ހުކުރު20201120

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ގޭތެރޭގައި

އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ގޭތެރޭގައި

halaal-haraam-geythereygai* ހައްދުފަހަނައަޅާފައިވާ މުއްސަނދިކަމާއި ބުދުގެ އަސަރު
* ރަންރިހީގެ ކަންވާރު
* އިސްލާމްދީން ބުދު ޙަރާމްކުރޭ
* ބުދު ޙަރާމްވުމުގެ ޙިކްމަތް
* ބޮޑުންގެ ހަނދާން ދެމެހެއްޓުން
* ކުޑަކުދިން ކުޅޭ އެއްޗެހި ހުއްދަ
* އުނިކޮށް ހުންނަ ބުދާއި ހުތުރުކުރެވިފައިވާ ބުދު
* ކުރެހުމާއި ކުރެހުންއެޅުން (ޖިސްމު ނުހުންނަ ޞޫރަ)
* ޞޫރަ ނިކަމެތިކުރުމުން އެ ޙަލާލުވޭ
* ފޮޓޯގްރަފީ ޞޫރަ (ފޮޓޯ)
* ފޮޓޯގެ މައުޟޫ
* ޞޫރައާއި ޞޫރަ ހަދާމީހުންގެ ޙުކުމުގެ ޚުލާޞާ

މާހައުލުގައިވާ އުދަނގޫތަކުން ސަލާމަތްވުމަށާއި، މުޖުތަމަޢުގައި އޮންނަ ތަފާތު ޤައިދުތަކުން މޮހެވި، އަމިއްލަކަމާއި މިނިވަންކަމުގެ އިޙްސާސް ލިބިގަތުމަށް އިންސާނުން ވަންނަ ތަނަކީ ގެއެވެ. ގޭގައި އޭނާގެ ހަށިގަޑަށް އަރާމާއި، ނަފްސަށް ހިތްހަމަޖެހުން ލިއްބައިދެއެވެ. މާތް ﷲ، އިންސާނުންނަށް ދެއްވި މަތިވެރި ނިޢުމަތްތަކުގެ ތެރޭގައި ގެދޮރު ހިމެނެނީ މިހެން ވެގެންނެވެ.  އެކަލާނގެ ވަޙީކުރައްވަނީ: وَاللَّهُ جَعَلَ لَكُمْ مِنْ بُيُوتِكُمْ سَكَناً

އާޔަތުގެމާނަ: ''އަދި ﷲ، ތިޔަބައިމީހުން ހިމޭންވެތިބޭ ތަންތަންކަމުގައި، ތިޔަބައިމީހުންނަށް، ތިޔަބައިމީހުންގެ ގެތައް ލެއްވިއެވެ." {އައްނަޙްލު: 80}

ގޮވައްޗަކީ ޖާގަ ތަނަވަސް އުޅެން ފަސޭހަ ތަނަކަށް ވުމަށް، ކީރިތި ރަސޫލު-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ލޯބި ކުރެއްވިއެވެ. އަދި އެއީ ދުނިޔޭގެ އުފާވެރިކަމުގެ ތެރެއިން ހިމެނޭ ކަމެއްކަމުގައި ދެކެވަޑައިގަތެވެ. މިހެންވެ ޙަދީޘް ކުރެއްވީ: أَرْبَعٌ مِنْ السَّعَادَةِ: المَرْأَةُ الصَّالِحَةُ، وَالمَسْكَنُ الْوَاسِعُ، وَالجَار الصَّالِحُ، وَالْمَرْكَبُ الْهَنِئُ[1]

ޙަދީޘުގެމާނަ: ''އުފާވެރިކަމުގެ ތެރެއިން ހަތަރު ކަމެއްވެއެވެ. އެއީ ޞާލިޙު އަންބަކާއި، ތަނަވަސް ގެއަކާއި، ޞާލިޙު އަވައްޓެރިއަކާއި، ފަސޭހަ ސަވާރީއެކެވެ.''

އަދި ވަރަށް ގިނައިން ކިރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މި ދުޢާކުރެއްވިއެވެ: اللَّهُمَّ اغْفِرْ لِيَ ذَنْبِيَ، وَوَسِّعْ لِيَ فِيْ دَارِيِ، وَبَارِكْ لِيَ فِيْ رِزْقِيْ" فَقِيْلَ لَهُ: مَا أَكْثَرَ مَا تَدْعُوَ بِهَذِهِ الدَّعَوَاتِ يَا رَسُوْلَ اللَّهِ ! فَقَالَ: "هَلْ تَرَكْنَ مِنْ شَيْءٍ[2]

ޙަދީޘުގެމާނަ: "މާތް ރަސްކަލާކޮ! މިއަޅާގެ ފާފަ ފުއްސަވައިފާނދޭވެ! އަދި މިއަޅާގެ ގެދޮރު ތަނަވަސްކޮށްދެއްވައިފާނދޭވެ! އަދި މިއަޅާގެ ރިޒުޤުގައި ބަރަކާތްލައްވައިފާނދޭވެ!" ދެން ޞަޙާބީން ދެންނެވިއެވެ: "ކަލޭގެފާނު ތި ދުޢާ ތިހާ ގިނައިން ކުރައްވަނީ ކީއްވެގެންތޯއެވެ؟" އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "މީގައި ނުހިމެނޭ ކަމެއް އެބައޮތްހެއްޔެވެ؟"

އިސްލާމް ދީނަކީ ޠާހިރުކަމާއި ސާފުކަމަށް ލޯބިކުރާ ދީނެއްކަމާއި، މާތްﷲ އާ ކުއްތަންވުމަށްޓަކައި ހަޑިމުޑުދާރުވާންޖެހޭ ކަމަށް ދެކޭ އެހެނިހެން ދީންތަކުގެ މީހުންނާ މުސްލިމުން ތަފާތުކަން ދައްކަން، މުސްލިމުންގެ ގެދޮރުވެސް ސާފުތާހިރުކޮށް ބޭއްވުމަށް ކީރިތި ރަސޫލާ ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. މިގޮތުން ޙަދީޘްކުރެއްވީ: إِنَّ اللَّهَ تَعَالَى طَيِّبٌ يُحِبُّ الطَّيِّبَ، نَظِيْفٌ يُحِبُّ النَّظَافَةَ، كَرِيْمٌ يُحِبُّ الكَرَمَ، جَوَادٌ يُحِبُّ الجُوْدَ، فَنَظِّفُوا أَفْنِيَتَكُمْ وَلاَ تَشَبَّهُوا بِالْيَهُوْدِ[3]

ޙަދީޘުގެމާނަ: ''ހަމަކަށަވަރުން ﷲ އަކީ ހެޔޮވަންތަ ރަސްކަލާގެއެވެ. އެކަލާނގެ ހެޔޮތަކެތި ދެކެ ލޯބިވެވޮޑިގަންނަވައެވެ. ޠާހިރުކަންދެކެ ލޯބިވެވޮޑިގަންނަވާ، ޠާހިރުވަންތަ ރަސްކަލާނގެއެވެ. ދީލަތިކަންދެކެ ލޯބިވެވޮޑިގަންނަވާ، ދީލަތިވަންތަ ރަސްކަލާނގެއެވެ. ރިޒުޤު ހޭދަކުރުންދެކެ ލޯބިވެވޮޑިގަންނަވާ، ރިޒުޤު ދެއްވާ ރަސްކަލާނގެއެވެ. ފަހެ ޔަހޫދީންނާއި އެއްގޮތް ނުވެ، ތިޔަބައިމީހުންގެ ގޯތިގެދޮރު ސާފުކޮށް ބާއްވާށެވެ."

ހައްދުފަހަނައަޅާފައިވާ މުއްސަނދިކަމާއި ބުދުގެ އަސަރު

މުސްލިމުން އެމީހުންގެ ގޭތެރެ، ތަފާތު ވައްތަރުތަކުގެ މާމެލާމެލިންނާއި ރީތި އަތްތެރިމަސައްކަތުން ނުވަތަ އެނޫންވެސް ޙަލާލު އެއްޗެހިން ޒީނަތްތެރިކުރުމަކީ، މައްސަލައެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވަނީ: قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ

އާޔަތުގެ ތަފްސީރީމާނަ: ''އެ ޖާހިލު މުޝްރިކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ: ޒީނަތެއްގެ ގޮތުން ﷲ ކަލޭމެންނަށް ދެއްވާފައިވާ ރީތި ފޭރާން، ކަލޭމެންގެ މައްޗަށް ޙަރާމްކުރީ ކާކުހެއްޔެވެ؟" {އަލްއަޢްރާފް:32}[4]

ގެއާއި އަންނައުނާއި އަރައިގެންހުންނަ ފައިވާން ރީތި އެއްޗަކަށް ވުމަށް ލޯބިކުރުމަކީ ފަހަރެއްގައިވެސް ދީނާއި އިދިކޮޅު ކަމެއް ނޫނެވެ. އަދި ދީންވެރިވުމުގެ ރޫޙާއި ޚިލާފު ކަމެއްވެސް ނޫނެވެ. އެއްފަހަރަކު ކީރިތި ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: لاَ يَدْخُلُ الجَنَّةَ مَنْ كَانَ فِيْ قَلْبِهِ مِثْقَالُ ذَرَّةٍ مِنْ كِبْرٍ" فَقَالَ رَجُلٌ: إِنَّ الرَّجُلَ يُحِبُّ أَنْ يَكُوْنَ ثَوْبُهُ حَسَنا وَنَعْلُهُ حَسَنا؟ فَقَالَ صَلَّىَ اللَّهُ عَلَيْهِ وَسَلَّمَ: إِنَّ اللَّهَ جَمِيْلٌ يُحِبُّ الْجَمَالَ[5]

ޙަދީޘުގެމާނަ: ''އެ މީހެއްގެ ހިތުގައި ކިބުރުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ވާ މީހާ، ސުވަރުގެ ނުވަންނާނެއެވެ.'' އެ ހިނދު މީހަކު ސުވާލު ދެންނެވިއެވެ. ''ހަމަ ކަށަވަރުން މީހާ އޭނާ ލައިގެންހުންނަ ހެދުމާއި، އަރައިގެންހުންނަ ފައިވާން ރީތިވުމަށް ލޯބި ކުރެއެވެ!" ދެން ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ:  ''ހަމަ ކަށަވަރުން ﷲ އަކީ ރީތިހާ ސިފަތަކުގެވެރި ރަސްކަލާނގެއެވެ. އެކަލާނގެ ރީއްޗަށް ލޯބިވެވޮޑިގަންނަވައެވެ.''

އަދި އެހެން ރިވާޔަތެއްގައި އޮންނަނީ، ރީތި މީހަކު، ކީރިތި ރަސޫލު  –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހަށް އައިސް ދެންނެވިއެވެ: إِنِّيَ أُحِبُّ الجَمَالَ، وَقَدْ أُعْطِيْتُ مِنْهُ مَا تَرَىَ، حَتَّى مَا أُحِبُّ أَنْ يَفُوقَنِي أَحَدٌ بِشِرَاكَ نَعْلٍ. أَفَمِنْ الكِبْرِ ذَلِكَ يَا رَسُولَ اللَّهِ ؟ قَالَ: لاَ، وَلَكِنَّ الكِبْرَ بَطَرُ الْحَقِّ وَغَمْصُ الْنَّاسِ[6]

ޙަދީޘުގެމާނަ: ''އަޅުގަނޑު ރީތިކަމަށް ލޯބި ކުރަމެވެ. އަދި ކަލޭގެފާނަށްވެސް ފެނިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑަށް ރީތިކަން ލިބިގެންވެއެވެ. އަޅުގަނޑުގެ އަރާ ފައިވާނަށް ވުރެ ރީތި ފައިވާނެއް އެހެން މީހެއްގެ އަތުގައި ހުންނަން ނޭދޭ ދަރަޖައަށް، ރީތިކަންދެކެ ލޯބިވަމެވެ.  އޭ ﷲގެ ރަސޫލާއެވެ! ފަހެ އެއީ ކިބުރުވެރިކަމަށް ވާނެތޯއެވެ؟ "ޖަވާބުގައި ރަސޫލާ ޙަދީޘްކުރެއްވިއެވެ: ''ނޫނެކެވެ. އެކަމަކު ކިބުރުވެރިކަމަކީ ޙައްޤު ޤަބޫލު ނުކުރުމާއި، މީހުން ނިކަމެތިކުރުމެވެ.''

ކަންމިހެން އޮތަސް، އެއްވެސް ކަމެއްގައި އިސްރާފުކޮށް ހައްދުފަހަނައަޅައި ދިއުމަކީ އިސްލާމްދީން ރުހޭކަމެއް ނޫނެވެ. ކީރިތި ޤުރުއާނުގައި ކުށްވެރިކޮށްފައިވާ، އިސްރާފާއި ހައްދުފަހަނައަޅައިދާ މުއްސަނދިކަމުގެ އަސަރު، ނުވަތަ އެއްކައުވަންތަކަމުގެ ދީން އެއާ ދެކޮޅަށް ހަނގުރާމަކުރި ބުދުތަކުގެ އަސަރު، މުސްލިމުންގެ ގެއިން ފެނުމަކީ، ކީރިތި ރަސޫލާ ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ.

ރަންރިހީގެ ކަންވާރު

މަތީގައި ބަޔާންވެދިޔަ ސަބަބަށްޓަކައި، ގޭތެރޭގައި ރަންރިހީގެ ކަންވާރާއި، ޚާލިޞް[7] ފަށުއިން ހަދާފައި ހުންނަ ގޮނޑި އެނދުފަދަ ތަކެތި ގެންގުޅުން، އިސްލާމްދީން ވަނީ ޙަރާމްކޮށްފައެވެ. މި ޙުކުމާ ޚިލާފުވާ މީހުންނަށް ވޭންދެނިވި ޢަޛާބު ލިބޭނެކަން، ކީރިތި ރަސޫލާ ވަނީ އަންގަވާފައެވެ. ﷲ ރުއްސުންލެއްވި އުއްމު ސަލަމާ ކިބައިން މުސްލިމު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: إِنَّ الَّذِي يَأْكُلُ وَيَشْرَبُ فِيْ آَنِيَةِ الذَّهَبِ وَالفِضَّةِ إِنَّمَا يُجَرْجِرُ فِيْ بَطْنِهِ نَارَ جَهَنَّمَ[8]

ޙަދީޘުގެމާނަ: "ރަންރިހީގެ ކަންވާރުގައި ކައިބޮއި ހަދާމީހާގެ ބަނޑު ހަމަކަށަވަރުންވެސް އެ ފުރަނީ، ނަރަކައިގެ ކެކިކެކިހުރި އަލިފާނުންނެވެ."

އަދި ޙުޛައިފާގެ ކިބައިން ބުޚާރީ ރިވާކުރައްވާފައިވެއެވެ. ޙުޛައިފާ ވިދާޅުވިއެވެ: نَهَانَا رَسُوْلُ اللَّهِ صَلَّىَ اللَّهُ عَلَيْهِ وَسَلَّمَ أَنْ نَشْرَبُ فِي آَنِيَةِ الذَّهَبِ وَالفِضَّةِ وَأَنْ نَأْكُلَ فِيْهَا، وَعَنْ لُبْسِ الْحَرِيْرِ وَالْدِّيْبَاجِ وَأَنْ نَجْلِسَ عَلَيْهِ، وَقَالَ: هُوَ لَهُمْ (أَيُّ لِلْكُفَّارِ) فِيْ الدُّنْيَا وَلَنَا فِيْ الآخِرَةِ [9]

ޙަދީޘުގެމާނަ: ''ރަންރިހީގެ ކަންވާރުން ފެން ބުއިމާއި އޭގައި ކެއުން، ﷲ ގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަހަރަމެންނަށް ނަހީ ކުރެއްވިއެވެ. އަދި ފަށުތްވާއި ދީބާޖުގެ ފޭރާންލުމާއި، މިއިން ހަދާފައި ހުންނަ ސޯފާގައި އިށީނުންވެސް ނަހީކުރެއްވިއެވެ. އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ދުނިޔޭގައި މިތަކެތި ވަނީ ކާފިރުންނަށެވެ. އަދި އާޚިރަތުގައި އަހަރެމެންނަށެވެ."

ކަންވާރާއި ގޮނޑި އެނދުފަދަ ތަކެތި ރަންރިހިން ނުވަތަ ފަށުވިން ހަދައިގެން ބޭނުން ކުރުން ޙަރާމްވުމުގައި އަންހެނުންނާއި ފިރިހެނުންވެސް ޝާމިލުވެއެވެ. މި ގޮތަށް މިތަކެތި ޙަރާމްވުމުގެ ޙިކުމަތަކީ، ހައްދުފަހަނައަޅައިދާ މުއްސަނދިކަމުގެ އަސަރު ގޭތެރެއިން ފޮހެލުމެވެ. މިވާހަކަ ނިކަން ރީތިކޮށް އިބްނު ޤުދާމާ ވިދާޅުވެފައިވެއެވެ: "މިތަކެތި ޙަރާމްވުމުގައި އަންހެނުންނާއި ފިރިހެނުންވެސް އެއްވަރެވެ. އެއީ މި ޙަދީޘުގައި ވަކި ބައެއް ޚާއްޞަކޮށްފައި ނެތީމައެވެ. އަދި މި ޙަރާމްކުރުމުގެ ސަބަބަކީ އޭގައިވާ އިސްރާފުކުރުމާއި ކިބުރުވެރިކަމާއި ފަޤީރުންގެ ހިތްތަކަށް ކުރާ ހިތި އަސަރެވެ. މިއީ ކޮންމެ  ޖިންސެއްގެ ބަޔަކު ބޭނުންކުރިއަސް ވާނެ ކަންކަމެވެ. އަދި އަންހެނުންނަށް މިތަކެތިން ގަހަނާއަޅައި ޒީނަތްތެރިވުން ހުއްދަކުރެވުނީ، އެކަނބަލުންގެ ފިރިންނަށް ޒީނަތްތެރިވުމަށް މީގެ ބޭނުންޖެހޭތީއެވެ. ވީމާ އަންހެނުންނަށް މި ހުއްދައީ މި މިންވަރުގެ ތެރޭގައި އެކަންޏެވެ. މިތަކެތި ބޭނުންކުރުން ޙަރާމްވުމުގެ ސަބަބަކަށް ކަލޭމެން ތި ދެއްކި ސަބަބަކީ ކަމުދާ ސަބަބަކަށްވަންޏާ، ރަން ރިއްސަށްވުރެ މާ އަގުބޮޑު ޔާޤޫތުފަދަ ތަކެތީގެ ކަންވާރު ޙަރާމްވީސް ކަމުގައި މީހަކު ބުނެފާނެއެވެ! މީގެ ޖަވާބަކީ، ތިކަހަލަ ޖަވާހިރުތަކަކީ ފަޤީރުން ދަންނަ ތަކެއްޗެއް ނޫނެވެ. ވީމާ މުއްސަނދިން މިފަދަ އެއްޗެއް ބޭނުންކުރާތަން ފެނުނަސް ފަޤީރުންގެ ހިތަށްކުރާނެ އަސަރެއް ނޯންނާނެއެވެ. އަދި މީގެ އިތުރުން، ތިފަދަ ޖަވާހިރަކީ ވަރަށް ނާދިރު އެއްޗެކަށް ވީމާ، ރަންރިހި ބޭނުންކުރާ ގޮތަށް އޭގެ ބޭނުންކުރުމުގެ ފުރުޞަތެއް މުއްސަނދިންނަކަށްވެސް ނުލިބޭނެއެވެ. ވީމާ ރަންރިހި ޙަރާމްކުރިފަދައިން އެ ޙަރާމްކުރުމުގެ ބޭނުންވެސް ނެތުނީއެވެ."[10]

ފިރިހެނުންނަށް ރަން ޙަރާމްވުމުގެ ފަހަތުގައިވާ އިޤްތިޞާދީ ސަބަބު ވަރަށްވެސް ފާޅުވެފައި ހާމަކަންބޮޑެވެ. އަހަރެމެންގެ ވިޔަފާރިއާއި މުޢާމަލާތްތަކުގައި ބޭނުންކުރެވޭ ފައިސާގެ ޙަޤީޤީ އަގުކުރުމަށް ބޭނުންކުރެވޭ، ބައިނަލް އަޤްވާމީ މިންގަނޑަކީ އަދި ރަޞީދަކީވެސް [11] ރަނާއި ރިއްސެވެ. ފައިސާ އަގުކުރާނެ ޢަދުލުވެރި މިންގަނޑެއްކަމުގައްޔާއި އަދި ފަސޭހައިން މީހުންނަށް ބޭނުންކުރެވޭނެ އެއްޗެއްކަމުގައި ރަންރިހި ލައްވައި، މިކަމަށް އިންސާނުންނަށް މަގުދެއްކެވުމަކީ، މާތް ﷲ ގެ މަތިވެރިވެރި ނިޢުމަތްފުޅެކެވެ. އެކަލާނގެ ރަންރިހި ލެއްވީ މީސްތަކުންގެ  ތެރޭގައި ބަދަލުކުރެވި މުޢާމަލާތްކުރެވޭ އެއްޗެއްގެ ގޮތުގައެވެ. ކަންޒުކޮށްފައި ގޭތެރޭގައި ފޮރުވާ އެއްޗެއްކަމުގައި ނޫނެވެ.  އަދި ގޭތެރެ ޒީނަތްތެރިކުރަން އެއިން ކަންވާރު ހަދާކަށްވެސް ނޫނެވެ.

