ހޮނިހިރު20180922

އާކުރެވުނީ: 08:43:52

މުސްތަޝްރިޤުން

isthishraqމުސްތަޝްރިޤުން (އޮރިއެންޓަލިސްޓް)، އިސްތިޝްރާޤު (އޮރިއެންޓަލިޒަމް) މިއީ ވަރަށް ގިނައިން އަހަރެމެން ކަންފަތުގައި ޖެހޭ ބަހެކެވެ. ބައެއް ލިއުންތަކުންނާއި ފޮތްފޮތުންވެސް މި ބަސް ފެނެއެވެ. ޚާއްޞަ ގޮތެއްގައި ފިކުރީ ހަނގުރާމަ ، އިސްލާމްދީނުގެ ނަން ޚަރާބު ކުރުން ފަދަ މައުޟޫތަކަށް ވާހަކަ ދެކެވޭ ހިނދު މި ބަސް ބޭނުން ކުރެވޭލެއް ވަކިން ގިނައެވެ. ބައެއް މީހުންނަށް މިބަސް އަޑު އިވުމުން އެއީ މުސްތަޝްރިޤުންނަކީ އެއްވެސް ރަނގަޅު ސިފައެއް ނެތް، އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތް ކުރާ މީހުންގެ ލަޝްކަރެއް ކަމުގައި ތަޞައްވުރު ކުރެވެއެވެ.

އަނެއްބަޔަކަށް، އެއީ އެ އެންމެންނަކީ ހަމަ ވަރަށް ރަނގަޅު ނިޔަތަކާއެކު، އިސްލާމުންގެ ޢިލްމުތަކުގެ ތެރެއަށް ފީނައި އެއިން މުތްތައް ހޯދާ ނެރެދޭ ބައެއްކަމުގައި ދެކެއެވެ. ޙަޤީޤަތަކީ ފަހުން މިބުނެވުނު ބައި، މުސްތަޝްރިޤުންގެ ތެރޭގައި ވަރަށް މަދު ކަމެވެ. ގިނަ މުސްތަޝްރިޤުންނަކީ، ދީނީ، އިސްތިޢުމާރީ، ނުވަތަ އިޤްތިޞާދީ ބޭނުންތަކަށް މަސައްކަތް ކުރި މީހުންނެވެ. އަދި އިސްލާމް ދީނުގެ ސޫރަ ހުތުރުކޮށް ޙަޤީޤަތް އޮޅުވާލަން މަސައްކަތް ކުރި މީހުންނެވެ.

 

މި ލިއުމުގައި މި ބަލާލަނީ އިސްތިޝްރާޤަކީ (އޮރިއެންޓަލިޒަމް) ކޮބައި ކަމާއި، އޭގެ ލަނޑު ދަނޑި ތަކަކީ ކޮބައިކަން، އަދި މުސްތަޝްރިޤުންގެ މަސައްކަތުގެ ސަބަބުން އިސްލާމީ ދުނިޔޭގެ ޘަޤާފީ، އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން ކުރި އަސަރުތަކަށެވެ. އަދި ފާހަނގަ ކުރެވޭ ބައެއް މުސްތަޝްރިޤުންގެ މައްޗަށްވެސް ބަލާލާނަމެވެ.

އިސްތިޝްރާޤަކީ ކޮބައި ؟

އިސްތިޝްރާޤު މި ބަހުގެ އަސްލަކީ ''ޝަރުޤު'' އެވެ. މާނައަކީ އިރުމައްޗެވެ. އެއަށް އަލިފް، ސީން، ތާ މިތިން އަކުރު އިތުރުކޮށްލެވުމުން އޭގެ މާނައަކީ 'އިރުމަތި އެދުމެވެ.' މާނައަކީ އިރުމަތީ ޤައުމުތަކުގެ ޢިލްމާއި އަދަބު، ފަންނާއި ދީންތައް ހޯދައި ދިރާސާ ކުރުމެވެ. އެކަން ކުރާ މީހާއަށް ކިޔަނީ ''މުސްތަޝްރިޤު'' އެވެ.

ލެޓިން ބަހުން "Orient'' ގެ މާނައަކީ އުގެނުން ނުވަތަ އެއްޗެއް ހޯދުމެވެ. ފަރަންސޭސި ބަހުން ''Orienter'' ގެ މާނައަކީ ކޮޅު ދެއްކުން ނުވަތަ މަގުދެއްކުމެވެ. އިނގިރޭސި ބަހަށް ބަލާއިރު ''Orientation , Orientate'' ގެ މާނައަކީ އަމާޒު ކުރުން އަދި ޤަބޫލު ކުރާ ވަކި ގޮތެއް މިއެވެ.

މި ބުނެވުނީ މިބަހުގެ ލަފްޒީ މާނަ އަށެވެ. ދެން އޭގެ އިޞްޠިލާޙީ މާނައަށް ބަލާލަނަމެވެ. ފުރަތަމަ މި ދަނީ ހުޅަނގު މީހުން މި ބަހުގެ މާނަކޮށްފައިވާ ގޮތަށެވެ.

ހުޅަނގުގެ ބައެއް ބާޙިޘުން ދެކޭ ގޮތުގައި ''އިސްތިޝްރާޤް'' ނުވަތަ ''އޮރިއެންޓަލިޒަމް '' މިބަހުގެ މާނައަކީ ''އިރުމަތީ ބަސްތައް ހޯދާ ދިރާސާ ކުރުމުގެ ޢިލްމު'' ކަމަށެވެ. އޮކްސްފޯޑް ރަދީފުގައި ''މުސްތަޝްރިޤު'' ގެ މާނަކޮށްފައިވަނީ ''އިރުމަތީގެ ބަހާއި އަދަބުގައި ފީނާ ހޯދާ" މީހާގެ ގޮތުގައެވެ.

މުސްލިމް ޢިލްމުވެރިއެއް ކަމުގައިވާ އަޙްމަދު ޢަބްދުލް މަޖީދު ''އިސްތިޝްރާޤު'' ގެ މާނަ، އެތައް މަޞްދަރެއް ބެލުމަށްފަހު ، ކޮށްފައިވަނީ : ''އެއީ ހުޅަނގުގެ މީހުން، ވަކިން ޚާއްޞަކޮށް އަހުލު ކިތާބީން، އިސްލާމް ދިނާއި މުސްލިމުންނާ ބެހޭގޮތުން ހޯދާ ހޯދުންތަކާއި އެކަޑެމިކް ދިރާސާތަކެވެ. އޭގެ މައުޟޫއަކީ ޢާޤީދާ، ޘަޤާފަތް، ޙަޟާރަތް، ތާރީޚް، މުއްސަނދިކަން ފަދަ އެތައް ދާއިރާއެކެވެ. ބޭނުމަކީ އިސްލާމްދީނުގެ ސޫރަ ހުތުރުކޮށް އިސްލާމުންގެ ހިތުގައި ދީނާ މެދު ޝައްކު އުފެއްދުމެވެ. އަދި ހުޅަނގަށް ތަބާވުން އިރުމަތީ މީހުންގެ މައްޗަށް މަޖުބޫރުކޮށް، އަދި މި ތަބާވުމަކީ ހުޅަނގު މީހުން އިރުމަތީ މީހުންގެ ކަންތައް ހޯދާ ދެނެގަނެފައިވާތީ ޙައްޤު ގޮތެއްކަން މީހުންނަށް ވިސްނައި ދިނުމެވެ. ހަމަ އެހެންމެ މަސީޙީ ހުޅަނގު އިސްލާމީ އިރުމައްޗަށް ޘަޤާފީ ގޮތުންނާއި ޢުންޞުރީ ގޮތުން ބާރު ލިބިގެންވާ ކަމަށްވެސް ދަޢުވާ ކުރެއެވެ.''

