ބުދަ20181107

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: އީމާންކަން ހާމަކޮށްދޭ ކަންތައް

އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: އީމާންކަން ހާމަކޮށްދޭ ކަންތައް

aamu-thaaraf-5-eemankan-haama* އީމާންކަމާއި ޢަމަލު
  - އީމާންކަން އިތުރުވޭ:
  - ޢަމަލު ނުކުރުމުން ކާފިރަކަށް ނުވޭ:

* އީމާންކަމުގެ މޭވާ
  - ބިރުވެތިވުމާއި އުއްމީދުކުރުން:
  - ވަކީލުކުރުން:
  - ޝުކުރުވެރިވުން:
  - ކެތްތެރިކަން:
  - ﷲ ގެ ޙުކުމްފުޅަށް ބޯލެނބުން:
  - ހަރުކަށިކަމާއި އޯގާތެރިކަން:
  - ތައުބާވުމާއި ފާފަފުއްސެވުމަށް އެދުން:

އިމްތިޙާނު ކައިރިވެއްޖަކަމާއި، ދަސްކުރަން ދެން ހަފްތާއެއްހާ ދުވަސް ނޫނީ ނެތްކަން، އެނގޭއިރު ވެސް، އިމްތިޙާނަށް ތައްޔާރުނުވެ، ކުޅުމާ މަޖާކުރުމުގައި ވަގުތު ހޭދަކޮށްލައިފިއްޔާ، އޭގެ މާނައަކީ، އިމްތިޙާނު ގާތްވެއްޖެކަން، އެ ކުއްޖާއަށް ރަނގަޅަށް ޤަބޫލުނުކުރެވެއެވެ. މަގުއޮޅިގެން އުޅޭ މީހެއް ގާތު، ކަނާތުން އޮތް މަގުން ދާށޭ ބުނީމާ، އެވާހަކަ ކަނުލާ އަޑުއަހައި، އަދި ތެދުކޮށް ޤަބޫލުކޮށްފީމޭ ބުނެފައި، ކަނާތުގެ ބަދަލުގައި ވާތަށް ހިނގައިގެންފިނަމަ، އޭގެ މާނައަކީ، މަގު ދެއްކި މީހާގެ އިރުޝާދުގެ ތެދުކަން، އޭނާ ފުރިހަމައަށް ޤަބޫލުނުކުރާކަމެވެ. އޭނާގެ ވާހަކައަށް އީމާންނުވާކަމެވެ. ވީމާ ހަމަ މިބީދައިން، ﷲ އަށް ފުރިހަމައަށް އީމާންވެއްޖެ މީހެއްގެ ޢަމަލާއި ސުލޫކުން، އީމާންކަމުގެ އަސަރު ފެންނަން ހުންނާނެއެވެ.

އީމާންކަމާއި ޢަމަލު:

އީމާންކަމަކީ ޢަމަލާ ވަކިވާނެ އެއްޗެއް ނޫނެވެ. އެހެނީ ޢަމަލަކީ އޭގެ ނަތީޖާއެކެވެ. އޭގެ މޭވާތަކުގެ ތެރެއިން މޭވާއެކެވެ. އެއީ މީހާގެ އީމާންކަން މީހުންނަށް ފެނި ހާމަވާ އެއްޗެވެ. ''އީމާންކަމަކީ ހިތުގައިވާ އެއްޗެކޭ'' ބުނެ، ފަރުޟު ކަންތައްތައް އަދާނުކޮށް، އަދި ޙަރާމްކަންތަކުން ދުރުހެލިނުވާ މީހާގެ މިސާލަކީ، ތިމަންނައަކީ ބޮޑު ޢާޝިޤެކޭ ކިޔައި، އެހެން ނަމަވެސް މަޢްޝޫޤާ ގާތަށް ދެވުމުނީމާވެސް ހިތުގެ ވިންދަށް އަވަސްކަމެއް ނާންނަ، ނާރުތަކުގައި ދަތުރުކުރާ ލޭގެ ހަލުއިކަމަށް ބަދަލެއް ނާންނަ މީހާގެ މިސާލެވެ. ނުވަތަ ތިމަންނަ މި ހުރީ ވަރަށް ބިރުގެންފައޭ ބުނެ، ނަމަވެސް ދިފާޢުވާން ވެސް އަދި ފިލަން ވެސް ނޫޅޭ މީހާގެ މިސާލެވެ. މިފަދަ މީހަކީ، ޢާޝިޤަކަށް އަދި ބިރުގެންފައިވާ މީހަކަށް ވެސް ނުވާނެއެވެ. އެހެނީ، ހިތުގައިވާ އެއްޗެއް ދަލީލުކޮށްދޭ އެއްޗަކީ، ބޭރަށް ހާމަވާ އަސަރެވެ. މިހެންވެ، ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ، އީމާންކަމާ ޞާލިޙް ޢަމަލާ ގުޅުވާފައެވެ.

إِنَّمَا الْمُؤْمِنُونَ الَّذِينَ إِذَا ذُكِرَ اللَّهُ وَجِلَتْ قُلُوبُهُمْ وَإِذَا تُلِيَتْ عَلَيْهِمْ آياتُهُ زَادَتْهُمْ إِيمَانَاً وَعَلَى رَبِّهِمْ يَتَوَكَّلُونَ (2) الَّذِينَ يُقِيمُونَ الصَّلاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ (3) أُوْلَئِكَ هُمْ الْمُؤْمِنُونَ حَقّاً ...

އާޔަތުގެ މާނަ: ''ތެދުވެރި މުއުމިނުން ކަމުގައި ވާކަން ކަށަވަރީ، ﷲ ގެ ނަންފުޅު ގަނެވޭ ހިނދު، އެބައިމީހުންގެ ހިތްތައް ބިރުވެތިވާ މީހުންނެވެ. އަދި އެކަލާނގެ ބާވައިލެއްވި އާޔަތްތައް އެއުރެންނަށް ކިޔައިދެވޭހިނދު، އެއުރެންގެ އީމާންކަން އިތުރުވާ މީހުންނެވެ. އަދި އެއުރެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ކިބަފުޅަށް ވަކީލުކުރާ މީހުންނެވެ. (2) އެއުރެންނީ ނަމާދު ޤާއިމުކޮށް، ތިމަންރަސްކަލާނގެ އެބައި މިހުންނަށް ދެއްވި ތަކެތިން ހޭދަކޮށް އުޅޭ މީހުންނެވެ. (3) ޙައްޤު މުއުމިނުންނަކީ ހަމަ އެއުރެންނެވެ. ...'' (އަލްއަންފާލް: 2-4)

إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ وَإِذَا كَانُوا مَعَهُ عَلَى أَمْرٍ جَامِعٍ لَمْ يَذْهَبُوا حَتَّى يَسْتَأْذِنُوهُ إِنَّ الَّذِينَ يَسْتَأْذِنُونَكَ أُوْلَئِكَ الَّذِينَ يُؤْمِنُونَ بِاللَّهِ وَرَسُولِهِ ...

އާޔަތުގެ މާނަ: ''މުއުމިނުން ކަމުގައިވާކަން ކަށަވަރީ، މާތް ﷲ އަށާއި، ރަސޫލާއަށް އީމާންވާ މީހުންނެވެ. އަދި އެ ކަލޭގެފާނު އަރިހުގައި އެއްވުމެއްގައި ތިބެފައި، އެކަލޭގެފާނު އަރިހުން އިޒުނަލިބިގެންފުމަށް ދާންދެން، އެބައިމީހުން ނުދެއެވެ. ހަމަކަށަވަރުން ކަލޭގެފާނުންގެ އަރިހުން އިޒުނަ އެދޭމީހުން، އެބައި މީހުންނަކީ، މާތް ﷲ އާއި ރަސޫލާއަށް އީމާންވާ މީހުންނެވެ.... (އައްނޫރް: 62)

قَدْ أَفْلَحَ الْمُؤْمِنُونَ (1)  الَّذِينَ هُمْ فِي صَلاتِهِمْ خَاشِعُونَ (2) وَالَّذِينَ هُمْ عَنْ اللَّغْوِ مُعْرِضُونَ (3) وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ (4)  وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ (5)  إِلاَّ عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ (6)  فَمَنْ ابْتَغَى وَرَاءَ ذَلِكَ فَأُوْلَئِكَ هُمْ الْعَادُونَ (7) وَالَّذِينَ هُمْ لأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ (8)  وَالَّذِينَ هُمْ عَلَى صَلَوَاتِهِمْ يُحَافِظُونَ (9)

އާޔަތްތަކުގެ މާނަ: ''ހަމަކަށަވަރުން، މުއުމިނުން ދިންނަވައި ނަސީބުލިބިއްޖެއެވެ. (1) އެމީހުންނަކީ، އެ މީހުންގެ ނަމާދުގައި ބިރުވެތިވެ ތިބޭ މީހުންނެވެ. (2) އަދި އެ މީހުންނަކީ، ބޭނުންނެތް ބަސްތަކާއި ކަންތަކުން އެއްކިބާވެ ދުރުހެލިވެތިބޭ މީހުންނެވެ. (3) އަދި އެ މީހުންނަކީ، ޒަކާތްދޭ މީހުންނެވެ. (4) އަދި އެ މީހުންނަކީ، އެ މީހުންގެ ފަރުޖުތައް ރައްކާތެރިކުރާ މީހުންނެވެ. (5) އެބައި މީހުންގެ އަނބިންނާއި މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ، ހަމަކަށަވަރުން، އެބައިމީހުންނީ، އެބައިމީހުންނާ މެދު މަލާމާތް ލިބިގެން ނުވާ މީހުންނެވެ. (6) ފަހެ އޭގެ ބޭރުގައިވާ ކަމަކަށް އެދިއްޖެ މީހާ، ފަހެ، އެފަދަ މީހުންނީ، ހުއްދަވެގެންވާ ސަރަހައްދު ފަހަނައަޅައިދާ މީހުންނެވެ. (7) އަދި އެ މީހުންނަކީ، އެމީހުންގެ އަމާނާތްތަކަށާއި އަދި އެބައިމީހުންގެ ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ.(8) އަދި އެ މީހުންނީ، އެމީހުންގެ ނަމާދުތަކަށް ރައްކާތެރިވާ މީހުންނެވެ.'' (އަލްމުއުމިނޫން: 1-9)

އަދި ވެސް ﷲ ވަޙީކުރައްވާފައި ވަނީ: لَيْسَ الْبِرَّ أَنْ تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَكِنَّ الْبِرَّ مَنْ آمَنَ بِاللَّهِ وَالْيَوْمِ الآخِرِ وَالْمَلائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَى حُبِّهِ ذَوِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ أُوْلَئِكَ الَّذِينَ صَدَقُوا وَأُوْلَئِكَ هُمْ الْمُتَّقُونَ

އާޔަތުގެ މާނަ: ''ހެޔޮކަމަކީ، އިރުމަތީފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައި މީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. ނަމަވެސް ހެޔޮކަންކުރާ މީހާއަކީ، ﷲ އަށާއި، އާޚިރަތަށާއި، މަލާއިކަތުންނަށާއި، ބާވައިލެއްވުނު ފޮތްތަކަށާއި، ނަބީންނަށާއި، މި އެންމެ ފަރާތްތަކަށް އީމާންވި މީހާއެވެ. އަދި މުދަލަށް ލޯބިހުރުމާއެކު ވެސް، ގާތްތިމާގެ މީހުންނަށާއި ޔަތީމުންނާއި މިސްކީނުންނަށާއި، ހާލުގައި ޖެހިފައިވާ ދަތުރުވެރިންނަށާއި، އެހީއަށް އެދިގެން އަންނަ މީހުންނަށާއި، އަޅުން މިނިވަންކުރުމަށް، ހޭދަކުރާ މީހާއެވެ. އަދި ނަމާދުކޮށް ޒަކާތްދީ އުޅޭ މީހާއެވެ. އަދި ޢަހުދެއްކޮށްފި ނަމަ ޢަހުދު ފުއްދާ މީހާއެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަން އައިސް ކުރިމަތިވާ ހިނދުގައްޔާއި، ހަނގުރާމައިގެ ވަގުތުގައި ކެތްތެރިވާ މީހާއެވެ. އީމާންކަމުގައި ތެދުވެރި މީހުންނަކީ މި ސިފަތަކުގެ ވެރިންނެވެ. އަދި ތަޤުވާވެރިންނަކީ ވެސް ހަމަ އެބައި މީހުންނެވެ.'' (އަލްބަޤަރާ: 177)

އީމާންކަން އިތުރުވޭ:

ބައެއް ޢިލްމުވެރިން، އީމާންކަމަށް ބެއްލެވީ އެއީ ބައި ނުކުރެވޭނެ ޢަޤީދާއެއްގެ ގޮތުގައެވެ. މީހަކު ވާނީ ދޭތިން އެކައްޗަށެވެ. މުއުމިނަކަށް ނުވަތަ ކާފިރަކަށެވެ. ދޭތީގެ ދެމެދެއް ނޯންނާނެއެވެ. ވީމާ އީމާންކަމަކީ، އިތުރުވާ އަދި މަދުވާ އެއްޗެއް ވެސް ނޫނެވެ.

ނަމަވެސް، ޖުމްހޫރު ޢިލްމުވެރިން އީމާންކަމަށް ބެއްލެވީ، އެއީ ހެޔޮ ޢަމަލާއި ގުޅިފައިވާ އެއްޗެއްގެގޮތުގައެވެ. އެހެންވީމާ އެއީ އިތުރުވެ އަދި މަދުވެސް ވާ އެއްޗެކެވެ. ރަނގަޅު ރައުޔަކީ މިއީއެވެ. އަދި ޤުރުއާނުގައި ކަނޑައެޅިގެން އައިސްފައިހުރި ނައްޞުތަކުންވެސް އެނގެނީ، އީމާންކަމަކީ މިފަދަ އެއްޗެއް ކަމަށެވެ. ﷲ ވަޙީކުރައްވާފައިވަނީ: وَإِذَا تُلِيَتْ عَلَيْهِمْ آياتُهُ زَادَتْهُمْ إِيمَانَاً

އާޔަތުގެ މާނަ: "އަދި އެކަލާނގެ ބާވައިލެއްވި އާޔަތްތައް އެއުރެންނަށް ކިޔައިދެވޭހިނދު، އެއުރެންގެ އީމާންކަން އިތުރުވާ މީހުންނެވެ." (އަލްއަންފާލް: 2)

وَإِذَا مَا أُنزِلَتْ سُورَةٌ فَمِنْهُمْ مَنْ يَقُولُ أَيُّكُمْ زَادَتْهُ هَذِهِ إِيمَاناً فَأَمَّا الَّذِينَ آمَنُوا فَزَادَتْهُمْ إِيمَاناً وَهُمْ يَسْتَبْشِرُونَ

އާޔަތުގެ ތަފްސީރީ މާނަ: ''ޤުރުއާނުން ސޫރަތެއް ރަސޫލާއަށް ބާވައިލެއްވޭ ހިނދު، މި ސޫރަތުން އެ މީހެއްގެ އީމާންކަން ގަދަވެ އިތުރުވީ ކާކުހޭ، މަލާމާތްކުރުމުގެ ގޮތުން ބުނެ އުޅޭ މީހުން، މުނާފިޤުންގެ ތެރެއިން ވެއެވެ. ފަހެ ސޫރަތް ބާވައިލެއްވުމުން، އީމާންވި މީހުން ސޫރަތާމެދު ވިސްނާ ފިކުރުކޮށް، އެއަށް ޢަމަލުކުރުމުން، އެމީހުންގެ އީމާންކަން އިތުރުވެއެވެ. އަދި އެމީހުންގެ އީމާންކަމާއި ޔަޤީންކަން އިތުރުވާތީ، އެކަމަށްޓަކައި އެބައި މީހުން އުފާކުރެއެވެ. (އައްތައުބާ: 124)

وَلَمَّا رَأَى الْمُؤْمِنُونَ الأَحْزَابَ قَالُوا هَذَا مَا وَعَدَنَا اللَّهُ وَرَسُولُهُ وَصَدَقَ اللَّهُ وَرَسُولُهُ وَمَا زَادَهُمْ إِلاَّ إِيمَاناً وَتَسْلِيماً

އާޔަތުގެ ތަފްސީރީ މާނަ: ''އަޙްޒާބުގެ މީހުން މަދީނާ ވަށަލައިގެން ތިބި ތަން، މުއުމިނުންނަށް ފެނުނު ހިނދު، ނަޞްރު ލިބުމުގެ ވަގުތު ޖެހިއްޖެކަން ހަނދާންވެގެން، މުއުމިނުންތައް ބުންޏެވެ. މިއީ، ތިމަންމެންނާ ކުރިމަތިވާނެ ކަމަށް، ﷲ އާއި އެކަލާނގެ ރަސޫލާ ވަޢްދުކުރެއްވި، މުޞީބާތާއި އިމްތިޙާނާއި އަދި ނަޞްރެވެ. ދެން އެއަށް ފަހު، ނަޞްރު ދެއްވާނެ ކަމަށް ﷲ ވެވެޑައިގަތް ވަޢްދު ފުރިހަމަކުރެއްވިއެވެ. އަދި މުއުމިނުންނަށް ނަޞްރު ލިބޭނެ ކަމަށް، ރަސޫލާ ދެއްވި ޚަބަރު ތެދުކުރެއްވިއެވެ. މުއުމިނުންނަށް އަޙްޒާބުގެ މީހުން ފެނުމުން އެމީހުންގެ އީމާންކަމާއި ކިޔަމަންތެރިކަން މެނުވީ އިތުރެއް ނުވެއެވެ.'' (އަލްއަޙްޒާބު: 22)

ޢަމަލު ނުކުރުމުން ކާފިރަކަށް ނުވޭ:

އަހުލުއްސުއްނަތުގެ ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވާ ގޮތުގައި، ޙަރާމް ކަމެއްގެ ޙަރާމްކަމާމެދު އިންކާރު ނުކޮށް، އެކަން ހަމަ އަދި ކުރުމަކުން، ނުވަތަ ވާޖިބެއްގެ ވާޖިބުކަމާމެދު އިންކާރު ނުކޮށް، އިހާނެތިކުރުމެއް ވެސް ނެތި، އެކަން ހަމަ އަދި ނުކުރުމަކުން، އެ މީހާއަކީ ކާފިރެކޭ ނުބުނެވޭނެއެވެ.[1] ނަމަވެސް އާޚިރަތް ދުވަހުން އޭނާއަށް ނަރަކައިގެ ޢަޛާބު ލިބޭނެއެވެ. އެކަމަކު، އެތާ ދެމިތިބެނިވިގޮތަކަށް ނޫނެވެ.

