އަންގާރަ20170919

އާކުރެވުނީ: 09:46:14

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ﷲ އަށް އީމާންވުން

އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ﷲ އަށް އީމާންވުން

aamu-thaaraf-3-allah-ah-emanvun

- ﷲ ވޮޑިގެންވުން:
- ﷲ އަކީ ޢާލަމްތައް ބަލަހައްޓަވާ ސާހިބުވަންތަ ކަލާނގެ:(ﷲ ރައްބުލް ޢާލަމީނަ)
- ﷲ އަކީ ކައުނުގެ ވެރިރަސްކަލާނގެ: (ﷲ މާލިކުލް ކައުނި)
- އަޅުކަން ކުރެވޭ އިލާހު: (އަލްއިލާހުލް މަޢްބޫދު)

ﷲ އަށް އީމާންވުމުގައި ހަތަރު ކަމެއް ހިމެނެއެވެ. އެއީ:

- އުފެއްދި ފަރާތަކާ ނުލައި ﷲ ވޮޑިގެންވާކަން.
- ޢާލަމްތައް ބަލަހައްޓަވާ ސާހިބުވަންތަ ކަލާނގެކަން.
- އެކަލާނގެއީ ކައުނުގެ ވެރިރަސްކަލާނގެ ކަމާއި ކައުނުގެ ހުރިހާ ކަމެއް ހިނގަނީ އެކަލާނގެ އިރާދަފުޅުން ކަން.
- އަޅުކަން ކުރެވޭ ހަމަ އެކަނި އިލާހު ކަމާއި އެ ކަލާނގެއާ އެކު އެހެން ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެކަން.

ﷲ ވޮޑިގެންވުން:

ހަ ވަނަ ޤަވާޢިދުގައި އަހަރެމެން ބުނި ފަދައިން، ﷲ ވޮޑިގެންވާކަމީ، ބުއްދީގެ ދަލީލުން އެނގުމުގެ ކުރިން، ނަފްސީ ޙަދްސުން އެނގޭ ބަދީހީ ކަމެކެވެ. އެއީ ދަލީލެއް ބޭނުންވާ ކަމެއް ނޫނެވެ. ނަމަވެސް އެކަމުގެ ދަލީލު ބަލާލާ ކޮންމެ ދިމާއަކުން ފެންނަން އެބަ ހުއްޓެވެ. ވީމާ އެ ދަލީލުތައް ހުށައަޅާކަށް އަހަރެން ނެތީމެވެ. އަދި ގުނޭ ވަރަށް ވުރެ އެ މާ ގިނައެވެ. ދިމިޝްޤު ޢިލްމުވެރިއެއް ކަމުގައިވާ އައްޝައިޚް ޖަމާލުއްދީން އަލްޤާސިމީ، 'އެއްކައުވަންތަ ކަމުގެ ހެކިތައް' މި ފޮތުގައި ވަރަށް ގިނަ ދަލީލުތައް ގެންނަވާފައި ވެއެވެ. އެ ފޮތް ލިޔެވިފައި ވަނީ މީގެ ބައި ޤަރުނު ކުރިން ކަމުގައި ވާ ހިނދު ވެސް މެއެވެ. ފަންސާސް އަހަރު ކުރިން އެނގެން ނެތް ދަލީލުތައް، ޒަމާނީ ޢިލްމުގެ ސަބަބުން މި އަދު ވަނީ ފާޅުވެފައެވެ. ފަލަކީ ޢިލްމާއި ޠަބީޢީ ޢިލްމުގެ ބޮންތީގައިވާ ތިރީސް ޢިލްމުވެރިން ލިޔެފައިވާ ފޮތް 'ސައިންސް ޒަމާނުގައި ﷲ ފާޅުވުން' އަދި ހަމަ އެ ފަދަ އެހެން ފޮތެއް ކަމުގައިވާ 'ސައިންސް އީމާންކަމަށް ގޮވާލާ' -ލިޔުނީ ކްރިސީ މޮރިސަން- ބަލައިފި މީހަކަށް، ޙަޤީޤީ ޢިލްމުވެރިއާ އާއި އާދައިގެ މީހާ، މުއުމިނެއް ކަމުގައި ނޫނީ ނުވާނެކަން، އެނގޭނެއެވެ. އަދި އިލްޙާދާއި ކުފުރަކީ ބައިކުޅަބައި ޢިލްމުވެރިންނާއި ހަތަރުއަނާ އެއްބައި ޢިލްމުވެރިން ވާ އެއްޗެއްކަން އެނގޭނެއެވެ. މި މީހުންނަކީ، ކުޑަކޮށް ޢިލްމު އުނގެނުމުން ފިޠްރީ ގޮތުން ހުންނަ އީމާންކަން ގެއްލި، އީމާންކަމާ ހަމައަށް ގެންގޮސްދޭ ވަރަށް ޢިލްމު ނުލިމުބުން ކާފިރުކަމުގެ ތެރެއަށް ވެއްޓޭ މީހުންނެވެ!

މި ބުނި ދެ ފޮތުގައި، އެ ޢިލްމުވެރިންގެ ފިކުރުކުރުމުން ނުކުތް މޭވާ، މަޒްމޫނުތަކެއްގެ ސިފައިގައި ހުންނާނެއެވެ. ޔޫނާން ފަލްސަފާވެރިން ބުނާހެން ދުނިޔެއަކީ ޤަދީމް އެއްޗަކަށް ވުން އެއީ މުސްތަޙީލް ކަމެއް ކަމަށާއި ކޮންމެ އެއްޗަކަށް ވެސް ވަކި ޢުމުރެއް ވާކަން ޢިލްމު ސާބިތުކޮށްދިނުމުގެ މާނައަކީ، އެއަށް ފެއްޓުމެއް ވުން ކަމާއި، ވީމާ ދުނިޔެއަކީ ޤަދީމް އެއްޗެއް ކަމަށް ނުވާނެ ކަމަށް، ފްރެންކް އެލަން ބުނެފައި ވެއެވެ. ފްރެންކް އެލަން އަކީ، ޙަޔާތާ ބެހޭ ޢިލްމުގެ އެންމެ ބޮޑެތި ޢިލްމުވެރިންގެ ތެރޭގައި ހިމެނޭ ޢިލްމުވެރިއެކެވެ. އަދި ރާޑަރު އީޖާދު ކުރި ރޮބަޓް މޮރިސް ޕެޖް، ކެމިސްޓްރީ ޢިލްމުވެރިއާ ޖޯން ކްލެވްލެންޑް ކޯތޯން، ފިޒިކްސް ޢިލްމުވެރިއާ ޖޯން ހާބަޓް ބްލޯންޑް ފަދަ ޢިލްމުވެރިން ހިމެނެއެވެ. މި ދެ ފޮތް އަދި މިފަދަ އެހެން ފޮތްތައް ކަލޭމެން ކިއުން އަހަރެން އެދެމެވެ. މިފަދަ ފޮތްތައް ވަރަށް ގިނައެވެ.

ﷲ ވޮޑިގެންވާ ކަމަށް، ކުރީގައި ޢިލްމުލްކަލާމްގެ ޢިލްމުވެރިން ދެއްކި ދަލީލުތަކާއި އަދި ފަހުން މި ޢިލްމުވެރިން ގެނައި ދަލީލުތައް، އަލުން ތަކުރާރު ކޮށް ގެންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ނަމަވެސް އަހަރެން، ޤުރުއާނުގެ ދަލީލުތަކުގެ ތެރެއިން އެންމެ ދަލީލެއް ގެންނާނަމެވެ. ޤުރުއާނު ދަލީލުތަކަކީ ސާފު، ޞަރީޙަ، އޭގައި ޝައްކެއް ނެތް ދަލީލުތަކެކެވެ. އެއީ ޢިބާރާތް ކުރު އެހެން ނަމަވެސް ވަރުގަދަ ޙުއްޖަތް ހިމެނޭ އާޔަތްތަކެކެވެ. އާދައިގެ ޢާއްމު މީހަކަށް ވެސް ފަހުމްވާނެ، އޭގެ މާނަ އެނގޭ ޢިލްމުވެރިއާ އޭގެ ޙުއްޖަތް ވަރުގަދަ ކަމާއި ފާޅުކަމާއި ސީދާކަން ފެނިފައި ޢަޖާއިބުވާނެއެވެ. މި ދެ މީހުންނަށް -ޢިލްމުވެރިއާ އާއި އާދައިގެ ޢާއްމު މީހާ- އަށް މި އާޔަތްތަށް ފެނިފައި ބުނެވޭނެހާ ވެސް އެއްޗަކީ އެއީ ''ހަމަ ތެދެއް'' ކަމަށެވެ.

ﷲ ވޮޑިގެންވާ ކަމުގެ ދަލީލު އަހަރެމެންގެ ނަފްސުގައި ވާ ކަން، އަހަރެމެންގެ ސަމާލުކަމަށް، އެންމެ ކަލިމައަކުން -ފީ އަންފުސިކުމް- ޤުރުއާނުގައި ގެންނަވާފައިވެއެވެ. އޭގެ ތެދުކަން، އަހަރެމެންގެ ނިއްކުރީގާ ލިޔެވިފައިވާ މައްސަލައެއް، އަހަރެމެން އިންކާރު ކުރާނީ ކިހިނެއްހެއްޔެވެ؟ މާތް ﷲ ވަޙީ ކުރައްވަނީ: وَفِي أَنفُسِكُمْ أَفَلَا تُبْصِرُونَ އެވެ.

