Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: އާޚިރަތްދުވަހަށް އީމާންވުން

އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: އާޚިރަތްދުވަހަށް އީމާންވުން

aamu-thaaraf-6-aakhira-dhuvahaއަހަރެމެންނާއި މަރު:
އަނެއް ޙަޔާތް:
މަރަށް ތައްޔާރުވުން:
ވަގުތުޖެހުން:
މޮޔަ ޝުބުހާއެއް:

ޤިޔާމަތް ދުވަސް
ޤިޔާމަތުގެ ވަގުތު:
ވަގުތުޖެހުން:
ފަލަކީ ހާދިސާތަކެއް:
ތާޅަފިލި ފުމުން:
ދިރުއްވުމާއި ޙަޝްރުކުރެއްވުން:

ޙިސާބުބެއްލެވުން
ހެކިވެރިންނާއި ހެކި:
ރަސޫލުބޭކަލުން ހެކިވެވަޑައިގަތުން:
ފޮތާއި ފަތްކޮޅު:
ދިފާޢުވުމާއި އިޤްރާރުވުން:
މޮޔަ ސުވާލެއް:
ހިސާބު ބެއްލެވުމާއި އޭގެ ނަތީޖާ:
ނަރަކަ ހުރަސްކުރުން:

އަހަރެމެންނާއި މަރު:

މަރާއި މެދު އަހަރަމެން ދެކޭ ގޮތަށް ބަލާފައި، ހަތަރު ބަޔަކަށް މީހުން ބަހާލެވިދާނެއެވެ. އެއް ބަޔަކީ ތިރީގައި މިވާފަދަ މޮޔަ ޅެންވެރިއެއްގެ ފަހަތުން ލަވަ ކިޔާ މީހުންނެވެ. އޭނާ ބުނެފައި ވަނީ: ''މާޒީވެ ދިޔަކަމަކީ ފާއިތުވެދިޔަ ކަމެކެވެ. އަންނަން އޮތް ކަމަކީ ނޭނގޭ ކަމެކެވެ. ކަލެއަށް އޮތީ ކަލޭ އުޅޭ ހިނދުކޮޅެވެ.''

މިފަދަ މީހުންނަކީ މާޒީއާމެދު ފިކުރެއްކުރާ ބައެއް ނޫނެވެ. އެއީ ފަނާވެފައިވާ އެއްޗެކެވެ. މުސްތަޤްބަލަށް ތައްޔާރުވާ ބައެއް ނޫނެވެ. އެއީ އަންނާނެ އެއްޗެއް ނޫނެވެ. ބުނެއުޅޭނީ، ''މާޒީވީ ކަމަކީ ފާއިތުވީ ކަމެކޭ'' އެވެ. ނަމަވެސް ގަންދީ ބުނަމެވެ. ކަން އޮތީ އެހެނެއްނޫނެވެ. މާޒީއަކީ ފާއިތުވެ ގޮސްފައިވާ އެއްޗެއް ނޫނެވެ. ކިއެއްތަ، އެ މާޒީގައި އަހަރެމެން ކުރި ހެޔޮކަންތަކާއި ނުބައިކަންތައް، ލިޔެވިއްޖެއެވެ. ލިޔެވުނީ ބޮޑުކަމެއް ވެސް ކުޑަކަމެއް ވެސް ދޫކޮށް ނުލާ ލިޔެވޭ ފޮތެއްގައެވެ. ކުރި ޢަމަލުތައް އެއީ މިހާރު ނެތް އެއްޗެކޭ އަހަރެމެން ހީކުރަމެވެ. ނަމަވެސް ޙަޤީޤަތަކީ އެ ނެތިގެން ގޮސްފައިވަނީ ހަމައެކަނި އަހަރެމެންގެ ހިއްސުތަކުގެ ކުރިމަތިންނެވެ. އެކަމަކު އެކަންތައް އަހަރެމެންގެ ނަފްސުތަކުގައި އެބަހުއްޓެވެ. ﷲ ޙަޟްރަތުގައި ލިޔެވިފައިވެއެވެ. އަދި ފަހުން އެ ހުރިހާ ޢަމަލުތަކެއް އަހަރެމެންގެ ކުރިމައްޗަށް ހުށައެޅޭނެއެވެ. މި ވައްތަރުގެ މީހުންނަކީ މަރާ މެދު އެއްގޮތަކަށް ވެސް ފިކުރުކުރާ ބައެއް ނޫނެވެ. އެ މަތިން ހަނދާންވާ ބައެއް ވެސް ނޫނެވެ. ވީމާ ތިންބައި މީހުންގެ ތެރެއިން ނުބައިކަން އެންމެ ބޮޑު ބަޔަކީ މި މީހުންނެވެ.

ދެވަނަ ބަޔަކީ، މަރުމަތިން ހަނދާންކުރާ ބައެކެވެ. އެކަމަކު އެއީ، އޭނާގެ ބާޠިލު ޅެންތައް މީހުންނަށް ކަމުގޮސްފައިވާ، ފާރިސްކަރައިގެ ޅެންވެރިއާ ޢުމަރު އަލްޚައްޔާމް، މަރު ހަނދާންކުރާ ގޮތަށެވެ. މި ޅެންވެރިއާ ބުނެފައި އޮންނަނީ: ''މަރަކީ އެއާމެދު ޝައްކު ނުކުރެވޭ ޙަޤީޤަތަކަށް ވާހިނދު، އަދި ޙަޔާތަކީ ދެމިނުތިބެވޭ ކުރު އެއްޗަކަށް ވާހިނދު، ފަހެ ޢިޝްޤާއި ލޯބިން މި ޙަޔާތް ފުރާލަމާ ހިނގާށެވެ. އަހަރެމެންގެ ޙަޔާތުގައި ވަނީ ދަތިތަކާއި ވޭންކަމަށް ވާހިނދު، ފަހެ ދެމިގެންވާ ރާ ތައްޓަކުން ޙިމާޔަތް ލިބިގަންނަމާ ހިނގާށެވެ. ޅެމާއި މަސްތާއި އަރާމުގައި ޢުމުރު ހޭދަކުރަމާ ހިނގާށެވެ!''

ތިންވަނަ ބަޔަކީ ވެސް، މަރުމަތިން ހަނދާންކުރާ ބައެކެވެ. އެކަމަކު އެއީ، ޅެންވެރިއާ އަބުލް ޢަތާހިޔާ، މަރު ހަނދާންކުރާ ގޮތަށެވެ. މަރާ ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކުން އޭނާގެ ޅެންތައް ވަނީ ފުރިފައެވެ. ނަމަވެސް މަދު ފަހަރަކު ނޫނީ، މަރުވުމަށް ފަހު ދެން ވާނެ ގޮތުގެ ވާހަކަ ދައްކާފައި ނުވެއެވެ. މިފަދަ މީހާއަކީ، ''ދިރޭ ކޮންމެ އެއްޗެއްގެ ނިމުމަކީ މަރޭ'' އަދި ''ކަށްވަޅުގައި ވަނީ ދެމިގެންވާ ނިންޖެކޭ'' ބުނާ މީހާއާ އެއްފަދަ މީހެކޭ ބުނެވިދާނެއެވެ.

ހަތަރުވަނަ ބަޔަކީ، ޙައްޤު ގޮތުގައި ތިބި މީހުންނެވެ. މަރުވުމުން އަދި ނިމުނީކީ ނޫންކަމާއި، އެއީ އެހެން ޙަޔާތެއްގެ ފެއްޓުން ކަން، މި މީހުން ދަނެއެވެ. އަދި އެއީ ނިންޖެއް ނޫންކަމާއި، ކިއެއްތަ އެއީ ނިދިން ހޭލުންކަން، މި މީހުން ދަނެއެވެ. މަރުވުމަށް ފަހު ދިގު އެހެން ޙަޔާތެއް އެބަ އޮތް ކަމާއި، އެ ޙަޔާތަކީ ނިމުމެއް ނެތް ޙަޔާތެއް ކަމާއި، އުޅޭނީ ދާއިމީ ނިޢްމަތެއްގައި ނުވަތަ ދާއިމީ ވޭންދެނިވި ޢަޛާބެއްގެ ތެރޭގައިކަން، މި މީހުން ދަނެއެވެ. މި މީހުންނަކީ ތެދުމަގު ލިބިފައިވާ މުއުމިނުންނެވެ.

އަނެއް ޙަޔާތް:

ޙަޤީޤީ ޙަޔާތަކީ މަރުވުމަށް ފަހު ދެން އޮންނަ ޙަޔާތެވެ. ނަމަވެސް ނަޒަރު ކުރު، ވިސްނުން ކޮށި މީހުން، މި ޙަޔާތާ ބެހޭ ގޮތުން ދައްކާ ވާހަކަ ތެދެއް ނުކުރާނެއެވެ. އިންސާނާގެ ޙަޔާތަކީ މަރުޙަލާތަކެއްކަން، ދުރު ނަޒަރަކާއި ވިސްނޭ ބުއްދިއެއް ލިބިފައިވާ މީހުން ޤަބޫލުކުރާނެއެވެ. އިންސާނާގެ ފެއްޓުމަށް ބަލާއިރު، އޭނާ އުފަންވުމުގެ ކުރިން އޮތީ، މަންމަގެ ބަނޑުގައި ކުރުގެޅިގެންނެވެ. އެ މަރުޙަލާގައި ރޭކާލާނަމަ އޭނާ ހީކުރާނީ، ޙަޔާތަކީ ހަމައެކަނި ބަނޑުގައި ހޭދަކުރާ ޙަޔާތްކަމަށެވެ. އެތަން ދޫނުކުރަން ފައިވިއްދާނެއެވެ. ގަދަކަމުން ނޫނީ އެތަން ދޫކޮށްފައި ނުދާނެއެވެ. އެ މަރުޙަލާގައި އޭނާއަށް ވާހަކަ ދެއްކޭނަމަ ބުނާނީ، ބަނޑުން ނުކުތުމަކީ މަރުވުން ކަމަށެވެ. ފުންތަނެއްގައި ވަޅުލެވޭ ވަޅުލުމެއްކަމަށެވެ. ނަމަވެސް ޙަޤީޤަތުގައި އެއީ ވިހެއުމެކެވެ. ތަނަވަސް ދުނިޔެއަކަށް ނުކުތުމެވެ. އެއީ މި ދުނިޔެއެވެ. ހަމަ މިބީދައިން، މި ދުނިޔެ ދޫކުރުމުން ދެން އޮތީ މަރުވުމެއް ކަމަށް އަހަރެމެން ދެކޭ ދެކުމަކީ، ޙަޤީޤަތުގައި އުފަންވުމެކެވެ. މިއަށްވުރެ ތަނަވަސް ދުނިޔެއަކަށް ދިއުމެވެ. ބަރުޒަޚުގެ ޢާލަމަށެވެ. އެއީ ފަނާވެދަނިވި މާއްދީ ދުނިޔެއާއި، އަބަދަށް ދާއިމަށް ދެމިއޮންނަ އުޚްރަވީ ދުނިޔެއާ ދެމެދު އޮންނަ ދުނިޔެއެކެވެ.

މަރަށް ތައްޔާރުވުން:

އިންސާނާއަކީ ދިގު ޙަޔާތެއް ލިބޭނެ ކަމަށް ހެއްލުންތެރިވެފައިވާ މީހެކެވެ. އެއީ އޭނާގެ ޣަރީޒަތުގައި ވާ ސިފައެކެވެ. ކަން މިހެން އޮތުމުން، މަރަކީ، އަހަރެމެންގެ ހިއްސުތަކާ އެންމެ ގާތް، ނަމަވެސް ފިކުރާ އެންމެ ދުރު އެއްޗެވެ. ކުރިމަތިން ޖަނާޒާ ގެންދާތަން، ކޮންމެ ދުވަހަކުވެސް އަހަރެމެން ދެކެމެވެ. ނަމަވެސް އަހަރެމެން ހީކުރަނީ އަހަރެމެން ދެމިތިބޭނެ ކަމަށެވެ. ޖަނާޒާ ފަހަތުން އަހަރެމެން ދަމެވެ. އެކަމަކު، އެ ވަގުތުވެސް އަހަރެމެންގެ ވިސްނުން ހުންނާނީ ދުނިޔެވީ ކޮންމެވެސް ކަމަކާ މަޝްޣޫލުވެފައެވެ. ނުވަތަ އެފަދަ ކަމަކާ ބެހޭ ގޮތުން ވާހަކަ ދައްކާނީއެވެ. މަހާނަތަކުން ތަނަވަސް ބިން ފުރިފައިވާ ތަން ވެސް އަހަރެމެން ދެކެމެވެ. ނަމަވެސް، އެ ބިމުގެ ވަޒަންވެރިއަކަށް ކޮންމެވެސް ދުވަހަކު އަހަރެމެން ވެދާނެއޭ ހީނުކުރަމެވެ.

އަސްތަޣްފިރުﷲ އެވެ. ދެންމެ މި ބުނެވުނީ ނުބައިކޮށެވެ. އެ ބިމުގައި ވަޒަންވެރިވާނީ އަހަރެމެންނެއް ނޫނެވެ. ވަޒަންވެރިވާނީ އަހަރެމެންގެ ހަށިތަކެވެ. ފަހެ، ހަށިގަނޑަކީ ކޯޗެއްހެއްޔެވެ؟

މީހާ ލައިގެން ހުންނަ ގަމީސް ދާވީމާ އެ ބާލާފައި އެއްލާލައެވެ. ބަނޑުގައި އޮންނަ ދަރިފުޅު އުފަންވީމާ، އޭނާ އޮންނަ ދުލި ކޮތަޅު ދޫކޮށް އެއިން ނުކުމެއެވެ. މީހާ މަރުވީމާ ހަށިގަނޑާ ވަކިވެ އެއިން އެއްކިބާވެގަނެއެވެ. ދެން ހަށިގަނޑަކީ ޤަމީހެއްގެ މިސާލުގައިވާ އެއްޗެކެވެ. ލާފައި ބާލާ އެއްޗެކެވެ. މަރުވީމާ ފަސްގަނޑުގައި ވަޅުލެވޭ އެއްޗަކީ ހަމައެކަނި ހަށިގަނޑެކެވެ.

އިންސާނުންނަކީ މަރުމަތިން ހަނދާންނައްތާލާ ބައެކެވެ. ނަމަވެސް މީގެ ތެރެއިން މުއުމިނުންނަކީ އަބަދުވެސް މަރު ހަނދާންކުރާ ބައެކެވެ. އޭނާ ހުރިހާ ވަގުތަކު ވެސް ހުންނާނީ، އެއާ ކުރިމަތިލާން ތައްޔާރަށް، އޭގެ އިސްތިޤުބާލުގައެވެ. މަރަށް ތައްޔާރުވުމުގެ ގޮތުން އޭނާ ތައުބާވެ، އިސްތިޣްފާރުކޮށް މީސްމީހުންގެ ޙައްޤުތައް ރައްދުކުރެއެވެ. ހެނދުނާ ހަވީރު އޭނާގެ ނަފްސު ހިސާބުކުރެއެވެ. ދެން ރަނގަޅުކަމެއް ކުރެވިފައި އޮތް ނަމަ، އެކަމަށް ތައުފީޤު ދެއްވީތީ ﷲ އަށް ޝުކުރުވެރިވެއެވެ. އަދި ނުބައިކަމެއް ކުރެވިފައި އޮވެއްޖެނަމަ، އެ ކަލާނގެ ކިބަފުޅުން މާފަށް އެދެއެވެ. އޭނާ އާޚިރަތް ދުވަސް ހަނދާންކުރެއެވެ. ހިތްތަކާއި ލޯތަށް އެފުށް މިފުށަށް ފުރޮޅޭ ދުވަހަށް ބިރުވެތިވެއެވެ. މަރުވުމަށް ފަހު ލިބޭ ޢަޛާބަށް ބިރުގަނެއެވެ. އަދި މަރަށް ފަހު ލިބެން އޮންނަ ދަރުމަތަކަށް ދަހިވެތިވެއެވެ. އަދި މި ހޯދައިގަތުމަށް، ކެތްތެރިކަމާއި ނަމާދުން ވާގި ހޯދައެވެ. ﷲ ގެ ރުއްސެވުމާއި ދަރުމައަށް އެދި ހެޔޮ ކަންތައް ކުރެއެވެ.

މަރުވާނެ ވަގުތު ޖެހުމަކީ ޔަޤީން ކަމެއް:

ﷲ ގެ މި ބަސްފުޅާ މެދު ނިކަން ވިސްނާލަބަލާށެވެ.

