ބުރާސްފަތި20181108

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ (ފޮޓޯ)

އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ (ފޮޓޯ)

halaal-haraam-foto

* މިއީ 'އިސްލާމްދީނުގައި ޙަލާލާއި ޙަރާމް' މިފޮތުގެ ބުދާއި ތަޞްވީރާއި ފޮޓޯއާއި ބެހޭގޮތުން އޮތް ބާބުގެ ބައެކެވެ. މި މިތާ މިވަނީ ހަމައެކަނި ކެމެރާއިން ނަގާ ފޮޓޯއާ ބެހޭ ވާހަކައެވެ. ވީމާ ބުދާއި، ޞޫރައިގެ ޙުކުމް އަދި މި މައުޟޫގެ ހުރިހާ ބައެއް ބައްލަވަން މިތަނަށް ފިތާލައްވާށެވެ!

އޮޅުމެއް ނެތްގޮތުގައި، މި ފޮތުގައި މީގެ ކުރިން 'ޞޫރަ' 'ޞޫރަހެދުން' މި ލަފްޒު ބޭނުންކުރެވިފައިވާ މާނައަކީ، ބުދު، އަދި ކޮށައި މަށައި ބުދުހެދުން، ނުވަތަ ތަންތަނާއި އެއްޗެހީގައި ކުރެހުމެވެ. މިކިޔާ ފޮޓޯގްރަފީ ޞޫރަ (ފޮޓޯ) މީގެ ތެރެއަކު ނުހިމެނެއެވެ.

ކެމެރާއެއް ބޭނުންކޮށްގެން ނަގާ ފޮޓޯގްރަފީ ޞޫރައަކީ، ކީރިތި ރަސޫލާގެ ޒަމާނުގައިވެސް އަދި މުސްލިމުންގެ ކުރީގެ ޢިލްމުވެރިންގެ ދުވަސްވަރުވެސް ނެތް، މިޒަމާނުގައި އަލަށް އުފެދިފައިވާ އެއްޗެކެވެ. ކަންމިހެން އޮތްއިރު، ޞޫރައާއި ޞޫރަހަދާ މީހުންނާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކުގައި އައިސްފައިވާ ޙުކުމް، މި ޒަމާނުގައި މިކިޔާ ފޮޓޯގްރަފީ ޞޫރައަށް ވެސް ދެވިދާނެހެއްޔެވެ؟

ދީނުގައި ޙަރާމްކުރެވިފައިވަނީ ހަމައެކަނި ޖިސްމުލީ ޞޫރަ ކަމަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިން، ފޮޓޯގްރަފީ ޞޫރައިގައި، ވަކިން ޚާއްޞަކޮށް މުޅިހަށިގަނޑު ނުހުންނަ ޞޫރަ، އެއްވެސް މައްސަލައެއް އޮތްކަމަކަށް ދެކެވަޑައިނުގަންނަވައެވެ.

ދެން ސުވާލަކީ އެހެންވިއްޔާ، ޖިސްމު ނުހުންނަ ޞޫރަވެސް ޙަރާމްކަމަށް ދެކެވަޑައިގަތް ޢިލްމުވެރިންގެ ރައުޔަށް ބަލާއިރު، ފޮޓޯގްރަފީ ޞޫރައާއި ފަންނާނެއްގެ ފިހިން ކުރެހޭ ޞޫރައަކާ، ޙުކުމުގައި އެއްގޮތްވާނެހެއްޔެވެ؟ ޞޫރަ ހަދާ މީހުންނަށް ޢަޛާބުލިބޭ ސަބަބުކަމުގައި ބައެއް ޙަދީޘްތަކުގައި ބުނެފައިވާ، ﷲ ގެ ޚަލްޤުކުރެއްވުމާ އެއްފަދަވުން، ފޮޓޯގްރަފީ ޞޫރަ ނެގުމުގައި ނުހިމެނޭ ނޫންހެއްޔެވެ؟ ވީމާ އުޞޫލުލް ފިޤްހު ޢިލްމުވެރިން ވިދާޅުވާފަދައިން، ޙަރާމްވާ ސަބަބު ނެތިއްޖެއްޔާ އެކަމުގެ ޙުކުމްވެސް ނެތޭނެ ނޫންހެއްޔެވެ؟

