ބުރާސްފަތި20181115

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޒަކާތުގެ ފިޤުހު: އެދޭމީހާއާއި މަޙާރޫމުވެފައިވާމީހާއާއި މިސްކީނާއި ދަތުރުވެރިއާގެ ޙައްޤު

ޒަކާތުގެ ފިޤުހު: އެދޭމީހާއާއި މަޙާރޫމުވެފައިވާމީހާއާއި މިސްކީނާއި ދަތުރުވެރިއާގެ ޙައްޤު

fiqh-zakaat-mahroome-vefaivaaނިޢްމަތްތަކުގެ ސުވަރުގެތައް ޙައްޤުވާ ތަޤުވާވެރިންނަކީ ކޮބައިކަން، އައްޛާރިޔާތު ސޫރަތުގައި، މާތް ﷲ ބަޔާންކުރައްވާފައިވެއެވެ. އެމީހުންގެ އެންމެ ފާހަގަކުރެވޭ އެއް ސިފައަކީ: وَفِي أَمْوَالِهِمْ حَقٌّ لِلسَّائِلِ وَالْمَحْرُومِ އެވެ.

އާޔަތުގެ ތަފްސީރީމާނަ: "އަދި ސުވާލުކޮށް އެދޭމީހުންނަށާއި، ލަދުން އެއްޗަކަށް ނޭދި މަޙްރޫމުވެފައިތިބޭ މީހުންނަށް، އެމީހުންގެ މުދަލުގައި ވާޖިބު އަދި މުސްތަޙައްބު ޙައްޤެއްވެއެވެ." { އައްޛާރިޔާތު: 19}

މި އާޔަތުގައިވާ 'ސާއިލު' ގެ މާނައަކީ، އަމިއްލައަށް ބުނެ އެއްޗަކަށް އެދޭމީހާއެވެ. 'މަޙްރޫމު' ގެ މާނައަކީ ފައިސާއެއް، މަސައްކަތެއް، އާމްދަނީއެއްވެސް ނެތް، އެކަމަކު މީހެއްގެ އަތުން އެއްޗެއް އަތުލަން ލަދުން ނުކެރި ހުންނަ މީހާއެވެ.

އެ ތަޤުވާވެރިންނަށް، އެމީހުންގެ މުދަލަކީ ހަމައެކަނި އަމިއްލަ ބޭނުންފުއްދަން ހުރި މިލްކެއް ނޫންކަމާއި، އެކަމަކު އެ މުދަލުގައި އެހެން ބައެއްގެ ޙައްޤެއްވެސް ވާކަން އެނގެއެވެ. މިސްކީނުންނާއި މަޙްރޫމުވެފައިވާމީހުންނާއި ދަތުރުވެރިންނަށް އެމީހުންދޭ އެއްޗަކީ، ދޭ ހަދިޔާއެއް ނޫންކަމާއި އެކަމަކު އެއީ އެމީހުންނަށް ލިބިންޖެހޭ ޙައްޤެއްކަމާއި، ވީމާ އަތުލާމީހާގެ ވަކި ދެރަކަމެއް އަދި ދޭމީހާގެ ވަކިމޮޅުކަމެއްވެސް ނެތްކަން، އެމީހުން ދަނެއެވެ.

'އަލްމަޢާރިޖް' ސޫރަތުގައި، ހަމަ މިވާހަކަ އިތުރު ތަފްސީލަކާއެކު ބަޔާންވެފައި އެބައޮތެވެ. އެއީ، އީމާންކަމުގެ ވަރުގަދަކަމާއި އަޚްލާޤުގެ މަތިވެރިކަމުން، އިންސާނާގެ ކިބާގައިވާ އުނިކަމާއި ބަލިކަށިކަމުގެ މައްޗަށް ނަޞްރުހޯދި  މުއުމިނުންގެ ސިފަ ބަޔާންކުރައްވަމުންނެވެ:  إِنَّ الإِنسَانَ خُلِقَ هَلُوعاً (19) إِذَا مَسَّهُ الشَّرُّ جَزُوعاً (20) وَإِذَا مَسَّهُ الْخَيْرُ مَنُوعاً (21) إِلاَّ الْمُصَلِّينَ (22) الَّذِينَ هُمْ عَلَى صَلاتِهِمْ دَائِمُونَ (23) وَالَّذِينَ فِي أَمْوَالِهِمْ حَقٌّ مَعْلُومٌ (24) لِلسَّائِلِ وَالْمَحْرُومِ (25)

