އާދީއްތަ20180909

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ނިޔާފުޅާއި މިންވަރުފުޅަށް އީމާންވުން

އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ނިޔާފުޅާއި މިންވަރުފުޅަށް އީމާންވުން

aamu-thaaraf-8-niyaafulhuނިޔާފުޅާއި މިންވަރުފުޅުގެ މާނަ:
ޘަވާބާއި ޢަޛާބު:
އިންސާނާއަށް އިޚްތިޔާރު ލިބިފައިވޭ:
އިންސާނާ މަޖްބޫރުވެސްމެ:
މިންވަރުފުޅާ ބެހޭ ނައްޞުތައް:

ނިޔާފުޅާއި މިންވަރުފުޅުގެ މާނަ:

ކީރިތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ:  وَإِن مِّن شَيْءٍ إِلَّا عِندَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلَّا بِقَدَرٍ مَّعْلُومٍ
އާޔަތުގެ ތަފްސީރީމާނަ: ''އަޅުތަކުންނަށް މަންފާހުރި ހުރިހާ އެއްޗެއްގެ ޚަޒާނާތައް، ތިމަންރަސްކަލާނގެ ޙަޟްރަތުގައި ނުވާ އެއްވެސް އެއްޗެއް ނުވެއެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާ، ކަނޑައެޅި އެނގިގެންވާ މިންވަރަކަށް މެނުވީ، ތިމަންރަސްކަލާނގެ އެ އެއްޗެއް ބާވައެއް ނުލައްވަމަވެ.'' (އަލްޙިޖްރު: 21)

إِنَّا كُلَّ شَيْءٍ خَلَقْنَاهُ بِقَدَرٍ
އާޔަތުގެ ތަފްސީރީމާނަ: ''ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކޮންމެ އެއްޗެއް ހައްދަވާފައިވަނީ، ނިޔާކުރައްވާ މިންވަރުކުރައްވާ ކަނޑައަޅުއްވާފައިވާ ވަކިމިންވަރަކަށެވެ. ހުރިހާ އެއްޗެއް ތިމަންރަސްކަލާނގެ ދެނެވޮޑިގެންވަމެވެ. އަދި ހުރިހާ އެއްޗެއް ވަނީ ލައުޙުލް މަޙްފޫޡްގައި ލިޔެވިފައެވެ. ''(އަލްޤަމަރު: 49)

وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا

އާޔަތުގެ ތަފްސީރީމާނަ: '' އަދި އެ ބިމުގައި ބަރަކާތްލައްވައި، ބިމުގެ އަހުލުވެރިން އަބަދުވެސް ރޯއްޖާއި ބަރަކާތް ލިބޭނެ ތަނެއްކަމުގައި އެތަން ލައްވައި، އަދި އެ ބިމުގައި ވާހާތަކެތީގެ ރިޒުޤު މިންވަރުކުރެއްވިއެވެ.'' (ފުއްޞިލަތު:10)

وَالْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَالْعُرْجُونِ الْقَدِيمِ
އާޔަތުގެ ތަފްސީރީމާނަ: ''އަދި ހަނދަކީ ވެސް އޭގެ އުފެއްދެވުމުގައި ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކެއްވާ އެއްޗެކެވެ. ކޮންމެ ރެއަކަށް ވަކި މަންޒިލުތަކެއް، ހަނދަށް ތިމަންރަސްކަލާނގެ މިންވަރު ކުރެއްވީމެވެ. ހުޅެވިހަނދަކަށް ފަހު މަޑުމަޑުން ފުރިހަމަ ހަނދަކަށް ވެފައި، ދެން މަޑުމަޑުން އޭގެ ފަނޑު ރީނޑުކަމާއި ގުދުކަމުން ދުވަސްވެ، ހިކި، ގުދުވެފައިވާ އިހާގޮނޑިއެއް ފަދައިން އެނބުރި އަތުވެއްޖައުމަށް ދާންދެން، ހަނޑު އެ މަންޒިލުތަކުގައި ދަތުރުކުރެއެވެ.'' (ޔާސީން: 39)

وَخَلَقَ كُلَّ شَيْءٍ فَقَدَّرَهُ تَقْدِيرًا
އާޔަތުގެ މާނަ: ''އަދި އެކަލާނގެ ކޮންމެ އެއްޗެއް ހެއްދެވިއެވެ. ފަހެ އެކަލާނގެ އެތަކެތި އެ އެއްޗަކާ އެކަށީގެންވާ އެންމެ ފުރިހަމައަށް، މިންވަރުކުރެއްވިއެވެ.'' (އަލްފުރްޤާން: 2)

وَكُلُّ شَيْءٍ عِندَهُ بِمِقْدَارٍ
އާޔަތުގެ މާނަ: ''އަދި ކޮންމެ އެއްޗެއް އެކަލާނގެ ޙަޟްރަތުގައި ވަނީ މިންވަރުކުރައްވާފައެވެ.'' (އައްރަޢްދު: 8)

މިންވަރުފުޅަށް އީމާންވުމާއި ބެހޭގޮތުން ކީރިތި ޤުރުއާނުގައި އައިސްފައިވާ މިފަދަ އާޔަތްތަކާ މެދު ފިކުރު ކުރީމާ، މިންވަރުފުޅޭ މި ބުނެވޭ ބަހުގެ މުރާދަކީ ކޮބައިބާވައޭ ހިތަށް އަރައެވެ.

މިންވަރުފުޅަށް އީމާންވުމޭ، ނުވަތަ ނިޔާފުޅާއި މިންވަރުފުޅަށް އީމާންވުމޭ، މި ބުނެވޭ ބަހުގެ މުރާދަކީ، މި ކައުނު ހިނގުމަށް މާތް ﷲ ކަނޑައަޅުއްވާފައިވާ މަގެވެ. ދުނިޔެ ހިނގަމުންދާ ނިޒާމެވެ. ދުނިޔޭގައި މިވާ ޠަބީޢީ ޤާނޫނުތަކެވެ. އަދި ދުނިޔޭގައިވާހާ އެއްޗަކީ ކަނޑައެޅިފައިވާ މިންވަރަކަށް އަދި ވަކި ނިސްބަތަކަށް ލައްވާފައިވާ އެއްޗެއްކަމެވެ. އެއްޗެއް ވުޖޫދަށް އައުމުގެ މާ ކުރިންސުރެ ވެސް، ދުނިޔޭގައި އެ ހުންނާނެ މިންވަރަކާއި، އޭގައި އެކުލެވިގެންވާ ޢުންޞުރުތައް ހުންނަންވާ މިނަކާއި ވައްތަރު، އަދި އެ އެހެން އެއްޗަކާ އެކުވެ މަސްހުނިވެއްޖެނަމަ ވާނެހާ ގޮތަކާއި، ވަކިވެއްޖެނަމަ ވާނެހާ ގޮތްތަކާއި، އޭގެ ޙަރަކާތާއި ހިމޭންކަން، އަދި އޭގައި ހުންނާނެ ޒައްރާތަކުގެ ޢަދަދަށް ދާންދެން ކަނޑަނޭޅޭ ހަމަ އެއްވެސް އެއްޗެއް މި ދުނިޔޭގައި ހަމަހިލާ ނުވެއެވެ. މިހުރިހާ ކަމަކީ ވެސް އަޒަލުއްސުރެން ކަނޑައެޅި ނިމިފައިވާ ކަންކަމެވެ.

މާތް ﷲ ގެ މިންވަރުފުޅާއި އެ ކަލާނގެ ނިޔާފުޅުގެ މިސާލެއް އަހަރެން ގެނެސްފާނަމެވެ. ނަމަވެސް އެންމެ ފުރިހަމަ އެންމެ މަތިވެރި މިސާލު ޙައްޤުވަނީ މާތް ﷲ އަށެވެ. އެޅެމުންދާ ޢިމާރާތްތަކުގައި، 'މި ޢިމާރާތް ފަރުމާކޮށް ކުރެހީ މިވެނި އިންޖިނޭރެކޭ' އަދި 'ބިނާކުރުމުގެ މަސައްކަތްކުރީ މިވެނި ކުންފުންޏެކޭ' މިފަދަ ޢިބާރާތްތައް ބޯޑުގައި ލިޔެ ބެހެއްޓިފައި ހުންނަތަން ފެނެއެވެ. އެ އިންޖިނޭރަކީ ޢިމާރާތް ކުރަހާ އޭގެ އުސްމިނާއި ފާރުތަކުގެ ބޯމިން ކަނޑައަޅާ މީހާއެވެ. އަދި ބޭނުންކުރަންޖެހޭ ސިމެންތިއާއި ދަގަނޑާއި ގަލާއި އަދި މިތަކެތީގެ ނިސްބަތް ހުންނަންޖެހޭ މިންވަރު ކަނޑައަޅައި، އަދި ދޮރާއި ކުޑަދޮރުތައް ހުންނަންޖެހޭ ތަންތަން ވެސް އޭނާ ނިންމާނެއެވެ. 'މިންވަރު' ކުރުމުގެ މިސާލަކީ މިއެވެ. އިންޖިނޭރު ކަނޑައެޅި މިންވަރުތަކާ އެއްގޮތަށް ބިނާކުރުމުގެ މަސައްކަތް ނިންމާނީ ބިނާކޮށްދޭ ކުންފުންޏަކުންނެވެ. 'ނިޔާ' ކުރުމުގެ މިސާލަކީ މިއެވެ.

މި ކައުނަށް ބަލާއިރު މި ދެކަމަކީ ވެސް ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ދެކަމެވެ. އިންޖިނޭރު ބޭނުންވެއްޖެނަމަ، ކުރެހުމަށް ބައެއްކަހަލަ ބަދަލުތައް ގެނެވޭފަދައިން، މާތް ﷲ ވަނީ، އަޒަލުއްސުރެ އެކަލާނގެ ކަނޑައަޅުއްވާ މިންވަރުކުރައްވާފައިވާ ބައެއް ކަންތައް، ދުޢާ ނުވަތަ ޞަދަޤާތް ދިނުންފަދަ ކަންތައްކޮށްގެން ބަދަލުކުރެވޭނެ ގޮތް އެކަލާނގެ ރަޙްމަތްފުޅުން މިންވަރުކުރައްވާފައެވެ. އިންސާނުން ކުރާ ކޮންމެ ކަމަކީ އަޒަލުއްސުރެން އޭނާގެ މައްޗަށް މަޖްބޫރުކުރެވިފައިވާ، އެއްވެސް ބަދަލެއް ނާންނަ، އަދި އޭނާއަށް ހަމަ އެއްވެސް އިޚްތިޔާރެއް ނެތް ކަމެއް ނަމަ، ނަބީބޭކަލުން ފޮނުއްވުމުގެ އެއްވެސް ބޭނުމެއް ނެތީހެވެ. ކާފިރުންނާއި ޖިހާދުކުރުމާއި، އަދި ﷲ އަށް ދުޢާކުރުމުގެ ބޭނުމެއް ވެސް ނެތީހެވެ.

