Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ޣައިބަށް އީމާންވުން

އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ޣައިބަށް އީމާންވުން

aamu-thaaraf-9-ghaibai-eeman-vunޣައިބުގެ ދުނިޔެ:
ޣައިބަށް އީމާންވަނީ ކިހިނެއް؟
އީމާންވާންޖެހޭ ޣައިބު:
މަލާއިކަތުންނާއި ޖިންނީން ވާކަމަށް އީމާންވުން
މަލާއިކަތުން
މަލާއިކަތުންނަށް އީމާންވުމުގެ ފައިދާ:

ޖިންނީން
ޤުރުއާނުގައި ޖިންނީން:
ޝައިޠާނުން
އިންސީންގެ ތެރެއިންވާ ޝައިޠާނުން:

ޣައިބުގެ ދުނިޔެ:

ޢަޤީދާގެ ޤަވާޢިދުތަކާ ބެހޭގޮތުން ވާހަކަ ދެއްކިއިރު، ދުނިޔޭގައިވާ ކޮންމެ އެއްޗެއް ދެނެގަތުމުގެ ކުޅަދާނަކަން ހިއްސުތަކަށް ލިބިގެންނުވާކަމާއި، އަހަރެމެންގެ ހިއްސުތަކަށް ނޭނގޭ ވަރަށް ގިނަ ޙަޤީޤަތްތަކެއް ވުޖޫދުގައިވާކަން ބަޔާންކޮށްފައިވާނެއެވެ.

މީގެ އެންމެ ކައިރި މިސާލަކީ، އެއިން އަހަރެމެން އެންމެންނަށް ވެސް ދިރުލިބިފައިވާ ރޫޙެވެ. ރޫޙު އެއީ ވާ އެއްޗެއްކަމާމެދު އިންކާރުކުރާނެ މީހަކު އެބަހުރިހެއްޔެވެ؟ އެކަކުވެސް ނެތެވެ. އެކަމަކު ރޫޙުގެ ޙަޤީޤަތަކީ ކޮބައިކަން އެނގޭ އެކަކުވެސް އެބަހުރިހެއްޔެވެ؟ އެކަކުވެސް ނެތެވެ.

އަހަރެމެންނަށް މިފެންނަ، އެނގޭ ދުނިޔައަށް ޤުރުއާނުގައި ދެވިފައިވާ ނަމަކީ 'ފެންނަ ދުނިޔެ' އެވެ. އަހަރެމެންގެ ޙިއްސުތަކަށް ފޮރުވިފައިވާ ނުފެންނަ ދުނިޔެ -މާއްދާގެ ފަހަތުގައިވާ ދުނިޔެ- އަށް ޤުރުއާނުގައި ދެވިފައިވާ ނަމަކީ 'ޣައިބުގެ ދުނިޔެ' އެވެ.

އެންމެން ވެސް މި 'ފެންނަ ދުނިޔެ' އަކީ ވާ އެއްޗެއްކަން ތެދުކޮށް އީމާންވެއެވެ. ދޮގުކުރާ އެކަކު ވެސް ނުހުރެއެވެ. އެންމެ ކުޑަމިނުން ޖަނަވާރުތައް ވެސް އެ ސޮރުމެންގެ ހިއްސުތަކުން ދުނިޔެ އެބަ އޮތްކަން ދެނެގަނެއެވެ. ވީމާ މި ދުނިޔެ އެބަ އޮތްކަމާމެދު އީމާންވުމުގައި، އެކަކު އެނެކެއްގެ މައްޗަށް ހޯދޭނެ މޮޅެއް ނެތެވެ. އެހެނީ މި ދުނިޔެ އެބަ އޮތްކަން އެނގުމަކީ އިންސާނާއަށް ކޮންމެހެން އެނގޭ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. މީހުން ތަފާތުވަނީ ޣައިބުގެ ދުނިޔެއަށް އީމާންވާންޖެހޭ ހިނދުގައެވެ. ނުފެންނަ އެއްޗަކާ ބެހޭގޮތުން ލިބޭ ޚަބަރުގެ ތެދުކަމަށް ބަރޯސާވެ ޣައިބަށް އީމާންވާންޖެހޭ ހިނދުގައެވެ.

ތަޤުވާވެރިން ފާހަގަވެ ވަކިވަނީ މި ހިސާބުންނެވެ. މިހެންވެ ބަޤަރާ ސޫރަތުގެ ފެއްޓޭ އާޔަތްތަކުގައި، ތަޤުވާވެރިން ސިފަކުރައްވަމުން، މާތް ﷲ ވަޙީކުރައްވާފައިވަނީ ތަޤުވާވެރިންނަކީ ޣައިބަށް އީމާންވާ ބައެއްކުގައެވެ.

ޣައިބަށް އީމާންވަނީ ކިހިނެއް؟

ޣައިބު ފެންނާނެ ނުވަތަ ދެނެގަންނާނެ ހިއްސުތަކެއް މާތް ﷲ އަހަރެމެންނަށް ދެއްވާފައި ނުވެއެވެ. ވީއިރު ޣައިބަށް އީމާންވެ އެ ދެނެގަންނާނީ ކިހިނެއްހެއްޔެވެ؟ ހަމައެކަނި ބުއްދިއާއި ހިއްސުތަކަށް އިޢްތިމާދުވާންވެއްޖެނަމަ، އަހަރެމެން ތިބެންޖެހޭނީ މާއްދާގެ ފަހަތުގައިވާ އެއްޗެއް ނޭނގިއެވެ. ހިއްސުތަކުގެ ފަހަތުގައިވާ އެއްޗަކާމެދު ޖާހިލުކަންމަތީގައެވެ. ނަމަވެސް މާތް ﷲ ގެ ރަޙްމަތްފުޅާއި އަދި އެކަލާނގެ ޙިކުމަތްފުޅުން، މާއްދާގެ ފަހަތުގައިވާ ދުނިޔެ ދެނެގަންނަން، އަހަރެމެންގެ މި ނުކުޅަދާނަ ބުއްދިތައް އެކަނި ދޫކޮށެއް ނުލައްވައެވެ. އާދެ، މިގޮތުން އެކަލާނގެ، އިންސާނާއަށް ބޭނުންވާވަރަށް ޣައިބުގެ ޚަބަރުތައް ދެއްވިއެވެ.

މި ދެންނެވި ޚަބަރަކީ އޭނާ އަމިއްލައަށް ހޯދައިގަނެވޭނެ އެއްޗެއް ނޫނެވެ. ކިއެއްތަ، އެ ލިބިގަނެވޭނީ ތިންގޮތަކުން ކުރެ ގޮތަކުންނެވެ. އެގޮތަކީ:-

އެކެއް:

އިލްހާމަކުން ނުވަތަ ނިދީގައި މިފަދަ ޚަބަރެއް އިންސާނާގެ ކިބައިގައި، މާތް ﷲ ލެއްވުމެވެ. މިގޮތަށް ޚަބަރު ލިބިގަތުމުގައި އިންސާނާގެ އެއްވެސް ދައުރެއް ނޯވެއެވެ. އަދި އަމިއްލަ އިޖްތިހާދަކުން ވެސް މިފަދަ ކަމެއް ދެނެނުގަނެވޭނެއެވެ.

ދޭއް:

ޚަބަރު ދިން ޙަޤީޤީ ފަރާތް ނުފެނި، ޚަބަރު އިވުމެވެ. މިގޮތުން އޭނާއަށް އެ ޚަބަރު އޮޅުންފިލައި ދޭހަވެއެވެ.

ތިނެއް:

އެންމެ ގިނަ ގޮތަކީ މިއެވެ. އެއީ މާތް ރަސްކަލާނގެ ޚަލްޤުތަކުންގެ ތެރެއިން އެކަލާނގެއަށް ކިޔަމަންތެރި އަދި އަހަރެމެންނަށް ނުފެންނަ، މަލާއިކަތުންނޭ ކިޔޭ ބަޔަކު، އިންސާނުންގެ ތެރެއިން އެކަލާނގެ އިޚްތިޔާރު ކުރައްވާ ބޭކަލެއްގެ އަރިހަށް ފޮނުއްވައި، އެކަލާނގެ ރިސާލަތު ދެއްވައި އަދި މީސްތަކުންނަށް އެ ފޯރުކޮށްދިނުމަށް އަމުރުކުރެއްވުމެވެ.

ޣައިބުގައިވާ އެއްޗެއް އޮޅުންފިލާނެ، މިތިން ގޮތް ނޫން ގޮތެއް ނެތެވެ. މި އާޔަތުގައި މިވަނީ އެވާހަކައެވެ. وَمَا كَانَ لِبَشَرٍ أَنْ يُكَلِّمَهُ اللَّهُ إِلاَّ وَحْياً أَوْ مِنْ وَرَاءِ حِجَابٍ أَوْ يُرْسِلَ رَسُولاً فَيُوحِيَ بِإِذْنِهِ مَا يَشَاءُ

އާޔަތުގެ ތަފްސީރީމާނަ: ''މޫސާގެފާނުގެ މަންމާފުޅަށް އިލްހާމު ލިބިވަޑައިގަތް ފަދައިން، އަދި އިސްމާޢީލުގެފާނު ކަތިލައްވަނިކޮށް އިބްރާހީމްގެފާނަށް ހުވަފެންފުޅުން ފެނިވަޑައިގަތް ފަދައިން، އިލްހާމާއި ތެދުހުވަފެނުގެ ގޮތުގައި ދެއްވާ ވަޙީއަކުން، ނުވަތަ ބައެއް ހާލަތްތަކުގައި މޫސާގެފާނަށް ވަޙީގެ ބަސްފުޅު އިއްވެވިގޮތަށް، ފަރުދާއެއްގެ އަނެއް ފަރާތުން، ނުވަތަ ޢާއްމުކޮށް ރަސޫލުބޭކަލުންނަށް ވަޙީބާވައިލައްވާ ގޮތަށް ޖިބްރީލުގެފާނު ފޮނުއްވައި، އެކަލާނގެ އިޒުނަފުޅާއެކު، އެކަލާނގެ އިރާދަކުރައްވާ އެއްޗެއް ވަޙީކުރެއްވުމުން މެނުވީ، އެއްވެސް އާދަމުގެ ދަރިއަކަށް، ﷲ ބަސް ވަޙީކުރެއްވުމެއް ނުވެއެވެ.'' (އައްޝޫރާ: 51)

އީމާންވާންޖެހޭ ޣައިބު:

އީމާންކަމުގެ ރުކުނެއްކަމުގައިވާ ޣައިބަކީ އަދި އެ އިންކާރު ކުރުމުން އިސްލާމްކަމުން ބޭރުވާ ޣައިބަކީ، ޤުރުއާނުގައި އައިސްފައިވާ ޣައިބުތަކެވެ. ޞަހީޙް ސުންނަތުގައި އައިސްފައިވާ ޣައިބުތަކުން ކުރެ ޣައިބެއް އިންކާރުކުރިއަސް މިއްލަތުން އޭނާ ބޭރެއް ނުވާނެއެވެ. އެކަމަކު އޭނާ ފާސިޤުވާނެއެވެ.

ޤުރުއާނާއި ސުންނަތާ ދެމެދު މި ކުރި ތަފާތު، ތަންކޮޅެއް ތަފްޞީލުކޮށް ބުނެލުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ދެކެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަހަރެމެންނަށް ފޯރުކޮށްދެއްވި ﷲ ގެ ވަޙީ ބަސްފުޅާއި އެކަލޭގެފާނު ޙަދީޘްކުރެއްވި ޙަދީޘަކީ، ޙުއްޖަތުގެ ގޮތުން ބަލާއިރު އެއް ދަރަޖައެއްގައި ވާ ދޭއްޗެވެ. ޤުރުއާނުގެ ލަފްޒާއި މާނައަކީ ވެސް ވަޙީއެވެ. ޙަދީޘްގެ ވަޙީއަކީ ހަމައެކަނި މާނައެވެ. ލަފްޒަކީ ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަމިއްލަފުޅު ލަފްޒުތަކެވެ. މިގޮތުން މާތް ﷲ ވަޙީކުރައްވާފައި ވަނީ: وَمَا يَنْطِقُ عَنْ الْهَوَى (3)  إِنْ هُوَ إِلاَّ وَحْيٌ يُوحَى(4)

އާޔަތުގެ ތަފްސީރީމާނަ: ''އަދި އެކަލޭގެފާނު އަމިއްލަފުޅު އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވައެވެ. (3) އެކަލޭގެފާނު ގެނެސްދެއްވާ ޤުރުއާނާއި ސުންނަތަކީ، އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެއެވެ.'' (އައްނަޖްމު: 3-4)

ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެނެސްދެއްވާ ވަޙީގެ އާޔަތާއި އެކަލޭގެފާނު ޙަދީޘްކުރައްވާ ބަސްފުޅުތަކުގެ ދެމެދުގައި، މާތް ޞަޙާބީން އެއްވެސް ފަރަގެއް ނުބައްޓައެވެ. މި ދޭއްޗަށް ވެސް އެބޭކަލުން ކިޔަމަންވެވަޑައިގަތެވެ. އަދި ޙުއްޖަތުގެ ގޮތުން ވެސް އެއްފަދަ ކަމުގައި ދެކެވަޑައިގަތެވެ.

ނަމަވެސް މި ދޭތީގައި ފަރަގެއް ބަހައްޓަންޖެހުނީ، މި ދޭތި ރިވާކޮށް ނަޤުލުކުރި ހިސާބުންނެވެ. ކީރިތި ޤުރުއާން އަހަރެމެންނާ ހަމައަށް އައިސްފައިވަނީ މުތަވާތިރުކޮށެވެ. ވީމާ ޤުރުއާނުގައިވާ ކޮންމެ ލަފްޒަކީ އެއީ ޖީބްރީލުގެފާނު މެދުވެރިކުރައްވާ ﷲ ވަޙީކުރެއްވި ވަޙީބަސްފުޅުކަމާ މެދު އަހަރެމެން ކަށަވަރެވެ. އެއިން އެންމެ ލަފްޒެއްވެސް މަދެއް ނުވެއެވެ. އަދި އިތުރެއް ވެސް ނުވެއެވެ. ބަދަލެއް ވެސް ވެފައި ނެތެވެ. ނަމަވެސް، ހުރިހާ ޙަދީޘޭ ނުބުނަންޏާ، ގިނަ ޙަދީޘަކީ އެކެއްގެ ކިބައިން އަނެކަކު ރިވާކޮށްފައިވާ އާޙާދު ޙަދީޘެވެ. މިހެންވެ މީގެ ތެރެއިން ޞައްޙަ ޙަދީޘާއި ޞައްޙަ ނޫން ޙަދީޘް ވަކިކުރުމަށް، އިންސާނުންނަށް މަސައްކަތް ކުރެވޭނެ އެންމެ ބޮޑަކަށް، ޙަދީޘް ޢިލްމުވެރިން މަސައްކަތްކުރެއްވިއެވެ. ކަން މިހެން އޮތަސް، ޞައްޙަ ކަމުގެ ގޮތުން ޤުރުއާނާއި އެއްފަދަ ދަރަޖައެއް، ޙަދީޘަށް ނުދެވެއެވެ.