ވީމާ ޙަދީޘް ބަސްފުޅެއްގައި، ޒިނޭކުރާ މީހާ ޒިނޭކުރާ ހިނދު މުއުމިނަކަށް ނުވާނެއޭ، އޮތުމުގެ މާނައަކީ އޭނާ ޒިނޭކުރާ ވަގުތު، ﷲ އޭނާ ބައްލަވައިވޮޑިގެންވާކަން، އޭނާ ހަނދާން ނުހުންނަ ވާހަކައެވެ. އޭނާ އެކަން ހަނދާންހުރިނަމަ، އެކަލާނގެ ދެކެ އޭނާ ގަންނަ ބިރާއި ލަދާހެދި، އެކަން ނުކުރީހެވެ. ފާސިޤަކު ޒިނޭކުރަން ރާވާ ތައްޔާރުކޮށް، އެކަން ކުރަން ފައްޓައިގަންނަން އުޅެނިކޮށް، އޭނާގެ ބައްޕަ ބަލަހައްޓައިގެން ހުއްޓާ ފެނިއްޖެނަމަ، ފެނޭކަމަށް ވެސް ނަހަދާ އެ ނުބައި ޢަމަލުކުރާނެހެއްޔެވެ؟ ނޫނީ އޭނާގެ ބައްޕަ ދެކެ ގަންނަ ބިރާއި ލަދެއްގެ ސަބަބުން، އެކަން ނުކޮށް ދޫކޮށްލާނީހެއްޔެވެ؟ ފަހެ، ބައްޕަ ދެކެ ބިރާއި ލަދުގަންނަ މީހަކު، ﷲ އޭނާ ބައްލަވައިވޮޑިގެންވާކަން އެނގިއެނގި ހުރެ ވެސް، އެފަދަ ނުބައި ޢަމަލެއް ކުރަން ފަސްނުޖެހެނީ ކީއްވެހެއްޔެވެ؟

އީމާންކަމުގެ މޭވާ

އީމާންކަމުގެ މޭވާއަކީ، އިޙްސާންތެރިކަމާއެކީ ކުރެވޭ ހިތުގެ ޢަމަލުތަކެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ، ޞައްޙަ ޙަދީޘެއްގައި އިޙްސާންތެރިކަމަކީ ކޮބައިކަން ކުރުކޮށް، ޝާމިލުކޮށް، ބަޔާންކޮށްދެއްވާފައެވެ. މި ޙަދީޘްފުޅަށް ބެލީމާ، އެކަލޭގެފާނުގެ ބަލާޣަތްތެރިކަމާއި، އެހެން އިންސާނަކަށް ޢިބާރާތް ނުކުރެވޭނެފަދަ ފަޞާޙަތްތެރިކަން ފެނިގެންދެއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ: أن تعبد الله كأنك تراه ، فإن لم تكن تراه فإنه يراك

ޙަދީޘުގެ މާނަ: ''އެއީ ކަލެއަށް ﷲ ފެންނަ ފަދަ ހާލު އަޅުކަން ކުރާހެން، އަޅުކަން ކުރުމެވެ. ފަހެ ކަލެއަށް ﷲ ނުފެނުނަސް، ހަމަކަށަވަރުން އެ ކަލާނގެ ކަލޭ ދެކެވޮޑިގެންވެއެވެ.''

ހަނދުމަކުރުން:

އީމާންކަމުގެ އެންމެ މުހިއްމު މޭވާއަކީ ހަނދުމަކުރުމެވެ. ޞާލިޙު ބޭކަލެއް، އެ ބޭކަލަކު ޞާލިޙުވެވަޑައިގަތް ގޮތް ކިޔައިދެއްވާފައިވާ ވާހަކައެއް، އަހަރެން ކީމެވެ. އޭގައި އޭނާ ވިދާޅުވެފައިވަނީ، އޭނާ އުޅުއްވީ، އަޅުވެރި ބޮޑު ބޭބެއެއްގެ ގާތުގައިކަމަށެވެ. ދެން އެއްދުވަހަކު އޭނާ ބޮޑު ބޭބެ ގާތުން އެއްސެވެ: ''އޭ ބޭބެއެވެ. އަހަރެން ވެސް ބޭބެފަދަ މީހަކަށް ވާނީ ކިހިނެއްހެއްޔެވެ؟'' ބޭބެ ބުންޏެވެ: ''ﷲ އަހަރެންނަށް ބައްލަވައިވޮޑިގެންވެއެވެ. އަހަރެން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެއެވެ.'' ނަމާދުގެ ފަހުން ދުވާލަކު ތިންފަހަރު މިހެން ކިޔާށެވެ.'' ދެން އޭނާ ހަފްތާއެއް ވަންދެން، އެހެން ކީމާ، ކޮންމެ ނަމާދެއްގެ ފަހުން ތިންފަހަރު ކިޔަން އެންގިއެވެ. ދެން ހަފްތާއެއް ވަންދެން އެހެން ކީމާ، އޭނާގެ ބޮޑު ބޭބެ އެންގީ ދުލުން ކިޔުމުގެ ބަދަލުގައި ހިތުން އެހެން ކިޔުމަށެވެ. އެންމެފަހުން އޭނާއަކީ އަބަދުވެސް ﷲ ހަނދުމަކުރާ، އެކަލާނގެ ބައްލަވައިވޮޑިގެންވާކަން ހަނދާން ހުންނަ މީހަކަށްވެ، އެ އާދާ އޭނާ ގައިގައި އަށަގަތެވެ.

ﷲ ހަނދުމަކުރަން، ޤުރުއާނުގައި ﷲ އަމުރުކުރައްވާފައިވާ ދަރަޖައަށް، އެހެން އެއްވެސް ކަމަކަށް އެކަލާނގެ އަމުރުކުރައްވާފައި ނެތެވެ. ހަނދުމަކުރާ މީހުންނަށް އެކަލާނގެ ޘަނާ ވަޙީކުރައްވާފައިވާ މިންވަރަށް، އެހެން އެއްވެސް ބަޔަކަށް ޘަނާ ވިދާޅުވެފައި ނެތެވެ. އެ ބަހަކުން ޤުރުއާން ބާވައިލެއްވުނު ޢަރަބި ބަހުގައި، 'ޛިކުރު' (ހަނދުމަކުރުން) ގެ ދެ މާނައެއް އޮވެއެވެ. އެއީ ހިތުން ކުރާ ޛިކުރާއި، އަދި ދުލުން ކުރާ ޛިކުރެވެ. މި ދެ ވައްތަރުވެސް، ޤުރުއާނުގައި ނަންގަނެވިފައި އެބައޮތެވެ. މި ގޮތުން ހިތުން ކުރެވޭ ޛިކުރު އައިސްފައިވާ އާޔަތްތަކުގެ ތެރޭގައި މި އަންނަނިވި އާޔަތްތައް ހިމެނެއެވެ.

فَإِنِّي نَسِيتُ الْحُوتَ وَمَا أَنْسَانِي إِلاَّ الشَّيْطَانُ أَنْ أَذْكُرَهُ

އާޔަތުގެ މާނަ: ''އެ މަހުގެ މަތިން އަޅުގަނޑު ހަނދާނެއް ނެތެވެ. އޭގެ މަތިން ހަނދާންކުރުމުން އަޅުގަނޑު ހަނދާން ނައްތާލީ، ޝައިޠާނު ފިޔަވައި އެހެން އެއްޗެއް ނޫނެވެ.'' (އަލްކަހުފް:63)

މި އާޔަތުގައި 'ޛިކުރު' ގެ މާނައަކީ، ހަނދާންކޮށް ސިކުނޑިއަށް ގެނައުމެވެ.

ހަމަ މި ބީދައިން އޮތް އެހެން އާޔަތެއްގައި ވަނީ: اذْكُرْ نِعْمَتِي عَلَيْكَ وَعَلى وَالِدَتِكَ

އާޔަތުގެ މާނަ: ''ކަލޭގެފާނަށާއި ކަލޭގެފާނުގެ މައިކަނބަލުންނަށް، ތިމަންރަސްކަލާނގެ ދެއްވި ނިޢްމަތްތައް ހަނދުމަކުރައްވާށެވެ.'' (އަލްމާއިދާ: 110)

يَا أَيُّهَا النَّاسُ اذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ

އާޔަތުގެ މާނަ: ''އޭ މީސްތަކުންނެވެ. މާތް ﷲ ތިޔަބައިމީހުންނަށް ދެއްވި ނިޢްމަތްތައް ހަނދުމަކުރާށެވެ.'' (ފާޠިރު: 3)

ދުލުން ކުރެވޭ ޛިކުރު އައިސްފައިވާ އާޔަތްތަކުގެ ތެރޭގައި މި އަންނަނިވި އާޔަތްތައް ހިމެނެއެވެ. وَاذْكُرْ فِي الْكِتَابِ مَرْيَمَ

އާޔަތުގެ މާނަ: ''އަދި ކަލޭގެފާނު، މި ފޮތުގައިވާ ގޮތަށް މަރްޔަމްގެފާނަށް ކަންތައް ވި ގޮތުގެ ވާހަކަ ކިޔައިދެއްވާށެވެ.'' (މަރްޔަމް:16)

وَاذْكُرُوا اسْمَ اللَّهِ عَلَيْهِ

އާޔަތުގެ މާނަ: ''އަދި ޝިކާރަކުރުމަށް އެތަކެތި ދޫކޮށް ފޮނުވޭ ހިނދު، މާތް ﷲ ގެ ނަންފުޅު ތިޔަބައި މީހުން ގަންނާށެވެ.'' (އަލްމާއިދާ:4)

اذْكُرْنِي عِنْدَ رَبِّكَ

އާޔަތުގެ މާނަ: ''ތިމަންކަލޭގެފާނުގެ ވާހަކަ، ކަލޭގެ ސާހިބާ ގާތުގައި ބުނާށެވެ...'' (ޔޫސުފް: 42)

ވީމާ، ހަނދުމަކުރާ (ޛިކުރުކުރާ) މީހުންގެ ތެރޭގައި ގުނެން، ކަލޭ ބޭނުންނަމަ، ހިތުން ހަނދުމަކުރާށެވެ. (މި ބަހީ ބުއްދިންނެވެ.) އެކަނި ހުންނައިރާއި މީހުންގެ ތެރޭގައި ހުންނައިރު، ބާޒާރުގައި ހުންނައިރާއި، އަދި މަގުމަތީ ހުންނައިރުވެސް ﷲ ހަނދުމަކުރާށެވެ. ﷲ ކަލޭ ބައްލަވައިވޮޑިގެންވާކަން، ހުރިހާ ވަގުތެއްގައި އަދި ހުރިހާ ހާލެއްގައި ވެސް، ހަނދާންބަހައްޓާށެވެ. އެކަލާނގެ ރުހިވޮޑިގަންނަވާނެ ކަމެއް ނޫނީ ނުކުރާށެވެ. ވާޖިބެއް އަދާކޮށްފިއްޔާ، އެއީ އެކަލާނގެ އަމުރުފުޅަށް ކިޔަމަންގަންނަ ކުރިކަމެއްކަން، ހަނދާންކުރާށެވެ. ޙަރާމް ކަމެއް ނުކޮށް ދޫކޮށްފިއްޔާ، އެއީ އެކަލާނގެ ނަހީކުރެއްވުމަށް ބޯލަނބަންކަން، ހަނދާންކުރާށެވެ. ހުއްދަ ކަމެއް ކޮށްފިއްޔާ، އެކަމުން ޘަވާބަށް އެދި ކުރާށެވެ. ދެ މަގުން ކުރެ މަގެއް އިޚްތިޔާރުކުރަން ހުށައެޅިއްޖެނަމަ، ސުވަރުގެއާ ގާތްވެވޭނެ އަދި ނަރަކައާ ދުރުވެވޭނެ މަގެއް އިޚްތިޔާރުކުރާށެވެ. ހަނދާންނެތިގެން ފާފައެއް ކުރެވި އެކަން ހަނދާންވެއްޖެނަމަ، އަވަހަށް ތައުބާވާށެވެ. ﷲ ގެ ޢަފޫކުރެއްވުމަށް އެދޭށެވެ.

إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِنْ الشَّيْطَانِ تَذَكَّرُوا فَإِذَا هُمْ مُبْصِرُونَ

އާޔަތުގެ ތަފްސީރީ މާނަ: ''ހަމަކަށަވަރުން ތަޤްވާވެރިވީމީހުން، ޝައިޠާނާގެ ފަރާތުން އަންނަ ވަސްވާހެއް ޖެހިއްޖެނަމަ، ﷲ އަށް ކިޔަމަންވުމާއި ތައުބާވުމަކީ، އެ މިހުންގެ މައްޗަށް ﷲ އަމުރުކުރައްވާފައި އޮތް ކަމެއްކަން ހަނދާންކުރެއެވެ. އެ ހިނދު އެ މީހުން ތިބޭނީ އެ ފާފައިން ދުރުވެގަނެ ތެދުމަގުގައެވެ.'' (އަލްއަޢްރާފް: 201)

އަދި ހިތުން ވެސް ޛިކުރުކުރާށެވެ. އެހެނީ، އެންމެ ހެޔޮކަން ބޮޑު ޛިކުރަކީ، ހިތާ ދުލުން އެކުއެކީ ކުރެވޭ ޛިކުރެވެ. ޛިކުރު ކުރާއިރު އޭނާ އެ ކިޔާ އެއްޗެއް ހިތަށް ނާރާކަމަށްވަންޏާ، އެ ވާނީ އެއްވެސް މާނައެއް ނެތް ހުސް ޖުމުލަތަކަކަށެވެ. ޝާމުގެ މަގުތަކުގައި ކޭކު ވިއްކަން އުޅޭ މީހުން، ''ﷲ ދީލަތިވަންތަ'' އޭ ބުނެ އެ ކުރާ ކަހަލަ ޛިކުރަކަށެވެ. އެ މީހުން އެހެން އެ ކިޔަނީކީ ކޮންމެހެން ﷲ މަތިން ހަނދުމަކޮށް ޛިކުރުކުރުމަކަށް ނޫނެވެ. އެކަމަކު، ކޭކު ވިއްކަންވެގެންނެވެ. ކޮޕީ ފަތް ވިއްކަން އުޅޭ މީހުން ވެސް ހަމަ މި ގޮތަށް، ''ﷲ ދެމިވޮޑިގެންވޭ'' އޭ ކިޔައި އުޅެއެވެ.

ދުލުން ކުރެވޭ ޛިކުރަކީ، ބައެއް ފަހަރު ފާފައަކަށް ވެސް ވެދާނެއެވެ. މީގެ މިސާލަކީ، ރާ ބޯންވެގެން ބިސްމި ކިޔުމެވެ. ނުވަތަ ލަވަކިޔާ މީހުން އެ ކިޔާ ފާސިޤު ލަވަތަކުގައި، ﷲ ގެ ނަންފުޅު ކިއުމެވެ. ދީނަށް ފުރައްސާރަ ކުރުމުގެ ޤަޞްދުގައި މިފަދަ ކަމެއް ކޮށްފިއްޔާ، ނުވަތަ އެއީ ފުރައްސާރަ ކުރަންކަން ކަނޑައެޅިގެން ދޭހަވަންޏާ، އެކަން ވާނީ ކުފުރުގެ ޢަމަލަކަށެވެ.

އެންމެ ހެޔޮކަންބޮޑު އެންމެ މާތް ޛިކުރުކުރުމަކީ، ޤުރުއާން ކިޔެވުމެވެ. ނަމަވެސް ރުކޫޢާއި ސަޖިދައިގައި ތަސްބީޙަ ކިޔުމާއި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުން ވަކިކަމަކަށް ޚާއްޞަވެގެން ވާރިދުވެފައިވާ ދުޢާތައް ފަދަ، ޚާއްޞަ ކުރެވިފައިވާ ޛިކުރުތައް ކިޔަން ޖެހޭ ތަންތާނގައި، މޮޅު އިތުރީ ވާރިދުވެފައިވާ ޛިކުރުކުރުމެވެ.

ދެން މި ދުވަސްވަރު، ޛިކުރުކުރުމުގެ ޙަފްލާތަކޭ ކިޔާފައި އަހަރެމެންނަށް މިފެންނަ ކަންތަކަކީ ނަށާލަވަކިޔުމުގެ ޢަމަލެކެވެ. އެހެނީ އެ ޙަފްލާތަކުގައި ކުރެވޭ ކަމަކީ، ވަކި ޚާއްޞަ ރާގަކަށް ވަޒަންހަމަކޮށް ފައިހަމަކޮށް އެނބުރި އެނބުރިފައި ލެނބިލެނބިފައި އުޅުމެވެ. މި ޙަފްލާތަކުގައި ތަހުލީލެއް ތަކުބީރެއް ކިޔުމެއް ނޯވެއެވެ. ތިބެގެން ކިޔަނީ ކީކޭކަން ވެސް ނޭނގޭ އާހުތަކެއް ލައްވަނީއެވެ. ވީމާ މިއީ ޛިކުރުކުރުމެއް ނޫނެވެ. ޙަނަފީ މަޛްހަބުގެ އެންމެ މުހިއްމު މަރްޖިޢު ކަމަށްވާ، ޙާޝިޔަތު އިބްނު ޢާބިދީންގައި ބުނެފައި ވަނީ، މިފަދަ ކަންތަކަކީ އެއީ ޙަރާމް ކަމެއް ކަމަށެވެ. އަދި އެއީ ދީނުގައި ހުއްދަ ކަމަކަށް ހަދައިފިއްޔާ ފަހަރެއްގައި އޭނާ ކުފުރުވެސް ވެދާނެކަމަށެވެ.

ބިރުވެތިވުމާއި އުއްމީދުކުރުން:

ﷲ ގެ ޢަޛާބަށް ބިރުގަތުމާއި، އެކަލާނގެ މާފުކުރެއްވުމަށް އުއްމީދުކުރުމުގެ ދެމެދުގައި މުއުމިނުން ތިބޭ ތިބުމަކީ، އީމާންކަމުގެ މޭވާތަކުގެ ތެރެއިން މޭވާއެކެވެ. ﷲ އަކީ އަވަހަށް ހިސާބު ބައްލަވާ، ޢުޤޫބާތް ގަދަފަދަވެގެންވާ ރަސްކަލާނގެކަން ހަނދާންވީމާ، މުއުމިނުން ބިރުގަންނާނެއެވެ. އަދި، އެއީ ރަޙްމަތްވަންތަ، އޯގާވަންތަ ރަސްކަލާނގެކަން ހަނދާންވީމާ، އެކަލާނގެ މާފުކުރެއްވުމަށް އުއްމީދުކުރާނެއެވެ.

