އަންގާރަ20201124

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޒަކާތުގެ ފިޤުހު: މައްކާގައި ޒަކާތްދިނުން އޮތް ގޮތް

ޒަކާތުގެ ފިޤުހު: މައްކާގައި ޒަކާތްދިނުން އޮތް ގޮތް

 fiqh-zakaat-makka-zamaanugaiމައްކާގައި ޒަކާތްދިނުން އޮތް ގޮތް:

އިސްލާމްދީނުގެ ކުރީކޮޅުގައި މުސްލިމުން މައްކާގައި ތިބިދުވަސްވަރު، ފަޤީރުންނާއި މިސްކީނުންނާ އަޅާލުމާއި، އެމީހުންނަށްވާ މާލީ ޙައްޤުތައް ދިނުމާމެދު ޤުރުއާނުގައި އައިސްފައިވާ ބައެއް އާޔަތްތަކާއި، އަދި އެ އާޔަތްތަކުގައިވާ ގޮތާއި ވައްޓަފާޅި، ވޭތުވެދިޔަ ޞަފްޙާތަކުން އަހަރެމެންނަށް އެނގިޖެއެވެ.

މި ގޮތުގެ އިތުރުން އެހެން ގޮތަކަށްވެސް، 'ޒަކާތް ދިނުމާ' ބެހޭގޮތުން ޤުރުއާނުގައި ވާހަކަދެކެވިފައިވެއެވެ. އެއީ، ޒަކާތްދޭ މީހުންނަށް ޘަނާކިޔައި، ނުދޭ މީހުން ނުބައިކުރުމެވެ.  މައްކީ އެތަކެއް ސޫރަތަކުން، ސާފުކޮށް މިކަން ފެންނަން އެބަ އޮތެވެ.

މިގޮތުން އައްރޫމު ސޫރަތުގައި، މާތް ﷲ އަމުރުކުރައްވާފައިވަނީ ތިމާގެ މީހުންނާއި މިސްކީނުންނާއި ދަތުރުވެރިންގެ ޙައްޤު އަދާކުރުމަށެވެ. އަދި ޒަކާތްދިނުމުން ބޭރުފުށުން، މުދަލާއި ފައިސާ މަދުވިޔަސް، އެތެރެފުށުން އެ އިތުރުވަމުންދާކަން ބަޔާންކުރައްވާފައިވެއެވެ: فَآتِ ذَا الْقُرْبَى حَقَّهُ وَالْمِسْكِينَ وَابْنَ السَّبِيلِ ذَلِكَ خَيْرٌ لِلَّذِينَ يُرِيدُونَ وَجْهَ اللَّهِ وَأُوْلَئِكَ هُمُ الْمُفْلِحُونَ (38) وَمَا آتَيْتُم مِن رِباً لِيَرْبُوَا فِي أَمْوَالِ النَّاسِ فَلا يَرْبُوا عِنْدَ اللَّهِ وَمَا آتَيْتُمْ مِن زَكَاةٍ تُرِيدُونَ وَجْهَ اللَّهِ فَأُوْلَئِكَ هُمْ الْمُضْعِفُونَ (39)

އާޔަތުގެ ތަފްސީރީމާނަ: "ފަހެ ތިމާގެ މީހާއަށާއި މިސްކީނާއަށާއި، ދަތުރުވެރިޔާއަށް، ދީލަތިވެ ކޮންމެ މީހަކަށް ވެސް އެމީހެއްގެ ޙައްޤު ދޭށެވެ! ﷲ ގެ ވަޖުހުފުޅު އެދިގެން އުޅޭ މީހުންނަށް އެގޮތް ހެޔޮކަން ބޮޑެވެ. އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ. *  އަދި މީސްތަކުންގެ މުދަލުން ރިބާގެ ގޮތުގައި އިތުރުވުމަށްޓަކައި، ތިޔަބައިމީހުން ދިން އެއްޗެއް، ﷲ ގެ ޙަޟްރަތުގައި އިތުރުވެގެން ނުދާނެއެވެ. ކިއެއްތަ، އެއީ ބަރަކާތް ކެނޑިފައިވާ ބާޠިލު އެއްޗެކެވެ. ނަމަވެސް، ﷲ ގެ ވަޖުހުފުޅު އެދިގެން، ޒަކާތާއި ޞަދަޤާތުގެ ގޮތުން ތިޔަބައިމީހުން ދިން އެއްޗެއްގައި އެކަލާނގެ ބަރަކާތްލައްވައި، އެތައް ގުނައަކަށް އިތުރުކުރައްވާނެތެވެ." {އައްރޫމު:38-39}