މިޞްރުގެ ކުރީގެ މުފްތީ އައްޝައިޚް މުޙައްމަދު ބަޚީތު [1]، މިކަމާމެދު އެއްވެސް އޮޅުމެއްނެތް ފަތުވާއެއް ދެއްވާފައިވެއެވެ. ވިދާޅުވެފައިވަނީ: "މި މަސައްކަތުގައި އުޅޭ  މީހުންނަށް އެނގޭނެފަދައިން، ކެމެރާއިން ފޮޓޯ ނެގުމަކީ، ކެމެރާއެއް ބޭނުންކޮށްގެން އެއްޗެއްގެ ހިޔަނި ނަކަލުކުރުމެވެ. އަދި އެއީ ދީނުގައި ނަހީކުރެވިފައިވާ ޞޫރަ ހެދުމެއް ނޫނެވެ. ސަބަބަކީ، ނަހީކުރެވިފައިވާ ޞޫރަ ހެދުމަކީ، ﷲ ގެ ޚަލްޤުކުރެއްވުމާ އެއްފަދަ އެއްޗެއް ހަދަންވެގެން، ކުރީގައި ނެތް، ނުވަތަ ހެދިފައި ނެތް ޞޫރައެއް އުފައްދާ ހެދުމެވެ. ކެމެރާއިން ފޮޓޯ ނެގުމަކީ މި މާނަ ހިމެނޭ ކަމެއް ނޫނެވެ."

halaal-haraam-geythereygai-dއެއީ ކޮންމެ ވައްތަރެއްގެ ޞޫރައަކަށް ވިޔަސް، އަދި ފޮޓޯގްރަފީ ޞޫރަކަމަށް ވިޔަސް، އެއާމެދު ހަރުކަށިވެ އެ ހުއްދަނުކުރާ މީހުން އުޅެއެވެ. ނަމަވެސް ޝައްކެއްވެސް ނެތްގޮތުގައި އެމީހުންވެސް، ޕާސްޕޯޓާއި ކާކުކަން އަންގައިދޭ ކާޑުފަދަ އެއްޗެހީގައި ޖެހުމަށާއި، ފުލުހުންނަށް ފިލައިގެން އުޅޭ މީހުން ހޯދުމަށާއި، އުނގަންނައިދިނުމުގައި ޞޫރަ ބޭނުންވާ ހާލަތްފަދަ، ޟަރޫރަތްތަކަށްޓަކައި ނުވަތަ މަސްލަހަތަކަށްޓަކައި ފޮޓޯ ނަގަންޖެހިއްޖެނަމަ އެކަން ހުއްދަކުރެއެވެ. ނަމަވެސް މިގޮތަށް ނަގާ ފޮޓޯއެއްގައިވެސް، މަތިވެރިކުރުމާއި މާތްކުރުން ނުވަތަ ޢަޤީދާއަށް ކިލަނބުވާފަދަ ކަމެއް ހިމެނިގެން ނުވާނެއެވެ. މިޒަމާނުގައި މިކަހަލަ ފޮޓޯނަގަންޖެހުމުގެ ބޭނުމާއި މުހިއްމުކަން، ކީރިތި ރަސޫލާ އިސްތިސްނާކުރައްވާފައިވާ ފޮތީގައި ކުރެހޭ ޞޫރައަށް ވުރެ، ބޮޑެވެ.