ހަމައެކަނި ބިރުން ހިތް ފުރާލައިފިއްޔާ، ފަހަރެއްގައި އޭނާ ﷲ ގެ ރަޙްމަތްފުޅުން އުއްމީދު ކަނޑާލަފާނެއެވެ.

إِنَّهُ لا يَيْئَسُ مِنْ رَوْحِ اللَّهِ إِلاَّ الْقَوْمُ الكَافِرُونَ

އާޔަތުގެ މާނަ: ''ހަމަކަށަވަރުން، ﷲ ގެ ކުޅަދުންވަންތަކަން އިންކާރުކުރާ، ކާފިރުވާ، މީހުން ނޫނީ މާތް ﷲ ގެ ރަޙްމަތްފުޅާއިމެދު އުއްމީދު ކަނޑައިނުލާނެއެވެ.'' (ޔޫސުފް: 87)

އަނެއްކޮޅުން، ހަމައެކަނި އުއްމީދުތަކަކުން ހިތްފުރާލައިފިއްޔާ، ފަހަރެއްގައި އޭނާ ﷲ ގެ ތަދުބީރުފުޅުން އަމާންވެއްޖެކަމަށް ހެއްލުންތެރިވެދާނެއެވެ.

أَفَأَمِنُوا مَكْرَ اللَّهِ فَلا يَأْمَنُ مَكْرَ اللَّهِ إِلاَّ الْقَوْمُ الْخَاسِرُونَ

އާޔަތުގެ މާނަ: ''ފަހެ މާތް ﷲ ގެ ތަދުބީރުފުޅަށް ބިރެއްނެތި ތިބޭހުށީ ދެރަކަމާއި ގެއްލުން ލިބިފައިވާ މީހުންނެވެ.'' (އަލްއަޢްރާފް: 99)

ކުރިންވެސް ބުނެވިފައިވާނެ ފަދައިން، ޚާލިޤާއި މަޚްލޫޤު އެއްފަދައެއް ނޫނެވެ. އެއް ގޮތެއްވެސް ނޫނެވެ. ވީމާ އެކަލާނގެ ދެކެ ގަންނަ ބިރަކީ، އެ ކަލާނގެ ޚަލްޤުކުރައްވާފައިވާ މަޚްލޫޤުން ދެކެ ގަންނަ ބިރާ ތަފާތު އެއްޗެކެވެ. ދިފާޢުވާނެ ހަތިޔާރެއް ނެތި ހުސް އަތާ ހުއްޓާ، ދަތްކުނޑިވިކައިގެން އަޑުލައްވަމުން އަންނަ ސިންގާއެއް ފެނުމުން، ކަލޭ ބިރުގަންނާނެއެވެ. ނަމަވެސް، ﷲ ދެކެ ގަންނަ ބިރަކީ ފަހަރެއްގައިވެސް، ސިންގާ ދެކެ ގަންނަފަދަ ބިރެއް ނޫނެވެ. އެހެނީ، ސިންގާގެ ނުރައްކަލުން ސަލާމަތްވުމަކީ ވެވިދާނެކަމެކެވެ. ނަމަވެސް ކަލެއާ އަދި ސިންގާގެވެސް ޚާލިޤު، ކަލެއަށް ކަމެއް މެދުވެރުކުރައްވައިފިނަމަ، އެކަމުން ސަލާމަތްވުމަކީ ނުވާނެކަމެކެވެ.

މަގުގެ އަނެއް ކޮޅުން، ސަލާމަތް ނުވެވޭފަދަ ބޮޑު ސައިލެއް ދެމިގެން އަންނަތަން ފެނުމުން، ބިރުގަންނާނެއެވެ. ނަމަވެސް، އެއީ އެ ސައިލު އައުން މެދުވެރިކުރެއްވި ﷲ ދެކެ ގަންނަފަދަ ބިރެއް ނޫނެވެ. އެކަލާނގެ އިރާދަކުރައްވައިފިނަމަ، އެ ސައިލު ގަނޑުވެސް ވެދާނެއެވެ. ހުއްޓިވެސް ދާނެއެވެ. އަދި ސައިލުން ސަލާމަތްވާން ފިލިވެސް ދާނެއެވެ. ނުވަތަ އެއްފަރާތަކަށް ޖެހިވެސް ލެވިދާނެއެވެ. ނަމަވެސް، ﷲ ގެ ޢަޛާބު އަތުވެއްޖެނަމަ އެއިން ފިލައި ރައްކާވުމަކީ، ހަމަހިލާ ވާނެކަމެއް ނޫނެވެ.

ބަލިތަކާއި އާފަތްތަކާއި، ލޯބިވާ މީހުން ގެއްލުމާއި، މުދާ ނެތިދިއުން ފަދަ ކަންކަމަކީ، ކަލޭ ބިރުގަންނަ ކަންކަމެވެ. ނަމަވެސް މިއީ ފަހަރެއްގައި ވެސް، ﷲ ދެކެ ގަންނަ ފަދަ ބިރެއް ނޫނެވެ. މި ހުރިހާ ކަންކަމަކީ ވެސް، އެކަލާނގެ އަތްޕުޅުގައިވާ ކަންކަމެވެ. އެ ކަލާނގެ އިރާދަކުރައްވައިފިނަމަ، ކަލެއަށް މުޞީބާތް މެދުވެރިކުރައްވައެވެ. އިރާދަކުރައްވައިފިނަ، ސަލާމަތްކަން ދެއްވައެވެ. ﷲ ކަލެއަށް މެދުވެރިކުރެއްވި މުޞީބާތަކުން ކަލޭ ސަލާމަތް ކުރެވޭނެ އެއްވެސް ފަރާތެއް، އެއްވެސް އެއްޗެއް މި ކައުނަކު ނުވެއެވެ.

ވީމާ މުއުމިނުން އަބަދުވެސް ތިބެންޖެހޭނީ، ބިރުވެތިވުމާއި އުއްމީދުކުރުމާ ދެމެދުގައެވެ. ނަމާދުގައި الرَّحْمَنِ الرَّحِيمِ އޭ ކިޔާ ވަގުތު އޭނާގެ ހިތަށް ވެރިވާނީ އުއްމީދެވެ. ދެން مَالِكِ يَوْمِ الدِّينِ އޭ ކިޔާ ވަގުތު އޭނާގެ ހިތަށް ވެރިވާނީ ބިރުވެތިކަމެވެ.

ނަމަވެސް ހިތާމައާއެކު ބުނަން ޖެހެނީ، މިއަދުގެ ގިނަ މުސްލިމުން ވަނީ، ބިރުވެތިވުމަށް ވުރެ އުއްމީދު އިސްކޮށްފައެވެ. ޢަޛާބުން ރައްކާތެރިވުމަށް ވުރެ އިސްކަންދެނީ، މާފުލިބޭނެކަމުގެ އުއްމީދަށެވެ.

މުސްލިމަކަށް، ހަމައެކަނި ފަރުޟު ކަންތައް ކޮށްލެވުމުން އަދި ޙަރާމް ކަންތަކުން ދުރުހެލިވެވުމުން، އެވަރުން ރުހި ފުއްދާލައިގެން ނުވާނެއެވެ. އާނއެކެވެ. އެވަރުން އޭނާއަކީ ތަޤުވާވެރި، ސުވަރުގެ ވަންތަވެރިއަކަށް ވެވިދާނެއެވެ. ނަމަވެސް، ސުވަރުގޭގެ މަތީ ދަރަޖަތައް، އެވަރަކުން އަދި ނުލިބޭނެއެވެ. އެފަދަ މީހެއްގެ މިސާލަކީ، ފާސްވާ އެންމެ ދަށު ދަރަޖައިން ފާސްވެގެން ކުލާސް ބަދަލުވާ ދަރިވަރެއްގެ މިސާލެވެ. އޭނާ ފޭލެއް ނުވެއެވެ. އެކަމަކު އޭނާއަކަށް އެއްވެސް އިނާމެއް، ސަނަދެއް ނުލިބޭނެއެވެ. އޭނާ ފާސްވާނީ 'މަޤްބޫލު' ދަރަޖައިންނެވެ. 'ރަނގަޅު' ނުވަތަ 'އެންމެރަނގަޅު' ދަރަޖައަކުން ނޫނެވެ.

ވަކީލުކުރުން:

ﷲ ވަޙީކުރައްވަނީ: إِنْ كُنْتُمْ آمَنْتُمْ بِاللَّهِ فَعَلَيْهِ تَوَكَّلُوا

އާޔަތުގެ މާނަ: ''ﷲ އަށް އީމާންވެގެންވާ ބަޔަކު ކަމުގައި، ތިޔަބައި މީހުން ވާނަމަ، އެކަލާނގެ ކިބަފުޅަށް ވަކީލުކުރާށެވެ.'' (ޔޫނުސް:84)

އަދިވެސް ވަޙީކުރައްވާފައި ވަނީ: إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ

އާޔަތުގެ މާނަ: ''ހަމަކަށަވަރުން ވަކީލުކުރާ މީހުން ދެކެ، މާތް ﷲ ލޯބިވެވޮޑިގަންނަވައެވެ. (އާލްޢިމްރާން: 159)

ދެން އެހެންވިއްޔާ، ވަކީލުކުރުމަކީ ކޮބައިހެއްޔެވެ؟ އޭގެ ޙަޤީޤަތަކީ ކޮބައިހެއްޔެވެ؟ ﷲ ޚަލްޤުކުރެއްވި ތަކެތީގެ ތެރޭގައި، ފައިދާ ލިބޭ އެއްޗެއްސާއި ގެއްލުން ލިބޭ އެއްޗެހި ވާކަމާއި، ދުނިޔޭގެ ސުންނަތްތަކުގެ ތެރޭގައި މަންފާ ލިއްބައިދޭ ސަބަބުތަކަކާއި ގެއްލުން ލިބޭ ސަބަބުތަކެއް ވާކަން، ތަންކޮޅެއް ކުރިން ވާނީ ބުނެވިފައެވެ. ވީމާ ﷲ އާ ވަކީލުކުރުމަކީ، ސަބަބުތައް ދޫކޮށްލުންހެއްޔެވެ؟ ވަކީލުކުރުމަކީ ސަބަބުތައް ދޫކޮށްލުން ކަމަށް ދެކޭ ބަޔަކު ޞޫފީންގެ ތެރޭގައި އުޅުނެވެ. އެ މީހުން، ރިޒުޤު ހޯދާކަށް މަސައްކަތެއް ނުކުރެއެވެ. ތިބެނީ، މަސައްކަތަކާ ނުލާ ރިޒުޤު އަންނާނެ ކަމަށް ބަލަބަލައެވެ. ބަލިވިޔަސް ބޭހެއް ނުކުރެއެވެ. ތިބެނީ، ބޭހަކާ ނުލާ ޝިފާ ލިބޭނެ ކަމަށެވެ. ކޮއްތަކާ ނުލާ ސަހަރާގައި ދަތުރުކުރެއެވެ. ތިބެނީ، ވަރުބަލިކަމެއް ނެތި ކޮއްތު ލިބޭނެކަމަށެވެ. ކިޔެވުން ދޫކޮށްލައެވެ. ތިބެނީ، ހޯދަން ނޫޅެ ޢިލްމު ލިބޭނެ ކަމަށެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، މިއީ އިސްލާމް ދީން އެންގެވި ގޮތާއި މުޅިން ޚިލާފު ގޮތެކެވެ. ދީނުގައި އަންގަވާފައި ވަނީ: فَإِذَا قُضِيَتْ الصَّلاةُ فَانتَشِرُوا فِي الأَرْضِ وَابْتَغُوا مِنْ فَضْلِ اللَّهِ

އާޔަތުގެ މާނަ: ''އަދި ފަހެ ނަމާދުކޮށް އަވަދިވެއްޖައުމުން، ބިމުގައި ފެތުރިދާށެވެ. އަދި، މާތް ﷲ ގެ ނިޢްމަތަށް އެދި މަސައްކަތް ކުރާށެވެ.'' (އަލްޖުމްޢާ:10)

އަދި ޙަދީޘް ބަސްފުޅެއްގެ މާނައިގައި ވަނީ: ''އޭ ﷲގެ އަޅުތަކުންނޭވެ! ބޭސްކުރާށެވެ.'' އަދި ﷲ ވަޙީކުރައްވާފައި ވަނީ: وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى وَاتَّقُونِي يَا أُوْلِي الأَلْبَابِ  އެވެ.

އާޔަތުގެ ތަފްސީރީ މާނަ: ''އަދި ތިޔަބައި މީހުންގެ ހައްޖު ދަތުރު މަތީގައި ބޭނުންވާނެ ކޮއްތު ރައްކާކޮށް ގެންދާށެވެ. އަދި އާޚިރަތް ދުވަހަށް ފަހަށް ރައްކާ ކުރެވޭ އެއްޗަކަށް ހެޔޮ ޢަމަލު ވެސް ލިބިގަންނާށެވެ. ފަހެ ފަހަށް ރައްކާކުރެވޭ އެންމެ ހެޔޮ އެއްޗަކީ ތަޤްވާވެރިކަމެވެ.'' (އަލްބަޤަރާ: 197)

އެހެން ޙަދީޘް ބަސްފުޅެއްގައި ވަނީ: ''ޢިލްމު އުނގެނުމަކީ ފަރުޟެއް'' ކަމަށެވެ. ވީމާ ޢިލްމު އުނގެނުން ދޫކޮށްލައިގެން ހުރެ، އެ ޢިލްމު ލިބޭނެ ކަމަށް ހީކުރުމަކީ، ޝަރީޢަތާވެސް ޚިލާފު އަދި ޠަބީޢަތާ ވެސް ޚިލާފު ކަމެކެވެ.

އަނެއްކޮޅުން ހަމައެކަނި މާއްދާގެ މައްޗަށް ވަކީލުކޮށްގެން، ހަމައެކަނި ދުނިޔެއަށްޓަކާ ދިރިއުޅޭ ބައެއް މީހުން ދެކޭ ގޮތުގައި، ސަބަބުން ނުކުންނަ ނަތީޖާ އުފައްދާ އެއްޗެކީ ސަބަބެވެ. ވީމާ ބޭހަކީ އޭގެ ޒާތުން ފަރުވާ ލިބޭ އެއްޗެކެވެ. ކާމިޔާބަށް ވާޞިލުކޮށްދޭ އެއްޗަކީ މަސައްކަތް އެކަންޏެވެ. ނަމަވެސް މިއީ، ޙަޤީޤަތާއި މުޅިން ޚިލާފު ވާހަކައެކެވެ. ފަހަރެއްގައި ސަބަބު އޮވެފައި، ސަބަބުން ނުކުންނަންޖެހޭ ނަތީޖާ ނުނުކުމެ ވެސް އޮވެދާނެއެވެ. ބޭސްކޮށްގެން ފަރުވާ ނުލިބޭ ފަހަރުވެސް އާދެއެވެ. ދެމީހަކަށް އެއް ބައްޔެއް ޖެހިގެން، ހަސްފަތާލެއްގެ އެއް ކޮޓަރީގައި، އެއް ޙަކީމެއްގެ އަތްމައްޗަށް، އެއް ފަރުވާއެއް ދެމުންދަނިކޮށް، އެކަކަށް ޝިފާލިބިފައި އަނެކަކު މަރުވެސް ވެދާނެއެވެ. ދަނޑުވެރިއަކު އެންމެ ޒަމާނީ އާލަތްތައް ބޭނުންކޮށްގެން ފަސްގަނޑުޖަހާ، އެންމެ މޮޅު ގަސްކާނާ އަޅައި، އެންމެ މޮޅު މުޑުވައް ލައިގެން ދަނޑު އިންދައިގެން ހުއްޓާ، އާދަޔާ ޚިލާފަށް ޖައްވު ހޫނު ނުވަތަ ފިނިވެގެން، ނުވަތަ ވާރޭ ނުވެހި ދަނޑު ހަނަފަސްވެގެން، ނުވަތަ ފެންބޮޑުވެގެން، ކޮށްފައިވާ ހުރިހާ ކަމެއް ބޭކާރުވެގެން ދެއެވެ.

ވީމާ، ހަމައެކަނި ސަބަބު އެއީ، އޭގެ ނަތީޖާ ނެރެދިނުމުގެ ކުޅަދާނަކަން ލިބިގެންވާ އެއްޗެއް ނޫނެވެ. އަދި އަނެއްކޮޅުން، ކަންކަމުގެ ސަބަބުތައް އިހުމާލުކޮށްލުމަކީ، ބުއްދީގެ ގޮތުން ހަމަޖެހޭ ކަމެއްވެސް ނޫނެވެ. ބުއްދީގެ ހަމަތަކަށް ފެތޭ، އަދި ދީނުގައި އަމުރުކުރެވިފައިވަނީ، އިންސާނުން އެމީހުން ކުރާ ކޮންމެ ކަމެއްގައި ވެސް، އެކަމަކަށް ބޭނުންވާ ހުރިހާ ސަބަބުތަކެއްގައި ހިފުމަށެވެ. އަދި މިއަށް ފަހު، އޭގެ ނަތީޖާ ޙާޞިލުކޮށްދެއްވުން އެދި ﷲ އަށް ދުޢާ ދެންނެވުމަށެވެ. ޖަމަލު އައްސާލާފައި، ދެން އެ ނުގެއްލި ރައްކާކަންމަތީ އޮތުން، ﷲ އާ ވަކީލުކުރާށެވެ. ރަނގަޅަށް ފިލާވަޅު ދަސްކުރުމަށް ފަހު، ދެން އިމްތިޙާނުން ފާސްވުން، ﷲ އާ ވަކީލުކުރާށެވެ. ފާސްވުން އެދި ދުޢާކުރާށެވެ.

ޙަޤީޤީ ވަކީލުކުރުމަކީ މިއީއެވެ. ﷲ އާ ވަކީލުކުރުމަކީ ފަހަރެއްގައި ވެސް، ސަބަބުތަކާ މެދު އިހުމާލުވެ ފަރުވާކުޑަކޮށްލުމެއް ނޫނެވެ. ކައުނުގައި ﷲ ލައްވާފައިވާ ޤާނޫނުތައް ބޭކާރުކޮށްލުމެއް ނޫނެވެ. އަދި، ގެއްލުމާއި މަންފާ ދެއްވާ ހަމައެކަނި ފަރާތަކީ މާތް ﷲ ކަން ހަނދާން ނައްތާލުމެއް ވެސް ނޫނެވެ.

