ހޮނިހިރު20180922

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ކަންކަމާއި އެއްޗެހީގައި އަސްލަކީ ހުއްދަވުން

ކަންކަމާއި އެއްޗެހީގައި އަސްލަކީ ހުއްދަވުން

halaal-haraam-1ތަޢާރަފްތަކެއް

ޙަލާލް: އެއީ ދީނުގައި މަނާކުރެވިފައި ނުވާ، އެކަން ކުރުން ޝަރުޢުގައި ހުއްދަކުރެވިފައިވާ ކަންތަކެވެ.

ޙަރާމް: އެއީ ޝަރުޢުގައި އެކަން ކުރުން ކަނޑައެޅިގެން ނަހީކޮށްފައިވާ ކަންތަކެވެ. އަދި މި ނަހީކުރުމާ ޚިލާފުވެ މިފަދަ ކަމެއް ކޮށްފި މީހަކަށް، އާޚިރަތް ދުވަހު ﷲ ގެ ޢުޤޫބާތް ލިބޭނެއެވެ. އަދި މިފަދަ ކަންކަމަށް ދުނިޔޭގައި ދޭން ކަނޑައެޅިފައިވާ ޝަރުޢީ ޢުޤޫބާތެއް ވެސް ފަހަރެއްގައި އޮވެދާނެއެވެ.

މަކްރޫހަ: ޝަރުޢުގައި ކަމެއް މަނާކޮށްފައި، ނަމަވެސް އެހާ ވަރުގަދައަށް އެކަމެއް މަނާ ނުކުރާ ކަންތަކަށް ކިޔަނީ 'އަލްމަކްރޫހް' އެވެ. އަދި އެއީ ޙަރާމް ކަންތަކުގެ ދަރަޖައަށް ނުދާ ކަންތަކެވެ. މިފަދަ ކަމެއް ކުރާ މީހާއަށް، ޙަރާމްކަންތަކުން ލިބޭފަދަ ޢުޤޫބާތެއް ނުލިބޭނެއެވެ. އެހެނެއްކަމަކު، މިފަދަ ކަންތައް ކުރުމުގައި ދެމިހުރެ، އެއީ އާދައިގެ ކުޑަކަމެއް ކަމަށް ބަލައި އެކަން ދޫނުކޮށް ހުރެއްޖެނަމަ، އެއީ އެމީހަކު ޙަރާމްކަންތައް ކުރުމަށް ޖެހިލުންކަނޑުވައިދޭ ކަމެކެވެ.

އެއްވަނަ ބާބު

- ކަންކަމާއި އެއްޗެހީގައި އަސްލަކީ ހުއްދަވުން.

- ޙަލާލްކުރުމާއި ޙަރާމްކުރުމަކީ ހަމައެކަނި ﷲ ގެ ޙައްޤެއް.

- ޙަލާލްކަންތައް ޙަރާމްކޮށް އަދި ޙަރާމްކަންތައް ޙަލާލްކުރުމަކީ، ﷲ އާ ޝިރުކުކުރުން ފަދަ ކަމެއް.

- ޙަރާމްކުރުން ގުޅިފައިވަނީ ނުބައި އެއްޗެއްސާއި ގެއްލުމާ.

- ޙަރާމްކަންތައް ނުކޮށް ފުއްދޭނެ ޙަލާލްކަންތައް އެބަހުރި.

- ޙަރާމްކަމަކަށް މަގުފަހިކޮށްދޭ ކަމަކީވެސް ޙަރާމްކަމެއް.

- ޙަރާމްކަމެއް ކުރަން ޙީލަތް ހެދުމަކީވެސް ޙަރާމްކަމެއް.

- ނިޔަތް ރަނގަޅުވުމަކީ ޙަރާމްކަންތައް ކުރެވޭނެ އުޒުރެއް ނޫން.

- ޝުބުހާތަކާ ދުރުވެގަންނަންޖެހޭ.

- ޙަރާމް ހަމަ އެންމެންނަށްވެސް ޙަރާމް.

- ޟަރޫރަތްތައް މަނާކަންތައް ހުއްދަކުރޭ.

 

އެހެނިހެން ގިނަ ކަންތައްތަކެކޭ އެއްފަދައިން، ހަރާމް ހަލާލަކީވެސް ޖާހިލިއްޔަ ޒަމާނު މީހުން، އެކަމަކާމެދު ބޮޑު މަގުފުރެދުމަކުން މަގުފުރެދިގެން ގޮސްފައިވާ ކަމެކެވެ. އެގޮތްމިގޮތްވުން އުފެދިފައިވާ ކަމެކެވެ. މިގޮތުން އެމީހުންވަނީ ނުބައިކަންބޮޑު ޙަރާމްކަންތައް ޙަލާލްކޮށްފައެވެ. އަދި ރަނގަޅު ޙަލާލްކަންތައް ޙަރާމްކޮށްފައެވެ. އޭރުގެ އަހުލުކިތާބީންގެ ކަންތައްވެސް ހުރީ ހަމަ މިފަދައިންނެވެ.

މި މަގުފުރެދުމުގެ އެއް ކޮޅަކީ ކަނާތުފިޔައިން ހައްދުފަހަނައަޅާ ދިއުމެވެ. އަނެއް ކޮޅަކީ ވާތުފިޔައިން ހައްދު ފަހަނައަޅާ ދިއުމެވެ.

