ބުނެވޭ މީހާއަށް ވުރެ ކަލޭ މޮޅުވެފައި ފުރިހަމަ ކަމަށް ކަލެއަށް އިޙްސާސް ވާތީއެވެ. ވައްކަން ކުރުމަކީ ވެސް މަޖާ ކަމަކަށް ވެދާނެއެވެ. އެއީ ވައްކަން ކުރީމާ، އެއްވެސް އުނދަގުލެއް ބުރައެއް ނު އުފުލާ މުދާތަކެއް ޙާޞިލް ވާތީއެވެ. ޒިނޭ ކުރުމަކީ ވެސް ކުރާހިތްވާ ކަމެކެވެ. އެއީ ޒިނޭ ކުރުމުން، ނަފްސު އެދޭ އެދުން ފުރިހަމަ ކޮށްދެވޭތީއެވެ. އިމްތިޙާނުގައި މަކަރު ހެދުމަކީ ވެސް ކުރާ ހިތްވާ ކަމެކެވެ. އެއީ މަކަރު ހަދައިގެން އެއްވެސް މަސައްކަތެއް ނުކޮށް، ކާމިޔާބަށް ވާޞިލް ވެވޭތީއެވެ. މަސްއޫލިއްޔަތުން -ކޮންމެ ކަމެއް ވިޔަސް- ރެކުމަކީ ވެސް ކުރާހިތް ވާ ކަމެކެވެ. އެއީ އޭރުން ކަންނެތްކަމާއި އަރާމު ލިބޭނެތީއެވެ.

އެކަމަކު އިންސާނާ ފިކުރުކޮށް އޭނާގެ ބުއްދީގެ ބޭނުން ހިފީމާ އެނގޭ އެއްޗަކީ، ވަގުތީ މިނިވަންކަމަކީ، އޭގެ ފަހުން ނަރަކައިގައި ދާއިމީކޮށް އޮންނަން ޖެހޭ އޮތުމާ ނުބައްދަލު އެއްޗެއް ކަމެވެ. ދުނިޔޭގައި ހޯދާ ހުއްދަ ނޫން އުފާތަކާއި އަރާމަކީ، ފަހުން އާޚިރަތުގައި ލިބެން އޮތް ވޭނާ ޢަޛާބާ އަޅާ ބަލާއިރު އެކަށީގެންވާ އެއްޗެއް ނޫންކަމެވެ.

އަހަރެމެންނާއެކު ޢަހުދެއް ވާން ރުހޭނީ ކާކުހެއްޔެވެ؟ ޢަހުދުގެ މުއްދަތަކީ އެއް އަހަރެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ބުނިވަރަކަށް ފައިސާ ދީ، އޭނާ ބޭނުން ރަށެއްގައި ބޭނުން ގަނޑުވަރެއްގައި ބަހައްޓައި ދީ، ރޭގަނޑު ކައިވެނިކޮށްފައި ހެނދުނު ވަރި ކުރިއަސް ބޭނުން ބަޔަކާ ކައިވެނިކޮށް ދީ -ދޭއް، ތިނެއް، ހަތަރެއް ވިޔަސް-، އެދުނުހާ ކަމެއް ފުރިހަމަ ކޮށްދީފައި، އަހަރު ފުރުނީމާ ގެންގޮސް ދަންޖައްސާ ގޮތަށެވެ.

ދަންޖެއްސޭ ވަގުތު އޭނާ ބުނާނީ ''އެންމެ އަހަރެއްގެ އަރާމަށް ފަހު، މަރުވާންޖެހޭ އަރާމަކަށް ހަލާކު ހުއްޓޭ'' ނޫންހެއްޔެވެ. މަޅިގަނޑު ކަރަށް ފެއްތޭއިރު، އަހަރު ދުވަސްވަންދެން ލިބިގަތް އަރާމާއި އުފަލުން އެއްވެސް އެއްޗެއް އަތުގައި ނެތްކަމުގެ އިޙްސާސް ހިތަށް ވެރި ނުވާނެ ހެއްޔެވެ؟ ދަން ޖެއްސުމުން ވޭން ލިބޭނީ އެންމެ މިނިޓަކަށް ވާ ހިނދުގައިވެސް މެއެވެ. މިއާ ޚިލާފަށް އާޚިރަތް ދުވަހުގެ ޢަޛާބަކީ ދިގު ދެމިގެންވާ އެއްޗެކެވެ.

ޢުމުރުގައި ވެސް ފާފައެއް ނުކުރާ އެކަކުވެސް އަހަރެމެން ތެރެއަކު ނުވެއެވެ. އަދި އެ ފާފައިން ހިތްހަމަޖެހުމެއް ނުލިބޭ މީހެއްވެސް ނެތެވެ. އަހަރަމެން ވާނީ، ފަތިސް ނަމާދަށް ތެދުވުމަށް ވުރެ، ތަންމަތީގެ އަރާމު އިސްކޮށްފައެވެ. މީގެ ދިހަ އަހަރު ކުރިން އަހަރެމެން އިޙްސާސްކުރި މި އަރާމު ނުވަތަ ނު ހޭލައި އޮތުމުން ލިބުނު ހިތްހަމަޖެހުމުން، މިހާރު އަތުގައި ބާކީ އޮތީ ކޮންއެއްޗެއް ހެއްޔެވެ؟ އަޅުކަމެއް ކުރަން އަމިއްލަ ނަފްސަށް މަޖްބޫރު ނުކުރާ އެކަކުވެސް އަހަރެމެން ތެރެއަކު ނުވެއެވެ. އަދި އެ އަޅުކަމަށްޓަކައި ވޭނެއް ތަޙައްމަލު ނުކުރާ މީހެއް ވެސް ނެތެވެ. މިކަހަލަ އެންމެ ކުޑަ ކަމަކަށް ބަލަންޏާ އަހަރަމެން ވާނީ، ރަމަޟާން މަހު ބަނޑުހައި ކަމާއި ކަރުހިއްކުން ތަޙައްމަލު ކޮށްފައެވެ. ދެން ދިހަ އަހަރު ކުރިން ރޯދަ މަހު ވީ ބަނޑުހައި ކަމުގެ ވޭނެއް، އަސަރެއް މިހާރު އަހަރެމެންގެ ކިބައިގައި ވޭހެއްޔެވެ؟ މިއިން އެއްވެސް ކަމެއް މިހާރަކު ނެތެވެ.

ކުރި ގޯސްކަންތަކުން ލިބުނު އުފާ ފާއިތުވެ ނިމި ހިނގައްޖެއެވެ. އެހެންނަމަވެސް، އެއިން ލިބުނު ފާފަ ބާކީ އެބަހުއްޓެވެ. ކުރި ރަނގަޅު ކަންތަކުން ލިބުނު ވޭން، ފާއިތުވެ ނިމި ހިނގައްޖެއެވެ. އެހެން ނަމަވެސް، އެއިން ލިބުނު ޘަވާބު ބާކީ އެބަހުއްޓެވެ. ކުރީގައި އަހަރެމެން ލިބިގަތް ހުރިހާ އުފަލަކާއި އަރާމަކާއި ހިތްހަމަޖެހުމަކުން، މަރުވާ ވަގުތު ބާކީ އޮންނާނީ ކޮންއެއްޗެއް ހެއްޔެވެ؟ ކިހާ ވަރެއް ހެއްޔެވެ؟ އަދި ލިބުނު ވޭނުން ބާކީ އޮންނާނީ ކޮން އެއްޗެއް ހެއްޔެވެ؟ ކިހާ ވަރެއް ހެއްޔެވެ؟

ﷲ އަށް ތައުބާވެ އެކަލާނގެ މަގަށް ރުޖޫޢަވާން، ކޮންމެ މުއުމިނަކު ވެސް ބޭނުމެވެ. ނަމަވަސް އޭނާ އެކަން ފަސްކުރަނީއެވެ. މިސާލަކަށް އަހަރެންގެ ހިތަށް ވެސް ކުރީގައި އެރީ ހައްޖުވުމަށް ފަހު ތައުބާވާށެވެ. ޙައްޖުވެވިއްޖެއެވެ. އެކަމަކު އެ ތައުބާއެއް ނުވެވުނެވެ. ދެން އަހަރެން ހިތަށް އެރީ ސާޅީސް ވީމާ ތައުބާވާށެވެ. ސާޅީސްވެ ފަސްދޮޅަސް ވެސް ވެއްޖެއެވެ. އެކަމަކު އެ ތައުބާއެއް ނުވެވުނެވެ. މުސްކުޅި ވީ އިރުވެސް ތައުބާއެއް ނުވެވުނެވެ. މީގެ މާނައަކީ މި ހުރިހާ ދުވަހު އަހަރެން ނުބައިކަންތަކާ ފާޙިޝްކަންތައް ކުރިވާހަކައެއް ނޫނެވެ. އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ. މިކަހަލަ ފާފަތަކެއް އަހަރެންނަށް ނުކުރެވޭކަން މައްޗަށް ﷲ އަށް ޙަމްދު ކުރަމެވެ.

މި ބުނި އެއްޗެއްގެ މާނައަކީ، އިންސާނާ އަބަދުވެސް އޭނާގެ ނަފްސު ކުރީ ދުވަހަށް ވުރެ ރަނގަޅު ކުރަން ބޭނުންވާ ވާހަކައެވެ. އެކަމަކު އޭނާ އެކަން ފަސްކުރަނީއެވެ. ހީކުރަނީ ޢުމުރުގައި ބާކީ ތަން އެބައޮތް ކަމަށެވެ. ހީކުރަނީ ދިގު ޢުމުރަކަށް ދުނިޔޭގައި ހުންނާނެ ކަމަށެވެ. ދެން ކުއްލިއަކަށް ފެންނާނީ މަރު އައިސް އޭނާގެ ދޮރުގައި ޓަކިޖަހާތަނެވެ. ދެ ފަހަރަކު، މަރު އަހަރެންނާ ވަރަށް ކައިރިވިއެވެ. މަރުވަމުންދާ މީހަކަށް ވާނެ ގޮތް އަހަރެންނަށް އެނގުނެވެ. މި ބުނި ކަންތައް ދިމާވުމުން، ﷲ އަށް އަޅުކަން ކުރުން ނޫން ގޮތުގައި ހޭދަކުރި ކޮންމެ މިނިޓެއްގެ މައްޗަށް އަހަރެން ހިތާމަކުރީމެވެ. ހަމަ ފިސާރި ތެދެކެވެ! އެ ވަގުތު އިޙްސާސް ވި ޝުޢޫރުތައް ހަނދާން ނުނެތި، އެތަކެއް މަހެއް ވަންދެން އަހަރެން އުޅުނީމެވެ. ޞާލިޙް އަޅުވެރިއެއްގެ ގޮތުގައި ހުރީމެވެ. ދެން ފަހުން އަނެއްކާވެސް ޙަޔާތުގެ ގަޑުބަޑު ތެރެއަށް އަހަރެން ގެނބިގެން ހިގައްޖެއެވެ. އެ ޙާދިސާ ހަނދާން ނެތި... މަރުވެސް ހަނދާން ނެތިއްޖެއެވެ!