ސަބަބުތަކަކީ އޭގައި ކޮންމެހެން ވެސް ހިފަހައްޓަންޖެހޭ އެއްޗެކެވެ. މީގެ ބޭނުން ހިފުމަކީ ދީނުގެ އަމުރުތަކަށް ވެވޭ ކިޔަމަންތެރިކަމެކެވެ. ކައުނު ހިނގުމަށް މާތް ﷲ މެދުވެރި ކުރައްވާފައިވާ ޤާނޫނުތަކަށް ވެވޭ ތަބާއެކެވެ. ނަމަވެސް ހަނދާން ނައްތާލައިގެން ނުވާނެ ކަމަކީ، ހަމައެކަނި ސަބަބުން ފުއްދާނުލެވޭނެ ކަމެވެ. އެހެނީ، ކަންކަމުގެ ނަތީޖާއަކީ މާތް ﷲ ގެ އަތްޕުޅުގައިވާ އެއްޗެކެވެ. ވީމާ ޙައްޤު ގޮތުގައި ﷲ އާ ވަކީލުކުރާ މީހަކީ، ބޭނުންވާ ކަމަށް ވާޞިލުވުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކޮށް، ހިފަންޖެހޭ ހުއްދަ ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، ނަތީޖާއަށް ވާޞިލުކޮށްދެއްވާ ފަރާތަކީ ﷲ ކަމަށް އީމާންވެ، ﷲ އާ ވަކީލުކުރާމީހާއެވެ.

ޝުކުރުވެރިވުން:

ވަކީލުކުރުމަށް ފަހު އޭނާ ހުންނާނީ، އޭނާ އެދުނު ކަންތައް ފުރިހަމަވިޔަސް އަދި ނުވިޔަސް، އެއީ ﷲ އިރާދަކުރެއްވި ގޮތް ކަމަށް ބަލައި، މިންވަރަށް ރުހިގެންނެވެ. އޭރުން އޭނާ ވާނީ ﷲ އަށް ޝުކުރުވެރިވާ މީހަކަށެވެ. وَمَنْ شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ وَمَنْ كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ

އާޔަތުގެ ތަފްސީރީ މާނަ: ''ޝުކުރުކުރާ މީހަކު، ޝުކުރުކުރުމުން އޭގެ މަންފާހުރީ ވެސް ހަމަ އޭނާއަށެވެ. އަދި މީހަކު ނިޢްމަތަށް ދެކޮޅު ހަދައި ޝުކުރުވެރި ނުވިޔަސް، އަހަރެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ފުދިވޮޑިގެންވެއެވެ. އެއީ ދީލަތިވަންތަ ރަސްކަލާނގެއެވެ.'' (އައްނަމްލު:40)

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ:  وَسَيَجْزِي اللَّهُ الشَّاكِرِينَ

އާޔަތުގެ މާނަ: ''އަދި ޝުކުރުވެރިވާ މީހުންނަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާނެއެވެ.'' (އާލްޢިމްރާން: 144)

ﷲ އަށް ޝުކުރުވެރިވުމަކީ، އީމާންކަމުގެ މޭވާތަކުގެ ތެރެއިން މޭވާއެކެވެ. ﷲ ގެ އަޅުތަކުންގެ ތެރެއިން އަޅަކު، ކަލެއަށް ކަމެއް ކޮށްދިނީމާ، އޭނާއަށް ޝުކުރުވެރި ނުވެއްޖެނަމަ އެއީ އޭނާގެ ޙައްޤުގައި ކުރެވޭ ފަރުވާކުޑަކުރުމެކެވެ. އަގުވަޒަން ނުކުރާކަން ދޭހަވާ ކަމެކެވެ. މިތާ ކަމެއް ކޮށްދިން މީހާއަކީ އަސްލު ހަމައެކަނި މެދުވެރިއެކެވެ. ޙަޤީޤީ އިޙްސާންތެރިއަކީ ﷲ އެވެ. ވީމާ، ﷲ އަށް ޝުކުރުވެރިނުވަނީ ކީއްވެހެއްޔެވެ؟ ފެނުމާއި، އިވުމާއި، ދުޅަހެޔޮކަމާއި، އަމާންކަމުގެ ނިޢްމަތް ކަލެއަށް ދެއްވި ފަރާތަކީ ﷲ އެވެ. ދުނިޔޭގައިވާހާ އެއްޗެއް ކަލެއަށްޓަކައި ލައްވާ، ގުނާ ޢަދަދު ނުކުރެވޭނެހާ ގިނަގުނަ ނިޢްމަތްތަކެއް ކަލެއަށް ދެއްވީ ހަމަ ﷲ އެވެ. ނަމަވެސް، ނިޢްމަތެއް ގެއްލުނީމާ ނޫނީ، އޭގެ އަގު އިންސާނުންނަށް ވަޒަން ނުކުރެވެއެވެ. ކޮލު ދަތެއްގައި ރިއްސަން ފެށީމާ، އެންމެ ބޮޑު ނިޢްމަތެއްކަމުގައި އޭނާ ދެކޭނީ އެ ތަދު ފިލުމެވެ. ނަމަވެސް ތަދު ފިލީމާ، އެ ނިޢްމަތް މަތިން އޭނާ ހަނދާންނެތެއެވެ. އެންމެ ރުފިޔާއަކަށް ބޭނުންޖެހި، އެ ނުލިބޭ ދުވަހު، މުއްސަނދިންނަށް ލިބިފައިވާ މުއްސަނދިކަމުގެ ނިޢްމަތަކީ ހާދަހާ ބޮޑު ނިޢްމަތެކޭ އޭނާ ހިތަށް އަރާނެއެވެ. ނަމަވެސް އޭނާ މުއްސަނދިވާ ދުވަހު، އެ ނިޢްމަތް ހަނދާންނެތެއެވެ. ކަރަންޓު ކެނޑި ގޭތެރެއަށް އަނދިރިކަން ވެރިވީމާ، އެއިން ލިބޭ އަލީގެ ނިޢްމަތް އިޙްސާސްކުރެވޭނެއެވެ. ނަމަވެސް ކަރަންޓު އައިމާ، އެއީ އެއްވެސް އެއްޗަކަށް ނުވެއެވެ.

ގުނާ ޢަދަދު ނުކުރެވޭހާ ގިނަ ނިޢްމަތް، ﷲ ކަލެއަށް ދެއްވާފައިވާތީ، އެކަމަށް އެކަލާނގެއަށް ޝުކުރުވެރި ނުވަންހެއްޔެވެ؟

ﷲ އަށް ޝުކުރުވެރިވާނީ ދުލުންނެވެ. ދުލުން ޝުކުރުވެރިވުމަކީ، ''އަލްޙަމްދު ލިއްﷲ'' އޭ ފަދަ ދުޢާތައް ކުރުމެވެ.

ﷲ އަށް ޝުކުރުވެރިވާނީ ޢަމަލުންނެވެ. ޢަމަލުން ޝުކުރުވެރިވުމަކީ، އެކަލާނގެ ކަލެއަށް ނިޢްމަތެއް ދެއްވާފައިވަނިކޮށް، އެފަދަ ނިޢްމަތަކުން މަޙްރޫމުވެފައިވާ މީހަކު ފެނިއްޖެނަމަ، ނިޢްމަތުގައި އޭނާ ބައިވެރިކުރުމެވެ. މުއްސަންޖަކު ޝުކުރުވެރިވުމަކީ، ފަޤީރުންނަށް ޞަދަޤާތްކުރުމެވެ. ވަރުގަދަ މީހަކު ޝުކުރުވެރިވުމަކީ، ބަލިކަށި މީހާއަށް އެހީތެރިވުމެވެ. ވެރިކަމާއި ބާރު ލިބިފައިވާ މީހަކު ޝުކުރުވެރިވުމަކީ، ޙައްޤު ޤާއިމުކޮށް ޢަދުލުގެ މަގުން ހިނގުމެވެ. ތަނަވަސްކަން ލިބި، ކާމޭޒު މަތީ ފަސް ބާވަތުގެ ކާއެއްޗެހި ހުއްޓާ، އަވައްޓެރިއާ ބަނޑުހައިކަން މަތީ އޮވެއްޖެނަމަ، ''އަލްޙަމްދު ލިއްﷲ'' އޭ ހާސްފަހަރު ބުންޏަސް ކަލެއަކީ ޝުކުރުވެރިވާ މީހުންގެތެރޭގައި ހިމެނޭނެ މީހެއް ނޫނެވެ.

ﷲ އަށް ޝުކުރުވެރިވާނީ ހިތުންނެވެ. ހިތުން ޝުކުރުވެރިވުމަކީ، އެ ކަލާނގެ ދެއްވި ނިޢްމަތަށް ރުހުމެވެ. ދެއްވި މިންވަރަށް ފުދުމެވެ. މިންވަރު މަދުވެގެން ހިތްހަމަނުޖެހިގެން ނުއުޅުމެވެ. އެހެން މީހަކަށް އެކަލާނގެ ދެއްވި ނިޢްމަތަކަށް ޙަސަދަވެރި ނުވުމެވެ.

ވީމާ، ދެއްވި ނިޢްމަތަށް ރުހިގެން ހިތުން ޝުކުރުވެރިވެ، ބޭނުންޖެހިފައިތިބޭ މީހުންނަށް ދީގެން ޢަމަލުން ޝުކުރުވެރިވެ، ގިނަގިނައި ޙަމްދު ކިޔައި ދުލުން ޝުކުރުވެރި ވެއްޖެ މީހަކީ، ﷲ އަށް ޝުކުރުވެރިވާ މީހުންގެތެރެއިން ވާ މީހެކެވެ.

ކެތްތެރިކަން:

މުސްލިމު ވަނީ ދެ ނިޢްމަތެއްގެ ދެމެދުގައެވެ. އޭނާއަށް ރަނގަޅު ގޮތެއް ވެގެން، ޝުކުރުވެރިވެއްޖެނަމަ ޘަވާބު ލިބެއެވެ. އަދި ނުބައި ގޮތެއް ކުރިމަތިވެގެން، ކެތްތެރިވީމާ ވެސް ޘަވާބު ލިބެއެވެ.

ޝުކުރުވެރިވާ މީހުންނަށް ދެއްވާ ޘަވާބާއި އެއްވަރު، ނުވަތަ އެއަށްވުރެ ގިނަ ޘަވާބު، ކެތްތެރިވާ މީހުންނަށް ނޫނީ ﷲ ނުދެއްވައެވެ. މިގޮތުން ﷲ ވަޙީކުރައްވާފައިވެއެވެ:  وَلَنَجْزِيَنَّ الَّذِينَ صَبَرُوا أَجْرَهُمْ بِأَحْسَنِ مَا كَانُوا يَعْمَلُونَ

އާޔަތުގެ ތަފްސީރީ މާނަ: ''ހަމަކަށަވަރުން ދީނުގެ ތަކުލީފުތަކަށް ކެތްތެރިވީ މީހުންނަށް، އެބައިމީހުން ކުރަމުންދިޔަ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮ ޢަމަލަށް ތިމަންރަސްކަލާނގެ އެބައި މީހުންނަށް ދަރުމަ ދެއްވާހުށީމެވެ. އެބަހީ އެމީހުންނަށް ކުރެވިފައިވާ ނުބައި ޢަމަލުތަށް ޢަފޫކުރައްވާ، ކުރެވިފައިހުރިއްޔާ ހުރި ރަނގަޅު ޢަމަލަކަށް ހެޔޮ ޖަޒާދެއްވާނެއެވެ.'' (އައްނަޙްލު: 96)

ދުނިޔަވީ މި ޙަޔާތަކީ، ނިޢްމަތުގެ ގޮވައްޗެއް ނޫނެވެ. ބަލިވުމާއި، މުދާ ގެއްލިދިއުމާއި، ލޯބިވާމީހުން މަރުވުމާއި، އެކުވެރިންގެ ޣަދަރުވެރިކަމާއި، އަމާންކަން ނެތިދިއުން ފަދަ ކަންތައްތަކުން، މި ދުނިޔޭގައި އަހަރެމެންގެ ޙަޔާތަށް ކިލަނބުކަން އާދެއެވެ. މިއީ މި ދުނިޔޭގެ ބަދަލުވުމެއް ނެތް ޠަބީޢަތެވެ.

ޅެންވެރިއަކު ބުނެފައިވެއެވެ:

1- ޙަޔާތަކީ އޭގައި ކިލަނބުކަން ވާ އެއްޗެކެވެ. ނަމަވެސް ކަލޭ އެ ބޭނުންވަނީ، ކިލަނބުކަމެއް ހަޑިކަމެއް ނެތް ސާފު އެއްޗެއްގެ ގޮތުގައެވެ.

2- ޒަމާނުގެ ޠަބީޢަތާ އިދިކޮޅަށް އެއަށް އެދޭ މީހާ، ފެންގަނޑަކުން އަލިފާންދަރުގަނޑެއްހޯދަން އުޅޭ މީހާފަދައެވެ.

ﷲ ވަޙީކުރައްވާފައި ވެއެވެ: وَلَنَبْلُوَنَّكُمْ بِشَيْءٍ مِنْ الْخَوْفِ وَالْجُوعِ وَنَقْصٍ مِنْ الأَمْوَالِ وَالأَنفُسِ وَالثَّمَرَاتِ وَبَشِّرْ الصَّابِرِينَ

އާޔަތުގެ ތަފްސީރީ މާނަ: ''ކޮންމެވެސް ވަރެއްގެ ބިރުވެރިކަމާއި ބަނޑުހައި ހޫނުކަމާއި، މުދަލުގެ ދަތިކަމުންނާއި، މަރުވެ ނުވަތަ ޝަހީދުވުމުން ފުރާނަތައް މަދުވުމާއި، ދަނޑުން ލިބޭ މޭވާ މަދުވުމުން، ތިޔަބައިމީހުންގެ ކެތްތެރިކަން ހުރި ގޮތެއް ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބައްލަވާހުށީމެވެ. އަދި ކެތްތެރީންނަށް އުފާވެރިކަމުގެ ޚަބަރު ކަލޭގެފާނު ދެއްވާށެވެ.'' (އަލްބަޤަރާ: 155)

ކެތްތެރިންނަކީ ދިމާވާ ދަތިތައް، ދުވަސްކޮޅަކުން ހަނދާންނެތި، އަދި ފަހުން އޭގެ ޘަވާބު ލިބޭ ބައެކެވެ. ކެތްތެރިނުވާ މީހުންނަކީ އުނދަގޫ އުފުލާފައި، އަދި ފަހުން ވެސް އެއްޗެއް ލިބޭނެ ބައެއް ނޫނެވެ.

އުނދަގޫތަކާއި މުޞީބާތްތަކާއި ކުރިމަތިނުލާ ފިލައިގެނެއް އިންސާނުންނަކަށް ނުއުޅެވޭނެއެވެ. ވީމާ އޮތް ގޮތަކީ، ކެތްތެރިކަމާއެކީ އެއާ ކުރިމަތިލައި، ފަރުވާއެއް ހޯދަން މަސައްކަތްކޮށް، ހެޔޮ އަޖުރު ލިބިގަތުމެވެ. ނުވަތަ، އޭގެ މައްޗަށް ކެކިއަރައިގަތުމެވެ. މިހެން ހެދުމަކުން ކަލޭގެ ދަތިކަން ފަސޭހައަކަށް ބަދަލެއް ނުވާނެއެވެ. އަދި ކުރިމަތިވެފައިވާ ކަމެއް، ދުރެއްވެސް ނުކުރެވޭނެއެވެ.

ކެތްތެރިވުމުގެ ފުރަތަމަ ވައްތަރަކީ، މިއީއެވެ. އާދެ! މުޞީބާތްތަކަށް ކެތްތެރިވުމެވެ.

ދެވަނަ ވައްތަރަކީ، ފާފަތަކުން ކެތްތެރިވުމެވެ. އެހެން ގޮތަކަށް ބުނާނަމަ ފާފަތަކާ ދުރުގައި ހުރުމަށް ކެތްތެރިވުމެވެ. ހާމަ ޢައުރަތައް ފެނިގެން، އެ ބަލަން ޒުވާނަކު ހިތް ލެނބޭ ހިނދުވެސް، ﷲ އަށް ބިރުވެތިވާތީ ބެލުން ތިރިކުރެއެވެ. ޙަރާމްކުރެވިފައިވާ ހިތްހަމަޖެހުންތައް ހޯދޭނެ ގޮތްތައް އެނގި، އެއަށް ހިތް އެދޭ އިރުވެސް، އެ މަގުން އޭނާ ނުދެއެވެ. ހަ މަހު މުސާރައާ އެއްވަރު ރިޝްވަތެއް ދެވުނީމާ، ފައިސާއަށް ބޭނުންޖެހިފައި ވުމާއެކު ވެސް، މުވައްޒަފު އެ އަތުނުލައެވެ. އިމްތިޙާނުގައި ފޮތް ބަލައިގެން ނަކަލު ކުރާނެ ފުރުޞަތު ލިބި، އަދި ފާސްވެވެން އޮތީ ހަމައެކަނި އެ ގޮތް ކަމަށް ވިޔަސް، ދަރިވަރު ފޮތް ނުބަލައެވެ. މިފަދަ ހުރިހާ ކަމަކީ ވެސް، ފާފަތަކުން ކެތްތެރިވުމުގެ ތެރޭގައި ހިމެނޭ ކަންތަކެވެ.

މަނާ ކޮންމެ ފާފައަކީ އެކަން ކުރަން ނަފުސު އެދޭނެ ކަމެކެވެ. ނަމަވެސް، އެކަން ކުރެވެން އޮތްވާވެސް، ނުކޮށް ދުރުހެލިވެގަންނަ މީހާއަކީ، ކެތްތެރީންގެ ތެރެއިން ވާ މީހެކެވެ.

