ހުކުރު20181109

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ކީރިތި ޤުރުއާން

އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ކީރިތި ޤުރުއާން

aamu-thaaraf-11-quranފޮތްތަކަށް އީމާންވުން:
އިބްރާހީމްގެފާނުގެ ފަތްކޮޅުތައް:
ތައުރާތް:
ޒަބޫރު:
އިންޖީލު:
ނިންމުން:

ކީރިތި ޤުރުއާނަކީ، ނަބިއްޔާ މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް މާތް ﷲ ދެއްވި މުޢްޖިޒާތެވެ.

ކީރިތި ޤުރުއާނަކީ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމިއްލަފުޅަށް ހައްދަވާ އަމިއްލަފުޅަށް ލިޔުއްވި އެއްޗެއްކަމަށް ބުނާ މީހުންނަށް، އިންކާރު ކުރެވެނީ އެކަލޭގެފާނުގެ ނަބީކަމެވެ. އެކަމަކު އެހެން ބުނުމުން އެމީހުންނަށް އެ ބުނެވެނީ އެކަލޭގެފާނަކީ އިލާހެކޭއެވެ. ނަމަވެސް ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށް، އަހަރެމެން މުސްލިމުން އީމާންވަމެވެ.

އަހަރެން މި ބުނި އެއްޗެއްގެ މާނައަކީ، ޤުރުއާން ފަދަ ފޮތެއް ލިޔުމުގެ ކުޅަދާނަކަން އިންސާނުންނަށް ލިބގެނެއް ނުވެއެވެ. އަދި އެފަދަ ފޮތެއް ލިޔުމަކީ އިންސާނަކަށް އެކަށީގެންވާ ކަމެއްވެސް ނޫނެވެ. ކީރިތި ޤުރުއާންފަދަ ފޮތެއް މާތް ﷲ ގެ ޙަޟްރަތުން ފިޔަވައި އައުމަކީ މުސްތަޙީލުކަމެކެވެ. ވީމާ ޤުރުއާނަކީ މުޙައްމަދުގެފާނު ލިޔުއްވި އެއްޗެކޭ ބުނެފި މީހަކަށް، އެކަލޭގެފާނަށް އެދެވެނީ އިލާހެއްގެ ސިފައެވެ!

ލިޔަންކިޔަން ނުދަންނަ މީހަކު، ދުވަހަކު މަދަރުސާއަކަށް ކިޔަވަން ނުދާ މީހަކު، ކިއެއްތަ ރަށުގައި މަދަރުސާއެއް ނުވެސް ނެތް މިހަކު، ކިއެއްތަ ޙަޟާރަތާއި މަދަނިއްޔަތާ މުޅިން ދުރުގައިވާ އެކަހެރި ރަށްފުށެއްގައި އުޅުނު މީހަކު، ޔޫނާނާއި ރޫމީންގެ ފަލްސަފާ ދަންނަ އެކަކުވެސް ނެތް ރަށެއްގައި އުޅުނު މީހަކު، އީރާނާއި އިންޑިއާގެ އަދަބިއްޔާތުގެ ވާހަކަ އަޑުއެހި މީހަކުވެސް ނެތް ރަށެއްގައިއުޅުނު މީހަކު، ޢިލްމުވެރިއެއް ބާޙިޘެއް ނެތް ރަށެއްގައި އުޅުނު މީހަކު، އެ ޒަމާނުގެ އާދައިގެ މުޘައްޤަފެއްގެ ޘަޤާފަތް ލިބިހުރި މީހަކުވެސް ނެތް ރަށެއްގައި އުޅުނު މީހަކު، ޢިލްމާއި ޘަޤާފަތް އޮތް ތަނަކަށް ދުވަހަކުވެސް ދަތުރު ނުކުރާ މީހަކު، މިފަދަ މީހަކަށް ޤުރުއާންފަދަ ފޮތެއް އަމިއްލައަށް ލިޔެވިދާނެހެއްޔެވެ؟ ދުނިޔޭގައި އުޅެފައިވާ ޢަބްޤަރީންނާއި ވިންސުންތެރިންގެ ތާރީޚް މިއޮތީ ފެންނާށެވެ. އޭގެ ތެރޭގައި، މިގޮތަށް އުޅުނު މީހަކު ދުވަހަކުވެސް މޮޅުވެފައި އެބަހުރިހެއްޔެވެ؟ ފިލޯސަފަރަކަށް ވެފައި އެބަހުރިހެއްޔެވެ؟ ބޮޑެތި ޢިލްމީ ޙަޤީޤަތްތަކާއި ދުރު މުސްތަޤްބަލުގައި ވާނޭކަންތަކުގެ ވާހަކަ ދައްކާފައި އެބަހުރިހެއްޔެވެ؟ އަދަބިއްޔާތު ނުކިޔަވާ މީހަކު، އަދަބީ ގޮތުން އެފަދައެއް ނެތް ފޮތް ލިޔެފައި އެބަހުރިހެއްޔެވެ؟

ކީރިތި ރަސޫލާ އުޅުއްވި ހާލަތުގައި އުޅެމުން، ޤުރުއާންފަދަ ފުރިހަމަ ފޮތެއް ގެނައީ އެހެން ކާކުހެއްޔެވެ؟ ޤުރުއާނުގައިވާ އަދަބީ ބަލާޣަތްތެރިކަމާއި، ޝަރީޢަތާއި ޤާނޫނުގެ ފުރިހަމަކަމާއި، އޭގައިވާ އިންސާނަކަށް ނޭނގޭފަދަ ޣައިބުގެ ޚަބަރުތަކާއި، އެ ދުވަސްވަރު އަދި ކީއްކުރަން އޭގެ އެތައް ސަތޭކަ އަހަރެއް ފަހުން ވެސް އެއްވެސް ބަޔަކަށް އެނގިފައިނުވާ ޢިލްމީ ޙަޤީޤަތްތަކާއި، އޭގެ ސާދަސަތޭކަ އަހަރު ފަހުން ނޫނީ ނޭނގޭ ޠަބީޢީ ޤާނޫނުތަކާއި، އަދި މިއަދާ ޖެހެންދެންވެސް މީހުންނަށް ނޭނގޭ އެތައް ކަމެއް، އެ ޤުރުއާނުގައިވެއެވެ. ލިޔަންކިޔަން ނޭނގޭ މީހަކު އަމިއްލައަށް މިފަދަ ޤުރުއާނެއް ގެނެވިދާނެހެއްޔެވެ؟