ފޮޓޯގެ މައުޟޫ

ފޮޓޯއާމެދު އިސްލާމްދީން ދެކޭގޮތް ކަނޑައެޅުމުގައި ބެލޭ މުހިއްމު އެއްކަމަކީ އެ ފޮޓޯގެ މައުޟޫއެވެ. ފޮޓޯގެ މައުޟޫއަކީ އިސްލާމީ ޢަޤީދާއާއި، ދީނުގެ ޝަރީޢަތާއި އަދަބުތަކާ ޚިލާފު މައުޟޫއެއްނަމަ، އެ ޙަރާމްވާނެކަމާމެދު އެއްވެސް މުސްލިމަކު ދެބަސްނުވާނެއެވެ. ވީމާ އޮރިޔާމުން ނުވަތަ އެއްބައި އޮރިޔާމުން ތިބޭ އަންހެނުން ފޮޓޯނެގުމާއި، އަންހެންވަންތަކަމާއި އޭގެ ސިހުރު ފޮޓޯއިން ދެއްކުމަކީ، ދީނުގައި ހުއްދަވާނެ ކަމެއް ނޫނެވެ. އަދި އަންހެނުން އެކިގޮތްގޮތަށް ބައިތިއްބައިގެން، ފިރިހެނުންގެ ޝަހުވަތް ހިލުވޭކަހަލަ ފޮޓޯ ނެގުމާއި ކުރެހުމަކީވެސް ހުއްދަކަމެއް ނޫނެވެ. ބައެއް ނޫސްމަޖައްލާތަކުންނާއި ފިލްމުތަކުން މިފެންނަނީ އެކަހަލަ މަންޒަރުތަކެވެ. ޝައްކެއްވެސް ނެތްގޮތުގައި މިފަދަ ފޮޓޯއަކީ ދީނުގައި ޙަރާމް އެއްޗެކެވެ. އަދި މިފަދަ ފޮޓޯ ނެގުންވެސް ޙަރާމެވެ. އަދި މިފަދަ ނޫސްމަޖައްލާތައް ޝާއިޢުކުރުމާއި، ގެންގުޅުމާއި، ގެއާއި އޮފީސްފަދަ ތަންތާނގައި ބެހެއްޓުމާއި، ފާރުގައި އެލުވުމާއި، ގަސްތުގައި އެބެލުންވެސް ޙަރާމެވެ.

ހަމަ މިބީދައިން، ﷲ އަށްޓަކައި އެމީހުންނަށް ނަފްރަތުކުރުން މުސްލިމުންގެ މައްޗަށް ވާޖިބުވާ، ކާފިރުންނާއި އަނިޔާވެރިންނާއި ފާސިޤުންގެ ފޮޓޯވެސް ޙަރާމްވެގެންވެއެވެ. ވީމާ ﷲ ވޮޑިގެންވާކަން ޤަބޫލުނުކުރާ ކާފިރު ޒަޢީމުންނާއި، އަލިފާނާއި ގެރިއަށް އަޅުކަންކުރާ މުޝްރިކުންނާއި، ކީރިތި ރަސޫލާގެ ނަބީކަން ޤަބޫލުނުކުރާ ޔަހޫދީންނާއި ނަޞާރާއިންނާއި، މުސްލިމެއްކަމަށް ދަޢްވާކުރިނަމަވެސް ﷲ ބާވައިލެއްވި ޝަރީޢަތަށް ޙުކުމްނުކުރާ ވެރިންނާއި، މުޖްތަމަޢުގައި ފަސާދައާއި ފާޙިޝްކަންތައް ފަތުރާ ލަވަކިއުންތެރިންނާއި ފިލްމުކުޅޭ މީހުންގެ، ފޮޓޯ ނެގުމާއި ގެންގުޅުން ޙަރާމްވާނެއެވެ.

އަދި ހަމަ މިބީދައިން، ބުދަށް އަޅުކަންކުރުމާއި، އިސްލާމްދީން ނުރުހޭ ބާޠިލް ދީންތަކުގެ ބުދާއި ޞަލީބުފަދަ ޝިޢާރުތަކުގެ ފޮޓޯވެސް ޙަރާމްވާނެއެވެ. ހީވާގޮތުން ކީރިތި ރަސޫލާގެ ޒަމާނުގައި މީހުން ގެންގެޅުނު ގިނަ ކާޕެޓާއި ބާލީހާއި ފަރުދާފަދަ އެއްޗެހީގައި މިބުނިކަހަލަ ޞޫރަ ހިމެނިފައިހުއްޓެވެ. މިގޮތުން ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވަނީ، ކީރިތި ރަސޫލާގެ ގެކޮޅުގައި ޞަލީބެއްގެ ޞޫރައިގައިވާ އެއްޗެއް ހުރިއްޔާ، އެކަލޭގެފާނު އެ ހަލާކުކޮށްލެއްވިކަމަށެވެ.[2]

އަދި އިބްނު ޢައްބާސް ރިވާކުރައްވާފައިވެއެވެ: "މައްކާ ފަތަޙަކުރެއްވި އިރު، ކަޢްބަތުﷲ ގެފުޅު ތެރެއިން ޞޫރަ ފެނިވަޑައިގަތުމުން، އެ ފޮހެން އަމުރުކުރައްވާފައި، އެއްކޮށް ފޮހެވެންދެން، ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެތެރެއަށް ވަދެވަޑައިނުގަތެވެ."[3] ޝައްކެއްނެތްގޮތުގައި އެވާނީ، މައްކާގެ މުޝްރިކުން ބުދަށް އަޅުކަންކުރުމާއި އެމީހުން ތިބި އިހުގެ މަގުފުރެދުމާ ގުޅުންހުރި ޞޫރައަށެވެ.