ކަނާތުފިޔައިން ހައްދު ފަހަނައަޅާފައި ތިބީ، ދަތި އުނދަގުލުގައި އުޅެމުންދިޔަ ހިންދީ ބުރަހުމަނުންނާއި، ހަރުކަށިކަންމަތީ ތިބި މަސީޙީ ރާހިބުންނެވެ. އަދި މި ނޫންވެސް ހަށިގަނޑަށް ވޭނާއި ޢަޒާބު ދިނުމާއި، މީރު ރަނގަޅު ރިޒުޤު ޙަރާމްކޮށް، ﷲ އެ ކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ދުނިޔޭގެ ޒީނަތްތައް ޙަރާމްކުރުމުގެ މައްޗަށް ބިނާވެފައިވާ ތަފާތު މަޛްހަބުތަކެވެ. މެދުތެރޭ ޤަރުނުތަކުގައި މަސީޙީ ރަހުބާނިއްޔަތުގެ ހަރުކަށިކަން އޮތީ ކޮޅުންލާފައެވެ. ރާހިބުންގެ ތެރޭގައި ރަނގަޅުތަކެތި ޙަރާމްކުރުން ގޮސްފައިވާ ވަރަކީ، ފައި ދޮވުމަކީ އެއީ ފާފައެއް ކަމަށް ދުށުމެވެ! ފެންވެރުމަކީ އެއީ ހިތާމަކޮށް ދެރަވާންޖެހޭފަދަ ނުބައި ކަމަކަށްވުމެވެ!

އަނެއްކޮޅުން ވާތުފިޔައިން ހައްދުފަހަނައަޅާފައިވަނިކޮށް ފެންނަނީ، ފާރިސްކަރައިން ފާޅުވި 'މަޒްދަކް' މަޛްހަބުގެ މީހުންނެވެ. އެ މީހުން ގާތު ކޮންމެ ކަމަކީ ވެސް ހުއްދަ ކަމެކެވެ.  ބޭނުން ކަމެއްކުރަން ލަގަން އޮންނަނީ ދޫކޮށްލެވިފައެވެ. މީސްތަކުންގެ ގާތުގައި ފިޠުރީގޮތުން މާތްވެ ޙުރުމަތްތެރިވެފައިވާ ކަމަކަށް އަރައިގަތުން ކަމުގައިވިޔަސް ވެހެވެ.

ޖާހިލިއްޔަ ޒަމާނުގެ ޢަރަބިކަރަ ވެފައިވަނީ، އެއްޗެއްސާއި ކަންކަން ޙަލާލްކުރުމާއި ޙަރާމްކުރުމުގެ މިންގަނޑުތައް ހަމައިން ނެއްޓިފައިވާ ކަމުގެ މިސާލަކަށެވެ. މިގޮތުން އެ މީހުންވަނީ، ރާބުއިމާއި ގުނަގުނައަށް ރިބާކެއުން ހުއްދަކޮށްފައެވެ. ގަދަކަމުން އަންހެނުން ދެވައި އަދި އަނެއްބައިފަހަރު ކައިވެނިން މަޙްރޫމުކޮށް އުޅުނެވެ. މި ހުރިހާ ކަމަކަށް ވުރެވެސް ނުބައިކަމަކީ، އިންސީންގެ ތެރެއިންނާއި ޖިންނީންގެ ތެރެއިން ވީ ޝައިޠާނުން ޒީނަތްތެރިކޮށްދީގެން، އަމިއްލަ އުފަން ދަރިން މެރުމެވެ. ހިތުގައިވާ ބަފާވަންތަކަމާ ޚިލާފުވެ، ދިރި ތިއްބާ ދަރިން ވަޅުލުމެވެ. މިގޮތުން ﷲ ވަޙީކުރައްވާފައިވަނީ: وَكَذَلِكَ زَيَّنَ لِكَثِيرٍ مِنْ الْمُشْرِكِينَ قَتْلَ أَوْلادِهِمْ شُرَكَاؤُهُمْ لِيُرْدُوهُمْ وَلِيَلْبِسُوا عَلَيْهِمْ دِينَهُمْ

އާޔަތުގެ ތަފްސީރީމާނަ: ''ނަޢަމްސޫއްޕާއި ދަނޑުގޮވާމުގެ ބައެއް، ﷲ އަށް އެޅުމަކީ އެއީ ރަނގަޅު ކަމެއްކަމަށް ޝައިޠާނާ ދައްކައި ޒީނަތްތެރިކުރުވި ގޮތަށް، ފަޤީރުކަމުގެ ބިރަށްޓަކައި އަމިއްލަ ދަރިން މެރުމަކީވެސް، ރަނގަޅު ކަމެއްކަމަށް، މުޝްރިކުންގެ ގިނަބަޔަކަށް، ޝައިޠާނާ ދައްކައި ޒީނަތްތެރިކުރުވިއެވެ. އެއީ ﷲ ޙުރުމަތްތެރިކުރައްވާފައިވާ ނަފްސުތައް ޤަތުލުކުރުވައިގެން، އެ ބަފައިންތައް ގެއްލެނިވިކުރުވައި ހަލާކުކުރުވުމަށްޓަކައެވެ. އަދި އެމީހުންގެ ދީނުގެ ތެރެއަށް ވަހުމްތަކާއި ބިދުޢަތައް ވައްދައި، ޙައްޤަކީ ކޮބައިކަމެއް ނުވަތަ ބާޠިލަކީ ކޮބައިކަމެއް ވަކިނުވާވަރަށް ދީން އޮޅުވާލައި މަގުފުރެއްދުމަށްޓަކައެވެ.'' {އަލްއަންޢާމް:137}

ޝައިޠާނުންނާއި، އަޅުކަންކުރެވޭ ބުދުތަކުގެ ޚިދުމަތުގައި ތިބޭ މީހުން، މިފަދައިން ދަރިން މެރުން އެއީ ރަނގަޅު ކަމެއް ކަމުގައި، އެތައް ގޮތަކުން ދައްކައި އެކަން ޒީނަތްތެރިކުރުވިއެވެ. މިގޮތުން ބުނެވުނު އެއް ވާހަކައަކީ، ދިމާވެފައިވާ ނުވަތަ ވެދާނެ ފަޤީރުކަމުން ސަލާމަތްވުމާއި، އަންހެން ދަރިއެއް ލިބިއްޖެނަމަ ލިބޭނެ ބަދުނާމުން ދުރުވުމެވެ. އަދި ބައެއްފަހަރު އިލާހުންތަކަށްވެވޭ ޤުރުބާނެއް ކަމުގައިވެސް ދަރިން ކަތިލެވުނެވެ.

