ހޮނިހިރު20200808

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ކެއިންބުއިމުގައި

އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ކެއިންބުއިމުގައި

halaal-haraam-keun-buimugaއިސްލާމްދީން ހުއްދަކުރަނީ ރަނގަޅުތަކެތި:
މުޅަތަކެތި ޙަރާމްވުމާއި އަދި އޭގެ ޙިކްމަތް:
އޮހޮރޭ ލޭ ޙަރާމްވުން:
އޫރުމަސް:
ﷲ ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެތި:
މުޅަތަކެތީގެ ތެރޭގައި ހިމެނޭ ބާވަތްތައް:
މި ބާވަތްތައް ޙަރާމްވުމުގެ ޙިކުމަތް:
ޤުރުބާންކުރެވޭ ހިލަމަތީ ކަތިލެވޭތަކެތި:
މަހާއި ގޮއްފުޅަނގި މުޅަތަކެތީގެ ތެރެއިން އިސްތިސްނާވޭ:
މުޅަތަކެތީގެ ހަމާއި ކަށްޓާއި ކެހެރީގެ ބޭނުންހިފުން:
ޟަރޫރީ ޙާލަތް އިސްތިސްނާވޭ:
ބޭސްވެރިކަމުގެ ޟަރޫރަތް:
މުޖްތަމަޢަށް ޟަރޫރަތް ފުއްދައިދެވެންޏާ، ފަރުދަކީ ޟަރޫރަތް ޖެހިފައިވާ މީހެއް ނޫން:

 

ކައިބޮއި އުޅޭ އެއްޗެއްސާއި، އޭގެތެރެއިން ހުއްދައީ ކޯޗެއްތޯއާއި އަދި މަނައީ ކޯޗެއްތޯ، ވަރަށް އިހުޒަމާނުއްސުރެވެސް މީހުންގެ މެދުގައިވަނީ ޚިލާފުއުފެދިފައެވެ. ވަކިން ޚާއްޞަކޮށް ކެއުމަށް ބޭނުންކުރެވޭ ދިރޭތަކެތީގެ ބާވަތްތަކުގައެވެ. ގަހުން އުފެދޭ ކާނާއާއި ބުއިމަށް ބަލާއިރު، މީގައި މާބޮޑު ޚިލާފުތަކެއް މީހުންގެ މެދުގައި އުފެދިފައި ނެތެވެ. މިބާވަތުގެ ތެރެއިން އިސްލާމްދީނުގައި ޙަރާމްކޮށްފައިވަނީ، ރާއަށް ބަދަލުވެފައިވާ ތަކެތި އެކަންޏެވެ. މޭބިސްކަދުރުން، ކަދުރުން، ނުވަތަ ހިމަގޮދަނުން ނެގުނު އެއްޗެއްކަމުގައި ވިޔަސް، ރާއަށް ބަދަލުވެއްޖެނަމަ އެވާނީ ޙަރާމް އެއްޗަކަށެވެ.

ހަމައެހެންމެ، މަސްތެއް ނުވަތަ ވަޅޯކަމެއް ހަށިގަނޑަށް ގެނެސްދޭ ކޮންމެ އެއްޗެއް، އަދި ހަށިގަނޑަށް ގެއްލުންހުރި ކޮންމެ އެއްޗަކީ، އިސްލާމްދީނުގައީ ޙަރާމްކުރެވިފައިވާ އެއްޗެކެވެ. އަދި ފަހުން މިކަން އިތުރަށް ބަޔާންކޮށްދޭނަމެވެ.

ދިރޭތަކެއްޗާއި އެއިން އުފެއްދޭ ކާނާގެ ބާވަތްތަކާމެދު، އެކި ދީންތަކާއި ޖަމާޢަތްތަކުގެ މީހުންގެ މެދުގައި ވަރަށް ބޮޑު ތަފާތުތަކެއް އެބަހުއްޓެވެ.