ޝައްކެއްވެސް ނެތި އެނގޭ ކަމަކީ، ނަބީބޭކަލުންނާއި ހުރިހާ އުއްމަތްތަކެއްގެ ޞާލިޙުބޭކަލުން ވެސް، ގެއްލުންތަކުން ދުރުވުމަށާއި ހެޔޮގޮތްތައް މެދުވެރިވުމަށް އެދި ދުޢާކޮށް އުޅުއްވިއެވެ. ޙިޖާޒްކަރައިގެ މާތް ބޭކަލެއްކަމުގައިވާ އައްޝައިޚް މުޙައްމަދު ނަޞީފް (ރަޙިމަހުއްﷲ) ގެ އަތްޕުޅުގައި، އަލްއިމާމް ޝައުކާނީ، މި ބީދައަކުން ލިޔުއްވާފައި އޮތް ވަރަށް މޮޅު ފޮތެއް އަހަރެން ދެކުނީމެވެ.

ޘަވާބާއި ޢަޛާބު:

މިންވަރުފުޅުގެ ޢާއްމު މާނަ މި ބުނެވުނީއެވެ. އޭގައި، މާތް ﷲ މި ދުނިޔޭގައި ލެއްވެވި ހުރިހާ ތަކެއްޗެއް ހިމެނެއެވެ. އެތަކެތީގެ މިންވަރުތަކާއި ޙާލަތްތައް އެކަލާނގެ ކަނޑައެޅުއްވިއެވެ. އަދި އެ ތަކެއްޗަށް ވާނެ ގޮތާއި އެތަކެތިން ވާނެ ގޮތް ވެސް އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ. އިންސާނާއަކީ ވެސް، މި ދުނިޔޭގައި މާތް ﷲ އުފައްދަވާ ލައްވާފައިވާ ތަކެތީގެ ތެރެއިން އެކައްޗެވެ.

ދެން މި ހިސާބުން ހިލޭ އެއް މައްސަލައަކީ، ވާހަކަ ދައްކާ މީހުން އެއާ ބެހޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަ ދައްކާ މައްސަލައެކެވެ. ޖަދަލުކުރުންތައް ގިނަވެފައިވާ ކަމެކެވެ. އެއީ އިންސާނުންގެ ޢަމަލުތަކަށް ޘަވާބު ދިނުމާއި ޢަޛާބު ދިނުމުގެ މައްސަލައެވެ. މި ކައުނުގައި ހިނގާ ކޮންމެ ކަމަކީ އެކަން ވާނެކަން މާ ކުރީއްސުރެ ކަނޑައެޅި ނިމި، އަދި އެކަން ﷲ ދެނެވޮޑިގެންވާ ކަމެއް ނަމަ، އަދި ދުނިޔެ ހިނގަން ﷲ މިންވަރު ކުރައްވާފައިވާ މަގަކީ އެއްވެސް ތަފާތެއް ވެސް ބަދަލެއް ވެސް އަންނާނެ އެއްޗެއް ނޫންނަމަ، އިންސާނުންގެ ޢަމަލުތަކަށް ޘަވާބާއި ޢަޛާބު ދެއްވާނީ ފަހެ ކިހިނަކުން ހެއްޔެވެ؟

މި ސުވާލުގެ ކުރު ޖަވާބަކީ:

އިންސާނުން ކުރާ ކަމެއް ކުރަނީ، އޭނާގެ އަޒަލުގެ ފޮތުގައި ލިޔެވިފައި އޮތް އެއްޗެއް އެނގިގެނެއް ނޫނެވެ. ފޮތުގައި އޮތީ އޭނާ ވާނީ ފާފަވެރިއަކަށް ކަމެއް ނުވަތަ އަޅުވެރިއަކަށް ކަމެއް އޭނާއަކަށް ނޭނގެއެވެ. ދެން އޭނާ އަމިއްލަ އިޚްތިޔާރުގައި، ފާފަވެރިއަކަށް ނުވަތަ އަޅުވެރިއަކަށް ވަނީއެވެ. ވީމާ ﷲ މިންވަރުކުރައްވާފައިވާ ގޮތް އަހަރެމެންނަށް ވަންހަނާވެފައިވާއިރު، މިންވަރުފުޅޭ ކިޔާފައި ހުއްޖަތްދެއްކޭނެ އެއްވެސް ގޮތެއް ނެތެވެ. އިންސާނާއަށް ޘަވާބާއި ޢަޛާބު ދެވެނީ ދުނިޔޭގައި އޭނާކުރާ ޢަމަލަށެވެ.

އިންސާނާއަށް އިޚްތިޔާރު ލިބިފައިވޭ:

ފުރަތަމަ އަހަރެން ވާހަކަ ދައްކަން ބޭނުމީ، މި މައްސަލައާ މެދު ވިސްނާ ބަލާއިރު ކުރިމަތިން ފެންނަން އޮތް ކަމަކާ ބެހޭގޮތުންނެވެ. އިންސާނާއަށް ކަންކަމުގެ އިޚްތިޔާރު ލިބިގެންވާކަން ދަލީލުކޮށްދޭ ޝަރުޢީ ނައްޞުތަކާ ބެހޭގޮތުން ތަންކޮޅެއް ފަހުން ވާހަކަ ދައްކާނަމެވެ.

ދުނިޔޭގައި ކަންހިނގަމުންދާ މަގަށް ބަލާއިރު ފެންނަ ހަޤީޤަތަކީ، އިންސާނާއަށް ފުރިހަމަ މިނިވަންކަން ލިބިގެންވާތަނެވެ. މާއްދީ ކަންކަމާމެދު ގޮތެއް ކަނޑައަޅާ ނިންމާ، އަދި ހެޔޮނުބައި ވަކިކޮށް، އިޞްލާޙާއި ފަސާދައަކީ ކޮބައިކަން ދެނެގަންނާނެ ބުއްދިއެއް އޭނާގެ ކިބައިގައިވެއެވެ. ދެން އަނެއްކޮޅުން ހެޔޮކަންތައް ނުވަތަ ނުބައިކަންތައް ކުރަން ބޭނުމިއްޔާ އެކަމެއް ކުރުމުގެ ފުރިހަމަ އިޚްތިޔާރު ވެސް އޭނާއަށް ލިބިގެންވެއެވެ. ނަމާދުކުރުމަކީ ރަނގަޅު ކަމެއްކަން، ބުއްދިހުރި ކޮންމެ މީހަކަށް ވެސް އެނގެއެވެ. އަދި ޒިނޭކުރުމަކީ ނުބައިކަމެއްކަން ވެސް އޭނާއަށް އެނގެއެވެ. ވީމާ، ގެއިން ނުކުމެގެން ކަނާތްފަރާތަށް ދަމުން ގޮސް މިސްކިތަށް އަރާ ނަމާދުކުރުމުގެ އިޚްތިޔާރު އޭނާއަށް ލިބިގެންވެއެވެ. ނުވަތަ ވާތްފަރާތަށް ދަމުން ގޮސް އެތާހުރި ނާސިގެއަކަށް ވަދެ ޒިނޭކުރުމުގެ ފުރިހަމަ އިޚްތިޔާރު ވެސް އޭނާއަށް ލިބިގެންވެއެވެ. ފަހެ މިކަމާމެދު މީހަކު ޝައްކުކޮށްފާނެ ހެއްޔެވެ؟ އަހަރެންގެ އަތް ވާވުން ފަދަ ބައްޔެއް ނެތި ސަލާމަތުން އޮއްވާ، މަށަށް އެ އަތް ނު އުފުލޭނޭ މީހަކަށް ބުނެވިދާނެހެއްޔެވެ؟ އަތް އުފުލުމުގެ ކުޅަދާނަކަމާއި އިޚްތިޔާރު އަހަރެންނަށް ލިބިފައިވާތީ، ފަޤީރަކަށް ރުފިޔާއެއް ދޭންވެސް އަތް އުފުލިދާނެއެވެ. ނުވަތަ ކުށެއް ނެތް މީހެއްގެ ކަންކަށިމަތީ އެ އަތުން ޖެހިވެސްދާނެއެވެ. އެކަމަކު މި ދެކަމަކީ އެއްފަދަ ދެކަންހެއްޔެވެ؟ ފަޤީރަށް އެއްޗެއް ދިނުމަކީ ޘަވާބު ޙައްޤު ހެޔޮކަމަކަށް ނުވޭހެއްޔެވެ؟ އަދި ކުށެއްނެތް މީހެއްގެ ގައިގައި ޖެހުމަކީ ޢުޤޫބާތް ޙައްޤު ނުބައިކަމަކަށް ނުވޭހެއްޔެވެ؟

ކިޔަވާކުއްޖަކަށް، އިމްތިޙާން އޮންނަ ރޭތަށް ކުޅުމާއި މަޖާކުރުމުގައިވެސް ހޭދަކޮށްލެވިދާނެއެވެ. ހަމައެހެންމެ ހީވާގިކަމާ އެކީ ފިލާވަޅު ދަސްކުރުމުގައިވެސް ހޭދަކޮށްލެވިދާނެއެވެ. މިއީ ދޮގެއްހެއްޔެވެ؟ ދެން އެއްކަލަ ދަސްނުކޮށް ކުޅެ މަޖާކުރި ކުއްޖާ އިމްތިޙާނުން ފާސްނުވީވާ އެއީ، އޭނާއަށް ލިބޭ އަނިޔާއެކޭ ބުނެވިދާނެހެއްޔެވެ؟ އަދި ހީވާގި ކުއްޖާ ފާސްވީމާ އެއީ އޭނާއަށް ވަކި މޮޅު ގޮތެއް ހަދައިދިނީއޭ ބުނެވިދާނެހެއްޔެވެ؟

އިންސާނާ މަޖްބޫރުވެސްމެ:

ބޭނުން ގޮތަކަށް އަތް ހަރަކާތްކުރެވުނީ އެއީ އަތުގެ މަސްތައް އަހަރެންގެ ބާރުދަށުގައި މާތް ﷲ ލައްވާފައިވާތީއެވެ. ނަމަވެސް އަހަރެންގެ ހިތާއި މައިދާގެ މަސްތައް ވަނީ އަހަރެންގެ ބާރުދަށުގައެއް ނޫނެވެ. އެއްކަލަ ކުއްޖާއަކީ އެއްފަހަރު ފިލާވަޅު ކިޔާލުމުން ދަސްވީމާ ދެން ކުޅެން ހުންނަ ކުއްޖަކަށް ވެސް ވެދާނެއެވެ. އަދި ފަހަރެއްގާ އޭނާއަކީ ރެޔާ ދުވާލު ކިޔެވީމާ ވެސް ހަމައެކައްޗެއްވެސް ނުވިސްނޭ ކުއްޖަކަށް ވެދާނެއެވެ. އަދި އެ ކުއްޖާ އުޅޭ ގެއަކީ ހަމަހިމޭން، ފިލާވަޅު ދަސްކުރަން ފަސޭހަ، ނޭނގޭ އެއްޗެހި ކިޔައިދޭނެ މޮޅު ބައްޕައެއް ހުންނަ ގެއަކަށް ވެސް ވެދާނެއެވެ. އަނެއްކޮޅުން އެ ގެއަކީ އަޑުގަދަ ހަލަބޮލި، ޖާހިލު ބައްޕައެއް ހުންނަ ގެއަކަށް ވެސް ވެދާނެއެވެ. މިހެންވެއްޖެނަމަ އޭނާއަށް ފިލާވަޅެއް ދަހެއް ނުކުރެވޭނެއެވެ. ވީމާ ސިކުނޑި ތޫނުފިލިވުމާއި ނުވުމަކީ އެ ކުއްޖާއަށް އިޚްތިޔާރު ލިބިފައިވާ ކަމެއް ނޫނެވެ. އަދި މައިންބަފައިންނަށް ވަކި ބަޔަކު ހޮވުމަކީ ވެސް ވާނެ ކަމެއް ނޫނެވެ. އަދި ޅަފަތުގެ ދުވަސްވަރު ހޭދަކުރާނެ ރަނގަޅު މާހައުލަކާއި، އުފެދި ބޮޑުވާނެ ހެޔޮ ޒަމާނެއް ވެސް އިޚްތިޔާރެއް ނުކުރެވޭނެއެވެ. މިހުރީ ހައްތާވެސް އޭނާއަށް އިޚްތިޔާރެއް ނެތް ކަންތަކެވެ. ހަމަ މިބީދައިން ރީތި ނޭފަތަކާއި ދިގު އިސްކޮޅަކާއި މިހިރަ މިހަރަ ކަންތަކަކީ ވެސް އިޚްތިޔާރެއް ނެތް ކަންތަކެވެ. ވީމާ މިގޮތުން ބަލާއިރު އިންސާނާއަކީ މަޖްބޫރު މީހެކެވެ.