މިއީވެސް ބައެއް މީހުން މި ބަހުގެ މާނަ ކުރާ ގޮތެވެ. ނަމަވެސް ޙަޤިޤަތަކީ މި މުޞްޠަލަޙަކީ އެއީ ދެ މީހެއް އެއްގަލަކަށް އެރުން ވަރަށް ދުރު މުޞްޠަލަހެއްކަމެވެ.

ޖުމްލަ ގޮތެއްގައި އަދި ވަކި ކޮޅަކަށް ބުރަ ނުވެ މި ބަހުގެ މާނަ ކުރައްޏާ މި އަންނަނިވި ގޮތަށް ކުރެވިދާނެއެވެ.

އިސްތިޝްރާޤަކީ، ޔޫރަޕުގެ މީހުން (ހުޅަނގު ޔޫރަޕާއި އިރުމަތީ ޔޫރަޕްގެ ރޫސީ ވިލާތްވެސް ހިމެނޭ) އަދި އެމެރިކާ މީހުން، އިސްލާމް ދިނާއި އަދި މުސްލިމުންގެ ޢަޤީދާ، ޝަރީޢާ، މުޖްތަމަޢު، ސިޔާސަތް، ފަންނު، ފިކުރު ބަލާ ހޯދާ ކޮށްފައިވާ އެކަޑެމިކް ދިރާސާތަކެވެ.

ހުޅަނގު މީހަކަށް ނުވިޔަސް އޭނާގެ ވިސްނުން ހުންނަނީ މުސްތަޝްރިޤުންގެ ވިސްނުން ހުންނަ ކޮޅަށް ނަމަ، މުސްލިމަކު ކޮށްފައިވާ ދިރާސާއެއްވެސް ބެލެވޭނީ އިސްތިޝްރާޤީ އެއްޗެއްގެ ގޮތުގައެވެ.

ފާހަނގަ ކޮށްލަން ޖެހޭ ކަމަކީ މުސްތަޝްތިޤުން ހޯދާ ބަލާފައިވަނީ ހަމަ އެކަނި މުސްލިމުންނާ ބެހޭ ގޮތުން ނޫންކަމެވެ. މުސްލިމުންގެ އިތުރަށް އިންޑިއާ، ޗައިނާ ޖަޕާން ކޮރެއާ ފަދަ ތަންތާގެ ޘަޤާފަތާއި އާދަކާދައަކީވެސް މުސްތަޝްރިޤުންގެ އަމާޒަކަށް މާޟީއާއި މިހާރުވެސް ވެފައިވެއެވެ. އެއީވެސް ހަމަ އޮރިއެންޓަލިޒަމްގެ ބައެކެވެ.

އިސްތިޝްރާޤުގެ ފެއްޓުމާއި ކުރިއަރަމުން އައިގޮތް :

އިސްތިޝްރާޤުގެ ޙަރަކާތް އެންމެ ފުރަތަމަ ފެއްޓުނީ މިވެނި ތާރީޚެއްގައޭ އެހެން ސީދާ ބުނެވޭކަށް ނެތެވެ. އެކަން އެކަކަށްވެސް އެގިފައި ނެތެވެ. އިސްލާމީ ދުނިޔެއާ މެދު މުސްތަޝްރިޤުން އަހައްމިޔަތު ކަމެއް ދޭން އެންމެ ފުރަތަމަ ފެއްޓީ، އަންދަލުސްގައި އިސްލާމުން ވެރިކަން ކުރި ދުވަސްވަރުގައި ކަމަށް އެއްބަޔަކު ބުނާ އިރު، އަނެއް ބަޔަކު ބުނަނީ މި ކަންތައް ފެއްޓުނީ ޞަލީބީ ހަނގުރާމައިގެ ދުވަސްވަރުގައި ކަމަށެވެ.

މި ޙަރަކާތަކީ ފުރަތަމަ އިސްލާމް ދީން ފެތުރިގެން ދާލެއް ބާރި ކަމުން ، އެކަން ހުއްޓުވާލުމައް ފެއްޓުނު މަސައްކަތެކެވެ.

ޕްރޮފެސާރ އެޑްވާޑް ސަޢީދު ބުނެފައިވަނީ، ވަކި ގޮތަކަށް ވަކި ސިފައެއް ޖެހިގެން މި ޒަމާނުގެ އިސްތިޝްރާޤީ ހަރަކާތް ފެއްޓުނީ އަށާރަވަނަ ޤަރުނުގެ ފަހުކޮޅުގައި ކަމަށެވެ. އިސްތިޝްރާޤު ނުވަތަ އޮރިއެންޓަލިޒަމް މި މުޞްޠަލަޙު ޔޫރަޕްގައި ޢާއްމުވެފައިވަނީ 18ވަނަ ޤަރުނުގެ ފަހުކޮޅުގައެވެ. އިނގިރޭސިވިލާތުގައި މިބަސް ފާޅުވީ 1779 ވަނަ އަހަރުގައި ކަމަށ ވާހިނދު، ފަރަންސޭސިވިލާތުގައި ފާޅުވެފައިވަނީ 1799 ގައެވެ. ފަރަންސޭސި އެކަޑެމިކް ރަދީފުގައި މި ބަސް ހިމަނާފައިވަނީ 1838 ވަނަ އަހަރުގައެވެ.

އިސްތިޝްރާޤުގެ ލަނޑުދަނޑިތައް :

1- ދީނީ ލަނޑު ދަނޑި :

މުސްތަޝްރިޤުން އިސްލާމް ދީނާ ބެހޭ ހޯދުންތައް ހޯދައި ދިރާސާ ކުރުމުގެ އެންމެ މުހިއްމު އެއްބޭނުމަކީ ދީނީ ބޭނުމޭ ބުނުމުން އެއީ ކުށަކަށް ނުވާނެއެވެ. މަސީޙީ ދީން ދޫކޮށް އިސްލާމް ދީނަށް ވަންނަ މީހުން ގިނަވުމާއި، މުސްލިމުންގެ އާރާބާރު ގަދަވުމުން، ހުޅަނގުގެ ދީނީ ފަރާތްތަތަކަށް، މި ދީނުގެ ޙަޤީޤަތަކީ ކޮބައިތޯއާ، އޭގެ އެންމެ އަޑީގާ ވަނީ ކޮންފަދަ ބާރެއްތޯ ދެނެގަންނަން ބޭނުންވިއެވެ.

