ހޮނިހިރު20171014

އާކުރެވުނީ: 09:46:14

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޒަކާތުގެ ފިޤުހު: މިސްކީނުންނަށް ކާންދިނުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް

ޒަކާތުގެ ފިޤުހު: މިސްކީނުންނަށް ކާންދިނުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއް

fiqh-zakaat-miskeenunnaއަލްމުއްދައްޘިރު ސޫރަތުގައި –އެއީ ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު ސޫރަތްތަކުގެ ތެރެއިން ސޫރަތެއް- އާޚިރަތް ދުވަހުގެ މަންޒަރުތަކުގެ ތެރެއިން މަންޒަރެއް، ޤުރުއާން ގެނެސްދީފައިވެއެވެ. އެއީ، ދޮގުކޮށް ކުފުރުވެގަތް މީހުން ނަރަކައިގައި ތިބޭ މަންޒަރު ފެނިގެން، ސުވަރުގޭގައި ތިބޭ ކަނާތްފަރާތުގެ އަހުލުވެރިން، އެ ކުށްވެރިންނާމެދު އެކަކު އަނެކަކާ ސުވާލުކުރާ މަންޒަރެވެ. ނަރަކައަށް ވަނީ ކީއްވެގެންތޯ، ސުވަރުގެވެރިން ނަރަކަވެރިންނާ ސުވާލުކުރެއެވެ.

ނަރަކައަށް ވަންނަންޖެހުމުގެ ސަބަބެއް ކަމަށް، ޖަވާބުގައި ނަރަކަވެރިން ބުނަނީ، މިސްކީނުންގެ ޙައްޤުތަކާމެދު ފަރުވާކުޑަކޮށް، ބަނޑުހައިހޫނު ކަމާއި އަންނައުނު ނުލިބި އޮރިއާން ހާލުގެ ޝިކާރައަކަށް، ފަޤީރުން ދޫކޮށްލުމެވެ. މިސްކީނުންނަށް އެހީނުވެ ފުރަގަސްދިނުމެވެ.  މާތް ﷲ ވަޙީކުރައްވަނީ: كُلُّ نَفْسٍ بِمَا كَسَبَتْ رَهِينَةٌ (38) إِلاَّ أَصْحَابَ الْيَمِينِ (39) فِي جَنَّاتٍ يَتَسَاءَلُونَ (40) عَنْ الْمُجْرِمِينَ (41) مَا سَلَكَكُمْ فِي سَقَرَ (42) قَالُوا لَمْ نَكُ مِنَ الْمُصَلِّينَ (43) وَلَمْ نَكُ نُطْعِمُ الْمِسْكِينَ (44) وَكُنَّا نَخُوضُ مَعَ الْخَائِضِينَ (45) وَكُنَّا نُكَذِّبُ بِيَوْمِ الدِّينِ (46)

އާޔަތްތަކުގެ ތަފްސީރީމާނަ: "ކޮންމެ ނަފްސެއް ވެސް އެ ނަފްސެއް ކުރި ނުބައިކަމަކާއި ހޯދައިގަތް ފާފަތަކުން، ބަނދެވިގެންވެއެވެ. އަދާކުރަންޖެހޭ ޙައްޤުތަކާއި ލިބެންޖެހޭ ޢޫޤޫބާތްތައް ފުރިހަމަނުވަނީސް، އޭނާ އެއިން ސަލާމަތެއް ނުވާނެއެވެ. (38) ނަމަވެސް އެއީ ކަނާތްފަރާތުގެ އަހުލުވެރިން މެނުވީއެވެ. އެމީހުން ވަނީ، ފާފަތަކާ ދުރުވެ އަދި ކުޅަ ހެޔޮ ޢަމަލުތަކުގެ ސަބަބުން އެ ބަނދެވުމުން ސަލާމަތްވެފައެވެ. (39) މިމީހުން ތިބެނީ ސުވަރުގެތަކެއްގައި، އެކަކު އަނެކަކާ ސުވާލުކުރާހާލުގައެވެ. (40) އަމިއްލަ ނަފްސަށް އަނިޔާވެރިވި ކާފިރުންނާ ބެހޭގޮތުންނެވެ. (41) ތިޔަބައިމީހުން ނަރަކައަށް ވެއްދީ ކޮންކަމަކާހެދިހޭ، ނަރަކަވެރިން ގާތު އެމީހުން އަހައެވެ. (42) ނަރަކަވެރިން ބުނާނެތެވެ. ދުނިޔޭގައި އުޅުނުއިރު، ނަމާދުކުރާ މީހުންގެ ތެރެއަކުން އަހަރެމެން ނުވަމުއެވެ.(43) އަދި އަހަރެމެން މިސްކީނުންނަށް ކާންދީ، އެމީހުންނަށް ޞަދަޤާތްދީ، ހެޔޮކޮށް ހިތައި ވެސް ނޫޅެމެވެ. (44) އަދި ބާޠިލުވާހަކަދައްކާ މީހުންނާއެކުގައި، އަހަރެމެން ބާޠިލުވާހަކަ ދައްކައިއުޅުނީމެވެ. (45) އަދި، ހިސާބުބައްލަވާ ޖަޒާދެއްވާނެ ޤިޔާމަތްދުވަސް އޮތްކަން، އަހަރެމެން ދޮގުކޮށް އުޅުނީމެވެ. (46) {އަލްމުއްދައްޘިރު:38-46}