އިންސާނާގެ ކުޅަދާނަކަމުގެ ހުދޫދުތެރޭގައި އިޚްތިޔާރު ލިބިގެންވޭ:

އިންސާނުންނަށް ލިބިގެންވާ ކުޅަދާނަކަމުގެ ހުދޫދުތެރޭގައި، އޭނާއަކީ މިނިވަން އަދި އަމިއްލަ އިޚްތިޔާރު ލިބިގެންވާ މީހެކެވެ. ބައެއް ހާލަތްތަކުގައި މަޖްބޫރު މީހަކަށް އޭނާ ވިޔަސް، އެއީ އޭނާގެ ކިބައިން އަމިއްލަ އިޚްތިޔާރާއި މިނިވަންކަމުގެ ސިފަ ނިގުޅައިގަނެވޭނެ ކަމެއް ނޫނެވެ. މިސާލަކަށް ކާރަކީ ވެސް އޭގެ މޯޓަރުގައި ހުރި ބާރަކަށް ދުވާ އެއްޗެކެވެ. ތަހައްމަލު ކުރެވޭ ވަކި ހައްދެއް އޮވެއެވެ. ބަރުތަކެތި އުފުލަން އުފެއްދިފައިވާ ކާރެއް ނަމަ، ރޭސްޖަހާ ކާރަކާ އެއްވަރަށް އެ ނުދުވާނެއެވެ. އަޑިގުޑަން ބިންތަކުގައި ދުއްވަން ހެދިފައިވާ ކާރަކާ ހުރަސްތަކެއް ދިމާވެގެން، އޭގެ ދުވުން ކޮންމެވެސް ވަރަކަށް ލަސްވިޔަސް މުޅިން އެއްކޮށް އެ ކާރު ނުހުއްޓޭނެއެވެ. ހަރަކާތެއް ނެތް ދަގަނޑު ގަނޑަކަށް ނުވާނެއެވެ.

އިންސާނާވެސް މިފަދައެވެ. ދިރިއުޅުމުގެ ތެރޭގައި އޭނާގެ އަމިއްލަ އިޚްތިޔާރު ގެއްލޭފަދަ ތަފާތު ހުރަސްތަކާއި އުނދަގޫތައް އޭނާއާ ދިމާވާނެއެވެ. ދާ ދިމާ ބަދަލުކޮށްލަންޖެހޭފަދަ ކަންތަކާ ކުރިމަތިވާނެއެވެ. އޭނާއަށް ބަދަލެއް ވެސް އަދި ދުރުވެސް ނުކުރެވޭނެ ކަންތައްތަކެއްގެ އަސަރުކުރާނެއެވެ. ނަމަވެސް މީގެ މާނައަކީ ފަހަރެއްގައި ވެސް މި އިންސާނާއަކީ މިނިވަނަކަށް ނުވުމެއް ނޫނެވެ. އިންސާނާއަކީ މިނިވަނެކެވެ. އޭނާއަކީ އިންސާނީ އިމުގެ ތެރޭގައި ކަންތައްތައް ކުރުމުގެ އިޚްތިޔާރާއި މިނިވަންކަން ލިބިގެންވާ މީހެކެވެ. ނަމަވެސް އޭނާއަކީ ބޭނުންހައި ކަމެއް ކުރުމުގެ ކުޅަދާނަކަން ލިބިފައިވާ 'ކަލެއް' ނޫނެވެ.

ޘަވާބާއި ޢަޛާބު ލިބުން ގުޅިފައިވަނީ މިނިވަންކަމާ:

ކަމެއް ކުރުމާ ނުކުރުމުގެ މިނިވަންކަން ނެތް މީހަކަށް ޢުޤޫބާތެއް ނުވެއެވެ. ވީމާ ނުބައި ކަމެއް ކުރަން މަޖްބޫރުކުރެވިފައިވާ މީހާ އެކަން ކުރުމުން ލިބޭނެ ޢުޤޫބާތެއް ނޯންނާނެއެވެ. މާތް ﷲ ޘަވާބު ނުވަތަ ޢަޛާބު ދެއްވަނީ، ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އަހަރެމެންނަށް ލިބިފައިވާ ކަންކަމަށެވެ. އޭނާ ކުރި ހެޔޮކަމެއްގެ ދަރުމަ އޭނާއަށް ވެއެވެ. އަދި ކުޅަ ނުބައި ކަމެއްގެ ސަޒާވެސް އޭނާއަށް ލިބޭނެއެވެ. މީހަކަށް ނުކުޅަދާނަ ކަމެއް ކުރާކަށް ވެސް އިސްލާމްދީން ނާންގައެވެ. އަދި ހަމައެހެންމެ މީހެއް ކޮށްފައިވާ ޢަމަލުގެ ތެރެއިން ޒައްރެއްގެ މިންވަރުވެސް، ﷲ އުނިނުކުރައްވާނެއެވެ. ޢަދުލުވެރިކަން މުޅިން ފުރިހަމަ ނޫންކަން އަހަރެމެން އެންމެވެސް އެއްބަސްވާނެ، ދުނިޔޭގައި މި ހުންނަ ޢަދާލަތުގެ ކުރިމައްޗަށް މީހަކު ގެނެވުނީމާވެސް އޭނާ ކުށް ކުރި ސަބަބަކާއި އޭނާގެ ހާލަތަށް ރިޢާޔަތްކޮށް ބަލައެވެ. މިގޮތަށް ރިޢާޔަތްކޮށް ބެލުމަކީ ރަނގަޅު އަދި ޢަދުލުވެރި ގޮތެއް ކަމަށް ވެސް އަހަރެމެން ދެކެމުއެވެ. ފަހެ މިގޮތަށް ކުށްވެރިއާގެ ހާލަތަށާއި އުޅެބޮޑުވި ވެއްޓާއި ކުށްކުރި ސަބަބަށް ބަލައި ރިޢާޔަތްކުރުން، ޢަދުލުވެރިކަމުގައި ނިމުމެއް ނެތް އިލާހީ ޢަދާލަތުގައި ނޯވެ ހިނގައިދާނެހެއްޔެވެ؟ ފާސިޤު މަންމައާކާއި ބައްޕައެއްގެ ދަށުގައި އުޅެ ބޮޑުވި، ނުވަތަ އަޅާލުމެއް ތަރުބިއްޔަތެއް ނުލިބޭ، ނުވަތަ ނުބައި ވެއްޓެއްގައި އުޅޭ މީހަކު ފާފައެއް ކުރީމާ އޭނާއަށް ލިބޭ ޢުޤޫބާތާއި، ޞާލިޙް މައިންބަފައިންގެ ދަށުގައި އުޅެބޮޑުވެ، ހެޔޮނުބައި ވަކިކުރަން އެނގި، އަދި ރަނގަޅު ވެއްޓެއް ލިބުނީމާވެސް ހަމަހުރި ވިޔާނުދާކަމެއްގެ ސަބަބުން ފާފަކުރީމާ ލިބޭ ޢުޤޫބާތާއި އެއްވަރުވާނެހެއްޔެވެ؟

ޢަދާލަތުގެ މިންގަނޑު:

މާތް ﷲ ގެ ޢަދުލުވަންތަކަމަކީ ވެސް އިންސާނުންގެ ޢަދުލުވެރިކަމާއި އެއް މިންގަނޑަކުން ކިރޭ އެއްޗެއް ކަމަށް ބައެއް މީހުންނަށް ހީވެފެއިވާ ހީވުމަކީ ވަރަށް ވެސް ބޮޑު ކުށްހީއެކެވެ. އަހަރެންނަށް މިކަން ވިސްނުނީ އެއްފަހަރަކު ދިމާވި ހާދިސާއަކުންނެވެ. މިއީ މި ފޮތަށް އެހާ އެކަށީގެންވާ ވާހަކައަކަށް ނުވިއަސް، އޭގައިވާ ޢިބުރަތަށްޓަކައި ކިޔާދޭނަމެވެ.

އެއީ 1931 ވަނަ އަހަރެވެ. އަހަރެން އުޅުނީ ޝާމުގެ އިބްތިދާއީ މަދަރުސާއެއްގައި ކިޔަވައިދޭށެވެ. ޢުމުރުގެ އެންމެ ޒުވާން ދުވަސްވަރެވެ. އެހެންވެ ސިކުނޑީގައި ހިނގާ ފިކުރުތަކެއް ވެސް ހުއްޓެވެ. އަދި ހިތުގައި ހިނގާ ޒާތެއްގެ ބޮޑާކަމެއް ވެސް ހުއްޓެވެ. ދުލަށް އަންނަހާ އެއްޗެއް ބުނެވެސްލެވެއެވެ. އެހެންވެ މިނަވަރުފުޅާއި މެދު އަހަރެންގެ ހިތުގައި އުފެދޭ ޝައްކުތަކެއް، އެހެން ގޮތަކަށް ބުނާނަމަ ސުވާލުތަކެއް ހުއްޓެވެ. މިކަންތަކާ ބެހޭގޮތުން ބައެއް ދަންނަބޭކަލުންނާއި ސުވާލުވެސް ކުރީމެވެ. ނަމަވެސް ހިތަށް ފަރުވާލިބޭވަރުގެ ޖަވާބެއް ނުލިބެއެވެ. އެކަށީގެންވާ ރަނގަޅު ޖަވާބެއް ނުދެވުނީމާ، އެ މީހުންނަށް ބޮޑަށް އުނދަގޫކޮށް އިތުރަށް ޖަދަލުކުރާނަމޭ އަހަރެން ހިތަށް އަރައެވެ. ދެން މިހެން އުޅެނިކޮށް އެއްދުވަހަކު ކިޔަވައިދޭ ކިލާހުން ތަންކޮޅެއް ބަސްނާހާ ކުއްޖަކާ ދިމާވެގެން އޭނާއަށް އަދަބުދޭންޖެހުނެވެ. އެއްތެލުން އެ ކުއްޖާ އަތުގައި ޖެހީމާ، ތިއީ އަނިޔާއެކޭ، ކަލެއަކީ އަނިޔާވެރިއެކޭ، މިހެން ކިޔައިގަނެ އެ ކުއްޖާ އަޑުގަދަކޮށްލިއެވެ.