އާޔަތުގެ ތަފްސީރީ މާނަ: ''އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގައި ވެސް އެ ކަލާނގެ ޤުދުރަތްތެރިކަމުގެ ދަލީލުތަކެއް ވެއެވެ. ފަހެ ތިޔަބައި މީހުން ބަލައި ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟'' (އައްޛާރިޔާތު:21)

ﷲ ވޮޑިގެންވާކަން ހިތުގެ އަޑިން އަހަރެމެންނަށް ޝުޢޫރުވެއެވެ. ފިޠްރީ އީމާންކަމުން، ދީންވެރިވުމުގެ ޣަރީޒާ ހުރުމުން، ދަތި އުނދަގޫ ކަމެއް މެދުވެރިވާ ހިނދު އަހަރެމެން އެ ކަލާނގެ އެހީއަށް އެދެމެވެ. އެ ކަލާނގެ ވޮޑިގެންވާ ކަމުގެ ހެކިތައް އަހަރެމެންގެ ނަފްސުގައި އަދި އަހަރެމެން ވަށައިގެންވާ ދުނިޔޭގައި އެބަ ވެއެވެ. ﷲ ވޮޑިގެންވާކަން، އެތެރޭ ނަފްސަށް ޙަދްސުން އެނގެއެވެ. އަދި ބުއްދިއަށް ދަލީލުތަކުން އެނގެއެވެ.

ވީމާ ﷲ ވޮޑިގެންވާ ކަން އިންކާރު ކުރާ މީހާ، ވޮޑިގެންވާ ކަމުގެ ދަލީލަކީ އޭނާ ކަމުގައި ވާ ހިނދުވެސް، އިންކާރު އެ ކުރަނީ ކީއްވެގެންހެއްޔެވެ؟ އެ ފަދަ މީހެއްގެ މިސާލަކީ ކަލޭގެ ފައިސާ އޭނާ އަތުގައި ހުއްޓާ ވެސް އެ ނުނަގާ ކަމަށް އަދި އަތް ވެސް ނުލާ ކަމަށް ބުނާ މީހާގެ މިސާލެވެ. ނުވަތަ ހެދުމުން ފެން ތިކި ޖަހަޖަހާ ހުންނަ އިރު ވެސް އޭނާ ފެނާ ކައިރިވެސް ނުވާ ކަމަށް ބުނާ މީހާގެ މިސާލެވެ. ﷲ ވޮޑިގެންވުމަކީ ޙަޤީޤަތްތަކުގެ ޙަޤީޤަތެވެ. އެކަމަކު މި ޙަޤީޤަތް ގިނަ މީހުންގެ ސަމާލު ކަމަށް ނާންނަނީ ކީއްވެގެންހެއްޔެވެ؟

ޖަވާބަކީ: ސަބަބަކީ އެ މީހުން އެ މީހުންގެ ނަފްސާ މެދު ފިކުރުނުކުރާ ކަމެވެ. އެ މީހުން ނަފްސަށް ފިލާ ކަމެވެ. ނަފްސާ އެކު އެކަހެރިވެލަން ބިރުގަންނަ ކަމެވެ. އަމިއްލަ ނަފްސާ އެކު ވަގުތުކޮޅެއް ހޭދަ ކުރަން އެ މީހުން ނުކުޅެދޭ ކަމެވެ. އެހެންވެ އެ މީހުން ތިބޭނީ ބޭކާރު ވާހަކައެއް ދައްކަން ނުވަތަ ތާކުންތާކު ނުޖެހޭ ފޮތެއް ކިޔަން ނުވަތަ ނަފްސާ ދުރުގައި ހުރެވޭ ކޮންމެވެސް މަސައްކަތެއް ކުރާށެވެ. އޭނާގެ ނަފްސަކީ އޭނާ ނުރުހޭ ފޫހިވާ ޢަދުއްވެއްތޯއްޗެކެވެ! ޢުމުރަކީ އޭނާގެ ރައުސްމާލް ކަމުގައި ވާއިރު ވެސް، އެއީ އޭނާގެ ކޮނޑުގައި އެޅިފައިވާ ބަރެކޭ ހިތައި، އެއިން ސަލާމަތް ވާން ޢުމުރު ބޭކާރުކޮށް އެއްލާލަނީއެވެ.

މި އުޅޭ ގިނަ މީހުންނަށް ބަލާލަބަލާށެވެ. އެ މީހުން ކައިބޮއި ނިދައި ހޭލައި ހަދައެވެ. އަރާމާއި ހިތްހަމަ ޖެހުން ހޯދަން ކުރެވުނު ކަމެއް ކުރެއެވެ. ވޭނާއި ތަދާއި ދުރުވާން އުޅެއެވެ. އެ މީހުންގެ އަމިއްލަ ނަފްސަށާއި އަނބި ދަރިންނަށާއި އަދި ލޯބިވާ މީހުންނަށް، މި ދުނިޔޭގައި ހެޔޮ ރަނގަޅު ގޮތް އެދެއެވެ. އެ މީހުން ހެނދުނު ތެދުވެ ގައި ސާފުކޮށްގެން ހެދުން އަޅައި ނާސްތާކޮށްގެން މަސައްކަތަށް ނުކުމެއެވެ. ފައިސާ ޖަމާކޮށް ވީހާ ވެސް ބޮޑު ފައިދާތަކެއް ލިބޭތޯއެވެ. ދެން އެނބުރި ގެއަށް އާދެއެވެ. އައިސް މެންދުރު ކައިގެން އަރާމުކޮށްލާ އަނެއްކާ ވެސް މަސައްކަތަށް ދެއެވެ. ދެން މުނިފޫހިފިލުވުމުގެ ކޮންމެވެސް ކަމެއް ކުރެއެވެ. މި ގޮތުން އޭނާގެ ހުސް ވަގުތު ފުރައެވެ. އަދި އޭނާގެ ވަގުތު ބޭކާރުކޮށް ޢުމުރުގެ ބައެއް ގެއްލުވާލައެވެ. ދެން ބަނޑުހައިވީމާ އަނެއްކާވެސް ކާން ދެއެވެ. ނުވަތަ ނިދި އައިސްފި ނަމަ ނިދަން ދެއެވެ. ދެން އަނެއްކާ ވެސް އާ ދުވަހަކާ ކުރިމަތިލައެވެ. ދެން ހަމަ ކުރީ ދުވަހުގެ ވެސް ޕުރޮގްރާމު އިޢާދަ ކުރެއެވެ. އޭނާގެ މާޟީ މަތިން ހަނދާން ކުރެއެވެ. އޭނާގެ މާޟީ އަކީ، އޭނާ ދުނިޔޭގައި އުޅުނުހެން އޭނާއަށް ހީވާ ދުވަސްތައް ފިޔަވައި އެހެން އެއްޗެއް ނޫނެވެ. އަދި މުސްތަޤްބަލާ މެދު ވެސް ވިސްނާނެއެވެ. އޭނާގެ މުސްތަޤްބަލަކީ، އޭނާ މި ދުނިޔޭގައި އުޅޭނެ ކަމަށް ލަފާ ކުރާ ދުވަސްތައް ފިޔަވައި އެހެން އެއްޗެއް ނޫނެވެ.

ނަމަވެސް ފުރިހަމަ މުސްލިމެއްގެ ޙަޔާތުގައި ކަންތައް ވާނީ މިހެނެއް ނޫނެވެ. ޙަޔާތަކީ ހަމައެކަނި، ކެއުމާއި ބުއިމާއި މަސައްކަތް ކުރުމާއި މުނިފޫފިލުވުން ކަމަކަށް އޭނާ ނުދެކޭނެއެވެ. އޭނާ އޭނާގެ ނަފްސާއި ސުވާލު ކުރާނެއެވެ: އަހަރެން އައީ ކޮންތާކުން؟ އަހަރެން ދާން އޮތީ ކޮންތަނަކަށް؟ އަހަރެންގެ ފެއްޓުމަކީ ކޮބައި؟ އަދި ނިމުމަކީ ކޮބައި؟ މި ފަދައިން ވިސްނީމާ އޭނާ އަށް އެނގޭނެ އެއްޗަކީ، މަރުވީމާ ނިމުނީއޭ ބުނެވެން ނެތްކަމެވެ. އެހެނީ، ޙަޔާތުގެ ފެށުމަކީ ދުނިޔެއަށް އުފަންވުން ކަމަކަށް ނުބެލެވެއެވެ. އުފަންވުމުގެ ކުރިން އޭނާ އޭނާގެ މަންމަގެ ބަނޑުގައި ކުޑަކުއްޖެއްގެ ގޮތުގައި އޮތްކަން އޭނާއަށް އެނގެއެވެ. ކުޑަކުއްޖަކަށްވުމުގެ ކުރީގައި އޭނާގެ ބައްޕަގެ ބުރަކަށީގައި މަނިފަންޏެއްގެ ގޮތުގައި އޮތްކަން އޭނާއަށް އެނގެއެވެ. އަދި އޭގެ ކުރިން އޭނާ ވީ އޭނާގެ ބައްޕަގެ ހަށިގަނޑުގައި ހިނގަ ހިނގާ ހުރި ލޭ ކަމުގައެވެ. އެ ލޭ އުފެދުނީ ބައްޕަ ކެއި ކާ އެއްޗެހިންނެވެ. އެ ކާ އެއްޗެއްސަކީ ބިމުގައި ފަޅާފައި ހުރި ގަހެއް ނުވަތަ ގަސް ކައި އުޅުނު ޖަނަވާރެކެވެ. ވީމާ އޭނާއަށް ނޭނގޭ ވަރަށް ގިނަ މަރްޙަލާތަކެއް ވިހެއުމުގެ ކުރިން އޭނާ ކަޑައްތުކޮށްފައި ވެއެވެ. ދިގު މި ސިލްސިލާއިން އެނގެނީ މަދު ބޮޅެކެވެ. ބާކީ ހުރި ބޮޅުތަކަކީ އަހަރެމެންނަށް އޭގެ ޙަޤީޤަތް ނޭނގޭ ބޮޅުތަކެކެވެ. އަމިއްލަ ބުއްދިން، އަމިއްލަ އިރާދައިން، އަމިއްލަ ނަފްސު އުފައްދާނީ ކިހިނެއްހެއްޔެވެ؟ އޭނާގެ ބުއްދިއާއި އިރާދައެއް ވުމުގެ ކުރިން ވުޖޫދުގައި އޭނާ ނުވޭހެއްޔެވެ؟!