އެ ޤުރުއާނަކީ، އެފަދަ އެހެން އެއްޗެއް އިންސީންނާއި ޖިންނީން އެކުވެގެން ވެސް ގެނެވެންޏާ ގެނައުމަށް ގޮވާލާ ގޮންޖަހާފައިވާ ފޮތެކެވެ. ފޮތް އެއްކޮށް ނުގެނެވެންޏާ އޭގައިވާފަދަ ދިހަ ސޫރަތް ގެނައުމަށް، އެވަރު ނުވަންޏާ އެންމެ ސޫރަތެއްވެސް ގެނައުމަށް ގޮވާލާ، ޤުރުއާނުގައި ގޮންޖައްސަވާފައިވެއެވެ. ނަމަވެސް، އެއްވެސް ބަޔަކަށް އެކަމެއް ނުކުރެވުނެވެ. މިއަދާ ޖެހެންދެންވެސް މި ގޮންޖެއްސެވުން ދެމިއެބައޮތެވެ. ނަމަވެސް އެކަކަށް އެފަދަ ފޮތެއް ނުލިޔެވެއެވެ.

ޤުރުއާނުގައިވާ މުޢްޖިޒާތަކީ އެއްގޮތަކުން ދެގޮތަކުން ނުވަތަ ތިންގޮތަކުން އައިސްފައިވާ މުޢްޖިޒާތްތަކެއް ނޫނެވެ. ޤުރުއާން މުޢްޖިޒާތަކަށް ވަނީ ހަމައެކަނި ބަލާޣަތްތެރިކަމަކުން ނޫނެވެ. އަދި ހަމައެކަނި އޭގައިވާ ޢިލްމީ ޙަޤީޤަތްތަކުގެ ސަބަބުނެއް ވެސް ނޫނެވެ. ނުވަތަ އެ ތަރުތީބު ކުރެވިފައިވާ ގޮތަކުން އެކަންޏެއްވެސް ނޫނެވެ. ނުވަތަ ހަމައެކަނި މީހުންނަށް އެ ދަސްކުރެވުން މުޢްޖިޒާތަކަށް ވުމެއް ވެސް ނޫނެވެ. އަދި އެ ރައްކާތެރިވެފައި އޮތުން އެކަންޏެއްވެސް ނޫނެވެ. މިހެން ގޮސް ކިޔާ ޢަދަދުކުރުމުގެ ބޭނެއް ނެތެވެ. ކުރުކޮށް ބުނަންޏާ، މުޅި ޤުރުއާނަކީ މުޢްޖިޒާތެވެ. އެމީހަކު ބެލި ކޮންމެ ދިމާއަކުން އޭގައި މުޢްޖިޒާތްވެއެވެ.

ސޫރަތުލް ޤިޔާމާގައި، އާޚިރަތް ދުވަހުން އަލުން މީހުން ދިރުއްވާނެ ވާހަކަ ބަޔާންކުރައްވަމުން، މީހުންގެ އިނގިލިތަކުގެ ކުރިތައް އެއްކުރައްވާ ހަމަކުރެއްވުމުގެ ކުޅަދާނަކަންވެސް، އެކަލާނގެއަށް ލިބިވޮޑިގެންވާކަން، ވަނީ ވަޙީކުރައްވާފައެވެ. މި އާޔަތުގައި ކޮންމެހެން އިނގިލިތަކުގެ ކުރިތަކޭ އޮތީ ކީއްވެގެންހެއްޔެވެ؟ ޤުރުއާން ބާވައިލެއްވި ޒަމާނު މީހުންނަކަށް އޭގެ ސަބަބެއް ނޭނގެއެވެ. ސަބަބު އެނގުނީ މިއިހަކަށް ދުވަހުއެވެ. ދުނިޔޭގައިވާ އެއްވެސް ދެމީހެއްގެ އިނގިލީގެ ނިޝާން އެއްގޮތް ނުވާނެކަން، ޢިލްމީ ގޮތުން ވަނީ ސާބިތުވެފައެވެ.

މިކަހަލަ އެތައް ކަމެއް އެތައް ސިއްރެއް ޤުރުއާނުގައިވެއެވެ. އެއީ ރަސޫލާ އުޅުއްވި ޒަމާނުގެ މީހުންނަށް އެނގޭ އަޑުއަހާ ކަންތަކެއްގެ ވާހަކައެއް ނޫނެވެ.

ވީމާ، ކީރިތި ޤުރުއާނަކީ މާތް ﷲ، ރަސޫލާއަށް ބާވައިލެއްވި އެއްޗެއްކަމާ މެދަކު ޝައްކެއް ނެތެވެ. އަދި ޤުރުއާނަކީ ﷲ ގެ ކަލާމްފުޅުކަމާމެދަކު ވެސް ޝައްކެއް ނެތެވެ. އަދިއަދާޖެހެންދެން ވެސް އިންސާނުންނަށް ނުހޯދޭ އެތައް ކަމެއް، މީގެ ސާދަސަތޭކަ އަހަރުކުރިން ޤުރުއާނުގައި ބަޔާންވެފައި އެބަ އޮތެވެ. މީހަކު ޤުރުއާން ދިރާސާކުރަން ފަށައިފިނަމަ، އޭނާގެ ކުރީގެ މީހުންނަށް ނޭނގޭ އާ އެތައް ކަމެއް އެނގޭނެއެވެ. ފެންނާނެއެވެ.

