Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ދުޢާ ޛިކުރު ކުރުމުގެ ފާއިދާ

ޛިކުރު ކުރުމުގެ ފާއިދާ

dhuaa-faaidhaaދުޢާ ކުރުމުގެ އަދަބުތެރޭގައި އިމާމް އިބްނު އަލްޖައުޒީ، އޭނާގެ ''އައްތަބްޞިރާ ފީ އަލްވަޢްޡި'' ގައި ނަވާރަ އަދަބެއް ބަޔާން ކުރައްވާފައި ވެއެވެ. އެއީ:-

އެކެއް: މާތް ވަގުތުތަކުގައި ދުޢާ ކުރުން.

ދޭއް: މާތް ހާލަތެއްގައި ހުރެ ދުޢާ ކުރުން.

ތިނެއް: ޤިބްލައަށް ކުރިމަތިލައިގެން ހުރެ ދުޢާ ކުރުން.

ހަތަރެއް: ދުޢާ ކުރުމުގައި އަޑު މަޑު ކުރުން.

ފަހެއް: ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔުން.

ހައެއް: ދުޢާކުރުމުގެ ކުރިން ﷲ އަށް ޙަމްދާއި ޘަނާ ދެންނެވުން.

ހަތެއް: ބޭކާރު އުނދަގޫ ޢިބާރާތްތަކުން، ގަދަކަމުން ބަލާޣަތްތެރި ޢިބާރާތްތައް ނުގެނެ، ޚުޝޫޢަތްތެރިކަމާއެކު އަމިއްލަ ނަފްސުގެ ތެރެއިން ނުކުންނަ ޠަބީޢީ ޢިބާރާތްތައް ބޭނުން ކުރުން.

އަށެއް: ރަނގަޅު ފުރިހަމަ ޢިބާރާތްތައް ބޭނުން ކުރުން.

ނުވައެއް: ޢަޒުމާއެކު ދުޢާ ކުރުން. ޢަޒުމާއެކު ދުޢާ ކުރުމުގެ މާނައަކީ، ދުޢާ މާތް ﷲ އިޖާބަ ކުރައްވާނެ ކަން ޔަޤީންކޮށް، ގަދައަށް އެ ކަމަށް އެދުމެވެ. އަދި މާތް ﷲ ގެ އިރާދަފުޅާއި ދުޢާ އިޖާބަ ވުމާއި ނުގުޅުމެވެ. އެހެނީ އިރާދަފުޅާއި ގުޅުވައިގެން ކަންތައް ކުރާނީ އިންސާނުންނެވެ. އެ ގޮތުން އިބަ ރަސްކަލާނގެ އިރާދަ ކުރައްވައިފިނަމަ ތިމަންނައަށް މިވެނިކަމެއް ފުއްދަވައިދެއްވާފާނދޭ، މިފަދަ ޢިބާރާތްތައް ބޭނުން ނުކުރުން.

ޛިކުރު ކުރުމުގެ ފާއިދާ:

ޛިކުރު ކުރުމުގެ މާނައަކީ މާތްﷲ ގެ ރަސްކަންފުޅު މަތިން ހަނދުމަކުރުމެވެ. އެއީ ގުނާ ޢަދަދު ކުރަން ދަތި ފައިދާތަކެއް ހިމެނޭ މަތިވެރި އަޅުކަމެކެވެ. ދީނުގެ ފަސް ރުކަނަކީ ވެސް ހަށިގަނޑުގެ ގުނަވަންތަކުން ކުރާ އަޅުކަމެކެވެ. ނަމަވެސް އެ އަޅުކަންތަކުގެ ވެސް ރޫޙަކީ ޛިކުރެވެ. ޛިކުރު ކުރާ މީހާއާއި ޛިކުރު ނުކުރާ މީހެއްގެ ހުރި ތަފާތަކީ، ދިރި ހުރި މީހަކާއި މަރުވެފައިވާ މީހެއްގެ ހުންނާނެ ތަފާތެވެ. މިއީ ކީރިތި ރަސޫލާ މިކަން ސިފަ ކުރެއްވި ގޮތެވެ. ޛިކުރު ކުރުމާ ބެހޭ ގޮތުން ތިރީގައި މި ލިޔެލަނީ، އަލްއިމާމް އިބްނު އަލްޤައްޔިމް ''އަލްވާބިލު އައްޞައްޔިބު މިން ކަލިމި އައްޠައްޔިބި'' ގައި ލިޔެފައިވާ ވާހަކައިގެ ޚުލާޞާއެކެވެ. މީގައި އަޅުގަނޑު ބައެއް ޙަދީޘްތައް އިތުރުކޮށް، މަދު ތަނެއްގައި ބައެއް ވާހަކަތައް އިތުރުކޮށްފައިވާނެއެވެ.

އެކެއް: އެއީ ޝައިޠާނާ ދުރުކޮށް، ޝައިޠާނާ ބަލިކޮށް އޭގެ ވަރަބިންދާލާ ކަމެކެވެ.

ދޭއް: އެއީ ރަޙްމާންވަންތަ މާތް ﷲ -ޢައްޒަ ވަޖައްލަ- ގެ ރުއްސެވުން ލިބޭ ކަމެކެވެ.

ތިނެއް: އެއީ ހިތުގައި ވާ ހިތާމައާއި ދެރަކަން ފޮހެލާ ކަމެކެވެ. އަދި އުފާވެރި ކަމާއި ހިތްހަމަ ޖެހުމާއި ހީވާގިކަން، ހިތަށް ގެނެސްދޭ ކަމެކެވެ.

ހަތަރެއް: އެއީ ހިތާއި ހަށިގަނޑަށް ބާރު ލިއްބައިދޭ ކަމެކެވެ.

ފަހެއް: އެއީ މޫނާއި ހިތް އުޖާލާކޮށްދޭ ކަމެކެވެ.

ހައެއް: އެއީ ރިޒުޤު ތަނަވަސްވާ ކަމެކެވެ.

ހަތެއް: އެއީ އިސްލާމްދީނުގެ ރޫޙް ކަމުގައިވާ، އަދި އުފާވެރިކަމާއި ދިންނެވުން އޭގެ މައްޗަށް ހުއްޓިފައިވާ މުހިއްމު ތަނބު ކަމުގައިވާ، މާތް ﷲ ދެކެ ލޯބިވުން، ހިތަށް ވައްދައިދޭ ކަމެކެވެ.

އަށެއް: އެއީ އިޙްސާންތެރިވުމުގެ މަތިވެރި ދަރަޖައަށް ދިއުމަށްޓަކައި، މުހިއްމު ކަމެއް ކަމުގައިވާ، ﷲ ބައްލަވައިވޮޑިގެންވާކަން ހަނދާންކޮށްދޭ ކަމެކެވެ. ޛިކުރު ނުކޮށް ޣާފިލްވެފައި ހުންނަ މީހަކަށް އިޙްސާންތެރިކަމާ ހަމައަށް ވާސިލްވުމަކީ ވާނެ ކަމެއް ނޫނެވެ.

ނުވައެއް: އެއީ ﷲ އަށް ތައުބާވެ، އެ ކަލާނގެ އަށް ރުޖޫޢަވުން ވާރުތަކޮށްދޭ ކަމެކެވެ.

ދިހައެއް: އެއީ ﷲ އާ ކުއްތަންކޮށްދޭ ކަމެކެވެ. މާތް ﷲ ޛިކުރު ކުރާ މިންވަރަކުން އޭނާ، އެ ކަލާނގެއާ ކުއްތަން ވާނެއެވެ. ޣާފިލްވާ މިންވަރަކުން އޭނާ، އެ ކަލާނގެއާ ދުރުވާނެއެވެ.

އެގާރަ: އެއީ މާތް ﷲ އޭނާ މަތިން ހަނދުމަކުރައްވާނެ ކަމެކެވެ. فَاذْكُرُونِي أَذْكُرْكُمْ وَاشْكُرُواْ لِي

މާނަ: ފަހެ އެހެން ކަމުން، ތިޔަބައި މީހުން ތިމަން ރަސްކަލާނގެ މަތިން ހަނދުމަކުރާށެވެ. އޭރުން ތިމަން ރަސްކަލާނގެ ތިޔަބައި މީހުން މަތިން ހަނދުމަކުރައްވާނެ ހުށީމެވެ.'' (އަލްބަޤަރާ:152)

عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏قَالَ : ‏ قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَقُولُ اللَّهُ عَزَّ وَجَلَّ ‏ ‏أَنَا عِنْدَ ظَنِّ عَبْدِي بِي وَأَنَا مَعَهُ حِينَ يَذْكُرُنِي إِنْ ذَكَرَنِي فِي نَفْسِهِ ذَكَرْتُهُ فِي نَفْسِي وَإِنْ ذَكَرَنِي فِي مَلَإٍ ذَكَرْتُهُ فِي مَلَإٍ هُمْ خَيْرٌ مِنْهُمْ وَإِنْ تَقَرَّبَ مِنِّي شِبْرًا تَقَرَّبْتُ إِلَيْهِ ذِرَاعًا وَإِنْ تَقَرَّبَ إِلَيَّ ذِرَاعًا تَقَرَّبْتُ مِنْهُ بَاعًا وَإِنْ أَتَانِي يَمْشِي أَتَيْتُهُ هَرْوَلَةً

މާނަ: ''އަބޫ ހުރައިރާ -ރަޟިޔައްﷲ ޢަންހު- ގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. "ތިމަންރަސްކަލާނގެ އާ މެދު އަޅާ އުއްމީދުކުރާ -ހީކުރާ- ގޮތެއްގައި، ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ ހަނދުމަކުރާހިނދު، ތިމަންރަސްކަލާނގެ ވޮޑިގެންވަނީ އޭނާއާ އެކުގައެވެ. އޭނާ ތިމަންރަސްކަލާނގެ މަތިން ހަނދުމަކުރީ، އޭނާގެ އަމިއްލަ ނަފްސާ ދެމެދުގައި ކަމަށްވާނަމަ، ތިމަންރަސްކަލާނގެ ވެސް ތިމަންރަސްކަލާނގެ ޒާތުފުޅުގައި އޭނާ މަތިން ހަނދުމަކުރައްވާހުށީމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ މަތިން ހަނދުމަ ކުރީ، ޖަމާޢަތެއްގައި ނަމަ، އެއަށް ވުރެ ހެޔޮޖަމާޢަތެއްގެ ތެރޭގައި އޭނާ މަތިން ހަނދުމަކުރައްވާހުށީމެވެ. އޭނާ ތިމަންރަސްކަލާނގެ އާ ކައިވަތަކަށް ކުއްތަންވިއްޔާ، ތިމަންރަސްކަލާނގެ އޭނާއާ މުށެއް ކުއްތަންވެވޮޑިގަންނަވާނަމެވެ. އަދި އޭނާ ތިމަންރަސްކަލާނގެ އާ މުށަކަށް ކުއްތަންވިއްޔާ، ތިމަންރަސްކަލާނގެ އޭނާއާ ބޮމައަކަށް ކުއްތަންވެވޮޑިގަންނަވާނަމެވެ. އަދި އޭނާ ތިމަންރަސްކަލާނގެއާ ކުއްތަންވުމަށްޓަކައި ހިނގާފައި އަތުވެއްޖެނަމަ، ތިމަންރަސްކަލާނގެ އަވަސްފިޔަވަޅުތަކެއްގައި އޭނާއާ ކުއްތަންވެވޮޑިގަންނަވާނަމެވެ. (ޞަޙީޙް އަލްބުޚާރީ: 6970. ޞަޙީޙް މުސްލިމް:2675، ދުޢާ އާ ޛިކުރު ކުރުމާ ﷲ އާ ކުއްތަންވުމުގެ ހެޔޮކަމުގެ ބާބު.)