އަޖާއިބުކުރުވަނިވި ކަމަކީ، ވަޅުލައިގެން ނުވަތަ ކަތިލައިގެން ދަރިން މެރުން ޙަލާލްކަމަކަށް ހެދި މީހުން، ގޮވާމާއި އެއްގަމުމަހުގެ ރަނގަޅު އެތަކެއް ބާވަތެއް އެ މީހުން އަމިއްލައަށް ޙަރާމްކޮށްފައިވުމެވެ. އަދި މިއަށްވުރެވެސް އަޖާއިބުކަމަކީ، އެއީ ﷲ ކަނޑައެޅުއްވި ދީނީ ޙުކުމްތަކެއް ކަމަށް ހެދުމެވެ. އެމީހުންގެ މި ދޮގު ނިސްބަތްކުރުން ރައްދުކުރައްވާ މާތް ﷲ ވަޙީކުރައްވާފައިވަނީ: وَقَالُوا هَذِهِ أَنْعَامٌ وَحَرْثٌ حِجْرٌ لا يَطْعَمُهَا إِلاَّ مَنْ نَشَاءُ بِزَعْمِهِمْ وَأَنْعَامٌ حُرِّمَتْ ظُهُورُهَا وَأَنْعَامٌ لا يَذْكُرُونَ اسْمَ اللَّهِ عَلَيْهَا افْتِرَاءً عَلَيْهِ سَيَجْزِيهِمْ بِمَا كَانُوا يَفْتَرُونَ

އާޔަތުގެ ތަފްސީރީމާނަ: ''އަދި މުޝްރިކުން ބުނެއެވެ: މިއީ ބޭނުން ކުރުން މަނާކުރެވިފައިވާ ނަޢަމްސޫފިތަކާއި ދަނޑުގޮވާމެވެ. އެމީހުން ދަޢްވާކުރާގޮތުން، އެމީހުން ހުއްދަދޭ ވަކި ޚާއްޞަ ބަޔަކު މެނުވީ، އެއިން ކައިގެން ނުވާނެއެވެ. އަދި ބައެއް ޖަމަލަކީ، މިއީ ސަވާރުވުމާއި އެއްޗެހި އުފުލުން ހުއްދަނޫން ޖަމަލުކަމަށް ބުނެ، ކަނޑައަޅައެވެ. އަދި މިއީ ކަތިލާހިނދު ﷲ ގެ އިސްމުފުޅު ގަނެގެން ނުވާނެ، ނަޢަމްސޫފިތަކެއްކަމަށް ބުނެ ވެސް، ވަކި ބާވަތެއް ކަނޑައަޅައެވެ. މިކަންތައް އެމީހުން ކުރަނީ، އެއީ ﷲ ގެ ޝަރީޢަތުގައިވާ ގޮތްކަމަށް ބުނެ ދޮގުހެދުމުގެ ގޮތުންނެވެ. އެމީހުން އެކަލާނގެއަށް ނިސްބަތްކޮށް ހަދައި އުޅުނު ދޮގޮތަކުގެ ސަބަބުން، އެމީހުންނަށް އެކަށީގެންވާ ސަޒާ ދެއްވާނެއެވެ.'' {އަލްއަންޢާމް: 138}

ޙަރާމްކުރަންޖެހޭ ތަކެތި ޙަލާލްކޮށް، ޙަލާލްކުރަންޖެހޭ ތަކެތި ޙަރާމްކުރާ މީހުން މަގުފުރެދިފައިވާ މިންވަރު ޤުރުއާނުގައި ބަޔާންކުރައްވާފައިވެއެވެ. މިގޮތުން ވަޙީކުރައްވާފައިވަނީ: قَدْ خَسِرَ الَّذِينَ قَتَلُوا أَوْلادَهُمْ سَفَهاً بِغَيْرِ عِلْمٍ وَحَرَّمُوا مَا رَزَقَهُمْ اللَّهُ افْتِرَاءً عَلَى اللَّهِ قَدْ ضَلُّوا وَمَا كَانُوا مُهْتَدِينَ

އާޔަތުގެ ތަފްސީރީމާނަ: ''އެއްވެސް ހުއްޖަތެއް ނެތި، ޖާހިލުކަމުން، އަމިއްލަ ދަރިން ޤަތުލުކޮށް، އަދި ﷲ އަށް ދޮގުހެދުމުގެ ގޮތުން، އެކަލާނގެ ދެއްވާފައިވާ ޙަލާލުތަކެތި ޙަރާމްކޮށް އުޅުނު މީހުން، ގެއްލި ހަލާކުވެއްޖެކަން ކަށަވަރެވެ. މި މީހުންނަކީ، މަގުފުރެދިފައިވާ ބައެއްކަން ކަށަވަރެވެ. އަދި މި މީހުންނަކީ ތެދުމަގުލިބިފައިވާ ހޭޖެހޭ ބަޔަކު ކަމުގައި ވެސް ނުވެއެވެ.'' {އަލްއަންޢާމް: 140}