ކަން މިހެން އޮތުމުން، ކޮންމެ ޒަމާނަކުވެސް ޤުރުއާން ތަފްސީރުކުރުމަކީ މުސްލިމުން ކުރަންޖެހޭ ކަމެކެވެ. އަދީބުންނާއި ފަލަކީ ޢިލްމުވެރިންނާއި، ނަފްސާނީ ޢިލްމުވެރިންނާއި، އިޖްތިމާޢީ ޢިލްމުވެރިންނާއި، ތާރީޚީ ޢިލްމުވެރިންނާއި، މިއިން ކޮންމެ މީހަކީ ވެސް އެ މީހެއްގެ ދާއިރާއިން، އާ ކަންތައްތަކެއް ޤުރުއާނުން ހޯދައި، އަދި އެ ޤުރުއާނަކީ ﷲ ގެ ކަލާމްފުޅުކަން ސާބިތުކޮށްދެވޭނެ މިހެކެވެ.

ކުރީގެ ރަސޫލުބޭކަލުންނަށް މާތް ﷲ ދެއްވި މުޢްޖިޒާތް އެއްފަހަރު ވެފައި ނިމިދެއެވެ. ނަމަވެސް މުޙައްމަދުގެފާނަށް ދެއްވި މުޢްޖިޒާތަކީ އަބަދަށް ދެމިއޮންނަ މުޢްޖިޒާތެކެވެ. އިރުއަރާ ކޮންމެ ދުވަހަކު ވެސް އެ މުޢްޖިޒާތް ފެންނަން އޮވެއެވެ. އަދި ކީރިތި ރަސޫލާގެ މުޢްޖިޒާތް ފާހަނގަކުރެވޭ ވަރަށް މުހިއްމު އެހެން ކަމެއްވެސް އެބައޮތެވެ. އެއީ، ކުރީގެ ރަސޫލުބޭކަލުންނަށް ދެއްވި މުޢްޖިޒާތަކީ، އެބޭކަލުން ގެންނެވި ރިސާލަތާ ސީދާ ގުޅުމެއް ހުރި އެއްޗެއް ނޫނެވެ. އެކަމަކު އެއީ އެބޭކަލުންގެ ރިސާލަތުގެ ތެދުކަން ހާމަކުރައްވާ ދަލީލުދައްކަވަން މާތް ﷲ ދެއްވާ މުޢްޖިޒާތެކެވެ. ނަމަވެސް މިއާ ޚިލާފަށް، ކީރިތި ރަސޫލާއަށް ދެއްވި މުޢްޖިޒާތަކީ، އެކަލޭގެފާނުގެ ރިސާލަތުވެސް މެއެވެ. މާތް ﷲ، ކީރިތި ރަސޫލާއަށާއި އަދި އެންމެހާ ނަބީންނާއި ރަސޫލުބޭކަލުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ!

 

*   *   *   *

 

ފޮތްތަކަށް އީމާންވުން

ޤުރުއާނާއި އަދި ޤުރުއާނުގައި ނަންގަނެވިފައިވާ ފޮތްތަކަށް އަހަރެމެން އީމާންވަމެވެ. އެ ފޮތްތަކަކީ، އިބްރާހީމްގެފާނުގެ ފަތްކޮޅުތަކާއި، މޫސާގެފާނުގެ ފަތްކޮޅުތަކާއި (ތައުރާތް) ދާއޫދުގެފާނުގެ ޒަބޫރާއި ޢީސާގެފާނުގެ އިންޖީލެވެ.

މި ހުރިހާ ފަތްތަކާއި ފޮތްތަކަށް ޙުކުމްކޮށް، އޭގެ ތެރެއިން ޞައްޙަ އެއްޗަކީ ކޮބައިކަމާއި މީހުން ތަޙްރީފުކޮށްފައިވަނީ ކޯޗެއްކަން ކަނޑައަޅަނީ އިސްލާމްދީނެވެ. وَأَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ مُصَدِّقًا لِّمَا بَيْنَ يَدَيْهِ مِنَ الْكِتَابِ وَمُهَيْمِنًا عَلَيْهِ
އާޔަތުގެ ތަފްސީރީމާނަ: ''އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ޤުރުއާން ބާވައިލެއްވީމެވެ. އެގައި ވަނީ، އެއީ ﷲ ބާވައިލެއްވި އެއްޗެއްކަން ދަލީލުކޮށްދޭ ހުސް ޙައްޤު ތެދެވެ. އަދި ޤުރުއާނަކީ، އޭގެކުރިން ބާވައިލެއްވި ފޮތްތަކުގައިވާ ޞައްޙަ އެއްޗެހި ތެދުކުރަނިވި ފޮތެވެ. އަދި ޤުރުއާނަކީ، އެފޮތްތަކުގައި ތަޙްރީފު ކުރެވިފައިވާ އެއްޗެހި މައްޗަށް ހެކިވެ، ރަނގަޅުކޮތް ކަނޑައަޅާ ފޮތެވެ.'' (އަލްމާއިދާ:48)

މި ފޮތްތަކުގައި އޮތްކަމަށް، ޤުރުއާނުގައި އައިސްފައިވާ ވާހަކަތަކަށް އަހަރެމެން ފުރިހަމައަށް އީމާންވަމެވެ. މިއިން އެއްޗެއް އިންކާރުކޮށްފި މީހަކު ކާފިރުވާނެވެ. އަދި މިފޮތްތަކުގައި ވާ ވާހަކަތައް ޤުރުއާނާ އަޅާބަލާއިރު، ޤުރުއާނާ އެއްގޮތް ވާހަކަތަކަކީ، އަހަރެމެން ޤަބޫލުކުރާ ގޮތުގައި، ޞައްޙަ އެއްޗެކެވެ. އެއީ އެ ފޮތްތައް ބަދަލުކޮށް ތަޙްރީފުކުރި މީހުން އަތުން ސަލާމަތްވެފައިވާ އެއްޗެކެވެ. އަދި ޤުރުއާނުގައި އޮތް ގޮތާ ޚިލާފަށް މިއިން ފޮތެއްގައި އޮންނަ އެއްޗަކީ، އަހަރެމެން ޤަބޫލުކުރާ ގޮތުގައި ތަޙްރީފުކުރެވިފައިވާ އެއްޗެކެވެ.

