Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފަހުގެ މައްސަލަތައް އިސްލާމް ދީނުގައި، ޢުޤޫބާތުގެ ފަލްސަފާ

އިސްލާމް ދީނުގައި، ޢުޤޫބާތުގެ ފަލްސަފާ

uqoobathuge-falsafaއިސްލާމީ ޝަރީޢަތަކީ، މާތް ﷲ އެންމެ ފަހުގެ ނަބިއްޔާ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ މެދުވެރި ކުރައްވައި، އިންސާނުންގެ ދުނިޔެއާއި އާޚިރަތުގެ އުފަލާއި ހަމަޖެހުން އަދި އަމަން އަމާންކަމަށްޓަކައި، ބާވައިލައްވާފައިވާ ފުރިހަމަ ނިޒާމެކެވެ. ޙައްދުތަކަކީ ފަރުދުންނާއި ޖަމާޢަތުގެ ޙައްޤުތައް ބަރާބަރަށް، ދޭތި ތަފާތު ކުރުމެއް ނެތި ރައްކާތެރި ކުރާ އެއްޗެކެވެ. ފަރުދުންގެ މުދަލާއި، ފުރާނައާއި، ފިކުރާއި ދީން ރައްކާތެރިކޮށް ޙިމާޔަތް ކުރުމަކީ، އެއީ ޖަމާޢަތުގެ ވާޖިބެކެވެ.

ހަމަ އެހެންމެ މުޖްތަމަޢްގެ އަމަން އަމާން ކަމާއި، ޢާއްމު އަދަބުތަކާއި އަޚްލާޤަށް ގެއްލުން ލިބޭނެ ފަދަ ކަމެއް، ފަރުދުންވެސް ކޮށްގެން ނުވާނެއެވެ.

ދީނުގައި ޙައްދު ކަނޑައެޅިފައިވާ ހުރިހާ ކުށްތަކަކީވެސް، އެއާ މެދު އަޅާ ނުލާ ދޫކޮށްލައިފިނަމަ، މުޖްތަމަޢުގެ އަމަން އަމާންކަމާއި ހަމަޖެހުމާއި މަސަލަސްކަން ގެއްލި މުޖްތަމަޢަކީ ވަލު ޖަނަވާރުތަކެއް އުޅޭ ނާމާން ޖަންގައްޔެއް ފަދަ ތަނަކަށް ވެދާނެ، ކަންތައްތަކެކެވެ.

އިންސާނީ މުޖްތަމަޢްތަކަކީ ސާފު، އަމަން އަމާން އޮމާން ތަނަކަށް ހެދުމަށްޓަކައި، އިސްލާމް ދީން ހަމަ އެކަނި ޢުޤޫބާތްތަކެއް ކަނޑައެޅީއެއް ނޫނެވެ. ޒިނޭ ކުރީމާ ޙައްދު ޖަހާލާފައި، ޤަތުލު ކުރީމާ ޤިޞާޞް ހިފާފައި، ވައްކަން ކުރީމާ އަތް ކަނޑާފައި ފުއްދާލީއެއް ނޫނެވެ.

ކިއެއްތަ އިސްލާމް ދީން ވަނީ، ކުށްތައް ކުރުމުގެ ކުރިން އެ ކަންތައް ހުއްޓުވުމަށް، ފިޔަވަޅުތަކެއް އަޅާފައެވެ. ސީދާ ތެދުމަގާއި، ރިވެރި އަޚްލާޤާއި ތަހުޒީބު ނަފްސާއި، މަނާވެގަންނަ ޟަމީރުގެ ޒަރީޢާއިން، ކުށަކީ މީހުން އެއާ ދުރުވާ އެއްޗަކަށް ހަދާފައެވެ. ހަމަ އެހެންމެ ސާފު ފުދުންތެރި ދިރިއުޅުމެއް މީހުންނަށް ލިބޭފަދަ ކަންތައްތަކަކަށްވެސް އިސްލާމް ދީން ވަނީ ގޮވާލާފައެވެ.

އެ ގޮތުން ވައްކަން ކުރުން ޙަރާމް ކުރުމާއެކު މަސައްކަތް ކުރުމަށް ގޮވާލައި، ފަޤީރުންނަށް އެހީވުމަށް ގޮވާލައި، ޒަކާތް ދިނުމަށް ގޮވާލާފައިވެއެވެ. އިސްލާމް ދީން ދެކޭ ގޮތުގައި އިސްލާމީ ވެރިކަމެއްގެ ދަށުގައި ތިބޭ އެންމެންނަށް މާތް ދިރިއުޅުމެއް ހޯދައި ދޭން ޖެހެއެވެ. މީހުންނަށް މަސައްކަތް ކުރެވޭނެފަދަ ވަސީލަތްތައް ފަހިކޮށް ދޭން ޖެހެއެވެ.

ޒިނޭ ކުރުން ޙަރާމް ކުރުމާއެކު، މި ދީން ވަނީ ޒިނޭއަށް ހުށައެޅޭފަދަ ކަންތައްތައްވެސް ޙަރާމް ކޮށްފައެވެ. އެގޮތުން ޙަރާމް ތަންތަނަށް ބެލުން މަނާކޮށްފައިވެއެވެ. ފިރިހެނުންގެ ހިތުގައި ޝަހުވަތް ހިލޭފަދަ ކަންތައްތައް އަންހެނުން ކުރުން މަނާކޮށްފައިވެއެވެ. އަދި ކައިވެނި ކުރުމަށް ބާރުއަޅައި ކައިވެންޏާއި ދެމެދު ބޭކާރު ހުރަސްތަކެއް ނޭޅުމަށް އަންގާފައިވެއެވެ. ކައިވެނީގެ ރަން ބޮޑު ނުކުރުމަށް ބާރުއަޅައެވެ. ދެ ޖިންސުގެ ދެ މީހުން އެކަހެރިވެ ތަނެއްގައި ނުތިބުމަށް އަންގާފައިވެއެވެ.

ކޮންމެ ފާފައަކީ ދުނިޔޭގައި އޭގެ ޢުޤޫބާތެއް ދެވޭ ކަމެއްހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. އިންސާނުން ކުރާ ކޮންމެ ފާފައެއް ނުވަތަ ސީދާ މަގުން ކައްސާލާ ކޮންމެ ކައްސާލުމަކަށް، އިސްލާމް ދީނުގައި ދުންޔަވީ ޢުޤޫބާތެއް ކަނޑައަޅާފައެއް ނުއޮވެއެވެ. ވަރަށް ގިނަ ފާފަތަކަކީ، އެ ފާފައަކީ ﷲގެ ކޯފާ ލިބި ޤިޔާމަތް ދުވަހު ޢަޛާބު ލިބޭނެ ކަމުގެ އިންޒާރު ދީ، ފުއްދާލާފައިވާ ފާފަތަކެކެވެ.

މިސާލަކަށް ދޮގު ހެދުން، މައިންބަފައިންނަށް ނުކިޔަމަންތެރިވުން، މުނާފިޤުކަން، ޣީބަ ބުނުން، ޙަރާމްތަކެއްޗަށް ބެލުން، ފިރިހެނުން ރަން އެޅުން، އޫރުމަސް ކެއުން، މުޅަތަކެތި ކެއުން، މަކަރު ހެދުން، މިނެ ކިރުމުގައި އޮޅުވާލުން، ރިބާކެއުން، މިއީ ހައްތާވެސް ޙަރާމް ކަންތަކެވެ. ނަމަވެސް މިއީ ދުނިޔޭގައި ދޭނެ ވަކި ޢުޤޫބާތެއް ކަނޑައެޅިފައިވާ ކުށްތަކެއް ނޫނެވެ. ޢުޤޫބާތް ލިބޭނީ ޤިޔާމަތް ދުވަހުގައެވެ. ދުނިޔޭގައި ދޭނެ ވަކި ޢުޤޫބާތެއް ކަނޑައެޅިފައި ނެތަސް ޤާޟީއަށް ފެނިއްޖެނަމަ މިއިން ކޮންމެ ކަމަކަށްވެސް ތަޢްޒީރީ އަދަބެއް ދެވިދާނެއެވެ.

އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައިވަނީ ވަރަށް މަދު ކުށްތަކަކަށެވެ. އެ ހުރިހާ ކުށަކީވެސް މުޖްތަމަޢަށް އެ ކަމުގެ ސަބަބުން ގެއްލުން ލިބޭ ކުށްތަކެކެވެ. ހަމަ އެހެންމެ އެ ކުށްތަކަކީ ވަރަށް ނުރައްކާތެރި ކުށްތަކެއްވެސް މެއެވެ. މި ބުނި ޙައްދުތަކުގެ ތެރެއިން ބައެއް ޙައްދު ކަނޑައެޅިފައިވަނީ ކީރިތި ޤުރުއާނުގެ ނައްޞުންނެވެ. އަނެއް ބައި އަހަރެމެންނަށް އެނގިފައިވަނީ ކީރިތި ރަސޫލާގެ ޙަދީޘްފުޅުތަކުންނެވެ. ޙައްދު ކަނޑައެޅިފައިވާ ކަންތަކަކީ:-

1- ވައްކަން ކުރުން 2- ޒިނޭ ކުރުން 3- ޤަޛްފު ކުރުން 4- ރާ ބުއިން 5- މުރުތައްދު ވުން 6- މަގުފޭރުން

ޤަތުލު ކުރުމަކީވެސް ކަނޑައެޅިގެންވާ ވަކި ޢުޤޫބާތެއް ދީނުގައި ކަނޑައެޅިފައިވާ ކަމެކެވެ. ނަމަވެސް މި ޢުޤޫބާތަކީ ޙައްދެއް ކަމަށް ޢިލްމުވެރިން ދެކެ ނުލައްވައެވެ. ޢިލްމުވެރިން މި ގުނަނީ '' ޤިޞާޞް '' މި ސުރުޚީ ދަށުގައެވެ.

