ހޯމަ20201116

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޒަކާތުގެ ފިޤުހު: މަދީނާ ދުވަސްވަރު ޒަކާތްދިނުން

ޒަކާތުގެ ފިޤުހު: މަދީނާ ދުވަސްވަރު ޒަކާތްދިނުން

fiqh-zakaat-madina-zamaanugaiމަދީނާ ދުވަސްވަރު ޒަކާތްދިނުން:
ވާޖިބުކަމުގެ މައްޗަށް ބާރުއަޅައި، އޭގެ ބައެއް ޙުކުމް އައިސްފައިވޭ:
ތައުބާ ސޫރަތަކީ މަދަނީ ޤުރުއާނުގައި ޒަކާތަށް ދީފައިފާ ޢިނާޔަތުގެ މިސާލެއް:

މައްކާ ދުވަސްވަރު މުސްލިމުނަކީ ދީނީ މިނިވަންކަން ނިގުޅައިގަނެވިފައި ތިބި ބައިމަދު މީސްކޮޅެކެވެ. ނަމަވެސް މަދީނާގައި މުސްލިމުންނަކީ އަމިއްލަ ވަޒަނަކާއި ވެރިކަމެއް އޮތް ބޮޑު ޖަމާޢަތެކެވެ. މިހެންވެ އިސްލާމްދީނުގައި އެމީހުންނާ ހަވާލުކުރެވިފައިވާ ކަންތައްތަކުގައިވެސް، އެ މަރުހަލާއާ ގުޅޭ  އާ ސިފައެއްޖެހުނެވެ. އެއީ ކުރިން ޢާއްމުވެ ދޫކޮށްލެވިފައިވާ ކަންތައްތައް، ވަކިކުރެވި ކަނޑައަޅެފައި އޮތުމުގެ ސިފައެވެ. ކުރިން ހަމައެކަނި އިރުޝާދުތަކެއް ކަމުގައި އޮތް ކަންތައްތައް، އެންމެންނަށް ލާޒިމުވާ ޤާނޫނުތަކެއްކަމުގައި ފަހުން ވިއެވެ. ކުރިން އެ ކަންތައްތައް ތަންފީޒުކުރުވާ ބާރަކީ ހަމައެކަނި އޭނާގެ އީމާންކަމާއި ޟަމީރެވެ. ނަމަވެސް ފަހުން ކަންކަން ތަންފީޒުކުރުވާނެ ވެރިކަމުގެ ބާރެއް، އީމާންކަމާއި ޟަމީރާއި އެކުއެކީ އޮތެވެ.

މަދީނާގެ ޒަމާނުގެ މި ސިފަތައް، ޒަކާތުގައި ވެސް ޖެހުނެވެ. އެގޮތުން ޒަކާތް ވާޖިބުވާ މުދަލާއި، އެ ވާޖިބުވާ ޝަރުޠުތަކާއި، ވާޖިބުވާ މިންވަރުތަކާއި، ޒަކާތް ލިބޭ މީހުންނާއި، ޒަކާތް އަތުލުމާއި ބެހުމުގެ ކަންތައް ހިންގާ ބަލަހައްޓާ  ފަރާތް،  ޝަރުޢުގައި ވަނީ ކަނޑައަޅާފައެވެ.

 

*   *    *

 

މަދަނީ ޤުރުއާނުގައި ޒަކާތްދިނުން ވާޖިބުކަމުގެ މައްޗަށް ބާރުއަޅައި، އޭގެ ބައެއް ޙުކުމް އައިސްފައިވޭ:

މަދަނީ ޤުރުއާނުގައި ވަނީ ޞަރީޙަބަހުން، ޒަކާތް ވާޖިބުކޮށް އަމުރުކޮށްފައެވެ. ޒަކާތްދިނުމަށް ފާޅުކަންބޮޑުކޮށް ގޮވާލާފައެވެ. މިގޮތުން ބަޤަރާ ސޫރަތުން ކަލެއަށް ފެންނާނީ: وَأَقِيمُوا الصَّلاةَ وَآتُوا الزَّكَاةَ މިފަދައިންނެވެ. އާޔަތުގެމާނަ: "އަދި ތިޔަބައިމީހުން  ނަމާދު ޤާއިމުކުރާށެވެ! އަދި ތިޔަބައިމީހުން ޒަކާތްދޭށެވެ!" {އަލްބަޤަރާ: 43}

އަދި މި ނޫން ޢިބާރާތްތަކުން މި ނޫން ގޮތްގޮތަށް އެތައް ފަހަރަކު މި ސޫރަތުގައި ޒަކާތް ވާޖިބުކަން ބަޔާންކުރައްވާ، އެކަން ކަށަވަރުކޮށްދެއްވާފައިވެއެވެ. މިހެން ކިޔާދެވިދާނެ، ޒަކާތާ ބެހޭ މަދަނީ އާޔަތްތައް ވަރަށް ގިނައެވެ. ނަމަވެސް ޒަކާތާ ބެހޭގޮތުން އައިސްފައިވާ މުހިއްމު ވާހަކަތައް ހުށައަޅައިދިނުމަށްޓަކައި، މިތާ އަހަރެން އިޚްތިޔާރު މިކުރަނީ އެންމެ ސޫރަތެކެވެ. އެއީ 'ތައުބާ' ސޫރަތެވެ. އެއީ މި ސޫރަތަކީ ޤުރުއާނުން އެންމެ ފަހުން ބާވައިލެއްވުނު ސޫރަތްތަކުގެ ތެރެއިން ސޫރަތަކަށް ވާތީއެވެ.

ތައުބާ ސޫރަތަކީ މަދަނީ ޤުރުއާނުގައި ޒަކާތަށް ދީފައިފާ ޢިނާޔަތުގެ މިސާލެއް:

ހ- ޢަހުދު އުވާލާ މުޝްރިކުންނަށް ހަތަރު މަސްދުވަހުގެ މުހުލަތެއް ދެއްވާ، އަދި އެ މުހުލަތުގެ ތެރޭގައި އެމީހުން ބޭނުން ގޮތެއް އިޚްތިޔާރު ކުރުމަށް ފުރުޞަތު ދެއްވާފައި، ދެން މި ސޫރަތް ފެއްޓޭ ތާނގައި މާތް ﷲ އަމުރުކުރައްވާފައިވަނީ އެ މުޝްރިކުންނާ ހަނގުރާމަކުރުމަށެވެ. ﷲ ވަޙީކުރައްވާފައިވަނީ: فَإِذَا انسَلَخَ الْأَشْهُرُ الْحُرُمُ فَاقْتُلُوا الْمُشْرِكِينَ حَيْثُ وَجَدتُّمُوهُمْ وَخُذُوهُمْ وَاحْصُرُوهُمْ وَاقْعُدُوا لَهُمْ كُلَّ مَرْصَدٍ ۚ فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَخَلُّوا سَبِيلَهُمْ ۚ إِنَّ اللَّهَ غَفُورٌ رَّحِيمٌ