ނޯޓް: މި ޙަދީޘްގެ މާނައިގައި ހިމެނޭ ބައެއް ވާހަކަތަކަކީ ތަންކޮޅެއް ތަފްޞީލު ކުރަން ޖެހޭ ވާހަކައަކަށް ވާތީ ނޯޓެއްގެ ސިފައިގައި އެ ވާހަކަ ލިޔެލަމެވެ:-

(މަތީގައި އެ ވަނީ މި ޙަދީޘްގެ ލަފްޒީ މާނައެވެ. ޙަދީޘްގެ ޖުމްލަ މާނައަކީ، މާތްﷲ އާ މެދު އެ މީހަކު ދެކޭ ގޮތަކަށް، މާތް ﷲ އެ މީހަކާ މެދު ކަންތައް ކުރައްވާނެ ކަމެވެ. ރަޙްމަތަށް އެދިއްޖެއްޔާ ރަޙްމަތް ލައްވާނެއެވެ. ތައުބާވެއްޖެއްޔާ ތައުބާކުރައްވާނެއެވެ. ﷲ ގެ ރަޙްމަތާ މެދު މާޔޫސްވެއްޖެއްޔާ، އޭނާއަށް ދިމާކުރައްވާނީ އެ ގޮތެވެ. މާތް ﷲ ޛިކުރު ނުކޮށް ޣާފިލުވެގެންފިއްޔާ، މާތް ﷲ ވެސް އޭނާ ހަނދުމަނެތިކޮށްލައްވާނެއެވެ. ހަނދުމަނެތިކޮށްލައްވާނީ، އެ ކަލާނގެ ރަޙްމަތުންނެވެ. އެ ކަލާނގެ ތައުފީޤުންނެވެ. ނަމަވެސް އޭނާ ކުރާ ކަންތަކާއި އުޅޭ ގޮތް އެ ކަލާނގެ އަބަދުވެސް ދެކެވޮޑިގެންވާނައެވެ. ކާފިރެކޭ މުސްލިމެކޭ މުޙުސިނެކޭ މުނާފިޤެކޭ މި ދާއިރާގައި ތަފާތެއް ނުވާނެއެވެ. އެހެނީ ދުނިޔޭގައިވާހާ ކަމެއް ހިނގަނީ އެ ކަލާނގެ ބެއްލެވުމުގެ ދަށުން، އެ ކަލާނގެ ޢިލްމުފުޅާއިލައިގެންނެވެ.

ދެން މި ޙަދީޘްގައި އޮތް ވާހަކައަކީ، މީހަކު އެ ކަލާނގެ މަތިން ހަނދުމަކޮށްފިއްޔާ، އެ ކަލާނގެ ވެސް އޭނާ މަތިން ހަނދުމަކުރައްވާ، އެ ކަލާނގެ ރަޙްމަތާއި އޯގާތެރިވަންތަކަން އެ މީހަކަށް ލައްވާނެކަމެވެ. އޭނާ ހަނދުމަކުރަނީ އެކަނި ހުރެގެން ކަމަށް ވަންޏާ، މާތް ﷲ އެކަލާނގެ ޒާތުފުޅަށް އެކަން ދެނެވޮޑިގަންނަވާނެއެވެ. ނަމަވެސް ގިނަބައެއް ތިބޭ ތަނެއްގައި، މިސާލަކަށް ޢިލްމީ ދަރުސެއްގައި، މިސްކިތުގައި، ވަޣްޡުގައި އެ ކަލާނގެ މަތިން މީހަކު ހަނދުމަކޮށްފިއްޔާ، މާތް ﷲ އެ ވާހަކަ މަލާއިކަތް ބޭކަލުންނަށް އަންގަވައި، އެ މީހެއްގެ ނަން މަލާއިކަތް ބޭކަލުންގެ މަޖްލިހުގައި ޛިކުރުކުރައްވާނެއެވެ.

ދެން އޮތް ވާހަކައަކީ، ﷲގެ ޙަޟްރަތާ ކުއްތަންވުމުގެ ވާހަކައެވެ. އެ ކަލާނގެއަށް ކިޔަމަންތެރިވެ އަޅުކަން ކުރާވާހަކައެވެ. މީހަކު މި ކަން އެދޭ ވަރަކަށް މާތް ﷲ ވެސް އެކަން އެދިވޮޑިގަންނަވާނެއެވެ. ﷲގެ ޙަޟްރަތާއި ދުރަށް ދާ މީހަކާ، އެ ކަލާނގެ ރަޙްމަތާއި ތައުފީޤު ދެއްވުން ވެސް ދުރުވާނެއެވެ. އެ ކަލާނގެ ދެކެ ލޯބިވާ ވަރަކަށް އެ ކަލާނގެ ވެސް އެ މީހަކު ދެކެ ލޯބިވެވޮޑިގަންނަވާނެއެވެ. އަޅުކަމެއް ކުރުމުން އަދި ﷲ އާ ކުއްތަންވުމުން މާތް ﷲ އޭނާއަށް ލައްވާ ރަޙްމަތާއި މަޤާމު ގުނަވެގެން ދާނެ ވާހަކައެވެ.

ދެން އޮތް ވާހަކައަކީ، ތައުބާއާއި ﷲ އަށް ރުޖޫޢަވުމުގެ ވާހަކައެވެ. މީހަކު އަވަހަށް ﷲ އަށް ރުޖޫޢަވެ ތައުބާ ވަންޏާ، ﷲ ވެސް އަވަހަށް އެމީހަކަށް ތައުބާކުރައްވައި ރަޙްމަތަށް ރުޖޫޢަކުރައްވާނެއެވެ. އަވަސްފިޔަވަޅުތަކެއްގައި ކުއްތަންވެވޮޑިގަންނަވާ ވާހަކައާއި، ކައިވަތަކަށް ނުވަތަށް މުށަކަށް ކުއްތަންވާ ވާހަކަ އަކީ އެއީ މަޖާޒީ ވާހަކަތަކެކެވެ. އެހެނީ މިފަދަ ސިފަތަކުން އަހަރެމެންގެ ސިކުނޑިއަށް އެނގޭ މާނައިގައި، މާތް ﷲ ސިފަ ނުކުރެވޭނެއެވެ. ވީމާ އަޅާ، މާތް ﷲ އާ ކައިވަތަކަށް ނުވަތަ މުށަކަށް ކުއްތަންވުން، އަދި ހިނގާފައި އައުމުގެ މާނައަކީ، ފަރުޟު އަޅުކަންތަކާއި ސުންނަތް އަޅުކަންތައް ކޮށްގެން، މާތް ﷲ އާ ކުއްތަންވުމެވެ. ދެން މި ކަންތައްތައް މާތް ﷲ އަށް ނިސްބަތް ކުރެވުމުން އޭގެ މާނައަކީ، އޭނާ ދެކެ މާތް ﷲ ރުއްސެވުމާއި، އަރިސްކުރެއްވުމާއި، އަދި ރަޙްމަތްލެއްވުމެވެ. މިސާލަކަށް ''އަދި އޭނާ ތިމަންރަސްކަލާނގެ އާ ކުއްތަންވުމަށްޓަކައި ހިނގާފައި އަތުވެއްޖެނަމަ، ތިމަންރަސްކަލާނގެ އަވަސްފިޔަވަޅުތަކެއްގައި ކުއްތަންވެވޮޑިގަންނަވާނަމެވެ.'' މި ތަންކޮޅުގެ މާނައަކީ މީހަކު ﷲ އަށް ރުޖޫޢަވެ އަޅުކަން ކުރުމުން، އޭނާ އަޅުކަން ކުރުމަށް އަވަސްވެގަތް ވަރަށް ވުރެ އަވަހަށް، މާތް ﷲ އޭނާއަށް ޘަވާބާއި ރަޙްމަތް ލައްވައެވެ. އޭނާ އަޅުކަން ކުރާ ވަރަށް ވުރެ އިތުރަށް ޘަވާބު ދެއްވައެވެ.)

ބާރަ: އެއީ އުނގެނުމުގެ ވަރަށް ތަނަވަސް ދޮރެއް އޭނާއަށް ހުޅުވިގެން ދާނެ ކަމެކެވެ. ޛިކުރު ކުރުން އިތުރު ކުރާ ވަރަކަށް، އޭނާއަށް އުނގެނެވޭ އެއްޗެހި އިތުރުވެއެވެ.

ތޭރަ: އެއީ އޭނާ ހިތުގައި އޭނާގެ ވެރި ރަސްކަލާނގެ އާ މެދު އޮންނަ ހައިބަތްތެރިކަމާއި މަތިވެރިކަން އިތުރުކޮށްދޭ ކަމެކެވެ. ނަމަވެސް ޣާފިލް މީހާގެ ހިތުގައި މިކަން ވަރަށް ކުޑަވެގެންދެއެވެ.

ސާދަ: އެއީ ހިތަށް ދިރުން ގެނެސްދޭ ކަމެކެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -ރަޙިމަހުއްﷲ- ވިދާޅުވެފައި ވެއެވެ:- ''މަހަށް ފެން ބޭނުންވާ ފަދައިން، ހިތަށް ޛިކުރު ކުރުން ބޭނުންވެއެވެ. މަސް ފެންގަނޑުން ނެރެލެވިއްޖެނަމަ އެއަށް ވާނީ ކިހިނެއްހެއްޔެވެ؟!!''

ފަނަރަ: އެއީ ހިތާއި ރޫޙުގެ ކޮއްތެވެ.

ސޯޅަ: އެއީ ހިތުގައި ޖަހާފައިވާ ދަމިލަ ފިލުވައިދޭ ކަމެކެވެ. ރިއްސާއި ލޮއި ފަދަ އެއްޗެހީގައި ދަމިލަ ޖަހާހެން، ހިތުގައި ވެސް ދަމިލަ ޖަހައެވެ. އެ ފިލުވޭނީ ޛިކުރުކޮށްގެންނެވެ. ޛިކުރު ކުރުމުން، ހުދު ބިއްލޫރި ގަނޑެއްފަދައިން އެ ސާފު ވެގެން ދެއެވެ. ޛިކުރު ކުރުން ހުއްޓޭ ހިނދު ދަމިލަ ޖަހައެވެ. އަނެއްކާ ޛިކުރު ކުރާ ހިނދު ސާފުވެދެއެވެ.