ދެން ދީނުގެ އަސާސަކީ ޢަޤީދާ ކަމަށްވެފައި، އަދި މިއަށް އުނިކަމެއް އައިސްފިނަމަ އެއީ ކުފުރުވެ މުރުތައްދު ވާ ކަމަކަށް ވީހިނދު، ކުފުރުނުވާނެ ކިތަންމެ ކުޑަވެސް ފުރުޞަތެއް އޮތިއްޔާ، މުސްލިމަކު ކާފިރަކު ކަމުގައި ޙުކުމް ނުކުރެވެއެވެ. ވީމާ، ޤުރުއާނުގައި ޞަރީޙަކޮށް އައިސްފައިވާ ޢަޤީދާއެއް އިންކާރުކޮށްފިއްޔާ، އެ މީހަކު ކާފިރުވާނެއެވެ. އަދި އިންކާރުކުރީ ޞައްޙަ ސުންނަތުގައި އައިސްފައިވާ ޢަޤީދާއެއް ކަމަށްވަންޏާ އެ މީހަކު ވާނީ ފާސިޤަކަށެވެ. ފާސިޤަކަށް ވާނީ އެއްވެސް ހުއްޖަތެއް ދަލީލެއް ނެތި ހަމަ އިންކާރު ކުރަންވެގެން ޙަދީޘް އިންކާރު ކުރީމައެވެ. ނަމަވެސް ޙަދީޘްގެ މޮޅު ދެރަ ވަކިކޮށް، އޭގެ ސަނަދާއި މަތުނު ބަރާބަރަށް އެނގޭ މި ޢިލްމުގައި ފުންނާބު އުސް މީހަކު ޙަދީޘެއްގެ ބަލިކަމަށްޓަކައި އެ ދޫކުރިއަސް، އޭނާ ފާސިޤެއް ނުވާނެއެވެ. އަދި އެއީ އެއްވެސް މައްސަލައެއް ނޫނެވެ.

ޣައިބުތައް:

ޝަރުޢުގައި އޭގެ ޚަބަރު ދެއްވާފައިވާ އަދި އެއަށް އީމާންވާންޖެހޭ އަދި އިންކާރުކުރުމުން ކާފިރުވެދާ، ޣައިބުގައިވާ ކަންތަކަކީ އެއީ: މަލާއިކަތުން، ޖިންނީން، ފޮތްތައް، ރަސޫލުން، އާޚިރަތް ދުވަސް، އަދި އެ ދުވަހުގެ ޙިސާބު، އަދި އޭގެ ފަހުން އޮންނަ ޘަވާބާއި ޢުޤޫބާތް، މިންވަރުފުޅާއި ނިޔާފުޅު، އުޑުތަކާއި ބިން އުފެއްދެވުމާ ބެހޭގޮތުން ޤުރުއާނުގައި އައިސްފައިވާ އެއްޗެހި، އިންސާނާގެ އުފެދުމާ ބެހޭގޮތުން އައިސްފައިވާ އެއްޗެހި، އަދި މި ނޫނަސް ޤުރުއާނުގައި ޚަބަރު ދީފައިވާ ކޮންމެ ކަމެއް ނުވަތަ އެއްޗެކެވެ.

ޝުބުހާއަކާއި ރައްދު:

ޙިއްސުވާ އެއްޗަކަށް މެނުވީ މާއްދީން އީމާނެއް ނުވެއެވެ. ޢަޤީދާގެ ޤަވާޢިދުތަކުގެ ތިންވަނަ ޤަވާޢިދުގައި އިސްވެ ބުނެވިފައިވާފަދައިން، މިފަދަ މީހުންނަށް ދޭން އޮތް ރައްދަކީ، އެއްޗެއް ނޭނގުމަކީ އެ އެއްޗެއް ނެތުން ލާޒިމުކުރާކަމެއް ނޫނެވެ. ވީމާ އަހަރެމެންގެ ޙިއްސުތަކަށް ނޭނގެއޭ ކިޔާފައި އެއީ ނެތް އެއްޗެކޭ ނުބުނެވޭނެއެވެ. ދެން އޮތް އަނެއް ރައްދަކީ، އެހެން ޤަވާޢިދެއްގައި ބުނެފައިވާފަދައިން، ތެދު ޚަބަރަކީ، ޙިއްސުވެސް ޔަޤީންކޮށްދޭފަދައިން ޔަޤީންކޮށްދޭ އެއްޗެކެވެ. ވީމާ ﷲ ގެ ޙަޟްރަތުން މުޙައްމަދުގެފާނު ގެންނަވާ ޚަބަރަކީ ތެދު ޚަބަރެއްކަން ސާބިތުވެ، އަދި އެ ޚަބަރު އަހަރެމެންނާ ހަމައަށް އައިސްފައިވަނީ ރަނގަޅަށްކަން ސާބިތުވެއްޖެނަމަ، މި ޣައިބުތަކަކީ އެއީ ވާ އެއްޗެއްކަން އަހަރެމެން މުއުމިނުންނަށް ޔަޤީންވެއްޖެއެވެ.

ޣައިބުގެ ބައިތައް:

ޣައިބު ބެހިގެންވާ ބައިތަކެއްވެއެވެ. އެއީ:

1- އަހަރެމެންނަށް ނުފެންނަ ނަމަވެސް އެހެން ބަޔަކަށް ފެނިފައިވާ ކަންތައްތަކެވެ. މިސާލަކަށް ޔޫސުފުގެފާނުގެ ވާހަކައެވެ. މި ވާހަކައަށް އެއީ ޣައިބުގައިވާ ކަމެކޭ ކީރިތި ޤުރުއާނުގައި ނަންދެއްވާފައިވަނީ، އެއީ އެ ވާހަކައިގެ ޙާދިސާތަކަކީ، ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންނާ ދިމާވެ ފެނިފައިވާ ކަންކަމެއް ނޫނެވެ. އަދި ކުރިން އެވާހަކަ އަޑުއަހާފައިވެސް ނުވެއެވެ. ނަމަވެސް ޔަޢްޤޫބުގެފާނުގެ ދަރިކަލުންތަކަށް އެއީ ޣައިބެއް ނޫނެވެ. ޔޫސުފުގެފާނުގެ ވާހަކައަކީ އެބޭކަލުންގެ ޙަޔާތްޕުޅުގައި ހިނގާފައިވާ، އަދި އެބޭކަލުން ދެކެވަޑައިގަތް، އެބޭކަލުންގެ ބޮޑު ދައުރެއްވާ ޙާދިސާތަކެކެވެ.

2- އިންސާނުންގެ ތެރެއިން އެއްވެސް ބަޔަކަށް ފެނިފައިނުވާ އަދި ދިމާވެސްވެފައި ނުވާ ކަންތައްތަކެވެ. ނަމަވެސް ތަންކޮޅެއް ކުރިން މާތް ﷲ އިންސާނުން ވުޖޫދަށް ގެންނެވިނަމަ، އެކަންތައްތައް ފެނުމަކީ ބުއްދީގެ ގޮތުން އެކަށީގެންވާ ކަމެކެވެ. މިސާލަކަށް އިންސާނުން އުފެދުމުގެ ކުރިން ބިމުގައި ހިނގާފައިވާ ހާދިސާތަކާއި، އޭގެ ކުރިން ދުނިޔޭގައި އުޅެފައިވާ މަޚްލޫޤުންނާ ބެހޭ ޚަބަރުތަކެވެ. އަދި އާދަމުގެފާނު އުފެއްދުނު ގޮތާއި، ދުނިޔޭގައި އިންސާނުން އުޅެންފެށި ގޮތެވެ. މިފަދަ ކަންތައްތަކުގެ ތެރެއިން އިންސާނުންނަށް އެނގިފައިވަނީ ވަޙީގެ ޒަރީޢާއިން އެނގިފައިވާ މިންވަރެކެވެ.

3- ޙިއްސުތަކަށް ނުފެންނަ ނޭނގޭ، އަދި ބުއްދިން އެއާމެދު ގޮތެއް ކަނޑަނޭޅޭނެ، އަދި ޚިޔާލުކޮށްގެން ވެސް އޭގެ ޙަޤީޤަތް ނޭނގޭ ކަންތަކެވެ. މިސާލަކަށް ﷲ ގެ ސިފަފުޅުތަކާއި، އަދި މަލައިކަތުންނާއި ޖިންނީންނާއި ޝައިޠާނުން ފަދަ އަހަރެމެންނަށް ޣައިބުކުރައްވާފައިވާ އެކަލާނގެ މަޚްލޫޤާތުތަކާއި ޤިޔާމަތްދުވަހާއި އެ ދުވަހު ހިނގާ ކަންތަކާއި ޙިސާބާއި ޘަވާބާއި ޢަޛާބެވެ.

ޝުބުހާއަކާއި އޭގެ ރައްދު:

ފަހަރެއްގާ މީހަކު ބުނެފާނެއެވެ. ބަލަ ވާރޭ ވެއްސެވުމާއި ރަޙިމުގައިވާ ކުއްޖާގެ ޖިންސުފަދަ ކަންކަމަކީ އެއީ ހަމައެކަނި ﷲ ދެނެވޮޑިގަންނަވާ ޣައިބުތަކުގެ ތެރެއިންވާ ކަންތައް ނޫންހެއްޔެވެ؟ ވީއިރު މާދަމާ ވާރޭވެހޭނެކަން ނުވަތަ އުޑުމަތި ސާފުވާނެކަން، މޫސުމާބެހޭ ޚަބަރުގައި އެ ކިޔަނީ ކިހިނެއްހެޔެވެ؟ މައިމީހާގެ ބަނޑުގައި އޮތީ ކޮންކަހަލަ ކުއްޖެއްކަން، ޑަކްޓަރުން އެ ބުނަނީ ކިހިނެއްހެއްޔެވެ؟

މީގެ ޖަވާބެއް ގޮތުން ބުނަންޖެހޭ ދެތިން އެއްޗެއް އެބަ އޮތެވެ. އެއީ:

1- ޤުރުއާން ބާވައިލެއްވީ މާތް ﷲ އެވެ. އަދި ކައުނާއި، އޭގައިވާހާ އެއްޗެއް އުފެއްދެވީވެސް އެކަލާނގެއެވެ. ވީމާ ކައުނުގައި ހިނގާ ކަމަކާ ފުށުއަރާ ގޮތަށް ޤުރުއާނުގައި އޮތުމަކީ އެއީ ނުވާނެކަމެވެ. ކަންހިނގާ ގޮތަކާއި ޚިލާފަށް ޤުރުއާނުގައި އެބައޮތްހެން ހީވެއްޖެނަމަ އަހަރަމެން ޖެހޭނީ އަލުން މުރާޖަޢާކޮށް އަދި އިތުރަށް އެކަން ބަލާށެވެ.

2- މޫސުން ޚަބަރުގައި ވާރޭ ވެހޭނެކަމަށް ބުނަނީ، ވާރާ ވެހޭ ސަބަބުތަކާއި ޢަލާމާތްތައް ފެނި، ކައުނުގައި ﷲ ލައްވާފައިވާ ޠަބީޢީ ޤާނޫނުތައް އެނގިގެންނެވެ. މިސާލަކަށް ޝާމުގެ އައްސޭރިއަށް ވާރޭ ވެހެނީ، އެޓްލާންޓިކު ކަނޑުން އަންނަ ވައި، ޖަބަލު ޠާރިޤު ހުރަސްކޮށް އައިސް މެދުތެރޭ ކަނޑުގައި ހުންނަ ވައިގައި ޖެހި، އަންނަ ވަޔާއި އެތާ ހުރި ވައިގެ ފިނިހޫނުމިން ތަފާތުވެގެން އުފެދޭ ވިލާއިންނެވެ. ދެން އެ ވައި ޖެހޭނީ ޝާމު އައްސޭރިއާ ދިމާއަށްކަން ޢިލްމީ ހޯދުންތަކުގެ އެހީގައި އެނގެއެވެ. މިހުރިހާ ކަމަކަށް ރިޢާޔަތްކޮށް މިވެނި ދުވަހެއްގައި ވާރޭވެހޭނެކަން ބުނަން އެނގެނީއެވެ.

މިއީ ހަމަ ސިޓީ ބަހާ މީހާ އަންނަތަން ކުޑަދޮރުން ބަލަހައްޓައިގެން ހުރެފައި، ފަސްމިނިޓް ފަހުން މިގެއަށް ސިޓީއެއް ލިބޭނެއޭ ބުނުންފަދަ ކަމެކެވެ. ނުވަތަ ދުރުން އަންނަ ކާރެއް ދުރުމީން ބަލަހައްޓައިގެން ހުރެފައި އެހެން މީހުންނަށް ފެނުމުގެ ކުރުން އެވާހަކަ ބުނުންފަދަ ކަމެކެވެ. ވީމާ މިއީ ފަހަރެއްގައި ވެސް ޣައިބު އެނގުމެއް ނޫނެވެ. ކިއެއްތަ، އެއީ އެހެން މީހުންނަށް ފެނުމުގެ ކުރިން އޭނާއަށް އެ ފެނުނީއެވެ. ބަނޑުގައި އޮންނަ ކުއްޖާ އުފެދުމަށް ފަހު، އެކުއްޖާގެ ޖިންސު ބުނުމަކީ ވެސް ހަމަ މިކަހަލަ ކަމެކެވެ. އެހެން މީހުންނަށް އެނގުމުގެ ކުރިން، އާލަތެއްގެ އެހީގައި ޖިންސު ބުނެދެނީއެވެ.

ނަމަވެސް ކައިރީގައި ވެސް ދުރުގައި ވެސް ވިލާ ނެތީސް، އެތަނަށް ވާރޭ ވެހޭނެ ވަގުތެއް ބުނާކަށް ނޭނގޭނެއެވެ. ހަނަފަސްކަން ﷲ މެދުވެރިކުރައްވާފައިވާ ތަނަކަށް ވާރޭ ނުވެއްސޭނެވެ. ވެހެން އޮތް ތަނަކަށް ނުވެހޭ ގޮތް ނުހެދޭނެއެވެ. މަނިފަންޏެއްގެ ގޮތުގައި އޮއްވާ ނުވަތަ އެ ފަނި މައިމީހާގެ ބިހުގައި އަށަގަންނަ ވަގުތު، އެ ވާނީ ކޮން ޖިންސެއްގެ ކުއްޖަކަށްކަން ކަނޑައަޅާކަށް ނޭނގޭނެއެވެ. އާޔަތްތަކުގައި ވާ ޣައިބުގެ މާނައަކީ މިއީއެވެ.