އިބްރާހީމްގެފާނުގެ ފަތްކޮޅުތައް:

އިބްރާހީމްގެފާނުގެ ފަތްކޮޅުގައި އަދި އޭގެ ފަހުން މޫސާގެފާނުގެ ފަތްކޮޅުގައި މި އަންނަނިވި ވާހަކަތައް ލިޔެވިގެންވާކަން ޤުރުއާނުން ހާމަވެއެވެ:

أَمْ لَمْ يُنَبَّأْ بِمَا فِي صُحُفِ مُوسَى (36) وَإِبْرَاهِيمَ الَّذِي وَفَّى (37) أَلاَّ تَزِرُ وَازِرَةٌ وِزْرَ أُخْرَى (38) وَأَنْ لَيْسَ لِلإِنسَانِ إِلاَّ مَا سَعَى (39)

އާޔަތުގެ ތަފްސީރީ މާނަ: ''ނުވަތަ މޫސާގެފާނުގެ ފަތްކޮޅުތަކުގައިވާ ތަކެތީގެ ޚަބަރު އޭނާއަށް ނުލިބެނީހެއްޔެވެ؟ (36) އަދި އަމުރުކުރެވުނު ހުރިހާ ކަމެއް ފުރިހަމަގޮތުގައި ފުއްދެވި އިބްރާހީމުގެފާނުގެ ފަތްކޮޅުތައް ވެސްމެއެވެ. (37) އޭގައި ވަނީ، ފާފަވެރި އެއްވެސް ނަފްސެއް، އެހެން ނަފްސެއްގެ ފާފައެއް ނުއުފުލާނެތެވެ. އޭނާއަށް ސަޒާ ލިބޭނީ އޭނާ ކުޅަ ކަމަކަށެވެ. (38) އަދި އިންސާނާއަށް އޭނާ ކުޅަ ހެޔޮ ޢަމަލެއްގެ ޖަޒާމެނުވީ ނުވެއެވެ.(39)'' (އައްނަޖްމު: 36-39)

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ: قَدْ أَفْلَحَ مَنْ تَزَكَّى (14) وَذَكَرَ اسْمَ رَبِّهِ فَصَلَّى (15) بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا (16)وَالآخِرَةُ خَيْرٌ وَأَبْقَى (17) إِنَّ هَذَا لَفِي الصُّحُفِ الأُولَى (18) صُحُفِ إِبْرَاهِيمَ وَمُوسَى (19)

އާޔަތުގެ މާނަ: ''ނުބައި އަޚްލާޤާއި ފާފަތަކުން ދުރުވެ ޠާހިރުވެ، އަދި އެމީހާގެ ވެރިރަސްކަލާނގެ އިސްމުފުޅު ހަނދުމަކޮށް އެކަލާނގެ އެއްކައުވަންތަކޮށް، ނަމާދު ޤާއިމުކުރާ މީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ. * ކިއެއްތަ! އާޚިރަތުގެ ހެޔޮކަން ބޮޑުވެފައި، ދެމިހުރުން ބޮޑުވެގެންވާ ހާލުވެސް * ތިޔަބައިމީހުން ދުނިޔޭގެ ދިރިއުޅުން އިސްކުރަމުއެވެ. * ހަމަކަށަވަރުން، މިވާހަކަތައް، އިހުގެ ފަތްކޮޅުތަކުގައިވާކަން ކަށަވަރެވެ. * އިބްރާހީމްގެފާނާއި، މޫސާގެފާނަށް ބާވައިލެއްވި ފަތްކޮޅުތަކުގައެވެ. '' (އަލްއަޢްލާ: 14-19)

ތައުރާތް:

ތައުރާތަކީ މާތް ﷲ މޫސާގެފާނަށް ބާވައިލެއްވި ފޮތެވެ. އޭގައި މީސްތަކުންނަށް ތެދުމަގާއި، ﷲ ގެ ޙުކުމްތައް ބަޔާންވެފައިވެއެވެ:  وَكَيْفَ يُحَكِّمُونَكَ وَعِندَهُمُ التَّوْرَاةُ فِيهَا حُكْمُ اللَّهِ
އާޔަތުގެ ތަފްސީރީ މާނަ: ''އެ ޔަހޫދީންގެ ކަންތައް ކުރަނީ ޢަޖާއިބުވާފަދަ ގޮތަކަށެވެ. އެއުރެން އަތުގައި ތައުރާތު އޮވެ، އެ ތައުރާތުގައި ﷲ ގެ ޙުކުމް ވަނިކޮށް، ކަލޭގެފާނަށް އަދި ކަލޭގެފާނަށް ބާވައިލެއްވުނު ފޮތަށް ވެސް އީމާންނުވާ ހާލު، ކަލޭގެފާނުގެ އަރިހުން ޙުކުމަކަށް އެދެނީ ކޮންފަދައަކުންހެއްޔެވެ؟'' (އަލްމާއިދާ: 43)

إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا
އާޔަތުގެ ތަފްސީރީ މާނަ: ''ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތައުރާތު ބާވައިލެއްވީމެވެ. އޭގައި، ތެދުމަގު ދައްކައިދޭނެ ހިދާޔަތާއި، ޙުކުމްތަކުގެ ބަޔާންކަން ވެއެވެ. ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެވަޑައިގެން ތިއްބެވި ނަބީބޭކަލުން، ތައުރާތުގައި ވާ ގޮތަށް އަދި އެއްވެސް ތަޙްރީފުކުރެއްވުމެއް ނެތި، ޔަހޫދީންގެ މެދުގައި ޙުކުމްކުރައްވައެވެ.''(އަލްމާއިދާ: 44)

އަދި އޭގައި މީހުން މެރުމުގެ ޢުޤޫބާތާއި، މީހުންނަށް ދޭ ޖިސްމާނީ އަނިޔާތަކުގެ ޢުޤޫބާތްވެއެވެ: وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالْأَنفَ بِالْأَنفِ وَالْأُذُنَ بِالْأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ

އާޔަތުގެ ތަފްސީރީ މާނަ: ''ތިމަން ރަސްކަލާނގެ، ތައުރާތުގައި ޔަހޫދީންގެ މައްޗަށް، ފަރުޟުކުރެއްވީމެވެ. މީހަކު މެރުމުގެ ޢުޤޫބާތަކީ، ފުރާނައަކަށް ފުރާނައެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. އަދި ހާނީއްކަތަކަކީ ޤިޞާޞް ހުރި ކަމެކެވެ. އަދި ޤިޞާޞް ހިފުމަށް ލިބުނު ޙައްޤު އަމިއްލައަށް ދޫކޮށް، ކުށްވެރިއާއަށް މާފު ދިނުމަކީ، އަނިޔާ ލިބުނު ފަރާތަށް ވެވިފައި ހުރި ފާފަތަކުގެ ކައްފާރާއެކެވެ. ފަހެ ﷲ ބާވައިލެއްވި ގޮތަށް {ޤިޞާޞް ހިފުމާއި އަދި މި ނުންވެސް ކަންތަކުގައި} ޙުކުމް ނުކުރާ މީހުންނަކީ، ﷲ ކަނޑައަޅުއްވާފައިވާ ހައްދުން ބޭރުވާ މީހުންނެވެ.'' (އަލްމާއިދާ: 45)

އަދި ހަމައެހެންމެ، މުޙައްމަދުގެފާނުގެ ރިސާލަތުގެ ޚަބަރު ދެއްވާފައިވެއެވެ. الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ އާޔަތުގެ ތަފްސީރީ މާނަ: ''ތިމަންރަސްކަލާނގެ ރަޙްމަތްލައްވާ މީހުންގެ ތެރޭގައި، އުއްމީ ނަބިއްޔާކަމުގައިވާ ރަސޫލާއަށް ތަބާވާ މީހުންހިމެނެއެވެ. އެ ރަސޫލާއީ، އެމީހުންގެ އަތުގައިވާ ތައުރާތާއި އިންޖީލުގައި، ރަސޫލާގެ ސިފަފުޅުތައް ލިޔެވިގެންވާތީ، އެމީހުން ދެކޭ ރަސޫލާއެވެ.'' (އަލްއަޢްރާފް: 157)

އަދި އޭގައި މުއުމިނުންގެ ސިފަތައް ބަޔާންކުރައްވާފައިވެއެވެ:

مُّحَمَّدٌ رَّسُولُ اللَّهِ ۚ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ ۖ تَرَاهُمْ رُكَّعًا سُجَّدًا يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا ۖ سِيمَاهُمْ فِي وُجُوهِهِم مِّنْ أَثَرِ السُّجُودِ ۚ ذَ‌ٰلِكَ مَثَلُهُمْ فِي التَّوْرَاةِ

އާޔަތުގެ ތަފްސީރީ މާނަ: ''މުހައްމަދުގެފާނީ، ﷲ ގެ ރަސޫލާއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ، ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބަޔެކެވެ. އެއުރެންގެ މެދުގައި އޯގާވެރި ރަޙްމަތްތެރި ބަޔަކެވެ. ﷲ ގެ ޙަޟްރަތުން ފަޟްލުވަންތަވެރިކަމާއި، ރުއްސެވުން އެދޭ ހާލު، ރުކޫކޮށް ސަޖިދަކޮށް އުޅޭ ބަޔަކުކަމުގައި، ކަލޭގެފާނު އެއުރެން ދެކެވަޑައިގަންނަވާނެއެވެ. ސަޖިދައިގެ އަސަރުން، އެއުރެންގެ ޢަލާމާތް އެއުރެންގެ މޫނުތަކުގައިވެއެވެ. އެއީ ތައުރާތުގައިވާ އެއުރެންގެ މިސާލެވެ. '' (އަލްފަތުޙު: 29)

ޒަބޫރު:

މާތް ﷲ ވަޙީކުރައްވާފައިވެއެވެ: وَآتَيْنَا دَاوُودَ زَبُورًا
އާޔަތުގެ ތަފްސީރީ މާނަ: ''އަދި ދާއޫދުގެފާނަށް، ތިމަންރަސްކަލާނގެ ޒަބޫރު ދެއްވީމެވެ.'' (އަލްއިސްރާއު: 55)

އަދި އެކަލާނގެ ބިން ވާރުތަކުރައްވާނީ، ޞާލިޙު އަޅުތަކުންނަށްކަން، އޭގައި ވަޙީކުރައްވާފައިވާކަން، ޤުރުއާނުން އަހަރެމެންނަށް އެނގެއެވެ.

