ހޮނިހިރު20201121

އާކުރެވުނީ: 08:43:52

ލޯބީގެ ވެސް އެކި ދަރަޖަތައްވެއެވެ.

i_love_prophetމި ދުވަސްވަރު މުޅި އިސްލާމީ ދުނިޔެ ކެކި އަރަނީއެވެ. ލޯތްބެއްގެ ސަބަބުން ރުޅިވެރިކަން އުތުރި އަރަނީއެވެ. ހުރިހާ މުސްލިމުންނެވެ. އޭގެ އެންމެ ދީންވެރި ތަޤްވާވެރި މީހާއިން ފެށިގެން، އެންމެ ފާސިޤު މީހާއަށް ދާނދެންނެވެ. ރާބޮއެ، ވައްކަންކޮށް، އެނޫންވެސް ބޮޑެތި ފާފަތައް ކުރާ މީހާ ވެސް، މިއަދު ހަމަ ރުޅިއައިސްގެން ތުރުތުރުއަޅަނީއެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ކުރިންވެސް ބުނިހެން ސަބަބަކީ ލޯތްބެކެވެ.

މި އުއްމަތުގެ މާތް ނަބިއްޔާ، މުސްލިމުންގެ ހިތްތަކުގައި އެންމެ ބޮޑު ޤުދުސިއްޔަތެއް ދެވިފައިވާ އެއް ފަރާތް ކަމުގައިވާ ކައު އިތުރު އެކަލޭގެފާނަށް ފުރައްސާރަކޮށް، ޔޫރަޕުގެ ނޫސްތަކެއްގައި ކާޓޫނުތަކެއް ޖަހައިގެންނެވެ.

އެކަމުގެ ސަބަބުން، އީމާންތެރިކަން އެންމެ ދަށް މީހާގެ ހިތުގައި ވެސް، އެކަލޭގެފާނަށް ދެވިފައިވާ މަޤާމާއި، ފުން ލޯބި ހިލިއްޖެއެވެ. މި އަރައިގެން އުޅޭ ރުޅިވެރިކަމުގެ ތޫފާނަކީ އެއީ އެވެ.

ތެދެކެވެ. ރަސޫލާ ދެކެ ލޯބި ވުމަކީ އިތުރު އެކަލޭގެފާނު ގެންނެވި ރިވެތި އުސޫލުތަކުގައި ހިތާއި ރޫޙުން، ބަހާއި ޢަމަލުން ހިފެހެއްޓުމެވެ. މީހަކު ދެކެ މީހަކަށް ލޯބި ވެވިއްޖެ ނަމަ، ނޭގި ނަމަވެސް، އެ ލޯތްބެއް އެ ރައްދުވާ ފަރާތެއް ގެ އުޅުން ނަކަލު ކުރެވޭ ގޮތްވެއެވެ. އެމީހަކު ހެދުން އަޅާ ހެން ހެދުން އަޅާހިތްވާނެއެވެ. ބޮލާއި އިސްތަށިގަނޑު ހުންނަހެން ފުނާ އެޅޭތޯ ބަލާނެއެވެ. މިހެން ގޮސް ކުރާ ހުރިހާ ކަމެއް ނަކަލު ކުރެވޭތޯ ބަލާނެއެވެ. އަދި އެޔަށް ވުރެން ވެސް ބޮޑު އަހަންމިއްޔަތެއް ދެވޭތޯ ބަލާނީ، އެ ފަރާތެއް ނުރުހޭނެހައި ކަމެއް ނުކޮށް، ރުހޭނެހައި ކަމެއް ކުރެވޭތޯ ބެލުމެވެ.

އެހެން ކަމަށް ވާނަމަ ޝައްކެއްވެސް ނެތް ގޮތުގައި ރަސޫލާ ދެކެ ލޯބިވުމަކީ އެކަލޭގެފާނުންގެ ސުންނަތުގައި ގަދަޔަށް ހިފުމެވެ.

ނަމަވެސް ދަންނަވަންތޯއެވެ. ލޯބީގައި ވެސް ދަރަޖަތަކެއް ވެއެވެ. ފަހެ އެއްވެސް ދަރަޖައަކަށް ރަސޫލާ ދެކެ ހިތުގައި ލޯތްބެއް ނެތް މީހަކީ މުސްލިމަކު ކަމުގައި ވެދާނެބާއެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި، ހިތުން ޤަބޫލުކޮށްފި ކޮންމެ މީހަކީ މުސްލިމެކެވެ. ރާބޮއި ޒިނޭ ކުރިޔަސް، އޭނާ އަކީ އުއްމަތަށް ނިޞްބަތްވާ އުއްމަތުގެ ފަރުދެކެވެ. އަދި އޭނާގެ ހިތުގައި ވެސް ކީރިތި ރަސޫލާއަށްޓަކައި، ފުން ލޯތްބަކާއި، މަތިވެރި ޤަދަރެއް ވާނެއެވެ. އާދޭހެވެ. ހުރިހާ ސުންނަތެއްގައި ހިފައިގެން އުޅޭ އެންމެ ތަޤުވާވެރި މީހާ އާ އެއް ދަރަޖައަކަށް ނުދިޔަސް ވެހެވެ. އެހެނީ މުސްލިމުން ޤަބޫލުކުރާ ގޮތުގައި، އެމީހުންގެ އަމިއްލަ ނަފްސާއި މައިން ބަފައިންނަށް ވުރެން ވެސް ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވާން ޖެހެއެވެ.