ބުރަހުމަނުން ގާތު ޖަނަވާރު ކަތިލުމާއި އެ ކެއުން:

ބުރަހުމަނުން ފަދަ ޖަމާޢަތްތަކާއި އަދި ބައެއްކަހަލަ ފަލްސަފާތަކުގެ މީހުން ވަނީ، ޖަނަވާރު ކަތިލުމާއި އަދި އެ ކެއުން އެމީހުންގެ މައްޗަށް ޙަރާމްކޮށްފައެވެ. އެމީހުން ކައިއުޅުނީ ހަމައެކަނި ގަހުން އުފެދޭ ކާނާއެވެ. އެމީހުން ބުނާގޮތުން، ދިރޭ ޖަނަވާރުތައް ކަތިލައި މެރުމަކީ، އިންސާނާފަދަ ދިރޭ އެހެން އެއްޗަކަށް ދެވޭ އަނިޔާއެކެވެ. އަދި އެއްވެސް ދިރޭއެއްޗެއް ދިރިހުރުމުން މަޙްރޫމުކޮށްލުމަކީ، އިންސާނާއަށް ލިބިގެންވާ ޙައްޤެއް ނޫނެވެ.

ނަމަވެސް ދިރޭތަކެއްޗާމެދު ވިސްނާލުމުން އަހަރެމެންނަށް އެނގޭ އެއްޗަކީ، ޖަނަވާރުތައް އުފައްދަވާފައިވަނީ އޭގެ ޒާތަށްޓަކައެއް ނޫނެވެ. އެހެނީ އެތަކެއްޗަށް ބުއްދިއެއް އަދި އަމިއްލަ އިރާދައެއް ވެސް ލިބިގެނެއް ނުވެއެވެ. އަދި އޭގެ ޠަބީޢީ މަޤާމަކީ އިންސާނުންގެ ޚިދުމަތުގައި ތިބުންކަން ވެސް އަހަރެމެންނަށް އެނގެއެވެ. ވީމާ ޖަނަވާރުތައް ދިރިތިއްބާ، ރަނގަޅުގޮތުގައި އޭގެ ބޭނުން ހިފާފަދައިން، އެ ކަތިލުމަށް ފަހު އޭގެ މަހުގެ ބޭނުން ހިފުމަކީ ހައިރާންވާންޖެހޭވަރުގެ ކަމެއް ނޫނެވެ.

ހަމައެހެންމެ، ދުނިޔޭގައި ހިނގަމުންދާ ﷲ ގެ ސުންނަތަކީ (ކަންހިނގާ މަގަކީ)، ދިރޭތަކެތީގެ ތެރެއިން ދަށް ބާވަތްތައް، އެއަށްވުރެ މަތީ ބާވަތެއްގެ މަސްލަޙަތަށް ޤުރުބާންވެގެންދިއުމެވެ. މިގޮތުން ޖަނާވާރުތަކުގެ ކާނާއަކަށް ފެހިވިނަ ކޮށާލެވެއެވެ. އިންސާނާގެ ކާނާއަކަށް ޖަނަވާރު ކަތިލެވެއެވެ. އަދިކޮބާ، ޖަމާޢަތުގެ މަސްލަޙަތަށްޓަކައި ވަކި ފަރުދުން ޤަތުލުވެ އަދި ޤަތުލުކުރެވެއެވެ.

އަނެއްކަމަކީ، އިންސާނުން ޖަނަވާރުތައް ކަތިނުލުމަކީ އެއީ ފަހަރެއްގައިވެސް، އެތަކެތި މަރުން ނުވަތަ ހަލާކުވެދިއުމުން ސަލާމަތްވާނެ ކަމެއް ނޫނެވެ. އިންސާނުން ޖަނަވާރު ކަތިނުލިޔަސް، އެއްޖަނަވާރު އަނެއްޖަނަވާރަށް ހަމަލާދީ ނުވަތަ މުސްކުޅިވެ ތަނުގައި އޮވެގެންވެސް ޖަނަވާރުތައް މަރުވާނެއެވެ.  ހީވާގޮތުން، ތޫނުއެއްޗަކުން އަވަސްކަމާއެކު ކަތިލައިގެން މަރުވުމަށްވުރެ މިގޮތަށް މަރުވުމުން އަޅާ ވޭން މާ ބޮޑުވާނެއެވެ.