މި އާޔަތުގައި އޮތީ، މިސްކީނުންނަށް ކާންދިނުމުގެ ވާހަކަ އެކަނި ކަމުގައިވިޔަސް، މިސްކީނުންނަށް އަންނައުނު ހޯދައިދީ، އެމީހުން ބޯހިޔާވަހިކޮށްދީ، އެމީހުންގެ ޟަރޫރަތްތަކާއި ބޭނުންތައް ފުއްދައިދިނުކަމީ، ކާންދިނުމާ އެއްފަދަ އަދި މުހިއްމު ކަންކަމެވެ.

ދެން 'އަލްޤަލަމް' ސޫރަތުގައި، މާތް ﷲ، އެކަލާނގެ އަޅުތަކުންނަށް ކިޔާދެއްވަނީ، މޭވާބިންނަދުވަހު ކޮންމެވެސް އެތިކޮޅެއް ލިބެން އާދަވެފައިތިބި ފަޤީރުންތަކަކަށް، އެ އެތިކޮޅުވެސް ނުދޭންވެގެން، އެމީހުންނަށް ސިއްރުން ފަތިހު އަލިނުވިލެނީސް މޭވާބިންނަން ވަޢްދުވެ އެއްބަސްވި، ދަނޑު ބަގީޗާވެރި ބައެއްގެ ވާހަކައެވެ. އެމީހުންނަށް ލިބުނު ދުނިޔަވީ އަވަސް ޢުޤޫބާތުގެ ވާހަކައެވެ.

إِنَّا بَلَوْنَاهُمْ كَمَا بَلَوْنَا أَصْحَابَ الْجَنَّةِ إِذْ أَقْسَمُوا لَيَصْرِمُنَّهَا مُصْبِحِينَ (17) وَلا يَسْتَثْنُونَ (18) فَطَافَ عَلَيْهَا طَائِفٌ مِنْ رَبِّكَ وَهُمْ نَائِمُونَ (19) فَأَصْبَحَتْ كَالصَّرِيمِ (20)  فَتَنَادَوا مُصْبِحِينَ (21) أَنْ اغْدُوا عَلَى حَرْثِكُمْ إِنْ كُنتُمْ صَارِمِينَ (22) فَانطَلَقُوا وَهُمْ يَتَخَافَتُونَ (23) أَنْ لا يَدْخُلَنَّهَا الْيَوْمَ عَلَيْكُمْ مِسْكِينٌ (24) وَغَدَوْا عَلَى حَرْدٍ قَادِرِينَ (25) فَلَمَّا رَأَوْهَا قَالُوا إِنَّا لَضَالُّونَ (26) بَلْ نَحْنُ مَحْرُومُونَ (27) قَالَ أَوْسَطُهُمْ أَلَمْ أَقُلْ لَكُمْ لَوْلا تُسَبِّحُونَ (28) قَالُوا سُبْحَانَ رَبِّنَا إِنَّا كُنَّا ظَالِمِينَ (29) فَأَقْبَلَ بَعْضُهُمْ عَلَى بَعْضٍ يَتَلاوَمُونَ (30) قَالُوا يَا وَيْلَنَا إِنَّا كُنَّا طَاغِينَ (31) عَسَى رَبُّنَا أَنْ يُبْدِلَنَا خَيْراً مِنْهَا إِنَّا إِلَى رَبِّنَا رَاغِبُونَ (32) كَذَلِكَ الْعَذَابُ وَلَعَذَابُ الآخِرَةِ أَكْبَرُ لَوْ كَانُوا يَعْلَمُونَ (33)