ޢުމުރުން ހަތަރު އަހަރު ވުމުގެ ކުރިން، އަހަރެމެންނަށް އަހަރެމެންގެ ނަފްސު ނޭނގެއެވެ. ތިމާ ވިހެއި ވަގުތު އެކަކު ވެސް ހަނދާނެއް ނުހުންނާނެއެވެ. ވިހެއި ވަގުތު ހަނދާން ހުރީ ކާކުހެއްޔެވެ؟ މަންމަގެ ބަނޑުގައި އޮތް އިރު ހަނދާން ހުރީ ކާކުހެއްޔެވެ؟ ވުޖޫދުގައި އޭނާ ވީ ކަން އޭނާއަށް އެނގުމުގެ ކުރިން ވެސް އޭނާ ވުޖޫދުގައި ވާ ހިނދު، އޭނާ އުފެއްދީ އޭނާ ކަމަށް ފަހެ ބުނެވިދާނެހެއްޔެވެ؟ މި އުޅޭ ކާފިރު މުލްޙިދަކު ކަލެއާ ބައްދަލުވެއްޖެނަމަ އޭނާ ގާތުން މިހެން އަހާބަލާށެވެ: ކަލޭގެ އަމިއްލަ ނަފްސު އުފެއްދީ ކަލޭގެ އަމިއްލަ އިރާދާއި އަމިއްލަ ބުއްދިން ހެއްޔެވެ؟ ކަލޭގެ މަންމަގެ ބަނޑުތެރެއަށް ކަލޭ ލީ ކަލޭ އަމިއްލައަށް ހެއްޔެވެ؟ އެ އަންހެން މީހާއަކީ ކަލޭ ވިހާނެ މަންމަ ކަމަށް އިޚްތިޔާރު ކުރީ ކަލޭ ހެއްޔެވެ؟ ދެން އެއަށް ފަހު މަންމަގެ ބަނޑުން ނުކުތުމަށް ފޫޅުމައި ގޮވައިގެން އައީ ވެސް ކަލޭ ހެއްޔެވެ؟ އުފެއްދި މީހަކު ވެސް ނެތި ނެތުމުގެ ތެރެއިން ކަލޭ އުފެދުނީ ހެއްޔެވެ؟ ޝައްކެއް ވެސް ނެތް ގޮތުގައި އެއީ މުސްތަޙީލް ކަމެކެވެ.

ޑޭކާރޓް އޭނާ މަޝްހޫރުވެފައިވާ ޝައްކު ކުރުމުގެ ނަޡަރިއްޔާ ގެ ދަށުން، ހުރިހާ އެއްޗަކާ މެދު ޝައްކު ކުރިއެވެ. އަމިއްލަ ނަފްސާ މެދު ވެސް މެއެވެ. އެކަމަކު އޭނާގެ ނަފްސާ މެދު ވިސްނި އިރު ނަފްސު ވާ ކަމާމެދު ޝައްކު ކުރެވޭކަށް ނެތެވެ. ސަބަބަކީ ޝައްކު ކުރަނީ އޭނާއެވެ. އަދި ޝައްކު ކުރަން ޝައްކު ކުރާ މީހަކު ހުންނަން އެބަ ޖެހެއެވެ. އެހެންވެ އޭނާގެ މަޝްހޫރު ބަސް ބުންޏެވެ: ''އަހަރެން ވިސްނަމެވެ. އެހެން ވީމާ އަހަރެން އެބަ ވަމެވެ.''

އާނ އެކެވެ. އޭނާ ވުޖޫދުގައި ވިއެވެ. އެކަމާ މެދު ޝައްކެއް ނެތެވެ. އެކަމަކު އޭނާ ވުޖޫދަށް ގެނައީ ކާކު ހެއްޔެވެ؟ އޭނާ ވުޖޫދަށް ގެނައީ އޭނާގެ ކުރިން ދުނިޔޭގައި ހުރި މާއްދީ ތަކެތިހެއްޔެވެ؟ ފަރުބަދަތަކާއި ކަނޑުތަކާއި އިރާއި ތަރިތައްހެއްޔެވެ؟ ޔަޤީނުން ވެސް އެއީ ބުއްދިއެއް ނެތް ދިރުމެއް ނުވާ އެއްޗެހިތަކެކެވެ. އެކަމަކު އޭނާ އަކީ ބުއްދި ހުރި މީހެކެވެ. ފަހެ ބުއްދިއެއް ނެތް އެއްޗަކަށް، އެހެން މީހަކަށް ބުއްދިއެއް ދެވިދާނެހެއްޔެވެ؟ އަތުގައި ނެތް އެއްޗެއް މީހަކަށް ދެވިދާނެހެއްޔެވެ؟

ނަބީ ބޭކަލުންގެ ބައްޕާފުޅު، ނަބިއްޔާ އިބްރާހީމް ޢަލައިހިއް ސަލާމް ގެ މައުޤިފަކީ[1] މިއީއެވެ. އެކަލޭގެފާނުގެ ބައްޕާފުޅަކީ ބުދު ހެދުމުގެ މަސައްކަތް ކުރި މީހެކެވެ. ހިލައިގައި ފުއްކަށިން ކޮނެ ނަގައިގެން ބުދު ހެދީމާ އެ ޤައުމުގެ މީހުން އެއީ އަޅުކަން ކުރެވޭ އިލާހުންތަކެއް ކަމުގައި ބެލިއެވެ! އިންސާނެއްގެ އަތުން ހިލަގަނޑެއް ހެދީމާ އަޅުކަން ކުރަނީއެވެ!؟ އަހަރެން އަތުން ހަދާ އިލާހެއްގެ ގާތުން އަހަރެން މި އެދެނީ އަހަރެން ބޭނުންވާ ކަންތައް ފުރިހަމަކޮށްދޭށެވެ؟! މިއީ ބުއްދި ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ވީ އިރު ޙައްޤު އިލާހު ކޮބައިހެއްޔެވެ؟

މި ގޮތުގެ މަތިން އިބްރާހީމްގެފާނު ހޯއްދަވައި ފިކުރުކުރައްވަން ފެއްޓެވިއެވެ. އެހެން ހުންނަވަނިކޮށް ރޭ ވީމާ، އުޑުން އަލިގަދަ ތަރިއެއް ފެނިވަޑައިގަތެވެ. އެއީ ބުދު ހެދޭ ހިލަހެން ބިމުން ނުކުތް ހިލަގަނޑެއް ނޫނެވެ. އެއީ އިންސާނާ އަތުން ހެދި އެއްޗެއް ވެސް ނޫނެވެ. އެހެންވެ އެއީ ހޯއްދަވަމުން ދާ އިލާހު ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދެން ފެނިވަޑައިގަތީ، ހަނދު އެރީމާ ތަރި ގެއްލުނު މަންޒަރެވެ. ބަލާބެލުމަށް ހަނދު މާ ބޮޑުވެފައި އަލިގަދަކަމަށް، ފެނިވަޑައިގަތެވެ. އެ ހިނދު ހަނދަކީ އެއީ އިލާހު ކަމަށް ވިދާޅުވިއެވެ. ހަނދު އެއީ އިލާހުކަމަށް ބައްލަވައިގެން މުޅި ރޭގަނޑު ހަނދަށް ބަލަހައްޓަވައިގެން ހުންނެވިއެވެ. ދެން ފެނިވަޑައިގަތީ އިރު އަރައި ހަނދު ގެއްލުނު ތަނެވެ. މުޅި ބިމަށް އަލިވެގެން ދިޔަ ތަނެވެ. އެ ހިނދު ވިދާޅުވީ އިލާހަކީ އިރު ކަމުގައެވެ. ނަމަވެސް އަނދިރި ކަމުގެ ތެރެއަށް ބިން ދޫކޮށްފައި އިރުވެސް އޮއްސިގެން ހިނގައްޖެއެވެ. ފަހެ މުލްކު ދޫކޮށްފައި ދަނީ މީ ކޮން ކަހަލަ އިލާހެއްހެއްޔެވެ؟ އެހެން ނުވާނެއެވެ. އިރަކީ އަހަރެން ހެއްދެވި އިލާހެއް ނޫނެވެ. މި ހުރި ތަކެއްޗަކީ ވެސް އިލާހެއް ނޫނެވެ. އިލާހަކީ އަހަންނެއް ވެސް ނޫނެވެ. އަހަރެން އުފެއްދީ އަހަންނެއް ނޫނެވެ. އަދި އަހަރެން އުފެދުނީ އުފެއްދި ފަރާތެއް ނެތިއެއްވެސް ނޫނެވެ. ވީމާ ދެން އޮތީ ވެދާނެ އެންމެ ގޮތެކެވެ. ރަނގަޅު ގޮތަކީ އެއީއެވެ. ޙައްޤު ގޮތަކީ ވެސް އެއީއެވެ. އެ ނޫން ހުރިހާ ގޮތްތަކަކީ ބާޠިލް ގޮތްތަކެކެވެ. އެ ގޮތަކީ، މި ހުރިހާ އެއްޗެއްގެ ފަހަތުގައި ޤުދުރަތްތެރި މަތިވެރިވަންތަ އިލާހެއް ވޮޑިގެންވެއެވެ. އެ އެއްޗެހި އުފެއްދެވީ އެ އިލާހެވެ. އަދި އަހަރެން އުފެއްދެވީ ވެސް އެ އިލާހެވެ. އަދި ހުރިހާ އެއްޗެއް އުފެއްދެވީ ވެސް އެ އިލާހެވެ.