އަހަރެމެން އެންމެން ވެސް ވަނީ މަރުމަތިން ހަނދާން ނެތިފައެވެ. މަރުވެފައި ތިބޭ މީހުން، ކުރިމަތިން ގެންދާތަން ކޮންމެ ދުވަހަކު ވެސް ދެކެމެވެ. އެކަމަކު އަހަރެމެން މަރުވާނެ ކަމަކަށް ތަސައްވަރެއް ނުކުރެވެއެވެ. ކަށުނަމާދު ކުރަން ތިބޭ އިރު ވެސް އަހަރެމެން ތިބެނީ ދުނިޔެވީ ކޮންމެވެސް ކަމަކާމެދު ވިސްނަވިސްނައެވެ. ކޮންމެ މީހަކުވެސް ހީކުރަނީ މަރަކީ އޭނާ ފިޔަވާ ދެން ތިބި ހުރިހާ މީހުންގެ މައްޗަށް އޮތް އެއްޗެއް ކަމަށެވެ. އޭނާ ފަސްދީފައި ދުނިޔެ އެބަ ދާ ކަމާއި، އަދި އޭނާ ވެސް ދުނިޔެ ފަސްދީފައި ދާނެކަން އެނގޭ ހާލުގައި ވެސް މެއެވެ.

އިންސާނާ ކިތަންމެ ދުވަހަކު ދިރިއުޅުނަސް މަރުވާނެއެވެ. ފަސްދޮޅަސް އަހަރު ވަންދެން ދިރިއުޅެފާނެ ކަމަށް ބަލަމާ ހިނގާށެވެ. ނުވަތަ ހަތްދިހަ އަހަރު ކަމަށް ބަލަމާ ހިނގާށެވެ. އެހެން ނޫނީ އެއީ ސަތޭކަ ކަމަށް ބަލަމާ ހެއްޔެވެ؟ ކޮންމެވެސް ދުވަހަކުން މަރު ވާނެ ނޫންހެއްޔެވެ؟ ސަތޭކަ އަހަރު ދުނިޔޭގައި އުޅެފައި މަރުވި މީހަކު ނުދަންނަންހެއްޔެވެ؟ ނޫޙްގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދީނަށް ގޮވާލައްވަން، ނުވަސަތޭކަ ފަންސާސް އަހަރު ހޭދަ ކުރެއްވިއެވެ. އެކަމަކު މިހާރު ނޫޙްގެފާނު ކޮބައިހެއްޔެވެ؟ އެކަލޭގެފާނު މަރުން ސަލާމަތްވެވަޑައިގަތް ހެއްޔެވެ؟ ދެން އެހެން ވީއިރު އަހަރެމެން މަރާ މެދު ފިކުރު ނުކުރަނީ ކީއްވެހެއްޔެވެ؟ މަރު އެއީ ކޮންމެހެން ވެސް ކުރިމަތިވާނެ ކަމެއްކަމަށްވަންޏާ، މަރަށް ތައްޔާރު ނުވަނީ ކީއްވެހެއްޔެވެ؟

ފުރަން ހަމަޖެހިފައިވާ މީހަކު ފުރަންޖެހޭ ސީދާ ވަގުތު ނޭނގުނަސް، އަންގާލެވޭ ވަގުތު ދާން، ދަތުރަށް ތައްޔާރު ނުވާނެހެއްޔެވެ؟ ސުޢޫދިއްޔާގައި ކިޔަވައި ދިނުމަށްޓަކައި ދާން ޢަޤުދު ކުރެވިފައި ތިބި މުދައްރިސުންތަކަކާ، މިދިޔަ ހޫނު މޫސުމުގައި ޢައްމާނުން ދިމާވިއެވެ. އެ މީހުންނަށް އެންގިފައި އޮތީ ފަހަރަކު މީހެއް، މަތިންދާބޯޓުގައި ގެންދެވޭނެ ކަމަށާ، ވީމާ ދަތުރަށް ތައްޔާރުވެ ތިބުމަށެވެ. އޭގެ ތެރެއިން ބައެއް މީހުން ޕާސްޕޯޓު ހައްދައި ފޮށިތަންމަތި ބަނދެ، ތިމާގެމީހުންނާ ސަލާންގަލާންކޮށް، ދަތުރުމަތީ އަޅާނެ ހެދުންވެސް ތައްޔާރު ކުރިއެވެ. އެ މީހުން ތިބީ ކޮންމެ ގަޑިއަކު ދާން އަންގާލެވުނަސް ދާން ތައްޔާރަށެވެ. ނަމަވެސް ބައެއް މީހުން ފަރުވާ ކުޑަކޮށްލިއެވެ. ފުރަން އެންގުނީމާ، ބާޒާރުކޮށް އެއްޗެހި ގަނެ، ރަށަށް ގޮސް ތިމާގެ މީހުންނަށް އަލްވަދާޢުކިޔައި، ޕާސްޕޯޓު ހައްދަން އިތުރު ވަގުތަށް އެދުނު މީހުންވެސް ތިއްބެވެ. މި މީހުންނަށް އިންތިޒާރެއް ނުކުރެވުނެވެ. ނަތީޖާއަކަށް ވީ ފުރުމުގެ ފުރުޞަތު ގެއްލި ދިއުމެވެ. އެކަމަކު މަލަކަލް މައުތު މީހަކު ބަލައި ވަޑައިގެންފިއްޔާ، އޭނާ ބަހައްޓަވާފައި އެނބުރި ވަޑައެއް ނުގަންނަވާނެއެވެ. ގަދަކަމުން ވެސް ގެންދަވާނެއެވެ. އިދިކޮޅު ހެދިޔަސް ގެންދަވާނެއެވެ. އެންމެ ގަޑިއެއް ވެސް އިތުރު މުހުލަތަކަށް ނުދެއްވާނެއެވެ. ކިއެއްތަ، މިނިޓެއްވެސް ނުދެއްވާނެއެވެ. ހިނދުކޮޅެއްވެސް ނުދެއްވާނެއެވެ. އިތުރު މުހުލަތެއް ދެއްވުމުގެ ބާރެއް ވެސް، މަލަކަލް މައުތަށް ލިބިވަޑައިގެން ނުވެއެވެ. އަހަރެމެން ބަލައި މަލަކަލް މައުތު ވަޑައިގަންނަވާނީ ކޮން އިރަކުން ކަން، އަހަރެމެންގެ ތެރެއިން އެކަކަށް ވެސް ނޭނގެއެވެ.

މަރަކީ ކޮން އެއްޗެއްހެއްޔެވެ؟ ... އޭގެ ޙަޤީޤަތަކީ ކޮބައިހެއްޔެވެ؟

އިންސާނާގެ ޙަޔާތުގައި މަރްޙަލާތަކެއް ވެއެވެ. އޭނާގެ މަންމަގެ ބަނޑުގައި އޮތުން އެއީ މަރްޙަލާއެކެވެ. ދުނިޔެއަށް އައުމަށް ފަހު، އެއީ ވެސް މަރްޙަލާއެކެވެ. ދެން މަރުވުމަށް ފަހު އަލުން ދިރުއްވަން ދެން އޮންނަ ބަރްޒަޚަކީ ވެސް މަރްޙަލާއެކެވެ. ދެން ދާއިމީ މަރްޙަލާއަކީ އަދި ޙަޤީޤީ ޙަޔާތަކީ އާޚިރަތުގެ މަރްޙަލާއެވެ. ކޮންމެ މަރްޙަލާއެއް ވެސް އޭގެ ކުރީ މަރްޙަލާއަށް ނިސްބަތް ކުރުމެކޭ، އޭގެ ފަހުން އޮތް މަރްޙަލާ އެއަށް ނިސްބަތް ކުރުމެކޭ އެއް ގޮތެވެ.

މަންމަގެ ބަނޑުގެ ދަތިކަމާ އަޅާބަލާއިރު، މި ދުނިޔޭގެ ތަނަވަސްކަމަކީ، ދުނިޔެއާ އަޅާބަލާއިރު ބަރްޒަޚްގެ ތަނަވަސްކަމެވެ. އަދި ބަރްޒަޚާ އަޅާބަލާއިރު، އާޚިރަތުގެ ތަނަވަސް ކަމެވެ. މާބަނޑުގައި އޮންނަ ކުޑަ ކުއްޖާ ހީކުރާނީ އޭނާގެ ދުނިޔެއަކީ ބަނޑު ކަމަށެވެ. އޭނާގެ ބުއްދި ހުރެ، ވިސްނޭނަމަ، އަދި ސުވާލު ކުރުމުން ޖަވާބު ދެވޭނަމަ، އޭނާ ބުނާނީ މަންމަގެ ބަނޑުން ނުކުތުމަކީ އެއީ މަރުވުން ކަމަށެވެ. ބަނޑުގައި ދެ ނިބޫ ތިއްބާ، އޭގެ ތެރެއިން އެކަކު ފުރަތަމަ ވިހެއިމާ، -އެކުގައި އޮވެފައި ދާތަން ފެނުނީމާ- ބުނާނީ އޭނާގެ ނިބޫ މަރުވެ، ފުންތަނަކަށް ވެއްޓިގެން ހިނގައްޖެ ކަމުގައެވެ. ދެން އޭނާ ވިހެއުމަށް ފަހު، ކުރީ ނިބޫގެ މަސް އެއްލާލެވިފައިވާ ތަން ފެނުމުން ހީކުރާނީ، އެއީ ކުރިން ވިހެއި އޭނާގެ ބޭބެކަމުގައެވެ. އަދި އޭގެ މައްޗަށް ހިތާމަކޮށް ރޯނެއެވެ. ދަރިފުޅު ގައިގައި ހިރަފުސްކޮޅެއް ވެސް ޖެހެން ނޭދޭ މަޔަކު، ދަރިފުޅު މަރުވެގެން ވެލީގައި ވަޅުލެވިފައިވާ ތަން ފެނުމުން ރޯނެ ފަދައިންނެވެ. ފަނާވަނިވި މި ހަށިގަނޑަކީ، ބަނޑުގައި ވާ ކުއްޖާއާ އެކު އޮންނަ މަސް ފަދަ، ހަޑިވެގެން އެއްލާލެވޭ ގަމީހެއް ފަދަ، ބާވެ ބޭނުން ކެނޑުނު ފޭރާމެއް ފަދަ، އެއްޗެއް ކަން މަންމައަކަށް ނުވިސްނެއެވެ.