ހިތުގައި ދަމިލަ ޖަހަނީ ދެ ކަމަކުންނެވެ. އެއީ، ފާފައާއި ޣާފިލުކަމެވެ. އަނެއްކޮޅުން އެ ސާފު ވަނީ ވެސް ދެ ކަމަކުންނެވެ. އެއީ އިސްތިޣްފާރު ކުރުމާއި، ޛިކުރު ކުރުމެވެ.

ސަތާރަ: އެ މީހާ ގިނަ ވަގުތު ހުންނަނީ ޣާފިލްކަން މަތީގައި ކަމަށް ވަންޏާ، އޭނާ ހިތުގައި ޖަހާފައި ހުންނަ ދަމިލަ ވެސް ހުންނާނީ މަތިމައްޗަށް ޖަހާފައެވެ. ހިތުގެ އޮފުކަން ކެނޑި، ހިތުގައި ދަމިލަ ޖަހަން ފަށައިފިނަމަ، ކަންތައްތައް އޭނާއަށް ފެންނާނީ އެކޮޅުކޮޅުންނެވެ. ބާޠިލް ފެންނާނީ ޙައްޤު ކަމަށެވެ. ޙައްޤު ބާޠިލް ކަމަށެވެ. އެހެނީ މަތިމައްޗަށް ދަމިލަ ޖެހީމާ ހިތް އޮންނާނީ އަނދިރިވެފައެވެ. މި ގޮތަށް ހިތް އޮންނަތާ ގިނަ ދުވަސްވުމުން ހިތުގައި މަތިމައްޗަށް ދަމިލަ ޖަހައެވެ. އޭރުން އޭނާގެ ތަޞައްވަރު ފާސިދުވެ، އެނގުން ގޯސްވެއެވެ. ދެން އޭނާ ޙައްޤެއް ޤަބޫލެއް ނުކުރާނެއެވެ. އަދި މުންކަރާތަކާ ދެކޮޅެއް ނު ހަދަނާއެވެ. ފަހެ، މިއީ ހިތަށް ޖެހޭ އެންމެ ބޮޑު ބައްޔެވެ.

އަށާރަ: އެއީ ފާފަތައް އުނިވެ ފޮހެވިގެންދާ ކަމެކެވެ. ޛިކުރު ކުރުމަކީ ހެޔޮކަންތަކުގެ ތެރޭގައި ހިމެނޭ އެންމެ ހެޔޮކަންތަކުގެ ތެރެއިން ކަމެކެވެ. ފަހެ، ހެޔޮކަންތައްތަކަކީ ނުބައި ކަންތައްތަ ފޮހެލާ އެއްޗެކެވެ.

ނަވާރަ: އެއީ އަޅާ، މާތް ﷲ -ސުބުޙާނަހޫ ވަތަޢާލާ- އާ މެދު އޮންނަ އެކަނިވެރިކަން ފިލުވާދޭ ކަމެކެވެ. ފަހެ ޣާފިލުކަން މަތީގައިވާ މީހާ އާ މާތް ﷲ އާ ދެމެދު އުންސެއް ނޯވެއެވެ. ވީމާ މި އެކަނިވެރިކަން ފިލުވޭނެ ހަމައެކަނި ކަމަކީ ޛިކުރު ކުރުމެވެ.

ވިހި: އަޅާ، އޭނާ ހެއްދެވި މާތް ﷲ ޛިކުރުކޮށް، ތަސްބީޙަ ކިޔައި، ޙަމްދުކުރުމުން، އެ ކަމުގެ މަންފާ، އޭނާ ދަތި ކަމަކާ ކުރިމަތިވާ ދުވަހަކުން ލިބެއެވެ.

އެކާވީސް: ތަނަވަސް ކަމުގައި، އަޅާ، މާތް ﷲ -ސުބުޙާނަހޫ ވަތަޢާލާ- ޛިކުރުކޮށްފިނަމަ، ދަތިކަމުގައި، މާތް ﷲ، އޭނާ އަށް މަދަދު ދެއްވައެވެ.

ބާވީސް: އެއީ ﷲ ގެ ޢަޛާބުން މިންޖުވާ ކަމެކެވެ.

ތޭވީސް: އެއީ ހަމަހިމޭންކަމާއި ހިތްހަމަޖެހުން ހިތަށް ފައިބައި، މާތް ﷲ ގެ ރަޙްމަތްފުޅު އޭނާ ވަށައިގެން އޮޅާލެވި، މަލާއިކަތްބޭކަލުން އެ ތަނަށް ޙާޟިރުވެވަޑައިގަނެ، މާތް ﷲ ގެ ޙަޟްރަތުގައިވާ ބައެއްގެ ގާތުގައި އޭނާގެ ޛިކުރު ކުރެވޭނެ ކަމެކެވެ. މިއީ ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަހަރެމެނަށް ޚަބަރު ދެއްވާފައިވާ ކަމެކެވެ. (ޞަޙީޙް މުސްލިމް:2700 ބަލާ)

ސައުވީސް: އެއީ ޣީބަ ބުނުމާއި، ދެބަ އޮޑުވުމާއި، ދޮގު ހެދުމާއި، ހުތުރު ބަސް ބުނުމާއި، ބާޠިލް ވާހަކަ ދެއްކުމުން، ދޫ އެކަހެރި ކޮށްދޭ ކަމެކެވެ.

ފަންސަވީސް: ޛިކުރު ކުރެވޭ މަޖްލިހަކީ، މަލާއިކަތް ބޭކަލުން ވަޑައިގަންނަވާ މަޖްލިހެކެވެ. ކުޅިވަރާއި ޣާފިލްކަމުގެ މަޖްލިހަކީ، ޝައިޠާނުން އަންނަ މަޖްލިހެކެވެ.

ސައްބީސް: އެކަނި ހުރެ ޛިކުރުކޮށް ރޮއެފިނަމަ، އެއީ، މަޙްޝަރު ކުރެވޭ ދުވަހު މާތް ﷲ ގެ ޢަރްޝުގެ ހިޔާވަހިކަން ލިބުމުގެ ސަބަބަކަށް ވެއެވެ. އެ ދުވަހަކީ ހޫނުން ސަލާމަތް ވުމަށް، އެ ނުން ހިޔާވަހި ކަމެއް ނުލިބޭނެ ދުވަހެވެ.

ހަތާވީސް: ޛިކުރުކުރުމުގައި މަޝްޣޫލުވުމަކީ، ޛިކުރު ކުރާ މީހުންނަށް މާތް ދެއްވާ އެންމެ މޮޅު ދަރުމަ ލިބޭ ކަމެކެވެ.

އަށާވީސް: އެއީ އެންމެ ފަސޭހަ އަޅުކަމެވެ. އަދި އެއީ އެންމެ ފޮނި، އަދި އެންމެ ހެޔޮ އަޅުކަމެވެ. ފަހެ ދުލުން ކުރެވޭ ހަރަކާތަކީ، ގުނަވަނަކަށް ކުރެވޭނެ އެންމެ ލުއި އެންމެ ފަސޭހަ ހަރަކާތެވެ. ރެއަކާ ދުވާލު މީހެއްގެ ދުލުގެ ހަރަކާތް ހާ ގިނަ ހަރަކާތް، ހަށިގަނޑުގެ އެހެން ގުނަވަނަކުން ކުރަންވެއްޖެނަމަ އެ ގުނަވަނަކަށް އެކަން ކުޅަދާނަ ނުވީހެވެ.

ނަވާވީސް: އެއީ އޭނާއަށްޓަކައި ސުވަރުގޭގައި ގަހެއް އިންދޭނެ ކަމެކެވެ. ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވަނީ: مَنْ قَالَ سُبْحَانَ اللَّهِ الْعَظِيمِ وَبِحَمْدِهِ غُرِسَتْ لَهُ نَخْلَةٌ فِي الْجَنَّةِ

މާނަ: ''ހުރިހާ އުނި ސިފައަކާއި ކަމަކުން، މަތިވެރިވަންތަ މާތް ﷲ ހުސް ޠާހިރުވެވޮޑިގެންވެއެވެ. އަދި ހުރިހާ ޙަމްދެއް ހުރީ އެކަލާނގެއަށެވެ. މިފަދައިން ބުނެފި މީހަކަށް ސުވަރުގޭގައި ކަދުރު ރުކެއް އިންދިއްޖެއެވެ.'' (ރިވާކުރެއްވީ: ތިރްމިޛީ، ނަމްބަރު 3464. އަލްބާނީ ވަނީ ޞައްޙަ ކުރައްވާފައި. ޞަޙީޙް އައްތިރްމިޛީ ބަލާ)

ތިރީސް: އެއީ އެއަށް ކަނޑަ އެޅިފައިވާހާ ޘަވާބާއި ދަރުމަ، އެހެން އެއްވެސް ޢަމަލަކަށް ކަނޑައެޅިފައި ނުވާ ކަމެކެވެ.

އެއްތިރީސް: ﷲ ޛިކުރު ކުރުން މަތީ ދެމިހުރުމަކީ، އޭނާގެ ދޫ ރައްކާތެރި ކުރެވޭނެ ކަމެކެވެ. ދުލަކީ މީހާގެ ދުނިޔެއާއި އާޚިރަތުގެ ހަލާކަކަށް ވެގެން ހިނގައިދާ އެއްޗެކެވެ. ﷲ ގެ ރަސްކަންފުޅު ހަނދުމަނެތިކޮށްލުމަކީ، އަމިއްލަ ނަފްސާއި އޭގެ މަސްލަހަތަކީ ކޮބައިކަން ވެސް ހަނދާންނެތިދާ ކަމެކެވެ. މާތް ﷲ ވަޙީ ކުރައްވާފައިވާ ފަދައިންނެވެ. وَ لا تَكُونُوا كَالَّذِينَ نَسُوا اللَّهَ فَأَنسَاهُمْ أَنفُسَهُمْ أُوْلَئِكَ هُمُ الْفَاسِقُونَ

މާނަ: ''އަދި ﷲ ގެ ރަސްކަންފުޅު ހަނދުމަނެތިކޮށްލުމުގެ ސަބަބުން، ﷲ، އެ މީހުން ގެއްލެނި ކުރައްވާފައިވާ މީހުންނާއި އެއްގޮތް ބަޔަކަށް ކަލޭމެން ނުވާހުށި ކަމެވެ. އެ ކަހަލަ މީހުންނަކީ އުރެދުންތެރިންނެވެ.'' (އަލްޙަޝްރު:19)

ބައްތިރީސް: އެއީ އެނދުގައި އޮށޯވެ އޮވެގެން، ބާޒާރުގައި، ދުޅަހެޔޮ އިރު، ބަލި ހާލުގައި، ނިޢްމަތުގައި، ދަތިކަމުގައި، ކޮއްޅައް ހުރެގެން، އިށީނދެ އިނދެގެން، ދަތުރު މަތީގައި، އަދި ރަށުގައި ވެސް ކުރެވިދާނެ ކަމެކެވެ. ވީމާ ހުރިހާ ވަގުތެއްގައި ހުރިހާ ހާލެއް ޝާމިލު މި ނުން އަޅުކަމެއް ނެތެވެ.