އެންމެ ޖުމްލައަކުން ޤުރުއާނުގައި މި ދަލީލު ބަޔާންވެގެންވެއެވެ. ރައްބާނީ ބަޔާންތެރިކަމުގެ[2] މުޢްޖިޒާތެކެވެ. ބުއްދިއަށް ކިޔަމަންގަންނަ މީހުންގެ ދެކޮޅު ހެދުމުގެ ހުއްޖަތް މުގުރާލާ ބަސްފުޅެކެވެ. މުލްޙިދުންގެ ވިސްނުމަށް އިޙްތިރާމް ކުރާ ޙުއްޖަތެކެވެ. އެއީ މާތް ﷲ ގެ މި ބަސްފުޅެވެ.  أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ

އާޔަތުގެ ތަފްސީރީ މާނަ: ''ނުވަތަ އެ މީހުން ހެދިފައި ވަނީ ހެއްދެވި ފަރާތަކާއި ނުލައިހެއްޔެވެ؟ ނުވަތަ އެ މީހުންގެ އަމިއްލަ ނަފްސުތައް ހެދި ބަޔަކީ އެ މީހުންހެއްޔެވެ؟'' (އައްޠޫރް:35)

ބައިކުޅަ ބައި ޢިލްމުވެރިންގެ ތެރޭގައި ތިބޭ މުލްޙިދުންގެ މޮޔައިން ''ޠަބީޢަތޭ'' ކިޔާފައި ވަހަކަ ދައްކައެވެ. އިންސާނާ އުފެއްދީ ވެސް ޠަބީޢަތެވެ! އިންސާނާއަށް ބުއްދިއެއް ދިނީ ވެސް ޠަބީޢަތެވެ! ކުޑަ އިރު އަހަރެމެންނަށް މި ވާހަކަ މިހެން ބުނެދޭ އެދުރުން އުޅުނެވެ. ފުރަތަމަ ބޮޑު ހަނގުރާމައާއި ހަނގުރާމަ ނިމުނު ދުވަސްވަރު، އާ ތަމައްދުން ގެ ވަސް ޖެހިފައި ތިބި އެދުރުންނެވެ. ފުރަތަމަ އެ މީހުން އައީ އިސްތަންބޯލުންނެވެ. ދެން އައީ ޕެރިހުންނެވެ. އެ މީހުން ހީކުރީ އެ ފިކުރު ގެންގުޅުނީމާ އެ މީހުންނަކީ ''އަލިކުރާމީހުން'' ނަށް[3] ވީ ކަމަށެވެ. އެ ދުވަސްވަރު ''އަލިކުރާމީހުން'' މި ބަހަކީ މި ދުވަސްވަރު ''ކުރިއަރާމީހުން'' ނޭ[3] ބުނާ މާނައިގައި ބުނެ އުޅުނު ބަހެކެވެ. ކޮންމެ ދުވަސްވަރަކު ވެސް އަހަރެމެން މޮޔަ ހައްދަން އެ މީހުން ބޭނުން ކުރާ ލަފްޒުތަކެއް ހުރެއެވެ. އެމެރިކާ ގެ އަސްލު ރަށްވެހި ރަތްއިންޑިއާ މީހުން އަތުން އެ މީހުންގެ ބިން އަތުލައި ފޭރިގަންނަންވެގެން، ހާރުފައްޗާއި ކުލަޖެއްސި ހެދުން ދީގެން މޮޔަ ހައްދަން އުޅުނު އުސޫލުންނެވެ.

ދެން އަހަރެމެން ބޮޑުވެގެން އެ މީހުންނާ ސުވާލު ކުރީމެވެ: ޠަބީޢަތަކީ ކޮން އެއްޗެއްހެއްޔެވެ؟ ޢަރަބި ބަހުގައި ''ޠަބީޢާ'' މި ކަލިމަ އައިސްފައި ވަނީ ''ފަޢީލާ'' މި ވަޒަނަށެވެ. މި ވަޒަނަށް އައިސްފިނަމަ އޭގެ މާނައަކީ، އެއީ މީހަކު ހެދި އެއްޗެކެވެ. ވީމާ އެ ހެދި މީހަކީ ކާކުހެއްޔެވެ؟

ދެން އެ މީހުން ބުނީ: ޠަބީޢަތުގެ މާނައަކީ އެއީ އިއްތިފާޤޭ އެވެ. ގޮތަކަށް ކަމެއް ވެދާނެ ކަމުގެ ޤާނޫނޭ އެވެ.
ދެން އަހަރެމެން ބުނީ: ކަލޭމެން ތި ދައްކާ ވާހަކައިގެ މިސާލު އެނގޭހެއްޔެވެ؟

ތީގެ މިސާލަކީ: ދެ މީހަކު ސަހަރާއަށް ގެއްލިގެން އުޅެނިކޮށް ރީތި ބޮޑު ގަނޑުވަރަކާ ދިމާވީއެވެ. ފާރުތައް ހުރީ ކަނޑައި ނަގއިގެން ރީއްޗަށް ކުރަހާފައެވެ. އަޅާފައި ހުރީ އަގު ބޮޑު މޮޅު ދޫލައެވެ. ފާރުގައި ބަހައްޓާ ގަޑިއާއި މަންދީލަތައް[4] ވެސް ހުއްޓެވެ.

ދެން ފުރަތަމަ މީހާ ބުންޏެވެ: މި ގަނޑުވަރު އަޅާ ޒީނަތްތެރިކޮށްފައި މި ހުރީ ކޮންމެވެސް މީހެއްކަން ޔަޤީން.
ދެވަނަ މީހާ ރައްދު ދިނެވެ: ކަލޭ ތީ ހާދަ ނާ ތަހުޒީބު ބޯދާ މީހެކޭ ދޯ؟ މި ހުރިހާ ކަމެއް ވެސް މީ ހަމަ ޠަބީޢަތުގެ މަސައްކަތް!!
ފުރަތަމަ މީހާ: މި ކަހަލަ ގަނޑުވަރެއް ޠަބީޢަތަށް ހެދެނީ ކިހިނެއްތަ؟
ދެވަނަ މީހާ: ވީ ގޮތަކީ، މިތާނގައި ހުރި ހިލަތަކެއް. ދެން ސައިލާއި ވަޔާއި އައިސް އަދި މޫސުމަށް އައި ބަދަލުތަކުން، އެ ހިލަތައް އެއްވީ. ދެން ދިގު ޒަމާންތަކެއް ވެގެން އިއްތިފާޤަކުން ފާރަކަށް ބަދަލުވީ!!!

ފުރަތަމަ މީހާ: ދެން ދޫލަޔޯ؟
ދެވަނަ މީހާ: ކަންބަޅިތަކުގެ ކެހެރިތަކެއް އުދުހި، އެ އެއްވީ. ދެން އެކި ކުލަކުލައިގެ މަޢްދަންތަކާއި ކެހެރި އެއްވެގެން ކުލަ ޖެހި އަދި އެންމެ ފަހުން ދޫލަޔަކަށް ވީ!!
ފުރަތަމަ މީހާ: ގަޑިޔޯ؟
ދެވަނަ މީހާ: މޫސުމުގެ ބަދަލުތަކުން ދަގަނޑު ކެފުނީ. އަދި ސޯބުތައް ހެދި އެކަތި އަނެކައްޗާ ގުޅުނީ. ދެން ޒަމާންތަކަކަށް ފަހު ތި ފެންނަ ކަހަލަ ގަޑިއަކަށް ވީ!!

ފަހެ މި ކަހަލަ ވާހަކަ ދައްކާނީ މޮޔައެކޭ ކަލޭމެން ނުބުނާނަން ހެއްޔެވެ؟

މައިކްރޮސްކޯޕަކުން ނޫނީ ނުފެންނަ ވަރު، މޭގަނޑުގެ ކުޑަކުޑަ ސެލް، ބޮޑު ފެންޑާއެއް ފުރޭ ވަރުގެ މެޝިންތަކަށް ނުކުރެވޭހާ ކެމިކަލް މަސައްކަތްތައް އެ ކުރަނީ އިއްތިފާޤަކުންހެއްޔެވެ؟ މި ސެލް އިން ލޭގައި ހުންނަ އިތުރު ހަކުރުތައް ގްލައިކޯޖެން އަށް ބަދަލުކޮށްލައެވެ. އަދި ފަހުން އޭގެ ބޭނުން ޖެހުނީމާ ގްލުކޯޒަށް ބަދަލުކޮށްގެން ހަށިގަނޑު އެ ބޭނުން ކުރެއެވެ. އަދި އެ ސެލްތަކުން ރީނދޫ ދިޔަ [5] އުފައްދައެވެ. ލޭގައި ހުންނަ ކޮލެސްޓްރޯލް ހެޔޮވަރު ކުރެއެވެ. އަދި މި ނޫން ވެސް އެތަކެއް މަސައްކަތެއް ކުރެއެވެ!