ތިންވަނަ ވައްތަރަކީ، ހެޔޮކަންތައް މަތީ ކެތްތެރިވުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ހެޔޮކަންތައް ކުރުން މަތީ ކެތްތެރިވެ ދެމިހުރުމެވެ. ފިނި ރެއެއްގެ ހޫނު ތަންމަތި ދޫކޮށް ފަތިސް ނަމާދަށް ތެދުވާން ކެތްތެރިވުމެވެ. ރޯދަ މަހެއްގެ ހޫނު ދުވާލެއްގެ ބަނޑުހައިކަމާއި ކަރުހިއްކުމަށް ކެތްތެރިވުމެވެ. ޒަކާތް ދިނުމަށާއި ޞަދަޤާތް ކުރުމަށް، މުދަލަށް ދަހިވެތި ނަފްސަށް ބާރު އެޅުން މަތީ ކެތްތެރިވުމެވެ. ފާސިދު މި ޒަމާނުގައި ދީނުގައި ހިފަހައްޓައިގެން ހުރުމަށް، ކެތްތެރިވުމެވެ. ފެއްޓުނު އިރު ބީރައްޓެހިކޮށް އޮތް ގޮތަށް، މިއަދު ދީން މި ވަނީ ބީރައްޓެހިވެފައެވެ. ދީންވެރި މީހާއަކީ، މިއަދު މީހުންގެ މަލާމާތް ލިބޭ މީހެކެވެ. ވެރިންގެ އުނދަގޫ ލިބޭ މީހެކެވެ. މުސާރަ ކެނޑޭ މީހެކެވެ. ރަށުން ނެރެލެވޭ މީހެކެވެ. މި ކަންތައްތައް ތަޙައްމަލުކޮށް ކެތްތެރިވެ، ﷲ ގެ ދަރުމައަށް އެދޭ މީހަކީ ކެތްތެރިންގެ ތެރެއިން ވާ މީހެކެވެ. މިފަދަ މީހުންނާ ބެހޭ ގޮތުން ﷲ ވަޙީކުރައްވާފައި ވަނީ: الَّذِينَ صَبَرُوا وَعَلَى رَبِّهِمْ يَتَوَكَّلُونَ

އާޔަތުގެ ތަފްސީރީ މާނަ: ''ﷲ ގެ މަގުގައި ހިޖުރަކުރި މީހުންނީ ކުރިމަތިވި ދަތިއުނދަގޫތަކަށާއި، އަދި ހެޔޮކަން ކުރުމަށާއި، ނަހީތަކުން ދުރުވެ ތިބުމަށް ކެތްކުޅަ މީހުންނެވެ. އަދި އެބައިމީހުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ކިބައަށް ވަކީލުކޮށް އުޅުނެވެ. ދުނިޔެއާއި އާޚިރަތުގެ މަތިވެރި ދަރަޖަ އެ މީހުންނަށް ލިބުނީ މި ސަބަބުތަކަށްޓަކައެވެ.'' (އައްނަޙްލު: 42)

أُوْلَئِكَ يُؤْتَوْنَ أَجْرَهُمْ مَرَّتَيْنِ بِمَا صَبَرُوا وَيَدْرَءُونَ بِالْحَسَنَةِ السَّيِّئَةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ

އާޔަތުގެ ތަފްސީރީ މާނަ: ''އެ މީހުންނަކީ (ކުރީގެ ފޮތްތަކަށް އީމާންވުމަށް ފަހު ޤުރުއާން ބާވައިލެއްވުނީމާ ޤުރުއާނަށް ވެސް އީމާންވެ، ﷲ އަށް ކިޔަމަންވެ ބޯލަނބައިގެން ތިބޭ މީހުން) ޙައްޤު ގޮތުގައި ކެތްތެރިވެ ތިބިކަމަށްޓަކައި ދެ ފަހަރު ޘަވާބު ލިބޭނެ ބައެކެވެ. (ފުރަތަމަ ޘަވާބަކީ އެމީހުންގެ ފޮތްތަކަށް އީމާންވީތީ ލިބޭ އެއްޗެކެވެ. ދެވަނަ ޘަވާބަކީ ޤުރުއާނަށް އީމާންވެ ތެދުމަގުގައި ކެތްތެރިވީ ކަމަށްޓަކައި ލިބޭ އެއްޗެކެވެ.) (އަލްޤަޞަޞް: 54)

وَمَا يُلَقَّاهَا إِلاَّ الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلاَّ ذُو حَظٍّ عَظِيمٍ

އާޔަތުގެ ތަފްސީރީ މާނަ: ''ކެތްތެރިވާ މީހުންނަށް ނޫނީ އެގޮތަށް (ހެޔޮ ޢަމަލުކޮށް، ދީނަށް ގޮވައިލައި، މުސްލިމުންގެ ތެރެއިންވާ މީހެއް ގޮތުގައި ސާބިތުވެ ހުރެ، އަދި މީހުންގެ ފަރާތުން ލިބޭ ނުބައިކަންތަކަށް ހެޔޮކަން ދިނުން) ކަންތައް ނުކުރެވޭނެއެވެ. އަދި މަތިވެރި ނަސީބުވެރިއަކަށް ނޫނީ މިކަން މި ގޮތަށް ނުކުރެވޭނެއެވެ. (ފުއްޞިލަތު: 35)

ﷲ ގެ ޙުކުމްފުޅަށް ބޯލެނބުން:

އީމާންވުމަކީ ހިތުން ކުރެވޭ ކަމެކޭ، ކުރިން ވާނީ ބުނެވިފައެވެ. ވީމާ މީހެއްގެ ހިތުގައިވާ އީމާންކަމަކީ، އެއީ ﷲ ފިޔަވާ އެހެން ފަރާތަކަށް ނޭނގޭނެ ސިއްރެކެވެ. އިންސާނުންނަށް އެނގޭނީ މީހާގެ ބޭރުފުށުން ފެންނަ އެއްޗެކެވެ. މުއުމިނުންނާއި މުއުމިން ނޫން މީހުން ވަކިކުރަން، އަހަރެމެން ބަލަނީ އެ މީހެއްގެ ބަހާއި ޢަމަލަށެވެ. ވީމާ އީމާންކަން ބޭރުފުށަށް ހާމަކޮށްދޭ އެއްޗަކީ، އިސްލާމްކަމެވެ. ބަހުގެ ގޮތުން ބަލާއިރު، 'އިސްލާމް' މި ކަލިމައިގެ މާނައަކީ ކިޔަމަންގަތުމެވެ.

ދަރިފުޅު ބައްޕައަށް ކިޔަމަންގަންނަނީ ބައްޕައަށް އިތުބާރުކުރާތީއެވެ. ލޯބިވެރިއާ މަޙްބޫބަށް ކިޔަމަންގަންނަނީ، އޭނާއަށް ހިތް ލެނބޭތީއެވެ. ބަލިވެފައިވާ މީހަކު ބަލިކުރި މީހާއަށް ކިޔަމަންގަންނަނީ، އޭނާ ދެކެ ބިރުންނެވެ. ނަމަވެސް މިއާ ޚިލާފަށް، މުއުމިނުން ﷲ ގެ ޙުކުމްފުޅަށް ކިޔަމަންގަންނަނީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. އަމިއްލަ އެދުމެއް ނެތިއެވެ. ޙިކުމަތް ނޭނގުނަސް، މަންފާއެއް ނުފެނުނަސް، އެކަލާނގެ ކޮންމެ އަމުރުފުޅަކަށް ކިޔަމަންވެ ބޯލަނބައެވެ. ނަހީކުރެއްވުމުގެ ސިއްރު ހާމަނުވިޔަސް، ނަހީކުރެއްވި ކޮންމެ ކަމަކުން ދުރުވެގަނެއެވެ.

މި ގޮތަށް ވެވޭ ކިޔަމަންގަތުމުގެ ދެ ފަޅިއެއް އޮވެއެވެ. ބަހާއި ޢަމަލުން ކުރަންޖެހޭ ޢަމަލީ ފަޅިއަކާއި، ނަފްސާނީ ފަޅިއެކެވެ. އިސްލާމްކަމާއި ބެހޭގޮތުން ވާހަކަ ދައްކާ ފޮތުގައި، ޢަމަލީ ފަޅިއާ ބެހޭގޮތުން ފަހުން ވާހަކަ ދައްކާނަމެވެ. އީމާންކަމާއި ބެހޭގޮތުން ވާހަކަ ދައްކާއިރު، އަހަރެން މިތާ ވާހަކަ ދައްކަން މި އުޅެނީ، ފަހުން މި ބުނި ނަފްސާނީ ފަޅިއާ ބެހޭގޮތުންނެވެ.

ﷲ އަށް ކިޔަމަންގަތުމުގައި އޮންނަ ނަފްސާނީ ފަޅިއަކީ، އެކަލާނގެ ޝަރުޢުކުރެއްވި ކޮންމެ ޙުކުމަކަށް ހިތުން ރުހި ޤަބޫލުވުމެވެ. އެއާ މެދު ހިތްހަމަޖެހުމެވެ. ހިތުގައި ފޫހިކަމެއް ނުރުހުމެއް ނެތި، އަމިއްލަ ޤަބޫލުކަމާއެކީ، ޝަރީޢަތަށް ކިޔަމަންވެ ބޯލެނބުމެވެ. މި ބީދައިން ﷲ ވަޙީކުރައްވާފައިވަނީ: فَلا وَرَبِّكَ لا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ

އާޔަތުގެ ތަފްސީރީ މާނަ: ''ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެމީހުންގެ މެދުގައި އުފެދޭ އަރާރުންތަކާއި މައްސަލަތައް ނިންމުމަށް، ކަލޭގެފާނުގެ ޙަޔާތުގައި ކަލޭގެފާނު ޙުކުމްވެރިކޮށް، އަދި ކަލޭގެފާނު ސުވަރުގެވަޑައިގަތުމަށް ފަހު ކަލޭގެފާނު ގެންނެވި ޝަރީޢަތާއި ސުންނަތް ޙުކުމްވެރިކޮށްފުމަށް ދާންެދެން އެބައި މީހުން އީމާނެއް ނުވެއެވެ.'' (އައްނިސާ:65)

ޢަމަލީ ފަޅިއަކީ މިއީއެވެ.

ثُمَّ لا يَجِدُوا فِي أَنفُسِهِمْ حَرَجاً مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيماً

އާޔަތުގެ މާނަ: ''... އަދި ކަލޭގެފާނު ނިޔާކުރެއްވި ގޮތާއިމެދު ހިތްހަމަ ނުޖެހިގެން ހިތްތަކުގައި ކުޑަވެސް ދަތިކަމެއް ނުބާއްވާ، އަދި އެ ޙުކުމަށް ފުރިހަމައަށް ކިޔަމަންވެ ބޯލަނބައްޖެއުމަށް ދާންދެނެވެ.'' (އައްނިސާ:65)

ނަފްސާނީ ފަޅިއަކީ މިއީއެވެ.

ވީމާ، ނިޔާކުރެއްވުން އެދި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހަށް ދިޔައަކަސް، އެ ކަލޭގެފާނު ކުރެއްވި ނިޔާއަކީ ރަނގަޅު ނިޔާއެއް ކަމުގެ ޔަޤީންކަން އަހަރެމެންގެ ހިތުގައި ނެތިއްޔާ، އަދި ނިޔާއާ މެދު ރުހި ހިތްހަމަނުޖެހެންޏާ، އީމާންވި ކަމުގައި ނުވާނެއެވެ. إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَنْ يَقُولُوا سَمِعْنَا وَأَطَعْنَا وَأُوْلَئِكَ هُمْ الْمُفْلِحُونَ

އާޔަތުގެ ތަފްސީރީ މާނަ: އެކަމަކު ޙުކުމްކޮށް އިންސާފު ޤާއިމުކުރުމަށްޓަކައި، ﷲ ބާވައިލެއްވި ފޮތާއި ކީރިތި ރަސޫލާގެ ޙުކުމްފުޅަށް ރުޖޫޢަވުމަށް ގޮވައިލެވޭ ހިނދު، ޙަޤީޤީ މުއުމިނުން ބުނާނީ: ތިމަންމެން އަޑުއަހައި ކިޔަމަންވެއްޖައީމޭ އެވެ. ފަހެ ދިންނަވައި ސުވަރުގޭގެ ނަސީބު ލިބޭ މީހުންނަކީ އެބައި މީހުންނެވެ.''(އައްނޫރު: 51)

ޝަރުޢުގައި ކަމަކަށް އަމުރުކުރެވިއްޖެނަމަ ނުވަތަ ކަމަކުން ނަހީކުރެވިއްޖެނަމަ، އޭގެ ޙިކުމަތަކީ ކޮބައިތޯ އަހައި އަބަދު ސުވާލު ކުރާ، ބައެއް މީހުން އުޅެއެވެ. ޙިކުމަތް އެނގުނީމާ ނޫނީ، އެކަން ކުރަން ބޭނުން ނުވަނީތޯއްޗެކެވެ؟! ޝަރުޢުގައި އައިސްފައިވާ ކޮންމެ ކަމަކީ ވެސް އޭގެ ފަހަތުގައި ޙިކުމަތްތަކެއް ވާނެ ކަމެއް ކަމާމެދު ޝައްކެއް ނެތެވެ. ނަމަވެސް، އެއީ ނައްޞަކުން ނުވަތަ ދޭހައަކުން، ބައެއް ފަހަރު އެނގޭ އެއްޗެކެވެ. އަނެއްބައި ފަހަރު ނޭނގޭ އެއްޗެކެވެ. ވީމާ، ކަމެއްގެ ޙިކުމަތް ނޭނގުނީމާ އަހަރެމެން ވީ، ﷲ އަށް ނުކިޔަމަންތެރިވާންހެއްޔެވެ؟!

ތަޞައްވަރު ކޮށްލަބަލާށެވެ! ކަލޭގެ ދަރިއަކަށް އަމުރެއް ކޮށްފިއްޔާ، އޭގެ ޙިކުމަތާއި، ކަލޭ އެކަމުން ބޭނުންވާ މަޤްޞަދު ބުނެނުދޭހާ ހިނދަކު، އޭނާ އެކަން ނުކުރެއެވެ. ފަހަރެއްގައި ކަމަކީ، އޭގެ ޙިކުމަތާއި މަޤްޞަދު ބުނެދޭން އެކަށީގެން ނުވާ ސިއްރު ކަމަކަށް ވެސް ވެދާނެއެވެ. ނުވަތަ އެ ހުރިހާ ވާހަކައެއް ކިޔާދޭނެ ވަގުތުވެސް ނޯވެދާނެއެވެ. ފަހެ، މިފަދަ ދަރިއަކީ، އަމުރަށް ނުކިޔަމަންތެރި ދަރިއެއް ކަމުގައި ނުބަލާނަންހެއްޔެވެ؟ އެއީ ކަލޭގެ ދަރިއަކަށް ވާތީ، އަދި ކަލޭ ތީ އޭނާގެ ބައްޕައަށް ވާތީ، ކުރާ ކޮންމެ އަމުރަކަށް ކޮންމެ ވަގުތެއްގައި ވެސް އިޖާބަ ދޭން، ކަލޭ ނޭދެން ހެއްޔެވެ؟ ހަނގުރާމައިގެ ތެރޭގައި ކަމެއް ކުރަން، ޢަސްކަރީ ކޮމާންޑަރަކު ސިފައިންގެ މީހަކަށް އެންގީމާ، އެ ރޭވުމުގެ ފަހަތުގައި ވާ ޙިކުމަތަކާއި މަޤްޞަދެއް ކިޔާ ނުދެނީސް، އަމުރު ތަންފީޒު ކުރަން ދެކޮޅު ހަދައިފިނަމަ، ޢަސްކަރީ އަމުރަށް ނުކިޔަމަންތެރިވުމުގެ އަދަބު ޙައްޤު ނުވާނެހެއްޔެވެ؟

އަޅާގެ މައްޗަށް ވާ ﷲ ގެ ޙައްޤަކީ، ދަރިއެއްގެ މައްޗަށް ވާ ބައްޕަގެ ޙައްޤާއި، އަދި ސިފައިންގެ މައްޗަށް ވާ ކޮމާންޑަރުގެ ޙައްޤާއި، އަޅާ ކިޔޭނެ އެއްޗެއް ނޫނެވެ. އަހަރެމެންގެ މައްޗަށް ވާޖިބުވެގެން ވާ ﷲ ގެ ޙައްޤަކީ، އެކަލާނގެ ކުރެއްވި ކޮންމެ އަމުރުފުޅަކަށް ކިޔަމަންގަތުމެވެ. އެއީ އަހަރެމެން އެދޭ ކަމަކަށް ވިޔަސް ނުވިޔަސް، ހުރިހާ ހާލަތެއްގައި ކިޔަމަން ގަތުމެވެ. ފަހަރެއްގައި ވެސް އަހަރެމެން ޖެހޭނީ، ހީލަތުން ދަލީލު ނެރެ، ހަވާނަފުސާ ގުޅޭ ރައުޔެއް ފިޤުހު ފޮތަކުން ފެނޭތޯ ހޯދާ އަތްފުނައަޅާކަށް ނޫނެވެ. އަދި އޭގެ ފަހަތުން އަހަރެމެން ދުވަމުން މި ދާ ހުޅަނގުގެ ޙަޟާރަތާއި އާދަކާދައަކީ، ދީނުގެ ޙުކުމްތަކަށް ޙުއްޖަތް ހޯދޭ އެއްޗަކަށް ހަދައި، ނައްޞުތަކުން ދޭހަވާ މާނަ ނޫން މާނަ ނެރޭކަށް ވެސް ނޫނެވެ. ދީނުގެ ޙުކުމްތައް، ހުޅަނގުގެ އަގުތަކާއި އާދަކާދައަށް ލަންބަން އުޅޭ މީހުން ނުޙައްޤު ބޭނުމެއްގައި ބުނެ އުޅޭ ޙައްޤު ބަހަކީ، މި ދީނަކީ ހުރިހާ ޒަމާނަކަށް ވެސް ފެތޭ ދީނެއް ކަމަށެވެ. ވީމާ މިހާރު ދުނިޔޭގައި މި އޮތް އާދަކާދަތަކަކީ އިސްލާމްދީނާއި ފުށުއަރާ އެއްޗެއް ނޫނެވެ. ދެން މި އާދަކާދަ ބަދަލުވެ، ހުޅަނގުގެ ބަދަލުގައި އިރުމަތިން އަންނަ އާދަކާދައެއް ކަމު ގޮސްފިނަމަ، އެ ފަދަ މީހުންގެ ޤިބުލަކަށް ވާނީ އިރުމައްޗެވެ.