ތެއްތިރީސް: ޛިކުރު ކުރުމަކީ، ޛިކުރު ކުރާ މީހާއަށް ދުނިޔޭގައިވާ ނޫރެކެވެ. އަދި އެއީ ޤަބުރުގައި އޭނާއަށް ވާ ނޫރެކެވެ. އަދި އެއީ އާޚިރަތުގައި، ޞިރާޠު މަގުން ހިނގާ އިރު އޭނާއަށް ވާ ނޫރެކެވެ.

ސައުރަތިރީސް: އެއީ ވިއްސިވިހާލި ވެފައިވާ އެއްޗެހި އެއްކޮށްދޭ، އެއްވެފައިވާ އެއްޗެހި ވިއްސިވިހާލި ކޮށްދޭ، ދުރު ކައިރިކޮށްދޭ، ކައިރި ދުރުކޮށްދޭ ކަމެކެވެ. އެ ގޮތުން، އޭނާގެ ހިތާއި އިރާދައަށް ލިބިފައިވާ ވިއްސިވިހާލިކަން ޛިކުރުކުރުމުން އެއްވެ ދެއެވެ. އަދި ހިތުގައި ފުނިޖެހި ގިނަވެފައިވާ ހިތާމަތަކާއި ދެރަކަން ވިއްސިވިހާލިކޮށްދެއެވެ. އޭނާ އާއި ދިމާކޮށްގެން ތިބޭ ޝައިޠާނާގެ އައުވާނުންގެ ބާރު ވިއްސިވިހާލިކޮށްދެއެވެ. ޛިކުރު ކުރުމުން، އާޚިރަތް ދުވަސް އޭނާގެ ހިތާއި ކައިރިވެ، އެ ދުވަހުގެ މަތިވެރިކަން އޭނާގެ ހިތަށް ވެރިވެއެވެ. އަދި ދުނިޔެ އަކީ އޭނާގެ ހިތާއި ދުރު އެއްޗަކަށް ހަދައި، ދުނިޔެއަކީ ކުޑަ ކުޑަ އަދި ނިކަމެތި އެއްޗަކަށް ވެއެވެ.

ފަންސަތިރީސް: ޛިކުރު ކުރުމަކީ ހިތް، ނިދިން ހޭލައްވާލާ ކަމެކެވެ. ހިތް ދެބަދޭތެރެއިން، ސަމާލުކަމަށް ނެރޭ ކަމެކެވެ. ނިދާފައި އޮންނަ ހިތަކަށް ފައިދާތަކާއި ޚަޒާނާތަކެއް ނުލިބޭނެއެވެ. އެފަދަ ހިތަކަށް ލިބޭނީ ގެއްލުމާއި ބަނގުރޫޓުކަމެވެ. ނަމަވެސް މިފަދަ ހިތެއް މާތް ﷲ މަތިން ޛިކުރުކޮށްފިއްޔާ، އޭނާގެ އުނިވަމުންދާ ޢުމުރާ މެދު ހޭވެރިކަން ޖެހޭނެއެވެ. އަދި ޢުމުރުން ފާއިތުވެ ދިޔަ ބައި އަނބުރާ ހޯދަން، އިތުރު ހެޔޮކަންތައް ކުރަން އެނގި، އެކަމަށް ހިތްވަރު ލިބޭނެއެވެ.

ސަތިރީސް: ޛިކުރު ކުރުމަކީ، އެއިން ހެޔޮ ކަންތައްތައް ލިއްބައިދޭ މޭވާ ގަހެކެވެ.

ސަތުތިރީސް: އެއީ މޫނު އަލިވެ، ޝަޚްޞިއްޔަތަށް ހައިބަތްތެރިކަމެއް ލިއްބައިދޭ ކަމެކެވެ.

އަށުތިރީސް: ޛިކުރު ކުރާ މީހާއަކީ މާތް ﷲ އާ އަރިސް މީހެކެވެ. މާތް ﷲ އަބަދުވެސް އެ ފަދަ މީހުންނަށް ތައުފީޤާއި، ނަޞްރު ދެއްވަން، އެ މީހުންނާ އެކު ވޮޑިގެންވެއެވެ. إِنَّ اللّهَ مَعَ الَّذِينَ اتَّقَواْ وَّالَّذِينَ هُم مُّحْسِنُونَ

މާނަ: ''ހަމަކަށަވަރުން މާތް ﷲ ވޮޑިގެންވަނީ ތަޤްވާވެރިވީ މީހުންނާ އެކުގައެވެ. އަދި، ހެޔޮކޮށް ކަންތައް ކުރާ މީހުންނާ އެކުގައެވެ. '' (އައްންޙްލު: 128)

وَإِنَّ اللَّهَ لَمَعَ الْمُحْسِنِينَ

މާނަ: އަދި ހަމަކަށަވަރުން މާތް ﷲ ވަނީ، އިޙްސާންތެރި އަޅުންނާ އެކުގައެވެ.'' (އަލްޢަންކަބޫތު: 69)

ޛިކުރު ކުރާ މީހުންނާ އެކު މާތް ﷲ ވޮޑިގެންވެއެވެ. އެގޮތުން ޤުދުސީ ޙަދީޘެއްގައި ވަނީ: أَنَا مَعَ عَبْدِي مَا ذَكَرَنِي وَتَحَرَّكَتْ بِي شَفَتَاهُ

މާނަ: ''ތިމަންރަސްކަލާނގެ މަތިން ހަނދުމަކޮށް، ދުލުކުރީގައި ތިމަންރަސްކަލާނގެ އިސްމުފުޅު ވާހާ ހިނދަކު، އަޅާއާ އެކު ތިމަންރަސްކަލާނގެ ވޮޑިގެންވާނަމެވެ.'' (ރިވާކުރެއްވީ: އަޙްމަދު، 2/540. އަލްބާނީ ވަނީ މި ޙަދީޘް ޞައްޙަ ކުރައްވާފައި. ޞަޙީޙުލް ޖާމިޢް ގެ ނަމްބަރު 1906 ބަލާ)

ނަވަތިރީސް: ޛިކުރު ކުރުމަކީ، އަޅުން މިނިވަންކުރުމާއި، މާތް ﷲ ގެ މަގުގައި ޖިހާދު ކުރުމާއި ފައިސާ ހޭދަ ކުރުމާއި، އެއްފަދަ ދަރަޖައެއްގެ ޘަވާބު ލިބޭ ކަމެކެވެ. لاَ إِلَهَ إِلَّا اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ

މި ދުޢާ ދުވާލަކު ސަތޭކަ ފަހަރު ކިޔައިފި މީހަކަށް ދިހަ އަޅުން މިނިވަން ކުރީމާ ލިބޭ ޘަވާބު ލިބި، ސަތޭކަ ހެޔޮކަން ލިޔެވި، ސަތޭކަ ފާފަ ފޮހެވޭނެ ކަމަށާއި، އަދި އިރު އޮއްސެން ދެން ޝައިޠާނާގެ ނުބައިކަމުން، އޭނާއަށް ލިބޭ ޙިމާޔަތެއް ކަމުގައި އެބަސް ވާނެ ކަމަށް، އޮންނަ ޙަދީޘެއް ޞަޙީޙް އަލްބުޚާރީގައި އޮވެއެވެ.

ދުޢާގެ މާނަ: ''ﷲ ފިޔަވާ، ޙައްޤު ގޮތުގައި އަޅުކަން ކުރެވޭ އެހެން އެއްވެސް އިލާހެއް ނުވެއެވެ. އެއީ އެއްކައުވަންތަ ކަލާނގެއެވެ. އެ ކަލާނގެއަށް ޝަރީކަކު ނުވެއެވެ. ހުރިހާ ބާރަކާއި މުލްކެއް ވަނީ އެ ކަލާނގެއަށެވެ. އަދި ހުރިހާ ޙަމްދެއް ހުރީ އެ ކަލާނގެއަށެވެ. އަދި އެ ކަލާނގެ އަކީ ހުރިހާ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.'' (ޞަޙީޙް އަލްބުޚާރީ: ނަމްބަރު6040. ތަހްލީލު ކިޔުމުގެ މޮޅުއިތުރުކަމުގެ ބާބު)

ސާޅީސް: ޝުކުރު ކުރުމުގެ ކުރިބޯއްޓަކީ ޛިކުރު ކުރުމެވެ. ފަހެ، ﷲ ހަނދުމަ ނުކުރާ މީހަކަށް އެ ކަލާނގެއަށް ޝުކުރުވެރި ނުވެވޭނެއެވެ. ޒައިދް ބިން އަސްލަމް ގެ ކިބައިން ބައިހަޤީ ރިވާ ކުރައްވާފައިވާ ގޮތުގައި، މާތް ﷲ ދެއްވި ގިނަ ގުނަ ނިޢްމަތްތަކަށް ގިނަގިނައިން ޝުކުރުވެރިވާނެ ގޮތެއް އަންގަވާ ދެއްވުން އެދި، މޫސާގެފާނު ﷲ ޙަޟްރަތުގައި އެދިވަޑައިގަތެވެ. އެ ހިނދު މާތް ﷲ ވަޙީ ކުރެއްވީ، ގިނަގިނައިން އެ ކަލާނގެ ޛިކުރު ކުރުމަށެވެ. އަދި ގިނަގިނައިން އެ ކަލާނގެ ޛިކުރު ކޮށްފިއްޔާ، ގިނަގިނައިން އެ ކަލާނގެ އަށް ޝުކުރު ކުރެވުނީ ކަމަށެވެ.

އެކާޅީސް: ތަޤްވާވެރިންގެ ތެރެއިން، މާތް ﷲ ގެ ޙަޟްރަތަށް އެންމެ އަރިސް ބަޔަކީ، ޛިކުރު ކުރުމުން އޭނާގެ ދޫ އަބަދުވެސް ތެއްކޮށް ބާއްވާ މީހާއެވެ. މި ފަދަ މީހަކީ ﷲ ގެ އަމުރުތަކާއި ނަހީތަކާމެދު އެންމެ ތަޤްވާވެރިވާ މީހެކެވެ. އަދި އޭނާގެ ޝިޢާރަކީ ﷲ ޛިކުރު ކުރުން ކަމަށް ހަދާ މިހެކެވެ. މީހާގެ ތަޤްވާވެރި ކަމުން އޭނާ ނަރަކައިން މިންޖުވެ، ސުވަރުގެ ލިބެއެވެ. އަދި ޛިކުރު ކުރުމުން އޭނާއަށް ﷲ އާ ކުއްތަން ދަރަޖައަކަށް ދެވެއެވެ. މަތިވެރި މަޤާމް ލިބެއެވެ.