ބަޔަކަށް ހަމަލާ ދޭން ބޭނުމިއްޔާ އެ ބައެއްގެ އާދަކާދަތަކާއި އުޅުމާ ސުލޫކު ދަސް ކުރުން އެއީ ވަރަށް މުހިއްމު ކަމެކެވެ. ޖަނަވާރެއް ޝިކާރަ ކުރަން ބޭނުންވާ މީހާވެސް އެ ޖަނަވާރެއް ނުކުމެ އުޅޭ ވަގުތަކާ ނިދާ ވަގުތެއް އަދި ކާވަގުތު ހޯދާ ބަލާ އުޞޫލުންނެވެ. އެގޮތުން މަސީޙީންވެސް އިސްލާމް ދީނާ ބެހޭގޮތުން ހޯދި ހޯދުންތައް ހޯދީކީ (ގިނަފަހަރަށް) އެ ކޮންމެހެން ހުސް ޢިލްމީ ބޭނުމަކަށް ނޫނެވެ. އަދި ތެދު ނިޔަތަކާ އެކުވެސް ނޫނެވެ. ކިއެއްތަ، ބޭނުމަކަށް ވެފައި އޮތީ އިސްލާމް ދީނާ ފިކުރީ ގޮތުން ހަނގުރާމަކޮށް، އެ ދީނުގެ ސޫރަ ހަޑި ކޮށްލުމެވެ. ޢިލްމީ ދިރާސާތަކެއްގެ ނަމުގައި މީހުންގެ ތެރެއަށް ޢިލްމީ ހޯދުންތަކެއް ނެރެ އޭގެ ތެރޭގައި ފާހަނގަ ނުކުރެވޭ މިންވަރަކަށް ''ވިހަ'' ވެސް ލަމުން ގެންދިއުމެވެ.

އެގޮތުން ބަލާއިރު މުސްތަޝްރިޤުންގެ ދީނީ ލަނޑު ދަނޑިތައް ކުރު ގޮތަކަށް ޚުލާޞާ ކުރެވިދާނެއެވެ. އެއީ :

1- ރަސޫލާގެ ރިސާލަތާމެދު މީހުންގެ މެދުގައި ޝައްކު އުފެއްދުން ، އަދި ޙަދީޘަކީ އިތުބާރު ކުރެވޭ ޞައްޙަ އެއްޗެއް ނޫން ކަމަށާއި އެއީ މާ ފަހުން ތިންވަނަ ޤަރުނުގައި މުސްލިމުން ލިޔަން ފެއްޓި އެއްޗެއް ވަރަށް ގިނަ މުސްތަޝްރިޤުން ޙައްޤަކާއި ނުލާ ބުނަމުން ދިޔައެވެ.

2 - ޤުރުއާނުގެ ޞައްޙަ ކަމާމެދު ޝައްކު ކުރުން

3- ޢަރަބި ބަހަށް ހަމަލާ ދީ، އެއީ ޒަމާނީ ޢިލްމަށް ފެތޭނެ ބަހެއް ނޫންކަމުގައި ބުނަމުން ގެންދިއުން. އަދި ޢަރަބި ފުޞްޙާގެ ބަދަލުގައި ޢަރަބި ޤައުމުތަކުގައި އޮންނަ ވަކިވަކި ލަހުޖާ (ބަހުރުވަ) ތަކަށް ސަމާލުކަން ދިނުން .

4 - މުސްލިމުން ނަޞްރާނީ ދީނަށް ވެއްދުމަށް މަސައްކަތް ކުރުން .

5- އެ މީހުންގެ ވިސްނުމާ ނަޒަރިއްޔާތައް ސާބިތު ކުރަން ޟަޢީފް ޙަދީޘާއި ވަޟުޢީ ޙަދީޘްގެ ބޭނުން ހިފުން .

ޢިލްމީ ލަނޑުދަނޑި :

ޔޫރަޕް މީހުން މިއަދު ކުރިއަރާފައިވާ ކުރިއެރުމަކީ ދުވާލަކާ ރޭގަޑެއްގެ ތެރެއިން ފާޅުވި އެއްޗެއް ނޫނެވެ. އެކަމަކު އެއީ އެހެން މީހުން ކުރި އެރި ސަބަބާ، ބޮޑެތި ޙަޟާރަތްތައް ބިނާވުމުގެ ސިއްރުތައް ހޯދައި ދަސްކޮށް އަދި އޭގައި ހުރި އައިބުތަކުން އެއްކިބާވެގެންނެވެ. ހުޅަނގު މީހުން މިކަން ކުރީ މުސްތަޝްރިޤުންގެ ތެރެއިން ލާފައެވެ. ހުޅަނގު މީހުން، މުސްލިމުން، އިންޑިއާ، ޗައިނާ ފަދަ ޙަޟާރަތްތަކުގެ ފޮތްތައް ތަރުޖަމާކޮށް، އެ މީހުންގެ ޘަޤާފަތްތައް ދަސްކުރުމުގެ ނަތީޖާއަކަށްވީ، އަމިއްލަ ޢިލްމީ އެކުވެއްޏެއް ބިނާ ކުރާނެ އާލާތައި ބިންގަލެއް ލިބުމެވެ. އަދި ރަނގަޅު ކުރަން ޖެހޭ ކަންތައް ރަނގަޅު ކުރުމަށްފަހު އެ އެކުވެނި އެޅީއެވެ.

މުސްތަޝްރިޤުންގެ ތެރޭގައި މަދުން ނަމަވެސް، ހަމަ އެކަނި ޢިލްމީ ބޭނުމަށްޓަކައި، އިރުމަތީގެ ދިރާސާތަކުގައި ފީނި މީހުން އުޅުނެވެ. އެ މީހުންގެ ބޭނުމަކަށް ވީ، އިރުމަތީގެ ބަސް ދަސްކުރުމެވެ. ނުވަތަ އާ ޘަޤާފަތެއް ދަސްކުރުމެވެ. ނުވަތަ އާ ދީނަކާއި ބެހޭ ހޯދުންތައް ހޯދުމެވެ. މި ފަދަ މީހުންނަކީ އެއްވެސް ކަހަލަ ނުބައި އަދި ފޮރުވާފައިވާ ބޭނުމެއްގައި މަސައްކަތް ކުރި ބައެއް ނޫނެވެ. މިސާލެއްގެ ގޮތުން ތޯމަސް އާރނޯލްޑް އޭނާގެ ''އިސްލާމްދީނަށް ދަޢުވަތެއް'' މި ފޮތުގައި މުސްލިމުންނާމެދު އިންޞާފުން ވާހަކަ ދައްކާފައިވެއެވެ.

3- އިޤްތިޞާދީ ލަނޑުދަނޑި :

ފަސޭހައިން މީހަކަށް މުދަލެއް ވިއްކޭނީ އެ މީހެއްގެ ބަސް ދަސްކޮށްގެންނެވެ. އަދި ބޭނުންވަނި ކޮންކަހަލަ މުދަލެއްކަން އެގޭނީވެސް އެ ބައެއްގެ ދިރިއުޅުމުގެ ވައްޓަފާޅި ދަސްކޮށްގެންނެވެ. ހުޅަނގު މީހުން ޞިނާޢީ ޘައުރާގެ ސަބަބުން އުފެއްދުންތެރިކަން އެތެރޭގެ ބޭނުންތަކަށް ވުރެ މާ ގިނައިން އުފެއްދި، އެ އެއްޗެހިތައް ބޭރު ކުރާނެ ތަނެއް ހޯދަން ފެށިއެވެ. މި މުދާ ވިއްކަން އޮތް ތަނަކީ އިރުމަތީ ޤައުމުތަކާ އިސްލާމީ ޤައުމުތަކެވެ. ވީމާ މި ޤައުމުތަކުގެ ބަހާ އާދަކާދަ ދަސްކުރަން، ހުޅަނގަށް މަޖުބޫރުވިއެވެ. އިޤްތިޞާދީ ބޭނުމަކަށެވެ.