އިމާމް ޣަޒާލީ އެކަލޭގެފާނުގެ 'އިޙްޔާއު ޢުލޫމުއްދީން' ފޮތުގެ ޝުކުރުވެރިވުމުގެ ބާބުގައި މިވާހަކަ ގެންނަވާފައިވާ ގޮތް ހާދަހާވާ ފުރިހަމަވެފައި ރީއްޗެވެ. ވިދާޅުވެފައިވަނީ: "ރަނާއި ރިހީގެ ދީނާރާއި ދިރުހަމުން ކަންވާރު ހަދައިފިމީހަކު، ނިޢްމަތަށް ކުފުރުވެރިވެއްޖެއެވެ. ރަން ރިހި ފޮރުވައި ކަންޒުކުރުމަށް ވުރެވެސް މި ޢަމަލު ނުބައިކަން ބޮޑެވެ. މީގެ މިސާލަކީ، ފެހުމާއި ކުނިކެހުންފަދަ، އެންމެ ދަށްމީހުން ކުރާ މަސައްކަތްކުރަން، ރަށުގެ ވެރިމީހާއާ ހަވާލުކުރުމެވެ.  އެމީހާ ޖަލަށް ލައި ހައްޔަރުކުރުމުން ލިބޭ އިހާނާތްވެސް މިއަށްވުރެ ކުޑަވާނެއެވެ. މުއްޓާއި ދަގަނޑާއި ލޯ ފަދަ ތަކެއްޗަކީ، ކަންވާރު ހަދަން، ރަނާއި ރިހީގެ ބަދަލުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ. މި މަޢްދަންތަކުން ހެދިޔަސް ކަންވާރުގެ ވަޒީފާ ފުރިހަމަވެއެވެ. ނަމަވެސް މުއްޓާއި ދަގަނޑުފަދަ ތަކެއްޗަކީ ފައިސާގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ. އަމިއްލަ ބުއްދިއާއި ޢިލްމުން، ރަނާއި ރިހީގެ ވަޒީފާއާއި އޭގެ ޙިކުމަތް ނޭނގެންޏާ، ދެން އޭނާއަށް ކިޔައިދޭން އޮތީ، މާތް ﷲ ގެ ތަރުޖަމާން –މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މި ޙަދީޘެވެ: "ރަންރިހީގެ ކަންވާރުގައި ކައިބޮއި ހަދައިފި މީހެއްގެ ބަނޑު ނަރަކައިގެ ކެކިކެކިހުރި އަލިފާނުން ފުރޭފަދައެވެ."[12]

ރަނާއި ރިހީގެ ކަންވާރު ޙަރާމްވުމުން، މުސްލިމު މީހާގެ ގޭތެރެ ޒީނަތްތެރިކުރުމަށާއި ހިފައިގެންގުޅުމަށް ބޭނުންކުރެވޭ ތަކެއްޗަށް، ދަތިތަކާއި ހުރަސްތަކެއް ހުރިކަމަށް ނަމަނަމަ ހީނުކުރާށެވެ. އެހެނީ މިކަންކަމަށް ބޭނުންކުރެވިދާނެ ޙަލާލު ތަކެތި ވަރަށް ގިނަވެފައި ދާއިރާ ނިކަން ފުޅަލެވެ. ބިއްލޫރި، މުށި، ލޮއި، އަދި މި ނޫނަސް ތަފާތު ބާވަތް ބާވަތުގެ މަޢްދަންތަކުން ހަދާފައި ހުންނަ ކަންވާރާއި ހިފައިގެންގުޅޭ ސާމާނާއި ޒިނަތްތެރި ކުރުމަށް ބޭނުންކުރާ ކިތަންމެހާވެސް ރީތި އެއްޗެހި ހުރެއެވެ! ކޮޓަނާއި ކިއްތާނުފަދަ އެކި ކަހަލަ ފޮތިން ހަދާފައި ހުންނަ ނުހަނު ރީތި ބާލީހާއި  އެނދު ސޯފާ ހުރެއެވެ!

އިސްލާމްދީން ބުދު ޙަރާމްކުރޭ

މުސްލިމުންގެ ގޭގައި ބުދު ބެހެއްޓުން އިސްލާމްދީން ވަނީ ޙަރާމްކޮށްފައެވެ. މިތާގައި ބުދޭ މި ބުނަނީ، އެ އިހާނެތި ނުކުރެވޭ، އޭގައި ޖިސްމަކާއި ހިޔަންޏެއް ހުންނަ ބުދުތަކެވެ.  ގޭތެރޭގައި މިފަދަ ބުދު ހުރުމަކީ، އެގެއަކަށް މަލާއިކަތް ބޭކަލުން ވަދެވަޑައި ނުގަންނަވާ ސަބަބެއްކަން، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ: إِنَّ الْمَلَائِكَةَ لاَ تَدْخُلُ بَيْتا فِيْهِ تَمَاثِيْلُ (أَوْ تَصَاوِيْرُ) [13]

ޙަދީޘުގެމާނަ: ''ހަމަކަށަވަރުން އެގެއެއްގައި ބުދާއި ޞޫރަ ހުންނަ ގެއަކަށް، މަލާއިކަތްބޭކަލުން ވަދެވަޑައި ނުގަންނަވާނެއެވެ."

ޢިލްމުވެރިން ވިދާޅުވަނީ، ބުދާއި ޞޫރަ ހުންނަ ގެއަކަށް ރަޙުމަތުގެ މަލާއިކަތްބޭކަލުން ވަދެވަޑައި ނުގަންނަވަނީ، އެއީ އެ އެގެއެއްގެ މީހުން މިފަދަތަކެތި ބޭނުންކުރުމުން، ގޭތެރޭގައި ބުދުބަހައްޓައިގެން އެއަށް މާތްކޮށްހިތާ ކާފަރުންނާއި އެއްގޮތްވާތީއެވެ. މިހެންވެ، މަލާއިކަތްބޭކަލުން މިކަމަށް ނަފްރަތުކުރައްވާ، އެގެއަށް ވަދެވަޑައިނުގަންނަވަނީއެވެ.

އިސްލާމްދީން ބުދު ގެންގުޅުން ޙަރާމްކުރީކީ އެކަންޏެއް ނޫނެވެ. ޣައިރު މުސްލިމުންނަށްޓަކައި ކަމުގައި ވިޔަސް، ބުދު ހެދުމާއި، އެ ޞިނާޢަތުގައި އުޅުންވެސް ޙަރާމްކުރިއެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވަނީ: إِنَّ مِنْ أَشَدِّ النَّاسِ عَذَابا يَوْمَ القِيَامَةِ الَّذِيْنَ يُصَوِّرُونَ هَذِهِ الْصُّوَرَ. وَفِي رِوَايَةٍ: الَّذِيْنَ يُضَاهُونَ بِخَلْقِ اللَّهِ[14]

ޙަދީޘުގެމާނަ: "ޤިޔާމަތްދުވަހުން އެންމެ ޢަޛާބު ބޮޑު މީހުންގެ ތެރޭގައި، މި ޞޫރަ ހަދާ މީހުން ވެއެވެ." އަދި އެހެން ރިވާޔަތެއްގައި ވަނީ: " ﷲ އުފައްދަވާފައިވާ ޚަލްޤަކާއި އެއްފަދަ އެއްޗެއް އުފައްދަން އުޅޭމީހުންނެވެ."

އަދިވެސް، ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ: مَنْ صَوَّرَ صُوْرَةً كُلِّفَ يَوْمَ القِيَامَةِ أَنْ يَنْفَخَ فِيْهَا الرُّوْحَ وَلَيْسَ بِنَافِخٍ فِيْهَا أَبَدا[15]

ޙަދީޘުގެމާނަ: "ޞޫރައެއް ހަދައިފި މީހަކު، އޭނާ ހެދި ޞޫރައަށް ފުރާނަ އެޅުމަށް، ޤިޔާމަތްދުވަހު ޖެއްސޭނެއެވެ. އަދި އެއްގޮތަކަށްވެސް އޭނާއަކަށް އޭގައި، ފުރާނައެއް ނޭޅުވޭނެއެވެ.''

މީގެ މާނައަކީ ޤިޔާމަތްދުވަހު، އެ ޞޫރައިގައި ޙަޤީޤީ ދިރުމެއް ލެއްވުމަށް އޭނާއަށް އަމުރުކުރެވޭނެ ވާހަކައެވެ. އަދި މި އަމުރަކީ، އޭނާގެ ނުކުޅެދުންތެރިކަން ހާމަކޮށް ދެރަކުރުމަށް ކުރެވޭ އަމުރެކެވެ.

ބުދު ޙަރާމްވުމުގެ ޙިކްމަތް

1 - ބުދު ޙަރާމްވުމުގެ ޙިކުމަތްތަކުގެ ތެރެއިން އެއްކަމަކީ -ބައެއް މީހުން ހީކުރާހެން މިއީ ހަމައެކަނި ޙިކުމަތެއް ނޫން- މުސްލިމުންގެ އެއްކައުވަންތަކުރުމުގެ ޢަޤީދާ ޙިމާޔަތްކޮށް، އަމިއްލަ އަތުން ބުދާއި ޞޫރަ ހަދައިގެން އެތަކެތި މާތްކޮށް، ބިރުވެތިކަމާއެކު އޭގެ ކުރިމަތީ ހުއްޓިތިބޭ، ބުދަށް އަޅުކަންކުރާ މީހުންނާއި އެއްގޮތް ނުވުމެވެ.

އެއްކައުވަންތަކުރުމުގެ ޢަޤީދާއަށް، ކިލަނބުކަމެއް އަތުވެދާނެ ކޮންމެ ކަމަކާ މެދު އިސްލާމްދީން އޮންނަނީ ވަރަށް ހުށިޔާރުވެއެވެ. އަދި ބުދަށް އަޅުކަންކުރުމުގެ ކުޑަވެސް އަސަރެއް، މުސްލިމުންގެ އެއްކައުވަންތަ ޢަޤީދާއަށް ކޮށްފާނެ ކަންކަމާ މެދު އިސްލާމްދީން ވަރަށް ހަރުކައްޓެވެ. އިސްލާމްދީން މި މައްސަލައިގައި މިހާބޮޑަށް ރައްކާތެރިކަމުގެ ފިޔަވަޅުއަޅައި މިހާ ހުށިޔާރުވެ އޮތުމަކީ، އެކަން އޮންނަންޖެހޭ ގޮތެވެ. އެހެނީ ވޭތުވެދިޔަ އުއްމަތްތަކުގެ މީހުންގެ މެދުގައި، ބުދަށް އަޅުކަންކުރަން ފެއްޓިފައިވަނީ، ހަމަ އެއްދުވަހު ހެނދުނު ހޭލާފައި ބުދަށް އަޅުކަންކުރަން ފައްޓައިގެނެއް ނޫނެވެ. އެކަން ފެތުރުނީ ބަޔަކު މީހުން، އެމީހުންގެ މީހުން މަރުވީމާ، ނުވަތަ މާތްމީހުން ކަމަށްދެކޭ މީހުން މަރުވީމާ، ހަނދާނެއްގެ ގޮތުގައި ބުދު ހަދަން ފެށުމުންނެވެ. ޒަމާންތަކަކަށްފަހު، އެ ބުދުތައްވެސް މާތްކުރެވި އޭގައި ބަރަކާތް ހުންނަ އެއްޗަކަށްވެ، އެންމެފަހުން ﷲ ފިޔަވައި އެބުދުތަކަށް އަޅުކަންކުރަން ފެށީއެވެ. އެއިން ހެވާއި ނުބައި އިންސާނުންނަށް ލިބޭކަމަށް ބަލައި އަދި އެއިން ބަރަކާތް ހޯދަން ވެސް ފެއްޓީއެވެ. ވުއްދާއި ސުވާޢާއި ޔަޣޫޘާއި ޔަޢޫޤާއި އަދި ނަސްރަށް އަޅުކަންކުރި މީހުންނަށް ވީ މިހެންނެވެ.

ޝަރީޢަތުގެ އެއް ޤަވާޢިދު ކަމުގައި، ނުބައި ކަންކަމަށް އޮންނަ މަގު ބަންދު ކުރުމުގެ ޤަވާޢިދު އޮންނަ ދީނެއް، އެ ދީނުގެ އަހުލުވެރިންގެ ހިތްތަކާއި ސިކުނޑިއަށް، ހާމަ ޝިރުކާއި ވަންހަނާ ޝިރުކުވެސް ވަދެދާނެ، ހުރިހާ މަގެއް ބަންދު ކުރުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. ބުދަށް އަޅުކަންކުރާ މީހުންނާ އެއްގޮތް ކަމެއް ކުރުމަކީ، ބަންދުކުރަންޖެހޭ މި ކަހަލަ މަގެކެވެ.

ވަކިން ޚާއްޞަކޮށް އިސްލާމް ދީން އައިސްފައިވަނީ އެއް ޖީލަކަށް ދެ ޖީލަކަށް ނޫނެވެ. މި ދީން އައިސްފައިވަނީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކަށް، އަދި ޤިޔާމަތާއި ޖެހެންދެންނެވެ. އެއްތަނެއްގައި ނުވެދާނެހެން ހީވާ ކަމެއް، އަނެއް ތަނެއްގައި ވުމަކީ އެކަށީގެންވާ ކަމެކެވެ. އެއް ޒަމާނެއްގައި މުސްތަޙީލު ކަމެއްކަމަށް ބެލެވޭ ކަން، އެހެން ޒަމާނެއްގައި ޙަޤީޤަތަކަށް ވެދެއެވެ.

2 – ބުދު ޙަރާމްވުމުގެ އަނެއް ޙިކުމަތަކީ، ބުދު ހަދާމީހުން، އެމީހުން ހަދާ ބުދާއިމެދު ފަޚުރުވެރިވެ އުޅެއެވެ. ނެތުމުގެ ތެރެއިން އާ މަޚްލޫޤެއް އޭނާއަށް އުފެއްދުނީއޭ، ނުވަތަ މަށިން ދިރޭއެއްޗެއް އީޖާދުކުރެވުނީއޭ، އޭނާއަށް ހީވާކަހަލައެވެ. އެއްފަހަރަކު ބުދުހަދާ މީހަކު، ބުދެއް ކޮށައި މަށައި ހެދުމުގައި ޒަމާންތަކެއް ހޭދަކޮށް އެ ނިންމުމަށްފަހު، ނިންމުނުލެއް ފުރިހަމަ ކަމުން ހައިރާންވެ އެއަށް ބަލަހައްޓައިގެން ހުރެ ފަޚުރުވެރިކަމާއެކު ކިޔަންފެށުނީ ''ވާހަކަ ދައްކާށޭ! ވާހަކަ ދައްކާށޭ!'' '' މިފަދައިންނެވެ.

މިސަބަބަށްޓަކައި ކައުއިތުރު ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ: إِنَّ الذِيْنَ يَصْنَعُوْنَ هَذِهِ الْصُّوَرَ يُعَذَّبُوْنَ يَوْمَ الْقِيَامَةِ، يُقَالُ لَهُمْ: أَحْيُوا مَا خَلَقْتُمْ[16]

ޙަދީޘުގެމާނަ: "ހަމަކަށަވަރުން ޞޫރަ ހަދާ މީހުންނަށް ޤިޔާމަތްދުވަހުން ޢަޛާބު ލިބޭނެއެވެ. އަދި ކަލޭމެން ހެދި ތަކެތި ދިރުވާށޭ ބުނެވޭނެއެވެ." އަދި ޤުދުސީ ހަދީޘެއްގައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގައިވެއެވެ: وَمَنْ أَظْلَمُ مِمَّنِ ذَهَبَ يَخْلُقُ كَخَلْقِي! فَلْيَخْلُقُوا ذَرّةً فَلْيَخْلُقُوا شَعِيْرَةً[17]

ޙަދީޘުގެމާނަ: "ތިމަންރަސްކަލާނގެ ޚަލްޤުކުރެއްވި އެއްޗަކާ އެއްފަދަ އެއްޗެއް ޚަލްޤުކުރަން އުޅުނު މީހަކަށް ވުރެ އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ! ފަހެ އެމީހުން ޒައްރެއް ވެސް ޚަލްޤުކޮށްބަލާށެވެ! ހިމަގޮދަން ފުކެއް ވެސް ޚަލްޤުކޮށްބަލާށެވެ!"