އިސްލާމްދީން އައި އިރު، ޙަލާލްކުރުމާއި ޙަރާމްކުރުމުގައި ފެތުރިފައި އޮތް މިފަދަ މަގުފުރެދުންތައް ނައްތާލާ، ޝަރީޢަތަށް ލިބިފައިވާ ބޮޑު ގެއްލުން އިޞްލާޙުކުރަން އެންމެ ފުރަތަމަ ވެސް ކުރިކަމަކީ، ޝަރީޢަތް ކަނޑައެޅުމުގެ ވަކި އުޞޫލުތަކެއް އުފެއްދުމެވެ. ޙަލާލާއި ޙަރާމްގެ ކަންތައް ޤާއިމުވެފައިވާ ތަނބުތަކެއް ނެގުމެވެ. އޮޅުންބޮޅުން އަރާފައިވާ ޙަލާލް ޙަރާމްގެ ކަންތައް ހަމައަކަށް އަޅުވައި، ކަންކަން ރަނގަޅަށް ކިރޭނެ ތިލަފަތް ޤާއިމުކުރުމެވެ. އަދި ޙަލާލް ކަންތަކާއި ޙަރާމް ކަންތަކުގައި އޮންނަންޖެހޭ 'ހަމަކަމާއި' 'ވަޒަންކަން' ގެނައެވެ. މިގޮތުން އިސްލާމީ އުއްމަތް ވެގެންދިޔައީ، މާތް ﷲ މި އުއްމަތް ސިފަކުރައްވާފައިވާ ފަދައިން، ކަނާތަށްވެސް އަދި ވާތަށްވެސް ހައްދުފަހަނައެޅުމެއް އަދި މަގުފުރެދުމެއް ނެތް، މެދުމިން އުއްމަތަށެވެ. މީސްތަކުންނަށް ފާޅުވި އެންމެ ރަނގަޅު އުއްމަތަށެވެ.

 

*  *   *   *

 

1- ކަންކަމާއި އެއްޗެހީގައި އަސްލަކީ ހުއްދަވުން

މިގޮތުން އިސްލާމްދީން ކަނޑައެޅި އެންމެ ފުރަތަމަ އުޞޫލަކީ: މާތް ﷲ އުފެއްދެވި އެއްޗެއްސާއި މަންފާތަކުގެ އަސްލަކީ އެ ޙަލާލްވެ ހުއްދަވުމެވެ. އަދި ޙަރާމްކުރުމުގެ ޞައްޙަ ޞަރީޙަ ނައްޞެއް ނެތިއްޔާ އެއްވެސް އެއްޗެއް އަދި ކަމެއްވެސް ޙަރާމެއް ނުވާނެއެވެ. ވީމާ ފެންނަން އޮތް ނައްޞު ޞައްޙަ ނޫންނަމަ -ޟަޢީފް ޙަދީޘް ފަދަ- ނުވަތަ އޮތް ދަލީލު، ޙަރާމްކަމުގެ މައްޗަށް ޞަރީޙަކޮށް ދަލީލުކޮށް ނުދޭނަމަ، އެ ކަމެއް އޮންނާނީ ހުއްދަކަމެއް ގޮތުގައެވެ.

ކަންކަމާއި މަންފާތަކުގެ އަސްލަކީ ހުއްދަވުން ކަމަށް އިސްލާމީ ޢިލްމުވެރިން ދަލީލު ނެންގެވީ، ވަރަށް ހާމަކަން ބޮޑު އާޔަތްތަކަކުންނެވެ. މިސާލަކަށް މި އާޔަތްތަކެވެ: هُوَ الَّذِي خَلَقَ لَكُمْ مَا فِي الأَرْضِ جَمِيعاً

އާޔަތުގެމާނަ: ''އެކަލާނގެއީ ތިޔަބައިމީހުންނަށްޓަކައި، ބިމުގައިވާ އެންމެހައިތަކެތި ހެއްދެވި ރަސްކަލާނގެއެވެ. '' {އަލްބަޤަރާ:29}

وَسَخَّرَ لَكُمْ مَا فِي السَّمَوَاتِ وَمَا فِي الأَرْضِ جَمِيعاً

އާޔަތުގެ ތަފްސީރީމާނަ: ''އަދި އުޑުތަކާއި ބިމުގައިވާހާ ތަކެއްޗެއް، އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރިކުރެއްވިއެވެ. އެހުރިހާ ތަކެއްޗެއް ވަނީ އެކަލާނގެ ހަޟްރަތުންނެވެ.'' {އަލްޖާޘިޔާ: 13}

أَلَمْ تَرَوْا أَنَّ اللَّهَ سَخَّرَ لَكُمْ مَا فِي السَّمَوَاتِ وَمَا فِي الأَرْضِ وَأَسْبَغَ عَلَيْكُمْ نِعَمَهُ ظَاهِرَةً وَبَاطِنَةً

އާޔަތުގެމާނަ: ''ހަމަކަށަވަރުން، އުޑުތަކާއި ބިމުގައިވާހާ ތަކެއްޗެއް، ﷲ ތިޔަބައިމީހުންނަށްޓަކައި ޚިދުމަތްތެރިކުރެއްވިކަން، ތިޔަބައިމީހުންނަށް ނޭނގޭހެއްޔެއްވެ؟ އަދި އެކަލާނގެ ނިޢުމަތްތައް ފާޅުވެގެންވާ ގޮތުގައްޔާއި، ފޮރުވިގެންވާ ގޮތުގައި، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވިއެވެ.'' {ލުޤްމާން: 20)}

މާތް ﷲ، ދުނިޔޭގައި މިވާހާ އެއްޗެއް ހައްދަވައި، އިންސާނުންގެ ޚިދުމަތުގައި އެ ލައްވައި، އެއީ އިންސާނުންނަށް ދެއްވާފައިވާ ނިޢްމަތެއްކަމުގައި ހެއްދެވުމަށްފަހު އެ ތަކެތި ބޭނުންކުރުން ޙަރާމްކުރައްވައި އެއިން އެމީހުން މަޙްރޫމެއް ނުކުރައްވާނެއެވެ. އެކަލާނގެ އެ ތަކެތި އުފައްދަވައި، ޚިދުމަތްތެރިކުރައްވައި، ނިޢްމަތެއްކަމުގައި ލެއްވީ ހަމަ އިންސާނުންނަށްޓަކައެވެ.