މި ބުނަނީ ހަމަ ތެދުވާހަކައެވެ. އެ ކުއްޖާ އެހެން ބުނުމުން އަހަރެން އަތުން އެއްތެޔޮބުރި ވެއްޓުނެވެ. އެ ކުއްޖާ މަތިން ވެސް ކިލާސް މަތިން ވެސް ހަނދާންނެތުނެވެ. ހީވީ ޖާހިލިކަމުގެ އަނދިރިގަނޑެއް ތެރޭގައި ހުއްޓާ ކުއްލިއަކަށް ޢިލްމުގެ އަލިކަމެއް ފެނުނުހެންނެވެ. އަހަރެން ޖެހީމާ އެ ކުއްޖާ ދެކުނީ އެއީ އަނިޔާއެއް ކަމަށެވެ. އަހަރެން ދެކުނީ އެއީ ޢަދުލުވެރިކަން ކަމަށެވެ. ގެއަށް ގޮސް މައިންބަފައިން ގާތު އެ ކުއްޖާ އެ ވާހަކަ ބުނެފިނަމަ ބުނާނީ އަދަބުވެރިކުރުމަށްޓަކައި އެހެން ތެޅުމަކީ އަނިޔާއެއް ނޫންކަމަށެވެ. ކިއެއްތަ، އެއީ ޢަދުލުކަމަށެވެ. އަދި އަދަބު ދެނީ ކުއްޖާގެ މަޞްލަޙަތަށް ކަންވެސް އެ މީހުން ދެކޭނެއެވެ. ފަހެ ކިޔަވާ ދަރިވަރަކަށް އޭނާގެ ހަނި ވިސްނުން ބޭނުންކޮށްގެން، އެދުރުމީހާގެ ޢަދާލަތަށް ފާޑުކިޔައި އުނި މިންގަނޑަކުން މިނެކިރުމުގެ ޙައްޤެއް ނޯންނައިރު، އަހަރެމެންގެ އިންސާނީ މިންގަނޑުން، ﷲ ގެ ޢަދުލުވަންތަވެރިކަމަށް ބަލާ ކިރާ އަޅާކިޔޭނީ ކޮންފަދައަކުންހެއްޔެވެ؟

އެއީ އަނިޔާކަމަށް އަހަރެން ދެކޭ ކަމަކީ ހަމަ ފަހަރެއްގައި ސީދާ ޢަދުލުވެރިކަން ކަމަށް ވެސް ވެދާނެނޫންހެއްޔެވެ؟ ބައްޔެއްވެގެން އުޅޭ ކުއްޖާ ދެކޭނީ، ޑަކްޓަރު އޭނާ ގަޔަށް ޖަހާ އިންޖެކްޝަނަކީ އަނިޔާއެއް ކަމަށެވެ. ނަމަވެސް އެ ކުއްޖާގެ ބައްޕަ ދެކޭނީ އެއީ ޢަދުލުވެރިކަން ކަމަށެވެ. އެ ކުއްޖާ ބެލީ އެއިން ވާ ތަދަށެވެ. ބައްޕަ ބެލީ އެއިން ލިބޭ ފަރުވާއަށެވެ.

މައްސަލައިގެ ހުރިހާ ކޮޅުތަކެއްވެސް ބަލައި، ދެ ޚަޞްމުން ދައްކާ ވާހަކައެއް ވެސް ކަނުލާ އަޑުއެހުމަށް ފަހު ނޫނީ، ޤާޟީއެއްގެ ކުރިމައްޗަށް ހުށައެޅޭ މައްސަލައެއްގައި ގޮތެއް ނިންމައި ޙުކުމްކުރާކަށް ނޭނގޭނެއެވެ. ނަމަވެސް ގިނަފަހަރަށް އަހަރެމެންނަށް ބެލެނީ މައްސަލައިގެ ކޮންމެވެސް ވަރަކަށެވެ. އެއްކޮށެއް ނޫނެވެ. މިހެންވެ ގިނަފަހަރަށް ނެރެވޭނީވެސް ނުބައި ޙުކުމެވެ. ކަލެއާ ކަލޭގެ އެކުވެރިއަކު ސަހަރާއެއްގެ ތެރެއަށް ގެއްލި މަގުއޮޅިގެން އުޅެނިކޮށް ކުއްލިއަކަށް ރީތި ކާރެއް އައިސް ދެ މީހުން އަރުވައިގެން ދިޔައީއެވެ. އިރުކޮޅަކުން ކަލޭގެ އެކުވެރިއާ ކުރިކަމަކީ، ދަބަހުން ވަޅިއެއް ނަގައިގެން ކާރުގެ އެއޮތް މޮޅު ގޮނޑިތައް ކީހާލީއެވެ! ފަހެ ކަލޭގެ ނަޒަރުގައި މިއީ އަނިޔާވެރި ޢަމަލެއް ނޫންހެއްޔެވެ؟ ޝައްކެއް ވެސް ނެތި އެއީ އަނިޔާއެކެވެ. އެކަމަކު ސަލާމަތުން އޮތް ރީތި ކާރެއް ފެންނައިރަށް އޭތި ފޭރިގަންނަ މަގުފޭރޭ ބަޔަކު ފަހަތުން އެބަ އަންނަކަމާއި، އައިބެއް ހުރެއްޖެނަމަ ނުފޭރި ދޫކޮށްލާކަން، ފަހުން ކަލެއަށް އެނގިއްޖެނަމަ ޚިޔާލު ބަދަލުނުވާނެހެއްޔެވެ؟ އަނިޔާއެއް ކަމަށް ދުށް ޢަމަލު، އެއީ ރަނގަޅު އަދި ޢަދުލުވެރި ޢަމަލެއް ކަމަށް ނުދެކޭނަންހެއްޔެވެ؟

ގޮނޑި ހަލާކު ކުރުމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބު ކާރުގެ ވެރިމީހާއަށް ކުރިން އެނގުނުނަމަ، އޭނާ އަމިއްލައަށް އެކަން ކުރީހެވެ. އެހެނީ ސަލާމަތުން އޮވެ ކާރު އެއްކޮށް ގެއްލިގެން ދިއުމަށް ވުރެން އޭނާއަށް ރަނގަޅުވާނީ ގޮނޑި ހަލާކުވިޔަސް ކާރު ނުގެއްލި އޮތުމެވެ. މިކަން ވާނީ މިހެން ނޫންހެއްޔެވެ؟ މޫސާގެފާނާއި ޚުޟަރުގެފާނުގެ ވާހަކައިގައި ވެސް ކަންތައް ވީ މިގޮތަށެވެ. ދެބޭކަލުން ބޯޓަކަށް އަރާވަޑައިގަނެ، ޚުޟަރުގެފާނު އެ ބޯޓު ކޮންމެވެސް ވަރަކަށް ހަލާކުކޮށްލެއްވީއެވެ. ކީރިތި ޤުރުއާނުގައި މާތްﷲ މި ވާހަކަ ގެންނަވާފައިވަނީ، ކަންކަން ފުރިހަމައަށް ނޭނގި އެއާ ބެހޭގޮތުން ގޮތް ކަނޑައަޅަން އަވަސްވެ ނުގަތުމަށް ދަސްކޮށްދެއްވާށެވެ.

މިންވަރުފުޅާ ބެހޭ ނައްޞުތައް:

ނައްޞުތައް ގެނައުމުގެ ކުރިން ހަނދާންކުރަންޖެހޭ ޤަވާޢިދުތަކެއް އެބަ ހުއްޓެވެ. އެއީ:-

1- ބުއްދިން ކުރާހާ ވެސް ކަމަކީ މި ނައްޞުތައް އޮޅުންފިލުވުމެވެ. ނަމަވެސް މިންވަރުފުޅުގެ ޙަޤީޤަތް އޭގެ ތަފްޞީލުތަކާއެކު، ބުއްދިއަކަށް ވިސްނައިނުގަނެވޭނެއެވެ. އެއީ ކުރިންވެސް ބުނެވިފައިވާނެ ފަދައިން، ސިކުނޑިއަކީ މާއްދާގެ ފަހަތުގައިވާ ތަކެއްޗާއި ކަންތައްތައް ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައިވާ އެއްޗެއް ނޫނެވެ. ވީމާ މިންވަރުފުޅާ ބެހޭގޮތުން ނައްޞުތަކުގައި އައިސްފައި ނެތް އެއްޗެއް ހޯދަން ފީނައިހަދައިގެން ނުވާނެއެވެ.

2- ދީނުގެ ކަންކަން ދެނެގަންނަން ބަލަންޖެހޭ އަސްލަކީ ޤުރުއާންކަން، އަބަދުވެސް ހަނދާން ބަހައްޓަންޖެހޭނެއެވެ. ޤުރުއާނުގެ އާޔަތަކާއި އާޙާދް ޙަދީޘަކާއި ފުށުއަރާކަމަށް ފެނި، އެކަން ޔަޤީންވެ، އަދި ދޭތި އެއްގޮތް ނުކުރެވޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އިސްކަންދޭންޖެހޭނީ އާޔަތަށެވެ.

3- ދުނިޔޭގައިވާ ލޮލަށް ފެންނަ ޙަޤީޤަތެއް އިންކާރުކުރާ ޞަރީޙަ ނައްޞެއް، ޤުރުއާނުގައި ނުވަތަ ޞައްޙަ ޙަދީޘެއްގައި ވިޔަސް އޮތުމަކީ ނުވާނެކަމެކެވެ. އެހެނީ ދުނިޔޭގައިވާ ޙަޤީޤަތްތަކަކީ އެއީ ހަމަ ޤުރުއާންވެސް ބާވައިލެއްވި މާތް ރަސްކަލާނގެ ލެއްވިއެއްޗެކެވެ. އެކަލާނގެ ލެއްވި ޙަޤީޤަތަކާ ފުށުއަރާނެހެން ފަހުން ޤުރުއާން ބާވައިލެއްވުމަކީ، އެކަލާނގެ ޛާތުފުޅަށް މުސްތަޙީލުކަމެކެވެ.

4- އިންސާނާގެ ކިބައިގައި އެއްވެސް އިޚްތިޔާރެއް ނެތް ކަމަށާއި އެއީ ވަރުގަދަ މަޖްބޫރެއް ދަށުގައިވާ މީހެއް ކަމަށް ހީވާ އާޔަތްތަކެއް، ޤުރުއާނުން ފެނިދާނެއެވެ. މިސާލަކަށް މި އާޔަތްތަކެވެ: هُوَ الَّذِي يُصَوِّرُكُمْ فِي الْأَرْحَامِ كَيْفَ يَشَاءُ

އާޔަތުގެ ތަފްސީރީމާނަ: ''އެކަލާނގެއީ އެކަލާނގެ އިރާދަކުރައްވާފަދައަކުން، އިރާދަކުރައްވާ ގޮތަކަށް، ފިރިހެން ކުއްޖެއްކަން ނުވަތަ އަންހެން ކުއްޖެއްކަން ކަނޑައަޅުއްވާ، ސިފަ ރީތި މީހެއްކަން ނުވަތަ ހުތުރު މީހެއްކަން ކަނޑައަޅުއްވާ، ބާއްޖެވެރިއެއްކަން ނުވަތަ އަބާއްޖެވެރިއެއްކަން ކަނޑައަޅުއްވާ، ތިޔަބައިމީހުންގެ މައިންގެ ރަޙިމްތަކުގައި ތިޔަބައިމީހުން ސޫރަ ކުރައްވާ ރަސްކަލާނގެއެވެ.'' (އާލްޢިމްރާން:6)

ރަޙިމުގައި ކުއްޖާ އުފެދި ބޮޑުވާއިރު، އެ ކުއްޖާގެ އިޚްތިޔާރެއް ނޯވެއެވެ. އެކަންވާނީ މާތް ﷲ ގެ ފުރިހަމަ އިރާދަފުޅުދަށުގައެވެ. މިގޮތުން އަންހެންކުއްޖެއްގެ ގޮތުގައި ރަޙިމުގައި ސިފަކުރެވުނު ކުއްޖަކަށް ފިރިހެން ކުއްޖަކަށް ބަދަލުވުމުގެ އިޚްތިޔާރެއް ނޯވެއެވެ. އަދި އޮޅަލި ކުއްޖެއް ދޮން ކުއްޖަކަށް ބަދަލުވުމުގެ އިޚްތިޔާރެއް ވެސް ނޯވެއެވެ.

