Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: އެއްކައުވަންތަކަން

އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: އެއްކައުވަންތަކަން

aamu-thaaraf-4-ekkauvanthakan* އަޅުކަމަކީ ކޮބާހެއްޔެވެ؟
  -އަޅުކަމުގެ ރޫޙު:
  -އެއްކައުވަންތަ ކުރުމުގައި އޮތް އަސާސް:
  -ޙަލާލް ޙަރާމް ކަނޑައެޅުއްވުން ވަނީ ހަމައެކަނި ﷲ އަށް:
  -ﷲ ދެކެ ލޯބިވުމާއި ﷲ އަށް ބިރުވެތިވުން:

* ޞިފަފުޅުތަކުގެ އާޔަތްތައް
  -މުޙްކަމާއި މުތަޝާބިހް:

* އަޅުކަންކުރުން ހާމަކޮށްދޭ ކަންތައް
  -އަޅުކަމުގެ ބޭނުން:
  -ޚުލާޞާ:
  -ޢިލްމީ ހޯދުން:
  -ޝުބުހާއަކާއި އޭގެ ރައްދު:
  -މޭވާއެއް ނެތް ޖަދަލުތަކެއް:

ﷲ އަކީ، ޢާލަމްތައް ހެއްދެވި އަދި އެ އެއްޗެހި ގެންގުޅުއްވާ ބަލަހައްޓަވާ ރަސްކަލާނގެ ކަމާއި، އަދި އެ ކަލާނގެއަކީ ކައުނުގެ ވެރިރަސްކަލާނގެ ކަމަށް އީމާންވުމަކީ، ހިތުން ކުރެވޭ ކަމެކެވެ. އިންސާނާ ޤަބޫލުކުރާ ޢަޤީދާއެކެވެ. ނަމަވެސް މާތް ﷲ އަކީ އަޅުކަންކުރެވޭ އިލާހު ކަމަށް އީމާންވުމަކީ، ހަމައެކަނި ޤަބޫލުކުރުމެއް ނޫނެވެ. ކިއެއްތަ، ޤަބޫލުކުރުމުގެ އިތުރަށް އަދި މީހާގެ ސުލޫކާއި ޢަމަލުން ދައްކަން ޖެހޭ ކަމެކެވެ. އަޅުކަންކޮށް އަދި އެ އަޅުކަންތައް ހަމައެކަނި ﷲ އަށް ޚާލިޞްކުރަން ޖެހޭ ކަމެކެވެ. ﷲ އަށް އަޅުކަންކުރުން ހުއްޓާލައިފިއްޔާ، ނުވަތަ އެކަލާނގެއާ އެކު އެހެން ފަރާތަކަށް އަޅުކަންކޮށްފިއްޔާ، އެ މީހަކީ މުއުމިނަކަށް ނުވާނެއެވެ. ﷲ އަކީ، ޢާލަމްތައް ހެއްދެވި އަދި އެ އެއްޗެހި ގެންގުޅުއްވާ ބަލަހައްޓަވާ ރަސްކަލާނގެ ކަމާއި، އަދި އެ ކަލާނގެއަކީ ކައުނުގެ ވެރިރަސްކަލާނގެ ކަން، އޭނާ އީމާންވެ ތެދުކުރިކަމުގައި ވިޔަސްވެހެވެ.

ވީމާ އަޅުކަމަކީ ކޮބާހެއްޔެވެ؟

އަޅުކަމޭ ބުނުމުން ސިކުނޑިއަށް ފުރަތަމަ އަރާ އެއްޗަކީ، އަޅުކަމަކީ އެއީ: ޛިކުރުކުރުން، ނަމާދުކުރުން، ރޯދަހިފުން، ޤުރުއާން ކިޔެވުން، އަދި މި ނޫން ވެސް ﷲ އާ ކުއްތަންވެވޭ ފަދަ ކަންކަމެވެ. މިއީ ރަނގަޅު ވާހަކައެކެވެ. ނަމަވެސް އަޅުކަމަކީ ހަމައެކަނި މިކަންތައްތަކެއް ނޫނެވެ. ކިއެއްތަ، ދީން މަނާކޮށްފައި ނެތް އަދި އޭގައި މަންފާއެއް އެކުލެވޭ ކޮންމެ ކަމަކީ ވެސް، ﷲ ގެ ދަރުމައަށް އެދި މުއުމިނަކު ކޮށްފިއްޔާ، އަޅުކަމެކެވެ.

ﷲ އަށް އަޅުކަން ކުރަން، ގައިގައި ވަރުޖައްސަން އޭނާ ކާ ކެއުމަކީ އަޅުކަމެކެވެ. އަމިއްލަ ނަފްސާއި އަނބިމީހާ ޢިއްފަތްތެރި ކުރަން، ކައިވެނި ކުރުމަކީ އެއީ އަޅުކަމެކެވެ. ހަމަ މި މަޤްޞަދަށްޓަކައި ފައިސާ ހޯދުމަކީ ވެސް އަޅުކަމެކެވެ. ޢާއިލާއަށް ޚަރަދުކުރުމަކީ ވެސް އަޅުކަމެކެވެ. ޢިލްމު އުނގެނި ސަނަދުތައް ހޯދުމަކީ ވެސް އަޅުކަމެކެވެ. އަންހެނާ ގޭތެރޭގެ މަސައްކަތްކޮށް، ފިރިމީހާއަށް ޚިދުމަތްކޮށް، ދަރިން ބެލުމަކީ ވެސް އަޅުކަމެކެވެ. ކުރުކޮށް ބުނަންޏާ ހުއްދަ ކޮންމެ ކަމަކީ ވެސް، ﷲ ގެ ރުއްސެވުން ހޯދުމުގެ ބޭނުމުގައި ކޮށްފިއްޔާ، އަޅުކަމެކެވެ. ވީމާ އަޅުކަމުގެ މާނައަކީ، އިންސާނާ ކުރާ މަންފާހުރި ކޮންމެ ކަމެއް ވެސް އޭގައި ޝާމިލުވާ، ތަނަވަސް މާނައެކެވެ. ހީވާ ގޮތުން، މާތް ﷲ ގެ މި އަންނަނިވި ބަސްފުޅުގެ މާނައިގެ ތެރޭގައި މި ކަންކަން ވެސް ޝާމިލުވާނެއެވެ. وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ

އާޔަތުގެ ތަފްސީރީ މާނަ: ''ޖިންނީންނާއި އިންސީން، ހަމައެކަނި ތިމަންރަސްކަލާނގެ އަށް އަޅުކަން ކުރުމަށް މެނުވީ ނުހައްދަވަމެވެ.'' (އައްޛާރިޔާތު:56)

އަޅުކަމުގެ ރޫޙު:

އަޅުކަމުގައި، ރޫޙަކާއި އަދި ހަށިގަނޑެއް ވެއެވެ. އޭގެ ރޫޙަކީ، އޭނާ ލައްވާ އެކަން ކުރުވާ ޢަޤީދާއާއި، އަޅުކަންކުރި ބޭނުމެވެ. އޭގެ ހަށިގަނޑަކީ، ދުލުން ކިޔާ ލަފުޒުތަކާއި، ގުނަވަންތަކުން ކުރާ ހަރަކާތްތަކެވެ. މިސާލަކަށް ނަމާދަކީ، ހަރަކާތްތަކަކާއި ލަފްޒުތަކެކެވެ. ކޮޅަށް ހުރުމާއި އިށީނދެ އިނުމާއި ރުކޫޢާއި ސަޖިދައާއި ޤުރުއާން ކިޔެވުމާއި ޛިކުރުކުރުމާއި ތަސްބީޙަ ކިޔުމެވެ. މި ހުރިހާ ކަންތަކަކީ ވެސް ނަމާދުގެ ހަށިގަނޑު ކަމުގައި ބެލެވޭ ކަންތަކެވެ. ވީމާ އޭނާ ނަމާދުކުރުމުގެ ފަހަތުގައިވަނީ، ޞައްޙަ އެއްކައުވަންތަކަމަކާއި، ސާފު ޢަޤީދާއެއް ކަމުގައި ނުވަންޏާ، އަދި ނަމާދުކުރުމުގެ ބޭނުމަކީ ﷲ ގެ އަމުރުފުޅަށް ބޯލަނބައި އެ ކަލާނގެ ރުއްސެވުން ހޯދުން ކަމަށް ނުވަންޏާ، އެ ނަމާދަކީ ރޫޙެއް ނެތް މަރުވެފައިވާ ހަށިގަނޑެކެވެ.

އެއްކައުވަންތަ ކުރުމުގައި އޮތް އަސާސް:

މީގެ އަސާސަކީ، މީހަކަށް ކުރިމަތިވެދާނެ ގެއްލުމާއި މަންފާ ދެއްވާ ހަމައެކަނި ފަރާތަކީ ﷲ ކަމަށް އަހަރެމެން އީމާންވުމެވެ. މި ވާހަކަ އިތުރަށް ބަޔާންކޮށްލަދޭނަމެވެ:

ހުރިހާ އެއްޗެއް އުފެއްދެވީ ﷲ އެވެ. ދުނިޔޭގައިވާ ހުރިހާ ޢާލަމްތަކެއް ނެތުމުގެ ތެރެއިން އުފެއްދެވީ އެ ކަލާނގެއެވެ. އަދި ދުނިޔޭގައި ހުރިހާ ވައްތަރެއްގެ އެއްޗެހި ލެއްވިއެވެ. އަދި އަހަރެމެންނަށް ބުއްދިއެއް ދެއްވިއެވެ. ދެން އަހަރެމެންނަށް އަމުރުކުރެއްވީ: އެކަލާނގެ އުފެއްދެވި ތަކެއްޗާމެދު އަހަރެމެންގެ ބުއްދިން ވިސްނާ ފިކުރުކުރުމަށެވެ. އުޑުތަކާއި ބިމުގައި ވާ ތަކެއްޗަށް ބެލުމަށެވެ.

ދެން އަހަރެމެން ބެލީމާ ފެންނަނީ، ދުނިޔޭގައިވާ ކޮންމެ އެއްޗަކީ ވެސް އަނެކައްޗެއްގެ މައްޗަށް ބާރުފޯރުވާ އެއްޗެއް ކަމުގައި މާތް ﷲ ލައްވާފައިވާތަނެވެ. ހިކިގަހެއްގައި އަލިފާން ބީހިއްޖެނަމަ އެ އަނދައިގެންދެއެވެ. އަލިފާނަށް ފެންއަޅާލީމާ އެ ނިވޭތަނެވެ. މަދިރި (ބަލިޖައްސާވައްތަރު މަދިރި) ހަފައިފިއްޔާ އިންސާނާއަށް މެލޭރިއާ ޖެހޭތަނެވެ. އަދި ސިންކޯނާ ގަހުގެ ތޮށިގަނޑުން ނެގޭ މާއްދާއެއް އެތެރެހައްޓަށް ހިނގައްޖެނަމަ، މެލޭރިއާ ބަލިން ޝިފާލިބޭތަނެވެ.

އަދި ދުނިޔޭގައިވާ އެއްޗެހިތަކުގެ މެދުގައި ގުޅުންތަކެއް ލައްވާފައިވާތަނެވެ. އެ ކަލާނގެ މިންވަރު ކުރައްވާފައިވާ މިނަކަށް ދެ އެއްޗެއް އެއްކޮށްލުމުން، އެއިން މުޅިން އާ އެއްޗެއް އުފެދޭތަނެވެ. ކްލޮރިން އަކީ ގެއްލުން ހުންނަ ވިހަ ގޭހެކެވެ. ސޯޑިއަމް އަކީ ވެސް ގެއްލުން ހުންނަ މާއްދާއެކެވެ. ނަމަވެސް މި ދޭތި އެއްވެއްޖެނަމަ، އެއާ ނުލާ އިންސާނުންނަށް ނު އުޅެވޭނެ މަންފާ ހުންނަ އެއްޗެއް އުފެދޭތަނެވެ. އެއީ ކާ ލޮނެވެ.

މި ކަންތައްތަކަށް ބަލާ ނަޒަރު ހިންގުމުން އަހަރެމެންނަށް އެނގޭ އެއްޗަކީ:

1- ދުނިޔޭގައިވާ ތަފާތު އެއްޗެހިތަކުގެ މެދުގައިވާ ގުޅުންތަކަކީ އަބަދުވެސް ސާބިތު ޤަވާޢިދުތަކެއްގެ ދަށުން ހިނގާ ކަމެކެވެ. ވަކި ގޮތަކަށްވާ ކަމެކެވެ. ބަދަލުވެ ތަފާތުވާ ކަމެއް ނޫނެވެ. އެއީ ކައުނުގައި މާތް ﷲ ލައްވާފައިވާ ޤާނޫނެވެ. މިއަށް މީހުން ކިޔާ އުޅޭ ނަމަކީ 'ޠަބީޢީ ޤާނޫން' އެވެ.

2- ޠަބީޢީ ޤާނޫނޭ ކިޔައި އަހަރެމެން ނަން ދިން، އެއްޗެހިތަކުގެ މެދުގައިވާ ހުރިހާ ގުޅުމަކީ، އަލިފާނުން ލަކުޑި އަނދާތަން ފެންނަހެން ނުވަތަ ފެނުން އަލިފާން ނިވޭތަން ފެންނަހެން، އެހާ ހާމަކަންބޮޑު އާދައިގެ ގުޅުންތަކެއް ނޫނެވެ. ކިއެއްތަ، މީގެ ތެރެއިން ގިނަ ގުޅުންތަކަކީ ވަރަށް ނާޒުކު ވަރަށް ފުން ގުޅުންތަކެކެވެ.

މާތް ﷲ ވަނީ ކޮންމެ ބައްޔަކަށް ވެސް މި ދުނިޔޭގައި ބޭހެއް ލައްވާފައެވެ. ނަމަވެސް އެ ބޭސް ލައްވާފައި ވަނީ މީހުންނަށް ފެންނާނެހެން ހާމަތަނެއްގައެއް ނޫނެވެ. އަދި ބޭނުން ކުރަން ތައްޔާރަށް ހުރި އެއްޗެއްގެ ގޮތުގައި ވެސް އެ ބޭސް ނުލައްވައެވެ. އެ ކަލާނގެ އެ ބޭސް ލައްވާފައި ވަނީ -އެކަލާނގެ ޙިކްމަތްފުޅުގެ މަތިވެރިކަމުން- ފޮރުވިފައި އަދި އަޖާއިބުކުރުވަނިވި ގޮތަކަށެވެ. ހުރެދާނެއޭ ހީވެސް ނުކުރެވޭކަހަލަ ތަންތާނގައެވެ. މިސާލަކަށް ޕެންސިލިން ލައްވާފައި ވަނީ ފެހިކުލައިގައި ހުންނަ ފޫގައެވެ. ބަލާބެލުމަށް އެ ހީވާނީ ގަދަ ވިހައެއްހެންނެވެ. ހަމަ އެހެންމެ އެންމެ މީރުވަސް ދުވާ އަތަރާއި އެންމެ ރީތި ކުލަތައް ލިބޭ މަޞްދަރެއް ކަމުގައި ލައްވާފައި ވަނީ، ބަލަން އެންމެ ހުތުރު ވަސް އެންމެ ނުބައި މާއްދާއެކެވެ. އެއީ ތާރައޭ އަހަރެމެން މި ކިޔާ ކަޅު ހުތުރު މާއްދާއެވެ. މީރުވަސް ދުވާ އަތަރާއި ރީތި ކުލަ އެއިން އުފެއްދެއެވެ!

އަދި އެ އެއްޗެހި ލައްވާފައިވަނީ ފަސޭހައިން އަތުޖެހޭ ހިސާބަކު ވެސް ނޫނެވެ. ކިއެއްތަ، ބޭނުންޖެހޭ މުހިއްމު ޢުންޞުރު ލައްވާފައި ވަނީ އެހެނިހެން މާއްދާތަކާ އެކުވެ މަސްހުނިވެފައިވާ ގޮތެއްގައެވެ. އެ ނެރެން، ބުރަ މަސައްކަތާއި ތަޖުރިބާތަކެއް ކުރަންޖެހެއެވެ. ''މޮޅު އަންހެން ދަރިވަރު'' މި ފޮތް ކިޔައިފިމީހަކަށް، އެންމެ ގުރާމެއްގެ ރޭޑިއަމް ހޯދަން ބޮޑު ފުންޏެއްގެ ތަފާތު މާއްދާތައް ފުރާނައި، އޭގެ ފަހުން އެތަކެއް ތަޖުރިބާތަކެއް ކޮށް، އެތައް އަހަރެއް ހޭދަކުރަން ޖެހުނުކަން އެނގޭނެއެވެ.