އެއް ދުވަސްވަރެއްގައި އަހަރެމެންގެ ތެރެއިން ބަޔަކު މީހުން، އިސްލާމީ ދިމިޤުރާޠިއްޔަތޭ އޭ ކިޔައި އަޑު ގަދަކޮށް އުޅުނެވެ. އަނެއް ދުވަހަކު، އިސްލާމީ އިޝްތިރާކިއްޔަތޭ ކިޔައި އަޑު އުފުލިއެވެ. ޒަމާން އެނބުރޭ ވަރަކަށް އަހަރެމެން ވެސް އެނބުރި، ވެރިންގެ ހަވާނަފުސަށް ތަބާވުމުގެ ގޮތުންނެވެ. ދިމިޤުރާޠިއްޔަތޭ އެ ކިޔާ މީހުން ގާތު އޭގެ މާނައަކީ، ރައްޔިތުންގެ ވެރިކަމެވެ. ނަމަވެސް މުއުމިނުން ޤަބޫލު ކުރަންޖެހޭ ޙަޤީޤަތަކީ، ހުރިހާ ރައްޔިތުން އަދި ކީއްކުރަން ދުނިޔޭގެ އެންމެން އެއްވެގެން، ޙަރާމް ކަމެއް ޙަލާލުކުރަން ނުވަތަ ވާޖިބެއް ދޫކޮށްލަން، އެއްބަސް ވިޔަސް އެއީ އެއްވެސް ބުރަދަނެއް ހުރި އެއްބަސްވުމެއް ނޫނެވެ. ހަމަ ޙަރާމް ކަންތައްތައް އޮންނާނީ ޙަރާމް ގޮތުގައެވެ. ވާޖިބު އޮންނާނީ ވާޖިބު ގޮތުގައެވެ. ވީމާ ދިމިޤުރާޠިއްޔަތު ޤަބޫލު ކުރަން ޖެހޭނީ، ﷲ ބާވައިލެއްވި ޙުކުމްތައް ފަހަނައަޅާ ނުދާނަމެއެވެ. އިންތަކުން ބޭރުނުވާނަމައެވެ.

މި ދީނުގެ ޞައްޙަކަން ތެދުކުރާ، ދީނަށް އީމާންވާ ފުރިހަމަ މުއުމިނުންނަކީ، އިސްލާމީ ޝަރީޢަތް ތަންފީޒު ކުރާ، ދީނުގެ ޙުކުމްތަކަށް ޢަމަލުކުރާ، އަދި އެއާ މެދު ރުހި ހިތްހަމަޖެހޭ، މީހުންނެވެ.

ހަރުކަށިކަމާއި އޯގާތެރިކަން:

އީމާންކަން ހާމަކޮށްދީ ދަލީލުކޮށްދޭ އަނެއް ކަމަކީ، ލޯތްބާއި ރުޅިވެރިކަން އެއީ ﷲ އަށް ޓަކައި ވާ އެއްޗެއްގެ ގޮތުގައި އޮތުމެވެ. ﷲ އަށް ކިޔަމަންތެރި ތަޤުވާވެރި މީހާގެ ކިބައިން، އަހަރެމެންނަށް އެއްވެސް މަންފާއެއް ނެތަސް، އަހަރެމެން އޭނާ ދެކެ ލޯބިވެއެވެ. ކާފިރު ފާޖިރެއްގެ ކިބައިން، ލިބޭނެ އެއްވެސް ގެއްލުމެއް ނެތަސް، އަހަރެމެން އޭނާ ދެކެ ރުޅިއާދެވެ. ކިއެއްތަ، އޭނާގެ ކިބައިން މަންފާއެއް ހުއްޓަސް، އަދި އެއީ ކިތަންމެ ގާތް މީހަކަސް، އަހަރެމެން އޭނާ ދެކެ ރުޅި އައިސް، އޭނާއާ ވަކިވާނަމެވެ. އެހެނީ މުއުމިނުން ގާތު، ދީނުގެ އުޚުއްވަތްތެރިކަން، ލޭގެ އުޚުއްވަތްތެރިކަމަށް ވުރެ ވަރުގަދައެވެ. ޢަޤީދާގެ ގުޅުން، ނަސަބުގެ ގުޅުމަށް ވުރެ ބާރެވެ. މި ގޮތުން، ނޫޙުގެފާނަށް އީމާން ނުވެ ކާފިރުކަން އިޚްތިޔާރުކުރި ދަރިކަލަކީ، އެކަލޭގެފާނުގެ އަހުލުވެރިންގެ ތެރެއިން ވާ މީހެއް ނޫންކަން، ﷲ ވަނީ ޤުރުއާނުގައި ބަޔާންކުރައްވާފައެވެ. އަދި އިސްލާމްދީނާ ދެކޮޅަށް (ކަނޑިން، ޤަލަމުން، އަދި ދުލުން ވިޔަސް) ހަނގުރާމަ ކުރަމުންދާ އެއްވެސް ބަޔަކާ، މުއުމިނުންނާ ދެމެދު، އެއްވެސް ކަހަލަ ލޯތްބެއް، އެކުވެރިކަމެއް، އެކުގައި އުޅުމެއް، އޮވެގެން ނުވާނެކަމަށް ﷲ ވަނީ އަމުރުކުރައްވާފައެވެ. ދެ ފަރާތް ދެމެދުގައި ކުރިން ކިތަންމެ ވަރުގަދަ ގުޅުމެއް އޮތް ކަމުގައި ވިޔަސްވެހެވެ. ﷲ ވަޙީކުރައްވާފައި ވަނީ: لا تَجِدُ قَوْماً يُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ

އާޔަތުގެ މާނަ: ''ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ ބަޔަކު، ﷲ އާއި އެކަލާނގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުންނާ މިތުރުވެރިވެ ގުޅި ރަޙްމަތްތެރިވެގެން އުޅޭތަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވާނެއެވެ. އެ މީހުންނަކީ މައިންބަފައިން ނުވަތަ ދަރިން ނުވަތަ އަޚުން ނުވަތަ ގާތްތިމާގެ މީހުން ކަމުގައި ވިޔަސް ވެހެވެ.'' (އަލްމުޖާދިލާ: 22)

މީގެ މާނައަކީ އިސްލާމްދީނަށް ވަންނަން، ޣައިރު މުސްލިމުންނަށް މަޖުބޫރުކުރުމެއް ނޫނެވެ. އެކަމަކު، އިސްލާމްދީނަށް ގޮވާލުން މަނާކޮށް، ދީނަށް އުޅުމާ ދެމެދު ހުރަސްތަކެއް އަޅަން އުޅޭ މީހުންނަށް، އެކަން ކުރެވުނަ ނުދިނުމެވެ. ދެން އަހަރެމެންގެ ދަޢްވަތާ މެދު އެ މީހުން ހިތްހަމަޖެހި، މި ދީނަށް ވަދެއްޖެނަމަ، އެއީ އަހަރެމެންގެ ތެރެއިން ވާ ބައެކެވެ. އަހަރެމެންނަށް ލިބޭ ޙައްޤެއް އެ މީހުންނަށް ލިބޭނެއެވެ. އަހަރެމެންގެ މައްޗަށް އޮތް ވާޖިބެއް އެ މިހުންގެ މައްޗަށް އޮންނާނެއެވެ. އަދި އަހަރެމެންގެ ދީނަށް އެ މީހުން ނުވަންކަމުގައި ވިޔަސް، އަހަރެމެންގެ ދަޢްވަތާ ދެކޮޅުވެރިވެ ޢަދާވާތްތެރި ނުވަންޏާ، އަހަރެމެން އެ މީހުންގެ ޙައްޤުތަކަށް ރައްކާތެރިވެ، ޞުލްޙަވެރިކަމާއެކު އުޅޭނަމެވެ. މި ގޮތުން ﷲ ވަޙީ ކުރައްވާފައި ވަނީ: لا يَنْهَاكُمْ اللَّهُ عَنْ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِجُوكُمْ مِنْ دِيَارِكُمْ أَنْ تَبَرُّوهُمْ وَتُقْسِطُوا إِلَيْهِمْ إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ (8)  إِنَّمَا يَنْهَاكُمْ اللَّهُ عَنْ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَجُوكُمْ مِنْ دِيَارِكُمْ وَظَاهَرُوا عَلَى إِخْرَاجِكُمْ أَنْ تَوَلَّوْهُمْ وَمَنْ يَتَوَلَّهُمْ فَأُوْلَئِكَ هُمْ الظَّالِمُونَ  (9)

އާޔަތުގެ ތަފްސީރީ މާނަ: ''ކަލޭމެންގެ ދީނާއިހުރެ، ކަލޭމެންނާއި ހަނގުރާމަކޮށް ގެދޮރުން ނެރެ ނުލާ މީހުންނަށް، ހެޔޮކޮށް ހިތައި ޢަދުލުވެރިކޮށް ކަންތައް ކުރުމަކީ، ﷲ ކަލޭމެންނަށް މަނާކުރައްވާ ކަމެއް ނޫނެވެ. ހަމަކަށަވަރުން ޢަދުލުވެރިކޮށް ކަންތައް ކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގަންނަވައެވެ. (8) ﷲ ކަލޭމެންނަށް މަނާކުރައްވަނީ، ކަލޭމެންގެ ދީނާއިހުރެ، ކަލޭމެންނާއި ހަނގުރާމަކޮށް އަދި ގެދޮރުން ނެރެ، އަދި ގެދޮރުން ނެރެލުމުގައި ކަލޭމެންގެ ޢަދުއްވުންނަށް ވާގިދިން، މީހުންނާއި މިތުރުވެރިވެ ބައިވެރިވެ އުޅުމެވެ. މިފަދަ މީހުންނަކީ މިތުރުން ކަމަށް ހަދައި، މުއުމިނުންނާ ދެކޮޅަށް ޣައިރު މުސްލިމުންގެ އެހީ ހޯދާ މީހުންނަކީ، ﷲ ގެ ޙައްދުން ބޭރުވާ އަނިޔާވެރިންނެވެ. (9)'' (އަލްމުމްތަޙަނާ: 8-9)

މުއުމިނަކު ލޯބިވިއްޔާ ވާނީ ދީނަށްޓަކައެވެ. އަދި ރުޅިވިއްޔާ ވާނީ ދީނަށްޓަކައެވެ. ލޯބިވެއްޖެނަމަ އޭނާގެ ކިބައިން ދީލަތިކަމާއި އޯގާތެރިކަން ފާޅުވާނެއެވެ. މާފުކުރުމާއި ޤުރުބާންވުން ފެންނާނެއެވެ. އޭނާގެ އަޚާގެ ކުރިމަތީގައި މަޑުމައިތިރިވުން އެއީ ނިކަމަތިކަމެއް ކަމުގައި ނުދެކޭނެއެވެ. އަތުގައި އެއްޗެއް އޮތިއްޔާ، އެއަށް ބޭނުންވެފައި ހުއްޓަސް، އިސްކުރާނީ އޭނާގެ އަޚާއެވެ. އޭނާ ރުޅި އަންނާނީ ﷲ އަށްޓަކައެވެ. ހަރުކަށިވާނީ ދީނުގެ ދިފާޢުގައެވެ. ވަރުގަދަވާނީ ދީނުގެ ޢަދުއްވުންނާ ހަނގުރާމަކުރާ އިރެވެ. ވީމާ މުއުމިނަކީ އޯގާތެރިކަމާއި ނާޒުކުކަން ހުންނަ މީހެކެވެ. އެއީ އޭނާގެ އަޚުންނާ މުޢާމަލާތުކުރާއިރެވެ. އަދި ހަރުކަށިކަމާއި ކުރަކިކަން ވެސް ހުންނަ މީހެކެވެ. އެއީ ދީނުގެ ޢަދުއްވުން، ޝައިޠާނާގެ ބައިވެރިންނާ މުޢާމަލާތުކުރާ ވަގުތުގައެވެ.

ﷲ ވަޙީކުރައްވާފައި ވަނީ: مُحَمَّدٌ رَسُولُ اللَّهِ وَالَّذِينَ مَعَهُ أَشِدَّاءُ عَلَى الْكُفَّارِ رُحَمَاءُ بَيْنَهُمْ

އާޔަތުގެ މާނަ: ''މުޙައްމަދުގެފާނީ މާތް ﷲ ފޮނުއްވާފައިވާ ރަސޫލާއެވެ. އެކަލޭގެފާނުގެ އަރިހުގައިވާ މީހުންނީ ކާފިރުންގެ މައްޗަށް ގަދަފަދަވެގެންވާ ބައެކެވެ. އެބައިމީހުންގެ މެދުގައި އެކަކު އަނެކަކާއިމެދު އޯގާތެރިވެ ރަޙުމް ބަހައްޓާ ބައެކެވެ.'' (އަލްފަތުޙު: 29)

أَذِلَّةٍ عَلَى الْمُؤْمِنِينَ أَعِزَّةٍ عَلَى الْكَافِرِينَ يُجَاهِدُونَ فِي سَبِيلِ اللَّهِ وَلا يَخَافُونَ لَوْمَةَ لائِمٍ

އާޔަތުގެ ތަފްސީރީ މާނަ: ''އެއީ މުއުމިނުންގެ މައްޗަށް މަޑުމައިތިރި އޯގާތެރި ބައެކެވެ. ކާފިރުންގެ މައްޗަށް ގަދަފަދަ ބައެކެވެ. ﷲ ގެ މަގުގައި އެ މީހުން ޖިހާދުކުރާނެއެވެ. އަދި ﷲ އަށް ކިޔަމަންވެ، އެކަލާނގެ މަގުގައި ޖިހާދުކޮށް، އިސްލާމީ ޝަރީޢަތް ޤާއިމުކޮށް، ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތަކުން ނަހީކުރުން ފަދަ ކަންކަމުގައި، މަލާމާތް ކުރާ މީހެއްގެ މަލާމާތަކަށް އެމީހުން ބިރެއް ނުގަންނާނެއެވެ.'' (އަލްމާއިދާ: 54)

މި އާޔަތްތަކުގައި މިވަނީ، މުއުމިނުން ﷲ ގެ މަގުގައި ޖިހާދުކުރި އިރު ކަން އޮތް ގޮތެވެ. ނަމަވެސް އަހަރެމެން ޖިހާދުކުރުން ދޫކޮށް، ޝަރީޢަތާއި ޚިލާފުވެ، މުސްލިމުން އެއްބަޔަކު އަނެއް ބަޔަކާ ތޮޅެން ފަށައި، ޢަދުއްވުން ކުރިމަތީގައި މަޑުމައިތިރިވެ ނިކަމެތިވެ، އަދި އަހަރެމެންގެ ފާފަތަކުގެ ސަބަބުން، ﷲ ވަނީ އެކަލާނގެއަށް ބިރުވެތި ނުވާ، ރަޙުމެއް ނެތް ދުޝްމަނުންތަކެއް އަހަރެމެންގެ މައްޗަށް މިންވަރުކުރައްވާފައެވެ. އެ މީހުން ވަނީ އަހަރެމެންގެ ބިންތައް ހިފައި، އަހަރެމެންގެ ކަނދުރާތަކަށް ވެރިވެގެންފައެވެ.

ތައުބާވުމާއި ފާފަފުއްސެވުމަށް އެދުން:

aamu-thaaraf-5-eemankan-haam-bﷲ އިންސާނާ އުފައްދެވިއިރު އިންސާނާގެ ކިބައިގައި، ފަސޭހަ އަވަސް އުފާތައް ހޯދައިގަތުމުގެ ލޯތްބާއި، ދިގު ޙަޔާތަކަށް އުއްމީދުކުރުމާއި، ފައިސާ ޖަމާކުރުމާއި، ޖިންސީ ޝަހުވަތާއި، ރުޅިއާއި، ބަދަލުހިފުމާއި އަނިޔާވެރިވުމަށް ލެނބުން ފަދަ ސިފަތައް ލައްވާފައިވެއެވެ. އަދި ފާޙިޝް ކަންތައް ޒީނަތްކޮށް، ފާފަތަކަށް އިންސާނުން ހިތްޖައްސުމުގެ ބާރު ޝައިޠާނާއަށް ދެއްވާފައިވެއެވެ. އަދި އިންސާނާގެ ކިބައިގައި ނުބައިކަންތަކަށް އަމުރުކުރާ، ޙަރާމް ކަންތަކަށް އެދޭ، ޝައިޠާނާގެ އެހީ ލިބޭ، ނަފްސެއް ލައްވާފައިވެއެވެ. މީގެ ނަތީޖާއަކީ އިންސާނާ ފާފަކުރުމެވެ. ނުބައިކަންތަކަށް އަރައިގަތުމެވެ. ވީމާ އިންސާނާއަކީ މިފަދަ މަޚްލޫޤަކަށް ވާހިނދު، އޭނާ ފާފަކުރުމުން ލިބޭނެ ޢަޛާބުން ސަލާމަތްވާނީ ކިހިނެއްހެއްޔެވެ؟ ނުބައިކަންތަކުން ނުކުންނަ ނަތީޖާއިން ރެކޭނީ ކިހިނެއްހެއްޔެވެ؟

ﷲ ގެ ރަޙްމަތްފުޅުން، ތައުބާވުމުގެ ދޮރު އިންސާނާއަށް ވަނީ ހުޅުވިފައެވެ. އެ ކަލާނގެ އަންގަވާފައިވަނީ، ކޮށްފައިވާ ކޮންމެ ފާފައެއް ވެސް، އެ މީހާގެ ފަތުން ފޮހެވި، އެއީ ނެތް ފާފައެކޭ އެއްފަދަ ކުރެވިދާނެ ކަމަށެވެ. ކިއެއްތަ، އޭނާ ކޮށްފައިވާ ފާފައިގެ ބަދަލުގައި ފަހަރެއްގައި ހެޔޮކަމެއް ޖައްސަވާ ދެއްވާފާނެ ކަމަށެވެ. ވިޔަފާރިވެރިއެއްގެ ފޮތުގައި، ކަލޭ އޭނާއަށް ސަތޭކަ ރުފިޔާއަށް ދަރަނިވެރިވެފައިވާ ކަމަށް ލިޔެވިފައި އޮއްވާ، ދަރަނި މާފުކޮށް ފޮތުން އެ ފޮހެލުމުގެ އިތުރަށް، ކަލެއަށް ދޭންޖެހޭ ފައިސާ ނޯޓުކުރާ ފޮތަށް، ނަން ބަދަލު ކުރާ ފަދައިންނެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ: إِلاَّ مَنْ تَابَ وَآمَنَ وَعَمِلَ عَمَلاً صَالِحاً فَأُوْلَئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ وَكَانَ اللَّهُ غَفُوراً رَحِيماً

އާޔަތުގެ ތަފްސީރީ މާނަ: ''މި ޢަޛާބު ލިބޭނީ ތައުބާވެ، އީމާންވެ، ހެޔޮ ޢަމަލު ކުޅަ މީހަކު މެނުވީއެވެ. ފަހެ، ތައުބާވެ، އީމާންވެ، ހެޔޮ ޢަމަލު ކުޅަ މީހުންގެ ކުށްފާފަތައް ހެޔޮކަންތަކަށް، މާތް ﷲ، ބަދަލުކުރައްވާނެތެވެ. މާތް ﷲ އީ، ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.'' (އަލްފުރްޤާން: 70)

މަރު ކުރިމަތި ނުވާހާ ހިނދަކު، ތައުބާވުމުގެ ދޮރުވަނީ ހުޅުވިފައެވެ. ތެދުވެރި ތައުބާވުމަކުން ތައުބާވެއްޖެނަމަ، ތައުބާ ޤަބޫލުކުރައްވާނެއެވެ. ނަމަވެސް ފުރާނަދާން ކައިރިވެ ނޭވާހޮޅިއަށް އެޅި، ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ މަރުގެ ޚަބަރުތައް ހަމަ ލޮލުން ފެނުމުން، ތައުބާ ވިޔަސް ވާނެ އެއްވެސް ފައިދާއެއް ނޯންނާނެއެވެ. އެހެނީ ތައުބާއަކީ، އަމިއްލަ އިޚްތިޔާރުގައި ﷲ ގެ މަގަށް އެނބުރި ދިއުމެވެ. މި މީހާ އެނބުރި ދިޔައީ ރުހުމެއް ނެތި މަޖުބޫރުވެގެންނެވެ. ވީމާ، އިޚްތިޔާރު ގެއްލުމަށް ފަހު ވާ އިޤުރާރެއްގެ މަންފާއެއް ނުކުރާނެއެވެ.