ޔަހޫދީންނާއި ނަޞާރާއިން ގާތު ޙަރާމްތަކެތި:

ފޮތްތައް ބާވައިލެއްވިފައިވާ ދީންތަކުގެ ތެރެއިން ޔަހޫދީންނަށް، މާތް ﷲ ވަނީ ވަރަށް ގިނަ ވައްތަރުގެ އެއްގަމުޖަނަވާރާއި ކަނޑު ޖަނަވާރު ޙަރާމްކުރައްވާފައެވެ. ތައުރާތުގެ 'ލާވީން' (Leviticus) ފޮތުގެ އެގާރަވަނަ ބާބުގައި، މިކަން ތަފްޞީލުކޮށް ބަޔާންވެފައިވެއެވެ.

އަދި ކީރިތި ޤުރުއާނުގައިވެސް، ޔަހޫދީންނަށް ޙަރާމްކުރެއްވުނު ބައެއް ތަކެތި ބަޔާންވެފައި އެބައޮތެވެ. މިތަކެތި ޙަރާމްކުރެއްވުމުގެ ސަބަބަކަށް ވެފައިވަނީ، ކުރިން ބުނެވިދިޔަފަދައިން، ޔަހޫދީންގެ އަނިޔާވެރިކަމާއި ކުރި ފާފަތަކަށް ދެއްވި ޢުޤޫބާތެއްގެ ގޮތުންނެވެ.

ﷲ ވަޙީކުރައްވާފައި ވަނީ: وَعَلَى الَّذِينَ هَادُوا حَرَّمْنَا كُلَّ ذِي ظُفُرٍ وَمِنْ الْبَقَرِ وَالْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَا إِلاَّ مَا حَمَلَتْ ظُهُورُهُمَا أَوْ الْحَوَايَا أَوْ مَا اخْتَلَطَ بِعَظْمٍ ذَلِكَ جَزَيْنَاهُمْ بِبَغْيِهِمْ وَإِنَّا لَصَادِقُونَ

އާޔަތުގެ ތަފްސީރީމާނަ: "ޔަހޫދީންނަށް ތިމަންރަސްކަލާނގެ ޙަރާމްކުރެއްވި ޖަނަވާރާއި ދޫނިފަދަ ތަކެތިވެސް ކަލޭގެފާނު ކިޔައިދެއްވާށެވެ. ޖަމަލާއި ނާމަދޫނި ފަދަ، އިނގިލިތައް ވަކިވެފައިނުވާ ކޮންމެ ސޫތްޕެއް، އެމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ޙަރާމްކުރެއްވީމެވެ. އަދި ގެރިބަކަރީގެ ސަރުބީގެ ތެރެއިން، އޭގެ ބުރަކަށީގައިވާ ސަރުބީއާއި، އޭގެ ގޮހޮރުގައިވާ ސަރުބީއާއި، ނުވަތަ ކައްޓާ އެކުވެފައިވާ ސަރުބީ ފިޔަވައި، އެހެން ހުރިހާ ސަރުބީއެއް އެބައިމީހުންގެ މައްޗަށް ޙަރާމްކުރެއްވީމެވެ. އެގޮތަށް ތިމަންރަސްކަލާނގެ ޔަހޫދީންނަށް ޖަޒާދެއްވީ، އެމީހުންގެ ނުބައި ޢަމަލުތަކާއި އަނިޔާވެރިކަމުގެ ސަބަބުންނެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެ މި ދެއްވާ ޚަބަރުތަކަކީ ތެދު ވަޙީކަން ކަށަވަރެވެ.'' {އަލްއަންޢާމް:146}