އިންސާނާގެ ދުލުގައި، ރަހަ ބެލުމަށްޓަކައި ނުވަހާސް އުން[6] ހުންނަނީ ވެސް އިއްތިފާޤަކުންހެއްޔެވެ؟ ކޮންމެ ކަންފަތެއްގައި އަޑު އެހުމަށްޓަކައި ސަތޭކަ ހާސް ސެލް ވެއެވެ. ކޮންމެ ލޮލެއްގައި، އަލި ނަގައިގަންނަ ސަތޭކަ ތިރީސް މިލިއަން ސެލް ވެއެވެ. މީގެ އިތުރަށް ބިމާއި ބިމުގައި ވާހާ ޢަޖާއިބު ކުރުވަނިވި ކަންތަކާއި ސިއްރުތައް ކޮބައިހެއްޔެވެ؟ އަހަރެމެންގެ ވަށައިގެން މި ވާ ވަޔާއި ވައިގައި ވާހާ ލޮލަށް ނުފެންނަ ދިރޭ ތަކެތި ކޮބައިހެއްޔެވެ؟ ގަނޑުފެން ކޮޅު ތެރޭގައި އެ ވާހާ އަޖާއިބުކުރުވަނިވި ކުރެހުންތައް ކޮބައިހެއްޔެވެ؟ މި ފަހުން ނޫނީ އަހަރެމެންނަށް އެނގިފައި ނެތް، މިހާ ރީތި ކުރެހުންތަކެއް ގަނޑުފެން ތެރޭގައި ލެއްވީ ކާކުހެއްޔެވެ؟

މި ބިމާއި ބިމުގައިވާ މަޢްދަންތަކަށް ބަލާލަބަލާށެވެ. ބިމުގައި ފޮރުވިފައިވާހާ ސިއްރުތަކާމެދު ވިސްނަބަލާށެވެ. އޭގައި ވާ ސޫތްޕަށާއި ގަސްގަހާ ގެއްސަށް ބަލާލަބަލާށެވެ. ބޮޑެތިސަހަރާތަކާއި ތަނަވަސް ކަނޑާއި އުސް ފަރުބަދައާއި ފުން ވާދީތަކަށް ބަލާބަލާށެވެ. ދެން ބިން އިރާއި އަޅާ ބަލާއިރު ބިމަކީ ވަރަށް ކުޑަ ކުޑަ އެއްޗެކެވެ. ބިމަށް ވުރެ މިލިއަން ގުނަ ބޮޑު، އިރު އެހެން ތަރިއަކާއި އަޅާ ބަލައިފިނަމަ، އިރު ވާނީ ސަހަރާއެއްގައި އޮންނަ ވެލިފުކެއް ހާ ކުޑަ އެއްޗަކަށެވެ!

އަލި ދަތުރު ކުރާ ބާރު މިނަކީ، ސިކުންތަކު ތިންސަތޭކަ ހާސް ކިލޯމީޓަރު ކަމަށް ބަލައި، އަހަރެމެންނާ ސަތޭކަ ސާޅީސް މިލިއަން ކިލޯމީޓަރު ދުރުގައި ވާ އިރުގެ ދުރުމިން އަލި ޒަމާނުން ބަލައިފިނަމަ، އިރު އަހަރެމެންނާ ދުރީ އެންމެ އަށް މިނިޓެވެ. ވީ އިރު، މިލިއަން އަލި އަހަރު އަހަރެމެންނާ ދުރުގައިވާ ތަރިތަކާ އަހަރެމެންނާ ހުންނާނީ ކިހާ ދުރުމިނެއްހެއްޔެވެ؟ އަލި އަހަރަކީ ދިހަ ހާސް ބިލިއަން ކިލޯމީޓަރެވެ. ވީމާ މިލިއަން އަލި އަހަރަކީ ކިތައް ކިލޯމީޓަރުކަން ތަސައްވަރު ކޮށްލާށެވެ!

މި ފެންނަ ތަރިތަކާއި ބެހޭ ގޮތުން، އަދި މަޑިކިލަނބު ގައި ހުންނަ ތަރިތަކާ ބެހޭ ގޮތުން، ޢިލްމުވެރިންނަށް އެނގޭހާ ވެސް އެއްޗަކީ އެއީ ﷲ ނޫން އެހެން ފަރާތަކަށް އޭގެ ޢަދަދު ނޭނގޭހާ ގިނަ ތަރިތަކަކުން އެކުލެވިގެންވާ، އުޑުން ފެންނަ އަލިގަދަ ނުކުތާތަކެއް ކަމެވެ. ސިކުނޑިއަށް ތަސައްވަރު ކުރަން ވެސް ދަތި ބޮޑު މިނެއްގެ މި ތަރިތައް ދަތުރު ކުރަމުން ދަނީ ޢަދަދުން ނުގުނޭހާ އާދަޔާ ޚިލާފު ބާރު މިނެއްގައެވެ. ދެން މި ތަރިތައް އެކަތި އަނެކައްޗާ މުޑި ނާރަނީ ކީއްވެހެއްޔެވެ؟!

ތަރިއެއް އެހެން ތަރިއަކާ ޖެހުމުގެ ފުރުޞަތަކީ، ފަޟާ ތެރެއަށް ދޫކޮށްލެވޭ ހަ ކުޅަދުނރު އެކަތި އަނެކައްޗާ ޖެހުން ހާ ދުރު ފުރުޞަތެއް ކަމަށް ފަލަކީ ޢިލްމުވެރިއަކު ބުނެފައި އޮއްވާ އަހަރެން ފޮތަކުން ކީމެވެ. މީގެ މާނައަކީ ހަ ކުޅަނދުރަށް ނިސްބަތް ކުރާ އިރު ފަޟާ ތަނަވަސް ވަރަށް، ޢަދަދު ނުކުރެވޭހާ ގިނަ ތަރިތަކަށް ނިސްބަތް ކުރާ އިރު ފަޟާ ތަނަވަހެވެ.

މި މުޅި ފަޟާ ވަނީ ބޮޑު ވަށް ބޯޅައެއް ފަދަ އެއްޗެއްގެ ތެރޭގައެވެ. އެއީ ދުނިޔޭގެ އުޑެވެ. މި ބޯޅައިގެ ބޭރު ފަށަލައަކީ ޖިސްމާނީ އެއްޗެކެވެ. ފަހަރެއްގައި ވެސް އެއީ ވައި ނުވަތަ ހުސް، ފަޟާއެއް ނޫނެވެ. އަދި އެއީ ބައެއް މުފައްސިރުންނާއި މުޙައްދިޘުން ވިދާޅުވިހެން، ތަރިތައް ދަތުރުކުރާ ފަލަކެއްގެ ގޮތުގައި އޮންނަ ވަހުމީ ރޮނގެއް ވެސް ނޫންމެއެވެ. މި ބޯޅައަކީ މުޅި ފަޟާއާއި އޭގައި ވާހާ އެއްޗެއް، ވަށައިގެން ވާ އެއްޗެކެވެ. އެއީ ލައްޕައި ހުޅުވޭ ދޮރުތަކެއް ލެވިފައިވާ، އަދި މި ފަޟާގެ ރައްކަލެއްގެ ގޮތުގައި މާތް ﷲ ލައްވާފައިވާ ފުރާޅެކެވެ. އެގޮތުން މާތް ﷲ ވަޙީ ކުރައްވަނީ:  وَجَعَلْنَا السَّمَاء سَقْفاً مَّحْفُوظاً

އާޔަތުގެ މާނަ: ''ތިމަންރަސްކަލާނގެ، ބިމުގެ، ރައްކާތެރި ކުރެވިގެންވާ ފުރާޅެއް ކަމުގައި އުޑު ލެއްވެވީމެވެ.'' (އަލްއަންބިޔާއު: 32)

އުޑުގައިވާ މި ތަރިތަކަކީ ގޭގެ ފުރާޅު ޒީނަތްތެރި ކުރަން އެލުވޭ ބޮކިފަދަ އެއްޗެކެވެ. މި އުޑުގެ ފަހަތުގައި ވެސް އެހެން ފަޟާއެއް އޮވެއެވެ. އޭގެ ތަނަވަސްކަން ދެނެވޮޑިގަންނަވަނީ މާތް ﷲ އެވެ. އެ ފަޟާ އަކީ މި ފަޟާ ފަދަ ނުވަތަ މިއަށްވުރެ އަދި މާ ބޮޑު، އޭގެ ވަށައިގެން ވެސް ބޯޅައެއް ވާ ފަޟާއަކަށް ވެސް ވެދާނެއެވެ. ދެން ތިންވަނަ ފަޟާއެކެވެ. އޭގެ ވަށައިގެން ތިންވަނަ ބޯޅައެކެވެ. ދެން ހަތަރުވަނަ ފަޟާއެކެވެ. އޭގެ ވަށައިގެން ހަތަރުވަނަ ބޯޅައެކެވެ. ދެން ފަސްވަނަ ފަޟާއެކެވެ. އޭގެ ވަށައިގެން ފަސްވަނަ ބޯޅައެކެވެ. ދެން ހަވަނަ ފަޟާއެކެވެ. އޭގެ ވަށައިގެން ހަވަނަ ބޯޅައެކެވެ. ދެން ހަތްވަނަ ފަޟާއެވެ. އޭގެ ވަށައިގެން ހަތްވަނަ ބޯޅައެކެވެ. ދެން ހުންނާނީ ނުހަނު މަތިވެރި ނުހަނު ބޮޑު ޖިސްމެކެވެ. އެއީ ޢަރްޝި އާއި ކުރުސި އެވެ. އަދި އެ ދުނިޔެ އާއި ބެހޭ ގޮތުން މާތް ﷲ އަހަރެމެންނަށް ޚަބަރު ދެއްވާފައިވާ އެއްޗެއްސެވެ!!

