އާދީއްތަ20180909

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޙަރާމް ކުރުން ގުޅިފައި ވަނީ ނުބައި އެއްޗެއްސާއި ގެއްލުމާ

ޙަރާމް ކުރުން ގުޅިފައި ވަނީ ނުބައި އެއްޗެއްސާއި ގެއްލުމާ

halaal-haraam-4ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ އެންމެހާ މީސްތަކުން ހައްދަވާ، ގުނާއަދަދު ނުކުރެވޭހާ ނިޢުމަތް އެމީހުންނަށް ދެއްވާ ވެރިރަސްކަލާނގެ ކަމަށް ވާހިނދު، އެކަލާނގެ ބޭނުންފުޅުވެވޮޑިގަންނަވާ ކަމެއް ޙަލާލުކުރައްވާ، ޙަރާމްކުރެއްވުމަކީ، އެއީ އެކަލާނގެއަށް ލިބިވޮޑިގެންވާ ކަމެކެވެ. ހަމައެހެންމެ، އެކަލާނގެ ބޭނުންފުޅުވެވޮޑިގަންނަވާ ކަމެއް، އެއީ އަޅުކަމެއްކަމުގައި ލައްވައި، އެކަން ކުރުމަށް އަޅުތަކުންނަށް އަމުރުކުރުމަކީ ވެސް، އެކަލާނގެއަށް ލިބިވޮޑިގެންވާ ކަމެކެވެ. މިއިން ކަމަކަށް އިޢްތިރާޟްކޮށް ނުވަތަ ނުކިޔަމަންތެރިވުމުގެ ޙައްޤެއް، އަޅުތަކުންނަށް ލިބިގެނެއް ނުވެއެވެ. އެއީ އަޅުތަކުންގެ މައްޗަށްވާ ﷲ ގެ ރުބޫބިއްޔަތުކަމުގެ ޙައްޤެކެވެ. އަދި އެބައިމީހުން ﷲ އަށް އަޅުވެތިވުން ނިޔާކުރާގޮތެވެ.

ނަމަވެސް، އެކަލާނގެ ރަޙްމަތްފުޅުން، ޙަލާލް ޙަރާމް ކަނޑައަޅުއްވާފައިވަނީ، އޭގެ ސަބަބު އަހަރެމެންގެ ބުއްދިއަށް ވިސްނޭފަދަ ގޮތަކަށެވެ. އިންސާނުންގެ މަޞްލަޙަތާ އެއްގޮތްވާގޮތުގެ މަތިންނެވެ. މިގޮތުން، ރަނގަޅު ތަކެތި މެނުވީ، އެކަލާނގެ ޙަލާލު ނުކުރައްވައެވެ. އަދި ނުބައި ތަކެތި މެނުވީ ޙަރާމް ނުކުރައްވައެވެ.

ތެދެކެވެ. ރަނގަޅު މީރު ބާވަތްތަކުގެ ތެރެއިން ބައެއް ތަކެތި، ޔަހޫދީންގެ މައްޗަށް، އެކަލާނގެ ޙަރާމްކުރެއްވިއެވެ. ނަމަވެސް އެއީ ޔަހޫދީން، ﷲ ޙަރާމްކުރައްވާފައިވާ ކަންތައްތަކަށް އަރައިގަނެ، އެމީހުންގެ ހުރި އަނިޔާވެރިކަމާ ހެދި، ޢުޤޫބާތެއްގެ ގޮތުން ކަނޑައެޅުއްވި ކަމެކެވެ.  ﷲ ވަޙީކުރައްވާފައި ވަނީ: وَعَلَى الَّذِينَ هَادُوا حَرَّمْنَا كُلَّ ذِي ظُفُرٍ وَمِنْ الْبَقَرِ وَالْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَا إِلاَّ مَا حَمَلَتْ ظُهُورُهُمَا أَوْ الْحَوَايَا أَوْ مَا اخْتَلَطَ بِعَظْمٍ ذَلِكَ جَزَيْنَاهُمْ بِبَغْيِهِمْ وَإِنَّا لَصَادِقُونَ