މިއީ ޔަހޫދީންނަށް އޮތް ޙުކުމެވެ. އެކަމަކު ނަޞާރާއިން ވެސް ޔަހޫދީންގެ މިޙުކުމްތަކަށް ތަބާވާންޖެހެއެވެ. އެހެނީ، އިންޖީލުގައި ބުނެފައިވާ ގޮތުން، ޢީސާގެފާނު ވަޑައިގެންނެވީ، ކުރިން މޫސާގެފާނަށް ބާވައިލައްވާފައި އޮތް ޝަރީޢަތް އުވާލާކަށެއް ނޫނެވެ. އެކަމަކު އެ ފުރިހަމަކުރައްވާށެވެ.

ނަމަވެސް ނަޞާރާއިން ވަނީ، ތައުރާތުގައި އެމީހުންނަށް ޙަރާމްކުރެވިފައިވާ، އަދި އިންޖީލުން ނަސްޚު ނުކުރާ، ތަކެތި ޙަލާލުކޮށްފައެވެ. އަދި އެމީހުން ވަނީ، ކޮންމެ ކާއެއްޗަކީ އަދި ކޮންމެ ބޯއެއްޗެއް ވެސް ޙަލާލުކަމުގައި ދެކުނު، ޤިއްދީސް ބޫލުސް (ޕައުލް) އަށް ތަބާވެފައެވެ. މިއިން އިސްތިސްނާވަނީ ބުދުތަކަށް ކަތިލެވޭ ޖަނަވާރު އެކަންޏެވެ. ނަޞާރާއިން ގާތުގައިވެސް އެއީ ޙަރާމްއެއްޗެކެވެ.

ބޫލުސް އޭނާ އަމިއްލައަށް، ނަޞާރާދީނުގެ ތެރެއަށް ވެއްދި މި ޙުކުމުގެ ޙުއްޖަތަކަށް ދެއްކީ، "ޠާހިރު މީހުންނަށް ކޮންމެ އެއްޗެއްވެސް ޠާހިރެވެ." އަދި "އަނގައަށް ލާ އެއްޗަކުން އަނގަ ނަޖިހެއް ނުވާނެއެވެ. ނަޖިސްވާނީ އަނގައިން ނުކުންނަ ތަކެއްޗެވެ." އިންޖީލުގައިވާ މިކަހަލަ ނައްޞުތަކެކެވެ.

މިގޮތަށް އަމިއްލައަށް ދީނުގެ ޙުކުމް ބަދަލުކޮށް، ނަޞާރާއިންވަނީ އޫރުމަސް ކެއުންވެސް ހުއްދަކޮށްފައެވެ. މިއަދާ ޖެހެންދެންވެސް ތައުރާތުގައި ކަނޑައެޅިގެން އޫރުމަސް ޙަރާމްވެފެއި އޮތުމާއެކުވެސް މެއެވެ.

ޖާހިލިއްޔަ ޢަރަބިންގެ ގާތުގައި:

ދެން ޖާހިލިއްޔަ ޒަމާނުގައި ޢަރަބިންނަށް ބަލާއިރު، އެމީހުން ވަނީ ބައެއް ޖަނަވާރުތައް ކާން ފަކުރުން އެ ޙަރާމްކޮށްފައެވެ. އަނެއްބައި ޖަނަވާރުތައް ޙަރާމްކުރީ ބުދުތަކަށް އަޅުކަންކޮށް ބުދުތަކާ ކުއްތަންވާން ނުވަތަ ވަހުމުތަކަށް ތަބާވެގެންނެވެ. މީގެ މިސާލަކީ، ބަޙީރާއާއި ސާއިބާއި ވަޞީލާއި ޙާމް ފަދަ ނަންނަމުގައި ކެއުން ޙަރާމްކޮށްފައިވާ ޖަނަވާރުތަކެވެ. މީގެ މާނަ ވާނީ ކުރިން ބުނެވިފައެވެ. މީގެ އަނެއްކޮޅުން އެމީހުން ވަނީ، މުޅަތަކެއްޗާއި އޮހޮރޭ ލޭފަދަ، ނުބައިވެގެންވާ އެތަކެއް އެއްޗެއް ހުއްދަކޮށްފައެވެ.