މަރަކީ މިއީއެވެ. އެއީ 'އާ އުފަންވުމެއް' އެވެ. ޙަޔާތުގެ މަރްޙަލާތަކުގެ ތެރެއިން ކުރިއަށް ވުރެ ދިގު އަދި ތަނަވަސް މަރްޙަލާއަކަށް ނުކުތުމެވެ. މި ދުނިޔެއަކީ ފަހުގެ މަރްޙަލާއަކަށް ދަތުރުކުރަމުން ދާ މަގެއް ނޫން އެހެން އެއްޗެއް ނޫނެވެ. ދުނިޔޭގައި އަހަރެމެންގެ ޙަޔާތަކީ، އެމެރިކާއަށް ހިޖުރަކުރާ މުހާޖިރެއްގެ ޙަޔާތް ފަދަ އެއްޗެކެވެ. އޭނާ އާގުބޯޓަށް އަރާ ރަނގަޅު ކޮޓަރިއެއް އިޚްތިޔާރު ކުރާނެއެވެ. ދަތުރުމަތީގައި ފަސޭހަ އަރާމު ވަގުތަކަށް އެދޭނެއެވެ. ކޮޓަރި ތަރުތީބު ވެސް ކޮށްލާނެއެވެ. އެކަމަކު ކޮޓަރީގެ ފަރުނީޗަރު އާކޮށް، ފާރުގައި ދަވާދުލާށޭ ކިޔާފައި، އެމެރިކާއަށް ގޮސް ބަނގުރޫޓުވެ އަތުގައި ބޮޑުލާރިއެއް ވެސް ނެތި އުޅެން، އަތުގައި ހުރި ހުރިހާ ފައިސާއެއް ހޭދަކޮށްލާނެހެއްޔެވެ؟

ނޫނީ އޭނާ ބުނާނީ: ''އަހަރެން މި ކޮޓަރީގައި އުޅޭނީ ހަފްތާއެއްހާ ދުވަހޭ، ވީމާ މި ހުރި ގޮތަށް ހިތްހަމަޖައްސައި ފުއްދާލާނީއޭ، ޢުމުރު އެއްކޮށް ދެން އަހަރެން އުޅޭނީ އެމެރިކާގައިވިއްޔާއޭ، ވީމާ އެތަނަށް ފައިބާފައި އުޅޭނެ ގެއެއް ތައްޔާރު ކުރަން އަތުގައި ހުރި ފައިސާ ބަހައްޓާނީއޭ'' ނޫންހެއްޔެވެ؟

ދުނިޔެއާއި އާޚިރަތުގެ މިސާލަކީ ކޮބައިކަން އެނގޭހެއްޔެވެ؟

އެއްފަހަރަކު ޕެސިފިކު ކަނޑުގެ ކުދި ރަށްތަކުގެތެރެއިން ރަށެއްގައި، އެޓޮމް ބޮމެއް ތަޖުރިބާ ކުރާ ވާހަކަ އިޢްލާން ކުރެވުނެވެ. އެއީ މީގެ ފަނަރަ އަހަރު (ނުވަތަ މިއާ ގާތް ކުރާ ވަރެއް) ކުރިއެވެ. އެ ރަށުގައި ސަތޭކައެއްހާ މަސްވެރިން އުޅުނެވެ. ވީމާ ރަށުން ފޭބުމަށް އެމީހުންނަށް އެންގުނެވެ. އެ ރަށާއި، ރަށުގައި ވާ އެމީހުންގެ ހުރިހާ އެއްޗެއްގެ ބަދަލު ދޭ ގޮތަށެވެ. އަދި އެމީހުން ބޭނުން ޤައުމަކުން ބޭނުން ފެންވަރެއްގެ ގެތަކެއް ހޯދައިދޭނެކަމާއި، ރަށުގައި ވާ ތަކެތި ގުނައި، ވަކި ދުވަހެއްގެ ކުރިން ރަށުން ފޭބުމަށް އެންގުނެވެ. ދެން މަތިންދާ ބޯޓުތަކުގައި އެ މީހުން އެހެން ތަނަކަށް ގެންދާ ގޮތަށެވެ.

ރަށުން ފައިބަން ތައްޔާރު ކަމުގައި އޭގެ ތެރެއިން ބައެއް މީހުން އެންގިއެވެ. އަދި ކަނޑައެޅުނު ވަގުތުޖެހުމުގެ ކުރިން ގެންގުޅޭ ހުރިހާއެއްޗެއްގެ ލިސްޓު ވެސް ހުށައެޅިއެވެ. ނަމަވެސް އަނެއްބަޔަކު ފަރުވާ ކުޑަކޮށްލާފައި، ވަގުތު ކައިރި ވަންދެން ތިއްބެވެ. ދެން ތިބި ބަޔަކު ބުނީ، ބޮމެއް ޓެސްޓުކުރަން އުޅޭ ވާހަކައަކީ ބޮޑު ދޮގެއް ކަމަށެވެ. އެމެރިކާ އޭ ކިޔޭ ޤައުމެއް ނުވެސް އޮންނަ ކަމަށެވެ. ދުނިޔެއަކީ ހަމައެކަނި އެ މީހުން އުޅޭ ރަށްކަމަށެވެ. ވީމާ އެތަން ދޫކޮށް ނުދާނެކަމަށާއި، ރަށުން ފައިބަން ނުރުހޭ ވާހަކަ ބުންޏެވެ. މުޅި އެ ރަށް ގޮއްވާލެވޭނެ ކަމާއި، ގޮއްވުމަށް ފަހު ރަށް އޮތް ތަނުން ފެންނާނީ ރަށުގެ އަސަރެއް ކަން، އެމީހުން ހަނދާން ނައްތާލިއެވެ.

ދުނިޔޭގެ މިސާލަކީ މިއީއެވެ. މި ވާހަކައިގައިވާ މީހުންގެ ތެރެއިން ފުރަތަމަ މީހުންގެ މިސާލަކީ، އާޚިރަތާ މެދު ފިކުރުކޮށް، އޭނާ ހެއްދެވި ކަލާނގެ އާ ބައްދަލުވާނެ ދުވަހަކަށް ތައްޔާރުވެ އަޅުކަންކޮށް ތައުބާ ވާ މީހާގެ މިސާލެވެ. ވާހަކައިގައިވާ ދެވަނަ މީހުންގެ މިސާލަކީ، ފާފަ ކުރާ، ދީނުގެ ކަންތަކާ މެދު ފަރުވާ ކުޑަ ކުރާ މީހާގެ މިސާލެވެ. ތިންވަނަ މީހުންގެ މިސާލަކީ ހަމައެކަނި މާއްދާ ޤަބޫލު ކުރާ ކާފިރެއްގެ މިސާލެވެ. އޭނާ ބުނާނީ ''އޮތްހާ ވެސް އެއްޗަކީ އަހަރެމެންގެ މި ދުނިޔަވީ ޙަޔާތެވެ. މީގެ ފަހުން ޙަޔާތެއް ނޯވެއެވެ. މަރުވުމަކީ ދިގު ނިންޖެކެވެ. ދާއިމީ އަރާމެކެވެ. އޭގެ ފަހުން ހަށިގަނޑު ނެތުމުގެ ތެރެއަށް ފަނާވެގެން ހިނގައިދާނެއެވެ. ''

މީގެ މާނައަކީ، ދުނިޔެއިން މުޅިން އެއްކޮށް ޒާހިދުވުމަށް، މުސްލިމުންގެ ކިބައިން އިސްލާމްދީން އެދެނީއެއް ނޫނެވެ. ދުނިޔެއިން އަތް ފޮޅާލާ، މިސްކިތުން ނުނުކުމެ ހުރުމެއް ވެސް ނޫނެވެ. ހޮހޮޅައަކަށް ވަދެ އެތާ ޢުމުރު ހޭދަކޮށްލުމެއް ވެސް ނޫނެވެ. ކިއެއްތަ، މުސްލިމުންގެ ކިބައިން އިސްލާމްދީން އެދެނީ، ރަނގަޅު ޙަޟާރަތެއްގެ އެންމެ ކުރިއަރައި ތިބި، ތަހުޒީބު ބަޔަކު ކަމުގައި ވުމަށެވެ. އަދި ޢިލްމުގައި -ހުރިހާ ޢިލްމެއްގައި- އެންމެ މޮޅެތި ޢިލްމުވެރިންނަށް ވުމަށެވެ. އަދި ކޮންމެ މުސްލިމަކު ވެސް، އޭނާގެ ހަށިގަނޑަށް ދޭންޖެހޭ ކާނާއާއި ކަސްރަތަކީ ކޮބައިކަން ދަތުމަށެވެ. އަދި އޭގައި ޙަރާމް ކަމެއް ނުހިމަނައި މަޖާކޮށް މުނިފޫހިފިލުވައި، ހަށިފަސޭހަކޮށް، އޭނާގެ ނަފްސަށް ދޭންޖެހޭ ޙައްޤަކީ ކޮބައިކަން ދަތުމަށެވެ. އޭނާގެ ޢާއިލާ މީހުންނާ އަޅާލައި ހެޔޮކޮށް ހިތުމަށެވެ. އަދި އަނބިމީހާއާ އަޅާލައި ކަމޭހިތުމަށެވެ. އަދި ދަރިން ތަރުބިއްޔަތު ކޮށް، ލޯބި ދީ ރަނގަޅު މަގު ދައްކައިދީ، އެ ކުދިންނަށް އަދާ ކުރަންޖެހޭ ޙައްޤު އަދާ ކުރުމަށެވެ. އަދި މުޖްތަމަޢަށް ފައިދާ ހުރި ކޮންމެ ކަމެއް ކޮށް، މުޖްތަމަޢަށް އަދާ ކުރަންޖެހޭ ޙައްޤު ދަތުމަށެވެ. ހަމަ އެހެންމެ، ﷲ ގެ އެއްކައުވަންތަކަމަށް ހެކިވެ، އެކަލާނގެއަށް ކިޔަމަންގަނެ، އަދާ ކުރަންޖެހޭ ޙައްޤު އަދާކުރަން ދަތުމަށެވެ.

