ދޮގުވެރިން: މުޖުތަމަޢަށް ހުރި ނުރައްކަލެއް
- ޢަލީ ސަމީރު
- 02 މާރިޗު 2005
ހަމަ އެކަނި ހަދާލާ ދޮގަކަށް ބައެއްޤާނޫނު ތަކުގައި އަދަބެއް ނޯވެއެވެ. މި ޤާނޫނުތަކުގައި އަދަބެއް ނެތް ނަމަވެސް ދޮގު ހެދުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢް ގައި މިއަދު ޢާއްމުވެފައިވާ ވަރަށްބޮޑު ކުށެކެވެ. މީހަކު ހަދާލާ ކުޑަދޮގަކުން ވެސް ބޮޑެތި ޢާއިލާތައް ރޫޅި ވިއްސިވިހާލިވެގެންދެއެވެ. މީހުންގެ ތެރޭގައި ފިތުނައާއި ރުޅިވެރިކަން އުފައްދައެވެ. މަޖަލަކަށް ބުނެލާ ދޮގުބަސް ތަކުގެ ސަބަބުން ކުށެއްނެތް އެތައްބަޔަކަށް އަނިޔާ ލިބެއެވެ.
ވަރި ކުރަން ދިމާވާ ސަބަބު ތަކުގެ ތެރެއިން ނުވަދިހަ އިން ސައްތަ އަކީ ދޮގު ގެ ސަބަބުން ކުރިމަތިވާ ކަންކަމެވެ.
އެއްބަޔަކު މަޖަލަކަށް ދޮގު ހަދާއިރު އަނެއްބަޔަކު މިކަން ކުރަނީ ދޭދޭ މީސްމީހުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަން އުފައްދާށެވެ.އަނބިމީހާ ފިރިމީހާއަށް ދޮގުހަދަނީ އެވެ.ފިރިމީހާ އަނބިމީހާއޭ ކިޔައިގެން މީހުންގެ ކުރިމަތީގައި ދޮގުވާހަކަތައް ފަތުރަނީއެވެ. ދަރިން މައިންބަފައިންނަށް ދޮގު ހަދަނީ އެވެ. މުއައްޒަފުން ވެރިންނަށް ދޮގު ހަދަނީ އެވެ. ދޮގުގެ ސަބަބުން މިދުނިޔެ އަކީ ހީލަތާއި މަކަރުން ފުރިގެންވާ ދުނިޔެއަކަށް ބަދަލުވަމުން ދަނީއެވެ.
ދޮގު ހަދާމީހުން ސިފަ ކުރާނީ ކިހިނެއްހެއްޔެވެ؟
ދޮގު ހެދުން އެއީ ހަމައެކަނި ބައްޔެއްހެއްޔެވެ؟ ދޮގު ހަދާމީހުންނަކީ މުޖުތަމަޢް އަށް ހުރި ނުރައްކަލެއްހެއްޔެވެ؟ ނަފްސާނީ ޢިލްމުވެރިން ދެކޭ ގޮތުގައި ދޮގުހަދާމީހުންނަކީ ނަފްސާނީ ގޮތުން ބަލި ކަށި ކަމެއްލިބިފައިވާ ބައެކެވެ. އެފަދަ މީހުންނަށް ދޮގެއް ހަދާލުމުން ނޫނީ ހިތްހަމަ ޖެހުމެއް ނުލިބޭނެއެވެ.