3- ކައުނު އުފެއްދެވި ޚާލިޤުވަންތަ ކަލާނގެ، ކައުނުގައި ލައްވާފައިވާ ޠަބީޢީ ޤާނޫނުން މި އަދާ ހަމައަށް ވެސް އަހަރެމެންނަށް އެނގެނީ، ވަރަށް ކުޑަ މިންވަރެކެވެ. އަހަރެމެންނަށް އެނގެނީ ބޮޑު ކަނޑަކުން އެންމެ ތިއްކެކެވެ. އެކަމަކު މި ވަރުން ވެސް ހައިރާންވެ އަންތަރީސްވާހާ ގިނަ އެއްޗެހިތަކެއް އަހަރެމެންނަށް ވަނީ އެނގިފައެވެ. އެނގުނު މި ކުޑަކުޑަ މިންވަރު އެކިއެކި ބައިތަކަށް ބަހައި، ''ސައިންސް'' އޭ ކިޔައި ތަފާތު ނަންތައް އަހަރެމެން އެބައިތަކަށް ދީފީމެވެ. ބައިލޮޖީ، ކެމިސްޓްރީ ފަދަ ނަންތަކަކީ މިބައިތަކަށް ދެވުނު ނަންނަމެވެ. މިއިން ކޮންމެ ޢިލްމެއް ހޯދުމަށްޓަކައި ވެސް އަހަރެމެންގެ ތެރެއިން ބަޔަކު ޚާއްޞަވެގަނެ، އެކަމަށް ވަގުތު ހުސްކޮށް، އެ ޢިލްމުގެ ތެރެއިން އިތުރު ޚަޒާނާ ހޯދުމަށް މަސައްކަތް ފެށިއެވެ. އަދި ބައިލޮޖިސްޓުންނާއި ކެމިސްޓުން އަދި މި ނޫން ވެސް ސައިންސްވެރިން އުފެދުނެވެ.

4- ބެލިބެލުމުން އެނގުނު އަނެއް ކަމަކީ، މި ދުނިޔޭގައި އަހަރެމެންނަށް ގެއްލުން ލިބޭ އެއްޗެހިތަކަކާއި އަހަރެމެންނަށް މަންފާ ލިބޭ އެއްޗެހިތަކެއް ވާކަމެވެ. އަދި މަންފާއާއި ގެއްލުމުގެ ދެ ވައްތަރެއް ވާ ކަމެވެ. އެއް ވައްތަރަކީ، އެނގޭ ފާޅު ސަބަބަކުން ވާ ކަންތަކެވެ. މި ސަބަބުތައް އަހަރެމެންނަށް އެނގެނީ، ޢިލްމުގެ ތެރެއަށް އަހަރެމެން ވެއްދި ޠަބީޢީ ޤާނޫނުތައް ހޯދާ ބަލައި ދިރާސާކޮށްގެންނެވެ. މިސާލަކަށް އަހަރެމެން ދަންނަ، ބޭނުން ކުރުމުން އެއިން ހިތަށް ކުރާ އަސަރު ތަޖުރިބާއިން އެނގިފައިވާ ވިހައެއް ބޭނުންކޮށްގެން މީހެއްގެ ހިތް ހުއްޓިއްޖެނަމަ، ހުއްޓުނު ސަބަބު އެނގޭނެއެވެ. އަނެއް ވައްތަރަކީ، އެނގޭ ފާޅު ސަބަބެއް ނުވާ އަދި ދަންނަ ޤާނޫނަކަށް ނުފެތޭ ކަންތަކެވެ. މިސާލަކަށް ހަށިގަނޑު ވަރުގަދަ، ޞިއްޙަތު ރަނގަޅަށް ހުރި މީހެއްގެ ހިތް، އެނގޭ އެއްވެސް ސަބަބެއް ނެތި ކުއްލިއަކަށް ހުއްޓުމެވެ. މި ދެ ވައްތަރަކީ ވެސް މާތް ﷲ މެދުވެރި ކުރެއްވީމާ ވާ ކަންތަކެވެ. ގެއްލުމެއް ވެސް އަދި މަންފާއެއް ވެސް ލިބިދެވޭނެ ހަމައެކަނި ފަރާތަކީ މާތް ﷲ އެވެ.

5- އަމިއްލަ ނަފްސަށް މަންފާ ލިބޭ ކަންތަކަށް ލޯބިކުރުމަކީ، މާތް ﷲ އިންސާނުންގެ ފިޠްރަތުގައި ލައްވާފައިވާ ކަމެކެވެ. އެހެންވެ އެ މަންފާ ގެނެވޭނެ ކޮންމެ ވަސީލަތަކާއި އެހީއެއްގެ ބޭނުން އޭނާ ހިފައެވެ. ހަމަ އެހެންމެ އަމިއްލަ ނަފްސަށް ގެއްލުން ލިބޭ ކަންތަކަށް ނަފްރަތު ކުރުމަކީ ވެސް އިންސާނާގެ ފިޠްރަތުގައި ލައްވާފައިވާ ކަމެކެވެ. އެހެންވެ އެ ގެއްލުން ދުރުކުރެވޭނެ ކޮންމެ ވަސީލަތަކާއި އެހީއެއްގެ ބޭނުން އޭނާ ހިފައެވެ. މި ގޮތަށް ހޯދާ އެހީގެ ތެރޭގައި ދީން ހުއްދަ ކުރާ ގޮތްތަކަކާއި އަދި ދީން ހުއްދަ ނުކުރާ، އީމާންކަމާ ފުށު އަރާ ކަމެއްގެ ގޮތުގައި ދީން ދެކޭ ގޮތްތަކެއް ވެއެވެ. އެހެންވިއްޔާ ދެން، ދީން ހުއްދަކުރާ ގޮތެއްގައި ހޯދޭ އެހީއަކީ ކޮބައިހެއްޔެވެ؟ އަދި ދީން ހުއްދަ ނުކުރާ ގޮތަކަށް ހޯދޭ އެހީއަކީ ކޮބައިހެއްޔެވެ؟

ކަލޭގެ ދަރިފުޅު ބަލިވެގެން ކައިރީގައި ހުރި ޙަކީމަކު ގެނައިމާ، ޙަކީމު ރަނގަޅަށް ދަރިފުޅު ބަލާ ކަށިގަނޑު އަޅާ ހެދުމަށްފަހު ބޭސް ދީގެން ދަރިފުޅު ރަނގަޅުވުން، އެއީ ހޯދުން ހުއްދަ އެހީއެކެވެ. ސަބަބަކީ ކަލޭ ކަންތައް ކުރީ ކައުނު ހެއްދެވި ކަލާނގެ ކަނޑައަޅުއްވާފައިވާ ޠަބީޢީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ބޭނުން ހިފީ އެ ޤާނޫނު ދަންނަ މީހެއްގެ ކިބައިންނެވެ. ނަމަވެސް ދަރިފުޅަށް ފަރުވާއެއް ހޯދަން، ސިޙުރުވެރިންނާ ފަންޑިތަވެރިން ގެނެސް، އެއްވެސް ޢިލްމެއް ނުވަތަ ޠަބީޢީ ޤާނޫނެއްގެ ބޭނުން ނުހިފައި، ގުޅުމެއްވާ ކަމަށް ސިޙުރުވެރިއާ ދަޢްވާ ކުރާ ޣައިބީ ބާރުތަކެއްގެ ބޭނުން ހިފައިގެން ފަރުވާ ދިނުމަކީ، އެއީ ހޯދުން ހުއްދަ ނޫން އެހީއެކެވެ.

ހަމަ މި ގޮތަށް، މަރުވެގެން ވަޅުލާފައި އޮތް ޙަކީމުގެ ޤަބުރު ކައިރިއަށް އައިސް، ގޮވިޔަސް އިޖާބަ ނުދެވޭ، ބަލާފައި ބޭސް ލިޔެ ނުދެވޭފަދަ ހާލެއްގައި އޭނާ ވަނިކޮށް، ދަރިފުޅުގެ ބައްޔަށް ފަރުވާއެއް ހޯދަން އެދި ބުނުން ވާނީ ހުއްދަ ނޫން ގޮތަކަށެވެ. ނަމަވެސް ފަރުވާއެއް ހޯދައިދޭން ޢިލްމީ ވަސީލަތްތަކަށް ނުކުޅެދި، ދޭ ބޭހަކުން ދަރިފުޅު ރަނގަޅު ނުވީމާ، ފަރުވާ ދެއްވުން އެދި ﷲ އަށް ދުޢާކޮށް ޞަދަޤާތް ދީ ހެދުން، ނުވަތަ ދަރިފުޅަށް ފަރުވާ ދެއްވުން އެދި ﷲ އަށް ދުޢާކޮށްދޭށޭ ޞާލިޙް އަޅުވެރިއެއްގާތު ބުނުން ވާނީ، ހުއްދަ ގޮތަކަށެވެ. ނަމަވެސް ޞާލިޙް އަޅުވެރިއާގެ ޤަބުރު ކައިރިއަށް ގޮސް، ދުޢާކުރަން އޭނާގެ ދޫ ނު ހެލޭ ހާލުގައި ވަނިކޮށް، އަދި ދަރިފުޅަށް ފަރުވާއެއް ހޯދާ ދިނުމުގެ ބާރެއް އޭނާގެ ކިބައިގައި ނުވާ ހާލު، އޭނާގެ އެހީއަށް އެދުން އެއީ ހުއްދަ ނޫން ގޮތެކެވެ.

ޙަކީމު ބުނި ބޭސް ދަރިފުޅަށް ބޯން ދީގެން، ބަލިން ޝިފާ ހޯދަން މަސައްކަތް ކުރުން އެއީ ހުއްދަ ގޮތެކެވެ. ނަމަވެސް އޭނާ ލިޔެދިން ބޭސް ސިޓީން ތަވީދެއް ހަދާފައި ދަރިފުޅުގެ ކަރުގައި އެލުވައިގެން ނުވަތަ ސިޓީ ފެނަށް ގިރުވައިގެން ބޯން ދީގެން ޝިފާ ހޯދަން މަސައްކަތް ކުރުން އެއީ ހުއްދަ ނޫން ގޮތެކެވެ. ޝިފާ ލިބުމުގެ ސަބަބެއް ކަމުގައި މާތް ﷲ ކަނޑައަޅުއްވާފައި ނުވާ އެއްޗެހީގެ ބޭނުން ހިފައިގެން ޝިފާ ހޯދަން މަސައްކަތް ކުރުން އެއީ ދީނުގައި މަނާކަމެކެވެ.

ދަރިއަކު ހޯދަން ބޭނުންވާ އަންހެނަކު، ޙަކީމުންނާއި، ޢިލްމީ އަސާސެއްގެ މަތިން ހަދާފައިވާ ބޭހުގެ އެހީގައި ކުއްޖަކު ހޯދަން މަސައްކަތް ކުރުން އެއީ ދީނުގައި މަނާ ކަމެއް ނޫނެވެ. އޭނާ އެ ކުރީ ދީނާ ޚިލާފު ކަމެއް ވެސް ނޫނެވެ. ނަމަވެސް ޝާމްކަރައިގެ މުސްކުޅި އަންހެނުން ހީކުރާގޮތަށް، ރަޖަބް މަހުގެ ފުރަތަމަ ހުކުރު ދުވަހު ޤާސިޔޫން ފަރުބަދައިގައި ހުންނަ ޙަނާބިލާ މިސްކިތު ދޮރުގައި ޓަކި ޖެހުމުން ދަރިއަކު ލިބޭނެކަމަށް ހީކުރުން، ނުވަތަ ދަރިއަކު ހޯދަން ޒިޔާރަތެއްގެ ކުޑަ ދޮރުގައި ރޮދިފަށެއް އައްސައިފިއްޔާ، އޭނާ އެ ކުރީ ދީނުގައި މަނާ ކަމެކެވެ. އަދި އެއްކައުވަންތަ ކަމުގެ ޢަޤީދާ އާ އޭނާ ޚިލާފުވެއްޖެއެވެ.

ވީމާ މިއިން އަހަރެމެންނަށް އެނގުނު އެއްޗަކީ ޠަބީޢީ ޤާނޫނުތަކުގެ ބޭނުން ހިފައި މި ޤާނޫނުތައް ދަންނަ ޢިލްމުވެރިއެއްގެ ގާތަށް ދިއުމާއި، އަދި މަންފާ ހޯދަން ކަނޑައެޅިފައިވާ އަސްލު މަގުން ދިއުން އެއީ ދީނުގައި ހުއްދަ ކަމެކެވެ. އެކަމަކު އަހަރެމެން އަބަދު ވެސް ހަނދާން ބަހައްޓަންޖެހޭ ކަމަކީ، ޙަޤީޤަތުގައި މަންފާ ދެއްވަނީ ހަމަ އެކަނި މާތް ﷲ އެވެ. އަދި ޢިލްމީ ތަޖުރިބާ އަކުން ނުވަތަ ސަމްޢީ ދަލީލަކުން ވެސް، އޭގައި މަންފާއެއް ދިނުމުގެ ބާރު ހުރިކަން ސާބިތު ނުވާ ފަރާތްތަކާއި އެއްޗެހިން، މަންފާ ލިބިގަންނަން އުޅުމަކީ އެއީ ދީނުގައި މަނާ ކަމެކެވެ.  އަދި އެއީ އަހަރެމެންގެ ޢަޤީދާއާ ޚިލާފުކަމެކެވެ.

ޙަލާލް ޙަރާމް ކަނޑައެޅުއްވުން ވަނީ ހަމައެކަނި ﷲ އަށް:

ޠަބީޢީ ޤާނޫނުތަކުގެ ބޭނުން ހިފައިގެން އަހަރެމެންނަށް ވާސިލުވެވެނީ ދުންޔަވީ މަންފާތަކަށެވެ. މި ޤާނޫނުތައް ހޯދާ ބެލުމުގެ ބާރު މާތް ﷲ ވަނީ އަހަރެމެންގެ ސިކުނޑިއަށް ދެއްވާފައެވެ. އެހެން ނަމަވެސް މާއްދާގެ ފުރަގަހުގައި ވާ ކަންތައްތައް ހޯދާ ބެލުމުގެ ބާރު އެ ސިކުނޑިއަކަށް ނު ދެއްވައެވެ. އަދި އުޚްރަވީ މަންފާތައް ލިބޭނެ ގޮތް ހޯދުމުގެ ބާރެއް ވެސް ނު ދެއްވައެވެ. ވީމާ މަންފާ ލިބިގަނެ ގެއްލުން ދުރުކުރަން އަހަރެމެންނަށް މަސައްކަތް ކުރެވެނީ މާއްދާގެ އިން ތެރޭގައެވެ. މި ދުނިޔޭގެ އިން ތެރޭގައެވެ. ފަހަރެއްގައި ވެސް އަނެއް ދުނިޔޭގައި މަންފާ ހޯދައި އަދި ގެއްލުން ދުރުކުރުމުގެ ބާރެއް އަހަރެމެންނަކަށް ނެތެވެ.

އުޚްރަވީ ދުނިޔޭގައި މަންފާ ލިބުމުގެ ސަބަބެއް، މާތް ﷲ ލައްވާފައިވެއެވެ. އެ ސަބަބަކީ، އެ ކަލާނގެ ވާޖިބުކުރެއްވި ކަންތައްތައް ކުރުމެވެ. އަދި އުޚްރަވީ ދުނިޔޭގައި ގެއްލުން ލިބުމުގެ ސަބަބެއް ވެސް، އެ ކަލާނގެ ލައްވާފައިވެއެވެ. އެ ސަބަބަކީ، އެކަލާނގެ ޙަރާމްކުރެއްވި ކަންތައްތައް ކުރުމެވެ. މިހެންވެ، ޘަވާބާއި ޢުޤޫބާތް އޭގެ މައްޗަށް ބިނާވެގެންވާ، ޙަލާލް ޙަރާމް ކަނޑައެޅުން ވަނީ ހަމައެކަނި ﷲ ކިބަފުޅަށެވެ. އެއްވެސް މީހަކަށް، މިއީ ޙަލާލް ކަމެކޭ މިއީ ޙަރާމް ކަމެކޭ ބުނެ އަމިއްލައަށް ކަނޑަނޭޅޭނެއެވެ. އަދި އެއްވެސް މީހަކަށް، މާތް ﷲ ވާޖިބު ނުކުރައްވާ ކަމެއް ވާޖިބުކޮށް، ޙަރާމް ނުކުރައްވާ ކަމެއް ޙަރާމެއް ނުކުރެވޭނެއެވެ. ޙަލާލް ކުރުމާއި ޙަރާމް ކުރުމުގެ ޙައްޤު، މާތް ﷲ ފިޔަވާ އެހެން ފަރާތަކަށް ދީފިނަމަ، އޭނާ މާތް ﷲ ނޫން ފަރާތަކަށް އަޅުކަންކޮށްފިއެވެ. ނުވަތަ އެ ކަލާނގެއަށް އަޅުކަން ކުރުމުގައި އެހެންފަރާތެއް ބައިވެރިކޮށްފިއެވެ. [1]

ﷲ ދެކެ ލޯބިވުމާއި ﷲ އަށް ބިރުވެތިވުން:

ލޯބިވުމާއި ނަފްރަތުކުރުން މިއީ އިންސާނާގެ ކިބައިގައި ވާ ދެ ޝުޢޫރެކެވެ. އޭނާ މީރު ކާ އެއްޗެއްސަށް ލޯބިކުރެއެވެ. ރީތި މަންޒަރަށް ލޯބިކުރެއެވެ. ފިރިހެނުން އަންހެނުން ދެކެ ލޯބިވެއެވެ. ފަހަރެއްގައި އޭނާ އަންހެނެއް ދެކެ ލޯބިވަމުން ގޮސް ޢިޝްޤުގެ ދަރަޖައަށް ވެސް ހިނގައިދާނެއެވެ. އޭރުން -ތަންކޮޅެއް ކުރިން އަހަރެން ބުނިހެން- އަޅުކަމެކޭ ބުނެވިދާނެ ދަރަޖައަކަށް ވެސް ފަހަރެއްގައި އޭނާ ކަންތައް ކޮށްފާނެއެވެ. އެހެން ނަމަވެސް އެ ލޯތްބަކީ ވެސް އިންސާނުން އެއްބަޔަކު އަނެއްބަޔަކު ދެކެވާ ލޯބީގައިހެން، އޭގައި ވަކި ހައްދެއް އޮންނަ ލޯތްބެކެވެ.