فَلَوْلا إِذَا بَلَغَتْ الْحُلْقُومَ (83) وَأَنْتُمْ حِينَئِذٍ تَنظُرُونَ (84) وَنَحْنُ أَقْرَبُ إِلَيْهِ مِنْكُمْ وَلَكِنْ لا تُبْصِرُونَ (85) فَلَوْلا إِنْ كُنتُمْ غَيْرَ مَدِينِينَ (86) تَرْجِعُونَهَا إِنْ كُنتُمْ صَادِقِينَ (87)

އާޔަތްތަކުގެ ތަފްސީރީ މާނަ: ''ތިޔަބައި މީހުން ބަލަބަލާ ތިއްބާ، މަރުމަތީގައި އޮތް މީހާ މަރުވާ ވަގުތު، އޭނާގެ ކަރާ ހަމައަށް ފުރާނަ އައިސް، ނޭވާހޮޅިއަށް އެޅިއްޖެހިނދު، އޭނާ މަރުވިޔަ ނުދީ ރޫޙު ހިފެހެއްޓުމުގެ ކުޅަދާނަ ކަމެއް ކަލޭމެންނަށް ލިބިގެންވޭހެއްޔެވެ؟ ހަމަހިލާ ކަލޭމެންނަކަށް އެކަމެއް ނުކުރެވޭނެއެވެ. ތިޔަބައި މީހުންނަށް ވުރެ، ތިމަން ރަސްކަލާނގެ މަލާއިކަތުން، މަރުވާމީހާއާ މާ ކައިރިއެވެ. އެހެނެއްކަމަކު، ތިޔަބައިމީހުންނަށް އެ މަލާއިކަތުން ނުފެންނަނީއެވެ. ފަހެ ތިޔަބައި މީހުންނީ އަލުން ދިރުވި، ޢަމަލުތަކުގެ ޖަޒާ ދެވޭނެ ބައެއް ނޫނޭ ބުނާ ބުނުމަކީ ތެދު ބުނުމެއް ނަމަ، އެ ފުރާނަ އަނބުރާ ހަށިގަނޑަށް ނުގެންނަނީހެއްޔެވެ؟! '' (އަލްވާޤިޢާ: 83-87)

އަޖަލު ޖެހިއްޖެއެވެ. މަރު އައިސް ދޮރުގައި ޓަކިޖަހައިފިއެވެ. އޭނާ އިޒުނަ ދިނަސް ނުދިނަސް މި ފަހަރު މަލަކަލް މައުތު ވަޑައިގެން، އޭނާގެ ފުރާނަ ގެންދަވާނެއެވެ. ހިނދުކޮޅެއްގެ ތެރޭގައި ކަރާ ހަމައަށް ފުރާނަ އައިސް، ފުރާނަ އަރައިގެން ދަނީއެވެ.

ލޯބިވެރިއާގެ މޫނަށް ބަލަހައްޓައިގެން، އެންމެން އެތާ އެތުރިލައިގެން ތިއްބެވެ. ތިމާގެ މީހުންނާއި ރައްޓެހިންނާއި އެކުވެރިން، ބައްދަބައްދާފައި އޭނާއަށް ހެޔޮއެދުންތައް ފާޅުކުރަމުން އެބަދެއެވެ. އެންމެ ވެސް ތިބީ، ޙަކީމެއްގެ އެހީ ހޯދޭތޯ ބަލަބަލައެވެ. ނަމަވެސް، ފުރާނަ އަރައިގެން ދަނީއެވެ. މަލާއިކަތް ބޭކަލުން އެ ފުރާނަ ގެންދަވާތަން ހަމަ އެކަކަށް ވެސް ނުފެނެއެވެ. އެހެނީ އިންސާނުންނަށް ފެންނަނީ ހަމައެކަނި މާއްދީ ދުނިޔޭގެ އެއްޗެއްސެވެ.

ދެން މިތާ މި އޮތީ، ޤިޔާމަތް ދުވަހު އަލުން ދިރުވި، ޢަމަލުތަކުގެ ޖަޒާ ނުލިބޭނެއޭ ބުނާ މީހުންނަށް އޮތް ވަރުގަދަ ގޮންޖެހުމެކެވެ. އެ މީހުންގެ އެ ބުނުމަކީ ތެދެއްނަމަ، ނިކަން އެ ފުރާނަ އަނބުރާ ހަށިގަނޑުތެރެއަށް ވައްދަބަލާށެވެ. އިންސާނުންނަށް ލިބިފައިވާ ހުރިހާ ޢިލްމަކާއި، ހުރިހާ ފައިސާއަކާއި، ހުރިހާ ވިސްނުމެއް އެއްކޮށްގެން ވެސް، އެކަން ކުރެވެންޏާ ކުރަންވީއެވެ. ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. ވީ އިރު، މި ކައުނަށް އެއްކައުވަންތަ ކަލަކު ވޮޑިގެންވާކަން ޤަބޫލު ނުކުރަން ތި އުޅެނީ ކީއްވެހެއްޔެވެ؟ ކަލޭމެން ދިރުއްވީ އެކަލާނގެއެވެ. އަދި ކަލޭމެންގެ މަރުހިއްޕަވާނީ ވެސް އެކަލާނގެއެވެ. އަދި މަރުވުމަށް ފަހު އަނެއްކާ ދިރުއްވާނީވެސް ހަމަ އެކަލާނގެއެވެ.

މޮޔަ ޝުބުހާއެއް:

ބައެއް މުލްޙިދުންގެ ފޮތްތަކުގައި، މަލާމާތުގެ ގޮތުގައި ކޮށްފައި އޮންނަ ސުވާލެއް އޮވެއެވެ. އެ މީހުން ކުރާ ސުވާލަކީ: މިސާލަކަށް އެމެރިކާއާއި ޗައިނާގައި ދެ މީހަކު ތިއްބާ، މަލަކަލް މައުތު، އެ ދެ މީހުންގެ ފުރާނަ އެއްފަހަރާ ހިއްޕަވާނީ ކިހިނެއްޔެވެ؟

މީގެ ފުރަތަމަ ޖަވާބަކީ: މަލާއިކަތް ބޭކަލެއްގެ އަރިހުގައި މި ބިމުގެ ބޮޑުމިނުގެ މިސާލަކީ، އަހަރެމެންގެ ތެރެއިން މީހަކު އެތައް ހާސް ހިންޏެއް އޮތް ޖާޑިއަކަށް ނުވަތަ އެތައް މިލިއަން ޖަރާސީމު ހުރި ބިއްލޫރި ތައްޓަކަށް، ގުދުވުމުގެ މިސާލެވެ. ކިއެއްތަ، މަލާއިކަތުން މިއަށް ވުރެ ވެސް ބޮޑެވެ. އެއިން ބޭކަލެއްގެ އަތްޕުޅުގައި، ދުނިޔެ ބާއްވައިފިއްޔާ އެ ވާނީ، އިންސާނެއްގެ އަތްތިލައިގައި އޮތް ގޮދަން ފުކެއް ފަދަ އެއްޗަކަށެވެ.

ދެވަނަ ޖަވާބަކީ: ރޫޙު ގެންދެވުމުގައި، މަލަކަލް މައުތަށް އަޢްވާނުންތަކެއް ވެއެވެ. މި ގޮތުން ﷲ ވަޙީކުރައްވާފައި ވަނީ: حَتَّى إِذَا جَاءَ أَحَدَكُمْ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لا يُفَرِّطُونَ

އާޔަތުގެ މާނަ: ''ތިޔަބައި މީހުންގެ ތެރެއިން މީހެއްގެ ގާތަށް މަރު އަތުވެއްޖެ ހިނދު، ތިމަން ރަސްކަލާނގެ ފޮނުއްވަވާ މަލާއިކަތުން، އެމީހަކުގެ ފުރާނަ ހިއްޕަވަތެވެ. އެކަމުގައި އެ މަލާއިކަތުން ފަރުވާކުޑަކޮށް ނުލައްވާނެއެވެ.'' (އަލްއަންޢާމް:61)

 

*    *    *    *

 

ޤިޔާމަތް ދުވަސް

އާޚިރަތް ދުވަހަށް، ނުވަތަ ޤިޔާމަތް ދުވަހަށް އީމަންވުމަކީ، އިސްލާމީ ޢަޤީދާގެ ދެވަނަ ރުކުނެވެ. ޤުރުއާނުގައި، ﷲ އަށް އީމާންވުމުގެ ވާހަކަ ދެކެވޭ ގިނަ ތަންތާނގައި، އާޚިރަތް ދުވަހަށް އީމާންވުމުގެ ވާހަކަ އައިސްފައި އޮވެއެވެ. ވީމާ މިއިން މި ކަމުގެ މުހިއްމު ކަން އެބަ ދޭހަވެއެވެ.

މުއުމިނަކީ، އަބަދުވެސް މި ދުވަސް މަތިން ހަނދާންކުރާ މީހެކެވެ. އެހެންވެ، މި ދުވަހުގެ ދަރުމައަށް އެދި، އޭނާ ހެޔޮކަންތައް ގިނަ ކުރެއެވެ. މި ދުވަހުގެ ޢަޛާބު ދެކެ ބިރުން، ވީ ވަރަކުން އޭނާ ނުބައިކަންތަކާ ދުރުވެވޭތޯ ބަލައެވެ. އުޅޭ އުޅުމުގެ ތެރޭގައި، އަރާމާއި އުފާ ގެނެސްދޭ ޙަރާމް ކަމެއް ހުށައެޅިއްޖެނަމަ، ވަގުތުން އޭނާގެ ހަނދާނަށް އަންނާނީ، އާޚިރަތް ދުވަހު އެކަމަށް ލިބޭނެ ވޭނަށެވެ. ދެން އޭނާ އެކަމެއް ނުކުރާނެއެވެ. ކިތަންމެ ބުރަ ދީނީ ވާޖިބެއް އުފުލަން ޖެހުނަސް، އޭނާ ހިތަށް އަރާނީ، އެކަން ކުރުމުން އާޚިރަތް ދުވަހު ލިބޭނެ ޘަވާބެވެ. ދެން އޭނާ، ކެތްކޮށްލާފައި އެ ވާޖިބު އުފުލައި، ފުރިހަމައަށް އެކަން ކުރާނެއެވެ. ރޭގަނޑު އެ މީހުންގެ ބުރަކަށިތައް ތަންމަތީގައި ނުޖެހޭނެއެވެ. ދަތިކަމާއި ތަނަވަސްކަމުގައި ވެސް ހޭދަކުރާނެއެވެ. ކިތަންމެ ބޭނުންޖެހިފައި ތިއްބަސް، އެ މީހުންގެ ނަފުސުގެ މައްޗަށް އެހެން މީހުން އިސްކުރާނެއެވެ. ﷲ ގެ ޢުޤޫބާތުގެ ގަދަފަދަކަމާމެދު ފިކުރުކުރާނެއެވެ. އެކަލާނގެ އިސްމުފުޅު އަޑުއިވޭ ވަގުތު، ހިތްތައް ބިރުވެތިވާނެއެވެ. ދެން އެކަލާނގެ ރަޙްމަތް ހަނދާންވުމުން އެ މީހުންގެ ހިތްތަކުގައި އުއްމީދު އާލާވާނެއެވެ.

ޤިޔާމަތުގެ ވަގުތު:

ޤިޔާމަތް ދުވަސް އަންނާނީ ކޮން އިރަކުން ކަން، އެއީ އެއްވެސް ޚަލްޤަކަށް އެނގޭ ކަމެއް ނޫނެވެ. އެކަން ދެނެވޮޑިގަންނަވަނީ، ހަމައެކަނި މާތް ﷲ އެވެ. މިއީ ޤުރުއާނުގައި ވަރަށް ޞަރީޙަ ޢިބާރާތުން ހާމަކުރެވިފައިވާ ޙަޤީޤަތެކެވެ. ﷲ ވަޙީކުރައްވާފައި ވަނީ: يَسْأَلُونَكَ عَنْ السَّاعَةِ أَيَّانَ مُرْسَاهَا قُلْ إِنَّمَا عِلْمُهَا عِنْدَ رَبِّي لا يُجَلِّيهَا لِوَقْتِهَا إِلاَّ هُوَ

އާޔަތުގެ ތަފްސީރީ މާނަ: ''ޤިޔާމަތް އައިސް ޖެހޭނީ ކޮން އިރަކުތޯ، މުޝްރިކުން (ނުވަތަ ޔަހޫދީން) ކަލޭގެފާނާ ސުވާލުކޮށް އުޅެއެވެ. ޖަވާބުގައި ކަލޭގެފާނު ވިދާޅުވާށެވެ: ހަމަކަށަވަރުން އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި އަހަރެން ހައްދަވާ ބޮޑުކުރެއްވި ކަލާނގެއެވެ. އެކަލާނގެ ނޫން ފަރާތަކަށް އެކަން ހާމަވެގެނެއް ނުވެއެވެ...'' (އަލްއަޢްރާފް: 187)

އަދި އެ ދުވަސް އަންނާނީ ކުއްލިއަކަށް ކަމާއި، އެސްފިޔަ ޖަހާހާ އަވަހަށް ކަން ވެސް ބަޔާންކުރައްވާފައި ވެއެވެ. لا تَأْتِيكُمْ إِلاَّ بَغْتَةً
އާޔަތުގެ މާނަ: ''...ކުއްލިއަކަށް މެނުވީ ޤިޔާމަތް ދުވަސް ނާންނާނެއެވެ...'' (އަލްއަޢްރާފް: 187)

وَمَا أَمْرُ السَّاعَةِ إِلاَّ كَلَمْحِ الْبَصَرِ أَوْ هُوَ أَقْرَبُ
އާޔަތުގެ މާނަ: ''...ޤިޔާމަތްވުމުގެ އަވަސްކަން، ލޮލުގެ އެސްފިޔަ ޖަހާހައި ހިނދުކޮޅެއްފަދައިން މެނުވީ ނުވެއެވެ. ނުވަތަ، އެއަށް ވުރެ ވެސް އަވަހެވެ...'' (އައްނަޙްލު:77)

ނަމަވެސް، މި ދުވަސް އައުމުގެ ކުރިން ދުނިޔޭގައި އާދަޔާ ޚިލާފު ކަންތަކެއް ހިނގާނެކަން، ޤުރުއާނުގައި ހާމަކުރެވިފައިވެއެވެ.

މީގެ ތެރޭގައި: މީހުންނާ ވާހަކަ ދައްކާ ބިމު ދާއްބައެއް ނުކުންނާނެއެވެ. މިއީ، އިންސާނުންގެ ސިކުނޑިއަށް ވިސްނައިނުގަނެވޭނެ، ޣައިބުގައިވާ ކަމެކެވެ. ނަމަވެސް މިއީ ހަމަ ތެދު ޚަބަރެކެވެ. މާތް ﷲ، މިއާ ބެހޭ ގޮތުން އަހަރެމެންނަށް އަންގަވާފައިވާ މިންވަރެއް ނޫނީ، އަހަރެމެންނަކަށް ނޭނގޭނެއެވެ. އެއީ ކޮން ކަހަލަ، ކިހިނެއް އޮންނަ، ކޮން ސިފައެއް ޖަހާ ދާއްބައެއް ކަން، ﷲ ބަޔާނެއް ނުކުރައްވައެވެ. ވީމާ، އެއާ ބެހޭގޮތުން ނައްޞުގައި އައިސްފައިވާ މިންވަރަށް އީމާންވެ، އެކަން ތެދުކުރުމަކީ ވާޖިބެކެވެ. އަދި ޞައްޙަ ދަލީލެއް ނެތި ހުސް ވާހަކަތަކެއް ދެއްކުން ހުއްޓާލަން ޖެހެއެވެ.

