ހޯމަ20200928

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޙަރާމްކަންތައް ނުކޮށް ފުއްދޭނެ ޙަލާލްކަންތައް އެބަހުރި

ޙަރާމްކަންތައް ނުކޮށް ފުއްދޭނެ ޙަލާލްކަންތައް އެބަހުރި

halaal-haraam-5އިސްލާމްދީނުގެ ފުރިހަމަކަން ހާމަކޮށްދޭ އެއްކަމަކީ، އަދި މީސްތަކުންނަށް ލުއިފަސޭހަކޮށްދީފައިވާ މިންވަރަކީ، ދީނުގައި އެއްޗެއް ނުވަތަ ކަމެއް ޙަރާމްކޮށްފިއްޔާ އެއަށްވުރެ ހެޔޮ ރަނގަޅު، އޭގެ މަޤާމުފުރައިދޭ ޙަލާލު އެއްޗެއް ނުވަތަ ކަމެއް ގެނެސްދީފައިވެއެވެ. 'ރައުޟަތުލް މުޙިއްބީނަ' އަދި 'އިޢްލާމުލް މުވައްޤިޢީނަ' މި ދެފޮތުގައި އިބްނުލް ޤައްޔިމް -ރަޙިމަހުއްﷲ- މިކަން ބަޔާންކޮށްދެއްވާފައިވެއެވެ. މިގޮތުން ވިދާޅުވެފައިވެއެވެ:

''ނަސީބު ބެލުން ޙަރާމް ކުރައްވައި، އޭގެ ބަދަލެއްގެ ގޮތުން އިސްތިޚާރާ ދުޢާ ޝަރުޢުކުރެއްވިއެވެ. ރިބާ ޙަރާމް ކުރައްވައި، އޭގެ ބަދަލެއްގެ ގޮތުން ފައިދާ ލިބެނިވި ވިޔަފާރި ހުއްދަކުރެއްވިއެވެ. ޖުވާ ޙަރާމް ކުރައްވައި، އޭގެ ބަދަލެއްގެ ގޮތުން އަހާއި ޖަމަލު ދުއްވުމާއި ދުނިޖެހުން ފަދަ ދީނުގެ މަގުގައި ޖިހާދުކުރުމަށް ފައިދާހުރި ކަންކަމުގައި މުބާރާތް ބާއްވައި އެއިން ފައިސާ ހޯދުން ހުއްދަކުރެއްވިއެވެ. ފިރިހެނުންނަށް ފަށުއި ޙަރާމް ކުރައްވައި، އޭގެ ބަދަލެއްގެ ގޮތުން، މޮޅެތި ބާވަތްބާވަތުގެ ކެހެރިއާއި އުޔާއި ކިއްތާނު ފަދަ ފޭރާން ހުއްދަކުރެއްވިއެވެ. ޒިނޭއާއި ލިވާޠު ފަދަ ކަންތައް ޙަރާމް ކުރައްވައި، އޭގެ ބަދަލެއްގެ ގޮތުން ޙަލާލް ކައިވެނި ހުއްދަކުރެއްވިއެވެ. މަސްތުވާތަކެތި ބުއިން ޙަރާމް ކުރައްވައި، އޭގެ ބަދަލެއްގެ ގޮތުން ހަށިގަނޑަށް ފައިދާލިއްބައިދޭ އަދި ހިތަށް ހަމަޖެހުން ގެނެސްދޭ އެތައް ވައްތަރެއްގެ މީރު ބުއިންތައް ހުއްދަކުރެއްވިއެވެ. އަދި ކާތަކެތީގެ ތެރެއިން ނުބައިވެގެންވާ ތަކެތި ޙަރާމް ކުރައްވައި، އޭގެ ބަދަލެއްގެ ގޮތުން  ރަނގަޅު އެންމެހާ ކާނާއެއް ޙަލާލްކުރެއްވިއެވެ.''[1]