އަހަރެމެން ލޯބިވާއިރު ލޯބިވަނީ އެއިން ލިބޭ މަންފާއަކަށްޓަކައެވެ. ނުވަތަ މަޢްޝޫޤު ގާތުގައި ހުރުމުން ލިބޭ އުފަލަށްޓަކައެވެ. އެހެންވެ ލޯބިވެރިއާއަށް، ލެޕްރެސީ ކަހަލަ ސިފަހުތުރުކޮށްލާ ބައްޔެއް ޖެހިއްޖެއްޔާ، ނުވަތަ އޭނާގެ ޗާލުކަން ހިނގައްޖެއްޔާ، ނުވަތަ މީރު ކާއެއްޗެއްގައި ފޫޖަހައިފިއްޔާ، ނުވަތަ މަންޒަރު ބަދަލުވެ އޭގެ ރީތިކަން ހިނގައްޖެއްޔާ، އެއްކަލަ ލޯބި ވެސް ނެތިގެންދާނެއެވެ. ކިއެއްތަ، އެ ލޯބި ނުރުހުމަކަށް ވެސް ބަދަލުވެދާނެއެވެ.

ނަމަވެސް މުއުމިނަކު، މާތް ﷲ ދެކެ ވާ ލޯތްބަކީ، އެއީ ހިފެހެއްޓުމެއް ނެތް ލޯތްބެކެވެ. އެއްވެސް ހައްދެއް ނެތް ލޯތްބެކެވެ. ޙަޤީޤަތުގައި މި ދުނިޔެއިން އަހަރެމެން ލޯބިވާ އެއްޗެއް ދެކެ ލޯބިވަނީ ވެސް، އެ އުފައްދަވާ އޭގެ ބޭނުން ހިފޭނެގޮތް މެދުވެރިކުރެއްވި، އެ ފެނުމުން ނުވަތަ އަތްލުމުން އުފާވާނެ ގޮތް މެދުވެރި ކުރެއްވި މާތް ރަސްކަލާނގެ ދެކެ ވާ ލޯތްބެއްގެ ގޮތުގައެވެ.

އިންސާނާއަކީ ވަރަށް ގިނަ އެއްޗެހިތަކެއް ދެކެ ބިރުގަންނަ މަޚްލޫޤެއް ވެސް މެއެވެ. އަނދައަނދާ ހުންނަ އަލިފާންގަނޑު ދެކެ އޭނާ ބިރުގަނައެވެ. ވަހުޝީ ޖަނަވާރު ދެކެ ބިރުގަނެއެވެ. ގަދަ ވިހަ ދެކެ ބިރުގަނެއެވެ. ވަރުގަދަ އަނިޔާވެރިން ދެކެ ވެސް ބިރުގަނެއެވެ. ނަމަވެސް މި ބިރަކީ ވެސް ވަކި ވަރަކަށް، ވަކި ހައްދަކަށް ގަންނަ ބިރެކެވެ. ބިރުގަތް އެތިން ނުވަތަ ބިރުގަތް ނުރައްކަލުން ސަލާމަތްވާނެކަން އެނގި، އޭގެ ގެއްލުމެއް ތިމާއަށް ނުފޯރާނެކަން ޔަޤީންވުމުން، ބިރުކެނޑިގެން ދެއެވެ. ނަމަވެސް ﷲ ދެކެ އަހަރެމެން ގަންނަ ބިރަކީ އެއީ އޭގައި ވަކި ވަރެއް، ވަކި ހައްދެއް ނުވާ ބިރެކެވެ.

ﷲ ދެކެ ލޯބިވުމާއި ބިރުގަތުން އެއީ އެއްކައުވަންތަ ކުރުމުގައި އޮތް އަސާސްތަކުގެ ތެރެއިން އަސާސެކެވެ. އަދި މިއީ އަޅުކަން ކުރުމުގެ ރޫޙެވެ. ނަމަވެސް މިތާ ފާހަގަކޮލަން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ މާތް ﷲ ދެކެ ލޯބިވުމަކީ، އިބްނު އަލްފާރިޟް ހެދިހެން، ﷲ އަށް ޣަޒަލް ޅެން ހެދުމެއް ނޫނެވެ. އަދި އެ ކަލާނގެ ދެކެވާ ލޯތްބަކީ އެއީ، ރާބިޢާ އަލްޢަދަވިއްޔާ އަށް މީހުން ނިސްބަތްކޮށް އުޅޭހެން، ކަލާނގެ ދެކެ ވާ ޢިޝްޤޭ ބުނެ ނަން ދިނުމެއް ވެސް ނޫނެވެ. އަދި މާތް ﷲ ދެކެ ބިރުގަތުމަކީ ބިރުބޮޑުވެގެން ގޮސް، ނަފްރަތަކަށް ބަދަލުވުމެއް ވެސް ނޫނެވެ. ބިރުން ހާސްވެގެން ގޮސް، ހަމަބުއްދި ގެއްލޭވަރުވުމެއް ވެސް ނޫނެވެ. މާތް ﷲ ދެކެ ލޯބިވާނީ، އެ ކަލާނގެއަށް ކިޔަމަންތެރިވެ، ޝައިޠާނާގެ ވަސްވާސްތަކާއި ނަފްސުގެ ޝަހުވަތަށް ވުރެ، އެ ކަލާނގެ ރުހިވޮޑިގަތުން އިސްކޮށްގެންނެވެ. އަދި އެ ކަލާނގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެންނެވި ހުރިހާ ކަމަކަށް ތަބާވެގެންނެވެ.

قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي ...

އާޔަތުގެ ތަފްސީރީ މާނައަކީ: ''ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން މާތް ﷲ ދެކެ ޙަޤީޤަތުގައި ވެސް ލޯބިވާނަމަ، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ފުރިހަމައަށް ތަބާވެ، އެތެރެފުށުންނާއި ބޭރުފުށުން ވެސް އީމާންވާށެވެ.'' (އާލްޢިމްރާން: 31)

ވީމާ، މާތް ﷲ ދެކެ ލޯބިވާކަން ބެލޭ މިންގަނޑަކީ ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ތަބާވާ ވަރެކެވެ. އަދި އެ ކަލާނގެ ދެކެ ބިރުގަންނަކަން ބެލޭ މިންގަނޑަކީ އެ ކަލާނގެ ނަހީކުރައްވާފައިވާ ކަންތަކާ ދުރުވެ، މި ދުނިޔޭގައި ފާފަކޮށްގެން އުފާ ހޯދުމަށް ވުރެ އާޚިރަތުގެ ޘަވާބު ހޯދުން އިސްކުރާ ވަރެކެވެ.

އަނެއްކާ، މާތް ﷲ އަށް ކިޔަމަންގަތުމަކީ ފަހަރެއްގައި ވެސް އެކަލާނގެ މަޚްލޫޤަކަށް ކިޔަމަންގަތުން ފަދަ ކަމެއް ނޫނެވެ. އަހަރެމެން ބައެއް އިންސާނުންނަށް ކިޔަމަންގަންނަމެވެ. މި ގޮތުން ރަސޫލާއަށް ކިޔަމަން ގަންނަނީ ﷲ އަމުރުފުޅު ކުރެއްވީތީއެވެ. އަދި ބައެއް ފަހަރު މީހާގެ ޠަބީޢަތު ހުންނަ ގޮތުން ނުވަތަ، މީހެއްގެ ނުރައްކަލަށް ބިރުން ވެސް މީހަކު މީހަކަށް ކިޔަމަން ގަނެފާނެއެވެ. މިސާލެއްގެ ގޮތުން ބަލަންޏާ، ރައްޔިތުން ވެރިއާއަށް ކިޔަމަން އެބަގަނެއެވެ. ދަރިފުޅު ބައްޕައަށް ކިޔަމަން އެބަގަނެއެވެ. އަނބިމީހާ ފިރިމީހާއަށް ކިޔަމަން އެބަގަނެއެވެ. ހެޔޮކަމެއް ކޮށްދީފައި ހުރި މީހަކު ކަމަކު ކިޔައިފިއްޔާ އެއީ އޭނާއަށް ގެއްލުމެއް ނެތް ކަމެއްވިއްޔާ އެކަން އެބަ ކޮށްދެއެވެ. އަދި ފަހަރެއްގައި ކިޔަމަންގަންނަން މަޖްބޫރު ކުރެވުނީމާ، ލިބިދާނެ ގެއްލުމެއްގެ ބިރަށްޓަކައި ވެސް ކިޔަމަންގަނެފާނެއެވެ. ނަމަވެސް މި ހުރިހާ ކިޔަމަންގަތުމަކީ ވެސް (ރަސޫލާއަށް ކިޔަމަންގަތުން ފިޔަވައި، އެހެނީ އެއީ ﷲ އަށް ގަނެވޭ ކިޔަމަނެއް) ވަކި ހައްދަކާ ޖެހެންދެން ގަންނަ ކިޔަމަނެކެވެ. ހައްދެއް ނެތް މުޠްލަޤު ކިޔަމަންގަތުމެއް ނޫނެވެ. އެހެނީ ހައްދެއް ނެތް މުޠްލަޤު ކިޔަމަންގަތުން އެއީ ހަމައެކަނި މާތް ﷲ އަށް ވާންޖެހޭ އެއްޗެކެވެ. ހުރިހާ ކަމެއްގައި ވެސް އެކަލާނގެއަށް ކިޔަމަންގަންނަން ޖެހެއެވެ. އަހަރެމެން ހިތް އެދޭ ކަންތަކުގައްޔާއި ހިތް ނޭދޭކަންތަކުގައި ވެސް، އެ ކަލާނގެއަށް ކިޔަމަންތެރިވާންޖެހެއެވެ. އަހަރެމެންނަށް އޭގެ ޙިކްމަތް އެނގޭ ކަންތަކުގައްޔާއި ޙިކްމަތް ނޭނގޭ ކަންތަކުގައި ވެސް، އެ ކަލާނގެއަށް ކިޔަމަންތެރި ވާންޖެހެއެވެ. މި ކިޔަމަންތެރި ކަމަކީ އެ ކަލާނގެ ދެކެވާ ލޯބީގެ މޭވާއެވެ. އަދި މި ކަމަށް ދަލީލުކޮށްދޭ އެއްޗަކީ ވެސް އެއީއެވެ.

ޞިފަފުޅުތަކުގެ އާޔަތްތައް

މި ފޮތުގައި، ޢިލްމުލް ކަލާމް ގެ މައްސަލަތަކުގެ ތެރެއަށް ނުވަދެ ވޭތޯ، އަހަރެން މިއައީ މަސައްކަތް ކުރަމުންނެވެ. އެހެންވެ ޢިލްމުލް ކަލާމް ގެ އަހުލުވެރިން ގެ މެދުގައި އޮންނަ ޚިލާފު މައްސަލަތައް ކިޔާދިނުން އަހަރެން ވާނީ ދޫކޮށްލާފައެވެ. ނަމަވެސް 'ސިފަފުޅުތަކުގެ' އާޔަތްތަކާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ ދެކެވި ތަފާތު ޚިޔާލުތައް ފާޅުކުރެވިފައިވާތީ، މި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު ތަންކޮޅެއް ތަފްޞީލުކޮށްލަން އެބަޖެހެއެވެ.

ކީރިތި ޤުރުއާނުގައި، މާތް ﷲ އެ ކަލާނގެ ޛާތުފުޅު ސިފަކުރައްވާފައިވަނީ، އޭގެ އަސްލުގައި، ބިމުގައި އިންސާނުން ބަސްމޮށުމައްޓަކައި އަދި އެ މީހުންގެ ބޭނުންތައް ފުއްދުމައްޓަކައި ކަނޑައެޅިފައިވާ ބަހަކުންނެވެ.

އޮޅިފައި ނޯންނާނެފަދައިން، މާތް ﷲ އާ އެއްފަދަ އެހެން އެއްވެސް ކާއިނެއް ނުވެއެވެ. އަދި އެ ކަލާނގެއަކީ ހުރިހާ މަޚްލޫޤެއް އުފެއްދެވި ޚާލިޤެވެ. އަދި މަޚްލޫޤަކާ އެއްގޮތް ވުމުން، އެ ކަލާނގެ ހުސްޠާހިރުވެވޮޑިގެންވެއެވެ. ވީމާ، މަޚްލޫޤެއް ސިފަކުރަން މި ބަސްތައް ބުނުމުން ދޭހަވާ މާނަ، މި ބަސްތައް ﷲ ގެ ޛާތުފުޅަށާއި އެ ކަލާނގެ ސިފަފުޅުތަކަށް ނިސްބަތްކޮށް ބުނުމުން ދޭހަކޮށްގެން ނުވާނެއެވެ.

މިސާލަކަށް އަހަރެމެން ބުނެ މި އުޅެނީ: ''މިވެނި މީހަކީ އެނގޭ މީހެކެވެ.'' ''އެވެނި މީހަކީ ފެންނަ މީހެކެވެ.'' އަނެއްކޮޅުން ހަމަ އަހަރެމެން މި ބުނަނީ: ''މާތްﷲ އަކީ އެނގިވޮޑިގަންނަވާ ރަސްކަލާނގެއެވެ.'' ''މާތްﷲ އަކީ ބައްލަވާވޮޑިގަންނަވާ ރަސްކަލާނގެއެވެ.'' ނަމަވެސް އިންސާނާ އަށް އެނގޭ، އަދި ބަލާ ގޮތް އެއީ، މާތް ﷲ ދެނެވޮޑިގަންނަވާ އަދި ބައްލަވާވޮޑިގަންނަވާ ގޮތެއް ނޫނެވެ. އަދި އިންސާނާގެ އެނގުމާ ފެނުން، މާތް ﷲ ގެ އެނގިވޮޑިގަތުމާ ދެކެވޮޑިގަތުމާ އެއްފަދައެއް ނޫނެވެ. އަދި ވެސް ހަމަ މިގޮތަށް އަހަރެމެން ބުނެއުޅެމެވެ: ''މޭޒު ކައިރީ ހުރި ގޮނޑީގައި މުދައްރިސު 'އިސްތިވާ' ވެއްޖެއެވެ.'' މިހެންނެވެ. ހަމަ އެހެންމެ، އަހަރެމެން ބުނަނީ: ''މާތް ﷲ ޢަރުޝީގައި އިސްތިވާވެވޮޑިގެންފިއެވެ. (ނުވަތަ މަތިވެވޮޑިގެންފިއެވެ.) ''އިސްތިވާ'' މި ބަހުގެ ބަސްފޮތުގައި އޮންނަ މާނަ އެނގުނީމާ، އަހަރެމެން މި ބަސް މުދައްރިސަށް ބޭނުން ކުރަނީއެވެ. ނަމަވެސް ޤުރުއާނުގައި އޮންނަ މި އާޔަތް '' الرَّحْمَنُ عَلَى الْعَرْشِ اسْتَوَى '' ކިޔާ އިރު، ބަސްފޮތުން އަހަރެމެންނަށް އެނގިފައި އޮންނަ މާނަ ސީދާ އެ ގޮތަށް މާތް ﷲ ނިސްބަތެއް ނުކުރެވޭނެއެވެ.
އާޔަތުގެ މާނަ: ''ރަޙްމާންވަންތަ މާތްރަސްކަލާނގެއީ، ޢަރުޝީގައި އިސްތިވާވެވޮޑިގެންވާ ރަސްކަލާނގެއެވެ.'' (ޠާހާ:5)

މިއީ ޢިލްމުވެރިން އިއްތިފާޤުވެލައްވާ ކަމެކެވެ. އަދި ސިފަފުޅުތަކުގެ އާޔަތްތަކަކީ މާތް ރަސްކާލނގެ ކަލާމްފުޅު ކަމަށް ވެސް ޢިލްމުވެރިން އެއްބަސްވެލައްވައެވެ. ވީމާ މާތް ﷲ الرَّحْمَنُ عَلَى الْعَرْشِ اسْتَوَى މިހެން ވަޙީކުރައްވާފައި އޮއްވާ، ޢަރުޝީގައި އިސްތިވާވެވޮޑިނުގަނެއޭ، އެއްވެސް މީހަކަށް ނުބުނެވޭނެއެވެ.