 

*    *    *    *

މަލާއިކަތުންނާއި ޖިންނީން ވާކަމަށް އީމާންވުން

މަލާއިކަތުންނާއި ރަސޫލުންނާއި ފޮތްތަކަށް އީމާންވުމަކީ ޢަޤީދާގެ އަސާސުތަކުގެ ތެރެއިންވާ ކަންކަމެވެ. މިއާ ނުލާ މީހަކު މުއުމިނެއްކަމުގައި ނުވާނެއެވެ. މަލާއިކަތުންނަކީ ނަބީބޭކަލުން އަރިހަށް ވަޑައިގަންނަވާ ﷲ ގެ ރަސޫލުންނެވެ. އަދި ނަބީބޭކަލުންނަކީ މީސްތަކުންގެ ގާތަށް ވަޑައިގަންނަވާ ﷲ ގެ ރަސޫލުންނެވެ. ފޮތަކީ މަލާއިކަތް ބޭކަލުން ރަސޫލުންގެ އަރިހަށް ގެންނެވީމާ ރަސޫލުބޭކަލުން މީސްތަކުންނާ ހަމައަށް ފޯރުކޮށްދެއްވާ ރިސާލަތެވެ.

ވަޙީ ބާވައިލެއްވުމަކީ ވެދާނެ ކަމެއްކަމާއި، އަދި އެއީ ބޭނުންކަމެއްކަން:

ވަޙީ ބާވައިލެއްވުމަކީ ބުއްދީގެ ގޮތުން ބަލާއިރު ވެދާނެ ކަމެކެވެ. އެހެނީ މަލާއިކަތުން ހައްދަވާ ރަސޫލުބޭކަލުން ހޮއްވަވާ ޝަރީޢަތް ބާވައިލެއްވުމަކީ ﷲ އަށް ކުޅަދުންވަންތަ ކަންކަމެވެ. ﷲ ވޮޑިގެންވާކަމާއި އެކަލާނގެ ކުޅަދުންވަންތަކަމާއި އިރާދަފުޅުށް އީމާންވެއްޖެނަމަ، މިއީ ބުއްދީގެ ގޮތުން ބަލާއިރު ނުވާނެ ކަމެއް ނޫނެވެ. އަދި ވަޙީ ބާވައިލެއްވުމަކީ ވެފައި އޮތް ކަމެއްވެސް މެއެވެ. އެހެނީ ރަސޫލު ބޭކަލުންނަށް ވަޙީ ބާވައިލެއްވުނު ކަމުގެ ތެދު ޚަބަރު އައިސްފައި އެބަ އޮތެވެ. ކުރިން ވެސް ބުނެވިދިޔަ ފަދައިން ތެދު ޚަބަރަކީ ޔަޤީންކަމުގެ މާނައިގައިވާ 'އެނގުމުގެ' އެއް ގޮތެވެ. އަދި ތެދު ޚަބަރަކީ އަހަރެމެންނަށް ފެނި އަޑު އިވިގެން ޔަޤީންވާފަދައިން ތެދުކޮށް ޔަޤީންކުރާ ކަމެކެވެ. އަނެއްކޮޅުން ވަޙީއަކީ ބޭނުންތެރި ކަމެކެވެ. އެހެނީ ވަޙީ ނެތް ނަމަ އިންސާނުންނަށް އެނގޭނީ ހަމައެކަނި މާއްދީ ދުނިޔެއެވެ. އޭގެ ފަހަތުގައިވާ އެއްޗެއް ނޭނގޭނެއެވެ. އަދި އެ މީހުންވީހީ، ކެއުމާއި ޖިންސީ އެދުން ފުއްދުމާއި އަރާމުކުރުން ނޫން ކަމެއް ކުރަން ނޭނގޭ ގެރިބަކަރި ޖަނަވާރުފަދަ އެއްޗަކަށެވެ. ހެއްދެވި ކަލާނގެއާ އޮންނަ ގުޅުމެއް ނޯންނާނެއެވެ. އާޚިރަތަށްޓަކައި ކުރާ މަސައްކަތެއް ނޯންނާނެއެވެ. ވަޙީ ނެތްނަމަ އަޚްލާޤީ މަތިވެރި ސިފަތެއް ނެތުނީހެވެ. އިންސާނާގެ މާތްކަން ގެއްލުނީހެވެ.

އަޚްލާޤުގެ ޢިލްމާއި ބެހޭގޮތުން މީސްމީހުން ކިތަންމެ ގިނަ ނަޒަރިއްޔާތަކެއް ދައްކައި އުޅުނަސް، އަދި އަޚްލާޤުގެ އަސާސް ބިނާވެފައިވާ އެއްޗަކާ ބެހޭގޮތުން ކިތަންމެ ގިނަ ގޮތްގޮތަށް ވާހަކަ ދެއްކިއަސް، ކަނޑައެޅިގެން އެނގޭ ކަމަކީ ޢަޤީދާއެއްގެ މައްޗަށް އަޚްލާޤު ބިނާނުވާނަމަ، އެ ބިނާވެފައި ހުންނާނީ ވެލިފުންޏެއްގެ މަތީގައެވެ. އެހެނީ އިންސާނާގެ އުފެދުމުގައި ވަނީ އަމިއްލަ ނަފްސުދެކެ ލޯބިވުމެވެ. އަމިއްލައަށް މަންފާ ލިބިގަނެ ގެއްލުންތަކުން ދުރުވުމެވެ. ވީމާ އެކަމަކުން ފައިސާއާއި އަރާމު ނުލިބޭ ކަމެއް އޭނާ ނުކުރާނައެވެ.

އަތުގައި އޮތް ހަމައެކަނި ރުފިޔާ ހިފައިގެން، އެރޭ ކާނެ ކާއެއްޗެއް ގަންނަން ދަނިކޮށް ޔަތީމުންނަށް އެހީވާ ފައިސާ އަޅާ ފޮއްޓެއް ފެނުނީމާ، ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންނުވާ މީހަކު އެ ރުފިޔާ އެ ފޮއްޓަށް އަޅާފައި، އެ ވާހަކަ އެއްވެސް މީހެއް ގާތު ނުބުނެ ގޮސް އަރާ ހުސްބަނޑާ އޮވެ ނިދާފާނެހެއްޔެވެ؟

މުއުމިނަކު މިގޮތަށް ރުފިޔާ އަޅާފާނެއެވެ. އެއީ އޭނާ ޔަތީމުންނަށް އެ ރުފިޔާ ދިނީމާ ﷲ އެކަން ދެކެވޮޑިގަންނަވާނެކަމާއި، އަދި އެ އެއްރުފިޔާ ޤިޔާމަތްދުވަހު އޭނާއަށް ހަތްސަތޭކަ ރުފިޔާއަށް ބަދަލުވާނެކަން އޭނާ ޔަޤީންކުރާތީއެވެ. މީހުންނަށް ފެނުނަސް ނުފެނުނަސް، މީހަކު ޝުކުރުވެރި ވިޔަސް ނުވިޔަސް، އެކަމާ ފަރުވާލެއް ނުބަހައްޓާ، ހެޔޮކަންތައް ކުރަނީ ހަމައެކަނި މުއުމިނުންނެވެ. އެކަނި ހުއްޓަސް ބަޔަކަށް ފެންނަ ހިސާބުގައި ހުއްޓަސް، ނުބައިކަމަކަށް ވީމާ ނުބައިކަންތައް ނުކޮށް ދޫކޮށްލަނީ ހަމައެކަނި މުއުމިނުންނެވެ. މިއާ ޚިލާފަށް މީހުންގެ ސަނާ ހޯދަން ނުވަތަ އިނާމު ހޯދަން ހެޔޮކަންތައް ކުރާ މީހަކު، ސަނާކިޔައި އިނާމު ދޭނެ މީހެއް ނެތިއްޔާ އެކަމެއް ނުކުރާނެއެވެ. ފަޟީޙަތަށް ބިރަށް ނުވަތަ ޢުޤޫބާތަށް ބިރަށް ނުބައިކަންތައް ދޫކޮށްލާ މީހަކު، މީހުންނަށް ނުފެންނާނެކަން ނުވަތަ ސިފައިންގެ މީހަކު ނެތްކަން ޔަޤީންވެއްޖެނަމަ، ނުބައިކަން ނުކޮށް ދޫކޮށެއްނުލާނެއެވެ.

އަދި ހަމައެހެންމެ، ﷲ ގެ ދީން މީސްތަކުންނަށް އުނގަންނައިދެއްވާނެ ރަސޫލުބޭކަލުން ނުފޮނުއްވާ، އެ މީހުންގެ ފާފަތަކަށް ޢަޛާބުދެއްވައިފިއްޔާ، އެ މީހުން އެކަމާ އިހުތިޖާޖުކުރާނެވެ. އަދި މިފަދައިން ބުނާނެއެވެ. وَلَوْلا أَنْ تُصِيبَهُمْ مُصِيبَةٌ بِمَا قَدَّمَتْ أَيْدِيهِمْ فَيَقُولُوا رَبَّنَا لَوْلا أَرْسَلْتَ إِلَيْنَا رَسُولاً فَنَتَّبِعَ آيَاتِكَ وَنَكُونَ مِنْ الْمُؤْمِنِينَ

އާޔަތުގެ ތަފްސީރީމާނަ: ''އަދި އެއުރެންގެ ކުފުރުވެރިކަމާއި ކުޅަ ފާފައިގެ ސަބަބުން އެއުރެންނަށް މުޞީބާތެއް ޖެހުނީމާ، އަޅަމެންގެ ވެރިރަސްކަލާކޮއޭ! އަޅަމެންގެ ގާތަށް އިބަރަސްކަލާނގެ ރަސޫލަކު ނުފޮނުއްވީ ކީއްވެގެންހޭ؟ އޭރުން އަޅަމެން އިބަރަސްކަލާނގެ އާޔަތްތަކަށް ތަބާވެ، މުއުމިނުންގެ ތެރެއިން ވެއްޖައީމުހެވެ. މިހެން ކިޔައި ބަހަނާ ދައްކަން ނޫޅޭނެނަމަ، ކަލޭގެފާނު ފޮނުއްވުމުގެ ކުރިން އެބައި މީހުންނަށް ޢަޛާބު ފޮނުއްވީމުހެވެ.'' (އަލްޤަޞަޞް: 47)

އަދި ރަސޫލަކު ވަޑައިގަތްނަމަ އެބޭކަލަކަށް ތަބާވެގެން އީމާންވެ ދީނަށް އުޅުނީމުހޭވެސް ބުނާނެއެވެ. އަދި ޝަރީޢަތް އެނގުނުނަމަ އެއަށް ތަބާވެ ޢަމަލުކުރީމުހޭވެސް ބުނާނެއެވެ. أَوْ تَقُولُوا لَوْ أَنَّا أُنزِلَ عَلَيْنَا الْكِتَابُ لَكُنَّا أَهْدَى مِنْهُمْ فَقَدْ جَاءَكُمْ بَيِّنَةٌ مِنْ رَبِّكُمْ وَهُدًى وَرَحْمَةٌ

އާޔަތުގެ ތަފްސީރީމާނަ: ''ތިމަންރަސްކަލާނގެ މި ޤުރުއާން ބާވައިލެއްވީ، ޔަހޫދީންނާއި ނަޞާރާއިންނަށް ވެސް ފޮތް ބާވައިލެއްވި ގޮތަށް ތިމަންމެންގެ މައްޗަށް ފޮތް ބާވައިލެއްވިނަމަ، އެ މީހުންނަށް ވުރެ ބޮޑަށް ތިމަންމެން ދީނަށް ތަބާވެ ތެދުމަގުގައި ތިބީމުހޭ ބުނެފާނެތީއެވެ. ފަހެ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން މިވަނީ ތިޔަބައިމީހުންގެ އަމިއްލަ ބަހުން، ސާފު ހެތްކާއި ތެދު ރަޙްމަތެއް އައިސްފައެވެ. ''(އަލްއަންޢާމް: 157)

ޝުބުހާއަކާއި އޭގެ ރައްދު:

ބައެއް މީހުން ހިތަށް އަރައެވެ. ސުވަރުގެ ވަދެވޭނެ މަގު، އެންމެންނަށް ﷲ ނުދައްކަވަނީ ކީއްވެހެއްޔެވެ؟ އިންސާނުންގެ ހިތުގައި ޝަހުވަތްތެރިކަން ލައްވާފައި ދެން ޒިނޭކުރީމާ ޢުޤޫބާތް ދެއްވަނީ ކީއްވެހެއްޔެވެ؟ އެމީހުންގެ ކިބައިގައި މުދަލަށް އެދުންވެރިވުމުގެ ސިފަ ލައްވާފައި، ޙަލާލް ނޫން ގޮތަކަށް މުދާ ހޯދުމުން އެކަން ޙިސާބުބައްލަވަނީ ކީއްވެހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބު މި އަންނަނިވި ފަދައިން ދެވިދާނެއެވެ. އެންމެ ފުރަތަމަ ކަމަކީ، ﷲ ކުރައްވާ ކަމަކާމެދު އެއީ ''ކީއްވެގެންހޭ'' މިފަދައިން ސުވާލެއް ނުކުރެވޭނެއެވެ. އެހެނީ އެކަލާނގެ ކުރައްވާ އެއްވެސް ކަމަކާ މެދު ސުވާލުކުރުމަކީ އަޅުތަކުންނަށް ލިބިގެންވާ ޙައްޤެއް ނޫނެވެ. އެއްޗެއްގެ ވެރިއަކަށް އެ އެއްޗަކާމެދު ބޭނުން ގޮތަކަށް ކަންތައް ކުރުމުގެ މިނިވަންކަން އޮންނަފަދައިން، ޢާލަމްތަކުގެ ވެރިރަސްކަލާނގެ އިރާދަކުރައްވާ ގޮތަކަށް ކަންތައް ކުރެއްވުމުގެ ކުޅަދުންވަންތަކަން، އޭގެ ވެރިރަސްކަލާނގެ އަށް ލިބިވޮޑިގެންވެއެވެ.

އަނެއްކޮޅުން މިގޮތަށް މިފަދަ ސުވާލުކުރާ މީހުންގެ މިސާލަކީ، އަހަރު ފެއްޓޭއިރު އިމްތިޙާނު ސުވާލުތައް އަހަރެމެން އަތަށް ނުދެނީ ކީއްވެގެންހޭ؟ ނުވަތަ، އެ ސުވާލުތައް އަހަރެމެންނަށް ނުދައްކާ ބަހައްޓަނީ ކީއްވެހޭ؟ ނުވަތަ ގަދައަށް މަސައްކަތްކޮށް އިމްތިޙާނަށް ތައްޔާރުވާން އަހަރެމެންނަށް އެންގީ ކީއްކުރަންހޭ؟ މިކަހަލަ ސުވާލުތައް ކުރާ ދަރިވަރުންތަކެއްގެ މިސާލެވެ.

އަހަރު ފެއްޓޭއިރު އެ ސުވާލުތައް ކުދިންނަށް ނުދީ، ފޮރުވާފައި ބަހައްޓަނީ އެއީ އެ ކުދިން ލައްވާ ފިލާވަޅު ދަސްކުރުވުމަށްޓަކައެވެ. އަހަރު ފެއްޓޭއިރު ސުވާލު ކަރުދާސްތައް އެ ކުދިންނާ ހަވާލުކޮށްފިނަމަ، އަހަރު ނިމޭއިރު އިމްތިޙާނުކުރުމުގެ މާނައެއް ނުއޮތީހެވެ.

ދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެވެ. ކިޔަމަންތެރިންނާއި ނުކިޔަމަންތެރިން ވަކިކުރާ ތަނެވެ. ތެދުމަގުގައި ވާ މީހުންނާއި މަގުން ކައްސާފައިވާ މީހުން ވަކިކުރާ ތަނެވެ. އަސްރޭސް ޖަހާއިރު މަގުގައި ހުރަސްތަކެއް ނުހުންނަނަމަ، ކުޅަދާނަ މޮޅު އަސްވާރަކީ ކާކުކަމެއް، ދެރަ ފިނޑި އަސްވާރަކީ ކާކުކަމެއް ފާޅުވެ އެނގޭނެހެއްޔެވެ!

މާތް ﷲ އިރާދަކުރެއްވިނަމަ ހުރިހާ އިންސާނުންނަކީ އެކަލާނގެއަށް އީމާންވާ އެއް އުއްމަތެއްކަމުގައި ލެއްވީހެވެ. އިރާދަކުރެއްވިނަމަ މަލާއިކަތްބޭކަލުން ފަދައިން އަބަދަށް ކިޔަމަންތެރި ބައެއްގޮތުގައި އިންސާނުން އުފެއްދެވީހެވެ. ނަމަވެސް ﷲ އިރާދަކުރެއްވީ އިންސާނުން މިހާރު މިތިބި ގޮތަށް ތިބުމަށެވެ. އެކަލާނގެ އިރާދަކުރެއްވި ކަމެއް ރައްދުކުރެވޭނެ ހަމައެކަކުވެސް ހަމަހިލާ ނުވެއެވެ. އަދި އެކަލާނގެ ކުރެއްވި ކަމަކާމެދު ސުވާލެއް ނުކުރެވޭނެއެވެ. އަޅުތަކުންގެ ހުރިހާކަމެއް ވަނީ އެކަލާނގެ އަތްޕުޅުގައެވެ. އަޅުތަކުންނަކީ އެކަލާނގެއަށް މިލްކުވެގެންވާ، އެކަލާނގެ ޙަޟްރަށް އެނބުރިދާންޖެހޭ ބައެކެވެ. އެކަލާނގެ ފިޔަވާ އެހެން ކަލާނގެއަށް އަހަރެމެންނަކަށް ނުވެއެވެ. ވީމާ އެކަލާނގެ އިރާދަކުރައްވައިފިނަމަ އަހަރެމެންނަށް ޢަޛާބު ދެއްވާނެއެވެ. އަދި އިދާރަކުރައްވައިފިނަމަ ޘަވާބު ދެއްވާނެއެވެ. އަދި އަހަރެމެން އަބަދުވެސް ތިބެނީ އެކަލާނގެ ޢަފޫކުރެއްވުމާއި ރަޙްމަތްފުޅަށް އެދިއެދިއެވެ. އެކަލާނގެ ޢަޛާބުން ރައްކާތެރިވުމަށް އެދިއެދިއެވެ. އެހެނީ އެކަލާނގެ ރަޙްމަތްފުޅުގެ ސަބަބުން މެނުވީ އެކަލާނގެ ޢަޛާބުން ސަލާމަތެއް ނުވެވޭނެއެވެ.

މަލާއިކަތުން

މަލާއިކަތުން ވާކަން ޤުރުއާނުން ސާބިތުވެއެވެ. ވީމާ އެބޭކަލުންނާ ބެހޭގޮތުން ޤުރުއާނުގައި އައިސްފައިވާ އެއްޗެއް އިންކާރުކޮށްފި މީހާ ކާފިރުވާނެއެވެ. މަލާއިކަތްބޭކަލުންނާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި އައިސްފައިވާ ކަންތައްތަކުގެ ތެރޭގައި:

1- އެބޭކަލުން އުފެއްދެވީ އިންސާނުން އުފެއްދެވުމުގެ ކުރިންކަން. މިގޮތުން ﷲ ވަޙީކުރައްވަނީ: وَإِذْ قَالَ رَبُّكَ لِلْمَلائِكَةِ إِنِّي جَاعِلٌ فِي الأَرْضِ خَلِيفَةً قَالُوا أَتَجْعَلُ فِيهَا مَنْ يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ

އާޔަތުގެ ތަފްސީރީމާނަ: ''ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމޭ މަލާއިކަތުންނަށް ވަޙީކުރެއްވި ހިނދު، ކަންވީގޮތް މީސްތަކުންނަށް ކިޔައިދެއްވާ ހަނދުމަކޮށްދެއްވާށެވެ. އެ ހިނދު މަލާއިކަތްބޭކަލުން ދެންންވޫއެވެ. އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދުކިޔައި ތަސްބީޙަ ކިޔައި، އިބަރަސްކަލާނގެއަށް މަތިވެރިވަންތަކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަކޮށް ލޭއޮހޮރުވާނެ ބަޔަކު، އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟'' (އަލްބަޤަރާ: 30)

2- އެބޭކަލުންނަކީ ﷲ އަށް ކިޔަމަންކަންމަތީ އަބަދަށް ދެމިތިއްބަވާ ބޭކަލުންތަކެއްކަން. މިގޮތުން ﷲ ވަޙީކުރައްވަނީ:  وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ އާޔަތުގެ ތަފްސީރީމާނަ: ''އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދުކިޔައި ތަސްބީޙަ ކިޔައި، އިބަރަސްކަލާނގެއަށް މަތިވެރިވަންތަކޮށްކޮށް ތިއްބައި...'' (އަލްބަޤަރާ: 30)

لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ
އާޔަތުގެ މާނަ: ''އެބޭކަލުންނަށް ކުރައްވާ އަމުރަކަށް، އެބޭކަލުން ނުއުރެދެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައްތައް އެބޭކަލުން ކުރައްވާނެތެވެ.'' (އައްތަޙްރީމް: 6)

3- މާތް ﷲ އާދަމުގެފާނު ހެއްދެވުމަށް ފަހު، ހުރިހާ ތަކެތީގެ ނަންތައް އެކަލޭގެފާނަށް ދަސްކޮށްދެއްވިއެވެ. އަދި އެއަށް ފަހު އެ ނަންތަކަކީ ކޮބައިކަން، މާތް ﷲ މަލާއިކަތުންނާ ސުވާލުކުރައްވާ އިމްތިޙާނުކުރެއްވިއެވެ. ނަމަވެސް އެ ނަންތަކަކީ ކޮބައިކަމެއް އެ ބޭކަލުންނަށް އެނގިވަޑައެއްނުގަތެވެ. ދެން އާދަމުގެފާނު މަލާއިކަތްބޭކަލުންނަށް އެނަންތައް ކިޔައިދެއްވީމާ، އާދަމުގެފާނުގެ މަތިވެރިކަމާއި މާތްކަން ހާމަވުމުން، ﷲ ގެ އަމުރުފުޅަށް މަލާއިކަތްއެބޭކަލުން އާދަމުގެފާނަށް ސަޖިދަކުރިއެވެ. އެ ކުރެއްވި ސަޖިދައަކީ ފަހަރެއްގައި ވެސް އަޅުކަންކުރުމުގެ ސަޖިދައެއް ނޫނެވެ. އެއީ އެކަލޭގެފާނުގެ މޮޅުކަމަށް އިޢްތިރާފުވެ ކަމޭހިތައި މާތްކުރުމުގެ ސަޖިދައެކެވެ.

4- ބައެއްފަހަރު އެބޭކަލުން މާއްދީ ސިފަސިފައިގައި ތިއްބަވައެވެ. އިންސާނުންގެ ސިފަވެސް ޖެހިވަޑައިގަންނަވައެވެ. މިގޮތުން މަރްޔަމްގެފާނު ވާހަކައިގައި މިފަދައިން ކަންހިނގާފައިވެއެވެ: فَأَرْسَلْنَا إِلَيْهَا رُوحَنَا فَتَمَثَّلَ لَهَا بَشَرًا سَوِيًّا

އާޔަތުގެ ތަފްސީރީމާނަ: ''ދެން ތިމަންރަސްކަލާނގެ، ޖިބްރީލުގެފާނު އެކަމަނާގެ އަރިހަށް ފޮނުއްވީމެވެ. އަދި ޖިބްރީލުގެފާނު، ފުރިހަމަ އިންސާނެއްގެ ސިފައިގައި އެކަމަނާއަށް ފާޅުވިއެވެ'' (މަރްޔަމް: 17)

އަދި އިބްރާހީމްގެފާނު އަރިހަށް ވަޑައިގަތް މެހުމާނުންނަކީ ވެސް އިންސާނުންގެ ސިފަޖެހިވަޑައިގެން ތިއްބެވި މަލާއިކަތްބޭކަލުންތަކެކެވެ. އެއީ އިންސާނުން ކަމަށް ހީކުރައްވާ، މީރުކޮށް ފިހެފައި އޮތް ޅަ ގެރިއެއް ވެސް އިބްރާހީމްގެފާނު ގެންނެވިއެވެ: فَلَمَّا رَأَى أَيْدِيَهُمْ لا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً قَالُوا لا تَخَفْ إِنَّا أُرْسِلْنَا إِلَى قَوْمِ لُوطٍ

އާޔަތުގެ ތަފްސީރީމާނަ: ''ފަހެ، އެބޭކަލުންގެ ފަރީއްކޮޅަކަށް އެރުވުނު ގެރިއާ ހަމަޔަށް އަތްޕުޅުތައް ވެސް ނުގެންދަވާ، އެއިން އެއްޗެއް ފަރީއްނުކުޅުއްވާތަން ދެކެވަޑައިގެން، އެބޭކަލުންނާމެދު، ހިތްޕުޅު ހަމަނުޖެހޭގޮތެއް ވެއްޖެއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅުގައި ބިރުވެރިކަމެއް އުފެދުނެވެ. އިބްރާހީމްގެފާނު ބިރުފުޅުވަޑައިގެންފިކަން އެނގިވަޑައިގެން، އެ މަލައިކަތްބޭކަލުން ދެންނެވޫއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންމެންނީ ލޫޠުގެފާނުގެ ޤައުމު ހަލާކުރައްވަން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފޮނުއްވައިގެން އައި މަލާއިކަތުންނެވެ.'' (ހޫދް: 70)

5- އެބޭކަލުން އަސްލު ތިއްބަވަނީ އުޑުގައެވެ. އެކަމަކު ﷲ ގެ އަމުރުފުޅަށް ބިމަށް ފައިބާވަޑައިގަންނަވައެވެ.

6- އެބޭކަލުން ބެހިގެންވަނީ އެކިއެކި ދަރަޖަތަކާއި އެކިއެކި ބާވަތްބާވަތަށެވެ. އަދި އުފެއްދެވިފައި ތިއްބަވާ ގޮތާއި މަޤާމުވެސް ތަފާތެވެ. جَاعِلِ الْمَلائِكَةِ رُسُلاً أُولِي أَجْنِحَةٍ مَثْنَى وَثُلاثَ وَرُبَاعَ

އާޔަތުގެ މާނަ: ''ދޭކުން، ތިނަކުން، ހަތަރަކުން ފިޔަފުޅުތަކެއް ލިބިވަޑައިގެންފައިވާ މަލާއިކަތުން އެއީ އެކިއެކި ކަންކަމާއިގެން ފޮނުއްވާ ބަޔަކުކަމުގައި ލެއްވި ރަސްކަލާނގެއެވެ.'' (ފާޠިރު: 1)

7- އޭގެ ތެރެއިން އެއް މަލާއިކަތަކީ ﷲ ގެ ވަޙީއާއިގެން ރަސޫލުންގެ އަރިހަށް ވަޑައިގަންނަވާ މަލާއިކަތެވެ. އެއީ ޖިބްރީލުގެފާނެވެ. އަދި މަރުހިއްޕަވާ މަލާއިކަތުން ވެސް ވެއެވެ. މިގޮތުން މާތް ﷲ ވަޙީކުރައްވަނީ: قُلْ مَن كَانَ عَدُوًّا لِّجِبْرِيلَ فَإِنَّهُ نَزَّلَهُ عَلَىٰ قَلْبِكَ بِإِذْنِ اللَّهِ

އާޔަތުގެ ތަފްސީރީމާނަ: ''މަލާއިކަތްބޭކަލުންގެ ތެރެއިން ޖިބްރީލަކީ ތިމަންމެންގެ ޢަދުއްވެކޭ ޔަހޫދީން ބުނިހިނދު، އެމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ޖިބްރީލުގެފާނަށް ޢަދާވާތްތެރިޔަކު ކަމުގައިވާ މީހާ ދަންނާށެވެ! ﷲ ގެ އިޒުނަފުޅަސް ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށް އެ ޤުރުއާން ގެނެސްދެއްވީ، ފަހެ ހަމަކަށަވަރުން އެކަލޭގެފާނެވެ.'' (އަލްބަޤަރާ: 97)

އަދި މަލާއިކަތްބޭކަލުންގެ ތެރޭގައި މަރުހިއްޕަވާ މަލާއިކަތްބޭކަލާއި، ތާޅަފިލު ފުމެލައްވާ މަލާއިކަތާއި ޢަރުޝި އުފުލައްވާ މަލާއިކަތްބޭކަލުން ވެސް ވެއެވެ. قُلْ يَتَوَفَّاكُم مَّلَكُ الْمَوْتِ الَّذِي وُكِّلَ بِكُمْ
އާޔަތުގެ ތަފްސީރީމާނަ: "އެ މުޝްރިކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! އަޖަލުޖެހުމުން ތިޔަބައިމީހުންގެ މަރުހިއްޕެވުން ޙަވާލުކުރައްވާފައިވާ މަލަކުލް މައުތި ތިޔަބައިމީހުންގެ މަރު ހިއްޕަވާނެތެވެ.'' (އައްސަޖްދާ: 11)

وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ
އާޔަތުގެ މާނަ: ''އެ ދުވަހުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޢަރްޝުފުޅު، އެއުރެންގެ މަތީގައި އުފުއްލަވާނީ، އަށް މަލާއިކަތުންނެވެ.'' (އަލްޙާއްޤާ: 17)

އަދި ސުވަރުގެވެރިންގެ ހިތްހަޖައްސައިދެއްވާ އެބޭކަލުންނަށް ސަލާމް އަދާކުރައްވަން ތިއްބަވާ މަލާއިކަތުންތަކެއް ވެސް ވެއެވެ. ތަން ކޮޅެއް ދިގުކޮށް މިއިން ބައެއް އާޔަތްތައް ކިޔާލަމާ ހިނގާށެވެ. وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَراً حَتَّى إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ

އާޔަތުގެ ތަފްސީރީ މާނަ: ''އަދި އެ މީހުންގެ ވެރިރަސްކަލާނގެ އެއްކައުވަންތަކޮށް، ހެޔޮ ޢަމަލުކޮށްގެން ތަޤުވާވެރިވެ ތިބި މީހުން، ޖަމާޢަތަކަށް ފަހު ޖަމާޢަތެއް ސުވަރުގެއަށް ގެންދެވޭނެއެވެ. އެތާ ކައިރިއަށް އާދެވި، ސުވަރުގެ ވަނުމަށް ޝަފާޢަތް ދެއްވުނީމާ، ސުވަރުގޭގެ ދޮރުތައް ހުޅުވޭނެއެވެ. ދެން އެ ހިނދު، ސުވަރުގެއާ ހަވާލުވެވަޑައިގެން ތިއްބަވާ މަލާއިކަތްބޭކަލުން، ސުވަރުގޭގެ އަހުލުވެރިންނަށް ވިދާޅުވާނެއެވެ: ތިޔަބައި މީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ތިޔަބައި މީހުންނަށް ބާއްޖެވެރިކަން ހުއްޓެވެ. އަބަދަށް ދެމިތިބޭ ބައެއްގެ ގޮތުގައި ސުވަރުގެ ވަންނާށެވެ.'' (އައްޒުމަރު: 73)

جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَنْ صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ وَالْمَلائِكَةُ يَدْخُلُونَ عَلَيْهِمْ مِنْ كُلِّ بَابٍ
އާޔަތުގެ ތަފްސީރީ މާނަ: ''އެ މީހުންނަށް އާޚިރަތުގައި ލިބޭ އުފާވެރި ގޮވައްޗަކީ، ވަންނަ ބަޔަކު އަބަދަށް އެތާ ދެމިތިބެވޭ، ޢަދްނު ބަގީޗާތަކެވެ. އަދި އެ މީހުންނާ އެކު، އެ މީހުންގެ މައިންބަފައިންނާއި، އަނބީންނާއި، ދަރީންގެ ތެރެއިން ހެޔޮ ޢަމަލުކޮށް އުޅުނު މީހުން ވެސް ތިބޭނެއެވެ. އަދި އެ މީހުން ސުވަރުގެ ވަނުމުގެ ތަހުނިޔާ ކިޔުއްވަން، މަލާއިކަތް ބޭކަލުން، އެ ތަނުގެ ހުރިހާ ދޮރަކުން ވަދެވަޑައިގަންނަވާނެއެވެ.'' (އައްރަޢްދު 23)

ހަމައެހެންމެ ނަރަކަވެރިންނަށް ވޭންދެނިވި ޢަޛާބު ދެއްވުމާ ހަވާލުވެވަޑައިގެން ތިއްބަވާ މަލާއިކަތުންވެސް ތިއްބަވައެވެ. تَكَادُ تَمَيَّزُ مِنْ الْغَيْظِ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ
އާޔަތުގެ ތަފްސީރީ މާނަ: ''އަދި ކާފިރުން ދެކެ އަންނަ ރުޅިއެއްގެ ބޮޑުކަމުން، ނަރަކަ ވީދި ވަކިވެ ކުދިކުދި ވެދާފަދައެވެ. ކާފިރުންގެ ބަޔަކު ނަރަކައަށް އެއްލާލެވޭ ކޮންމެ ފަހަރަކު، އެތަން ބަލަހައްޓަވާ މަލާއިކަތްބޭކަލުން، ލަކިޖައްސަވާ އަދި ދެރަކޮށްލެއްވުމުގެ ގޮތުން އެ މީހުންނާ ސުވާލު ކުރައްވައެވެ: ކަލޭމެން މިއަދު ތި ތިބި ޢަޛާބުން ރައްކާތެރިވެ ތިބުމަށް އިންޒާރު ދޭނެ ރަސޫލުން، ކަލޭމެންގެ ގާތަށް ވަޑައިނުގަންނަވަނީ ހެއްޔެވެ؟!'' (އަލްމުލްކު: 8)

އަދި އިންސާނުންގެ ޢަމަލުތައް ލިޔުއްވާ މަލާއިކަތުންވެސް ވެއެވެ. وَإِنَّ عَلَيْكُمْ لَحَافِظِينَ
އާޔަތުގެ މާނަ: ''އަދި ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ރައްކާތެރިވެ ބަލަހައްޓަވާ މަލާއިކަތުންވެއެވެ.'' (އަލްއިންފިޠާރު: 10)

އަދި ޤިޔާމަތްދުވަހު ހިސާބު ބެއްލެވުމަށްޓަކައި މީސްތަކުންގެ މަޙްޝަރު ބިމަށް ގެންދަވާ މަލާއިކަތުންވެސް ވެއެވެ.
وَجَاءَتْ كُلُّ نَفْسٍ مَعَهَا سَائِقٌ وَشَهِيدٌ
އާޔަތުގެ ތަފްސީރީމާނަ: ''އަދި ޤިޔާމަތްދުވަހުން، ކޮންމެ ނަފްސެއް މަޙްޝަރު ބިމަށް އަންނަހުށީ، ދެ މަލާއިކަތުންނާ އެކީގައެވެ. އެކަކީ އޭނާ ލަވައި ގެންދާ މަލާއިކަތެވެ. އަނެއް މަލާއިކަތަކީ ދުނިޔޭގައި އެ މީހާ ކުރި ޢަމަލުތަކަށް ހެކިވެރިވާ މަލާއިކަތެވެ.'' (ޤާފް: 21)

7- އަދިވެސް ޤުރުއާނުން އެނގޭ ގޮތުގައި، ކާފިރުންނާ ދެކޮޅަށް މުއުމިނުން ކުރާ ޖިހާދުގައި މަލާއިކަތްބޭކަލުން ބައިވެރިވެވަޑައިގަންނަވައި މަދަދުދެއްވައެވެ. އަދި މުއުމިނުންނަށް ހެޔޮ ދުޢާކޮށް ހައްދަވައެވެ. އަދި މުއުމިނުން ކުރާ ފަތިސް ނަމާދަށް ހެކިވެވަޑައިގަންނަވަން ވެސް މަލާއިކަތްބޭކަލުން ތިއްބަވައެވެ.

އަދި މަރުވާ ވަގުތު މުއުމިނުންނަށް، މަލާއިކަތް ބޭކަލުން، އުފާވެރިކަމުގެ ޚަބަރު ދެއްވައެވެ. އަނެއްކޮޅުން އުރެދުންތެރިންނަށް ބިރުވެރިކަމުގެ ޚަބަރު ދެއްވައެވެ. އަދި އުރެދުންތެރިން ދަމާ ނަރަކައަށް ގެންގޮސް، އެއްޗެހި ކިއުއްވައެވެ. އަދި ސުވަރުގެވެރިން ސުވަރުގެއަށް ގެންދަވާ ތަރުޙީބު ދެއްވައެވެ.

ހަމައެހެންމެ ޤުރުއާނުން އެނގޭ ގޮތުގައި މަލާއިކަތްބޭކަލުންނަކީ ކާވެނިބައްލަވައިގަންނަވާ ނުވަތަ އުފަންކުރައްވާ ބޭކަލުންތަކެއްވެސް ނޫނެވެ. އެބޭކަލުންނަކީ ފިރިހެނުން ކަމުގައި އަދި އަންހެނުން ކަމުގައިވެސް ސިފައެއް ނުކުރެވޭނެއެވެ.

މަލާއިކަތްބޭކަލުންނާ ބެހޭގޮތުން ޤުރުއާނުގައި އައިސްފައިވާ މައިގަނޑު ވާހަކަތަކަކީ މިއެވެ. އަދި ޞަޙީޙް ސުންނަތުގައިވެސް އެބޭކަލުންނާ ބެހޭ ވަރަށް ގިނަ ވާހަކަތައް ހުރެއެވެ. މިފަދަ ޙަދީޘްތަކަކީ އާޙާދު ޙަދީޘްތަކެއްކަމަކު އެއީ ސަނަދާއި މަތުނު ސާބިތުވެފައިވާ ޞައްޙަ ޙަދީޘްތަކެކެވެ.

މަލާއިކަތްބޭކަލުންނަށް އީމާންވުމަކީ އިސްލާމީ ޢަޤީދާގެ އެއް ތަނބެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ: آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِنْ رَبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّهِ وَمَلائِكَتِهِ وَكُتُبِهِ وَرُسُلِهِ
އާޔަތުގެ މާނަ: ''ރަސޫލާއަށް އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި އެއްޗަކަށް، އެބަހީ ޤުރުއާނަށް، ރަސޫލާއާއި މުއުމިނުން އީމާންވޫއެވެ. އެ އެންމެން ﷲ އާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ބާވައިލެއްވި ފޮތްތަކާއި، އެކަލާނގެ ފޮނުއްވި ރަސޫލުންނަށް އީމާންވޫއެވެ.'' (އަލްބަޤަރާ: 285)

މަލާއިކަތުންނަށް އީމާންވުމުގެ ފައިދާ:

ފައިދާއަކީ ﷲ ގެ މަތިވެރިކަން އިޙްސާސްވުމެވެ. އަދި އެކަލާނގެ ރަޙްމަތްފުޅުގެ ބޮޑުކަން އެނގުމެވެ. އެހެނީ އެކަލާނގެ ވަނީ އަހަރެމެންނަށް ހެޔޮ ދުޢާކުރެއްވުމަށްޓަކައި މަލާއިކަތުން ލައްވާފައެވެ. މަލާއިކަތުން ތިއްބެވުމަކީ އަހަރެމެން ފާފަތަކާ ދުރުވެތިބުމަށް ވެވޭ އެހީއެއްވެސްމެއެވެ. އެއީ ފާފައެއްކުރަން އުޅޭ ފަހަރު، އެކަން ލިޔުއްވާނެ މަލާއިކަތް ބޭކަލުން ބައްލަވައިގެން އެބަތިއްބެވިކަން ހަނދާންވީމާ ފާފަ ނުކޮށް ދޫކޮށްލުމަށް އެޅޭ ބާރަކަށް މަލާއިކަތުންވާތީއެވެ. އަދި ޖިހާދުގައި ބައިވެރިވެވަޑައިގަންނަވާނެ މަލާއިކަތުން ތިއްބަވާކަން އެނގުމަކީ، ޖިހާދުކުރުމުގައި ލިބޭނެ އިތުރު ހިތްވަރެއްވެސްމެއެވެ. އަދި އެއީ ސުވަރުގެ ހޯދަން މަސައްކަތްކުރުމަށް ލިބޭ ހިތްވަރެކެވެ. ނަރަކައިން ދުރުވުމަށް ލިބޭ އިތުރު ބާރަކެވެ. މަލާއިކަތުންނަށް އީމާންވުމުން ލިބޭ ގިނަގުނަ ފާއިދާތަކުގެ ތެރޭގައި، މަލާއިކަތުން ފަދައިން ﷲ އަށް ކިޔަމަންތެރިވެ ނުއުރެދި ތިބުމަށް އެބޭކަލުން ނަމޫނާއަކަށް ނެގިދާނެއެވެ. މިގޮތުން އަހަރެމެންގެ ނަފްސުގައިވާ މަލާއިކީ ބާރު ގަދަކޮށް ޝައިޠާނީ ބާރު ދަށްކޮށްލެވެއެވެ.

 

 

*    *    *    *

 

ޖިންނީން

އިންސީންނާއި އަދި މަލާއިކަތުންނާ ވެސް މުޅިން ތަފާތު އެހެން ބައެއް މާތް ﷲ އުފެއްދެވިކަން، ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. އެމީހުންގެ އަސްލު ސޫރައިގައި އަހަރެމެންގެ ލޮލަކަށް ނުފެންނާނެއެވެ. އަދި މިއީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އެހެނީ އަހަރެމެންނަށް މަލާއިކަތުންނެއްވެސް ނުފެނެއެވެ. 'އަލްޓްރާ ވައިލެޓާއި' 'އިންފްރާ ރެޑް' އަލި ވެސް އަހަރެމެންނަކަށް ނުފެނެއެވެ. އަދި އަޑުގެ ރާޅުބާނީތައް ދަތުރުކުރާތަނެއް ވެސް ނުފެނެއެވެ. ކައިރީގައި އޮންނަ ކަރަންޓު ނަރުތެރެއިން ދަތުރުކުރާ ކަރަންޓަކީވެސް އަހަރެމެންގެ ލޮލަށް ފެންނަ އެއްޗެއް ނޫނެވެ. މިބުނާ މަޚްލޫޤަކީ ޖިންނީންނެވެ.

ޖިންނީންނާ ބެހޭގޮތުން އީމާންވާންޖެހެނީ އަދި އިންކާރުކޮށްފިނަމަ ކާފިރުވަނީ، އެމީހުންނާ ބެހޭގޮތުން ޤުރުއާނުގައި އައިސްފައިވާ ވާހަކައެއް އިންކާރުކޮށްފިއްޔާއެވެ. މަލާއިކަތުންނަށް އީމާންވުން އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނިފައިވާ ގޮތަށް ސީދާކޮށް ޞަރީޙަކޮށް، ޖިންނީންނަށް އީމާންވުން އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނިފައި ނެތެވެ. ނަމަވެސް ޖިންނީންނަށް އީމާންވުމަކީ ވެސް ހަމަ ކުރަންޖެހޭ ކަމެކެވެ.

ޤުރުއާނުގައި ޖިންނީން:

1- ޤުރުއާނުގައި ޚަބަރުދެއްވާފައިވަނީ ޖިންނީން އުފެދިފައިވަނީ އަލިފާނުންކަމުގައެވެ. ނަމަވެސް އެއީ ކޮންމެހެން އެ ޖެހޭ ތަނެއް އަނދާފަދަ އަލިފާނެއް ނޫނެވެ. އަދި އަލިފާނުން ޖިންނީން އުފެއްދެވުމަށް ފަހު އޭގެ ޠަބީޢަތް އެހެން އެއްޗަކަށް، ﷲ ބަދަލުކުރެއްވުމަކީ ވެސް މަނާވެގެންވާ ކަމެއް ނޫނެވެ. އެހެނީ އިންސާނާ އުފެދިފައިވަނީ މަށިންނެވެ. ނަމަވެސް ފަހުން އޭނާ ހުރީ މައްޓަކުން ނޫނެވެ. މަށިން އުފެއްދެވުމަށް ފަހު، އެހެން ޚަލްޤަކަށް މާތް ﷲ އޭނާ ބަދަލުކުރެއްވިއެވެ. ފަހުން އޭނާ އުފެދިފައިވަނީ މަހާއި ކައްޓާއި ނާރުތަކަކުންނެވެ. އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވުމަކީ، މާތް ﷲ މި ދުނިޔޭގައި ލައްވާފައިވާ ޤާނޫނެކެވެ. މިގޮތުން އެންމެ ސެލްއަކުން ތަފާތު ވައްތަރު ވައްތަރުގެ ތަފާތު ސިފަސިފައިގެ ދިރޭތަކެތި އުފެއްދެވިއެވެ. ހިކިފައި އޮންނަ އޮށަކުން ފަތްތައް ފެހި ކުލަރީތި މާ އަޅާ ގަސް ފަޅައެވެ.

