އާދީއްތަ20201018

އާކުރެވުނީ: 08:43:52

މާސޫނިއްޔާ އަކީ ކޮބައިތަ؟

maasooniyaމާސޫނިއްޔާ އަކީ މެދުތެރޭ ޒަމާނުގައި ޔޫރަޕްގައި އުފެދު ، ސިއްރު ތަންޒީމީ ޖަމާޢަތެކެވެ. މި މީހުންގެ ބޭރުފުށުން ދައްކާ ވާހަކަތަކާއި ، އަޑިއަޑިން ގެންގުޅޭ އެޖެންޑާތަކާއި މުޅިންތަފާތެވެ. މާސޫނީންނަށް އިގިރޭސި ބަހުން މެއިސްންރީ (Masonry) އަދި ފްރީ މެއިސްންރ (Freemasonry) އޭވެސް ކިޔެއެވެ. މާސޫނީން ގެންގުޅެނީ ބަލާބެލުމަށް ވަރަށް ރަނގަޅުހެން ހީވާކަހަލަ ރަނގަޅު ޝިޢާރުތަކެކެވެ.

އެގޮތުން އެ މީހުންގެ ޖަމާޢަތަކީ ''މިނިވަންކަމާ'' ''އުޚުއްވަތްތެރިކަމާ'' ''ހަމަހަމަކަން'' މީހުންގެ ތެރޭގައި ފަތުރަން މަސައްކަތް ކުރާ ބައެއްކަމަށް ދަޢުވާ ކުރެއެވެ.

މާސޫނީންގެ މަހެފިލް އަކަށް ނިސްބަތްވެގެން އެތާގެ މެންބަރަކަށް ވެގެން އުޅޫ މީހަކީ، ކޮންމެ ދީނެއްގެ، ކޮންމެ ޢަޤީދާއެއް ގެންގުޅޭ، ކޮންމެ ނަސްލެއްގެ މީހެއް ކަމުގައިވިޔަސް އެއީ މައްސަލައެއް ނޫންކަމަށް މާސޫނީން ގަދައަޅާ ބުނެއެވެ.

މާސޫނީއަކަށް ވުމުން ދީނީ ފަރަޤުތަކާއި، ނަސްލީ އިމްތިޔާޒުތަކުގެ ފާރު ހުރަސްކުރެވި، އެންމެންނަކީވެސް އެއްބަނޑު އެއްބަފާ އެކުވެރި، ޞުލްޙަވެރި ބަޔަކަށް ވާނެ ކަމަށް، މާސޫނީން ބުނެއުޅެއެވެ.

ނަމަވެސް މާސޫނީންގެ އަޑީގައި ފޮރުވިފައިވާ ޙަޤީޤަތަކީ މިވާހަކަތަކާއި މުޅިން ޚިލާފު، ވަރަށް ނުބައި ރޭވުންތަކެކެވެ. މާސޫނީންނަކީ ޔަހޫދީންގެ ޚިދުމަތުގައި އުފެއްދިފައިވާ ސިއްރު ޙަރަކާތެކެވެ. ޞަހްޔޫނިއްޔާ (ޒައަނިޒަމް) އުފެދުމަށްފަހު މި ހަރާކާތުގެ މައި ސިނކުނޑިއަކީ މާސޫނިއްޔާއަށް ވެފައިވެއެވެ.

މާސޫނިއްޔާގެ ފެށުން :