އާޔަތްތަކުގެ ތަފްސީރީމާނަ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، މައްކާގެ އަހުލުވެރިން، ބަނޑުހައިކަމާއި ހަނަފަސްކަމުން އިމްތިޙާނުކުރެއްވީމެވެ. އެއީ ބަގީޗާގެ އަހުލުވެރިން، މިސްކީނަކަށް އެއިން އެއްޗެއް ނުދޭންވެގެން، ހެނދުނު ހެނދުނާ މޭވާބިންނާނޭކަމަށް ހުވާކުރިހިނދު، ތިމަންރަސްކަލާނގެ އެމީހުން އިމްތިޙާނުކުރެއްވި ފަދައިންނެވެ. (17) އަދި އެމީހުން މޭވާބިންނާނަމޭ ބުނެ ކަނޑައެޅިއިރު، ﷲ އިރާދަފުޅުކުރެއްވިއްޔާއޭ ވެސް، އެމީހުން ނުބުނެއެވެ. (18) ފަހެ އެރޭ އެމީހުން ނިދާފައިތިއްބާ، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބަލާއެއް، އެ ބަގީޗާގެ މައްޗަށް އައެވެ. (19) ދެން އެ ބަގީޗާގެ ގަސްތައް އަނދައި ދެއްޔަށްވެ، ކަޅުއަނދިރި ރޭގަނޑެއް ފަދައިންވިއެވެ. (20) އެއުރެން ހެނދުނު އެކަކު އަނެކަކަށް ގޮވައިހެދިއެވެ. (21) ކަލޭމެން މޭވާ ބިންނަން ތިބިނަމަ، ދަނޑުތަކަށް ހެނދުނާ އަވަހަށް ހިނގާށެވެ! (22) ފަހެ، އެމީހުން ސިއްރުސިއްރުން ވާހަކަދައްކަމުން އަވަސްއަވަހަށް ދަނޑަށް ދިޔައެވެ. (23) އެމީހުން ބުނަމުންދިޔައެވެ: މިއަދު ތިޔަބައިމީހުންގެ ގާތަށް އެ ބަގީޗާއަށް އެއްވެސް މިސްކީނަކު ވަނަދީގެނެއް ނުވާނެތެވެ. (24) އަދި ފަޤީރުންނަށް ނުދިނުމަށް ކުޅަދާނަކަން ލިބިގެންވާކަމަށް ހީކޮށް، އެކަމުގެ ޤަސްދުގައި ހެނދުނާ އެމީހުން ދިޔައެވެ. (25) ފަހެ، އެމީހުންނަށް އެ ބަގީޗާގެ ގަސްތަކަށް ޖެހިފައިވާ ހާލު ފެނުނުހިނދު، ލޮލަށް ފެނުނު މަންޒަރު ޔާޤީންނުވެގެން، ބުންޏެވެ. ހަމަކަށަވަރުން، އަހަރެމެން މިތިބީ މަގުއޮޅިފައެވެ. މިއީ އަހަރެމެންގެ ބަގީޗާއަކަށް ނުވާނެއެވެ! (26) އަދި ހަމަހޭޖެހި، އެއީ ހަމަ އެމީހުންގެ ބަގީޗާކަން ޔަޤީންކޮށް ބުންޏެވެ: ބަގީޗާ އޮޅުނީއެއް ނޫނެވެ. އަހަރެމެންގެ ދަހިކަމުން، މިސްކީނަކަށް އެއްޗެއް ނުދޭން އުޅެން ހަދައިގެން، ބަގީޗާގެ މޭވާއާއި އޭގެ ބަރަކާތުން މަޙްރޫމުވެގެންވާ ބަޔަކަށް ވީއެވެ. (27) އެމީހުންކުރެ އެންމެ ހެޔޮ، ޢަދުލުވެރި މީހާ ބުންޏެވެ: ތިޔަބައިމީހުން ﷲ ހަނދުމަކޮށް، ﷲ އިރާދަކުރެވިއްޔާއޭ ބުނާށޭ، ތިމަން ނުބުނަންހެއްޔެވެ؟ (28) ދެން އެހިނދު އެމީހުން ރަނގަޅު ވިސްނުމަށް ރުޖޫޢަވެ ބުންޏެވެ: އަހަރެމެންގެ ވެރިރަސްކަލާނގެ، އަނިޔާވެރިކަމުން ހުސްޠާހިރުވެވޮޑިގަންނަވައެވެ. އަހަރެމެންނަށް މިދިމާވިކަމަކީ ހަމަކަށަވަރުން، އަހަރެމެންގެ ނަފްސުގެ އަނިޔާވެރިކަމުން ވީކަމެކެވެ. (29) ދެން، އެބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ކުރިމަތިލައި އެއްބަޔަކު އަނެއްބައެއްގެ ބޮލުގައި ކުށުގެ މަލާމާތް އަޅުވައި ހެދިއެވެ. (30) އެމީހުން ބުންޏެވެ: އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ހަމަކަށަވަރުން އަހަރެމެންވީ، ފަޤީރުން މަޙްރޫމުކޮށް ﷲ ގެ އަމުރުފުޅާ ޚިލާފުވުމުގެ ސަބަބުން، ފުރެދުމުގައި ހައްދުފަހަނައަޅާފައިވާ ބަޔަކުކަމުގައެވެ. (31) ކުށަށް އިޢްތިރާފުވެ ތައުބާވީމާ، އަޅަމެންގެ ވެރިރަސްކަލާނގެ އޭގެ ބަދަލުގައި އެއަށްވުރެ ހެޔޮވެގެންވާ ނިޢްމަތެއް އަޅަމެންނަށް ދެއްވައިފާށިއެވެ! ހަމަކަށަވަރުން، އަހަރެމެންވަނީ އަހަރެމެންގެ ވެރިރަސްކަލާނގެ ހަޟްރަތުން، އެކަލާނގެ ނިޢްމަތާއި އަދި އެކަލާނގެ ޢަފޫކުރެއްވުމަށް އެދިއެދިތިބޭ ބަޔަކުކަމުގައެވެ. (32) ﷲ ގެ އަމުރުފުޅާއި ޚިލާފުވެ، ދެއްވި ނިޢްމަތްތަކަށް ދަހިވެތިވެ، އޭގައިވާ ﷲ ގެ ޙައްޤު އަދާނުކުރާ ކޮންމެ ބަޔަކަށް ވެސް، ދުނިޔޭގައި ޣަޛާބު ހުރީ އެފަދައިންނެވެ. އަދި އާޚިރަތުގެ ޢަޛާބު އެއަށްވުރެ މާބޮޑުކަން ކަށަވަރެވެ. އެކަން އެއުރެންނަށް އެނގޭނެނަމައެވެ. (33) {އަލްޤަލަމް 19-33}