ދީނުގައި މާތް ﷲ ޙަރާމްކުރައްވާފައިވަނީ، އެ ކަލާނގެ ދެނެވޮޑިގެންވާ ވަކި ޙިކުމަތަކަށް އަދި ވަކި ސަބަބަކަށްޓަކައި، ވަރަށް މަދު އެއްޗެކެވެ. މިކަމާ ބެހޭގޮތުން ތަންކޮޅެއް ފަހުން ވާހަކަ ދައްކާނަމެވެ.

ވީމާ މިގޮތުން އިސްލާމީ ޝަރީޢަތުގައި ވަނީ، ޙަރާމް ދާއިރާ ނިކަން ހަނިކޮށް، ޙަލާލު ދާއިރާ ވަރަށް ފުޅާކޮށްފައެވެ. އެހެނީ ޙަރާމްކުރުމަށް އައިސްފައިވާ ޞައްޙަ ޞަރީޙަ ނައްޞުތައް ވަރަށް މަދެވެ. ޙަލާލުކަމަށް ނުވަތަ ޙަރާމްކަމަށް ނައްޞެއް އައިސްފައިނުވާ ކޮންމެ ކަމަކީ އަދި ކޮންމެ އެއްޗަކީ، އޭގެ އަސްލުކަމުގައިވާ ޙަލާލްކަންމަތީ އޮންނާނެ ކަމެއް ނުވަތަ އެއްޗެކެވެ. އެއީ އިލާހީ ޢަފޫކުރެއްވުމުގެ ދާއިރާތެރޭގައިވާ ކަމެކެވެ.

މިކަމާ ބެހޭ ގޮތުން އައިސްފައިވާ ޙަދީޘެއްގައިވެއެވެ: مَا أَحَلَّ اللَّهُ  فِي كِتَابِهِ فَهُوَ حَلَالٌ، وَمَا حَرَّمَ فَهُوَ حَرَامٌ ، وَمَا سَكَتَ عَنْهُ فَهُوَ عَفْوٌ ، فَاقْبَلُوا مِنْ اللَّهِ عَافِيَتَهُ ، فَإِنَّ اللَّهَ لَمْ يَكُنْ لِيَنْسَى شَيْئًا [1]

ޙަދީޘުގެމާނަ: ''މާތް ﷲ ޤުރުއާނުގައި ކަމެއް ނުވަތަ އެއްޗެއް ޙަލާލުކުރައްވައިފިނަމަ އެ ޙަލާލެވެ. ޙަރާމްކުރައްވައިފިނަމަ އެ ޙަރާމެވެ. އަދި އެކަލާނގެ އޭގެ ޙުކުމް ބަޔާންނުކުރައްވައި ދޫކުރައްވާފައިވާ ކަމަކީ ނުވަތަ އެއްޗަކީ ޢަފޫކުރެވިފައިވާ ކަމެއް ނުވަތަ އެއްޗެކެވެ. ފަހެ ތިޔަބައިމީހުން ﷲ ގެ ޢަފޫކުރެއްވުން ޤަބޫލުކުރާށެވެ. ހަމަކަށަވަރުން ﷲ އެއްވެސް ކަމެއް ހަނދުމަނެތިވެ ވޮޑިނުގަންނަވައެވެ.'' މިހެން ޙަދީޘްކުރެއްވުމަށް ފަހު، وَمَا كَانَ رَبُّكَ نَسِيّاً މި އާޔަތް ކިޔަވާވިދާޅުވިއެވެ.''

އާޔަތުގެމާނަ: ''އަދި ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ ހަނދުމަނެތިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ.'' {މަރްޔަމް:64}

އަދި ސަލްމާނުލް ފާރިސީގެ ކިބައިން ރިވާވެފައިވެއެވެ: ބަޓަރާއި ޗީޒާއި ކެހެރިއާ ބެހޭގޮތުން ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހު ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ:الحَلاَلُ مَا أَحَلَّ اللَّهُ  فِي كِتَابِهِ ، والحَرَام مَا حَرَّمَ للَّهُ فِي كِتَابِهِ ، وَمَا سَكَتَ عَنْهُ فَهُوَ مِمَّا عَفَا لَكُم[2]

ޙަދީޘުގެމާނަ: ''ޙަލާލަކީ ޤުރުއާނުގައި ﷲ ޙަލާލްކުރައްވާފައިވާ ކަމެވެ. ޙަރާމަކީ ޤުރުއާނުގައި ﷲ ޙަރާމްކުރައްވާފައިވާ ކަމެވެ. އަދި އެކަލާނގެ އޭގެ ޙުކުމް ބަޔާންނުކުރައްވާ ދޫކުރައްވާފައިވާ ކަމަކީ ނުވަތަ އެއްޗަކީ ތިޔަބައިމީހުންނަށް ޢަފޫކުރައްވާފައިވާ ކަމެއް ނުވަތަ އެއްޗެކެވެ.''