އާޔަތުގެމާނަ: "ޙުރުމަތްތެރި މައްސަރުތައް ވޭތުވުމުން، ފަހެ، ތިޔަބައިމީހުންނަށް މުޝްރިކުން ފެނުނު ކޮންމެ ތަނަކުން، ތިޔަބައިމީހުން އެއުރެން ޤަތުލުކުރާށެވެ! އަދި ތިޔަބައިމީހުން އެއުރެން ހިފާށެވެ! އަދި އެއުރެން ޙިޞާރުކުރާށެވެ! އަދި (އެއުރެން އަތުލައިގަނެވޭނެ) ކޮންމެ ތަނެއްގައި، އެއުރެން އަތުލައިގަތުމަށްޓަކައި، ހުޝިޔާރުވެ ފިލައިތިބޭށެވެ! ފަހެ، އެއުރެން ތައުބާވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ އުޅެފިނަމަ، ދެން އެއުރެން މިނިވަންކަމާއެކު ދޫކޮށްލާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ." {އައްތައުބާ: 5}

އެމީހުންނާ ހަނގުރާމަކުރުން ހުއްޓާލުމަށް ތިން ޝަރުޠެއް މިތާނގައި އެބައޮތެވެ...

ފުރަތަމަ ޝަރުޠަކީ: ޝިރުކުން ތައުބާވުމެވެ. އެކަން އެނގޭނެ ދަލީލަކީ، ﷲ ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އެހެން އިލާހެއް ނުވާކަމާއި އަދި މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާކަމަށް ހެކިވުމުވެ.

ދެވަނަ ޝަރުޠަކީ: މުސްލިމުންގެ މައްޗަށް ފަރުޟުކުރެވިފައިވާ ނަމާދު ޤާއިމުކުރުމެވެ. މިއީ އީމާންކަން ހާމަކޮށްދޭ، އަދި ކޮންމެ ދުވަހަކުވެސް މުސްލިމުން ކުރަންޖެހޭ އިސްލާމްކަމުގެ މަތިވެރި ރުކުނެކެވެ. މުސްލިމުންނާއި ކާފިރުން ފަރަގުކޮށްދޭ ކަމަކީ މިއެވެ. މިއީ މުސްލިމުންގެ މެދުގައި އޮންނަ ދީނީ ރޫޙީ އިޖްތިމާޢީ ގުޅުމެވެ.

ތިންވަނަ ޝަރުޠަކީ: ބޭނުންޖެހިފައިވާ ފަޤީރުންނާއި އަދި ޢާއްމުކޮށް މުޅި އުއްމަތުގެ މަޞްލަޙަތަށްޓަކައި، މުއްސަނދިންގެ މުދަލުން ނެރެން ފަރުޟުކުރެވިފައިވާ ޒަކާތް ނެރުމެވެ. މިއީ މުސްލިމުންގެ މެދުގައި އޮންނަ މާލީ ސިޔާސީ އިޖްތިމާޢި ގުޅުމެވެ.

ށ- ހަމަ މި ސޫރަތުގައި ހަ އާޔަތް ފަހު، މުޝްރިކުންގެ އެހެން ބަޔަކާ ބެހޭގޮތުން މާތް ﷲ ވަޙީކުރެއްވީ: فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ ۗ وَنُفَصِّلُ الْآيَاتِ لِقَوْمٍ يَعْلَمُونَ

އާޔަތުގެމާނަ: "ފަހެ، އެއުރެން ތައުބާވެ. ނަމާދު ޤާއިމުކޮށް، ޒަކާތްދީފިނަމަ، ފަހެ، އެއުރެންނީ، ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ. އެނގޭ ބަޔަކަށް ތިމަންރަސްކަލާނގެ އާޔަތްތައް ތަފްޞީލުކޮށްދެއްވަމެވެ." {އައްތައުބާ: 11}

ވީމާ ކާފިރަކަށް މުސްލިމުންގެ ޖަމާޢަތުގެ ތެރެއަށް ވަދެވި، އޭނާއަށް ދީނީ އުޚުއްވަތްތެރިކަން ސާބިތުވެ، އަދި އޭނާއަކީ މުސްލިމުންގެ ތެރެއިންވާ، މުސްލިމުންނަށް ލިބިގެންވާ ޙައްޤު ލިބޭ، މުސްލިމުންގެ މައްޗަށް ވާޖިބުކަންތައް އޭނާގެ މައްޗަށް ވާޖިބުވާ، ދުވަހަކުވެސް މޮހެވިގެންނުދާފަދަ ވަރުގަދަ ގޮށަކުން އެމީހުންނާ ބަނދެވިފައިވާ މީހަކަށް ވާނީ، ޝިރުކާއި އެއާ ގުޅިފައިވާ ކަންތައްތަކުން ތައުބާވެ، ﷲ އަށް އަޅުވެތިވުމަށް މުސްލިމުން އެއްވާ ނަމާދު ޤާއިމުކޮށް، މުސްލިމުންގެ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ބައިވެރިވުމަށްޓަކައި އޮންނަ ޒަކާތް ދީގެންނެވެ.

ޞަޙާބީންގެ ޒަމާނުއްސުރެންވެސް ޢިލްމުވެރިންވަނީ ޤުރުއާނުން ވަރަށް މުހިއްމު ކަމެއް ފާހަގަކޮށްފައެވެ. އެއީ ޤުރުއާނުގައި ނަމާދާއި ޒަކާތް ގުޅުވާލެވިފައިވާލެއް ބޮޑުކަމެވެ. މަދު ތަނެއްގައި މެނުވީ ނަމާދާއި ޒަކާތް އޮންނަނީ ޖެހިޖެހިގެންނެވެ. މިކަމަށް އިޝާރާތްކުރައްވާ ޢަބްދުﷲ ބިން މަސްޢުދުގެފާނު ވިދާޅުވެފައިވެއެވެ: "އަހަރެމެންނަށް އަމުރުކުރެވިގެންވަނީ ނަމާދު ޤާއިމުކުރުމަށާއި، ޒަކާތްދިނުމަށެވެ. ވީމާ ޒަކާތް ނުދޭ މީހާ ކުރާ ނަމާދެއްގެ ބޭނުމެއް ނެތެވެ."[1]

އިބްނު ޒައިދު ވިދާޅުވެފައިވެއެވެ: "ނަމާދާއި ޒަކާތް ފަރުޟުކުރެވުނީ އެކީގައެވެ. އެ ދެކަމުގައި ތަފާތެއް ކުރެވިފައި ނެތެވެ." ދެން ޒަކާތްދިނުމުން ނޫނީ ނަމާދު ޤަބޫލުނުކުރެވޭނެ ކަމުގެ މައްޗަށް ދަލީލުކޮށް މިއާޔަތް ކިޔަވާ ވިދާޅުވިއެވެ:  فَإِن تَابُوا وَأَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ فَإِخْوَانُكُمْ فِي الدِّينِ  އާޔަތުގެމާނަ: "ފަހެ، އެއުރެން ތައުބާވެ. ނަމާދު ޤާއިމުކޮށް، ޒަކާތްދީފިނަމަ، ފަހެ، އެއުރެންނީ، ދީނުގައި ތިޔަބައިމީހުންގެ އަޚުންނެވެ. އެނގޭ ބަޔަކަށް ތިމަންރަސްކަލާނގެ އާޔަތްތައް ތަފްޞީލުކޮށްދެއްވަމެވެ." {އައްތައުބާ: 11}