ޢަލީ ބިން އަބީޠާލިބް ވިދާޅުވެފައިވެއެވެ: كَانَ رَسُولُ اللَّهِ صَلَّىَ اللهُ عَلَيْهِ وَسَلَّمَ فِي جِنَازَةٍ فَقَالَ: أَيُّكُمْ يَنْطَلِقُ إِلَى المَدِيْنَةِ فَلاَ يَدَعُ بِهَا وَثَنا إِلاَّ كَسَرَهُ، وَلَا قَبْرا إِلاَّ سَوَّاهُ، وَلاَ صُوْرَةً إِلاَّ لَطَّخَهَا؟ فَقَالَ رَجُلٌ: أَنَا يَا رَسُولَ اللهِ ‍‍‍. وَانْطَلَقَ الرَّجُلُ ثُمَّ رَجَعَ فَقَالَ: يَا رَسُولَ اللهِ ‍‍‍‍. لَمْ أُدْعَ بِهَا وَثَنا إِلاَّ كَسَرْتُهُ، وَلاَ قَبْرَا إِلاَّ سَوَّيْتُهُ، وَلاَ صُوْرَةً إِلاَّ لَطَّخْتُهَا. ثُمَّ قَالَ رَسُولُ اللهِ صَلَّىَ اللهُ عَلَيْهِ وَسَلَّمَ: "مَنْ عَادَ إِلَى شَيْءٍ مِنْ هَذَا فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ صَلَّىَ اللهُ عَلَيْهِ وَسَلَّمَ"

ޙަދީޘުގެމާނަ: "ޖަނާޒާއެއްގައި ހުންނަވާފައި ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: 'މަދީނާއަށް ގޮސް އެތާ އެއްވެސް ބުދެއް ނުބަހައްޓާ މުގުރާލާނީ، އަދި އުފުލިފައިހުރި މަހާނައެއްވިއްޔާ ބިމާހަމަކޮށްލާނީ، އަދި ޞޫރައެއް ހުރިއްޔާ މޫނު ފޮހެލާ ހުތުރުކޮށްލާނީ، ކަލޭމެންގެ ތެރެއިން ކާކުހެއްޔެވެ؟' ދެން މީހަކު ދެންނެވިއެވެ: 'އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑެވެ.' ދެން އޭނާ ގޮސްފައި އެނބުރިއައިސް ދެންނެވިއެވެ: 'އޭ ﷲ ގެ ރަސޫލާއެވެ! ބުދެއް ހުރިއްޔާ މުގުރާލައިފީމެވެ. އުސް މަހާނައެއް ހުރިއްޔާ ބިމާ ހަމަކޮށްފީމެވެ. ޞޫރައެއް ހުރިއްޔާ މޫނު ފޮހެލާ ހުތުރުކޮށްފީމެވެ.' ދެން އެއަށްފަހު ރަސޫލާ ޙަދީޘްކުރެއްވިއެވެ: "މިކަހަލަ ކަމަކަށް އެނބުރި ގޮސްފި މީހަކު، މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ބާވައިލެއްވުނު ދީނަށް ކުފުރުވެއްޖެއެވެ."[4]

ޞޫރައާއި ޞޫރަ ހަދާމީހުންގެ ޙުކުމުގެ ޚުލާޞާ

ޞޫރައާއި ޞޫރަ ހަދާމީހުންގެ ޙުކުމް މިއަންނަވިފަދައިން އަހަރެމެންނަށް ޚުލާޞާކުރެވިދާނެއެވެ:

1-  ޞޫރައިގެ ޙަރާމްކަން އެންމެ ބޮޑު ވައްތަރަކީ، ﷲ ފިޔަވައި އަޅުކަން ކުރެވޭ ފަރާތްތަކުގެ ޞޫރައެވެ. އެނގިހުރެ މި މަޤްޞަދުގައި ޞޫރަ ހަދައި ނުވަތަ ބޭނުންކޮށްފިނަމަ، އެމީހަކު ކުފުރުވާނެއެވެ.