ދުނިޔޭގެ ބޮޑެތި ބޭންކުތަކުން މިއަދުވެސް، އެ މީހުން ވިޔަފާރި ކުރަމުންދާ އިރުމަތީ ޤައުމުތަކުގެ އިޖްތިމާޢީ، އިޤްތިޞާދީ ހާލަތް ދިރާސާކޮށް ހޯދައެވެ. ހަމަ އެހެންމެ ހުޅަނުގު މީހުން މިއަދު ޗައިނާ ބަސް ދަސްކުރަނީ ކޮންމެހެން ޗައިނާ ބަހުގެ އަކުރުތައް ލިޔެވިފައި ހުންނަ ގޮތް ރީތިވެގެންނެއް ނޫނެވެ. އެއީ ހުޅަނގުގެ ކާރުޚާނާތަކުން އުފައްދާ އެއްޗެހި ވިއްކަން، އެއް ބިލައަނަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް އަދި ފުޅާ ވަމުން އަންން މެދުފަންތީގެ އިޖްތިމާޢި ފަށަލައެއް އޮތް، ޗައިނާއަށް ވުރެ ފައްކާ ތަނެއް ނެތުމެވެ.

4- ހަންފެތުރުމުގެ ސިޔާސަތު :

މުސްތަޝްރިޤުންވަނީ ހުޅަނގުގެ އިސްތިޢުމާރި ސިޔާސަތަށް ވަރަށް ބޮޑު ޚިދުމަތެއް ކޮށްދީފައެވެ. ޖާސޫސީ ދައުރުން ފެއްޓިގެން ގޮސް، އިސްތިޢުމާރު ކުރާނެ ގޮތާއި އިސްތިޢުމާރު ކުރެވޭ ޤައުމުގެ ބަލިފަޔަކީ ކޮބައިކަމާއި، އިސްތިޢުމާރު ކުރެވުމުން އެކަމާއި ދެކޮޅަށް ތެދުވާނެ މިހުންގެ ވިސްނުމާއި ފިކުރު ކުރީއްސުރެ ދަސްކުރާ ބަޔަކީ މުސްތަޝްރިޤުންނެވެ. އިސްތިޢުމާރީ ބާރުތަކުން އިރުމަތީ ޤައުމުތައް އިސްތިޢުމާރު ކުރަން ގެންގުޅުނު ޝިޢާރަކީ ''ކަލޭ މެންނަކީ ކަލޭމެންގެ ކަންތައް އަމިއްލައަށް ބެލެހެއްޓޭނެ ބައެއް ނޫން .. އަހަރެމެން މިއައީ އެކަމުގައި ކަލޭމެންނަށް އެހީވާން'' މިއެވެ. އެއް ގޮތަކުން ބުނާނަމަ އިސްތިޢުމާރީ ބާރުތަކުން ބުނަމުން ދިޔައީ އިރުމަތީ މީހުންނަކީ ލިޔަން ކިޔަން ނުދަންނަ، ތަހުޒީބު ނުވާ ބައެކެވެ. ވީމާ އެ މީހުން އެއަންނަނީ އިރުމަތީ މީހުންގެ ބަހާ ދީން ދިރާސާކޮށް އެމީހުންނަށް ތަޢުލީމު އުގަންނައި ދީ ތަހުޒީބު ކޮށް ދޭށެވެ.

އިސްތިޢުމާރީ ބާރުތަކުން އެ މީހުންގެ ލަޝްކަރުން ވަޒީފާ ދޭން ކަނޑައަޅާ ޝަރުޠުތަކުގެ ތެރޭގައިވެސް އިސްތިޢުމާރު ކުރެވޭ ޤައުމުގެ ބަހާއި އާދަކާދަ އެގިފައި އޮތުން ހިމަނާފައިވެއެވެ.

މިއަދަށް ބަލާލި ކަމުގައި، އެމެރިކާގެ ޔުނިވާސިޓީތަކުގައި ހުންނަ އިރުމައްޗާއި އިސްލާމީ ދިރާސާ ކުރާ މަޢްހަދުތަކުން، ކޮންގްރެސްއަށް ލަފާދެމުންދާތަން ފެންނާނެއެވެ. އަދި ޚާރިޖީ ވުޒާރާގެ ތަފާތު ކޮމިޓީތަކަށް މި މަޢްހަދުތަކުން ތައްޔާރު ކުރާ ރިޕޯޓްތައް ޤަވާއިދުން ފޮނުވަމުން ދެއެވެ. ހުޅަނގުގެ ޤައުމުތައް ސިޔާސީ ގޮތުން ދުނިޔެއަށް ހިންގާމުގައި ލިބިފައިވާ ކާމިޔާބީ އަކީ ޙަޤީޤަތުގައި ޢިލްމުވެރިންގެ ދިރާސާތަކާއި ހޯދުންތަކުގެ މައްޗަށް ސިޔާސަތް ބިނާ ކޮށްފައިވާތީ ލިބޭ ކާމިޔާބީއެކެވެ.

 އިސްތިޝްރާޤީ ދިރާސާތަކުގެ އަސަރުތައް :

މުސްތަޝްރިޤުން ވަނީ ވަރަށް މަތީ ދަރަޖައަކަށް، ހުޅަނގުގެ އިސްތިޢުމާރީ ބޭނުންތަކަށާއި ފައްޅީގެ ބޭނުންތަކަށް، ބޮޑެތި ޚިދުމަތްތަކެއް ކޮށްދީފައެވެ. ''އިސްތިޝްރާޤު'' މިބަހުން އެއްކިބާވެގަނެ، ''މެދުއިރުމައްޗާއި ބެހޭ ދިރާސާ ކުރާ މަރުކަޒު'' ''އިސްލާމީ ދިރާސާ'' ''ދުރު އިރުމަތީ ބަހުގެ މަޢްހަދު'' މިފަދަ ނަން ބޯޑެއް ޖަހާފައި ނެތް ޔުނިވާސިޓީއެއް ޔޫރަޕް އެމެރިކާގައި މަދުވާނެއެވެ. ތިލަކޮށް ވިސްނާ މީހަކަށް ވިސްނޭނީ އެ މީހުން އިސްލާމް ދީނަށް ކުރާ އިޙްތިރާމެވެ. ނުވަތަ އިރުމަތީ ބަސް ދަސްކުރަން ހުންނަ ޝައުޤެއްގެ ބޮޑު ކަމާއެވެ. ނަމަވެސް ޙަޤީޤަތް އޮތީ އަދި މާދުރުގައެވެ.

ކުރީގެ ''އިސްތިޝްރާޤު'' މި ނަން ތަފާތުވިޔަސް، އަދާ ކުރާ ވަޒީފާއަކީ އެއް ވަޒީފާއެކެވެ. މިހާރުވެސް އިސްލާމީ ދުނިޔެއަށް މި ކަމުގެ ސަބަބުން ތަފާތު ގެއްލުންތައް ލިބެމުން ދެއެވެ. އެއީ :

ޢަޤީދާއަށް ކުރާ އަސަރު :

