ބުދަ20201111

އާކުރެވުނީ: 08:43:52

ތަބާވުން...މަޤުޞަދާއި ވަސީލަތުގައި

thabaavunސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާއަށް ތަބާވުމުގައި އަޞްލަކީ އަޅުކަމުގައި ވަސީލަތްތަކާއި މަޤުޞަދުގައިމެ، އެކަލޭގެފާނަށް ތަބާވުމެވެ. އެހެންނަމަވެސް މުޢާމަލާތުގައި އެދެވިގެންވަނީ މަޤުޞަދުތަކުގައި ތަބާވުމެވެ. ވަސީލަތުގައި ތަބާވުން ލާޒިމެއް ނޫނެވެ.

އަޅުކަމުގައި އަޞްލަކީ މަޤުޞަދުތަކާއި ވަސީލަތްތަކުގައިވެސް ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލާއަށް ތަބާވުމެވެ. އަހަރުމެން ވުޟޫއުކުރާނީ އެކަލޭގެފާނު ކުރެއްވި ފަދައިންނެވެ. ނަމާދުކުރާނީ އެކަލޭގެފާނު ކުރެއްވި ގޮތަށެވެ. ރޯދަ ބާޠިލުކުރާ ކަންތަކުން ދުރެވެ، ތިބޭނީ އެކަލޭގެފާނު އެންގެވި ފަދައިންނެވެ. ނަބިއްޔާ ޒަކާތް ދެއްވި މިންވަރަށް ނުވަތަ ޒަކާތުގައި ނެރުމަށް އަމުރުކުރެއްވި މިންވަރަށް އަޅުގަނޑުމެންގެ މުދަލުން ޒަކާތް ދޭނަމުއެވެ. ޙައްޖުގައި ކަންކުރާނީ އެކަލޭގެފާނުގެ އަންނަނިވި ބަސްފުޅުގައި އެވާ ފަދައިންނެވެ. "خذوا عني مناسككم " -رواه مسلم-

މާނައީ: ޙައްޖުގެ މަނާސިކުތައް ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ކިބައިން ލިބިގަންނާށެވެ. އެހެންކަމުން ބައެއް ޖާހިލުން ދަޢުވާކުރާ ފަދައިން ޙައްޖުގެ ވަގުތު ބަދަލުކުރުން ހުއްދަވެގެންނުވެއެވެ. ކައްފާރާގެ ގޮތުގައި ކަނޑައެޅިފައިވާ ކަންކަން ބަދަލުކުރުމުގެ ހުއްދައެއްވެސް ނޯންނާނެއެވެ. އެފަދަ ކަންކަމުގައި ތަބާވުން ފިޔަވައި އިތުރު ގޮތެއް ނޯންނާނެއެވެ.

އެހެންނަމަވެސް އަޅުކަމުގެ ތެރެއިން އިސްތިސްނާއީ ބައެއް ޙާލަތްތަކުގައި ވަސީލަތް ފިޔަވައި މަޤުޞަދަށް ތަބާވުން ހުއްދަވެގެންވެއެވެ. މިސާލުތަކެއް:

ހ- ދަތް އުގުޅުމުގައި ބުރުސް ބޭނުންކުރުން:

ޝައްކު ނުކުރާށެވެ. ދަތް އުގުޅުމުގައި އެންމެ މޮޅު އިތުރުވެގެންވާ ގޮތަކީ ސިވާކު ދަނޑި ބޭނުންކުރުމެވެ. އެއީ ރަސޫލާއަށް ތަބާވުމުގެ ގޮތުންނެވެ. އެހެންނަމަވެސް ބުރުސް ބޭނުންކޮށްގެން މުސްލިމަކު ދަތް އުގުޅައިފިނަމަ، މިއަޅުކަމުގެ މަޤުޞަދު އޭނާ ޙާޞިލުކޮށްފިއެވެ. އެއީ އަގަ ސާފުތާހިރުކުރުމެވެ. އެކަމުގެ ސަބަބުން އެހެން މީހުންނަށް އުދަގޫ ނުވުމާއި، ތިމާއަށް ގެއްލުން ދޭ ޖަރާސީމްތަކުން ސަލާމަތްވެއެވެ. އެކަމުގައިވެސް މާތްﷲއަށާއި އެކަލާނގެ ރަސޫލާއަށް ތަބާވުމުގެ ހިތު ނިޔަތް އޮންނަންޖެހެއެވެ. އެހެންކަމުން އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ. "وبأي شيء استاك بما يزيل التغير أجزأه ولو بخرقة خشنة؛ لأنه به يحصل المقصود" މާނައީ: ދަތް އުގުޅުމުގައި ކިލަނބުވުން ފިލުވާލާ ކޮންމެ އެއްޗެއް ބޭނުންކުރިއަސް އެއިން އެއަޅުކަން ޙާޞިލުވާނެއެވެ. ހަރު ފޮތިކޮޅެއް ބޭނުންކުރި ކަމުގައިވީނަމަވެސްއެވެ. އެހެނީ އެއިންވެސް މަޤުޞަދު ޙާޞިލުވެއެވެ. އިމާމް ابن قدامة المقدسي މިކަން އިތުރަށް ޔަޤީން ކޮށްދެއްވަމުން ވިދާޅުވެފައިވެއެވެ. "وإذا استاك بأصبعه أو خرقة فقد قيل لا يصيب السنة؛ لأن الشرع لم يرد به، والصحيح أنه يصيب السنة بقدر ما يحصل من الإنقاء". މާނައަކީ: ޝަރީޢަތުގައި ވާރިދުވެފައި ނުވާތީ، އަތުގެ އިގިލިތަކުން ނުވަތަ ހަރު ފޮތިކޮޅަކުން ދަތް އުގުޅުމުން ސުންނަތް ޙާޞިލުނުވާނެކަމަށް ބަޔަކު ބުނެފާނެއެވެ. ރަނގަޅުގޮތަކީ ލިބިގަނެވޭ ސާފުކަމެއްގެ މައްޗަށް ބަލައި އެގޮތުންވެސް ސުންނަތް ޙާޞިލުވުމެވެ.

މިއީ ޝާފިޢީ މަޛުހަބުގެ އިމާމެއްކަމުގައިވާ އިމާމް ނަވަވީއާއި ޙަންބަލީ މަޛުހަބުގައި އިމާމެއްކަމުގައިވާ އިމާމް އިބްނު ޤުދާމާ މިވިދާޅުވަނީ، ދަތްއުގުޅުމުގެ މަޤުޞަދުކަމުގައިވާ "އަނގަ ސާފު ތާހިރުވުން" ވަސީލަތްކަމުގައިވާ "ސިވާކު"އާ ނުލައި ޙާޞިލުވުމުން، އެއަޅުކަން ނުވަތަ ސުންނަތް ޙާޞިލުވާނެކަމުގައެވެ.

ށ- ފިޠުރު ޒަކާތް:

ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވާފައިވާ ގޮތުގައި ފިޠުރު ޒަކާތަށް މައިގަނޑު ދެ މަޤުޞަދެއްވެއެވެ. އެއީ ރޯދަވެރިންގެ ނަފްސުތައް ތާހިރުކުރުމާއި ނިކަމެތީންނަށް އެހީތެރިވެ، ކާނެ އެތިކޮޅު ފޯރުކޮށްދިނުމެވެ. އެހެންކަމުން އެކަލޭގެފާނު އެންގެވީ ކަނދުރުގެ ތެރެއިން ޞާޢެއްގެ މިންވަރު ޒަކާތުގެ ގޮތުގައި ފަޤީރުންނަށް ފޯރުކޮށްދިނުމެވެ. އެހެންނަމަވެސް އިސްލާމީ ފިޤުހުގައި މިކަމުގައި ރިޢާޔަތްކޮށްފައިވަނީ ފަޤީރުމީހާގެ މުހުތާދުތަކަށެވެ. އެހެންކަމުން ޙަނަފީ މަޛުހަބުގެ ދަންނަބޭކަލުންގެ އަރިހުގައި ނަޤުދު ފައިސާއިން އެޒަކާތް ނެރުމުގައި އެއްވެސް މައްސަލައެއްނެތެވެ. އެއީ ޢީދު ދުވަހުގައި ސަލާން ޖެހުމުގެ ނިކަމެތިކަމުން މިންޖުކުރުމަށާއި އެމީހުންނަށް ލިބޭ ފައިދާ އެގޮތުން މާ ބޮޑުވާނެ ތީއެވެ.