އަދި އައްނަމްލު ސޫރަތުގެ ކުރީކޮޅުގައި، ކީރިތި ޤުރުއާނުން، ހިދާޔަތާއި އުފާވެރި ޚަބަރު ލިބޭ މީހުން ސިފަކުރައްވާ ވަޙީކުރައްވާފައިވަނީ: تِلْكَ آيَاتُ الْقُرْآنِ وَكِتَابٍ مُبِينٍ (1) هُدًى وَبُشْرَى لِلْمُؤْمِنِينَ (2) الَّذِينَ يُقِيمُونَ الصَّلاةَ وَيُؤْتُونَ الزَّكَاةَ وَهُمْ بِالآخِرَةِ هُمْ يُوقِنُونَ (3)

އާޔަތުގެ ތަފްސީރީމާނަ: "މިއީ ބަޔާންވެގެންވާ ފޮތެއްކަމުގައިވާ ކީރިތި ޤުރުއާނުގެ އާޔަތްތަކެވެ. * އެއީ ދުނިޔެއާއި އާޚިރަތުގެ ދިންނެވުން ލިބޭ ތެދުމަގު ދައްކާ، އެ ތެދުކޮށް އެމަގުން ހިނގި މުއުމިނުންނަށް އާޚިރަތްދުވަހުން ލިބެންހުރި ޘަވާބުތަކުގެ އުފާވެރި ޚަބަރު ދޭ އާޔަތްތަކެކެވެ. * އެމުއުމިނުންނަކީ ނަމާދު ޤާއިމުކޮށް، ޒަކާތްދީ، އަދި އާޚިރަތް ދުވަހާމެދު ޔަޤީންކުރާމީހުންނެވެ." {އައްނަމްލު: 1-3}

ނަމާދަށް ފަހު އެއާ ވިއްދައިގެން ޒަކާތް ދިނުމުގެ ވާހަކަ އޮތުމުން، އެއީ މުދަލުން ދޭންޖެހޭ ފަރުޟު ޒަކާތްކަން ދޭހަވެއެވެ. ޤުރުއާނުގެ އާދައަކީ އެއީއެވެ.

އަދި ލުޤްމާނު ސޫރަތުގެ ކުރީކޮޅުގައި، ﷲ ވަޙީކުރައްވާފައިވެއެވެ: هُدًى وَرَحْمَةً لِلْمُحْسِنِينَ (3) الَّذِينَ يُقِيمُونَ الصَّلاةَ وَيُؤْتُونَ الزَّكَاةَ وَهُمْ بِالآخِرَةِ هُمْ يُوقِنُونَ (4)

އާޔަތުގެ ތަފްސީރީމާނަ: "އެއީ ﷲ ގެ އަމުރުފުޅަށް އިޙްސާންތެރިކަމާއެކު ޢަމަލުކުރާ މީހުންނަށް އޮތް ތެދުމަގާއި، ރަޙްމަތެވެ. * އެބައިމީހުންނަކީ ނަމާދު ޤާއިމުކޮށް، ޒަކާތްދީ، އަދި އާޚިރަތް ދުވަހާމެދު ޔަޤީންކުރާމީހުންނެވެ." {ލުޤްމާނު: 3-4}

މިއާޔަތާ މެދުވެސް ބުނަން އޮތީ ހަމަ އިސްވެދިޔަ އާޔަތާމެދުވެސް ބުނިވާހަކަތަކެވެ.

އަދި އަލްމުއުމިނޫން ސޫރަތުގައި، އަލްފިރުދައުސް ވާރުތަވާ މުއުމިނުން ސިފަކުރައްވަމުން، ވަޙީކުރައްވާފައިވެއެވެ: وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ

އާޔަތުގެމާނަ: "އަދި އެބައިމީހުންނަކީ ޒަކާތްދޭ މީހުންނެވެ." { އަލްމުއުމިނޫން: 4}

އަދި އަލްއަޢްރާފް ސޫރަތުގައި، މޫސާގެފާނުގެ ވާހަކައިގެ ތެރޭގައި، ވަޙީކުރައްވާފައިވެއެވެ:  وَرَحْمَتِي وَسِعَتْ كُلَّ شَيْءٍ ۚ فَسَأَكْتُبُهَا لِلَّذِينَ يَتَّقُونَ وَيُؤْتُونَ الزَّكَاةَ وَالَّذِينَ هُم بِآيَاتِنَا يُؤْمِنُونَ