އަޅުގަނޑު ހިތުން، ރަސޫލާ ދެކެ ލޯބި ވުމުގައި އެންމެ ދަށު ދަރަޖައަކީ، އެކަލޭގެފާނަށްޓަކައި ރުޅިއައުމެވެ. އާދޭހެވެ. ރުޅިއައުމެވެ. ލޯބިން އެކަލޭގެފާނުންގެ ހުރިހާ ސުންނަތެއްގައި ނުހިފޭ މީހާ އާއި، އީމާންތެރިކަން ބަލިކަށިކަމުން، ބޮޑެތި ފާފަތަކަށް އަރައިގަނެވޭ މީހާ ވެސް، އޭނާގެ ކުރިމަތީ ލޮބުވެތި ރަސޫލާއަށް އިހާނެތިވާތަން ބަލާކަށް ހިމޭނަކުން ނުހުންނާނެއެވެ.

ތިމަންނާ އަކީ ސުންނަތަށް އުޅެވޭ މީހެއް ވެސް ނޫނޭ، ތިމަންނާ އަކީ އެކަލޭގެފާނު އެންގެވި ގޮތަކަށް ވެސް އުޅެވޭ މީހެއް ނޫނޭ، ވީމާ އެކަލޭގެފާނަށް ބަޔަކު އިހާނެތިވާ އިރު އެކަމާ ރުޅިއައިސްގެން ތިމަންނާއަށް އަނގަހުޅުވާލެވެން އެބަ އޮތްހޭ؟ ކިޔާފައި މަޑަކުން ނުހުންނާނެއެވެ. ސަބަބަކީ ކުރިން ވެސް ބުނިހެން ލޯބީގެ އެންމެ ދަށު ދަރަޖައަކީ ހިތުގައި ލޯތްބެއް ނުވަތަ އެއްވެސް ޤަދަރެއް ދެވިފައިވާ ފަރާތަކަށް އިހާނެތިވާތަން ބަލަން ފިނި މިޒާޖެއްގައި މަރިޔާދުވެފައި ނުއިނުމެވެ.

ޝަހާދަތުގެ ދެ ކަލިމަ ދުލުން ކިޔައި ހިތުން ޤަބޫލުކޮށްފި ކޮންމެ މީހަކަށް މިއަދު ރުޅިއައުމުގެ ޙައްޤު އެބައޮތެވެ. މިކަމާ އިންކާރު ނުކުރާށެވެ. ކަލާ މިއަދު އިރު އެރުމުގެ ކުރިން ފަތިސްނަމާދު ނުކުރިޔަސް، ކަލާއަށް ވެސް އެ ރުޅި އައުމުގެ ޙައްޤު އެބަ އޮތެވެ. ނުވަތަ ކަންނެތް ކަމުން ނަމާދު އަޅައިގެން ހުއްޓަސް ރުޅިއައުމުގެ ޙައްޤު އެބަ އޮތެވެ. ވީމާ ހިތުގައި އުފެދިފައި ތިވާ ރުޅިގަނޑު ހިންދައި ނުލައި، އެކަން ފާޅުކުރާށެވެ. މުޙައްމަދުގެފާނުންގެ އުއްމަތުގައި މީހުން އެބަ ތިބިކަން އެމީހުންނަށް ވިސްނައިދޭށެވެ. ޙަޟާރީ މިންގަނޑުން ބޭރު ނުވެއެވެ. އަހަރެމެން މުސްލިމުންނަކީ މަތިވެރި ޙަޟާރަތެއްގެ ވެރި ބައެކެވެ. މުޒާހަރާ ވެސް ކުރާށެވެ. ޤާނޫނީ މިންގަނޑުން ބޭރުނުވެއެވެ.