ދީނާއި ސިޔާސަތް ވަކިކުރުން ނުވަތަ ޢަލްމާނިއްޔާ (Secularism) އަށް ގޮވާލާ މީހުން އުފެދުނީ މުސްތަޝްރިޤުންގެ ސަބަބުންނެވެ. އެ މީހުންގެ އަތްމައްޗަށް ދަރިވަރުވި މުސްލިމުންނަށް ވިސްނައި ދިނީ، ޔޫރަޕް އެ އޮތް ނިޢުމަތަކީ، ޢިލާމާނިއްޔަތުގެ މޭވާ ކަމުގައެވެ. ރަނގަޅު ވާހަކައެކެވެ. އޭރު ޔޫރަޕްގައި އޮތް ދީން އޮވެގެން ޔޫރަޕަށް ތަރައްޤީގެ ހަރުފަތުން މައްޗަކަށް ނޭރޭނެއެވެ. އެ ދީން ތަމްސީލު ކުރާ ފައްޅިން ބުނަމުން ދިޔައީ ދުނިޔެއަކީ ދުނިޔެ އެނބުރެނީ އިރު ވަށައިގެންނޭ ބުނާ މީހަކު ޤަތުލުކުރުމަށެވެ. އެ މީހުން ދެކުނީ ބަލި މީހުން އޮޕަރޭޝަން ކުރުން އެއީ ބޯ ކޮށާ މީހުން ކުރާވަރުގެ ހަޑި ކަމެއްގެ ގޮތުގައެވެ. އިންސާނުން ސުވަރުގެއިން ނެރެލި މީހުންނަކީ އަންހެން ޖިންސު ކަމަށެވެ. އަންހެނުންކީ ދެފައި ޖަހާފައި ހިގަ ހިގާ ހުންނަ ''ފާފަ'' އެއް ކަމަށެވެ. މިފަދަ ދީނެއް އޮވެގެން ތަނެއް ތަރައްޤީ ވުން އެއީ މުސްތަޙީލު ކަމެކެވެ.

ނަމަވެސް އިސްލާމް ދީން ގޮވާލީ ވިސްނާ ބެލުމަށެވެ. ފިކުރު ކުރުމަށެވެ. ހަށިގަނޑާ އުދަރެސް ހޯދާ ބެލުމަށެވެ. އެންމެ ފުރަތަމަ އާޔަތުގައި އޮތީ ''އިޤްރައު'' ކިޔަވާށެއެވެ. ރަސޫލާ އެންގެވީ އަތުގައި ގަސް ކުރިއެއް އޮއްވާ ޤިޔާމަތް ވިޔަސް އެ ގަސްކުރި އިންދުމަށެވެ. މި ދީން އެންގީ އަންހެނުންނަކީ ފިރިހެނުންގެ އަނެއްފަޅި ކަމުގައެވެ. ރަސޫލާ ދެއްވި އެންމެ ފަހު ޚުޠުބާގައިވެސް މުސްލިމުންނަށް ވަޞިއްޔަތް ކުރެއްވީ އަންހެނުންނަށް ކަމޭ ހިތުމަށެވެ.

އެހެންވީމާ މުސްލިމުން ޢިލްމާނިއްޔަތުގައި އެލިގަންނާކަށް ނުޖެހެއެވެ.

އިސްތިޝްރާޤުގެ ސަބަބުން ޢަޤީދާގެ ދާއިރާއިން މުސްލިމުންނަށް ކުރި އެހެން އަސަރެއްވެސް އަދި އެބައޮތެވެ. މުސްތަޝްރިޤުންގެ ފޮތްތައް ބަލައި ނުވަތަ އިސްތިޝްރާޤާއި ބެހޭ ލިއުންތައް ކިޔާ މީހަކަށް ފަހަނގަވާނެ ކަމެއް އޮވެއެވެ. އެއީ މުސްތަޝްރިޤުން ''ޞޫފީން'' ނަށް ދޭ އަހައްމިއްޔެތެއްގެ ބޮޑު ކަމެވެ. އިސްލާމް ދީނަކީ އެއީ ކަމުގައި ދައްކަން ބޭނުންވާ ކަހަލަ ގޮތަކަށް، މުސްތަޝްރިޤުން ޞޫފީންނާއި ޞޫފީ މަޛްހަބާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ. ޙަޤީޤީ އިސްލާމްދީން ތަމްޘީލު ކުރާ އަހުލުއްސުއްނާގެ ބަދަލުގައި ޚަވާރިޖުންނާއި، އިސްމާޢީލީ މަޛްހަބުފަދަ މަގުފުރެދިފައިވާ މަޛްހަބުތަކަށް މުސްތަޝްރިޤުން ދޭ ސަމާލުކަން ބޮޑެވެ. އަދި މި ކުރިން ބުނެވުނު މަޢްހަދުތަކާއި މަރުކަޒުތަކުންވެސް، އިމާމް ޝާފިޢީއަށް ވުރެ ގިނައިން ބަޙުޘްތައް ހަދާފައިވާނީ ޞޫފީއެއް ކަމުގައިވާ އިބްނުލް ޢަރަބީ އާއި ބެހޭ ގޮތުންނެވެ. ނަމާދަށް ވުރެ ބޮޑު ސަމާލުކަމެއް ދީފައި ހުންނާނީ، ޢަރަބި ލިއުމާއި ބެހޭ ގޮތުންނެވެ.

މުސްތަޝްރިޤުން ވަނީ، އިސްލާމީ ދުނިޔޭގައި އެ މީހުންގެ މަދަރުސާތަކާއި ޔުނިވާސިޓީތައް ބިނާ ކުރަން ޚާއްސަ ސަމާލު ކަމެއް ދީފައެވެ. މިސާލަކަށް ބަލާނަމަ ޤާހިރާގައި ހުންނަ އެމެރިކަން ޔުނިވާސިޓީއަކީ އެއީ ކުރީގައި އިންޖީލީ ކޮލެޖުގެ ނަމުގައި ހިންގި ތަނެކެވެ. ބައިރޫތުގައި ހުންނަ ތަންވެސް މި ބީދައެވެ.

އިޖްތިމާޢީ އަސަރު :

މިއަދާ ޖެހެންދެންވެސް، މުސްތަޝްރިޤުން ދިރާސާ ކުރަން އެންމެ ފޯރި ހުންނަ އެއް މައިދާނަކީ އިސްލާމީ މުޖްތަމަޢުއެވެ. އެގޮތުން އިސްލާމީ މުޖްތަމަޢުގެ އެންމެ ކުދި ތަފްޞީލުތަކަށް ދާންދެން ހޯދާ ބަލައެވެ. މުޖްތަމަޢުގެ އެކުލެވުމާ އާދަކާދަތައް ދަސްކުރެއެވެ. ބޭނުމަކީ ހުޅަނގުން ބޭނުންވާ އަސަރުތައް ފޯރުވުމުގައި ފަސޭހަ ކަމާއެކު ކާމިޔާބު ހޯދުމެވެ. އަދި މުސްލިމުގެ ގައިން އިސްލާމް ދީނުގެ ހެދުން ބާލައި، ތަފާތު ނަސްލުތަކާއި މަޛްހަބުތަކުގެ ހެދުންލައްވައެވެ. ޢިރާޤުގައި ތިބޭނީ ޢަރަބީންނާއި ކުރުދީންނެވެ. ޢަރަބިން ބެހެނީ ޝީޢީންނާއި ސުންނީންނަށެވެ. އަލްޖަޒާއިރުގައިވެސް ތިބެނީ މުސްލިމުންނެއް ނޫނެވެ. އެއީ ޢަރަބީންނާއި ބަރުބަރީންނެވެ.