ބަޔާޅީސް: ﷲ ޛިކުރު ކުރުމުން ނޫނީ މަޑު ނުވާނެ ހަރުކަމެއް ހިތުގައި ވެއެވެ. ވީމާ ހިތުގައިވާ ހަރުކަން މަޑު ކުރުމުގެ ފަރުވާއަކަށް ޛިކުރު ކުރަންޖެހޭނެއެވެ. އެއްފަހަރަކު މީހަކު، އޭނާގެ ހިތް ހަރު ކަމުގެ ވާހަކަ ޙަސަނުލް ބަޞްރީ އަރިހުގައި ދަންނަވައި ޝަކުވާކުރިއެވެ. ޖަވާބުގައި ޙަސަނުލް ބަޞްރީ ވިދާޅުވީ، ﷲ ޛިކުރުކޮށްގެން ހިތް މަޑު ކުރުމަށެވެ. އެހެނީ އިންސާނާ ﷲ އާ މެދު ޣާފިލްވާ ވަރަކަށް އޭނާގެ ހިތް ދާނީ ހަރުވެ ހިލަވަމުންނެވެ.

ތެޔާޅީސް: ޛިކުރު ކުރުމަކީ ހިތުގެ ޝިފާއެކެވެ. ފަރުވާއެކެވެ. އަނެއްކޮޅުން ހިތުގެ ބައްޔަކީ ޣާފިލް ކަމެވެ. ވީމާ ބަލިޖެހިފައިވާ ހިތްތަކުގެ ޝިފާ ވަނީ، ﷲ ޛިކުރު ކުރުމުގައެވެ. ޙަކީމަކު ވިދާޅުވެފައިވާ ބުއްދިވެރި ބަހެއްގައި ވަނީ، ﷲ ހަނދުމަކޮށް އެ ކަލާނގެ ނިޢްމަތްތަކަށް ޙަމްދާއި ޝުކުރު ކުރުމަކީ ޝިފާއެއް ކަމަށެވެ. އަދި މީސްމީހުން މަތިން ހަނދާންކޮށް އެ މީހުންގެ ވާހަކަ ދެއްކުމަކީ ބައްޔެއް -ޣީބައެއް- ކަމަށެވެ.

ސައުރަޔާޅީސް: ﷲ ދެކެ ލޯބިވުމުގެ އަސްލަކީ، އެ ކަލާނގެ ޛިކުރު ކުރުމެވެ. އެ ކަލާނގެ އާ ޢަދާވާތްތެރިވެގަތުމުގެ އަސްލަކީ، އެ ކަލާނގެ ހަނދާންނެތިކޮށް ޣާފިލުވުމެވެ. މީހަކު ﷲ ޛިކުރު ކުރުމުގައި ދެމިހުރެއްޖެނަމަ، އޭނާ އެ ކަލާނގެ ދެކެ ލޯބިވެ ކިޔަމަންތެރިވެއެވެ. މީހަކު ﷲ ހަނދާންނެތިކުރުމުގައި ދެމިހުރެއްޖެނަމަ، އޭނާ އެ ކަލާނގެއާ ޢަދާވާތެރިވެ ނުކިޔަމަންތެރިވެއެވެ.

ފަންސަޔާޅީސް: މާތް ﷲ ގެ ނިޢްމަތް ލިބި، އެ ކަލާނގެ ކޯފާއިން ދުރުވެވޭ، ޛިކުރު ކުރުން ފަދަ އެހެން ކަމެއް ނޯވެއެވެ. ސޫރަތު އިބްރާހީމް ގެ 7 ވަނަ އާޔަތުގެ މާނައިގައި ވަނީ ''ކަލޭމެން ނިޢްމަތަށް ޝުކުރުވެރިވެއްޖެނަމަ، ތިމަންރަސްކަލާނގެ ނިޢްމަތްތައް ކަލޭމެންނަށް އިތުރުކުރައްވާހުށީމެވެ.'' މިފަދައިންނެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، ޝުކުރު ކުރުމުގެ ކުރިބޯއްޓަކީ ޛިކުރު ކުރުމެވެ. ސަލަފު ބައެއް ބޭފުޅުން ވިދާޅުވެފައި އޮވެއެވެ. ''ކަލެއަށް ނިޢްމަތް ދެއްވަން ހަނދުމަފުޅުނެތި ނުކުރައްވާ ފަރާތެއް، ކަލޭ ހަނދުމަ ނުކުރުންހާ ހުތުރު ކަމެއް އެބަ އޮތް ހެއްޔެވެ؟''

ސަޔާޅީސް: ޛިކުރު ކުރުމަކީ، މާތް ﷲ އާއި އެ ކަލާނގެ މަލާއިކަތުންގެ ޞަލަވާތް އެ މީހަކަށް ލިބޭ ކަމެކެވެ. ޝައްކެއް ވެސް ނެތް ގޮތުގައި، މާތް ﷲ އާއި އެ ކަލާނގެ މަލާއިކަތުންގެ ޞަލަވާތް ލިބިއްޖެ މީހަކީ ބޮޑުވެގެންވާ ކާމިޔާބަކުން ކާމިޔާބެއް ލިބިއްޖެ މީހެކެވެ. އަލްއަޙްޒާބު ސޫރަތުގެ 41، 42، 43 ވަނަ އާޔަތުގެ މާނައިގައި ވަނީ:

''އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައި މީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން، މާތް ﷲ ހަނދުމަކޮށް އުޅޭށެވެ. * އަދި ހެނދުނާއި ހަވީރު، އެ ކަލާނގފެ ކިބަފުޅަށް ތަސްބީޙަ ކިޔައި އުޅޭށެވެ. * ތިޔަބައި މީހުންގެ މައްޗަށް ރަޙްމަތް ލައްވައި ޘަނާ ކިޔުއްވަނީ، އެ ކަލާނގެއެވެ. އަދި ތިޔަބައި މީހުންނަށް ޘަނާ ކިޔުއްވައި ދުޢާ ކުރައްވަނީ، އެ ކަލާނގެ މަލާއިކަތުންނެވެ. އެއީ ކާފިރުކަމުގެ އަނދިރި ކަމުގެ ތެރެއިން އީމާންކަމުގެ އަލީގެ ތެރެއަށް، ތިޔަބައި މީހުން ނެރުއްވުމަށްޓަކައެވެ. މުއުމިނުންނާ މެދު ރަޙްމަތްވަންތަ ކަލަކު ކަމުގައި އެ ކަލާނގެ ވެއެވެ.''

ވީމާ އަނދިރި ކަމުން އަލިކަމުގެ ތެރެއަށް އާދެވުމުގެ ސަބަބަކީ ﷲ އާއި އެ ކަލާނގެ މާލާއިކަތުންގެ ޞަލަވާތެވެ. ފަހެ އަނދިރި ކަމުން އަލިކަމުގެ ތެރެއަށް އާދެވުމަށް ވުރެ ހެޔޮކަންބޮޑު ކަމެއް އޮންނާނެހެއްޔެވެ؟

ސަތާޅީސް: ދުނިޔޭގައި ހުރެ، ސުވަރުގޭގެ ބަގީޗާއެއްގައި އުޅެން ބޭނުންވާ މީހަކު ވިއްޔާ، ޛިކުރު ކުރުމުގެ މަޖިލިހެއްގައި އިށީންނާށެވެ. ފަހެ އެއީ ސުވަރުގޭގެ ބަގީޗާއެކެވެ. ތިރްމިޛީއާއި އަޙްމަދު އަނަސް ބިން މާލިކްގެ ކިބައިން ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ‏إِذَا مَرَرْتُمْ بِرِيَاضِ الْجَنَّةِ ‏ ‏فَارْتَعُوا ‏ ‏قَالُوا وَمَا رِيَاضُ الْجَنَّةِ قَالَ حِلَقُ الذِّكْرِ

މާނަ: ''ކަލޭމެން ސުވަރުގޭގެ ބަގީޗާތަކަށް ގޮސްފިނަމަ، ސުބްޙާނަﷲ ވަ އަލްޙަމްދު ލިއްﷲ ވަ ލާއިލާހަ އިއްލަﷲ ވަ ﷲ އަކްބަރު'' އޭ ކިޔާށެވެ. އެ މީހުން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ސުވަރުގޭގެ ބަގީޗާއަކީ ކޮބައިތޯއެވެ؟ އެ ކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. އެއީ ޛިކުރު ކުރެވޭ މަޖްލިހެވެ.''

ނޯޓު: ޛިކުރު ކުރެވޭ މަޖްލިހުގެ މާނައަކީ ފަހަރެއްގައިވެސް ބިދްޢަ ކަންތައްތައް ކުރެވޭ ޞޫފީ މަޖްލިސް ތަކެއް ނޫނެވެ. އޭގެ މާނައަކީ މިސްކިތްތަކާއި ޝަރްޢީ ޢިލްމު އުނގެނޭ ތަންތަނާއި، ވަޢްޡާއި އިރުޝާދު ދެވޭ މަޖްލިސްތަކެވެ.

