އާދީއްތަ20180923

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޙަލާލްކުރުމާއި ޙަރާމްކުރުމަކީ ހަމައެކަނި ﷲ ގެ ޙައްޤެއް

ޙަލާލްކުރުމާއި ޙަރާމްކުރުމަކީ ހަމައެކަނި ﷲ ގެ ޙައްޤެއް

halaal-haraam-2ދެވަނަ އުޞޫލަކީ: އިސްލާމްދީން ވަނީ ޙަލާލްކުރުމާއި ޙަރާމްކުރުމުގެ ބާރުލިބިފައިވާ ފަރާތް ކަނޑައަޅާ ނިންމާފައެވެ. ދީނީގޮތުން ނުވަތަ ދުނިޔެވީ ގޮތުން ކޮންމެ ދަރަޖައެއްގެ ބައެއް ކަމުގައިވިޔަސް، އިންސާނުންނަށް މި ބާރު ލިބިގެނެއް ނުވެއެވެ. މި ބާރު ލިބިގެންވަނީ ހަމައެކަނި ޢާލަމްތަކުގެ ވެރިރަސްކަލާނގެއަށެވެ. މިހެންވެ ﷲ ގެ އަޅުތަކުންގެ މައްޗަށް ދާއިމީކޮށް އެއްޗެއް ޙަރާމްކުރުމުގެ ބާރުލިބިގެންވާ ޢިލްމުވެރިންނެއް އަދި ރާހިބުންނެއްވެސް އިސްލާމްދީނަކު ނުތިބެއެވެ. އަދި ރަސްކަލުންނެއް ނުވަތަ ވެރިންނެއްވެސް ނުތިބެއެވެ. އަމިއްލައަށް ކަމެއް ޙަލާލްކޮށް ޙަރާމްކޮށްފިއްޔާ، އެ ފަރާތެއް އެވަނީ ހައްދުން ބޭރުވެ، ޚަލްޤުތަކުންގެ މައްޗަށް ކަންކަން ޝަރުޢުކުރެއްވުމަށް ހަމައެކަނި ﷲ އަށް ލިބިވޮޑިގަންނަވާ ޙައްޤަށް އަރައިގެންފައެވެ. އަދި މިފަދަ ޢަމަލަކަށް ރުހި ޤަބޫލުވެ އެއަށް ތަބާވެއްޖެނަމަ، އޭނާ އެ ފަރާތްތައް ﷲ އާ ޝަރީކުކޮށްފިއެވެ. އަދި މިގޮތަށް ތަބާވުމަކީ ޝިރުކުގެ ޢަމަލެކެވެ.

أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُمْ مِنْ الدِّينِ مَا لَمْ يَأْذَنْ بِهِ اللَّهُ

އާޔަތުގެ މާނަ: ''ނުވަތަ ﷲ އިޒުނަދެއްވާފައިނުވާ ދީނެއް، އެއުރެންނަށް ޝަރުޢުކޮށް ކަނޑައަޅައިދިން ޝަރީކުންތަކެއް އެ އުރެންނަށް ވޭހެއްޔެވެ؟'' {އައްޝޫރާ:21}

އަހުލުކިތާބީން އެމީހުންގެ ދީނީ ޢިލްމުވެރިންނާއި ރާހިބުންނަށް، ޙަލާލްކުރުމާއި ޙަރާމްކުރުމުގެ ބާރު ދިނުމުން، ޤުރުއާނުގައިވަނީ އެކަމަށް ޢައިބުގެ ބަސް ރައްދުކުރައްވާފައެވެ. މިގޮތުން ތައުބާ ސޫރަތުގައި ކީރިތިވަންތަ ﷲ ވަޙީކުރައްވާފައިވެއެވެ: اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَاباً مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلاَّ لِيَعْبُدُوا إِلَهاً وَاحِداً لا إِلَهَ إِلاَّ هُوَ سُبْحَانَهُ عَمَّا يُشْرِكُونَ