ފަހަރުގައި އެމީހުންނަށް ދިރިއުޅުމުގެ ޚަރަދުތަކުގެ ތެރެއިން ކެއުން ފިޔަވައި ކަމަކަށް ބޭނުންޖެހިފައިވާ މިންވަރު ބޮޑު ވެދާނެއެވެ. ބޭސްފަރުޔާއަށް ނުވަތަ ތަޢުލީމުގެ ޚަރަދަށް ނުވަތަ ދިރިއުޅޭތަނުގެ އަގުދެއްކުމަށް ބޮޑަށް ބޭނުންވެދާނެއެވެ. އަދިވެސް ބައެއް އިސްލާމީ ޤައުމުތަކުގައި ފުށާއި ހަނޑޫ ފަދަ ކާޑުގެ ބާވަތްތައް ގަތުމަށްފަހު ފަޤީރުންނަށް ދެމުންގެންދެއެވެ. ދެން އެފަޤީރުން ނުކުމެ، އެއްކަލަ ހަނޑޫ ވިޔަފާރިވެރިން ދެގުނަ އަގުހެޔޮކޮށް ވިއްކަންޖެހެއެވެ. އެއީ ބޭނުންވާ ތަކެތި ހޯދުމަށެވެ. އެއިރުން ޒަކާތްވެގެންދަނީ ވިޔަފާރިވެރިންކުރެ އަނިޔާވެރި ދަހިވެތި މީހުންނަށް ކާންދެވޭ އެއްޗަކަށެވެ.

އެހެންކަމުން ފިޠުރު ޒަކާތުގެ ގޮތުގައި ނަގުދު ފައިސާ ނެރުމަކީ މިހާރު މައްސަލައެއްނޫނެވެ. މިކަމުން އެގެނީ މަޤުޞަދުތަކުގެ މައްޗަށް ކުރާ އިޖުތިހާދު ޞައްޙަވެގެންވުމެވެ. އެއީ ސަލާމާއި ޞަލަވާތްލެއްވުނު ރަސޫލާ ބޭނުންކުރެއްވި ވަސީލަތް ދޫކޮށްލުމާ އެކުގަވެސްމެއެވެ.

ނ- ތަރާވީޙު ނަމާދުގެ ރަކުޢަތްތައް އިތުރުކުރެއްވުން:

ތަރާވީޙު ނަމާދަކީ އެކަނި ކުރާ ނަމާދަކަށްވުމުގެ ބަދަލުގައި އެއީ ޖަމާޢަތުގައި ކުރާ ނަމާދެއްކަމުގައި ކަނޑައެޅުއްވުމުން، ޞަޙާބިއްޔަ ބޭކަލުންގެ އިޖުތިހާދުތަކަށް ނިމުމެއް އައީ އެއްނޫނެވެ. އެހެންނަމަވެސް އަށް ރަކުޢަތުގެ ބަދަލުގައި ޢުމަރުގެފާނުގެ ޒަމާނުގައި 20 ރަކުޢަތް ހަމަޖެއްސެވޫއެވެ. އަދި ޢުޘްމާނުގެފާނުގެ ޒަމާނުގައި 36 ރަކުޢަތްކަމުގައި ހަމަޖެއްސެވީއެވެ. އަދި ޖެހިގެން އައި ޒަމާންތަކުގައި ސާޅީހުން މައްޗަށް ރަކުޢަތުގެ ޢަދަދު އުފުލުނުކަމަށް ބުނެވެއެވެ.