ޙައްދުގެ ޝަރުޢީ މާނައަކީ ''މިންވަރު ކަނޑައެޅި ވާޖިބުވެގެންވާ މާތް ﷲގެ ޙައްޤެއްގެ ގޮތުގައި ދެވޭ ޢުޤޫބާތެކެވެ.'' ﷲ ގެ ޙައްޤެކޭ ބުނުމުގެ މާނައަކީ އެއީ އެއްވެސް މީހަކަށް މާފު ނުކުރެވޭނެ، ކަމެކޭ ބުނުމެވެ. މީހެއްގެ ޙައްޤަކީ އެ މީހަކު ބޭނުންނަމަ ދޫކޮށްލެވިދާނެ އެއްޗެކެވެ. ނަމަވެސް ﷲ ގެ ޙައްޤަކީ އެފަދަ އެއްޗެއް ނޫނެވެ. ޤިޞާސާއި ދިޔަ ދިނުމަކީ ޙައްދެއް ކަމުގައި ނުބެލެނީވެސް މި ބުނެވުނު ސަބަބަށްޓަކައެވެ. އެހެނީ ޤިޞާޞާއި ދިޔަ އަކީ ވަކި ފަރުދުންގެ ޙައްޤެކެވެ. އަނިޔާ ލިބުނު މީހާ ނުވަތަ މަރުވި މީހާގެ ބަލަދުވެރިއާ މާފު ކޮށްފިނަމަ މި ދެ ކަންތައް މާފު ކުރެވިދާނެއެވެ.

ވިސްނާލާއިރު ފާހަނގަ ކުރެވޭ އެއް ކަމަކީ، ޙައްދު ކަނޑައެޅިފައިވަނީ މުޖްތަމަޢާއި މުޖްތަމަޢުގެ ސަލާމަތަށް ނުރައްކާ ވާފަދަ ކުށްތަކަށް ކަމަށެވެ. ޤިޞާޞް ކަނޑައެޅިފައިވަނީ -މުޖްތަމަޢާއި ގުޅުން ހުއްޓަސް- ބޮޑަށް ވަކި ފަރުދުންނަށް ގެއްލުން ލިބޭފަދަ ކުށަށެވެ.

ޤިޞާޞް ހިފުން އަދި ދިޔަ ދިނުން އެއީ މާފު ކުރުން، ދީން ހުއްދަ ކުރާ ކަންތަކެވެ. ނަމަވެސް މާފު ދިނަސް ޤާޟީއަށް ފެނިއްޖެނަމަ އެ ކުށަށް ތަޢްޒީރީ ޢުޤޫބާތެއް ދެވިދާނެއެވެ. އެއީ މިފަދަ ކުށެއް ކޮށްފައި، ގެއްލުން ލިބުނު ފަރާތަށް ފައިސާ ދީގެން ކޮންމެ ފަހަރަކު ކޮންމެ މީހެއް، ރެކިގެން ދިޔަ ނުދިނުމަށްޓަކައެވެ.

މަތީގައިވާ ފަދަ ކުށްތަކަށް ކަނޑައެޅިފައިވާ ޢުޤޫބާތް ހަރުކަށި ކުރެވުނީ، އެ ކުށްތަކުގެ ނުރައްކާތެރިކަން ބޮޑު ކަމުންނެވެ. އަދި އެއީ ފަސޭހަކޮށްލައިފިނަ، މުޖްތަމަޢުގެ އަޚްލާޤު ފުނޑުފުޑުވެ ފަސާދައާއި ހަމަނުޖެހުން ފެތުރިގެން ދާނެ ކަންކަމެވެ. މިއިން ކޮންމެ ކުށަކީވެސް ފަރުދުންގެ އިތުރުން ޖަމާޢަތަށް ބޮޑެތި ގެއްލުން ލިބޭ ކުށެކެވެ.

ގަސްދުގައި މީހުން މެރުމަކީ މާތް ﷲ މާތް ކުރައްވާ ޙުރުމަތްތެރި ކުރައްވާފައިވާ ފުރާނައެއް ދުއްވާލުމެކެވެ. ހަމަ އެހެންމެ އެއީ މީހުންގެ މެދުގައި ޢަދާވާތްތެރި ކަމާއި ލޭ އޮހޮރުވުން ފެތުރި، މުޖްތަމަޢުގައި ބިރުވެރިކަން ފެތުރިގެން ދާނެ ކަމެކެވެ. މިހެންވެ އެންމެ މީހަކު މެރުމަކީވެސް ހުރިހާ މީހުން މެރުމެކޭ އެއްފަދަ ކަމެއްކަމުގައި ޤުރުއާނުގައި އަންގަވާފައިވެއެވެ. ސޫރަތުލް މާއިދާގެ 32 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ: مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إِسْرَائِيلَ أَنَّهُ مَن قَتَلَ نَفْساً بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعاً وَمَنْ أَحْيَاهَا فَكَأَنَّمَا أَحْيَا النَّاسَ جَمِيعاً

މާނައަކީ: ''އެ ކަމަށްޓަކައި ބަނީ އިސްރާއީލުންގެ މައްޗަށް، ތިމަން ރަސްކަލާނގެ ލިއުއްވާ ކަނޑައެޅުއްވީމެވެ. ފުރާނައަކަށް ފުރާނައެއް ހިފާ ގޮތަށް ނުވަތަ ބިމުގައި އުފައްދާ ފަސާދައަކަށްޓަކާ ނޫން ގޮތަކަށް މީހަކު މަރާ ފުރާނައެއް ނެތިކޮށްފި މީހާ، އެންމެހާ މީސްތަކުން ޤަތުލުކުޅަ ފަދައެވެ. އަދި އެ ފުރާނަ ރައްކާތެރިކޮށް މީހަކު ދިރިދުނިޔޭގައި ބަހައްޓައިފި މީހާ، އެންމެހާ މީސްތަކުންގެ ފުރާނަތައް ރައްކާ ކޮށް ދިރިދުނިޔޭގައި ބެހެއްޓިފަދައެވެ.''

އަދި ޢަމްދާއި ލައިގެން މީހަކު މެރުމަކީ ސީދާ ޖަހައްނަމަ ޙައްޤުވާ ވަރުގެ ބޮޑު ފާފައެއް ކަމުގައި މާތް ﷲ ވަނީ ސޫރަތުއް ނިސާގެ 93 ވަނަ އާޔަތުގައި އަންގަވާފައެވެ. وَمَنْ يَقْتُلْ مُؤْمِناً مُتَعَمِّداً فَجَزَاؤُهُ جَهَنَّمُ خَالِداً فِيهَا

މާނައަކީ: ''އެ ކަން ގަސްތު ކޮށްގެން މުއުމިނަކު ޤަތުލުކޮށްފި މީހާ، ފަހެ އެ މީހާގެ ޖަޒާއަކީ ނަރަކައެވެ. އެތާނގައި ދެމި ހުންނަނިވި ގޮތުގައެވެ. އަދި މާތް ﷲ އެ މީހެއްގެ މައްޗަށް ކޯފާ ލައްވާފައި ވެއެވެ. އަދި އެ މީހަކަށް ލަޢްނަތް ލައްވާފައި ވެއެވެ. އަދި ބޮޑުވެގެންވާ ޢަޛާބު އެ މީހަކަށްޓަކައި މާތް ﷲ ތައްޔާރު ކުރެއްވިއެވެ.''

ގަސްތުގައި މީހަކު މަރައިފިނަމަ އޮތް ޢަދުލުވެރި ޖަޒާއަކީ މަރަށް މަރު ހިފުމެވެ. އެ ގޮތުން މާތް ﷲ ސޫރަތުލް ބަޤަރާގެ 178 ވަނަ އާޔަތުގައި ވަޙީ ކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُواْ كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى

މާނައަކީ: ''އޭ އީމާންވެއްޖެ މީސްތަކުންނެވެ. ޤަތުލު ވެވޭ މީހުންނާ މެދު ބަދަލު ހިފުމުގެ ގޮތް ތިޔަބައި މީހުންގެ މައްޗަށް ކަނޑައަޅުއްވާ ލިއުއްވުނެވެ.''

ޒިނޭ ކުރުމަކީ އިންސާނީ މުޖްތަމަޢުގައި ޖިންސީ ހަލަބޮލިކަން ފެތުރި، އިންސާނީ ގިއުގަނޑުން ބޭރުވެ ޖަނަވާރުންގެ ދަރަޖައަށް ވެއްޓިދާފަދަ ނުބައިކަން ބޮޑު ޢަމަލެކެވެ. ޢާއިލާތަކުގެ ހަމަޖެހުން ގެއްލި ކުދިންތައް ބިކަވެ، ބައްޕައަކީ ކޮބައިކަން ދަރިއަކީ ކޮބައިކަން ނޭގި ނަސްލުތައް އޮޅުންބޮޅުންވާ ކަމެކެވެ. ރުޅިވެރިކަމާއި ޢަދާވާތްތެރިކަން ފެތުރޭ ކަމެކެވެ. ތަފާތު ޖިންސީ ބަލިތައް ފެތުރޭ ކަމެކެވެ. އިޖްތިމާޢީ ތަފާތު ބަލިމަޑުކަމާއި ނަފްސާނީ މައްސަލަތަކެއް މީހުންނަށް މެދުވެރި ކުރުވާ ކަމެކެވެ.