إِنَّمَا التَّوْبَةُ عَلَى اللَّهِ لِلَّذِينَ يَعْمَلُونَ السُّوءَ بِجَهَالَةٍ ثُمَّ يَتُوبُونَ مِنْ قَرِيبٍ فَأُوْلَئِكَ يَتُوبُ اللَّهُ عَلَيْهِمْ وَكَانَ اللَّهُ عَلِيماً حَكِيماً (17)  وَلَيْسَتْ التَّوْبَةُ لِلَّذِينَ يَعْمَلُونَ السَّيِّئَاتِ حَتَّى إِذَا حَضَرَ أَحَدَهُمْ الْمَوْتُ قَالَ إِنِّي تُبْتُ الآنَ وَلا الَّذِينَ يَمُوتُونَ وَهُمْ كُفَّارٌ ...(18)

އާޔަތުގެ ތަފްސީރީ މާނަ: ''ހަމަކަށަވަރުން ﷲ ތައުބާ ޤަބޫލު ކުރައްވާނީ، ޖާހިލުކަމުން ފާފަކުރުމަށް ފަހު (އެއީ ޙަރާމް ކަމެއްކަން އެނގިހުރެ ވެސް، ގަސްތުގައި ވިޔަސް އަދި އޮޅިގެން ވިޔަސް ފާފަ ކުރުމަކީ ޖާހިލުކަމުން ކުރާ ކަމެކެވެ. ވީމާ މި އާޔަތުގައި 'ޖަހާލަތު' ގެ މުރާދަކީ، ޙަރާމް ކަމެއް ކަން ނޭނގުމެއް ނޫނެވެ. ނުވަތަ އޮޅިގެން ކުރުމެއް ވެސް ނޫނެވެ.) މަރު އައިސް ކުރިމަތިވުމުގެ ކުރިން ތައުބާވާ މީހުންނަށެވެ. ފަހެ މިފަދަ މީހުންގެ މައްޗަށް ﷲ ތައުބާ ލައްވައި، އެ މީހުންގެ ތައުބާ މާތް ﷲ ޤަބޫލުކުރައްވައެވެ. މާތް ﷲ އީ، ދެނެވޮޑިގެންވާ ޙިކްމަތްވަންތަ ރަސްކަލާނގެއެވެ. (17) ނުބައިކަންތައް ކުރުން މަތީ ދެމިތިއްބާ، އެއިން މީހެއްގެ ގާތަށް މަރު އަތުވާ ހިނދު، ތިމަން މިހާރު ތައުބާވެއްޖައީމޭ ބުނާ މީހުންނާއި، ކާފިރުކަން މަތީ މަރުވާ މީހުންނަކަށް، ތައުބާ ޤަބޫލުކުރެއްވުމެއް ނެތެވެ...'' (އައްނިސާ: 17-18)

ތައުބާވުމުގެ ފުރަތަމަ ޝަރުޠަކީ: ފާފަކުރުން ހުއްޓާލާ، އެ ކަން ދެން ނުކުރަން ޢަޒުމު ކަނޑައެޅުމެވެ. މަގެއް މަތިން ހިނގާފައި ދަނިކޮށް، މީހަކު ކުޑަދޮރު ހުޅުވާލާފައި، ހަޑި ފެން ބާލިދީއެއް ކަލޭ ގަޔަށް އޮއްސާލުމުން އޭނާއާ ދިމާލަށް އެއްޗެހި ގޮވައިގަތީމާ، ފެން އޮއްސުން މަތީ ދެމިހުރެ މާފަށް އެދިއްޖެނަމަ، ނުވަތަ މާދަން ވެސް ފެން އަޅާނަމޭ ބުނެފައި މާފަށް އެދިއްޖެނަމަ، ކަލޭ އޭނާގެ މާފު ޤަބޫލުކުރާނަންހެއްޔެވެ؟!

ތައުބާއަކީ އޭގައި ރޫޙަކާއި ހަށިގަނޑެއް ވާ އެއްޗެކެވެ. އޭގެ ރޫޙަކީ ކުރެވުނު ފާފައިގެ ހުތުރުކަމާއި ގޯސްކަން ހަނދާންކުރުމެވެ. ހަށިގަނޑަކީ އެ ކަމުން ދުރުހެލިވުމެވެ. މިސާލަކަށް މީހަކު މަގެއް މަތިން ހިނގާފައި ދަނިކޮށް، އެ ދެވެނީ ރަނގަޅު ދިމާއަށް ނޫންކަން ބުނެދޭ ނިޝާންބޯޑެއް ފެނިއްޖެނަމަ، އަމިއްލަށް ކުށް އިޙްސާސްވާނެއެވެ. ރަނގަޅު މަގަށް އެޅުމުގެ އަސްލަކީ މި އިޙްސާސެވެ. ކުށް އިޙްސާސްވެ ކުރެވޭ ކުށް ނޭނގޭނަމަ، ރަނގަޅު މަގަކުން ނުދެވޭނެއެވެ. ނަމަވެސް މި މީހާ އަށް މި ނިޝާންބޯޑު ފެނުނީމާ ވެސް، އޭގައި އޮތް ގޮތަށް ޢަމަލު ނުކޮށް، ނުބައި މަގުން ހިނގުމުގައި ދެމިހުރެއްޖެނަމަ، އޭނާއަށް އެނގުނު އެއްޗަކުން ކުރި މަންފާއެއް ނެތެވެ. ކިއެއްތަ، ނޭނގޭ މީހަކަށް ވުރެ އޭނާގެ ކުށް މާ ބޮޑެވެ. އެހެނީ ނޭނގި ނުބައި މަގަކުން ދެވޭ މީހަކަށް ކޮންމެވެސް ވަރެއްގެ އުޒުރެއް އެބަ އޮތެވެ. ނަމަވެސް މަގު އެނގި، ގަސްތުގައި ނުބައި މަގުން ހިނގައިފި މީހަކަށް އެއްވެސް އުޒުރެއް ނެތެވެ.

ތައުބާވުމުގެ ދެވަނަ ޝަރުޠަކީ: ކުރެވުނު ނުބައި ކަމުގެ ބަދަލުގައި ހެޔޮކަން ކުރުމެވެ. ފަސާދަކުރުމުގެ ބަދަލުގައި އިޞްލާހު ކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ތައުބާވެއްޖެނަމަ ޢަމަލު ބަދަލުކޮށް، ސުލޫކު ސީދާކުރަން ޖެހޭނެއެވެ.

كَتَبَ رَبُّكُمْ عَلَى نَفْسِهِ الرَّحْمَةَ أَنَّهُ مَنْ عَمِلَ مِنْكُمْ سُوءاً بِجَهَالَةٍ ثُمَّ تَابَ مِنْ بَعْدِهِ وَأَصْلَحَ فَأَنَّهُ غَفُورٌ رَحِيمٌ

އާޔަތުގެ ތަފްސީރީ މާނަ: ''ތިޔަބައި މީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ، އެ ކަލާނގެ ދީލަތިފުޅުކަމުން، ރަޙްމަތަކީ، އެކަލާނގެ ޛާތުފުޅުގެ މައްޗަށް ލާޒިމު ކުރައްވާފައިވާ އެއްޗެއް ކަމުގައި ލައްވައިފިއެވެ. މި ގޮތުން، ޖާހިލުކަމުން ފާފަކުރުމަށް ފަހު (އެއީ ޙަރާމް ކަމެއްކަން އެނގިހުރެ ވެސް، ގަސްތުގައި ވިޔަސް އަދި އޮޅިގެން ވިޔަސް ފާފަ ކުރުމަކީ ޖާހިލުކަމުން ކުރާ ކަމެކެވެ. ވީމާ މި އާޔަތުގައި 'ޖަހާލަތު' ގެ މުރާދަކީ، ޙަރާމް ކަމެއް ކަން ނޭނގުމެއް ނޫނެވެ. ނުވަތަ އޮޅިގެން ކުރުމެއް ވެސް ނޫނެވެ.) ތައުބާވެ ހެޔޮ ޢަމަލުކުރުން މަތީ ދެމިހުރެއްޖެނަމަ، ﷲ އޭނާގެ ފާފަ ފުއްސަވާ ދެއްވާނެއެވެ. ފަހެ އެކަލާނގެ އީ، އެކަލާނގެއަށް ތައުބާވާ އަޅުތަކުންގެ ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.'' (އަލްއަންޢާމް: 54)

فَمَنْ تَابَ مِنْ بَعْدِ ظُلْمِهِ وَأَصْلَحَ فَإِنَّ اللَّهَ يَتُوبُ عَلَيْهِ إِنَّ اللَّهَ غَفُورٌ رَحِيمٌ

އާޔަތުގެ ތަފްސީރީ މާނަ: ''ފަހެ ވައްކަން ކުރުމަށް ފަހު، ތައުބާވެ އިޞްލާޙުވެއްޖެ މީހާ، ހަމަކަށަވަރުން މާތް ﷲ، އެ މީހާގެ މައްޗަށް ތައުބާ ލައްވާނެއެވެ. ހަމަކަށަވަރުން މާތް ﷲ އީ، ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.'' (އަލްމާއިދާ: 39)

إِلاَّ الَّذِينَ تَابُوا مِنْ بَعْدِ ذَلِكَ وَأَصْلَحُوا فَإِنَّ اللَّهَ غَفُورٌ رَحِيمٌ

އާޔަތުގެ ތަފްސީރީ މާނަ: ''މީހުންނަށް ޤަޛްފުކުރުމަށް ފަހު، ތައުބާވެ، އޭނާ ކުރި ތުހުމަތުން އެނބުރި އައިސް، އިޞްލާޙުވެއްޖެ މީހާގެ ފާފަ، ﷲ ފުއްސަވާ ދެއްވާ ރަޙްމަތް ލައްވާ، ތައުބާ ޤަބޫލު ކުރައްވާނެއެވެ.'' (އައްނޫރު: 5)

إِلاَّ الَّذِينَ تَابُوا وَأَصْلَحُوا وَبَيَّنُوا فَأُوْلَئِكَ أَتُوبُ عَلَيْهِمْ وَأَنَا التَّوَّابُ الرَّحِيمُ

އާޔަތުގެ ތަފްސީރީ މާނަ: ''އެބައި މީހުންގެ ތެރެއިން، ކުރި ނުބައިކަންތަކުން ތައުބާވެ، އަދި ފަސާދަކުރި ކަންތައްތައް އިޞްލާޙުކޮށް، ބާވައިލެއްވި ޝަރީޢަތުގެ ތެރެއިން ފޮރުވިކަންތައްތައް ހާމަކުރި މީހުންނަށް، ތިމަން ރަސްކަލާނގެ ތައުބާ ލައްވާނަމެވެ. ފަހެ ތިމަން ރަސްކަލާނގެ އީ، ތައުބާ ލައްވާ، ރަޙްމަތްވަންތަ ރަސްކަލާނގެއެވެ. (އަލްބަޤަރާ: 160)

ތައުބާވެ އިޞްލާޙުވެއްޖެނަމަ، ކުރަމުން އައި ފާފަ، ހަމަ ޙަޤީޤަތުގައި ވެސް ހުއްޓާލަންޖެހޭނެއެވެ. އަދި އަލުން އެ ފާފަ ނުކުރަން، ތެދު ޢަޒުމެއް ކަނޑައަޅަން ޖެހޭނެއެވެ. ދެން މިގޮތަށް ޢަޒުމު ކަނޑައަޅައިގެން ހުއްޓާ، ނަފްސު ނުހިފެހެއްޓިގެން، ނުވަތަ ހާލަތު މަޖްބޫރުކޮށްގެން، އަނެއްކާ ވެސް އެ ފާފަ ކުރެވިގެން، އަލުން ތައުބާވެއްޖެނަމަ ތައުބާ ޤަބޫލު ކުރެވޭނެއެވެ. ފާފައަށް އެނބުރި ދިއުމާއި ފާފައިން ތައުބާވުން ތަކުރާރުވިކަމުގައި ވިޔަސް މިކަން އޮތީ މި ގޮތަށެވެ. ނަމަވެސް ދެފުށުއެޅޭ ޢަޒުމެއް ކަނޑައަޅިފިނަމަ، ނުވަތަ އެދުން ގަދަވެއްޖެނަމަ ފާފައަށް އެނބުރި އަންނާނަމޭ ހިތުގައި ބާއްވައިފިނަމަ، އެއީ ތެދު ތައުބާއެއް ނޫނެވެ. އަދި ޤަބޫލުކުރެވޭނެ ތައުބާއެއް ވެސް ނޫނެވެ.

ﷲ ގެ ޙައްޤަކަށް އަރައިގަނެވިއްޖެނަމަ، އެ ފާފަ ދޫކޮށް، ފާފަކުރެވުނުކަން މައްޗަށް ހިތާމަކޮށް، އަލުން އެ ފާފަ ނުކުރަން ތެދު ޢަޒުމެއް ކަނޑައެޅުމުން، ތައުބާއަކަށް ފުދެއެވެ. ނަމަވެސް މީސްތަކުންގެ ޙައްޤަށް އަރައިގެންފައި ވާނަމަ މިވަރަކުން ނުފުދޭނެއެވެ. ކަލޭ މީހަކަށް އަނިޔާވެރިވެ، ނުވަތަ މީހެއްގެ ފައިސާ ނުޙައްޤުން ކާލައި، ނުވަތަ މީހެއްގެ ހަށިގަނޑަށް ނުވަތަ އަބުރަށް ގެއްލުމެއްދީ، ނުވަތަ މީހެއްގެ މައްޗަށް ދޮގުހެކިވެރިވެ، ނުވަތަ މީހަކަށް ޣީބަ ބުނެ، ނުވަތަ ކުޓުވައިފިނަމަ، ނުވަތަ ފަޟީޙަތްކޮށްފިނަމަ، މިފަދަ ކަންކަމުން ތައުބާވުމަށްޓަކައި ގެއްލުން ލިބުނު މީހާއަށް އޭނާގެ ޙައްޤު އަދާކުރަންޖެހޭނެއެވެ. ނުވަތަ އޭނާ ކިބައިން މާފު ހޯދަންޖެހޭނެއެވެ. ނުވަތަ ދެން އޮތް ގޮތަކީ، މާތް ﷲ، ޤިޔާމަތް ދުވަހުން ކަލެއާ މެދު އޭނާގެ ހިތް ރުއްސުވައި، ކަލެއަށް ރަޙްމަތް ލެއްވުމެވެ. ނޫންނަމަ، ކަލޭގެ ތައުބާ ޤަބޫލެއް ނުކުރެވޭނެއެވެ. އަދި ޤިޔާމަތް ދުވަހު، ކަލޭގެ ހެޔޮކަންތަކުގެ ދަރުމައިން ބައެއް، ކަލޭގެ އަނިޔާ ލިބުނު މީހާ އަތުލާނެއެވެ. އޭނާގެ ޙައްޤު އަދާކުރެވޭ ވަރަށް ދަރުމަ ނެތިއްޔާ، ދެން ކަލޭ ޖެހޭނީ އޭނާގެ ފާފައިގެ ސަޒާއިން ބައެއް އުފުލާށެވެ.

ފާފަ ކިތަންމެ ގިނަ ކަމުގައި ވިޔަސް، ތައުބާގެ ދޮރު ވަނީ ހުޅުވިފައެވެ. ވީމާ އެކަކު ވެސް ﷲ ގެ މާފުކުރެއްވުމާމެދު އުއްމީދުކަނޑައިގެން ނުވާނެއެވެ. އެހެނީ ﷲ ގެ މާފުކުރެއްވުމާމެދު އުއްމީދު ކަނޑާލުމަކީ އެންމެ ބޮޑު ފާފައެވެ.