މާސޫނިއްޔާ ގެ އަސްލު ފެށުން ގޮސް ގުޅިފައިވަނީ ޞަލީބީ ހަނގުރާމައިގެ ދުވަސްވަރާއެވެ. ޞަލީބީ ހަނގުރާމައިގެ ދުވަސްވަރު މުސްލިމުންނާ ހަނގުރާމަކޮށް، ޤުދުސްއާއި ޢަރަބި ބިންތައް ހިފައި ގަތުމަށް އައި ލަޝްކަރުގައި ''ފައްޅީގެ އަސްވާރުން''ގެ ނަން ދެވުނު ބައެއް ތިއްބެވެ. ޤުދުސް ހިފުމަށްފަހު މި މީހުން މަސްޖިދުލް އަޤްޞާއަށް ވެރިވެގަތެވެ. އަދި ދުވަހަކަށްވުރެ ދުވަހެއް މަސީޙީ ދީނާއި ދުރަށް ގޮސް ، ޔަހޫދީ ދީން ދަސްކޮށް ޔަހޫދީ ދީނުގައި ހުރި ''ކަބްލާ'' ފަންނާއި ތައުރާތު ދިރާސާކޮށް ދަސްކުރިއެވެ. އަދި ފާޑުފާޑުގެ ޚުރާފީ ދީނީ އަޅުކަންތަކެއް މި މީހުންގެ ތެރޭގައި ފެތުރުނެވެ. މާގިނަ ދުވަސްތަކެއް ނުވެ މިމީހުންގެ އާރާއި ބާރު ގަދަވެ މުޅި ސަރަހައްދަށް ވެރިވެގަތެވެ. އަދި މި ބުނެވުނު ''ފައްޅީގެ އަސްވާރުން'' ނަކީ ޤުދުސްގައި ތިބި އެންމެ މުއްސަނދި މަހުޖަނުންނަށްވިއެވެ.

1292 ވަނަ އަހަރު ޞަލާޙުއްދީން ޤުދުސް އަލުން ފަތަޙަ ކުރައްވާ، މުސްލިމުންގެ ވެރިކަމުގެ ދަށަށް އެތަން ގެންނެވިއެވެ. މި ހިސާބުން ''ފައްޅީގެ އަސްވާރުން'' ޤުދުސްގައި ތިބުމުގެ ބޭނުން ކެނޑުނެވެ.

1307 ވަނަ އަހަރު، ފަރަންސޭސި ރަސްގެފާނު ފިލިޕް، މި މީހުންނަކީ މަސީޙީ ދީނާއި ދުޝްމަން ވެގަނެ ޢީސާގެފާނު ޤަބޫލު ނުކުރާ މީހުންތަކެއް ކަމުގެ ތުހުމަތު ކުރިއެވެ. އަދި މީގެ އިތުރުން އެއްޖިންސުގެ ގުޅުން ހިންގުމާއި ބުދަށް އަޅުކަން ކުރުމުގެ ކުށުގައި މި މީހުން ހައްޔަރު ކުރެވުނެވެ.އަދި 1314 ވަނަ އަހަރު ޕޯޕް ކްލެމޮންޓް(5) ގެ އަމުރަށް ''ފައްޅީގެ އަސްވާރުން'' ގެ ވެރިއަކަށް ހުރި ޖެކް ޑިމޮލޭ ހައްޔަރު ކުރެވި އަދި އަދަބެއްގެ ގޮތުން އަންދާލެވުނެވެ. އަދި މި ޖަމާޢަތުގެ ހުރިހާ މިލްކިއްޔާތެއް ހިފެހެއްޓި މި ޖަމާޢަތް މުލުން ލުއްސާލުމުން، ބާކީ ތިބި ބަޔަކު ފޮރުވިގަނެ ، އަޑިއަޑިން ޙަރަކާތްތެރިވާ ސިއްރު ޖަމާޢަތަކަށްވިއެވެ.

ފަރަންސޭސިވިލާތުގައި ތިބުމާ ނުކުޅެދިގެން އުޅެނިކޮށް، މި މީހުންނަށް މިނިވަންކަމާއެކު ތިބެވޭނެ ތަނެއްގެ އިތުރުން ބައިވެރިއެއްވެސް ފެނުނެވެ. އެއީ ސްކޮޓްލޭންޑެވެ. އިނގިރޭސިވިލާތުގެ ދަށުން މިނިވަން ވުމަށް ސްކޮޓްލޭންޑް މީހުން ކުރަމުން ދިޔަ އުއްމީދު، ވިލިއަމް ވެލަންސް މަރުވުމާ ވިދިގެން ފަނޑުވެފައިވަނިކޮށް، ''ފައްޅީގެ އަސްވާރުން'' އެތަނަށް ފާޅުވިއެވެ. އަދި ވަރުގަދަ މުސްލިމް ލަޝްކަރުތަކާ ހަނގުރާމަ ކުރުމުގެ ދުއިސައްތައް އަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ، ސްކޮޓްލޭންޑް މީހުންނަށް ހުށައެޅިއެވެ. އަދި ސްކޮޓްލޭންޑް މީހުންގެ ސަފުގައި ހަނގުރާމަކޮށް، 25000 ސިފައިންގެ އިގިރޭސި ލަޝްކަރު ބަލިކޮށްލިއެވެ.