އަދި އެއަށްފަހު ވިދާޅުވިއެވެ: "އަބޫބަކުރުގެފާނުގެ ފިޤުހުވެރިކަމަށްޓަކައި މާތް ﷲ އެކަލޭގެފާނަށް ރަޙުމަތްލައްވާށިއެވެ."[2] އެ އިޝާރާތްކުރެއްވީ "މާތް ﷲ އެއްކުރައްވާފައިވާ ދެކަމެއް ތަފާތުނުކުރާނަމޭ" އަބޫބަކުރުގެފާނު ވިދާޅުވި ވިދާޅުވުމަށެވެ.

ނ- ހަމަ މިސޫރަތުގައި، މާތް ﷲ ގެ ރުހިވޮޑިގަތުން ލިބިފައިވާ މީހުން ކަމުގައިވާ، މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާ މީހުންނާ ބެހޭގޮތުން ވަޙީކުރެއްވީ: إِنَّمَا يَعْمُرُ مَسَاجِدَ اللَّهِ مَنْ آمَنَ بِاللَّهِ وَالْيَوْمِ الْآخِرِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَلَمْ يَخْشَ إِلَّا اللَّهَ ۖ فَعَسَىٰ أُولَـٰئِكَ أَن يَكُونُوا مِنَ الْمُهْتَدِينَ

އާޔަތުގެމާނަ: "ﷲ ގެ މިސްކިތްތައް ފަޅުފިލުވައި ބަލަހައްޓާނީ، ﷲ އަށާއި، އާޚިރަތްދުވަހަށް އީމާންވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ﷲ އަށް މެނުވީ ބިރުނުގަންނަ މީހުންކަން ކަށަވަރެވެ. ފަހެ، އެއުރެންނީ ތެދުމަގު ލިބިގެންވާ މީހުންކަމުގައި ވުން ގާތްބަޔެކެވެ." {އައްތައުބާ:18}

މިސްކިތްތައް ފަޅުފިލުވައި ބެލެހެއްޓިއަސް، އީމާންވެ ނަމާދު ޤާއިމުކޮށް ޒަކާތް ދީފުމަށް ދާންދެން، އެމީހުން އެކަލާނގެ ރުހިވޮޑިގަތުން ލިބިފައިވާ ބަޔަކަށް ނުވާނެކަން މި އާޔަތުން އެބަ ދޭހަވެއެވެ.

ރ- ރަނާއި ރިހި ފުނިޖަހައި ކަންޒުކޮށް، އެއިން މާތް ﷲ އަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާނުކުރާ މީހުންނަށް ހުރި ގަދަފަދަ ޢަޛާބުގެ ވާހަކަވެސް މި ސޫރަތުގައި އައިސްފައި އެބައޮތެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ: الَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُم بِعَذَابٍ أَلِيمٍ (34) يَوْمَ يُحْمَىٰ عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَىٰ بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ ۖ هَـٰذَا مَا كَنَزْتُمْ لِأَنفُسِكُمْ فَذُوقُوا مَا كُنتُمْ تَكْنِزُونَ (35)

އާޔަތުގެ ތަފްސީރީމާނަ: "އަދި ރަނާއި ރިހި ޚަޒާނާކޮށް، ﷲ ގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީޙުން (ދަންނާށެވެ!) ފަހެ، ވޭންދެނިވި ޢަޛާބު ހުރިކަމުގެ ޚަބަރު، އެއުރެންނަށް ކަލޭގެފާނު ދެއްވާށެވެ. * އެގޮތުގެމަތިން އެމީހުން އެއްކުޅަ ރަންރިހީގެ ޚަޒާނާ، އެދުވަހުން ނަރަކައިގެ އަލިފާނުން ދޮންކުރައްވައި، އެތަކެތިން، އެއުރެންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި، ފާހަގަލައްވަމުން ގެންދަވާނެތެވެ. އަދި އެމީހުން ނިކަމެތިކޮށް ދެރަކުރުމުގެގޮތުން ގޮތުން ބުނެވޭނެއެވެ: މިހިރީ، ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި، ތިޔަބައިމީހުން އެއްކޮށް ޚަޒާނާކުޅަ ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން ޚަޒާނާކޮށް އުޅުނު ތަކެތީގެ ރަހަ ދެކޭށެވެ!" {އައްތައުބާ: 34،35}

ޢިލްމުވެރިން ވިދާޅުވެފައިވަނީ މި ތާނގައި މިހާ ގަދަފަދަ އިންޒާރެއް ދެއްވާފައިވަނީ، ފައިސާއަށް ދަހިވެތިވުމާއި ދަހިކަމަކީ އިންސާނުންގެ ޠަބީޢަތުގައިވާ ކަމަކަށް ވާހިނދު، މި އިންޒާރުން ބިރުގަނެ ދަހިވެތިކަމުގެ ނުބައި ޚަސީލަތް ދޫކޮށް، ﷲ އަށް ކިޔަމަންތެރިވެ މުދާހޭދަކޮށް އުޅެފާނެ ކަމަށްޓަކައެވެ.[3]

ބ- ޒަކާތާއި ޞަދަޤާތް ލިބެންވާ މީހުންނާއި ފަރާތްތަކަކީ ކޮބައިކަންވެސް މި ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ. މިކަން މިގޮތަށް ބަޔާންކުރެއްވީ، ޙައްޤަކާ ނުލާ ޒަކާތް އަތުލަން އެދުންވެރިވެފައިތިބި ދަހިވެތި މީހުންނަށް ރައްދު ދެއްވައި އެމީހުންނަށް މަގުބަންދުކުރެއްވުމަށެވެ. މިގޮތުން މާތް ﷲ ވަޙީކުރެއްވީ: وَمِنْهُم مَّن يَلْمِزُكَ فِي الصَّدَقَاتِ فَإِنْ أُعْطُوا مِنْهَا رَضُوا وَإِن لَّمْ يُعْطَوْا مِنْهَا إِذَا هُمْ يَسْخَطُونَ  (58) وَلَوْ أَنَّهُمْ رَضُوا مَا آتَاهُمُ اللَّهُ وَرَسُولُهُ وَقَالُوا حَسْبُنَا اللَّهُ سَيُؤْتِينَا اللَّهُ مِن فَضْلِهِ وَرَسُولُهُ إِنَّا إِلَى اللَّهِ رَاغِبُونَ (59) إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِ ۖ فَرِيضَةً مِّنَ اللَّهِ ۗ وَاللَّهُ عَلِيمٌ حَكِيمٌ (60)