އަށާޅީސް: ޛިކުރު ކުރެވޭ މަޖްލިސްތަކަކީ މަލާއިކަތް ބޭކަލުން ވަޑައިގަންނަވާ މަޖްލިސްތަކެކެވެ. މާތްﷲ ހަނދުމަ ކުރެވޭ މަޖްލިސްތައް ފިޔަވައި، މަލާއިކަތުން ވަޑައިގަންނަވާ އެހެން މަޖްލިހެއް މި ދުނިޔެއަކު ނުވެއެވެ. އަބޫ ހުރައިރާ ރިވާ ކުރައްވާފައިވާ، ޞަޙީޙް އަލްބުޚާރީ އަދި ޞަޙީޙް މުސްލިމްގައި ވާ ޙަދީޘެއްގައި ވެއެވެ. قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِنَّ لِلَّهِ مَلَائِكَةً يَطُوفُونَ فِي الطُّرُقِ يَلْتَمِسُونَ أَهْلَ الذِّكْرِ فَإِذَا وَجَدُوا قَوْمًا يَذْكُرُونَ اللَّهَ تَنَادَوْا هَلُمُّوا إِلَى حَاجَتِكُمْ قَالَ فَيَحُفُّونَهُمْ بِأَجْنِحَتِهِمْ إِلَى السَّمَاءِ الدُّنْيَا قَالَ فَيَسْأَلُهُمْ رَبُّهُمْ وَهُوَ أَعْلَمُ مِنْهُمْ مَا يَقُولُ عِبَادِي قَالُوا يَقُولُونَ يُسَبِّحُونَكَ وَيُكَبِّرُونَكَ وَيَحْمَدُونَكَ وَيُمَجِّدُونَكَ قَالَ فَيَقُولُ هَلْ رَأَوْنِي قَالَ فَيَقُولُونَ لَا وَاللَّهِ مَا رَأَوْكَ قَالَ فَيَقُولُ وَكَيْفَ لَوْ رَأَوْنِي قَالَ يَقُولُونَ لَوْ رَأَوْكَ كَانُوا أَشَدَّ لَكَ عِبَادَةً وَأَشَدَّ لَكَ تَمْجِيدًا وَتَحْمِيدًا وَأَكْثَرَ لَكَ تَسْبِيحًا قَالَ يَقُولُ فَمَا يَسْأَلُونِي قَالَ يَسْأَلُونَكَ الْجَنَّةَ قَالَ يَقُولُ وَهَلْ رَأَوْهَا قَالَ يَقُولُونَ لَا وَاللَّهِ يَا رَبِّ مَا رَأَوْهَا قَالَ يَقُولُ فَكَيْفَ لَوْ أَنَّهُمْ رَأَوْهَا قَالَ يَقُولُونَ لَوْ أَنَّهُمْ رَأَوْهَا كَانُوا أَشَدَّ عَلَيْهَا حِرْصًا وَأَشَدَّ لَهَا طَلَبًا وَأَعْظَمَ فِيهَا رَغْبَةً قَالَ فَمِمَّ يَتَعَوَّذُونَ قَالَ يَقُولُونَ مِنْ النَّارِ قَالَ يَقُولُ وَهَلْ رَأَوْهَا قَالَ يَقُولُونَ لَا وَاللَّهِ يَا رَبِّ مَا رَأَوْهَا قَالَ يَقُولُ فَكَيْفَ لَوْ رَأَوْهَا قَالَ يَقُولُونَ لَوْ رَأَوْهَا كَانُوا أَشَدَّ مِنْهَا فِرَارًا وَأَشَدَّ لَهَا مَخَافَةً قَالَ فَيَقُولُ فَأُشْهِدُكُمْ أَنِّي قَدْ غَفَرْتُ لَهُمْ قَالَ يَقُولُ مَلَكٌ مِنْ الْمَلَائِكَةِ فِيهِمْ فُلَانٌ لَيْسَ مِنْهُمْ إِنَّمَا جَاءَ لِحَاجَةٍ قَالَ هُمْ الْجُلَسَاءُ لَا يَشْقَى بِهِمْ جَلِيسُهُمْ

މާނަ: ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ''ﷲ ޛިކުރު ކުރާ މީހުން ހޯދުމަށްޓަކައި، މަގުތަކުގައި ހިނގަ ހިނގާ ތިއްބަވާ މަލާއިކަތުންތަކެއް މާތް ﷲ އަށް ވެއެވެ. ދެން ﷲ ޛިކުރު ކުރަން ތިބި ބަޔަކު އެ މަލާއިކަތުންނަށް ފެނިވަޑައިގެންފިނަމަ، ތި ބޭކަލުންގެ މަޤްޞަދަށް އަވަހަށް ވަޑައިގަންނަވާށޭ ވިދާޅުވެ، މަލާއިކަތުން އެއްބޭކަލުން އަނެއް ބޭކަލުންނަށް ގޮވާލައްވައެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''ދެން އެ މަލާއިކަތުން ދުނިޔޭގެ އުޑާއި ޖެހެންދެން އެ ބޭކަލުންގެ ފިޔަކޮޅުތައް، ޛިކުރު ކުރަން ތިބި މީހުން ވަށަލައްވައިގެން ތިއްބަވައެވެ. ދެން ޛިކުރު ކުރި މީހުން ބުނި އެއްޗެއް މަލާއިކަތް ބޭކަލުންނަށް ވުރެ ބޮޑަށް، ދެނެވޮޑިގަތުމާއެކުވެސް މާތް ﷲ ސުވާލު ކުރައްވާނެއެވެ.'' ''ތިމަންރަސްކަލާނގެ އަޅުން ބުނީ ކީކޭހެއްޔެވެ؟'' މަލާއިކަތްބޭކަލުން ދަންނަވައެވެ. ''އެ މީހުން އިބަ ރަސްކަލާނގެއަށް ތަސްބީޙަ ކިޔައި ތަކުބީރު ކިޔައި ޙަމްދުކޮށް، އިބަރަސްކަލާނގެ މަތިވެރި ކުރަނީއެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ދެން މާތް ﷲ ވަޙީ ކުރައްވައެވެ. ''އެ މީހުންނަށް ތިމަންރަސްކަލާނގެ ފެނުނު ހެއްޔެވެ؟'' ދެން މަލާއިކަތްބޭކަލުން ދަންނަވައެވެ. ''ނޫނެކެވެ. އިބަ ރަސްކަލާނގެ ގަންދީ ބުނަމެވެ. އެ މީހުންނަށް އިބަ ރަސްކަލާނގެ ނުފެނެއެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ދެން މާތް ﷲ ވަޙީ ކުރައްވައެވެ. ''ފަހެ އެ މީހުންނަށް ތިމަންރަސްކަލާނގެ ފެނިއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މަލާއިކަތްބޭކަލުން ދަންނަވައެވެ. ''އެ މީހުންނަށް އިބަރަސްކަލާނގެ ފެނިއްޖެނަމަ އެ މީހުން އިބަ ރަސްކަލާނގެ އަށް ކުރާ އަޅުކަމާއި، މަތިވެރި ކުރުމާއި، ޙަމްދު ކުރުމާއި ތަސްބީޙަ ކިޔުން، މާ ބޮޑަށް އިތުރު ކުރާ ބަޔަކު ކަމުގައި ވާނެއެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ދެން މާތް ﷲ ވަޙީ ކުރައްވައެވެ. ''ފަހެ އެ މީހުން ތިމަންރަސްކަލާނގެ ޙަޟްރަތުން އެދެނީ ކޮންކަމަކަށް ހެއްޔެވެ؟'' މަލާއިކަތުން ދަންނަވައެވެ. ''އެ މީހުން އިބަ ރަސްކަލާނގެ ޙަޟްރަތުން އެދެނީ ސުވަރުގެއެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ދެން މާތް ﷲ ވަޙީ ކުރައްވައެވެ. ''އެ މީހުންނަށް ސުވަރުގެ ފެނުނުހެއްޔެވެ؟'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މަލާއިކަތުން ދަންނަވައެވެ. ''ނޫނެކެވެ. ގަންދީ ބުނަމަވެ. އޭ ވެރިރަސްކަލާނގެއެވެ. އެ މީހުންނަކަށް ސުވަރުގެ ނުފެނެއެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ދެން މާތް ﷲ ވަޙީ ކުރައްވައެވެ. ''ފަހެ އެ މީހުންނަށް ސުވަރުގެ ފެނިއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މަލާއިކަތްބޭކަލުން ދަންނަވައެވެ. ''އެމީހުންނަށް ސުވަރުގެ ފެނިއްޖެނަމަ، ސުވަރުގެ ހޯދަން އެމީހުން ފަރުވާތެރިވާލެއް މާ ބޮޑުވާނެއެވެ. އެއަށް އެދޭ މިންވަރު ވަރުގަދަވާނެއެވެ. އަދި އެއާ މެދު އެ މީހުންގެ ހިތުގައިވާ އެދުން ބޮޑުވާނެއެވެ.'' މާތް ﷲ ވަޙީ ކުރައްވައެވެ. ''ފަހެ އެ މީހުން ރައްކާތެރިކަން އެދެނީ ކޮން ކަމަކުން ހެއްޔެވެ؟'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މަލާއިކަތް ބޭކަލުން ދަންނަވާނެއެވެ. ''އެ މީހުން ރައްކާތެރިކަން އެދެނީ ނަރަކައިންނެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މާތްﷲ ވަޙީކުރައްވައެވެ. ''އެ މީހުންނަކަށް ނަރަކަ ފެނުނުހެއްޔެވެ؟'' މަލާއިކަތުން ދަންނަވައެވެ. ''ނޫނެކެވެ. ގަންދީ ބުނަމަވެ. އޭ ވެރިރަސްކަލާނގެއެވެ. އެ މީހުންނަކަށް ނަރަކަ ނުފެނެއެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މާތް ﷲ ވަޙީކުރައްވައެވެ. ''އެ މީހުންނަށް ނަރަކަ ފެނިއްޖެނަމަ ވާނީ ކިހިނެއްހެއްޔެވެ؟'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މަލާއިކަތް ބޭކަލުން ދަންނަވައެވެ. ''އެ މީހުންނަށް ނަރަކަ ފެނިއްޖެނަމަ، ފިލޭ އެންމެ ބާރަކަށް އެ މީހުން ނަރަކައަށް ފިލާނެއެވެ. އަދި ގަންނާނެ އެންމެ ބޮޑަކަށް އެ މީހުން ނަރަކަ ދެކެ ބިރު ގަންނާނެއެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. ''ފަހެ އެ މީހުންނަށް ތިމަންރަސްކަލާނގެ ޢަފޫ ކުރައްވިކަމަށް، ތިޔަބޭކަލުން ހެކިކުރައްވަމެވެ.'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ. މަލާއިކަތްބޭކަލުންގެ ތެރެއިން މަލާއިކަތެއް ދަންނަވައެވެ. ''އެ ތާނގައި އެ މީހުންގެ ތެރޭގައި ނުހިމެނޭ މިވެނި މީހަކި ހުއްޓެވެ. އޭނާ އައިސްފާހުރީ އަމިއްލަ ބޭނުންތަކެއް ފުއްދުމަށެވެ.'' މާތް ﷲ ވަޙީ ކުރައްވައެވެ. ''އެ މީހުންނަކީ އެ މީހުންނާ އެކުގައިވާ މީހަކަށް ދެރަކަމެއް ނެތް ބައެކެވެ. '' (ޞަޙީޙް އަލްބުޚާރީ: ނަމްބަރު 6045، ﷲ ޛިކުރު ކުރުމުގެ މަތިވެރިކަމުގެ ބާބު)

ނަވާޅީސް: ޛިކުރު ކުރާ މީހުންންގެ މޮޅުއިތުރުކަމާއި، އެ މީހުންގެ ރަނގަޅު ކަމުގެ ވާހަކަ، މާތް ﷲ މަލާއިކަތުންނަށް ވަޙީކުރައްވައި، އެ މީހުންނާމެދު މާތް ﷲ ފަޚްރުވެރިވެވޮޑިގަންނަވައެވެ. ފަހެ ޛިކުރު ކުރާ މީހުންނާ މެދު، މާތް ﷲ ފަޚްރުވެރިވެވޮޑިގެންނެވުމުން ދޭހަވަނީ، ޛިކުރު ކުރުމަކީ އެ ކަލާނގެ ޙަޟްރަތުގައި މޮޅު އިތުރު ކަމެއް ކަމެވެ.