މިފަދަ އެހެން އާޔަތަތަކީ: وَرَبُّكَ يَخْلُقُ مَا يَشَاءُ وَيَخْتَارُ

އާޔަތުގެ ތަފްސީރީމާނަ: ''ކަލޭގެފާނުގެ ވެރިރަސްކަލާނގެ، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ހައްދަވަތެވެ. އަދި ހުރިހާ ކަމެއްގެ ފުރިހަމަ އިޚްތިޔާރު ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ.'' (އަލްޤަޞަޞް: 68)

އިންސާނާގެ ކުޅަދާނަކަމަށް ވުރެ މަތީގައިވާ، ޠަބީޢީ ހާދިސާތަކާއި ކައުނުގައި ހިނގާ ކަންތައްތަކަށް އިޝާރާތްކޮށްފައިވާ ޤުރުއާނުގެ އާޔަތްތަކުން ވެސް، އިންސާނާއަކީ އިޚްތިޔާރެއް ނެތް މީހެއް ކަމަށް މީހަކަށް ފަހަރެއްގައި ހީވެދާނެއެވެ. މި ސާލަކަށް މި އާޔަތެވެ: أَفَرَأَيْتُم مَّا تَحْرُثُونَ (63) أَأَنتُمْ تَزْرَعُونَهُ أَمْ نَحْنُ الزَّارِعُونَ (64) لَوْ نَشَاءُ لَجَعَلْنَاهُ حُطَامًا فَظَلْتُمْ تَفَكَّهُونَ(65)

އާޔަތުގެ ތަފްސީރީ މާނަ: ''ތިޔަބައިމީހުން ގޮވާންކުރާ ތަކެއްޗާމެދު، ފަހެ، ތިޔަބައިމީހުން ވިސްނައި ބެލީމުހެއްޔެވެ؟ (63) އެތަކެތި ބިމުން ފަޅުވަނީ، ތިޔަބައިމީހުންހެއްޔެވެ؟ ނުވަތަ އެތަކެތި ބިމުން ފަޅުއްވާ ފަރާތަކީ، ތިމަންރަސްކަލާނގެހެއްޔެވެ؟ (64) ތިމަންރަސްކަލާނގެ އިރާދަކުރައްވާނަމަ، އެއިން ގޮވާމާއި މޭވާ ލިބުމުގެ ކުރިން، ކެއުމަކަށް ބޭނުން ނުކުރެވޭ ހިކި ކުނޑި ހުއިތަކެއް ކަމުގައި އެތަކެތި ލައްވައިފީމުސްކަން ކަށަވަރެވެ. ދެން އޭރުން ތިޔަބައިމީހުން ތިބޭނީ ދަނޑުތަކަށް ވީ ގޮތަކާމެދު ޙައިރާންވެފައެވެ.(65)'' (އަލްވާޤިޢާ: 63- 65)

އަދި މި އާޔަތެވެ:  وَإِن يَمْسَسْكَ اللَّهُ بِضُرٍّ فَلَا كَاشِفَ لَهُ إِلَّا هُوَ
އާޔަތުގެ މާނަ: '' އަދި ﷲ ތިބާޔަށް، ގެއްލުމެއް މެދުވެރިކުރައްވާނަމަ، އެކަލާނގެ މެނުވީ އެކަން ފިއްލަވާނެ އެހެން ފަރާތެއް ނުވެއެވެ.'' (އަލްއަންޢާމް: 17)

އަދި މީހާގެ ހެޔޮލަފާކަމާއި ނުބައިނުލަފާކަމާއި ބެހޭ އާޔަތްތަކަކީ ވެސް މި ކަހަލަ މާނައެއް ނެގިދާނެ އާޔަތްތަކެވެ: وَنَفْسٍ وَمَا سَوَّاهَا (7) فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا (8)
އާޔަތުގެ މާނަ: ''އަދި ނަފްސާއި އެ ނަފްސު ފުރިހަމަކުރެއްވި ކަލާނގެ ގަންދެއްވަމެވެ. (7) ފަހެ އެކަލާނގެ އެ ނަފްސަށް ގެއްލުންހުރި ނުބައި ގޮތާއި ފައިދާހުރި ހެޔޮގޮތްތައް އެނގުމުގެ ވިސްނުން ދެއްވިއެވެ.'' (އައްޝަމްސު: 7- 8)

إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا
އާޔަތުގެ ތަފްސީރީމާނަ:''ހަމަކަށަވަރުން ތިމަންރަސްކަލާނގެ އިންސާނާއަށް ތެދުމަގާއި ނުބައި މަގު، ހެޔޮގޮތާއި ނުބައި ގޮތް، އަންގަވާ ބަޔާންކޮށްދެއްވީމެވެ. އެއީ އޭނާ ޝުކުރުވެރިވާ މުއުމިނަކަށް ވުމަށްޓަކައެވެ. ނުވަތަ އިންކާރުކުރާ ކާފިރަކަށް ވުމަށްޓަކައެވެ.'' (އަލްއިންސާނު: 3)

މިފަދަ، ތެދުމަގު ދެއްކެވިކަމުގެ ވާހަކަ އައިސްފައިވާ އާޔަތްތަކުން ވެސް، އަމިއްލައަށް ތެދުމަގު އިޚްތިޔާރު ކުރުމުގެ ބާރު އިންސާނާއަށް ނޯންނަކަމަށް، މީހަކަށް ފަހަރެއްގައި ހީވެދާނެއެވެ.

ނަމަވެސް މިކަހަލަ އާޔަތްތަކާމެދު އަހަރެން ވިސްނިވިސްނުމުން އެނގުނީ، މި އާޔަތްތަކުގައި އިޝާރާތްކުރަނީ އިންސާނާ ލަފާވުމާއި ނުލަފާވުމަށް އަސަރުފޯރުވާ ނުވަތަ މެދުވެރިވާ ކަންތައްތަކަށެވެ. އެހެން ގޮތަކަށް ބުނާނަމަ، މާތް ﷲ އިންސާނާގެ ކިބައިގައި ލެއްވެވީ ނުބައިކޮށް އުޅުމުގެ ތައްޔާރީއާއި އިޚްތިޔާރާއި އަދި ރަނގަޅަށް އުޅުމުގެ ތައްޔާރީއާއި އިޚްތިޔާރެވެ. ފަހަރެއްގައި ވެސް އެއީ މާތް ﷲ އިންސާނާ ނުލަފާ މީހެއް ނުވަތަ ލަފާ މީހެއްގެ ގޮތުގައި ހައްދަވައި، އޭނާއަށް އެއްވެސް އިޚްތިޔާރެއް ނުދެއްވާ ވާހަކައެއް ނޫނެވެ.

މަގުފުރެދިފައިވާ ބައެއް ޖަމާޢަތްތަކުގެ މީހުން މިފަދަ އާޔަތްތަކާ މެދު ޖަދަލުކޮށް، އެއިން ދޭހަވާ ޙަޤީޤީ މާނަ ނޫން އެހެން އިތުރު މާނަ ވައްދައި ނުބައި ފަހުމުތައް ކުރިއެވެ. މިހެން ހެދުމުގެ ބަދަލުގައި އެމީހުންނަށް ޖެހެނީ:

1- މާތް ﷲ ގެ އިރާދަފުޅާއި ކުޅަދުންވަންތަކަމާއި އަދި އެކަލާނގެ ރަސްކަމުގައި ބޭނުންފުޅު ގޮތަކަށް ކަންތައް ކުރެއްވުމާ ބެހޭ އާޔަތްތަކާއި، އަނެއްކޮޅުން އަޅުތަކުންގެ ޢަމަލުތަކަށް ދެއްވާ ޘަވާބާއި ޢަޛާބާއި ބެހޭ އާޔަތްތައް ވަކިކޮށް ފަރަގުކުރާށެވެ.

2- އަދި ބަލަން ޖެހޭނީ ޤުރުއާނުގެ ހުރިހާ ނައްޞުތައް އެއީ އެކަތި އަނެކައްޗާއި ވަކި ނުކުރެވޭނެ އެކައްޗެއް ގޮތުގައެވެ. ވީމާ ސޫރަތަކުން ފެންނަ އެންމެ އާޔަތެއްގައި ހިފާ ދެމުމުގެ ބަދަލުގައި، އެހެން އާޔަތްތަކުގައި އޮތީ ކީކޭތޯ ވެސް ބަލަންޖެހޭނެއެވެ. މިގޮތަށް ޤުރުއާނުގެ ހުރިހާ އާޔަތަކާ މެދު ވިސްނާ ފިކުރު ހިންގައިފި ކޮންމެ މީހަކަށް ވެސް އެނގި ސާބިތުވާނެ ޙަޤީޤަތަކީ، ޤުރުއާނުގައި އިންސާނާއަށް އަމިއްލަ އިޚްތިޔާރާއި މިނިވަންކަން ދީފައިވާކަމެވެ. އަދި ޘަވާބާއި ޢަޛާބު ވެސް ލިބެނީ މި ބުނި މިނިވަންކަމާއި އިޚްތިޔާރަށް ބިނާކޮށެވެ.