ޢިލްމުވެރިން އެއްބަސްވެލައްވާ އަނެއް ކަމަކީ، ބަސްފޮތުން 'އިސްތަވާ' ގެ މާނަ އަހަރެމެންނަށް ތަސައްވަރު ކުރެވިފައި އޮންނަ ގޮތް، މާތް ﷲ ޢަރުޝިއަށް 'އިސްތިވާވެވޮޑިގަތުމޭ' ބުނުމުން، ތަޞައްވަރުކޮށްގެން ނުވާނެކަމެވެ.

ތަޢްޠީލު[2] ކުރުމާއި ތަޝްބީހުކޮށްގެން[3] ނުވާނެކަމަށް އެއްބަސްވެލެއްވުމަށް ފަހު، ޢިލްމުވެރިން ވަނީ، ސިފަފުޅުތަކުގެ މުރާދާ އޭގެ މަޤްޞަދާ ބެހޭ ގޮތުން ވަރަށް ބޮޑަށް ޚިލާފުވެލައްވާފައެވެ. ސިފަފުޅުތަކުގެ އާޔަތްތަކަކީ އެއީ ޙަޤީޤަތެއްހެއްޔެވެ؟ ނުވަތަ މަޖާޒެއްހެއްޔެވެ؟ އެ އާޔަތްތައް ތައުވީލު[4] ކުރެވޭނެހެއްޔެވެ؟ ނުވަތަ ނުކުރެވޭނެހެއްޔެވެ؟ މިފަދަ ޚިލާފުތަކެކެވެ.

މިފަދަ އާޔަތްތަކުގެ މާނަ ތައުވީލުކުރާ މީހުން ބުނީ، 'ޙަޤީޤަތަކީ' އެ ލަފްޒެއް ބޭނުން ކުރަން ކަނޑައެޅިފައިވާ މާނައިގައި ބޭނުން ކުރުން ކަމަށެވެ. ބަލާޣަތު ޢިލްމުވެރިންގެ ގާތުގައި ވެސް 'ޙަޤީޤަތު' ގެ މާނައަކީ މިއީއެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، އެ ބަހަކުން ޤުރުއާން ބާވައިލެއްވުނު ޢަރަބި ބަހުގައި، ޤުރުއާން ބާވައިލެއްވުމުގެ ކުރިން ވެސް، މި ލަފްޒުތައް ހުއްޓެވެ. އޭރު އެ ބަސްތައް ކަނޑައެޅިފައި ވަނީ، ބިމުގައި އިންސާނުން ބަސްމޮށުމައްޓަކައި އަދި އެ މީހުންގެ ބޭނުންތައް ފުއްދައި ޝުޢޫރުތައް ހާމަ ކުރުމަށްޓަކައެވެ. އިންސާނާ އުފެއްދެވި މާތް ﷲ ގެ ސިފަފުޅުތައް، ލަފްޒުތަކަކުން ބުނެދިނުމުގެ ނުކުޅަދާނަކަން އެއްކިބާގައި ބާއްވާފައި، އިންސާނުންގެ ޢާޠިފީ ސިފަތަކާއި ޝުޢޫރުތައް ބުނެދޭން ވެސް، ބަހުގެ ލަފްޒުތައް ނުކުޅެދެއެވެ.

ދުނިޔޭގައިވާ ރީތިކަމާއި އޭގެ ވައްތަރުތަކަކީ ހައްދެއްވާ އެއްޗެއް ނޫނެވެ. އެކަމަކު ހުރިހާ ރީތި ކަމަކަށް މި އޮންނަނީ 'ރީތި' މި ލަފްޒު އެކަންޏެވެ. ޠަބީޢީ މަންޒަރެއްގެ ރީތި ކަމާ، ޅެމެއްގެ ރީތިކަމާ އެއްގޮތްހެއްޔެވެ؟ ރީތި ޢިމާރާތަކާ ރީތި އަންހެން ކުއްޖެއްގެ ރީތި ކަމާ އެއްގޮތްހެއްޔެވެ؟ އަދި އަންހެނުންގެ ތެރޭގައި ވެސް އެތައް ހާސް ވައްތަރެއްގެ ރީތި އަންހެނުން ތިބެއެވެ. ނަމަވެސް މި ހުރިހާ 'ރީތިކަމަކަށް' މި އޮތީ ހަމަ އެންމެ ލަފްޒެކެވެ. ވީމާ ރީތި ކަމުގެ ޝުޢޫރު ސިފަކޮށްދޭން ވެސް ބަސް ނުކުޅެދެއެވެ.

ލޯބީގައި ވެސް ކަން އޮތީ ހަމަ މިހެންނެވެ. ތަފާތު ވައްތަރު ވައްތަރުގެ ލޯތްބާއި، ތަފާތު ޝުޢޫރުތަކެއް ހުއްޓަސް، އެ ހާމަކޮށްދޭން ހުންނަ ލަފްޒުތައް ވަރަށް ދައްޗެވެ. ކަން މިހެން އޮތް އިރު، މާތް ﷲ ގެ ސިފަފުޅުތައް، ސިފަކޮށް ސިފަފުޅުތަކަކީ މިވެނިހެން ވާ ސިފަފުޅުތަކެކޭ ބުނެވޭނީ ކިހިނެއްހެއްޔެވެ؟!

ތައުވީލު ކުރާ މީހުން ބުނާ ގޮތަށް 'ޙަޤީޤަތަކީ' އެއީ އެ ލަފްޒު ބޭނުން ކުރަން ކަނޑައެޅިފައިވާ މާނައިގައި ބޭނުން ކުރުން ކަމަށް އެއްބަސްވެފައި ބަލާއިރު މި ފެންނަނީ، 'އިސްތަވާ' 'ޖާއަ' 'ޚާދަޢަ' 'ޔަމްކުރު' 'ނަސިޔަހުމް' މި ލަފްޒުތަކަކީ ދުނިޔޭގައި އިންސާނުންގެ މާއްދީ މާނަތަކެއް ބުނެދޭން ކަނޑައެޅިފައިވާ ލަފްޒުތަކެއް ކަމެވެ. އެކަމަކު ޤުރުއާނުގައި الرَّحْمَنُ عَلَى الْعَرْشِ اسْتَوَى ،  وَجَاءَ رَبُّكَ ،  وَهُوَ خَادِعُهُمْ ،  وَيَمْكُرُ اللَّهُ  ،  فَنَسِيَهُمْ  މި ލަފްޒުތައް އައިސްފައި ވަނީ ދުނިޔޭގައި އިންސާނުން ބޭނުން ކުރަން ކަނޑައެޅިފައިވާ މާއްދީ މާނައަކު ނޫނެވެ. ވީމާ، އެ މީހުން 'ޙަޤީޤަތުގެ' މާނަ އެ ކުރާ ގޮތަށް ބަލާއިރު، މިއީ 'ޙަޤީޤަތެއް' ނޫނެވެ.

ސިފަފުޅުތަކުގެ އާޔަތްތަކުގައި ވާ ލަފްޒުތަކަކީ މަޖާޒީ ލަފްޒުތަކެއް ކަމަށް އިންކާރުކުރައްވާ ޢިލްމުވެރިންގެ ތެރޭގައި އިބްނު ތައިމިއްޔާ ހިމެނިވަޑައިގަންނަވައެވެ. އޭނާ 'ޙަޤީޤަތުގެ' މާނަ ކުރައްވަނީ، ބަލާޣާ ޢިލްމުވެރިން 'ޙަޤީޤަތުގެ' މާނަ ކުރާ ގޮތާ މުޅިން ތަފާތު ގޮތަކަށް، އޭނާގެ އަމިއްލަ މާނައެކެވެ. އަދި ވިދާޅުވެފައި ވަނީ، ޤުރުއާނުގައިވާ މި ފަދަ ލަފްޒުތައް ތައުވީލު ކުރުމަކީ -މަޖާޒީ ގޮތަކަށް މާނަ ނެރުމަކީ- އަދި އާޔަތުގައިވާ މުރާދަކީ އޭނާ އެބުނާ މަޖާޒީ މާނަކަމަށް ޔަޤީންކަމާއެކު ބުނުމަކީ، ޤަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ، މަޖާޒީ މާނައަކީ ވެސް އިންސާނުންގެ ބޭނުންތަކަށް ކަނޑައެޅިފައިވާ އެއްޗެކެވެ.

މިފަދަ އާޔަތްތަކާ މެދު އަހަރެން ވިސްނި ވިސްނުމުން، އެނގުނު އެއްޗަކީ، މި ކަހަލަ އާޔަތްތައް ތިން ވައްތަރަކަށް ބެހިގެން ވާ ކަމެވެ:

1- މާތް ﷲ އަންގަވާ އެންގެވުމެއްގެ ގޮތުގައި އައިސްފައިވާ އާޔަތްތައް: މިސާލަކަށް މި އާޔަތެވެ. الرَّحْمَنُ عَلَى الْعَرْشِ اسْتَوَى

މި އާޔަތް މިހެން އޮތްވާ، މާތް ﷲ ޢަރުޝީގައި މަތިވެވޮޑިނުގަންނަވައޭ، އަހަރެމެންނަކަށް ނުބުނެވޭނެއެވެ. ބުނެފިނަމަ، އެ ވާނީ މާތް ﷲ އެ ކަލާނގެ ޛާތުފުޅަށް ސާބިތު ކުރެއްވި ކަމެއް ނަފީކުރި ކަމަށެވެ. އަނެއްކޮޅުން، މާތް ﷲ ޢަރުޝީގައި މަތިވެވޮޑިގަންނަވަނީ، ގޮނޑިއެއްގައި އިށީންނަ އިންސާނަކު އިށީނދެ ހަމަޖެހޭ ގޮތަށޭ ވެސް، އަހަރެމެންނަކަށް ނުބުނެވޭނެއެވެ. ބުނެފިނަމަ، އެ ވާނީ މާތް ﷲ އާ މަޚްލޫޤަކާ އެއްގޮތް ކުރި ކަމަށެވެ.

އަހަރެމެން އީމާންވާ ގޮތަކީ، މި އާޔަތުގައި މި ވަނީ މާތް ﷲ ގެ ބަސްފުޅު ކަމެވެ. އަދި އަހަރެމެންނަށް އޭގެ ޙަޤީޤަތެއް، ތަފްޞީލެއް ނޭނގޭ މާނައެއް، އެ ކަލާނގެ އެ އާޔަތުން އިރާދަ ކުރައްވާ ކަމެވެ. އަހަރެމެންނަށް އެ ނޭނގޭ ސަބަބަކީ، އެ ކަލާނގެ އޭގެ ތަފްޞީލެއް އަހަރެމެންނަށް ނާންގަވާތީއެވެ. އަދި ކުރިން ވެސް ބުނެވި ދިޔަހެން، އިންސާނުންގެ ބުއްދިއަކީ، އަމިއްލައަށް އެފަދަ މާނަތަކަށް ވާސިލުވުން ނުކުޅަދާނަ އެއްޗަކަށް ވާތީއެވެ.

2- ބަލާޣާ ޢިލްމުވެރިން، އެއް ލަފްޒު ބޭނުން ކޮށްގެން ތަފާތު ދެ މާނައެއް ބުނުމޭ (މުޝާކަލާ) ބުނާ ގޮތަށް، އައިސްފައިވާ އާޔަތްތައް: މިސާލަކަށް، ޅެން ބައިތެއްގައި އައިސްފައިވާ ''ތިމަންނަމެންނަށް ކައްކަން އެނގޭ އެއްޗެއްގެ ވާހަކަ ބުނާށޭ ބުނުމުން، ޖުއްބާ އަކާ ގަމީހެއް ކައްކާދޭށޭ އަހަރެން ބުނީމެވެ.'' އެވެ.

ނުވަތަ ޢައްމޫރިއްޔާ ހަނގުރާމައިގައި، ތީނާއި މޭބިސްކަދުރު ދޮންވުމުގެ ކުރިން ނަޞްރު ނުލިބޭނެ ކަމަށް މުނައްޖިމުން ހީކުރީތީ، މަޝްހޫރު ޢަރަބި ޅެންވެރިއާ، އަބޫ ތައްމާމް ކީ މިޅެމެވެ:  ''ތީނާއި މޭބިސްކަދުރު ދޮންވުމުގެ ކުރިން، ވަރުގަދަ ނުވަދިހަ ހާސް ސިންގާ(ހަނގުރާމަވެރިން) ދޮންވެއްޖެއެވެ.''

މި އުސްލޫބުން އައިސްފައިވާ އާޔަތްތައް ވަރަށް ގިނައެވެ. މިސާލަކަށް މާތް ﷲ ގެ މި ބަސްފުޅެވެ. ... نَسُوا اللَّهَ فَنَسِيَهُمْ  ...

އާޔަތުގެ ލަފްޒީ މާނަ: ''އެބައިމީހުން މާތްﷲ ހަނދުމަނެތިކުރުމުން، މާތް ﷲ އެބައިމީހުންގެ މަތިން ހަނދުމަނެތިކުރެއްވިއެވެ'' (އައްތައުބާ: 67)
އާޔަތުގެ ތަފްސީރީ މާނަ: ''މުނާފިޤުން ﷲ މަތިން ހަނދުމަކުރުން ދޫކޮށް، އެކަލާނގެ ހަނދުމަކުރުން ހަނދާންނެތިކޮށްލައިފިއެވެ. މީގެ ސަބަބުން، ﷲ ވެސް އެ މީހުންނަށް، އެ ކަލާނގެ ރަޙްމަތާއި ތައުފީޤާއި ހިދާޔަތް ދެއްވުން ދޫކޮށްލައްވައިފިއެވެ.'' (އައްތައުބާ: 67)

'ނަސޫ' މި ކަލިމަ އާޔަތުގައި ވާރިދުވެފައި ވަނީ، އަހަރެމެން އަތުގައި މި އޮތް ބަސްފޮތުގައި އެ ބަހުގެ މާނަ ކަމަށް ބުނެފައިވާ، ހަނދާން ނެތުމުގެ، މާނައިގައެވެ. ނަމަވެސް، 'ފަނަސިޔަހުމް' މި ކަލިމަ އައިސްފައި ވަނީ، މުޝާކަލާ އުސްލޫބުންނެވެ. މި ކަލިމައިގެ މުރާދަކީ ބަސްފޮތުގައިވާ މާނައެއް ނޫނެވެ. އެހެނީ މާތް ﷲ، ހަނދާންނެތި ވޮޑިނުގަންނަވާނެއެވެ. މިކަން ބަޔާންކުރައްވާ، ﷲ ވަޙީކުރައްވާފައި ވަނީ: ...وَمَا كَانَ رَبُّكَ نَسِيّاً...

އާޔަތުގެ މާނަ: ''އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހަނދުމަނެތިވެވޮޑިގެންވާ، ކަލަކު ކަމުގައި ނުވެއެވެ. (މަރްޔަމް:64)

ވީމާ 'ނަސޫ' ބޭނުންކުރެވިފައި ވަނީ، ލަފްޒު އެ މާނައަކަށް ކަނޑައެޅިފައިވާ މާނައިގައެވެ. 'ނަސިޔަހުމް' ބޭނުންކުރެވިފައި ވަނީ މި މާނައަކު ނޫނެވެ.

ހަމަ މިފަދަ އަނެއް މިސާލަކީ، މާތް ﷲ ގެ މި ބަސްފުޅެވެ. ...وَهُوَ مَعَكُمْ أَيْنَ مَا كُنْتُمْ  ...
އާޔަތުގެ ލަފްޒީ މާނަ: ''އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައި ތިޔަބައި މީންނާއެކުގައި، އެކަލާނގެ ވޮޑިގެންވެއެވެ.'' (އަލްޙަދީދް: 4)

އާޔަތުގެ ތަފްސީރީ މާނަ: ''އަދި ތިޔަބައިމީހުން ކޮންމެ ތަނެއްގައި ތިއްބަސް، ކޮންމެ ވަގުތެއްގައި އަދި ކޮންމެ ހާލެއްގައި ތިއްބަސް، ޢަރުޝީގައި މަތިވެވޮޑިގެންވާ ޙާލު، އެކަލާނގެ ތިޔަބައި މީހުން ދެކެވޮޑިގެންވެއެވެ. ތިޔަބައި މީހުންގެ ކަންތައްތައް ދެނެވޮޑިގެންވެއެވެ. ދައްކާ ވާހަކަ އައްސަވައިވޮޑިގެންވެއެވެ.'' (އަލްޙަދީދް: 4)

މި އާޔަތުގައިވާ ''އެކުގައިވުމުގެ'' މާނައަކީ، ޢިލްމުފުޅު އެކުގައިވުން ކަމަށް، އެންމެންވެސް އެއްބަސްވެއެވެ. އެހެނީ، ޢަރުޝީގައި މާތް ﷲ އިސްތިވާވެވޮޑިގެންވާ ކަމަށް، މި އާޔަތް ފެއްޓޭއިރު، ބަޔާންކުރައްވާފައި ވެއެވެ.