އާޔަތުގެމާނަ: "އަދި ތިމަންރަސްކަލާނގެ ރަޙްމަތް ކޮންމެ އެއްޗަކަށްމެ، ތަނަވަސްވެގެންވެއެވެ. ފަހެ ތަޤުވާވެރިވެ، ޒަކާތްދީއުޅޭ މީހުންނަށާއި، ތިމަންރަސްކަލާނގެ އާޔަތްތަކަށް އީމާންވާ މީހުންނަށް ތިމަންރަސްކަލާނގެ، އެ ރަޙްމަތް ލިޔުއްވާހުށީމެވެ." {އަލްއަޢްރާފް: 156 }

އަދި ފުއްޞިލަތު ސޫރަތުގައި، މުޝްރިކުންނަށް އިންޒާރުދެއްވާފައި އެމީހުންގެ އެންމެ ޚާއްޞަ ސިފަ ބަޔާންކުރެއްވިއިރު ބަޔާންކުރެއްވީ، އެމީހުންނަކީ ޒަކާތް ނުދޭ ބައެއްކަމެވެ. وَوَيْلٌ لِّلْمُشْرِكِينَ (6) الَّذِينَ لَا يُؤْتُونَ الزَّكَاةَ وَهُم بِالْآخِرَةِ هُمْ كَافِرُونَ (7)

އާޔަތުގެމާނަ: "އަދި ޝަރީކުރުރާ މީހުންނަށް ހާލާކުހުއްޓެވެ. * އެބައިމީހުންނީ، ޒަކާތް ނުދޭ މީހުންނެވެ. އަދި އެބައިމީހުންނީ ހަމަ އާޚިރަތް ދުވަހަށް ކާފިރުވާ މީހުންނެވެ." {ފުއްޞިލަތު: 6،7}

ވީމާ މުއުމިނު އިޙްސާންތެރިން، އާޚިރަތްދުވަހާ މެދު ޔަޤީންވެ ތިބޭ ހާލު ޒަކާތްދެންޏާ، މުޝްރިކުން ޒަކާތްނުދެނީ އާޚިރަތްދުވަހަށް ކުފުރުވެތިބޭ ހާލުގައެވެ.

ބައެއް މުފައްސިރުން ވިދާޅުވީ، މި އާޔަތުގައިވާ 'ޒަކާތް' މި ލަފްޒުގެ މާނައަކީ، ފާފަތަކާއި ހަޑިކަމުން ނަފްސު ސާފުކޮށް ޠާހިރުކުރުމެވެ. އަދި އޭގެ އެންމެ ކުރީގައިވާ އެއްޗަކީ ޝިރުކެވެ. މިސާލަކަށް މި އަންނަނިވި ދެ އާޔަތުގައިވެސް 'ޒަކާތް' މި ކަލިމަ ބޭނުންކުރެވިފައިވަނީ މި މާނައިގައެވެ. قَدْ أَفْلَحَ مَنْ زَكَّاهَا އާޔަތުގެމާނަ: "އެ ނަފްސު ޠާހިރުކޮށްފި މީހާ، ކާމިޔާބުވެއްޖެކަން ކަށަވަރެވެ." {ޝަމްސު: 9}

قَدْ أَفْلَحَ مَنْ تَزَكَّى އާޔަތުގެމާނަ: ''ނުބައި އަޚްލާޤާއި ފާފަތަކުން ދުރުވެ ޠާހިރުވާ މީހާ ކާމިޔާބުވެއްޖެކަން ކަށަވަރެވެ."{އަލްއަޢްލާ: 14}

މިބޭކަލުން މިހެން ވިދާޅުވީ، މިތާނގައިވާ ޒަކާތުގެ މާނައަކީ، މަދީނާގައި ނޫނީ ވާޖިބު ނުކުރެވޭ ކަމަށް މަޝްހޫރެވެފައިވާ މުދަލުގެ ޒަކާތޭ ވިދާޅުނުވާންވެގެންނެވެ. ނަމަވެސް އިބްނު ޖަރީރު އައްޠަބަރީ މި ބުނުމަށް ރައްދުދެއްވިއެވެ. އަދި އިޚްތިޔާރުކުރެއްވި މާނައަކީ: "އެބައިމީހުންނަކީ އެބައިމީހުންގެ މުދަލުގެ ޒަކާތް ނުދޭ މީހުންނެވެ." މީގޭ ދަލީލަކަށް ނެންގެވި އެއްކަމަކީ، 'ޒަކާތް' މި ލަފްޒު، މަޝްހޫރުވެފައިވަނީ މުދަލުން ހޭދަކުރެވޭ ޒަކާތުގެ މާނައިގައި ކަމަށް ވާތީއެވެ.[1]