މިސްކީނުން ބެލެހެއްޓުމަށް ބާރުއެޅުން:

މައްކީ ޤުރުއާނުގައި، މިސްކީނުންގެ މައްޗަށް ރަޙުމް ބެހެއްޓުމަށާއި އެމީހުންނަށް ކާންދިނުމަށާއި އަޅާލުން ބެހެއްޓުމަށް ހިތްވަރުދީ، އަދި މިސްކީނުން އިހުމާލުކޮށް އެމީހުންނާމެދު ހަރުކަށިވާ މީހުންނަށް އިންޒާރުދީފައި، އެވަރުން ފުއްދާލީއެއް ނޫނެވެ. ކިއެއްތަ، މީގެ އިތުރުން ކޮންމެ މުއުމިނެއްގެ ކަނދުރާގައި ވަނީ، މިސްކީނުންނަށްވާ ޙައްޤެއް އަޅުވާފައެވެ. އެއީ މިސްކީނުންނަށް ކާންދީ މިސްކީނުންނާ އަޅާލާން، އެހެން މީހުންނަށް ގޮވާ ބާރުއެޅުމެވެ. އަދި މިކަމަށް ބާރު ނޭޅުމަކީ، ﷲ އަށް ކުފުރުވުމާ ގުޅިފައިވާ ކަމެއްކަމަށާއި، އަދި އެއީ މާތް ﷲ ގެ ކޯފާއާއި، އާޚިރަތްދުވަހުން އެކަލާނގެ ޢަޛާބު ލިބޭނެ ކަމެއްކަން ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ.

މިގޮތުން ވާއަތްފަރާތުގެ އަހުލުވެރިންނާ ބެހޭގޮތުން، އަލްޙާއްޤާ ސޫރަތުގައި، މާތް ﷲ ވަޙީކުރައްވާފައިވަނީ:  وَأَمَّا مَنْ أُوتِيَ كِتَابَهُ بِشِمَالِهِ فَيَقُولُ يَا لَيْتَنِي لَمْ أُوتَ كِتَابِيَهْ (25) وَلَمْ أَدْرِ مَا حِسَابِيَهْ (26) يَا لَيْتَهَا كَانَتْ الْقَاضِيَةَ (27) مَا أَغْنَى عَنِّي مَالِيَهْ (28) هَلَكَ عَنِّي سُلْطَانِيَهْ (29)