މުސްލިމުން ފައިސާ ހޯދާނެއެވެ. އެކަމަކު ޙަލާލު ގޮތުގައެވެ. ހުއްދަ ރަނގަޅު ތަކެތީގެ ބޭނުން ހިފައި އުފަލާއި ހިތްހަމަޖެހުން ހޯދާނެއެވެ. ދުނިޔޭގައި އޭނާ އުޅޭނީ، ދުނިޔޭގައި މީހުން އުޅޭނެ އެންމެ މޮޅު، ފުރިހަމަ ގޮތުގައެވެ. ނަމަވެސް ޝަރުޠުތަކާ އެކުގައެވެ. އެއީ، ﷲ ގެ އެއްކައުވަންތަކަމަށް ރަނގަޅަށް އީމާން ވުމާއި، އީމާންކަމުގެ ތެރެއަށް ފާޅާއި އަދި ވަންހަނާ ޝިރުކެއް ވެސް ނުވެއްދުމާއި، ޞައްޙަ އިސްލާމް ކަމެއްގައި ހުރުމާއި، ޙަރާމް ކަންތައް ދޫކުރުމާއި، ފަރުޟުތައް އަދާ ކުރުމާއި، މުދަލާއި ފައިސާ ހިތުގައި ނުބަހައްޓާ އަތުގައި ބެހެއްޓުމާއި، މުދަލާއި ފައިސާއަށް އިޢްތިމާދުނުވެ،[3" ހެއްދެވި ފަރާތަށް އިޢްތިމާދު ވުމާއި، އެނާގެ ހުރިހާވެސް މަޤްޞަދަކީ އަދި އެދޭ ހުރިހާވެސް އެދުމަކީ ﷲ ގެ ރުއްސެވުން ހޯދުން ކަމުގައި ވުމެވެ.

 

*    *    *    *

 

 

އިސްލާމް ދީން

އެއް ފަހަރަކު އަހަރެންގެ ދަރިވަރުންނާ ސުވާލު ކުރީމެވެ: ''ބޭރު މީހަކު އައިސް، އެއްގަޑި އިރު ތެރޭގައި ތިމަންނައަށް އިސްލާމް ދީނަކީ ކޮބައިކަން ބުނެދޭށޭ ބުނެފިނަމަ، ކަލޭމެން ކުދިން އޭނާއަށް އިސްލާމް ދީން ދަސްކޮށްދޭނީ ކިހިނެއްހެއްޔެވެ؟''

ޖަވާބުގައި ދަރިވަރުން ބުންޏެވެ: ''ތިއީ މުސްތަޙީލް ކަމެކެވެ! އޭނާ ތައުޙީދާއި، ތަފްސީރާއި، ޙަދީޘާއި، ފިޤުހާއި، އުޞޫލުލް ފިޤްހު ކިޔަވަން ޖެހޭނޭ. ޢިލްމީ މައްސަލަތަކުގެ ތެރެއަށް ވަންނަން ޖެހޭނެއެވެ. ވީމާ ފަސް އަހަރުން ނޫނީ މި މައްސަލަތަކުގެ ތެރެއިން އޭނާއަށް ނުނުކުމެވޭނެއެވެ.''

ދެން އަހެރެން ބުނީމެވެ: ''ސުބްޙާނަﷲ އެވެ! އަޢްރާބީން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިއަހަށް އައިސް، ދުވަހެއް ނުވަތަ ބައި ދުވަސް ކޮށްފައި، އިސްލާމް ދީން ދަސްކޮށްގެން ގޮސް އޭނާގެ ޤައުމުގެ މީހުންނަށް އުނގަންނައި ދޭ އެދުރަކަށް ނުވޭހެއްޔެވެ؟ އިސްލާމް ދީނަށް ގޮވާލާ އެ ދީން ފޯރުކޮށްދޭ މީހަކަށް ނުވޭހެއްޔެވެ؟ ކުރުވެގެން ގޮސް އެންމެ ތިން ޖުމްލައިން، ކީރިތި ރަސޫލާ ޙަދީޘްފުޅެއްގައި -ޖިބްރީލްގެފާނު ވަޑައިގެން ސުވާލު ކުރެއްވި ޙަދީޘް- ، ދީން ޝަރަޙަކޮށް ނުދެއްވާހެއްޔެވެ؟ އެ ޙަދީޘްފުޅުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ވާހަކަފުޅު ދެއްކެވީ، އީމާންކަމާއި، އިސްލާމްކަމާއި، އިޙްސާންކަމާއި ބެހޭގޮތުންނެވެ. ވީ އިރު، މިއަދު އަހަރެމެންނަށް ގަޑިއެއްގެ އިރުތެރޭގައި، ދީން ޝަރަޙަކޮށް ނުދެވެންވީ ކީއްވެގެންހެއްޔެވެ؟''

ވީމާ، އިސްލާމްދީނަކީ ކޮބައިހެއްޔެވެ؟ އެ ދީނަށް ވަންނާނީ ކިހިނެއްހެއްޔެވެ؟

ރަނގަޅު އަދި ބާޠިލް ހުރިހާ ދީނެއްގައި ވެސް، ފައިދާ ހުރި އަދި ގެއްލުން ހުރި ހުރިހާ ޖަމްޢިއްޔާތަކެއްގައި ވެސް، ރަނގަޅު އަދި ނުބައި ހުރިހާ ޕާޓީތަކެއްގައި ވެސް، ވަކި އުޞޫލުތަކަކާއި ފިކުރީ ބިންގާތަކެއް އޮވެއެވެ. ވަކި ޢަޤީދާއެއް އޮވެއެވެ. އޭގައި އެ މީހުންގެ ލަނޑުދަނޑި އަކީ ކޮބައިކަން ކަނޑައަޅައި، ހިނގަންވާ މަގު ކަނޑައަޅާފައި އޮވެއެވެ. އެ ވާނީ އެ ދީނަކަށް ނުވަތަ ޖަމްޢިއްޔާއަކަށް ނުވަތަ ޕާޓީއަކަށް ތަބާވާ މީހުންނާއި މެންބަރުންގެ ދުސްތޫރު ފަދަ އެއްޗަކަށެވެ.

މިއިން ދީނަކާއި ނުވަތަ ޖަމްޢިއްޔާއަކާއި ނުވަތަ ޕާޓީއަކާ ގުޅެން މީހަކު ބޭނުންވެއްޖެ ނަމަ، އެންމެ ފުރަތަމަ އެ މީހާ ބަލާލާނީ އެ މީހުންގެ އުޞޫލުތަކަށެވެ. ދެން އޭނާގެ ހޭ ޖެހޭ ބުއްދިން ފުންކޮށް ވިސްނުމަށްފަހު، އެ އުޞޫލުތަކާ މެދު ހިތްހަމަޖެހި، ރުހި، އެ ފިކުރު ޤަބޫލު ކުރެވި، އެއާ މެދު އެއްވެސް ޝައްކެއް ނެތްނަމަ، އެ ޖަމްޢިއްޔާ، ޕާޓީ، ނުވަތަ ދީނަށް ނިސްބަތް ވާން އެދެއެވެ. އަދި މެންބަރަކަށް ވެދެއެވެ. އެ ހިސާބުން ފެށިގެން އެ މީހުންގެ ދުސްތޫރުގައި، ކަނޑައަޅާ ކަންތައްތައް ކުރަން އޭނާގެ މައްޗަށް ވާޖިބުވެއެވެ. އަދި ނިޒާމުގައި ކަނޑައެޅިފައި ވާ ފީ ވެސް ދައްކައެވެ. އަދި މިއަށް ފަހު، އެ މީހުންގެ އުޞޫލުތަކަށް އިޚްލާޞްތެރިކަން، އޭނާގެ ސުލޫކުން ދައްކައި ދޭން ޖެހެއެވެ. އެ މީހުންގެ އުޞޫލުތައް އަބަދު ވެސް ހަނދާން ބަހައްޓަން ޖެހެއެވެ. ޤަވާޢިދާއި ޚިލާފު ޢަމަލެއް ކޮށްގެން ނުވާނެއެވެ. ކިއެއްތަ، އޭނާގެ އަޚްލާޤާއި ސުލޫކުން، އޭނާ ވާން ޖެހޭނީ، އެ މީހުންގެ ރީތި މިސާލަކަށެވެ. އެ ދީނަށް ނުވަތަ ޕާޓީއަށް ނުވަތަ ޖަމްޢިއްޔާއަށް ޢަމަލީގޮތުން ގޮވާލާ މީހަކަށެވެ.

ވީމާ، ޖަމްޢިއްޔާއެއްގެ މެންބަރު ކަމަކީ އެއީ:

- އެ ޖަމްޢިއްޔާގެ ނިޒާމުތައް އެނގުމާއި،
- ޖަމްޢިއްޔާގެ އުޞޫލުތައް ޤަބޫލު ކުރުމާއި،
- ޖަމްޢިއްޔާގެ ޙުކުމްތަކަށް ބޯ ލެނބުމާއި،
- ޖަމްޢިއްޔާ އާއި އެއްގޮތް ސުލޫކުތަކެއް ދިރިއުޅުމުގައި ގެންގުޅުމެވެ.

މިއީ ޖަމްޢިއްޔާ، ޕާޓީ ފަދަ އެކިއެކި ޖަމާޢަތްތަކާ ގުޅޭއިރު، ދުނިޔޭގެ އެންމެން ވެސް ޤަބޫލުކުރާ ހަމަތަކެކެވެ. މި ހަމަތަކަކީ އިސްލާމްދީނާ ގުޅޭ މީހެއްގެ މައްޗަށް ވެސް ފެތޭ ކަންތަކެވެ. އިސްލާމްދީނަށް ވަންނަން ބޭނުން މީހަކު ނަމަ، އެންމެ ފުރަތަމަ ވެސް އޭނާއަށް ޖެހޭނީ އެ ދީނުގެ އަސާސީ، ބުއްދީގެ ހަމަތައް ޤަބޫލު ކުރާށެވެ. ދީނުގެ ބިންގާތަށް، ހިތުގެ އަޑިން ޔަޤީން ކަމާއެކު ތެދުކޮށް ޤަބޫލުކުރާށެވެ. އޭނާގެ ޢަޤީދާއެއް އޮންނާނީ އޭރުންނެވެ.

މި ބުނި އަސަސާސީ ކަންތައްތަކުގެ ޚުލާސާ އަކީ:

- ހުރިހާ ވެސް އެއްޗަކީ މި މާއްދީ ދުނިޔެ ނޫންކަމާއި، އަދި އޮތް ހާ ވެސް ޙަޔާތަކީ މި ދުނިޔެވީ ޙަޔާތް އެކަނި ނޫންކަން، ހިތުގެ އަޑިން ޤަބޫލު ކުރުމެވެ. ފަހެ އިންސާނާ ދުނިޔެއަށް އުފަންވުމުގެ ކުރިން ވެސް އޭނާ ވުޖޫދެއްގައި ވިއެވެ. ވީމާ މަރުވުމަށް ފަހު ވެސް އޭނާ ނިމިއެއް ނުދާނެއެވެ.