ބަރުބަރީ ބަހޭ ކިޔާ ބަހެއް ދުނިޔޭގައި އޮންނަ ކަން ދަންނާނީ ވަރަށް މަދު ބައެކެވެ. ނަމަވެސް ފަރަންސޭސި އެންމެން އެކަން ދަނެއެވެ. އަދި އަލްޖަޒާއިރާއި މަޣްރިބްކަރައިގެ ނިސްބަތުން މަދު ބައެއް ވާހަކަ ދައްކާ މި ބަސް މިއީ މިހާރު ފަރަންސޭސި ވިލާތުގެ ޔުނިވާސިޓީގައި ކިޔަވައިދޭ ވަކި މުސްތަޤިއްލު ބަހެކެވެ. ދުނިޔޭގެ އެތައް މިލިއަން ބަޔަކު ވާހަކަ ދައްކާ އުރުދޫބަސް އެކަމަކު މި ތާގައި ކިޔަވައި ނުދެއެވެ. ބޭނުމަކީ އަލްޖަޒާއިރު ގައި ނަސްލީ ބައިކުރުންތައް އުފެއްދުމެވެ.

މުސްތަޝްރިޤުން ދައްކާ ގޮތުގައި މިޞްރުގެ މިހާރު މީހުން ފަޚްރުވެރިވާން ޖެހޭ ކާބަފައިންނަކީވެސް ފިރުޢަނުމެންވެ. މުސްލިމުންނަކީ މިޞްރު ހިފި ޢަރަބިންތަކެކެކެވެ. އެ މީހުން މިޞްރު ހިފައި ގަނެ، މިޞްރުގެ ޤިބްޠީން އަޅުވެތިކޮށް، މިޞްރުގެ އަހުލުވެރިންނަށް ޢަރަބިބަސް މަޖްބޫރު ކުރުވީއެވެ. މިއީ މުސްތަޝްރިޤުންގެ ގިނަ މީހުންގެ ވާހަކަ ހުންނަ ގޮތެވެ.

އިސްލާމް ދީނުގައި އަންހެނުނަށް ދީފައިވާ މަތިވެރި އަދި ޝަރަފުވެރި މަޤާމަކީ، މުސްތަޝްރިޤުން އަބަދުވެސް ހަމަލާދޭ ކަމެކެވެ. ޙަޤީޤަތް އިދިފުށަށް ޖަހާލައިގެން އެ މީހުން ، އިސްލާމް ދނުގައި އަންހެނުންގެ މަޤާމް ކުޑައިމީސް ކުރެއެވެ. އެ މީހުންގެ ނަޒަރުގައި ނުވަތަ ދުނިޔެއަށް ހާމަކޮށްދޭ ގޮތުގައި، މި ދީނަކީ އަންހެނުން އަޅުވެތިކޮށް އެ ކަނބަލުންގެ ޙައްޤު ނިގުޅައިގަންނަ ދީނެކެވެ.

ސިޔާސީ އަސަރު :

ހުޅަނގު މީހުން ހީކުރާ ގޮތުގައި އެ މީހުންނަކީ އެއީ އެންމެ ފުރިހަމަ މީހުންނެވެ. އެ މީހުން ގެންގުޅޭ ރައުސްމާލީ ނިޒާމަކީ އެއީ އިޤްތިޞާދީ ގޮތުން އޮތް އެންމެ ރަނގަޅު ނިޒާމެވެ. ހުޅަނގުގެ ޑިމޮކްރަސީއަކީ އެއީ ދުނިޔޭގެ އެންމެން އަކުރުން އަކުރައް ، އެ މީހުންގެ ޤައުމުގައި ޤާއިމު ކުރަން ޖެހޭ އެއްޗެކެވެ. ޤުރުއާނުގައި އޮތަސް މަރަށް މަރު ހިފައިގެން ނުވާނެއެވެ. އިސްލާމީ ޝަރީޢާއަކީ އެއީ ޖަންގަލީގެ ޤާނޫނެކެވެ.

ބާނާޑް ލުވިސް (Bernard  Lewis) ސިފަކޮށްފައިވާ ގޮތުގައި އިސްލާމީ ސިޔާސީ ނިޒާމަކީ، ކޮމިއުނިޒަމްފަދަ މީހުން އަޅުވެތިކުރާ އެއްޗެކެވެ. އިސްލާމީ ބައެއް ޤައުމުތަކުން އިސްތިޢުމާރީ ދުވަސްތައް ނިމުމާއެކު ހުޅަނގުގެ ޑިމޮކްރަސީ ތަޢާރަފް ކުރިއެވެ. ނަމަވެސް އެއީ އެ ވެށިތަކުގައި ކަމުދާ އެއްޗަކަށް ނުވިއެވެ. އެ މީހުން ހުޅަނގުން އެތެރެ ކުރީ، ބޭނުން ކުރާނެ ގޮތް ލިޔެފައި ހުންނަ ކަރުދާސް ގަނޑު ނެތް، ޑިމޮކްރަސީ ދަޅުތަކެކެވެ. ހުޅަނގުގެ ޤައުމުތަކުގެ މޫސުމަކީ ފިނި މޫސުމެއް، އަދި އިސްލާމީ ޤައުމުތަކުގެ މޫސުމަކީ ހޫނު ކަން ގަދަ މޫސުމެއްކަން އެއީ ޙަޤީޤަތެކެވެ. ހަމަ އެހެންމެ ހުޅަނގުގަ ގެންގުޅޭ ޑިމޮކްރަސީވެސް ހަމަ އެ ގޮތަށް އެ ނަމުގައި ތަޠްބީޤު ކުރުން އެއީ ވާނެ ކަމެއް ނޫނެވެ. އިސްލާމް ދީނުގައި އޮންނަނީ ޝޫރާ ނިޒާމެވެ. އެ ނިޒާމު ކޮންމެ ގޮތަކަށް ތަޠްބީޤު ކުރިއަސް ފުދުނީއެވެ.

މުސްތަޝްރިޤުންގެ ނުރައްކާތެރި ބައެއް ފިކުރުތައް :

1- ޖޯޖް ސޭލް އޭނާގެ ޤުރުއާނުގެ މާނައިގެ ތަރުޖަމާގައި ބާޠިލު ގޮތުގައި ބުނެފައިވަނީ، އެއީ މުޙައްމަދުގެފާނު އަމިއްލައަށް ލިއުއްވި އެއްޗެއްކަމަށެވެ.

2- ރިޗަޑް ޕާލް ބާޠިލު ގޮތުގައި ބުނެފައި ވަނީ ، އިސްލާމް ދީނަކީ ޔަހޫދީ ދީނާއި ނަޞާރާ ދީނުގެ މަސްހުނި ގަޑެއް ކަމުގައެވެ.

3- މުސްތަޝްރިޤުން ކީރިތި ޤުރުއާނާމެދުވެސް ބަލާފައިވަނީ އެއީ ހަމަ އާދައިގެ ތާރީޚް ފޮތެއް ކަހަލަ ފޮތެއްގެ ގޮތުގައެވެ. އެގޮތުން މީހަކު ލިޔެފައި އޮތް ތާރީޚް ފޮތަކަށް ފާޑުކިޔައި، އޭގެ ތެދު ދޮގު ފުރާނާ ވަކި ކުރާހެން ޤުރުއާނާމެދު ވެސް މުޢާމަލާތު ކޮށްފައިވެއެވެ.

4- އިސްލާމް ދީން ފެތުރުނީ ކަނޑީގެ ބާރުން ކަމުގައި، މިއީ މުސްތަޝްރިޤުން އަޑު އަރުވާފައިވާ ޙަޤީޤަތާ މުޅިން ޚިލާފު ވާހަކައެކެވެ. ދުނިޔޭގައި އިސްލާމުން އެންމެ ގިނަ ޤައުމަކީ އިންޑޮނީޝިއާއެއެވެ. އެތަން އިސްލާމް ކުރަން ޢަރަބި ކަރައިގެ މީހެއް ކުޑަ ފިޔޮއްސެއްވެސް ނުގެންދެއެވެ.