މިނުބައި އާދަ އަށަގަންނަނީ ކުޑައިރުއްސުރެއެވެ. ބޮޑުވާވަރަކަށް ހަދާ ދޮގުތައްވެސް ދާނީ ބޮޑެތި ވަމުންނެވެ.ބައެއް ފަހަރު އެމީހުންނަށް ލިބޭ މަޢުލޫމާތުގެ ތެރެއަށް ދޮގު އިތުރު ކޮށްގެން ވެސް ވާހަކަ ހަދައެވެ.ވުމާއި އެކު ދޮގުވެރިންނަކީ މުޖުތަމަޢް އަށް ހުރި ނުރައްކަލެއްހެއްޔެވެ؟
ދޮގު ހަދާ މީހުން ބެހެނީ 3 ބަޔަކަށެވެ. ފުރަތަމަ ބަޔަކީ އެއްބަޔަކު އަނެއްބަޔަކާއި ފިތުނައާއި ރުޅިވެރިކަން އުފެއްދުމެއް މީހުން ހަދާ ދޮގުތަކެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި މިވައްތަރުގެ މީހުންނަކީ މުޖުތަމަޢް އަށް ހުރި ވަރަށް ބޮޑު ނުރައްކަލެކެވެ. ގިނަފަހަރު ބޮޑެތި ޖަރީމާ ތަކުގެ މުގުލުގައި ވަނީ މީހަކު ބުނެލާ ދޮގު ވާހަކަ ތަކެވެ.
އޭގެ މިސާލަކީ ދެމަފިރިންގެ ދޭތެރޭގައި ފިތުނައުފައްދަން ބޭނުންވާ މީހަކު ފިރިއެއް ގާތު އޭނާގެ އަނބިމީހާ އޭ ކިޔައިގެން ދޮގުވާހަކަ ތަކެއް ދެއްކުމުން ފިރިމީހާ އެއްވެސް ބަލާލުމެއް ނެތި އަނބިމީހާ ވަރި ކުރުމެވެ. ނުވަތަ އަނބިމީހާ އަށް އަނިޔާކޮށް ހެދުމެވެ. މިހުރިހާ ކަމެއްގެ ފެށުން ގުޅިފައިވަނީ މި ބުނި ދޮގު ވެރިޔާއާއިއެވެ. ހަމަ އެގޮތަށް މުޖުތަމަޢުގެ އެކުވެރިކަން ގެއްލި އާޢިލާ ތައް ރޫޅި މީހުންގެ މެދުގައި ބަދަލުހިފުމާއި ފިތުނަވެރިކަން ދޮގު ގެ ސަބަބުން އުފައްދައެވެ.
ދޮގުގެ ދެވަނަ ވައްތަރަކީ މީހުންގެ މެދުގައި ސުލުޙަ ޤާއިމު ކުރަން ހަދާ ދޮގެވެ. ހަމައެގޮތަށް ޚުޝާމިދުކޮށް، މަދަޙަ ކިޔުމަށް ވެސް ބައެއްމީހުން ދޮގު ހަދައެވެ.
ދޮގު ހަދަން ފަށަނީ ކިހިނެތް؟
ކުޑަކުދިން އެކުދިންގެ ޢުމުރުން ގާތްގަނޑަކަށް 6 އަހަރުން ފެށިގެން ދޮގުހަދަން ދަސްކުރެއެވެ. ގިނަފަހަރަށް އެކުދިން މިކަން ދަސް ކުރަނީ މައިންބަފައިންގެ ފަރާތުންނެވެ. މިސާލަކަށް ބައްޕައަށް ފޯނެއް އަންނައިރު އޭނާގެ ކުޑަދަރިފުޅު ގާތު މިވަގުތު ގެޔަކުނޫޅެޔޭ ބުނާށޭ ކިޔާ ދޮގު ހަދައެވެ. ގަސްތުގައި ނޫން ނަމަވެސް މިހެދުނު ކުޑަދޮގުގެ ސަބަބުން އެކުޑަކުއްޖާގެ މުޅި ޢުމުރުގައި ވެސް ދޮގު ހެދުމުގެ ސިފަ ހަރުލާ ގޮތް ވެއެވެ. ހަމަ އެގޮތަށް ކުޑަކުދިންނަށް ގޭތެރެއިން ގިނަފަހަރު މިފެންނަނީ މަންމައާއި ބައްޕަ އެކަކު އަނެކަކަށް ދޮގުހަދާ މަންޒަރެވެ. އަނބިމީހާ އަށް ކުރެވޭ ކުށަކުން ސަލާމަތްވުމަށްޓަކައި ފިރިމީހާ ގެއައަށް އަންނައިރު އެކަން ވީގޮތް ތެދުބަހުން ކިޔައިދިނުމުގެ ބަދަލު ގައި ބަލަނީ ކޮންމެސް ދޮގެއް ހަދައިގެން އެކުށް ފޮރުވޭތޯއެވެ. ގިނަ ފަހަރަށް މިކަމުގެ ތެރެއަށް ވައްދާނީ އެ ކުށެއްނެތް ކުޑަކުއްޖާއެވެ. އޭގެ ސަބަބުން ނޭނގި ނަމަވެސް އެދަސް ކޮށްދެވެނީ ކަންތައްތައް ފޮރުވުމަށްޓަކައި ދޮގުހަދަން ޖެހޭނެކަމެވެ.