މިފަދަ އަނެއް މިސާލަކީ، މާތް ﷲ ގެ މި ބަސްފުޅެވެ. سَنَفْرُغُ لَكُمْ أَيُّهَا الثَّقَلانِ
އާޔަތުގެ މާނަ: ''އޭ އިންސީންނާއި ޖިންނީންނޭވެ! ތިޔަބައިމީހުންގެ ހިސާބު ބެއްލެވުމަށްޓަކައި ތިމަންރަސްކަލާނގެ އަވަދިވެވޮޑިގަންނަވާނަމެވެ.'' (އައްރަޙްމާން: 31)

ނޯޓު: މިތާ އަވަދިވެވޮޑިގަންނަވާނަމޭ އޮތުމުގެ މާނައަކީ، އޭގެ ކުރިން ﷲ -ސުބުޙާނަހޫ ވަތަޢާލާ- އަވަދިނެތި މަޝްޣޫލުވެ ވޮޑިގަންނަވާ ވާހަކައެއް ނޫނެވެ. ޢަރަބި ބަހުގައި، މަޝްޣޫލު ނޫނަސް، މީހަކަށް އިންޒާރު ދިނުމުގެ ގޮތުން، ތިމަންނާ ކަލެއަށްޓަކާ ހުސްވާނަމޭ، ބުނެ އުޅެއެވެ.

އަދި وَمَكَرُوا وَمَكَرَ اللَّهُ وَاللَّهُ خَيْرُ الْمَاكِرِينَ  މި އާޔަތުގައިވާ 'މަކަރޫ' އާއި 'މަކަރަ' ގެ ލަފްޒީ މާނައަކީ މަކަރުހެދުމެވެ.
އާޔަތުގެ ތަފްސީރީ މާނަ: ''އަދި ބަނީ އިސްރާއީލު މީހުން، ޢީސާގެފާނު އަވަހާރަކޮށްލަން، މަކަރުހަދައި ރޭވުންތައް ރޭވިއެވެ. ނަމަވެސް، މާތް ﷲ، އެ މީހުންގެ ރޭވުންތައް ބާޠިލު ކުރައްވައި، އެ މީހުންގެ ކެހި އެމީހުންނަށް ލިބޭނެ ގޮތަށް، މަކަރު ހެއްދެވިއެވެ.'' (އާލްޢިމްރާން: 54)

ނޯޓު: މި އާޔަތުން، މާތް ﷲ ގެ ކީރިތިވަންތަ ކަމާއި މަތިވެރިވަންތަކަމާއި އެކަށޭނެ ގޮތަކަށް، 'މަކަރު' މި ސިފަ، އެކަލާނގެ ޛާތުފުޅަށް ސާބިތުކުރައްވައެވެ. އެހެނީ މިއީ ޙައްޤު މަކަރެކެވެ. ބާޠިލު މަކަރު ހަދާމީހުންގެ މަކަރުވެރިކަން ބާޠިލު ކުރައްވަން ހައްދަވާ މަކަރެކެވެ.

އަދި  ... إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ  ...މި އާޔަތުގައިވާ 'ޔުޚާދިޢޫނަ' އާއި 'ޚާދިޢު' ގެ ލަފްޒީ މާނައަކީ އޮޅުވާލުމެވެ.

އާޔަތުގެ ތަފްސީރީ މާނަ: ''ހަމަކަށަވަރުން މުނާފިޤުން، ބޭރުފުށުން އީމާންވެ، އެތެރެފުށުން ކުފުރުވެ، އެކަން ﷲ ދެނެވޮޑިނުގަންވާނޭ ހިތައި، މާތް ﷲ އަށް އޮޅުވައި މަކަރު ހަދަން އުޅެއެވެ. އެ މީހުން އެހެން އެ ހަދަނީ، އެ މީހުންގެ ނުކިޔަމަންތެރިކަމާއި މަގުފުރެދުމުގައި ދެމިތިބެން ދޫކޮށްލައްވައި، އީމާންވެ އިޞްލާޙުވާން ވެއްޖެކަން ސަމާލުކަމަށް ގެނެސްދޭނެ އެއްވެސް މުޞީބާތެއް ޢަލާމާތެއް ވެސް ނުދައްކަވައި، ހަލާކުގެ މަގުން ހިނގަމުން ހިނގަމުން ގޮސް ނަރަކައިގެ ވަޅުގަނޑަށް ވެއްޓެން ދެން، ނޭނގޭ ގޮތަށް ލަސްލަހުން، ﷲ އެ މީހުން ގެންދަވާ ހާލުގައެވެ.'' (އައްނިސާ: 142)

މިއިން އެއްވެސް އާޔަތެއްގެ މާނަ، ބަސްފޮތުގައިވާ މާއްދީ މާނައިން، ފަހުމުކޮށްގެން ނުވާނެއެވެ. މާނަކުރަންޖެހޭނީ، މާތް ﷲ ގެ ޛާތުފުޅާ އެކަށީގެންވާ މާނައަކުންނެވެ.

3- އާޔަތުގެ މުރާދު، އެހެން އާޔަތްތަކުން ދޭހަކޮށްދޭ އާޔަތްތައް: މީގެ މިސާލަކީ މާތް ﷲ ގެ މި ބަސްފުޅެވެ. وَقَالَتْ الْيَهُودُ يَدُ اللَّهِ مَغْلُولَةٌ غُلَّتْ أَيْدِيهِمْ وَلُعِنُوا بِمَا قَالُوا بَلْ يَدَاهُ مَبْسُوطَتَانِ يُنفِقُ كَيْفَ يَشَاءُ  ...

އާޔަތުގެ މާނަ: ''ޔަހޫދީން ބުންޏެވެ: މާތް ﷲ ގެ އަތްތިލަފުޅު ވަނީ ބަންދުވެ ހިފެހެއްޓިފައެވެ. (އެބަހީ ﷲ ދީލަތިފުޅެއް ނޫނެވެ). އެބައި މީހުންގެ އަތްތައް ހިފެހެއްޓި ބަންދުވާށިއެވެ! އަދި އެބައިމީހުން ބުނިބުނުމުގެ ސަބަބުން އެބައިމީހުންނަށް ލަޢްނަތް ލެއްވުނެވެ. އަދި ކިއެއްތަ، އެކަލާނގެ ދެއަތްތިލަފުޅު ވަނީ ހުޅުވި ފަތުރައިލެވިގެންނެވެ. (އެބަހީ އެކަލާނގެ ދީލަތިފުޅެވެ.)'' (އަލްމާއިދާ: 64)

މި އާޔަތުގެ މާނައަކީ ކޮބައިކަން، ތިރީގައި މި އަންނަ އާޔަތުން އެބަ އެނގެއެވެ. وَلا تَجْعَلْ يَدَكَ مَغْلُولَةً إِلَى عُنُقِكَ وَلا تَبْسُطْهَا كُلَّ الْبَسْطِ فَتَقْعُدَ مَلُوماً مَحْسُوراً

އާޔަތުގެ މާނަ: ''ކަލޭގެ ކަނދުރާއާ އެކު ކަސްތަޅު އެޅިގެންވާ ގޮތުގައި، ކަލޭގެ އަތްތިލަ ނުބާއްވާށެވެ. (އެބަހީ ދަހިކަމުން މުށްބާރުކޮށްގެން ނުހުންނާށެވެ) އަދި މުޅިން ފަތުރާލާ ފަތުރާލުމަކުން އެ އަތްތިލަ ފަތުރައިނުލާށެވެ! (އެބަހީ އަތްމަތި ހުސްކޮށް ހޭދަނުކުރާށެވެ) ފަހެ އޭރުން މަލާމާތްލިބި ހިތާމަލިބިގެންވާ ހާލު ހުންނަންޖެހިދާނެއެވެ.'' (އަލްއިސްރާ: 29)

މި އާޔަތުން ދޭހަވަނީ، އަތްޕުޅު ފެތުރުއްވުމުގެ މާނައަކީ ދީލަތިކަމާއި ޖޫދެވެ. އިންސާނުންނާއި ހައިވާނުންގެ ހުންނަ ފަދަ ދެ އަތް، މާތް ﷲ އަށް ވުމަކީ، އެ އާޔަތުން ލާޒިމުކޮށްދޭ ކަމެއް ނޫނެވެ. ކިއެއްތަ، އެއީ މުސްތަޙީލު ކަމެކެވެ. މާތް ﷲ އެފަދަ ހުރިހާ ކަމަކުން ހުސްޠާހިރުވެވޮޑިގެންވެއެވެ.

ޤުރުއާނުގައި އަދިވެސް އައިސްފައިވެއެވެ. وَهُوَ الَّذِي أَرْسَلَ الرِّيَاحَ بُشْراً بَيْنَ يَدَيْ رَحْمَتِهِ
އާޔަތުގެ މާނަ: ''އެކަލާނގެ ރަޙްމަތުގެ (އެބަހީ ވާރޭގެ) ކުރިން އަންނަ އުފާވެރި ޚަބަރެއްގެ ގޮތުގައި ވައި ފޮނުއްވަނީ ވެސް އެކަލާނގެއެވެ.'' (އަލްފުރްޤާން: 48)

... بَيْنَ يَدَيْ عَذَابٍ شَدِيدٍ
އާޔަތުގެ މާނަ: ''ގަދަވެގެންވާ ޢަޛާބެއްގެ ކުރިން، އެ ޢަޛާބާއި މެދު ތިޔަބައިމީހުންނަށް ބިރުވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކު ކަމުގައި ނޫނީ، އޭނާ (އެކަލޭގެފާނު) ނުވެއެވެ.'' (ސަބައު: 46)

لا يَأْتِيهِ الْبَاطِلُ مِنْ بَيْنِ يَدَيْهِ އާޔަތުގެ މާނަ: ''ކުރިމަތިން ވިޔަސް އަދި ފަހަތުން ވިޔަސް، އެއްވެސް ގޮތަކުން އެ ފޮތަށް ބާޠިލުކަމެއް ނާންނާނެއެވެ.( ފުއްޞިލަތު :42)

މި އިން ކޮންމެ އާޔަތެއްގައި ވެސް އަތުގެ މާނައިގައި ބޭނުންކުރެވޭ ޢަރަބި ލަފްޒު ''ޔަދު'' އެބަ އޮތެވެ. އޭގެ މާނައަކީ ފަހަރެއްގައި ވެސް، ރަޙްމަތަކީ އަދި ޢަޛާބަކީ އަދި ޤުރުއާނަކީ، ބަސްފޮތުގައި ބުނާފަދަ ހަޤީޤީ ދެ އަތް ހުންނަ އެއްޗެކޭ ބުނުމެއް ނޫނެވެ.

މުޙްކަމާއި މުތަޝާބިހް:

ޤުރުއާނުގައި މުޙްކަމް އާޔަތްތަކެއް ވާކަން، މާތް ﷲ ވަނީ ބަޔާންކުރައްވާފައެވެ. އޭގެ މާނަ ފާޅެވެ. ލަފްޒު ޞަރީޙައެވެ. އަދި ޤުރުއާނުގައި މުތަޝާބިހް[5] އާޔަތްތަކެއް ވާރިދުވެފައިވާކަން ވެސް، ބަޔާންކުރެއްވިއެވެ. މިފަދަ އާޔަތްތަކުގެ މާނައިގެ ސީދާ މުރާދަކީ ކޮބައިކަން ފާޅެއް ނޫނެވެ. އެހެންވެ، މިފަދަ އާޔަތްތަކުން މީހުންނަށް ވާ މަފްހޫމު ތަފާތުވެފައި ގިނައެވެ. އާޔަތުގެ މުރާދު ހޯދައިގަތުމަށް ދަތިވާ ދަރަޖައަށް، އޭގެ ތަފްސީރުތައް ގިނައެވެ. ޤުރުއާނުގައިވާ ސިފަފުޅުތަކުގެ އާޔަތްތަކަކީ މިފަދަ އާޔަތްތަކެކެވެ. ވީމާ، މުއުމިނުންގެ މައްޗަށް ވާޖިބުވެގެންވަނީ މިފަދަ އާޔަތްތަކުގެ މާނައިގެ ތެރެއަށް މާބޮޑަށް ނުފީނުމެވެ. އަދި ޢާއްމު މީހުން ބަހުސްކޮށް ހެދުމަށްޓަކައި، މިފަދަ އާޔަތްތައް ހޯދާ ބަލައި އެ ޖަމާކޮށް ނުހެދުމެވެ.

މިފަދަ އާޔަތްތަކާމެދު މުސްލިމުން ކަންތައް ކުރިގޮތާއި ފަހުމްކުރިގޮތް:

އެންމެ ފުރަތަމަ މުސްލިމުން، އުއްމަތުގެ ސަލަފުން، އެންމެ ހެޔޮ މާތް ޖީލު، މިފަދަ ސިފަފުޅުތަކާމެދު ވާހަކަދައްކާ ބަހުސް ނުކުރެއެވެ. އެއީ ޙަޤީޤަތެކޭ ނުބުނެއެވެ. އަދި އެއީ މަޖާޒެކޭވެސް ނުބުނެއެވެ. އަދި އެ ޝަރަޙަކުރުމުގައި މަޝްޢޫލެއްވެސް ނުވެއެވެ. ކިއެއްތަ، މާތް ﷲ ޙަޟްރަތުން[6] އެ ބާވައިލެއްވުނު ގޮތަށް، އެ ކަލާނގެ މުރާދުފުޅަށް، އެ މީހުން އެއަށް އީމާންވީއެވެ.

ނަމަވެސް ފަހުން، ޢިލްމުލް ކަލާމް ފެތުރި، ބަޔަކުމީހުން އިސްލާމީ ޢަޤީދާގެ ތެރެއަށް ޝުބުހާތައް ވައްދަން ފެށުމުން، ޢިލްމުވެރިންގެ ތެރެއިން ބަޔަކު، މި ޝުބުހާތަކަށް ރައްދުދޭން ފެއްޓިއެވެ. މި ޢިލްމުވެރިން، ސިފަފުޅުތަކުގެ އާޔަތްތަކާ ބެހޭގޮތުން ވާހަކަ ދެއްކިއެވެ. ދެން، ކަލިމައިން މާނަ ފަހުމް ނުކުރެވެންޏާ، އަސްލު މާނަ ދޫކޮށް އެހެން މާނައަކަށް ގޮސްގެން މާނަކުރުމުގެ، ޢަރަބިންގެ ބަހުގެ އުސްލޫބާ އެއްގޮތްވާގޮތުގެ މަތިން، އެ މީހުން އެ ސިފަފުޅުތަކުގެ މާނަކުރަން ފެށިއެވެ. މި އުސްލޫބަށް ކިޔެނީ، މަޖާޒް ނުވަތަ ތައުވީލެވެ.

މިއީ، ޢިލްމުވެރިންގެ މެދުގައި ވަރަށް ދިގު ޚިލާފެއް އުފެދިފައިވާ މައުޟޫއެކެވެ. ނަމަވެސް ޙައްޤު ބަހަކީ، މި ފަދަ އާޔަތްތަކަކީ މާތް ﷲ ގެ ޙަޟްރަތުން ބާވައިލެއްވިފައިވާ އާޔަތްތަކެކެވެ. އެއިން ސިފަފުޅެއް އިންކާރުކޮށްފި މީހާ ކުފުރުވެއްޖެއެވެ. އަދި އެ ބޭކާރުކޮށް، އެއީ މާނައެއް ނެތް ހުސް ލަފްޒުތަކަކަށް ހަދައިފި މީހާ ވެސް ކުފުރުވެއްޖެއެވެ. އަދި އެ ސިފަފުޅުތައް އިންސާނުންގެ މާނައިން ފަހުމްކޮށް، އެ ފަހުމް މާތް ﷲ ނިސްބަތްކޮށް، ޚާލިޤާއި މަޚްލޫޤު އެއްފަދަކޮށްފި މީހާ ވެސް ކުފުރުވެއްޖެއެވެ. ވީމާ މަގަކީ ނުރައްކާ މަގެކެވެ. ހަލާކުތެރެއަށް ވެއްޓިދާނެ ސަހަރާއެކެވެ. ސަލާމަތްކަމެއް އޮތީ، މި މައުޟޫ ތެރެއަށް ފީނުމާ ދުރުވެގަތުމުންނެވެ. ސަލަފުން ހިންގެވި މަގުން ހިނގައިގެންނެވެ. އަދި ނައްޞު ހުއްޓޭ ހިސާބަކަށް ހުއްޓިގެންނެވެ. މި މައްސަލާގައި އަހަރެންގެ ޢަޤީދާ އޮތް ގޮތަކީ، މިއީއެވެ.