5- އިސްލާމީ މުޖްތަމަޢުތަކުގައިވާ ބޯދާ އާދަކާދަ ތަކަކީ އެއީ އިސްލާމް ދީން ކަމުގައި ބަލާ އެބައި ބޮޑަށް ދެއްކުން. އެގޮތުން މުސްތަޝްރިޤުން ދުނިޔެއަށް އިސްލާމް ދީން ދައްކައިދޭން މަސައްކަތް ކޮށްފައިވަނީ، އިސްލާމް ދީނަށް ނިސްބަތްވާ، އެދީން ރަނގަޅަށް ނޭގޭ، މީހުންގެ ޢަމަލުތަކުންނެވެ. ފަހަރެއްގައިވެސް ދީނުގެ އަސްލު ކަމުގައިވާ ޤުރުއާނާއި ސުންނަތުން އިސްލާމް ދީން ހޯދާކަށް މަސައްކަތެއް ކޮށްފައި ނުވެއެވެ.

6- ދީންވެރިކޮށް އުޅުމަކީ އަނެކާ ޤަބޫލު ނުކުރުން ކަމުގައި ބުނެވާ ޢިބާރާތް ދުނިޔޭގެ ހަތަރު ބިތަށް އަޑު އެރުވުން. އެގޮތުން އިސްލާމުން ދީންވެރިކޮށް އެ މީހުންގެ ދީނުގައި ހިފަހައްޓައިގެން އުޅެއްޏާ އެއީ ގޮތް ދޫނުކުރާ، އަނެކުން ޤަބޫލު ނުކުރާ ވިސްނުން ހަނި މީހަކަށް ވެއެވެ. އަނެކުން ޤަބޫލު ކުރުމަކީ، ހުޅަނގުގެ ޘަޤާފަތައި އާދަކާދަ އެއީ އެންމެ މޮޅު އެތިކަމުގައި ޤަބޫލު ކުރުމެވެ. އަމިއްލަ ޘަޤާފަތަށް އުޅެއްޏާ އެއީ ޘަޤާފަތްތައް ތަފާތުވުން ޤަބޫލު ނުކުރާ މީހަކަށެވެ. ނަމަވެސް ޔޫރަޕްގެ ޘަޤާފަތް ގައިގައި ބަނދެފިނަމަ އެއީ ޘަޤާފަތް ތަފާތުވުން ޤަބޫލު ކުރުން ކަމަށް ވެދެއެވެ.

7- މުސްތަޝްރިޤުން ދެކުނު ގޮތުގައި، ހުޅަނގުގެ ޙަޟާރަތަކީ އެއީ ގަދަ ޙަޟާރަތެވެ. ދެން ތިބި ހުރިހާ ޙަޟާރަތްތަކަކީ އެއަށް ތަބާވާން ޖެހޭ އެއްޗެކެވެ.

މުސްތަޝްރިޤުންގެ ތެރެއިން ފާހަނގަ ކޮށްލެވޭ މީހުން :

އިޓަލީވިލާތުން :

1- އިގްނާޒިއޯ ގުއިޑީ ، 1844-1935 (Ignazio Guidi)

ރޯމްގައި އުފަންވެ، އަދި ރޯމް ޔުނިވާސިޓީގައި ޢަރަބިބަސް ކިޔެވިއެވެ. އަދި އެތާގައި ފަހުން އެ ބަސް ކިޔަވައި ދިނެވެ.

2- ޑޭވިޑް ސަންޓިލާނާ ، 1855-1931 (David Santillana)

އުފަންވީ ތޫނިސްގައި، އަދި ރޯމް ޔުނިވާސިޓީގައި ތަޢުލީމު ޙާޞިލު ކުރުމަށްފަހު، އިސްލާމީ ފަލްސަފާއާއި ފިޤުހުގައި ޙާއްޞަވިއެވެ. މިޞްރުގައި ފަލްސަފާގެ ތާރީޚުގެ އުސްތާޛެއްގެ ގޮތުގައި ފަހުން މަސައްކަތް ކުރިއެވެ.

3- ލިއޯން ކައިޓާނީ ، 1869-1935 (Leone Caetani)

އިޓަލީގެ އެންމެ ފާހަނގަ ކޮށްލެވޭ މުސްތަޝްރިޤުންގެ ތެރޭގައި ހިމެނޭ މި މީހާއަކީ، ޢަރަބި ބަހާއި ފާރިސީ ބަސް ނިކަން ރަނގަޅަށް ދަންނަ މީހެކެވެ. އެމެރިކާގައި ހުންނަ އިޓަލީގެ ސަފީރުކަން ކުރުމުގެ އިތުރުން، އިންޑިއާ، އީރާން، މިޞްރު، ސޫރިއާ، ލުބްނާނަށް ޒިޔާރަތް ކުރިއެވެ. ލިޔެފައިވާ އެންމެ ފާހަނގަ ކުރެވޭ ފޮތަކީ، އިސްލާމްދީނާއި ބެހޭ ގޮތުން ލިޔެފައިވާ 10 ބައިގެ ފޮތެވެ.

4- ކާލޯ އަލްފޯސޯ ނައްލިނޯ ، 1872- 1938 (Carlo Alfoso Nallino)

5- ގަބްރިއެއްލީ ފްރަންސިސްކޯ ، 1904-1997 (Gabrieli  Fransisco)

ފަރަންސޭސި ވިލާތް :

1- ސިލްވެސްޓާރ ޑިސެސީ ، 1758-1838 (Silvester de Sacy)

އުފަންވެފައިވަނީ 1758 ވަނަ އަހަރު ޕެރިހުގައެވެ. އަދި ލެޓިންއާއި ގްރީކް ބަސް ދަސްކުރުމަށްފަހު ، ފާދިރީ މޯރ އާއި ޕާރޓާރޯ ކައިރިން ޢިލްމު އުނގެނުނެވެ. އެއަށްފަހު ޢަރަބި ، ފާރިސީ އަދި ތުރުކީ ބަސް ދަސްކުރިއެވެ. ޢަރަބިންނާއި ބެހޭ ގޮތުން އެތަކެއ ލިއުން ލިޔެ އަދި ވަރަށް ގިނަ ލިއުންތަކެއް ހޯދައި ދިރާސާ ކުރިއެވެ.

1795 ވަނަ އަހަރު އިރުމަތީ ބަސްތަކުގެ މަދަރުސާގެ މުދައްރިސަކަށް ހަމަ ޖެއްސުނެވެ. އަދި މީނާ ޢަރަބި ބަހުގެ ޤަވާޢީދާ ބެހޭ ގޮތުން ލިޔެފައިވާ ފޮތް އިނގިރޭސި ޖަރުމަން، ޑެންމާކް ބަހަށް ތަރުޖަމާ ކުރެވިފައިވެއެވެ. 1822 ވަނަ އަހަރު އޭޝިއާ ޖަމްޢިއްޔާ އުފެއްދުމުން އޭގެ ރައީސަކަށް ހޮވުނެވެ. މީނާ އެންމެ ބޮޑު ސަމާލު ކަމެއް ދީފައިވަނީ، ''ދުރޫޒް'' (ގިނައިން ލުބްނާނުގައި އުޅޭ ދީނީ ޖަމާޢަތެއް) އަށެވެ. މީނާ ގެ ދުވަސްވަރު ފަރަންސޭސި ވިލާތް، ޔޫރަޕް މުސްތަޝްރިޤުންގެ ޤިބްލައަކަށް ވެގެން ދިޔައެވެ. އަދި އިސްތިޝްރާޤީ ހަރަކާތުގައި ފަރަންސޭސި ކުލައެއް ޖެހުނީވެސް މި ދުވަސްވަރުގައެވެ.