2- ޤުރުއާނުގައި މާތް ﷲ ޚަބަރު ދެއްވާފައިވަނީ ޖިންނީން އުފެއްދެވީ އިންސާނުންގެ ކުރިން ކަމުގައެވެ. ވަޙީކުރައްވާފައި ވަނީ: وَالْجَانَّ خَلَقْنَاهُ مِن قَبْلُ مِن نَّارِ السَّمُومِ
އާޔަތުގެ ތަފްސީރީމާނަ: ''އަދި އާދަމުގެފާނު ހެއްދެވުމުގެ ކުރިން، ދުމެއްނެތް ހޫނުކަން ގަދަ އަލިފާނުން، ތިމަންރަސްކަލާނގެ ޖިންނީންގެ ބައްޕަ އިބްލީސް ހެއްދެވީމެވެ.'' (އަލްޙިޖްރު: 27)

3- އަދި ޤުރުއާނުން އެނގޭ ގޮތުގައި ޖިންނީންނަށް އަހަރެމެން ފެނެއެވެ. ނަމަވެސް އަހަރެމެންނަކަށް އެމީހުން ނުފެނެއެވެ. އެކަމަކު މިއީ އަޖާއިބުވާންވީ ކަމެއް ނޫނެވެ. ދުރުމިއެއް ނެތް މީހަކަށް ފެންނަވަރަށް ވުރެ ދުރު، ދުރުމީއެއް ބޭނުންކޮށްގެން ބަލާ މީހަކަށް ފެންނާނެއެވެ. ﷲ ދެއްވި ބުއްދީގެ ބޭނުންކޮށްގެން އަހަރެމެން އުފެއްދި ޓީވީ އާއި ރޭޑިއޯ ފަދަ ވަސީލަތްތަކުން މީހުން ވާހަކަ ދައްކާއިރު، އެ މީހުންގެ މަންޒަރު ފެނި އަޑު އިވިއެވެ. ނަމަވެސް އެ މީހުންނަށް އަހަރެމެން ނުފެނެއެވެ. إِنَّهُ يَرَاكُمْ هُوَ وَقَبِيلُهُ مِنْ حَيْثُ لَا تَرَوْنَهُمْ
އާޔަތުގެ މާނަ: ''ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެ ޝައިޠާނުން ނުފެންނަ ހިނދުގައި، އެ ޝައިޠާނާއާއި އޭނާގެ ލަޝްކަރަށް ތިޔަބައިމީހުން ފެނެއެވެ.'' (އަލްއަޢްރާފް: 27)

4- ހަމައެހެންމެ އަހަރެމެންނެކޭ އެއްފަދައިން ޖިންނީންނަކީ ވެސް އެ މީހުންގެ ޢަމަލުތަކަށް ޙިސާބުބެއްލެވޭ ބައެކެވެ. އަހަރެމެންނެކޭ އެއްފަދައިން ޘަވާބާއި ޢަޛާބުވެސް ލިބެއެވެ. ނަރަކަ ފުރިފައި އޮންނާނީވެސް އިންސީންނާއި ޖިންނީން، މި ދެބައި މީހުން އެކުގައެވެ. وَتَمَّتْ كَلِمَةُ رَبِّكَ لأَمْلأَنَّ جَهَنَّمَ مِنْ الْجِنَّةِ وَالنَّاسِ أَجْمَعِينَ
އާޔަތުގެ މާނަ: ''ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބަސްފުޅު ފުރިހަމަވެފައިވެއެވެ. އެބަސްފުޅަކީ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މީސްތަކުންނާއި، ޖިންނީންނާއި، ދެ ބާވަތުން ނަރަކަ ފުރުއްވާހުށީމެވެ.'' (ހޫދު: 119)

5- ކުރިން މޫސާގެފާނުގެ ރަސޫލުކަން އެބައިމީހުންނަށް ފޯރާފައިވާ ފަދައިން، މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ރަސޫލުކަން ވެސް ޖިންނީންނަށް ފޯރާފައިވެއެވެ. ﷲ ވަޙީކުރައްވާފައި ވަނީ: قَالُوا يَا قَوْمَنَا إِنَّا سَمِعْنَا كِتَاباً أُنْزِلَ مِنْ بَعْدِ مُوسَى مُصَدِّقاً لِمَا بَيْنَ يَدَيْهِ يَهْدِي إِلَى الْحَقِّ وَإِلَى طَرِيقٍ مُسْتَقِيمٍ
އާޔަތުގެ ތަފްސީރީމާނަ: ''ޖިންނީން ބުނޫއެވެ. އޭ އަހުރެމެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން، މޫސާގެފާނަށް ފަހު، ބާވައިލެއްވި ފޮތެއް އަހުރެމެން އަހައިފީމުއެވެ. އެއީ ކުރީގެ ރަސޫލުބޭކަލުންނަށް ބާވައިލެއްވުނު ފޮތްތައް ތެދުކުރަނިވި ފޮތެކެވެ. އަދި އެއީ ޙައްޤުގޮތަށާއި ސީދާވެގެންވާ ތެދުމަގަށް މަގުދައްކާ ފޮތެކެވެ.'' (އަލްއަޙްޤާފް: 30)

6- އަދި އިންސީންގެ ތެރޭގައި ތިބޭފަދައިން، ޖިންނީންގެ ތެރޭގައި ވެސް ރަނގަޅު މީހުންނާއި ނުރަނގަޅު މީހުން ތިބެއެވެ.
وَأَنَّا مِنَّا الصَّالِحُونَ وَمِنَّا دُونَ ذَلِكَ كُنَّا طَرَائِقَ قِدَداً
އާޔަތުގެ ތަފްސީރީމާނަ:''އަދި ތިމަންމެންގެ ތެރެއިން ތަޤުވާވެރި ހެޔޮލަފާ ޞާލިޙް މީހުންވެއެވެ. އަދި އެނޫން ކާފިރު ފާސިޤު މީހުންވެސްވެއެވެ. ތިމަންމެންވަނީ، ތަފާތު ބައިބަޔަށެވެ.'' (އަލްޖިންނު: 11)

وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ فَمَنْ أَسْلَمَ فَأُوْلَئِكَ تَحَرَّوْا رَشَداً

އާޔަތުގެ ތަފްސީރީމާނަ: ''އަދި ތިމަންމެންގެ ތެރެއިން، ﷲ އަށް ކިޔަމަންތެރިވާ މީހުންވެއެވެ. އަދި ތިމަންމެންގެ ތެރެއިން ތެދުމަގުން އެއްކިބާވެފައިވާ މީހުންވެއެވެ. ފަހެ، ﷲ އަށް ކިޔަމަންތެރިވެ އިސްލާމްވި މީހުން ދަންނާށެވެ! ފަހެ، އެއުރެން ވަނީ ޙައްޤު ތެދުމަގު ޤަސްދުކޮށް އެމަގު ހޯދަން މަސައްކަތްކޮށްފައެވެ. އެހެންވެ ﷲ ވަނީ އެމީހުންނަށް ހިދާޔަތް ދެއްވާފައެވެ.'' (އަލްޖިންނު: 14)

7- އަދި މާތް ﷲ ވަނީ ސުލައިމާނުގެފާނަށް ޖިންނީން ކިޔަމަންކުރައްވާފައެވެ.

يَعْمَلُونَ لَهُ مَا يَشَاءُ مِنْ مَحَارِيبَ وَتَمَاثِيلَ وَجِفَانٍ كَالْجَوَابِ وَقُدُورٍ رَاسِيَاتٍ

އާޔަތުގެ ތަފްސީރީމާނަ: ''އުސްވެގެންވާ ބިޔަ ބިނާތަކާއި، ހިލައާއި ލޮޔާއި ބިއްލޫރިފަދަ ތަކެތިން ހަދާފައި ހުންނަ ސިފަސިފައިގެ ބުދުތަކާއި، ބޮޑެތި ބިލިގާތަކެއްފަދަ ތަށިތަކާއި، އުފުއްލައި ގެންގުޅޭ ވަރަށް ވުރެ ބިޔަވެފައި ބަރުކަމުން ހުންނަތާނގައި ހުންނަ ބިޔަ ތެލިތަކާއި، މިތަކެތީގެ ތެރެއިން އެކަލޭގެފާނު އެދިވަޑައިގަންނަވާ އެއްޗެއް ޖިންނީން، އެކަލޭގެފާނަށް ހަދައިދެތެވެ.'' (ސަބައު: 13)

8- އަދި ޖިންނީންނަށް ޣައިބު ނޭނގޭކަން ވެސް ޤުރުއާނުގައި ބަޔާންވެފައި އެބައޮތެވެ. ސުލައިމާނުގެފާނު ސުވަރުގެވަޑައިގަތުމަށް ފަހުވެސް އެކަލޭގެފާނުގެ ޚިދުމަތުގައި ޖިންނީން ތިބީ މިހެންވެގެންނެވެ.

فَلَمَّا قَضَيْنَا عَلَيْهِ الْمَوْتَ مَا دَلَّهُمْ عَلَى مَوْتِهِ إِلاَّ دَابَّةُ الأَرْضِ تَأْكُلُ مِنسَأَتَهُ فَلَمَّا خَرَّ تَبَيَّنَتْ الْجِنُّ أَنْ لَوْ كَانُوا يَعْلَمُونَ الْغَيْبَ مَا لَبِثُوا فِي الْعَذَابِ الْمُهِينِ

އާޔަތުގެ ތަފްސީރީމާނަ: ''ދެންފަހެ، އެކަލޭގެފާނު އަވަހާރަވުމަށް ތިމަންރަސްކަލާނގެ ނިޔާކުރެއްވިހިނދު، އެކަލޭގެފާނު އަވަހާރަވެއްޖެކަން، ކަތުރުފަނި ނޫން އެއްޗެއް އެއުރެންނަށް އަންގައެއްނުދިނެވެ. އެއީ އެކަލޭގެފާނު އަވަހާރަވުމަށް ފަހުވެސް އޭގެ މައްޗަށް ބުރަވެވަޑައިގެން ހުންނެވި އަސާކޮޅު، ކަތުރުފަނި ދިޔައީ ކަމުންނެވެ. ދެން އެކަލޭގެފާނު ވެއްޓިވަޑައިގަތުމުން، އެކަލޭގެފާނު އަވަހާރަވެއްޖެކަން، ޖިންނީންނަށް އެނގިޖައޫއެވެ. ހަމަކަށަވަރުން އެއުރެންނަށް ޣައިބު އެނގޭނަމަ، އެކަލޭގެފާނު އަވަހާރަވުމަށް ފަހުވެސް ބުރަ މަސައްކަތުގައި އެއުރެން ނުތިބީހެވެ.'' (ސަބައު: 14)

9- އަދި ޤުރުއާންފަދަ އެހެން ފޮތެއް ގެނައުމަކީ ނުވާނެ ކަމެއްކަން ބަޔާންކުރައްވައި، ﷲ އިންސާނުންނަށް ގޮންޖެއްސެވިފަދައިން ޖިންނީންނަށް ވެސް ގޮންޖެއްސެވިއެވެ. قُلْ لَئِنْ اجْتَمَعَتْ الإِنسُ وَالْجِنُّ عَلَى أَنْ يَأْتُوا بِمِثْلِ هَذَا الْقُرْآنِ لا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيراً
އާޔަތުގެ މާނަ: ''ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި ޤުރުއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެއެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ.'' (އަލްއިސްރާއު: 88)

10- އަދި ކުރިން ޖިންނީން ދިޔައީ އުޑުގައި މަލާއިކަތުން ދައްކަވާ ވާހަކަފުޅު އަޑުއަހައި އެއިން ވައްކަންކުރަމުން ކަމާއި ނަމަވެސް އިސްލާމްދީން އައުމަށް ފަހު އެކަން ހުއްޓުވުނުކަން، ޤުރުއާނުގައި ބަޔާންވެފައި ވެއެވެ. وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَنْ يَسْتَمِعْ الآنَ يَجِدْ لَهُ شِهَاباً رَصَداً
އާޔަތުގެ ތަފްސީރީމާނަ: ''އަދި ކުރިން، ތިމަންމެން އުޑުގައި ދެކެވޭ ވާހަކަ އަޑުއަހަން، އުޑުގެ ތަންތަނުގައި ތިބީމެވެ. ނަމަވެސް މިހާރު އެ އަޑުއަހަން އުޅޭ މީހަކަށް ފެންނަހުށީ، އައިސް އޭނާ ހަލާކުކޮށް އަންދާލާ ގިނިހިލައެކެވެ.'' (އަލްޖިންނު: 9)

 

ޝައިޠާނުން

ޝައިޠާނުންނަކީ ޖިންނީންގެ ތެރޭގައިވާ ކާފިރު ޖިންނީންނެވެ. މި މީހުންގެ ބައްޕައަކީ އިބްލީހެވެ. އިބްލީހަކީ މަލާއިކަތުންގެ ތެރެއިންވާ މީހެއްކަމަށް، މަދުބަޔަކަށް ހީވެފައި އޮންނަ ހީވުމަކީ ކުށްހީއެކެވެ. އިބްލީހަކީ ފަހަރެއްގައި ވެސް މަލާއިކަތެއް ނޫނެވެ. ނަމަވެސް އޭނާ މަލާއިކަތުންގެ ތެރޭގައި އުޅުނީއެވެ. އެތައް ގޮތަކުން މިކަން ފިސާރި ރަނގަޅަށް އެނގެން އެބަ އޮތެވެ. މިގޮތުން ކީރީތި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައި ވަނީ: وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ رَبِّهِ
އާޔަތުގެ ތަފްސީރީމާނަ: ''ތިޔަބައިމީހުން އާދަމުގެފާނު މަތިވެރިކޮށް މާތްކުރުމުގެގޮތުން ސަޖިދަކުރާށޭ، މަލާއިކަތުންނަށާއި އަދި އިބްލީހަށް، ތިމަންރަސްކަލާނގެ ވަޙީކުރެއްވިހިނދު ހަނދުމަކުރާށެވެ! އެހނިދު އިބްލީސް މެނުވީ، އެ އެންމެ ބޭކަލުން ސަޖިދަކުރެއްވޫއެވެ. އެ އިބްލީސްވީ ޖިންނީންގެ ތެރެއިންނެވެ. ދެން އޭނާގެ ވެރިރަސްކަލާނގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ.'' (އަލްކަހްފު: 50)

މި އާޔަތުން އެނގޭ އެއްޗަކީ އިބްލީހަކީ ޖިންނީންގެ ތެރެއިންވާ މީހެއް ކަމެވެ.

ދެވަނައަށް، އިބްލީސް ވަނީ ﷲ އަށް ނުކިޔަމަންތެރިވެ އުރެދިފައެވެ. ނަމަވެސް މަލާއިކަތުންނަކީ އެއްވެސް ހާލެއްގައި ﷲ އަށް އުރެދި ނުކިޔަމަންތެރިވާނެ ބައެއް ނޫނެވެ. މަލާއިކަތުންނާ މެދު ﷲ ވަޙީކުރައްވާފައި ވަނީ މިފަދައިންނެވެ: لا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ
އާޔަތުގެ މާނަ: ''އެބޭކަލުންނަށް ކުރައްވާ އަމުރަކަށް، އެބޭކަލުން ނުއުރެދެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައްތައް އެބޭކަލުން ކުރައްވާނެތެވެ.'' (އައްތަޙްރީމް: 6)

ތިންވަނައަށް، ޤުރުއާން ޞަރީޙަކޮށް ބަޔާންކުރާ ގޮތުގައި، އިބްލީސް އުފައްދަވާފައި ވަނީ އަލިފާނުންނެވެ. ނަމަވެސް މަލާއިކަތުންނަކީ އަލިފާނުން އުފައްދަވާފައިވާ ބޭކަލުންތަކެއް ނޫނެވެ.