އާޔަތުގެ ތަފްސީރީމާނަ: "ޔަހޫދީންނަށް ތިމަންރަސްކަލާނގެ ޙަރާމްކުރެއްވި ޖަނަވާރާއި ދޫނިފަދަ ތަކެތިވެސް ކަލޭގެފާނު ކިޔައިދެއްވާށެވެ. ޖަމަލާއި ނާމަދޫނި ފަދަ، އިނގިލިތައް ވަކިވެފައިނުވާ ކޮންމެ ސޫތްޕެއް، އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ޙަރާމްކުރެއްވީމެވެ. އަދި ގެރިބަކަރީގެ ސަރުބީގެ ތެރެއިން، އޭގެ ބުރަކަށީގައިވާ ސަރުބީއާއި، އޭގެ ގޮހޮރުގައިވާ ސަރުބީއާއި، ނުވަތަ ކައްޓާ އެކުވެފައިވާ ސަރުބީ ފިޔަވައި، އެހެން ހުރިހާ ސަރުބީއެއް އެބައިމީހުންގެ މައްޗަށް ޙަރާމްކުރެއްވީމެވެ. އެގޮތަށް ތިމަންރަސްކަލާނގެ ޔަހޫދީންނަށް ޖަޒާދެއްވީ، އެމީހުންގެ ނުބައި ޢަމަލުތަކާއި އަނިޔާވެރިކަމުގެ ސަބަބުންނެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ މި ދެއްވާ ޚަބަރުތަކަކީ ތެދު ވަޙީކަން ކަށަވަރެވެ.'' {އަލްއަންޢާމް:146}

އެމީހުންގެ މި ނުބައި ޢަމަލުތަކާއި އަނިޔާވެރިކަން އިތުރަށް ބަޔާންކޮށްދެއްވަމުން، ވަޙީކުރައްވާފައިވެއެވެ: فَبِظُلْمٍ مِنْ الَّذِينَ هَادُوا حَرَّمْنَا عَلَيْهِمْ طَيِّبَاتٍ أُحِلَّتْ لَهُمْ وَبِصَدِّهِمْ عَنْ سَبِيلِ اللَّهِ كَثِيراً * وَأَخْذِهِمْ الرِّبَا وَقَدْ نُهُوا عَنْهُ وَأَكْلِهِمْ أَمْوَالَ النَّاسِ بِالْبَاطِلِ

އާޔަތުގެ ތަފްސީރީމާނަ: "ޔަހޫދީން ފާފަތަކަށް އަރައިގަނެ، އަނިޔާވެރިވުމުގެ ސަބަބުން، ކުރިން އެމީހުންނަށް ޙަލާލްކުރައްވާފައިވާ ރަނގަޅު ތަކެތި، އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ޙަރާމްކުރެއްވީމެވެ. އަދި އެއީ، އެބައިމީހުން ﷲ ގެ މަގުގައި ގިނަގިނައިން ހުރަސްއަޅައި އުޅުމުގެ ސަބަބުންވެސް މެއެވެ. * އަދި ނަހީކުރައްވާފައިވާ ޙާލުގައި، އެބައިމީހުން ރިބާ ހިފިކަމުގެ ސަބަބުންނެވެ. އަދި، މީސްތަކުންގެ މުދާތައް ބާޠިލު ގޮތުގައި އެއުރެން ކެއުމުގެ ސަބަބުންނެވެ.'' {އައްނިސާ: 160- 161}

ދެން އިންސާނީ ދަރިފަސްކޮޅު ފުރާފުރިހަމަވެ، ބޮޑުވާ ޢުމުރަށް ދިއުމުން، އަބަދަށް ދެމިއޮންނާނެ އެންމެ ފަހުގެ ޢާއްމު ދީންކަމުގައި އިސްލާމްދީން ކަނޑައަޅުއްވާ، ނަބީކަން ސިއްކަޖައްސަވާ ނަބިއްޔާ ފޮނުއްވިއެވެ. އަދި ކުރީގެ ބޯހަރު، އަނިޔާވެރި ބަޔަކު އަދަބުވެރިކުރުވުމަށްޓަކައި ކަނޑައަޅުއްވާފައިވާ ބުރަތަކާއި ކަސްތޮޅުތައް، ﷲގެ ރަޙްމަތްފުޅުން ނަންގަވައި ލުއިކުރެއްވިއެވެ. އެ ނަބިއްޔާ ވަޑައިގެންނެވިއިރު، އެކަލޭގެފާނުންގެ ސިފަފުޅަކީ ކޮބައިކަން، އަހުލުކިތާބީންނަށް އެނގެން އޮތެވެ.