ފާހަގަކުރެވޭ ކަމަކީ، މައްކީ ސޫރަތްތަކުގައި 'ޒަކާތާ' ބެހޭގޮތުން ވާހަކަދެކެވޭއިރު، ވާޖިބުކަމަށް ދޭހަކޮށްދޭ އަމުރުކުރުމުގެ ޢިބާރާތްތައް ބޭނުންކުރެވިފައި ނެތްކަމެވެ. އެކަމަކު އައިސްފައިވަނީ ޒަކާތްދިނުމަކީ މުއުމިނުންނާއި ތަޤުވާވެރިންނާއި އިޙްސާންތެރިންގެ އަސާސީ ސިފައެއްކަން އަންގައިދޭ ޢިބާރާތްތަކެވެ.[2] ޒަކާތްދޭ މީހުން ސިފަކުރެވިފައިވަނީ، ދިންނަވާނޭ މީހުންނަކީ އެބައިމީހުންކަމުގައެވެ. وَأُوْلَئِكَ هُمْ الْمُفْلِحُونَ  މާނަ: "އަދި ދިންނަވާނޭ މީހުންނަކީ، ހަމަ އެބައިމީހުންނެވެ."{އައްރޫމް:38} އަދި އަނެއްކޮޅުން ޒަކާތްނުދިނުމަކީ މުޝްރިކުންގެ ސިފައެއްކަމުގައިވެސް އައިސްފައިވެއެވެ. الَّذِينَ لا يُؤْتُونَ الزَّكَاةَ  މާނަ: "އެބައިމީހުންނީ ޒަކާތްނުދޭ މީހުންނެވެ." {ފުއްޞިލަތު:7}

ޒަކާތްދިނުމަކީ ދިންނަވާނޭ މުއުމިނުންގެ އަސާސީ ސިފައެއްކަމުގައި ވަންޏާ، އަދި ޒަކާތްނުދިނުމަކީ މުޝްރިކުންގެ ކިބައިގައިވާ ސިފައެއްކަމުގައި ވަންޏާ، އެއިން ދަލީލުކޮށްދެނީ އެއީ ވާޖިބުކަމެއްމަށެވެ. އެހެނީ މުއުމިނުންގެ ސިފަތަކުން ގަހަނާއެޅުމާއި މުޝްރިކުންގެ ސިފަތަކާ  ދުރުވުމަކީ ވާޖިބުކަމެއްކެއް ކަމާމެދު އެއްވެސް އަރާރުމެއް ނެތެވެ. އަދި އަރަހުށި މާތް ރަސްކަލާނގެ މިބަސްފުޅު ވެސް މި ވާހަކައަށް އިތުރުކޮށްލަންޖެހެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ: وَآتُوا حَقَّهُ يَوْمَ حَصَادِهِ އާޔަތުގެމާނަ: "އަދި ގޮވާން ކަނޑާ ދުވަހަކުން، އޭގެ ޒަކާތްދޭށެވެ!" {އަލްއަންޢާމް: 141}

 

*   *    *

 

މައްކާ ދުވަސްވަރު އޮތް ޒަކާތަކީ ވަކި ގޮތެއް ކަނޑައެޅިފައިވާނުވާ ޒަކާތެއް:

އެކަމަކު އިސްލާމީ ޝަރީޢަތުގެ ތާރީޚުން އެނގޭ ގޮތުގައި، ޒަކާތް ފަރުޟުކުރެވުނީ މަދީނާގައެވެ. އެހެންވިއްޔާ މިޙަޤީޤަތާއި، ޤުރުއާނުގެ މައްކީ ސޫރަތްތަކުގެ އެތަކެއް އާޔަތެއްގައި ޒަކާތުގެ  ވާހަކަ އައިސްފައި އޮތް އޮތުމާ ދެކަން ފުށުނާރާ ވާނީ  ކިހިނެއްހެއްޔެވެ؟