ވައްކަން ކުރުމަކީ މީހުންގެ މުދަލަށް ނަހަމަ ގޮތުގައި އަރައިގަނެވޭ އަރައިގަނެވުމެކެވެ. އެއީ އެހެން މީހުން ބުރަ މަސައްކަތް ކޮށްގެން ނިތްކުރިން ދާހިތްލައިގެން ހޯދާ މުދަލުން އޭގެ ވެރިފަރާތް މަންފާ ހިފުމުން މަޙްރޫމް ކޮށް ވަރަށް ހުތުރުގޮތަކަށް ކައިލުމެވެ. އިޤްތިޞާދީ ގޮތުން މުޖްތަމަޢަށް ބޮޑެތި ގެއްލުންތަކެއް ލިބި، އަމަން އަމާންކަން ގެއްލޭ ކަމެކެވެ.

މަގުފޭރުމަކީ މުޖްތަމަޢުގެ އަމަން އަމާންކަން ގެއްލި، މީހުންގެ އެއްތަނުން އަނެއްތަނަށް އަމާންކަމާއި އެކީ ދަތުރު ކުރުމުގެ ޙައްޤަށް އޮތް ނުރައްކަލެކެވެ. އަދި ޤައުމުގެ އެތައް ކަމެއް ފަހަތަށް ޖެހި، ތަރައްޤީގެ ފުރޮޅު ފަހަތަށް ޖެހޭ ކަމެކެވެ. އަންހެނުންނާއި ކުޑަ ކުދިންގެ ޢިއްފަތަށް ހުރި ނުރައްކަލެކެވެ.

ތިމާގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ އެއްވެސް މީހަކު އެދޭނެ ކަމެއް ނޫނެވެ. ޤަޛްފު ކުރުމަކީ މީހުންގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެލައި، މީހުންގެ ނަމަށް އެރުވޭ ހުތުރެކެވެ. ޢާއިލާތަކަށް ދެވޭ ބޮޑު ހުތުރެކެވެ. ނަތީޖާއަކަށް ވާނީ ޢާއިލާތައް ރޫޅި މުޖްތަމަޢު ބައިބައިވުމެވެ. ތިމާގެ މަންމަ ނުވަތަ ދައްތަ ބޮލުގައި މިފަދަ ދޮގު ތުހުމަތެއް އަޅުވަން އެދޭނީ ކާކު ހެއްޔެވެ؟ ތިމާގެ އަނބިމީހާ އަކީ ޒިނޭ ކުރާ މީހެކޭ، ބުނާ އަޑު އަހަން ކެތް ކުރާނީ ކޮން ފިރިއެއްހެއްޔެވެ؟ އިސްލާމް ދީން ދެކޭ ގޮތުގައި މީހުންގެ އަބުރަކީ މީހުންގެ މުދަލަށް ވުރެ ވަކި އަގު ދަށް އެއްޗެއް ނޫނެވެ. ޣީބަ ބުނުމާއި ދެބަ އޮޑުވުން ޙަރާމް ކުރެވިފައިވަނީވެސް މިހެން ވީމައެވެ.

ރަލަކީ ހުރިހާ ނުބައެއްގެ މަންމައެވެ. ތަނެއްގައި ރާ ބުއިން ފެތުރިއްޖެނަމަ އެތަނެއްގައި މަސްތުވާ އެހެން އެއްޗެއްސާއި، ހަށި ވިއްކުމާއި، ތިމާގެ މީހުން ގަޔަށް އެރުމާއި، ވައްކަން ކުރުމާއި، މާރާމާރީތައް ފެތުރުން އެއީ ނުވެ ނުދާނެ ކަމެކެވެ. ރަލަކީ އިންސާނާއަށް ލިބެގެންވާ އެންމެ މުހިއްމު ނިޢުމަތް ކަމުގައިވާ ބުއްދީގައި ތަޅުލައި، ޖަނަވާރުންގެ ދަރަޖައަށް އިންސާނާ ވައްޓާލާ އެއްޗެކެވެ. ނަފްސާނީ އަދި ޖިސްމާނީ އެތަކެއް އެތަކެއް ބައްޔެއްގެ ފަހަތުގައި ރާ ވެއެވެ. ޤައުމަށް އިޤްތިޞާދީ އެތަކެއް ގެއްލުން ރާ ގެ ސަބަބުން ވެއެވެ. އެއީ ހިނގާ ޖަރީމާތަކާއި، މަގުމަތީ ހާދިސާތަކާއި އުފެއްދުންތެރިކަން ދަށްވުން ފަދަ ކަންކަމާ ހެދިއެވެ. ވީމާ މިފަދަ ނުބައި ކަމެއް އިސްލާމް ދީން ޤަބޫލު ނުކުރާނެ ކަން އެއީ އެނގި ފާޅު ކަމެކެވެ. އެހެންވެ ރާ އާއި ކޮންމެ މަސްތުވާ އެއްޗަކީ ޙަރާމް އެއްޗެއް ކަމުގައި މި ދީން ކަނޑައެޅިއެވެ. އަދި ރާ ބޯ މީހުންނަށް ޙައްދެއް ކަނޑައެޅިއެވެ.

މުރުތައްދު ވުމަކީ، އިސްލާމް ދީނަށް ކުފުރުވެރިވެ މުޖްތަމަޢްގެ ފިކުރީ ހަމަޖެހުމަށް ޖަހާލެވޭ ގޮންޖެހުމެކެވެ. އިސްލާމް ދީނަކީ ވަކި ސިޔާސީ ނިޒާމެކެވެ. ވީމާ މުރުތައްދު ވުން ހިމެނެނީ މި ޒަމާނުގެ ބަހުރުވައިން ކިޔާނަމަ '' ޤައުމަށް ޚިޔާނާތްތެރި ވުން '' ކަމަށެވެ. ޤައުމަށް ޚިޔާނާތްތެރި ވުމަކީވެސް އެއީ އެއްވެސް މީހެއްގެ އަމިއްލަ މިނިވަން ކަމޭ ކިޔައި، ކުޅެވޭނެ އެއްޗެއް ނޫނެވެ. ޤައުމަށް ޚިޔާނާތްތެރި ވުމަކީ މުޖްތަމަޢްއަށް ދެވޭ އަނިޔާއެކެވެ. އެހެންވެ ހުރިހާ ޤާނޫނުތަކެއްގައިވެސް އެއީ ކުށެކެވެ.

ހަމަ މި ބީދައިން މީހަކު އިސްލާމް ދީނަށް ވަދެ ނުވަތަ އެ ދީން މަތީ ހުރެފައި، ހިތަށް އެރީމާ ދީނުން ބޭރު ވުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ސަބަބަކީ ދީނަކީ ކުޅޭ ކުޅޭ އެއްޗެއް ނޫނެވެ. މުރުތައްދު ވާ މީހާ ޤަތުލު ކުރެވެނީ، ކޮންމެހެން އޭނާ އިސްލާމް ދީނުން ބޭރު ވީމައެއް ނޫނެވެ. އެކަމަކު އެއީ ވަފާތެރި ކަމާއި އެކީ ދީނަށް އުޅެ އުޅެފައި، މިއްލަތަށް ޚިޔާނާތްތެރި ވީމައި ދެވޭ ޢުޤޫބާތެކެވެ. އޭނާ އަށް އިސްލާމް ދީން ކަމު ނުގޮސްގެން އެ ދީނުން ބޭރުވެ އެކަން ފާޅު ނުކޮށް ހުރެއްޖެނަމަ އެއީ، މުސްލިމުންނާ ބެހޭ ކަމެއް ނޫނެވެ. މުނާފިޤުންވެސް އެ ތިބެނީއެވެ. މައްސަލައަކީ ދީނުން ބޭރުވެ، ދީނަށް ހަޖޫޖަހައި އެހެން މީހުން އެ ދީނާއި މެދު ނަފްރަތު ކުރުވައި، ދީނާއި ބަހާއި ޤަލަން ބޭނުން ކޮށްގެން ހަނގުރާމަ ކުރުމެވެ.

މަތީގައިވާ ކުށްތައް ފިޔަވައި އެހެން ކުށްތަކަކީ އެއީ ދީނުގައި ވަކި ޢުޤޫބާތެއް ކަނޑައެޅިފައިވާ ކަންކަމެއް ނޫނެވެ. މިފަދަ ކަންކަމަށް އޮންނަނީ ތަޢްޒީރު ކުރުމެވެ. ތަޢްޒީރަކީ ކުށް ކުރާ މީހާ އަދަބުވެރި ކުރުމުގެ ގޮތުން ކުރެވޭ ކަމެކެވެ. ތަޢްޒީރުގެ މާނައަކީ އިސްލާމް ދީނުގައި ޙައްދެއް ނުވަތަ ކައްފާރާއެއް ކަނޑައެޅިފައި ނުވާ ކުށްތަކަށް، ﷲގެ ޙައްޤެއްގެ ގޮތުގައި ނުވަތަ އާދަމުގެ ދަރިއެއްގެ ޙައްޤެއްގެ ގޮތުގައި، ދެވޭ ވަކި މިންވަރެއް ކަނޑައެޅިފައި ނުވާ ޢުޤޫބާތްތަކެވެ.