ކުރިން ފަރަންސޭސި ވިލާތުގައި ކުރެވިފައިވާ ހިތި ތަޖުރިބާގެ އަލީގައި، މިފަހަރު މި ''ފައްޅީގެ އަސްވާރުން'' ވެރިކަން ކުރާ ޢާއިލާއާއި ރަނގަޅަށް ގުޅި އެމީހުންގެ ތެރޭގައި ރަނގަޅަށް މޫ ހިއްޕާލިއެވެ.

1603 ވަނަ އަހަރު ސްކޮޓްލޭންޑާއި އިންގްލޭން ގުޅުމުން، މި ޖަމާޢާތުގެ މީހުން އަލަށް އުފެދުނު ''ބްރިޓްން'' އަށްވެސް ފެތުރިގެން ދިޔައެވެ.

ސަތޭކައެއްހާ އަހަރުވަންދެން މި ޖަމާޢަތުގެ މީހުން ޙަރަކާތްތެރިވަމުން ދިޔައީ، އެތެރެ އެތެރެއިން ޖަމާޢަތް ވަރުގަދަކޮށް އިނގިރޭސިވިލާތުގެ ހަތަރު ކަނުގައި ވަރުގަދައަށް ވަކި ހިއްޕޭނެ ގޮތެއް ރާވަމުންނެވެ. ރަނގަޅަށް ތައްޔާރުވެވި، މި ޖަމާޢަތަށް ނިސްބަތްވާ މީހުންގެ ޢަދަދު ގިނަވީމާ އެ މީހުންގެ ފުރަތަމަ ޢާއްމު މަހެފިލް ލަންޑަނުގައި ބޭއްވުނުވެ. އެއީ 1717 ވަނަ އަހަރުގައެވެ. މެއިސްންރީ ފުރަތަމަ މަހެފިލްއަކީވެސް މިއެވެ. އަދި ''މެއިސްންރީ'' ނުވަތަ ''ފްރީ މެއިސްންރީ'' ގެ ނަމުގައި މި ޖަމާޢަތް ދުނިޔެއަށް ފާޅުވީވެސް މި ތާރީޚުގައެވެ. ވީމާ މި ޒަމާނުގެ މެއިސްންރީ ގެ ފެއްޓިފައިވަނީ 1717 ވަނަ އަހަރުގައި ކަމުގައި ބުނެވިދާނެއެވެ.

ފަރަންސޭސި ވިލާތް މާސޫނީންގެ ބާރުގެ ދަށަށް ގެނައުމަށް ރާވަމުންދިޔަ ރޭވުން ކާމިޔާބުވީ ، އެތާގެ މުޖްތަމަޢުގައި އޮތް ގިންތީގެ ތަފާތުކަމާ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަ ތަކުގެ ސަބަބުން، ރަސްކަމާ ދެކޮޅަށް ގެނެވުނު އިންޤިލާބާ ވިދިގެންނެވެ. 1793 ވަނަ އަހަރުގެ ޖެނުއަރީ މަހު ހަވަރު އެއްވެ ފަރަންސޭސިވިލާތު ރަސްގެފާނު ލުއިސް XVI ގެ ބޯ ކަނޑާލުމުން ޔޫރަޕްގައި އާ މާސޫނީ ދައުލަތެއް އުފެއްދުމަށް މަގުފަހިވިއެވެ. ނަމަވެސް ކަންތައްތައް ފަހުން ދިޔައީ އެމީހުން ރޭވި ގޮތަކަށް ނޫނެވެ. އެއީ ނެޕޯލިއަން ބޮނަޕާޓް ފާޅުވެ ފަރަންސޭސީ އެމްޕެރޯރ ކަމަށް އަމިއްލައަށް އިސްވެ ޔޫރަޕާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފެއްޓުމުންނެވެ. އެއްފަހަރު ތަހުތުން ބޭލި އަރުވާލުމުން އަނެއްކާވެސް ނެޕޯލިއަން ތަހުތު އަތުލިއެވެ. ނަމަވެސް 1815 ވަނަ އަހަރު އިގިރޭސި، ރަޝިއާ، ޑަޗް ސިފައިން ''ވޯޓާލޫ'' ގައި ނެޕޯލިއަންގެ ލަޝްކަރާ ބައްދަލުކޮށް އެ ލަޝްކަރު ބަލިކުރިއެވެ. އަދި ނެޕޯލިއަން ހައްޔަރު ކުރެވި އަނބުރާ އައުމެއްނެތި އަރުވާލެވުނެވެ.