މީގެ ތެރޭގައި: ޔައުޖޫޖު މައުޖޫޖު މީހުން، ފާރު ފޫއަޅުވާލާފައި ނުކުތުން ވެސް ހިމެނެއެވެ. ޔައުޖޫޖާއި މައުޖޫޖު ބާގައަކީ ކޮބައިކަމާއި، އެއީ ކޮން ޤައުމެއްގައި އުޅޭ ބައެއްކަމާއި، އެ ފާރު ހުރީ ކޮންތާކުކަން، މާތް ﷲ އަހަރެމެނަށް ބަޔާންކޮށް ދެއްވާފައި ނެތެވެ. މި މީހުންނާ ބެހޭ ގޮތުން ދިރާސާތަކާއި ޢިލްމީ ހޯދުންތަކުގެ އެހީގައި، ޤުރުއާނާ ޚިލާފު ނުވާ ނަތީޖާއަކަށް ދެވިއްޖެއްޔާ، އަހަރެމެން އެ ވާހަކަ ޤަބޫލުކޮށްފާނަމެވެ. މިފަދަ ދިރާސާއެއް ނުވަތަ ޢިލްމީ ހޯދުމެއް ނެތިއްޔާ، އަހަރެމެންނަށް ޖެހޭނީ، ޤުރުއާނުގައި އައިސްފައިވަ ޖުމްލަ ޚަބަރު އެ އޮތް ގޮތަށް ޤަބޫލުކުރާށެވެ.  ﷲ ވަޙީކުރައްވާފައި ވަނީ:  حَتَّى إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُمْ مِنْ كُلِّ حَدَبٍ يَنسِلُونَ (96) وَاقْتَرَبَ الْوَعْدُ الْحَقُّ فَإِذَا هِيَ شَاخِصَةٌ أَبْصَارُ الَّذِينَ كَفَرُوا يَا وَيْلَنَا قَدْ كُنَّا فِي غَفْلَةٍ مِنْ هَذَا بَلْ كُنَّا ظَالِمِينَ(97)

އާޔަތުގެ ތަފްސީރީ މާނަ: ''ޔައުޖޫޖު މައުޖޫޖު ބާގައިމީހުން ހިފެހެއްޓިފައި ތިބި ފާރު ވެއްޓި، އެ މީހުންތައް ދޫވެގަނެގެން، އުސް ބިންތަކުން އެކި ދިމަދިމާއަށް އަވަސްކަމާއެކީ ފެތުރިގަނެއްޖެނަމަ، (96) އެއީ ޤިޔާމަތް ކައިރިވީއެވެ. އަދި އެ ދުވަހުގެ ބިރުވެރިކަންތައް ކާފަރުންނަށް ފެނުމުން، ގަތް ބިރެއްގެ ބޮޑުކަމުން އެމީހުން ތިބޭނީ ލޯ ހުޅުވި އެސްފިޔަވެސް ޖަހާލަން ވެސް ނޭނގިފައެވެ. އެ ހިނދު އެ މީހުން ބުނެވޭނީ، ތިމަންނަމެންނަށް ހުރި ގެއްލުމާއި ހަލާކެއްގެ ބޮޑުކަމާއެވެ. އަހަރެމެން ތިބީ މި ދުވަހާ މެދު ޣާފިލުވެ، މި ދުވަހަށް ތައްޔާރު ނުވެއެވެ. ވީމާ އަހަރެމެންވީ އަނިޔާވެރި ބައެއްކަމުގައެވެ.'' (އަލްއަންބިޔާއު: 96، 97)

ޤުރުއާނުގައި ޞަރީޙަކޮށް ބަޔާން ނުކުރާ، މި ނޫންވެސް ވަރަށް ގިނަ ކަންތަކެއްގެ ވާހަކަ، ޞައްޙަ ޙަދީޘްތަކުގައި އައިސްފައި އެބަ އޮތެވެ. އޭގެ ތެރޭގައި ޤިޔާމަތް ކައިރިވުމުން ޢިލްމު އެރުއްވުމާއި، ދީނާ މެދު ޖާހިލުކަން ޢާއްމުވުމާއި، ރާބުއިން ފެތުރުމާއި، ޒިނޭކުރުން ހުއްދަކުރުމާއި، ފިރިހެނުން މަދުވެ އަންހެނުން ގިނަވުމާއި، އަމާނަތްތެރިކަން ނާދިރުއެއްޗަކަށް ވުމާއި، މުޖްތަމަޢުގެ ތިލަފަތް ބަދަލުވެ މާތް މީހުން ދަށް މީހުންނަށް ވެ، އަދި ދަށް މީހުން މާތް މީހުންގެ ގޮތުގައި ތިބުމާއި، ޢީސާގެފާނު ފައިބައިވަޑައިގަތުން ހިމެނެއެވެ.

ވަގުތުޖެހުން:

ޤިޔާމަތް ދުވަހާއި ބެހޭގޮތުން ޤުރުއާނުގައި[1] އައިސްފައިވާ އާޔަތްތަކަށް ބެލީމާ އެނގޭ އެއްޗަކީ، ޤިޔާމަތް ދުވަސް ފެއްޓޭނީ ވަރުގަދަ ޒަލްޒަލާއަކުން ކަމެވެ. އެ ޒަލްޒަލާއަކީ މިހާތަނަށް އިންސާނުން ދެކެފައިވާ ކަހަލަ ޒަލްޒަލާއެއް ނޫނެވެ. އެ ޒަލްޒަލާ އަންނަނާނީ -މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ- ބިމުގައި އިންސާނުންގެ ޙަޔާތް އާދައިގެ ގޮތުގެ މަތިން ހިނގަމުން ދަނިކޮށް ކުއްލިއަކަށެވެ. ދެން އެވަގު އިންސާނުންނަށް ބޮޑު ސިހުމަކާއި ޢާއްމު ބިރެއް ކުރިމަތިވާނެއެވެ. އެ ބިރުވެރިކަމުގެ ބޮޑުކަމުން، ކިރުމައިމީހާ، އޭނާ ކިރުދޭން ހުރި ދަރި މަތިން ހަނދާންނެތޭނެއެވެ. މާބަނޑު މީހާގެ ދަރި ބައިގެން ދާނެއެވެ. ކުޑަ ކުއްޖާގެ ބޯ ނުރަވާނެއެވެ. މީހުންގެ ހޭބުއްދި ފިލައިދާނެއެވެ. އޭރުން އެ މީހުން ހީވާނީ މަސްތުވެފައި ތިބޭ ބައެއްހެނެވެ.

يَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّا أَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَى النَّاسَ سُكَارَى وَمَا هُمْ بِسُكَارَى وَلَكِنَّ عَذَابَ اللَّهِ شَدِيدٌ

އާޔަތުގެ ތަފްސީރީ މާނަ: ''ޤިޔާމަތް ވާ ދުވަސް ފެނުމުން، އެ ދިމާވި ކަންތަކުގެ ބިރުވެރިކަމުން ގޮސް، ކިރުމައިމީހާ ކިރުޖައްސައިގެން ހުރި ދަރިމަތިން ހަނދާނެތޭނެއެވެ. އަދި ބިރުން ގޮސް، އަންހެނުންގެ ބަނޑުގައިވާ ދަރި ބައިގެން ދާނެއެވެ. އަދި މީހުންތައް ތިބޭނީ ހޭބުއްދި ފިލައިފައެވެ. ގަތް ބިރުން ހޭބުއްދި ފިލައިދިޔައިމާ އެ މީހުން ހީވާނީ މަސްތުވެފައި ތިބި ބައެއްހެނެވެ. ނަމަވެސް އެމީހުން އެ ތިބީ މަސްތުވެފައެއް ނޫނެވެ. ކިއެއްތަ، ޢަޛާބުގެ ބޮޑުކަމުން އެ މީހުންގެ ހޭބުއްދި ފިލައިދިޔައީއެވެ. (އަލްޙައްޖު: 2)

މި ޒަލްޒަލާއަކީ ޤިޔާމަތް ވުމުގެ ކުރިން އަންނަ އެއްޗެއްކަން ތިރީގައިމިވާ އާޔަތުން ވެސް އެބަ ދޭހަވެއެވެ.

إِذَا زُلْزِلَتْ الأَرْضُ زِلْزَالَهَا (1) وَأَخْرَجَتْ الأَرْضُ أَثْقَالَهَا (2) وَقَالَ الإِنسَانُ مَا لَهَا (3)

އާޔަތުގެ މާނަ: ''ބިންގަނޑު ވަރުގަދަ ހެލިގަތުމަކުން ހެލިގެންފި ހިނދެވެ. (1) އަދި، އެ ބިމުގައި ވަޅުލެވިފައިވާ ޚަޒާނާތަކާއި ކަށްވަޅުތައް، ބިމުން ނެރެލައިފި ހިނދެވެ. (2) އަދި އިންސާނާ ބިރުންގޮސް، ބިމަށް މިވަނީ ކީއްހޭ ސުވާލުކޮށްފި ހިނދެވެ.(3)'' (އައްޒަލްޒަލާ: 1-3)

ވީމާ އިންސާނާ ދުނިޔޭގައި އުޅެނިކޮށް ވަރުގަދަ ޒަލްޒަލާއެއް އަންނަތަން އެބަ ދެކެއެވެ. އަދި އެއާ ބެހޭގޮތުން އެ މީހުން ސުވާލު ވެސް އެބަ ކުރެއެވެ.

ފަލަކީ ހާދިސާތަކެއް:

ކުރިން ވެސް ބުނެވިދިޔަ ފަދައިން، ޤިޔާމަތް ދުވަހާއި އެ ދުވަހު ވާނެ ކަންތަކާއި، އޭގެ ފަހުން ހިނގާން ކަންތަކަކީ، އަހަރެމެންގެ ޙިއްސުތަކަށް މާއްދީ ކަންތައްތައް ދެނެގަނެވޭ ގޮތަށް، ދެނެގަނެވޭނެ ކަންތަކެއް ނޫނެވެ. އެއީ ޣައިބުގައިވާ ކަންތަކެކެވެ. ވީމާ ދުނިޔޭގެ ކަންތައްތަކާ މެދު ވާހަކަ ދައްކާ ގޮތަށް، ޤިޔާމަތް ދުވަހާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ކުޅަދާނަ ކަމެއް، އިންސާނާގެ ސިކުނޑިއަށް ލިބިގެން ނުވެއެވެ. އަހަރެމެންނަށް ކުރެވޭނެހާ ވެސް ކަމަކީ، އައިސްފައިވާ ނައްޞުތައް ބަލައި ވިސްނުމެވެ. އޭގެ މާނަ ދަސްކުރުމެވެ.

ޤުރުއާނުގެ ޞަރީޙަ ނައްޞުތަކަކުން އެނގޭ ގޮތުގައި، އިޞްޠިލާޙަކަށް އަހަރެމެން 'ޠަބީޢީ ޤާނޫނު' ގެ ނަމުން ނަން ދިން، ކައުނު ހިނގަމުންދާ މަގަށް، ވަރަށް ބޮޑެތި ބަދަލުތަކާއި ތަފާތުތަކެއް އަންނާނެއެވެ. މި ޤާނޫނުތައް ދެމިއޮތުމުން ގުޅިފައި ވަނީ، ދުނިޔޭގެ ޙަޔާތް ދެމިއޮތުމާއެވެ. ދުނިޔޭގެ މުއްދަތު ހަމަވެ ނިމުނީމާ، މި ޤާނޫނުތައް ވެސް ނިމިހިނގައިދާނެއެވެ.

ވީމާ، ބިމާއި ޕުލެނެޓުތަކާއި ތަރިތައް ހިމެނޭ މި ޢާލަމަކީ، އޭގެ އުފެދުން ކިތަންމެ މޮޅަސް، ވަގުތީ ބިނާއެކެވެ. ވަކި މަޤްޞަދަކަށްޓަކައި ވަކި މުއްދަތަކަށް ހެދިފައިވާ ތަނެކެވެ.

ޤިޔާމަތް ދުވަސް އައުމުން ދުނިޔެއަށް ކުރިމަތިވާނެ ހާދިސަތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ، ވަރުގަދަ ލޮޅުމަކާއެކު ފަރުބަދަތައް ހުރިތަނުން ލުހެވިގެންދިއުމެވެ. އަދި އޭގެ ހިލަތައް ކުދިކުދިވެ ބުރުވައިލެވޭ ކެހެރިތަކެއްހެން ވެދެއެވެ. ބޮޑެތި ފަރުބަދަތައް ވެލި ފުންޏަކަށް ވެދެއެވެ. ދެން އެ ވެލިފުނި ވެސް އަވާމެންދުރެއްފަދަ އެއްޗަކަށް ވެދެއެވެ. އަދި ފަރުބަދަތަކާއި ވާދީތަކާއި، ރީތި މަގުތައް އޮތް ބިން އޮންނާނީ، ހަމަހަމަ ސަރާސަރު ތަނަކަށް ވެފައެވެ.

އަދިވެސް ޤުރުއާނުގައި ޚަބަރު ދެއްވާފައި ވާގޮތުން، އެ ދުވަހު ކަނޑުތައް ފަޅަފަޅައިގެންދާނެއެވެ. އަދި ކަނޑުގެ ލޮނުގަނޑު އާއްވަށް ވެގެންދާނެއެވެ. ބުރިކޮށްލެވޭ މިނާފައްޗަކުން މިނާތައް ވެއްޓޭހެން، އުޑުގައިވާ ތަރިތައް ވެއްޓެން ފަށާނެއެވެ. އިރާއި ހަނދުގެ މިސްރާބު ގެއްލި، ދޭތި އެއްވާނެއެވެ. އުޑު އޮތްތަނުން ނޮޅައިލެވި، ފަޅަފަޅައިގެން ދާނެއެވެ. ދެން އެއަށް ފަހު ކަރުދާސްގަނޑެއް އޮޅާލެވޭފަދައިން އުޑު އޮޅާލެވޭނެއެވެ. މި ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވާނީ، މި ބިން އެހެން ބިމެއްފަދަ ބިމަކަށް ބަދަލުވުމެވެ. އުޑު މުޅިން އެހެން އުޑެއްފަދަ އުޑަކަށް ބަދަލުވުމެވެ.

މިއީ ހައްތާ ވެސް، ޤުރުއާނުގައި ޚަބަރު ދެއްވާފައިވާ ކަންތަކެވެ.

ތާޅަފިލި ފުމުން:

ޤިޔާމަތް ދުވަހު ފުމޭ 'ތާޅަފިލި' ގެ ޙަޤީޤަތަކީ ކޮބައިކަން އަހަރެމެންނަކަށް ނޭނގެއެވެ. އަދި އޭގައި 'ފުމެނީ' ކިހިނެއްކަން ވެސް ނޭނގެއެވެ. ތާޅަފިލި ސިފަކޮށް، އޭގެ ތަފްޞީލު ކިޔައިދޭ ގިނަ ވާހަކަތަކަކީ އޭގައި އެއްވެސް ޞައްޙަ ސަމްޢީ ދަލީލެއް އޮތް އެއްޗެއް ނޫނެވެ. ވީމާ ބަޔަކު އެހެން ދައްކާ ވަހަކައެއްގެ މައްޗަށް ބަރޯސާއެއް ނުވެވޭނެއެވެ. ޤުރުއާނުގައި އައިސްފައި ވަނީ: ތާޅަފިލީގައި ފުމެވޭނެކަމާއި ދެން އުޑުތަކާއި ބިމުގައި ވާހާ ބައެއް ސިހިގެންދާނެ ކަމެވެ. އާޔަތުން ބޮޑަށް ދޭހަވަނީ، އެއީ ދެ ފުމުމެއް ކަމެވެ. ފުރަތަމަ ފުމެލުމަށް ފަހު ދުނިޔޭގައިވާ ހުރިހާ ދިރޭ އެއްޗެއް މަރުވާނެއެވެ. އަދި މިއަށް ފަހު، ﷲ މޮޅަށް ދެނެވޮޑިގެންވާ، ދިގު މުއްދަތެއް ވާނެއެވެ. ދެން އެއަށް ފަހު އަލުން ދިރުއްވުމުގެ ތާޅަފިލި ފުމެލެވޭނެއެވެ. އެ ހިނދު ޤަބުރުތަކުގައިވާ މީހުންތައް ތެދުވާން ފަށާނެއެވެ.