- އަދި އިންސާނާ އުފެއްދީ އޭނާ އަމިއްލައަށް ނޫން ކަމާއި، އަދި ކިއެއްތަ، އޭނާ އެބަ ހުރިކަން އަމިއްލައަށް އިޙުސާސްވާން ފެށުމުގެ ކުރިން ވެސް އޭނާ ވަނީ އުފެދިފައި ކަން ޤަބޫލު ކުރަން ޖެހެއެވެ.

- ވަށައިގެން ވާ ތަކެއްޗަކީ ބުއްދި ހުރި އެއްޗަކަށް ނުވާ އިރު ވެސް، އޭނާގެ ބުއްދިއެއް އެބަހުއްޓެވެ. ވީމާ އޭނާ އުފެއްދީ އޭނާގެ ވަށައިގެން ވާ ތަކެތި ނޫން ކަން ޤަބޫލު ކުރަންޖެހެއެވެ. ކިއެއްތަ، ނެތުމުގެ ތެރެއިން އޭނާ އާއި ދުނިޔޭގައި ވާހާ އެއްޗެއް އުފެއްދެވީ ވެސް، އެއްކައުވަންތަ އިލާހެއް ކަމާއި، ދިރުއްވައި މަރުހިއްޕަވަނީ ވެސް އެކަލާނގެ ކަން ޤަބޫލު ކުރަން ޖެހެއެވެ.

- ކާއިނާތުގައި ވާ ހުރިހާ އެއްޗެއް އުފެއްދެވީ ވެސް އެކަލާނގެ ކަމާއި، އެކަލާނގެ އިރާދަ ކުރައްވައިފިއްޔާ، އެ ހުރިހާ އެއްޗެއް ފަނާ ކުރައްވައި ގެންދަވާނެ ކަން ޤަބޫލު ކުރަން ޖެހެއެވެ.

- މި އިލާހަކީ ކާއިނާތުގައިވާ އެއްވެސް އެއްޗަކާ އެއްގޮތް އިލާހެއް ނޫން ކަމާއި، އެއީ ފެށުމެއް ނުވާ ޤަދީމްވަންތަ އިލާހު ކަމާއި، އަދި އެއީ ނިމުމެއް ނުވާ ދާއިމަށް ދެމިވޮޑިގެންވާ އިލާހު ކަމާއި، އަދި އެއީ ކުޅަދުންވަންތަ ކަމުގައި ހައްދެއް ނެތް ކުޅަދުންވަންތަ އިލާހު ކަން، ޤަބޫލު ކުރަން ޖެހެއެވެ.

- އަދި އެކަލާނގެއަށް އެއްވެސް ކަމެއް ވަންހަނާވެވޮޑި ނުގަންނަވާ ކަމާއި، އެކަލާނގެ އަކީ ހުރިހާ ކަމެއް ދެނެވޮޑިގަންނަވާ އިލާހު ކަން ޤަބޫލު ކުރަން ޖެހެއެވެ.

- އަދި އެކަލާނގެ އަކީ، އިންސާނުންގެ ޢަދުލުވެރިކަމާއި އަޅާވެސް ނުކިޔޭނެ ޢަދުލުވަންތަވެރިކަމެއްގެ ވެރި ރަސްކަލާނގެ ކަން ޤަބޫލު ކުރަން ޖެހެއެވެ.

- އަދި އަހަރެމެން ޠަބީޢަތުގެ ޤާނޫނޭ މި ކިޔާ، ކައުނުގެ ނިޒާމް ކަނޑައެޅުއްވީ އެކަލާނގެ ކަމާއި، ކައުނުގައި ވާހާ އެއްޗެއް ވެސް ލެއްވީ ވަކި މިންވަރަކަށް ކަމާއި، އަޒަލުއްސުރެ ކައުނުގައި ވާނެ އެއްޗެއްސާއި ވައްތަރުތައް ކަނޑައެޅުއްވި ކަމާއި، ކައުނުގައި ވާ ދިރުން ހުރި ތަކެއްޗާއި ދިރުމެއް ނުވާ ތަކެތީގެ ޙަރަކާތާއި ހިމޭންކަމާއި، އެ ސާބިތުވެ ހުންނަ ހުރުމާއި ބަދަލުވާ ބަދަލުވުމާއި، އެ ކުރާ ކަންތަކާއި ނު ކުރާ ކަންތައް ވެސް، އެކަލާނގެ ދެނެވޮޑިގަންނަވާ ކަން ޤަބޫލު ކުރަން ޖެހެއެވެ.

- އަދި ވަރަށް ގިނަ ކަންތަކާ މެދު ގޮތެއް ކަނޑައަޅަން އެނގޭނެ ފަދަ ބުއްދިއެއް، އިންސާނުންނަށް ދެއްވި ކަމާއި، އެ ބުއްދިއަކީ އިންސާނާގެ ބާރު ދަށުގައި ވާ އެއްޗެއް ކަމާއި، ބޭނުންވާ ކަމެއް އިޚްތިޔާރު ކުރަން ބުއްދިއެއް ދެއްވި ކަމާއި، އިޚްތިޔާރު ކުރި ކަމެއް ކުރުމުގެ ބާރާ މިނިވަންކަން ދެއްވި ކަން ޤަބޫލު ކުރަން ޖެހެއެވެ.

- އަދި ވަގުތީ މި ޙަޔާތަށް ފަހު އާޚިރަތުގައި ދާއިމީ ޙަޔާތެއް ލެއްވި ކަމާއި، އެތާނގައި ރަނގަޅު މީހުންނަށް ސުވަރުގޭގެ ޘަވާބު ދެއްވާނެ ކަމާއި، ނުބައި މީހުންނަށް ނަރަކައިގެ ޢަޛާބު ދެއްވާނެ ކަން ޤަބޫލު ކުރަން ޖެހެއެވެ.

- އަދި މި އިލާހަކީ އެއްކައުވަންތަ އިލާހެއް ކަމާއި، އެ ކަލާނގެ އާ އެއްކޮށް އަޅުކަން ކުރެވޭ އެހެން އިލާހެއް ނުވާ ކަމާއި، އެ ކަލާނގެއާ ކުއްތަން ވުމަށް މެދުވެރިއެއް ބޭނުން ނުވާ ކަމާއި، އަދި އިޒުނަ ނުދެއްވާ ފަރާތެއްގެ ޝަފާޢަތްތެރިކަމެއް ނު ހޯދޭނެ ކަމާއި، ވީމާ އަޅުކަންކުރަން ޖެހެނީ -އަޅުކަމުގެ ހުރިހާ ކަމެއް- ހަމައެކަނި އެކަލާނގެއަށް ކަން ހިތުގެ އަޑިން ޤަބޫލު ކުރަން ޖެހެއެވެ.

- މާތް ﷲ އުފެއްދެވި މަޚްލޫޤުތަކުން ތެރޭގައި، ޙިއްސުތަކުގެ އެހީގައި އެ ވާކަން އެނގޭ، ފެންނަ، މާއްދީ މަޚްލޫޤުންތަކެއް ވާ ކަމާއި، އަދި އަހަރެމެންނަށް ނުފެންނަ މަޚްލޫޤުންތަކެއް ވެސް ވާކަން ޤަބޫލު ކުރަން ޖެހެއެވެ. މީގެ ތެރެއިން ބައެއް އެއްޗެއްސަކީ ދީނީގޮތުން މުކައްލަފުންނަށް[4] ވާ ދިރޭ އެއްޗެހި ކަމާއި، އަނެއްބައި އެއްޗެއްސަކީ ދިރުމެއް ނުވާ އެއްޗެހި ކަމާއި، ދިރޭ އެއްޗެހީގެ ތެރޭގައި، މަލާއިކަތުން ފަދަ މުޅިން ވެސް ރަނގަޅު ކަންތަކަށް ޚާއްޞަ ކުރެވިފައިވާ ބަޔަކު ވާ ކަމާއި، ޝައިޠާނުން ފަދަ މުޅިން ވެސް ނުބައި ކަންތަކަށް ޚާއްޞަ ކުރެވިފައިވާ ބައެއް ވާ ކަމާއި، އަދި އިންސީންނާއި ޖިންނީން ފަދަ، ހެވާއި ނުބައި އަދި ލަފާކަމާއި ނުލަފާކަން އެކުލެވޭ، ބަޔަކު ވެސް އުފެއްދެވި ކަން ޤަބޫލު ކުރަން ޖެހެއެވެ.

- އަދި އިންސާނުންނަށް އިލާހީ ޝަރީޢަތް ފޯރުކޮށް ދެއްވުމަށްޓަކައި، މަލާއިކަތުން މެދުވެރި ކުރައްވައި ވަޙީ ބާވައިލައްވާ ބަޔަކު، އިންސާނުންގެ ތެރެއިން މާތް ﷲ އިޚްތިޔާރު ކުރެއްވިކަން ޤަބޫލުކޮށް އީމާން ވާންޖެހެއެވެ. އެއީ ރަސޫލު ބޭކަލުންނެވެ.

- އަދި އުޑުން ބާވައިލެއްވި ހުރިހާ ފޮތްތަކާއި ފިލާތަކެއްގައި ވެސް، މި ޝަރީޢަތް ހިމެނޭ ކަމާއި، ފަހުން ބާވައިލެއްވޭ ފޮތް، އޭގެ ކުރިން ބާވައި ލެއްވުނު ފޮތްތައް އުވާލައި ނުވަތަ އެއަށް ބަދަލުތަކެއް ގެންނަ ކަމާއި، މިގޮތުން އެންމެ ފަހުން ބާވައިލެއްވުނު ފޮތަކީ ޤުރުއާން ކަމާއި، ޤުރުއާނުގެ ކުރިން ބާވައިލެއްވުނު ފޮތްތަކާއި ފިލާތަކެއް ވަނީ، އިންސާނުން އަމިއްލައަށް ބަދަލުކޮށް ނުވަތަ ގެއްލިގެން ގޮސް ނުވަތަ ހަނދާން ނައްތާލެވިފައި ކަމާއި، މިފަދަ ބަދަލުކުރުންތަކާއި ގެއްލި ދިއުމުން ޤުރުއާން ސަލާމަތް ވެފައި ވާކަން ޤަބޫލުކޮށް އިމާން ވާންޖެހެއެވެ.

- އަދި މާތްﷲ ފޮނުއްވި ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުން ގެ ތެރެއިން، އެންމެ ފަހުގެ ރަސޫލު ބޭކަލަކީ، ޤުރައިޝުވަންހައިގެ ޢަރަބި ބޭކަލެއް ކަމުގައިވާ، ޢަބްދުﷲ ގެފާނު ގެ ދަރިކަލުން މުޙައްމަދުގެފާނު ކަމާއި، އެކަލޭގެފާނުގެ ރަސޫލު ކަމަށް ފަހު ރަސޫލުކަމުގައި ސިއްކަ ޖެހިއްޖެކަމާއި، އެކަލޭގެފާނު ގެންނެވި ދީނަށް ފަހު ދީންތަކުގައި ސިއްކަ ޖެހިއްޖެ ކަމާއި، އެކަލޭގެފާނަށް ފަހު ނަބީބޭކަލެއް ނާންނާނެކަން ހިތުގެ އަޑިން ޤަބޫލުކޮށް އީމާން ވާން ޖެހެއެވެ.