އާޔަތުގެ ތަފްސީރީމާނަ: ''ޔަހޫދީންނާއި ނަޞާރާއިން އެމީހުންގެ ޢިލްމުވެރިންނާއި ރާހިބުންނަކީ، ޙުކުމްތައް ކަނޑައަޅާ، ޙަލާލްކަންތައް ޙަރާމްކޮށް ޙަރާމްކަންތައް ޙަލާލްކޮށް ހަދާ ރައްބުން ކަމުގައި ހަދައި ﷲ ގެ ޝަރީޢަތް ދޫކުޅައެވެ. އަދި މަރްޔަމުގެފާނުގެ ދަރިކަލުން ޢީސާގެފާނަކީ އިލާހެއްކަމުގައި ނަޞާރާއިން ހެދިއެވެ. ނަމަވެސް، އެ އެންމެންނަށް ﷲ އަމުރުކުރައްވާފައިވަނީ، ހަމައެކަނި އެއްކައުވަންތަ އެކަލާނގެއަށް އަޅުކަންކުރުމަށެވެ. ފަހެ އެކަލާނގެ ފިޔަވައި ޙައްޤު އެހެން އިލާހެއް ނުވެއެވެ. ޝިރުކާއި މަގުފުރެދިފައިތިބި މީހުން، އެކަލާނގެ ރަސްކަންފުޅާއި އެއްހަމަކުރާ ހުރިހާ އެއްޗަކުން އެކަލާނގެ ހުސްޠާހިރުވެވޮޑިގެންވެއެވެ.'' {އައްތައުބާ: 31}

އިސްލާމްވުމުގެ ކުރިން ނަޞްރާނީއެއްގެ ގޮތުގައި އުޅެފައިހުރި ޢަދިއްޔު ބިން ޙާތިމް، އެއްފަހަރަކު ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މި އާޔަތް ކިޔަވާ ވިދާޅުވި އަޑު އައްސަވާފައި ދެންނެވިއެވެ:  يَا رَسُولَ الله! إنهَّم لمَ يَعبُدُوهُم. فَقَالَ: بَلَى، إنهُم حَرَّمُوا عَليهِم الحَلَال، وَأحَلُوا لهَم الحَرام فَاتبعُوهُم، فَذلِك عبَادَتهم إيَّاهُم [1]

ޙަދީޘުގެމާނަ: ''އޭ ﷲ ގެ ރަސޫލާއެވެ! އެބައިމީހުން އެފަރާތްތަކަށް އަޅުކަމެއް ނުކުރެއެވެ.'' އެ ހިނދު ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: "އާއެކެވެ. އެކަމަކު އެފަރާތްތަކުން އެބައިމީހުންނަށް ޙަލާލްކަންތައް ޙަރާމްކޮށް، ޙަލާލްކަންތައް ޙަރާމްކުރީމާ އެކަމަށް ތަބާވެ ކިޔަމަންވީއެވެ. ފަހެ އެބައިމީހުން އެފަރާތްތަކަށް ކުރި އަޅުކަމަކީ އެއީއެވެ.''

އަދި މި އާޔަތުގެ ތަފްސީރެއްގެ ގޮތުން ކީރިތި ރަސޫލާ ޙަދީޘްކުރެއްވިކަމަށް އެހެން ރިވާޔަތެއްގައި ވެއެވެ: ''އެބައިމީހުން އެފަރާތްތަކަށް ސީދާ އަޅުކަމެއް ނުކުރެއެވެ. އެކަމަކު އެ ފަރާތްތަކުން އެމީހުންނަށް ކަމެއް ޙަލާލްކޮށްފިނަމަ އެއީ ޙަލާލްކަމެއް ކަމުގައި ބެލިއެވެ. އަދި އެ ފަރާތްތަކުން އެ މީހުންނަށް ކަމެއް ޙަރާމްކޮށްފިނަމަ އެއީ ޙަރާމްކަމެއް ކަމުގައި ބެލިއެވެ.''

މިއަދާ ޖެހެންދެންވެސް ނަޞާރާއިން ހީކުރަނީ، ބޭނުން ގޮތަކަށް ކަންތައް ޙަރާމްކޮށް ޙަލާލްކުރުމުގެ ބާރު، ޢީސާގެފާނު އުޑަށް އުފުއްލެވުނު ވަގުތު އެކަލޭގެފާނު ވަނީ، ދަރިވަރުންނަށް ދެއްވާފައެވެ. މި ބީދައިން އިންޖީލު މައްތާގެ އަށާރަވަނަ ބާބުގެ އަށާރަވަނަ އާޔަތުގައި އައިސްފައިވެއެވެ: ''އަހަރެން މި ބުނަނީ ޙައްޤު ބަހެވެ. ކަލޭމެން ބިމުގައި ޙަރާމްކުރާ ކޮންމެ ކަމެއް އުޑުގައި ޙަރާމްކުރެވޭނެއެވެ. އަދި ކަލޭމެން ބިމުގައި ހުއްދަކުރާ ކޮންމެ ކަމެއް އުޑުގައި ހުއްދަކުރެވޭނެއެވެ.''