2- އެލް އޭ ސީޑިއޯ ، 1808-1876 (L.A. Sedillot)

މީނާ ލިޔެފައިވާ އެންމެ ފާހަނގަ ކުރެވޭ ފޮތަކީ ''ޢަރަބިންގެ ތާރީޚުގެ ޚުލާޞާ'' މި ނަން ކިޔޭ ފޮތެވެ. މި ފޮތުގައި ޔޫރަޕްގެ ޙަޟާރަތަށް ޢަރަބިންގެ ޢިލްމުގެ ސަބަބުން ކޮށްފައިވާ އަސަރުގެ ވާހަކަ ވަރަށް ބޮޑަށް ދައްކާފައިވެއެވެ.

3- އާނެސްޓް ރިނާން ، 1823-1892 (Ernest Renan)

ޑިވިނިޓީ މަދަރުސާއެއްގައި ކިޔެވުމަށްފަހު ޢަރަބި ބަސް ކިޔެވިއެވެ. އަދި ފަހުން ދުވަސް ގަޑެއް ވަންދެން ލުބްނާނުގައި ދިރިއުޅުނެވެ. އިސްލާމީ ޢަޤީދާއަކީ މީނާގެ ސަމާލުކަން ހުއްޓުނު އެއްޗެއް ކަމުގައި ވިއެވެ. އަދި އިބްނު ރުޝްދުގެ ފޮތްތައްވެސް ދިރާސާކުރިއެވެ. ''ސާމީ ދަރިކޮޅު މީހުންގެ ސިކުނޑިއަކީ، ޢިލްމީ ދިރާސާތައް ކުރުމުގެ ޤާބިލްކަން ހުރި އެއްޗެއް ނޫން'' ކަމުގައި މީނާ ބުނުމުން ، ޖަމާލުއްދީން އަލްއަފްޣާނީއާއި ޝައިޚް މުޙައްމަދު ޢަބްދު އެ ވާހަކައަށް ރައްދު ޖަވާބު ދިނެވެ.

4 - ރީނީ ބާސޭ ، 1855 - 1924 (Rene Baset)

5- ވިލިއަމް މާސޭ ، 1874 - 1956 (William Marcais)

6- ލުއިސް މަސިންޔޯން ، 1883- 1962 (Louis Massingon)

7- ލެވީ ޕްރޮވެންސަލް ، 1894- 1956 (Levi-Provencal)

8- މެކްސިމް ރޮޑިންސަން ، 1915 (Maxim Rodinson)

އިނގިރޭސިވިލާތް :

1- ވިލިއަމް ބެޑްވެލް، 1563- 1632 (William Bedwell)

2- އެޑްވަޑް ޕޮކޮކް، 1648-1727 (Edward Pocoke)

3- ޖޯޖް ސޭލް، 1697-1726 (George Sale)

މީނާގެ އެންމެ ފާހަނގަ ކުރެވޭ ފޮތަކީ އޭނާ ލިއުނު ޤުރުއާނުގެ މާނައިގެ ތަރުޖަމާއެވެ. ނަމަވެސް މިއީ ވަރަށް ގިނަ ކުށާއި ، އޮޅުވާލުންތަކެއް ހިމެނިފައިވާ ފޮތެކެވެ.

4- ޑޭވިޑް ސަމުއެލް މާގްލިއުސް ، 1858-1940 (David Samuel Margoliouth)

5- ތޯމަސް ވޮލްކާރ އާރނޯލްޑް ، 1864-1930 (Sir Thomas Walker Arnold)

6- މޮންޓްގޮމެރީ ވޮޓް :14 މާޗު 1909ވަނަ އަހަރު ކްރިސް ފައިވްގައި ފާދިރީއަކަށް އުފަންވިއެވެ. ބައްޕައަކީ ފާދިރީއެކެވެ. ކިޔަވާ ނިންމުމަށްފަހު ލަންޑަނާއި އެޑިންބަރާގެ ތަފާތ ފައްޅިތަކުގައި މަސައްކަތް ކުރިއެވެ. އަދި 1947 - 1979 ދެމެދު އެޑިންބަރާ ޔުނިވާސިޓީގެ ޢަރަބި ބަހާއި އިސްލާމީ ދިރާސާ ކުރުމާބެހޭ ބައިގައި މަސައްކަތް ކުރިއެވެ. ލިއުނު މަޝްހޫރު ފޮތްތަކުގެ ތެރޭގައި ''މުޙައްމަދު މައްކާގައި'' '' މުޙައްމަދު މަދީނާގައި '' ''މުޙައްމަދު ނަބީއެއް އަދި ސިޔާސީވެރިއެއް'' ''އިސްލާމީ ޢަޤީދާއާއި ފަލްސަފާ'' ''އިސްލާމީ ސިޔާސީ ފިކުރު'' ''މެދުތެރޭ ޤަރުނުތަކުގައި ޔޫރަޕްގައި އިސްލާމް ދީނުގެ އަސަރު'' ފަދަ ވަރަށް ގިނަ ފޮތްތަކެއް ހިމެނެއެވެ.

7- އާރތާ ޖޯން އާރބަރީ ، 1905- 1969 (Arthur John Arberry)

8- ބާރނާޑް ލުވިސް ، 1916- (Bernard Lewis)

ޖަރުމަނުވިލާތް :

1- ޔޯހަން ޖަކޯބް ރައިސްކާ ، 1716- 1774 (Johann Jakob Reiske  )

2- ޖޯޖް ވިލްހެމް ފްރައިޓެގް ، 1788 - 1861 (George Wilhelm Freytag)

3- ގޮސްޓާފް ފްލުޖެލް ، 1802-1870 (Gustav Flugel)

4- ޖޫލިއަސް ވެލްހައުސެން ، 1844- 1918 (Jullius Wellhausen)

5- ހެލްމަޓް ރިޓާ ، 1892-1971 (Hellmut Ritter)

 އިންޞާފުވެރި ބައެއް މުސްތަޝްރިޤުން :

1- ހެޑްރިއަން ރިލޭންޑް ، 1718 ވަނަ އަހަރު މަރުވެފައިވާ މި މުސްތަޝްރިޤަކީ ހޮލެންޑްގެ ޔުނިވާސިޓީގައި އިރުމަތީ ބަހުގެ އުސްތާޛެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. މީނާ ލެޓިން ބަހުން ލިޔެފައިވާ ''މުޙައްމަދުގެ ދީން'' މި ފޮތް ޔޫރަޕްގެ ފައްޅިތަކުން ގެންގުޅުން މަނާކުރިއެވެ.

2- ޔޯހަން ޖަކޯބް ރައިސްކާ އަކީ ފާހަނގަ ކޮށްލަން ޖެހޭފަދަ ، ޖަރުމަނުގެ މުސްތަޝްރިޤެކެވެ.

3- ސިލްވެސްޓާރ ޑިސެސީ އަކީ ޢަރަބި ބަހުގަ ޤަވާޢިދަށް ސަމާލުކަން ދީގެން އެ ދަސްކޮށް ހޯދި މީހެކެވެ.

4- ތޯމަސް އާރނޯލްޑް

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.