އިސްލާމްދީން ހުއްދަކުރަނީ ރަނގަޅުތަކެތި:

އިސްލާމްދީން އައިއިރު، ޖަނަވާރުން އުފައްދާ ކާއެއްޗެއްސާ މެދު އިންސާނުންގެ ހާލަތަކީ، އޭރު ތިބީ، ވަކި ހައްދެއް ނެތި، ހިތުހުރި ގޮތަކަށް ބޭނުންހައި ދިރޭއެއްޗެއް ކައިއުޅުނު ބަޔަކާއި، އެއްވެސް ގޮތަކަށް ދިރޭ އެއްޗެއް ނުކެއުމުގައި ހައްދުފަހަނައަޅާފައިވާ ބައެކެވެ. މިހެންވެ އިސްލާމްދީން އައިސް، އެންމެހާ މީސްތަކުންނާ މުޚާޠަބުކޮށް، އެ ދީނުގެ ފޮތުގައި މާތް ﷲ ވަޙީކުރައްވަނީ:  يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الأَرْضِ حَلالاً طَيِّباً وَلا تَتَّبِعُوا خُطُوَاتِ الشَّيْطَانِ إِنَّهُ لَكُمْ عَدُوٌّ مُبِينٌ

އާޔަތުގެ ތަފްސީރީމާނަ: "އޭ އެންމެހާ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން، ﷲ ޙަލާލުކުރައްވާފައިވާ ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ! އެއީ ނަޖިސް ނޫން ޠާހިރު ތަކެއްޗެވެ. ގެއްލުން ނެތް ފައިދާހުރި ތަކެއްޗެކެވެ. އަދި ޙަލާލް ހަރާމްކުރުމާއި، ދީނަށް ބިދުޢަތައް ވެއްދުމާއި، ފާފަތަކަށް އަރައިގަތުމުގައި، ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާނުވާށެވެ! އެހެނީ ހަމަކަށަވަރުން އެ ޝައިޠާނާއީ، ތިޔަބައިމީހުންނަށް ހުރި ފާޅުކަންބޮޑު ޢަދާވާތްތެރިއެކެވެ." {އަލްބަޤަރާ: 168}

"މީސްތަކުންނޭ" ވަޙީކުރައްވާ، އަންގަވާފައިވަނީ، އެކަލާނގެ އެމީހުންނަށްޓަކައި ދުނިޔޭގައި ލައްވާފައިވާ، ތަފާތު ވައްތަރު ވައްތަރުގެ 'މީރު ކާތަކެތިން ފުރިފައިވާ ސުފުރާއިން' ކެއުމަށެވެ. އާދެ، އެއީ އޭގައިވާހާ ތަކެއްޗަކާއެކު އެމީހުންނަށްޓަކައި ހައްދަވާފައިވާ ބިމެވެ. އަދި އަންގަވަނީ، ﷲ ޙަލާލުކުރެއްވި ތަކެތި ޙަރާމްކުރުވަންވެގެން، ޝައިޠާނާ ދައްކާ ދަޅަތަކަށް ހެއްލި، އޭނާ ގެންދާ މަގުތަކުން ނުހިނގުމަށެވެ. އެހެނީ އެމަގުން ހިނގަންފަށައިފިއްޔާ އެބަޔަކު ނިމިދާނީ ގެއްލުމާއި ހަލާކުގެ ތެރެއަށެވެ.