يَجِدُونَهُ مَكْتُوباً عِنْدَهُمْ فِي التَّوْرَاةِ وَالإِنجِيلِ يَأْمُرُهُمْ بِالْمَعْرُوفِ وَيَنْهَاهُمْ عَنْ الْمُنكَرِ وَيُحِلُّ لَهُمْ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمْ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالأَغْلالَ الَّتِي كَانَتْ عَلَيْهِمْ

އާޔަތުގެ ތަފްސީރީ މާނަ: ''އެ ރަސޫލާއީ، އެމީހުންގެ އަތުގައިވާ ތައުރާތާއި އިންޖީލުގައި، ރަސޫލާގެ ސިފަފުޅުތައް ލިޔެވިގެންވާތީ، އެމީހުން ދެކޭ ރަސޫލާއެވެ. އެކަލޭގެފާނު، އެބައިމީހުންނަށް، ﷲ އެއްކައުވަންތަކުރުމާއި ކިޔަމަންތެރިވުމާއި އަދި ހުރިހާ ހެޔޮކަންތަކަށް އަމުރުކުރައްވައެވެ. އަދި ޝިރުކުކުރުމާއި އުރެދުމާއި އަދި ހުރިހާ ނުބައިކަންތައް ނަހީކުރައްވައެވެ. އަދި ރަނގަޅު ތަކެތި އެމީހުންނަށް ޙަލާލް ކުރައްވައެވެ. އަދި ނުބައިވެގެންވާ ތަކެތި އެމީހުންނަށް ޙަރާމްކުރައްވައެވެ. އަދި ނަޖިސްޖެހޭ ތަންކޮޅު ހެދުމުން ކަނޑަން ޖެހުމާއި، ޣަނީމާ އަންދާލަންޖެހުމާއި ގަސްތަކާނުލާވެސް މީހަކު މަރުވެއްޖެނަމަ ޤިޞާޞްހިފަންޖެހުންފަދަ، އެމީހުންގެ މައްޗަށް ހުރި ބުރަތަކާއި، އެމީހުންގައި އެޅިފައިވާ ކަސްތަޅުތައް ނެތިކުރައްވާ ލުއިކުރައްވައެވެ.'' {އަލްއަޢްރާފް: 157}

ކުރެވޭ ފާފަތަކުގެ ކައްފާރާއަކަށް މީރު ރަނގަޅު ތަކެތި ޙަރާމްކުރެއްވުން ނޫން އެހެން ގޮތްތައް، މި އުއްމަތުގެ މީހުންނަށް، މާތް ﷲ މިންވަރުކުރައްވާފައިވެއެވެ. މިގޮތުން، ފެނުން ހަޑި ދޮވެވިގެންދާފަދައިން، ހެޔޮ ތައުބާއަކުން ތައުބާވުމުން ފާފަ ފޮހެވިގެންދެއެވެ. އަދި ހެޔޮކަންތައް ކުރުމުން، ނުބައިކަންތައް ނެތިވެ ފޮހެވިގެންދެއެވެ. ހަމައެހެންމެ، ޞަދަޤާތް ދިނުމަކީ، ފެނުން އަލިފާން ނިވޭފަދައިން، ފާފަތައް 'ނިއްވައިދޭ' ކަމެކެވެ. އަދި، މުސްލިމުންނަށް ދިމާވާ ދަތިތަކާއި މުޞީބާތްތަކުގެ ސަބަބުން، ޚަރީފް މޫސުމެއްގައި ގަހުގެ ހިކިފަތްތައް ވިހިގެންދާފަދައިން ފާފަތައް ވިހިގެންދެއެވެ.

ވީމާ ޙަރާމްވުން ގުޅިފައިވަނީ ނުބައި އެއްޗެއްސާއި ގެއްލުމާއިކަން، މިއީ އިސްލާމްދީނުގައި ކަނޑައެޅިގެން އެނގޭ ކަމެކެވެ. ހުސް ގެއްލުން ހުރި އެއްޗެއް ނުވަތަ ކަމެއް ވިއްޔާ އެއީ ޙަރާމެވެ. އަނެއްކޮޅުން، ހުސް މަންފާ ހުންނަ އެއްޗެއް ނުވަތަ ކަމެއް ވިއްޔާ އެއީ ޙަލާލެވެ. އަދި މަންފާއަށް ވުރެ ގެއްލުން ބޮޑު އެއްޗެއްސާއި ކަންތައް ޙަރާމެވެ. އަދި ގެއްލުމަށް ވުރެ މަންފާ ބޮޑު އެއްޗެއްސާއި ކަންތައް ޙަލާލެވެ. ރަލާއި ޖުވާއާ ބެހޭގޮތުން ޤުރުއާނުގައިވަނީ މިކަން ބަޔާންކުރައްވާފައެވެ.