ތަޢްޒީރަކީ ވަކި މިންވަރެއް ކަނޑައެޅިފައި ވާ އެއްޗަކަށް ނުވާތީ، ޤާޟީ އަށް ފެންނަ ޙުކުމެއް އިއްވިދާނެއެވެ. އެއީ ކުށް ކުރި މީހާ އިސްލާހުވާނީ ކިހިނެއްތޯއާއި، މުޖްތަމަޢުގެ މަސްލަހަތު ބޮޑީ ކޮން ގޮތަކަށްތޯއާއި، ކުށް ކުރި މީހާ ކުށް ކުރި ނިޔަތާއި މިކަހަލަ އެތައް ކަމަކަށް ރިޢާޔަތް ކޮށް ވިސްނާ ބެލުމަށް ފަހުގައެވެ.

ބޭނުމިއްޔާ ނަސޭހަތް ނުވަތަ އިންޒާރު ދީފައި ފޮނުވާ ވެސް ލެވިދާނެއެވެ. ނުވަތަ ހައްޔަރުވެސް ކުރެވިދާނެއެވެ. ޖޫރިމާނާ ވެސް ކުރެވިދާނެއެވެ. ކުށް ކުރާ ތަކެތި އަތުލައިގަނެވިވެސް ދާނެއެވެ. ނުވަތަ ވަޒީފާއިން ވަކިވެސް ކުރެވިދާނެއެވެ. ބައެއްފަހަރު ތަޢްޒީރު ވަރަށް ހަރުކަށިވާ ފަހަރު ފަހަރުވެސް އާދެއެވެ. އެ ގޮތުން ޖަލަށް ލައި، ނުވަތަ ޤަތުލު ކުރުމަށްވެސް ޙުކުމް ކުރެވިދާނެއެވެ. އެއީ މިސާލަކަށް ޖާސޫސް ކުރުން، މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ފަދަ ބޮޑެތި ކުށްތަކުގައެވެ. ނަމަވެސް ޝާފިޢީން އަދި ގިނަ މާލިކީން ދެކޭ ގޮތުގައި ތަޢުޒީރެއްގެ ގޮތުގައި މަރުގެ ޙުކުމް ކޮށްގެން ނުވާނެއެވެ. އޭގެ ބަދަލުގައި އޭނާ އުމުރު ދުވަހަށް ހައްޔަރު ކުރާނީއެވެ.

އިސްލާމީ ޙައްދުތަކަކީ، ޣައިރު މުސްލިމުންނާއި އެ މީހުންގެ ނާރެހުގައި ހިނގާ، އިސްލާމް ދީނަށް ނިސްބަތްވާ ބައެއް ޢަލްމާނީން ވަރަށް ބޮޑު ކަމަކަށް ހަދައި އެއާ މެދު ތަފާތު ގޮތް ގޮތަށް އަޑު ފަތުރާ އެއްޗެކެވެ. އެއީ ވަރަށް އަނިޔާވެރި ޒަމާނަށް ނުފެތޭ އިންސާނީ ޠަބީޢަތާއި ޚިލާފު ކަމެއް ކަމަށް ބުނެ ދޮގު ދަޢުވާތަކެއް ކުރެއެވެ. ނަމަވެސް މިފަދަ މީހުންނަށް ގިނަ ފަހަރަށް އޮންނަނީ (ބައެއް މީހުންނަށް ހުރިހާ ކަމެއްވެސް އެނގޭ އެހެން ނަމަވެސް އިސްލާމް ދީނާއި ހަނގުރާމަ ކުރުމުގެ ގޮތުން ދެކޮޅު ހަދަނީ) އިސްލާމީ ޙައްދަކީ ކޮބައިކަން ނޭގިފައެވެ. އަދި އޭގެ ޙިކުމަތާއި އެ ތަންފީޒު ކުރެވޭ ހާލަތްތަކާއި ޝަރުޠުތަކެއްވެސް ނޭނގެއެވެ. އަދި ޙައްދު ތަންފީޒު ކުރެވޭ ޤައުމުތަކުގައި ކުށް ކުރާ މިންވަރު ދަށް ކަންވެސް އެ މީހުންނަށް ނޭނގެއެވެ. އަނެއް ބައި މީހުން އެނގޭ ކަމަކަށް ނަހަދަނީއެވެ. އެފަދަ މީހުންނަށް ބުނަން އޮތީ މި އަންނަނިވި ވާހަކަތަކެވެ.

ނުކުތާ އެކެއް

އިސްލާމް ދީނުގައި އައިސްފައިވާ ޙައްދުތައް ކަނޑައެޅުއްވީ، ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވާ މާތް ﷲ އެވެ. އެ ކަލާނގެ އަކީ މީސްތަކުންގެ ހިތްތަކާއި ނަފްސުތައް މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ސޫރަތުލް މުލްކުގެ 14 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ أَلَا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ

މާނައަކީ: ''ޚަލްޤު ކުރެއްވި ކަލާނގެއަށް އެނގިވޮޑިގެން ނުވާނޭހެއްޔެވެ؟ އެ ކަލާނގެ އީ ސިއްރުތައް ދެނެވޮޑިގަންނަވާ ޚަބީރުވަންތަ ކަލާނގެއެވެ.''

ވީމާ އެފަދަ ފަރާތަކުން އައިސްފައިވާ އަމުރާއި ނަހީ އަދި ޢުޤޫބާތްތަކަކީ އުނި އެއްޗަކަށް ނުވާނެކަން ކަށަވަރެވެ. ޝަރީޢަތް އުނި ކަމަށް ބުނާ މީހަކު އިންސާނުންގެ ހަށިގަނޑަކީވެސް އުނި އެއްވެސް މޮޅު ކަމެއް ނެތް އެއްޗެކޭ ބުނެފާނެއެވެ. އަދި އާދަމުގެ ފާނު ދުވަސްވަރުއްސުރެ އުޅޭ އިންސާނާގެ މި ހަށިގަނޑަކީ މިއަދު ކަމުދާ އެއްޗެއް ނޫނޭ، މިފަދަ މީހެއް ބުންޏަސް އަހަރެން ހައިރާނެއް ނުވާނެއެވެ.

އިސްލާމީ ޝަރީޢަތް ވެސް ބާވައިލެއްވީ ހަށިގަނޑުވެސް އުފައްދައި ބޮޑު ކުރެއްވި މާތް ރަސްކަލާނގެއެވެ. ހަށިގަނޑަކީ ކޮންމެ ޒަމާނަކަށްވެސް ފެތޭ އެއްޗެއް ފަދައިން ޝަރީޢަތަކީ ވެސް ހުރިހާ ޒަމާނަކަށް ފެތޭ އެއްޗެކެވެ. ރޯނު އެނދުގައި ނިދި ދުވަސްވަރެކޭ، މިހާރެކޭ ހަށިގަނޑުގައި ހުރި ތަފާތެއް ނެތެވެ. ހަމަ އެހެންމެ ވައްކަން ކުރުމުން އަތް ކެނޑި ޒަމާނެކޭ މި ޒަމާނެކޭ، ވަކި ތަފާތެއް، އިންސާނުންގެ ނަފްސާއި ދަހިވެތިކަން އަދި ވަގު ކަމުގައި، ނެތެވެ.

އިސްލާމީ ޝަރީޢަތުގައި ވަކި ޖިންސަކަށް ވަކި ނަސްލަކަށް ޖެހިފައި ނުއޮވެއެވެ. އަނެއް ކޮޅުން މާތް ﷲ އަކީ ރަޙްމަތްވަންތަ އޯގާވަންތަ، ރަސްކަލާނގެއެވެ. އެކަލާނގެ ވަނީ، އަނިޔާވެރި ވުމަކީ އެކަލާނގެ ޛާތުފުޅަށް ޙަރާމް ކަމެއް ކަމަށް އަންގަވައި ވަޙީކުރައްވާފައެވެ. އަދި ކުށްކުރާ މީހަކަށް ދެވޭ އަދަބަކުން އެކަލާނގެ މުލްކަށް އުނިކަމެއް ނުވަތަ އިތުރުކަމެއްވެސް ނާންނާނެއެވެ. ވީމާ ޙައްދުތައް ކަނޑައެޅުއްވީ ހަމަ އިންސާނުންގެ ފައިދާއަކަށެވެ. ބަލާ ބެލުމަށް ޙައްދުތަކުގައި ހަރުކަށި ކަމެއް ހުއްޓަސް އެއީ މުޅި މުޖްތަމަޢްގެ ރައްކަލަކަށް ކަނޑައެޅިފައިވާ އެއްޗެކެވެ. އަދި އެއީ ޙައްދު ޤާއިމު ކުރެވޭ މީހާގެ ފާފަތައްވެސް ފޮހެވިދާނެ ކަމެކެވެ. ވީމާ ހަމަ އެކަނި މާއްދީ ގޮތަކަށް މި މައުޟޫޢަށް ބަލައިގެން ނު ފުދޭނެއެވެ. އިސްލާމް ދީނުގައި ސާބިތުވެފައިވާ ޙައްދެއް އިންކާރުކޮށް އެއީ އެކަށީގެން ވާ އެއްޗެއް ނޫން ކަމަށާއި، އިންސާނުންނަށް ހެވާއި ލާބަ އެނގޭނީ ބޮޑަށް އިންސާނުންނަށް ކަމަށް ބުނެ ދަޢުވާ ކޮށްފި މީހަކު، އިސްލާމް ދީނުން ބޭރުވާނެ ކަމީ ޝައްކު އުފެދޭވަރުގެ މައްސަލައެއް ނޫނެވެ.