ޤުރުއާނަކީ އިސްލާމް ދީނުގެ ދުސްތޫރެވެ. ވީމާ އެއީ ﷲ ބާވައިލެއްވި އެއްޗެއް ކަން ތެދުކޮށް، އެއަށް އެއްކޮށް އީމާން ވެއްޖެ މީހަކަށް ''މުއުމިން'' އެކޭ ކިޔެއެވެ. މި މާނައިގައި އީމާން ވުމުން، ﷲ ފިޔަވާ އެހެން ފަރާތަކަށް، އެކަމެއް ނޭނގޭނެއެވެ. ސަބަބަކީ، އިންސާނުންނަށް މީސްމީހުންގެ ހިތްފަޅައިގެން އެ ހިތުގައި އޮންނަ އެއްޗެއް ނު ބެލޭތީއެވެ. ވީމާ އޭނާއަކީ މުސްލިމުންގެ ތެރޭގައި ހިމެނޭ މުސްލިމެއް ކަމުގައި، މުސްލިމުން ދުށުމަށްޓަކައި، މި އީމާންކަން ދުލުން އިޢްލާންކޮށް ޝަހާދަތުގެ ދެ ކަލިމަ ކިޔަން ޖެހެއެވެ.

އެ ދެކަލިމައަކީ: اشهد أن لا إله إلا الله ، وأشهد أن محمداً رسول الله  އެވެ.
މާނައަކީ: ''ހަމަކަށަވަރުން މާތް ﷲ ފިޔަވައި ޙައްޤުގޮތުގައި އަޅުކަން ކުރެވޭ އިލާހެއް ނުވާކަމަށާއި، މުޙައްމަދުގެފާނަކީ އެކަލާނގެ ރަސޫލާ ކަމަށް، އަހަރެން ހެކިވަމެވެ.''

މިހެން ދުލުން ކިޔައިފިއްޔާ، އެ މީހާ ވާނީ މުސްލިމަކަށެވެ. އެހެން ގޮތަކަށް ބުނާނަމަ، އިސްލާމީ ދައުލަތުގެ ''އަސްލު ރަށްވެއްސެއް'' އަކަށެވެ. މުސްލިމަކަށް ލިބިގެންވާ ހުރިހާ ޙައްޤުތަކެއް އޭނާއަށް ލިބޭނެއެވެ. އަދި އިސްލާމް ދީން އޭނާއާއި ހަވާލު ކުރާ ހުރިހާ ކަމެއް ކުރުމަށް، އޭނާ އެއްބަސްވީ އެވެ.

މިކަންތައްތަކަކީ (އަޅުކަންތައް) ވަރަށް މަދު ކަންތަކެކެވެ. ފަސޭހަ ކަންތަކެކެވެ. އޭގައި ބޮޑު ބުރަކަމެއް އަދި އުނދަގުލެއްވެސް ނުވެއެވެ.

އަޅުކަންތަކުގެ ތެރެއިން ފުރަތަމަ ކަމަކީ: އޭނާ ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނގެ ކިބަފުޅަށް، ހެނދުނު ދެ ރަކްޢަތް ކޮށް މުނާޖާކުރުމެވެ.[5] އެ ކަލާނގެ ކިބަފުޅުން ހެޔޮކަންތަކަށް އެދި، އެ ކަލާނގެ ޢަޛާބުން ރައްކާތެރިވުމަށް އެދި ދުޢާ ކުރުމެވެ. އަދި މި ދެރަކްޢަތް ކުރުމުގެ ކުރިން، ވުޟޫ -އަތްފައި ދޮވުން- ކުރުމެވެ. ނުވަތަ ޖުނުބުވެރިކަމެއް ވާނަމަ، މުޅި ހަށިގަނޑު ދޮވުމެވެ.

ދެން ދުވާލުގެ މެންދުރުގެ ވަގުތެއްގައި ހަތަރު ރަކްޢަތް ކޮށް، އަނެއްކާ ވެސް ހަތަރު ރަކްޢަތް ކޮށް، އަދި އިރު އޮއްސުމުން ތިން ރަކްޢަތް ކޮށް، ރޭގަނޑު ހަތަރު ރަކްޢަތް ކުރުމެވެ.

ފަރުޟު ކުރެވިފައިވާ ނަމާދުތަކަކީ މިއީއެވެ. މި ހުރިހާ ނަމާދެއް ކުރަން، ބައިގަޑި އިރު ވެސް ނުނަގާނެއެވެ. އެތަނެއްގައި ނޫނީ ނަމާދު ނުކުރެވޭނެ ވަކި ޚާއްޞަ ތަނެއް ޝަރުޠު ކުރެވިފައެއް ނުވެއެވެ. އެ މީހަކާ (ފާދިރީ ފަދަ މީހަކާ) އެކު ކުރުމުން ނޫނީ، ޞައްޙަ ނުވާ ވަކި ޚާއްޞަ މީހެއް ވެސް ޢައްޔަން ކުރެވިފައި ނުވެއެވެ. ނަމާދު ކުރާ އިރު -އަދި އެހެން އެއްވެސް އަޅުކަމެއްގައި ވެސް-، މުސްލިމާއާއި އޭނާ ހެއްދެވި ﷲ އާއި ދެމެދު މެދުވެރިއެއް ބޭނުމެއް ނުވެއެވެ.

ދެވަނަ ކަމަކީ:     އަހަރުގެ ވަކި މަހެއް އޮވެއެވެ. އެ މަހުގައި، ދުވާލު ކުރީކޮޅު ހެނދުނު ނާސްތާ ކުރުމުގެ ބަދަލުގައި ރޭގަނޑުގެ ފަހު ވަގުތަކަށް އަވަސް ކޮށް، މެންދުރުން ކެއުން އިރު އޮއްސުމުގެ ފަހަށް ލަސް ކުރެއެވެ. އަދި ދުވާލުގެ ވަގުތުގައި، ކެއުމާއި ބުއިމާއި އަނބިމީހާއާއި ޖިމާޢުވުމާ ދުރުހެލިވެއެވެ. މިހެން މި ކަންތައް ކުރުމުން، އެ މަސް ވާނީ އޭނާގެ ނަފްސު ސާފުވާ މަހަކަށެވެ. މައިދާއަށް އަރާމެއް ލިބޭ މަހަކަށެވެ. އަޚްލާޤު ތަހުޒީބު ކުރެވޭ މަހަކަށެވެ. ދުޅަހެޔޮވާ މަހަކަށެވެ. އަދި މި މަސް ވެގެންދާނީ، އެއްބަޔަކު އަނެއް ބަޔަކު ހެޔޮކަންތަކަށް އެހީތެރިވެ ދީލަތިވާ، ދިރިއުޅުމުގައި މުއްސަނދިންނާ ފަޤީރުން ހަމަހަމަ ވާ މަހަކަށެވެ.

ތިންވަނަ ކަމަކީ:    އަމިއްލަ ނަފްސަށާއި އަނބި ދަރިންނަށް ކުރަން ޖެހޭ ޚަރަދު ކޮށްފައި، މުދަލުން އެއްޗެއް ބާކީ ވެފައި، އޭގެ ބޭނުން ނުޖެހި ހުންނަތާ އަހަރެއް ވެއްޖެނަމަ، އެ މުދަލުން 2.5 އިންސައްތަ، ފަޤީރުންނަށާއި ބޭނުންޖެހިފައިވާ މީހުންނަށް ދޭންޖެހެއެވެ. އެހެނީ އެ ފައިސާއަކީ އޭނާއަށް ބޭނުން ޖެހޭ އެއްޗެއް ނޫނެވެ. ވީމާ މީހަކަށް އޭތިކޮޅު ދިނުން އެއީ އޭނާއަށް ބުރަ ކަމަކަށް ނުވާނެއެވެ. އަދި އޭތިކޮޅު ދިނުން ވާނީ، ބޭނުން ޖެހިފައިވާ މީހުންނަށް، ވެ ދެވޭ ވަރަށް ބޮޑު އެހީތެރި ކަމަކަށް ވެސް މެއެވެ. އިޖްތިމާޢީ ގުޅުން ބަދަހި ވާނެ ކަމެއް ވެސް މެއެވެ. ބަލިތަކުގެ ތެރެއިން އެންމެ ނުބައި ބަލިކަމުގައިވާ ފަޤީރު ކަމުގެ ބައްޔަށް އޮތް ފަރުވާއެއް ވެސް މެއެވެ.

ހަތަރުވަނަ ކަމަކީ: އިސްލާމް ދީން ވަނީ، އިސްލާމީ މުޖްތަމަޢް ދޭތެރެ ދޭތެރެއިން ބައްދަލުވެ އުޅުމުގެ މަގު ތަނަވަސްކޮށް ދީފައެވެ. އެ ބައްދަލުވުންތަކަކީ:

ކައިރި ކައިރީގައި ހުންނަ ގެތަކުގެ މީހުން ކޮންމެ ދުވަހަކު ވެސް ފަސްފަހަރު ބައްދަލުވެއެވެ. މަދަރުސާ އެސެންބުލީ ހަދާ ގޮތަށެވެ. އެއީ ޖަމާޢަތުގައި ކުރާ ފަސް ނަމާދެވެ. ޖަމާޢަތުގެ ކޮންމެ މެންބަރަކުވެސް، ﷲ ގެ ޙަޟްރަތުގައި ހުއްޓި ހުރެ، އެ ކަލާނގެއަށް ވާ އަޅުވެތިކަން ވަރުގަދަކުރެއެވެ. އަދި މި ބައްދަލުވުން ތަކުން ލިބޭ މޭވާތަކުގެ ތެރޭގައި، ގަދަ މީހުން ނިކަމެތިންނަށް އެހީތެރި ވުމާއި، ދަންނަ މީހުން ނުދަންނަ މީހުންނަށް އުނގަންނައި ދިނުމާއި، މުއްސަނދިން ފަޤީރުންނަށް އެހީތެރި އަތެއް ފޯރުކޮށް ދިނުން ހިމެނެއެވެ.