އެމެރިކާގައި މާސޫނީން ފާޅުވީ، އެމެރިކާ އުފެދުމާވެސް އެކުގައެވެ. އެއީ އިނގިރޭސިންގެ އަތް ދަށުން މިނިވަން ވުމަށް އެތާ ވަޒަންވެރިވި މީހުން މަސައްކަތް ފެށުމުންނެވެ. މި ދަނޑިވަޅު، އިނގިރޭސި ތަޚުތު އޮތީ މާސޫނީންގެ އަތް ދަށުގައި ކަމަށްވިޔަސް، މާސޫނީން ބެލީ އެމީހުންގެ މުސްތަޤުބަލަށް ފައިދާވާނެ ގޮތަކަށެވެ. އެއީ އެމެރިކާ މިނިވަންތަނަކަށްވެ، އެތަނުގައި އެ މީހުންގެ ނުފޫޒު ހިނގާ ބޮޑު ބާރެއް އުފެއްދުމެވެ. ފަރަންސޭސިވިލާތުގައި ނެޕޯލިއަން ގެ އަތުން ލިބުނު ދަރުސް މިފަހުރު ހަނދާން ނައްތާނުލާ، އެމެރިކާގެ ސިޔާސީ ބާރު އަތްދަށަށް ގެންނާނެ އެންމެ މޮޅު ގޮތަކީ، ވެރިކަމަށް މާސޫނީ މީހަކު ގެނައުންކަން މާސޫނީންނަށް ވިސްނުނެވެ.

ހޮވުނު މީހަކީ ޖޯޖް ވޮޝިންޓަން ފިޔަވާ ދެވަނަ މީހެއް ނޫނެވެ. މާސޫނީންގެ އެންމެ މަޝްހޫރު މީހުންގެ ލިސްޓުގެ އެންމެ ކުރީގާ ވަނީ ޖޯޖް ވޮޝިންޓަނެވެ. އަދި އިގިރޭސިންގެ އތުން މިނިވަންވެ، ދުނިޔޭގެ ފުރަތަމަ މާސޫނީ ދައުލަތް ބިނާ ކުރެވުނެވެ. އެގޮތުން މި އަދު އަހަރެމެން ބޭނުންކުރަމުންދާ އެމެރިކާ އެއް ޑޮލަރުގެ ނޫޓުގެ އެއްފުށުގައި ޖޯޖްވޮޝިންޓަނުގެ ފޮޓޯއެއް ހުންނަ އިރު އަނެއް ފަޅީގައި އެ ހުންނަ އަހުރާމްގެ މަތީގައި އެވާ ލޮލަލީ އެއީ މާސޫނީ ނިޝާނެކެވެ. މާނޫސީން އެއަށް ކިޔަނީ ''ހުރިހާ އެއްޗެއް ފެންނަ އެއް ލޯ'' މިހެންނެވެ.

މާސޫނީންގެ ރަމްޒުތަކާއި އޭގެ ފަހަތުގައިވާ މާނަ :

މާސޫނީންގެ އެންމެ މުހިއްމު ނިޝާނަކީ ކޮއްޅަށް ވާ ގޮތަށް ހުންނަ ފަރުގާލެއްގެ ދަށުގައި ފަތިގަނޑެއް ޖައްސާފައި ހުންނަ ނިޝާނެވެ. އެ މީހުން ކައިރީ މިއިން ރަމްޒުކޮށްދެނީ، އެ މީހުން ޤަބޫލު ކުރާ، ދުނިޔެ ހެދި ''އިންޖިނޭރު'' އަކަށެވެ. މާސޫނީން ކައިރީ ދުނިޔެ ހެއްދެވީ އެއްކައުވަންތަ ﷲ އެއް ނޫނެވެ.