ދެން މުއުމިނުންނަށް ޚާއްޞަކޮށް، ވަޙީކުރައްވާފައިވަނީ: يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّهِ إِنْ كُنتُمْ إِيَّاهُ تَعْبُدُونَ * إِنَّمَا حَرَّمَ عَلَيْكُمْ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّهِ فَمَنْ اضْطُرَّ غَيْرَ بَاغٍ وَلا عَادٍ فَلا إِثْمَ عَلَيْهِ إِنَّ اللَّهَ غَفُورٌ رَحِيمٌ

އާޔަތްތަކުގެ ތަފްސީރީމާނަ: ''އޭ އެންމެހާ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ޙަލާލު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! ކާފިރުންހެން ރަނގަޅުތަކެތި ޙަރާމްކޮށް، ނުބައިތަކެތި ޙަލާލްކުރާ ބަޔަކަށް ކަލޭމެން ނުވާށެވެ. އަދި ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވާނަމަ،  ދެއްވި ނިޢުމަތްތަކަށް ތިޔަބައިމީހުން އެކަލާނގެއަށް ޝުކުރުވެރިވާށެވެ! * ތިޔަބައިމީހުންނަށް އެކަލާނގެ ޙަރާމްކުރައްވާފައިވާކަން ކަށަވަރީ، ތިޔަބައިމީހުންނަށް އޭގައި ކަނޑައެޅިގެން ގެއްލުންހުރި މުޅަތަކެއްޗާއި، ލެޔާއި، އޫރުމަހާއި، އަދި ﷲ ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. އަދި ކަލޭމެންގެ މައްޗަށްވާ، ﷲ ގެ ފަޟްލުވަންތަވެރިކަމުންނާއި، ފަސޭހަކުރުމުގެ ގޮތުން، މަޖްބޫރުވެއްޖެމީހާ، ކެއުމަށް އެދުންވެރިވުމެއް އަދި ކެއުމުގައި ބަނޑުފުރާނަ މުއްތިކުރެވޭރަށް ވުރެ އިތުރަށް ކައި ހައްދުފަހަނައަޅައި ދިއުމެއްނެތި، މިތަކެތިން ކެއުމަކުން، އޭނާގެ މައްޗަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން ﷲ އީ، އެކަލާނގެ އަޅުތަކުންނަށް ގިނަގިނައިން ފާފަފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.'' {އަލްބަޤަރާ: 172- 173}

މުއުމިނުންނަށް ޚާއްޞަކުރެވިފައިވާ މި އެންގެވުމުގައި، މާތް ﷲ އަމުރުކުރައްވާފައިވަނީ، އެކަލާނގެ ދެއްވި ރަނގަޅު ޙަލާލުތަކެތިން ކެއުމަށެވެ. އަދި ގިނަގުނަ މި ނިޢުމަތްތައް ދެއްވިކަމަށްޓަކައި، އެކަލާނގެއަށް ޝުކުރުވެރިވުމަށެވެ. ދެން އެއަށްފަހު އަންގަވާފައިވަނީ، މި އާޔަތުގައި މިވާ ހަތަރު ބާވަތް ފިޔަވާ އެހެން އެއްޗެއް، އެކަލާނގެ ޙަރާމްނުކުރައްވާކަމެވެ. ޙަރާމްކުރައްވާފައިވަނީ ހަމައެކަނި މިހަތަރު ބާވަތްކަން، ޤުރުއާނުގެ އެހެން ތަންތާނގައި އަދި މިއަށްވުރެ ވެސް ޞަރީޙަކޮށް ބަޔާންކުރައްވާފައިވެއެވެ. މިގޮތުން އަލްއަންޢާމް ސޫރަތުގައި ވަޙީކުރައްވަނީ:  قُلْ لا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّماً عَلَى طَاعِمٍ يَطْعَمُهُ إِلاَّ أَنْ يَكُونَ مَيْتَةً أَوْ دَماً مَسْفُوحاً أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ أَوْ فِسْقاً أُهِلَّ لِغَيْرِ اللَّهِ بِهِ فَمَنْ اضْطُرَّ غَيْرَ بَاغٍ وَلا عَادٍ فَإِنَّ رَبَّكَ غَفُورٌ رَحِيمٌ