މުޒާހަރާކުރުމާއި އިޙްތިޖާޖުކުރުމަކީ ޤާނޫނާ ޚިލާފު ޣައިރު ޙަޟާރީ ކަމެއްތޯއެވެ؟ ނޫނެކެވެ. އެއީ ޤާނޫނީ ގޮތުން ވެސް ލިބިދޭ ޙައްޤެކެވެ. އަދި ޙަޟާރީވެސް ކަމެކެވެ. އެއްވެސް ހަމަނުޖެހުމެއް ނުހިންގައި، ހިތުގައި އުފެދިފައިވާ ޝުޢޫރުތައް ފާޅުކޮށް، ތިމާ ޤަބޫލުނުކުރާނެ ކަމަކަށް އިންކާރުކުރުމުގެ ގޮތުން މީގެ ކުރިން ވެސް ދިވެހިން މުޒާހަރާކޮށްފައި އެބަހައްޓެވެ. ޚުދު އަޅުގަނޑުވެސް އޭގެ މުޒާހަރާއެއްގައި ބައިވެރިވީމެވެ. ނާވަރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު މާލޭ ހިއްކި ބިމުގައި ބޭއްވުނު މުޒާހަރާއެކެވެ. ތިނެއް ނޮވެންބަރު ޢުދުވާނާ އިދިކޮޅު ހެދުމުގެ ގޮތުން ބޭއްވުނު އެއްވުމެކެވެ. މަދަރުސީ ހެދުމުގައި ކުލާސް ކުދިންނާ އެކު އެދުވަހު އަޅުގަނޑުވެސް އެ މުޒާހަރާގައި ބައިވެރިވީ އިރު އެއްވެސް ކަހަލަ ޣައިރު ޙަޟާރީ، ހަރުކަށި، ޚަރާބީ، ޢަމަލެއް އެތާކުން ނުދެކެމެވެ.

މުޒާހަރާއެއްގެ ވާހަކަ ބުނާ އިރަށް މިއަދު ދިވެހިންނަށް ހީވެފައި އޮންނަނީ އެއީ ހަމަނުޖެހުން ހިންގައި، ތަޅާފޮޅައި، ފިތުނަފަސާދަ އުފެއްދުން ކަމުގައެވެ. ވޭތުވެ ދިޔަ ދެ އަހަރެއްގެ ތެރޭ ރާއްޖެ ދުށް ސިޔާސީ ހަލަބޮލި ކަމުގެ ތެރޭ ހިނގި ހަމަނުޖެހުންތަކާއި މާރާމާރީތަކެއްގެ ސަބަބުން، ބަޔަކަށް އެހެން ހީވުން ވެސް އެކަށީގެން ވެއެވެ. ވާނީ ވެސް އެހެންނެވެ. ދިވެހި އަދަބިއްޔާތުން ރައިވަރު ފޮހެވިގެން ދިޔައީ ކީއްވެގެންތޯއެވެ؟ އޭގެ ތެރެއަށް ބުރަކި ރައިވަރު ވަދެގެންނެވެ.

މިއަދު އިސްލާމީ ޤައުމުތަކުގެ ޢާއްމު ރައްޔިތުން ޑެންމާކުގެ މުދާ ބޯއިކޮޓްކުރުމަކީ ވެސް، ދުނިޔޭގެ އެއްވެސް ވިޔަފާރި މުޢާހަދާއަކާ ފުށުއަރާ ކަމެއް ނޫނެވެ. ސަބަބަކީ އެއްޗެއް ގަތުމާއި ނުގަތުން އެއީ ޢާއްމުރައްޔިތުން ގެ އިޚުތިޔާރުގައި ވާކަމަކަށް ވާތީއެވެ. ބައިނަލްއަޤްވާމީ މުޢާހަދާތައް އޮންނާނީ ރަސްމީ ފަރާތްތަކުގެ މެދުގައެވެ. ކަލާ ކަލާގެ ޤައުމީ އުފެއްދުންތަކަށް އިސްކަންދިނުމުގެ ގޮތުން ބޭރުގެ އުފެއްދުންތައް ނުގަތުމަކީ ވެސް ހަމަ އެކަހަލަ ކަމެކެވެ. އެއީ އެހެން މީހަކާ ބެހޭކަމެއް ނޫނެވެ.

މީހަކު ބުނެފާނެއެވެ. ބަލަ ކޮހާއޭ، ޑެންމާކު މީހުންނަކީ އަހަރެމެންގެ މަގުތައް ހަދައިދިން މީހުންނޭ، މިއަދު ދެން ހަމަ ކަލޭ ރުޅިއައިމާ އެކަން ވެސް ހަނދާންނައްތާލަނީހެއްޔެވެ؟ އެހެން ބުނާ މީހާ އޭނާގެ ގޭ ފުރާޅު ޓިނު އާކޮށްދިނީތީ، އެކަން ކޮށްދިން ފައިސާވެރިޔާ ފޮށޭނެގޮތަކަށް ފޮށެން، ކުރާނެ މައްލަވައެއް ކުރަން، އޭނާގެ އަންހެނުންނާއި، އަންހެން ކޮއްކޮއާއި، މައިމީހާ ވެސް ދޫކޮށްލަފާނެތެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.