3 - ހަމައެހެންމެ މި ފަންނުގައި ހިނގައިގަންނަ މީހުންނަކީ ވަކި ހިސާބަކުން ހުއްޓި، ވަކި ހައްދެއްގެ ތެރޭގައި މަސައްކަތް ހިފަހައްޓާ ބައެއް ނޫނެވެ. ދަމުންދަމުން ގޮސް މިފަދަ މީހުން އެއްބައި ބަރަހަނާ ބުދާއި އެއްކޮށް ބަރަހަނާ ބުދުތައް ވެސް ހަދައެވެ. އަދި ބުދުދީނާއި އެހެންވެސް ދީންތަކުގެ ޝިޢާރުތަކާއި ބުދުތައް ހަދަން ފަށައެވެ. މިއީ މުސްލިމަކު ކުރުން ހުއްދަވާނެ ކަންކަމެއް ނޫނެވެ.

4 - މީގެ އިތުރުން، ބުދަކީ ވޭތުވެދިޔަ ތާގައިވެސް އަދި މިއަދުވެސް، އިސްރާފުކޮށް ބޭކާރު ޚަރަދުކުރާ މީހުންގެ ދިރިއުޅުން ދައްކައިދޭ އެއްޗެކެވެ. ތަފާތު ބާވަތް ބާވަތުގެ މަޢްދަންތަކުން ބުދާއި ޞޫރަ ހަދައި، ގަނޑުވަރުތަކާއި ކޮޓަރިތައް ޒީނަތްތެރި ކުރުމަކީ މިފަދަ މަހުޖަނުންގެ އާދައެކެވެ. ވީމާ މިކަހަލަ އިސްރާފުކުރުންތަކާއި، ހަމައެއް ލަމައެއް ނެތް މުއްސަނދި ދިރިއުޅުމާ ދެކޮޅުހަދާ އިސްލާމްދީން، މުސްލިމުންގެ ގޭތެރޭގައި ބުދު ބެހެއްޓުން ޙަރާމްކުރުމަކީ ހައިރާންވާވަރުގެ ކަމެއް ނޫނެވެ.

ބޮޑުންގެ ހަނދާން ދެމެހެއްޓުން

މުސްލިމުންގެ ބޮޑެތި މާތް މީހުންނާއި، ތާރީޚީ އަބްޠާލުންގެ ހަނދާންކޮށް، އަގުވަޒަންކުރުމަކީ، އެމީހުންނަށް ވަފާތެރިވުން ކަމުގައި ނުވޭހެއްޔެވެ؟ މިގޮތުން މިފަދަ މީހުން ކޮށްފައިވާ ހެޔޮކަމާއި، އެމީހުންގެ މަތިވެރިކަން އަންނަން އޮތް ޖީލުތަކަށް ހަނދާންކޮށްދޭން، ބުދެއް ހެދުމަކީ ކިހާ ރަނގަޅު ކަމެއްހެއްޔެވެ؟ މީހުންގެ ހަނދާނަކީ ކުރުއެއްޗެކެވެ. ވީމާ މިފަދަ މީހުންގެ ނަންތައް ހަނދާނުން ފޮހެވިޔަ ނުދިނުމަށް މިއަށްވުރެ ވަކިން ރަނގަޅު ކަމެއް އެބައޮތްހެއްޔެވެ؟ މިއީ މީހަކު ކޮށްފާނެ ސުވާލުތަކެކެވެ.

މި ސުވާލުތަކުގެ ޖަވާބަކީ، މީހެއްގެ ދަރަޖަ ކިތަންމެ މަތިވިޔަސް، މަރުވެފައި ނުވަތަ ދިރިތިއްބަސް، އޭނާ މަތިވެރި ކުރުމުގައި ހައްދު ފަހަނައަޅައި ދިއުމަކީ އިސްލާމްދީން ނުރުހޭ ކަމެކެވެ. މިހެންވެ ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވަނީ: لاَ تُطْرُونِيْ كَمَا أَطْرَتْ النَّصَارَىَ عِيْسَى ابْنَ مَرْيَمَ، وَلَكِن قُوْلُوا: عَبْدُ اللَّهِ وَرَسُوْلِهِ[18]

ޙަދީޘުގެމާނަ: "ނަޞާރާއިން، މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނަށް ޚުޝާމަދުކޮށް މަތިވެރިކުރި ގޮތަށް، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ޚުޝާމަދުކޮށް  މަތިވެރިނުކުރާށެވެ. އެކަމަކު ތިމަންކަލޭގެފާނަކީ، ﷲ ގެ އަޅާ އަދި ރަސޫލާއޭ ބުނާށެވެ."

ޞަޙާބީންނަށް ކިރިތި ރަސޫލާ ފެނިވަޑައިގެން، ސަލާމްކުރައްވާ އިޙްތިރާމު ކުރެއްވުމުގެގޮތުން ތެދުވެވަޑައިގަންނަވަން އުޅުއްވީމާ، އެކަން މަނާކުރައްވާ ޙަދީޘްކުރެއްވީ: لاَ تَقُوْمُوْا كَمَا تَقُوْمُ الأَعَاجِمُ يُعَظِّمُ بَعْضُهم بَعْضَا[19]

ޙަދީޘުގެމާނަ: "ފާރިސީންގެ މީހުން އެއްބަޔަކު އަނެއްބަޔަކު މާތްކުރަން ތެދުވާހެން، ނުތެދުވާށެވެ."

އަދި އެކަލޭގެފާނު ސުވަރުގެ ވަޑައިގަތުމަށްފަހު އެކަލޭގެފާނުގެ ދަރަޖަ މަތިވެރިކުރުމުގައި ހައްދުފަހަނައަޅައި ނުދިއުމަށް އިންޒާރުދެއްވާ ޙަދީޘްކުރެއްވިއެވެ: لاَ تَجْعَلُوا قَبْرِيْ عِيْدا[20]

ޙަދީޘުގެމާނަ: "ތިމަންކަލޭގެފާނުގެ މަހާނަފުޅަކީ، ޢީދު ފާހަގަކުރެވޭ ތަނަކަށް ތިޔަބައިމީހުން ނުހަދާށެވެ."

އަދި އެކަލޭގެފާނު ހެއްދެވި ކަލާނގެއަށް ދުޢާކުރައްވަމުން ޙަދީޘްކުރެއްވީ: اللَّهُمَّ لاَ تَجْعَلْ قَبْرِي وَثَنا يُعْبَدُ[21]

ޙަދީޘުގެމާނަ: "މާތް ރަސްކަލާކޮ! ތިމަންކަލޭގެފާނުގެ މަހާނަފުޅަކީ، އަޅުކަންކުރެވޭ ބުދެއްކަމުގައި ހެދިޔަ ނުދެއްވާނދޭވެ!"

އަދި އެއްފަހަރަކު ބަޔަކު މީހުން އެކަލޭގެފާނު އަރިހަށް އައިސް "އޭ ﷲ ގެ ރަސޫލާއެވެ! އޭ އަޅުގަނޑުމެންގެ ތެރެއިން އެންމެ މޮޅު މީހާއެވެ! އަދި އެންމެ މޮޅުމީހާގެ ދަރިކަލުންނޭވެ. އޭ އަޅުގަނޑުމެންގެ ވެރިއާއެވެ. އަދި އަޅުގަނޑުމެންގެ ވެރިއާގެ ދަރިކަލުންނޭވެ!" މިހެން ދަންނަވައި މުޚާޠަބުކުރީމާ، އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: يَا أَيُّهَا النَّاسُ قُولُوا بِقَولِكُمْ أَوْ بَعْضِ قَوْلِكُم، وَلاَ يَسْتَهْوِيَنَّكُمُ الشَّيْطَانُ. أَنَا مُحَمَّدُ بْنُ عَبْدِ اللَّهِ وَرَسُوْلُهُ، مَا أُحِبُّ أَنْ تَرْفَعُوْنِي فَوْقَ مَنْزِلَتِيَ الَّتِي أَنْزَلَنِيَ اللَّهُ عَزَّ وَجَلَّ[22]

ޙަދީޘުގެމާނަ: "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުން ކުރިން ބުނި ވަރަށް ނުވަތަ އޭގެ އެއްބައި ބުނާށެވެ. އަދި ނަމަނަމަ ޝައިޠާނާ ކަލޭމެން މަގުފުރެއްދިޔަ ނުދޭށެވެ. ތިމަންކަލޭގެފާނަކީ ޢަބްދުﷲ ގެފާނުންގެ ދަރިކަލުން މުޙައްމަދުގެފާނެވެ. އަދި ﷲ ގެ ރަސޫލާއެވެ. އަދި މާތް ﷲ ތިމަންކަލޭގެފާނު ލައްވާފައިވާ ދަރަޖައަށްވުރެ މައްޗަށް ތިޔަބައިމީހުން ތިމަންކަލޭގެފާނު އުފުލުމަށް އެދިވަޑައިނުގަންނަވަމެވެ."

ޤަދަރާއި މާތްކަން ދިނުމަށްޓަކައި، އަޅުކަންކުރެވޭ ބުދުތަކެއްފަދައިން ހާހުން ޚަރަދުކޮށްގެން މީސްމީހުންގެ ބުދުހަދާފައި ބެހެއްޓުމަކީ، އިންސާނުން މަތިވެރިކުރުމާމެދު މިފަދަ ނަޒަރަކުން ބަލާ ދީނެއް، އެއްގޮތަކަށްވެސް ރުހޭނެ ކަމެއް ނޫނެވެ. މާތް މަތިވެރި މީހުންކަމަށް އަމިއްލައަށް ހެދިގެންއުޅޭ މީހުންނާއި ތާރީޚް އޮޅުވާލައިގެން ތާރީޚުގެ ތެރެއަށް ވަންނަންއުޅޭ މީހުން ވަރަށް ގިނައެވެ. މިފަދަ މީހުން އަމިއްލައަމިއްލައަށް ނުވަތަ އެމީހުންގެ ފުލުގައި އުޅޭ މީހުން، މިކަހަލަ ބުދު ބަހައްޓައި، ޙަޤީޤީ އަބްޠާލުންނާއި މޮޅެތި މީހުންނަކީ ކޮބައިކަން އުއްމަތަށް އޮޅުވާލަން މަސައްކަތްކުރަނީ މަދެއްކޮށެއް ނޫނެވެ.

މުއުމިނުން ބޭނުންވާ ޙަޤީޤީ ދިރިދެމިއޮތުމަކީ، ސިއްރާއި ފާޅު ދެނެވޮޑިގަންނަވާ، އޮޅުމާއި ހަނދާންނެތުމުން ހުސްޠާހިރުވެވޮޑިގެންވާ، މާތް ﷲ ގެ ޙަޟްރަތުގައިވާ ދިރިދެމިއޮތުމެވެ. އެމީހުންގެ މޮޅުކަމާއި މަތިވެރިކަން މީހުންނަށް ނޭނގޭ ކިތަންމެ ބައެއްގެ ނަން، އެކަލާނގެ ޙަޟްރަތުގައި ދިރިދެމިގެންވާ މޮޅެތި މާތް މީހުންކަމުގައި ލިޔެވިގެންވެއެވެ. އެހެނީ، ޙާޟިރުވިޔަސް މީހުންނަށް ނޭނގޭ އަދި ޣާއިބުވިޔަސް ނެތިގެން މީހުން ނޫޅޭ، މަޝްހޫރުކަމާއި ދެއްކުންތެރިކަމެއް ބޭނުން ނުވާ ތަޤުވާވެރި ހެޔޮލަފާ މީހުން ދެކެ އެކަލާނގެ ލޯބިވެވޮޑިގަންނަވައެވެ.

މޮޅު މީހެއްގެ މަތިވެރިކަން މީސްތަކުންގެ މެދުގައި ދަމަހައްޓާނަމަ އެކަންކުރަންޖެހޭ ގޮތަކީ، ކޮންމެހެން ބުދުތަކެއް ހަދާފައި ބެހެއްޓުމެއް ނޫނެވެ. މިކަން ކުރަންޖެހޭ، އިސްލާމްދީން ރުހޭ ގޮތަކީ، އެފަދަ މީހުންގެ ހަނދާންތައް ހިތްތަކާއި ފިކުރުގައި ދެމެހެއްޓުމެވެ. އެމީހުންގެ ހެޔޮކަމާއި ކުރި ރަނގަޅު ކަންތަކުގެ ވާހަކަ މީހުންގެ ދޫތައް މަތީގައި އޮތުމެވެ.

ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ނަންފުޅު، އަދި ޚަލީފާއިން ވެސް ނުވަތަ އިސްލާމީ އުއްމަތުގެ ޤާޢިދުންނާއި އިމާމުންގެ ނަންފުޅު ވެސް، މާއްދީ ގޮތަކަށް ދެމިނުހެއްޓެވެ. އެބޭކަލުންގެ ހަނދާނުގައި ހިލައިން ބުދެއް ހެދިފައިނެތެވެ. އެކަމަކު ހުރީ، އެއް ޖީލުން އަނެއް ޖީލަށް ގެނެސްދެވޭ، ބަފައިން ދަރިންނަށް ކިޔައިދެވޭ، ހިތްތަކުގައި ބިންވަޅު ނެގެވޭ، ދޫތަކުން ތާ އަބަދު ފާހަގަކުރެވޭ، މަޖްލިސްތަކާއި ނަދުވާތަކުގައި ގުލްދަސްތާ ގެތޭ، އެބޭކަލުންގެ ފުރިހަމަ ސިޔަރަތެވެ. ޢަމަލުތަކާއި ކާމިޔާބުތަކެވެ. ޞޫރައެއް ވެސް ބުދެއްވެސް ނެތިއެވެ.

މިކަން އިތުރަށް ބަޔާންކޮށްދިނުމަށްޓަކައި، ދިމިޝްޤު ޔުނިވާސިޓީގެ ޝަރީޢާ ފެކަލްޓީގެ ޢަމީދު އަލްއުސްތާޛު މުޙައްމަދު އަލްމުބާރަކް، ޖާމިޢުލްއަޒްހަރުގައި ދެއްވާފައިވާ މުޙާޟަރާއެއްގެ ތަންކޮޅެއް މިތާނގައި ގެންނާނަމެވެ. 'އިސްލާމީ އާ ހޭލުންތެރިކަމަކަށް' މި މައުޟޫގެ ދަށުން ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ: "އަހަރެމެންގެ އިޖްތިމާޢީ ޙަޔާތުގެ ތެރެއަށް ތަފާތު އާ ވައްތަރު ވައްތަރުގެ އިޖްތިމާޢީ އާދަތަކާއި ނިޒާމުތައް ވަންނަމުން ދެއެވެ. އޭގެތެރެއިން ބައެއް ކަންކަމަކީ އަހަރެމެންގެ ޞައްޙަ ޢަޤީދާއާއި ރިވެތި އަޚްލާޤާއި އެކަށީގެންނުވާ ކަންކަމެވެ. މިސާލަކަށް ޔޫރަޕާއި އެމެރިކާގެ މީހުން، އެމީހުންގެ އަބްޠާލުންނާއި ބޮޑެތި މީހުންގެ ހަނދާންތައް ދަމަހައްޓަން، ބޮޑެތި ބުދުތައް ހަދާފައި ބަހައްޓައެވެ. ނަމަވެސް ހުޅަނގުގެ ޙަޟާރަތަށް އަޅުވެތިނުވެ މިނިވަންކަމާއެކު ތިބެ، އަބްޠާލުންގެ މޮޅުކަމާއި ހެޔޮކަން ދެމެހެއްޓުމުގެ ފަލްސަފާއާމެދު ބަލާފިކުރުކޮށްފިއްޔާ ފެންނާނީ،  ޚާއްޞަކޮށް ޢަރަބިން އެމީހުންގެ ބޮޑެތި މީހުން، މުޅިން ތަފާތު ގޮތަކަށް މާތްކޮށް ހަނދާން ދަމަހައްޓާތަނެވެ. މިގޮތުން  ޢަރަބިން ފާހަގަކޮށް ހަނދާންކުރަނީ އެމީހުންގެ ކިބައިގައި ހުރި ދީލަތިކަމާއި ކޮށްފައިވާ މަތިވެރި ޢަމަލުތަކެވެ.  ވަފާތެރިކަމާއި ތެދުވެރިކަމާއި ހިތްވަރުގަދަކަން ފަދަ ސިފަތެކެވެ. ބޮޑެތި މީހުންގެ ހަނދާން އާކުރުމަށް ޢަރަބިން ކޮށް އުޅުނު ކަމަކީ، އެމީހުންގެ ބުޠޫލާތުގެ ވާހަކަ އެއް ޖީލުން އަނެއް ޖީލަށް ގެންގޮސް ދިނުމާއި، ޅެންހެދުމާއި މަދަހަކިއުމެވެ. އިސްލާމްދީން އައުމުގެ ކުރިން ޙާތިމުގެ ދީލަތިކަމާއި ޢަންތަރާގެ ހިތްވަރުގަދަކަމުގެ ވާހަކަ ދެމެހެއްޓިފައިވަނީ މިގޮތަށެވެ. ދެން އިސްލާމްދީން އައިސްފައިވެސް މިކަން މިގޮތަށް ދަމަހައްޓާ އޮތްގޮތަށް ބޭއްވިއެވެ. ކީރިތި ރަސޫލާއަކީ އިންސާނުންގެ ތެރެއިން އެންމެ މަތިވެރި ޚަލްޤުކަމަށް ވާހިނދުވެސް، ޙަދީޘްކުރެއްވީ އެކަލޭގެފާނަކީ އިންސާނުންގެ ތެރެއިންވާ އިންސާނެއްކަމަށެވެ. އަދި އިސްލާމްދީން ދުށީ، އިންސާނާގެ އަގުކުރެވޭ މިންގަނޑަކީ އޭނާގެ ޢަމަލުތައް ކަމުގައެވެ. ޖިސްމުތަކެއް ނޫނެވެ. އަދި ކީރިތި ރަސޫލާ ލެއްވީ މީސްތަކުން ތަބާވާނެ ނަމޫނާއެއް ކަމުގައެވެ. އިންސާނާ އޭނާފަދަ އަނެއް އިންސާނާގެ ކުރިމަތީގައި ނިކަމެތިވެ، އަޅުކަންކުރުމާ އެއްފަދަ ދަރަޖައަކަށް މާތްކޮށް މަތިވެރިކުރުން، އިސްލާމްދީން ނަހީކުރިއެވެ.