އަބޫ ސަޢީދުލް ޚުދްރީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި އޮވެއެވެ. ޞަޙާބީބޭކަލުން އެއްވެލައްވައިގެން ތިއްބެވި ބުރެއް ގާތަށް، ކީރިތި ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ވަޑައިގެން، އެ ބޭކަލުން އެތާ ތިއްބެވީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ. އެ ބޭކަލުން އެތާ ތިއްބެވީ، އެ ބޭކަލުންނަށް މާތް ﷲ އިސްލާމްދީނުގެ މަތިވެރި ނިޢްމަތް ދެއްވިކަން މައްޗަށް ޝުކުރުވެރިވެ، އެ ކަލާނގެއަށް ޙަމްދުކޮށް ޛިކުރު ކުރުމަށް ކަމަށް، ޖަވާބުގައި ދެންނެވިއެވެ. އެ ހިނދު، އެތާ އެ ބޭކަލުން ތިއްބެވި ސަބަބު މާތް ﷲ ގަންދީ ވިދާޅުވުމަށް ރަސޫލާ އެދިވަޑައިގަތެވެ. ﷲ އަށް ޝުކުރުވެރިވެ، އެ ކަލާނގެއަށް ޙަމްދުކޮށް ޛިކުރު ކުރުން ފިޔަވާ އެހެން ކަމެއް ކުރަން ނޫން ކަމަށް، އެ ބޭކަލުން ހުވާކޮށް ދެންނެވިއެވެ. އެ ހިނދު ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''ތިޔަ ބޭކަލުން ލައްވާ ތިމަންކަލޭގެފާނު ހުވާ މި ކުރުއްވަނީ، ތި ބޭކަލުންނާ މެދު ކުރައްވާ ތުހުމަތެއްގެ ސަބަބަކުން ނޫނެވެ. އެކަމަކު، ޖިބްރީލްގެފާނު ތިމަންކަލޭގެފާނު އަރިހަށް ވަޑައިގެން، ތި ބޭކަލުންގެ މޮޅުއިތުރުކަމާއި، ރަނގަޅު ކަމުގެ ވާހަކަ، މާތް ﷲ މަލާއިކަތުންނަށް ވަޙީކުރައްވައި، ތި ބޭކަލުންނާ މެދު މާތް ﷲ ފަޚްރުވެރިވެވޮޑިގަންނަވާ ވާހަކަ، ވިދާޅުވުމުންނެވެ.'' (ޞަޙީޙް މުސްލިމް: ނަމްބަރު 2701. ޛިކުރު ކުރުމާއި ޤުރުއާން ކިޔެވުމަށް ޖަމާވުމުގެ މަތިވެރިކަމުގެ ބާބު)

ފަންސާސް: ހުރިހާ އަޅުކަމެއް ޝަރުޢު ކުރެވިފައި ވަނީ ވެސް، ޛިކުރު ކުރުމަށްޓަކައެވެ. وَأَقِمِ الصَّلَاةَ لِذِكْرِي

''އަދި ތިމަންރަސްކަލާނގެ މަތިން ހަނދުމަކުރުމަށްޓަކައި، ނަމާދު ޤާއިމުކުރާށެވެ.'' (ސޫރަތު ޠާހާ:14)

اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاء وَالْمُنكَرِ وَلَذِكْرُ اللَّهِ أَكْبَرُ وَاللَّهُ يَعْلَمُ مَا تَصْنَعُونَ 

''ކަލޭގެފާނަށް ބާވައިލެއްވުނު ޤުރުއާން ކިޔަވާ ވިދާޅުވާށެވެ. އަދި ނަމާދު ޤާއިމު ކުރައްވާށެވެ. ހަމަކަށަވަރުން ނަމާދު، ފާޙިޝް ކަންތައްތަކާއި މުންކަރާތްތައް ނަހީކުރެއެވެ. މާތް ﷲ ހަނދާންކުރުމަކީ، މާތްކަމާއި ހެޔޮކަން ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައި މީހުން ކުރާ ކަންތައްތައް މާތް ﷲ ދެނެވޮޑިގެންވެއެވެ.'' (އަލްޢަންކަބޫތު: 45)

އެކާވަންނަ: ކޮންމެ އަޅުކަމެއް ކުރާ ބައެއްގެ ތެރެއިން ވެސް އެންމެ ހެޔޮކަން ބޮޑު ބަޔަކީ، އެ އަޅުކަމުގައި އެންމެ ގިނައިން ޛިކުރު ކުރާ ބައެކެވެ. އެ ގޮތުން ރޯދައިގައި އެންމެ ހެޔޮކަން ބޮޑު ބަޔަކީ ރޯދަ ހިފައިގެން ތިބެ އެންމެ ގިނައިން ޛިކުރު ކުރާ ބައެކެވެ. ޙައްޖުވެރިންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ބަޔަކީ ޙައްޖުގައި ތިބެ އެންމެ ގިނައިން ޛިކުރު ކުރާ ބައެކެވެ. ޞަދަޤާތް ދޭ މީހުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ބަޔަކީ ޞަދަޤާތް ދިނުމުގައި އެންމެ ބޮޑަށް ޛިކުރު ކުރާ މީހުންނެވެ. ހުރިހާ އަޅުކަމެއް ވެސް މި ބީދައިން ބަލާށެވެ.

ބާވަންނަ: ޛިކުރު ކުރުން މަތީ ދެމިހުރުމަކީ، ސުންނަތް ކަންތައްތަކުގެ ބަދަލެކެވެ. އެއީ ހަށިގަނޑުގެ، ނުވަތަ މުދަލުން، ނުވަތަ ފަރުޟު ނޫން ޙައްޖު ފަދަ ހަށިގަނޑާއި މުދަލުން ވެވޭ އަޅުކަމަކަށް ވިޔަސް ވެހެވެ. އަބޫ ހުރައިރާ ރިވާ ކުރައްވާފައިވާ ޙަދީޘުން މިކަން ނިކަން ރަނގަޅަށް އެނގެއެވެ. އަބޫ ހުރައިރާ ރިވާ ކުރެއްވިއެވެ.  جَاءَ الْفُقَرَاءُ إِلَى النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَقَالُوا ذَهَبَ أَهْلُ ‏‏ الدُّثُورِ ‏ ‏مِنْ الْأَمْوَالِ بِالدَّرَجَاتِ الْعُلَا وَالنَّعِيمِ الْمُقِيمِ يُصَلُّونَ كَمَا نُصَلِّي وَيَصُومُونَ كَمَا نَصُومُ وَلَهُمْ فَضْلٌ مِنْ أَمْوَالٍ يَحُجُّونَ بِهَا وَيَعْتَمِرُونَ وَيُجَاهِدُونَ وَيَتَصَدَّقُونَ قَالَ ‏ ‏أَلَا أُحَدِّثُكُمْ إِنْ أَخَذْتُمْ أَدْرَكْتُمْ مَنْ سَبَقَكُمْ وَلَمْ يُدْرِكْكُمْ أَحَدٌ بَعْدَكُمْ وَكُنْتُمْ خَيْرَ مَنْ أَنْتُمْ بَيْنَ ‏ ظَهْرَانَيْهِ ‏ ‏إِلَّا مَنْ عَمِلَ مِثْلَهُ تُسَبِّحُونَ وَتَحْمَدُونَ وَتُكَبِّرُونَ خَلْفَ كُلِّ صَلَاةٍ ثَلَاثًا وَثَلَاثِينَ

މާނަ: ''ފަޤީރުންތަކެއް ކީރިތި ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް އައިސް ދެންނެވިއެވެ. މުއްސަނދިން ސުވަރުގޭގެ މަތީ ދަރަޖައާއި ދާއިމީ ނިޢްމަތް ހޯދައިފިއެވެ. އެ މީހުން ނަމާދު ކުރަނީ އަހަރެމެން ވެސް ނަމާދު ކުރާ ގޮތަށެވެ. ރޯދަ ހިފަނީ އަހަރެމެން ވެސް ހިފާ ގޮތަށެވެ. އެ މީހުން ޙައްޖުވެ ޢުމްރާވާނެހާ، އަދި ﷲ ގެ މަގުގައި ޖިހާދު ކުރުމަށް ހޭދަ ކުރެވޭހާ، އަދި ޞަދަޤާތް ދެވޭހާ، އިތުރު ފައިސާ އަތުގައި ހުރެއެވެ.'' ކީރިތި ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ.''އެ ކަމެއް ކަލޭމެން ކޮށްފިއްޔާ، އިސްވެދިޔަ މީހުންނާ އެއްހަމަ ކުރެވޭނެ، އަދި ކަލޭމެންގެ ފަހުން އަންނަ މީހުންނަށް ވުރެ ކުރިއެރޭނެ، އަދި ކަލޭމެންގެ ތެރޭގައި އުޅޭ މީހުންގެ ތެރެއިން ހަމަ އެ ކަންތައް ކުރާ އެހެން މީހެއް ނޫނީ އެ ދަރަޖައަށް ނުދެވޭނެ، ކަމެއް ޙަދީޘް ކުރައްވަން ހެއްޔެވެ؟ ކޮންމެ ނަމާދެއްގެ ފަހުން ތަސްބީޙާއި ޙަމްދާއި ތަކްބީރު ތެއްތިރީސް ފަހަރު ކިޔާށެވެ.'' (ޞަޙީޙް އަލްބުޚާރީ: ނަމްބަރު 807، ނަމާދުގެ ފަހުން ޛިކުރު ކުރުމުގެ ބާބު. ޞަޙީޙް މުސްލިމް: ނަމްބަރު 595)

ވީމާ ކީރިތި ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- މި ވަނީ، ޙައްޖު ނުވަތަ ޢުމްރާ ނުވަތަ ޖިހާދު ކުރުން ފާއިތުވާ މީހަކަށް ކުރެވިދާނެ ބަދަލެއް ދައްކަވާފައެވެ. ޛިކުރު ކޮށްގެން ވެސް، ޙައްޖުވެ ޢުމްރާވެ ޖިހާދު ކޮށް ހާދާ މީހުން ހޯދި ދަރުމަ ލިބޭނެކަމެވެ. ނަމަވެސް، މިއީ ފަހުން މި ބުނި ކަންތައްތަކަށް އުޒުރުވެރިވެގެންވާ މީހުންނަށެވެ. ޝައްކެއްވެސް ނެތް ގޮތުގައި ޙައްޖު ވާޖިބުވެފައިވާ މީހަކު ނުވަތަ ޖިހާދު ކުރަން ޖެހިފައިވާ މީހަކު ނުވަތަ ޒަކާތް ވާޖިބުވެފައިވާ މީހަކު މިކަންތައް ނުކޮށް، ޛިކުރު ކުރުމަކުން އެ އަޅުކަންތައް ފޫ ނުބެއްދޭނެއެވެ.

ތޭވަންނަ: ޛިކުރު ކުރުމަކީ، މާތް ﷲ އަށް ކިޔަމަންތެރިވެ ބޯ ލެނބުމަށް އޮންނަ އެންމެ ބޮޑު އެހީއެވެ. ޛިކުރު ކުރުމުން، އެ ކަލާނގެއަށް ކިޔަމަން ގަތުން އެއީ ލޯބިވާ، ފަސޭހަ، ހިތްހަމަޖެހުން ލިބޭ ކަމަކަށް ވެދެއެވެ. މާތް ﷲ އަށް ކިޔަމަންތެރިވެ ބޯ ލެނބުން އެއީ ޣާފިލު މީހަކަށް ދަތި އުނދަގޫ ކަމެކެވެ. މިއީ ތަޖުރިބާއިން އެނގި ފެންނަ ޙަޤީޤަތެކެވެ.