އާޔަތްތަކުގެ ތަފްސީރީމާނަ: "ހަމަކަށަވަރުން، އިންސާނާ ހައްދަވާފައިވަނީ، ދަހިވެތި، ނަފްސު ނުހިފެހެއްޓޭ، ކެތްކުޑަ މީހެއްގެ ގޮތުގައެވެ. * އެ އިންސާނާއަށް، ދަތި، ނުބައިކަމެއް ޖެހިއްޖެނަމަ، އޭނާއަކީ ކެތްތެރިކަންކުޑަ ހިތާމަކުރުންބޮޑު މީހެކެވެ. * އަދި އޭނާއަށް، ތަނަވަސްކަމާއި، ރަނގަޅު ގޮތްތައް މެދުވެރިވެއްޖެނަމަ، އެއިން ހޭދަކުރުމުން މަނާވެގަނެ، ހިފަހައްޓާ މީހެކެވެ. * ނަމަވެސް އެއީ ނަމާދުކުރާ މީހުން މެނުވީއެވެ. * އެބައިމީހުންނީ، ނަމާދުކުރުންމަތީ ދެމިތިބޭ މީހުންނެވެ. * އަދި އެބައިމީހުންނީ، އެބައިމީހުންގެ މުދަލުގައި، އެނގި ކަނޑައެޅިގެންވާ ޙައްޤެއްވާ މީހުންނެވެ.* އެއީ ސުވާލުކޮށް އެދޭ މީހުންނަށާއި، ނިކަމެތި މަޙްރޫމުންނަށެވެ. *" {އަލްމަޢާރިޖް: 19- 25}

މި ސޫރަތުގައި މިވަނީ، މުދަލުގައިވާ ޙައްޤަކީ އެއީ 'އެނގި ކަނޑައެޅިގެންވާ' އެއްޗެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ބައެއް ޢިލްމުވެރިން، މީގެ މާނައަކީ ޒަކާތް ކަމަށް ވިދާޅުވާންޖެހުނީ މިހެންވެއެވެ. އެހެނީ ޒަކާތަކީ އެއީ، މުއްސަނދިންގެ މުދަލުގައި ފަޤީރުންނަށްޓަކައި މިންވަރު ކަނޑައެޅިފައިވާ ޙައްޤެކެވެ.

މި ސޫރަތަކީ މައްކީ ސޫރަތެއްކަމާއި، އަދި ޒަކާތް ފަރުޟުކުރެއްވީ މަދީނާގައިކަން، މިހެން ވިދާޅުވި ޢިލްމުވެރިންނަށް އެނގިވަޑައިގަންނަވާނެ ކަމާމެދު ޝައްކެއް ނެތެވެ. ވީމާ މި އާޔަތުގައި މިވާ 'ކަނޑައެޅިފައިވާ ޙައްޤަކީ' އެއީ، މުއްސަނދިން އެމީހުންގެ މުދާ ބަހާފައި، އެދޭމީހުންނަށާއި މަޙްރޫމުވެފައިވާ މީހުންނަށް ދޭންޖެހޭ އެއްޗެއްކަމުގައި އަމިއްލައަށް ކަނޑައަޅާފައިވާ މިންވަރެކެވެ.[1]

ވީމާ މިއާޔަތުގައިވާ މިވާ 'ކަނޑައެޅިފައިވާ ޙައްޤާއި' ފަރުޟު ޒަކާތުގައި 'ކަނޑައެޅިފައިވާ ޙައްޤާ' ދެމެދުހުރި ތަފާތަކީ، މި އާޔަތުގައި މިވާ ޙައްޤަކީ، މުދާވެރިން އެމީހުންނަށް ފެނިގެން އެމީހުން އަމިއްލައަށް ކަނޑައަޅާ މިންވަރެކެވެ. ނަމަވެސް ޒަކާތަކީ އެއީ ދޭންޖެހޭ މިނަވަރު ދީނުގައި ކަނޑައެޅި އެނގިފައިވާ އެއްޗެކެވެ.