އެހެންވެގެން ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތްހިނދު މުސްލިމުންގެ ފުރަތަމަ ޚަލީފާގެ މި ބަސްފުޅު އިއްވެވިއެވެ: ފަހެ މުޙައްމަދުގެފާނަށް އަޅުކަން ކުރާ މީހާ ދަންނާށެވެ. ފަހެ ހަމަކަށަވަރުން މުޙައްމަދުގެފާނު ސުވަރުގެ ވަޑައިގެންފިއެވެ. އަދި ﷲ އަށް އަޅުކަންކުރާ މީހާ ދަންނާށެވެ. ފަހެ ހަމަކަށަވަރުން ﷲ އީ އަވަހާރަވޮޑިގަތުމެއް ނުވާ ދިރިދެމިވޮޑިގެންވާ ރަސްކަލާނގެއެވެ. އެއަށްފަހު ކިޔަވާ ވިދާޅުވިއެވެ:  وَمَا مُحَمَّدٌ إِلاَّ رَسُولٌ قَدْ خَلَتْ مِنْ قَبْلِهِ الرُّسُلُ أَفَإِيْن مَاتَ أَوْ قُتِلَ انْقَلَبْتُمْ عَلَى أَعْقَابِكُمْ

އާޔަތުގެމާނަ: "ރަސޫލަކުކަމުގައި މެނުވީ މުޙައްމަދުގެފާނު ވެވަޑައިގެންނުވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނުންގެ ކުރިންވެސް ރަސޫލުން އިސްވެގޮސްފައިވެއެވެ. ފަހެ އެކަލޭގެފާނު އަވަހާރަވެއްޖެނަމަ ނުވަތަ ޤަތުލުވެއްޖެނަމަ ތިޔަބައިމީހުން ކާފިރުވުމަށް ފަހަތަށް އެނބުރިގަންނަނީހެއްޔެވެ؟" {އާލްޢިމްރާން: 144}

އިސްލާމްދީން މީސްތަކުންގެ ހަނދާންތައް ދެމެހެއްޓުމުގައި ބަލަނީ އެމީހުންގެ ފައިދާކުރަނިވި ޞާލިޙު ޢަމަލުތަކަށެވެ. މިހެންވެ މުސްލިމުންގެ ބަޠަލުންގެ ހަނދާންތައްވަނީ މުސްލިމުންކުރެ ޢާންމުންނާއި ޚާއްސުންގެ ހިތްތަކުގައި ބިންވަޅުނެގިފައެވެ. އެމީހުން ކުދިބޮޑު އެންމެން ޢުމަރުގެފާނުގެ ޢަދުލުވެރިކަމާއި އަބޫބަކުރުގެފާނުގެ ޙިކުމަތްތެރިކަމާ ހަރުދަނާކަމާއި ޢަލީގެފާނުގެ ހިތްވަރުފުޅުގަދަކަމާއި ޒުހުދުވެރިކަން ދަނެއެވެ. މީސްތަކުން އެބޭކަލުން ހަނދާންކުރަން، އެއިން ބޭކަލެއްގެ  ހިލައިން ހަދާފައިވާ ބުދެއް ނެތެވެ. އެކަމަކު ހަމަޔަގީނުންވެސް އެބޭބޭކަލުންގެ ޢަމަލުފުޅުތަކާއި އަޚްލާޤު ވަނީ މުސްލިމުން ހިތްތަކުގައި ބިންވަޅުނެގިފައެވެ.

ރޫމީންނާއި ޔޫނާނީން އަދި އެފަހުން ހުޅަނގުން ހިފައިފައިވާ، ބުދުތަކުގެ ޒަރީޢާއިން ހަނދާންތައް ދެމެހެއްޓުމުގެ ގޮތަކީ، މަތީ ދަރަޖައިން ކަސިޔާރުވެ ފަހަތަށް އެޅޭ ފިޔަވަޅެކެވެ. އެހެނީ އެމީހުންނަކީ ބުދަށް އަޅުކަންކުރުމުގެ އާދަ އަށަގެންފައިވާ ބައެކެވެ. އެމީހުން އަޚްލާޤީ މިންތަކާއި އަގުތައް ބެލުމުގައި މުސްލިމުންނާއި ޢަރަބީންނާއި މުޅީން ތަފާތެވެ. ކިއެއްތަ! އިންސާނަކަށް ފުރިހަމަ ނަމޫނާ ބަޠަލަކަށް ވެވިދާނެކަން  އެމީހުންނަށް ތަޞައްވަރު ނުކުރެވޭތީ، އެމީހުން ވަނީ ބަޠަލުން އިލާހުންކަމުގައި އަދި  އިލާހުން ބަޠަލުންކަމުގައި ހަދާފައެވެ.

ދަންނަވަން މިއުޅެނީ މި ކަމުގައި އަހަރެމެންގެ ވިސްނުމަށްވުރެ މާދަށް ބިދޭސީ  ވިސްނުމަށް އަހަރެމެން ދީލާލައި، ނަފުސާނީ އަދި އަޚްލާޤީ ގެއްލުންތަކަށްޓަކައި ބުދުހެދުން ޙަރާންކަމުގައި އިސްލާމްދީން ކަނޑައަޅާފައިވާ ޙުކުމް ބަދަލުކޮށްގަތުން އެއްވެސް ގޮތަކުން އެއްވެސް ހަމައަކުން އެކަށީގެން ނުވާ ވާހަކައެވެ." އ.ހ

ކުޑަކުދިން ކުޅޭ އެއްޗެހި ހުއްދަ

halaal-haraam-geythereygai-bމަތިވެރި ކުރުމުގެ ގަސްތެއް، އަދި ހައްދުފަހަނައަޅައިދާ މުއްސަނދިކަން ދެއްކުމުގެ ގަސްތެއްވެސް ނެތި، ނުވަތަ އެނޫންވެސް ދީން މަނާކުރާނެ ފަދަ ސަބަބެއް ނުހުންނަ ބުދުފާޑު ތަކެތި ގެންގުޅުމަކީ ދީން މަނާކުރާކަމެއް ނޫނެވެ. މިފަދަ ތަކެތީގެ ކުރިމަތީގައި އިސްލާމްދީނުގެ ޙުކުމްތައް ތަނަވަހެވެ. އަދި މިއީ މައްސަލެއް ކަމަށް ދީން ނުދެކެއެވެ.

ގޮނޑިކޮއްކޮއާއި، ބުޅަލާއި އަދި މިނޫންވެސް ދިރޭ އެއްޗެހީގެ ސޫރައިގައި ހަދާފައި ހުންނަ، ކުޑަކުދިން ކުޅޭ އެއްޗެއްސަކީ މިބުނި ބާވަތުގެ ތެރޭގައި ހިމެނޭ އެއްޗެއްސެވެ.

އެހެނީ މިއީ ކުޑަކުދިން ކުޅެ މަޖާކުރުމަށް ގެންގުޅޭ އެއްޗެކެވެ.  މާތްކޮށްގެން ގެންގުޅޭ އެއްޗެއްސެއް ނޫނެވެ. މުއުމިނުންގެ މައިކަނބަލުން ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ: كُنْتُ أَلْعَبُ بِالْبَنَاتِ عِنْدَ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏وَكَانَتْ تَأْتِينِي صَوَاحِبِي  يَلْعَبْنَ مَعِي  , فَكَانَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِذَا دَخَلَ ‏ ‏يَتَقَمَّعْنَ ‏ ‏مِنْهُ ‏ ‏فَيُسَرِّبُهُنَّ ‏ ‏إِلَيَّ فَيَلْعَبْنَ مَعِي ‏

ޙަދީޘުގެމާނަ: "ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙާޟިރުގައި، އަހަރެން ބުދުކޮއްކޮއާ ކުޅެއުޅުނީމެވެ. އަދި އަހަރެންނާއިއެކު ކުޅޭ އެކުވެރި އަންހެންކުދިންތައް ވެސް އާދެއެވެ. އަދި ﷲ ގެ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-  ގެއަށް ވަދެވަޑައިގެންފިނަމަ، އެ ކުދިންތައް ފިލައެވެ. ދެން އަހަރެންނާއެކު ކުޅެން އެކަލޭގެފާނު އެކުދިން ފޮނުއްވައެވެ."[23]

އަދި އެހެން ރިވާޔަތެއްގައި ޢާއިޝަތުގެފާނު ވިދާޅުވެފައިވެއެވެ: أَنَّ النَّبِيَّ صَلَّىَ اللَّهُ عَلَيْهِ وَسَلَّمَ قَالَ لَهَا يَوْمًا مَا هَذَا؟" قَالَتْ: بَنَاتِي. قَالَ: "مَا هَذَا الَّذِيْ فِيْ وَسَطِهِنَّ؟" قَالَتْ: فَرَسٌ. قَالَ: "مَا هَذَا الَّذِي عَلَيْهِ؟" قَالَتْ: جَنَاحَانِ. قَالَ: "فَرَسٌ لَهُ جَنَاحَانِ؟" قَالَتْ: أَو مَا سَمِعْتَ أَنَّهُ كَانَ لِسُلَيْمَانَ بْنِ دَاوُدَ خَيْلٌ لَهَا أَجْنِحَةٍ؟! فَضَحِكَ رَسُوْلُ اللَّهِ صَلَّىَ اللَّهُ عَلَيْهِ وَسَلَّمَ حَتَّى بَدَتْ نَوَاجِذُهُ [24]

ޙަދީޘުގެމާނަ: "އެއްދުވަހަކު ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަމަނާއާ ސުވާލުކުރެއްވިއެވެ: "މިއީ ކޮންއެއްޗެއްހެއްޔެވެ؟" އަހަރެން ދެންނެވީމެވެ: "އަޅުގަނޑު ކުޅެން ގެންގުޅޭ ބުދުތަކެވެ." އަދި އެކަލޭގެފާނަށް އެ އެއެއްޗެހީގެތެރެއިން، ބާފޮތިން ހަދާފައިވާ ދެ ފިޔަ ލީ އަހެއް ފެނިވަޑައިގެން ސުވާލުކުރެއްވިއެވެ: ''އެ އެއްޗެހިތަކުގެ ތެރެއިން މިފެންނަނީ ކޮންއެއްޗެއްހެއްޔެވެ؟'' އަހަރެން ޖަވާބު އެރުވީމެވެ: "އަހެކެވެ." ދެން ރަސޫލާ ޙަދީޘްކުރެއްވިއެވެ: ''އޭގެ މަތީގައިވަނީ ކޮންއެއްޗެއްހެއްޔެވެ؟'' އަހަރެން ދެންނެވީމެވެ: ''ދެ ފިޔައެވެ.'' ރަސޫލާ ޙަދީޘްކުރެއްވިއެވެ: ''ދެފިޔަ ހުންނަ އަހެއް ހެއްޔެވެ!'' އަހަރެން ދެންނެވީމެވެ: ''ސުލައިމާނުގެފާނު އަތްޕުޅުގައި ދެ ފިޔަ ހުންނަ އަހެއް އޮންނަ ވާހަކަ، ކަލޭގެފާނު އަޑުނާއްސަވަންތޯއެވެ؟" އެހިނދު އެކަލޭގެފާނުގެ ކޮލުދަތްކޮޅު ފެންނަވަރަށް ހިނިވަރުނަ ކުރެއްވިއެވެ."

މަތީގައިވާ ޙަދީޘްގައި އައިސްފައިވާ 'ބުދު' ގެ މާނައަކީ، ކުޑަކުދިން ކުޅެން ގެންގުޅޭ ގޮނޑިކޮއްކޮއެވެ. އެހެނީ ޢާއިޝަތުގެފާނު ކީރިތި ރަސޫލާއާ ކާވެނިބައްލަވައިގަތް އިރު އެކަމަނާ ތުއްޕުޅެވެ.

އަލްއިމާމް އައްޝައުކާނީ ވިދާޅުވެފައިވެއެވެ: "ގޮނޑިކޮއްކޮ ފަދަ ބުދު، ކުޑަކުދިން ކުޅެން ގެންގުޅުން ހުއްދަކަން، މި ޙަދީޘުން ދަލީލުކޮށްދެއެވެ." އަދި ދަރިފުޅަށް މިކަހަލަ ކުޅޭ ބުދު ގަނެދިނުން، އިމާމް މާލިކު ރުހިވަޑައިނުގަންނަވާކަމަށް ރިވާވެފައިވެސް އެބައޮތެވެ. އަދި ޤާޟީ ޢިޔާޟް ވިދާޅުވެފައި ވަނީ: "ކުޑަ އަންހެންކުދިން ގޮނޑިކޮއްކޮ ކުޅުމަކީ ހުއްދަކަމެކެވެ."

ބުދުގޮތަށް، ހަކުރު ކަހަލަ އެއްޗެހިން ކެއުމަށްޓަކައި ހަދާފައި، ޢީދުކަހަލަ ދުވަސްތަކުގައި ވިއްކަން މިހުންނަ އެއްޗެއްސަކީ ވެސް މި ޙުކުމުގައިވާ ތަކެއްޗެވެ.

އުނިކޮށް ހުންނަ ބުދާއި ހުތުރުކުރެވިފައިވާ ބުދު

ކީރިތި ރަސޫލާގެ ޙަދީޘެއްގައިވެއެވެ: ސަލާމްލެއްވި ޖިބްރީލުގެފާނު، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ގެކޮޅުގެ ދޮރުމަތީގައި ބުދެއް ހުރެގެން،[25] ވަދެވަޑައިނުގަތެވެ. އަދި އަނެއް ދުވަހުވެސް ވަދެވަޑައިނުގަނެ، ކީރިތި ރަސޫލާ އަރިހު ދެންނެވިއެވެ: مُرْ بِرَأْسِ التِّمْثَالِ يُقْطَعُ  فَيَصِيرُ كَهَيْئَةِ الشَّجَرَةِ [26]

ޙަދީޘުގެމާނަ: "ބުދުގެ ބޯ ކަނޑުއްވައި، ގަސް ބުރިއެއްހެން ހައްދަވަން އަންގަވާށެވެ."

މި ޙަދީޘުން ދަލީލު ނަންގަވައި، ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ، ޙަރާމްކުރެވިފައިވަނީ، ޖިސްމުލީ ޞޫރައިގެ ތެރެއިން ފުރިހަމަ ޞޫރަ ހުންނަ އެއްޗެއްސެވެ. ނަމަވެސް އިންސާނުންނަށް އެއާ ނުލާ ދިރިނުހުރެވޭނެ ގުނަވަނެއް، އެ ޞޫރައިން އުނިވެފައިވާނަމަ، އެ ހުއްދައެވެ.

އެކަމަކު ބުދުގެ ބޯ ކަނޑައި ގަސް ބުރިއެއްހެން ހަދަން ޖިބްރީލުގެފާނު އަމުރުކުރެއްވި ޙަދީޘަށް، ރަނގަޅު ތެދު ނަޒަރަކުން ބަލައިފިއްޔާ އެނގޭ އެއްޗަކީ، މީގައި ބެލެވޭ ކަމަކީ، ވަކި ގުނަވަންތަކެއް އުނިވުމާއި ނުވުމެއް ނޫނެވެ. އެކަމަކު މުހިއްމު ކަމަކީ، އެ ޞޫރައަށް އުނިކަމާއި ހުތުރުކަން ގެނައުމެވެ. އޭރުން އެއީ މަތިވެރިކޮށް މާތްކުރެވޭ އެއްޗެއް ކަމުގައި ދެން ނުބެލެވޭނެއެވެ.

ޝައްކެއްވެސް ނެތް ގޮތުގައި، އަހަރެމެން ފުންކޮށް ވިސްނައި އިންސާފުން ހުކުމްކުރަންޏާ، ގޭތެރެ ޒީނަތްތެރިކުރުމަށް މީހުން ބޭނުންކުރާ، ގުނަވަންތައް ހަމައަށް ހުންނަ ކުދިކުދި ބުދުތަކަށް ވުރެ، ރަސްރަސްކަލުންނާއި ބޮޑެތި މީހުންގެ ހަނދާނުގައި މައިދާންތަކުގައި ބެހެއްޓިފައި މިހުންނަ، ބުރި ބުދުތަކުގެ ޙަރާމްކަން މާ ބޮޑުކަމުގައި ބުނަންޖެހެއެވެ.

ކުރެހުމާއި ކުރެހުންއެޅުން (ޖިސްމު ނުހުންނަ ޞޫރަ)

ޢުރުފުގައި ބުދޭ އަހަރެމެން މިކިޔާ، ޖިސްމުލީ ޞޫރައިގެ ޙުކުމަކީ މިއީއެވެ. ދެން އެހެންވިއްޔާ، ކަރުދާހާއި ހެދުމާއި ދޮރުފޮއްޗާއި ފާރާއި ކާޕެޓާއި ފައިސާފަދަ އެއްޗެހީގައި މިހުންނަ ކުރެހުންތަކުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

މީގެ ޖަވާބަކަށް ޢާއްމު އެއް ޙުކުމެއް ނުބުނެވޭނެއެވެ. ޖެހޭނީ ވަކިވަކިން އޭގެ ތަފްޞީލަށް ދާށެވެ. ކުރަހާފައިހުރީ ކޯޗެއްކަމާއި، އެއިން ދައްކައިދޭ އެއްޗަކާއި، އޭތި ބެހެއްޓޭ ތަނަކާއި، އަދި އޭގެ ބޭނުމަކީ ކޮބައިކަމާއި، ކުރެހުންތެރިއާގެ މަޤްޞަދަކީ ކޮބައިކަމާއި، މިހުރިހާ ކަންކަމަށް ނުބަލާ މީގެ ޙުކުމަކީ ކޮބައިކަން ނުބުނެވޭނެއެވެ.

ފަންނީ ކުރެހުމުގައި ވަނީ، ﷲ ފިޔަފައި އަޅުކަންކުރެވޭ އެއްޗެއްނަމަ، މިސާލަކަށް ހިންދީން އަޅުކަންކުރާ ބަކަރިފަދަ އެއްޗެއްނަމަ، ޝައްކެއްވެސް ނެތްގޮތުގައި މިފަދަ އެއްޗެއް މި ބޭނުމުގައި ކުރަހައިފި މީހަކީ، މަގުފުރެދުމާއި ކުފުރު ފަތުރާ ކާފިރެއްކަމުގައި މެނުވީ ނުވާނެއެވެ. ޤިޔާމަތްދުވަހު ބޮޑުވެގެންވާ ޢަޛާބު ލިބޭނެކަމަށް ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވާ ބަޔަކީ މި މީހުންނެވެ:  إِنَّ أَشَدَّ النَّاسِ عَذَابا يَوْمَ الْقِيَامَةِ الْمُصَوِّرُونَ[27]

ޙަދީޘުގެމާނަ: ''ހަމަކަށަވަރުން ޤިޔާމަތް ދުވަހު މާތްﷲ އެންމެ ގަދަފަދަ ޢަޛާބު ދެއްވާ ބަޔަކީ، ޞޫރަ ހަދާ މީހުންނެވެ.''

މި ޙަދީޘާއިމެދު އައްޠަބަރީ ވިދާޅުވެފައިވަނީ: ''މިތާގައި ޞޫރަ ހެދުމުގެ މުރާދަކީ، ﷲ ފިޔަވައި އަޅުކަންކުރުމަށްޓަކައި، އެކަން އެނގިހުރެ އެ ގަސްތުގައި ހެދުމެވެ. ފަހެ އެމީހަކު ކާފިރުވެއްޖެއެވެ. އަދި އެކަން ގަސްތު ނުކުރާ މީހާ ވާނީ، ޞޫރަ ހެދުމުގެ ސަބަބުން ހަމައެކަނި ފާފަވެރިވާ މީހަކަށެވެ."