މި ޙަދީޘުން ފެންނަނީ، ވަކިވަކި މައްސަލަތަކުގެ ވަކިވަކި ޖަވާބު ދެއްވުމުގެ ބަދަލުގައި، ޙަލާލު ޙަރާމް ދެނެގަންނަން އެ މީހުން ރުޖޫޢަވާނެ ވަކި ޤަވާޢިދެއް، އިތުރު އެކަލޭގެފާނު ދެއްވިތަނެވެ. ﷲ ޙަރާމްކުރެއްވި ކަންތައްތައް އެނގުމުން، ދެން ބާކީ ހުރި ކަންތައްތައް އެއީ ރަނގަޅު އަދި ޙަލާލް ކަންތައްތައް ކަން ދެނެގަންނަން ފުދޭކަމެވެ.

އަދިވެސް އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ: إنَّ اللَّهَ تَعَالَى فَرَضَ فَرَائِضَ فَلَا تُضَيِّعُوهَا، وَحَدَّ حُدُودًا فَلَا تَعْتَدُوهَا، وَحَرَّمَ أَشْيَاءَ فَلَا تَنْتَهِكُوهَا، وَسَكَتَ عَنْ أَشْيَاءَ رَحْمَةً لَكُمْ غَيْرَ نِسْيَانٍ فَلَا تَبْحَثُوا عَنْهَا [3]

ޙަދީޘުގެމާނަ: ''ﷲ ވަނީ ކަލޭމެންގެ މައްޗަށް ކަންތައްތަކެއް ފަރުޟުކުރައްވާފައެވެ. ފަހެ ތިޔަބައިމީހުން އެ ނަގާނުލާށެވެ. އަދި ޙައްދުތަކެއް ކަނޑައަޅުއްވާފައިވެއެވެ. ފަހެ ތިޔަބައިމީހުން އެ ފަހަނައަޅައި ނުދާށެވެ. އަދި ބައެއް ކަންކަމާއި އެއްޗެހީގެ ޙުކުމް ބަޔާންނުކުރައްވާ ދޫކުރައްވާފައިވެއެވެ. އެއީ ތިޔަބައިމީހުންނަށް ރަޙްމަތަކަށްޓަކައެވެ. ހަނދުމަފުޅުނެތިވޮޑިގެނެއް ނޫނެވެ. ވީމާ ތިޔަބައިމީހުން އެ ކަންތަކާ ބެހޭގޮތުން އިތުރު ސުވާލުކޮށް ހޯދަން ނޫޅޭށެވެ.''

ދެން މިތާ ފާހަގަކޮށްލަން އަހަރެން ބޭނުންވާ އަނެއް ކަމަކީ، އަސްލަކީ ހުއްދަވުމޭ ބުނެވޭ ބަހުގައި ހިމެނެނީ ހަމައެކަނި ތަކެއްޗެއް ނޫނެވެ. ކިއެއްތަ، އޭގެތެރޭގައި ދީނުގެ އަޅުކަމުގެ ތެރޭގައި ނުހިމެނޭ، ޢަމަލުތަކާއި ކަންކަންވެސް ހިމެނެއެވެ. މިއަށް އަހަރެމެން ކިޔައި މި އުޅެނީ ''އާދަތައް ނުވަތަ މުޢާމަލާތްތައް'' އެވެ. މީގެ އަސްލަކީ ވެސް، ޝަރުޢުގައި ޙަރާމްކުރައްވާފައިނުވާ އެއްވެސް ކަމެއް ޙަރާމް ނުވުމެވެ. އެހެނީ އަލްއަންޢާމް ސޫރަތުގެ 119 ވަނަ އާޔަތުގައިވާ: وَقَدْ فَصَّلَ لَكُمْ مَا حَرَّمَ عَلَيْكُمْ

އާޔަތުގެމާނަ: ''ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ޙަރާމްކުރެއްވި ތަކެތި ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.'' {އަލްއަންޢާމް: 119}

ﷲގެ މި ބަސްފުޅުގައި، ތަކެއްޗާއި ކަންކަންވެސް ހިމެނި ޢާއްމުވެގެންވެއެވެ.

ނަމަވެސް އަޅުކަންތައް މިއާ މުޅިން ޚިލާފެވެ. އެހެނީ އަޅުކަންތަކަކީ ސީދާ ދީނުގެ ތެރޭގައި ހިމެނޭ، ވަޙީގެ ޒަރީޢާއިން ނޫނީ ނުނެގޭނެ ކަންކަމެވެ. މިފަދަ ކަންކަމާ މެދު އައިސްފައިވާ ޞަޙީޙް ޙަދީޘެއްގައިވެއެވެ: مَنْ أَحْدَثَ فِي أَمْرِنَا مَا لَيْسَ مِنْهُ فَهُوَ رَدٌّ [4]

ޙަދީޘުގެމާނަ: ''އަހަރެމެންގެ މި ދީނުގައި ނުހިމެނޭ ކަމެއް ދީނުގެ ތެރެއަށް ވައްދައި އިތުރުކޮށްފިއްޔާ، ފަހެ އެއީ ޤަބޫލުނުކުރެވި ރައްދުވެގެންވާ ކަމެކެވެ.''

އެހެނީ، ދީން ހިމެނިގެންވަނީ ދެ ކަމެއްގެ މައްޗަށެވެ. އެއީ: ﷲ ފިޔަވާ އެހެން ފަރާތަކަށް އަޅުކަން ނުކުރުމާއި، ﷲ ޝަރުޢުކުރެއްވި ގޮތަކަށް ނޫނީ އެކަލާނގެއަށް އަޅުކަން ނުކުރުމެވެ. ވީމާ އަމިއްލައަކަށް އަޅުކަމެއް ހަދައިފިއްޔާ، ކޮންމެ މީހަކު ކުރިކަމަކަށް ވިޔަސް، އެއީ ބޮޑުވެގެންވާ މަގުފުރެދުމެކެވެ. ﷲ އާ ކުއްތަންވެވޭނެ އަޅުކަންތައް އުފެއްދުމުގެ ޙައްޤު ލިބިގެންވާ ހަމައެކަނި ފަރާތަކީ އެ ކަލާނގެއެވެ.