ނުކުތާ ދޭއް

ކޮންމެ ހެޔޮކަމަކީ ހެޔޮ ސަޒާ ލިބޭ ކަމެކެވެ. ހަމަ އެހެންމެ ކޮންމެ ކުށަކީ ޢުޤޫބާތެއް ލިބެން ޖެހޭ ކަމެކެވެ. ޢަދުލުވެރި ގޮތަކީ ކޮންމެ ކުށަކަށްވެސް އެ ކުށަކާއި އެކަށީގެންވާ ސަޒާއެއް ދިނުމެވެ. އެއްވެސް އިތުރު ކުރުމެއް އުނި ކުރުމެއް ނެތިއެވެ. ޖަޒާ ދެވެނީ ކުށުގެ ބާވަތާއި އެއްގޮތް ވާ ގޮތުގެ މަތިންނެވެ. އެ ގޮތުން ނަ ހަލާލު ގޮތުގައި ޖިންސީ ބޮޑު އަރާމެއް ލިބިގަންނަ މީހާ އަށް އޮތީ ވޭންދެނިވި ސަޒާއެކެވެ. އޭނާގެ ނަފްސަށް ލިބިގަތް ހިތް ހަމަ ޖެހުމުގެ ބަދަލުގައި ދެވެނީ އެ ނަފްސަށް އިހާނެތި ކަމެކެވެ. މީހުންގެ މުދަލަށް އަރައިގަނެ ވައްކަން ކުރާ މީހާއަށް އޮތީ އޭނާ އެ ވައްކަން ކުރުމުގެ ބޭނުމުގެ އިދިކޮޅު ނަތީޖާއެވެ. ވައްކަން ކުރަނީ މަސައްކަތް ނުކޮށް މުދާ ހޯދާށެވެ. ވީމާ އޭނާގެ ޢުޤޫބާތަކީ ވައްކަން ކުރާ އަތް ބުރި ކުރުމެވެ.

އެހެން މީހުންގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވައި ޤަޛްފު ކުރާ މީހާ އަށް އޮތް ސަޒާއަކީ އެހެން މީހުންގެ ކުރިމަތީގައި ނިކަމަތިކަން ލިބޭފަދަ ގޮތަކަށް ޙައްދު ޖެހުމެވެ. އަދި އޭނާ ހެދި ދޮގަށްޓަކައި ދެން ދުވަހަކުވެސް އޭނާ ދައްކާ ވާހަކަ ނުވަތަ ދޭ ހެކި ބަހެއް ޤަބޫލު ނުކުރެވޭނެއެވެ. ޖެހޭނީ އިތުބާރު ނެތް ދޮގިވެރިއެއްގެ ގޮތުގައި މުޅި ޢުމުރު ހޭދަ ކުރާށެވެ. ވީމާ މިއީ މީހަކު ޤަޛްފު ކުރުމުގެ ކުރިން ސަތޭކަ ފަހަރު ވިސްނާލަން ޖެހޭ ކަންކަމެވެ.

އިސްލާމީ ޢުޤޫބާތްތަކަކީ އިންސާނުންގެ ޠަބީޢަތާއި އެއްގޮތް ވާ ގޮތުގެ މަތިން، އެ ޠަބީޢަތް އެންމެ ފުރިހަމައަށް އެނގިވޮޑިގަންނަވާ މާތް ރަސްކަލާނގެ ކަނޑައެޅުއްވި އެއްޗެކެވެ. ކާމިޔާބު ކަމެއް ލިބޭ ޢުޤޫބާތްތަކަކީ ކުށްވެރިއާގެ ނަފްސިއްޔަތު އެނގިގެން ކަނޑައެޅޭ ޢުޤޫބާތްތަކެވެ. ކޮންމެ ކުށަކީ ޖަލަށް ލައިގެން ހުއްޓުވޭނެ ކަންތަކެއް ނޫނެވެ. ޖަލަށް ލައިގެން ވައްކަމާއި ޒިނޭ ކުރުމާއި ޤަޛްފު ކުރުން ހުއްޓުވޭނަމަ، ދުނިޔޭގެ ޤައުމުތަކުގެ ނޫސްތަކުން ކޮންމެ ދުވަހަކު އަހަރެމެންނަށް އެ ފެންނަ '' ޖަރީމާ '' ޞަފްޙާ ނުފެންނާނެއެވެ.

ޢުޤޫބާތާއި ބެހޭ ގޮތުން އިމާމް އިބްނުލް ޤައްޔިމް ވިދާޅުވެފައިވާ ވަރަށް ފުރިހަމަ ބަސްފުޅެއް މިތާނގައި ލިޔެލާނަމެވެ. އިޢްލާމުލް މުވައްޤިޢީން މި ފޮތުގައި އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. ''ކުށުގެ ދަރަޖަތައް ތަފާތު ވީމާ، ޢުޤޫބާތުގެ ދަރަޖަތައްވެސް ތަފާތުކުރުން ނޫން ގޮތެއް ނެތެވެ. އެނގޭނެ ފަދައިން، ކޮންމެ ކުށަކަށް ކަނޑައަޅާނެ ޢުޤޫބާތަކާއި، ކޮންމެ ވައްތަރެއްގެ ކުށަކަށް ދޭނެ ޢުޤޫބާތުގެ މިންވަރާއި، ދޭނެ ގޮތް ކަނޑައެޅުން، އިންސާނުންގެ އަމިއްލަ ވިސްނުމަށް ދޫކޮށްލެވިއްޖެނަމަ، ކޮންމެ މީހަކުވެސް ނެރޭނީ އެކަކު އަނެކަކާއި މުޅިން ތަފާތު ޢުޤޫބާތްތަކެކެވެ. އަދި އެ ކަމާއި ހެދި އެތަކެއް ޚިލާފުތަކެއް އުފެދުނީހެވެ.

ޢުޤޫބާތްތައް ހޯދައި ވިސްނުމުގެ ބުރަ އަހަރެމެންގެ ކޮނޑުގައި ނޭޅުއްވި ކަމީ، އެންމެ އޯގާތެރިވަންތަ ރަސްކަލާނގެ އަހަރެމެންނަށް ދެއްވި ބޮޑު ހެޔޮކަމެކެވެ. އެކަލާނގެ ވަނީ އެ ކަލާނގެ ޢިލްމުފުޅާއި އޯގާތެރިވަންތަކަމާއި ޙިކްމަތްތެރި ކަމުން، އަހަރެމެން ކުރާ ކުށްތަކަށް އެކަށީގެންވާ ޢުޤޫބާތްތަކެއް ކަނޑައަޅުއްވާފައެވެ. ކޮންމެ ކުށަކަށް އެކަށީގެންވާ ޢުޤޫބާތެއް އެ ކަލާނގެ ކަނޑައެޅުއްވިއެވެ.

ވިސްނައިފިއްޔާ އެނގޭނެ ފަދައިން، ކޮންމެ ޖަރީމާއަކަށް ކަނޑައެޅިފައިވާ ޢުޤޫބާތަކީ އެއާއި ވަރަށް އެކަށީގެންވާ އެއްޗެކެވެ. އެ ގޮތުން މީގެ ޢުޤޫބާތެއް ކަނޑައެޅިފައިވާ ކުށަށް ނޫން ކުށަކަށް ތަންފީޒުކޮށް ނުވަތަ ހުރިހާ ކުށަކަށް އެއް ޢުޤޫބާތެއް ތަންފީޒު ކުރަން ފަށައިފިނަމަ، ނިކަން އަވަހަށް މިހެން ހެދުމަކީ އެއްވެސް ޢަދުލުވެރިކަމެއް ނެތް، ގޯސް ގޮތެއްކަން ހާމަ ވާނެއެވެ.

މިސާލަކަށް، ވައްކަން ކުރުމަށް ޝަރީޢަތުގައި ކަނޑައެޅިފައިވާ ޢުޤޫބާތަކީ އަތް ކެނޑުމެވެ. އެކަމަކު ޤަޛްފު ކުރަމުގެ ސަޒާއަކަށް ދޫ ބުރިކުރުމެއް ނަހަދައެވެ. އަދި ޒިނޭ ކުރުމުގެ ސަޒާއަކަށް ހޯޖާކުރުމެއް (އުރަވަޅި ކެނޑުން) ނަހަދައެވެ. ޤަތުލު ކުރުމުގެ ސަޒާއަކީ ޤިޞާޞް ހިފުމެވެ. އެހެނެއް ކަމަކު މުދަލަށް ގެއްލުން ދިނީމާ ޤިޞާޞް ހިފާކަށް ނުބުނެއެވެ. ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވާ ރަސްކަލާނގެ ހުސްތާހިރުވަންތަ ކަމައެވެ.'' (އިބްނުލް ޤައްޔިމްގެ ވާހަކަފުޅު ނިމުނީ)

ޙައްދަކީ ހަމަ އެކަނި ޢުޤޫބާތެއް ނޫނެވެ. އެކެމަކު އެއީ ރަޙްމަތެއްވެސް މެއެވެ. އެއީ މަގުފުރެދި ކުށް ކުރި މީހާއަށާއި، މުޖްތަމަޢްއަށްވެސް އޮތް ރަޙްމަތެކެވެ. މުޖްތަމަޢްއަށް ރަޙްމަތަކަށް ވަނީ އޭގެ ސަބަބުން މުޖްތަމަޢްގައި އަމަން އަމާންކަން ފެތުރި، މީހުންގެ މުދަލާއި ފުރާނަ އަދި އަބުރު ރައްކާތެރި ކުރެވޭތީއެވެ. ޙައްދު ޤާއިމު ކުރުމަކީ އެ މުޖްތަމަޢެއްގައި ބަރަކާތް ލެއްވޭ ކަމެއް ކަމުގައި ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. އިބްނު މާޖާ ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. حَد يَعْمل بِه فِيْ الأرْضِ خَيْرُ لأهلِ الأرْض مِنْ أنْ يُمْطرُوا أرْبعيْن صَبَاحا

މާނައަކީ: ''ސާޅީސް ދުވަސްވަންދެން ވާރޭ ވެހުމަށްވުރެ، ބިންމަތީގައި ޤާއިމުކުރެވޭ އެންމެ ޙައްދެއްވެސް، ބިމުގައި ތިބި މީހުންނަށް ހެޔޮކަން ބޮޑެވެ.'' އެހެން ރިވާޔަތެއްގައި ސާޅީސް ރޭ ކަމަށްވެސް އޮވެއެވެ. ހަމަ އެހެންމެ ޙައްދު ޤާއިމު ކުރުމަކީ މާތް ﷲ ގެ ކޯފާ އާއިވެސް މުޖްތަމަޢް ދުރު ކުރުވާ ކަމެކެވެ.