އަދި މީގެ ތެރެއިން ޖިސްމު ހުންނަ (ހިޔަނި ހުންނަ) ޞޫރައިގެ ޙަރާމްކަން އަދި އެތައް ގުނައެއް ބޮޑެވެ. މިފަދަ ޞޫރަ މީހުންގެ ތެރޭގައި ފަތުރާ، ނުވަތަ އެއްވެސް ގޮތަކަށް އެ މާތްކޮށް ހިތައިފި މީހަކު، އެކަމުގައި އޭނާގެ ބައިވެރިވީ މިންވަރަކަށް ފާފަވެރިވާނެއެވެ.

2-  ދެވަނައަށް ފާފަ އެންމެ ބޮޑީ، އެއީ އަޅުކަން ނުކުރެވޭ އެއްޗަކަށް ވިޔަސް، ﷲ ގެ ޚަލްޤުކުރެއްވުމާ އެއްފަދަވުމުގެ ބޭނުމުގައި ހެދޭ އެއްޗެއްސެވެ. މާނައަކީ، މާތް ﷲ ޚަލްޤުކުރައްވާ އީޖާދުކުރައްވާހެން، ތިމަންނައަށް ވެސް، އެއްޗެހި ހެދިދާނެކަމަށް ދަޢްވާކުރުމެވެ.  މިފަދަ މީހަކު ކުފުރުވާނެއެވެ. ނަމަވެސް މިކަން ގުޅިފައިވަނީ ޞޫރަ ހަދާ މީހާގެ ނިޔަތާއެވެ.

3-  ތިންވަނައަށް ފާފަ އެންމެ ބޮޑީ، އަޅުކަން ނުކުރެވޭ، އެކަމަކު އެތަކެތި މާތްކޮށް ކަމޭހިތޭ ބުދުތަކެވެ. މިސާލަކަށް މައިދާންތަކާއި އަދި މިނޫންވެސް ތަންތާނގައި ރަސްރަސްކަލުންނާއި ވެރިންނާއި ރައީސުންގެ ހަނދާން ދަމަހައްޓަން ބެހެއްޓިފައި ހުންނަ ބުދުތަކެވެ. މުޅި ހަށިގަނޑު އެއްކޮށް ހުންނަ ބުދެކޭ، ހަށިގަނޑުގެ އެއްބުރި ހުންނަ ބުދެކޭ މީގައި ތަފާތެއް ނެތެވެ.

4-  ހަތަރުވަނަ ބާވަތަކީ އިސްވެދިޔަ ދެ ބާވަތަށްވުރެ ފާފަކުޑަ ބާވަތެކެވެ. އެއީ ދިރޭތަކެތީގެ، އެހެންނަމަވެސް އަޅުކަންކޮށް އަދި މާތްކޮށް ނުހިތެވޭ، ޖިސްމު ހުންނަ ތަކެއްޗެވެ. އެކަމަކު މި ވައްތަރުވެސް ޙަރާމްކަމަށް ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. މިޙުކުމުން އިސްތިސްނާވާ އެއްޗަކީ، ކުޑަކުދިން ކުޅެން ގެންގުޅޭ ގޮނޑިކޮއްކޮ ފަދަ، އިހާނެތިކުރެވޭ އެއްޗެއްސެވެ. ބުދުގެ ސިފައިގައި ކާން ހަދާފައިހުންނަ ކޭކާއި ޗޮކުލެޓުފަދަ އެއްޗެހިވެސް މީގެތެރޭގައި ހިމެނެއެވެ.