ނަމަވެސް އާދަތައް ނުވަތަ މުޢާމަލާތްތައް އުފައްދަނީ ދީނެއް ނޫނެވެ. އެއީ މީހުން އުފައްދާ އަދި ކުރާ މުޢާމަލާތުން އުފެދޭ އެއްޗެކެވެ. ދީން އައިސްފައިވަނީ އެ ކަންތައްތައް ރަނގަޅުކޮށް، ބަދަލުކޮށް، ފުރިހަމަކޮށްދޭށެވެ. އަދި އަނެއްބައި ފަހަރު ގެއްލުމެއް ފަސާދައެއް ނުހިމެނޭ ކަމެއްވިއްޔާ، އެކަން އޮތްގޮތަށް އެއްބަސްވެއެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ: ''އަޅުތަކުންގެ ބަހާއި ޢަމަލު ދެ ބަޔަކަށް ބެހިގެންވެއެވެ: އެއީ ދީނުގެ ކަންތައް އެއިން ފުރިހަމަވާ އަޅުކަންތަކާއި، އަދި ދުނިޔަވީ ކަންކަމަށް ބޭނުންވާ އާދަތަކެވެ. ފަހެ، ﷲ ވާޖިބުކުރައްވާފައިވާ ނުވަތަ އެކަލާނގެ ލޯބިވެވޮޑިގަންނަވާ އަޅުކަންތައް، ބާވައިލެއްވި ޝަރީޢަތުން ނޫނީ ނޭނގޭނެކަން، ޝަރީޢަތުގެ އުޞޫލުތައް ބެލުމުން އަހަރެމެންނަށް އެނގެއެވެ.

ދެން، އާދައަކީ ދުނިޔެވީ ކަންކަމުގައި މީހުން ބޭނުންވާ ކަންތަކުގެ ތެރެއިން އާދަވެފައިވާ ކަންކަމެވެ. މީގެ އަސްލަކީ މަނާ ނުވުމެވެ. މިފަދަ ކަންކަމުގެ ތެރެއިން ﷲ -ސުބުޙާނަހޫ ވަތަޢާލާ- މަނާ ނުކުރައްވާ ކަމެއް މަނައެއް ނުކުރެވޭނެއެވެ. އެހެނީ އަމުރުކުރުމާއި ނަހީކުރުމަކީ ﷲ ގެ ޝަރީޢަތުގެ ތެރެއިންވާ ކަމެކެވެ. އަދި ކަމެއް އަޅުކަމަކަށް ވާނީ، އެ ކަމަކީ ﷲ އަމުރުކުރައްވާފައިވާ ކަމެއް ނަމައެވެ. ވީމާ ފަހެ  ސާބިތުވެފައިވާ އެކަލާނގެ އަމުރުފުޅެއް ނެތި، ކަމެއް އެއީ މަނާކަމެއްކަމަށް ބުނެ ކަނޑައެޅޭނީ ކިހިނެއްހެއްޔެވެ؟

މިހެންވެ އިމާމް އަޙްމަދާއި އަދި އެ ނޫންވެސް އަހުލުލްޙަދީޘްގެ ފިޤުހުވެރިން ވިދާޅުވެފައިވެއެވެ: "އަޅުކަންތަކުގައި އަސްލަކީ ޝަރުޢީ ނައްޞުގެ މައްޗަށް ހުއްޓިފައިވުމެވެ. ވީމާ ﷲ ޝަރުޢުކުރައްވާފައި ނުވާކަމެއް ޝަރުޢުނުކުރެވޭނެއެވެ. އެހެން ނޫނީ އަހަރެމެން ވާނީ، ﷲ ގެ މި ބަސްފުޅުގައިވާ މީހުންގެ ތެރެއިންނެވެ. أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنْ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ

އާޔަތުގެ މާނަ: ''ނުވަތަ ﷲ އިޒުނަދެއްވާފައިނުވާ ދީނެއް، އެއުރެންނަށް ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެ އުރެންނަށް ވޭހެއްޔެވެ؟'' {އައްޝޫރާ:21}

އާދަތަކުގެ އަސްލަކީ ޢަފޫކޮށް ދޫކޮށްލެވިފައިވުމެވެ. ވީމާ މާތްﷲ ޙަރާމްކުރައްވާފައިވާ ކަމެއް ނޫނީ މަނައެއް ނުކުރެވޭނެއެވެ. އެހެން ނޫނީ އަހަރެމެން ވާނީ، މާތްﷲ ގެ މި ބަސްފުޅުގައިވާ މީހުންގެ ތެރެއިންނެވެ. قُلْ أَرَأَيْتُمْ مَا أَنْزَلَ اللَّهُ لَكُمْ مِنْ رِزْقٍ فَجَعَلْتُمْ مِنْهُ حَرَاماً وَحَلالاً قُلْ أَاللَّهُ أَذِنَ لَكُمْ أَمْ عَلَى اللَّهِ تَفْتَرُونَ