މާސޫނީންގެ ލަނޑުދަނޑިތައް :

- ޔަހޫދީ ދީނަށް އެކިގޮތްގޮތުން ޚިދުމަތް ކުރުން

- ޢާއްމު ގޮތެއްގައި ހުރިހާ ދީނަކާއި ދެކޮޅަށް ހަނގުރާމަ ކުރުން، އަދިން ޚާއްޞަކޮށް ކެތޮލިކުންނާ ދެކޮޅުވުން .

- ދީން ޤަބޫލު ނުކުރުން މީސްތަކުންގެ ތެރޭގައި ފެތުރުން .

- މީހުންގެ ތެރޭގައި އޮންނަ އަޚްލާޤީ ގިއުގަނޑު، ފުނޑުފުޑު ކޮށްލުން

1935 ވަނަ އަހަރު ލަންޑަނުގައި ނުކުތް މާސޫނީންގެ ބަޔާނެއްގައި ބުނެފައިވެއެވެ. ''އަހަރެމެންގެ އެދުމަކީ، ޖިންސީ ހުރިހާ ޤައިދުތަކަކުން މިނިވަންވެގެން ތިބި ބައެއް ހިމެނޭ ޖަމާޢަތެއް އުފެއްދުމެވެ. އަމިއްލަ ޖިންސީ ގުނަވަންދެކެ ލަދު ނުގަންނަ ބަޔަކު އުފެއްދުމެވެ.''

ބައެއް ޤައުމުތަކުގައި ''އޮރިއާން ނާދީ'' ތައް އުފެދެމުން އަންނަ ކަމަކީ، ވަންހަނާ ކަމެއް ނޫނެވެ. ''ނޭޗަރިޒަމް'' ގެ ނަމުގައި އޮސްޓްރޭލިއާ، ޖަރުމަނުވިލާތް، ހޮލެންޑް، އެމެރިކާ، ކެނެޑާ އަދި މި ނޫނަސް ހުޅަނގުގެ އެތައް ޤައުމެއްގައި އަދި އިރުމަތީގެ ބައެއް ޤައުމުތަކުގައި މިފަދަ ނާދީތައް ވަރަށް ގިނައި އުފެއްދިފައިވެއެވެ.

ދުނިޔޭގެ މަޝްހޫރު މީހުންނާއި މަސޫނީއްޔާއާއި ހުރި ގުޅުން :

ދުނިޔޭގެ މަޝްހޫރު މީހުންނާއި، މުޖުތަމަޢުތަކުގައި ތިބޭ ބަސްވިކޭ މީހުން އަދި ބޮޑެތި ވިޔަފާރިވެރިންނާއި، ނުފޫޒުގަދަ މީސްމީހުން މާސޫނީންނަށް ހެދުމަކީ، އެންމެ ކުރީއްސުރެ މާސޫނީން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އައި ކަމެކެވެ.

މާސޫނިއްޔާގެ ހުރިހާ ކަމެއްހެން ވަރަށް ސިއްރު ގޮތެއްގައި ހިންގެމުން ދިޔައަސް، މި ޖަމާޢަތަށް ނިސްބަތްވާ މަޝްހޫރު މީސްމީހުންގެ ނަން ސިއްރު ކުރާކަށް މި މީހުން މަސައްކަތެއް ނުކުރެއެވެ.

1717 ވަނަ އަހަރު އުފެއްދުނު ލަންޑަނުގެ މާސޫނީ މަހެފިލްގެ، ''ބޮޑު މީހާ'' ގެ މަޤާމުގައި މި އަދު ހުންނަނީ، އިގިރޭސި ރާނީގެ ބޮޑު ބޭބެގެ ދަރިއެއް ކަމުގައިވާ ޑިއުގޯ ކެންޓް އެވެ. އިގިރޭސި ޝާހީ އާޢިލާއާއި މާސޫނީންނާއި އޮންނަ ގުޅުމަކީ އިއްޔެއަކު މިއަދަކު އުފެދުނު ގުޅުމެއް ނޫނެވެ.

މާސޫނީން އެމީހުންގެ ތެރޭގައި ހިމެނޭ މަޝްހޫރު މީސްމީހުންގެ ލިސްޓު ނެރެފައިވެއެވެ. އެގޮތުން ތިރީގައި މިވަނީ މިފަދަ މީސްމީހުންގެ ނަންތަކެވެ.