وَنُفِخَ فِي الصُّورِ فَصَعِقَ مَنْ فِي السَّمَوَاتِ وَمَنْ فِي الأَرْضِ إِلاَّ مَنْ شَاءَ اللَّهُ ثُمَّ نُفِخَ فِيهِ أُخْرَى فَإِذَا هُمْ قِيَامٌ يَنْظُرُونَ

އާޔަތުގެ ތަފްސީރީ މާނަ: ''އަދި އެ ދުވަހުން، ތާޅަފިލި ފުމެލެވޭނެއެވެ. އެ ހިނދު، ﷲ އިރާދަ ކުރެއްވި ބަޔަކު ފިޔަވާ، އުޑުތަކާއި ބިމުގައި ދެން ތިބިހާ ބައެއް މަރުވެދެއެވެ. ދެން އެއަށްފަހު ޙިސާބު ބެއްލެވުމަށްޓަކައި ހުރިހާ ޚަލްޤުތަކުން އަލުން ދިރުއްވުމަށްޓަކައި، އެހެން ފުމެލުމެއް މަލާއިކަތް ބޭކަލު ފުމެލައްވާނެއެވެ. އެ ހިނދު، އެންމެހައި މީސްތަކުން ކަށްވަޅުތަކުން ތެދުވެ، ޤިޔާމަތް ދުވަހުގެ ބިރުވެރިކަން ބަލަން ތިބޭނެއެވެ.'' (އައްޒުމަރު: 68)

وَنُفِخَ فِي الصُّورِ فَإِذَا هُمْ مِنْ الأَجْدَاثِ إِلَى رَبِّهِمْ يَنسِلُونَ

އާޔަތުގެ ތަފްސީރީ މާނަ: ''ދެވަނަ ތާޅަފިލި ފުމެލެވުނީމާ، މަރުވެފައިވާ މީހުންގެ ހަށިތަކަށް ފުރާނަ ރައްދުކުރެވެއެވެ. އެ ހިނދު، އެބައި މީހުން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތަށް، ކަށްވަޅުތަކުން ނުކުމެގެން އަވަސް އަވަހަށް ދެއެވެ.'' (ޔާސީން: 51)

ދިރުއްވުމާއި ޙަޝްރުކުރެއްވުން:

ކޮންމެ މީހަކު ވެސް އަލުން ދިރުއްވޭނީ، އޭނާ މަރުވި އޮތް ނަފްސީ ހާލަތުގައެވެ. އެ ހިނދު އޭނާ ހީކުރާނީ، އޭނާ މަރުވިތާ އަދި މިވީ ކުޑަ ހިނދުކޮޅެއް ކަމަށެވެ. އޭނާގެ ސިކުނޑިއަށް ހުންނާނީ، ވާހަކަ ދައްކަން ނުވަތަ ވިޔަފާރިކުރަން ހުއްޓާ ކުއްލިއަކަށް ކާރަކުން ޖެހި ދެތިން ދުވަސް ވަންދެން ހޭނެތިފައި އޮންނަ މީހަކަށް ވާ ގޮތް ވެފައެވެ. ހޭޖެހުމުން މިފަދަ މީހާ އަނެއްކާ ވެސް އޭނާގެ ކުރީގެ އާދައިގެ ޙަޔާތާއިގެން ކުރިއަށް ދާނެއެވެ. ތިން ދުވަސް ވަންދެން ހޭނެތިފައި އޮތް ކަމެއް އޭނާއަކަށް ނޭނގޭނެއެވެ. ޤިޔާމަތަށް ފަހު އަލުން ދިރުއްވުނީމާ ވެސް، އިންސާނުންނަށް ވާނީ ހަމަ މިކަހަލަ ގޮތެކެވެ. މި ސަބަބަށްޓަކައި، އަހަރެމެންގެ ނިމުން ރަނގަޅުކޮށް ދެއްވުން އެދި ދުޢާ ކުރަން ދީނުގައި ވަނީ ދަސްކޮށްދީފައެވެ.

އަލުން ދިރުއްވޭ ދުވަހު ވާނެ ގޮތުގެ ނަމޫނާ، މާތް ﷲ ވަނީ މި ދުނިޔޭގައި އިންސާނުންނަށް ދައްކަވާފައެވެ. މީގެ އެއް ނަމޫނާއަކީ ފަޅުވެ ވީރާނާވެފައިވާ ސަހަރެއް ކައިރިންލާފައި ދިޔަ މީހާގެ ނަމޫނާއެވެ. އެ މަންޒަރު ފެނުމުން، އެ ރަށް ދެން އާބާދުވެ ދިރޭނެ ގޮތަކާ މެދު އޭނާ ހިތުގައި ސުވާލު އުފެދުނެވެ:

أَنَّى يُحْيِي هَذِهِ اللَّهُ بَعْدَ مَوْتِهَا فَأَمَاتَهُ اللَّهُ مِائَةَ عَامٍ ثُمَّ بَعَثَهُ قَالَ كَمْ لَبِثْتَ قَالَ لَبِثْتُ يَوْماً أَوْ بَعْضَ يَوْمٍ قَالَ بَلْ لَبِثْتَ مِائَةَ عَامٍ فَانظُرْ إِلَى طَعَامِكَ وَشَرَابِكَ لَمْ يَتَسَنَّهْ وَانظُرْ إِلَى حِمَارِكَ وَلِنَجْعَلَكَ آيَةً لِلنَّاسِ وَانظُرْ إِلَى الْعِظَامِ كَيْفَ نُنشِزُهَا ثُمَّ نَكْسُوهَا لَحْماً فَلَمَّا تَبَيَّنَ لَهُ قَالَ أَعْلَمُ أَنَّ اللَّهَ عَلَى كُلِّ شَيْءٍ قَدِيرٌ

އާޔަތުގެ ތަފްސީރީ މާނަ: ''މިރަށް މިގޮތަށް ސުންނާފަތިވެ ވީރާނާވުމަށް ފަހު، ﷲ އަލުން އާބާދުކުރައްވައި ދިރުވައިލައްވާނީ ކިހިނެއްހެއްޔެވެ؟ ދެން، ﷲ އޭނާ މަރުގަންނަވާފައި ސަތޭކަ އަހަރު ބޭއްވެވިއެވެ. ދެން އެއަށް ފަހު އޭނާ ދިރުއްވިއެވެ. އެ ހިނދު ﷲ އޭނާއަށް ވަޙީކުރެއްވިއެވެ: ''އިނބަ ތިޔަ އޮތީ ކިހައި ދުވަހެއް ވަންދެންހެއްޔެވެ؟'' އޭނާ ބުންޏެވެ: ''މިއަޅު އޮތީ އެއް ދުވަހު ނުވަތަ ދުވަހެއްގެ ބައެއްގައެވެ.'' އެކަލާނގެ ވަޙީކުރެއްވިއެވެ: ނޫނެކެވެ. އިނބަ ތިޔަ އޮތީ އެއް ސަތޭކަ އަހަރު ވަންދެނެވެ. ފަހެ އިނބަގެ ކާބޯތަކެތި ނިކަން ދެކިބަލާށެވެ! އެތަކެއްޗަށް ގިނަ ދުވަސްވުމުގެ އަސަރެއްކޮށްފައި ނުވެއެވެ. އަދި އިނބަގެ ޙިމާރަށް ނިކަން ދެކިބަލާށެވެ! މި ކަމަކީ، އިނބައަކީ މީސްތަކުންނަށް ވާ ޢިބްރަތެއް ކަމުގައި ލެއްވުމަށްޓަކައި ވާ ކަމަކެވެ. ދެން މަރުވެފައި އޮތް ޙިމާރުގެ ކަށިތައް، ތިމަންރަސްކަލާނގެ އަތުރާލައްވައި އެ މައްޗަށް މަސް އަރުއްވައި ދިރުންލެއްވީ ކޮންފަދައަކުންކަން، ނިކަން ދެކިބަލާށެވެ.'' ދެން މި ކަން އޭނާއަށް ބަޔާންވެ އެނގުމުން ބުންޏެވެ: ހަމަކަށަވަރުން ﷲ އަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ ކަން، އަހަރެން ދަންނަމެވެ.'' (އަލްބަޤަރާ:259)

ކަހުފުބާގައިގެ މީހުން ވެސް ތިންސަތޭކަ ނުވަ އަހަރު ދުވަހު ނިދާފައި ތިއްބެވެ. އެ މީހުން އެހާ ގިނަ ދުވަހު ތިބެފައި ހޭލެވުނީމާ ވެސް ހީކުރީ، ނިދުނީ މަދު ގަޑިތަކެއް ވަންދެން ކަމަށެވެ. އަތުގައި ހުރި ފައިސާއަކީ ބޭނުން ކުރުން ހުއްޓާލެވުނުތާ އެތައް ދުވަހެއް ވެފައިވާ ފައިސާކަން ނޭނގި، އެއަށް އެއްޗެހި ގަންނަން ވެސް، އޭގެ ތެރެއިން ޒުވާނަކު ދިޔައެވެ.

މަރުވުމަށް ފަހު މީހުން ދިރުއްވުނީމާ ވެސް، މީހުންނަށް ވާނީ ހަމަ މި ގޮތެވެ. އެ މީހުން ހީކުރާނީ ހިނދުކޮޅަކު ނިދާފައި ހޭލެވުނީ ކަމަށެވެ. އެހެންވެ އެއްބަޔަކު އަނެއް ބަޔަކާ ސުވާލުކޮށް އުޅޭނެއެވެ:

وَيَوْمَ تَقُومُ السَّاعَةُ يُقْسِمُ الْمُجْرِمُونَ مَا لَبِثُوا غَيْرَ سَاعَةٍ كَذَلِكَ كَانُوا يُؤْفَكُونَ (55) وَقَالَ الَّذِينَ أُوتُوا الْعِلْمَ وَالإِيمَانَ لَقَدْ لَبِثْتُمْ فِي كِتَابِ اللَّهِ إِلَى يَوْمِ الْبَعْثِ فَهَذَا يَوْمُ الْبَعْثِ وَلَكِنَّكُمْ كُنتُمْ لا تَعْلَمُونَ (56)

އާޔަތުގެ ތަފްސީރީ މާނަ: ''ޤިޔާމަތް ވަގުތު ޖެހޭ ދުވަހު ޤަބުރުތަކުގައިވާ މީހުންތައް މާތް ﷲ ދިރުއްވުމުން، މުޝްރިކުން، އެ މީހުންނަށް ދުނިޔޭގައި ކުޑަހިނދުކޮޅަކަށް މެނުވީ ނުތިބެވުނު ކަމަށް، ހުވާކޮށްކޮށްފައި ބުނާނެއެވެ. އެއީ އެ މީހުންގެ މައްޗަށް ހުއްޖަތް ޤާއިމުނުވާ ކަމުގެ ބަހަނާ ދައްކައި، ﷲ އަށް އީމާންވެ އަޅުކަން ކުރާނެ ވަގުތެއް ނުލިބޭނެ ކަމަށް ހެދެންވެގެނެވެ. ދުނިޔޭގައި ވެސް އެ މީހުން ދޮގުހަދައި، ރަސޫލުން ގެންނެވި ޙައްޤު ތެދު އިންކާރުކޮށް އުޅުނީ އެފަދައިންނެވެ. (55) ޢިލްމާއި އީމާންކަން ލިބުނު މީހުން އެ ހިނދު ބުނާނެތެވެ. ކަލޭމެން އުފެއްދެވުނީއްސުރެ އަލުން ދިރުއްވޭ ދުވަހާއި ޖެހެންދެން، މާތް ﷲ އަޖަލުގައި ލިޔުއްވާފައިވާ އިރެއް ވަންދެން، ތިޔަބައިމީހުން ދުނިޔޭގައި ދެމިތިބީމެވެ. މިއަދަކީ އަލުން ދިރުއްވާ ދުވަހެވެ. އެކަމަކު ތިޔަބައިމީހުން އެކަން ދެނެ ނެތީމުއެވެ.'' (އައްރޫމް: 55-56)

އެ ދުވަހުވެސް އެ މީހުން ހީކުރަނީ، އެ މީހުން އެތިބީ ދުނިޔޭގައި ކަމަށެވެ. ނަމަވެސް، ދުވަހުގެ ބިރުވެރިކަމުގެ ސަބަބުން، އެއްބަޔަކާ އަނެއްބަޔަކާ އޮންނަ ހުރިހާ ގުޅުމެއް އެ ދުވަހު އޮންނާނީ ކެނޑިފައެވެ. އެކުވެރި ރަހުމަތްތެރިއާ ފެނުނީމާ ވެސް، އޭނާ އަޅައެއް ނުލާއެވެ. ކޮންމެ މީހަކު ވެސް އުޅޭނީ އަމިއްލަ ނަފްސާއިގެންނެވެ. ބޭބެއާ، މަންމައާ، ބައްޕައާ، އަނބިމީހާއާ ދަރިންނަށް ފިލާށެވެ. އެ މީހުން ފިދާކޮށްގެން އޭނާއަށް ސަލާމަތެއް ހޯދޭނެނަމަ އެކަން ވެސް އޭނާ ކުރީހެވެ. ދެން ކޮންމެއަކަސް، ކަށްވަޅުން މީހުންތައް ދިރި ތެދުވުމަށް ފަހު، ﷲ މިންވަރު ކުރައްވާ މުއްދަތެއް ވަންދެން، ވިއްސިވިހާލިވެފައި އެ މީހުން ތިބޭނެއެވެ. ދެން އެއަށް ފަހު އެންމެން އެއްކުރެވި، މަޙްޝަރު ބިމަށް އެންމެން ގެންދެވޭނެއެވެ.

ގެންދެވޭނީ ހުރިހާ އިންސާނުންނެވެ. އާދަމުގެފާނުއްސުރެ އެ ދަރިފަސްކޮޅުން އައި އެންމެ ފަހު މީހާއަށްދާންދެނެވެ. ބަލިއެނދުގައި އޮވެ މަރުވި މީހުންނާއި، ޣަރަޤުވި މީހުންނާއި، ޖަނަވާރެއް ކާލި މީހުންނާއި، އުދުހޭބޯޓުން ވެއްޓި މަރުވި މީހުންނާއި، އަންދާލެވުމަށް ފަހު އަޅިތައް ބުރުވައިލެވުނު މީހުންނާއި، މި އެންމެންނަކީ ވެސް، ނެތުމުގެ ތެރެއިން އެ މީހުން އުފެއްދެވި ކަލާނގެ، ޤިޔާމަތް ދުވަހުން އަލުން ދިރުއްވާނެ މީހުންނެވެ. ހުރިހާ އިންސީންނާއި ޖިންނީންނާއި ޝައިޠާނުންނާއި ޖަނަވާރުތައް އެއްކުރެވި މަޙްޝަރު ބިމަށް ގެންދެވޭނެއެވެ.

مُهْطِعِينَ مُقْنِعِي رُءُوسِهِمْ لا يَرْتَدُّ إِلَيْهِمْ طَرْفُهُمْ وَأَفْئِدَتُهُمْ هَوَاءٌ

އާޔަތުގެ ތަފްސީރީ މާނަ: ''އަނިޔާވެރިވެގަތް މީހުން، ޤިޔާމަތް ދުވަހު ގޮވާ ފަރާތަށް އަވަސްވެގެންނަ ހާލު ދާނެއެވެ. އެ މީހުން ތިބޭނީ، ބޯ އުފުލި، އަދި ފެންނަމުންދާ ބިރުވެރި މަންޒަރުތަކުގެ ސަބަބުން އެސްފިޔަ ވެސް ޖަހާނުލެވިއެވެ. އަދި ގަނެފައިވާ ބިރުގެ ބޮޑުކަމުން، އެ މީހުންގެ ހިތްތައް ވާނީ، އެކައްޗެއް ވެސް ނެތް ހުސް އެއްޗަކަށެވެ.'' (އިބްރާހީމް: 43)

ދެން މާތް ﷲ ގެ އަމުރުފުޅަށް ނަރަކަ ގެނެވި، މީސްތަކުންނަށް ދައްކާލެވޭނެއެވެ. އަދި ވަޙީކުރައްވާނެއެވެ:

أَلَمْ أَعْهَدْ إِلَيْكُمْ يَا بَنِي آدَمَ أَنْ لا تَعْبُدُوا الشَّيْطَانَ إِنَّهُ لَكُمْ عَدُوٌّ مُبِينٌ (60) وَأَنْ اعْبُدُونِي هَذَا صِرَاطٌ مُسْتَقِيمٌ (61) وَلَقَدْ أَضَلَّ مِنْكُمْ جِبِلاًّ كَثِيراً أَفَلَمْ تَكُونُوا تَعْقِلُونَ (62) هَذِهِ جَهَنَّمُ الَّتِي كُنتُمْ تُوعَدُونَ (63)

އާޔަތުގެ ތަފްސީރީ މާނަ: ''ލިބެން އޮތް ޢަޛާބުގެ އިންޒާރާއި، އަދި ހަނދާންކޮށްދިނުމުގެ ގޮތުން، ކާފިރުންނަށް، ޤިޔާމަތް ދުވަހު ﷲ ވަޙީކުރައްވާނެއެވެ. އޭ އާދަމުގެ ދަރިންނޭވެ! ޝައިޠާނާއަށް ކިޔަމަންވެ އަޅުކަން ނުކުރުމަށާއި، އެއީ ޢަދާވާތްތެރިކަން ހާމަކަން ބޮޑު، ޢަދުއްވެކަން، ރަސޫލުން މެދުވެރިކުރައްވައި ތިމަންރަސްކަލާނގެ ތިޔަބައި މީހުންނަށް ނާންގަވަންހެއްޔެވެ؟ (60) އަދި ހަމައެކަނި ތިމަންރަސްކަލާނގެއަށް އަޅުކަން ކުރުމަށް ވެސް އެންގެވީމެވެ. ތިމަންރަސްކަލާނގެއަށް ކިޔަމަންވެ އަޅުކަންކޮށް، އަދި ޝައިޠާނާއަށް ނުކިޔަމަންތެރިވުމަކީ، އެއީ ތިމަންރަސްކަލާނގެ ރުއްސެވުމާއި ސުވަރުގެ ލިބޭ ސީދާވެގެންވާ މަގުކަން ވެސް އެންގެވީމެވެ. (61) ހަމަކަށަވަރުން، ޝައިޠާނާ، ތިޔަބައި މީހުންގެ ތެރެއިން ގިނަބަޔަކު މަގުފުރައްދައިފިއެވެ. ފަހެ ޝައިޠާނާއަށް ތަބާ ވެގެން ނުވާނެކަން، އަންގައިދޭ ބުއްދިއެއް ވިސްނުމެއް ކަލޭމެންގެ ކިބައިގައި ނެތީހެއްޔެވެ؟ (62) ﷲ އަށް ކުފުރުވެ، އެކަލާނގެ ރަސޫލުން ދޮގުކުރި ކަމަށްޓަކައި، ތިޔަބައި މީހުންނަށް ވަޢްދުވެވުނު ނަރަކަ މިއޮތީއެވެ.(63) '' (ޔާސީން: 60-63)

ދެން މާތް ﷲ ގެ އަމުރުފުޅަށް ހުރިހާ ކުށްވެރިން ވަކިކުރެވި ފާހަނގަ ކުރެވޭނެއެވެ. ދުވަހުގެ ބިރުވެރިކަމާއި، ކުރިއަށް އޮތް އަބާއްޖަވެރިކަމުގެ ސަބަބުން، ތިމަންނާމެން އިންސާނުންނަށް ނުވެ ބިމުގެ ވެލިކަމުގައި ވީނަމަ ކިހާ ރަނގަޅުވީސްހޭ، މި މީހުން ބުނާނެއެވެ.