ހަމަ އެގޮތަށް ބައެއް ޢާއިލާ ތަކުން ބަލަނީ ދަރިފުޅު ރަނގަޅުވާނީ އޭނާއަށް ބިރުދައްކާފައި ބެހެއްޓީމާ ކަމަށެވެ. ނަމަވެސް އެކުދިން މަންމަ ނުވަތަ ބައްޕަދެކެ ބިރުގަންނަނަމަ ކަންތައްތައް ހިނގިގޮތަށް ތެދުބަހުން ބުނަންއާދައެއް ނުވާނެއެވެ. ބިރުގެ ސަބަބުން ގިނަފަހަރަށް ދޮގުހަދަން މަޖުބޫރުވެއެވެ.
ޤާނޫނުގައި ދޮގު ހެދުމުންލިބޭ އަދަބު:
މީހަކު ހަދައިގެން ވާހަކަ އެއްދައްކައިފިނަމަ،ނުވަތަ އިވުނުވާހަކައެއް ސާބިތުކޮށް ނުދެވޭގޮތުގައި ދައްކައިފިނަމަ ދިވެހިރާއްޖޭގެ ޤާނޫނުގައި އެމީހެއްގެ އަދަބަކީ މަދުވެގެން 1މަސް ދުވަހާއި 6 މަސް ދުވަހާއި ދެމެދު ގޭގައި ބަންދު ކުރުން ނުވަތަ 25 ރުފިޔާ އާއި 200 ރުފިޔާއިން ޖޫރިމަނާ ކުރުމެވެ.
އިސްލާމްދީން ދޮގުވެރިންނާއިމެދު ދެކޭގޮތް؟
އިސްލާމްދީނުގައި ވަނީ ދޮގުހެދުން މަނާ ކުރައްވާފައެވެ. އަދި އެއީ މުނާފިގުންގެ ސިފަތަކުގެ ތެރެއިން ސިފައެއް ކަމަށް ރަސޫލާ ވަނީ ހަދީސް ކުރައްވާފައެވެ. ނަމަވެސް ބައެއް ޙާލަތުތަކުގައި އިސްލާދީނުގައި ދޮގު ހެދުން ހުއްދަކުރެއްވިއެވެ. އެ ގޮތުން ހަނގުރާމައިގަޔާއި ދެމަފިރިންގެ ދޭތެރޭގައި ސުލްޙަޤާއިމު ކުރުމަށާއި އަދި މީސްމީހުންގެ މެދުގައި ފިތުނަ ފެތުރުނަ ނުދިނުމަށްޓަކައި ދޮގު ހެދުން އިސްލާމްދީން ހުއްދަކުރައްވައެވެ.
ދޮގަކީ ހުރިހާ ނުބައިކަމެއްގެ މުގުލެވެ. ވީމާ ދޮގުހެދުމާއި ދުރުވެ، ތެދުބަހުުން ވާހަކަ ދައްކާބަޔަކަށް ވުމަށް އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނެއެވެ. މަޖަލަކަށް ނަމަވެސް ދޮގުހެދުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް ވަރަށް ބޮޑުކަން އަޅުގަނޑުމެން ދަންނަން ޖެހޭނެއެވެ.