5-  ތަރުތީބުގައި ފަސްވަނައަށް އަންނަނީ، ވެރިންނާއި ޒަޢީމުންފަދަ، މީހުން މާތްކުރާ، ޖިސްމު ނުހުންނަ ޞޫރަ ނުވަތަ ފޮޓޯ ލޯގަނޑެވެ. ވަކިން ޚާއްޞަކޮށް ތަންތާނގައި ބެހެއްޓި ނުވަތަ އެލުވޭ އެއްޗެއްސެވެ. އަދި އެއީ އަނިޔާވެރި ނުވަތަ ފާސިޤު ނުވަތަ ދީން ޤަބޫލުނުކުރާ މީސްމީހުންގެ ފޮޓޯނަމަ، ޙަރާމްކަން ބޮޑުވެއެވެ. އެހެނީ އެފަދަ މީސްމީހުން މާތްކުރުމަކީ، އިސްލާމްދީނަށް ވެވޭ އިހާނާތެކެވެ.

6-  ދެން ހުރި ވައްތަރަކީ، ހިޔަނިލީ ޖިސްމެއް ނުވާ އަދި މާތްވެސް ނުކުރެވޭ، ރޫޙު ހުންނަ އެއްޗެހީގެ ޞޫރައެވެ. އެކަމަކު މުއްސަނދިކަމާއި މަތީފަންތީގެ ދިރިއުޅުން ދެއްކުމުގެ ބޭނުމުގައި، މިސާލަކަށް ފާރުފަދަ ތަންތަން މިކަހަލަ ޞޫރައިން ޒީނަތްތެރިކުރުމެވެ. މި ވައްތަރުގެ ޞޫރައިގެ ޙުކުމަކީ ހަމައެކަނި މަކްރޫހަވުމެވެ.

7-  ދެން ގަސްގަހާގެހި، އޮޑިދޯނިފަހަރު، ކަނޑުފަޅުފަދަ ޠަބީޢީ މަންޒަރުތައް ދައްކައިދޭ، ރޫޙު ނުހުންނަ އެއްޗެހީގެ ޞޫރަ، ހެދުމާއި ގެންގުޅުމަކީ ދީނުގައި ހުއްދަކަމެކެވެ. ނަމަވެސް މީގެ ސަބަބުން އަޅުކަންކުރުމުގައި ބަހައްޓަންވާ ސަމާލުކަން ގެއްލި، ނުވަތަ ދެއްކުންތެރިކަމާއި އިސްރާފަކަށް ވެއްޖެނަމަ، މިފަދަ ޞޫރަ ވެސް ހުއްދަ އެއްޗަކުން މަކްރޫހަ އެއްޗަކަށް ބަދަލުވެދާނެއެވެ. އަދި ފަހަރެއްގާ ޙަރާމްވެސް ވެދާނެއެވެ.

8-   ކެމެރާއިން ނަގާ ފޮޓޯއަށް ބަލާއިރު، އޭގެ އަސްލަކީ ހުއްދަވުމެވެ. އެ ޙަރާމްވާނީ އޭގައި ޙަރާމްކަމެއް ހިމެނިއްޖެނަމައެވެ. މިސާލަކަށް ދީނީ ސަބަބަކަށްޓަކައި ނުވަތަ ދުންޔަވީ ސަބަބަކަށްޓަކައި މާތްކޮށް މަތިވެރިކުރެވޭ މީހުންގެ ފޮޓޯ، އަދި ވަކިން ޚާޢްޞަކޮށް އެއީ އަޚްލާޤުން އެއްކިބާވެފައިވާ ފަންނާނުންނާއި، ދީން ޤަބޫލުނުކުރާ ވެރިންނާއި ބުދަށްއަޅުކަންކުރާ މީހުންނާއި ފާސިޤުންނާއި ކާފިރުން ދައްކައިދޭ ފޮޓޯއެއްނަމަ، ހުއްދަ ނުވާނެއެވެ.

9-  އެންމެ ފަހު ނުކުތާއަކީ، ދީނުގައި ޙަރާމް ބުދާއި ޞޫރަ، ހުތުރުކުރެވިއްޖެނަމަ ނުވަތަ ނިކަމެތިކުރެވިއްޖެނަމަ، ޙަރާމް ދާއިރާއިން ޙަލާލް ދާއިރާއަށް ބަދަލުވެއެވެ. މިސާލަކަށް މީހުން ފައިންއަރައި އުޅޭ ކާޕެޓުފަދަ އެއްޗެހީގައި ހުންނަ ޞޫރައެވެ.

 

= ނިމުނީ =

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 


ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.