އަލްއިސްރާ ސޫރަތުގައި، މާތް ﷲ ވަޙީކުރައްވާފައިވަނީ:  وَآتِ ذَا الْقُرْبَى حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ وَلا تُبَذِّرْ تَبْذِيراً

އާޔަތުގެ މާނަ: " ތިމާގެ މީހާއަށް، ދީލަތިވެ އޭނާގެ ޙައްޤު ދޭށެވެ. އަދި މިސްކީނަށާއި ދަތުރުވެރިޔާއަށްވެސްމެއެވެ. އަދި ވިޔާނުދާ ޚަރަދުތައްކޮށް އިސްރާފު ނުކުރާހުށިކަމެވެ. {އަލްއިސްރާ: 26}

އަދި އައްރޫމު ސޫރަތުގައި ވަޙީކުރައްވާފައިވަނީ: فَآتِ ذَا الْقُرْبَى حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ ذَلِكَ خَيْرٌ لِلَّذِينَ يُرِيدُونَ وَجْهَ اللَّهِ

އާޔަތުގެ ތަފްސީރީމާނަ: "ފަހެ ތިމާގެ މީހާއަށާއި މިސްކީނާއަށާއި، ދަތުރުވެރިޔާއަށް، ދީލަތިވެ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ޙައްޤު ދޭށެވެ! ﷲ ގެ ވަޖުހުފުޅު އެދިގެން އުޅޭ މީހުންނަށް އެގޮތް ހެޔޮކަން ބޮޑެވެ."

ވީމާ އަޅުގަނޑުމެންނަށް މި އާޔަތްތަކުން އެނގިގެންދިޔަ ފަދައިން، މައްކާ ޒަމާނުގެ އެންމެ ކުރީއްސުރެވެސް، ކީރިތި ޤުރުއާންވަނީ، ތިމާގެމީހާއަށާއި ބޭނުންޖެހިފައިވާ މީހުންނަށް ދޭންޖެހޭ 'ޙައްޤެއް' މުދަލުގައިވާކަމާއި، އަދި އެ އަދާކުރުން ވާޖިބުވެގެންވާކަން، މުސްލިމުންގެ ހިތްތަކުގައި އަށަގަންނަވާފައެވެ. އެއީކީ ފަހަރެއްގައިވެސް ހިތަށް އެރީމާ ދީފައި ހިތަށް އެރީމާ ނުދީ ފަރުޖެއްސޭނެ، އަމިއްލައަކަށްދޭ ޞަދަޤާތެއް ނޫނެވެ.

 

*    *    *    *

ގޮވާންކަނޑާ ދުވަހަކު ދޭންޖެހޭ ޙައްޤު:

އަލްއަންޢާމް ސޫރަތުގައި މާތް ﷲ ވަޙީކުރައްވަނީ: وَهُوَ الَّذِي أَنْشَأَ جَنَّاتٍ مَعْرُوشَاتٍ وَغَيْرَ مَعْرُوشَاتٍ وَالنَّخْلَ وَالزَّرْعَ مُخْتَلِفاً أُكُلُهُ وَالزَّيْتُونَ وَالرُّمَّانَ مُتَشَابِهاً وَغَيْرَ مُتَشَابِهٍ كُلُوا مِنْ ثَمَرِهِ إِذَا أَثْمَرَ وَآتُوا حَقَّهُ يَوْمَ حَصَادِهِ وَلا تُسْرِفُوا إِنَّهُ لا يُحِبُّ الْمُسْرِفِينَ

އާޔަތުގެ މާނަ: "އެކަލާނގެއީ، ފެތުރޭ ވެޔޮތަކާއި، ވެޔޮނޫން ގަސްތަކުގެ ބަގީޗާތަކާއި، އޭގެ މޭވާއާއި، އޮށްޓަރު ތަފާތުވެގެންވާ ހާލު، ކަދުރުރުކާއި، ގޮވާމާއި، އެއްވައްތަރު ވެގެންވާ ހާލުގައްޔާއި، އެއްވައްތަރުވެގެން ނުވާ ހާލުގައި، ޒައިތޫންޏާއި، އަންނާރު އުފެއްދެވި ރަސްކަލާނގެއެވެ. އެ ގަސްތަކުން މޭވާ އަތުވެއްޖެނަމަ، އެ މޭވާއިން ތިޔަބައިމީހުން ކާށެވެ! އަދި ގޮވާން ކަނޑާ ދުވަހަކުން، އޭގެ ޒަކާތްދޭށެވެ! އަދި ތިޔަބައިމީހުން އިސްރާފުނުކުރާށެވެ! އެހެނީ ހަމަކަށަވަރުން، އިސްރާފުކުރާ މީހުންދެކެ އެކަލާނގެ ލޯބިވެވޮޑިގެނެއް ނުވެއެވެ." {އަލްއަންޢާމް: 141}