އާޔަތުގެ ތަފްސީރީމާނަ: "ޞަދަޤާތް ބެއްސެވުމާމެދު، ކަލޭގެފާނަށް ކުޑައިމީސްބަސް ބުނާ މީހުން، މުނާފިޤުންގެ ތެރެއިންވެއެވެ. ފަހެ، އެއިން، އެއުރެންނަށް ދެއްވައިފިނަމަ، އެއުރެން ރުހެއެވެ. އެއިން އެއުރެންނަށް ނުދެއްވައިފިނަމަ، އެހާރުން އެއުރެން ރުޅި އަރައެވެ. * ﷲ އާއި، އެކަލާނގެ ރަސޫލާ، އެއުރެންނަށް ދެއްވި ތަކެއްޗަށް އެއުރެން ރުހި، އަދި އެއުރެން ބުނިނަމައެވެ: ﷲ، ތިމަންމެންނަށް ފުދެއެވެ. ﷲ އާއި، އެކަލާނގެ ރަސޫލާ، އެކަލާނގެ ފަޟްލުވަންތަކަމުގެ ތެރެއިން ތިމަންމެންނަށް ދެއްވާނެތެވެ. ހަމަކަށަވަރުން، ތިމަންމެން ތިޔާގިކަމާއި ތަނަވަސްކަމަށް އެދެނީ  ﷲ ހެ ޙަޟްރަތުންނެވެ. * ހަމަކަށަވަރުން، ޒަކާތް ބަހަންވަނީ، ފަޤީރުންނަށާއި، މިސްކީނުންނަށާއި، ޒަކާތް ޖަމާކޮށް އެ މަސައްކަތްކުރާ މީހުންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި (އެބަހީ: މީހުން އިސްލާމްދީނަށް ވެއްދުމަށާއި، އެމީހުންގެ ނުބައިކަމުން މުސްލިމުން ސަލާމަތްކުރުމަށާއި، އަލަށް އިސްލާމްވީ މީހުންނަށް)، އަދި އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲ ގެ މަގުގައްޔާއި، ހާލުގައި ޖެހިފައިވާ ދަތުރުވެރިންނަށެވެ. މި ބެހުމަކީ، ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟު ބެހުމެކެވެ. ﷲ އީ، އަޅުތަކުންގެ މަޞްލަޙަތު މޮޅަށް ދެނެވޮޑިގެންވާ، ޝަރުޢުކުރެއްވުމުގާ ޙަކީމްވަންތަ ރަސްކަލާނގެއެވެ." {އައްތައުބާ: 58-60}

މާތް ﷲ ވަނީ ކަނޑައެޅި ބަޔާންވެފައިވާ މި އާޔަތުން، ދަހިމީހުންގެ ދަހިވެތިކަމާއި، ހިތްނުފުރޭ މީހުންގެ އަނގަތަކުން، ޒަކާތުގެ ފައިސާ ސަލާމަތްކުރައްވާފައެވެ. އަދި ވެރިމީހާގެ އެދުމާ އެއްގޮތަށް، ނުވަތަ މީހަކު ހިތައް އެރިހާ ގޮތަކަށް، ޒަކާތް ބެހުމުގެ ދޮރުވެސް ވަނީ ބަންދުކުރައްވާފައެވެ. ކިއެއްތަ، އެކަލާނގެ ވަނީ، ޒަކާތް ލިބެންވާ އަށް ބައި ކަނޑައަޅުއްވާ ނިންމަވާފައެވެ. އެހެން މީހަކަށް އެކަން ދޫނުކުރައްވައެވެ. ފަހެ ބެހުމުގައި މާތް ﷲ އަށް ވުރެ ޢަދުލުވެރީ ކާކުހެއްޔެވެ! وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِّقَوْمٍ يُوقِنُونَ  އާޔަތުގެ މާނަ: "ޔަޤީންކުރާ ބަޔަކަށް، ﷲ އަށްވުރެ، ޙުކުމްކުރެއްވުމަށް މޮޅީ  ފަހެ ކާކުހެއްޔެވެ؟" {އަލްމާއިދާ: 5}

މީސްމީހުން އަތުން ޒަކާތް އަތުލައި ޖަމާކޮށް، އެކަން ބަލަހައްޓައި އިންތިޒާމުކޮށް، އަދި އެ ބަހައި ކަންތައްކުރަން، ވަކި ޚާއްޞަ ބަޔަކު ތިބެންޖެހޭކަންވެސް މި އާޔަތުން ދަލީލުކޮށްދެއެވެ. 'އަލްޢާމިލީނަ ޢަލައިހާ' ގެ މާނައަކީ މި މީހުންނެވެ. ވީމާ ޒަކާތް އަތުލުމާއި ބެހުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެކެވެ. އަމިއްލަ ފަރުދުންނެއް ނޫނެވެ. މިކަން ތަފްޞީލުކޮށް އަދި ފަހުން ބަޔާންކުރާނަމެވެ.

ރ- މުއުމިން މުޖްތަމަޢު އޭގެ މަތީގައި ބިނާވެފައިވާ އަސާސްތަކަކީ ކޮބައިކަންވެސް މި ސޫރަތުގަ ވެއެވެ. މިގޮތުން މާތް ﷲ ވަޙީކުރައްވާފައިވަނީ:  وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ ۚ أُولَـٰئِكَ سَيَرْحَمُهُمُ اللَّهُ ۗ إِنَّ اللَّهَ عَزِيزٌ حَكِيمٌ

އާޔަތުގެ މާނަ: "މުއުމިން ފިރިހެނުންނާއި، މުއުމިން އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިންކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް އަމުރުކުރެތެއެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެއެވެ. އަދި އެއުރެން ނަމާދު ޤާއިމުކޮށް، ޒަކާތް ދީ، ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެއެވެ. އެއުރެންނަށް ﷲ ރަޙްމަތްލައްވާ، ނަރައިގެ ޢަޛާބުން ސަލާމަތްކުރައްވާ ސުވަރުގޭގެ ނިޢްމަތް ދެއްވާނެއެވެ. ހަމަކަށަވަރުން ﷲ އީ، ޢަޒީޒުވަންތަ ޙަކީމުވަންތަ ރަސްކަލާނގެއެވެ." {އައްތައުބާ: 71}

