ހޯމަ20181112

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފަހުގެ މައްސަލަތައް ދަރިވެއްޓުމުގެ މާނައާއި އޭގެ ވައްތަރުތައް

ދަރިވެއްޓުމުގެ މާނައާއި އޭގެ ވައްތަރުތައް

dharivettun-maanaޢިލްމީ ގޮތުން އެބޯޝަންގެ (Abortion) މާނައަކީ "މައިމީހާގެ ރަޙިމުގައި އޮންނަ ދަރިފުޅު، އެ ރަޙިމުން ބޭރުގައި ދިރިއުޅެވޭ ވަރަށް ކުއްޖާ ބޮޑުވުމުގެ ކުރިން، ގަސްތުގައި ވައްޓާލުމެވެ."

ނަމަވެސް ޑޮކްޓަރީ ބަހުރުވައިން "އެބޯޝަން'' މި ބަސް މައިމީހާގެ ބަނޑުގައި އޮންނަ ދަރިފުޅު ބައިގެން ދިއުމަށްވެސް(Miscarriage) ކިޔައެވެ. އަދި ޑޮކްޓަރުން ވަނީ އެކި ހާލަތްތަކަށް އެކި ނަންނަން ކިޔާ އެބޯޝަންގެ ނަން ދީފައެވެ.

މި ލިއުމުގެ ކުރިއަށް ހުރި ހުރިހާ ވާހަކައެއްގައިވެސް އެބޯޝަން އޭ ބުނެވިފައި ވާނީ ޤަސްތުގައި ދަރިވެއްޓުމަށް ނިސްބަތް ކޮށެވެ.

ދިވެހި ބަހުން "އެބޯޝަން'' އަށް ކިޔާ ނަންތަކުގެ ތެރޭގައި ''ދަރިވެއްޓުން'' ''ބައިގެންދިޔުން '' ''ހައްޔަރުން ނެއްޓުން'' ފަދަ ބަސްތައް ބަސްފޮތުން އެނގެން އެބަހުއްޓެވެ. އެބޯޝަން ހެދުމަށް ''ދަރިވައްޓާލުން'' މި ބަސް ބޭނުން ކުރެވިފައި ވެއެވެ. ހައްޔަރުންނެއްޓުމާ، ބައިގެން ދިއުމަކީ ޠާބީޢީ ގޮތުން ކުއްޖާ ވެއްޓުމަށް ކިޔޭ ނަމެކެވެ. ވީމާ ޤަސްތުގައި މިކަން ކުރުމަށް "ދަރިވެއްޓުން'' ''ދަރިވައްޓާލުން'' "ހައްޔަރުން ނެއްޓުވުން'' ފަދަ ބަސްތައް ބޭނުން ކުރެވިދާނެއެވެ.

ދަރި ވައްޓާލަނީ ފަހަރެއްގައި ބޭހެއް ބޭނުން ކޮށްގެން، ޑޮކްޓަރެއްގެ އެހީގައި، ނުވަތަ ރަޙިމުގެ ތެރެއަށް އާލަތްތަކެއް ވައްދައިގެން ނުވަތަ ބަނޑަށް ފިއްތައި، ތަޅައި ނުވަތަ ޖައިގެން ކަމަށް ވެސް ވެދާނެއެވެ. ނުވަތަ ގަދައަށް ކަސްރަތު ކޮށް ބަރު އެއްޗެއް އުފުލައިގެން ކަމަށްވެސް ވެދާނެއެވެ. ނަމަވެސް ފަހުން މި ބުނި ގޮތްތަކަކީ ގިނަ ފަހަރަށް އެހާ ފަސޭހައިން ދަރި ވެއްޓޭނެ ގޮތްތަކެއް ނޫނެވެ. ބައެއް އަންހެނުންނަކީ ބަނޑު ބޮޑުވާތާ ކުރީ ކޮޅު ވަރަށް ބަލައިގެން ނުއުޅެފިއްޔާ ބައިގެން ދާ ކަހަލަ އަންހެނުންނެވެ. މިކަހަލަ އަންހެނަކު ދަރި ވައްޓާލަން ވެގެން ދުވެ ކަސްރަތު ކޮށްފިއްޔާ ދަރިވެއްޓުމަކީ އެކަށީގެންވާ ކަމެކެވެ.