ހަމަމިފަދައިން، މިފަދަ ޞޫރައެއް މަތިވެރިކުރުމުގެ ގޮތުން އެލުވުމަކީވެސް، އިސްލާމްދީން ދޫކޮށް ނުދާ މުސްލިމަކު ކުރާނެ ކަމެއް ނޫނެވެ.

ހަމައެހެންމެ،  އޭނާ ކުރެހީ އަޅުކަންކުރެވޭ އެއްޗެއްކަމުގައި އަދި ނުވިޔަސް، އެކަމަކު ﷲ އުފައްދަވާފައިވާ ގޮތާ ތަފާތެއްވެސް ނުވާހާ އެއްގޮތަށް ކުރަހައި، ﷲ ޚަލްޤުކުރައްވާ ގޮތަށް ތިމަންނާއަށްވެސް ޚަލްޤުކުރެވޭކަމަށް ދަޢުވާކޮށް އެކަލާނގެ ޤުދުރަތްތެރިކަމާ ވާދަކުރެވޭނެކަމަށް ހީކުރުމަކީ، އެއްކައުވަންތަކަމުގެ މި ދީނުން ބޭރުވާނެ ކަމެކެވެ. މިފަދަ މީހުންނާ މެދު ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވަނީ: إِنَّ أَشَدَّ النَّاسِ عَذَابا يَوْمَ الْقِيَامَةِ الَّذِيْنَ يُضَاهُونَ بِخَلْقِ اللَّهِ

ޙަދީޘުގެމާނަ: "ހަމަކަށަވަރުން ޤިޔާމަތް ދުވަހު އެންމެ ޢަޛާބު ބޮޑު މީހުންނަކީ، ﷲ އުފައްދަވާފައިވާ ޚަލްޤަކާއި އެއްފަދަ އެއްޗެއް އުފައްދަން އުޅޭމީހުންނެވެ."

މި ގަދަފަދަ ޢަޛާބު ލިބުން ހުއްޓިފައިވަނީ ހަމައެކަނި ކުރަހާމީހާގެ ނިޔަތުގެ މައްޗަށެވެ. މިކަމަށް ދަލީލުކޮށްދެނީ މި ޤުދުސީ ޙަދީޘުންނެވެ: وَمَنْ أَظْلَمُ مِمَّن ذَهَبَ يَخْلُقُ كَخَلْقِي، فَلْيَخْلُقُوا حَبَّةً أَوْ ذَرَّة

ޙަދީޘުގެމާނަ: "ތިމަންރަސްކަލާނގެ ޚަލްޤުކުރެއްވި އެއްޗަކާ އެއްފަދަ އެއްޗެއް ޚަލްޤުކުރަން އުޅުނު މީހަކަށް ވުރެ އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ! ފަހެ އެމީހުން އޮއްޓަރެއް ވެސް ޚަލްޤުކޮށްބަލާށެވެ! ޒައްރެއް ވެސް ޚަލްޤުކޮށްބަލާށެވެ!"

ކުރިންވެސް ބުނިފަދައިން، މި ޤުދުސީ ޙަދީޘުގައި "ތިމަންރަސްކަލާނގެ ޚަލްޤުކުރެއްވި އެއްޗަކާ އެއްފަދަ އެއްޗެއް ޚަލްޤުކުރަން އުޅުނު" މިހެން އޮތުމުން ދޭހަވަނީ އެ ޞޫރަ ހެދި މީހުންގެ މަޤްޞަދަކީ، ﷲ އުފައްދަވާފައިވާ ޚަލްޤުތަކާއި އެއްފަދަ އެއްޗެއް ހެދުމާއި، ހަމައެކަނި ﷲ އަށް ލިބިވޮޑިގެންވާ ޚަލްޤުކުރެއްވުމުގެ ސިފަފުޅު ލިބިގަންނަން މަސައްކަތްކޮށް، އޭނާގެ މޮޅުކަމާއި ކުޅަދާނަކަން މީހުންނަށް ދެއްކުމެވެ.

އެންމެ އޮއްޓަރެއް ވެސް ނުވަތަ ކުޑަ ޒައްރެއްގެ މިންވަރުވެސް ޚަލްޤުކުރުވޭތޯ ބެލުމަށް، ޤިޔާމަތްދުވަހު މާތް ﷲ އެމީހުންނަށް ގޮންޖައްސަވާ އަމުރުކުރެއްވުން އިޝާރާތްކުރަނީ،  ދުނިޔޭގައި އެމީހުން އެ ޞޫރަތައް ހެދި މަޤްޞަދެވެ. މިހެންވެ ޤިޔާމަތްދުވަހު އެމީހުން ނިކަމެތިކުރައްވާ، އެމީހުންގެ ނުކުޅެދުންތެރިކަން އެންމެހާ މީސްތަކުންގެ ކުރިމަތީގައި ފާޅުކުރައްވަން، އެއެއްޗެހި ދިރުވައި ފުރާނައަޅަން، މާތް ﷲ އަމުރުކުރައްވާނެއެވެ. ނަމަވެސް މިއީ އެމީހުންނަށް ދުވަހަކުވެސް ވާނެ ކަމެއް ނޫނެވެ.

ކުރެހުމާއި ގެންގުޅުން ޙަރާމް ޞޫރައިގެ ތެރޭގައި، ދީނީ ސަބަބަކަށްޓަކައި ނުވަތަ ދުންޔަވީ ސަބަބަކަށްޓަކައި ވިޔަސް، މީހުން މާތްކުރާ ޞޫރަތައް ހިމެނެއެވެ. ފުރަތަމަ ބާވަތަކީ، އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި މޫސާގެފާނު ފަދަ ނަބީބޭކަލުންނާއި، ޖިބްރީލުގެފާނާއި މީކާއީލުގެފާނު ފަދަ މަލާއިކަތްބޭކަލުންނާއި، މަރިޔަމްގެފާނު ފަދަ ޞާލިޙު ބޭކަލުންގެ ޞޫރައެވެ. މިކަހަލަ ޞޫރަ ގެންގުޅެނީ އަހުލުކިތާބީންނެވެ. އަދި މުސްލިމުންގެ ތެރެއިން ބިދުޢަވެރި ބައެއް ޖަމާޢަތްތަކުގެ މީހުން ވަނީ އަހުލުކިތާބީން ނަކަލުކޮށް، ޢަލީގެފާނާއި ފާޠިމަތުގެފާނު ފަދަ ބޭކަލުންގެ ޞޫރަ ހަދާފައެވެ.

ދެވަނަ ބާވަތަކީ ރަސްކަލުންނާއި، ވެރިންނާއި، އަދި މިޒަމާނަކަށް އައިސް ފަންނާނުންގެ ޞޫރައެވެ. މި ބާވަތުގެ ޞޫރައިގެ ޙަރާމްކަން ކުރީ ބާވަތަށްވުރެ ކުޑައެވެ.  ނަމަވެސް މި މީހުންނަކީ ކާފިރުންނާއި އަނިޔާވެރިންނާއި ފާސިޤުން ކަމުގައިވަންޏާ ޙަރާމްކަން ބޮޑުވެގެންވެއެވެ. މީގެ މިސާލަކީ ﷲ ބާވައިލެއްވި ޝަރީޢަތަށް ޙުކުމްނުކުރާ ވެރިންނާއި، ﷲ ގެ މަގު ނޫން މަގުތަކަށް ގޮވާލާ މީހުންނާއި، ބާޠިލުކަންތައް މޮޅުކޮށް އުއްމަތުގެ މީހުންގެ މެދުގައި ފާޙިޝްކަންތަކާއި ލަދުކުޑަކަން ފަތުރާ ފަންނާނުންނެވެ.

ހީވާގޮތުން، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނާއި އަދި އޭގެ ފަހުގެ ޒަމާންތަކެއްގައި ވެސް ފެތުރިފައި އޮތީ، މާތްކޮށް މަތިވެރިކުރެވޭ ޞޫރަތަކެވެ. އަދި ޢާއްމުކޮށް އެއީ ރޫމީންނާއި ފާރިސީން ހަދާފައިވާ އެއްޗެއްސެވެ. އެހެންވެ އެމީހުންގެ ޢަޤީދާގެ އަސަރާއި، ދީނީ މީހުންނާއި ދައުލަތުގެ ވެރިން މާތްކޮށް އުޅުނު އުޅުމުގެ އަސަރު، މި ޞޫރަތަކުގައި ހުރީ ޖެހިފައެވެ. އަބޫ ޟުޙާގެ ކިބައިން މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ: "ބުދުހުރި ގެއެއްގައި އަހަރެން މަސްރޫޤާއެކު ވީމެވެ. ދެން މަސްރޫޤު އަހަރެންނާ ސުވާލުކުރިއެވެ: 'މިއީ ކިސްރާގެ ބުދުހެއްޔެވެ؟' އަހަރެން ބުނީމެވެ: 'ނޫނެކެވެ. ތިއީ މަރިޔަމްގެފާނުގެ ބުދުތަކެކެވެ.' މަސްރޫޤު ހީކުރީ އެއީ މަޖޫސީން ހަދާފައިވާ އެއްޗެހިތަކެއް ކަމަށެވެ. އެހެނީ މަޖޫސީންގެ މީހުން ކަންވާރުފަދަ އެއްޗެހީގައިވެސް އެމީހުންގެ ރަސްރަސްކަލުންގެ ޞޫރަ ކުރަހައެވެ. އަދި އެއީ ނަޞާރާއިން ކޮށްފައިވާ ކަމެއްކަން އެނގުނީމާ ބުންޏެވެ: 'ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވި އަޑުއެހީމެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ: إِنَّ أَشَدَّ النَّاسِ عَذَابا عِنْدَ اللّهِ المُصَوِّرُونَ

ޙަދީޘުގެމާނަ: ''ހަމަކަށަވަރުން ޤިޔާމަތް ދުވަހު މާތްﷲ އެންމެ ގަދަފަދަ ޢަޛާބު ދެއްވާ ބަޔަކީ، ޞޫރަ ހަދާ މީހުންނެވެ."

 

*    *     *

 

މި ނޫން އެހެން ބާވަތްބާވަތުގެ ޞޫރައާއި  ކުރެހުންތައް... އެއީ މިސާލަކަށް ގަސްގަހާގެއްސާއި ކަނޑާއި އޮޑިދޯނިފަހަރާއި ޠަބީޢީ މަންޒަރުފަދަ، ރޫޙު ނުހުންނަ އެއްޗެހީގެ ޞޫރައާއި ކުރެހުންތައް ކަމަށްވަންޏާ، އެ ކުރެހުމާއި ބޭނުންކުރުން ހުއްދައެވެ. އަދި މިއީ ޢިލްމުވެރިން ޚިލާފުވާ މައްސަލައެއް ވެސް ނޫނެވެ.

halaal-haraam-geythereygai-cދެން ރޫޙު ހުންނަ ދިރޭއެއްޗެއްސަށް ބަލާއިރު، ކުރިން ބުނެވިފައި އެވާފަދަ މަނާކަމެއް –މާތްކޮށް މަތިވެރިކުރުމާއި ﷲގެ ޙަލްޤަކާއި އެއްފަދަ ކުރަންއުޅުންފަދަ ކަމެއް- ނެތްނަމަ، އަހަރެން ދެކެނީ އެ ހުއްދަވާނެ ކަމަށެވެ. މިގޮތުން އައިސްފައިވާ ޞައްޙަ އެތަކެއް ޙަދީޘް އެބައޮތެވެ.

މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ބުސްރު ބިން ސަޢީދުގެ ކިބައިން، ޒައިދު ބިން ޚާލިދުގެ ކިބައިން، ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޞަޙާބީއެއްކަމުގައިވާ އަބޫ ޠަލްޙާ ކިބައިން ރިވާކުރައްވާފައިވެއެވެ. ﷲ ގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: ‏إِنَّ الْمَلَائِكَةَ لَا تَدْخُلُ بَيْتًا فِيهِ صُورَةٌ

ޙަދީޘުގެމާނަ: ''ޞޫރަ ހުންނަ ގެއަކަށް، ހަމަކަށަވަރުންވެސް މަލާއިކަތްބޭކަލުން ވަދެވަޑައި ނުގަންނަވައެވެ.''[28]

އަދި ބުސްރު ވިދާޅުވިއެވެ: "އަދި ފަހުން ޒައިދު އާލާސްކަންފުޅެއް ޖެހިވަޑައިގެން ޒިޔާރާތްކުރަން އަހަރެމެން ދިއައިރު، ޞޫރަ ހުރި ދޮރުފޮތިގަނޑެއް ދޮރުގައިވަނިކޮށް ފެނުނެވެ. އެހިނދު އަހަރެން، ﷲ ގެ ރަސޫލާގެ އަނބިކަނބަލުން މައިމޫނާ ބޮޑުކުރެއްވި ޢުބައިދުﷲ އަލްޚައުލާނީއަށް ދެންނެވީމެވެ: 'ކުރީ ދުވަހު، ޞޫރައާ ބެހޭގޮތުން ޒައިދު އަހަރެމެން ކައިރީ ވާހަކަ ނުދައްކަވާހެއްޔެވެ؟' ދެން ޢުބައިދުﷲ ވިދާޅުވިއެވެ: "ފޮތީގައިވާ ކުރެހުންތައް ފިޔަވައި ކަމަށް، އަޑު ނާއްސަވަންތޯއެވެ."

ތިރްމިޛީ، ޢުތުބާގެ ކިބައިން ރިވާކުރައްވާފައިވެއެވެ. އަބޫ ޠަލްޙާ އަލްއަންސާރީ އާލާސްކަންފުޅެއް ޖެހިވަޑައިގެން، ޒިޔާރަތްކުރައްވަން އޭނާ ވަޑައިގަތެވެ. އަދި އެތާ ސަހްލު ބިން ޙުނައިފް ވެސް (އެހެން ޞަޙާބީބޭކަލެއް) ހުންނެވިއެވެ. ދެން އަބޫ ޠަލްޙާ މީހަކަށް ގޮވާލައްވައި ގެންނަވާ، އޭނާ ގައިކޮޅު ދަށުގައި އޮތް އެނދުފޮތިގަނޑު ނަގަން އެންގެވިއެވެ. އެހިނދު ސަހްލު އެއްސެވިއެވެ: 'އެ ނަގަނީ ކީއްވެގެންތޯއެވެ؟' ޖަވާބުގައި ޠަލްޙާ ވިދާޅުވިއެވެ: 'އެއީ އޭގައި ޞޫރަ ހުރީމައެވެ. އަދި އެއާ ބެހޭގޮތުން ކީރިތި ރަސޫލާ ޙަދީޘްކުރެއްވީ ކީކޭކަން ކަލޭގެފާނަށް ވެސް ވާނީ އެނގިވަޑައިގެންފައެވެ' ދެން ސުހައިލް ވިދާޅުވިއެވެ: 'އެކަލޭގެފާނު ޙަދީޘްކުރެއްވީ ފޮތީގައިވާ ކުރެހުންތައް ފިޔަވައޭ ނޫންތޯއެވެ؟' އަބޫ ޠަލްޙާ ވިދާޅުވިއެވެ: 'އާނއެކެވެ. އެކަމަކު އަހަރެން ބޮޑަށް ހިތްހަމަޖެހެނީ މިގޮތެވެ." ތިރްމިޛީ ވިދާޅުވެފައި ވަނީ މިއީ ޞައްޙަ ޙަދީޘެއްކަމަށެވެ.

ޙަރާމްކުރެވިފައިވާ ޞޫރައަކީ، ޖިސްމުލީ، މިހާރު އަހަރެމެން މިކިޔާ ބުދުކަން، މި ދެޙަދީޘުން ދަލީލުކޮށް ނުދޭހެއްޔެވެ؟

 

*    *     *

 

ދެން ފިލާގައި ކުރެހޭ ޞޫރައާއި، ފޮތި، ކާޕެޓު، ފާރު ފަދަ އެއްޗެހީގައި ކުރެހުންއެޅޭ ޞޫރަ ޙަރާމްކަމަށް ދަލީލުކޮށްދޭ، އެއާ ދެކޮޅު ނުހެދޭވަރުގެ، ޞައްޙަ އަދި ޞަރީޙަ ނައްޞެއް އައިސްފައި ނެތެވެ.

އާނއެކެވެ. މިކަހަލަ ޞޫރައާމެދު އައިސްފައިވާ ޞައްޙަ ޙަދީޘްތަކެއް އެބަހުއްޓެވެ. ނަމަވެސް މި ޙަދީޘްތަކުން ދޭހެވަނީ އެކަލޭގެފާނު މިކަހަލަ ޞޫރައާމެދު، ހަމައެކަނި ރުހިވަޑައިނުގަންނަވާކަމެވެ. އެއީ ހައްދުފަހަނައަޅައިދާ މުއްސަނދިންނާއި ދުންޔަވީ އުފަލުގައި އުޅޭ މީހުންނާ އެއްގޮތްވެވޭ ކަމަކަށް ވާތީއެވެ.