މީގެ ޖަވާބަކީ، މައްކީ ޤުރުއާނުގައި އައިސްފައިވާ ޒަކާތަކީ އެއީ މަދީނާގައި ޝަރަޢުކުރެވުނު، ޒަކާތާ ސީދާ އެކައްޗެއް ނޫނެވެ. މަދީނާގައި ޝަރުޢުކުރެވުނު ޒަކާތަކީ އޭގެ ނިޞާބުތަކާއި މިންވަރުތައް ކަނޑައެޅި، އަދި އެ ނެރޭށާއި ބަހަން މީހުން ފޮނުވުނު، އަދި އެކަމާ ބެހޭ  ކަންކަން ރާވައި ހިންގުމުގެ މަސްއޫލިއްޔަތު އިސްލާމީ ދައުލަތުގެ މަސްއޫލިއްޔަތަކަށް ވެފައި އޮތް އެއްޗެކެވެ.

ނަމަވެސް މައްކާގައި އޮތް ޒަކާތަކީ ޤައިދުތަކާއި ހައްދުތަކުން ދޫވެފައި އޮތް އެއްޗެކެވެ. އޭރު ޒަކާތް ދިނުން އޮތީ ފަރުދުންގެ އީމާންކަމާއި އެމީހުންގެ ކިބައިގައިވާ ދީލަތިކަމަށް ލޯބިކުރުމާއި އަދި އޭނާގެ މުއުމިން އަޚުންނާމެދު ބަހައްޓަންޖެހޭ އުޚުއްވަތްތެރިކަމުގެ ވާޖިބު އިހުސާސުވެގެން ކުރާ ކަމެއްގެ ގޮތުގައެވެ. ބައެއްފަހަރު ވަރަށް މަދު މިންވަރެއް ދިނުމުންވެސް ފުދެއެވެ. އަދި އަނެއްބައި ފަހަރު ވަރަށް ގިނައިންވެސް ދޭން ޖެހިދެއެވެ.

އަލްއިސްރާ ސޫރަތުގެ 26 ވަނަ އާޔަތާއި، އައްޛާރިޔާތި ސޫރަތުގެ 19 ވަނަ އާޔަތާއި، އަލްމަޢާރިޖު ސޫރަތުގެ 19 ވަނަ އާޔަތްފަދަ މައްކީ ސޫރަތްތަކުގެ އާޔަތްތައް ބައްލަވާފައި ބައެއް ހޯދުންތެރިން ވިދާޅުވެފައި ވަނީ، ޒަކާތް ނެރުމުގެ ކުޅަދާނަކަން ލިބިގެންވާ މުސްލިމުންގެ ބުދަލުން ވަކި މިންވަރުތަކެއް ނެރުން، ނަބިއްޔާ -ޞައްލައް ﷲ ޢަލައިހި ވަސައްލަމަ- ކަނޑައަޅުއްވާފައިވާ ކަމުގެ އިޝާރާތެއް މި އާޔަތުން ލިބޭ ކަމަށެވެ.[3]

ނަމަވެސް މިފަދައިން މިކަހަލަ އިޝާރާތެއް ޤުރުއާނުން ނެގުމަށް ތާއީދުލިބޭ އެއްވެސް ނައްޞެއް ނެތެވެ. އަދި މިހެން ވަކި މިންވަރެއް ކީރިތި ރަސޫލު -ޞައްލައް ﷲ ޢަލައިހި ވަސައްލަމަ- ކަނޑައަޅުއްވަންޖެހޭ ފަދަ ބޭނުމެއްވެސް އޭރަކު ނެތެވެ. އެހެނީ އޭރު މުސްލިމުން ދިޔައީ އެމީހުންގެ ފުރާނައާއި އަތުގައިވާހާ އެއްޗެއް ހޭދަކުރަމުންނެވެ. އަދި ހަމައެހެންމެ ޒަކާތުގެ ގޮތުގައި އޭރު މީހުން ނެރުނު 'ކަނޑައެޅިފައިވާ މިންވަރަކީ' ކޮންމެހެން  ކީރިތި ރަސޫލާ ކަނޑައެޅުއްވި މިންވަރަކަށް ވުން ލާޒިމެއް ނޫނެވެ.  ބައެއް ތަފްސީރު ޢިލްމުވެރިން ވިދާޅުވެފައިވާފަދައިން، އެއީ ހޭދަކުރާ މީހާ އަމިއްލައަށް ކަނޑައަޅާ މިންވަރަކަށް ވުމަކީ ވެދާނެ ގޮތެކެވެ. ނުވަތަ އެއީ އޭރު އޮތް ޢުރުފާއި މަސްލަޙަތާއި މީހުންގެ ބޭނުންތަކުން ކަނޑައެޅޭ މިންވަރަކަށް ވެސް ވެދާނެއެވެ.

