ހޯމަ20200713

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޟަރޫރަތްތައް މަނާކަންތައް ހުއްދަކުރޭ

ޟަރޫރަތްތައް މަނާކަންތައް ހުއްދަކުރޭ

halaal-haraam-11އިސްލާމްދީނުގައި ވަނީ ޙަރާމްކަމުގެ ދާއިރާ ވަރަށް ހަނިކޮށްފައެވެ. ހަމަ މިހިނދުގައި، ޙަރާމްކަންކަމާމެދު ދީން ވަރަށް ހަރުކަށިވެސް މެއެވެ. މިގޮތުން، ޙަރާމްކަންތަކަށް ދެވޭ، ފާޅު އަދި ވަންހަނާ، މަގުތައް ވަނީ ބަންދުކޮށްފައެވެ. ޙަރާމްކަމަކަށް މަގުފަހިކޮށްދޭ ކޮންމެ ކަމެއް އަދި ކޮންމެ އެއްޗެއް ޙަރާމެވެ. އަދި ޙަރާމްކަމެއް ކުރުމަށް އެހީތެރިވާ ކޮންމެ ކަމެއް އަދި ކޮންމެ އެއްޗެއްވެސް ޙަރާމެވެ. ޙަރާމްކަމެއް ކުރަން ހީލަތް ހެދުމަކީ ވެސް ޙަރާމްކަމެކެވެ. އަދި މިނޫންވެސް، އަހަރެން ކުރިން ބުނެފައިވާފަދަ އުޞޫލުތަކާއި އިރުޝާދުތައް، ދީނުގައި ވަނީ ކަނޑައަޅާފައެވެ.

ކަންމިހެން އޮތަސް، ޙަޔާތުގައި ކުރިމަތިވެދާނެ ޟަރޫރަތްތަކާއި، އަދި މީގެ ކުރިމަތީގައި އިންސާނާގެ ބަލިކަށިކަމާއި ނުކުޅެދުންތެރިކަން، އިސްލާމްދީން ހަނދާންނައްތައެއްނުލައެވެ. މިގޮތުން، ޟަރޫރަތްތަކުގެ މަޖްބޫރުކަމަށް، ދީން ރިޢާޔަތްކޮށް މިންވަރުކުރެއެވެ. އަދި އިންސާނުންގެ ބަލިކަށިކަން ވަޒަންކުރެއެވެ. ޟަރޫރީ ހާލަތެއް ކުރިމަތިވެއްޖެނަމަ، އޭނާއަށް ދިމާވެފައިވާ ގެއްލުން ދުރުކޮށް، ހަލާކުން ސަލާމަތްވެވޭ މިންވަރަށް، ޙަރާމް އެއްޗެއް ބޭނުންކުރުން، ދީން ހުއްދަކުރެއެވެ. މިގޮތުން، މުޅަތަކެއްޗާއި، ލެޔާއި، އޫރުމަސްފަދަ، ކެއުން ޙަރާމް ތަކެތި ބަޔާންކުރެއްވުމަށް ފަހު ﷲ ވަޙީކުރައްވާފައިވެއެވެ: فَمَنْ اضْطُرَّ غَيْرَ بَاغٍ وَلا عَادٍ فَلا إِثْمَ عَلَيْهِ إِنَّ اللَّهَ غَفُورٌ رَحِيمٌ

އާޔަތުގެ ތަފްސީރީމާނަ: ''އަދި ކަލޭމެންގެ މައްޗަށްވާ، ﷲ ގެ ފަޟްލުވަންތަވެރިކަމުންނާއި،  ފަސޭހަކުރުމުގެ ގޮތުން، މަޖްބޫރުވެއްޖެމީހާ، ކެއުމަށް އެދުންވެރިވުމެއް އަދި ކެއުމުގައި ބަނޑުފުރާނަ މުއްތިކުރެވޭރަށް ވުރެ އިތުރަށް ކައި ހައްދުފަހަނައަޅައި ދިއުމެއްނެތި، މިތަކެތިން ކެއުމަކުން، އޭނާގެ މައްޗަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން ﷲ އީ، އެކަލާނގެ އަޅުތަކުންނަށް ގިނަގިނައިން ފާފަފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.'' {އަލްބަޤަރާ: 173}

ކީރިތި ޤުރުއާނުގެ ހަތަރު ސޫރަތެއްގައި، ކެއުން ޙަރާމްތަކެތި ބަޔާންކުރެއްވުމަށް ފަހު، ހަމަ މިވާހަކަ ތަކުރާރުކުރެވިފައިވެއެވެ. މި އާޔަތްތަކާއި އަދި މިއާ އެއްފަދަ އެހެން އާޔަތްތަކުގެ އަލީގައި، އިސްލާމީ ފިޤުހުވެރިން ވަނީ، ފިޤްހީ މުހިއްމު އުޞޫލެއް ކަނޑައަޅާފައެވެ. އެއީ، "ޟަރޫރަތްތައް މަނާކަންތައް ހުއްދަކުރެއެވެ."