އަބޫ ޠަލްޙާ އަލްއަންސާރީ ވިދާޅުވިކަމަށް، ޒައިދު ބިން ޚާލިދު އަލްޖުހަނީގެ ކިބައިން މުސްލިމު ރިވާކުރެއްވިއެވެ. سَمِعْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَقُولُ ‏ ‏لَا تَدْخُلُ الْمَلَائِكَةُ بَيْتًا فِيهِ كَلْبٌ وَلَا تَمَاثِيلُ ‏ . قَالَ فَأَتَيْتُ ‏ ‏عَائِشَةَ ‏ ‏فَقُلْتُ إِنَّ هَذَا يُخْبِرُنِي أَنَّ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ لَا تَدْخُلُ الْمَلَائِكَةُ بَيْتًا فِيهِ كَلْبٌ وَلَا تَمَاثِيلُ فَهَلْ سَمِعْتِ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏ذَكَرَ ذَلِكَ فَقَالَتْ لَا وَلَكِنْ سَأُحَدِّثُكُمْ مَا رَأَيْتُهُ فَعَلَ رَأَيْتُهُ خَرَجَ فِي غَزَاتِهِ فَأَخَذْتُ ‏ ‏نَمَطًا ‏ ‏فَسَتَرْتُهُ عَلَى الْبَابِ فَلَمَّا قَدِمَ فَرَأَى ‏ ‏ النَّمَطَ ‏ ‏ عَرَفْتُ الْكَرَاهِيَةَ فِي وَجْهِهِ فَجَذَبَهُ حَتَّى هَتَكَهُ ‏ ‏أَوْ قَطَعَهُ ‏ ‏وَقَالَ ‏ ‏إِنَّ اللَّهَ لَمْ يَأْمُرْنَا أَنْ نَكْسُوَ الْحِجَارَةَ وَالطِّينَ قَالَتْ فَقَطَعْنَا مِنْهُ وِسَادَتَيْنِ وَحَشَوْتُهُمَا لِيفًا فَلَمْ يَعِبْ ذَلِكَ عَلَيَّ ‏

ޙަދީޘުގެމާނަ: ﷲ ގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ-  ޙަދީޘްކުރެއްވި އަޑުއެހީމެވެ: "އެގެއެއްގައި ކުއްތާއެއް ނުވަތަ ބުދު ހުރި ގެއަކަށް މަލާއިކަތްބޭކަލުން ވަދެވަޑައިނުގަންނަވާނެއެވެ. ''ޒައިދު ބިން ޚާލިދު ވިދާޅުވިއެވެ. ދެން އަހަރެން ޢާއިޝަތުގެފާނު އަރިއަށް އައިސް ސުވާލު ދެންނެވީމެވެ: "އެގެއެއްގައި ކުއްތާއެއް ނުވަތަ ބުދު [29] ހުރި ގެއަކަށް މަލާއިކަތްބޭކަލުން ވަދެވަޑައިނުގަންނަވާނެއޭ' ރަސޫލާ ޙަދީޘްކުރެއްވިކަމަށް މިކަލޭގެފާނު އެބަ ވިދާޅުވެއެވެ!  ފަހެ މިފަދަ ވާހަކައެއް ކީރިތި ރަސޫލާ ޙަދީޘްކުރެއްވި އަޑު ކަމަނާ އެއްސެވިންތޯއެވެ؟' ދެން އެ ކަމަނާ ވިދާޅުވިއެވެ: 'ނޫނެކެވެ. އެކަމަކު އެކަލޭގެފާނުގެ ޢަމަލުފުޅުން އަހަރެންނަށް ފެނުނު ކަންތައްތައް ކިޔައިދީފާނަމެވެ. އެއްފަހަރަކު، ކީރިތި ރަސޫލާ ހަނގުރާމައަކަށް ވަޑައިގަތުމުން، ޞޫރަ ހުރި ފޮއްޗަކުން އަހަރެން ދޮރުފޮތި ދެމީމެވެ. ކީރިތި ރަސޫލާ އެނބުރި ވަޑައިގަންނަވާފައި އެ ފެނިވަޑައިގަތް ހިނދު، މޫނުފުޅުމަތިން ނުރުހުންފުޅުވުމުގެ އަސަރު އަހަރެންނަށް ފެނުނެވެ. ދެން އެކަލޭގެފާނު އެ ދަންމަވައިގަނެ އިރާލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ: "ހިލައާއި މަށީގައި ފޭރާންލައްވާކަށް، ﷲ އަހަރެމެންނަށް އަމުރެއް ނުކުރައްވައެވެ." އަދިވެސް އެކަމަނާ ވިދާޅުވިއެވެ: "ދެން އަހަރެމެން އެ ފޮތިގަނޑު ކަފައިގެން ދެ ބާލީސް ހަދާފައި، އަހަރެން އޭގައި ކަދުރުރުކުގެ ނަރުލެއްވީމެވެ. އަދި ކީރިތި ރަސޫލާ އެކަމާމެދު އަހަރެންނަށް ފާޑުވިދާޅެއްނުވެއެވެ."

ފާރާއި އަދި އެ ނޫންވެސް ތަންތާނގައި ޞޫރަ ހުރި ފޮތިދެމުން މަކްރޫހަވުމަށްވުރެ އިތުރު މާނައެއް، މި ޙަދީޘުން ނުނެގޭނެއެވެ. މިޙަދީޘުގެ ޝަރަޙައިގައި އިމާމް ނަވަވީ ވިދާޅުވެފައިވެއެވެ: "ޙަރާމްކަން މި ޙަދީޘަކުން ދޭހަނުވެއެވެ. ސަބަބަކީ 'ހިލައާއި މަށީގައި ފޭރާންލައްވާކަށް، ﷲ އަމުރެއް ނުކުރައްވައޭ' މި ބަސްފުޅުގެ ދޭހައަކީ އެއީ ވާޖިބުކަމަކަށް ވެސް ނުވަތަ އެދެވިގެންވާ ކަމަކަށްވެސް ނުވުމެވެ. ނަމަވެސް ޙަރާމްކުރުމަކަށް ދޭހަ ނުވެއެވެ."

އަދި ހަމަ އިމާމް މުސްލިމް، ޢާއިޝަތުގެފާނު އަރިހުން ރިވާކުރައްވާފައިވާ އެހެން ޙަދީޘެއްގައިވެއެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ: كَانَ لَنَا سِتْرٌ فِيهِ تِمْثَالُ طَائِرٍ وَكَانَ الدَّاخِلُ إِذَا دَخَلَ اسْتَقْبَلَهُ فَقَالَ لِي رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏حَوِّلِي هَذَا فَإِنِّي كُلَّمَا دَخَلْتُ فَرَأَيْتُهُ ذَكَرْتُ الدُّنْيَا[30]

ޙަދީޘުގެމާނަ: ''ދޫންޏެއްގެ ޞޫރަކުރަހާފައި ހުރި ދޮރުފޮތިގަނޑެއް އަހަރެމެން ގޭގައި ވިއެވެ. ގެއަށް ވަންނައިރު ކުރިމައްޗަށްވާގޮތަށް އޭތި ފެންނަން ހުރެއެވެ. ދެން ﷲ ގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަހަރެންނަށް ޙަދީޘްކުރެއްވިއެވެ: "އެ ހުރިތަނުން ބަދަލުކުރާށެވެ. ފަހެ ތިމަންކަލޭގެފާނު ވަދެވަޑައިގަންނަވާ ކޮންމެފަހަރަކު އެ ފެނުމުން، މި ދުނިޔޭގެ ޙަޔާތް މަތިން ހަނދުމަފުޅުވެއެވެ.''

halaal-haraam-geythereygai-eއެ ފޮތިގަނޑު އިރާލައްވަން، ކީރިތި ރަސޫލާ އެކަމަނާއަށް އަމުރުނުކުރައްވައެވެ. އަމުރުކުރެއްވީ ހަމައެކަނި ގޭތެރެއަށް ވަންނަ މިހާ ކުރިމައްޗަށް ނުވާގޮތަށް، އެހެން ތަނަކަށް ބަދަލުކުރާށެވެ. އެއީ ދުނިޔަވީ ދިރިއުޅުމާއި ޒީނަތްތަކުގެ މަތިން ހަނދުމަފުޅު އާކޮށްދޭ އެއްޗެއް، ކުރިފުޅުމަތިން އަބަދު ފެނިވަޑައިގަންނަވަން އެކަލޭގެފާނު ރުހިވަޑައިނުގަންނަވާތީއެވެ. އަދި ވަކިން ޚާއްޞަކޮށް، އެކަލޭގެފާނު ސުންނަތް ނަމާދާއި އިތުރު ނަމާދުތައް ކުރައްވަނީ ގެކޮޅުގައެވެ. ވީމާ ނަމާދު ކުރައްވާއިރު ޞޫރަ ހުންނަ މިފަދަ ދޮރުފޮއްޗާއި އެނދުފޮތިފަދަ ތަކެތި ފެނިވަޑައިގަތުމުން، ނަމާދުގެ ޚުޝޫޢަތްތެރިކަން ގެއްލިވަޑައިގަނެ، ﷲ ގެ ޙަޟްރަތާއި ކުއްތަންވެވަޑައިގަނެވޭ މިންވަރު ކުޑަވެދާނެތީ، އެ ނުބެހެއްޓުމަށް އަމުރުކުރެއްވީއެވެ.

އަނަސްގެފާނުގެ އަރިހުން ބުޚާރީ ރިވާކުރައްވާފައިވެއެވެ: كَانَ ‏ ‏قِرَامٌ ‏ ‏لِعَائِشَةَ ‏ ‏سَتَرَتْ بِهِ جَانِبَ بَيْتِهَا فَقَالَ لَهَا النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏أَمِيطِي عَنِّي فَإِنَّهُ لَا تَزَالُ تَصَاوِيرُهُ تَعْرِضُ لِي فِي صَلَاتِي[31]

ޙަދީޘުގެމާނަ: ''ބޯ ފޮއްޗަކުން ހަދާފައިވާ ފަރުދާއެއް، ޢާއިޝަތުގެފާނު އެކަމަނާގެ ގެކޮޅުގައި ބޭނުންކުރެއްވިއެވެ. ދެން ކީރިތި ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަމަނާއަށް ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނުގެ ކުރިފުޅުމަތިން އެ ދުރުކުރާށެވެ. އެހެނީ އޭގައިވާ ޞޫރަ، ތިމަންކަލޭގެފާނު ނަމާދުކުރައްވާއިރު، ނަމާދުގެ ސަމާލުކަން ގެއްލުވައެވެ.''

މިއިން ހާމަވާކަމަކީ، ދޫނި ކުރަހާފައިހުރި ދޮރުފޮތިގަނޑަކާއި ޞޫރަކުރަހާފައިހުންނަ ފޮތިފަދަ އެއްޗެހި، ގެކޮޅުގައި ހުރުން ކީރިތި ރަސޫލާ މަނާނުކުރައްވާކަމެވެ.

މިއާ އަދި މިފަދަ އެހެން ޙަދީޘްތަކަށް ބައްލަވާފައި، ސަލަފުއް ޞާލިޙުންގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ: "ނަހީކުރެވިފައިވަނީ ހިޔަނިލީ (ޖިސްމު ހުންނަ) ތަކެއްޗެވެ. އަދި އޭގައި ހިޔަންޏެއް ނުހުންނަ (އޮމާން ތަންތާނގައި ކުރަހާފައި ހުންނަ ޞޫރަ) އެއްޗެހީގައި މައްސަލައެއް ނެތެވެ."[32]

މި ރައުޔަށް ބާރުލިބިދޭ އަނެއް ދަލީލަކީ، ކުރިންވެސް ބަޔާންވެދިޔަ ޤުދުސީ ޙަދީޘެވެ: "ތިމަންރަސްކަލާނގެ ޚަލްޤުކުރެއްވި އެއްޗަކާ އެއްފަދަ އެއްޗެއް ޚަލްޤުކުރަން އުޅުނު މީހަކަށް ވުރެ އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ! ފަހެ އެމީހުން ޒައްރެއް ވެސް ޚަލްޤުކޮށްބަލާށެވެ! ހިމަގޮދަން ފުކެއް ވެސް ޚަލްޤުކޮށްބަލާށެވެ!"[33] އެންމެންނަށް ވެސް އެނގި ފެންނަފަދައިން، މާތް ﷲ ގެ ޚަލްޤުކުރެއްވުމަކީ ކުރެހިފައިވާ އެއްޗެއް ނޫނެވެ. އެކަމަކު އެއީ ޖިސްމު ހުންނަ ޖާގަފުރާ އެއްޗެކެވެ. މިގޮތުން މާތް ﷲ ވަޙީކުރައްވާފައިވަނީ: " هُوَ الَّذِي يُصَوِّرُكُمْ فِي الأَرْحَامِ كَيْفَ يَشَاءُ އެވެ.

އާޔަތުގެމާނަ: "އެކަލާނގެއީ އެކަލާނގެ އިރާދަކުރައްވާފަދައަކުން، ރަޙިމްތަކުގައި ތިޔަބައިމީހުން ޞޫރަ ކުރައްސަވާ ރަސްކަލާނގެއެވެ." {އާލް ޢިމްރާން:6}

ޖިސްމު ނުހުންނަ ޞޫރަ ހުއްދަކަމަށް ބުނާ މީހުންގެ މަޛްހަބަށް ކިލަނބުކަމެއް ގެނެސްދޭ އޮތީ އެންމެ ޙަދީޘެކެވެ. އެއީ ޢާއިޝަތުގެފާނު އަރިހުން ރިވާވެގެން ބުޚާރީ އަދި މުސްލިމުގައި އައިސްފައިވާ ޙަދީޘެކެވެ. އެ ޙަދީޘުގައި ވާގޮތުން، ޞޫރަ ހުރި ބާލީހެއް ޢާއިޝަތުގެފާނު ބައްލަވައިގަތެވެ. އަދި ކީރިތި ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް އެ ފެނިވަޑައިގަތީމާ ގޭތެރެއަށް ވަދެވަޑައިނުގަނެ ދޮރޮމަތީ މަޑުކޮށްލެއްވިއެވެ. ދެން އެކަލޭގެފާނުގެ މޫނުފުޅުމަތިން ނުރުހުންފުޅުވުމުގެ އަސަރު ފެނިލެއްވީމާ ޢާއިޝަތުގެފާނު ދެންނެވިއެވެ: يَا رَسُولَ اللَّهِ أَتُوبُ إِلَى اللَّهِ وَإِلَى رَسُولِهِ مَاذَا أَذْنَبْتُ ؟ ‏ فَقَالَ:‏ ‏مَا بَالُ هَذِهِ ‏ ‏النُّمْرُقَةِ؟‏ ‏فَقَالَتْ: اشْتَرَيْتُهَا لِتَقْعُدَ عَلَيْهَا وَتَوَسَّدَهَا فَقَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِنَّ أَصْحَابَ هَذِهِ الصُّوَرِ يُعَذَّبُونَ يَوْمَ الْقِيَامَةِ وَيُقَالُ لَهُمْ أَحْيُوا مَا خَلَقْتُمْ , ثُمَّ قَالَ : إِنَّ الْبَيْتَ الَّذِي فِيهِ الصُّوَرُ لَا تَدْخُلُهُ الْمَلَائِكَةُ ‏

ޙަދީޘުގެމާނަ: "އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑު މާތްﷲ އަށާއި އެކަލާނގެ ރަސޫލާއަށް ތައުބާވަމެވެ. އަޅުގަނޑު ކުރީ ކޮން ކުށެއްތޯއެވެ؟" ދެން ރަސޫލުﷲ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: "މިއީ ކޮން ބާލީހެއްހެއްޔެވެ؟" ޢާއިޝަތުގެފާނު ޖަވާބުދެއްވިއެވެ: "ތިއީ ކަލޭގެފާނު އޭގައި އިށީނދެވަޑައިގަނެ އަދި އިސްތަށިފުޅުދަށުގައި ލައްވަން އަޅުގަނޑު ގަތް އެއްޗެކެވެ." އެހިނދު ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ-  ޙަދީޘްކުރެއްވިއެވެ: "މި ޞޫރަ ކުރަހާ މީހުންނަށް ޤިޔާމަތްދުވަހުން ޢަޛާބުލިބޭނެއެވެ. އަދި ކަލޭމެން ހެދި އެއްޗެހި ދިރުވާށޭ، ބުނެވޭނެއެވެ." ދެން އެއަށްފަހު ޙަދީޘްކުރެއްވިއެވެ: "އެގެއެއްގައި ޞޫރަ ހުރި ގެއަކަށް މަލާއިކަތްބޭކަލުން ވަދެވަޑައިނުގަންނަވާނެއެވެ."

އަދި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘުގައި އިތުރަށް އެކަމަނާ ވިދާޅުވެފައިވެއެވެ: "ދެން އަހަރެން އޭތި ކަފާލައިގެން، އިށީނދެތިބޭއިރު އަތްދަށުގައި ޖައްސަންބޭނުންކުރާ ދޭއްޗަށް ހެދީމެވެ."

ނަމަވެސް މި ޙަދީޘާ ފުށުއަރާ އެތައް ކަމެއް އެބަހުއްޓެވެ:

1-  ތަފާތު ރިވާޔަތްތަކުގައި މި ޙަދީޘުގެ ނައްޞު އައިސްފައިވަނީ ތަފާތު ގޮތްގޮތަށް، އޭގެ ބޭރުފުށަށް ބަލާއިރު ފުށު އަރާގޮތަކަށެވެ. ބައެއް ރިވާޔަތްތަކުން ދޭހަވަނީ، ޞޫރަ ހުރި ފޮތިގަނޑު ކަފައިގެން ބާލީސް ހެދުނީމާ، ކީރިތި ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެ ބޭނުންކުރެއްވިކަމަށެވެ. އަނެއްބައި ރިވާޔަތްތަކުން ދޭހަވަނީ އެކަލޭގެފާނު އެއްގޮތަކަށް ވެސް އެ ބޭނުން ނުކުރައްވާކަމަށެވެ.

2-  ބައެއް ރިވާޔަތްތަކުން ދޭހަވަނީ އެއީ މަކްރޫހަ ކަމެއްކަމަށެވެ. އަދި މަކްރޫހަ ކަމަކަށް ވީ ޞޫރަހުރި ފޮތި ފާރުގައި ޖެހީމާ، މުއްސަނދިކަމުގައި ހައްދުފަހަނައަޅައިދާ މީހުންގެ ދިރިއުޅުން ދައްކުވައިދޭތީއެވެ. އަދި މިއީ ކީރިތި ރަސޫލާ ރުހިވަޑައިގަންނަވާ ކަމެއް ނޫނެވެ. މިހެންވެ އަހަރެމެން ކުރިން ގެނެސްފައިވާ މުސްލިމުގެ ރިވާޔަތުގައި އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ: "ހިލައާއި މަށީގައި ފޭރާންލައްވާކަށް، ﷲ އަހަރެމެންނަށް އަމުރެއް ނުކުރައްވައެވެ."[34]

3-  ހަމަ ޢާއިޝަތުގެފާނު އަރިހުން މުސްލިމް ރިވާކުރެއްވި، ދޫނި ކުރަހާފައިހުރި ފޮތިގަނޑެއްގެ ވާހަކަ އޮތް ޙަދީޘުގައި، ކީރިތި ރަސޫލާ ޙަދީޘްކުރެއްވީ: "އެ ހުރިތަނުން ބަދަލުކުރާށެވެ. ފަހެ ތިމަންކަލޭގެފާނު ވަދެވަޑައިގަންނަވާ ކޮންމެފަހަރަކު އެ ފެނުމުން، މި ދުނިޔޭގެ ޙަޔާތް މަތިން ހަނދުމަފުޅުވެއެވެ.'' އޭގައިވާ ޞޫރަ ޙަރާމްކަމަކަށް، މިޙަދީޘުން އެއްގޮތަކަށް ވެސް ދޭހަނުވެއެވެ.

4-  މި ޙަދީޘާއި، އަނަސްގެފާނުގެ ކިބައިން ބުޚާރީ ރިވާކުރައްވާފައިވާ، ޢާއިޝަތުގެފާނުގެ ގެކޮޅުގައި ބޯ ފޮއްޗަކުން ހަދާފައިވާ ޞޫރަހުރި ފަރުދާއެއް ހުރި ވާހަކަ އޮތް ޙަދީޘާއި ފުށުއަރައެވެ. ބުޚާރީގައިވާ ޙަދީޘުގައި އެކަލޭގެފާނު އަމުރުކުރައްވާފައިވަނީ، ނަމާދުކުރައްވާއިރު އޭގެ ސަބަބުން ނަމާދުގެ ސަމާލުކަން ގެއްލިވަޑައިގަންނަވާތީ، ކުރިފުޅުމަތިން އެ ދުރުކުރާށެވެ.