وَالَّذِينَ هُمْ لِلزَّكَاةِ فَاعِلُونَ  އާޔަތުގެމާނަ: "އަދި އެ މީހުންނަކީ، ޒަކާތްދޭ މީހުންނެވެ." {އަލްމުއުމިނޫން:4}

މިއާޔަތް ތަފްސީރުކުރައްވަމުން އަލްޙާފިޠް އިބްނު ކަޘީރު ވިދާޅުވެފައިވަނީ: "ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ، ޒަކާތް ފަރުޟުކުރެވުނީ ހިޖުރައިން ދެވަނަ އަހަރު މަދީނާގައި ކަމަށް ވެފައި އަދި މި އާޔަތަކީ މައްކީ އާޔަތެއްކަމުގައި ވުމާއެކުވެސްމެ، މިތާނގައިވާ ޒަކާތުގެ މާނައަކީ ފަރުޟު މުދަލު ޒަކާތެވެ. ފެންނަގޮތުންވިއްޔާ، މަދީނާގައި ފަރުޟުކުރެވުނީ ވަކި ނިޞާބުތަކަކާއި މިންވަރުތަކެއް ކަނޑައެޅިފައިވާ ޒަކާތެކެވެ. އެހެނެއްކަމަކު، މައްކާގައިވެސް ޒަކާތުގެ އަސްލު އޮތީ ވާޖިބުކުރެވިފައެވެ. މައްކީ ސޫރަތެއްކަމުގައިވާ 'އަލްއަންޢާމު' ގައި މާތް ﷲ ވަޙީކުރައްވާފައިވަނީ: وَآتُوا حَقَّهُ يَوْمَ حَصَادِهِ އެވެ. އާޔަތުގެމާނަ: "އަދި ގޮވާން ކަނޑާ ދުވަހަކުން، އޭގެ ޒަކާތްދޭށެވެ!" {އަލްއަންޢާމް: 141} އެވެ.[4]

މި އާޔަތުން އިބުނު ކަޘީރު މި ފާޅުކުރެއްވި މާނައަކީ، މިފޮތުގައި އަހަރެން ކުރިން ގެނެސްދީފައިވާ އެތަކެއް އާޔަތުން ތާއީދުލިބޭ މާނައެކެވެ.

 

 

*   *    *

 

 * މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ 'ފިޤުހުއް ޒަކާތި'  (ޒަކާތުގެ ފިޤުހު)، މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.[1] ތަފްސީރުއް ޠަބަރީ ބަލާ: 24/ 93 ، އަލްޙަލަބީ ޗާޕު.

[2] މިއިން އިސްތިސްނާވަނީ، އަލްމުއްޒައްމިލު ސޫރަތުގެ ފަހު އާޔަތުގައިވާ فَاقْرَءُوا مَا تَيَسَّرَ مِنْهُ وَأَقِيمُوا الصَّلاةَ وَآتُوا الزَّكَاةَ އެވެ. އެއީ ބައެއް ޢިލްމުވެރންގެ ބަހަށް ބަލާއިރެވެ. އެބޭކަލުން ވިދާޅުވަނީ މިއީ މައްކާގައި ބާވައިލެއްވުނު އާޔަތެކެވެ. ނަމަވެސް މި އާޔަތުގައިވާ މާނައާއި އާޔަތުގެ ދިގުކަމާއި އަދި މި އާޔަތް ސޫރަތުގެ އެހެން އާޔަތްތަކާއި ވަކިވެފައިކަހަލަ ގޮތަކަށް އޮތުމުން، އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ މިއީ މަދަނީ އާޔަތެއްކަމަށެވެ.

[3] ޤުރުއާނުން ނެގިފައިވާ ކީރިތި ރަސޫލާގެ ސިޔަރަތު، މުޙައްމަދު ޢިއްޒަތު ދަރޫޒާ، 2/ 341

[4] ތަފްސީރު އިބުނު ކަޘީރު: 3/ 238،239 – އަލްޙަލަބީ ޗާޕު.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.