އަޅުކަންކުރުން ހާމަކޮށްދޭ ކަންތައް

މަންފާއާއި އަދި ގެއްލުން ވެސް މެދުވެރިކުރައްވަނީ ހަމައެކަނި ﷲ ކަމާއި، އަދި ޙަރާމްކުރައްވައި ޙަލާލްކުރެއްވުން ވަނީ ﷲ އަށް ކަމާއި، ހިފެހެއްޓުމެއް ނެތް ލޯބިވުމާއި ހިފެހެއްޓުމެއް ނެތް ބިރުގަތުމާއި ހިފެހެއްޓުމެއް ނެތް ކިޔަމަންގަންނަން ޖެހެނީ ހަމައެކަނި ﷲ އަށް ކަމަށް، އީމާންވާ ހިތެއްވިއްޔާ އޮންނާނީ، އެކަލާނގެ މަތިވެރިކުރުމުން ފުރިފައެވެ. އޭނާއަށް ''ﷲ އަކްބަރު'' ގެ މާނަ އިޙްސާސްވެ ޝުޢޫރުވާނެއެވެ. މި ހިނދު، ﷲ ފިޔަވާ ދުނިޔޭގައިވާ ކޮންމެ އެއްޗަކީ، އޭނާގެ ކުރިމަތީގައި ކުޑަ ކުޑަ އެއްޗަކަށް ވެދެއެވެ.

ދުޢާކުރުމާއި، ނަމާދުކުރުމާއި، ރުކޫކުރުމާއި، ސަޖިދަޖެހުމާއި، ނަދުރުބުނުމާއި، ކަތިލުމާއި، ތަސްބީޙައާއި ތަހުލީލު ކިއުން ފަދަ، އިންސާނުންގެ ބައެއް ޢަމަލުތަކަކީ، އެކަންތައް ކުރެވޭ ފަރާތެއް ހިފެހެއްޓުމެއް ނެތް ގޮތެއްގައި މަތިވެރިކުރުމަށް، ކުރާ ކަންތަކެކެވެ. ވީމާ މިފަދަ ކަމެއް ﷲ ނޫން ފަރާތަކަށް، މުއުމިނަކު ކޮށްގެން ނުވާނެއެވެ. މުއުމިނަކު، ﷲ ނޫން ފަރާތަކަށް ނަމާދު ނުކުރާނެއެވެ. އަދި އެކަލާނގެއަށް މެނުވީ، ސަޖިދައެއް ވެސް ރުކޫޢެއް ވެސް ނުކުރާނެއެވެ. އެކަލާނގެ ފިޔަވާ އެހެން މީހަކާ ދިމާލަށް ''ސުބްޙާނަކަ'' (އުނިސިފަތަކުން ހުސްޠާހިރު) އޭ ނުބުނާނެއެވެ. އެކަލާނގެ ފިޔަވާ އެހެން މީހެއްގެ ކިބައިން، ފަފާ ފުއްސެވުން ނޭދޭނެއެވެ. އެހެނީ މިހުރިހާ ކަންކަމަކީ ވެސް، ހިފެހެއްޓުމެއް ނެތް މަތިވެރިކުރުމުގެ ޢަމަލުތަކެކެވެ. އަޅުކަންކުރުމުގެ ސިއްރަކީ މި މަތިވެރިކުރުމެވެ.

އަޅުކަންކުރާކަން ދައްކައިދޭ އެންމެ މުހިއްމު ކަމަކީ، ދުޢާކުރުމެވެ. ޢަރަބި ބަހުގައި ދުޢާގެ މާނައަކީ، ގޮވުމެވެ. ހުރި ޢިލްމަކުން ނުވަތަ ބާރަކުން، ކަލެއަށް މަންފާއެއް ލިއްބައިދިނުން އެދި، ގޮވީމާ އަޑުއިވޭ ހިސާބުގައި ހުރި މީހަކަށް ދުޢާކުރުމަކީ(ގޮވުމަކީ)، ދީން މަނާކުރާ ކަމެއް ނޫނެވެ. އަހަރެން ވާހަކަ މި ދައްކަނީ، މި ކަހަލަ ''ދުޢާ'' އާ ބެހޭގޮތަކުން ނޫނެވެ. މިތާ އަހަރެމެން ގަސްދުކުރާ ދުޢާއަކީ، އަދި އަޅުކަމުގެ ހިތް ކަމުގައިވާ އެއްޗަކީ، ހާމަ މާއްދީ ސަބަބެއް ނެތި ގެއްލުން ދުރުކުރުމަށާއި މަންފާ ލިބިގަތުމަށް އެދި ގޮވުމެވެ. ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް، މިފަދަ ކަމަކަށް އެދި، ގޮވައިގެން ނުވާނެއެވެ. ގޮވަން ޖެހޭނީ، އެއްވެސް މެދުވެރިއެއް ނެތި ސީދާ އެކަލާނގެއަށެވެ.

ބޭސްކޮށްދޭ ޙަކީމަކު ދިރިހުރިކަމުގައި ވިޔަސް، އަހަރެމެން އޭނާ ގާތުން ސީދާ ޝިފާއަކަށް ނޭދެމެވެ. އެހެނީ، ޙަކީމު ކޮށްދޭހާވެސް ކަމަކީ ބޭސް ސިޓީ ލިޔެދިނުމެވެ. އަސްލު ޝިފާ ދެއްވަނީ ﷲ އެވެ. ވީމާ، މަރުވެފައި އޮންނަ މީހެއް ގާތުން، ނުވަތަ ބުދެއް، ނުވަތަ ގަހެއްގެ ގާތުން، ޝިފާއަށް ނުވަތަ އެ ނުންވެސް އެފަދަ ކަމަކަށް ނޭދުން މާ އައުލާކަން ބޮޑެވެ. އެހެނީ، ﷲ ފިޔަވާ އެހެން އެއްވެސް ފަރާތަކީ، ހާމަ ސަބަބެއް ނެތި މަންފާއެއް ކޮށްދެވޭނަ ފަރާތެއް ނޫނެވެ.

މުއުމިނަކީ ސަބަބުތަކުގައި ހިފާމީހެކެވެ. މިއަށް ފަހު، ސަބަބުން ނުކުންނަ ނަތީޖާ އޭނާ އެދޭނީ، ﷲ ގެ ޙަޟްރަތުންނެވެ. ސަބަބެއް، މީހުންނަށް ނޭނގޭ ކަންތައްތަކުގައި، ''އޭ ﷲ'' އޭ ބުނެ ﷲގެ ޙަޟްރަތަށް ދުޢާކުރާނެއެވެ. ދުޢާކުރުމުގެ ދޮރު އަބަދުވެސް ހުޅުވިފައި ހުންނަކަމާއި، ދުޢާ އިޖާބަކުރައްވާނެކަން، އޭނާ ޔަޤީންކުރާނެއެވެ. ބަދަލުގައި އެހެން އެއްވެސް ފަރާތަކަށް، އޭނާ ދުޢާ ނުކުރާނެއެވެ. އަދި ދުޢާގައި، އެކަލާނގެއާ އެކު އެހެން ފަރާތެއް ބައިވެރި ވެސް ނުކުރާނެއެވެ. އޭނާ ދުޢާކުރާ އިރު، ﷲއާ އޭނާއާ ދެމެދު، މެދުވެރިއެއްގެ ބޭނުމެއް ވެސް ނުހިފާނެއެވެ. އަޅުކަމުގެ ހިތް ކަމުގައިވާ ދުޢާއަކީ މި ގޮތަށް ކުރެވޭ ދުޢާއެވެ.

އަޅުކަމުގެ ބޭނުން:

އަޅުކަމުގައި ހަށިގަނޑެއް ވެޔޭ، ތަންކޮޅެއް ކުރިން އަހަރެން ބުނެފައިވާނެއެވެ. އެއީ ދުލުން ކިޔާ ލަފުޒުތަކާއި ގުނަވަންތަކުން ކުރާ ޢަމަލުތަކެވެ. އަދި އެއަށް ރޫޙެއް ވެސް ވެއެވެ. އެއީ އޭނާ ލައްވާ އެކަން ކުރުވާ ޢަޤީދާއާއި، އަޅުކަންކުރި ބޭނުން، ނުވަތަ އެ ކަމުން އޭނާ ޤަޞްދުކުރި ނަތީޖާއެވެ. މި ޢަޤީދާގެ ބައެއް ދެންމެ މިވަނީ ކިޔައިދެވިފައެވެ. ވީމާ، މިހާރު އަހަރެން ހުށައަޅާ މިދެނީ، މީގެ ބައެއް މަޤްޞަދުތަކެވެ.

އަޅުކަންކުރުމުގެ ޞައްޙަ މަޤްޞަދަކަށް ވާންޖެހޭނީ، ﷲގެ ރުއްސެވުން ހޯދުމެވެ.

ވީމާ، ފައިސާއަށްޓަކައި، އަދި މަޤާމަކަށްޓަކައި ނުވަތަ މީހުންގެ މަޤްބޫލުކަން ހޯދަން، އަޅުކަންކޮށްގެން ނުވާނެއެވެ. އަދި ދުނިޔެވީ އުފާތަކަށް ވާސިލުވުމަށްޓަކައި ބޭނުންކުރެވޭ ހަރުފަތެއްކަމުގައި ވެސް، އެ ހަދައިގެން ނުވާނެއެވެ. ޞާލިޙް މީހެއްކަމުގައި މަޝްހޫރުވާން ވެސް، އެކަންކޮށްގެން ނުވާނެއެވެ. އަޅުކަން ކުރުމުގެ ޞައްޙަ މި މަޤްޞަދަށް ކިޔޭ ނަމަކީ 'އިޚްލާޞްތެރިކަން' އެވެ. މީގެ ތެރެއަށް ވަންނަ، އެހެން ކޮންމެ މަޤްޞަދަކީ އެއީ 'ދެއްކުންތެރިކަން' އެވެ. ޢަމަލެއްގެ މަޤްޞަދު ކަނޑައަޅައިދޭ އެއްޗަކީ 'ނިޔަތް' އެވެ. ޤިޔާމަތްދުވަހު ﷲ އަހަރެމެންނާ ސުވާލުކުރައްވާނީ ހަމައެކަނި ޢަމަލާ ބެހޭގޮތުންނެއް ނޫނެވެ. ކިއެއްތަ، އެކަމެއް އަހަރެމެން ކުރީ ކީއްވެގެންތޯ ވެސް ސުވާލުކުރައްވާނެއެވެ. ކަމަކީ ފަހަރެއްގައި އޭގެ ޒާތުގައި ޞާލިޙް ޢަމަލަކަށް ވެދާނެއެވެ. ނަމަވެސް އޭގެ މަޤްޞަދު ރަނގަޅެއް ނޫނެވެ. ނިޔަތް ގޯހެވެ. ޚާލިޞްކުރެވިފައިވަނީ އެކަލާނގެއަށް އެކަންޏެއް ނޫނެވެ. މިހެން ވީމާ، ޞާލިޙް ޢަމަލު ފާސިދު ޢަމަލަކަށް ވެދެއެވެ. ރަނގަޅު ކަންތައް ހުތުރުކަމަކަށް ވެދެއެވެ.

މިސާލަކަށް ނަމާދަކީ ޞާލިޙު ޢަމަލެކެވެ. އެކަމަކު ނަމާދުކުރާމީހާގެ ނިޔަތަކީ، އޭނާ ނަމާދުކުރާތަން މީހުންނަށް ދައްކައި، އޭނާއަކީ ޞާލިޙު މީހެއް ކަމަށް ހިތައި މީހުން އައިސް އޭނާއަށް ފައިސާއާއި ހަދިޔާތައް ދިނުމެވެ. އޭނާ ނަމާދުކުރީ، ﷲގެ ރުއްސެވުން ހޯދައި، އެކަލާނގެ އަމުރުފުޅަށް ކިޔަމަންގަތުމުގެ ގޮތުންނެއް ނޫނެވެ. ފަހެ މި މީހާގެ ނަމާދަކީ، ނުބައި ޢަމަލެކެވެ. އަސްލުގައި ނަމާދަކީ ހެޔޮ ޢަމަލެއް ކަމުގައި ވިޔަސްމެއެވެ.

މައްކާއިން މުހާޖިރުން ކުރި ހިޖުރަ، އެކި މީހުންނަށް ތަފާތުވީ މިހެންވެގެންނެވެ. އޭގެތެރެއިން ބައެއް މީހުންގެ ހިޖުރަ އެއީ ހެޔޮ ހިޖުރައެކެވެ. އަނެއްބައި މީހުންގެ ހިޖުރަ އެއީ ނުބައި ހިޖުރައެކެވެ. ބޭރުފުށުން އެއްގޮތް ވިޔަސްމެއެވެ. އެ އެންމެން ވެސް ދަތުރުކުރިއެވެ. ހިނގީ އެއްވަގުތެއްގައި، އެއް މަގަކުންނެވެ. ނަމަވެސް، ދީނާއިގެން ފިލަން، ﷲ ގެ ރުއްސެވުން ހޯދަން، ދަތުރުކުރި މީހުންގެ ދަތުރަކީ، ﷲ އަށްޓަކައި ކުރި ހިޖުރައެކެވެ. އެ މީހުންނަށް، މުހާޖިރުންގެ ޘަވާބު ލިބޭނެއެވެ. އަނެއްކޮޅުން، މަދީނާގައި ހުރި އަންހެނަކާއި ކާވެނިކުރަން އެދިގެން ހުއްޓާ، މީހުންތައް މަދީނާއަށް ދާތަން ފެނިފައި، އެ އަންހެންމީހާއާ ކާވެނިކުރަން، ތިމަންނަވެސް މި މީހުންނާއެކު ދާނީއޭ ހިތައި، ދަތުރުކުރިމީހާއާއި، ވިޔަފާރިކުރަން ދަތުރުކުރިމީހާގެ ދަތުރަކީ، ދުނިޔެއަށްޓަކާ ކުރި ދަތުރެކެވެ. އެއީ ﷲ އަށްޓަކާ ކުރި ހިޖުރައެއް ނޫނެވެ.

އާދަޔާ އަޅުކަމާ ފަރަގުކޮށްދޭ އެއްޗަކީ ނިޔަތެވެ. މީހަކު ތަންކޮޅެއް ލަހުން ހޭލެވުނީމާ، އަވަސް އަރުވާލައިގެން ސައި ވެސް ނުބޮއެ އޮފީހަށް ގޮސްފައި، މަސައްކަތާ ހެދި ކާން ވެސް ހަނދާންނެތިފައި ހުއްޓާ އިރު އޮއްސިއްޖެނަމަ، އޭނާ އެވަނީ ރޯދަވެރިއަކު ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްފައެވެ. ނަމަވެސް، ރޯދަވެރިންގެ ޘަވާބު އޭނާއަކަށް ނުލިބޭނެއެވެ. ސަބަބަކީ، އޭނާ ރޯދަ ހިފަން ނިޔަތެއް ނުގަނެއެވެ. ދީނުގައި މަނާކުރެވިފައި ނުވާ، އާދައިގެ މަތިން މީހުން ކުރާ ކަންތައްތައް ވެސް، ﷲގެ ރުއްސެވުމާއި ޘަވާބަށް އެދި، ހެޔޮ ނިޔަތެއްގައި މީހަކު ކޮށްފިއްޔާ، އެކަން އޭނާއަށް ވާނީ އަޅުކަމަކަށެވެ. އިންސާނާ ކުރާ މަންފާ ހުރި ކޮންމެ ޢަމަލަކީ ވެސް، ހެޔޮ ނިޔަތަކާއެކު ކޮށްފިއްޔާ އަޅުކަމެކޭ، އަހަރެން ބުނީ މިހެންވީމައެވެ. އޭރުން އަޅުކަންތައް، މުޅި ޙަޔާތް ޝާމިލުވެއެވެ. މީހާގެ ކެއުން ބުއިމާއި، އަރާމުކުރުމާއި މަސައްކަތްކުރުމާއި، އަދި ރިޒުޤު ހޯދުމާއި ކާވެނިކުރުމަކީ ވެސް، އޭރުން އަޅުކަމެކެވެ. މި އާޔަތުގެ ރަނގަޅު ފަހުމަކީ މިއީއެވެ. وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ
އާޔަތުގެ ތަފްސީރީ މަނާ: ''ޖިންނީންނާއި އިންސީން، ހަމައެކަނި ތިމަންރަސްކަލާނގެ އަށް އަޅުކަން ކުރުމަށް މެނުވީ ނުހައްދަވަމެވެ.'' (އައްޛާރިޔާތު: 56)

ވީމާ، އަޅުކަމުގެ ޝާމިލު މި މާނައިގައި، އަޅުކަންކުރުން އެއީ ޚަލްޤުތަކުންގެ ލަނޑުދަނޑިއަށް ވާންޖެހެއެވެ.