قُلْ يَا عِبَادِي الَّذِينَ أَسْرَفُوا عَلَى أَنْفُسِهِمْ لا تَقْنَطُوا مِنْ رَحْمَةِ اللَّهِ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعاً إِنَّهُ هُوَ الْغَفُورُ الرَّحِيمُ

އާޔަތުގެ ތަފްސީރީ މާނަ: ''އޭ ރަސޫލާއެވެ. ފާފަކުރުމުގައި ދެމިތިބެ، ހަވާނަފުސު އެދޭހާ ކަމެއް ކޮށް، އަމިއްލަ ނަފުސުގެ މައްޗަށް ގިނަ ފާފަތަކެއް ކޮށްފައިވާ، ތިމަން ރަސްކަލާނގެ އަޅުތަކުންނަށް ވިދާޅުވާށެވެ: ކަލޭމެންނަށް ކުރެވިފައިވާ ފާފަ ކިތަންމެ ގިނަވިޔަސް، ﷲ ގެ ރަޙްމަތާ މެދު އުއްމީދު ކަނޑާނުލާށެވެ! ހަމަކަށަވަރުން، ތައުބާވެ ފާފަކުރުން ހުއްޓާލާ މީހުންގެ ހުރިހާ ފާފަތަކެއް، ﷲ ފުއްސަވާ ދެއްވައެވެ. ހަމަކަށަވަރުން އެކަލާނގެއީ، ތައުބާވާ އަޅުތަކުންގެ ފާފަ ފުއްސަވާދެއްވާ، އެމީހުންނަށް ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.'' (އައްޒުމަރު:53)

ވީމާ ތައުބާވުމަކީ، ނުބައިކަން ދޫކޮށް ރަނގަޅު ކަމަށް އެނބުރި އައުމެވެ. ދެން ލަފްޒީ ގޮތުން ބަލަންޏާ، އިސްތިޣްފާރު ކުރުމުގެ މާނައަކީ، ކުށް ފަރުދާކޮށްދެއްވާ ކުށަށް މާފުކޮށްދެއްވުން އެދި، ﷲ އަށް ދުޢާކުރުމެވެ. ވީމާ އެއީ ފާފަ ފުއްސެވުން އެދި ދުޢާ ކުރުމެވެ. މިއީ ދީނުގައި ކުރަން ބާރުއަޅާ އަމުރުކުރެވިފައިވާ ކަމެކެވެ. މި ގޮތުން މާތް ﷲ ވަޙީކުރައްވާފައި ވަނީ: هُوَ أَنشَأَكُمْ مِنْ الأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ إِنَّ رَبِّي قَرِيبٌ مُجِيبٌ

އާޔަތުގެ ތަފްސީރީ މާނަ: ''ތިޔަބައި މީހުންގެ ބައްޕަ އާދަމުގެފާނު ބިމުގެ މަށިން ހައްދަވައި، ބިމުން ތިޔަބައި މީހުން އުފެއްދެވީ އެކަލާނގެއެވެ. އަދި އެ ބިމުގައި ޢީމާރާތްކޮށް، ޚިލާފަތު ޤާއިމުކުރާ ބަޔަކީ ތިޔަބައިމީހުން ކަމުގައި އެ ކަލާނގެ ލެއްވިއެވެ. ވީމާ އެ ކަލާނގެ ޙަޟްރަތުގައި ތިޔަބައި މީހުންގެ ފާފަތައް ފުއްސަވައި ދެއްވުން އެދޭށެވެ. އަދި ރަނގަޅު ތައުބާއަކުން ތައުބާވެ، އެކަލާނގެ މަގަށް އެނބުރި ރުޖޫޢަވާށެވެ. ހަމަކަށަވަރުން ތިމަންގެ ވެރި ރަސްކަލާނގެއީ، އިޚްލާޞްތެރިކޮށް އަޅުކަންކުރާ އަދި ތައުބާވާ މީހުންނާ ކުއްތަންވެވޮޑިގެންވާ، ދުޢާތަކަށް އިޖާބަދެއްވާ ރަސްކަލާނގެއެވެ.'' (ހޫދު:61)

وَاسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ إِنَّ رَبِّي رَحِيمٌ وَدُودٌ

އާޔަތުގެ ތަފްސީރީ މާނަ: ''އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ކިބަފުޅުން، ތިޔަބައިމީހުންގެ ފާފަތައް ފުއްސެވުމަށް އެދޭށެވެ. ދެން އެއަށް ފަހު، އެކަލާނގެ މަގަށް އެނބުރި ރުޖޫޢަވެ، އެ ގޮތުގައި ދެމިތިބޭށެވެ. ހަމަކަށަވަރުން ތިމަންގެ ވެރިރަސްކަލާނގެއީ، ތައުބާވާ މީހުންނަށް ރަޙްމަތްވަންތަ، އޯގާވަންތަ ރަސްކަލާނގެއެވެ.'' (ހޫދު:90)

ހުރިހާ ރަސޫލު ބޭކަލުންގެ ދޫފުޅުން ގޮވާލައްވާފައިވަނީ ވެސް މި ކަމަށެވެ. ﷲ އަށް އިސްތިޣްފާރުކޮށް، އެކަލާނގެ ޢަޛާބުން މިންޖުވާނެ މަގު ދައްކަވާ ނަޞޭޙަތްތެރިވެވަޑައިގަތެވެ.

ފާފަކުރާ މީހުންގެ ދަރަޖަތަކެއް ވެއެވެ. މި ގޮތުން ބަލާއިރު، ކާފިރުކަން މަތީ މަރުވާ މީހުންގެ ފާފަ، ﷲ ފުއްސަވާދެއްވާނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ.

ﷲ ވަޙީކުރައްވާފައި ވަނީ: إِنَّ اللَّهَ لا يَغْفِرُ أَنْ يُشْرَكَ بِهِ وَيَغْفِرُ مَا دُونَ ذَلِكَ لِمَنْ يَشَاءُ

އާޔަތުގެ މާނަ: ''ހަމަކަށަވަރުން މާތް ﷲ، އެކަލާނގެއަށް ޝަރީކު ވެވުމުގެ ފާފަ ނުފުއްސަވައެވެ. އެ ނޫން ފާފަތައް، އެ ކަލާނގެ އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ...'' (އައްނިސާ: 116)

އަދި އަސްލު މުޝްރިކުންގެ ކުފުރުކަން، އަހުލު ކިތާބީންގެ ކުފުރުކަމަށް ވުރެ ބޮޑެވެ. ނަމަވެސް މި އެންމެނަކީ ވެސް ހަމަ ކާފިރުންނެވެ. ވީމާ ކާފިރުކަން މަތީ މަރުވެއްޖެ މީހަކަށް ''ﷲ އޭނާއަށް ރަޙްމަތް ލައްވާށި!'' ނުވަތަ ''ﷲ އޭނާގެ ފާފަ ފުއްސަވާ ދެއްވާނދެ!'' ފަދަ ދުޢާތައް ނުކުރެވޭނެއެވެ. ''މަރްޙޫމް'' ''މަޣްފޫރު'' ފަދަ ޢިބާރާތްތަށް ވެސް ނުބުނެވޭނެއެވެ.

ދެން އިސްލާމް ދީން މަތީ ތިބެ، ތައުބާ ނުވެ މަރުވާ ފާފަވެރިންނަށް ވާނެ ގޮތެއް ނިންމެވުން އެއީ، ﷲ ގެ އިރާދަފުޅު ދަށުގައިވާ ކަމެކެވެ. އިރާދަފުޅު ކުރައްވައިފިނަމަ ފާފަ ފުއްސަވާ ދެއްވާނެއެވެ. އަދި އިރާދަފުޅު ކުރައްވައިފިނަމަ ނަރަކައިގެ ޢަޛާބު ދެއްވާނެއެވެ. ނަމަވެސް އެ މީހުން ނަރަކައިގައި ދެމިއެއް ނުތިބޭނެއެވެ. މިހެންނޭ ކިޔާފައި އެކަކުވެސް، ނަރަކައިގެ އަލިފާނަކީ ކުޅިވަރެއް ކަމަށް ނަމަނަމަ ހީނުކުރާށެވެ. ޢަޛާބާ މެދު ދަށް އަންދާޒާއެއް ނުކުރާށެވެ. ދުނިޔޭގައި މިވާ އަލިފާނަކީ ނިޢްމަތެއް ކަމުގައި ވާހިނދު ވެސް، ހިނދުކޮޅަކަށް އެއަށް ކެތްކުރެވޭ މީހަކު ނެތެވެ. ވީމާ ނަރަކައިގެ އަލިފާނަށް ޒަމާންތަކަކަށް، އަހަރެމެންނަށް ކެތް ކުރެވޭނީ ކިހިނެއްހެއްޔެވެ؟!

ދެން ފާފަކުރާ މީހުންގެ ތެރެއިން ތައުބާވާ މީހުންނަކީ، ﷲ ގެ ދީލަތިފުޅުކަމާއި ރަޙްމަތްފުޅުން އެ މީހުންނަށް ތައުބާލައްވާނެ ބައެކެވެ. މިއީ ފާފަކުރުމަށް ފަހު ފާފައިން ތައުބާވާ މީހުންނަށް އޮތް ގޮތެވެ.

ނަމަވެސް ފާފައެއް ކުރަން އުޅެފައި، ނަމަވެސް އެކަން ކުރުމުގެ ކުރިން އޭނާގެ ހިތް ﷲ އަށް ބިރުވެތިވެ، ހިތް އެދިއެދި ހުރުމާއެކު ވެސް، ފާފަ ނުކޮށް ދޫކޮށްލައިފިއްޔާ، އެ މީހަކަށް ނުހަނު މަތިވެރި ދަރުމަ ވެއެވެ. މިސާލަކަށް ފައި ކައްސާލައިގެން ޒިނޭގެ މަގަށް ދެވި، އެކަން ކުރަން ހުރިހާ މަގެއް ތަނަވަސްވެ، ނަމަވެސް އެންމެ ފަހު ވަގުތު ﷲ ހަނދުމަވެ އެކަލާނގެއަށް ބިރުވެތިވެ، އެކަން ކުރަން އެދި އެދި ހުރުމާއެކު ވެސް އެކަން ނުކޮށް ދޫކުރާ މީހާއެވެ. ﷲ ގެ ވާގިފުޅާ ހެޔޮ މިންވަރު މެދުވެރި ނުކުރައްވާ މީހަކަށް، މިފަދަ ހަރުފަތަކާ ހަމައަށް ގޮސް، އެނބުރި ނާދެވޭނެއެވެ. ވީމާ އެކަކު ވެސް މިފަދަ ކަމެއް ތަޖުރިބާ ނުކުރާށެވެ. އެހެން ނޫނީ އޭނާ ވާނީ ނުރައްކާތެރި ޖަރާސީމުތަކަކަށް ހުށައެޅިގަންނަ މީހާފަދަ މީހަކަށެވެ. އޭނާ ސަލާމަތް ވެއްޖެނަމަ، ހަށިގަނޑުގެ ދިފާޢީ ބާރު ގަދަވެ، ޖަރާސީމަށް ހުށަނޭޅޭ މީހަކަށް ވުރެ ވަރުގަދަވެއެވެ. ނަމަވެސް މި ދިފާޢީ ބާރު ލިބޭނެ ކަމުގެ ފުރުސަތަކީ ސަތޭކައަކުން އެކެކެވެ. ބަލިޖެހިދާނެ ކަމުގެ ފުރުސަތު ނުވަދިހަ ނުވައެކެވެ.

ހަށިގަނޑަށް ޖެހޭ ޖަރާސީމުން ފަހަރެއްގައި ދިފާޢީ ބާރެއް ލިބުނަސް، ފާފަތަކާ ކައިރިވެފައި އެކަން ނުކޮށް ދޫކުރުމުން، ފާފަތަކުން ދިފާޢުވާ ބާރު ވަކި އިތުރެއް ނުވާނެއެވެ. ވީމާ ސަލާމަތްކަން ހޯދަން ބޭނުމިއްޔާ، ނުބައި ކަންތަކާ ދުރުވެ ހުންނާށެވެ. އެފަދަ ކަމަކަށް ފަހިކޮށްދޭ މަގުތައް ބަންދުކުރާށެވެ. ސަބަބުތައް ނައްތާލާށެވެ. ނުބައިކަންތައް ކުރަން ބުނެ، ހިތް ޖައްސައިދޭ މީހުންނާ ވަކިވާށެވެ. އެކުވެރިއާއަކީ ދަމާގެންދާ މީހެކެވެ. މީހާ ވަނީ އޭނާގެ އެކުވެރިއާގެ ދީންމަތީގައެވެ. އަދި މުސްކުޅި ބަހެއްގައި އޮންނަނީ: ''ކަލޭ އެކުއުޅެނީ ކާކާ އެކީތޯ ބުނާށެވެ. ކަލެއަކީ ކާކުކަން އޭރުން އަހަރެން ބުނާނަމެވެ.''

ވީމާ އަހަރެންގެ އުއްމީދަކީ، ޒުވާނުން މިކަންކަމަށް ސަމާލުވެ ހޭލާ ތިބުމެވެ. ތެދުމަގާއި މަދަދަށް އެދި ﷲ އަށް ދުޢާކުރާށެވެ.

 

*    *    *    *



* މި ފޮތުގެ ހުރިހާ ބައެއް އެއްކޮށް ޑައުންލޯޑްކުރަން މިތަނަށް ފިތާލާށެވެ!

* މި ނޯޓަކީ ތަރުޖަމާނު އަމިއްލައަށް ލިޔެފައިވާ ލިޔެފައިވާ ނޯޓެކެވެ.

[1] ޙަރާމް ކަމެއް ކުރުމުން، އަދި ވާޖިބެއް ދޫކޮށްލުމަކުން، އޭނާ ކާފިރެއް ނުވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައިވާ ވިދާޅުވުމުގެ މާނައަކީ، މީހަކަށް ފާފައެއް ކުރެވުމަކީ ކާފިރުވާނެ ކަމެއް ނޫންކަމެވެ. މިސާލަކަށް މީހަކު ރާ ބުއިމަކުން ކާފިރެއް ނުވާނެއެވެ. އެކަމަކު އެއީ ބޮޑު ފާފައެކެވެ. ފަރުވާކުޑަކަމުން ނުވަތަ ބަނޑުހައި ވާނެތީވެ ރޯދަ ނުހިފިއަސް އޭނާ ކާފިރެއް ނުވާނެއެވެ. އެކަމަކު ރާ ބުއިމަކީ ދީނުގައި ހުއްދަ ކަމެއް ކަމަށް ކަނޑައަޅައި، އެކަން ކުރަންޏާ އެއީ ކާފިރުވާނެ ޢަމަލެކެވެ. ހަމަ އެހެންމެ ރޯދަ ހިފުމަކީ ކުރަން ޖެހޭ ކަމެއް ނޫނޭ ކިޔައި ރޯދަ ނުހިފުމަކީ ވެސް ކާފިރު ވާނެ ޢަމަލެކެވެ. ﷲ ގެ އަމުރުފުޅަކާ ޚިލާފުވުމަކީ (ނަހީކުރެއްވި ކަމެއް ކުރުން / ވާޖިބުކުރެއްވި ކަމެއް ދޫކުރުން) ކާފިރުވާނެ ކަމެއް ނޫނޭ ކިޔާފައި، ބައެއް މީހުން ބޭނުންހާ ކަމެއް ކޮށް، ބޭނުންހާ ގޮތަކަށް އުޅެން ވިސްނައެވެ. މި މީހުން ދެކޭ ގޮތުގައި އިސްލާމް ދީނަކީ ޝަހާދަތު ދެ ކަލިމަ އެކަންޏެވެ. އެއްވެސް ޢަމަލެއް ނުކުރިއަސް، އަދި ހުރިހާ ޙަރާމް ކަމެއް ކުރިއަސް، އޭނާ ވާނީ މުސްލިމަކަށެވެ. އީމާންކަމާއި ޢަމަލާއި ވަކި ދޭއްޗަކަށް ހެދުމަކީ ވަރަށް ކުރީއްސުރެ ވެސް މުސްލިމުންގެ ތެރޭގައި އުޅުނު ބައެއް ކުރި ކަމެކެވެ. އެ މީހުންނަށް ދެވިފައިވާ ނަމަކީ މުރުޖިއާ އިންނެވެ. ނުވަތަ އިރުޖާއު ކުރާ މީހުންނެވެ. މި ނަން ނުކިޔުނަސް މި ޒަމާނުގައި ވެސް މި ފިކުރު ގެންގުޅޭ މީހުން ތިބެއެވެ. ބައެއް މީހުން އެ ފިކުރު ގެންގުޅެނީ އެނގިގެންނެވެ. އަނެއް ބައި މީހުން ނެނގިއެވެ.

މި ޒަމާނުގައި އިސްލާމީ ޝަރީޢަތް ތަންފީޒުނުކޮށް، އޭގެ ބަދަލުގައި ވަޟުޢީ ޤާނޫނު ތަންފީޒުކޮށް، ޢަލްމާނީ ވެރިކަމަކާއި މުޖްތަމަޢެއް ބިނާކޮށް، ދީނާއި ސިޔާސަތާ ގުޅުމެއް ނޯންނާނެ ކަމަށް ބުނެ، ދީނުން ކޮންމެހެން އެނގިފައިވާ ކަންތައްތަކާ ޚިލާފަށް ޙުކުމްކޮށް، އިސްލާމީ ޝަރީޢަތާ ޚިލާފު ޤާނޫނުތައް ފާސްކުރުމަކީ ކުފުރުގެ ޢަމަލެކެވެ. ދީނުގައިވާ ކަމެއް، ނޭނގި ނުވަތަ ޝުބުހާއަކާ ހެދި ނުވަތަ ވަގުތީ ހަވާ ނަފްސަށް ތަބާވުމުގެ ގޮތުން ނުކުރުމާއި، ދީނުގައިވާ ކަމަކާ މުޅިން ޚިލާފު ގޮތަކަށް ޤާނޫނުތައް ހަދައި، އެ ތަންފީޒުކުރަން އަތުކުރި އޮޅާލުމާ، މިއީ މުޅިން ތަފާތު ދެކަމެކެވެ.

މިސާލަކަށް ދެ މީހަކު ތިބެފައި އެކަކު ފަރުވާ ކުޑަ ކަމުން ރޯދަ ނުހިފީއެވެ. އަނެކަކު ރޯދައިގެ ބަދަލުގައި، ނަޞާރާއިން ހިފާފަދަ އާ ރޯދައެއް ތަޢާރަފްކޮށް އެކަން ކުރަން ފެށީއެވެ. އަދި އެއީ ޤާނޫނެއް ކަމަށް ބަލައި މުޖްތަމަޢްގެ މީހުން އެއަށް ކިޔަމަން ކުރުވަން ފެށީއެވެ. މީގެ ތެރެއިން ކުފުރުނުވާނެ ކަމަށް ޢިލްމުވެރިން ވިދާޅުވެފައި ވަނީ ފުރަތަމަ މީހާއެވެ. ދެވަނަ މީހާއަކީ، ﷲ ބާވައިލެއްވި އަޅުކަމަކާ ދެކޮޅުވެރިވެ، އަމިއްލައަށް ޙަރާމް ޙަލާލް ކަނޑައަޅާ މީހެކެވެ. މިފަދަ މީހަކު ކާފިރަކަށް ވާނެ ކަމާމެދު ޢިލްމުވެރިން ޝައްކެއް ނުކުރައްވައެވެ. (ތަރުޖަމާނު)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.