އާޔަތުގެ ތަފްސީރީމާނަ: "ކަލޭގެފާނު ވިދާޅުވާށެވެ! ކާ މީހަކަށް ކެއުން ޙަރާމް ކުރައްވާފައިވާ، ނަޢަމްސޫފީގެ ތެރެއިން ޙަރާމޭ ކަލޭމެން ތިޔަބުނާފަދަ އެއްޗެއް، ތިމަންކަލޭގެފާނަށް އިއްވެވި ވަޙީގެ ތެރޭގައިވާތީ ދެކެވަޑައެއް ނުގުންނަވަމެވެ. އެ އެއްޗަކީ ކަތިލުމަކާ ނުލާ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، އެއީ ނަޖިސް ހަޑިމުޑުދާރު ތަކެއްޗެވެ. ނުވަތަ ﷲ އަށް ވާންޖެހޭ ކިޔަމަންތެރިކަމުން އެއްކިބާވެ، ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަންގަނެ ކަތިލާފައިވާ އެއްޗެއްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ޙަރާމްވެގެން ވަނީ މިހަތަރު ބާވަތެވެ.  ފަހެ ބަނޑަށް ޖެހިގެންފަދަ ހާލަތެއް ދިމާވެގެން މިތަކެތި ކެއުމަށް މަޖްބޫރުވެއްޖެމީހާ، މި ކެއުމަށް އެދުންވެރިވުމެއް އަދި ކެއުމުގައި ބަނޑުފުރާނަ މުއްތިކުރެވޭރަށް ވުރެ އިތުރަށް ކައި ހައްދުފަހަނައަޅައި ދިއުމެއްނެތި، މިތަކެތިން ކައިފިއްޔާ، ފަހެ ހަމަކަށަވަރުން ﷲ އީ، އެކަލާނގެ އަޅުތަކުންނަށް ގިނަގިނައިން ފާފަފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ." {އަލްއަންޢާމް: 145}

އަދި އަލްމާއިދާ ސޫރަތުގައި، މި ޙަރާމްތަކެތި އިތުރު ތަފްޞީލާއެކު ބަޔާންކުރައްވާފައިވެއެވެ. މާތް ﷲ ވަޙީކުރައްވަނީ: حُرِّمَتْ عَلَيْكُمْ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلاَّ مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ

އާޔަތުގެ ތަފްސީރީމާނަ: "މުޅަތަކެއްޗާއި، އޮހޮރޭ ލެޔާއި، އޫރުމަހާއި، ﷲ ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗާއި، ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗާއި، ޖަހައި މަރައިލާ ތަކެއްޗާއި، އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި އެހެން ޖަނަވާރެއްގެ ދަޅުންޖަހައިގެން މަރުވާތަކެއްޗާއި، މިނިކާ ޖަނަވާރެއް ކައިފައިވާ ތަކެތި، ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވެއެވެ. މިތަކެތީގެ ތެރެއިން ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗާއި އަދި އޭގެ ފަހުން ބުނެވިފައިވާ އެއްޗެހި، ފުރާނަހުއްޓާ އެއެއްޗެއް އަތުޖެހި، ޝަރުޢީ ހަމައިގެ މަތިން ކަތިލައިފިނަމަ ޙަރާމްކަމުން އިސްތިސްނާވެއެވެ. އަދި ބުދުތަކަށް ޤުރުބާން ކުރެވޭ ހިލަތަކުގެ މަތީގައި  ކަތިލެވޭ  ތަކެތިވެސް ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވެއެވެ." {އަލްމާއިދާ: 3}