ދެން މި ހިސާބުން، ޙައްދު ޤާއިމު ކުރުމުން އެ ކުށްކުރި މީހާއަށް އޮތީ ކޮން ރަޙްމަތެއްކަން ބަލާލަމާ ހިނގާށެވެ. ޙައްދު ޤާއިމު ވުމަކީ -ތައުބާ ވެއްޖެނަމަ- މާތް ﷲ އޭނާގެ ފާފަފުއްސަވައި، ރަޙްމަތް ލައްވާ ކަމެކެވެ. ޙައްދަކީ ކުށްފާފަތަކުގެ ކައްފާރާއެކެވެ. އެއީ ފާފަތައް ދޮވެލާ ކަމެކެވެ.

މާޢިޒް ގެ މައްޗަށް ޒިނޭގެ ޙައްދު ޤާއިމު ކުރެވުމަށްފަހު ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. لقَدْ تَابَ تَوبَة لَو قُسمَت بَيْن أمة لَوَسعَتهمْ

މާނައަކީ: ''ހަމަ ކަށަވަރުން އޭނާވީ ތައުބާ އަކީ، އުއްމަތެއްގެ މީހުންގެ މެދުގައި ބެހުނަސް ފުދޭ ވަރުގެ ތައުބާއެކެވެ.'' (ރަވާހު އައްތިރްމިޛީ)

ޣާމިދިއްޔާގެ މައްޗަށް ޒިނޭގެ ޙައްދު ޤާއިމު ކުރެވުމަށްފަހު ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. لقَدْ تَابَ تَوبَة لَو قُسمَت بَيْن سَبْعيْن منْ أهْل المَديْنَة لوَسعَتهم

މާނައަކީ: ''މަދީނާގެ ހަތްދިހަ މީހުންގެ މެދުގައި ބެހުނަސް ފުދޭހާ ފުރިހަމަ ބޮޑު ތައުބާއަކުން އޭނާ ތައުބާވެއްޖެއެވެ.''

ވީމާ ޙައްދަކީ މީހަކަށް ބޮޑު ބައްޔެއް ޖެހުމުން އެ ކަމުން ޝިފާ ހޯދުމަށް ބޮއެލާ ހިތި ބޭސް ތަށްޓެއްފަދަ އެއްޗެކެވެ. ބޯ ވަގުތު ކިތަންމެ ހިއްޗަސް ފަހުން ލިބޭ ފަރުވާ ބޮޑެވެ. އެ ގޮތަށް ޙައްދުން ލިބޭ ވޭން ބޮޑަސް ފަހުން އޭނާ ތައުބާވެއްޖެނަމަ ލިބޭނެ ހިތްހަމަ ޖެހުން ބޮޑެވެ. މިސާލަކަށް ވިސްނާލަމާހެއްޔެވެ. މީހަކު ޒިނޭ ކުރީމާ އެ ކަމުގެ ސަޒާއަކަށް ވަޟުޢީ ޤާނޫނުގައި އޮނަނީ 10 ޑޮލަރުން ޖޫރިމާނާ ކުރުމެވެ. ނަމަވެސް އޭނާ ތައުބާވުމަށްފަހު ވެސް މި ޖޫރިމާނާ ދިނެކޭ ކިޔާފައި އޭނާގެ ނަފްސަށް ހިތް ހަމަ ޖެހުމެއް ނުލިބޭނެއެވެ. ސަބަބަކީ އޭނާ އެ ކުރީ މާތް ﷲ ޙަރާމް ކުރެއްވި ކަމެކެވެ. ނަމަވެސް އޭނާ ދިން ޖޫރިމާނާއަކީ މާތް ﷲ އެންގެވި ކަމެއް ނޫނެވެ. ވީމާ ހިތް ހަމައެއް ނުޖެހޭނެއެވެ. އެކަމަކު ޒިނޭ ކުރެވުމުން އެކަމަށް ތައުބާ ވާ މީހާގެ މައްޗަށް ޙައްދު ޤާއިމު ކުރުން އެ ވާނީ އޭނާ ހިތް ހަމަ ޖެހޭ ކަމަކަށެވެ. މީގެ ހެއްކަކީ ޣާމިދިއްޔާ ވެސް އަމިއްލައަށް އައިސް ބުނެގެން ޙައްދު ޖެއްސުވުމެވެ.

ނަމަވެސް މިތާނގައި ބުނެލަން ބޭނުންވާ ވަރަށް މުހިއްމު ވާހަކައެއް އެބަ އޮތެވެ. އެއީ ދީނުގައި އަންގަވާފައި އޮންނަނީ ޒިނޭ ކުރެވުމުން އެކަން ސިއްރުކޮށް ފަރުދާ ކުރުމަށެވެ. އަދި އަވަހަށް ތައުބާވުމަށެވެ. މީސްތަކުންނަށް އެކަން ފާޅުކޮށް، އަމިއްލައަށް ޙައްދު ޖެއްސުން އެއީ ދީން ބާރު އަޅާ ކަމެއް ނޫނެވެ.

ކީރިތި ރަސޫލާ އަންގަވާފައިވަނީ މީހަކު ފާފައެއް ކުރުމުން މާތް ﷲ އެ ފާފަ ވަންހަނާ ކުރެއްވީމާ، ދެން އެކަން އަމިއްލައަށް ހާމަ ނުކުރުމަށެވެ. ހަމައެހެންމެ މީހުންގެ ސިއްރުތަކުގެ ފަހަތުން ހިނގައި އެކަންތަކުގެ ވާހަކަ ދެއްކުމަކީވެސް ދީނުގައި ނަހީ ކޮށްފައިވާ ކަމެކެވެ.

ޒިނޭ ކުރެވޭ މީހާވެސް ޖެހޭނީ ތައުބާވާށެވެ. ހައްދު ޖަހުވަން އަމިއްލައަށް ޤާޟީއާ ހަމައަށް ދާކަށް ނުޖެހެއެވެ. ޒިނޭ ކުރާތަން މީހަކަށް ފެނުނަސް، އޭނާ އެ މައްސަލަ ޤާޟީއާ ހަމައަށް ހުށައަޅާކަށް ނުޖެހެއެވެ. ކިއެއްތަ ރަނގަޅު ގޮތަކީ އެ މުސްލިމާގެ ފާފަ ފޮރުވުމެވެ. ބޭޒާރުކޮށްލުމެއް ނޫނެވެ.

ކީރިތި ރަސޫލާ ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވަނީ "ދުނިޔޭގައި އޭނާގެ މުސްލިމް އަޚާ ފަރުދާކޮށްފި މީހާ، މާތް ﷲ، ދުނިޔެއާއި އާޚިރަތުގައިވެސް ފަރުދާކޮށް ދެއްވާނެއެވެ." (ރިވާ ކުރެއްވީ އަބޫ ދާއޫދް:4377)

އަދި މާޢިޒްގެ މައްޗަށް ޒިނޭގެ ޙައްދު ޤާއިމު ކުރެއްވުމަށްފަހު ކީރިތި ރަސޫލާ ޙަދީޘް ކުރެއްވީ: اجْتنبُوا هَذه القَاذُوْرَات الَّتي نهى اللّه عَزَّ وَجَل عَنْها فَمَنْ ألمَّ فَلْيَسْتَتر بستر اللّه عَزَّ وَجَلَّ، فَإنَّه مَنْ يبد لنَا صَفْحتُه نَقُم عَليْه الحَد

މާނައަކީ: ކުރުން ﷲ ނަހީ ކުރައްވާފައިވާ މި މުޑުދާރު ކަންތަކުން ކަލޭމެން ދުރުހެލިވާށެވެ. އަދި އެ ކަން ކުރެވިއްޖެ މީހާ ފަހެ، ﷲ އޭނާ ފަރުދާ ކުރެއްވީމާ އެ ކުށް ފަރުދާ ކުރާށެވެ. ހަމަ ކަށަވަރުންވެސް ތިމަންކަލޭގެފާނަށް، އޭނާ ކުޅަ ފާފަ ހާމަކޮށްފި މީހަކަށް ޙައްދު ޤާއިމު ކުރަމެވެ. ''

މާޢިޒް ޒިނޭ ކުރީމާ، އެކަމަށް އިޢްތިރާފްވާން މާޢިޒް ކައިރީ ބުނެ ނަސޭހަތް ދިން ހުޒާލް އަށް ރަސޫލާ ޙަދީޘް ކުރެއްވީ '' ކަލޭ އޭނާ ފަރުދާ ކުރިނަމަ މާ ހެޔޮކަން ބޮޑުވީސް '' ކަމުގައެވެ.