وَلَقَدْ كَتَبْنَا فِي الزَّبُورِ مِن بَعْدِ الذِّكْرِ أَنَّ الْأَرْضَ يَرِثُهَا عِبَادِيَ الصَّالِحُونَ
އާޔަތުގެ މާނަ: ''ހަމަކަށަވަރުން، ތައުރާތުގެ ފަހުން ޒަބޫރުގައި ތިމަންރަސްކަލާނގެ ލިޔުއްވީމެވެ. ހަމަކަށަވަރުން، ބިން ވާރުތަވެ މިލްކުވާހުށީ، ތިމަންރަސްކަލާނގެ ޞާލިޙު އަޅުންނަށެވެ. '' (އަލްއަންބިޔާއު:105)

ނޯޓު: ޝައިޚް މި އާޔަތް ގެންނަވާފައިވަނީ، މިތާގައި ޒަބޫރަކީ ދާއޫދުގެފާނުގެ ޒަބޫރުކަމަށް ކުރެވޭ ތަފްސީރަށް ބައްލަވާފައެވެ. ނަމަވެސް މިއާޔަތުގައިވާ ޒަބޫރަކީ، ބާވައިލެއްވި ހުރިހާ ފޮތެއްކަމަށާއި، އާޔަތުގައިވާ 'ޛިކުރު' ގެ މާނައަކީ ލައުޙުލް މަޙްފޫޡް ކަމަށް ވެސް ތަފްސީރުކުރެވެއެވެ. އިމާމް އައްޠަބަރީ ބުރަވެލައްވާފައި އޮތީ މި ތަފްސީރަށެވެ.

އިންޖީލު:

އިންޖީލާއި ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ: وَآتَيْنَاهُ الإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقاً لِمَا بَيْنَ يَدَيْهِ مِنْ التَّوْرَاةِ
އާޔަތުގެ މާނަ: ''އަދި ބަނީއިސްރާއީލުގެ ނަބީބޭކަލުންނާ ވިދިގެން ފަހަތުން، މަރްޔަމުގެފާނުންގެ ދަރިކަލުން ޢީސާގެފާނު ތިމަންރަސްކަލާނގެ ފޮނުއްވީމެވެ. އެކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ތައުރާތުގައިވާ ކަންތައް ތެދުކުރައްވަނިވި ބޭކަލެއްގެ ގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިންޖީލު ދެއްވީމެވެ.'' (އަލްމާއިދާ:46)

އަދި އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވަނީ، އޭގައި ޝަރީޢަތުގެ ޙުކުމްތަކެއް ބާވައިލެއްވިކަމަށެވެ. وَلْيَحْكُمْ أَهْلُ الْإِنجِيلِ بِمَا أَنزَلَ اللَّهُ فِيهِ ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَـٰئِكَ هُمُ الْفَاسِقُونَ
އާޔަތުގެ ތަފްސީރީ މާނަ: ''މާތް ﷲ، އިންޖީލުގައި ބާވައިލެއްވި ގޮތަށް، އެބައެއްގެ ގާތަށް ޢީސާގެފާނު ފޮނުއްވުނު، އިންޖީލުގެ އަހުލުވެރިން ޙުކުމްކުރާށެވެ. ފަހެ ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ، ދީނުގެ ކިޔަމަންތެރިކަމުގެ ދާއިރާއިން ބޭރުވެ ތިބޭ މީހުންނެވެ.'' (އަލްމާއިދާ: 47)

އަދި އިންޖީލުން، އޭގެ ކުރިން ބާވައިލައްވާފައިވާ ތައުރާތުގައިވާ ޝަރީޢަތުގެ ބައެއް ޙުކުމްތައް ބަދަލުކުރެއްވިކަން ވެސް، ޤުރުއާނުން އެނގެން އެބައޮތެވެ. ހަމައެހެންމެ، ތައުރާތުގައި މުޙައްމަދުގެފާނުގެ ރަސޫލުކަމުގެ ޚަބަރު އައިސްފައިވާފަދައިން، އިންޖީލުގައި ވެސް އެ ޚަބަރު އައިސްފައިވެއެވެ.

މާތް ﷲ ބާވައިލެއްވި ހުރިހާ ފަތްކޮޅުތަކާއި، ތައުރާތާއި، ޒަބޫރާއި، އިންޖީލަށް އަހަރެމެން އީމާންވަމެވެ. އަދި ހުރިހާ ނަބީންނާއި ރަސޫލުންނަށް ކަމޭހިތައި، މާތްކުރަމެވެ.

 

*   *    *    *

 

ނިންމުން

އިސްލާމީ ޢަޤީދާއަކީ މިއީއެވެ.

މި ޢަޤީދާތަކާއި، އަދި އިންސާނުންނާއި ބިންތަކާއި އުޑުތައް ހެއްދެވުމާ ބެހޭގޮތުން ޤުރުއާނުގައިވާ އަންގަވާފައިވާ ހުރިހާ ކަމަކާއި ހުރިހާ އެއްޗަކަށް އީމާންވެއްޖެ މީހަކީ ފުރިހަމަ މުސްލިމެވެ. އޭގެ ޞައްޙަކަމަށް އޭނާ އީމާންވި ޤުރުއާނުގައި އޮތް ގޮތަށް ޢަމަލުކުރާނެއެވެ. ކިޔެވޭ އެއްޗެއް ނޭނގި، ހަމައެކަނި އެ ކިޔަވާލައިގެން ފުއްދައެއްނުލާނެއެވެ. އޭގައިވާ ޢިލްމު ނުހޯދާ، ރާގުރާގަށް ކިޔަވާލެވުނީމާ އެ ފުދުނީކަމަށް ވެސް ނުދެކޭނެއެވެ. ކިއެއްތަ، ފުރިހަމަ މުސްލިމެއްވިއްޔާ، އޭނާގެ ޙަޔާތުގެ ދުސްތޫރަކީ ޤުރުއާންކަމުގައި ހަދާނެއެވެ. އޭގައި ޙަލާލު އެއްޗެއް ޙަލާލުކުރާނެއެވެ. ޙަރާމް އެއްޗެއް ޙަރާމްކުރާނެއެވެ. އޭގައި ވާޖިބުކުރައްވާފައިވާ ކަންތައްތައް ކުރާނެއެވެ. ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުވާނެއެވެ.