އާޔަތްތަކުގެ ތަފްސީރީމާނަ: "އަދި އެމީހެއްގެ ޢަމަލުތަކުގެ ފަތް، އެމީހެއްގެ ވާތަށް ލިބުނުމީހާ، ފަހެ ބުނާނެތެވެ. އޭ ސަހަރޯއެވެ! ތިމަންގެ ފަތް ތިމަންގެ އަތަށް ނުދެއްވިނަމަ ކިހާ ރަނގަޅުވީސްހެއްޔެވެ؟ * އަދި ތިމަންގެ ހިސާބު ތިމަންނާއަށް ނޭނގުނުނަމަ ކޮންފަދަހެއްޔެވެ! * އޭ ސަހަރޯއެވެ! ދުނިޔޭގައި މަރުވި މަރުވުން އެއީ ނިމުންކަމުގައިވެ، އަލުން ނުދިރުއްވުނުނަމަ ކޮންފަދަހެއްޔެވެ! * ދުނިޔޭގައި ޖަމާކުރި މުދަލުން، މިއަދު ތިމަންނާއަށް އެއްވެސްކަމެއް ފުއްދައެއް ނުދިނެވެ. * ތިމަންގެ އާރާއިބާރު، ތިމަންގެ ކިބައިން ނެތިހިނގައްޖެއެވެ." {އަލްޙާއްޤާ: 25-29}

ދެން މިއަށްފަހު ޢާލަމްތަކުގެ ވެރިރަސްކަލާނގެ، އޭނާއަށް ޙައްޤުވެގެންވާ ފުރިހަމަ ޢުޤޫބާތް ދެއްވަން، ޢަދުލުވެރި ޙުކުމްކުރައްވާނެއެވެ.  خُذُوهُ فَغُلُّوهُ (30) ثُمَّ الْجَحِيمَ صَلُّوهُ (31) ثُمَّ فِي سِلْسِلَةٍ ذَرْعُهَا سَبْعُونَ ذِرَاعاً فَاسْلُكُوهُ (32)

އާޔަތްތަކުގެ ތަފްސީރީމާނަ: "ދެން ޒަބާނިއްޔަ މަލާއިކަތުންނަށް، ﷲ އަންގަވާނެތެވެ: އޭނާ ހިފައި ކަނދުރާއާއެކު ކަސްތަޅު އަޅާށެވެ! * ދެން އޭނާ، އަލިފާނުން ފިހެން ނަރަކައަށް ވައްދާށެވެ! * ދެން ހަތްދިހަ މުށުގެ ދިގުމިންހުރި ހިލިހިލާއެއްގައި އޭނާ ހިލިހިލާޖަހާށެވެ!" {އަލްޙާއްޤާ: 30-32}

އެކަމަކު އެންމެންގެ ކުރިމަތީގައި މިފަދަ ވޭންދެނިވި ގަދަފަދަ ޢަޛާބެއް، އޭނާއަށް ލިބުނީ ކީއްވެހެއްޔެވެ؟ މިސުވާލުގެ ޖަވާބަކީ: إِنَّهُ كَانَ لا يُؤْمِنُ بِاللَّهِ الْعَظِيمِ (33) وَلا يَحُضُّ عَلَى طَعَامِ الْمِسْكِينِ (34)

އާޔަތްތަކުގެ މާނަ: "ހަމަކަށަވަރުން، އޭނާ މާތް ﷲ އަށް އީމާންވާކަމުގައެއް ނުވެއެވެ.* އަދި މިސްކީނުންނަށް ކާންދިނުމަކަށް އޭނާ ބާރުއަޅާކަމުގައެއް ނުވެއެވެ." {އަލްޙާއްޤާ: 33-34}

އާދެ، މިސްކީނުންނަށް ކާންދޭން އެކަކު އަނެކަކަށް ބާރުއަޅާ އެކަމަށް ގޮވާ ނުއުޅުމެވެ.

އަބުއް ދަރުދާއު އޭނާގެ އަނބިކަނބަލުން ގާތު، ވިދާޅުވި ވާހަކަ ވިދާޅުވާންޖެހުނީ ވެސް، ހިތް މުލުންލުހެވިގެންދާފަދަ ވަރުގަދަ އިންޒާރާއި ވޭންދެނިވި ޢަޛާބު ހިމެނިގެންވާ މި އާޔަތްތަކުގެ ސަބަބުންނެވެ. އޭނާގެ އަނބިކަނބަލުންނަށް ވިދާޅުވިއެވެ: "އޭ އުއްމުއް ދަރުދާއުއެވެ! މާތް ﷲ ނަރަކަ ހެއްދެވީއްސުރެ، މީހުންގެ ކަރުގައި އެ އެޅުވެންދެން ކައްކާ ހޫނުކުރެވޭ، ހިލިހިލާއެއް އޮވެއެވެ. މާތްވެވޮޑިގެންވާ ﷲ އަށް އަހަރެމެން އީމާންވީމާ، މި ޢަޛާބުގެ އެއްބައިން އަހަރެމެން ވަނީ ސަލާމަތްވެފައެވެ. ވީމާ އުއްމުއް ދަރުދާއެވެ. މިސްކީނުންނަށް ކާންދޭން ބާރުއަޅާ އެކަމަށް ގޮވާށެވެ"[1]