އާޔަތުގެ ތަފްސީރީމާނަ: ''ވަޙީއަށް އިންކާރު އެކުރާ ކާފިރުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. ﷲ ތިޔަބައިމީހުންނަށް ބާވައިލައްވާފައިވާ ޖަނަވާރާއި ގޮވާމުގެ ރިޒުޤާމެދު، ތިޔަބައިމީހުން ނިކަން ޚަބަރުދީބަލާށެވެ! ފަހެ، ތިޔަބައިމީހުން އޭގެ ބައެއް ތަކެތި ޙަރާމް ތަކެއްޗަށް، އަނެއްބައި ތަކެތި ޙަލާލް ތަކެއްޗަށް ހެދީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ: ﷲ ތިޔަބައިމީހުންނަށް އެކަމަށް އިޒުނަދެއްވީހެއްޔެވެ! ނުވަތަ ދޮގުވާހަކަތަކެއް އަމިއްލައަކަށް ހަދައިގެން ﷲ އަށް ނިސްބަތްކޮށް ބުނެއުޅެނީހެއްޔެވެ! ޝައްކެއްވެސް ނެތި އެއީ ހަދައިގެން، ﷲ އާ މެދު އެމީހުން ދައްކާ ބާޠިލު ދޮގުވާހަކަތަކެވެ.'' {ޔޫނުސް:59}

މިއީ ޝައްކެއްވެސް ނެތް ގޮތުގައި ވަރަށް މަތިވެރި، ފައިދާބޮޑު ޤަވާޢިދެކެވެ. އަދި މިއިން އަހަރެމެންނަށް އެނގެނީ:

ގަނެވިއްކުމާއި ހިބަކުރުމާއި ކުއްޔަށްދިނުމާއި އަދި މި ނޫންވެސް، ކެއުމާއި ބުއިމާއި ފޭރާންފަދަ، ދިރިއުޅުމުގައި މީހުން ބޭނުންވާ އާދަތަކުގައި، ޝަރީޢަތް ވަނީ ރިވެތި އަދަބުތަކެއް ގެނެސްދީފައެވެ. މީގެތެރޭގައިވާ ފަސާދައާއި ގެއްލުން ހުންނަ ކަންތައް ޙަރާމްކުރިއެވެ. ކޮންމެހެން ބޭނުންވާ ކަންތައް ވާޖިބުކުރިއެވެ. ކޮންމެހެން ބޭނުންނުވާ ކަންތައް މަކްރޫހަކުރިއެވެ. އަދި އާދަތަކުގެ ތެރޭގައި ލިބުން ގާތް މަޞްލަޙަތެއް އޮތިއްޔާ، އެ ކަމެއް މުޞްތަޙައްބުކުރިއެވެ.

މިހެން މިކަން އޮތުމުން، ޝަރުޢުގައި ޙަރާމް ނުކުރާހާ ހިނދަކު، މީހުން ބޭނުން ގޮތަކަށް ގަނެވިއްކައި ކުއްޔަށްދީ ހެދިދާނެއެވެ. ހަމައެހެންމެ ޝަރުޢުގައި ޙަރާމް ނުކުރާހާ ހިނދަކު މީހުން ބޭނުން އެއްޗެއް ކައިބޮއިވެސް ހެދިދާނެއެވެ. ނަމަވެސް ބައެއް އާދަތަކަކީ ފަހަރެއްގައި މުސްތަޙައްބު ކަމަކަށް ނުވަތަ މަކްރޫހަ ކަމަކަށް ވެދާނެއެވެ. އަދި ޝަރުޢުގައި ވަކި އިމެއް ކަނޑައަޅާފައި ނުވާ ކޮންމެ ކަމަކީ އޭގެ އަސްލާ އެއްގޮތްވާގޮތުގެ މަތީން ހުއްދަ ކަމެކެވެ."[5]

މި އަސްލަށް ދަލީލުކޮށްދޭ ކަންތައްތަކުގެ ތެރޭގައި ޖާބިރު ބިން ޢަބްދުﷲ ގެ ކިބައިން ރިވާކުރެވި، ބުޚާރީގައިވާ މި ވިދާޅުވުން ހިމެނެއެވެ: ''ޤުރުއާން ބާވައިލެއްވެމުން ދިޔަދުވަސްވަރު، އަހަރެމެން ޢަޒުލުކޮށް އުޅުނީމެވެ. ފަހެ އެއީ މަނާކަމެއްނަމަ ޤުރުއާން އެކަން މަނާކުރީހެވެ."[6]

ވީމާ މިއިން ދަލީލުކޮށްދެނީ އެކަމަކާ ބެހޭ ގޮތުން ވަޙީގެ ބަސްފުޅެއް ނާންނަ ކަންތަކަކީ، އެއީ ކުރުން މަނާ ނުވަތަ ނަހީކުރެވިގެންވާ ކަންތަކެއް ނޫންކަމެވެ. ކިއެއްތަ، މަނާކަމުގެ ނުވަތަ ނަހީކުރުމުގެ ނައްޞެއް އަންނަންދެން އެއީ ހުއްދަކަމެއްކަމަށް ޞަޙާބީން ދެކެވަޑައިގަތްކަމެވެ. ޝައްކެއްވެސް ނެތްގޮތުގައި މިއީ ﷲ ރުއްސުންލެއްވި ޞަޙާބީންގެ ފިޤުހުވެރިކަމުގެ ފުރިހަމަކަން ދައްކައިދޭ ކަމެކެވެ.

ވީމާ މިހިސާބުން އަހަރެމެންނަށް ކަނޑައެޅޭ މަތިވެރި އުޞޫލަކީ: ﷲ ޝަރުޢުކުރެއްވުމުން ނޫނީ އެއްވެސް އަޅުކަމެއް ޝަރުޢުނުކުރެވޭނެއެވެ. އަދި ﷲ ޙަރާމްކުރެއްވުމުން ނޫނީ އެއްވެސް އާދައެއް ޙަރާމް ނުވާނެއެވެ.

 

*  *   *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 

 


ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.