ޤުރުއާނުގައި ޝައިޠާނުން:

1- ޝައިޠާނުންނަކީ އިންސާނުންގެ އެންމެ ބޮޑު ދުޝްމަނެވެ. އާދަމުގެ ދަރީންގެ ބައްޕަ ސުވަރުގެއިން ނެރެލީ އިބްލީސް ވަސްވާސް ދީގެންނެވެ. އަދި މިހާރުވެސް އިބްލީސް ދަނީ އާދަމުގެ ދަރިން އެ ސުވަރުގެއަށް ވަނަނުދިނުމަށް މަސައްކަތްކުރަމުންނެވެ. ސުވަރުގެއަށް ދެވޭ މަގާ ދުރުކުރެވޭތޯ ބަލަމުންނެވެ. އަދި ނަރަކައަށް ދެވޭ މަގަށް ހެއްލުންތެރިކުރަމުންނެވެ. ނަމަވެސް ހިތާމައަކީ ގިނަ ބަޔަކަށް މިކަން ނޭނގި، ﷲ ގެ ޝަރީޢަތް ދޫކޮށްފައި ޝައިޠާނާގެ ވަސްވާސްތަކަށް ތަބާވަމުން ދިއުމެވެ. ނަބީބޭކަލުން ގެނެސްދެއްވި ހިދާޔަތަށް ފުރަގަސްދީ ޝައިޠާނާގެ މަގުފުރެދުމަށް ކުރިމަތިލާތަނެވެ.

އިންސާނުންނަށް ގަދަފަދަ ޢަޛާބާއި ގެއްލުމާއި ހަލާކު ދިނުމަށް މަސައްކަތްކުރާ ފަރާތަށް އިޖާބަދީފައި، އެ މީހުންނަށް ރަޙްމަތްލައްވައި ފާފަފުއްސަވާ ރަސްކަލާނގެ އަށް އިޖާބަ ނުދިނުމަކީ، އިންސާނުންގެ މޮޔަކަން ހާމަކޮށްދޭ ކަމެކެވެ. މިމޮޔަ ޢަމަލުގެ ކުށްވެރިކުރައްވައި، ކަމުގެ ނުބައިކަން، މާތް ﷲ ބަޔާންކުރައްވާ ވަޙީކުރައްވަނީ: أَفَتَتَّخِذُونَهُ وَذُرِّيَّتَهُ أَوْلِيَاءَ مِنْ دُونِي وَهُمْ لَكُمْ عَدُوٌّ بِئْسَ لِلظَّالِمِينَ بَدَلاً
އާޔަތުގެ ތަފްސީރީމާނަ: ''ފަހެ އެ އިބްލީސްއާއި އޭނާގެ ދަރިފަސްކޮޅު، ތިމަންރަސްކަލާނގެ ފިޔަވައި އެހީތެރިން ކަމުގައި ތިޔަބައިމީހުން ހަދައި، އެމީހުންނަށް ކިޔަމަންވެ ހަދަނީހެއްޔެވެ؟ އެއުރެންނީ، ތިޔަބައިމީހުންގެ އެންމެ ބޮޑު ޢަދުއްވުންނެވެ. ރަޙްމާންވަންތަ ރަސްކަލާނގެއަށް ކިޔަމަންވެ، އެހީތެރިއަކުކަމުގައި އެކަލާނގެ ހެދުމުގެ ބަދަލުގައި، އަނިޔާވެރިވި މީހުން ޝައިޠާނާއަށް ކިޔަމަންވެ އެހީތެރިއެއްކަމަށް ހެދުމުގެ ހުރި ނުބައިކަމާއެވެ.'' ''(އަލްކަހްފު: 50)

2- މަތީގައިވާ އާޔަތުން ދޭހަވަނީ ޝައިޠާނުންނަކީ ދަރިފަސްކޮޅު އިތުރުކުރާ ބައެއްކަމެވެ. އަދި ހުރިހާ ޝައިޠާނުންނަކީ އިބްލީހުގެ ދަރިފަސްކޮޅުން އައިސްފައިވާ ބައެއްކަމެވެ.

3- އިންސާނުންނަށް ވަސްވާސްދިނުމުގެ ބާރު، ﷲ، ޝައިޠާނުންނަށް ދެއްވާފައިވެއެވެ. ނަމަވެސް އެ މީހުންނަށް މަންފާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ބާރެއް ޝައިޠާނުންނަށް ދެއްވާފައި ނުވެއެވެ. އަދި ދެކޮޅަށް މަސައްކަތްކޮށް އިންސާނުންނަށް ދިފާޢުނުވެވޭނެފަދަ ގަދަ ބާރެއް ވެސް ޝައިޠާނުންނަށް ލިބިގެންނުވެއެވެ. ޝައިޠާނުންނަށް ލިބިފައިވާހާވެސް އެއްޗަކީ ވަސްވާހާއި މަކަރުވެރިކަމެވެ. މިބީދައިން ﷲ ވަޙީކުރައްވަނީ: إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا
އާޔަތުގެ ތަފްސީރީމާނަ: ''ހަމަކަށަވަރުން، ޝައިޠާނާގެ ކެހިވެރިކަމާއި ރޭވުމަކީ، ބަލި ނިކަމެތި އެއްޗެކެވެ.'' (އައްނިސާ: 76)

وَلَيْسَ بِضَارِّهِمْ شَيْئًا إِلَّا بِإِذْنِ اللَّهِ
އާޔަތުގެ ތަފްސީރީމާނަ: ''އަދި ﷲ ގެ އިޒުނަފުޅާލައިގެން މެނުވީ، އެ ޝައިޠާނާއަކަށް އެއްވެސް ކަމަކުން މުއުމިނުންނަކަށް ގެއްލުމެއް ނުދެވޭނެތެއެވެ.'' (އަލްމުޖާދިލާ :10)

وَمَا كَانَ لَهُ عَلَيْهِمْ مِنْ سُلْطَانٍ إِلاَّ لِنَعْلَمَ مَنْ يُؤْمِنُ بِالآخِرَةِ مِمَّنْ هُوَ مِنْهَا فِي شَكٍّ
އާޔަތުގެ ތަފްސީރީމާނަ: ''އެ ކާފިރުންގެ މައްޗަށް އެއްވެސް މަޖްބޫރުކުރުމުގެ ބާރެއް، އިބްލީސްއަކަށް ލިބިގެނެއް ނުވެއެވެ. ނަމަވެސް އާޚިރަތާމެދު ޝައްކު ކަމެއްގައިވާ މީހުން ތިމަންރަސްކަލާނގެ އަޒަލުއްސުރެ ދެނެވޮޑިގެން، އެކަން ފާޅުކުރައްވާ ހާމަކުރެއްވުމަށްޓަކައި، ކާފިރުވެގަންނަ މީހުންނަށް ވަސްވާސްދީ މަގުފުރެއްދުމުގެ ބާރު، އިބްލީސަށް ދެއްވީއެވެ.'' (ސަބައު: 21)

4- ޝައިޠާނާ ކުރާ މަސައްކަތަކީ މީހުންނަށް ވަސްވާސް ދިނުމާއި، ހުތުރު ކަންތަކަށް ގޮވާލާ، އަދި މީހުން ހެއްލުންތެރިކުރުމެވެ.

الشَّيْطَانُ يَعِدُكُمْ الْفَقْرَ وَيَأْمُرُكُمْ بِالْفَحْشَاءِ وَاللَّهُ يَعِدُكُمْ مَغْفِرَةً مِنْهُ وَفَضْلاً وَاللَّهُ وَاسِعٌ عَلِيمٌ

އާޔަތުގެ ތަފްސީރީމާނަ: ''ހެޔޮ މަގުގައި ފައިސާ ހޭދަކުރަން ވީމާ ދަހިވެ، ޞަދަޤާތް ދޭ އިރު ދެރަ ތަކެތި ހޮވައި ޞަދަޤާތް ދިނުން، މި ކަންކަމަކީ ކަލޭމެން ފަޤީރުވެދާނެ ކަމަށް ޝައިޠާނާ ދައްކާ ބިރެއްގެ ސަބަބުން ކަލޭމެންނަށް ވާ ކަމެކެވެ. އަދި ޝައިޠާނާ ކަލޭމެންނަށް އަމުރުކުރަނީ ހަޑިހުތުރު ކަންތައް ކުރުމަށެވެ. ނަމަވެސް ﷲ ކަލޭމެންނަށް ވަޢުދުވެވޮޑިގަންނަވަނީ، ހެޔޮކަންކަމަށް ކަލޭމެން ހޭދަކުރުމުން، ކަލޭމެންނަށް އެކަލާނގެ ކިބައިން ފާފަ ފުއްސެވުމާއި ތަނަވަސް ވެގެންވާ ރިޒުޤު ދެއްވާނެ ކަމަށެވެ.'' (އަލްބަޤަރާ: 268)

يَعِدُهُمْ وَيُمَنِّيهِمْ وَمَا يَعِدُهُمْ الشَّيْطَانُ إِلاَّ غُرُوراً
އާޔަތުގެ ތަފްސީރީމާނަ: ''ޝައިޠާނާ އޭނާއަށް ތަބާވާ މީހުންނަށް ދޮގު ވަޢްދުކުރެތެވެ. އަދި، އެމީހުން ލައްވައި ޙަޤީޤަތެއް ނެތް ބާޠިލު އުންމީދުތަކެއް ކުރުވަތެވެ. ޝައިޠާނާ އެ މީހުންނަށް ވާ ވަޢްދަކީ ހެއްލުންތެރިކަމާއި އޮޅުވާލުމުގެ ވަޢްދުތަކެއް ފިޔަވައި އެހެން އެއްޗެއް ނޫނެވެ.'' (އައްނިސާ: 120)

އަދި ހަމައެހެންމެ، ރަލާއި މަސްތުވާތަކެއްޗާއި ޖުވާގެ ތެރެއިންލާފައި، މީސްތަކުންގެ ތެރޭގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން ފެތުރުމެވެ. إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمْ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنْ الصَّلاةِ
އާޔަތުގެ މާނަ: ''ޝައިޠާނާ އެދޭކަން ކަށަވަރީ، ރަލާއި ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމެވެ. އަދި ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ.'' (އަލްމާއިދާ: 91)

ޝައިޠާނުން އަމިއްލައަށް އަދާކުރާ ވަޒީފާއަކީ ފާޙިޝްކަންތަކާއި ނުބައިކަންތަކާއި ބައިބައިވުން ފެތުރުމެވެ. މިގޮތުން އޭނާ އެންމެ ފުރަތަމަކުރުވި ކަމަކީ އަދި އާދަމުގެފާނާއި ޙައްވާގެފާނު ފިތުނައިގައި ޖެއްސީ، އޮރިޔާންވުމާއި ނިވާކަންކުޑަކުރުމަށްޓަކައެވެ. ކުރުހެދުން ލެއްވުމަށްޓަކައެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ:  يَا بَنِي آدَمَ لا يَفْتِنَنَّكُمْ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنْ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا

އާޔަތުގެ މާނަ: ''އޭ އާދަމުގެ ދަރިންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި، އާދަމުގެފާނާއި ޙައްވާގެފާނާއި، ދެކަނބަލުންގެ ޢައުރަ އެ ދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، ޝައިޠާނާ ތިޔަބައިމީހުން ހެއްލުންތެރިކުރިޔަ ނުދޭހުށިކަމެވެ.'' (އަލްއަޢްރާފް: 27)

ވީމާ ހެދުން ބޭލުމާއި، އައުރަ ކަޝްފުކުރުވުމަކީ، ޝައިޠާނީ ޤާނޫނުގައި އޮންނަ އެންމެ ފުރަތަމަ މާއްދާއެވެ.

އަދި މީގެ އިތުރުންވެސް އިބްލީސް ކުރާ ކަންތަކުގެ ތެރޭގައި، ހުތުރު ކަންތައް، އޭނާއަށް ތަބާވާ މީހުންގެ ލޮލުގައި ރީތިކަންތައް ކަމުގައި ހަދައި، ރީތި ކަންތައް ހުތުރުކަންތައް ކަމުގައި ހަދައެވެ. މި ކަމަށް އިޝާރާތްކުރައްވާ މާތް ﷲ ވަޙީކުރައްވަނީ: وَزَيَّنَ لَهُمْ الشَّيْطَانُ مَا كَانُوا يَعْمَلُونَ
އާޔަތުގެ މާނަ: ''އަދި އެއުރެން ކޮށްއުޅުނު ކަންތައް އެއުރެންނަށް ޝައިޠާނާ ޒީނަތްތެރިކޮށް ދެއްކިއެވެ.'' (އަލްއަންޢާމް:43)

ހަމައެހެންމެ އޭނާ ކުރާ އަނެއް ކަމަކީ، ދީނީ ކަންކަމުގައި މުއުމިނުންގެ ހިތްތަކުގައި އޮޅުމާއި ޝައްކުތައް އުފެއްދުމެވެ. އިސްލާމްދީނުގެ ޙައްޤު މަގަށް ގޮވާލަން އުޅުމުގެ ބަދަލުގައި، ބޭނުމެއް ނެތް ބަހުސްތަކާއި ޖަދަލުތަކެއް ތެރޭގައި މުސްލިމުން ބޭތިއްބުމެވެ. މާތް ﷲ ވަނީ މުސްލިމުން މިކަމަށް ސަމާލުވެތިބުމަށްޓަކައި އާޔަތެއް ބާވައިލައްވާފައެވެ: وَإِنَّ الشَّيَاطِينَ لَيُوحُونَ إِلَىٰ أَوْلِيَائِهِمْ لِيُجَادِلُوكُمْ وَإِنْ أَطَعْتُمُوهُمْ إِنَّكُمْ لَمُشْرِكُونَ
އާޔަތުގެ މާނަ: ''އަދި ހަމަކަށަވަރުން، ތިޔަބައިމީހުންނާ ޖަދަލުކުރުމަށް ޝައިޠާނާ އެއުރެންގެ ވާގިވެރިންނަށް ވަސްވާސް ދޭނެތެވެ. ތިޔަބައިމީހުން، އެއުރެންނަށް ކިޔަމަންވެއްޖެނަމަ ހަމަކަށަވަރުން، ތިޔަބައިމީހުންނަކީވެސް، މުޝްރިކުންކަން ކަށަވަރެވެ.'' (އަލްއަންޢާމް:121)