ސައުރަވަންނަ: ﷲ ޛިކުރު ކުރުމަކީ، އުނދަގޫ ފަސޭހަވެ، ދަތި ތަނަވަސްވެ، ބުރަ ލުއިވާ ކަމެކެވެ.

ފަންސަވަންނަ: ﷲ ޛިކުރު ކުރުމަކީ، ހިތުގައިވާ ބިރާއި ހާސްކަން ފިލައިދާ ކަމެކެވެ. ހިތަށް އަމާންކަން ލިއްބައި ދިނުމުގެ އަޖާއިބު ކުރުވަނިވި އަސަރެއް ޛިކުރު ކުރުމުގައިވެއެވެ.  الَّذِينَ آمَنُواْ وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللّهِ أَلاَ بِذِكْرِ اللّهِ تَطْمَئِنُّ الْقُلُوبُ

މާނަ: ''އެ މީހުންނަކީ އީމާންވެއްޖެ މީހުންނެވެ. އަދި. ﷲ ގެ ރަސްކަންފުޅު ހަނދުމަކުރުމުން، އެ މީހުންގެ ހިތްތަކަށް ހަމަޖެހުން ލިބޭ މީހުންނެވެ. ދަންނައެ، ހިތްތަކަށް ހިތްހަމަޖެހުން ލިބެނީ ﷲ ގެ ރަސްކަންފުޅު ހަނދުމަކުރުމުންނެވެ.''(އައްރަޢްދު: 28)

ޛިކުރު ކުރާ މީހާ، ނާމާންކަމެއްގެ ތެރޭގައި އުޅެން ޖެހުނަސް ހުންނާނީ ހިތް ސާބިތުވެ، ހިތްހަމަޖެހިފައެވެ. ޣާފިލު މީހާ އަމާންކަމުގައި ހުއްޓަސް ހުންނާނީ، ހިތް ތެޅިތެޅި، ހާސްވެފައެވެ.

ސަވަންނަ: ޛިކުރު، ޛިކުރު ކުރާ މީހާއަށް ވަރުގަދަ ބާރެއް ލިއްބައި ދެއެވެ. ނުކުރެވޭނެހެން އޭނާއަށް ހީވާ ކަންތައްތައް ވެސް، ޛިކުރު ކުރުމުން ކުރެވެއެވެ. ކީރިތި ރަސޫލާގެ ދަރިކަނބަލުން ފާޠިމަތުގެފާނު، އުޑި އެނބުރުއްވުމުގެ ސަބަބުން އަތްޕުޅުގައި ފޮޅު ނަގައި، އަދި އެ ނުން ވެސް ގޭތެރޭގައި ކުރައްވާ މަސައްކަތުން ލިބިވަޑައިގަންނަވާ ބުރައާ ހެދި، ލުޔެއް ހޯއްދެވުމަށް ޚާދިމަކު ހޯއްދަވައި ދެއްވުމަށް، ކީރިތި ރަސޫލާ އަރިހު އެދިވަޑައިގަތެވެ. އެރޭ ފާޠިމަތުގެފާނުގެ ގެކޮޅަށް ވަޑައިގެން، ރަސޫލާ އެ ކަމަނާއަށް އުނގަންނަވައި ދެއްވީ، ޚާދިމަކު ގެންގުޅުމަށް ވުރެ މާ މޮޅު ކަމެކެވެ. ޙަދީޘް ކުރެއްވިއެވެ.

أَلَا أَدُلُّكُمَا عَلَى مَا هُوَ خَيْرٌ لَكُمَا مِنْ خَادِمٍ إِذَا أَخَذْتُمَا مَضَاجِعَكُمَا فَكَبِّرَا ثَلَاثًا وَثَلَاثِينَ وَسَبِّحَا ثَلَاثًا وَثَلَاثِينَ وَاحْمَدَا ثَلَاثًا وَثَلَاثِينَ فَهَذَا خَيْرٌ لَكُمَا مِنْ خَادِمٍ  

މާނަ: ''ޚާދިމަކަށް ވުރެ، ތި ދެ ބޭކަލުންނަށް ހެޔޮކަން ބޮޑު ކަމެއް ދަސްކޮށްދެއްވަންތޯއެވެ؟ ތި ދެ ބޭކަލުން އަވަހާރަފުޅުލައްޕަވަން ދާންކޮޅުގައި އޮށޯންނަ ހިނދު، ތެއްތިރީސް ފަހަރު ތަކުބީރު ކިޔައި (ﷲ އަކްބަރު)، ތެއްތިރީސް ފަހަރު ތަސްބީޙަ ކިޔައި (ސުބްޙާނަﷲ)، ތެއްތިރީސް ފަހަރު ޙަމްދު (އަލްޙަމްދުލިއްﷲ) ކިޔާށެވެ. ފަހެ ތި ދެ ބޭކަލުންނަށް ޚާދިމަކަށް ވުރެ، މިގޮތް ހެޔޮކަން ބޮޑެވެ.'' (ޞަޙީޙް އަލްބުޚާރީ: ނަމްބަރު 5959، ނިދާއިރު ތަކްބީރާއި ތަސްބީޙަ ކިޔާ ބާބު. ޞަޙީޙް މުސްލިމް:ނަމްބަރު 2727)

މިފަދައިން ކޮންމެ ރެޔަކު ކިއުމުން، ޚާދިމެއް ބޭނުން ނުވާނެހާ ޢަޒުމާއި ހިތްވަރު އެ މީހަކަށް ލިބި، އަދި އިތުރަށް ޘަވާބުލިބެއެވެ.

ސަތުވަންނަ: އާޚިރަތް ދުވަހަށްޓަކައި މަސައްކަތް ކުރާ އެންމެންނަކީ ވެސް ރޭސް ޖެހުމުގެ މައިދާނެއްގައި ވާ ބައެކެވެ. މި ރޭހުގެ އެންމެ ކުރީގައި ތިބޭ ބަޔަކީ ޛިކުރު ކުރާ މީހުންނެވެ. ނަމަވެސް، ތަނުގައި ހިރަފުސް ބޯވުމުގެ ސަބަބުން، އެ މީހުން ހޯދާފައިވާ ކުރި އެހެން މީހުންނަށް ނުފެންނަނީއެވެ. ދެން ހިރަފުސް އޮބި ތަންދޮރު ވަކިވާ ވަރު ވާ އިރު، ޛިކުރު ކުރާ މީހުން އަތުގައި ރޭސް ދަނޑި ވަނިކޮށް ފެންނާނެއެވެ. ޛިކުރު ކުރުމުގެ މުހިއްމުކަން ކޮންމެ މީހަކަށް ވެސް، ޤިޔާމަތް ދުވަހު ފެންނާނެއެވެ. ޛިކުރު ކުރުމުގެ ފަސޭހަ ކަމާއި، ޛިކުރު ކުރުމުން ލިބޭ ޘަވާބުގެ ބޮޑުކަން ޤިޔާމަތް ދުވަހު އެނގުމުން، އަ ބާއްޖަވެރިން ތިބޭނީ ހަސްރަތު ހީވެފައެވެ. ނަމަވެސް އޭރޮ އޮންނާނީ ވަގުތު ފާއިތުވެފައެވެ. އެ ދުވަހަކީ އެންމެ ޘަވާބަކުން ވެސް ފަރަގު އަންނާނެ ދުވަހެކެވެ. މައިންބަފައިންނާއި އަނބިންނާއި ދަރިން ފިދާކޮށްފައި ނަމަވެސް ޘަވާބެއް އިތުރު ކުރަން ބޭނުންވާނެ ދުވަހެކެވެ. ނަމަވެސް އެކަމެއް ނުކުރެވޭނެއެވެ.

އަށުވަންނަ: ސުވަރުގޭގައި އެތާނގެ އަހުލުވެރިންނަށް ލިބޭ ދަރަޖަތައް ތަފާތެވެ. ކޮންމެ މީހަކަށް ވެސް އެ މީހެއް ކުޅަ ހެޔޮ ޢަމަލަކަށް އިންޞާފުވެރި ދަރަޖައެއް ދެވެއެވެ. އެ ގޮތުން ޛިކުރު ކުރުމަކީ ސުވަރުގޭގައި އޭނާއަށްޓަކައި އެތަކެއް ގަނޑުވަރުތަކާއި، ބަގީޗާތައް ކަނޑައެޅޭ ކަމެކެވެ.

ނައުވަންނަ: ގިނަގިނައިން ޛިކުރު ކުރުމަކީ، މުނާފިޤުކަމުން ވެވޭ ރައްކާތެރި ކަމެކެވެ. އެހެނީ މުނާފިޤުން ﷲ ޛިކުރު ކުރިއްޔާ ކުރާނީ ވަރަށް މަދު ނާދިރު ފަހަރަކުއެވެ. މަދުން ޛިކުރު ކުރާ މީހުންގެ ހިތަށް މުނާފިޤުކަމާއި ކިބުރުވެރިކަން ވަނުން ނިކަން އަވަހެވެ.

وَلاَ يَذْكُرُونَ اللّهَ إِلاَّ قَلِيلاً 

މާނަ: ''... އަދި، ވަރަށް މަދުން މެނުވީ، އެބައި މީހުން މާތް ﷲ ގެ މަތިން ހަނދުމަނުކުރެއެވެ.'' (އައްނިސާ: 142)

އަލްމުނާފިޤޫން ސޫރަތުގެ ކުރީކޮޅު މުނާފިޤުންގެ ވާހަކަ ބަޔާން ކުރައްވާފައި ސޫރަތުގެ ފަހުކޮޅު މުއުމިނުންނާ މުޚާޠަބް ކުރައްވަމުން، މުދަލާއި ނުވަޔަ ދަރިންނާ ހުރެ، ﷲ ގެ ރަސްކަންފުޅު މަތިން ހަނދާންކޮށް ޛިކުރު ކުރުމުން ދުރުހެލިނުވުމަށް އަންގަވާފައި ވަނީ، މި ޛިކުރު ނުކުރުމާ މުނާފިޤުކަމާ ގުޅުމެއްވާތީ ކަމަށް، އަހަންނަށް ލަފާ ކުރެއެވެ. މިކަން މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

ހައްޓި: އެއީ ތަޤުވާވެރިކަމުގެ ތަޅުދަނޑިއެވެ. ޛިކުރު ނުކުރާ މީހަކީ ތަޤުވާވެރިއަކަށް ވެވޭނެ މީހެއް ނޫނެވެ. ތަޤުވާވެރިކަމަކީ ޛިކުރު ކުރުމުގެ މޭވާއެވެ.

Comments