ޒަކާތް އެވަނީ މުއުމިނުންނާއި މުނާފިޤުން ވަކިވާ އެއް އަސާސަށް ވެފައެވެ. އެހެނީ މި އާޔަތުގެ ކުރީގައިވާ އާޔަތެއްގައި  ވަނީ، މުނާފިޤުންގެ ސިފަތައް ބަޔާންކުރައްވާފައެވެ. الْمُنَافِقُونَ وَالْمُنَافِقَاتُ بَعْضُهُم مِّن بَعْضٍ ۚ يَأْمُرُونَ بِالْمُنكَرِ وَيَنْهَوْنَ عَنِ الْمَعْرُوفِ وَيَقْبِضُونَ أَيْدِيَهُمْ ۚ نَسُوا اللَّهَ فَنَسِيَهُمْ ۗ إِنَّ الْمُنَافِقِينَ هُمُ الْفَاسِقُونَ

އާޔަތުގެ ތަފްސީރީ މާނަ: " މުނާފިޤު ފިރިހެނުންނާއި، މުނާފިޤު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ ތެރެއިންވާ ބަޔެކެވެ. އެއުރެން ނުބައިކަންތަކަށް އަމުރުކުރެއެވެ. އަދި އެއުރެން ހެޔޮކަންތައް ނަހީކުރެއެވެ. އަދި އެއުރެންގެ އަތްތައް ލައްޕައެވެ. (އެބަހީ، ހޭދަކުރުމުން އެއްކިބާވެ މުށްބާރުކުރެއެވެ.) މުނާފިޤުން ﷲ މަތިން ހަނދުމަކުރުން ދޫކޮށް، އެކަލާނގެ ހަނދުމަކުރުން ހަނދާންނެތިކޮށްލައިފިއެވެ. މީގެ ސަބަބުން، ﷲ ވެސް އެ މީހުންނަށް، އެ ކަލާނގެ ރަޙްމަތާއި ތައުފީޤާއި ހިދާޔަތް ދެއްވުން ދޫކޮށްލައްވައިފިއެވެ. ހަމަކަށަވަރުން، މުނާފިޤުންނަކީ، ހަމަ ފާސިޤުންނެވެ." {އައްތައުބާ: 67}

މުނާފިޤުން ވަނީ ﷲ މަތިން ހަނދުމަކުރުން ދޫކޮށް، ދަހިކަމާއި ދަކުކަމުން މުށްބާރުކޮށްގެންނެވެ. އެހެންވެ މާތް ﷲ ވެސް އެ މީހުންނަށް، އެ ކަލާނގެ ރަޙްމަތާއި ތައުފީޤާއި ހިދާޔަތް ދެއްވުން ދޫކޮށްލެއްވީއެވެ. ނަމަވެސް މުއުމިނުން ދީލަތިކަމާއި އީމާންކަމުގެ ސަބަބުން މުށް ހުޅުވާލައި އަތްތައް ފަތުރާލައެވެ. އެހެންވެ މާތް ﷲ ގެ ރަޙްމަތް އެމީހުންނަށް ޙައްޤުވީއެވެ.

ބ- އަދި މި ސޫރަތުގައި މާތް ﷲ ވަނީ، އެކަލާނގެ ރަސޫލާއާ، އަދި އެކަލޭގެފާނަށް ފަހު އުއްމަތުގެ ކަންތައްތަކާ ހަވާލުވެގެން ހުންނަ ކޮންމެ މީހަކާ، މުޚާޠަބުކުރައްވާ ވަޙީގެ ބަސްފުޅެއް ބާވައިލައްވާފައެވެ: خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ ۖ إِنَّ صَلَاتَكَ سَكَنٌ لَّهُمْ ۗ وَاللَّهُ سَمِيعٌ عَلِيمٌ

އާޔަތުގެ މާނަ: "އޭގެ ސަބަބުން ކަލޭގެފާނު އެއުރެން ޠާހިރުކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް، އެއުރެންގެ މުދާތަކުން ކަލޭގެފާނު ނަންގަވާށެވެ! އަދި އެއުރެންނަށްޓަކައި ކަލާގެފާނު ދުޢާކުރައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުގެ ދުޢާއަކީ އެއުރެންނަށް އޮތް ހިތްހަމަޖެހުމަކާއި، ރަޙްމަތެކެވެ. ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." {އައްތައުބާ: 103}

خُذْ مِنْ أَمْوَالِهِمْ صَدَقَةً މި ބަސްފުޅާ ބެހޭގޮތުން ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވަނީ، أَمْوَالِهِمْ (މުދާތައް) ގެ ކުރިއަށް مِنْ (އިން) ވަދެފައި އޮތުމުން ދޭހަވަނީ، މުދާތަކުގެ ބައެއް ކަމެވެ. ވީމާ  ޞަދަޤާތް ފަރުޟުވެފައިވަނީ އެމީހުންގެ މުދަލުގެ ބައެއްގައެވެ. މުޅި މުދަލަކު ނޫނެވެ.

އަދި مِنْ مَالِهِمْ (މުދަލުން) އޭ ވަޙީ ނުކުރައްވާ، مِنْ أَمْوَالِهِمْ  (މުދާތަކުން) އޭ ވަޙީކުރެއްވީ، ހުރިހާ ވައްތަރެއްގެ މުދާ ހިމެނުމަށްޓަކައެވެ. އަދި أَمْوَالِهِمْ  ގައި މިވާ هُمْ (އެއުރެން) ގެ މުރާދަކީ، ޖުމްހޫރު ތަފްސީރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި، ހުރިހާ މުސްލިމުންނެވެ.

ޒަކާތް ނެރުން ވާޖިބުވާ ހުރިހާ މުސްލިމުންގެ އަތުންވެސް ޒަކާތް އަތުލުމަކީ، ވާޖިބެއްކަން މިއިން ދަލީލުކޮށްދެއެވެ. އެހެނީ ހުރިހާ މުސްލިމުންނަކީ ވެސް ދީނުގެ ޙުކުމްތަކުގައި ހަމަހަމަ ބައެކެވެ.[4]

އަދި ޒަކާތް ނަގަންޖެހެނީ ވެރިމީހާ ނުވަތަ އޭނާގެ ހަމަޖައްސާ ބައެއްކަންވެސް، މި އާޔަތުން ދޭހަ އެބަވެއެވެ. ކީރިތި ރަސޫލާގެ ސުންނަތާއި، ހަތަރު ޚުލަފާއުއް ރާޝިދީން ކަންތައްކުރެއްވި ގޮތުންވެސް، މިކަން ސާބިތުވެއެވެ. 'ޒަކާތް ދިނުން' މި ބާބުގައި، މިކަން ތަފްސީލުކޮށް ބަޔާންކޮށްދޭނަމެވެ.

އަބޫބަކުރުގެފާނުގެ ޒަމާނުގައި، ދެކޮޅުވެރިވެ ޒަކާތް ނުދޭން އުޅުނު މީހުން، މި އާޔަތުގެ ބޭރުފުށު މާނައިގައި ހިފިއެވެ.  އެމީހުން ބުނީ، މި އާޔަތުގައި މުޚާޠަބުކުރެވިފައިވަނީ ކީރިތި ރަސޫލާއާއެވެ. ވީމާ ޒަކާތް ނަންގަވަންޖެހޭނީ އެކަލޭގެފާނެވެ. އެހެން މީހަކު ޒަކާތް ނަގައިގެން ނުވާނެވެ.