މިގޮތުން އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ: "މި ޙަދީޘާއި، ޢާއިޝަތުގެފާނު ކިބައިން ރިވާވެފައިވާ ބާލީހުގެ ވާހަކަ އޮތް ޙަދީޘާއި، ދެ ޙަދީޘްގެ މާނަ އެއްގޮތްކުރުން މައްސަލައަކަށް ވެއެވެ. މި ޙަދީޘުން ދޭހަވަނީ އެ ފޮތިގަނޑު އެތާ ހުއްޓާ އެކަމާ އަޅާ ނުލައްވާ ނަމާދުކުރައްވާފައި، ނަމާދުގެ ސަމާލުކަން ގެއްލިވަޑައިގަތީމާ، ކުރިފުޅުމަތިން އެ ދުރުކުރަން އެންގެވުމެވެ. އޭގައި ޞޫރައެއް ހުރީތީ އެކަމާ އިޢްތިރާޒެއް ނުކުރައްވައެވެ."

ދެން މިދެޙަދީޘުގެ މާނަ އެއްގޮތްކުރައްވަން އިބްނު ޙަޖަރު ކުރެއްވިކަމަކީ، ބާލީހުގައިވާ ޞޫރައަކީ ރޫޙު ހުންނަ ދިރޭ އެއްޗެއް ހުރި ޞޫރައަކަށް ވެފައި ނަމާދުކުރެއްވިތާ ހުރި ޞޫރައަކީ ރޫޙު ނުހުންނަ އެއްޗެއްގެ ޞޫރަ ކަމަށް ވިދާޅުވުމެވެ. ނަމަވެސް މިހެން ވިދާޅުވިއަސް މައްސަލަ މުޅިއަކުން ނުނިމެއެވެ. އެއީ ޢާއިޝަތުގެފާނު ކިބައިން މުސްލިމް ރިވާކުރެއްވި އެހެން ޙަދީޘެއްގައި ''ދޫންޏެއްގެ ޞޫރަކުރަހާފައި ހުރި ދޮރުފޮތިގަނޑެއް އަހަރެމެން ގޭގައި ވިއޭ" އޮތީމައެވެ.

5-   ބާލީހުގެ ވާހަކަ އޮތް ޙަދީޘް، ފޮތީގައިވާ ކުރެހުން އިސްތިސްނާކުރެވިފައިވާ ކަމަށް އަބޫ ޠަލްޙާ އަލްއަންޞާރީގެ ކިބައިން ރިވާކުރެވިފައިވާ ޙަދީޘާ ފުށުއަރާގޮތް އެބަވެއެވެ. ޤުރުޠުބީ ވިދާޅުވެފައި ވަނީ މި ދެ ޙަދީޘްގެ މާނަ އެއްގޮތްކުރާނީ، ޢާއިޝަތުގެފާނު ކިބައިން ރިވާވެފައިވާ ބާލީހުގެ ވާހަކަ އޮތް ޙަދީޘްގެ މުރާދަކީ މަކްރޫހަކަމަށް ބަލައި، އަބޫ ޠަލްޙާ ރިވާކުރެއްވި ޙަދީޘުގެ މުރާދަކީ އެއްކޮށް ހުއްދަވުން ކަމަށް ބެލުމެވެ. މިދެ ކަމަކީ ފުށުއަރާ ދެކަމެއް ނޫނެވެ. ދެ ޙަދީޘުގެ މާނަ މި ގޮތަށް ކުރުމާ އިބްނު ޙަޖަރު އެއްބަސްވެވަޑައިގަތެވެ.

6-   ބާލީހުގެ ވާހަކަ އޮތް ޙަދީޘް ޢާއިޝަތުގެފާނު އަރިހުން ރިވާކުރެއްވީ އެކަމަނާގެ ބޭބޭފުޅުގެ ދަރިކަލުން، އަލްޤާސިމް ބިން މުޙައްމަދު ބިން އަބޫބަކުރެވެ. އެކަލޭގެފާނަކީ ހިޔަނި ނުހުންނަ ޞޫރަ ހުއްދަކުރައްވާ ބޭކަލެކެވެ. މިގޮތުން އިބްނު ޢައުން ވިދާޅުވެފައިވެއެވެ: "މައްކާގެ ރަށްބޭރުގައި ހުރި ޤާސިމުގެ ގެކޮޅަށް އަހަރެން ވަން އިރު، ގޮނޑި ހިޔާކުރަން ހުންނަ ކުޑައެއް ހުއްޓެވެ. އަދި އޭތީގައި ބޮޑު މީދަލާއި މާގުރާމާދޫނީގެ ޞޫރަ ކުރަހާފައިވިއެވެ."[35]

މިކަމާ ބެހޭގޮތުން އިބްނު ޙަޖަރު ވިދާޅުވިއެވެ: "ފަހަރެއްގާ އަލްޤާސިމް ބިން މުޙައްމަދު، ކީރިތި ރަސޫލާގެ "ފޮތީގައިވާ ކުރެހުންތައް ފިޔަވައި"  މި ބަސްފުޅުގެ ޢާއްމު މާނައިގައި ހިއްޕަވާފައި، އަދި ޢާއިޝަތުގެފާނު ފާރުގައި ފަރުދާ ޖެއްސެވީމާ ރަސޫލާ އިންކާރުކުރެއްވީ، އޭގައި ޞޫރަ ހުރުމާއި އަދި ފާރުގައި ޖެހުމާ ދެކަން އެއްވީމާ ކަމަށް، ބެއްލެވީކަމަށް ވެދާނެއެވެ. "ހިލައާއި މަށީގައި ފޭރާންލައްވާކަށް، ﷲ އަހަރެމެންނަށް އަމުރެއް ނުކުރައްވައެވެ." މި ޙަދީޘުން އޭނާގެ މި ރައުޔަށް ތާއީދު އެބަލިބެއެވެ.

އަލްޤާސިމް ބިން މުޙައްމަދު ބިން އަބޫބަކުރު އަކީ މަދީނާގެ ބޮޑު ހަތް ފިޤުހުވެރިންގެ ތެރެއިން އެއް ބޭކަލެވެ. އަދި އެކަލޭގެފާނަކީ އެކަލޭގެފާނުގެ ޒަމާނުގައި އެންމެ މޮޅު އެއް ޢިލްމުވެރިއާއެވެ. ބާލީހުގެ ވާހަކަ އޮތް ޙަދީޘް ރިވާކުރެއްވީ އެކަލޭގެފާނެވެ. ވީމާ ގޮނޑި ހިޔާކުރަން ހުންނަ ކުޑަފަދަ އެއްޗެހީގައި ޞޫރަ ހުންނަ ފޮތިޖެހުން ހުއްދަކަން ދެނެވަޑައިނުގަންނަވާނަމަ، އެ ބޭނުން ނުކުރެއްވީހެވެ."[36]

ޞޫރައާއި ޞޫރަ ކުރަހާ މީހުންނާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކަށް ވެދާނެ އެހެން ގޮތެއްވެސް އެބަ އޮތެވެ. އެއީ ބުދަށް އަޅުކަންކުރުމާއި ޞޫރައާއި ބުދުތައް މާތްކޮށް ކަމޭހިތުން ދޫކޮށްފައި ދާދިފަހުން އައިބަޔަކަށް މުސްލިމުން ވީތީ، ފުރަތަމަ ކޮޅު، ކީރިތި ރަސޫލާ ޞޫރައާ މެދު ހަރުކަށިވެވަޑައިގަތީއެވެ. ނަމަވެސް މުސްލިމުންގެ ހިތްތަކުގައި އެއްކައުވަންތަކުރުމުގެ ޢަޤީދާ ސާބިތުވެ، ހިތާއި ސިކުނޑީގައި އޭގެ މޫ ހަރުލީމާ، ކުރެހުންތަކާއި ތަޞްވީރުފަދަ ޖިސްމު ނުހުންނަ ޞޫރަ ހުއްދަކުރެއްވީއެވެ. މިހެން މިކަން ނެތްނަމަ، އެކަލޭގެފާނުގެ ގެކޮޅުގައި ސޫރަޖެހި ފޮތި ހުރުމާ ރުހިވަޑައިނުގަތީހެވެ. އަދި ފޮތީގައި ކުރަހާފައި ހުންނަ ޞޫރަ އިސްތިސްނާވެސް ނުކުރެއްވީހެވެ.

ޙަނަފީ މަޛްހަބުގެ އިމާމެއްކަމުގައިވާ އައްޠައްޙާވީ ވިދާޅުވެފައިވެއެވެ: "ހުރިހާ ވައްތަރެއްގެ ޞޫރައެއް، އެއީ ފޮތީގައިވާ ކުރެހުން ތަކަކަށް ވިޔަސް، ޝަރީޢަތުގައި ފުރަތަމަ ނަހީކުރެވުނީ، އޭރު މުސްލިމުންނަކީ ދާދި އިހަކަށް ދުވަހާ ޖެހެންދެން މުޝްރިކުންގެ ގޮތުގައި ތިބެ ޞޫރައަށާއި ބުދަށް އަޅުކަންކުރި ބަޔަކަށް ވާތީއެވެ. އެހެންވެ އެއްކޮށް އެ އެއްޗެހި މަނާކުރެވުނީއެވެ. އަދި ފަހުން މުސްލިމުންގެ ޢަޤީދާ ސާބިތުވީމާ، ކުރަހާފައި ހުންނަ ފޮތި، އެއިން ހެދުން އެޅުމުގެ ޟަރޫރަތް އޮތީމާ، ހުއްދަކުރީއެވެ. އަދި މާތްކޮށް މަތިވެރިނުކުރެވޭ ޞޫރަ ވެސް ހުއްދަކުރިއެވެ. އެއީ ދީން ނުދަންނަ ޖާހިލަކު އައިސް، އިހާނެތިކުރެވޭ އެއްޗެއް، މާތްކުރުމުގެ ނުރައްކާ ނޯންނާނެތީއެވެ. އަދި އިހާނެތިނުކުރެވޭ އެއްޗެހި ނަހީކަންމަތީ އޮތް ގޮތަށް އޮތީއެވެ."[37]

ޞޫރަ ނިކަމެތިކުރުމުން އެ ޙަލާލުވޭ

ޞޫރަތައް މާތްކުރުމުގެ ފަޅިން، ނިކަމެތި ކުރުމުގެ ފަޅިއާއި ކައިރިވެވޭ ވަރަކަށް، އޭގެ ޙުކުމްވެސް މަކްރޫޙަ ދާއިރާއިން ބޭރުވެ ޙަލާލް ދާއިރާއަށް ވަންނާނެއެވެ. ޖިބްރީލުގެފާނު ކީރިތި ރަސޫލާގެ ގެކޮޅަށް ވަދެވަޑައިގަންނަވަން އިޒުނަފުޅަކަށް އެދިވަޑައިގަތްކަމަށް ޙަދީޘެއްގައި ވެއެވެ. ދެން "ވަދެވަޑައިގަންނަވާށޭ" ރަސޫލާ ޙަދީޘްކުރެއްވުމުން، ޖިބްރީލްގެފާނު ދެންނެވިއެވެ: "ކަލޭގެފާނުގެ ގެކޮޅުގައި ޞޫރަހުރި ދޮރު ފޮތިގަނޑެއް ވަނިކޮށް، ތިމަންކަލޭގެފާނު ވަންނާނީ ކިހިނަކުންތޯއެވެ؟ އޭގެ ބޭނުން ކޮންމެހެން ޖެހިވަޑައިގަންނަވާނަމަ، ޞޫރައިގެ ބޯ ކަނޑާލައްވާށެވެ. ނުވަތަ ކަފާލައްވާފައި އެއިން ބާލީސް ހައްދަވާށެވެ. ނުވަތަ ބިންމަތީގައި އަޅާ ކުނަލަކަށް ހައްދަވާށެވެ."[38]

ޞޫރަ ހުރި ބާލީހާ މެދު ނުރުހިވަޑައިގަތްކަން ކީރިތި ރަސޫލާގެ މޫނުފުޅުން ޢާއިޝަތުގެފާނަށް އެނގިވަޑައިގަތީމާ، އޭތި ކަފާލައްވާފައި އަތް ދަށުގައި ޖައްސާ ކުދި ބާލީސްތަކެއް ހެއްދެވީ ކީއްވެގެންކަން، މި ޙަދީޘުން އެބަ އެނގެއެވެ. އެއީ އެ ޞޫރައަކީ އިހާނެތިކުރެވޭ އެއްޗަކަށް ހައްދަވައި، މާތްކުރުމުގެ ކުޑަވެސް ޝުބުހާއަކާ ދުރުވެވަޑައިގަންނަވާށެވެ.

މާތްކޮށް މަތިވެރި ނުކުރެވޭ ޞޫރަ ބޭނުންކުރެއްވިކަން ބައެއް ސަލަފުންގެ ކިބައިން އައިސްފައިވެއެވެ. އަދި އެފަދަ ޞޫރަ ބޭނުންކުރެއްވުމަކީ މަނާކަމެއްކަމުގައި އެބޭކަލުން ދެކެވަޑައިނުގަންނަވައެވެ. މިގޮތުން ދޫންޏާއި މީހުންގެ ޞޫރަ ހުރި އަތްދަށު ޖައްސާ ބާލީސްތަކަކަށް، ޢުރުވާގެފާނު ލެނގިވަޑައިގެން އޮންނަވާކަމަށް އައިސްފައިވެއެވެ. އަދި ޢިކްރިމާ ވިދާޅުވެފައިވެއެވެ: ކޮޅަށް ހުންނަ ޞޫރަ ދެކެ އަހަރެމެން ނަފްރަތުކުރީމެވެ. ނަމަވެސް ފައިދަށު ލެވޭ ކުނާ ކާޕެޓުގައި ހުންނަ ޞޫރައާ އަހަރެމެން އަޅާނުލަމެވެ. އެއީ ކުނާ، ކާޕެޓާއި ބާލީސްފަދަ އެއްޗެހީގައި ޞޫރަ ހުރުމަކީ، އެ ނިކަމެތިކުރެވޭ ކަމަކަށް ވާތީއެވެ.

ފޮޓޯގްރަފީ ޞޫރަ (ފޮޓޯ)

އޮޅުމެއް ނެތްގޮތުގައި، މި ފޮތުގައި މީގެ ކުރިން 'ޞޫރަ' 'ޞޫރަހެދުން' މި ލަފްޒު ބޭނުންކުރެވިފައިވާ މާނައަކީ، ބުދު، އަދި ކޮށައި މަށައި ބުދުހެދުން، ނުވަތަ ތަންތަނާއި އެއްޗެހީގައި ކުރެހުމެވެ. މިކިޔާ ފޮޓޯގްރަފީ ޞޫރަ (ފޮޓޯ) މީގެ ތެރެއަކު ނުހިމެނެއެވެ.

halaal-haraam-geythereygai-dކެމެރާއެއް ބޭނުންކޮށްގެން ނަގާ ފޮޓޯގްރަފީ ޞޫރައަކީ، ކީރިތި ރަސޫލާގެ ޒަމާނުގައިވެސް އަދި މުސްލިމުންގެ ކުރީގެ ޢިލްމުވެރިންގެ ދުވަސްވަރުވެސް ނެތް، މިޒަމާނުގައި އަލަށް އުފެދިފައިވާ އެއްޗެކެވެ. ކަންމިހެން އޮތްއިރު، ޞޫރައާއި ޞޫރަހަދާ މީހުންނާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކުގައި އައިސްފައިވާ ޙުކުމް، މި ޒަމާނުގައި މިކިޔާ ފޮޓޯގްރަފީ ޞޫރައަށް ވެސް ދެވިދާނެހެއްޔެވެ؟

ދީނުގައި ޙަރާމްކުރެވިފައިވަނީ ހަމައެކަނި ޖިސްމުލީ ޞޫރަ ކަމަށް ދެކެވަޑައިގަންނަވާ ޢިލްމުވެރިން، ފޮޓޯގްރަފީ ޞޫރައިގައި، ވަކިން ޚާއްޞަކޮށް މުޅިހަށިގަނޑު ނުހުންނަ ޞޫރަ، އެއްވެސް މައްސަލައެއް އޮތްކަމަކަށް ދެކެވަޑައިނުގަންނަވައެވެ.

ދެން ސުވާލަކީ އެހެންވިއްޔާ، ޖިސްމު ނުހުންނަ ޞޫރަވެސް ޙަރާމްކަމަށް ދެކެވަޑައިގަތް ޢިލްމުވެރިންގެ ރައުޔަށް ބަލާއިރު، ފޮޓޯގްރަފީ ޞޫރައާއި ފަންނާނެއްގެ ފިހިން ކުރެހޭ ޞޫރައަކާ، ޙުކުމުގައި އެއްގޮތްވާނެހެއްޔެވެ؟ ޞޫރަ ހަދާ މީހުންނަށް ޢަޛާބުލިބޭ ސަބަބުކަމުގައި ބައެއް ޙަދީޘްތަކުގައި ބުނެފައިވާ، ﷲ ގެ ޚަލްޤުކުރެއްވުމާ އެއްފަދަވުން، ފޮޓޯގްރަފީ ޞޫރަ ނެގުމުގައި ނުހިމެނޭ ނޫންހެއްޔެވެ؟ ވީމާ އުޞޫލުލް ފިޤްހު ޢިލްމުވެރިން ވިދާޅުވާފަދައިން، ޙަރާމްވާ ސަބަބު ނެތިއްޖެއްޔާ އެކަމުގެ ޙުކުމްވެސް ނެތޭނެ ނޫންހެއްޔެވެ؟

މިޞްރުގެ ކުރީގެ މުފްތީ އައްޝައިޚް މުޙައްމަދު ބަޚީތު [39]، މިކަމާމެދު އެއްވެސް އޮޅުމެއްނެތް ފަތުވާއެއް ދެއްވާފައިވެއެވެ. ވިދާޅުވެފައިވަނީ: "މި މަސައްކަތުގައި އުޅޭ  މީހުންނަށް އެނގޭނެފަދައިން، ކެމެރާއިން ފޮޓޯ ނެގުމަކީ، ކެމެރާއެއް ބޭނުންކޮށްގެން އެއްޗެއްގެ ހިޔަނި ނަކަލުކުރުމެވެ. އަދި އެއީ ދީނުގައި ނަހީކުރެވިފައިވާ ޞޫރަ ހެދުމެއް ނޫނެވެ. ސަބަބަކީ، ނަހީކުރެވިފައިވާ ޞޫރަ ހެދުމަކީ، ﷲ ގެ ޚަލްޤުކުރެއްވުމާ އެއްފަދަ އެއްޗެއް ހަދަންވެގެން، ކުރީގައި ނެތް، ނުވަތަ ހެދިފައި ނެތް ޞޫރައެއް އުފައްދާ ހެދުމެވެ. ކެމެރާއިން ފޮޓޯ ނެގުމަކީ މި މާނަ ހިމެނޭ ކަމެއް ނޫނެވެ."