ދެން ކާފިރުންތައް، އެމީހުންގެ އިލާހުންތަކެއް ކަމަށް ބަލައި އަޅުކަންކުރި ތަކެއްޗާއެކު، އެންމެން އެއްކޮށް ނަރަކައަށް އުކާލެވޭނެއެވެ. މިގޮތަށް ކުފުރުވެގަތް މީހުން އަޅުކަންކުރި ތަކެތީގެ ތެރޭގައި، ޔޫނާނީން އަޅުކަންކުރި ޒިއޮސް އާއި އެފްރޮޑައިޓް، ރޫމީން އަޅުކަންކުރި ޖުޕިޓާރ އާއި ވީނަސް، ފާރިސީން އަޅުކަންކުރި ހުރުމުޒާއި އަހުރަމާން، މިޞްރު މީހުން އަޅުކަންކުރި ޙާބީ އާއި، ފީނީޤީން އަޅުކަންކުރި ބަޢަލް އާއި، ޢަރަބިން އަޅުކަންކުރި ލާތު އާއި ޢުއްޒާ ފަދަ، ބާޠިލު އިލާހުންތައް ހިމެނެއެވެ. މި ތަކެއްޗަށް އަޅުކަންކުރި މީހުން ހީކުރީ މިއީ ކައުނު ހިންގެވުމުގައި ﷲ ގެ ބައިވެރިންތަކެއް ކަމަށެވެ. ޔޫނާނީންނާއި ރޫމީން ވަނީ އެކި ކަންކަމަށް އެކި އިލާހުން ކަނޑައަޅާފައެވެ. މިގޮތުން އެ މީހުން ދެކުނީ އެޕޯލޯ އަކީ އިރާއި ފަންނުގެ އިލާހުކަމުގައެވެ. ބާޚުސް އަކީ ރަލުގެ އިލާހެވެ. ޑައާނާ އާއި އަރްޓިމީސް އަކީ ޝިކާރައިގެ އިލާހެވެ. މިރްވާ އަކީ ޙިކްމަތުގެ އިލާހެވެ. އަދި ނެޕްޓިއުނަކީ ކަނޑުގެ އިލާހެވެ.

ޤިޔާމަތް ދުވަހު މިފަދަ ހުރިހާ މީހުންނަށް ވެސް ގޮވާލެވޭނީ މިފަދައިންނެވެ:

وَيَوْمَ يَقُولُ نَادُوا شُرَكَائِي الَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا لَهُمْ وَجَعَلْنَا بَيْنَهُمْ مَوْبِقاً

އާޔަތުގެ ތަފްސީރީ މާނަ: ''ޤިޔާމަތް ދުވަހު، މުޝްރިކުންނަށް ދެރައާއި އިންޒާރު ދެއްވުމުގެ ގޮތުން، މާތް ﷲ މުޝްރިކުންނާ މުޚާޠަބުކުރައްވައި ވަޙީކުރައްވާނެ ބަސްފުޅު، ކަލޭގެފާނު އެ މީހުންނަށް ވިދާޅުވާށެވެ. އެ ދުވަހު މާތް ﷲ ވަޙީކުރައްވާނެއެވެ: ކަލޭމެން ދުނިޔޭގައި އުޅުނު އިރު، ތިމަންރަސްކަލާނގެ ޝަރީކުންތަކެއް ކަމަށް ކަލޭމެން ހިތައި އުޅުނު ޝަރީކުންނަށް ގޮވާށެވެ. ތިމަންރަސްކަލާނގެ ޢަޛާބުން މިއަދު ކަލޭމެން މިންޖުކޮށްދެވޭތޯ، އެ ތަކެތި ގާތު އެދޭށެވެ. ދެން އެ މީހުން އެ ތަކެތީގެ ކިބައިން އެހީ ހޯދުމަށް އެދި ގޮވުމުން، އެ މީހުންނަށް އެހީއެއް ވެސް އިޖާބައެއް ވެސް އެތަކެތި ނުދޭނެއެވެ.'' (އަލްކަހްފު: 52)

އެ މީހުންގެ އެދުމަށް އެއްވެސް އިޖާބައެއް ނުލިބޭނެއެވެ. އެ ހިނދު އެ މީހުން ނިކަމެތިކުރެއްވުމުގެ ގޮތުން މާތްﷲ ވަޙީކުރައްވާނެއެވެ: مَا لَكُمْ لا يَتَنَاصَرُونَ

އާޔަތުގެ މާނަ: ''މިއަދު ކަލޭމެން އެއްބަޔަކު އަނެއްބަޔަކަށް އެހީނުވަނީ ކީއްވެގެންހެއްޔެވެ.'' (އައްޞާއްފާތު: 25)

ހަމަ އެހެންމެ، ދުނިޔޭގައި އުޅުނު އިރު ބުއްދީގެ ބޭނުމެއް ނުކޮށް، ކިބުރުވެރި އަނިޔާވެރި ވެރިންނަށް ތަބާވެގެން، ލޯ މަރައިގެން ޝިރުކާއި ކުފުރުގެ މަގުން ހިނގި މީހުން، އެ މީހުންގެ ވެރިން ޤިޔާމަތްދުވަހު ފެނުމުން، ނަރަކައިގެ ޢަޛާބުން ސަލާމަތްކޮށްދީ އެހީތެރިވުމަށް އެދޭނެއެވެ:

وَبَرَزُوا لِلَّهِ جَمِيعاً فَقَالَ الضُّعَفَاءُ لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعاً فَهَلْ أَنْتُمْ مُغْنُونَ عَنَّا مِنْ عَذَابِ اللَّهِ مِنْ شَيْءٍ

އާޔަތުގެ ތަފްސީރީ މާނަ: ''ޚަލްޤުތަކުން ކަށްވަޅުތަކުން ނުކުމެ، ޤިޔާމަތް ދުވަހު އެ އެންމެން، ﷲ ގެ ޙަޟްރަތުގައި ހިސާބު ބެއްލެވުމަށް ފާޅުވާނެއެވެ. އެ ހިނދު، ތަބާވީމީހުން ތަބާވާ މީހުންނާ ދިމާއަށް ބުނާނެއެވެ: އަހަރެމެން ދުނިޔޭގައި އުޅުނު އިރު އުޅުނީ ކަލާމެންނަށް ތަބާވެގެން ކަލޭމެން ބުނި ގޮތަކަށް ކަންތަށް ކޮށްގެނެވެ. ކަލޭމެން ކުރި އަމުރަކަށް ކިޔަމަންވެގެނެވެ. ވީމާ، މި އަދު، ﷲ ގެ ޢަޛާބުން ކުޑަމިންވަރެއް ނަމަވެސް، އަހަރެމެންގެ ކިބައިން ދުރުކޮށްލަ ދެވިދާނެހެއްޔެވެ؟ ދުނޔޭގައި އުޅުނު އިރު އެކަމަށް ކަލޭމެން ވަޢްދުވީމު ނޫންހެއްޔެވެ؟...'' (އިބްރާހީމް: 21)

ނަމަވެސް، އެ މީހުން އެ މީހުންނަށް ތަބާވި މީހުންގެ ކިބައިން ބަރީއަވެގަންނާނެއެވެ. އަދި ދުނިޔޭގައި އެ މީހުންނަށް ތަބާވެ އެ މީހުންގެ ޚިދުމަތުގައި ތިބި މީހުންނަށް ޤިޔާމަތް ދުވަހު ކޮށްދެވޭނެ އެއްވެސް ކަމެއް ނެތްކަމާއި، އަމިއްލަ ނަފްސަށް ވެސް އަދި އެހެން މީހަކަށް ވެސް ވެދޭނެ ނަޞްރެއް ނެތް ކަން އިޢްތިރާފު ވާނެއެވެ. އަދި މި ހުރިހާ އެންމެން ނިކަމެތިކަމާއި ކިޔަމްތެރިކަމާ އެކީ، ޢާލަމްތަކުގެ ވެރި އެއްކައުވަންތަ ރަސްކަލާނގެ ކުރިފުޅުމަތީ ހުއްޓިތިބޭނެއެވެ. ދުނިޔޭގައި އިލާހުންތަކެއް ކަމަށް ބެލީ، ބޭކާރު އެއްޗެހިތަކެއް ކަން އެ ދުވަހު އެނގޭނެއެވެ. ބާޠިލު ދޮގު ޒަޢާމަތްތައް ފޮހެވިގެންދާނެއެވެ. ކާފިރުން އަޅުކަންކުރަމުން އައި މަޚްލޫޤާތުތަކާއި އެ މީހުންނާ ދެމެދު އޮތް ޝައިޠާނީ ގުޅުން ބުރިވެގެން ދާނެއެވެ. ބާޠިލު ގޮތުގައި އަޅުކަންކުރެވުނު ކޮންމެ އެއްޗެއް ވެސް، އަޅުކަންކުރި މީހުންގެ ކިބައިން ބަރީއަވާނެއެވެ. މީހުންތައް ހައްލަން ދުނިޔޭގައި ހަދައި އުޅުނީ ހުސް ދޮގުކަމަށް، ޝައިޠާނާ ވެސް އިޢްތިރާފުވާނެއެވެ.

وَقَالَ الشَّيْطَانُ لَمَّا قُضِيَ الأَمْرُ إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدْتُكُمْ فَأَخْلَفْتُكُمْ وَمَا كَانَ لِي عَلَيْكُمْ مِنْ سُلْطَانٍ إِلاَّ أَنْ دَعَوْتُكُمْ فَاسْتَجَبْتُمْ لِي فَلا تَلُومُونِي وَلُومُوا أَنْفُسَكُمْ

އާޔަތުގެ ތަފްސީރީ މާނަ: ''މާތް ﷲ، ޚަލްޤުތަކުންގެ ހިސާބު ބައްލަވައި ނިޔާކަނޑައަޅުއްވައި އަދި ސުވަރުގެވެރިން ސުވަރުގެ ވަދެ، ނަރަކަވެރިން ނަރަކައަށް ވަދެ ނިމުނީމާ، ޝައިޠާނާ ބުނާނެއެވެ: އަލުން ދިރުއްވުމާއި، ޖަޒާދެއްވުމާއި ނަރަކަވެރިން ނަރަކަ އަށް ވެއްދެވުމާއި މެދު، ﷲ ކަލޭމެންނަށް ވަޢްދުވެވަޑައިގަތީ ތެދު ވަޢްދެކެވެ. މަރުވުމަށްފަހު ދިރުމެއް ނެތް ކަމަށާއި، އަދި ދުނިޔޭގައި ކުރާ ކަމަކަށް ޖަޒާ ދިނުމެއް ނޯންނާނޭ ކިޔާފައި، ކަލޭމެންނަށް އަހަރެންވީ ދޮގު ވަޢްދެކެވެ. މަގުފުރެދުމަށް ކަލޭމެންނަށް ގޮވައިލުން ފިޔަވައި، ކަލޭމެންގެ މައްޗަށް، އެހެން އެއްވެސް ބާރެއް އަހަރެންނަކަށް ލިބިގެން ނުވެއެވެ. އަހަރެން ގޮވާލިހާއިރުން ކަލޭމެން އަހަރެންނަށް ތަބާވީއެވެ. ވީމާ އަހަރެން ކުށްވެރިނުކުރާށެވެ. އަމިއްލަ ނަފްސު ކުށްވެރިކުރާށެވެ. ކުށަކީ ކަލޭމެންގެ ކުށެވެ.'' (އިބްރާހީމް: 22)

 

*    *    *    *

 

ޙިސާބުބެއްލެވުން

ޤިޔާމަތް ދުވަހު ކޮންމެ އިންސާނަކު ވެސް، ހިސާބު ބެއްލެވުމަށް ހުއްޓި ހުންނަންޖެހޭނެއެވެ. މިކަމަށްޓަކައި ޢަދުލުގެ ތިލަފަތެއް ބެހެއްޓޭނެއެވެ. އޭގައި ރެވިފުކެއްގެ މިންވަރު ވެސް، ނުވަތަ ޒައްރެއްގެ މިންވަރުވެސް، އަދި ކީއްކުރަން ޒައްރައެއްގެ ތެރޭގައި އޮންނަ އިލެކްޓްރޯނެއްގެ މިންވަރުވެސް، އަދި މިއަށް ވުރެ ކުޑަ އެއްޗެއް ހުރިއްޔާ، އެ ވަރު ވެސް، މީޒާން ނުކުރެވި ގެއްލިގެން ނުދާނެއެވެ. މީހާ ކޮށްފައިވާ ހުރިހާ ކަމެއް ގުނި ލިޔެވިފައި ހުންނާނެއެވެ. އަދި އެ ދުވަހު އެ ޢަމަލުތަށް އޭނާއަށް ހުށައެޅޭނެއެވެ. އެކަންތައް އޭނާ ކުރި ހާލަތާއި، އޮތް ހެޔޮ ނިޔަތާއި، ހިތުގެ އިޚްލާޞްތެރިކަން ހާމަކުރެވޭނެއެވެ. މިފަދަ ކަމެއް ނަމަ އެވާނީ، އޭނާގެ ހެޔޮ ޢަމަލުގެ ތިލަފަތަށް އިތުރުވާ އެއްޗަކަށެވެ. އަދި ހަމަ އެހެންމެ، އޭނާގެ ހިތުގައިވާ މުނާފިޤުކަމާއި ދެއްކުންތެރިކަން ވެސް ހާމަކުރެވޭނެއެވެ. މިފަދަ ކަމެއް ނަމަ އެވާނީ، އޭނާގެ ނުބައި ޢަމަލުތަކުގެ ތިލަފަތަށް އިތުރުވާ އެއްޗަކަށެވެ.

އެ ދުވަހު އޮންނާނީ ޢަދުލުވެރި ޙުކުމްކުރުމެކެވެ. އިންސާނާ ދުނިޔޭގައި ކޮށްފައިވާ ހެޔޮ ޢަމަލާއި، އޭނާ އެދިއެދި ހުންނަ ﷲ ގެ ޢަފޫކުރެއްވުމާއި، އުއްމީދު ކުރާ ﷲ ގެ ރަޙްމަތްފުޅު ނޫން އެހެން އެއްވެސް އެއްޗަކުން، އެ ދުވަހު މަންފާއެއް ނުކުރާނެއެވެ. ދުނިޔޭގައި އުޅުނު އިރު ކިތަންމެ މުއްސަންޖަސް، ﷲ އަށްޓަކައި އަދި އެކަލާނގެ މަގުގައި އެ ފައިސާ ހޭދަކޮށްފައި ނުވާނަމަ، ހިސާބު ބެއްލެވޭ ދުވަހު އެއިން ލިބޭނެ ނަފާއެއް ނޯންނާނެއެވެ. ދުނިޔޭގައި ކިތަންމެ ޝާނާއި ޝައުކަތު ބޮޑަސް، ހެޔޮގޮތުގައި އެ ކަން ބޭނުންކޮށްފައި ނުވާނަމަ، އެ ދުވަހު އެއިން އޭނާއަށް ލިބޭނެ އެހީތެރިކަމެއް ނޯންނާނެއެވެ. އެ ދުވަހު އެކަކު އަނެކަކަށް އެހީތެރިވުމަކީ، ނުކުޅެދޭނެ ކަމެކެވެ. އެކަކު އަނެކަކަށް ދޭނެ އެއްޗެއް ނޯންނާނެއެވެ. ﷲ ގެ އިޒުނަފުޅު ލިބިގެން ނޫނީ، އެއްވެސް މީހަކަށް އެއްވެސް މީހަކަށް ޝަފާޢަތްތެރިއެއް ނުވެވޭނެއެވެ.