يَسْأَلُونَكَ عَنْ الْخَمْرِ وَالْمَيْسِرِ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِنْ نَفْعِهِمَا

އާޔަތުގެ ތަފްސީރީމާނަ: ''ރާބުއިމާއި އެ ގަނެވިއްކުމާއި، ޖުވާކުޅުމާ ބެހޭގޮތުން، މުސްލިމުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! މީހުންގެ މުދަލަށާއި ބުއްދިއަށާއި އަދި ދިރިއުޅުމަށާއި ދީނަށް، ބޮޑުވެގެންވާ ގެއްލުމާއި ފަސާދަވުން، އެ ދެކަމުގައި ހިމެނިގެންވެއެވެ. އަދި އާމްދަނީގެ ގޮތުން، މީސްތަކުންނަށް ހިސާބަކަށް މަންފާ ލިބެނިވި ގޮތްތަކެއްވެސް އެ ދެކަމުގައި ވެއެވެ. ނަމަވެސް އެ ދެކަމުގެ މަންފާއަށްވުރެ، އެ ދެކަމުގެ ސަބަބުން، ﷲ ޛިކުރުކުރުން ހަނދާންނެތުމާއި ނަމާދުއެޅުމާއި، މީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެދުމާއި، ފައިސާ ބޭކާރުވުމާއި، ބުއްދި ބޭކާރުވުމާއި މިހިރަ މިހިރަ ކަންތަކުން ލިބޭ ގެއްލުމާއި ފަސާދަ މާބޮޑެވެ.(މިއީ ރާއާއި ޖުވާ އެއްކޮށް ޙަރާމްކުރެއްވުމުގެ ކުރިން ބާވައިލެއްވުނު އާޔަތެކެވެ.)'' {އަލްބަޤަރާ: 219}

އިސްލާމްދީނުގައި ޙަލާލީ ކޮން އެއްޗެއްތޯ ސުވާލުކުރެވިއްޖެނަމަ، އޭގެ ކުރު ޖަވާބަކަށް ވެފައި އޮންނަނީ އެއީ 'ރަނގަޅުތަކެއްޗާއި ކަންތައް' ކަމުގައެވެ. ރަނގަޅުތަކެއްޗޭ ބުނެވޭ ބަހުގެ މާނައަކީ، އިންސާނީ ޠަބީޢަތުން އެއީ ރަނގަޅު ތަކެތިކަމުގައި ބެލެވޭތަކެއްޗެވެ. އަދި އެއީ އެއަށް އާދަވެފައި ތިބީތީ، ރަނގަޅު އެއްޗެއް ނުވަތަ ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ޢާއްމުކޮށް ގިނަ މީހުން ރަނގަޅުތަކެތި ކަމުގައި ދެކޭ އެއްޗެއްސެވެ. މިކަމާ ގުޅޭ ގޮތުން ﷲ ވަޙީކުރައްވަނީ: يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ قُلْ أُحِلَّ لَكُمْ الطَّيِّبَاتُ

އާޔަތުގެމާނަ: ''ކެއުން ޙަލާލުވެގެންވަނީ ކޮން އެއްޗެއްތޯ، ޞަޙާބީން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ޙަލާލް ކުރެއްވިގެންވެއެވެ." {އަލްމާއިދާ:4}

الْيَوْمَ أُحِلَّ لَكُمْ الطَّيِّبَاتُ

އާޔަތުގެމާނަ: ''މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި ޙަލާލް ކުރައްވައިފިއެވެ.'' {އަލްމާއިދާ:5}

މާތް ﷲ، އެއްޗެއް ޙަރާމްކުރެއްވީ މިވެނި ގެއްލުމެއް ނުވަތަ ހަޑިކަމެއް އޭގައި ހިމެނޭތީކަން ތަފްޞީލުކޮށް އެނގުމަކީ އެއީ ކޮންމެހެން މުސްލިމުންނަށް ބޭނުންކަމެއް ނޫނެވެ. އެހެނީ، އެކަކަށް އެނގޭ ކަމެއް އަނެކަކަކަށް ނޭނގިވެސް އޮވެދާނެއެވެ. އަދި ޒަމާނެއްގައި ގެއްލުން ނޭނގި އޮތް އެއްޗެއް އެހެން ޒަމާނެއްގައި އެނގިވެސްދާނެއެވެ. މުއުމިނުންގެ ގޮތަކީ ﷲ ގެ އަމުރުފުޅެއް އަންނަހިނދު، އަހައިފީމޭ ކިޔަމަންވެއްޖައީމޭ، ބުނުމެވެ.