ﷲ ގެ އިޒުނަފުޅަކާ ނުލާ އަމިއްލައަކަށް ޙަރާމް ޙަލާލްކޮށް އުޅުނު މުޝްރިކުންނަށް ވެސް ޤުރުއާނުގައި ވަނީ ޢައިބުގެބަސް ރައްދުކުރައްވާފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ: قُلْ أَرَأَيْتُمْ مَا أَنْزَلَ اللَّهُ لَكُمْ مِنْ رِزْقٍ فَجَعَلْتُمْ مِنْهُ حَرَاماً وَحَلالاً قُلْ أَاللَّهُ أَذِنَ لَكُمْ أَمْ عَلَى اللَّهِ تَفْتَرُونَ

އާޔަތުގެ ތަފްސީރީމާނަ: ''ވަޙީއަށް އިންކާރުއެކުރާ ކާފިރުންނަށް ކަލޭގެފާނު ވިދާޅުވާށެވެ: ﷲ ތިޔަބައިމީހުންނަށް ބާވައިލައްވާފައިވާ ޖަނަވާރާއި ގޮވާމުގެ ރިޒުޤާމެދު، ތިޔަބައިމީހުން ނިކަން ޚަބަރުދީބަލާށެވެ! ފަހެ، ތިޔަބައިމީހުން އޭގެ ބައެއް ތަކެތި ޙަރާމް ތަކެއްޗަށް، އަނެއްބައި ތަކެތި ޙަލާލް ތަކެއްޗަށް ހެދީމުއެވެ. އައްސަވާބައްލަވާށެވެ: އެފަދައިން ކަންތައް ކުރުމަށް، ﷲ ތިޔަބައިމީހުންނަށް އިޒުނަފުޅު ދެއްވީހެއްޔެވެ؟ ނުވަތަ ދޮގުވާހަކަތަކެއް އަމިއްލައަކަށް ހަދައިގެން ﷲ އަށް ނިސްބަތްކޮށް ބުނެއުޅެނީހެޔެވެ! ޝައެއްކެއްވެސް ނެތި އެއީ ހަދައިގެން، ﷲ އާ މެދު ދޮގުބުނަނީނެއެވެ.'' {ޔޫނުސް:59}

އަދިވެސް ވަޙީކުރެއްވިއެވެ: وَلا تَقُولُوا لِمَا تَصِفُ أَلْسِنَتُكُمْ الْكَذِبَ هَذَا حَلالٌ وَهَذَا حَرَامٌ لِتَفْتَرُوا عَلَى اللَّهِ الْكَذِبَ إِنَّ الَّذِينَ يَفْتَرُونَ عَلَى اللَّهِ الْكَذِبَ لا يُفْلِحُونَ

އާޔަތުގެ ތަފްސީރީމާނަ: ''އަމިއްލައަށް ޙަރާމް ޙަލާލް ކަނޑައަޅާފައި އެއީ ﷲ ބާވައިލެއްވި ގޮތޭ ބުނެ ދޮގުހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ދޮގުތައް ހަދައި ޙަލާލު ޙަރާމް ކަނޑައަޅާ ސިފަކޮށް އުޅޭ ކަންތަކަށް، މިއީ ޙަލާލް ކަމެކޭ އަދި މިއީ ޙަރާމް ކަމެކޭ ނުބުނާށެވެ. ހަމަކަށަވަރުން ﷲ އާމެދު ދޮގުހަދާ މީހުން ދުނިޔެއަކުވެސް އަދި އާޚިރަތަކުވެސް ނުދިންނަވާހުއްޓެވެ.'' {އައްނަޙްލު: 116}