ނަމަވެސް ދެން ފާހަނގަކޮށްލަންޖެހޭ ކަމަކީ، ޟަރޫރަތެއް ނުވަތަ މަޖްބޫރުކަމެއް ކުރިމަތިވެފައިވާ މީހާގެ ކިބައިގައި ހުންނަންޖެހޭ ދެ ޝަރުޠެއް މި އާޔަތްތަކުގައި ކަނޑައަޅާފައިވާކަމެވެ. އެއީ " غَيْرَ بَاغٍ وَلا عَادٍ "މި ދެ ޝަރުޠެވެ. غَيْرَ بَاغٍ ގެ މާނައަކީ ކެއުމަށް އެދުންވެރިވުމެއް އޭނާގެ ކިބައިގައި ނެތުމެވެ. وَلا عَادٍ ގެ މާނައަކީ މަޖްބޫރުވެފައިވާ މިންވަރު ފަހަނައަޅައި އިތުރަށް ނުކެއުމެވެ. މި ދެ ޝަރުޠުން، ފިޤުހުވެރިން ވަނީ، ފިޤުހީ އެހެން އުޞޫލެއް ނަގާފައެވެ. އެއީ "ޟަރޫރަތަކަށްޓަކައި ހުއްދަވާ މިންވަރު ކަނޑައެޅެނީ ޟަރޫރަތުގެ މިންވަރުންނެވެ." ވީމާ އަދި މީހަކު މަޖްބޫރުކަމެއް ދަށުވިޔަސް، އެކަމަށް އަމާންދީގެން ނުވާނެއެވެ. ދިމާވާ މަޖްބޫރުކަމާ ލަގަން ހަވާލުކޮށްގެން ނުވާނެއެވެ. ކިއެއްތަ، އޭނާ އަބަދުވެސް ދާންޖެހޭނީ ޙަލާލާ ދިމާއަށެވެ. ޙަލާލު ގޮތެއް ހޯދަން މަސައްކަތްކުރަންޖެހޭނެއެވެ. އެއީ ޙަރާމްގޮތް އާދައަކަށްވެ، ނުވަތަ ޟަރޫރަތުގެ ބަހަނާގައި ޙަރާމްކަންތައްތަކުގައި ކަންފަސޭހަވިޔަ ނުދިނުމަށްޓަކައެވެ.

ޟަރޫރަތްތައް ދިމާވާހިނދު މަނާކަންތައް ކުރުން، އިސްލާމްދީނުގައި ހުއްދަވެފައި އޮތުމަކީ، މި ދީނުގެ ރޫޙާއި އަދި ޖުމްލަ ޤަވާޢިދުތަކާ އެއްގޮތް ނިންމުމެކެވެ. އާދެ، އެ ރޫޙަކީ މީހުންނަށް ވީހާވެސް ފަސޭހަކުރުމެވެ. ބުރަނުކުރުމެވެ. ކުރީގެ އުއްމަތްތަކުގެ މީހުންގެ މައްޗަށް އެޅިފައި އޮތް ކަސްތަޅުތަކާއި ބުރަތައް ނަގައި ލުއިކުރުމެވެ. ﷲ ވަޙީކުރައްވާފައިވަނީ ތެދުބަސްފުޅެކެވެ: يُرِيدُ اللَّهُ بِكُمْ الْيُسْرَ وَلا يُرِيدُ بِكُمْ الْعُسْرَ

އާޔަތުގެ ތަފްސީރީމާނަ: "މާތް ﷲ، އެކަލާނގެ ޝަރީޢަތްތަކުގައި، ތިޔަބައިމީހުންނަށް އިރާދަކުރައްވަނީ ލުއިފަސޭހަގޮތެވެ. އަދި ބުރަ ދަތިއުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވައެވެ." {އަލްބަޤަރާ: 185}

مَا يُرِيدُ اللَّهُ لِيَجْعَلَ عَلَيْكُمْ مِنْ حَرَجٍ وَلَكِنْ يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ

އާޔަތުގެ ތަފްސީރީމާނަ: "މިފަދައިން ޠަހާރަތްވުމުގައި، ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް ﷲ އިރާދައެއް ނުކުރައްވައެވެ. މިގޮތުން ތިޔަބައިމީހުންނަށް ފަސޭހަކުރެއްވުމުގެ ގޮތުން އެކަލާނގެ ވަނީ ތަޔައްމަމުކުރުން ހުއްދަކުރައްވާފައެވެ. އަދިކީއްހެއްޔެވެ! އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން ޠާހިރުކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ނިޢުމަތް ފުރިހަމަކުރެއްވުމަށެވެ. އެއީ ތިޔަބައިމީހުން ޝުކުރުކުޅައުމައްޓަކައެވެ." {އަލްމާއިދާ: 6}

يُرِيدُ اللَّهُ أَنْ يُخَفِّفَ عَنْكُمْ وَخُلِقَ الإِنسَانُ ضَعِيفاً

އާޔަތުގެ ތަފްސީރީމާނަ: "ﷲ އިރާދަކުރައްވަނީ، ތިޔަބައިމީހުންނަށް ލުއިކޮށްދެއްވުމަށެވެ. އެހެނީ، އިންސާނާ ހައްދަވާފައިވަނީ، އެދުންތަކުގެ ކުރިމަތީގައި ނިކަމެތިވެގެންވާ މީހެއްކަމުގައެވެ." {އައްނިސާ: 28}

*  *   *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 

 


 

ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.