މިސާލަކަށް، އޫރުމަސް ކެއުން ﷲ ޙަރާމްކުރައްވާފައިވަނީ ކީއްވެގެންކަން، ކުރީގެ މުސްލިމުންނަކަށް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ އެއީ މުޑުދާރު އެއްޗެއްކަމެވެ. ދެން، ޢިލްމީ ގޮތުން ދުނިޔެ ކުރިއެރުމުން، އެއްކަލަ އޫރުމަހުގައި ގެއްލުންދެނިވި ޖަރާސީމާއި ފަނިތައް ހުންނަކަން ވަނީ އެނގިފައެވެ. އެހެން ނަމަވެސް، އޫރުމަހުގައި ގެއްލުމެއް ހުންނަކަން ޢިލްމީ ގޮތުން ނޭނގުނަސް، އަދި މިހާރު އެނގިފައިވާ މިންވަރަށް ވުރެ އިތުރު އެއްޗެހިތަކެއް އެނގުނަސް، މުސްލިމުން ތިބޭނީ އެއީ ޙަރާމް އެއްޗެއްކަން ހިތުގެ އަޑިން ޤަބޫލުކޮށްގެނެވެ. އެއީ ކައިގެން ނުވާނެ ނަޖިހެއްކަން ޤަބޫލުކޮށްގެނެވެ.

މާތްﷲ ގެ ލަޢްނަތާއި އަދި ޢާއްމުންގެ ލަޢްނަތް ވެސް ލިބޭ ތިންކަމަކުން ދުރުހެލިވާށޭ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވެއެވެ. އެ ތިންކަމަކީ މީހުން ފެން ހޯދަން ގޮސް އުޅޭ ތަންތަނަށާއި، މީހުން ހިނގާބިނގާވެ އުޅޭ މަގަށާއި، މީހުން ހިޔާހޯދަން ތިބޭ ތަންތަނަށް، ބޮޑުކަމުދިއުމެވެ.

ކުރީގެ މުސްލިމުންނަށް މި ޙަދީޘުން އެނގޭހާވެސް ކަމަކީ އެއީ ހިއްސު ރަނގަޅު މީހުން އެކަން ކުރުމުން ދުރުވެގަންނަ، ފަކުރު ކަމެއްކަމެވެ. އަދި ޢާއްމު އަދަބާ ޚިލާފު ކަމެއްކަމެވެ. ނަމަވެސް ޢިލްމީގޮތުން ދުނިޔެ ކުރިއެރީމާ، މި ތިންކަމަކީ ޢާއްމު ޞިއްޙަތަށް ހުރި ބޮޑު ނުރައްކަލެއްކަން އެނގުނެވެ. ބަލްހާރިސިއާ އާއި އެންކިލޮސްޓޯމާ ފަދަ ނުރައްކާތެރި ބަލިތަކުގެ ޖަރާސީމު ފެތުރޭ މައިގަނޑު ވަސީލަތަކީ މިއީކަން އެނގުނެވެ.

ވީމާ ޢިލްމީ ދޯދީގެ އަލި ގަދަވާވަރަކަށް، ހޯދުންތައް އިތުރުވާވަރަކަށް، އިސްލާމްދީނުގައި ކަނޑައަޅާފައިވާ ޙަލާލް ޙަރާމާއި، އަދި ޖުމްލަކޮށް އިސްލާމީ ޝަރީޢަތުގައިވާ ސިއްރުތަކާއި އޭގައިވާ މޮޅުކަން ހާމަވާނެއެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އިސްލާމީ ޝަރީޢަތަކީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވާ، ޙިކުމަތްވަންތަ، އަޅުތަކުންނަށް ރަޙްމަތްވަންތަ ރަސްކަލާނގެ ބާވައިލެއްވި ޝަރީޢަތެވެ.

وَاللَّهُ يَعْلَمُ الْمُفْسِدَ مِنْ الْمُصْلِحِ وَلَوْ شَاءَ اللَّهُ لأَعْنَتَكُمْ إِنَّ اللَّهَ عَزِيزٌ حَكِيمٌ

އާޔަތުގެމާނަ: ''އަދި އިޞްލާޙުކުރާ މީހުންނާއި ފަސާދަކުރާ މީހުން، ﷲ ދެނެވޮޑިގެންވެއެވެ. ﷲ އިރާދަކުރައްވައިފިނަމަ، ތިޔަބައިމީހުންނަށް ދަތިކުރައްވައިފީހެވެ. ހަމަކަށަވަރުން ﷲ އީ، ގަދަފަދަވަންތައް ޙިކްމަތްވަންތަ ރަސްކަލާނގެއެވެ.'' {އަލްބަޤަރާ: 220}

 

*  *   *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.