ބައިގެން ދިއުމާ، މި މަޒްމޫނުގައި ވާހަކަދެކެވޭ އެބޯޝަނާ ނުވަތަ ދިވެހިން ކިޔާނަމަ ދަރި ވެއްޓުމާ ހުރި ތަފާތަކީ، ބައިގެން ދިއުމަކީ މައިމީހާގެ ގަސްތަކާއި ނުލައި ކޮންމެވެސް ޞިއްޙީ ސަބަބަކާއި ހެދި ކުއްޖާ ވެއްޓުމެވެ. ނަމަވެސް ''ދަރިވެއްޓުމަކީ'' ގަސްތުގައި ކުއްޖާ ރަޙިމުން ވައްޓާލުމެވެ.

އެބޯޝަންގެ މައިގަނޑު ވައްތަރުތައް :

1- ހިތަށް ދަރިވެއްޓުން (Miscarriage / Spontaneous Abortion)

މީގެ މާނައަކީ ބޭރުގެ އެއްވެސް ފަރާތެއްގެ އަތެއް ނެތި، މައިމީހާގެ ބަނޑުގައި އޮންނަ ކުއްޖާ ހިތަށް ވެއްޓުމެވެ. އެއީ މަންމައަށް ނުވަތަ ބަނޑުގައި އޮންނަ ކުއްޖާއަށް ޖެހުނު ބައްޔަކުން، ނުވަތަ މަންމަގެ ކިބައިގައި ހުރި ޞިއްޙީ އުނިކަމަކުން ކަމަށްވެސް ވެދާނެއެވެ. ފިރިމީހާގެ ދަރި ފަންޏާއި ބިސް އެކުވެގެން އުފެދޭ ކޮންމެ "ޢަލަޤާއަކީ'' (Embryo) އެއީ ކުއްޖަކަށް ބަދަލުވެ، ވިހެއުމުގެ ދުވަސް ޖެހެން ދެން ބަނޑުގައި އޮންނާނެ އެއްޗެއް ނޫނެވެ. ކޮންމެ ފަސް ބަނޑުބޮޑުވުމެއްގެ ތެރެއިން އެއް ހާލަތަކީ ބައިގެން ދާ ހާލަތެކެވެ.

ބައެއް ފަހަރު ކުއްޖާ ނުއުފެދި ބައިގެން ދިއުމާ، އަދި ދުވަސް ފުރިހަމަ ވަންދެން ބަނޑުގައި އެ ކުއްޖާ ބޮޑު ވުމަކީ ޝައްކެއްވެސް ނެތް ގޮތުގައި ﷲ ގެ ކުޅަދުންވަންތަ ކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ. އެ ގޮތުން ސޫރަތުލް ޙައްޖުގައި މާތް ﷲ ވަޙީ ކުރައްވަނީ:

يَا أَيُّهَا النَّاسُ إِنْ كُنْتُمْ فِي رَيْبٍ مِنْ الْبَعْثِ فَإِنَّا خَلَقْنَاكُمْ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِنْ مُضْغَةٍ مُخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِنُبَيِّنَ لَكُمْ وَنُقِرُّ فِي الأَرْحَامِ مَا نَشَاءُ إِلَى أَجَلٍ مُسَمًّى ثُمَّ نُخْرِجُكُمْ طِفْلاً

މާނައަކީ : ''އޭ މީސްތަކުންނޭވެ. މަރުވުމަށްފަހު އަލުން ދިރުއްވައި ފޮނުއްވާނެ ކަމާއިމެދު ތިޔަބައި މީހުން ޝައްކެއްގައިވާނަމަ، ފަހެ ހަމަކަށަވަރުން ތިމަން ރަސްކަލާނގެ ތިޔަބައި މީހުން އުފެއްދެވީވެސް ވެލިންނެވެ. އެއަށްފަހު މަނި ތިއްކަކުންނެވެ. އެއަށްފަހު ގަނޑު ލޭ ކޮޅަކުންނެވެ. އެއަށްފަހު އާދަމުގެ ދަރިއެއްގެ ސިފަ ފާޅުވެގެންވާ ނުވަތަ ފާޅުވެގެން ނުވާ ކުޑަ މަސްކޮޅަކުންނެވެ. އެއީ ތިޔަބައި މީހުންނަށް އަންގަވައި ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އިރާދަކުރައްވާ އެއްޗެއެ، ކަނޑައަޅުއްވާފައިވާ މުއްދަތަކަށް ރަޙިމުގައި ލަހައްޓަވަމެވެ. ދެން ޅަކުދިންގެ ގޮތުގައި ތިޔަބައިމީހުން ނެރުއްވަމެވެ." (އަލްޙައްޖު: 5)