ޚުލާޞާ:

ﷲ އަށް އީމާންވުމުގެ ބައިގައި ހިމެނުނު ހަތަރުވަނަ ކަމަކީ، އަދި އެންމެ މުހިއްމު ކަމަކީ، އެއްކައުވަންކަމެވެ. މީގެ ޚުލާޞާއަކީ، ގެއްލުމާއި މަންފާ ދެއްވާ ހަމައެކަނި ފަރާތަކީ މާތް ﷲ ކަމަށް އަހަރެމެން އީމާންވާންޖެހެއެވެ. ވީމާ އެކަލާނގެ ޙަޟްރަތުން ފިޔަވާ، މަންފާއަކަށް ނޭދޭށެވެ. މި މަންފާ ހޯދާނީ، ކައުނުގައި އެކަލާނގެ ލައްވާފައިވާ، އެއަށް ޠަބީޢީ ޤާނޫނުތަކޭ މި ކިޔޭ ޤާނޫނުތަކުގެ ބޭނުން ހިފައިގެން، ނުވަތަ ސީދާ އެ ކަލާނގެއަށް ދުޢާކޮށްގެންނެވެ. ދުޢާކުރާނީ އެކަލާނގެ ޙަޟްރަތަށް އެކަންޏެވެ. އެހެން މީހަކަށް ދުޢާނުކުރާށެވެ. އަދި އެކަލާނގެއަށް ކުރާ ދުޢާގައި އެހެން ފަރާތެއް ބައިވެރިވެސް ނުކުރާށެވެ. އަދި އެކަލާނގެއާ ކުއްތަންވުމަށް، މެދުވެރިއެއްގެ ބޭނުން ނުހިފާށެވެ. މަންފާތައް ލިބުމަށް އެކަލާނގެ ލައްވާފައިވާ ސަބަބުތައް ނޫން އެއްޗެއްގެ ބޭނުން ނުހިފާށެވެ. ހަމަ މިހިނދު، ސަބަބަކީ، މަންފާ ދިނުމުގެ ބާރެއް ލިބިގެންވާ އެއްޗެއް ނޫންކަމާއި، މަންފާ ދެއްވާ އަސްލު ފަރާތަކީ އެކަލާނގެ ކަން، ހަނދާންބަހައްޓާށެވެ.

ހައްދެއް ނެތް ކިޔަމަންގަތުމަށް ވާޞިލުކޮށްދޭ، ހިފެހެއްޓުމެއް ނެތް ލޯތްބާއި، ޙަރާމްކަންތަކުން ދުރުކޮށްދޭ، ބިރުވެތިކަން އެއީ، ހަމައެކަނި އެކަލާނގެ ޚާލިޞްކުރެވިފައިވާ އެއްޗަކަށް ހަދާށެވެ. ހިފެހެއްޓުމެއް ނެތް ވަރަށް، މަތިވެރި ކުރެވޭ ކީރިތިވަންތަކަން، އެކަލާނގެއަށް ޚާލިޞްކުރާށެވެ. ބަހަކުން ވިޔަސް އަދި ޢަމަލަކުން ވިޔަސް، މިއާ ޚިލާފު ކަމެއް ނުކުރާށެވެ. އަދި އެކަލާނގެ ރުއްސެވުން ހޯދަން އުޅޭށެވެ. އަދި ކުރާ އަޅުކަންތަކުން، ދުނިޔެ ޤަޞްދު ނުކުރާށެވެ.

ޢިލްމީ ހޯދުން:

ﷲ ވަނީ އަހަރެމެންނަށް ބުއްދި ދެއްވާފައެވެ. އަދި ކައުނުގެ ސިއްރުތަކާމެދު ނަޒަރުހިންގުމަށް އަމުރުކުރެއްވިއެވެ. ދުނިޔެ ހިނގަމުންދާ ޢަޖާއިބުކުރަނިވި ސުންނަތާ މެދު ފިކުރުކުރުމަށް އެންގެވިއެވެ. އެކަލާނގެ ދުނިޔޭގައި ލެއްވި ޤާނޫނުތަށް ހޯދާ ދަސްކުރުމަށް އެންގެވިއެވެ. ﷲ ގެ މި އަމުރުފުޅުތަކަށް ޢަމަލު ކުރުމަކީ އަހަރެމެންގެ މައްޗަށް ވާޖިބެކެވެ. ވީމާ ޠަބީޢީ ޢުލޫމު ކިޔަވާ ދަސްކުރުމަކީ، ކައުނުގެ ސިއްރުތައް ހޯދާބެލުމަކީ، އަޅުކަމެކެވެ. ނަމަވެސް ޝަރުޠަކީ، ޤާނޫނުތައް ހޯދޭ ހިސާބުން ހުއްޓިގެން ނުވާނެއެވެ. އެ ޤާނޫނުތައް ލެއްވި މަތިވެރިވަންތަ ކަލާނގެއާ މެދު ވިސްނާ ފިކުރުކުރަން ޖެހޭނެއެވެ. އޭރުން، ﷲ އަށް އީމާންވާ އީމާންވުން ދާނީ، އިތުރުވަމުންނެވެ. ކުރާ އަޅުކަމުގެ އިޚްލާޞްތެރިކަން ދާނީ، އިތުރުވަމުންނެވެ. އަދި އެހެން ޝަރުޠެއް ވެސް އެބައޮތެވެ. ހޯދޭ ޢިލްމުގެ ބޭނުން ހިފަންޖެހޭނީ، އިންސާނުންނަށް މަންފާހުރި، ﷲ ރުހިވޮޑިގަންނަވާ ކަންކަމުގައެވެ. ފަހަރެއްގައި ވެސް، އިންސާނުންނަށް ގެއްލުމާއި ހަލާކުހުރި، ބިމުގައި ފަސާދަ އުފެދޭ ކަންކަމަކު ނޫނެވެ.

ޝުބުހާއަކާއި އޭގެ ރައްދު:

ވަރަށް ގިނަ މީހުން ސުވާލުކުރެއެވެ. މީހުންނަށް މަންފާހުރި ރަނގަޅު ކަންތައްތަކެއް ކުރާ ކާފިރަކަށް ވާނީ ކިހިނެއްހެއްޔެވެ؟ އޭނާ ޞަދަޤާތް ދިނެވެ. ފަޤީރުންނަށް ހަސްފަތާލުތަކާއި ހިޔާވަހި އަޅައިދިނެވެ. މަދަރުސާތައް ހުޅުވައިދިނެވެ. މިހުރިހާ ކަމެއް ކުރީމާ ވެސް، ކަލޭމެން ތި ބުނާ ގޮތުން، އާޚިރަތް ދުވަހު އޭނާއަށް އެއްވެސް ޘަވާބެއް ނުލިބޭނެހެއްޔެވެ؟!

މީގެ ރައްދަކީ: ފިރިހެނެއްވެސް އަދި އަންހެނެއްވެސް، ކުޅަ ހެޔޮ ޢަމަލެއް، މާތް ﷲ ގެއްލެނި ނުކުރައްވާނެއެވެ. ހެޔޮކަމެއް ކުރި މީހެއް، ހެޔޮކަމުގެ މޭވާއިން މަޙްރޫމަ ނުކުރައްވާނެއެވެ. ކިއެއްތަ، އޭނާ އެދުނު އެއްޗެއް، އޭނާއަށް ދެއްވާނެއެވެ. ހެޔޮކަމެއް ކުރި މީހަކަށް ދެވޭނެ އެންމެ ހެޔޮ ބަދަލަކީ، އޭނާ އެދުނު އެއްޗެއް ދިނުން ނޫންހެއްޔެވެ؟

ހެޔޮކަން ކުރި މީހަކީ މުއުމިނެއް ނަމަ، އާޚިރަތް ތެދުކުރާ މީހެއް ނަމަ، އަދި އެ ދުވަހުގެ ޘަވާބަށް އެދޭނަމަ، މާތް ﷲ އޭނާއަށް އާޚިރަތުގެ ޘަވާބު ދެއްވާނެއެވެ. އެކަމަކު، އޭނާ -އަމިއްލައަށް- ހަމައެކަނި ދުނިޔެ އެދޭ ކަމަށްވަންޏާ، ނުވަތަ މަޝްހޫރުކަމާއި ރީތި ނަމަށް އެދޭކަމަށްވަންޏާ، ނޫސްތަކުގައި އޭނާގެ ވާހަކަ ޖެހި ތާރީޚުގައި އޭނާގެ ނަން ލިޔެވެން އެދޭ ކަމަށްވަންޏާ، އޭނާގެ މި އެދުން މާތް ﷲ ފުރިހަމަކޮށް ދެއްވާނެއެވެ.

އޭނާ، އޭނާ އަމިއްލައަށް، އާޚިރަތެއް ނޭދެއެވެ. އެ ދުވަހުގެ ޘަވާބަކަށް ނޭދެއެވެ. ވީއިރު، ކަލޭ އޭނާއާ މެދު ހިތާމަކޮށް، އެ ދުވަހު އޭނާއަށް ޘަވާބެއް ނުލިބޭނެތީ އެކަމާ އިހުތިޖާޖު ތިކުރަނީ ކީއްކުރަންހެއްޔެވެ؟

މޭވާއެއް ނެތް ޖަދަލުތަކެއް:

ﷲގެ ޛާތުފުޅާއި އަދި އެކަލާނގެ ސިފަފުޅުތަކާ ބެހޭގޮތުން، ކުރެވިފައިވާ ޖަދަލުތަކުން ޢިލްމުލް ކަލާމުގެ ފޮތްތައް ވަނީ ފުރިފައެވެ. މިސާލަކަށް ﷲ ގެ ޢިލްމުފުޅަކީ އެއީ އެކަލާނގެ ޛާތުފުޅުގައި ވާ އެއްޗެއްތޯ ނުވަތަ އެއީ އެކަލާނގެ ކިބަފުޅުގައި ވާ އެއްޗެއްތޯއެވެ؟ އަދި، ޢިލްމުފުޅާއި ޤުދުރަތްފުޅު ފަދަ ޛާތުފުޅުގައި ހުންނަ ސިފަފުޅުތަކާއި، ޚަލްޤުކުރެއްވުމާއި ރިޒުޤުދެއްވުން ފަދަ ޢަމަލުފުޅުގައި ހުންނަ ސިފަފުޅުތަކާ ތަފާތުކުރަން ކުރެވުނު ޖަދަލުތަކެވެ. ޤުރުއާނަކީ ޚަލްޤުކުރެވުނު އެއްޗެއްތޯ ނޫންތޯ ކުރެވުނު ޖަދަލުތަކުން ވެސް، ބޭނުމެއް ނެތް ބޮޑެތި ފިތުނަތަކެއް މުސްލިމުންނާ ކުރިމަތިވިއެވެ. ރީއްޗާއި ހުތުރާއި، ރަނގަޅާއި ބޮޑަށް ރަނގަޅާއި، ޤަޟާއި ޤަދަރާއި، އިންސާނާގެ އިރާދަ ފަދަ އެތަކެއް މައުޟޫއަށް ބޭކާރު ޖަދަލުކުރެވުނެވެ. މިކަހަލަ މައްސަލަތަކުގައި ކަންތައް ކުރަން އޮތް ޙައްޤު، ރަނގަޅު ގޮތަކީ، އެއާ ބެހޭގޮތުން ބަޙުޘް ނުކުރުމެވެ. ޖަދަލު ނުކުރުމެވެ. މިއީ، ކޯޓުތަކުގެ ބަހުރުވައިން ބުނާނަމަ، ''ޤަބޫލުނުކުރެވޭ ދަޢްވާ'' ތަކެކެވެ. އެއީ މި އަންނަނިވި ސަބަބުތަކަށްޓަކައެވެ.

އެކެއް:

ސަލަފުން، މުސްލިމުންގެ ތެރެއިން އެންމެ ފުރިހަމަ އަދި އުއްމަތުގެ އެންމެ ހެޔޮ ބޭކަލުން، ކަމުގައިވާ ޞަހާބީ ބޭކަލުންނާއި ބޮޑެތި ތާބިޢީ ބޭކަލުން، މި ފަދަ މައްސަލަތަކާ ބެހޭ ގޮތުން ބަޙުޘެއް ނުކުރައްވައެވެ. އެކަމަކު އެ ބޭކަލުންގެ ދީން މާ ފުރިހަމަވެފައި، އީމާންކަން މާ ސާފެވެ. ދީނުގައި އަހަރެމެންގެ ނަމޫނާއަކީ (ރަސޫލާއަށް ފަހު) އެ ބޭކަލުންނެވެ.

ދޭއް:

ޚިލާފުތައް ވެފައިވާ ފިރުޤާތައް ދައްކާފައިހުރި ވާހަކަތަކަށް، ފަރުވާތެރިކަމާއެކު ބަލައިފި މީހަކަށް ފެންނާނީ، އެ ހުރިހާ ވާހަކަތަކެއް ވެސް ބިނާވެފައި ވަނީ، ޚާލިޤު މަޚްލޫޤުންތަކަށް ޤިޔާސްކުރުމުގެ، އަސާސްގެ މައްޗަށް ކަމެވެ. އަދި އިންސާނީ ބުއްދީގެ މަންޠިޤާއި އިންސާނީ ނަފްސީ ހާލަތްތައް، މާތް ﷲ އަށް ނިސްބަތްކުރާ ތަނެވެ. ނަމަވެސް، މިއީ ހުސް ބާޠިލް ކަންކަމެވެ. އެހެނީ، ޚާލިޤާއި މަޚްލޫޤާއި އެއްގޮތެއް ނޫނެވެ. އަދި މާތް ﷲ އާ އެއްފަދަ އެހެން އެއްވެސް އެއްޗެއް ނުވެއެވެ.

لَيْسَ كَمِثْلِهِ شَيْءٌ

އާޔަތުގެ މާނަ: ''އަދި އެކަލާނގެ ފަދަ އެހެން އެއްވެސް އެއްޗެއް ނުވެއެވެ.'' (އައްޝޫރާ: 11)

ތިނެއް:

މި ހުރިހާ ކަންކަމަކީވެސް، މާއްދާގެ ފަހަތުގައި ވާ ކަންކަމެވެ. އެހެން ގޮތަކަށް ބުނާނަމަ، ޣައިބުގައި ވާ ކަންކަމެވެ. އީމާންކަމުގެ ޤަވާޢިދުތަކުގެ ފަސްވަނަ ޤަވާޢިދުގައި، މި މައުޟޫޢަށް ވާނީ ވާހަކަ ދެއްކިފައެވެ. ބުއްދިއަކީ ހަމައެކަނި މާއްދީ ދުނިޔެއާ ބެހޭގޮތުން ވިސްނުމުގެ ކުޅަދާނަކަން ހުންނަ އެއްޗެއް ކަމަށާއި، އެއީ މާއްދާގެ ފަހަތުގައިވާ ދުނިޔޭގެ ކަންކަމާ މެދު ގޮތެއް ކަނޑައަޅައި، އެކަންކަން ދެނެގަތުމުގެ ކުޅަދާނަކަމެއް ހުރި އެއްޗެއް ނޫންކަން، އެތާނގައި ކިޔާ ދެވިފައިވާނެއެވެ.

ސިފަފުޅުތަކުގެ އާޔަތްތަކާއި މުތަޝާބިހު އާޔަތްތަކާމެދު ކަން ކުރަންވީ ގޮތް:

މިތާ އަހަރެން ގޮވާލަން ބޭނުންވަނީ އާ ކަމަކަށެވެ. އެއީ ޙައްޤާއި ގާތް، އަދި އަހަރެމެންނަށް މަންފާ ބޮޑު ކަމެކެވެ. އެ ކަމަކީ، ﷲ ގެ ސިފަފުޅުތަކާ ބެހޭގޮތުން ޖަދަލުކުރުން ހުއްޓާލާފައި، އެކަލާނގެ ރުއްސެވުމަށް ވާސިލުވެވޭނެ ކަހަލަ، ދިރިއުޅުމުގެ ސުލޫކަށް އަހައްމިއްޔަތުކަން ދިނުމެވެ. ޤުރުއާނަކީ މަޚްލޫގެއްތޯ ނުވަތަ މަޚްލޫޤެއް ނޫންތޯ، ފައިދާއެއް ނެތް ގޮތުގައި ސުވާލުކުރުމުގެ ބަދަލުގައި، އަހަރެމެން ބުނަންވީ، މާތް ﷲ ޤުރުއާން ބާވައިލެއްވީ، އަހަރެމެން އެއަށް ޢަމަލުކުރަން ކަމަށެވެ. ވީމާ އެއަށް ޢަމަލުކުރަމާ ހިނގާށެވެ. އޭގެ އަމުރަށް ކިޔަމަންވަމާ ހިނގާށެވެ. އެއިން ނަޙީކޮށްފައިވާ ކަންތަކުން ދުރުވަމާ ހިނގާށެވެ. ﷲ ގެ ޢިލްމުފުޅަކީ، އެކަލާނގެ ޛާތުފުޅުގައި ވާ އެއްޗެއްތޯ ނުވަތަ އެއީ އެކަލާނގެ ކިބަފުޅުގައި ވާ އެއްޗެއްތޯ، ބެލުމުގެ ބަދަލުގައި، ސިއްރުގަޔާއި ފާޅުގައި، ފަރުދީކޮށާއި ޖަމާޢީކޮށް، އަހަރެމެން ކުރާ ހުރިހާ ކަމެއް، އެ ކަލާނގެ ދެނެވޮޑިގަންނަވާ ހިނދު، ﷲ ގެ ރުއްސެވުން ލިބޭނެ ގޮތަކަށް އަހަރެމެންގެ ދިރިއުޅުމުގެ ސުލޫކު ބަހައްޓަމާ ހިނގާށެވެ.