އެއީ ކޮންމެ ވައްތަރެއްގެ ޞޫރައަކަށް ވިޔަސް، އަދި ފޮޓޯގްރަފީ ޞޫރަކަމަށް ވިޔަސް، އެއާމެދު ހަރުކަށިވެ އެ ހުއްދަނުކުރާ މީހުން އުޅެއެވެ. ނަމަވެސް ޝައްކެއްވެސް ނެތްގޮތުގައި އެމީހުންވެސް، ޕާސްޕޯޓާއި ކާކުކަން އަންގައިދޭ ކާޑުފަދަ އެއްޗެހީގައި ޖެހުމަށާއި، ފުލުހުންނަށް ފިލައިގެން އުޅޭ މީހުން ހޯދުމަށާއި، އުނގަންނައިދިނުމުގައި ޞޫރަ ބޭނުންވާ ހާލަތްފަދަ، ޟަރޫރަތްތަކަށްޓަކައި ނުވަތަ މަސްލަހަތަކަށްޓަކައި ފޮޓޯ ނަގަންޖެހިއްޖެނަމަ އެކަން ހުއްދަކުރެއެވެ. ނަމަވެސް މިގޮތަށް ނަގާ ފޮޓޯއެއްގައިވެސް، މަތިވެރިކުރުމާއި މާތްކުރުން ނުވަތަ ޢަޤީދާއަށް ކިލަނބުވާފަދަ ކަމެއް ހިމެނިގެން ނުވާނެއެވެ. މިޒަމާނުގައި މިކަހަލަ ފޮޓޯނަގަންޖެހުމުގެ ބޭނުމާއި މުހިއްމުކަން، ކީރިތި ރަސޫލާ އިސްތިސްނާކުރައްވާފައިވާ ފޮތީގައި ކުރެހޭ ޞޫރައަށް ވުރެ، ބޮޑެވެ.

ފޮޓޯގެ މައުޟޫ

ފޮޓޯއާމެދު އިސްލާމްދީން ދެކޭގޮތް ކަނޑައެޅުމުގައި ބެލޭ މުހިއްމު އެއްކަމަކީ އެ ފޮޓޯގެ މައުޟޫއެވެ. ފޮޓޯގެ މައުޟޫއަކީ އިސްލާމީ ޢަޤީދާއާއި، ދީނުގެ ޝަރީޢަތާއި އަދަބުތަކާ ޚިލާފު މައުޟޫއެއްނަމަ، އެ ޙަރާމްވާނެކަމާމެދު އެއްވެސް މުސްލިމަކު ދެބަސްނުވާނެއެވެ. ވީމާ އޮރިޔާމުން ނުވަތަ އެއްބައި އޮރިޔާމުން ތިބޭ އަންހެނުން ފޮޓޯނެގުމާއި، އަންހެންވަންތަކަމާއި އޭގެ ސިހުރު ފޮޓޯއިން ދެއްކުމަކީ، ދީނުގައި ހުއްދަވާނެ ކަމެއް ނޫނެވެ. އަދި އަންހެނުން އެކިގޮތްގޮތަށް ބައިތިއްބައިގެން، ފިރިހެނުންގެ ޝަހުވަތް ހިލުވޭކަހަލަ ފޮޓޯ ނެގުމާއި ކުރެހުމަކީވެސް ހުއްދަކަމެއް ނޫނެވެ. ބައެއް ނޫސްމަޖައްލާތަކުންނާއި ފިލްމުތަކުން މިފެންނަނީ އެކަހަލަ މަންޒަރުތަކެވެ. ޝައްކެއްވެސް ނެތްގޮތުގައި މިފަދަ ފޮޓޯއަކީ ދީނުގައި ޙަރާމް އެއްޗެކެވެ. އަދި މިފަދަ ފޮޓޯ ނެގުންވެސް ޙަރާމެވެ. އަދި މިފަދަ ނޫސްމަޖައްލާތައް ޝާއިޢުކުރުމާއި، ގެންގުޅުމާއި، ގެއާއި އޮފީސްފަދަ ތަންތާނގައި ބެހެއްޓުމާއި، ފާރުގައި އެލުވުމާއި، ގަސްތުގައި އެބެލުންވެސް ޙަރާމެވެ.

ހަމަ މިބީދައިން، ﷲ އަށްޓަކައި އެމީހުންނަށް ނަފްރަތުކުރުން މުސްލިމުންގެ މައްޗަށް ވާޖިބުވާ، ކާފިރުންނާއި އަނިޔާވެރިންނާއި ފާސިޤުންގެ ފޮޓޯވެސް ޙަރާމްވެގެންވެއެވެ. ވީމާ ﷲ ވޮޑިގެންވާކަން ޤަބޫލުނުކުރާ ކާފިރު ޒަޢީމުންނާއި، އަލިފާނާއި ގެރިއަށް އަޅުކަންކުރާ މުޝްރިކުންނާއި، ކީރިތި ރަސޫލާގެ ނަބީކަން ޤަބޫލުނުކުރާ ޔަހޫދީންނާއި ނަޞާރާއިންނާއި، މުސްލިމެއްކަމަށް ދަޢްވާކުރިނަމަވެސް ﷲ ބާވައިލެއްވި ޝަރީޢަތަށް ޙުކުމްނުކުރާ ވެރިންނާއި، މުޖްތަމަޢުގައި ފަސާދައާއި ފާޙިޝްކަންތައް ފަތުރާ ލަވަކިއުންތެރިންނާއި ފިލްމުކުޅޭ މީހުންގެ، ފޮޓޯ ނެގުމާއި ގެންގުޅުން ޙަރާމްވާނެއެވެ.

އަދި ހަމަ މިބީދައިން، ބުދަށް އަޅުކަންކުރުމާއި، އިސްލާމްދީން ނުރުހޭ ބާޠިލް ދީންތަކުގެ ބުދާއި ޞަލީބުފަދަ ޝިޢާރުތަކުގެ ފޮޓޯވެސް ޙަރާމްވާނެއެވެ. ހީވާގޮތުން ކީރިތި ރަސޫލާގެ ޒަމާނުގައި މީހުން ގެންގެޅުނު ގިނަ ކާޕެޓާއި ބާލީހާއި ފަރުދާފަދަ އެއްޗެހީގައި މިބުނިކަހަލަ ޞޫރަ ހިމެނިފައިހުއްޓެވެ. މިގޮތުން ބުޚާރީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވަނީ، ކީރިތި ރަސޫލާގެ ގެކޮޅުގައި ޞަލީބެއްގެ ޞޫރައިގައިވާ އެއްޗެއް ހުރިއްޔާ، އެކަލޭގެފާނު އެ ހަލާކުކޮށްލެއްވިކަމަށެވެ.[40]

އަދި އިބްނު ޢައްބާސް ރިވާކުރައްވާފައިވެއެވެ: "މައްކާ ފަތަޙަކުރެއްވި އިރު، ކަޢްބަތުﷲ ގެފުޅު ތެރެއިން ޞޫރަ ފެނިވަޑައިގަތުމުން، އެ ފޮހެން އަމުރުކުރައްވާފައި، އެއްކޮށް ފޮހެވެންދެން، ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެތެރެއަށް ވަދެވަޑައިނުގަތެވެ."[41] ޝައްކެއްނެތްގޮތުގައި އެވާނީ، މައްކާގެ މުޝްރިކުން ބުދަށް އަޅުކަންކުރުމާއި އެމީހުން ތިބި އިހުގެ މަގުފުރެދުމާ ގުޅުންހުރި ޞޫރައަށެވެ.

ޢަލީ ބިން އަބީޠާލިބް ވިދާޅުވެފައިވެއެވެ: كَانَ رَسُولُ اللَّهِ صَلَّىَ اللهُ عَلَيْهِ وَسَلَّمَ فِي جِنَازَةٍ فَقَالَ: أَيُّكُمْ يَنْطَلِقُ إِلَى المَدِيْنَةِ فَلاَ يَدَعُ بِهَا وَثَنا إِلاَّ كَسَرَهُ، وَلَا قَبْرا إِلاَّ سَوَّاهُ، وَلاَ صُوْرَةً إِلاَّ لَطَّخَهَا؟ فَقَالَ رَجُلٌ: أَنَا يَا رَسُولَ اللهِ ‍‍‍. وَانْطَلَقَ الرَّجُلُ ثُمَّ رَجَعَ فَقَالَ: يَا رَسُولَ اللهِ ‍‍‍‍. لَمْ أُدْعَ بِهَا وَثَنا إِلاَّ كَسَرْتُهُ، وَلاَ قَبْرَا إِلاَّ سَوَّيْتُهُ، وَلاَ صُوْرَةً إِلاَّ لَطَّخْتُهَا. ثُمَّ قَالَ رَسُولُ اللهِ صَلَّىَ اللهُ عَلَيْهِ وَسَلَّمَ: "مَنْ عَادَ إِلَى شَيْءٍ مِنْ هَذَا فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ صَلَّىَ اللهُ عَلَيْهِ وَسَلَّمَ"

ޙަދީޘުގެމާނަ: "ޖަނާޒާއެއްގައި ހުންނަވާފައި ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: 'މަދީނާއަށް ގޮސް އެތާ އެއްވެސް ބުދެއް ނުބަހައްޓާ މުގުރާލާނީ، އަދި އުފުލިފައިހުރި މަހާނައެއްވިއްޔާ ބިމާހަމަކޮށްލާނީ، އަދި ޞޫރައެއް ހުރިއްޔާ މޫނު ފޮހެލާ ހުތުރުކޮށްލާނީ، ކަލޭމެންގެ ތެރެއިން ކާކުހެއްޔެވެ؟' ދެން މީހަކު ދެންނެވިއެވެ: 'އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑެވެ.' ދެން އޭނާ ގޮސްފައި އެނބުރިއައިސް ދެންނެވިއެވެ: 'އޭ ﷲ ގެ ރަސޫލާއެވެ! ބުދެއް ހުރިއްޔާ މުގުރާލައިފީމެވެ. އުސް މަހާނައެއް ހުރިއްޔާ ބިމާ ހަމަކޮށްފީމެވެ. ޞޫރައެއް ހުރިއްޔާ މޫނު ފޮހެލާ ހުތުރުކޮށްފީމެވެ.' ދެން އެއަށްފަހު ރަސޫލާ ޙަދީޘްކުރެއްވިއެވެ: "މިކަހަލަ ކަމަކަށް އެނބުރި ގޮސްފި މީހަކު، މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ބާވައިލެއްވުނު ދީނަށް ކުފުރުވެއްޖެއެވެ."[42]

ޞޫރައާއި ޞޫރަ ހަދާމީހުންގެ ޙުކުމުގެ ޚުލާޞާ

ޞޫރައާއި ޞޫރަ ހަދާމީހުންގެ ޙުކުމް މިއަންނަވިފަދައިން އަހަރެމެންނަށް ޚުލާޞާކުރެވިދާނެއެވެ:

1-  ޞޫރައިގެ ޙަރާމްކަން އެންމެ ބޮޑު ވައްތަރަކީ، ﷲ ފިޔަވައި އަޅުކަން ކުރެވޭ ފަރާތްތަކުގެ ޞޫރައެވެ. އެނގިހުރެ މި މަޤްޞަދުގައި ޞޫރަ ހަދައި ނުވަތަ ބޭނުންކޮށްފިނަމަ، އެމީހަކު ކުފުރުވާނެއެވެ.

އަދި މީގެ ތެރެއިން ޖިސްމު ހުންނަ (ހިޔަނި ހުންނަ) ޞޫރައިގެ ޙަރާމްކަން އަދި އެތައް ގުނައެއް ބޮޑެވެ. މިފަދަ ޞޫރަ މީހުންގެ ތެރޭގައި ފަތުރާ، ނުވަތަ އެއްވެސް ގޮތަކަށް އެ މާތްކޮށް ހިތައިފި މީހަކު، އެކަމުގައި އޭނާގެ ބައިވެރިވީ މިންވަރަކަށް ފާފަވެރިވާނެއެވެ.

2-  ދެވަނައަށް ފާފަ އެންމެ ބޮޑީ، އެއީ އަޅުކަން ނުކުރެވޭ އެއްޗަކަށް ވިޔަސް، ﷲ ގެ ޚަލްޤުކުރެއްވުމާ އެއްފަދަވުމުގެ ބޭނުމުގައި ހެދޭ އެއްޗެއްސެވެ. މާނައަކީ، މާތް ﷲ ޚަލްޤުކުރައްވާ އީޖާދުކުރައްވާހެން، ތިމަންނައަށް ވެސް، އެއްޗެހި ހެދިދާނެކަމަށް ދަޢްވާކުރުމެވެ.  މިފަދަ މީހަކު ކުފުރުވާނެއެވެ. ނަމަވެސް މިކަން ގުޅިފައިވަނީ ޞޫރަ ހަދާ މީހާގެ ނިޔަތާއެވެ.

3-  ތިންވަނައަށް ފާފަ އެންމެ ބޮޑީ، އަޅުކަން ނުކުރެވޭ، އެކަމަކު އެތަކެތި މާތްކޮށް ކަމޭހިތޭ ބުދުތަކެވެ. މިސާލަކަށް މައިދާންތަކާއި އަދި މިނޫންވެސް ތަންތާނގައި ރަސްރަސްކަލުންނާއި ވެރިންނާއި ރައީސުންގެ ހަނދާން ދަމަހައްޓަން ބެހެއްޓިފައި ހުންނަ ބުދުތަކެވެ. މުޅި ހަށިގަނޑު އެއްކޮށް ހުންނަ ބުދެކޭ، ހަށިގަނޑުގެ އެއްބުރި ހުންނަ ބުދެކޭ މީގައި ތަފާތެއް ނެތެވެ.

4-  ހަތަރުވަނަ ބާވަތަކީ އިސްވެދިޔަ ދެ ބާވަތަށްވުރެ ފާފަކުޑަ ބާވަތެކެވެ. އެއީ ދިރޭތަކެތީގެ، އެހެންނަމަވެސް އަޅުކަންކޮށް އަދި މާތްކޮށް ނުހިތެވޭ، ޖިސްމު ހުންނަ ތަކެއްޗެވެ. އެކަމަކު މި ވައްތަރުވެސް ޙަރާމްކަމަށް ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. މިޙުކުމުން އިސްތިސްނާވާ އެއްޗަކީ، ކުޑަކުދިން ކުޅެން ގެންގުޅޭ ގޮނޑިކޮއްކޮ ފަދަ، އިހާނެތިކުރެވޭ އެއްޗެއްސެވެ. ބުދުގެ ސިފައިގައި ކާން ހަދާފައިހުންނަ ކޭކާއި ޗޮކުލެޓުފަދަ އެއްޗެހިވެސް މީގެތެރޭގައި ހިމެނެއެވެ.

5-  ތަރުތީބުގައި ފަސްވަނައަށް އަންނަނީ، ވެރިންނާއި ޒަޢީމުންފަދަ، މީހުން މާތްކުރާ، ޖިސްމު ނުހުންނަ ޞޫރަ ނުވަތަ ފޮޓޯ ލޯގަނޑެވެ. ވަކިން ޚާއްޞަކޮށް ތަންތާނގައި ބެހެއްޓި ނުވަތަ އެލުވޭ އެއްޗެއްސެވެ. އަދި އެއީ އަނިޔާވެރި ނުވަތަ ފާސިޤު ނުވަތަ ދީން ޤަބޫލުނުކުރާ މީސްމީހުންގެ ފޮޓޯނަމަ، ޙަރާމްކަން ބޮޑުވެއެވެ. އެހެނީ އެފަދަ މީސްމީހުން މާތްކުރުމަކީ، އިސްލާމްދީނަށް ވެވޭ އިހާނާތެކެވެ.

6-  ދެން ހުރި ވައްތަރަކީ، ހިޔަނިލީ ޖިސްމެއް ނުވާ އަދި މާތްވެސް ނުކުރެވޭ، ރޫޙު ހުންނަ އެއްޗެހީގެ ޞޫރައެވެ. އެކަމަކު މުއްސަނދިކަމާއި މަތީފަންތީގެ ދިރިއުޅުން ދެއްކުމުގެ ބޭނުމުގައި، މިސާލަކަށް ފާރުފަދަ ތަންތަން މިކަހަލަ ޞޫރައިން ޒީނަތްތެރިކުރުމެވެ. މި ވައްތަރުގެ ޞޫރައިގެ ޙުކުމަކީ ހަމައެކަނި މަކްރޫހަވުމެވެ.

7-  ދެން ގަސްގަހާގެހި، އޮޑިދޯނިފަހަރު، ކަނޑުފަޅުފަދަ ޠަބީޢީ މަންޒަރުތައް ދައްކައިދޭ، ރޫޙު ނުހުންނަ އެއްޗެހީގެ ޞޫރަ، ހެދުމާއި ގެންގުޅުމަކީ ދީނުގައި ހުއްދަކަމެކެވެ. ނަމަވެސް މީގެ ސަބަބުން އަޅުކަންކުރުމުގައި ބަހައްޓަންވާ ސަމާލުކަން ގެއްލި، ނުވަތަ ދެއްކުންތެރިކަމާއި އިސްރާފަކަށް ވެއްޖެނަމަ، މިފަދަ ޞޫރަ ވެސް ހުއްދަ އެއްޗަކުން މަކްރޫހަ އެއްޗަކަށް ބަދަލުވެދާނެއެވެ. އަދި ފަހަރެއްގާ ޙަރާމްވެސް ވެދާނެއެވެ.

8-   ކެމެރާއިން ނަގާ ފޮޓޯއަށް ބަލާއިރު، އޭގެ އަސްލަކީ ހުއްދަވުމެވެ. އެ ޙަރާމްވާނީ އޭގައި ޙަރާމްކަމެއް ހިމެނިއްޖެނަމައެވެ. މިސާލަކަށް ދީނީ ސަބަބަކަށްޓަކައި ނުވަތަ ދުންޔަވީ ސަބަބަކަށްޓަކައި މާތްކޮށް މަތިވެރިކުރެވޭ މީހުންގެ ފޮޓޯ، އަދި ވަކިން ޚާޢްޞަކޮށް އެއީ އަޚްލާޤުން އެއްކިބާވެފައިވާ ފަންނާނުންނާއި، ދީން ޤަބޫލުނުކުރާ ވެރިންނާއި ބުދަށްއަޅުކަންކުރާ މީހުންނާއި ފާސިޤުންނާއި ކާފިރުން ދައްކައިދޭ ފޮޓޯއެއްނަމަ، ހުއްދަ ނުވާނެއެވެ.

9-  އެންމެ ފަހު ނުކުތާއަކީ، ދީނުގައި ޙަރާމް ބުދާއި ޞޫރަ، ހުތުރުކުރެވިއްޖެނަމަ ނުވަތަ ނިކަމެތިކުރެވިއްޖެނަމަ، ޙަރާމް ދާއިރާއިން ޙަލާލް ދާއިރާއަށް ބަދަލުވެއެވެ. މިސާލަކަށް މީހުން ފައިންއަރައި އުޅޭ ކާޕެޓުފަދަ އެއްޗެހީގައި ހުންނަ ޞޫރައެވެ.

= ނިމުނީ =

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.
* މި ލިއުމުގައި ޖަހާފައިވާ ފޮޓޯތަކަކީ ލިޔުމުގައިވާ ވަކި ވާހަކައަކާ ކޮންމެހެން ގުޅޭ ފޮޓޯއެއް ނޫނެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 


 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.