ޢަޖާއިބުތަކުގެ ތެރެއިން ވެސް ޢަޖާއިބުވާ އެއްކަމަކީ، އަދި ﷲ ވޮޑިގެންވާ ކަމުގެ ފާޅުކަން ބޮޑު ދަލީލަކީ، މި ފަޟާއާއި އޭގައި ވާހާ އެއްޗެއްގެ، ކުޑަ ނަމޫނާއެއް ވާ ކަމެވެ. ފަޟާގެ ތަނަވަސްކަން ސިކުނޑިއަށް ތަޞައްވަރު ނުކުރެވޭ ފަދައިން، މި ބުނާ އެތީގެ ކުޑަމިން ވެސް ސިކުނޑިއަށް ތަޞައްވަރު ނުކުރެވެއެވެ. މި ބުނާ އެއްޗަކީ، ޒައްރައެވެ.

އިލެކްޓްރޯން މައިކްރޮސްކޯޕުން ވެސް ނުފެންނަ ޒައްރައަކީ، ސާޅީސް މިލިއަން ޒައްރަ ކައިރި ކައިރީގައި ބެހެއްޓިޔަސް އޭގެ ދިގުމިން ސެންޓިމީޓަރެއް ވެސް ނުވާ އެއްޗެކެވެ. ޒައްރަ އަކީ އޭގެ އެތެރޭގައި ހުސް ފަޟާއެއް ވާ އެއްޗެކެވެ. އެ ފަޟާގައި ނިއުކްލިއާއެއް ވެއެވެ. މީގެ ވަށައިގެން އެނބުރޭ އިލެކްޓްރޯންތަކެއް ވެއެވެ. ފަޟާގައި ތަރިތައް އެނބުރޭ ބީދައިންނެވެ. ޒައްރަ އަކާ އަޅާ ބަލާއިރު ނިއުކްލިއާރ އެއްގެ ބޮޑު މިނަކީ، ކިއްލާއަކާ އަޅާ ބަލާއިރު ގޮދަން ފުކެއްގައި ހުންނަ ބޮޑު މިނެވެ. އަދި ހަމަ އެކަނި ނިއުކްލިއާރ ގެ ބަރުދަނަކީ މި ބުނި އިލެކްޓްރޯންތަކުގެ އެއްހާސް އަށް ސަތޭކަ އިލެކްޓްރޯންގެ ބަރުދަނެވެ. ފަހެ މި ހުރިހާ ކަމަކީ ވެސް ހަމަ އިއްތިފާޤުތަކެއް ހެއްޔެވެ؟!

''ޠަބީޢަތް'' ''އިއްތިފާޤުގެ ޤާނޫނު'' މިފަދަ ތާކުން ތާކު ނުޖެހޭ ނަޡަރިއްޔާތައް، ޢިލްމުވެރިންނަށް ވާ ކަހަލަ ޢިލްމުވެރިން މިހާރު ބޭނުން ނުކުރާކަން އެއީ، މުއުމިނުންނަށް ލިބޭ އިތުރު ހިތްހަމަ ޖެހުމެއްކަން ކަށަވަރެވެ. މި ބުނި ކަހަލަ ނަޡަރިއްޔާތައް މިހާރު ބޭނުން ކުރަނީ ހަމަ އެކަނި ރޯނު އެދުރުންނެވެ.

ﷲ އަކީ ޢާލަމްތައް ބަލަހައްޓަވާ ސާހިބުވަންތަ ކަލާނގެ:(ﷲ ރައްބުލް ޢާލަމީނަ)

ﷲ އަށް އީމާން ވުމުގައި އޮންނަ ދެވަނަ ކަމަކީ މިއީއެވެ. އެއީ: ނެތުމުގެ ތެރެއިން ހުރިހާ ޢާލަމްތަކެއް އުފައްދެވި ހަމަ އެކަނި ފަރާތަކީ މާތް ﷲ ކަމަށް އީމާންވުމެވެ. ޙައިވާނުންގެ ޢާލަމާއި، ގަސްގަހާގެހީގެ ޢާލަމާއި، ތަރިތަކާއި، އަހަރެމެންނަށް ފެންނަ ހުރިހާ އެއްޗަކާއި، އަދި އަހަރެމެންނަށް ނުފެންނަ ހުރިހާ އެއްޗެއް، ނެތުމުގެ ތެރެއިން އުފައްދަވައި އެއަށް ޢަޖާއިބު ކުރުވަނިވި ޤާނޫންތަކެއް މާތް ﷲ ލެއްވެވިއެވެ. ކެމިސްޓްރީއާއި ފިޒިކްސްއާއި ބޭސްވެރިކަމާއި ފަލަކީ ޢިލްމަށް އަދި މިހާތަނަށް ހޯދިފައި ވަނީ، ދުނިޔޭގައިވާ ޙަޤީޤަތްތަކުގެ ތެރެއިން ވަރަށް ކުޑަ އެއްޗެކެވެ.  وَمَا أُوتِيتُم مِّن الْعِلْمِ إِلاَّ قَلِيلاً
އާޔަތުގެ މާނަ: ''ތިޔަބައި މީހުންނަށް ޢިލްމުގެ ތެރެއިން ވަރަށް ކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ.'' (އަލްއިސްރާއު: 85)

މި ވުޖޫދުގައިވާ ހުރިހާ އެއްޗަކާ ބެހޭ އެންމެ ކުޑަ ކަމާއި އެންމެ ބޮޑު ކަން، ދެނެވޮޑިގެން ވަނީ ހަމައެކަނި މާތް ﷲ އެވެ. ކޮންމެ ގަހެއްގައި ވަނީ ކިތައް ފަތް ކަމާއި، ކޮންމެ ފަތެއްގެ ސިފައާއި ގަހުގައި ފަތް ހުރި ގޮތާއި، ދުނިޔޭގައި ވަނީ ކިތައް ޖަރާސީމު ކަމާއި އޭގެ ދިގުމިނާއި ފުޅާ މިނާއި އެ އެކުލެވިގެންވާ ބައިތަކާއި، ކޮންމެ ޒައްރައެއްގައި ވަނީ ހަރަކާތް ކުރާ ކިތައް އިލެކްޓްރޯން ކަމާއި ހިމޭނުން އިންނަ ކިތައް އިލެކްޓްރޯން ކަމާއި އޭގެ ޢަދަދާއި އެއަށް އަންނަ ބަދަލުތަކާއި ބަދަލުވާ ބަދަލުވުންތަކާއި، މި ހުރިހާ ކަމަކީ ވެސް އެ ކަލާނގެ ހަޟްރަތުގައި ވާ ލައުޙުލް މަޙްފޫޡްގައި، ލިޔެވިގެންވާ ކަންތައްތަކެވެ.

މާތް ﷲ އަކީ، މި ހުރިހާ ޢާލަމްތަކެއްގެ ވެރި ރަސްކަލާނގެ އެވެ. މި އެއްޗެހިތައް ވުޖޫދަށް ގެންނެވީ އެ ކަލާނގެއެވެ. މި ރައްކާ ކުރައްވައި ބަލަހައްޓަވައި، އެއް ޙާލުން އަނެއް ޙާލަށް ބަދަލު ކުރައްވަނީ، އެ ކަލާނގެއެވެ. ވިސްނޭ ބުއްދިވެރިންނަށް، އެކަލާނގެ ވޮޑިގެންވާ ކަމާއި އެ ކަލާނގެ މަގަށް މަގު ދައްކައިދޭ ހެކިތަކެއް، މި އެއްޗެހީގެ ކޮންމެ ޒައްރެއްގައި ލެއްވެވިއެވެ.

ﷲ އަށް އީމާން ވުމުގައި އޮންނަ ދެވަނަ ކަމަކީ މިއީއެވެ. މި ކަމަށް އީމާން ވުމަކީ ހަމަ ކޮންމެހެން ކުރަން ޖެހޭ ލާޒިމް ކަމެކެވެ. ނަމަވެސް މީހަކު މުއުމިނަކަށް ވުމަށްޓަކައި، ހަމަ އެކަނި މިކަމަށް އީމާން ވުމުން ފުދޭނެހެއްޔެވެ؟

ކަލޭ ގާތަށް މީހަކު އައިސް، ޚާލިޤަކީ އަދި ވެރި ރަސްކަލާނގެ އަކީ ހަމައެކަނި މާތް ﷲ ކަމަށް ބުނެ އިޤްރާރު ވެއްޖެނަމަ، މި ވަރުން އޭނާ އަކީ މުއުމިނުންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ކަލޭ ބާލާފާނަންހެއްޔެވެ؟

ޖަވާބަކީ... ނޫނެކެވެ. މިވަރުން އަދި ނުފުދޭނެއެވެ. އެހެނީ ކުރީގެ ގިނަ އުއްމަތްތަކެއްގެ މީހުން ވެސް މި ފަދައިން ބުންޏެވެ. އެ މީހުންގެ ޝިރުކަށް އިންކާރު ކުރައްވައި، އެ މީހުންގެ ޢަޤީދާގެ ތާކުންތާކު ނުޖެހޭކަން ހާމަކުރައްވައި، އީމާންވަން ދެން އެ މީހުންނާ ހަނގުރާމަ ކުރައްވަން، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުނު، ޤުރައިޝު ވަންހައިގެ މީހުން ގާތުގައި ޚާލިޤަކީ ކާކުހޭ އަހައިފިނަމަ، އެއީ ﷲ ކަމަށް އިޢްތިރާފް ވެއެވެ. އެކަމާ އެ މީހުން އިންކާރެއް ނުކުރެއެވެ.