އެހެން ދީންތަކަކީ ހަމައެކަނި އަޅުކަންކުރެވޭ ތަނުގެ ތެރޭގައި އޮންނަ އެއްޗެކެވެ. ނަމަވެސް އިސްލާމްދީން އޮންނަނީ ހަމައެކަނި މިސްކިތުގެ ހަތަރުފާރު ތެރެއަކު ނޫނެވެ. އިސްލާމްދީނަކީ، މިސްކަތަށާއި، ގޭތެރެއަށާއި، ބާޒާރަށާއި، ވެރިކަމުގެ ގަނޑުވަރަށާއި، ހަނގުރާމައާއި ސިލްމަށް ވެސް އޮތް އެއްޗެކެވެ. މުސްލިމާގެ ހުރިހާ ޙާލަތެއްގައި ހުރިހާ ވަގުތެއްގައި އޭނާއާއެކު އިސްލާމްދީން ވާނެއެވެ. އޭނާގެ ޙަޔާތުގައި ކުރުން ހުއްދަ ކަންކަމާއި ޙަރާމް ކަންކަން ކަނޑައަޅާނީ އޭނާގެ ދީނެވެ. ހުއްދަ އެއްޗެއްސާއި ޙަރާމް އެއްޗެހި ކަނޑައަޅާނީ އޭނާގެ ދީނެވެ. އޭނާ އެކަނި ހުންނަ ވަގުތުވެސް އަދި ޢާއިލާއާ އެކު ހުންނަ ވަގުތުވެސް، ވިޔަފާރީގައިވެސް އަދި މަސައްކަތުގައިވެސް، އިސްލާމްދީން އޭނާއާއެކު ވާނެއެވެ. މުސްލިމަކު ކުރާ ކޮންމެ ކަމަކީ ވެސް، ދީނުގެ ފަސް ޙުކުމުގެ ތެރެއިން ޙުކުމެއްގައި ހިމެނޭނެ ކަމެކެވެ.

އެހެނިހެން ދީންތަކަކީ، ޢިލްމާއި ސިޔާސަތާއި ގުޅުމެއް ނެތް، ހަމައެކަނި އަޅުކަންތަކެކެވެ. ނަމަވެސް އިސްލާމްދީނަކީ އަޅުކަމެކެވެ. އަދި މީގެ އިތުރުން އެއީ މަދަނީ ޤާނޫނެކެވެ. ޖިނާއީ ޤާނޫނެކެވެ. ދައުލީ ޤާނޫނެކެވެ. އިދާރީ ނިޒާމެކެވެ. ފުރިހަމަ އަޚްލާޤުގެ މަދަރުސާއެކެވެ. އިސްލާމްދީނަކީ ޢިލްމާއި، ސިޔާސަތާއި، ޢަމަލާއި، ޖިހާދުވެސް ހިމެނޭ ދީނެކެވެ. ފިޤުހުފޮތެއް ހުޅުވައިގެން އޭގެ ފިހުރިސްތު ނިކަން ބަލާލަބަލާށެވެ. މިހުރިހާ މައުޟޫތަކެއް އޭގައި ހިމެނިފައިވާނެއެވެ.

އެހެން ދީންތަކުގައި އަޅުކަމަކީ ހަމައެކަނި ނަމާދުކަމުގައިވިޔަސް، އަހަރެމެންގެ ދީނުގައި އަޅުކަމަކީ ހަމައެކަނި ނަމާދުކުރުމާއި ރޯދަހިފުމެއް ނޫނެވެ. ކިއެއްތަ، މީހުންނަށް ހެޔޮ މަންފާހުރި ކޮންމެ ކަމަކީ، ރަނގަޅު ނިޔަތެއްގައި ކޮށްފިއްޔާ، އަޅުކަމެކެވެ.

އެހެން ދީންތަކުގެ މީހުން ވަނީ، ދީނާއި ޢިލްމު ވަކިކޮށްފައެވެ. ނަމަވެސް އިސްލާމްދީނަކީ ޢިލްމުގެ ދީނެވެ. މި ދީނުގައި އެންމެ ފުރަތަމަ ބާވައިލެއްވުނު ކަލިމައަކީ ''ކިޔާވާށެވެ.'' ''ހަނގުރާމަކުރާށޭ'' އެއް ނޫނެވެ. އެއަށްފަހު ދެން އައި ކަލިމައަކީ ''ޢިލްމު'' އެވެ. ''ފައިސާ'' އެކޭ ނޫނެވެ. އަދި ''ޒާހިދުވާށޭ'' އެއްވެސް ނޫނެވެ. ދެން އެއަށް ފަހު، ނޭނގޭ އެއްޗެހި އިންސާނުންނަށް އުނގަންނަވައިދެއްވިކަމީ، އެކަލާނގެ އިންސާނުންނަށް ދެއްވާފައިފާ ބޮޑު ނިޢްމަތެއްކަން ބަޔާންކުރެއްވިއެވެ.

އިސްލާމީ މުޖްތަމަޢަށް ބޭނުންވާ ކޮންމެ ކަމެއް އުނގެނި ދަސްކުރުމަކީ، ކުޅަދާނަވެގެންވާ މުސްލިމުންގެ މައްޗަށް އޮތް ކިފާޔަތުގެ ފަރުޟެކެވެ. ވީމާ، ކެމިސްޓްރީއާއި ބޭސްވެރިކަމާއި އިންޖިނޭރިން ކިޔެވުމަކީ ދީނުގެ ފަރުޟެއް ކަމަށް ބުނާ އެހެން ދީނެއް މިދުނިޔޭގައި އެބައޮތްހެއްޔެވެ؟

އަދި އިސްލާމްދީނަކީ މުއްސަނދިކަމަށް ވެސް ލޯބިކުރާ ދީނެވެ. އިންސާނާގެ އަތުގައިވާ މުދާ، ޤުރުއާނުގައި ސިފަކުރެވިފައިވަނީ، އެއީ ހެޔޮ އެއްޗެއް ގޮތުގައެވެ. އަދި އަދި އަތްހުސްވުމަކީ، އެއީ މަލާމާތާއި ދެރަލިބޭ ކަމެއްކަމުގައެވެ.