ނަމަވެސް އެމީހުންގެ މި ބަލިކަށި ވަހުމަށް، މާނައެއްނެތް ހީކުރުމަށް، ޢިލްމުވެރިން ރައްދުދެއްވިއެވެ.  އެކަން ތިރީގައި އެބަ ބަޔާންކުރަމެވެ.

މިއާޔަތުގައިވާ ނަންގަނެވިފައިވާ ޞަދަޤާތަކީ، އެއީ ޒަކާތް ނޫންކަމަށް، ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެއީ މިއާޔަތް އައިސްފައިވަނީ ތަބޫކު ހަނަގުރާމައަށް ނުގޮސް ފަސްޖެހުނު، ހެޔޮޢަމަލާއި ނުބައިޢަމަލު އެއްކޮށްފައިވާ، މީހުންނާ ބެހޭގޮތުންނެވެ. ވީމާ އާޔަތުގައިވާ 'އެއުރެން' ގެ މުރާދަކީ، މިމީހުންނެވެ. އަދި އެމީހުން އަތުން ޞަދަޤާތް ނެގެނީ، އެމީހުންގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުންނެވެ. އެހެންވީމާ އެއީ އަމިއްލައަށް ދޭ އިތުރު ޞަދަޤާތެކެވެ. ޢިބާރާތް އައިސްފައިވާ ގޮތަށް ބަލާއިރު، ދޭހަވަނީ މި ޞަދަޤާތަކީ، އެމީހުންނަށް ޚާއްޞަ އެއްޗެއްކަމެވެ. އަދި މި ޙުކުމަކީ، އުޞޫލީ ޢިލްމްވެރިން ވިދާޅުވާ ''ބެލެވެނީ ލަފްޒުގެ ޢާއްމު ދޭހައަށެވެ. ސަބަބުގެ ޚާއްޞަ ކަމަކަށް ނޫނެވެ.'' މި ޤަވާޢިދުގެ ދަށަށް ފެތޭ ޙުކުމެއްވެސް ނުމެނޫނެވެ.

ދެން،  ވާޖިބު ޒަކާތަކީ ވަކި އެމީހުންނަށް ޚާއްޞަ އެއްޗެއް ނޫނެވެ. އެއީ ހުރިހާ މުސްލިމުންގެ މައްޗަށްވެސް ވާޖިބުވެގެންވާ އެއްޗެކެވެ. ވީމާ ވާޖިބު ޒަކާތުގެ ސަބަބަކީ ހަނގުރާމައަށް ނުދިއުމުގެ ކައްފާރާއަކަށް ވުމަކީ ކަމުދާ ކަމެއް ނޫނެވެ. އެހެނީ ޒަކާތަކީ، އިސްލާމްދީނުގެ ޙައްޤެކެވެ. ކުށެއްކޮށްގެން ބަދަލުގައި ދޭ އެއްޗެއް ނޫނެވެ.[5] އިމާމު އައްޠަބަރީ، ތަފްސީރު އެތަކެއް ޢިލްމުވެރިންގެ ކިބައިން ގެންނަވާފައި، އަދި އިޚްތިޔާރުކުރެއްވީ މި ރައުޔެވެ.[6]

ނަމަވެސް، ހަމަ ވަރަށް ގިނަ ތަފްސީރު ޢިލްމުވެރިން ބުރަވެވަޑައިގަތީ، މި އާޔަތުގައިވާ ޞަދަޤާތުގެ މުރާދަކީ ފަރުޟު ޒަކާތް ކަމުގައެވެ. އެހެންވެ ކުރިއާއި ފަހުގެ ގިނަ ޢިލްމުވެރިން ވަނީ މިއާޔަތުން، ޒަކާތާއި ބެހޭ ގިނަ ޙުކުމްތަކަކަށް ދަލީލު ދައްކަވާފައެވެ. މިކަމުން ދޭހަވަނީ، މިއާޔަތުގެ ވަށައިގެންވާ އާޔަތްތަކަށް ނުބަލާ، މި އާޔަތުގައިވަނީ އަލުން ފައްޓާފައިވާ އެހެން ޙުކުމެއް، އާދެ ޒަކާތުގެ ޙުކުމް، ކަމުގައި ބެލުމުގައި މައްސަލައެއް ނެތްކަމެވެ. އެހެނީ އާޔަތުގެ ކުރީގައިވާ އެއްޗަކާއި ފަހަތުގައިވާ އެއްޗަކާ އާޔަތް ގުޅުވުމަކީ، އެކަމަށް ދަލީލެއް ނެތި ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫނެވެ. މިއާޔަތުގައިވަނީ ފަރުޟު ޒަކާތުގެ ވާހަކަ ކަމަށް ބުނާ ރައުޔަކީ އިބްނު ޢައްބާސުގެ ވެސް ރައުޔެވެ. އަދި ޤުޝައިރީ ވިދާޅުވަނީ މިއީ ޢިކްރިމާގެވެސް ރައުޔު ކަމަށެވެ.[7]

މި އާޔަތުގައި ވަނީ ފަރުޟު ޒަކާތް ކަމުގައި ބެލިއަސް، މިއާޔަތުގެ ކުރީގައިވާ އާޔަތްތަކާއި ގުޅުވާލެވެވިދާނެ ވަރަށް އެކަށީގެންވާ ގޮތެއް، އިމާމް އައްރާޒީ ވިދާޅުވެފައި އެބައޮތެވެ. އެއީ ޒަކާތް އޮތީ އޭރު އެމީހުންގެ މައްޗަށް ވާޖިބުވެފައެވެ. ނަމަވެސް މުނާފިޤުންނާއި އަދި ހަނގުރާމައަށް ނުދިޔަ މީހުންގެ އަތުން ކީރިތި ރަސޫލާ ޒަކާތް ޤަބޫލުނުކުރެވީއެވެ. ދެން އޭގެ ތެރެއިން ބައެއްމީހުން ހަނގުރާމައަށް ނުދިއުމުން ވެވެނު ފާފައަށް ތައުބާވެ، އިސްލާމްދީނަށް ރުޖޫޢަވެ، ޒަކާތްދިނީއެވެ. އެހިނދު އެ ޒަކާތް އެމީހުން އަތުން އަތުލައްވަން، މާތް ﷲ އެކަލާނގެ ރަސޫލާއަށް އަމުރުކުރެއްވީއެވެ.[8]

ދެން ބުނެލަން ޖެހޭ އަނެއްކަމަކީ، ވަކި ސަބަބަކާހެދި އާޔަތެއް ބާވައިލެއްވުމަކީ، އެ އާޔަތުގެ މާނަ ޢާއްމުވުމަށް އޮތް ހުރަހެއް ނޫނެވެ. އުޞޫލުލް ފިޤުހުގެ ޢިލްމުވެރިން އިޢްތިމާދުވާ ރައުޔަކީ މިއީއެވެ. އާދެ، ''ބެލެވެނީ ލަފްޒުގެ ޢާއްމު ދޭހައަށެވެ. ސަބަބުގެ ޚާއްޞަ ކަމަކަށް ނޫނެވެ.''