ހުރިހާ ޚަލްޤެއްގެ ތެރެއިން ވެސް އެންމެ ނުބައިކަން ބޮޑު އިބްލީސް ވެސް، އޭނާގެ ވެރި ރަސްކަލާނގެ އަކީ ﷲ ކަމާ މެދު އިންކާރެއް ނުކުރެއެވެ. އަހަރެންނަށް މި ވާހަކަ އެނގުނީ މާތް ﷲ ގެ މި ބަސްފުޅުންނެވެ.  قَالَ رَبِّ بِمَا أَغْوَيْتَنِي...  އަދި  قَالَ رَبِّ فَأَنظِرْنِي...
އާޔަތުގެ މާނަ: ''އިބިލީސް ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޯއެވެ! ތިމަން މަގުފުރައްދަވައި ނަގައިލެއްވި ކަމުގެ ސަބަބުން...) (އަލްޙިޖްރު:39)
އާޔަތުގެ މާނަ: ''އިބިލީސް ދެންނެވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކަލާކޯއެވެ! ޤިޔާމަތް ދުވަހާ ޖެހެންދެން ތިމަންނާ ފަސްކޮށްދެއްވާފާނދޭވެ! ((އަލްޙިޖްރު:36)

ވީމާ ހައްދަވާ ބޮޑުކުރެއްވި ކަލަކީ -ރައްބަކީ-[7] ﷲ ކަމަށް އިބްލީސް ވެސް އިޤްރާރް އެބަ ވެއެވެ.

ﷲ އަކީ ކައުނުގެ ވެރިރަސްކަލާނގެ: (ﷲ މާލިކުލް ކައުނި)

ﷲ އަށް އީމާންވުމުގައި އޮންނަ ތިންވަނަ ކަމަކީ، މާތް ﷲ އަކީ ކައުނު މިލްކުވެރިވަންތަ ރަސްކަލާނގެ ކަމަށް އީމާންވުމެވެ. ވީމާ އެ ކަލާނގެ، އިރާދަ ކުރެއްވި ގޮތެއް މި ކައުނަށް ހައްދަވައެވެ. އެ ކަލާނގެ މިލްކަށް ހައްދަވާ އެއްވެސް ގޮތަކާމެދު މީހަކަށް އިންކާރެއް ނުކުރެވޭނެއެވެ. އެ ކަލާނގެ، މަޚްލޫޤުތަކުގެ މަރުހިއްޕަވައި ދިރުއްވަވައެވެ. މަރު ނުވެ ދުނިޔޭގައި ދެމި ހުންނަ މީހަކަށް، ކަލޭ އަމިއްލައަށް ވެވިދާނެހެއްޔެވެ؟ އެ ކަލާނގެ ބަލި ޖައްސަވައި ޝިފާ ދެއްވައެވެ. ޝިފާއިން މާތް ﷲ މަޙްރޫމް ކުރައްވާފައިވާ މީހަކަށް، ކަލެއަށް ޝިފާ ހޯދައި ދެވިދާނެހެއްޔެވެ؟ އެ ކަލާނގެ މުއްސަނދިކަން ދެއްވައި އަދި ފަޤީރުކަމުން އިމްތިޙާން ކުރައްވައެވެ. ފެންބޮޑުވުމާއި ހަނަފަސްކަން މެދުވެރި ކުރައްވަނީ ވެސް ހަމަ އެ ކަލާނގެއެވެ. މި ދިޔަ އަހަރު އިޓަލީގެ އުތުރުގައި ފެން ބޮޑުވެ، ރަށްތައް ކެހިގެން ގޮސް، ގެތައް ސުންނާފަތިވިއެވެ. ހަމަ އެ ވަގުތު އިންޑިއާގައި ވަނީ ހަނަފަސްކަން ކުރިމަތިވެ ދަނޑުގޮވާން ހިކި، ގެންގުޅޭ ޖަނަވާރުތައް މަރުވެ، ކޮންމެ މީހަކަށް ވެސް ވަކި މިންވަރަކަށް ފެން ބަހާ ދަރަޖައަށް ގޮސްފައެވެ.

ގިނަވެގެން ޝަކުވާ ކުރާ ވަރަށް އެއް ބަޔަކަށް ފެން ގިނަ ކުރައްވައި، މަދުވެގެން އެދޭ ވަރަށް އަނެއް ބަޔަކަށް، ފެން މަދު ކުރެއްވީ ކާކުހެއްޔެވެ؟ އެކަކަށް އަންހެން ކުދިން ރިޒުޤުކުރައްވައި އަނެކަކަށް ފިރިހެން ކުދިން ރިޒުޤުކުރައްވަނީ ކާކުހެއްޔެވެ؟ ބައެއް މީހުންނަކީ ދަރިން ނުލިބޭ މީހުން ކަމުގައި މިންވަރު ކުރެއްވީ ކާކުހެއްވެ؟ އަންހެން ކުއްޖަކު ލިބުނު މީހަކަށް، އެ ކުއްޖާ ފިރިހެން ކުއްޖަކަށް ބަދަލު ކުރެވިދާނެހެއްޔެވެ؟ ދަރިން ނުލިބޭ މީހަކަށް އޭނާ އަށް ދަރިން ލިބޭ ގޮތް ހެދިދާނެހެއްޔެވެ؟

ބައެއް މީހުންނަށް ޅަޢުމުރުގައި މަރު މިންވަރު ކުރައްވައި، އަނެއް ބަޔަކު މަރުމުސްކުޅިންނަށް ވަންދެން ޢުމުރު ދިގު ކުރައްވަނީ، އެ ކަލާނގެއެވެ. އެއް ޤައުމަކަށް ފިންޏާއި ގަނޑުފެން ފޮނުއްވައި އަނެއް ޤައުމަކަށް ގަދަ ހޫނު ފޮނުއްވައި އަނެއްބައި ތަންތަނަށް ޒަލްޒަލާތައް ފޮނުއްވަނީ، އެ ކަލާނގެއެވެ. ލޮލަށް ފެންނަ މި ކަންތައްތަކަކީ، އިންސާނަކަށް އެ ގެނައުމާއި ނުގެނައުމުގެ ބާރު ލިބިފައިވާ ކަންތަކެއް ނޫނެވެ.

އަޅުކަން ކުރެވޭ އިލާހު: (އަލްއިލާހުލް މަޢްބޫދު)

އެހެންވެ، އެކަލާނގެ އަކީ ހުރިހާ އެއްޗެއްގެ މިލްކުވެރި ރަސްކަލާނގެ ކަމާއި، އެ ކަލާނގެ އިރާދަ ކުރެއްވި ގޮތެއް ކައުނުގައި ވާނެ ކަން، ގިނަ މީހުން ޤަބޫލު ކުރެއެވެ. ނަމަވެސް އޭނާ އަކީ މުއުމިނެއް ކަމަށް ވުމަށް މި ވަރުން ފުދޭހެއްޔެވެ؟

ޖަވާބަކީ... ނޫނެކެވެ. ކިއެއްތަ، މިއާ އެކު އަދި ހަތަރުވަނަ ކަމެއް ބޭނުން ވެއެވެ. އެ ކަމަކީ: އަޅުކަން ކުރެވޭ ހަމައެކަނި އިލާހަކީ މާތް ﷲ ކަމަށް ޤަބޫލު ކުރުމެވެ. ﷲ ވޮޑިގެންވާކަމާއި، އެކަލާނގެ އަކީ ޢާލަމްތަކުގެ ވެރިރަސްކަލާނގެ ކަމާއި، އެކަލާނގެ އަކީ ދުނިޔޭގައި ވާހާ އެއްޗެއްގެ މިލްކުވެރި ރަސްކަލާނގެ ކަމަށް، ކަލޭ އިޢްތިރާފްވެއްޖެ ނަމަ، ދެން އެކަލާނގެއާ އެކު އެހެން ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެއެވެ. އަޅުކަން ކުރުމުގެ އެއްވެސް ސިފައެއްގައި، އެކަލާނގެ ނޫން އެހެން ފަރާތެއް އެކަލާނގެއާ ބައިވެރި ނުކުރާށެވެ. މާތް ﷲ ވޮޑިގެންވާ ކަމާއި، ހައްދަވާ ބޮޑު ކުރެއްވީ އެ ކަލާނގެކަން ޤަބޫލުކޮށް އެހެން ނަމަވެސް އެކަލާނގެ އެއްކައުވަންތަކަން ޤަބޫލު ނުކުރާ މީހުންނަށް ދެވޭ ރައްދެއް ސޫރަތުއްނާސް ގެ މާނައިން އަހަންނަށް ދޭހަވިއެވެ. އެހެން ތަފްސީރު ޢިލްމުވެރިއަކު މި މާނަ ގެންނަވާފައިވާތަނެއް އަހަރެން ނުދެކެމެވެ. ނަމަވެސް އަހަރެންގެ އުއްމީދަކީ، އަހަރެން މި ކުރާ މާނައަކީ ނުބައި މާނައަކަށް ނުވާނެ ކަމަށެވެ. މާތް ﷲ ވަޙީ ކުރައްވަނީ:  قُلْ أَعُوذُ بِرَبِّ النَّاسِ (1) مَلِكِ النَّاسِ (2) إِلَهِ النَّاسِ (3)

އާޔަތުގެ މާނަ: ''ކަލޭގެފާނު ވިދާޅުވާށެވެ. މީސްތަކުން ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނގެ ރައްކާތެރިކަމާއި ޙިމާޔަތް، ތިމަން ކަލޭގެފާނު ހޯއްދަވަމެވެ. (1) އެއީ މީސްތަކުންގެ ވެރިރަސްކަލާނގެއެވެ. (2) އެއީ މީސްތަކުންގެ އިލާހުވަންތަ ރަސްކަލާނގެއެވެ.(3) ''