ވީމާ މުސްލިމުން ވާންޖެހޭނީ މުއްސަނދި ބަޔަކަށެވެ.ނަމަވެސް ޝަރުޠަކީ ޙަލާލު ގޮތުގައި ފައިސާ ހޯދުމެވެ. އަދި އެ ފައިސާ އެމީހުންގެ ހިތުގައި ނުބަހައްޓައި އަތުގައި ބެހެއްޓުމެވެ. އޭނާ މާތް ކުރާނީ ހަމައެކަނި ﷲ އެވެ. ފައިސާއަކީ އޭނާ މާތްކޮށް އަޅުކަން ކުރާ އެއްޗެއް ނޫނެވެ. މާތް ﷲ، އިންސާނުންނަށް މުދާ ދެއްވީ އެއިން އެމީހުންގެ ބޭނުންތައް ފުއްދައި، އެހެން މީހުންނަށް އެހީވުމަށްޓަކައެވެ. މިހެން މިކަން އޮއްވާ، ފައިސާއިން ކަމެއް ނުކޮށް، މީހަކަށް ވެސް ނުދީ، އެ ފޮރުވައިގެން ހުންނަންޏާ އޭނާ ވާނީ، ފައިސާގެ އަޅަކަށެވެ. ކީރި ރަސޫލާގެ ޙަދީޘްފުޅެއްގައި ވަނީ، ފައިސާގެ އަޅަކީ ނިކަމެތިކަމާއި ދެރަކަން ލިބިގެންވާ މީހެއް ކަމުގައެވެ.

އިސްލާމްދީނަކީ ބާރާއި ޢިއްޒަތުގެ ދީންވެސް މެއެވެ. ނަމަވެސް މި ދީނުގައި އެއްވެސް މީހަކަށް އަނިޔާވެރިވުމެއް ނޯވެއެވެ. އަދި އިސްލާމްދީނަކީ ދުނިޔެއާއި އާޚިރަތުގެ ދީނެވެ.

އިސްލާމްދީން މުސްލިމުންގެ ކިބައިން އެދެނީ ތެދުވެރިކަމާއެކީ ﷲ އަށް އީމާންވެ، އެކަލާނގެ ޝަރީޢަތަށް ތަބާވެ، އަދި ހަމަ މިއާއެކު އެންމެ މޮޅު، އެންމެ ބާރުގަދަ، އެންމެ މުއްސަނދި، އެންމެ ތަރައްޤީވެފައިވާ އުއްމަތް ކަމުގައި ވުމަށެވެ. ދުނިޔެއާއި އާޚިރަތް ހޯދުމަށެވެ. އަދި އޭނާ މި ދުނިޔޭގައި އުޅޭ އިރު، ހަނދާން ނައްތާލައިގެން ނުވާނެ އެހެން ކަމެއްވެސް އެބަ އޮތެވެ. އެއީ އެހެން މީހުންނަށް އިސްލާމްދީން ތަޢާރަފުކޮށްދީ، ޙިކުމަތާއި ރީތީ ގޮތުގައި އިސްލާމްދީނަށް ގޮވާލުމެވެ.

އިސްލާމްދީނަކީ ޤިޔާމަތާ ޖެހެންދެން ވެސް ދެމިއޮންނާނެ ދީނެކެވެ. އާޚިރުގައި ނަޞްރު ލިބޭނީވެސް އިސްލާމްދީނަށެވެ. ވީމާ އަހަރެމެންވީ އަލުން ހަޤީޤީ އިސްލާމްދީނަށް ރުޖޫޢަވާށެވެ. އޭރުން ދުނިޔޭގައި ނަޞްރު ލިބުމުގެ ޝަރަފާއި އާޚިރަތުގެ ކާމިޔާބު އަހަރެމެންނަށް ލިބޭނެއެވެ. އަހަރެމެން އިސްލާމްދީނަށް ނުއުޅެންޏާ، މި ދީނަށްޓަކައި މަސައްކަތް ނުކުރަންޏާ، އިސްލާމްދީނަށް ވަދެ، ދީނަށް ނަޞްރުދީ، ދީން ދިފާޢުކޮށް، ދީނަށް ގޮވާލާނެ އެހެން ބަޔަކު، އަހަރެމެންގެ ބަދަލުގައި، މާތް ﷲ ނެރުއްވާނެއެވެ.

އެފަދަ ދުވަހެއް އަހަރެމެންނަށް ނުދެއްކެވުން އެދި އެކަލާނގެއަށް ދުޢާކުރެމެވެ. އަދި އަހަރެމެން އަނބުރާ ދީނަށް ރުޖޫޢަކުރައްވާ، އަހަރެމެންގެ އަތްމައްޗަށް ނަޞްރުދެއްވާ، ފާފަ ފުއްސަވާ ރަޙްމަތްލެއްވުން އެދި ދުޢާކުރަމެވެ.

އަދި އެންމެ ފަހުންގެ ދުޢާއަކީވެސް، الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ  އެވެ.

 

 

*    *    *    *

 


* މި ފޮތުގެ ހުރިހާ ބައެއް އެއްކޮށް ޑައުންލޯޑްކުރަން މިތަނަށް ފިތާލާށެވެ!

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.