ޙަލާލްކުރުމާއި ޙަރާމްކުރުމުގެ ޙައްޤު ލިބިގެންވާ ހަމައެކަނި ފަރާތަކީ ﷲ ކަމާއި، އަދި އެކަލާނގެ ފޮތުގައި ނުވަތަ އެކަލާނގެ ފޮނުއްވި ރަސޫލެއްގެ ދޫފުޅުން އެކަން ބަޔާންކުރައްވާނެކަމާއި، އަދި ތިމާމެންގެ ވަޒީފާއަކީ ޙަލާލް ޙަރާމްކަމުގެ ޙުކުމް މީސްތަކުންނަށް ބަޔާންކޮށްދިނުން އެކަނިކަން، އިސްވެދިޔަ ބަޔާންކަން ބޮޑު އާޔަތްތަކުންނާއި ފާޅުކަން ބޮޑު ޙަދީޘްތަކުން، އިސްލާމްދީނުގެ ފިޤުހު ޢިލްމުވެރިންވަނީ  ވަރަށް ޔަޤީންކަން ބޮޑުކޮށް ދެނެގެންފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ: وَقَدْ فَصَّلَ لَكُمْ مَا حَرَّمَ عَلَيْكُمْ

އާޔަތުގެމާނަ: ''ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ޙަރާމްކުރެއްވި ތަކެތި ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.'' {އަލްއަންޢާމް: 119}

ފަހަރެއްގައިވެސް ދީނުގެ ޢިލްމުވެރިންނަކީ، މީހުންނަށް ހުއްދަކަމާއި ހުއްދަނޫންކަމަކީ ކޮބައިކަން އަމިއްލައަށް ކަނޑައަޅާ ތަޝްރީޢުކުރާ ބައެއް ނޫނެވެ. އިސްލާމްދީނުގައި ކުރިން ތިއްބެވި ޢިލްމުވެރިންގެ ފުންނާބު އުސްކަމާއި، އިޖްތިހާދުކުރެވޭ ދަރަޖައިގެ މަތިކަމާއެކުވެސް، ފަތުވާއެއް ދޭންޖެހިވަޑައިގެންފިނަމަ އެކަމާ ފަސްޖެހިވަޑައިގަތެވެ. ޙަރާމްކަމެއް ޙަލާލްކުރެވިދާނެކަމަށް ނުވަތަ ޙަލާލްކަމެއް ޙަރާމްކުރެވިދާނެކަމަށް ބިރުފުޅުން، ފަތުވާއަކަށް އެދި އެބޭފުޅުންނަށް ހުށައެޅޭ ސުވާލުތައް، މާ މޮޅުކަމަށް ފެނިވަޑައިގަންނަވާ އެހެން ޢިލްމުވެރިއްގެ އަރިހުގައި ދަންނަވާށޭ ވިދާޅުވެ ފޮނުވާލައްވައެވެ.

އިމާމް ޝާފިޢީ އެކަލޭގޭފާނުގެ ފޮތް 'އަލްއުއްމު' ގައި އަބޫ ޙަނީފާގެ ދަރިވަރު އަލްޤާޟީ އަބޫ ޔޫސުފް ވިދާޅުވިކަމަށް ލިޔުއްވާފައިވެއެވެ: ''އިތުރު ތަފްސީރުކުރުންތަކަކާއި ތައުވީލުކުރުންތަކަކާ ނުލައި އެނގޭ ވަރަށް ޤުރުއާނުގައި ސާފުކޮށް ބަޔާންވެފައި ނެތް މައްސަލަތަކުގައި މެނުވީ، މިއީ ޙަލާލްކަމެކޭ އެއީ ޙަރާމްކަމެކޭ ބުނެ ފަތުވާދޭން، އަހަރެމެންގެ އެދުރުންނެއް ނުރުހެއެވެ. ތާބިޢީންކުރެ އެންމެ ހެޔޮކަންބޮޑު އެކަކު ކަމުގައިވާ އައްރަބީޢް ބިން ޚައިޘަމް ވިދާޅުވިކަމަށް އިބްނު އައްސާއިބު އަހަރެން ގާތު ވިދާޅުވިއެވެ: އެކަލޭގެފާނު ވިދާޅުވިއެވެ: "މިވެނި ކަމެއް ނުވަތަ އެވެނި އެއްޗެއް ﷲ ޙަލާލްކުރައްވައިފިޔޭ ނުވަތަ ރުހިވޮޑިގެންފިޔޭ، ނަމަނަމަ ކަލޭމެން ނުބުނާށެވެ. އެހެނީ އެއީ ޙަލާލް އަދި ރުހިވޮޑިގަންނަވާ ކަމެއް ނޫނިއްޔާ އޭނާއަށް ރައްދުދެއްވާ، ތިއީ ތިމަންރަސްކަލާނގެ ޙަލާލްކުރެއްވި އަދި ރުހިވޮޑިގަންނަވާ ކަމެއްވެސް ނޫނޭ، ﷲ ވަޙީކުރައްވާނެއެވެ. އަދި މިވެނި ކަމެއް ނުވަތަ އެއްޗެއް ﷲ ޙަރާމްކުރައްވައިފިޔޭ ކަލޭމެން އަމިއްލައަށް ނުބުނާށެވެ. އެހެނީ އެއީ ޙަރާމްކުރައްވާފައިވާ ކަމެއް ނޫންނަމަ، އޭނާއަށް ރައްދުދެއްވާ، ތިހެދީ ދޮގޭ އެއީ ތިމަންރަސްކަލާނގެ ޙަރާމްކުރެއްވި އަދި މަނާކުރެއްވި ކަމެއްވެސް ނޫނޭ، ﷲ ވަޙީކުރައްވާނެއެވެ. އަދި އިބްރާހީމް އައްނަޚްޢީ -ކޫފާގެ ތާބިޢީ ބޮޑެތި ފިޤުހުވެރިންގެ ތެރެއިން ބޭފުޅެއް- އެކަލޭގެފާނުގެ މަޛްހަބުގެ ބޭފުޅުންނާ ބެހޭގޮތުން ވިދާޅުވިކަމަށް، އަހަރެންގެ އެކުވެރި ބައެއް ބޭފުޅުން ވިދާޅުވިއެވެ: އެކަލޭގެފާނު ވިދާޅުވިއެވެ: އެބޭފުޅުން ކަމަކާމެދު ފަތުވާއެއް ދެއްވާ ނުވަތަ ކަމެއް ނަހީކުރައްވަންޏާ ވިދާޅުވަނީ، ތިޔައީ ކުރުން އެދެވިގެންނުވާ ކަމެކޭ ނުވަތަ ތިޔައީ އެންމެ ރަނގަޅު ކަމެކޭ، މިފަދައަކުންނެވެ. ވީމާ އަހަރެމެން ހިތަށް އަރާހާއިރަށް، ތިއީ ޙަލާލްކަމެކޭ ނުވަތަ ތިއީ ޙަރާމްކަމެކޭ، މިހެން ބުނުމަކީ ހާދަހާވާ ބޮޑު ކަމެކެވެ.!!''[2]