މިއާޔަތުގެ މުރާދަކީ 'ފަރުޟު ޒަކާތް' ކަމުގެ އެންމެ އަލިގަދަ ދަލީލަކީ، އަބޫބަކުރުގެފާނުގެ ޒަމާނުގައި ޒަކާތް ދޭން ދެކޮޅުހެދި މީހުން، އެމީހުން ކޮޅަށް މި އާޔަތުން ދަލީލު ނަގަން އުޅުނުއުޅުމެވެ. އެމީހުން ޒަކާތް ނުދޭންވެގެން ބުނީ، މިއާޔަތުގައި ޒަކާތް ނެގުމަށް މުޚާޠަބުކުރެވިފައިވަނީ ކީރިތި ރަސޫލާކަމަށްވެފައި، ރަސޫލާ ސުވަރުގެވަޑައިގަތުމުން ދެން ޒަކާތް ދޭން ނުޖެހޭނެކަމަށެވެ. މިއާޔަތުން ޒަކާތް ވާޖިބުވާކަމަށް ދަލީލު ނުނެގޭކަމަކަށް އެމީހުން ނުބުނެއެވެ.

މި އާޔަތާއި އަދި މިއާޔަތް ބާވައިލެއްވުނު ސަބަބު އެންމެ ރަނގަޅަށް އެނގިވަޑައިގެންތިއްބެވި ޞަޙާބީބޭކަލުން، އަދި އެބޭކަލުންގެ ފަހުން ތިއްބެވި އުއްމަތުގެ ދަންނަބޭކަލުންވެސް، އެމީހުންނަށް ދިން ރައްދުގައި، މިއާޔަތުގައިވަނީ ވާޖިބު ޒަކާތުގެ ވާހަކަ ނޫންކަމަށް ވިދާޅުވެފައި ނެތެވެ. އެބޭކަލުން ވިދާޅުވީ، އާޔަތުގައިވާ މުޚާޠަބުކުރުން، ކީރިތި ރަސޫލާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި، އަދި އެކަލޭގަފާނަށް ފަހު އުއްމަތުގެ ކަންތަކާ ހަވާލުވެގެންހުންނަ ކޮންމެ މީހަކުވެސް ޝާމިލުވެ ޢާއްމުވާ ކަމުގައެވެ.[9]

އާޔަތުގައިވާ 'ޞަދަޤާތު' ގެ މުރާދަކީ ޒަކާތްކަން ދޭހަވާ އަނެއް  ޤަރީނާއަކީ، ބަނީ ހާޝިމް ވަންހައިގެ ބައެއް ޒުވާނުން، ޒަކާތް އަތުލުމުގެ މަސައްކަތުގެ ވަޒީފާގައި ލައްވައިދިނުން އެދި، ކީރިތި ރަސޫލާ އަރިހު ދެންނެވީމާ އެކަލޭގެފާނު ދެއްވި ޖަވާބެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވީ: "އެއީ މުޙައްމަދުގެފާނުގެ އާލުންނަށް ޙަލާލު އެއްޗެއް ނޫނެވެ. އެއީ މީހުންގެ މުދަލުގައިވާ ހަޑިއެވެ."[10]

ޙަދީޘްފުޅުގައި މިވާ މަޖާޒީ ސިފަކުރެއްވުމުން އިޝާރާތްވަނީ، އާޔަތުގައިވާ "تُطَهِّرُهُمْ وَتُزَكِّيهِم" މިބަސްފުޅަށެވެ.

އަދި އާޔަތުގައިވަނީ ފަރުޟު ޒަކާތުގެ ވާހަކަމަށް ބާރުލިބޭ  އަނެއް ދަލީލަކީ، ޞަޙީޙް މުސްލިމްގައިވާ، އަބޫ އައުފާގެ ދަރިކަލުން ޢަބްދުﷲ ރިވާކުރައްވާފައިވާ ޙަދީޘެވެ. ވިދާޅުވިއެވެ: ބައެއްގެ ޞަދަޤާތް، ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހަށް ގެނެވިއްޖެނަމަ، އެކަލޭގެފާނު އެބަޔަކަށް  ހެޔޮދުޢާކުރައްވައެވެ. ދެން އަބޫ އައުފާ އޭނާގެ ޞަދަޤާތް ގެންނެވީމާ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަބޫ އައުފާގެ އާލުންނަށް ރަޙްމަތާއި ބަރަކާތް ލައްވާފާނދޭވެ!"[11]

ކީރިތި ރަސޫލާ މިކުރެއްވި ކަމަކީ، އާޔަތުގައިވާ "އަދި އެއުރެންނަށްޓަކައި ކަލާގެފާނު ދުޢާކުރައްވާށެވެ!" ﷲ ގެ މިއަމުރުފުޅަށް ކުރެއްވިކަމެކެވެ.

ޒަކާތް ނެރުނީމާ އޭނާގެ މައްޗަށް، ވެރިމީހާ ނުވަތަ އޭނާ ހަމަޖައްސާފައިހުންނަ ނާއިބަކު ހެޔޮދުޢާކުރަންޖެހޭނެ ކަމަށް، ހުރިހާ ޢިލްމުވެރިން ވެސް ވަނީ މި އާޔަތުން ދަލީލު ނަންގަވާފައެވެ.

ތައުބާ ސޫރަތުގައި ޒަކާތާ ބެހޭގޮތުން އައިސްފައިވާ މުހިއްމު ނުކުތާތަކަކީ މިއެވެ. ޒަކާތް ވާޖިބުކަމުގެ މައްޗަށް ބާރުއަޅައި، އޭގެ ޙުކުމްތައް ބަޔާންކުރުމުގައި މަދަނީ ޤުރުއާނުގެ މިސްރާބަކީ ކޮބައިކަން މި ސޫރަތުން އެނގިގެންދެއެވެ.

ޤުރާނުގެ ނަޒަރުގައި، ޒަކާތްދީގެން މެނުވީ އިންސާނާއަށް ހެޔޮކަމެއް ނެތެވެ. ހެޔޮލަފާ ތެދުވެރީންގެ ސިފަ ޙައްޤެއް ނުވެއެވެ. ޒަކާތްދީގެން މެނުވީ، ތަޤުވާވެރިންގެ ތެރެއިންވެސް އޭނާ ނުހިމެނޭނެއެވެ. އަދި މުއުމިނުންގެ ގިންތީގައިވެސް ނުގުނެވޭނެއެވެ.