މިސްކީނުން ބެލެހެއްޓުމަށް ބާރުއަޅާ ނުގޮވުމަކީ، ނަރަކައަށް ވަންނަންޖެހި އެތާނގެ ވޭންދެނިވި ޢަޛާބު ލިބެންޖެހޭ ކަމެއްކަމަށް ބުނާ އެއްވެސް ފޮތެއް، ކީރިތި ޤުރުއާނުގެ ކުރިން، ދުނިޔެ ދެކެފައި ނެތެވެ.

އަލްފަޖްރު ސޫރަތުގައި، މާތް ﷲ އާ ކުއްތަންކޮށްދޭ ދީނެއް އެމީހުންގެ އޮންނަކަމަށާއި، އަދި އެމީހުން ތިބީ އެމީހުންގެ ބައްޕަ އިބްރާހީމުގެފާނުގެ ދީނުގެ ކޮންމެވެސް މިންވަރެއްގައި ހިފަހައްޓައިގެން ކަމަށް، ހީކޮށްގެން ތިބި، ޖާހިލީ ޒަމާނު މީހުންނާ މުޚާޠަބުކުރައްވާ، ﷲ ވަޙީކުރައްވާފައިވެއެވެ: كَلاَّ بَل لا تُكْرِمُونَ الْيَتِيمَ (17) وَلا تَحَاضُّونَ عَلَى طَعَامِ الْمِسْكِينِ (18)

އާޔަތްތަކުގެ ތަފްސީރީމާނަ: "ކަން އޮތީ ކަލޭމެން ތިހީކުރާހެނެއް ނޫނެވެ. މާތްކަން ލިބެނީ ﷲ އަށް ކިޔަމަންތެރިވުމުންނެވެ. ނިކަމެތިކަން ލިބެނީ ﷲ އަށް އުރެދުމުންނެވެ. * އަދި ތިޔަބައިމީހުން ޔަތީމުންނަށް މާތްކޮށެއް ނުހިތަމުއެވެ. އެމީހުންނާމެދު ހެޔޮ މުޢާމަލާތެއް ނުކުރަމުއެވެ." {އަލްފަޖުރު: 17- 18}

މި އާޔަތުގައިވާ 'ތަޙާއްޟު' ގެ މާނައަކީ އެއްބަޔަކަށް އަނެއް ބަޔަކަށް ބާރުއެޅުމެވެ. ވީމާ މިއާޔަތުގައި، މިސްކީނުންނާ އަޅާލާ ބަލަހައްޓަން، މުޖްތަމަޢްގެ އެއްބަޔަކު އަނެއްބަޔަކާ ބައިވެރިވެ އެހީތެރިވާން ގޮވާލާފައިވެއެވެ.

މިގޮތުން އައްޝައިޚް މުޙައްމަދު ޢަބްދު ވިދާޅުވެފައިވެއެވެ: "މި އާޔަތުގައި، ކާންދިނުމޭ ވަޙީނުކުރައްވާ، ވަޙީކުރެއްވީ ކާންދިނުމަށް އެއްބަޔަކު އަނެއްބަޔަކަށް ބާރުއަޅާވާހަކައެވެ. 'ކަލޭމެން މިސްކީނުންނަށް ކާންނުދެޔޭ' އޮތުމުގެ ބަދަލުގައި އޮތީ 'ކަލޭމެން މިސްކީނުންނަށް ކާންދޭން ބާރުނާޅާ' ވާހަކައެވެ. މި ގޮތަށް މި އާޔަތުގައި އޮތުމުގެ ބޭނުމަކީ، އުއްމަތުގެ މީހުންނަކީ އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ބައިވެރިވާ ބައެއްކަމާއި، ތިމާ އަމުރުކުރާ ކޮންމެ ކަމެއްގައި އިލްތިޒާމުވެ އަދި ނަހީކުރާ ކޮންމެ ކަމަކުން ދުރުވެހުރެ، ހެޔޮކަންތަކަށް އެހެން މީހުންނަށް އަމުރުކޮށް ނުބައިކަންތަކުން ނަހީކުރަންޖެހޭނެކަން ބަޔާންކުރުމެވެ."[2]