މިއާޔަތުގައި، މާތް ﷲ އެކަލާނގެ އަޅުތަކުންގެ ސަމާލުކަމަށް ގެންނަވަނީ، ބިމުން ލިބޭ މޭވާއާއި ގޮވާމުގައި، އެ ކަނޑާދުވަހަކު ނެރުން ލާޒިމުވެގެންވާ ޙައްޤެއް ވާކަމެވެ.

ސަޢީދު ބިން ޖުބައިރު ވިދާޅުވިއެވެ: "މިއީ ޒަކާތް ފަރުޟުކުރެއްވުމުގެ ކުރިންނެވެ. އޭރު މީހާ ދެނީ ގޮވާމުން ލިބޭއެއްޗަކުންނެވެ. އަދި އެއިން ޖަނަވާރުތަކަށް ހުއި ހޯދައެވެ. އަދި ޔަތީމުންނާއި މިސްކީނުންނަށް ދެއެވެ. ދެނީ ބޮނޑިވަރެކެވެ."

ވީމާ މީގައި ޒަކާތުގެ ގޮތުގައި ދޭންޖެހޭނެ ވަކިމިންވަރެއް ކަނޑައެޅިފައި ނެތެވެ. ދޭންޖެހެނީ، ދިހަބައިކުޅަ އެއްބައި، ނުވަތަ ދިހަބައިކުޅައިގެ ދެބައިކުޅަ އެއްބައި ކަމަކަށް ވެސް ނުބުނެއެވެ. ކިއެއްތަ، ދޭނެޖެހޭވަރު އޮތީ، ދަނޑުވެރިއާގެ އީމާންކަމާއި އެ ހިސާބުގައި އުޅޭ މިސްކީނުން އެހީއަށްޖެހިފައިވާ މިންވަރަކާއި އަދި އެ ރަށެއްގެ ޢުރުފުގެ މައްޗަށް ބިނާވެފައެވެ. ނަމަވެސް ފަހުން، މަދީނާގައި، ކީރިތި ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، ޒަކާތް ޙައްޤުވާ ނިޞާބުތަކާއި ދޭންޖެހޭ މިންވަރުތައް ކަނޑައަޅުއްވާފައެވެ. ފަސް އައުސުޤު ހަމަވާ ގޮވާމާއި މޭވާއިން ދޭންޖެހެނީ،  ދިހަބައިކުޅަ އެއްބައި، ނުވަތަ ދިހަބައިކުޅައިގެ ދެބައިކުޅައެއްބައިކަން ކަނޑައަޅުއްވާފައެވެ. ބައެއް ޢިލްމުވެރިން މިއީ، މައްކާގައި އޮތް ޙުކުމް ނަސްޚުކުރުން ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް، އެބޭކަލުން ނަސްޚެއް ކަމަށް ވިދާޅުވެފައި އޮތީ، ފަހުގެ ޢިލްމުވެރިން ގެންގުޅުއްވާ އިޞްޠިލާޙީ ނަސްޚުގެ މާނައިގައެއް ނޫނެވެ. 'ދަނޑުގޮވާމާއި މޭވާގެ ޒަކާތާ' ބެހޭގޮތުން ވާހަކަ ދައްކާއިރު، މިކަން އިތުރަށް ބަޔާންކޮށްދޭނަމެވެ.

 

*   *   *    *

 

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ 'ފިޤުހުއް ޒަކާތި'  (ޒަކާތުގެ ފިޤުހު)، މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.



[1] ތަފްސީރު ބަލާ: 4/234  އިބްނުކަޘީރު

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.