ޝައިޠާނާ ކުރާ އަނެއް ކަމަކީ، ހެއްދެވި ކަލާނގެ މަތިން މުއުމިނާ ހަނދާންނެތިކުރުވުމެވެ. އޭރުން ދެން އޭނާ ފާފަތަކަށް އަރައިގަންނާނެއެވެ. ފާފަވެރިންނަކީ އެމީހުންގެ މައްޗަށް ޝައިޠާނާ ވެރިވެގެންފައި ތިބޭ ބައެކެވެ. اسْتَحْوَذَ عَلَيْهِمْ الشَّيْطَانُ فَأَنسَاهُمْ ذِكْرَ اللَّهِ أُوْلَئِكَ حِزْبُ الشَّيْطَانِ أَلا إِنَّ حِزْبَ الشَّيْطَانِ هُمْ الْخَاسِرُونَ

އާޔަތުގެ ތަފްސީރީމާނަ: "ޝައިޠާނާވަނީ، އެއުރެންނަށް ވަސްވާސްދީ އެއުރެންގެ މައްޗަށް ވެރިވެގެންފައެވެ. ދެން ފަހެ، އެ ޝައިޠާނާ، އެއުރެން ﷲ ހަނދުމަކުރުން ހަނދާންނެތިކުރުވިއެވެ. ﷲ ހަނދުމަނެތިކޮށްފައި ޝައިޠާނާއަށް ތަބާވާ މީހުންނީ، ޝައިޠާނާގެ ޖަމާޢަތުގެ މީހުންނެވެ. ދަންނާށެވެ! ހަމަކަށަވަރުން، ޝައިޠާނާގެ ޖަމާޢަތުގެ މީހުންނީ ދުނިޔެއާއި އާޚިރަތުގައި ގެއްލެނިވެގެންވާ މީހުންނެވެ.'' (އަލްމުޖާދިލާ: 19)

ނަމަވެސް އަނެއްކޮޅުން ތަޤުވާވެވެރިންގެ ޙާލަތު މިއާ މުޅިން ތަފާތެވެ. إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُم مُّبْصِرُونَ
އާޔަތުގެ ތަފްސީރީމާނަ: ''ހަމަކަށަވަރުން ތަޤްވާވެރިވީމީހުން، ޝައިޠާނާގެ ފަރާތުން އަންނަ ވަސްވާހެއް ޖެހިއްޖެނަމަ، ﷲ އަށް ކިޔަމަންވުމާއި ތައުބާވުމަކީ، އެ މިހުންގެ މައްޗަށް ﷲ އަމުރުކުރައްވާފައި އޮތް ކަމެއްކަން ހަނދާންކުރެއެވެ. އެ ހިނދު އެ މީހުން ތިބޭނީ އެ ފާފައިން ދުރުވެގަނެ ތެދުމަގުގައެވެ.''(އަލްއަޢްރާފް: 201)

5- ފަސާދަކުރުމަށް ޝައިޠާނާ ކެނޑިނޭޅި މަސައްކަތްކުރާއިރު ވެސް، އަދި އާދަމުގެ ދަރިންނާ ޢަދާވާތްތެރިކަންމަތީ ދެމިހުންނައިރުވެސް، އަދި ހުރިހާ ދިމާއަކުން އައިސް އިންސާނުންނަށް ވަސްވާސްދީ ހަދާއިރުވެސް، އަދި ﷲ އަށް ނުކިޔަމަންތެރިވެ އުރެދުމަށް ގޮވައި ފޯރިދީ، މޮޔަހައްދައިގެން ހެއްލުންތެރިކުރެވުނު ބަޔަކު ހެއްލުންތެރިކޮށް، ނުބައިކަންތަކަށް ގޮވާލާ ޝައިޠާނާގެ ލަޝްކަރުގެ އަސްވާރުންތަކާއި ފައިމަގުގައިވާ ހަނގުރާމަވެރިންތައް އެއްކޮށްގެން ގޮސް ގޮވައި ހަމަލަދީ، މީހުންގެ މުދަލާއި ދަރިފަސްކޮޅުގައި ބައިވެރިވެ، މިހުރިހާ ކަމެއް ޝައިޠާނާ ކުރާއިރުވެސް، މީހުންނަށް ވަސްވާސްދިނުމުގެ ބާރު ނޫން އެހެން ބާރެއް ޝައިޠާނާއަށް ލިބިގެނެއް ނުވެއެވެ. އޭނާއަށް ކުރެވޭހާވެސް ކަމަކީ ނުބައިކަންތަކަށް މީހުން ހެއްލުންތެރިކުރުމެވެ. ނަމަވެސް ގެއްލުންދިނުމާއި މަންފާ ލިއްބައިދިނުމަކީ ޝައީޠާނާއަށް ލިބިގެންވާ ބާރެއް ނޫނެވެ. މިގޮތުން، ކާފިރުންނާއި ޝައިޠާނުން ޤިޔާމަތްދުވަހުން ޒުވާބުކުރާއިރު ދައްކާވާހަކަ، ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައިވެއެވެ: وَقَالَ الشَّيْطَانُ لَمَّا قُضِيَ الأَمْرُ إِنَّ اللَّهَ وَعَدَكُمْ وَعْدَ الْحَقِّ وَوَعَدْتُكُمْ فَأَخْلَفْتُكُمْ وَمَا كَانَ لِي عَلَيْكُمْ مِنْ سُلْطَانٍ إِلاَّ أَنْ دَعَوْتُكُمْ فَاسْتَجَبْتُمْ لِي فَلا تَلُومُونِي وَلُومُوا أَنْفُسَكُمْ

އާޔަތުގެ ތަފްސީރީމާނަ: ''މާތް ﷲ، ޚަލްޤުތަކުންގެ ހިސާބު ބައްލަވައި ނިޔާކަނޑައަޅުއްވައި އަދި ސުވަރުގެވެރިން ސުވަރުގެ ވަދެ، ނަރަކަވެރިން ނަރަކައަށް ވަދެ ނިމުނީމާ، ޝައިޠާނާ ބުނާނެއެވެ: އަލުން ދިރުއްވުމާއި، ޖަޒާދެއްވުމާއި ނަރަކަވެރިން ނަރަކަ އަށް ވެއްދެވުމާއި މެދު، ﷲ ކަލޭމެންނަށް ވަޢްދުވެވަޑައިގަތީ ތެދު ވަޢްދެކެވެ. މަރުވުމަށްފަހު ދިރުމެއް ނެތް ކަމަށާއި، އަދި ދުނިޔޭގައި ކުރާ ކަމަކަށް ޖަޒާ ދިނުމެއް ނޯންނާނޭ ކިޔާފައި، ކަލޭމެންނަށް އަހަރެންވީ ދޮގު ވަޢްދެކެވެ. މަގުފުރެދުމަށް ކަލޭމެންނަށް ގޮވައިލުން ފިޔަވައި، ކަލޭމެންގެ މައްޗަށް، އެހެން އެއްވެސް ބާރެއް އަހަރެންނަކަށް ލިބިގެން ނުވެއެވެ. އަހަރެން ގޮވާލިހާއިރުން ކަލޭމެން އަހަރެންނަށް ތަބާވީއެވެ. ވީމާ އަހަރެން ކުށްވެރިނުކުރާށެވެ. އަމިއްލަ ނަފްސު ކުށްވެރިކުރާށެވެ. ކުށަކީ ކަލޭމެންގެ ކުށެވެ.'' (އިބްރާހީމް: 22)

އަދި މަރުވުން ފަސްކޮށްދެއްވުމަށް އެދި، އިބްލީސް، މާތް ﷲ ގެ ޙަޟްރަތުގައި ދެންނެވުމުން، އެކަން ފުއްދަވައި ދެއްވަމުން މާތް ﷲ ވަޙީކުރައްވާފައި ވަނީ ވެސް، އިބްލީހަށް ބާރު ލިބިގެންވަނީ ﷲ އަށް އިޚްލާޞްތެރި ނޫން އަޅުތަކުންގެ މައްޗަށް ކަމެވެ. قَالَ رَبِّ بِمَا أَغْوَيْتَنِي لأزَيِّنَنَّ لَهُمْ فِي الأَرْضِ وَلأغْوِيَنَّهُمْ أَجْمَعِينَ (39) إِلاَّ عِبَادَكَ مِنْهُمْ الْمُخْلَصِينَ
އާޔަތުގެ ތަފްސީރީމާނަ: ''އެކަލޭގެ ދެންންވިއެވެ. ތިމަންއަޅާގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ތިމަންއަޅާ މަގުފުރެއްދެވީތީ، ހަމަކަށަވަރުން އިންސާނުންނަށް ބިމުގައި ނުބައިކަންތައްތައް ޒީނަތްތެރިކޮށްދޭހުށީމެވެ. އަދި ހަމަކަށަވަރުން، ތިމަންއަޅާ އެ އެންމެން ތެދުމަގުން އެއްކިބާކޮށް މަގުފުރައްދާހުށީމެވެ. (39) އިންސާނުންގެ ތެރެއިން، އިބަރަސްކަލާނގެ ތެދުމަގު ދެއްކެވުމަށް ޚިޔާރުކުރެއްވުން، އިޚްލާޞްތެރިކަމާއެކު އިބަރަސްކަލާނގެއަށް އަޅުވެތިވާ މީހުން މެނުވީއެވެ.'' (އަލްޙިޖްރު: 39-40)

އަދިވެސް ހަމަ މިކަމާ ބެހޭގޮތުން މާތް ﷲ ވަޙީކުރައްވާފައި ވަނީ: قَالَ هَذَا صِرَاطٌ عَلَيَّ مُسْتَقِيمٌ (41) إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلاَّ مَنْ اتَّبَعَكَ مِنْ الْغَاوِينَ (42)

އާޔަތުގެ ތަފްސީރީމާނަ: ''އެކަލާނގެ ވަޙީކުރެއްވިއެވެ. މިއޮތީ، ތިމަންރަސްކަލާނގެ ޙަޟްރަތަށް އޮތް ސީދާވެގެންވާ ތެދުމަގެވެ. (41) ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށް އިޚްލާޞްތެރިވެގެން ތިބި އަޅުން މަގުފުރައްދައި، އެމީހުންގެ މައްޗަށް ބާރުހިންގުމެއް، ކަލޭގެއަކަށް ލިބިގެނެއް ނުވެއެވެ. ކަލޭގެއަށް ބާރުލިބިގެންވަނީ، މަގުފުރެދިގެންވާ މީހުންގެ ތެރެއިން ކަލޭގެއަށް ތަބާވާ މީހުންގެ މައްޗަށެވެ.'' (އަލްޙިޖްރު: 41-42)

6- ޝައިޠާނާއަށް ތަބާވާމީހުންނަށް ދަތިހާލު ޖެހޭ ވަގުތު، ޝައިޠާނާ އެ މީހުންގެ ކިބައިން ބަރީއަވެގަނެ، ޚިޔާނާތްތެރިވާނެއެވެ. އެމީހުން އެކަނި ދޫކޮށްލާނައެވެ. ބަދުރު ހަނގުރާމަ ހިނގި ދުވަހުވެސް، ހަނގުރާމައިގެ ތެރެއަށް މުޝްރިކުން ވައްދާފައި ފަހު ވަގުތު އޭނާ ފިލީއެވެ.

އިންސީންގެ ތެރެއިންވާ ޝައިޠާނުން:

ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައިވަނީ، ޝައިޠާނުންނަކީ، މީހުންގެ ތެރޭގައި ﷲ އަށް ކުފުރުވުން ފަތުރާ ބައެކެވެ. ފާޙިޝް ކަންތައްތައް ޢާއްމުކޮށް، އާދަމުގެ ދަރީންގެ އައުރަ ކަޝްފުކުރަން މަސައްކަތްކުރާ ބައެކެވެ. ހުތުރު އާދަކާދަތަކާއި ގޮތްތައް އެއީ ރީތި ރަނގަޅު ގޮތްތަކެއް ކަމަށް ދައްކައި ޒީނަތްތެރިކުރާ ބައެކެވެ. ޝުބުހާތަކާއި ޝައްކުތައް އުފައްދާ، ބާޠިލު ކަންކަމަށް ޖަދަލުކުރާ ބައެކެވެ. މުސްލިމުން ޢަދާވާތްތެރިކޮށް ބައިބައިވުން އުފައްދާ، އަދި އެމީހުންނަށް ތަބާވެގެން ތިބޭ މީހުން ދަތިހާލު ޖެހޭ ވަގުތު ދޫކޮށްފައިދާ ބައެކެވެ.

އިންސާނުންގެ ތެރެއިން، މި ސިފަތަކުން ކުރެ ސިފައެއް ޖެހިގަނެއްޖެ މީހަކީ، އެއީ އިންސީންގެ ތެރޭގައިވާ ޝައިޠާނެކެވެ. ޝައިޠާނުންނަކީ ހަމައެކަނި ޖިންނީންގެ ތެރޭގައިވާ ބައެއް ނޫންކަމާއި، އެއީ އިންސީންގެ ތެރޭގައިވެސް ތިބޭ ބައެއްކަން، އައްނާސު ސޫރަތުންވެސް އެނގެން އެބަ އޮތެވެ. مِنْ الْجِنَّةِ وَالنَّاسِ
އާޔަތުގެ ތަފްސީރީމާނަ: ''އެ ޝައިޠާނުންނަކީ، ޖިންނީންގެ ތެރެއިންނާއި އިންސީންގެ ތެރެއިން ވާ ޝައިޠާނުންނެވެ.'' (އައްނާސު: 6)

ވީމާ ފާޙިޝް ކަންތައްތަކަށް ގޮވާ ހިތްވަރުދީ، މުޖްތަމަޢުގައި ބަރަހަނާކަމާއި، ލަދުކުޑަ އަދަބީ ލިއުންތަކާއި ތަމްސީލުތަކާއި ފިލްމުތައް ފަތުރާ، އެކަމުގައި ބައިވެރިވާ މީހުންނަކީ، އެއީ އިންސީންގެ ތެރޭގައި ތިބޭ ޝައިޠާނުންނެވެ.

އިހުގެ ޖާހިލިއްޔަތަށް ވިޔަސް އަދި ފަހުގެ ޖާހިލިއްޔަތަށް ވިޔަސް ގޮވާލާ، އިސްލާމީ އުއްމަތް ބައިބައިކޮށް، އެއްބައިވަންތަކަން ފުނޑުފުނޑު ކުރާ މީހުންނަކީ، އެއީ އިންސީންގެ ތެރޭގައި ތިބޭ ޝައިޠާނުންނެވެ.

ސުވަރުގެއަށް ދެވެން އޮންނަ މަގުން މީހުން އެއްކިބާކޮށް، ނަރަކައަށް ދެވެން އޮންނަ މަގަށް މަގުދައްކާ މީހުންނަކީ، އަދި ﷲ ހަނދުމަކުރުން ހަނދާން ނައްތުވާލާ، އާޚިރަތް ދުވަސް މަތިން ޣާފިލުކުރުވާ މީހުންނަކީ، އެއީ އިންސީންގެ ތެރޭގައި ތިބޭ ޝައިޠާނުންނެވެ.

 

*    *    *    *

 


* މި ފޮތުގެ ހުރިހާ ބައެއް އެއްކޮށް ޑައުންލޯޑްކުރަން މިތަނަށް ފިތާލާށެވެ!

Comments