މި ބައްދަލުވުމުގެ މުއްދަތަކީ ފަނަރަ މިނިޓެވެ. ވީމާ މަސައްކަތު މީހެއްގެ މަސައްކަތް ހުއްޓި، ވިޔަފާރިވެރިއެއްގެ ވިޔަފާރި ހުއްޓޭނެ ޖާގައެއް ނެތެވެ. މި ބައްދަލުވުން ބޭއްވިފައި އޮއްވާ، އެތަނަށް ނުގޮސް މުސްލިމަކު އޭނާގެ ގޭގައި ނަމާދުކޮށްލިޔަސް، ޢުޤޫބާތެއް ނޯވެއެވެ. އެކަމަކު، ޖަމާޢީ ބައްދަލުވުމަށް އައުމުން ލިބޭނެ ޘަވާބު އޭނާއަށް ގެއްލިގެން ދާނެއެވެ.

ދެން އޮންނަނީ އަވަށު މީހުން ބައްދަލުވާ ބައްދަލުވުމެކެވެ. މި ބައްދަލުވުން އޮންނަނީ ހަފްތާއަކު އެއްފަހަރު އެވެ. އެއީ ހުކުރު ނަމާދެވެ. މި ބައްދަލުވުމަށް ނަގާ ވަގުތަކީ ގަޑިއެއްގެ އިރެވެ. ޙާޟިރުވުމަކީ ބޮޑެތި ފިރިހެނުންގެ މައްޗަށް ވާޖިބު ކަމެކެވެ.

ދެން އޮންނަނީ ރަށު އެންމެން ބައްދަލުވާ ބައްދަލުވުމެކެވެ. އެ ބައްދަލުވުން ބޭއްވެނީ އަހަރަކު ދެފަހަރުއެވެ. އެއީ ޢީދު ނަމާދެވެ. ޙާޟިރުވުން އެއީ ލާޒިމު ކަމެއް ނޫނެވެ. ބައްދަލުވުމުގެ މުއްދަތު ގަޑިއަކަށް ވުރެ ކުރެވެ.

ދެން އޮންނަނީ އިސްލާމީ ޤައުމުގެ ހުރިހާ ރައްޔިތުން ބައްދަލުވާ ބައްދަލުވުމެކެވެ. މި ބައްދަލުވުން ބޭއްވެނީ ކޮންމެ އަހަރަކު އެއް ފަހަރު، ވަކި ތަނެއްގައެވެ. ޙަޤީޤަތުގައި މިއީ ރައްޔިތުންނަށް މަގު ދައްކައި ދެވޭ އަދި ފިކުރާއި ކަސްރަތުގެ ކޯހެކެވެ. އައުން ކުޅަދާނަ ނަމަ، ކޮންމެ މުސްލިމަކު ވެސް، ޢުމުރުން އެއްފަހަރު މި ބައްދަލުވުމަށް އަންނަން ޖެހެއެވެ. އެއީ ޙައްޖެވެ.

މުސްލިމުންނާ ހަވާލު ކުރެވިފައިވާ މައިގަނޑު ކަންތަކަކީ، ''އަޅުކަމަކީ''، މިއީއެވެ.

ވަކި ކަންތަކަކުން މަނާވެގަނެގެން ހުރުން ވެސް އަޅުކަމުގެ ތެރޭގައި ހިމެނެއެވެ. އެ ކަންތަކަކީ ދުނިޔޭގެ ހުރިހާ ބުއްދިވެރިން ވެސް، އެއީ ދުރުވެގަންނަން ޖެހޭ ނުބައި ކަންތައްތަކެއް ކަމުގައި ދެކޭ، ކަންތަކެކެވެ. އޭގެ މިސާލަކީ ޙައްޤަކާ ނުލާ މީހުން މެރުމާއި، މީހުންނަށް އަނިޔާ ކުރުމާއި، އަނިޔާވެރިވުމާއި، ސިކުނޑި ބޭކާރު ކޮށްލާ މަސްތުވާތަކެއްޗާއި، ނަސަބު އޮޅި އަބުރު ގެއްލުވާލާ ޒިނޭ އާއި، ރިބާ ކެއުމާއި، ދޮގު ހެދުމާއި، މަކަރު ހެދުމާއި، ޣަދަރުވެރިވުމާއި، ﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމުގެ ބޭނުމުގައި އޮންނަ ޢަސްކަރީ ޚިދުމަތުން ފިލުން ފަދަ ކަންތަކެވެ. އަދި މީގެ ތެރޭގައި (ކިއެއްތަ އެންމެ ނުބައިކަންބޮޑު ކަމަކީ) މައިންބަފައިންނަށް ނުކިޔަމަންތެރި ވުން ހިމެނެއެވެ. އަދި ދޮގު ހުވާ ކުރުމާއި ދޮގު ހެކި ދިނުމާއި، އަދި މިނޫނަސް މީހުންގެ ބުއްދިން އެ ކަންތަކަކީ ހުތުރު، ގޯސް ކަންތަކެއް ކަމަށް ބަލާ ކަންތަކެވެ.

ނަމަވެސް، މުސްލިމަކު އަދާ ކުރަން ޖެހޭ ބައެއް ވާޖިބުތައް އަދާ ކުރުމުގައި ފަރުވާ ކުޑަ ކޮށްފައި، ނުވަތަ މަނާ ބައެއް ކަންތައް ކޮށްފައި، ދެން ތައުބާވެ ﷲ ގެ ޢަފޫކުރެއްވުމަށް އެދިއްޖެނަމަ، މާތް ﷲ އޭނާއަށް ޢަފޫ ދެއްވައެވެ. އޭނާ ތައުބާ ނުވިޔަސް، އޭނާ ވާނީ މުސްލިމުންގެ ޖަމާޢަތުގައި ހިމެނޭ މުސްލިމަކަށެވެ. އެކަމަކު އޭނާ ވާނީ، އާޚިރަތް ދުވަހު ޢުޤޫބާތް ޙައްޤު ވާ ނުކިޔަމަންތެރިއަކަށެވެ. ނަމަވެސް އޭނާގެ ޢުޤޫބާތަކީ ވަގުތީ ޢުޤޫބާތެކެވެ. ކާފިރުންނަށް ދެވޭ ޢުޤޫބާތް ފަދަ، ދާއިމަށް ދެމިގެންދާނެ ޢުޤޫބާތެއް ނޫނެވެ.

އެހެނެއް ކަމަކު، މުސްލިމަކު ޤަބޫލު ކުރަން ޖެހޭ ކަންތައްތަކުގެ ތެރެއިން -މައިގަނޑު ޢަޤީދާގެ ތެރެއިން- ބައެއް ކަންތައްތައް އިންކާރުކޮށް، ނުވަތަ އެއާ މެދު ޝައްކުކޮށްފިއްޔާ، ނުވަތަ ވާޖިބު ކަމެއް ކަމަށް އެންމެން އެއްބަސްވާ ކަމަކާ، ނުވަތަ ޙަރާމް ކަމެއް ކަމަށް އެންމެން އެއްބަސްވާ ކަމަކާ ދެކޮޅު ހަދާ އިންކާރުކޮށްފިއްޔާ، އެ މީހާ ދީނުން ބޭރުވާނެއެވެ. އަދި އޭނާ ވާނީ އިސްލާމީ ރަށްވެހިކަން ނިގުޅައިގަނެވޭ މުރުތައްދަކަށެވެ. އިސްލާމް ދީން ދެކޭގޮތުގައި މުރުތައްދު ވުމަކީ، އެންމެ ބޮޑު ޖަރީމާއެވެ. އެއީ މި ޒަމާނުގެ ޤާނޫނުތަކުގައި ބުނާ ގޮތަށް ބުނާނަމަ، ޤައުމަށް ޚިޔާނާތްތެރި ވުމެވެ. އޭގެ ޖަޒާއަކީ -ރުޖޫޢަ ނުވާނަމަ- މެރުމެވެ.

ކަމުގެ ވާޖިބުކަމަށް، ނުވަތަ ކަމުގެ ޙަރާމްކަމަށް އިޢްތިރާފްވެ ހުރެވެސް، މުސްލިމަކު ފަހަރެއްގައި ބައެއް ވާޖިބުތައް ދޫކޮށްފާނެއެވެ. އަދި މަނާ ބައެއް ކަންތައް ކޮށް ވެސް ފާނެއެވެ. ނަމަވެސް، އޭނާ ހުންނާނީ މުސްލިމެއްގެ ގޮތުގައެވެ. އެކަމަކު އޭނާ ވާނީ ނުކިޔަމަންތެރިއަކަށެވެ. އެހެނެއް ކަމަކު، އީމާން ކަމަކީ -ޢަޤީދާއަކީ- ބައިބައި ކުރެވޭ އެއްޗެއް ނޫނެވެ. މިސާލަކަށް ޢަޤީދާ ގެ 99 ޢަޤީދާއަށް އީމާންވެ، އެއް ޢަޤީދާ ޤަބޫލު ނުކުރިޔަސް އޭނާ ވާނީ ކާފިރަކަށެވެ.

ފަހަރެއްގައި މުސްލިމަކު މުއުމިނަކަށް ނުވެވެސް ހިނގައިދާނެއެވެ. އޭނާ ވާނީ، ޕާޓީއަކަށް ނުވަތަ ޖަމްޢިއްޔާއަކަށް ނިސްބަތް ވެ ހުރެ، ބައްދަލުވުންތަކަށް ގޮސް، އިޝްތިރާކު ދައްކައި، މެންބަރުން ކުރަން ޖެހޭ ކަންތައް ވެސް ކޮށް، އެހެން ނަމަވެސް، އެ ޕާޓީ ނުވަތަ ޖަމްޢިއްޔާ ގެ މައިގަނޑު އުސޫލުތައް ޤަބޫލު ނުކުރާ، އަދި އެއީ ރަނގަޅު ޖަމްޢިއްޔާއެއް ކަމަށް ވެސް ޤަބޫލު ނުކުރާ، ކިއެއްތަ، ޖާސޫސްކޮށް ޖަމްޢިއްޔާ ތެރޭގައި ހަމަނުޖެހުން އުފައްދަން ވަންނަ މީހެއް ފަދަ މީހަކަށެވެ.

މުނާފިޤަކީ މިއީއެވެ. އޭނާއަކީ ޝަހާދަތް ކިޔައި، ބޭރުފުށުން އަޅުކަންތައް ކުރާ މީހެކެވެ. އެހެން ނަމަވެސް އޭނާއަކީ ޙަޤީޤަތުގައި މުއުމިނެއް ނޫނެވެ. އަދި ޤިޔާމަތް ދުވަހު ދިންނެވޭނެ މީހެއް ވެސް ނޫނެވެ. މީހުން އޭނާއަކީ މުސްލިމެއް ކަމުގައި ދެކުނަސް ވެހެވެ. އެހެނީ މީހުންނަށް ފެންނާނީ ބޭރުފުށެވެ. ހިތްތަކުގައި ވަންހަނާ ކުރެވިފައިވާ، ކަންތައްތައް ދެނެވޮޑިގަންނަވަނީ ހަމަ އެކަނި މާތް ﷲ އެވެ.