އަދި ޔަތީމުންނަށް އިހާނެތިކޮށްހިތައި، މިސްކީނުންނާ އަޅާނުލުމަކީ، ކުފުރާއި ޤިޔާމަތްދުވަހާއި އެދުވަހުގެ ޖަޒާ ދޮގުކުރުމާ ގުޅިފައިވާ ދެކަންކަން، އަލްމާޢޫން ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ: أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ

އާޔަތުގެމާނަ: "ޤިޔާމަތްދުވަހުން ޖަޒާދެއްވާނޭކަން ދޮގުކުރާމީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ؟ " {އަލްމާޢޫން: 1}

މިއާޔަތުގައި އަސްލު މުޚާޠާބުކުރެވިފައިވަނީ ކީރިތި ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ކަމުގައިވިޔަސް، އާޔަތް ކިޔާ އަދި އަޑުއިވޭ ކޮންމެ މީހަކާވެސް މި އާޔަތް މުޚާޠަބުކުރެއެވެ. އާދެ، ޤިޔާމަތް ދުވަސް އަންނާނެކަމާއި އަދި އެދުވަހުން ޖަޒާލިބޭނެކަން ދޮގުކުރަނީ ކާކުކަން ކަލެއަށް އެނގޭހެއްޔެވެ؟ ނޭނގޭނަމަ އެއީކާކުކަން ދަންނާށެވެ. އެއީ:  فَذَلِكَ الَّذِي يَدُعُّ الْيَتِيمَ (2)  وَلا يَحُضُّ عَلَى طَعَامِ الْمِسْكِينِ (3)

އާޔަތްތަކުގެ މާނަ: "ފަހެ އެއީ، ޔަތީމުކުއްޖާ ކޮއްޕައި ދުރަށްލާ މީހާއެވެ.(2) އަދި މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް އެހެން މީހުންނަށް ބާރުނާޅާ މީހާއެވެ.(3)" {އަލްމާޢޫން: 2-3}

ޝައިޚް ވިދާޅުވިއެވެ: "މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުއެޅުމަކީ، އެކަމަށް އެހެން މީހުންނަށް ހިތްވަރުދިނުމެވެ. އެކަމަށް ގޮވާލުމެވެ. މިސްކީނުންނަށް ކާންދޭން މީހުންނަށް ބާރުނާޅާ މީހެއްވިއްޔާ ގިނަފަހަރަށް އަމިއްލައަށްވެސް މިސްކީނަކަށް ކާންނުދޭނެއެވެ. ވީމާ އާޔަތުގައި 'މީސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާއޭ' އޮތުމުގެ މުރާދަކީ، އަމިއްލައަށް އާމްދަނީއެއް ނުހޯދޭ، ކާއެއްޗަކަށް ބޭނުންޖެހިފައިވާ ފަޤީރުންނަށް، އަމިއްލަ ފައިސާއިން އެއްޗެއް ނުދޭ މީހާއެވެ. މިޢިބާރާތުން މި އާޔަތް އޮތުމުގެ ބޭނުމަކީ، މިސްކީނަކަށް ދޭނެ އެއްޗެއް ކަލޭ އަމިއްލަ އަތުގައި ނެތިއްޔާ، އެހެން މީހުން ގާތުގައި އެ މިސްކީނަށް އެއްޗެއްދޭން ބުނެ އެކަމަށް ބާރުއަޅަންޖެހޭނެކަން، އަންގައިދިނުމެވެ. އަދި މި އާޔަތުން އެނގެނީ، ޤިޔާމަތްދުވަސް ތެދުކޮށް އީމާންވާމީހުން، އެހެންމީހުން އަތުން އަތުލައިގެން ވެސް، ފަޤީރުންނަށް އެހީތެރިވެ އެމީހުންގެ ބަނޑުހައިހޫނުކަމުން ސަލާމަތްކޮށްދޭން، މަސައްކަތްކުރަންޖެހޭނެކަމެވެ. އާދެ، މިޒަމާނުގެ ގޮތުންނަމަ ޚައިރީ ޖަމްޢިއްޔާތަކުންނެވެ. ވީމާ ޚައިރީ ޖަމްޢިއްޔާތަކުގެ އަސްލު ޤުރުއާނުން ސާބިތުވާންވެސް އެބައޮތެވެ. އަދި ހަމަ މިބީދައަކުން، މިވާހަކަ، އަލްފަޖްރު ސޫރަތުގައި ވެސް އައިސްފައި އެބައޮތެވެ. كَلاَّ بَل لا تُكْرِمُونَ الْيَتِيمَ (17) وَلا تَحَاضُّونَ عَلَى طَعَامِ الْمِسْكِينِ (18)