ޒަކާތާ ނުދެންޏާ އެމީހަކީ އެއީ، އާޚިރަތް ދުވަހަށް ކުފުރުވެގެންތިބެ ޒަކާތް ނުދޭ މުޝްރިކުންގެ ސަފު، ދޫކޮށްފައިދިޔަ މީހަކަށް ނުވެއެވެ. ޒަކާތާ ނުލާ އެމީހަކު، މުށްބާރުކޮށްގެން ތިބޭ ނުވަތަ ނުރުހިފައިތިބެގެން ނޫނީ ހޭދައެއް ނުކުރާ މުނާފިޤުންނާ، ވައްކެއް ނުވާނެއެވެ. ޒަކާތާ ނުލާ އެމީހަކަށް، ﷲ ގެ ރަޙްމަތްފުޅު ޙައްޤެއް ނުވެއެވެ. އެ ރަޙްމަތް ލިބޭ މީހުންގެ އެއް ސިފައަކީ ޒަކާތްދިނުމެވެ. وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ

އާޔަތުގެމާނަ: "އަދި ތިމަންރަސްކަލާނގެ ރަޙްމަތް ކޮންމެ އެއްޗަކަށްމެ، ތަނަވަސްވެގެންވެއެވެ. ފަހެ ތަޤުވާވެރިވެ، ޒަކާތްދީއުޅޭ މީހުންނަށާއި، ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާ މީހުންނަށް ތިމަންރަސްކަލާނގެ، އެ ރަޙްމަތް ލިޔުއްވާހުށީމެވެ." {އަލްއަޢްރާފް: 156}

إنَّمَا وَلِيُّكُمْ اللَّهُ وَرَسُولُهُ وَالَّذِينَ آمَنُوا الَّذِينَ يُقِيمُونَ الصَّلاةَ وَيُؤْتُونَ الزَّكَاةَ وَهُمْ رَاكِعُونَ  * وَمَنْ يَتَوَلَّ اللَّهَ وَرَسُولَهُ وَالَّذِينَ آمَنُوا فَإِنَّ حِزْبَ اللَّهِ هُمْ الْغَالِبُونَ

އާޔަތުގެ ތަފްސީރީ މާނަ: "އޭ އެންމެހާ މުއުމިނުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ އެހީތެރިޔަކީ ﷲ އެވެ.  އަދި އެކަލާނގެ ރަސޫލާއެވެ. އަދި، ﷲ އަށް ކިޔަމަންވެ މަޑުމޮޅިވެތިބެ ނަމާދުކޮށް، ޒަކާތްދޭ މުއުމިނުންނެވެ.  * ﷲ އާއި، އެކަލާނގެ ރަސޫލާއާއި، އީމާންވެގެންތިބި މީހުން އެއީ، އެހީތެރިންކަމުގައި ބަލައިފިމީހާއަކީ  ﷲ ގެ ޖަމާޢަތުގެ ތެރެއިންވާ މީހެކެވެ. ފަހެ، ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ﷲ ގެ ޖަމާޢަތެވެ." {އަލްމާއިދާ: 55،56}

ﷲ އަށް ނަޞްރުދޭ މީހުންނަށް ދެއްވަން ވަޢްދުވެވަޑައިގެންފައިވާ ނަޞްރުވެސް، ޒަކާތާ ނުލާ ނުލިބެއެވެ. وَلَيَنصُرَنَّ اللَّهُ مَنْ يَنصُرُهُ إِنَّ اللَّهَ لَقَوِيٌّ عَزِيزٌ  * الَّذِينَ إِنْ مَكَّنَّاهُمْ فِي الأَرْضِ أَقَامُوا الصَّلاةَ وَآتَوْا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنْ الْمُنْكَرِ وَلِلَّهِ عَاقِبَةُ الأُمُورِ

އާޔަތުގެ ތަފްސީރީމާނަ: "އަދި ހަމަކަށަވަރުން، ﷲ ގެ ދީނަށް ނަޞްރުދީ އެކަމަށް މަސައްކަތްކުރާ މީހަކަށް، އެކަލާނގެ ނަޞްރުދެއްވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން. ﷲ އީ، ބާރުވެރިވަންތަ، ޢިއްޒަތްވަންތަ ރަސްކަލާނގެއެވެ. * "ނަޞްރުދެއްވާނެކަން ވަޢްދުވެވޮޑިގެންފައިވާ ބަޔަކީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ކަންކަމުގެ ނިމުންވަނީ ﷲ އަށެވެ." {އލަޙައްޖު: 40،41}

 

*     *    *

 

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ 'ފިޤުހުއް ޒަކާތި'  (ޒަކާތުގެ ފިޤުހު)، މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.[1] ރިވާކުރެއްވީ އައްޠަބަރާނީ **

[2] ތަފްސީރުއް ޠަބަރީ: 14/ 153 ، އަލްމަޢާރިފް ޗާޕު.

[3] އިބްނުލް ޢަރަބީގެ އަޙްކާމުލް ޤުރުއާން، ދެވަނަބައި ޞ 924.

[4] ޠަބްރިސީގެ މަޖްމަޢުލް ބަޔާން ބަލާ، ތައުބާ ސޫރަތުގެ މި އާޔަތުގެ ތަފްސީރު.

[5] އައްރައުޟުއް ނަޟީރު: 2/ 41

[6] ތަފްސީރުއް ޠަބަރީ: 41/ 454- 456

[7] ތަފްސީރުލް ޤުރުޠުބީ، 8/ 244.  އަދި ތަފްސީރު އިބްނު ކަޘީރުގެ: 2/385، 386، އަދި އިބްނުލް ޢަރަބީގެ އަޙްކާމުލް ޤުރުއާނުގެ ޞ: 997، 998، އަދި ފަޚްރުއް ރާޒީގެ ތަފސީރުލް ކަބީރުގެ 16/ 177، އަދި އަލްޤާސިމީގެ މަޙާސިނުއްތައުވީލު" 8 / 253

[8] ރާޒީއާއި އަލްޤާސިމީގެ މަތީގައި ބުނެވިދިޔަ ތަފްސީރު ބަލާ.

[9] ތަފްސީރު އިބްނު ކަޘީރާއި އަލްޤާސިމީގެ ތަފްސީރު ބަލާ

[10] ރިވާކުރެއްވީ މުސްލިމް، ޒަކާތުގެ ފޮތުގައި (1072). އަބޫދާއޫދު، ޚަރާޖާއި އިމާރަތާއި ފައިއުގެ ފޮތުގައި  (2985). އައްނަސާއީ، ޒަކާތުގެ ފޮތުގައި (2609)

[11] ރިވާކުރެއްވީ ބުޚާރީ، ޒަކާތުގެ ފޮތުގައި (1498). މުސްލިމް، ޒަކާތުގެ ފޮތުގައި (1078) . އަބޫދާއޫދު، ޒަކާތުގެ ފޮތުގައި (1595). ނަސާއީ، ޒަކާތުގެ ފޮތުގައި (2459). އިބްނު މާޖާ، ޒަކާތުގެ ފޮތުގައި (1796)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.