އާޚިރަތުގެ ޝަފާޢަތަކީ، ދުނިޔޭގައި އޮންނަފަދަ ޝަފާޢަތެއް ނޫނެވެ. ދުނިޔޭގައި ޝަފާޢަތްތެރިވާ މީހާ، ވެރިޔާ ގާތަށް ގޮސް، ކުށްވެރިއާގެ ރަނގަޅުކަމުގެ ވާހަކަ ދައްކައި އޭނާ ކުށުން ބަރީއަކަމަށް ދައްކަފާނެއެވެ. އޭނާ ބޭނުން މުވައްޒަފަކަށް ރަނގަޅު ގޮތް ހަދައިދީ، ތުހުމަތުކުރެވޭ މީހަކު ބަރީއަކުރެވިދާނެއެވެ. ނަމަވެސް، އާޚިރަތް ދުވަހު ޝަފާޢަތް ލިބޭނީ، މާތް ﷲ ގެ ރަޙްމަތްފުޅުން އެ މީހަކަށް ޢަފޫކުރައްވަން އިރާދަކުރެއްވުމުންނެވެ. އެ ދުވަހު ޝަފާޢަތްތެރި ވެވޭނީ، އެކަލާނގެ ދީލަތިފުޅުކަމުން ދެއްވާ މި ޢަފޫ ލިބުމުގެ ސަބަބެއް ކަމުގައި ލައްވާ، އަދި އެކަމަށް އިޒުނަފުޅު ދެއްވާ މީހަކަށެވެ. ވީމާ ޝަފާޢަތްތެރިވާ މީހާ، ޝަފާޢަތްތެރިވަނީ ﷲ ގެ އިޒުނަފުޅާއި ލައިގެން، އެކަލާނގެ އަމުރުފުޅަށެވެ.

ހެކިވެރިންނާއި ހެކި:

ދުނިޔޭގެ ޢަދާލަތަކީ، ޙުކުމް ކުރަން އިންސާނުން ތިބޭ، އޭގެ ޢަދުލުވެރިކަމަށް ވަކި ހައްދެއްވާ ތަނެކެވެ. ބައެއް ފަހަރު އެނގިގެންނާއި ނޭނގިނަމަވެސް، ނުބައިކޮށް ޙުކުމްކުރެވޭ ތަނެކެވެ. މައްސަލައެއް ސާބިތުކުރަން ދައްކަން ޖެހެނީ މާއްދީ ހެކިތަކެކެވެ. އަދި ހެއްކަކަށް ދެއްކޭ އެއްޗެހި ނުވަތަ ވަސީލަތްތައް ވަރަށް ހަންޏެވެ. ނަމަވެސް ޤިޔާމަތް ދުވަހުގެ ޢަދާލަތުގެ ޤާޟީއަކަށް ހުންނަވާނީ، ޢާލަމްތަކުގެ ވެރިރަސްކަލާނގެއެވެ. އަދި އެ ޢަދާލަތުގެ ޢަދުލުވެރިކަމަކީ ނިމުމެއް ނެތް ޢަދުލުވެރިކަމެވެ. ހެކިވާނީ ނަބީބޭކަލުންނާއި، މީހާގެ ޢަމަލުތައް ލިޔުއްވަން އުޅުއްވި މަލާއިކަތް ބޭކަލުންނާއި، އޭނާ ކުރި ހުރިހާ ކަމެއްގެ ތަފާސްހިސާބުތައް ލިޔެވިފައިވާ ފަތްކޮޅުތަކެވެ. އަދި ކުށްވެރިން އަމިއްލައަށް ވާ އިޢްތިރާފާއި، ކުށް ކުރި ގުނަވަންތަކެވެ.

ރަސޫލުބޭކަލުން ހެކިވެވަޑައިގަތުން:

ޤިޔާމަތް ދުވަހު ހިސާބު ބައްލަވާ ވަގުތު ޖެހުމުން، ﷲ އެތަނަށް ނަބީބޭކަލުން ޙާޟިރުކުރައްވާނެއެވެ.

وَأَشْرَقَتْ الأَرْضُ بِنُورِ رَبِّهَا وَوُضِعَ الْكِتَابُ وَجِيءَ بِالنَّبِيِّينَ وَالشُّهَدَاءِ وَقُضِيَ بَيْنَهُمْ بِالْحَقِّ وَهُمْ لا يُظْلَمُونَ

އާޔަތުގެ ތަފްސީރީ މާނަ: ''އަދި ޤިޔާމަތް ދުވަހުން، ޚަލްޤުތަކުންގެ ހިސާބުބައްލަވައި ޙުކުމްކުރެއްވުމަށް، ﷲ -ސުބުޙާނަހޫ ވަ ތަޢާލާ- ފާޅުވެވަޑައިގެންފި ހިނދު ދުނިޔެ އަލިވެގެންދާނެއެވެ. އަދި މީސްތަކުންގެ ފަތްކޮޅުތައް މަލާއިކަތުން ފަތުރާލައްވާނެއެވެ. އަދި ނަބީބޭކަލުންނާއި، އަޅުތަކުންގެ ޢަމަލުތައް ލިޔުއްވަމުން އެކަންތަކަށް ހެކިވެރިވެވަޑައިގަންވަމުން ދިޔަ މަލާއިކަތްބޭކަލުން، ގެނެވޭނެއެވެ. ކޮންމެ ނަބިއްޔަކު ވެސް، އެ ނަބިއްޔެއްގެ ޤައުމުގެ މީހުން، ރިސާލަތަށް ދިން އިޖާބައަށް ހެކިވެރިވެ ވަޑައިގަންނަވާނެއެވެ.'' (އައްޒުމަރު: 69)

އަދި ކޮންމެ އުއްމަތެއްގެ ބަޔަކުވެސް، ޙުކުމްކުރެވޭނީ އެ އުއްމަތުގެ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން، އެބައެއްގެ ނަބިއްޔާގެ ޙާޟިރުގައެވެ.

وَتَرَى كُلَّ أُمَّةٍ جَاثِيَةً كُلُّ أُمَّةٍ تُدْعَى إِلَى كِتَابِهَا الْيَوْمَ تُجْزَوْنَ مَا كُنتُمْ تَعْمَلُونَ

އާޔަތުގެ ތަފްސީރީ މާނަ: ''އަދި ޤިޔާމަތް ދުވަހުން، ކޮންމެ މިއްލަތެއްގެ އަދި ކޮންމެ ދީނެއްގެ ބަޔަކު ވެސް ކަކޫޖަހައިގެން ތިބޭތަން -ކަލޭގެފާނަށް- ފެނިވަޑައިގަންނަވާނެއެވެ. ކޮންމެ އުއްމަތެއްމެ، އެ އުއްމަތެއްގެ ޢަމަލުތައް ލިޔެވިގެންވާ ފަށްފުށުގެ ކުރިމައްޗަށް ޙާޟިރުކުރުވޭނެއެވެ. އަދި އެ މީހުންނަށް ބުނެވޭނެއެވެ: މިއަދު ޖަޒާދެވޭނީ ކަލޭމެން ކޮށްއުޅުނު ޢަމަލުތަކަށެވެ.'' (އަލްޖާޘިޔާ: 28)

فَكَيْفَ إِذَا جِئْنَا مِنْ كُلِّ أُمَّةٍ بِشَهِيدٍ وَجِئْنَا بِكَ عَلَى هَؤُلاءِ شَهِيداً

އާޔަތުގެ ތަފްސީރީ މާނަ: ''ކޮންމެ އުއްމަތެއްގެ ބަޔަކު ވެސް، އެ ބަޔަކަށް ފޮނުއްވުނު ރިސާލަތަށް ޢަމަލު ކުރި ގޮތަކާމެދު ހެކިވެރިވެވަޑައިގަތުމަށް، އެ އުއްމަތެއްގެ ނަބީބޭކަލުން ގެނެވި، އަދި ކަލޭގެފާނުގެ އުއްމަތަށް ހެކިވެރިވެވަޑައިގަތުމަށް ކަލޭގެފާނު ގެނެވޭދުވަހު، ޤިޔާމަތްދުވަހު، މީސްތަކުންގެ ހާލު ހުންނާނީ ކިހިނަކުންތޯއެވެ؟'' (އައްނިސާ:41)

ފޮތާއި ފަތްކޮޅު:

މި ދުނިޔޭގައި އަހަރެމެން ކުރާ ހުރިހާ ކަމެއް، ފަތްކޮޅެއްގައި މަލާއިކަތްބޭކަލުން ލިޔުއްވަމުން ގެންދަވައެވެ. އަދި އެ އޮންނާނީ އޮޅާލެވިފައެވެ. ވީމާ، އޭގައި ލިޔެވިފައި އޮތީ ކީކޭކަން އެއްވެސް ޚަލްޤަކަށް ނޭނގޭނެއެވެ. ފަތްކޮޅުގައި ލިޔެވިފައިވާ ފާފައަކުން އަޅަކު ތައުބާވެއްޖެނަމަ، ފަތްކޮޅުން އެ ޢަމަލު ފޮހެވޭނެއެވެ. ތައުބާ ނުވާނަމަ، ލިޔެވިފައި އޮތް ގޮތަށް އޮންނާނެއެވެ. ދެން ޙިސާބު ބެއްލެވޭ ދުވަސް އައުމުން، ފަތްކޮޅުތައް ރޫޅާލެވި، އޭގައިވާ ހުރިހާ އެއްޗެއް ހާމަކުރެވޭނެއެވެ. ހަމަ މަދަރުސާ އިމްތިޙާނުގެ ނަތީޖާގައި ވެސް ވާ ގޮތަށެވެ. އިމްތިޙާނުގެ ޖަވާބު ކަރުދާސްތައް ބަލަމުންދާ ދުވަސްކޮޅު، ކުއްޖަކު ފާސްނުވާ ކަން، އެ ބަލާ ބަޔަކަށް ނޫނީ ނޭނގޭނެއެވެ. ނަމަވެސް، އަހަރީ ރިޕޯޓް ދޭ ދުވަހު ނަތީޖާ އިޢްލާނު ކުރުމުން، ފާސް ނުވިއްޔާ ނުވިކަން، ވިއްޔާ ވިކަން އެނގެއެވެ. އަދި ފާސްނުވާ ދަރިވަރު، އޭނާގެ މައިންބަފައިންނާ ރައްޓެހިން ކުރިމަތީ ފަޟީޙަތްވެއެވެ. އެކަމަކު ޤިޔާމަތް ދުވަހު ހިސާބު ބެއްލެވި، ނަތީޖާ ހާމަކުރެވޭނީ ދުނިޔޭގެ އެންމެން ކުރިމަތީގައެވެ. ވީމާ ދުނިޔޭގެ އިމްތިޙާނުން ފާސް ނުވާ މީހުން، އެ ދުވަހު ބޮޑު ފަޟީޙަތަކުން ފަޟީޙަތް ވާނެއެވެ. އަދި ފާސް ނުވާ މީހާ ވެއްޓޭނީ ނަރަކައަށެވެ. ކާފިރެއް ނަމަ، ދެން ދުވަހަކު ވެސް އެތަނުން މިންޖުވުމެއް ނޯންނާނެއެވެ.

ޤިޔާމަތް ދުވަހުން، އަޅުތަކުންގެ ޢަމަލުތައް ލިޔެވިފައިވާ ފަތްކޮޅުތައް ނިއުޅާލެވި، އޭގެ ވެރިންނަށް ބަހާލެވޭނެއެވެ. ކޮންމެ މީހަކަށް ވެސް އެ މީހެއްގެ ފަތްކޮޅު ލިބޭއިރު އޮންނާނީ ނިއުޅިފައެވެ. އަދި ބުނެވޭނެއެވެ:

اقْرَأْ كِتَابَكَ كَفَى بِنَفْسِكَ الْيَوْمَ عَلَيْكَ حَسِيباً

އާޔަތުގެ ތަފްސީރީ މާނަ: ''ކަލޭގެ ފޮތް ކަލޭ ކިޔާށެވެ! މިއަދު ކަލޭގެ މައްޗަށް ކަލޭގެ ޢަމަލުތަކާމެދު ހިސާބުކޮށް، ލިބެންޖެހޭ ޖަޒާ ދެނެގަތުމަށް، ކަލޭގެ އަމިއްލަ ނަފްސު ފުދެއެވެ.'' (އަލްއިސްރާ: 14)

ކަނާތު ކޮނޑުގައި ހުންނަވާ މަލާއިކަތްބޭކަލު ލިޔުއްވި، ހެޔޮ ޢަމަލުތައް ބަރުވެއްޖެނަމަ، އޭނާގެ ފަތްކޮޅު ލިބޭނީ ކަނާއަތުންނެވެ. އިމްތިޙާނުގެ ނަތީޖާ ފޯމު ބަލާއިރު ފާސްވެފައި އޮންނަތަން ފެނުމުން ކިޔަވާކުއްޖަކު އުފަލުން އުޅޭ ފަދައިން، އެ ދުވަހު ކަނާއަތުން ފަތްކޮޅު ލިބޭ މީހާ އުފަލުން އުޅޭނެއެވެ. ރައްޓެހި ކުދިންނަށް ފޯމު ދައްކަ ދައްކާފައި، ފާސްވީތީ ފަޚުރުވެރިވެގެން އުޅޭގޮތަށް، ޤިޔާމަތް ދުވަހު ކަނާއަތުން ފަތްކޮޅު ލިބޭ މީހާ ވެސް އުފަލުން ގޮސް، އޭނާގެ ފަތްކޮޅު އެހެން މީހުންނަށް ދައްކަމުން ބުނާނެއެވެ:

فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ فَيَقُولُ هَاؤُمْ اقْرَءُوا كِتَابِيَهْ

މާނައަކީ: ''އޭނާގެ ޢަމަލުތައް ލިޔެވިފައިވާ ފޮތް، ކަނާއަތް ފަރާތުން ލިބޭ މީހުން އުފަލުން ގޮސް ބުނާނެއެވެ: އަހަރެންގެ ފޮތް މި އޮތީއެވެ. އަހަރެންގެ ފޮތް ކިޔާބަލާށެވެ.'' (އަލްޙާއްޤާ: 19)

ވާތު ކޮނޑުގައި ހުންނަވާ މަލާއިކަތްބޭކަލު ލިޔުއްވި، ނުބައި ޢަމަލުތައް ބަރުވެއްޖެނަމަ، އޭނާގެ ފަތްކޮޅު ލިބޭނީ ވާތުންނެވެ. އެ ހިނދު އޭނާއަށް ލިބެން ހުރި ހަލާކެއްގެ ބޮޑުކަން އެނގި، ރޮއެގަންނަމުން ބުނާނެއެވެ:

يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ (25) وَلَمْ أَدْرِ مَا حِسَابِيَهْ (26) يَا لَيْتَهَا كَانَتْ الْقَاضِيَةَ (27)

އާޔަތުގެ ތަފްސީރީ މާނަ: ''އަހަރެންގެ ފޮތް ނުދެއްވިނަމަ، އަދި އަހަރެންގެ ޢަމަލުތަކުގެ ހިސާބު މިއަދު ނޭނގުނުނަމަ ކޮންފަދަތޯއެވެ. ދުނިޔޭގައި މަރުވިފަހަރަކީ އަހަރެންގެ މުޅި ނިމުންކަމަށްވެ، އަލުން ނުދިރުއްވުނުނަމަ ހާދަ ރަނގަޅެވެ.'' (އަލްޙާއްޤާ:25-27)

ކުށްވެރިންތައް ދުނިޔޭގައި ކުރި ހުރިހާ ޢަމަލެއް ފަތްކޮޅުގައި ލިޔެވިފައިވާ ތަން ފެނުމުން އެކަމާ ހައިރާންވެގެން ބުނާނެއެވެ:

وَوُضِعَ الْكِتَابُ فَتَرَى الْمُجْرِمِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَذَا الْكِتَابِ لا يُغَادِرُ صَغِيرَةً وَلا كَبِيرَةً إِلاَّ أَحْصَاهَا وَوَجَدُوا مَا عَمِلُوا حَاضِراً وَلا يَظْلِمُ رَبُّكَ أَحَداً

އާޔަތުގެ ތަފްސީރީ މާނަ: ''އެ ދުވަހުން ކޮންމެ މީހަކަށް އެ މީހަކު ކުޅަ ޢަމަލުތަކުގެ ފަތްކޮޅު، ކަނާއަތް ފަރާތުން ނުވަތަ ވާއަތް ފަރާތުން ދެވޭހުއްޓެވެ. ދުނިޔޭގައި ނުބައިކޮށް އުޅެފައި އައިތީ، އެ ފޮތުގައި އޮންނާނެ އެއްޗަކާ މެދު، ފާފަވެރިން ބިރުން ތިބޭތަން، ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެއެވެ. ލޮލުން ފަތް ފެނުމުން އެ މީހުން ބުނާނެއެވެ: އަހަރެމެންނަށް ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! އަހަރެމެން ކުރި ކިތަންމެ ކުޑަކަމެއް ވިޔަސް، އަދި ކިތަންމެ ބޮޑުކަމެއް ވިޔަސް، ނުހިމަނައި، މި ފޮތް ދޫކޮށްލާފައި ނުވެއެވެ. އެ މީހުން ކުރިހާ ކަމެއް، އެ ފޮތުގައި ލިޔެވިފައިވާތީ އެ މީހުންނަށް ފެންނާނެއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ހަމަ އެކަކަށްވެސް އަނިޔާވެރިގޮތުން ކަމެއް ނުކުރައްވާހުއްޓެވެ.'' (އަލްކަހްފު: 49)

އަދި ދުނިޔޭގައި އުޅުނު އިރު، ޝައިޠާނާގެ ވަސްވާސްތަކަށާއި ނުބައިކަންތަކަށް އަމުރުކުރާ ހަވާނަފުސަށް ތަބާވުމުގެ ސަބަބުން، ބޭކާރުވި ފުރުސަތުގެ މައްޗަށް ހިތާމަކުރާނެއެވެ. އަމިއްލަ ނަފުސަށް ނަފްރަތުކުރާނެއެވެ.