މިއީ އުއްމަތުގެ ކުރީގެ ބޮޑެތި ދަންނަބޭކަލުންގެ އަރިހުން، އިމާމް އަބޫ ޔޫސުފް ރިވާކުރެއްވީމާ، އިމާމް ޝާފިޢީ އެވާހަކަ ގެންނަވާފައި، އެއްބަސްވެވަޑައިގެންފައިވާ ބަސްފުޅުތަކެކެވެ. ހަމަ މިފަދައިން އިބްނު މުފްލިޙް ވެސް ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އަރިހުން ގެންނަވާފައިވެއެވެ. ވިދާޅުވިއެވެ: ''އުއްމަތުގެ ކުރީގެ ބޮޑެތި ދަންނަބޭކަލުން، ޙަރާމްކަމެއްކަން ކަނޑައެޅިގެން އެނގޭ ކަމަކަށް ނޫނީ، ޙަރާމް ކަމެކޭ ވިދާޅުނުވެއެވެ.''[3]

އިމާމް އަޙްމަދު ބިން ޙަންބަލްގެ ޙަޔާތްޕުޅުން ވެސް މިކަމަށް މިސާލު ފެންނަން އެބަހުއްޓެވެ. ކަމަކާ ބެހޭގޮތުން ސުވާލެއް ދެންނެވިއްޖެއްޔާ، ތިއީ އަހަރެން ނުރުހޭ ކަމެކޭ ނުވަތަ ތިއީ އަހަރެން ގަޔާވާ ކަމެއް ނޫނޭ ނުވަތަ ލޯބިކުރާ ކަމެއް ނޫނޭ ނުވަތަ ރަނގަޅުކަމަށް ފެންނަ ކަމެއް ނޫނޭ، މިފަދައަކުން ވިދާޅުވެ ޖަވާބު ދެއްވައެވެ.

މިއާ އެއްފަދަ ބަސްފުޅުތަކެއް، އިމާމް މާލިކާއި އިމާމް އަބޫޙަނީފާ އަދި އެ ނޫންވެސް އިމާމުންގެ ކިބައިން ގެނެވިފައި އެބަހުއްޓެވެ. އެ އެންމެހާ ބޭކަލުންނަށް ﷲ ރަޙްމަތް ލައްވާށިއެވެ.[4]

 

*  *   *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 


ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.