މި އާޔަތުގައިވާ "ޣައިރު މުޚައްލަޤާ" މިއީ ބައިގެން ދާ ވާހަކަ ކަމަށްވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ހަމަ އެހެންމެ ކަނޑައެޅިގެންވާ ވަގުތެއް ވަންދެން ރަޙިމުގައި ބާއްވާ ކަމަށް އަންގަވާފައި ވާ އެންގެވުމުން ވެސް ދޭހަ ވަނީ، އެހެން އިރާދަ ނުކުރެއްވި ކުއްޖެއް ބައިގެން ދާނެ ކަމެވެ.

2- ގަސްތުގައި ދަރިވެއްޓުން (Induced abortion)

މި ވައްތަރުގެ ދަރިވެއްޓުން ދެ ވައްތަރަކަށް ބެހިގެން ވެއެވެ.

ހ - ފުރަތަމަ ބަޔަކީ ބޭސް ފަރުވާއެއްގެ ހައިސިއްޔަތުން ވައްޓާލުމެވެ. މީއީ ޤާނޫނީ ގޮތުން ހުއްދަ ތަންތާނގައި ހުއްދަކަމެކެވެ. އަދި އިސްލާމް ދީނުގައި ވެސް ހުއްދަ ދެވޭ ހާލަތްތަކުގައި ކުރުން ހުއްދަ ދެނީ މި ވައްތަރުގައި އެކަންޏެވެ.

ށ - ދެވަނަ ވައްތަރަކީ ޣައިރު ޤާނޫނީ ގޮތުން އަދި ދީން ޙަރާމް ކުރާ ހާލު ދަރިވައްޓާލުމެވެ. މިއީ ޤާނޫނީ ގޮތުން ސަޒާ ދެވި އަދި އެކަންކުރި މީހަކާއި، ކޮށްދިން މީހަކުވެސް ފާފަވެރިވާނެ ކަމެކެވެ.

ފަރުވާއެއްގެ ގޮތުން ދަރި ވައްޓާލުން (Therapeutic  Abortion)

މި ބާވަތުގެ ދަރި ވައްޓާލުމަކީ، ދީނުގައި ވަރަށް ހަނި ދާއިރާއެއްގައި ހުއްދަ ދެވިފައިވާ ކަމެކެވެ. މިއީ ކުއްޖާ ބަނޑުގައި އޮވެއްޖެނަމަ މައިމީހާގެ ޙަޔާތަށް ނުރައްކާވެ އަދި އެ ނުރައްކާ ފިލުވޭނެފަދަ ބޭސްފަރުވާއެއްވެސް ނެތް ހާލަތެއްގައި މައިމީހާގެ ފުރާނައަށް ރައްކާތެރިވުމުގެ ގޮތުން، ދީނުގައި ހުއްދަދެވޭ ކަމެކެވެ.

މިތާނގައި ފާހަނގަ ކޮށްލަން ދެން ޖެހެނީ މި ގޮތަށް މައިމީހާގެ ހަޔާތަށް ނުރައްކާ ވާ ހާލަތްތައް މި އަދު ވަނީ، ކުރިއަރާފައިވާ ބޭސްވެރިކަމުގެ ސަބަބުން، ވަރަށް ބޮޑަށް މަދުކުރެވިފައިކަމެވެ. ބަނޑުބޮޑުވާތާ އެންމެ ފުރަތަމަ ދުވަހުއްސުރެ ޑޮކްޓަރަށް ދައްކައި ވަމުންދާ ގޮތް މި އަދު ވަރަށް ފަސޭހައިން ބެލެން އެބަ ހުއްޓެވެ. އަދި ކިރިޔާވެސް ގޯހެއް އުޅޭނަމަ އެކަން ރަނގަޅުވެސް ކުރެވެން އެބަހުއްޓެވެ.