ނޯޓް : އަސްލަކީ ފަރުދާ ކުރުން ކަމަށް ވިޔަސް، ކަސްބީ ކަން ފަދަ ޢަމަލެއް އައްމުކޮށް މީހުންނަށް އެނގިގެން ކުރާނަ އެކަން ކަމާބެހޭ ފަރާތަށް އަންގަން ޖެހޭނެއެވެ. މި ކަމާއި ބެހޭ ގޮތުން އިތުރު ތަފްޞީލް ކިއުމަށް މިތަނަށް ފިތާލާށެވެ. ***

ނުކުތާ ތިނެއް

ޢުޤޫބާތްތަކަކީ އެއީ ދީނުގެ ލަނޑުދަނޑިއެއް ކަމުގައި އިސްލާމް ދީން ފަހަރެއްގައިވެސް ނުދެކެއެވެ. ކިއެއްތަ އެއީ ވަސީލަތެކެވެ. މުޖްތަމަޢް އިސްލާހު ކޮށް، މީހުން ތެދުމަގުން ކައްސާލައިގެން ދިޔަ ނުދިނުމަށް ގެންގުޅޭ ވަރަށް ގިނަ އެހެން ވަސީލަތްތަކަކާއެކު ބޭނުން ކުރާ ވަސީލަތެކެވެ. މި ބަހުގެ އެންމެ އަލިގަދަ ހެއްކަކީ، ކުށް ކުރާ މީހުންގެ ފަހަތުން ދުވެ ހޯދައި، އެ މީހުން ގެނެސް ޙައްދު ޤާއިމު ކުރުމަށް އިސްލާމް ދީން ބާރު ނާޅާ ކަމެވެ. އަދި ޒިނޭފަދަ ބޮޑެތި ފާފަތައް ކުރާ މީހުން ހޯދައި ގަތުމަށްޓަކައި ސިއްރު ކެމެރާއާއި ޖާސޫސުންނެއްވެސް، އިސްލާމް ދީން ނުފޮނުވައެވެ. ކިއެއްތަ، އިސްލާމް ދީން އަންގާފައިވަނީ ފާފަ ކުރެވޭ މީހާގެ ފާފަ އެހެން މީހަކަށް ފަޅާ ނާރައި އޮވެއްޖެނަމަ އެކަން އެ ގޮތަށް ސިއްރުކޮށްފައި ބާއްވާފައި، ތައުބާ ވުމަށެވެ.

އަދި މީހުންނަށް ޖާސޫސް ކުރުމަކީ ބޮޑު ޙަރާމް ކަމެއް ކަމުގައި އެންގެވިއެވެ. މީހުންގެ އައުރަތަކާއި (ސިއްރުގައި ކުރާކަންތައް) މީހުންގެ ސިއްރުތައް ފަހަތުން ނުދުވުމަށް ވަނީ އަމުރު ކުރައްވާފައެވެ. އަދި މީހަކު ޒިނޭ ކުރާތަން ފެނުނަސް، ދީން ބާރު އަޅަނީ އެ ކަންތައް ފަރުދާ ކުރުމަށެވެ. ދުނިޔޭގައި މުސްލިމެއްގެ ފާފައެއް ފަރުދާ ކޮށްފި މީހަކަށް ޤިޔާމަތް ދުވަހު މާތް ﷲ، އޭނާގެ ފާފަ ފަރުދާ ކޮށްދެއްވާނެ ކަމަށް ރަސޫލާ އެންގެވީ މިހެން ވެގެންނެވެ.

ހަމަ އެހެންމެ ޙައްދު ޤާއިމު ކުރުމުގެ މައްސަލާގައި، އިސްލާމީ ޝަރީޢަތް ނަގާ ވަރަށް މުހިއްމު ޤަވާޢިދެއް އޮވެއެވެ. އެއީ، ''އަލްޙުދޫދް ތަސްޤުޠް ބިއްޝުބްޙާތި'' އެވެ. މީގެ މާނައަކީ ޝުބުހާއެއް އޮވެއްޖެނަމަ ހައްދު ވެއްޓޭނެއެވެ. ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައިވެސް އޮންނަނީ: اِدْرَءُوا الحُدُودَ بِالشُّبُهَاتِ

މާނައަކީ: ''ޝުބުހާ އެއް އޮވެއްޖެނަމަ ޙައްދު ދުރު ކުރާށެވެ."

ނޯޓް: ޝުބުހާގެ ބަހުގެ މާނައަކީ ކަމެއް އެއްގޮތްވެ އޮޅުން އަރާގޮތް ވުމެވެ. އިސްޠިިލާޙީ މާނައަކީ ކަމެއް އޮޅުން އަރައި، އެއީ ޙަރާމް ކަމެއްތޯ ޙަލާލް ކަމެއްތޯ ވަކި ކުރަން ނޭނގުމެވެ. ޝުބުހާގެ ވައްތަރުތަކަކީ، ޙުކުމާމެދު، ޢަމަލާމެދު، އަދި އެއްޗާ މެދު ޝުބުހާ އުފެދުމެވެ.

އަލްއަޝްބާހު ވައްނަޡާއިރު ގައި އައްސުޔޫޠީ ވިދާޅުވެފައިވެއެވެ. ''ޝުބުހާ އޮތީ ކަން ކުރި މީހާއާ މެދުގައިކަމަށް ވިޔަސް ހައްދު ވެއްޓޭނެއެވެ. މީގެ މިސާލަކީ އަނބިމީހާކަމަށް ހީކޮށް އެހެން އަންހެނަކާއި ޖިމާޢުވުމެވެ. އަދި އެއްޗާ މެދު ޝުބުހާ އުފެދުނަސް ޙައްދު ވެއްޓޭނެއެވެ، މީގެ މިސާލަކީ ޖިމާޢުވާ މީހާއަށް، މިލްކުވެރިކަމެއް ހިމެނޭ، އަޅު އަންހެނަކާއި ޖިމާޢުވުމެވެ. އަދި އެއްބައެއްގެ ކިބައިގައި ޙަލާލް އަނެއް ބައެއްގެ ކިބައިގައި ޙަރާމް ކަމެއް ޝުބުހާއަކަށް ވިޔަސް ޙައްދު ވެއްޓޭނެއެވެ.

މީގެ މިސާލަކީ މުތްޢާ ކައިވެނި، ވަލީވެރިއާ ނެތް ކައިވެނި، ބޭހަކަށް ރާ ބުއިން (ޞައްޙަ ގޮތަކީ ބޭހަކަށްވެސް ރާ ޙަރާމް) ފަދަ ކަންތަކެވެ. ހަމަ އެހެންމެ ހަތަރު މީހަކު ޒިނޭ ކުރިކަމަށް ހެކިބަސް ދީފައި ވަނިކޮށް އޭނާގެ ބިކުރު އެބަހުރިކަމަށް ހަތަރު މީހަކު ހެކިބަސް ދިނަސް ވާނީ ޝުބުހާއަކަށެވެ. އަދި ބައްޕައެއް ދަރިއެއްގެ އެއްޗެއް ނަގައިގެން ނުވަތަ ދަރިއެއް ބައްޕައެއްގެ އެއްޗެއް ނަގައިގެންވެސް އަތް ނުކެނޑޭނެއެވެ. އެއީ މީގައި ޚަރަދު ބަލަހައްޓަން ޖެހޭ މީހާ އެކަން ނުކުރުމުން އަނެއް މީހާ ނެގީ ކަމުގެ ޝުބުހާވެސް އޮންނާތީއެވެ. އަދި ތިމާގެ މިލްކެއް ކަމަށް ހިތައި އެއްޗެއް ނަގައިގެންވެސް އަތް ނުކެނޑޭނެއެވެ.''

ނުކުތާ ހަތަރެއް

މީހަކު ޙައްދު ޤާއިމު ކުރެވޭ ފަދަ ކުށެއް ކުރަނިކޮށް ހިފިގެން ޤާޟީ ކުރިމައްޗަށް ގެނެވިއްޖެނަމަ، ވަގުތުން ޙައްދު ޤާއިމު ކުރަން އަވަސް އަރުވައިގަންނަން ޖެހޭނެހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. ހަދަން ޖެހޭ ގޮތަކީ ކަން އޮތް ގޮތް ރަނގަޅަށް ބެލުމަށްފަހު، ޝުބުހާއެއްފަދަ އެއްޗެއް އޮތިއްޔާ ހައްދު ޤާއިމު ނުކުރުމެވެ. އެ ގޮތުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ: ادرَؤا الحُدُودَ عَنْ المسْلميْن ما اسْتَطَعتُم فَإنْ كَانَ له مَخْرَج فخلُوا سَبيْله. فإن الإمام إن يُخْطئ في العَفْو خيْر منْ أنْ يُخْطئ فيْ العقوبَة 

މާނައަކީ: "ކަލޭމެންނަށް ވީ ވަރަކުން މުސްލިމުންގެ ކިބައިން ޙައްދު ދުރު ކުރާށެވެ. ފަހެ ގޮތެއް އޮތިއްޔާ އޭނާ ދޫކޮށްލާށެވެ. ފަހެ އިމާމް މީހާ އޮޅިގެން (ނުޙައްޤު) ޢުޤޫބާތް ދިނުމަށް ވުރެން، އޮޅިގެން (ނުޙައްޤުން) ޢަފޫކޮށް ދޫކޮށްލުންވެސް ރަނގަޅެވެ.'' (ރިވާ ކުރެއްވީ ތިރްމިޛީ/ ބާބުލް ޙުދޫދް)