- ލުއި އާމްސްޓްރޯންގ ( ޖޭޒް މިއުޒިކް ކުޅުންތެރިއެއް )

- ފްރެޑްރިކް ބަތޮލްޑީ ( ލިބަޓީ ބުދު ފަރުމާ ކުރި މީހާ )

- ވައިކަންޓް ބެނިޓް ( ކެނެޑާގެ ކުރީގެ ބޮޑުވަޒީރެއް )

- ސިމޯން ބޮލިވާރ ( ދެކުނު އެމެރިކާ މިނިވަން ކުރި ބަޠަލު )

- ޖޭމްސް ބޮކާނަން ( އެމެރިކާގެ ކުރީގެ ރައީސެއް )

- ރޮބާޓް ޕެރެންޒް ( ސްކޮޓްލޭންޑުގެ ޅެންވެރިއެއް )

- ކަޒަނޯވާ ( އިޓާލީ ދަތުރުވެރިއެއް )

- ވިންސްޓަން ޗާޗިލް (ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސި ބޮޑު ވަޒީރު)

- އެންޑްރޭ ސިޓްރޮއިން ( ސިޓްރޮއިން ކާރުގެ ވެރިއާ )

- މާކް ޓުވިން ( އެމެރިކާ ލިއުންތެރިއެއް )

- ބޮބް ޑޯލް ( އެމެރިކާގެ ކުރީގެ ރައީސްކަމަށް ކުރިމަތިލި މީހެއް )

- އާރތާރ ޑްވިލް ( ލިއުންތެރިއެއް )

- އެޑްވިން ޑްރިކް ( ތެލުގެ ޞިނާޢާތުގެ ކުރީގައިވާ މީހެއް )

- އޮންރޭ ޖޯން ޑޮނާންޓް _ ރެޑް ކްރޮސް ގެ ބާނީ )

- އެޑްވަޑް ހަތެއް ( އިގިރޭސީ ކުރީގެ ރަސްކަލެއް )

- އެޑްވަޑް އަށެއް ( އިގިރޭސީ ކުރީގެ ރަސްކަލެއް )

- އެލެގްޒެންޑާރ ފްލެމިންގް ( ޕެންސިލިން އުފެއްދި މީހާ )

- ޖެރަލްޑް ފޯޑް ( އެމެރިކާގެ ކުރީގެ ރައީސެއް )

- ބެންޖަމިން ފްރެންކްލިން (އެމެރިކާ ދުސްތޫރުގައި ސޮއި ކުރި މީހުންގެ ތެރެއިން އެކެއް)

- ކްލާރކް ގެބިލް ( ހޮލީވުޑްގެ ތަރިއެއް )

- ޖޭމްސް ގާފީލްޑް ( އެމެރިކާ ރައީސެއް )

- ޖޯޖް ހައެއް ( އިގިރެސީ ކުރީގެ ރަސްކަލެއް )

- ކިންގް ޖިލެޓް ( ޖިލެޓް ރޭޒަރުގެ ވެރިއާ )

- އެންޑްރޫ ޖެކްސަން ( އެމެރިކާ ރައީސެއް )

- އެންޑްރޫ ޖޯންސަން ( އެމެރިކާ ރައީސެއް )

- މެލްވިން ޖޯންސް ( ލިއޯންޒް ނާދީތަކުގެ ބާނީ )

- ތޯމަސް ލިޕްޓަން ( ލިޕްޓަން ސައިގެ ވެރިއާ )

- ޖޯން މެކްޑޮނަލްޑް ( ކެނެޑާގެ ކުރީގެ ބޮޑުވަޒީރެއް )

- ވިލިއަމް މެކިންލީ ( އެމެރިކާގެ ރައީސެއް )

- ޖޭމްސް މޮންރޯ ( އެމެރިކާގެ ރައީސެއް )

- ޖޭމްސް ނިޒްމިޓް ( ބާސްކެޓް ބޯޅަ ފެއްޓި މީހާ )

- އެލެގްޒެންޑަރ ޕޮޝްކިން ( ރަޝިއާ ޅެންވެރިއެއް )

- ފްރެންކްލިން ރޫޒްވެލްޓް ( އެމެރިކާ ރައީސެއް )

- ޓިއޯޑޯ ރޫޒްވެލްޓް ( އެމެރިކާ ރައީސެއް )