އާޔަތްތަކުގެ ތަފްސީރީމާނަ: "ކަން އޮތީ ކަލޭމެން ތިހީކުރާހެނެއް ނޫނެވެ. މާތްކަން ލިބެނީ ﷲ އަށް ކިޔަމަންތެރިވުމުންނެވެ. ނިކަމެތިކަން ލިބެނީ ﷲ އަށް އުރެދުމުންނެވެ. * އަދި ތިޔަބައިމީހުން ޔަތީމުންނަށް މާތްކޮށެއް ނުހިތަމުއެވެ. އެމީހުންނާމެދު ހެޔޮ މުޢާމަލާތެއް ނުކުރަމުއެވެ." {އަލްފަޖުރު: 17- 18}

ފަޤީރުންނަށް އެހީތެރިވެ، މިސްކީނުންގެ ބޭނުންތައް ފުއްދައިދޭން، މިގޮތަށް އެއްބަޔަކު އަނެއްބަޔަކަށް ފަޤީރުންނަށް އެހީތެރިވާން ބާރުއެޅުމަކީ ކިތަންމެހާވެސް ރަނގަޅު ގޮތެކެވެ."[3]

ޤިޔާމަތްދުވަހަށް އީމާންނުވާ މީހަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން، އެމީހުންގެ ސިފަތައް އިތުރަށް ވަޙީކުރައްވާފައިވެއެވެ: فَوَيْلٌ لِلْمُصَلِّينَ (4) الَّذِينَ هُمْ عَنْ صَلاتِهِمْ سَاهُونَ (5) الَّذِينَ هُمْ يُرَاءُونَ (6)  وَيَمْنَعُونَ الْمَاعُونَ (7)

އާޔަތްތަކުގެ މާނަ: "ފަހެ އެއުރެންގެ ނަމާދާމެދު ފަރުވާކުޑަކޮށް، ނަމާދާމެދު ޣާފިލުވެތިބެ، ނަމާދަކަށް ނުވާ ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކުހުއްޓެވެ. * އެމީހުންނަކީ، ކަންދެއްކުމަށް ނަމާދުކުރާ  މީހުންނެވެ. * އަދި ހިފައިގެންގުޅޭ ތަކެތި، ބޭނުންކޮށްލަން ވެސް މީހުންނަށް ނުދީ، މަނާކުރާ މީހުންނެވެ."

އިބްނު ކަޘީރު އޭނާގެ ތަފްސީރުގައި ވިދާޅުވިއެވެ: "އެބަހީ، އެމީހުން އެމީހުންގެ ކަލާނގެއަށް އަޅުކަންކުރުމުގައި އިޙްސާންތެރިނުވެއެވެ. އަދި އެކަލާނގެ އަޅުތަކުންނަށް ވެސް އިޙްސާންތެރި ނުވެއެވެ. ބޭނުން ހިފުމަށްފަހު އެއޮތް ގޮތަށް އަނބުރާ ގެންނަގޮތަށް، މީހަކަށް އެއްޗެއް ދޭންވެސް، އެންމެ ކުޑަމިނުން އެމީހުން ޤަބޫލެއް ނޫނެވެ. ފަހެ މިފަދަ މީހުން، ޒަކާތްދިނުމާއި އަދި އެހެނިހެން ހެޔޮކަންތައްތައް ނުކުރުން، އަދި މާ އައުލާކަންބޮޑެވެ."[4]

ފަހެ މިކަހަލަ މީހުންނަކީ، ކުރާ ނަމާދަކުން މަންފާއެއްވާ ބައެއް ނޫނެވެ. އަދި ނަމާދުކުރިއަސް އެމީހުންނަކީ، ޤިޔާމަތްދުވަސް ތެދުކުރާ މީހުންގެ ތެރޭގައި ގުނޭނެ ބައެއް ނޫނެވެ.

 

*   *   *    *

 

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ 'ފިޤުހުއް ޒަކާތި'  (ޒަކާތުގެ ފިޤުހު)، މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

 

 

 



[1] އަލްއަމްވާލު: ޞ350

[2] ޢައްމާ ފޮތުގެ ތަފްސީރު، ޞ83

[3] ޢައްމާ ފޮތުގެ ތަފްސީރު، ޞ162

[4] އިބްނު ކަޘީރު:4/555

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.