އެގޮތަށް އެކަން ހަމަޖެއްސެވީ ވަރަށް މުހިއްމު މަޤުޞަދެއް ޙާޞިލުކުރެއްވުމުގެ ބޭނުމުގައެވެ. އެއީ ރަމަޟާން މަހުގެ ރޭތައް އިޙުޔާކުރުމުގައި ޤުރުއާން ކިޔަވާ މިންވަރު އިތުރު ކުރެއްވުމެވެ. އަދި މިއީ ޞަޙާބީންގެ ޙާޟިރުގައި ނިމިދިޔަ ކަމެކެވެ. އެއިން ބޭކަލަކު މިއީ ބިދުޢަތްކަމުގައި ވިދާޅުވިކަމެއް އަޅުގަނޑަށް އެގިފައެއްނެތެވެ.

ރ- ހުކުރު ނަމާދުގެ ކުރިން ގޮވާ ދެވަނަ ބަންގިއެއް އިތުރުކުރެއްވުން:

ބަންގީގެ މަޤުޞަދަކީ ނަމާދު ވަގުތު އައިސް ޖެހިއްޖެކަން މީސްތަކުންނަށް އަންގައިދިނުމެވެ. އެހެންކަމުން ޢިމާރާތްތައް ގިނަވެ، މީސްތަކުންނާ ހަމައަށް ބަންގި ފޯރުން ދަތިވުމުން، އިތުރު ބަންގިއެއް އިތުރުކުރެއްވުމަކީ މައްސަލައެއްކަމަކަށް ޞަޙާބިއްޔަ ބޭކަލުން ދެކެވަޑައިނުގަންނަވައެވެ. އެބަންގީގެ ބޭނުމަކީ ނަމާދު ވަގުތު ގާތްވެއްޖެކަން އެންގުމެވެ. މިހާރު އަޞްލަކީ އެއް ބަންގީގެ މައްޗަށް ފުއްދައިލުމެވެ. އެއީ އަޑު ގަދަކުރާއާއި ގަނޑިތައް ޢާންމުވެފައިވާތީއެވެ.

ޡާހިރުގެ އަހުލުވެރިންނާއި މާނައިގެ އަހުލުވެރިން

ބ- ބަނޫ ޤުރައިޡާގެ ކޯއްޓޭގައި ކުރެއްވުމަށް އަމުރުކުރެއްވި ނަމާދު:

ދަލާލަތުގައާއި ޘާބިތުވުމުގައި ޤަޠުޢީ ޝައްކެއް ވަހުމެއް ނެތް އަމުރުފުޅެއް ސަލާމާއި ޞަލަވާތްލެއްވުނު މާތް ރަސޭލާ އެކަލޭގެފާނުގެ ޞަޙާބީންނަށް ކުރެއްވިއެވެ. "لا يصلين أحدكم العصر إلا في بني قريظة" މާނައީ: ތިޔަބައިމީހުންކުރެ އެއްވެސް ބަޔަކު ބަނޫޤުރައިޡާގެ ކޯއްޓޭގައި މެނުވީ ޢަޞްރު ނަމާދުކޮށްގެން ނުވާނެއެވެ. މިޤަޠުޢީ ނައްޞާމެދުގައި އިޖުތިހާދުކުރެއްވުމުން މާތް ޞަޙާބީން މަނާވެވަޑައެއް ނުގަންނަވައެވެ. އޭގެތެރެއިން އެއްބައި ބޭކަލުން ދަތުރުގެ މަތީގައި ނަމާދުކުރައްވާފިއެވެ. އެއީ އެބޭކަލުން ޤަބޫލުކުރެއްވި ގޮތުގައި ޙަދީސްގެ މުރާދަކީ ބޭރުފުށުގެ މާނައެއްނޫނެވެ. އެހެންނަމަވެސް ޙަދީސްގެ މަޤުޞަދަކީ އަވަހަށް ބަނޫޤުރައިޡާގެ ކޯއްޓޭއަށް ވަޑައިގަތުމަށް ބާރު އެޅުއްވުމެވެ. އެބޭކަލުން ނަމާދުކުރެއްވިއިރު، އަނެއްބައި ބޭކަލުން ޙަދީސްގެ ބޭރުފުށުގެ މާނައިގައި ހިއްޕެވީއެވެ. އަދި ނަމާދު ކޯއްޓޭއަށް ވަޑައިގެންނެވެންދެން ފަސްކުރެއްވީއެވެ. ނަމާދުގެ ވަޤުތު ފަހަނައަޅައި ދިއުމާއެކުވެސްމެއެވެ. ޞަޙާބީންގެ މަތިވެރި ފިޤުހާއި އެބޭކަލުންގެ ރިވެތި އަޚުލާޤުގެ ސަބަބުން އެއްޖަމާޢަތެއްގެ ބޭކަލުން އަނެއްޖަމާޢަތެއްގެ ބޭކަލުންނާ ދެކޮޅު ހައްދަވައި ޖަދަލު ނުކުރައްވައެވެ. އެބޭކަލުން ފަރުޢީ މައްސަލައެއްގެ ސަބަބުން މައިގަނޑު ލަނޑުދަނޑިމަތިން ހަނދުމަ ނައްތަވައި ނުލައްވައެވެ. ނަބިއްޔާ މިދެޖަމާޢަތުގެ ބޭކަލުން ކަންކުރެއްވި ގޮތްވެސް ރަނގަޅުކަމުގައި ކަނޑައެޅުއްވިއެވެ. އެއީ މަޤާޞިދުގެ މަދުރަސާއާއި ޡާހިރުގެ މަދުރަސާއެވެ. އިމާމް އިބްނުޤައްޔިމު މިޙާދިސާ ދިރާސާކުރެއްވުމަށްފަހު އެކަލޭގެފާނުގެ إعلام الموقعين عن رب العالمين ނަމަކަށް ކިޔުނު ފޮތުގައި ވިދާޅުވެފައިވެއެވެ. "أما الذين صلوا في الطريق فهم سلف أهل المعاني والقياس، وأما الذين صلوا في بني قريظة فهم سلف أهل الظاهر". މާނައީ: ދަތުރުގެ މަތީގައި ނަމާދުކުރެއްވި ބޭފުޅުންނަކީ މާނައާއި ޤިޔާސްގެ އަހުލުވެރިންގެ ކާބަފައިންނެވެ. ބަނޫޤުރައިޡާގެ ކޯއްޓޭގައި ނަމާދުކުރި މީހުންނަކީ ޡާރިހުގެ އަހުލުވެރިންގެ ކާބަފައިންނެވެ.

އަޅުގަނޑަށް ޔަޤީންވާ ގޮތުގައި ދީނީ އެކި ޖަމާޢަތްތަކާއި ފިކުރުތައް މިއަދުވަނީ މިމަންހަޖަށް ވަރަށް ބޮޑަށް ބޭނުންޖެހިގެނެވެ. އެހެންކަމުން އަޅުކަމުގައި އަޞްލަކީ މަޤާޞިދުގައާއި ވަސީލަތްތަކުގައިމެ ސަލާމާއި ޞަލަވާތްލެއްވުނު ކީރިތި ރަސޫލުﷲއަށް ތަބާވުމެވެ.

(ނުނިމޭ)

މިލިޔުމަކީ އުސްތާޛުއް ދުކުތޫރު ޞަލާޙުއްދީން ސުލްޠާން ލިޔުއްވާ الضوابط المنهجية لاتباع الرسول صلى الله عليه وسلم   މިލިޔުމުން ނަގާފައިވާ ބައެކެވެ. މިފާލަމަށް ފިއްތަވައިލެއްވުމުން މިލިޔުން ޝައިޚުގެ ރަސްމީ ސައިޓުން ވިދާޅުވެވޭނެއެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.