ޤުރުއާނުގައި ޖައްސަވާފައިވާ މިސާލާ ބެހޭގޮތުން އޮތް، ބަޤަރާ ސޫރަތުގެ ސައްބީސްވަނަ އާޔަތުގެ ކުރީބައި ކަމުގައިވާ: يُضِلُّ بِهِ كَثِيراً وَيَهْدِي بِهِ كَثِيراً ފެނުނީމާ ހީވަނީ، ތެދުމަގު ލިބުމާއި މަގުފުރެދުމަކީ މާކުރީންސުރެ ކަނޑައެޅި ނިމިފައިވާ ކަމެއްހެނެވެ. އިންސާނުންގެ ތެރެއިން އެއްބަޔަކު މަގުފުރެދިފައިވާ ބައެއް ގޮތުގައި ލެއްވީއެވެ. އަނެއް ބަޔަކު ތެދުމަގު ލިބިފައިވާ ބައެއް ކަމުގައި ލެއްވީއެވެ. ނަމަވެސް މި ހިސާބުން ނުހުއްޓި، هُدًى لِلْمُتَّقِينَ  މި ބަސްފުޅާއި އަދި وَمَا يُضِلُّ بِهِ إِلاَّ الْفَاسِقِينَ މި ބަސްފުޅާ މެދު ވިސްނައިފިއްޔާ، ތެދުމަގު ލިބުމާއި މަގުފުރެދުމަކީ ފަހަރެއްގައި ވެސް، އިންސާނުންގެ މައްޗަށް މާތް ﷲ ލާޒިމުކުރައްވާ ކަނޑައަޅުއްވާފައިވާ ކަމެއް ނޫންކަން އެނގޭނެއެވެ. ކިއެއްތަ، އެއީ އެ މީހެއްގެ ހާލަތާ ގުޅިފައިވާ ކަމެކެވެ. އޭނާއަކީ ތަޤުވާވެރިއެއް ނަމަ، ޤުރުއާން ވާނީ ހުރި ތެދުމަގެއް ކަމުގައެވެ. އަދި އޭނާއަކީ ފާސިޤެއް ނަމަ، ޤުރުއާން ވާނީ މަގުފުރެދުމަކަށެވެ. يُضِلُّ بِهِ كَثِيراً وَيَهْدِي بِهِ كَثِيراً

އާޔަތްތަކުގެ ތަފްސީރީމާނަ: ''ޤުރުއާނުގައި ޖައްސަވާފައިވާ މިސާލަށް މަލާމާތްކޮށް ހަދާތީ، އެ މިސާލުން އެކަލާނގެ ގިނަބަޔަކު މަގުފުރައްދަވަތެވެ. އަދި ހަމަ އެ މިސާލުން، އެއާމެދު ފިކުރުކޮށް ވިސްނާ ގިނަބަޔަކަށް އެކަލާނގެ ތެދުމަގު ދައްކަވަތެވެ. މީގައި އެކަލާނގެ އެއްވެސް މީހަކަށް އަނިޔާވެރިވެވަޑައެއް ނުގަންނަވައެވެ. އެހެނީ އެކަލާނގެ ތެދުމަގުން އެއްކިބާކުރައްވާ މަގުފުރައްވަނީ، އެކަލާނގެއަށް ނުކިޔަމަންތެރިވެ ފާސިޤުވެގަންނަ މީހުންނެވެ.'' (އަލްބަޤަރާ: 26)

هُدًى لِلْمُتَّقِينَ
އާޔަތުގެ ތަފްސީރީމާނަ: ''މި ޤުރުއާނަކީ ތަޤުވާވެރިންނަށް ހުރި ހިދާޔަތެކެވެ.'' (އަލްބަޤަރާ: 2)

ދެން މިހިސާބުން މިހަކު ހިތަށް އަރާފާނެ ސުވާލަކީ، ﷲ އަހަރެން ލައްވާފައި ވަނީ ތަޤުވާވެރިންގެ ތެރޭތޯ ނުވަތަ ފާސިޤުންގެ ތެރޭތޯ އެނގޭނީ ބަލަ ކިހިނަކުންހެއްޔެވެ؟!

ބަޤަރާ ސޫރަތުގެ ދެވަނަ އާޔަތުގެ ފަހަތުގައި އޮތް، ތިންވަނަ އާޔަތާއި ހަތަރުވަނަ އާޔަތާއި އަދި ހަތާވީސްވަނަ އާޔަތް ކިޔައިފިނަމަ، ތަޤުވާވެރިންގެ ސިފައާއި ފާސިޤުންގެ ސިފަވެސް އެނގިދާނެއެވެ. ތަޤުވާވެރިންނަކީ ޣައިބަށް އީމާންވާ، ނަމާދުކުރާ އަދި ޒަކާތްދޭ ބައެކެވެ. ފާސިޤުންނަކީ ﷲ އަށް ވެފައިވާ ޢަހުދު އުވާލާ، ގުޅައި ދަމަހައްޓަން އެންގެވި ގުޅުންތައް ކަނޑާ، އަދި ބިމުގައި ފަސާދަކުރަން އުޅޭ ބައެކެވެ.

ވީމާ މިއިން އެނގޭ އެއްޗަކީ، ތަޤުވާވެރިވުމާއި ނުވުން، އަދި ތެދުމަގު ލިބުމާއި ނުލިބުން އެއީ ފަހަރެއްގައި ވެސް އިންސާނާއަށް މަޖްބޫރުވެފައިވާ ކަމެއް ނޫންކަމެވެ. ކިއެއްތަ، އެއީ އޭނާގެ މިނިވަންކަމާއި ކުޅަދާނަކަމުގެ ތެރޭގައިވާ، އަދި އޭނާ އަމިއްލައަށް ކުރާ ކަންތައްތަކެއްގެ ސަބަބުން ލިބޭ އެއްޗެކަމެވެ.

ޣައިބަށް އީމާންވެ، ނަމާދުކޮށް، ﷲ ގެ މަގުގައި ހޭދަކުރުމަކީ ކަލެއަށް ކުރެވިދާނެ ކަމެކެވެ. އަދި ޢަހުދު އުވާލާ ގުޅުން ކަނޑައި ފަސާދަކުރުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. މިއީ ކުރުމުގެ ކުޅަދާނަކަމާއި އިޚްތިޔާރު ލިބިފައިވާ، އަދި ނުކޮށް ދޫކޮށްވެސްލެވިދާނެ ކަންކަމެވެ. ފުރަތަމަ ތިން ކަންތައް ކޮށްފިއްޔާ ކަލޭވާނީ ތަޤުވާވެރިންގެ ތެރޭގައެވެ. މީގެ ނަތީޖާއަކީ ހިދާޔަތް ލިބުމެވެ. ފަހުން އޮތް ތިންކަންތައް ކޮށްފިއްޔާ ކަލޭވާނީ ފާސިޤުންގެ ތެރެއިންނެވެ. މީގެ ނަތީޖާއަކީ މަގުފުރެދުމެވެ.

ބޭކާރު ބަހުސެއް:

ޢަޤީދާގެ މައްސަލަތައް އަދި ވަކިން ޚާއްޞަކޮށް ނިޔާފުޅާއި މިންވަރުފުޅާއި ބެހޭގޮތުން ބަހުސްކޮށް ހަދާ މީހުން ކުރާ ވަރަށް ޢާއްމު ސުވާލެއް އޮވެއެވެ. އެ މީހުން ކުރާ ސުވާލަކީ: އިންސާނާ ނުބައިކަންތައް ކުރަނީ ﷲ ގެ އިރާދަފުޅުންހެއްޔެވެ؟ އެކަން ނުކުރުމުގެ ކުޅަދާނަކަން އޭނާއަށް ލިބިފައިވޭހެއްޔެވެ؟ އޭނާ ކުރާ ކަންކަމަކީ އޭނާ އުފައްދާ އެއްޗެއްހެއްޔެވެ؟ ޢިލްމުލްކަލާމްގެ ފޮތްތައް ވަނީ މިކަހަލަ ވާހަކަތަކުން ފުރިފައެވެ. ޝައްކެއް ވެސް ނެތް ގޮތުގައި މިއީ ބޭކާރު އަދި އެއްވެސް މަންފާއެއް ނެތް ބަހުސެކެވެ. އެހެނީ ހެއްދެވި ޚާލިޤު މަޚްލޫޤުންނާ އަޅާ ނުކިޔޭނެއެވެ. އަދި މާތް ﷲ އަކީ ފުރިހަމަ ޢަދުލުވަންތަވެރި ރަސްކަލާނގެއެވެ. ވީމާ ނާއިންސާފުން އެއްވެސް ކަމެއް އެކަލާނގެ ނުކުރައްވަވާނެކަމީ ޔަޤީންކަމެކެވެ. މި ކަހަލަ ކަންކަމާ މެދު ބަހުސްކޮށް ވާހަކަ ދެއްކުމަށް ވުރެ އަހަރެމެންނަށް ހެޔޮކަން ބޮޑީ، އަމިއްލަ ނަފްސުތަކާމެދު ވިސްނާ ބަލައި، ފުރިހަމަގޮތުގައި ރަނގަޅަށް ބުއްދީގެ ބޭނުންކޮށް، އަދި އަހަރެމެންގެ ޢަމަލާއި އިޚްތިޔާރު ހެޔޮ ކަންކަމާ ދިމާއަށް ގެންދިއުމެވެ. ﷲ ގެ ޛާތުފުޅާ ބެހޭ ވާހަކަތައް ދޫކޮށްލަމާ ހިނގާށެވެ. މި އުއްމަތުގެ ސަލަފުއް ޞާލިޙުން ވެސް މި މައުޟޫޢާމެދު ވާހަކަފުޅެއް ނުދައްކަވައެވެ. އަދި އެކަމަށް ވަގުތެއް ވެސް ނަގާނުލައްވައެވެ.

ހުރިހާ ކަމެއް މިންވަރުފުޅާ މަތިކުރުން، ނުވަތަ މިންވަރުފުޅުން ހުއްޖަތް ދެއްކުން:

ބައެއް އުރެދުންތެރިން ފާފަތައްކޮށްފައި، އެއީ މިންވަރުފުޅުގައި ވާ ގޮތޭ ބުނެ ބަހަނާ ދެއްކޭތޯ އުޅެއެވެ. ޒިނޭކުރާ މީހެއް ގާތު ޒިނޭ ކުރަނީ ކީއްވެހޭ އަހައިފިނަމަ، އެއީ މިންވަރުފުޅުގައި ހުރި ގޮތޭ ބުނެފާނެއެވެ! ނަމަވެސް މިއީ ކަނޑައެޅިގެން ހުރި ދޮގެކެވެ. ތާކުންތާކު ނުޖެހޭ ހުއްޖަތެކެވެ. ދެ ސަބަބަކަށްޓައި ވެސް މި ހުއްޖަތް ޤަބޫލުނުކޮށް ދޫކޮށްލަން ޖެހެއެވެ:

ފުރަތަމަ ސަބަބު:

ޙިސާބު ބެއްލެވުމާއި ޢުޤޫބާތް ދެއްވުން ވަނީ އިންސާނާ ކުރާ ޢަމަލަށެވެ. އަދި އޭނާ އެކަން ކުރާ ސަބަބަށެވެ. ޒިނޭކުރި މީހާ ޒިނޭކުރީ، ލައުޙުލް މަޙްފޫޡް ބަލާފައި އޭނާއަކީ ޒިނޭކުރާ މީހެކޭ ލިޔެވިފާ އޮތްތައް ފެނިގެން، އޭނާގެ މައްޗަށް ވާ މިންވަރުފުޅު ތަންފީޒުކުރާކަށެއް ނޫނެވެ. ކިއެއްތަ، އޭނާ ޒިނޭކުރީ އޭނާގެ ޝަހުވަތަށް ތަބާވެގެންނެވެ. އަވަސް އަރާމަކާއި ވަގުތީ ހިތްހަމަޖެހުމެއް ހޯދާށެވެ. ޝައިޠާނާއަށް އިޖާބަދޭންވެގެންނެވެ.