إِنَّ الَّذِينَ كَفَرُوا يُنَادَوْنَ لَمَقْتُ اللَّهِ أَكْبَرُ مِنْ مَقْتِكُمْ أَنْفُسَكُمْ إِذْ تُدْعَوْنَ إِلَى الإِيمَانِ فَتَكْفُرُونَ

އާޔަތުގެ ތަފްސީރީ މާނަ: ''އެއްކައުވަންތަ ﷲ އަށް އަޅުކަން ނުކޮށް، ޝިރުކުކުރި މީހުން، އެމީހުންނަށް ހުރި ޢަޛާބު ޤިޔާމަތްދުވަހު ފެނުމުން، އެ މީހުން ނަރަކައަށް ވަންނަޖެހުނު ނުބައި ޢަމަލުތައް އަމިއްލަ ނަފްސުތައް ކުރީތީ، އަމިއްލަ ނަފްސު ދެކެވެސް ނަފްރަތުކުރާނެއެވެ. އެހިނދު ނަރަކަ ބަލަހައްޓަވާ މަލާއިކަތްބޭކަލުން އެ މީހުންނާ ދިމާއަށް ވިދާޅުވާނެއެވެ: އީމާންވުމަށް ދުނިޔޭގައި ކަލޭމެންނަށް ގޮވައިލެވުނު ހިނދު ކާފިރުވެގަތުމުން، ކަލޭމެންގެ މައްޗަށް ﷲ ނަފްރަތުވެ ވަޑައިގަތުން، -މިއަދު- ކަލޭމެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަލޭމެން ތިޔަކުރާ ނަފްރަތަށް ވުރެ މާބޮޑެވެ.'' (ޣާފިރު:10)

ދިފާޢުވުމާއި އިޤްރާރުވުން:

ހިސާބު ބެއްލެވުމަށްޓަކައި ކާފިރުންތައް އަތުރާލެވުމުން، އެ މީހުން ފައްޓާނީ ކުށަށް އިންކާރުކުރާށެވެ. އަދި ތިމަންނަމެންނަކީ ބަރީއަ ބައެކޭ ކިޔާފައި ހުވާ މައްޗަށް ހުވާކުރާނެއެވެ. ކާފިރުންގެ ޖާހިލުކަމުން އެ ދުވަހު ވެސް އެ މީހުން ހީކުރަނީ، ތިމާމެން މި ތިބީ، ހަމައެކަނި ބޭރުފުށް އެނގޭ، އިންސާނުގެ ތެރެއިންވާ ޤާޟީއެއްގެ ކުރިމަތީގައި ކަމަށެވެ. އެ މީހުން އެ ތިބީ، ނަފްސުތަކުގެ އަޑީގައި ފޮރުވިފައިވާ ތަކެތިވެސް ދެނެވޮޑިގަންނަވާ، ޢާލަމްތަކުގެ ވެރި ރަސްކަލާނގެ ޙަޟްރަތުގައި ކަން، އެ މީހުން ހަނދާން ނައްތާލައެވެ. މި ކަން ސިފަކުރައްވަމުން ﷲ ވަޙީކުރައްވާފައި ވަނީ: يَوْمَ يَبْعَثُهُمْ اللَّهُ جَمِيعاً فَيَحْلِفُونَ لَهُ كَمَا يَحْلِفُونَ لَكُمْ وَيَحْسَبُونَ أَنَّهُمْ عَلَى شَيْءٍ أَلا إِنَّهُمْ هُمْ الْكَاذِبُونَ

އާޔަތުގެ ތަފްސީރީ މާނަ: ''ހުރިހާ މުނާފިޤުން އަލުން ދިރުއްވި، އެންމެން، އެކަށް، މަޙްޝަރު ކުރެވޭ ދުވަހު ވެސް، ﷲ ގެ ޙަޟްރަތުގައި ހުވާކޮށްފައި ބުނާނީ، ތިމަންމެންނަކީ މުއުމިނުން ކަމަށެވެ. އެއީ ހަމަ ދުނިޔޭގައި ވެސް ކަލޭމެން މުއުމިނުން ގާތު، ހުވާކޮށްކޮށްފައި ތިމަންމެނީ މުއުމިނުންނޭ ބުނެއުޅުނު ފަދައިންނެވެ. އަދި މުނާފޤިުން އެ ދުވަހު ވެސް ހީކުރަނީ، ދުނިޔޭގައި މުސްލިމުން ގާތު ހުވާކޮށްގެން މަންފާއެއް ކުރި ގޮތަށް، ޤިޔާމަތް ދުވަހު ﷲ ޙަޟްރަތުގައި ވެސް މަންފާއެއް ކޮށްފާނެ ކަމަށެވެ. އެ މީހުންނަކީ ދޮގު ހެދުމުގައި އެފަދައެއް ނެތް ދޮގުވެރިންނެވެ.'' (އަލްމުޖާދިލާ: 18)

ثُمَّ لَمْ تَكُنْ فِتْنَتُهُمْ إِلاَّ أَنْ قَالُوا وَاللَّهِ رَبِّنَا مَا كُنَّا مُشْرِكِينَ

އާޔަތުގެ ތަފްސީރީ މާނަ: ''ޝިރުކުކުރި މީހުން ގާތު، ކަލޭމެން ﷲ ގެ ޝަރީކުންތަކެއް ކަމަށް ހީކޮށް އުޅުނު ތަކެތި ކޮބައިހޭ އަހައި، ޤިޔާމަތް ދުވަހު ސުވާލުކޮށް އިމްތިޙާނު ކުރެވުނީމާ، އެ މީހުން ޝިރުކު ކުރިކަމަށް އެއްބަހެއް ނުވާނެއެވެ. އަދި، ތިމަންމެންނަކީ ޝިރުކުކުރި ބައެއްކަމުގައި ނުވަމޭ ކިޔައި، ﷲ ގަންދީ ހުވާކުރާނެއެވެ.'' (އަލްއަންޢާމް: 23)

މި މީހުންގެ ކަންތައް މިހިސާބަށް ދިއުމުން، ﷲ އެ މީހުންގެ ދޫ ބަންދުކުރައްވާ، ނުބައި ޢަމަލުތައް ކުރި ގުނަވަންތައް އެކަމަށް އިޢްތިރާފުވުމަށް، ގުނަވަންތަކަށް އަމުރުކުރައްވާނެއެވެ. އެހިނދު އަތުން ކުރި ނުބައި ކަންތަކަށް، އަތް އިޢްތިރާފުވެއެވެ. ޙަރާމް ކަންތައް ކުރަން ހިނގާފައި ދިޔަ ފައި، އެ ކަންތަކަށް އިޢްތިރާފުވެއެވެ.

الْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ

އާޔަތުގެ ތަފްސީރީ މާނަ: ''މިއަދު، އެބައިމީހުންގެ އަނގަތަކުގައި، ތިމަންރަސްކަލާނގެ ސިއްކަ ޖައްސަވައި ބަންދުކުރައްވަމެވެ. އަދި، އެބައިމީހުންގެ އަތްތަކުން ކުރި ކަންތައްތަކާއި ބެހޭގޮތުން، އެ އަތްތައް ތިމަންރަސްކަލާނގެ ރަސްކަންފުޅާއި ވާހަކަދައްކައެވެ. އަދި ނުބައިކަންތައްތައް ކުރަން ހިނގާފައި ދިޔަ އެމީހުންގެ ފައިތައް، އެ މީހުން ކުޅަ ކަންތަކަށް ހެކިދެއެވެ.'' (ޔާސީން: 65)

حَتَّى إِذَا مَا جَاءُوهَا شَهِدَ عَلَيْهِمْ سَمْعُهُمْ وَأَبْصَارُهُمْ وَجُلُودُهُمْ بِمَا كَانُوا يَعْمَلُونَ

އާޔަތުގެ މާނަ: ''ނަރަކައިގެ ޢަޛާބަށް އެބައިމީހުން ޙާޟިރުވުމުން، އެބައިމީހުންގެ ކަންފަތްތަކާއި، އެބައިމީހުންގެ ލޯތަކާއި، އެބައިމީހުންގެ ހަންތައް، އެބައިމީހުންގެ ޢަމަލުތަކަށް ހެކިކުރެތެވެ.'' (ފުއްޞިލަތު: 20)

ދެން އިޤްރާރު ނެގި، އެ މީހުންގެ މައްޗަށް ކުށް ސާބިތުވީމާ، އަމިއްލަ ގުނަވަންތައް ދެކެ ރުޅި އައިސް އެއްޗެހި ކިޔުމުގެ ގޮތުން އަބާއްޖަވެރިން ބުނާނެއެވެ:

وَقَالُوا لِجُلُودِهِمْ لِمَ شَهِدْتُمْ عَلَيْنَا قَالُوا أَنطَقَنَا اللَّهُ الَّذِي أَنطَقَ كُلَّ شَيْءٍ

އާޔަތުގެ މާނަ: ''އެބައިމީހުންގެ ހަންތަކަށް އެބައިމީހުން ބުނާނެތެވެ: ކަލޭމެން ތިމަންމެންގެ މައްޗަށް ހެކިދިނީ ކީއްވެގެންހެއްޔެވެ؟ ޖަވާބުގައި ހަންތައް އެ މީހުންނާ ދިމާލަށް ބުނާނެއެވެ: ހުރިހާތަކެއްޗަކަށް ވާހަކަ ދެއްކުން ލެއްވެވި ފަރާތް ކަމުގައިވާ މާތް ﷲ، ތިމަންމެން ލައްވާ ވާހަކަ ދެއްކުވީއެވެ.'' (ފުއްޞިލަތު: 21)

ﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރިވި މީހުން، ދުނިޔޭގައި އުޅުނު އިރު ފާޙިޝްކަންތައް ކުރީ ސިއްރުގައެވެ. އެ މީހުން ހީކުރީ މީހުންނަށް ސިއްރުކުރެވުނީމާ، ﷲ އަށް ވެސް ސިއްރު ކުރެވިދާނެ ހެންނެވެ. އިންސާނުންގެ މިންގަޑުން ބަލާލިއަސް، މިކަން މިގޮތަށް ﷲ އަށް ސިއްރު ނުކުރެވޭނެކަން އެބަ އެނގެއެވެ. މިސާލަކަށް ޓީވީއަށް ވިސްނާލަބަލަށެވެ! ޓީވީ ޕުރޮގުރާމު ގެނެސްދޭ މީހާ ހުންނަނީ ބަންދުކޮށްފައި ހުންނަ ސްޓޫޑިއޯއެއް ތެރޭގައެވެ. މީގެ މާނައަކީ އެއްވެސް މީހަކަށް އޭނާ ނުފެނުން ހެއްޔެވެ؟ ނޫނެކެވެ. އެތަކެއް މިލިއަން ބަޔަކަށް އޭނާ ފެނި، ދައްކާ ވާހަކަ އަޑު އިވޭނެއެވެ. މިއީ އިންސާނުގެ ބުއްދިން އުފައްދާ ތަކެތީގައި ހުރި ކުޅަދާނަކަން ކަމަށް ވާއިރު، ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވާ މާތް ރަސްކާލަނގެ ޢިލްމުފުޅު ކިހާވަރެއްވާނެހެއްޔެވެ؟ ދުނިޔޭގައި ކުރާ ކަންތައް، ﷲ ދެނެވޮޑި ނުގަންނަވާނެ ކަމަށް ހީކުރި މީހުން މަލާމާތާއި ނިކަމެތިކުރެއްވުމުގެ ގޮތުން، ޤިޔާމަތް ދުވަހު ބުނެވޭނެއެވެ:

وَمَا كُنْتُمْ تَسْتَتِرُونَ أَنْ يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلا أَبْصَارُكُمْ وَلا جُلُودُكُمْ وَلَكِنْ ظَنَنْتُمْ أَنَّ اللَّهَ لا يَعْلَمُ كَثِيراً مِمَّا تَعْمَلُونَ (22) وَذَلِكُمْ ظَنُّكُمْ الَّذِي ظَنَنتُمْ بِرَبِّكُمْ أَرْدَاكُمْ فَأَصْبَحْتُمْ مِنْ الْخَاسِرِينَ (23)

އާޔަތުގެ ތަފްސީރީ މާނަ: ''އަބާއްޖަވެރިންގެ މައްޗަށް އެ މީހުންގެ ގުނަވަންތަކާއި ހަންތައް ހެކިވީމާ، އެކަމާ ރުޅިއައިސްގެ އެ މީހުން ވާހަކަ ދެއްކީމާ، ޖަވާބެއްގެ ގޮތުން އެތަކެތި ބުނާނެއެވެ: ކަލޭމެންގެ ކަންފަތްތަކާއި، ލޯތަކާއި، ހަންތައް، ކަލޭމެންގެ މައްޗަށް ހެކިވެރިވެދާނެ ކަމަށް ބިރުން، ކަލޭމެން ފާފަކުރިއިރު އެ ތަކެއްޗަށް ސިއްރެއް ނުކުރަމެވެ. ކިއެއްތަ ކަލޭމެން، ފާޅުގައި ﷲ އަށް ކުފުރުވެރިވެ ފާފަތައް ކޮށް އުޅުނީއެވެ. ކަލޭމެން ހީކޮށްގެން ތިބީ، ކަލޭމެން ކުރާ ހުރިހާ ކަމެއް އެކަލާނގެ މޮޅަށް ދެނެވޮޑިގެން ނުވާކަމަށެވެ. (22) ކަލޭމެންގެ ވެރިރަސްކަލާނގެ އާ މެދު ކަލޭމެން ކުޅަ ކުށް ހީ ގެ ސަބަބުން މިއަދު ކަލޭމެން ވަނީ ހަލާކު ލިބިގެންވާ، ގެއްލުން ލިބެނިވި ބައެއް ކަމުގައެވެ. (23)'' (ފުއްޞިލަތު: 22، 23)

މީހަކަށް އޭނާގެ ހަންގަނޑާއި ލޮލާއި ކަންފަތަށް ފިލޭނީ ކިހިނެއްހެއްޔެވެ؟! މި ތަކެއްޗާ ދުރުގާ ވަކިން ހުރެ ފާފައެއް ކޮށްލެވިދާނެހެއްޔެވެ؟!