މީގައި އޮތް ރަނގަޅު ގޮތަކީ މިއީއެވެ. އަހަރެން މި ބުނި ގޮތަށް ކަންތައް ކުރާ މީހާއާއި، ﷲ ގެ ސިފަފުޅުތަކާ މެދު ޖަދަލުކުރާ މީހާގެ މިސާލަކީ، މަދަރުސާއެއްގެ ދަރިވަރުންތަކެއްގެ މިސާލެވެ. ތަޢްލީމާއި ތަރުބިއްޔަތާ ބެހޭ ވުޒާރާއިން، ތިކުދިން އިމްތިޙާނު ކުރަން، ކޮމެޓީއެއް އެބަ އާދޭ ބުނެވުނީމާ، އޭގެ ތެރެއިން ބުއްދިވެރި ކުއްޖާ ބުނާނީ، ވުޒާރާއިން އަންނަ ކޮމެޓީއަކުން އިމްތިޙާނު ކުރަންޏާ، ރަނގަޅަށް އިމްތިޙާނަށް ތައްޔާރުވެ، މުޅި މުޤައްރަރު ދަސްކުރަންވީ ކަމަށެވެ. މޮޔަ ގަމާރު ކުއްޖާ އަހާނީ، އިމްތިޙާނު އޮންނާނީ ކިހިނެއްހެއްޔެވެ؟ ސުވާލު ކުރާނީ ކޮމިޓީ އެންމެންހެއްޔެވެ؟ ނުވަތަ އޭގެތެރެއިން ބައެއްހެއްޔެވެ؟ ކޮމިޓީ އެކުލެވިގެންވާނީ ހިރި ޢަދަދަކުންހެއްޔެވެ؟ ނުވަތަ އޮނަހިރި ޢަދަދަކުންހެއްޔެވެ؟ އެ މީހުން އަންނާނީ ކާރަކުންހެއްޔެވެ؟ ނުވަތަ މަތިންދާބޯޓަކުންހެއްޔެވެ؟ އިމްތިޙާނު ޖެހޭ އިރުވެސް އޭނާ ހުންނާނީ މިފަދަ ބޭކާރު ސުވާލުތަކެއް ކޮށް ޖަދަލުކުރާށެވެ.

ޢިލްމުލް ކަލާމުގެ އަހުލުވެރިން، އެ މީހުންގެ ޖަދަލުކުރުންތައް ބިނާކޮށް، ތަފާތު މަޛްހަބުތަކެއް ހަދައި، ފޮތްތައް ފުރާލާފައިވާ ކަންތައްތަކަކީ، ޤިޔާމަތްދުވަހުން މާތް ﷲ އަހަރެމެންނާ ސުވާލުކުރައްވާނެ ކަންތައްތަކެއް ނޫނެވެ. އެއީ ﷲ އަށް އީމާންވުމުގެ ޝަރުޠުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެއް ނަމަ، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަދި ޞަހާބީބޭކަލުން، އެއާ ބެހޭގޮތުން ވާހަކަ ދެއްކެވީހެވެ.

ވީމާ، މުސްކުޅި ޔޫނާނީ ފަލްސަފާވެރިން ކުރި، އަދި އޭގެ ބާޠިލުކަން ހާމަވެފައިވާ، ޖަދަލުކުރުންތައް ދޫކޮށްލަމާ ހިނގާށެވެ. ޔޫނާނީ ފަލްސަފާއަށް ވުރެ މަގުފުރެދުން ވަކި ކުޑަ ނޫން، އާ ފަލްސަފާއަކުން، މާއްދާގެ ފަހަތުގައިވާ ކަންތައްތަކާ މެދު އަލުން ޖަދަލުކުރުން ދޫކޮށްލަމާ ހިނގާށެވެ. ޤުރުއާނަކީ އަހަރެމެންގެ އިމާމު ކަމުގައި ހަދަމާ ހިނގާށެވެ. އަހަރެމެން އިޢްތިމާދުވާ އެއްޗަކީ އެ ކަމަށް ހަދަމާ ހިނގާށެވެ. ކުޑަކުޑަ މިންވަރަކަށް މެނުވީ، ޤުރުއާނުގައި އަލިއަޅުވާލާފައި ނުވާ، ޣައިބީ ކަންތައްތަކަށް، އޭގައި އައިސްފައިވާ ގޮތަކަށް އީމާންވަމާ ހިނގާށެވެ. އެއިން އަހަރެމެންނަށް ވަންހަނާވެފައިވާ، ނޭނގޭ ކަންތައްތައް، އެ ބާވައިލެއްވި ކަލާނގެއަށް ދޫކޮށްލަމާ ހިނގާށެވެ.

*    *    *    *



* މި ލިޔުމުގައި އައިސްފައިވާ ބައެއް ބަސްތަކުގެ މާނަ: (މިއީ ތަރުޖަމާނު ލިޔެފައިވާ މާނަތަކެކެވެ.)

[1]  މިސާލަކަށް މުސްލިމަކު، ރަލަކީ ދީނުގައި ޙަރާމް އެއްޗެއްކަން ޤަބޫލުކޮށް، އެ ބުއިމަކީ ފާފައެއް ކަމަށް އިޢްތިރާފުވެ ރާ ބޮއެފިއެވެ. އަދި އެހެން މީހަކު، ލުނބޯ ޖޫސް ބުއިމަކީ ދީނުގައި ޙަރާމް ކަމެކޭ ބުނެ ދަޢްވާކޮށްފިއެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، ޙަރާމް ކަމެއްކަން އިންކާރު ނުކޮށް ޙަރާމް ކަމަކަށް އަރައިގަތް މީހާގެ ފާފައަށް ވުރެ، ދަލީލެއް ނެތި ޙަލާލު އެއްޗެއް ޙަރާމް ކުރި މީހާގެ ފާފަ ބޮޑެވެ. މިފަދަ ޢަމަލަކީ ޝިރުކުގެ ޢަމަލެއް ކަން، ޤުރުއާނުގައި ބަޔާންކުރައްވާފައި ވެއެވެ. (ޝައިޚް)

[2] ތަޢްޠީލު: މާތް ﷲ ގެ ސިފަފުޅެއް ނުވަތަ އިސްމުފެއް ނަފީކުރުން. މިގޮތުން އިސްމުފުޅަކުން ދޭހަވާ މާނަ ނަފީކުރުމަކީ ވެސް، މި ގިންތިއަށް ވެއްދޭ ކަމެއް.

އިސްލާމްދީނަށް ނިސްބަތްވާ ބައެއް ޖަމާޢަތްތަކުން ކުރީ ޒަމާނުގައި، މި ގޮތަށް ސިފަފުޅުތަކާއި އިސްމުފުޅުތަކާއި އެއިން ދޭހަވާ މާނަ ނަފީކޮށްފައި ވަނީ، އެ ކަލާނގެއާ އެހެން އެއްޗަކާ އެއްފަދަ ނުކުރުމުގެ ބަހަނާގައެވެ. މިސާލަކަށް އެ މީހުން ބުނާނީ: ''ﷲ -ސުބުޙާނަހޫ ވަތަޢާލާ- އައްސަވާ އަދި ބައްލަވާ ވޮޑިނުގަންނަވައެވެ. އެހެނީ މި ދެކަންތަކަކީ ގުނަވަނެއް ބޭނުންވާ ކަންތަކެވެ. ގުނަވަނަކީ، މާތް ﷲ ގެ ޛާތުފުޅަށް ހުސްޠާހިރުވެގެންވާ އެއްޗެކެވެ.'' އަދި ''އެކަލާނގެ ވޮޑިގެންވަނީ މައްޗަކު ވެސް ތިރިއަކު ވެސް ނޫނެވެ. އެ ކަލާނގެއަށް ލޯފުޅެއް، މޫނުފޫޅެއް، އަތްޕުޅެއް ވެސް ނުވެއެވެ.'' ޖަހްމިއްޔާ ފިރުޤާ އަކީ މިހެން ބުނާ ބައެކެވެ.

ނަމަވެސް އަހުލުއްސުއްނާ ވަލްޖަމާޢާ ދެކޭ ގޮތުގައި މިއީ ބާޠިލު ބުނުމެކެވެ. އަދި ބާޠިލު އަޤީދާއެކެވެ. ޞައްޙަ ގޮތަކީ އެ ކަލާނގެ ޛާތުފުޅު ސިފަކުރެއްވި ކޮންމެ ސިފަފުޅެއް އަދި ކޮންމެ އިސްމުފުޅެއް، އެ ކަލާނގެ ޛާތުފުޅާ އެކަށީގެންވާ ގޮތަށް، ތަޝްބީހު ކުރުމެއް އަދި ތަޢްޠީލް ކުރުމެއް އަދި ތައުވީލު ކުރުމެއް ވެސް ނެތި ޤަބޫލުކޮށް، އެ ސިފަފުޅުތަކާއި އިސްމުފުޅުތައް އެ ކަލާނގެއަށް ސާބިތުކުރުމެވެ. (ތަރުޖަމާން)

[3] ތަޝްބީހު: މާތް ﷲ ގެ އެއްވެސް ސިފަފުޅެއް، މަޚްލޫޤެއްގެ ސިފައަކާ އެއްގޮތް ކުރުން. ނުވަތަ އެއްފަދަކުރުން. މިސާލަކަށް މާތް ﷲ ބައްލަވާވޮޑިގަންނަވަނީ އިންސާނުން ބަލާ ގޮތަށް ކަމަށް ޤަބޫލު ކުރުން. ނުވަތަ މާތް ﷲ ޢަރުޝިފުޅުގައި މަތިވެވޮޑިގެންވަނީ، އިންސާނުން ވެސް ގޮޑީގައި އިށީނދެ ތިބޭ ގޮތަށް ކަމަށް ޤަބޫލު ކުރުން. އަހުލުއްސުއްނާ ވަލްޖަމާޢާ ދެކޭ ގޮތުގައި މިއީ ބާޠިލު ބުނުމެކެވެ. އަދި ބާޠިލު އަޤީދާއެކެވެ. (ތަރުޖަމާން)

[4] ތައުވީލު: ތައުވީލުގެ އެއް މާނައަކީ ތަފްސީރުކުރުމެވެ. ތަފްސީރު ޢިލްމުގައި، ޢާއްމު ގޮތެއްގައި މީގެ މާނައަކީ މިއީއެވެ. ދެވަނަ މާނައަކީ، ބުނާ އެއްޗެއް ޙަޤީޤަތަކަށްވާ ވުމެވެ. އަޢްރާފް ސޫރަތުގެ 53ވަނަ އާޔަތާއި ޔޫސުފް ސޫރަތުގެ 100 ވަނަ އާޔަތުގައި ''ތައުވީލު'' މި ކަލިމަ ވަނީ މި މާނައިގައެވެ. ތިންވަނަ މާނައަކީ، ލަފްޒެއްގެ މާނަ، އެއް މާނައިން އަނެއް މާނައަށް، ދަލީލެއް އޮވެގެން ބަދަލު ކުރުމެވެ. ނު ރަނގަޅު ގޮތަކީ ދަލީލެއް ނެތި ބަދަލު ކުރުމެވެ. ސިފަފުޅުތަކާ ބެހޭ ގޮތުން ދެކެވޭ ވާހަކައެއްގެ ތެރޭގައި ތައުވީލު ކުރަނީ އޭ ބުނެފިއްޔާ، ޢާއްމުކޮށް އެއީ ފަހުން މި ބުނި ގޮތެވެ. ދަލީލެއް ނެތި ބަދަލުކުރުމެވެ. ބައެއް ޢިލްމުވެރިން މި ވައްތަރަށް، ތަޙްރީފުކުރުމޭ ވެސް ކިޔައެވެ. މިސާލަކަށް ޢަރުޝިއަށް ﷲ އިސްތިވާވެވޮޑިގަތުމުގެ މާނައަކީ ވެރިވެވޮޑިގަތުން ކަމަށް ބުނުމެވެ. ނުވަތަ 'ޔަދު' އޮންނަ ކޮންމެ ތަނެއްގައި، އޭގެ މާނައަކީ ޤުދުރަތް ކަމަށް ބުނުމެވެ. ނުވަތަ 'ރުހިވޮޑިގަތުން' ގެ މާނައަކީ ނިޢްމަތްކުރެއްވުމަށް އިރާދަކުރެއްވުން ކަމަށް ބުނުމެވެ. 'ލޯބިވެވޮޑިގަތުން' ގެ މާނައަކީ ޘަވާބު އިރާދަކުރެއްވުން ކަމަށް ބުނުމެވެ. (ތަރުޖަމާނު)

ތަކްޔީފު: ތަކްޔީފު ކުރުމަކީ، މާތް ﷲ ގެ ސިފަފުޅެއް، ބުއްދިއަށް ފެންނަ ނުވަތަ ހީވާގޮތަކަށް، ނުވަތަ އޭނާގެ ޚިޔާލަކާ އެއްގޮތްކުރުމެވެ. މިސާލަކަށް ޢަރްޝިފުޅުގައި މާތް ﷲ އިށީނދެ ހަމަޖެހިވަޑައިގަންނަވާ ގޮތެއް ޚިޔާލަށް ގެނައުމެވެ. ނުވަތަ މިވެނި ގޮތަކަށޭ ބުނުމެވެ. މިއީ ވެސް ޞައްޙަ ޢަޤީދާއާ ޚިލާފު ކަމެކެވެ. އެހެންވެ 'އިސްތިވާވެވޮޑިގަތުމާ' ބެހޭ ގޮތުން އިމާމް މާލިކް އާ ސުވާލު ކުރެވުމުން، ވިދާޅުވީ: ''އިސްތިވާވެވޮޑިގަތުމަކީ އެނގޭ ކަމެކެވެ. އަދި އެއީ ކިހިނެއް ކަމެއް ނޭނގެއެވެ. އެ ކަމަށް އީމާންވުމަކީ ވާޖިބެކެވެ. އަދި އެއީ ކިހިނެއް ކަން، ސުވާލު ކުރުމަކީ ބިދުޢައެކެވެ.'' (ތަރުޖަމާނު)

[5] މުޙްކަމް: މިއީ، އާޔަތުގައި ވާ ލަފްޒުތަކުން ގަސްތުކުރެވުނު މާނަ ދޭހަވާ އާޔަތްތަކެވެ. ވީމާ މިފަދަ އާޔަތްތަކުގެ މާނަ ސާފުވެފައި، އިތުރު ތައުވީލުކުރުމަކަށް ބޭނުމެއް ނުވާނެއެވެ. އަދި ޤުރުއާނުގެ މައިގަނޑަކީ މުޙްކަމް އާޔަތްތަކެވެ. (ތަރުޖަމާނު)

މުތަޝާބިހް : މިއީ، އާޔަތުގައި ވާ ލަފްޒުތަކުން ގަސްތުކުރެވުނު މާނަ ކޮންމެ މީހަކަށް ރަނގަޅަށް ދޭހަ ނުވާ، އާޔަތްތަކެވެ. ވީމާ މިފަދަ އާޔަތްތަކުގެ މާނަ ސާފުކުރުމަށް، އިތުރު ތައުވީލަށް ބޭނުންވާނެއެވެ. އަދި މިފަދަ އާޔަތްތަކުގެ މާނަ ހޯދުމަށްޓަކައި، މުޙްކަމް އާޔަތްތަކުގެ އެހީ ހިފައި، ދޭތި އެއްކޮށް ހަދަން ޖެހެއެވެ. ޤުރުއާނުގައި މިފަދަ އާޔަތްތައް ވަރަށް މަދެވެ. (ތަރުޖަމާނު)

[6] ޙަޟްރަތް :އާދައިގެ މީހެއް ''ގާތުގައި ނުވަތަ ކުރިމަތީގާ ނުވަތަ ހުއްޓި ހުރީމޭ ނުވަތަ ބުނީމޭ'' ބުނެވިދާނެ. އެއަށް ވުރެ މާތް މީހެއް ވިއްޔާ ''އަރިސް ނުވަތަ އަރިއަހުގައި'' . ނަމަވެސް ﷲ އަށް ނިސްބަތްކޮށް މިހެން ބުނުމަކީ އަދަބާ ޚިލާފް ކަމަކަށް ވާތީ ﷲ އަށް ނިސްބަތް ކުރާ އިރު ބުނަނީ ޙަޟްރަތުގައޭ. ލަފްޒުގެ މާނައަކީ ޙާޟިރުގައި.

Comments