ހުރިހާ އާޔަތެއްގައި ''އައްނާސް'' މި ލަފްޒު ތަކުރާރުކޮށް ގެނެވިފައި ވަނީ ކީއްވެގެންހެއްޔެވެ؟ އަހަންނަށް ވިސްނުނު ގޮތުގައި އޭގެ ބޭނުމަކީ، މި ތިން ކަމަކީ ވެސް އެކަތި އަނެކައްޗާއި ގުޅިފައިވާ އެހެން ނަމަވެސް އޭގެ ޒާތުގައި ވަކިވަކި ތިން ކަމެވެ. އެ ކަލާނގެއަކީ މީސްތަކުން ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނގެއެވެ. އަދި އެ ކަލާނގެ އަކީ މީސްތަކުންގެ ވެރިރަސްކަލާނގެއެވެ. އަދި އެ ކަލާނގެ އަކީ މީސްތަކުންގެ އިލާހެވެ. ވީމާ ޖެހޭނީ މި ތިންކަންތައް އެއްފަހަރާ ޤަބޫލުކޮށް އީމާންވާށެވެ. އީމާން ނުވާނަމަ ތިންކަންތަކަށް ވެސް އީމާން ނުވެ ދޫކޮށްލާށެވެ. ފުރަތަމަ ދެ ކަމަށް އީމާންވެފައި ތިންވަނަ ކަމަށް އީމާންވާން ދެކޮޅު ހަދަނީ ކީއްވެގެން ހެއްޔެވެ؟ އެއްވައްތަރެއްގެ ކަންތައްތަކެއް ވަކިވަކިކުރަނީ ކީއްވެހެއްޔެވެ؟ ތިން ކަމަކީ ވެސް މާތް ﷲ ގެ ޛާތުފުޅަށް އެއްވަރަކަށް ސާބިތު ތިން ކަމެވެ. ވީމާ އީމާންވުމުގައި މި ތިން ކަން ވަކި ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.


[1] މައުޤިފް : މައްސަލައެއް ނުވަތަ ކަމެއްގައި މީހަކު ހުރި ގޮތް. ދެކޭ ގޮތް. މަޤާމް. ޤަރާރް. މިސާލަކަށް، ޑެންމާކު މުދާ ބޮއިކޮޓް ކުރުމުގެ މައްސަލާގައި ކަލޭގެ މައުޤިފަކީ ކޮބައިހޭ؟ މާނައަކީ ކަލޭ ހުރީ ކޮން ކޮޅެއްގައިހޭ. ކަލޭ ދެކެނީ ކޮން ގޮތަކަށްހޭ. 

[2] ރައްބާނީ ބަޔާންތެރިކަން : ބަޔާންތެރިކަމަކީ ފަޞާޙަތްތެރިކަމާއި ބަލާޣަތްތެރިކަން. ދެން ރައްބާނީ އޭ ބުނެފައި އެ ވަނީ އެ ލަފްޒު މާތް ﷲ އަށް ނިސްބަތް ކުރުމުގެ ގޮތުން.

[3] މިއީ ''އެންލައިޓްންމެންޓް'' މިއަށް ކިޔާނެ ދިވެހި ބަހެއް ނޭނގުމުން، ކިޔާނަމޭ ހިތަށް އެރިގޮތެވެ. މިއީ ސިޔާސީ މުސްޠަލަޙެއް. އަށާރަވަނަ ޤަރުނުގައި ޔޫރަޕްގެ ޢިލްމުވެރިންނާއި ހޭލުންތެރި މީހުން، ޔޫރަޕަށް ފިކުރީ ގޮތުން ކުރިމަތިވެފައި އޮތް އަނދިރި ކަމާއި، ދީނުގެ ކަސްތޮޅުތަކެއް ކަމަށް އެ މީހުން ދެކުނު ކަންތައްތަކާއި، ޚުރާފަތާއި އަނިޔާވެރިކަމުން ސަލާމަތްވާން، އުފެއްދި ފިކުރީ ހަރަކާތެއް. މި މީހުންގެ މައިގަނޑު އަސާސަކީ ދިރިއުޅުމާއި ވިސްނުމުގެ ތެރެއިން ދީން ނެރެ އެއްލާލާ، ހުރިހާ ކަމެއް ވެސް ބުއްދީގެ އަލީގައި ހޯދުން. އަދި ރޫޙާނީ ކަންތައްތައް ޤަބޫލު ކުރުމުގެ ބަދަލުގައި ހަމައެކަނި މާއްދީ ކަންތައްތައް ޤަބޫލު ކުރުން. ލިބެރަލިޒަމް، ކޮމިއުނިޒަމް، ފަރަންސޭސި އިންޤިލާބު، ސޯޝަލިޒަމް، ސެކިއުލަރިޒަމް ފަދަ ފިކުރުތައް އުފެދިފައި ވަނީ ''އެންލައިޓްންމެންޓް'' އޭ ކިޔޭ ފިކުރުގެ ތެރެއިން. ''އަލިކުރާމީހުން'' ނޭ ބުންޏަސް މިއީ އިސްލާމް ދީނާ ފުށު އަރާ މަޛްހަބެއް. އިސްލާމްދީނުގެ އަލިކަމާއި މި މީހުންގެ އަލިކަމަކީ މުޅިން ތަފާތު ދޭއްޗެއް.

[4]  ކުރިއަރާމީހުން - މިއީ ވެސް މަތީގައި ވާ ބަހާ ދާދި ގާތް މާނައެއް އޮންނަ ބަހެއް. މި މީހުންނަކީ ވެސް ކުރީގެ ހުރިހާ ކަމަކީ ބޯދާ ތާކުންތާކު ނުޖެހޭ ކަމެއްކަމަށް ދެކޭ ބައެއް. މި މީހުން ގޮވާލާނީ ދީން ވެސް ޒަމާނަށް ފެތޭ ގޮތަކަށް ބަދަލުކުރަން. މި ފިކުރު ގެންގުޅޭ ''މުސްލިމުން'' ދެކޭ ގޮތުގައި ޤުރުއާނަކީ ވެސް ތާރީޚީ ފޮތެއް. ވީމާ އެ ފޮތުގައި ވާހާ ވާހަކައަކީ މި ޒަމަނަށް ފެތޭނެ އެއްޗެއް ނޫން. އެ ޖެހޭނީ ޒަމާނާ އެގޮތަށް އަލުން ތަފްސީރު ކުރަން. ޙައްދު، ޖިހާދު، ވަލާ ވަލް ބަރާ ފަދަ ކަންތައްތަކަކީ މި ޒަމާނުގައި އޮވެގެންވާނެ ކަންތަކެއް ނޫން. ޝިޢާރަކަށް ގެންގުޅޭނީ ތަހުޒީބާއި ތަމައްދުނުގެ ގޮތުން ކުރިއެރުން. ނަމަވެސް އެއީ ދީން ފައިދަށު ލާފައި. އެހެންވެ މި މީހުން ދެކޭ ގޮތުގައި ދީންވެރި މީހުންނަކީ ބޯދާ ކަޓު ބައެއް.

[5]   މަންދީލާ : މިއީ ދިވެހި ބަހެއް. ބަސްފޮތުގައި މި ބަހުގެ މާނައަކަށް ބުނެފައި ވަނީ، އެއީ ވަށައިގެން ބޮކިފަތި ބިއްލޫރިފަދަ ތަކެތި އެލުވާފައި ހުންނަ އެލުވާ ބައްތި، ކަމަށް.

[6] ރީނދޫޖޫސް : މިއީ މޭގަނޑުން އުފައްދާ ފެހި ރީނދޫ ކުލައެއް ހުންނަ ދިޔައެއް. ބޭނުމަކީ ހަޖަމު ކުރުމުގެ މަސައްކަތުގައި ބައިވެރިވުން. ބައިލް.

[7]   އުން : ރަހަ ބެލުމަށްޓަކައި ދުލުގައި އުންތަކެއްހެން ހުންނަ ނިކަން ކުދި އެތިކޮޅު ތަކެއް. ޓޭސްޓް ބަޑް 

[8] ރައްބު : މާތް ﷲ. ﷲ އަށް ނިސްބަތް ކޮށް ބުނެވޭ، ރައްބު، މާލިކް، ޚާލިޤް ފަދަ ކޮންމެ ލަފްކީ ވެސް އޭގައި ވަކި މާނައެއް ވާ ލަފްޒެއް. އެއް ލަފްޒުން ދޭހާވާ ފުރިހަމަ މާނަ އަނެއް ލަފްޒަކުން ދޭހަ ނުވާނެ. މިސާލަކަށް ''ރައްބު'' މި ކަލިމައިގައި ''މާލިކް'' މި ކަލިމައިން ދޭހަވާ މާނައެއްވެސް ހިމެނޭ، ނަމަވެސް އަދި އޭގެ އިތުރު މާނަތަކެއް ވެސް ދޭހަވޭ. ރައްބު ގެ ޢަރަބި ލަފްޒީ މާނައަކީ އެއްޗެއް ބަލަހައްޓައި ގެންގުޅޭ ވެރިއާ. ވީމާ ރައްބުގެ މާނައަކީ އިންސާނާ ހައްދަވައި، އޭނާއަށް ރިޒްޤު ދެއްވައި ބޮޑު ކުރައްވައި، އޭނާ ބަލަހައްޓަވާ، ވެރި ރަސްކަލާނގެ .

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.