މިގޮތަށް ދީނުގެ ހުރިހާ ޙުކުމްތަކަށް ބެލިކަމުގައިވިޔަސް ފެންނާނީ، މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ކަމެއް މަނާކުރައްވާ ދަތިކުރެއްވިއްޔާ، އޭގެ ބަދަލެއްގެ ގޮތުން އެފަދަ އެހެން އެއްޗެއް ހުއްދަކުރައްވާ ތަނަވަސްކޮށް ދެއްވާފައިވާތަނެވެ. ފަހެ އެކަލާނގެ އަޅުތަކުންނަށް ތުރާކަމެއް، ދަތިކަމެއް، ވަރުބަލިކުރުމެއް، އެކަލާނގެ އިރާދައެއް ނުކުރައްވައެވެ. ކިއެއްތަ، އެކަލާނގެ އަޅުތަކުންނަށް އިރާދަކުރައްވަނީ، ފަސޭހަކަމާއި ހެޔޮގޮތެވެ. ހިދާޔަތާއި ރަޙްމަތެވެ. މިގޮތުން ﷲ ވަޙީކުރައްވަނީ: يُرِيدُ اللَّهُ لِيُبَيِّنَ لَكُمْ وَيَهْدِيَكُمْ سُنَنَ الَّذِينَ مِنْ قَبْلِكُمْ وَيَتُوبَ عَلَيْكُمْ وَاللَّهُ عَلِيمٌ حَكِيمٌ  * وَاللَّهُ يُرِيدُ أَنْ يَتُوبَ عَلَيْكُمْ وَيُرِيدُ الَّذِينَ يَتَّبِعُونَ الشَّهَوَاتِ أَنْ تَمِيلُوا مَيْلاً عَظِيماً *  يُرِيدُ اللَّهُ أَنْ يُخَفِّفَ عَنْكُمْ وَخُلِقَ الإِنسَانُ ضَعِيفاً

އާޔަތްތަކުގެ ތަފްސީރީމާނަ: މި ޙުކުމްތައް ބަޔާންކުރެއްވުމުގައި، ﷲ އިރާދަކުރައްވަނީ، ސީދާވެގެންވާ ދީނުގެ މަގު ތިޔަބައިމީހުންނަށް ދައްކަވައި، އެކަލާނގެ ޙިކުމަތްތެރި ޝަރީޢަތް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވައި، ތިޔަބައިމީހުންގެ މަޞްލަޙަތުހުރި ގޮތް ބަޔާންކޮށްދެއްވުމަށެވެ. އަދި ތިޔަބައިމީހުންގެ ކުރިން އުޅުނު މާތް ނަބީބޭކަލުންނާއި ޞާލިޙު ރަނގަޅު ބޭކަލުންގެ މަގުތަކަށް ތިޔަބައިމީހުންނަށް މަގުދެއްކެވުމަށެވެ. އަދި، ހެޔޮކަމުގެ މަގަށް ތިޔަބައިމީހުން ގެންނަވާ، ތިޔަބައިމީހުންގެ މައްޗަށް ތައުބާލެއްވުމަށެވެ. ﷲ އީ، އަޅުތަކުންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ، ޝަރުޢުކުރައްވާ ކަންތަކުގައި ޙިކުމަތްވަންތަ ރަސްކަލާނގެއެވެ. * އަދި ﷲ އިރާދަކުރައްވަނީ، ތިޔަބައިމީހުންގެ މައްޗަށް ތައުބާލައްވާ، ތިޔަބައިމީހުންނަށް ކުރެވިފައިވާ ކުށްފާފަތަށް ޢަފޫކުރެއްވުމަށެވެ. ނަމަވެސް އަމިއްލަ އެދުންތަކާއި އުފާތަކަށް ތަބާވެ އޭގެ ފަހަތުން ދާ މީހުން އެދެނީ، ޙައްޤު މަގު ފިޔަވާ ބާޠިލު މަގަށް ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ. * ﷲ ބާވައިލެއްވި ޝަރީޢަތުން އިރާދަކުރައްވަނީ، ތިޔަބައިމިހުންނަށް ލުއިކޮށްދެއްވާ ފަސޭހަކޮށްދެއްވުމަށެވެ. އެހެނީ، އިންސާނާއަކީ ބަލިކަށިމީހެކެވެ.'' {އައްނިސާ: 26-28}

 

*  *   *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 


ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.