މި އުސޫލުގެ ދަށުން ޢުމަރުގެފާނު ވަނީ، މަދީނާގައި ތަދުމަޑުކަމެއް ފެތުރުނު އަހަރެއްގައި، ވައްކަން ކުރި މީހުންގެ އަތް ކެނޑުންވެސް ދޫކުރައްވާފައެވެ. ނަމަވެސް މިއީ ބައެއް މީހުން ބުނާފަދައިން، ޢުމަރުގެފާނު ޤުރުއާނުގައި އައިސްފައިވާ ޙުކުމެއް އުވާލެއްވީއެއް ނޫނެވެ. އެކަމަކު ޝުބުހާއެއްގެ ސަބަބުން އެކަން ނުކުރެއްވީއެވެ. އެހެން ގޮތަކަށް ބުނާނަމަ، އަތް ކެނޑުމުގެ ޝަރުޠު ހަމަ ނުވީއެވެ. އެއް ފަހަރަކު ދެ ޒުވާނަކު ސާހިބު މީހާ އަތުން ވައްކަން ކުރީމާވެސް ޢުމަރުގެފާނު، އަތް ނުކެނޑުއްވިއެވެ. ސަބަބަކަ ވީ ، ބެލިބެލުމުން އެ ސާހިބު މީހާ އެ ދެ ޒުވާނުން ގެންގުޅުނީ ކާން ނުދީ ބަނޑުހައި ހޫނު ކޮށްގެން ކަން، އެނގުމެވެ.

ނުކުތާ ފަހެއް

ކޮންމެ ތުހުމަތު ކުރެވޭ މީހަކީވެސް އިސްލާމީ ޝަރީޢަތުގައި، ކުށް ސާބިތުވަން ދެން ބަރީއަ މީހެކެވެ. ޢުޤޫބާތެއް ދެވޭނީ ޝައްކެތް ނެތް ފަދައަކުން ކުށް ސާބިތުވުމުންނެވެ. އެހެނީ ނުހައްޤުން މީހެއްގެ އަތް ކަނޑައި ނުވަތަ މަރަށް މަރު ހިފައި، ޒިނޭގެ ޙައްދު ޖެހުމަށް ވުރެ، ނު ހައްޤުން އޭނާ ދޫކޮށްލުންވެސް ހެޔޮކަން ބޮޑެވެ.

އަނެއްކޮޅުން ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެ ފަދައިން، މީހަކު ހިތަށް އެރިހައި ގޮތަކަށް ހިތައް އަރާހާ ފަސޭހެކޮށް، އިސްލާމީ ޝަރީޢަތުގައި ޙައްދުތައް ސާބިތެއް ނުކުރެވެއެވެ. ގިނަ ފަހަރަށް ޙައްދު ސާބިތު ކުރެވޭނީ ކުށް ކުރުމުގައި ހައްދު ފަހަނައަޅާފައި ހުންނަ އެކަމުގެ މާހިރެއްގެ މައްޗަށެވެ. މިސާލަކަށް ޒިނޭގެ ކުށް ސާބިތު ކުރެވޭނީ (އިޢްތިރާފުވުމާއި، ބަނޑު ބޮޑުވުން ފިޔަވައި) ހަތަރު ފިރިހެނުންނަށް އެއްފަހަރާ، މީހަކު ޒިނޭ ކުރާތަން ހަމަ ލޮލުން ފެނިގެންނެވެ.

މި ގޮތަށް ހަތަރު މީހަކަށް ފެނިގެން ޤާޟީ ހަމައަށް އައިސްގެން، އެއްވެސް މީހެއްގެ މައްޗަށް ޒިނޭގެ ޙައްދު ޤާއިމު ކުރެވިފައިވާ ކަމަށް އިސްލާމީ ތަރީޚުން -އަހަރެންނަށް- އަދި އެނގިފައެއް ނެތެވެ. މުޅިންވެސް ހުރީ އަމިއްލައަށް އެދިގެން ނުވަތަ ބަނޑުބޮޑުވެގެން ފަދަ ގޮތް ގޮތުންނެވެ.

ހަތަރު މީހަކު ފެނިގެން ޤާޟީ ކައިރިއަށް އައިސްފައި އެކަކު ނުފެންނަ ކަމަށް ބުންޏަސް ކުށް ޒިނޭ ސާބިތެއް ނުވާނެއެވެ. ވާނެ ކަމަކީ އަނެއް ތިން މީހުންގެ މައްޗަށް ޤަޛްފުގެ ކުށް ސާބިތުވެ އެ ކަމުގެ ޙައްދު ކަމުގައިވާ 80 އެތިފަހަރު ޖެހުމެވެ.

ޤަޛްފުގެ ކުށް ވެސް ސާބިތު ވާނީ، ދެ މީހެއްގެ ހެކިބަހުންނެވެ. ނުވަތަ ދަޢްވާ އުފުލުމަށްފަހު އެ މީހާ އެ ކަމަށް އިޢްތިރާފް ވުމުންނެވެ. ޙައްދު ޤާއިމު ކުރެވޭ ވައްކަން ސާބިތުވާނީ، މި ކަމާއި ބެހޭ ގޮތުން ފިޤުހު ފޮތްތަކުގައި އައިސްފައިވާ ހުރިހާ ޝަރުޠެއް ފުރިހަމަވެ، އަދި ދެ މީހަކަށް އެކަން ފެނިގެންނެވެ. ނުވަތަ އިޢްތިރާފް ވެގެންނެވެ.

ރާ ބުއިމުގެ މައްސަލާގައިވެސް ކަން އޮތް ގޮތަކީ އިޢްތިރާފް ވުން ނުވަތަ، ދެ މީހަކު ހެކިވެރިވެގެންނެވެ. ވީމާ މިއިން އެނގޭ އެއްޗަކީ މި ފަދަ ކުށެއް އާދައިގެ ކުށްވެރިއެއްގެ މައްޗަށް ސާބިތު ކުރުމަކީ އެއީ މާކަ ފަސޭހަ ކަމެއް ނޫން ކަމެވެ. ސާބިތު ވާނީ ގިނަ ފަހަރަށް، ފާޅުގައި ދުވާލު، އެހެން މީހުންނަށް އެއްވެސް ބަލާލުމެއް ނެތި، ކުށް ކުރާ މީހުންގެ މައްޗަށެވެ.

ކުރުގޮތަކަށް ބުނާނަމަ، ފާޅުގައި ޒިނޭކޮށް ވައްކަންކޮށް ރާ ބޯ މީހުންގެ މައްޗަށެވެ. މިފަދަ މީހަކީ މުޖްތަމަޢަށް އެއްވެސް ހުރުމަތެއް ބަހައްޓާނެ މީހެއް ނޫނެވެ. ވީމާ މި ކަހަލަ މީހުން މުޖްތަމަޢުން ސާފު ކުރުން ނޫން ގޮތެއް ނޯންނާނެއެވެ.

ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ أَبَو هُرَيْرَةَ ‏ ‏قَالُ ‏ سَمِعْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَقُولُ ‏ ‏كُلُّ أُمَّتِي مُعَافًى إِلَّا الْمُجَاهِرِينَ وَإِنَّ مِنْ الْمُجَاهَرَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيْلِ عَمَلًا ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللَّهُ عَلَيْهِ فَيَقُولَ يَا فُلَانُ عَمِلْتُ الْبَارِحَةَ كَذَا وَكَذَا وَقَدْ بَاتَ يَسْتُرُهُ رَبُّهُ وَيُصْبِحُ يَكْشِفُ سِتْرَ اللَّهِ عَنْهُ

މާނައަކީ: "އަބޫ ހުރައިރާ ވިދާޅުވިއެވެ. ކީރިތި ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވަނިކޮށް އަހަރެން އަޑު އެހީމެވެ. '' ފާޅުގައި ފާފަ ކުރާ މީހުން (ފާފަ ފަރުދާ ނުކުރާ މީހުންނާއި، ޢާއްމުންނަށް އެނގިގެން ފާފަ ކުރާ މީހުން) ފިޔަވައި، ތިމަންކަލޭގެފާނުގެ އުއްމަތުގެ ހުރިހާ އެންމެންނަކީވެސް މަޢާފް ކުރެވޭނެ މީހުންނެވެ. ފާފާތައް ފާޅު ކުރުމުގެ ތެރޭގައި، ރޭގަނޑު ފާފައެއް ކޮށްފައި، ﷲ އެ ފާފަފަރުދާ ކުރެއްވީމާވެސް ދުވާލު އައިސް "އޭ މިވެނި މީހެކޭ... އަހަރެން ރޭގައި މިވެނި އެވެނި ކަމެއް ކުރީމޭ'' ބުނުން ހިމެނެއެވެ. ފަހެ އޭނާ ރޭ ހޭދަ ކުރީ، އޭނާގެ ފާފަ ﷲ ފަރުދާ ކުރައްވާ ހާލުގައެވެ. ނަމަވެސް ހެނދުނުވުމުން އޭނާ، ﷲ ކުރެއްވި ފަރުދާ ކަޝްފު ކޮށްފިއެވެ.'' (ޞަޙީޙް ބުޚާރީ/ ބާބުލް އަދަބް )

Comments