ވީމާ، އިންސާނަކު އިސްލާމް ދީނުގެ އަސާސީ ފިކުރުތަކަށް އީމާންވެ، އެއީ: ﷲއަށް އީމާންވެ، އެ ކަލާނގެ އާ ޝިރުކު ނުކޮށް، އަޅުކަން ކުރަން މެދުވެރިއަކު ބޭނުން ނުކޮށް، މަލާއިކަތް ބޭކަލުންނާއި ރަސޫލު ބޭކަލުންނަށާއި ބާވައިލެއްވުނު ފޮތްތަކަށާއި އާޚިރަތް ދުވަހުގެ ޙަޔާތަށާއި މިންވަރަށް އީމާންވެ، ޝަހާދަތް ކިޔައި ފަރުޟު ނަމާދު ކޮށް، ރަމަޟާން މަހު ރޯދަ ހިފައި، ޒަކާތް ވާޖިބު ވެއްޖެ ނަމަ ޒަކާތް ދީ، ކުޅަދާނަކަން ލިބިއްޖެ ނަމަ ޢުމުރުން އެއް ފަހަރު ޙައްޖުވެ، ޙަރާމް ކަންތައް ކަމަށް މުސްލިމުން އެއްބަސް ވާ ޙަރާމް ކަންތަކުން މަނާވެގެންފި ނަމަ، އޭނާއަކީ މުސްލިމް މުއުމިނެކެވެ.

އެހެން ނަމަވެސް މުސްލިމް މުއުމިނެއް ހިނގަން ޖެހޭ މަގުން ހިނގައިފުމަށް ދާންދެން، އީމާންވުމުގެ މޭވާ އޭނާގެ ކިބައަކުން ނުފެންނާނެއެވެ. އަދި އީމާން ކަމުގެ ފޮނިކަން ވެސް އޭނާއަށް އިޙްސާސެއް ނުވާނެއެވެ. އަދި އެންމެ ފުރިހަމަ މުސްލިމަކަށް ވެސް ނުވާނެއެވެ.

މުސްލިމް މުއުނިނެއް ހިނގަން ޖެހޭ މަގަކީ ކޮބައިކަން، އެންމެ ޖުމްލައަކުން، ޝާމިލް ޢިބާރާތަކުން، ދުނިޔެއާއި އާޚިރަތުގެ ހުރިހާ ހެޔޮ ކަމެއް ހިމެނޭ، އިންސާނެއްގެ ދުލުން ބުނި އެންމެ ބަލާޣަތްތެރި ޖުމްލަ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޙަދީޘް ކުރައްވާފައެވެ.

އެ ހަދީޘްފުޅުގައި ވާ ވާހަކަފުޅަކީ، މުސްލިމާ ކޮޅަށް ހުންނަ ވަގުތުގައްޔާއި އިށީނދެ ހުންނަ ވަގުތުގައި، އަދި އެކަނި ހުންނަ ވަގުތުގައްޔާއި މީހުންގެތެރޭގައި ހުންނަ ވަގުތުގައި، މަޖާކުރުމުގައްޔާއި ސަމާސާ ކަނޑާ ވަގުތުގައި، ކިއެއްތަ، ހުރިހާ ވަގުތެއްގައި އަދި ހުރިހާ ހާލަތެއްގައި ވެސް، އޭނާ ކުރާކަންތައް ﷲ ބައްލަވައި ވޮޑިގެންވާ ކަމާއި، ވީމާ އެކަލާނގެ ބައްލަވައި ވޮޑިގެންވާ ކަން އެނގި ހުރެ އެކަލާނގެއަށް ނުކިޔަމަންތެރި ވެގެން ނުވާނެ ކަމާއި، އެކަލާނގެ އޭނާއާ އެކު ވޮޑިގެންވާ ކަން އެނގޭ އިރު އެހެން މީހެއް ނުވަތަ ކަމެއް ދެކެ ބިރުގަނެ މާޔޫސްވެގެން ނުވާނެ ކަމާއި، އެކަލާނގެއަށް ދުޢާ ދަންނަވަން ހުންނަ އިރު އެކަނިވެރިކަން އިޙްސާސްކޮށްގެން ނުވާނެ ކަމާއި، އަދި ކަންކަމަށް އެދި ﷲ އަށް ދުޢާ ދަންނަވާއިރު، އެހެން ފަރާތެއްގެ އެހީއެއް އެދިގެން ނުވާނެ ކަމެވެ. އަދި ފާފައެއް ކޮށްފިއްޔާ -އެއީ އިންސާނާގެ ޠަބީޢަތުގައި ވާ ކަމެއް- އެ ފާފައިން ރުޖޫޢަވެ ތައުބާވާން ޖެހޭނެ ކަމެވެ. ތައުބާވެ ފާފައިން ރުޖޫޢަވުމުން މާތް ﷲ އޭނާގެ މައްޗަށް ތައުބާ ލައްވާނެކަމެވެ.

މި ހުރިހާ ވާހަކައެއް އައިސްފައި ވަނީ ''އިޙްސާންތެރިކަން'' އެއީ ކޮން އެއްޗެއްކަން ބަޔާން ކުރައްވައި، ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި މި ޙަދީޘްފުޅުގައެވެ. أن تعبد الله كأنك تراه ، فإن لم تكن تراه فإنه يراك

މާނައަކީ: ''އެއީ ކަލެއަށް ﷲ ފެންނަ ފަދަ ހާލު އަޅުކަން ކުރާހެން، އަޅުކަން ކުރުމެވެ. ފަހެ ކަލެއަށް ﷲ ނުފެނުނަސް، ހަމަކަށަވަރުން އެ ކަލާނގެ ކަލޭ ދެކެވޮޑިގެންވެއެވެ.''

ކުރު މަދު ބަހަކުން ބުނާނަމަ، އިސްލާމް ދީނަކީ މިއީ އެވެ. އޭގެ ތަފްޞީލު (ޢަޤީދާގެ ބައި) މި ފޮތުގައި މިއަންނަނީއެވެ. އަދި (އިސްލާމް ކަމާއި) (އިޙްސާންކަން) ފޮތުގެ އެހެން ބައިތަކެއްގައި އިރާދަ ކުރެއްވިއްޔާ އަންނާނެއެވެ.

 

*    *    *    *

 


* މި ފޮތުގެ ހުރިހާ ބައެއް އެއްކޮށް ޑައުންލޯޑްކުރަން މިތަނަށް ފިތާލާށެވެ!

* މި ލިޔުމުގައި އައިސްފައިވާ ބައެއް ބަސްތަކުގެ މާނަ: (މިއީ ތަރުޖަމާނު ލިޔެފައިވާ މާނަތަކެކެވެ.)

[1] އަފަންދީ : މިއީ ތަންކޮޅެއް ކުރީގައި، ބޭރު ބަހާއި ތަޢްލީމު ލިބިގެން ތިބޭ މަތީ ފަންތީގެ މީހުންނަށް، ގަދަރު ކުރުމުގެ މާނައިގައި މިޞްރު ތަންތާ ކިޔައި އުޅުނު ތުރުކީ ބަހެއް.

[2] ޣަރީޒާ : ފިޠްރީ ގޮތުން އިންސާނާ ނުވަތަ ދިރޭ އެއްޗެއްގެ ކިބައިގައި ހުންނަ އެދުންތަކާއި ސުލޫކުތައް. މިއީ ދަސްކުރަން ނުވަތަ އުނގެނެން ޖެހޭ ކަމެއް ނޫން. މިސާލަކަށް: ޖިންސީ އެދުންވެރިކަން އެއީ ޣަރީޒާއެއް، ބަނޑުހައިވީމާ ކާން އުޅުން އެއީ ޣަރީޒާއެއް. މައިވަންތަކަން އެއީ ޣަރީޒާއެއް. ދިރިހުންނަން އުޅުން އެއީ ޣަރީޒާއެއް.

[3] އިޢްތިމާދު : މީހަކަށް އިޢްތިމާދުވުމަކީ މީހަކަށް ބުރަވެ ހުރުން. ނުވަތަ ވަކީލުކޮށްގެން ހުރުން. މިސާލަކަށް: އޭނާ ބޮޑު ވީމާ ވެސް ހުރިހާ ކަމެއްގައި އިޢްތިމާދުވަނީ މައިންބަފައިންނަށެވެ. ﷲ އަށް އިޢްތިމާދުވުމަކީ ހުރިހާ ކަމެއްގައި ވެސް އެ ކަލާނގެއާ ވަކީލުކުރަން ވާ ގޮތަށް ވަކީލުކޮށް، އެހެން ފަރާތަކުން ހޯދަން ނުޖެހޭ އެހީއެއް ނުހޯދުން. ބަރޯސާވުމޭ ވެސް ބައެއް މީހުން މިއަށް ކިޔާ.

[4] މުކައްލަފް : ދީނުގެ ޙުކުމްތައް ތަކުލީފު ކުރެވިފައިވާ މީހާ. ކުއްޖަކު ބާލިޣްވީމާ އޭނާ މުކައްލަފަކަށް ވީއޭ ބުނޭ. އޭގެ މާނައަކީ ދެން އޭނާ ދީނުގެ ޙުކުމްތައް ތަންފީޒުކުރަން ޖެހޭނޭ. ނަމާދުކޮށް ރޯދަ ހިފުން ފަދަ ދީނުގެ ހުރިހާ ކަމެއް ވެސް ކުރަން ޖެހޭނޭ. ކުޑަ ކުއްޖާ، މޮޔަ މީހާ އަކީ މުކައްލަފުންނެއް ނޫން. ދީން ނު ފޯރާ މީހާއަކީ ވެސް މުކައްލަފެއް ނޫން.

[5] މުނާޖާކުރުން : ބަސްފޮތުގައި މުނާޖާގެ މާނައަކީ، ހެއު ދަރުމައާއި ބަރަކާތް އެދި ކުރާ ދުޢާ. ޢަރަބި ބަހުގައި މުނާޖާ ގެ އިދިކޮޅަކީ މުނާދާ. މުނާޖާ އަކީ ގާތުގައި ހުންނަ މީހަކަށް ގޮވާ ގޮވުން ނުވަތަ ދައްކާ ވާހަކަ. މުނާދާ އަކީ ދުރުގައި ހުންނަ މީހަކަށް ގޮވާ ގޮވުން ނުވަތަ ދައްކާ ވާހަކަ. ވީމާ މުނާޖާކުރުމޭ ބުނުމުގޭ މާނައަކީ، ތިމާ ކައިރީ ﷲ ވޮޑިގެންވާ ކަން ދެނެ ހުރެ، ދަރުމައާއި ބަރަކާތް އެދި ދުޢާކުރުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.