ހަމަ މިގޮތަށް މުޝްރިކުން ވެސް އެ މީހުން ޝިރުކު ކުރަނީ މިންވަރުފުޅުގައި އެހެން އެކަން އޮތީމާއޭ ބުންޏެވެ. سَيَقُولُ الَّذِينَ أَشْرَكُوا لَوْ شَاءَ اللَّهُ مَا أَشْرَكْنَا وَلَا آبَاؤُنَا وَلَا حَرَّمْنَا مِن شَيْءٍ
އާޔަތުގެ މާނަ: ''ޝަރީކުކުޅަ މީހުން ބުނާނެތެވެ. ﷲ އިރާދަކުރެއްވިނަމަ ތިމަންމެން، އަދި ތިމަންމެންގެ ކާބަފައިން ވެސް، ޝަރީކެއް ނުކުޅައީހެވެ. އަދި ތިމަންމެން އެއްވެސް އެއްޗެއް ޙަރާމްކޮށެއްވެސް ނުހެދީމުހެވެ.'' (އަލްއަންޢާމް: 148)

މިއާ ވިދިގެން، އެ މީހުންގެ މި ދޮގު ބުނުމަށް ރައްދު ދެއްވައި، މުޝްރިކުންގެ އަނގަ ބަންދުވާފަދަ ބަސްފުޅެއް ބާވައިލައްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރެއްވީ:  قُلْ هَلْ عِنْدَكُمْ مِنْ عِلْمٍ فَتُخْرِجُوهُ لَنَا
އާޔަތުގެ ތަފްސީރީ މާނަ:  ''ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަމިއްލައަކަށް ސޫއްޕާއި ގޮވާމުގެ ބާވަތްތައް ޙަރާމްކުރަނީ، އަދި ތިޔަބައިމިހުން ޝިރުކުކުރަނީ ﷲ އިރާދަކުރައްވާ ރުހިވޮޑިގަންނަވާތީކަން، ތިޔަބައިމީހުން އެނގޭނެ އެއްވެސް ކަހަލަ ޞައްޙަ ޢިލްމެއް، ދަލީލެއް އެބައޮތްހެއްޔެވެ؟ އޮތިއްޔާ ނިކަން ނެރެދައްކައިދޭށެވެ؟'' (އަލްއަންޢާމް: 148)

މާނައަކީ ޝިރުކުކުރުމުގެ ކުރިން، ޝިރުކުކުރުމަކީ ކަލޭމެންގެ މައްޗަށް ކަނޑައެޅި މިންވަރުވެފައިވާ ކަމެއްކަން އެނގުނީ ކޮންތާކުން ކިހިނަކުންހެއްޔެވެ؟ ﷲ އެއްކައުވަންތަކޮށް އީމާންވާން ކަލޭމެން މަސައްކަތްކޮށް އުޅެއުޅެ ވެސް އެކަން ވާގޮތް ނުވީހެއްޔެވެ؟

ދެވަނަ ސަބަބު:

ނުބައިހާ ކަމެއް ކޮށްފައި މިގޮތަށް މިންވަރުފުޅުން ހުއްޖަތް ދައްކަން އުޅޭ މީހުންނަކީ ތެދުވެރި ބައެއްނަމަ، މާތް ﷲ މިންވަރު ކުރައްވާ ހުރިހާ ގޮތަކަށް ރުހި މަޑުން ތިބޭނެއެވެ. ފަޤީރުކަމާއި ބަލިމަޑުކަމާއި ބަނޑުހައިހޫނުކަމަށް ވެސް ރުހެންޖެހޭނެއެވެ. ފަޤީރުވީމާ އިތުރަށް މަސައްކަތެއް ވެސް ކުރާނެ ކަމެއް ނެތެވެ. ބަލިވީމާ ބޭހެއް ވެސް ކުރާނެ ކަމެއް ނެތެވެ. ބަނޑުހައިވީމާ ކަނީވެސް ކީއްކުރަންހެއްޔެވެ.

މިއީ މިންވަރުފުޅުގައިވާ ކަންކަމަށް ވިޔަސް، މިއިން ކަމަކަށް މި މީހުން ނުރެހެއެވެ. ހިމޭނަކުން ނުތިބެއެވެ. ކިއެއްތަ، ފައިސާ ހޯދަން މަސައްކަތް ކުރެއެވެ. ބަލިމަޑުކަމުން ދުރުވާން އުޅެއެވެ. ހައިކަން ފިލުވަން އުޅެއެވެ. އޭނާ ލޯބިވާ މީހެއް މަރުވީމާ ނުވަތަ މުދާ ގެއްލިދިޔައީމާ އެކަމާ ހިތާމަވެސް ކުރެއެވެ. ދުނިޔޭގެ އުފަލާއި އަރާމު ހޯދައި، ވޭނާއި ކެކުޅުމުން ދުރުވާން އޭނާގެ ބުއްދީގެ ބޭނުން ހިފައެވެ.

އެކަމަކު އޭނާގެ ޝަހުވަތާއި ހަވާނަފްސުގައި ލަގަން އަޅުވަން އޭނާ އެ ބުއްދީގެ ބޭނުމެއް ނުކުރެއެވެ. ހިތް އެދޭ ހަރާމްކަންތައްތަކުން ދުރުވާން ބުއްދީގެ ބޭނުމެއް ނުކުރެއެވެ.

މިންވަރުފުޅާ މެދު އަހަރެމެން ދެކޭ ގޮތާއި ސަލަފުން ދެކޭގޮތް:

މުސްލިމުންގެ ދުޝްމަނުން މިއަދު ބުނަނީ، މުސްލިމުންނަކީ ކަންނެތް، އެއްވެސް ކަމަކަށް ޝައުޤެއް ނެތް، ކުރިއަރަން މަސައްކަތް ނުކުރާ، އޮތް ހާލަތު ހެޔޮ ހާލަތަކަށް ބަދަލުކުރަން ބޭނުން ނުވާ ބައެއް ކަމަށެވެ. މީގެ ސަބަބެއް ކަމަށް އެ މީހުން ދައްކަނީ، މުސްލިމުން މިންވަރުފުޅަށް އީމާންވުމެވެ. މިއަދުގެ ގިނަ މުސްލިމުންގެ ކިބައިގައި އެ މީހުން އެ ބުނިފަދަ ނުބައި ސިފަތަކެއް އެބަހުރިކަން، އަހަރެން ވެސް ޤަބޫލުކުރަމެވެ. އެކަމަކު މިއަދުގެ މުސްލިމުން އެފަދަ ބަޔަކަށް ވާންޖެހުނީ، މިންވަރުފުޅަށް އީމާންވާތީއެއް ނޫނެވެ. އަދި ކަންކަމުގައި ﷲ އާ ވަކީލުކުރާތީއެއް ވެސް ނޫނެވެ. މިއަދުގެ މުސްލިމުން އެފަދަ ބަޔަކަށް ވާންޖެހުނު ޙަޤީޤީ ސަބަބަކީ، މިންވަރުފުޅަކީ ކޮބައިކަން ރަނގަޅަށް ނޭނގުމެވެ. ނިޔާފުޅާއި މިންވަރުފުޅާއި މެދު ފަހުގެ ބައެއް މީހުންނަށް އަރާފައިވާ އޮޅުމެއްގެ ސަބަބުންނެވެ. މީގެ ނަތީޖާއަކަށް ވީ، ޖާހިލު މުސްލިމުން ފާފަތަކަށް އަރައިގަންނަން ބޭނުންކުރާ ހުއްޖަތަކަށް މިންވަރުފުޅު ބޭނުންކުރަން ފެށުމެވެ. ކަންނެތްވެ ނެގިމަޑުވެފައި ތިބުމެވެ. ނަމަވެސް އަހަރެމެންނާ ޚިލާފަށް، މި އުއްމަތުގެ ސަލަފުން މިންވަރުފުޅު ނެންގެވީ، މަސައްކަތްކުރުމާއި ޖިހާދުކުރުމަށް ހިތްވަރުދޭ އެއްޗެއް ގޮތުގައެވެ.

ރިޒުޤަކީ ބެހިފައިވާ އެއްޗެއްކަމާއި، ކިތަންމެ ބަލިކައްޓަސް ލިބެން އޮތް އެއްޗެއް ނުލިބި ނުދާނެކަމާއި ނުލިބެން އޮތް އެއްޗެއް ލިބޭނެ ގޮތެއް ނޯންނާނޭ، ބުނާ އަޑުއިވުނީމާ އަހަރެމެންގެ ތެރެއިން ބައެއް މީހުން ހީކުރީ، އޭގެ މާނައަކީ ރިޒުޤު ހޯދުން ހުއްޓާލުން ކަމަށެވެ. މަސައްކަތާ މެދު ފަރުވާކުޑަކުރުން ކަމަށެވެ. އަތުން ފައިން ކަމެއް ނުކޮށް އޮށޯވެގެން ތިބުން ކަމަށެވެ. އުޑުން ރަނާއި ރިހި ވެހެންދެން ތިބެންވީއެވެ. ތަންމައްޗެއް ކޮއްތެއް ނެތި، ދިގު ދަތުރުތައް ވެސް ކުރަންވީއެވެ.

ނަމަވެސް ސަލަފުންނަށް މިވާހަކަ އަޑުއިވުނީމާ، އެމީހުންނަށް ވިސްނުނީ ރިޒުޤު ހޯދަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރަންޖެހޭނެ ކަމެވެ. ޙަލާލުގޮތުގައި ފައިސާ ހޯދާނެ މަގެއް އޮތިއްޔާ އެ މަގަކުން ހިނގަންޖެހޭނެ ކަމެވެ. ދެން އެކަމަށްޓަކައި ކުރެވުނު ކަމެއްކޮށް އުފުލުނު ބުރައެއް އުފުލުމަށް ފަހު ލިބުނު އެއްޗަކާ ރުހެއެވެ. މަދުން ލިބުނަސް ރުޅިއެއް ނާދެއެވެ. ގިނައިން ލިބޭ މީހަކަށް ހަސަދަވެރިއެއް ނުވެއެވެ. މުއްސަނދިކަމުން ކިބުރުވެރިއެއް ނުވެއެވެ. ފަޤީރުކަމުން ހިތާމައެއް ނުކުރެއެވެ.

އަޖަލަކީ ކަނޑައެޅިފައިވާ އެއްޗެކޭ ބުނާ އަޑު އިވުނީމާ އަހަރެމެންގެ ތެރެއިން ބައެއް މީހުން ހީކުރީ، އޭގެ މާނައަކީ، ފުރާނަ ރައްކާތެރިކުރުމުގެ ފިޔަވަޅެއް ނޭޅުމެވެ. މަސްއޫލިއްޔަތާ މެދު ފަރުވާކުޑަކުރުމެވެ. އަމިއްލައަށް ގަސްތުގައި ކުރާ ކުށާއި، މިންވަރުފުޅާ ދޭތި އޮޅުވާލުމެވެ. ޤަވާޢިދާ ޚިލާފަށް ދުއްވާފައިގޮސް މީހެއްގެ ގައިގައި ޖައްސާފައި، ކާރު ދުއްވާ މީހާ ބުނާނީ އެއީ މިންވަރުފުޅުގައި ހުރި ގޮތް ކަމަށަވެ. ފިލާވަޅު ދަސްނުކޮށް ހުރެ އިމްތިޙާނުން ފާސްނުވީމާ، އެ ކުއްޖާ ވެސް ބުނާނީ އެއީ މިންވަރުފުޅުކަމުގައެވެ.