ދަރިން ވައްޓާލަން މީހުން ބޭނުންވާ ބައެއް ސަބަބުތައް:

ތިރީގައި މި ލިޔެލަނީ، ދަރިން ވެއްޓުމުގެ ފަހަތުގައި ވާ ކަމަށް އެންމެ ފާހަނގަ ކުރެވޭ ސަބަބުތަކެވެ. މި ސަބަބުތައް މި ތާނގައި މި ގެންނަނީ ކޮންމެހެން، މި ސަބަބުތަކަކީ ދީނީ ގޮތުން ޤަބޫލު ކުރެވޭ ސަބަބުތަކަކަށް ވާތީއެއް ނޫނެވެ. ހަމަ އެކަނި ޢިލްމީ ބޭނުމަކަށެވެ.

އިސްލާމް ދީނުގެ ޙުކުމްތައް އެނގިފައިވާ މީހަކު، އަދި ކިއެއްތަ ހެޔޮ ވިސްނޭ ޣައިރު މުސްލިމަކުވެސް، މީގެ ތެރެއިން ފުރަތަމަ ތިން ސަބަބު ފިޔަވައި އެހެން ސަބަބުތަކަކީ ބަނޑުގައި އޮންނަ ކުއްޖަކު ވައްޓާލުން ހުއްދަ ކުރެވޭނެފަދަ ސަބަބެއް ކަމުގައި ނުދެކޭނެއެވެ. ނުދެކޭނެއެވެ. އިސްލާމީ ޢިލްމުވެރިންވެސް ފުރަތަމަ ތިން ސަބަބާއި ހެދި ދަރި ވައްޓާލުން ހުއްދަ ކުރެއެވެ. އެއީ ވަކި ޝަރުޠުތަކަކާ އެކީގައެވެ.

1- ކުއްޖާ ރަޙިމުގައި އޮވެއްޖެނަމަ، މައިމީހާގެ ފުރާނައަށް ނުރައްކާ ވުން .

2- ގަދަކަމުން ޖިންސީ ގުޅުން ހިންގައިގެން، ބަނޑު ބޮޑުވުން.

3- ކުއްޖާގެ ކިބައިގައި އުފެދުމުގެ އައިބެއް ހުރުން.

4- ޒިނޭކޮށްގެން ބަނޑުބޮޑުވުން .

5- ކުދިން ބަލާނެހާ ފައިސާގެ ތަނަވަންކަން ނެތުން .

6- އަނބި މީހާ ކުއްޖަކުވިހަން ބޭނުން ނުވުން.

7- ފިރިމީ މީހާ ކުއްޖަކު ބޭނުން ނުވުން.

8- ބައެއް އަންހެނުން ވިހަން ބިރުގަނެ، ނުވަތަ ހަށިގަނޑުގެ ލޫޅާފަތިކަން ގެއްލިދާނެ ހެން ހީވާތީ.

9- ބައެއް ޤައުމުތަކުގައި ވަކި ޢަދަދަކަށް ވުރެ ގިނައިން ކުދިން ލިބުމުން ކުރިމަތިވާ، ޤާނޫނީ ނުވަތަ އިޤްތިޞާދީ މައްސަލަތަކުން ރެކެން.

10- ވަކި ޖިންސެއްގެ ކުއްޖަކު ބޭނުންވެގެން ތިއްބާ، އެހެން ޖިންސެއްގެ ކުއްޖެއް ލިބުން، ބައެއް ޤައުމުތަކުގައި މި ގޮތަށް އެންމެ ނަސީބު ދެރައީ އަންހެން ކުދިން.

11- މިހާރު ތިބި ވަރަށް ވުރެ އިތުރަށް ކުދިން ބޭނުން ނުވުން.

12- ވިހާ ވަރަށް ވުރެ، މައި މީހާ މާ ޅަ ކަމަށް ޤަބޫލު ކުރެވުން.

13- ކުއްޖަކު ބަލައި ބޮޑު ކުރާން، މަސްއޫލިއްޔަތު އުފުލަން ތައްޔާރު ކަމަށް އަމިއްލައަށް ޤަބޫލު ނުވުން.

14- އެހެނިހެން ސަބަބުތައް.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.