- ޖޯން ސްމިތު ( އެމެރިކާ ޤައުމީ ސަލާމްގެ ރާގު ހެދި މީހާ )

- ޖޯޖް ވޮޝިންޓަން ( އެމެރިކާ ފުރަތަމަ ރައީސް )

އޮސްކާ ވައިލްޑް ( އަޔަލޭންޑް ޅެންވެރިއެއް )

މާސޫނީންނާއި މެދު އިސްލާމްދީން ދެކޭ ގޮތް :

މާސޫނިއްޔާއަކީ، ފިކުރީ ގޮތުންނާއި އަޚްލާޤީ ގޮތުން މުސްލިމުންނަށް ހުރި ނުރައްކަލެކެވެ. ފަހަރެއްގައިވެސް މުސްލިމަކު މި ޖަމާޢަތަށް ނިސްބަތްވެގެން ހުރުމަކީ ހުއްދަވާނެ ކަމެއް ނޫނެވެ.

28 ނޮވެމްބަރު 1982 ގައި އަޒުހަރުން، މާސޫނީންނާ ބެހޭ ގޮތުން ނެރެފައިވާ ފަތުވާ :'' .... އެހެންވީމާ މުސްލިމަކު މާސޫނީއަކަށް ވުން އެއީ ޤަބޫލުކުރެވޭނެ ކަމެއް ނޫންކަމަށް، އަހަރެމެން ބާރު އަޅައި ބުނަމެވެ. ސަބަބަކީ މާސޫނިއްޔާއާއި ގުޅުމުން މަޑުމަޑުން ދުވަހެއް ދުވަހެއް، މުސްލިމާ އޭނާގެ ދީނީ އުޞޫލު ތަކާއި ދުރަށް ޖެހި އަދި އެންމެ ފަހުން މުރުތައްދުވާ ދަރަޖައަށް ދެއެވެ.''

މައްކަތުލް މުކައްރަމާގައި ހުންނަ، ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ދަށުގައިވާ ''މަޖްމަޢުލް ފިޤްހުލް އިސްލާމީ'' އިން 15ޖުލައި 1978 ގައި ނެރުނު ފަތުވާގައި ވަނީ: ''... މި ސަބަބުތަކަށްޓަކައި އަދި މި ނުންވެސް މާސޫނީންގެ ޙަރަކާތްތަކާ އެ މީހުންގެ މަހެފިލް ތަކުގައި ހިނގާ ކަންތަކަށް، އަދި އެމީހުންގެ އޮޅުވާލުމާ މަކަރުވެރި ރޭވުންތަކަށް ބަލާފައި މި މަޖްމަޢުއިން މި ނިންމަނީ މާސޫނިއްޔާއަކީ މުސްލިމުންނަށާއި އިސްލާމްދީނަށް ހުރި އެންމެ ނުރައްކާތެރި، ގެއްލުން ބޮޑު ޙަރަކާތް ކަމުގައެވެ. އަދި މި ޖަމާޢަތުގެ ޙަޤީޤަތާއި ލަނޑުދަނޑިތައް އެނގި ހުރެ މި ޖަމާޢަތަށް ނިސްބަތްވާ މުސްލިމަކީ، އިސްލާމްދީނުން ބޭރުވާނެ މީހެކެވެ.

އަދިވެސް މި މަޖްމަޢުއިން މި އަންނަނިވި ކަންތަކަށް ގޮވާލަމެވެ.

- މި ޖަމާޢަތަށް ނިސްބަތްވާ މުސްލިމުން ވަގުތުން މި ޖަމާޢަތުން ވަކިވުން .

- މި ޖަމާޢަތަށް ނިސްބަތްވާ އެއްވެސް މީހަކު، އިސްލާމީ އެއްވެސް ކަމެއް ކުރުމަށް ނުހޮވުން .

- އިސްލާމީ ޤައުމުތަކުގައި ހުރި މާސޫނީ މަހެފިލްތައް ބަންދުކޮށް، މި ޖަމާޢަތުގެ ޙަރަކާތްތައް މަނާކުރުން .

- މި ޖަމާޢަތުގެ ޙަޤީޤަތް ބަޔާންކޮށް، ލުއިފޮތް ނެރެފައި ޢާއްމުންނަށް ބެހުން .

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.