ނަމަވެސް އުއްމަތުގެ ކުރީގެ ސަލަފުންނަށް މިވާހަކަ އަޑުއިވުނީމާ އެބޭފުޅުން ވިދާޅުވީ، އަލިފާންތެރޭގައި ހިނގިޔަސް ނުވަތަ މެޔަށް ތީރުތައް ހެރުނަސް، މީހެއްގެ އަޖަލުޖެހުމުގެ ކުރިން މަރުނުވަންޏާ، އަދި ހަތް ފާރު ލާފައިހުރި ކިއްލާއެއްގެ ތެރޭގައި ފިލާފައި އޮތަސް މަރުގެ އަޖަލުޖެހުމުން މަރުވަންޏާ، އަޖަލު ޖެހެންދެން މާތް ﷲ ރުއްސަވާ ޢަމަލު ކުރަމާ ހިނގާށެވެ. އެކަލާނގެ މަގުގައި ޖިހާދުކުރަމާ ހިނގާށެވެ. އަޖަލުޖެހުމުގެ ކުރިން މަރުނުވަންޏާ މަރުދެކެ ބިރުގަންނަންވީ ކީއްކުރަންހެއްޔެވެ؟ މުންކަރާތްތައް މަނާކުރާށާއި، އަނިޔާވެރި ނުބައި ވެރިންނާއި ކުރިމަތިލާން، ދުލާއި ޤަލަމުން ޖިހާދުކުރަމާ ހިނގާށެވެ. ޙައްޤުބަސް ބުނަންވީމާ މާތް ރަސްކަލާނގެ ފިޔަވައި ހަމަ އެކަކަށް ވެސް ޖެހިލުންވެ ބިރުނުގަންނަމާ ހިނގާށެވެ.

އަހަރެމެންނަށް ވިސްނުނީ ދުނިޔޭގައިވާ ކޮންމެ ކަމަކީވެސް މިންވަރުފުޅުގައިވާ ގޮތަށް ހިނގާ ކަންކަމެވެ. އެހެންވެ ދުނިޔެ ހިނގާ މަގާއި ޠަބީޢީ ޤާނޫނުތައް ހޯދާ ދިރާސާކުރުން ހުއްޓާލީއެވެ. ނަމަވެސް އަހަރެމެންނާ ޚިލާފަށް ސަލަފުންނަކީ މިފަދަ ޢިލްމުތަކުގައި އަރާތިބި ބައެކެވެ. މިސްކިތާއި ލެބޯޓަރީއާ ވަކިނުކުރެއެވެ. ޠަބީޢީ ޤާނޫނުތައް ހޯދާ ބަލައި އަދި އެއިން ފައިދާ ލިބިގަތެވެ. ސަލަފުންގެ ވިސްނުން ދޫކޮށްލީމާ، މިއަދު އަހަރެމެން މިވަނީ ޢިލްމުވެރިކަމުގެ ލިސްޓުގެ އެންމެ ކުރީގައި ތިބެފައި އެންމެ ފަހަތަށް ވެއްޓިފައެވެ. މަތިވެރިކަމާއި ޢިއްޒަތުގެ ދަރަޖައިން ނިކަމެތި ދަށުދަރަޖައަކަށް ފަހަތްޖެހިފައެވެ. އީމާންކަމުގެ އެހީގައި އެބޭކަލުންވީ ދުނިޔޭގައި ވެރިކަން ހިނގި އިސްބަޔަކަށެވެ. މުޅިދުނިޔޭގެ އެދުރުންތަކަށެވެ. ނަމަވެސް އެ އީމާންކަން ދޫކޮށްލުމުން މިއަދު އަހަރެމެން މިވަނީ ނިކަމެތި އަޅުންނަށް ވެފައެވެ. ޖާހިލުންނަށް ވެފައެވެ. އެބޭކަލުން ޙައްޤުގެ ކަނޑިން ދުނިޔޭގެ ތިންބައިކުޅަ އެއްބައި ފަތަޙަކުރެއްވިއެވެ. ނަމަވެސް މިއަދު އަހަރެމެންގެ ޢަދުއްވުން ވަނީ ބާޠިލުކަމުގެ ކަނޑިން އަހަރެމެންގެ ބިންތައް ހިފާފައެވެ.

މަރުވެފައި ތިބޭމީހުން މަތިވެރިކޮށް މާތްކުރުން:

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް، މި ޒަމާނުގެ ޙަޔާތް ފާސިވެފައިވާތަނާއި ދިރިތިބީން ނިކަމެތިވެފައިވާތަން ފެނި، އަދި މާޒީގެ ކާބަފައިންގެ ޢިއްޒަތާއި ހެޔޮލަފާކަން ހަނދާންވުމުން، އަދުގެ ނާއުއްމީދުން ސަލާމަތްވާން ދުއްވައިގަނެވުނީ މާޟީން ލިބިދާނެ އުއްމީދަކާ ދިމާލަށެވެ. މިއަދުގެ ދިރިތިބީންގެ ތެރޭގައި މާތް މީހަކު ނުފެނުނީމާ، މާތްކޮށް މަތިވެރިކުރަން ފެށުނީ މަރުވެފައިތިބި މީހުންނެވެ. މިހެން ދަމުންގޮސް މުސްލިމުންގެ ތެރޭގައި ވަނީ މަރުވެފައިތިބޭ މީހުން މަތިވެރިކޮށް، ކަންކަމުގައި އެ މީހުންނަށް އިޢްތިމާދުވެ، އެ މީހުންގެ ފަރާތުން މަދަދު ހޯދުން ޢާއްމުވެ ފެތުރިފައެވެ. ކުރީގެ މޮޅެތި މީހުން ކާމިޔާބުވެފައި އަހަރެމެން ނާކާމިޔާބު ބަޔަކަށް ވީމާ އަހަރެމެން ހީކުރީ، އެ މީހުންގެ ފަރާތުން އަހަރެމެންނަށް ކާމިޔާބެއް ލިބިދާނެކަމަށެވެ. މިހެންވެ ދެން ފެއްޓީ މަރުވާ މީހުންގެ މަހާނަތައް މަތީ ބޮޑެތި މޮޅެތި ޒިޔާރަތް ހަދާށެވެ. އޭގައި އުސް ގުއްބުތައް ލާށެވެ. މަރުވެ ވަޅުލާފައިތިބޭ މީހުން މަތިވެރިކުރާށެވެ. ނަތީޖާއަކަށް ވީ އަހަރެމެންގެ ޢަޤީދާގެ ހާލަތު ޖާހިލިއްޔަ ޒަމާނުގައި ވެސް ޢަޤީދާ އޮތްފަދަ ހާލަތަކަށް ވެއްޓިދިއުމެވެ. އަދި އަހަރެމެން މި މަހާނަތަކާއި ޒިޔާރަތްތަކަށް ނަދުރުބުނަން ފެށީމެވެ. މަދަދާއި ޝަފާޢަތް ހޯދައިދޭ މެދުވެރިންތަކެއް ކަމުގައި މަރުވެފައިތިބޭ މީހުން ހެދީމެވެ. އަދި ބައެއްފަހަރު ސީދާ އެމީހުންގެ ކިބައިން، މަންފާ ލިއްބައިދީ ގެއްލުމުން ދުރުކޮށްދިނުމަށް އެދެން ފެށީމެވެ. މިހުރިހާ ކަމެސް ވެސް މިފަދަ ނުބައި ހާލަތަކަށް ދާންޖެހުނީ، އަހަރެމެންގެ ޙާޟިރު އޮތް ހާލަތުގެ ނުބައިކަމާއި މާޟީގެ މަތިވެރިކަމުގެ ސަބަބުންނެވެ. އަދި ނުބައި ޢަޤީދާއެއްގެ ސަބަބުންނެވެ.

ސަބަބެއް ނެތް މަސްހުނިކުރުމެއް:

މަތީގައި ބުނެވިދިޔަ ހުރިހާ ކަމެއްގެ މައިގަނޑު ސަބަބަކީ، މިންވަރުފުޅުގެ މާނަ ނުބައިކޮށް ކުރުމެވެ. އަހަރެމެންނަށް އިޚްތިޔާރު ލިބިފައިވާ ކަންކަމާ ބެހޭގޮތުން އައިސްފައިވާ ނައްޞުތަކާއި، އަހަރެމެންގެ ކުޅަދާނަކަމާއި އިޚްތިޔާރުން ބޭރުގައިވާ ކަންކަމާ ބެހޭގޮތުން އައިސްފައިވާ ނައްޞުތަކާ އެއްކޮށް މަސްހުނިކުރުމުން ދެން އުފެދުނީ ޢިލްމުލް ކަލާމްގެ ޖަމާޢަތްތަކެވެ. އެއްބަޔަކު ދަޢްވާކުރީ އިންސާނާއަކީ އަމިއްލަ އެއްވެސް އިޚްތިޔާރެއް ނެތް މަޖްބޫރު މީހެއް ކަމަށެވެ. އެހެނީ ހިތުގެ ވިންދަކަށް އޭނާގެ ބާރެއް ނުފޯރައެވެ. މައިންބަފައިން ހޮވުމުގައި އޭނާގެ ދައުރެއް ނެތެވެ. އުޅެބޮޑުވާ ވެށި ކަނޑައެޅުމުގައި އޭނާގެ ބަހެއް ނެތެވެ. ނަމަވެސް މިބައިމީހުން ހަނދާން ނައްތާލި ކަމަކީ އިންސާނާއަށް ބާރުފޯރުވޭ ގުނަވަންތަކެއް އޭނާ ގައިގައިވާކަމެވެ. އުޅޭ ވެށިން ކުރާ އަސަރުތަކުގެ ހެޔޮނުބައި ވަކިކުރެވޭނެ ބުއްދިއެއް ދެއްވާފައިވާކަމެވެ.

އަދި އަނެއް ބަޔަކު އިންސާނާއަށް ލިބިގެންވާ ބާރާއި އިޚްތިޔާރަށް ވުރެ އިތުރަށް، އެ ދީފިއެވެ. އަދި ޘަވާބު ދެއްވުމާއި ޢަޛާބު ދެއްވުމުގެ މައްސަލާގައި ބޭކާރު ބަހުސްތަކެއް ކުރަން ފެއްޓިއެވެ. ﷲ ގެ ޢަދުލުވަންތަކަމާ މެދު ޖަދަލުކުރަން ފެއްޓިއެވެ. އިންސާނާގެ މިނިވަންކަމާއި ކުޅަދާނަކަމަށް ބެލުމަށްފަހު ނޫނީ ޖަޒާއެއްވެސް އަދި ސަޒާއެއްވެސް ނުދެއްވާނެކަމާއި، އިންސާނުންގެ ޢަދާލަތުގެ މިންގަނޑުން ﷲގެ ޢަދުލުވަންތަވެރިކަން ނުކިރޭނެކަން، މި މީހުން ހަނދާން ނައްތާލިއެވެ.

މިންވަރުފުޅުގެ ޢަޤީދާގައި އަދި މިނުން އެހެން ޢަޤީދާތަކުގައި ވެސް އޮތް އެންމެ ރައްކާތެރި އަދި އެންމެ ފުރިހަމަ ގޮތަކީ، އެ އޮޅުންފިލުވަން ދީނުގެ އަސްލު މަޞްދަރަށް ރުޖޫޢަވުމެވެ. އާދެ، ކީރިތި ޤުރުއާނެވެ. ޞަހާބީންނާއި ސަލަފުންނާއި ތާބިޢީން ތިއްބެވި ސާފު ޢަޤީދާއަށް ތަބާވުމެވެ. ޔޫނާނުގެ ފަލްސަފާ ދިރާސާކުރި މީހުންގެ ސިކުނޑީގައި ހުރި އުނިކަމެއްގެ ސަބަބުން މުސްލިމުންގެ ތެރެއަށް ފާޅުވި ބޭކާރު ޖަދަލުކުރުންތަކާއި މާނައެއް ނެތް ބަހުސްތައް ދޫކުރުމެވެ.

 

 

*    *    *    *

 


* މި ފޮތުގެ ހުރިހާ ބައެއް އެއްކޮށް ޑައުންލޯޑްކުރަން މިތަނަށް ފިތާލާށެވެ!

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.