ﷲ އަށް ކުފުރުވެ، ޤިޔާމަތްދުވަހާއި އެ ދުވަހުގެ ހިސާބު ބެއްލެވޭނެ ކަމާމެދު އިންކާރުކުރާ މީހުންގެ ނިމުން އޮތީ މިފަދައިންނެވެ. އާޚިރަތް ދުވަހާއި ޙިސާބު ބެއްލެވުމަށް އީމާން ނުވާ މީހުންނަކީ، މި ދުނިޔެއިން ބޭރުގައިވާ އެއްވެސް ކަމެއް ދެނެގަތުމަށް ނުކުޅެދޭ، ލޮލަށް ފެންނަ ހިސާބަށް ވުރެ ދުރަށް ނުވިސްނޭ ބައެކެވެ. އާޚިރަތް ދުވަހަކީ ކަނޑައެޅިގެން އަންނާނެ ދުވަހަކަށް ވާހިނދު ވެސް، މި މީހުން އެ ދުވަސް ދޮގުކުރެއެވެ. އޭނާ ކުރާ ހުރިހާ ކަމެއް، ﷲ ބައްލަވައިވޮޑިގަނެ އަދި އެކަން ކުރާ ގުނަވަންތައް ހެކިދޭނެ އިރު ވެސް، އެކަން ސިއްރުކުރަން އުޅެއެވެ. އޭނާ ކުރާ ހުރިހާ ކަމެއް ދެކެވޮޑިގަންނަވާ ހެކިވެރިއަކަށް، އަދި އޭނާ ކުރާ ހުރިހާ ކަމަކަށް ހެކިވާ ގުނަވަންތަކަށް ފިލޭނެހެއްޔެވެ؟!

ވީމާ އަހަރެމެންގެ ފާފަތައް ފުއްސަވާދެއްވާ، އަދި ދުނިޔޭގައި އަހަރެމެންގެ ފާފަތަށް ފަރުދާކޮށްދެއްވި ފަދައިން، ޙިސާބު ބައްލަވާ ދުވަހު ވެސް އެ ފަރުދާކޮށް ދެއްވުން އެދި ﷲ އަށް ދުޢާކުރުމަކީ، މި ދުވަހަށް އީމާންވާ މީހުން ކުރަންޖެހޭ ކަމެކެވެ.

މޮޔަ ސުވާލެއް:

އަހަރެމެން ކުޑައިރު، ބަޔަކު މީހުން މަލާމާތްކުރުމުގެ ގޮތުން ކޮށް އުޅުނު މޮޔަ ސުވާލެއް އޮވެއެވެ: ''އަތާއި ފަޔަކީ އޭގައި ވާހަކަ ދައްކާނެ ދުލެއް ހުރި އެއްޗެއް ނޫނެވެ. ވީއިރު، އާޚިރަތް ދުވަހު އެ ހެކިވެ ވާހަކަ ދައްކާނީ ކިހިނެއްޔެވެ؟'' މިފަދަ މީހުންގެ އަނގަ ބަންދުވާފަދަ 'ވާހަކަ ދައްކާ' އީޖާދުތަކެއް ވަނީ ކުރެވިފައެވެ. މި ހުންނަ ޓޭޕު ރިކޯޑާއި، ފިލްމާއި، ކެމެރާއި، ސިނަމާއަށް ވިސްނާލަބަލާށެވެ. ބެންކުފަދަ ތަންތާގައި، ލޮލަށް ނުފެންނަ 'އިންފްރާ ރެޑު' ދޯދިތަކަކުން ތަސްވީރުކުރާ ސިއްރު ކެމެރާތަކެއް ހުރެއެވެ. ވަގަކު އެތަނަށް ވަދެ ކުރާ ހުރިހާ ހަރަކާތަކާއި، އަނެއް ބައިވެރިއާއާ ދެއްކި ވާހަކަ ވެސް ފިލްމަށް ރިކޯޑުކުރެވިފައި ހުރެއެވެ. ވައްކަން ނުކުރަމޭ ބުނެ ދޮގު ހަދައިފިއްޔާ، އެ ފިލްމު ދައްކައި އޭނާގެ ކުށް ސާބިތުކުރެވިދާނެއެވެ. ވީމާ، އަތާއި ފައި ހެކިނުވާނެ ކަމަށް ބުނާ މީހުންގެ މައްޗަށް ހުރި ހުއްޖަތެއް ކަމުގައި މިފަދަ އީޖާދުތައް ފުދެއެވެ. އެހެންޏާ ފަހެ، ވައްކަން ކުރި މީހާ ދެއްކި ވާހަކައާއި ކުރި ކަންތައް ރިކޯޑުކުރެވި ލިޔެވި، އޭނާ އެކަން ކުރިކަމަށް ހެކިވެ 'ވާހަކަ ދައްކާ' ޓޭޕާއި އާލާތްތައް އުފެއްދުމުގެ ޢިލްމާއި ކުޅަދާނަކަން އިންސާނުންނަށް ދެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް، އާޚިރަތް ދުވަހު އިންސާނުންގެ ގުނަވަންތައް ލައްވާ ވާހަކަ ދެއްކުމަށް ނުކުޅެދުންތެރިވެ ވޮޑިގަންނަވާނެހެއްޔެވެ؟! ހަމަހިލާ ނުވާނެއެވެ.

ހިސާބު ބެއްލެވުމާއި އޭގެ ނަތީޖާ:

ހިސާބު ބެއްލެވުމުގެ ވައްތަރުތަކެއް ވެއެވެ. ކަނާއަތަށް ފަތްކޮޅު ދެވޭ މީހުންގެ ހިސާބު ބެއްލެވުން، ފަސޭހަވެފައި އަވަސް ވާނެއެވެ. ނަމަވެސް، ވާއަތަށް ފަތްކޮޅު ދެވޭ މީހުންގެ ހިސާބު އުނދަގޫވެފައި، ދަތިވާނެއެވެ. ހިސާބު ބެއްލެވުމަށް ފަހު ނުކުންނަ ނަތީޖާއިން، މީސްތަކުން ތިން ބާވަތަކަށް ބެހިގެންދާނެއެވެ. އެއީ ކަނާއަތްފަރާތުގެ މީހުން، ވައަތްފަރާތުގެ މީހުން، އަދި ކުރިއަރައި ދިޔަ ﷲ އާ ކުއްތަން މީހުންނެވެ.

وَكُنتُمْ أَزْوَاجاً ثَلاثَةً (7) فَأَصْحَابُ الْمَيْمَنَةِ مَا أَصْحَابُ الْمَيْمَنَةِ (8) وَأَصْحَابُ الْمَشْئَمَةِ مَا أَصْحَابُ الْمَشْئَمَةِ (9) وَالسَّابِقُونَ السَّابِقُونَ (10) أُوْلَئِكَ الْمُقَرَّبُونَ (11)

އާޔަތްތަކުގެ ތަފްސީރީ މާނަ: ''އަދި ތިޔަބައި މީހުން ތިން ބާވަތަކަށް ވެދެއެވެ. (7) ކަނާތްފަރާތުގެ މަތިވެރި ދަރަޖައިގެ އަހުލުވެރިންނެވެ. އެ މީހުންގެ ދަރަޖައިގެ މަތިވެރިކަމާއެވެ!! (8) އަދި ވާތްފަރާތުގެ ދަށު ދަރަޖައިގެ މީހުންނެވެ. އެ މީހުންގެ ހާލަތުގެ ނުބައިކަމާއެވެ!! (9) އަދި ދުނިޔޭގައި ހެޔޮކަންތައް ކުރުމަށް އަވަސްވެ ކުރިއަރައިދިޔަ މީހުންނަކީ، އާޚިރަތުގައި ވެސް މަތިވެރި ދަރަޖަތަކަށް ކުރިއަރައިދާ މީހުންނެވެ. (10) އެ މީހުންނަކީ، ﷲ ޙަޟްރަތުގައި ކުއްތަންކުރެވިގެންވާ ބައެކެވެ. (އަލްވާޤިޢާ: 7- 11)

فَأَمَّا إِنْ كَانَ مِنْ الْمُقَرَّبِينَ (88) فَرَوْحٌ وَرَيْحَانٌ وَجَنَّةُ نَعِيمٍ (89) وَأَمَّا إِنْ كَانَ مِنْ أَصْحَابِ الْيَمِينِ (90) فَسَلامٌ لَكَ مِنْ أَصْحَابِ الْيَمِينِ (91)  وَأَمَّا إِنْ كَانَ مِنْ الْمُكَذِّبِينَ الضَّالِّينَ (92) فَنُزُلٌ مِنْ حَمِيمٍ (93) وَتَصْلِيَةُ جَحِيمٍ (94)

އާޔަތްތަކުގެ ތަފްސީރީ މާނަ: ''މަރުވި މީހާއަކީ، ކުއްތަންކުރެވިގެންވާ ކުރިއަރައިދިޔަ މީހުންގެ ތެރެއިންވާ މީހެއް ނަމަ، ފަހެ އޭނާ މަރުވާ ހިނދު، ތަނަވަސް ރަޙްމަތާއި، ހިތް އެދޭފަދަ އުފާވެރިކަން ހުއްޓެވެ. އަދި އާޚިރަތުގައި ނިޢްމަތުގެ ސުވަރުގެ ހުއްޓެވެ. އަދި މަރުވި މީހާއަކީ، ކަނާތްފަރާތުގެ މީހުންގެ ތެރެއިންވާ މީހެއް ނަމަ ބުނެވޭނެއެވެ: ކަނާތްފަރާތުގެ މީހުންގެތެރެއިން ކަލޭ ވީތީ، ކަލެއަށް ސަލާމަތްކަމާއި އަމާންކަން ހުއްޓެވެ.  އަދި މަރުވި މީހާއަކީ، އަލުން ދިރުއްވުން ދޮގުކުރާ، މަގުފުރެދިގެންވާ މީހުންގެ ތެރެއިންވާ މީހެއްނަމަ، ފަހެ އޭނާއަށް ކެކިކެކި ހުންނަ ހޫނުފެނުގެ މެހުމާންދާރީއެއް ވެއެވެ. އަދި ނަރަކައިގެ އަލިފާނުން ހަނާވުން ވެއެވެ.'' (އަލްވާޤިޢާ: 88 - 94)

ނަރަކަ ހުރަސްކުރުން:

ހިސާބު ބެއްލެވުމަށް ފަހު، އެންމެންވެސް ދާނީ ނަރަކަ މަތީ އޮންނަ ޞިރާޠު މަގުންނެވެ. ކޮށްފައިވާ ހެޔޮކަންތަކާ އެއްވަރަކަށް، އެ މަގު ކަޑައްތު ކުރެވޭ އަވަސްމިން އިތުރުވާނެއެވެ. ދުނިޔޭގައި ހެޔޮކަންތައް ގިނައިން ކުރި މީހުން ދާލެއް އަވަސްވާނެއެވެ. ހެޔޮކަންތައް މަދުވާ ވަރަކަށް، ދެވޭލެއް ލަސްވާނެއެވެ. ވީމާ މި މަގު ކަޑައްތު ކުރާއިރު، ނަރަކައަށް ނުވެއްޓި ސަލާމަތް ވެވޭނީ ތަޤުވާވެރިންނަށެވެ. ކުށްވެރިންތައް ދާނީ ނަރަކައަށް ވެއްޓެމުންނެވެ. މާތް ﷲ ވަޙީކުރައްވާފައި ވަނީ:

وَإِنْ مِنْكُمْ إِلاَّ وَارِدُهَا كَانَ عَلَى رَبِّكَ حَتْماً مَقْضِيّاً (71)  ثُمَّ نُنَجِّي الَّذِينَ اتَّقَوْا وَنَذَرُ الظَّالِمِينَ فِيهَا جِثِيّاً (72)

އާޔަތުގެ ތަފްސީރީ މާނަ: ''އެންމެހާ މީސްތަކުންނެވެ. ކަލޭމެންގެ ތެރެއިން އެކަކު ވެސް، ނަރަކަ މަތީގައިވާ ޞިރާޠު މަގު ހުރަސް ނުކޮށް ނުދާނެއެވެ. ކޮންމެ މީހަކު ވެސް އެ މީހެއް ކުޅަ ހެޔޮ ޢަމަލާ އެކަށީގެންވާ ގޮތަކަށެވެ. މިއީ، މާތް ﷲ ނިންމަވާ ކަނޑައަޅުއްވާފައިވާ ކަމެކެވެ. ޝައްކެއްވެސް ނެތި މިކަން ވާނެއެވެ. * ދެން އެ މީހުން ހެއްދެވި ކަލާނގެއަށް ކިޔަމަންގަނެ، ފާފަތަކުން ދުރުވެ ތަޤްވާވެރިވީ މީހުން، އެ މަގުން ތިމަންރަސްކަލާނގެ މިންޖު ކުރައްވާހުށީމެވެ. އަދި ﷲ އަށް ކުފުރުވެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވެގަތް މީހުން، ބިންމައްޗަށް ކަކޫ ޖެހި ނިކަމެތިވެގެންވާ ހާލު ދެމިތިބުމަށް ދޫކޮށްލައްވާހުށީމެވެ.'' (މަރްޔަމް: 71، 72)

އަދި އައްތަކާޘުރު ސޫރަތުގައި ﷲ ވަޙީކުރައްވާފައި ވެއެވެ:

لَتَرَوْنَ الْجَحِيمَ (6) ثُمَّ لَتَرَوْنَهَا عَيْنَ الْيَقِينِ (7)

އާޔަތުގެ މާނަ: ''ހަމަކަށަވަރުން ތިޔަބައި މީހުން ނަރަކަ ދެކޭނެއެވެ. (6) އަދި އެއަށް ފަހު، ޝައްކެތް ވެސް ނެތި އެ ދެކޭނެއެވެ. '' (އައްތަކާޘުރު: 6، 7)

އަހަރެންނަށް ހީވާގޮތުން ނަމަ، މި ތާނގައިވާ ފުރަތަމަ ދުށުމަކީ، ތަޤުވާވެރިން ނަރަކަ މަތިން ސަލާމަތްވެގެން ދާއިރު ފެންނަ ފެނުމެވެ. ދެވަނަ ފެނުމަކީ، އަނިޔާވެރިން ނަރަކަ މަތިން ދަނިކޮށް ނަރަކައަށް ވެއްޓުމުން ފެންނަ ފެނުމެވެ. އާޔަތުގައިވާ ފެނުމުގެ މާނައަކަށް ވެދާނެ އަނެއް މާނައަކީ، ހިސާބު ބެއްލެވުމުގެ ކުރިން ނަރަކަ ގެނެވޭ ވަގުތު ފެންނަނަ ފެނުމަކާއި، ނަރަކައަށް ވަނުމަށް ފަހު ފެންނަ ފެނުމެކެވެ. އާޔަތުގެ މާނަ މޮޅަށް ދެނެވޮޑިގަންނަވަނީ މާތް ﷲ އެވެ.

 

*    *    *    *



* މި ފޮތުގެ ހުރިހާ ބައެއް އެއްކޮށް ޑައުންލޯޑްކުރަން މިތަނަށް ފިތާލާށެވެ!

[1] ފޮތުގެ ކުރީކޮޅުގައި އަހަރެންގެ ވާހަކަ އަމާޒުކޮށްފައި ވާނީ، މުސްލިމުންގެ އިތުރަށް އަދި ޣައިރު މުސްލިމުން ވެސް ޝާމިލުވާ ގޮތަށެވެ. އެހެންވެ އޭގައި، ޤުރުއާނާއި ޙަދީޘުން ނަގާ ދަލީލުތަކަށް ވުރެ ގިނައިން ގެނެސްފައި ހުންނާނީ ބުއްދީގެ ދަލީލުތަކެވެ. ނަމަވެސް، އީމާންކަމާ ބެހޭ ގޮތުން މި އަންނަ ބައިތަކުގައި ވާހަކަ ދައްކާއިރު، ބޮޑަށް އަހަރެން ގެންނާނީ ޤުރުއާނާއި ޙަދީޘުގެ ދަލީލުތަކެވެ. އެއީ ބޮޑަށް މި ވާހަކަ އަމާޒުކުރަނީ، މި ކަމަށް އީމާންވާ މުއުމިނުންނަށް ކަމަށް ވާތީއެވެ. (ޝައިޚް)

ހިސާބު ބެއްލެވުމަށް ފަހު، އެންމެންވެސް ދާނީ ނަރަކަ މަތީ އޮންނަ ޞިރާޠު މަގުންނެވެ. ކޮށްފައިވާ ހެޔޮކަންތަކާ އެއްވަރަކަށް، އެ މަގު ކަޑައްތު ކުރެވޭ އަވަސްމިން އިތުރުވާނެއެވެ. ދުނިޔޭގައި ހެޔޮކަންތައް ގިނައިން ކުރި މީހުން ދާލެއް އަވަސްވާނެއެވެ. ހެޔޮކަންތައް މަދުވާ ވަރަކަށް، ދެވޭލެއް ލަސްވާނެއެވެ. ވީމާ މި މަގު ކަޑައްތު
Comments