ޙަރާމްތަކެތީގެ ޢަދަދު ދިހައެއްކަން ދޭހަވާ މިއާޔަތާއި، ޙަރާމްތަކެތީގެ ޢަދަދަކީ ހަތަރެއްކަން ދޭހަވާ، ކުރިންދިޔަ އާޔަތާއި، އެއްވެސް ކަހަލަ ފުށުއެރުމެއް ނެތެވެ.  އެހެނީ މިއާޔަތުގައި މިވަނީ އެހެން އާޔަތްތައް ތަފްޞީލުކޮށް ބަޔާންކުރެވިފައެވެ. ކަރުގައިހިފައިގެން މަރާ ތަކެއްޗާއި، ޖަހައި މަރާ ތަކެއްޗާއި، އުސްތަނަކުން ވެއްޓިމަރުވާ ތަކެއްޗާއި، އެހެން ޖަނަވާރެއްގެ ދަޅުންޖަހައިގެން މަރުވާ ތަކެއްޗާއި، މިނިކާ ޖަނަވާރެއް ކައިފައިވާ ތަކެއްޗަކީ، މިއީ ހައްތާވެސް މުޅަތަކެތީގެ މާނައިގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ. ވީމާ މިއީ މުޅަތަކެތީގެ ތަފްޞީލެކެވެ. ހަމައެހެންމެ، ބުދުތަކަށް ޤުރުބާން ކުރެވޭ ހިލަތަކުގެ މަތީގައި  ކަތިލެވޭ ތަކެއްޗަކީ، ﷲ ނޫން ފަރާތަކަށް ކަތިލެވޭ ތަކެތީގެ ޙުކުމުގައި ހިމެނޭ އެއްޗެކެވެ. މި ދޭއްޗަކީވެސް އެއްބާތެއްގެ ދޭއްޗެވެ. ވީމާ ޖުމްލަކޮށް ބަލަންޏާ، ޙަރާމްތަކެތީގެ ޢަދަދު ހަތެރެކެވެ. ތަފްޞީލުކޮށް ބަލަންޏާ ދިހައެކެވެ.

މުޅަތަކެތި ޙަރާމްވުމާއި އަދި އޭގެ ޙިކްމަތް:

1-    ޙަރާމްކުރެވިފައިވާ ކާތަކެތީގެ ތެރެއިން، އާޔަތްތަކުގައި އެންމެ ފުރަތަމަ އައިސްފައިވަނީ، މުޅަތަކެއްޗެވެ. މުޅަތަކެތީގެ މާނައަކީ ހިތަށް މަރުވެފައިވާ ޖަނަވާރާއި ދޫންޏެވެ. އެހެން ގޮތަކަށް ބުނާނަމަ، އެ ކަތިލާން ނުވަތަ ޝިކާރަކުރުމުގެ މަޤްޞަދުގައި އިންސާނަކު ކުރާ ކަމަކާ ނުލާ، ހިތަށް މަރުވެފައިވާ ތަކެއްޗެވެ.

މުޅަތަކެތި ޙަރާމްވުމުގެ ޙިކުމަތަކީ ކޮބައިތޯއާއި، އަދި އޭގެ ބޭނުން ނުހިފާ އުކާލަނީ ކީއްވެތޯ، ފަހަރެއްގާ މިޒަމާނުގެ މީހުންގެ ހިތުގައި ސުވާލުއުފެދިދާނެއެވެ. މީގެ ޖަވާބުގައި އަހަރެމެން ބުނާނީ މުޅަތަކެތި ޙަރާމްވުމުގައި ފާޅުކަން ބޮޑު ޙިކްމަތްތަކެއް ވާކަމުގައެވެ. އޭގެތެރޭގައި:

(ހ) އިންސާނީ ޠަބީޢަތް ސަލާމަތުން ހުރި މީހެއް ވިއްޔާ، މުޅަތަކެތި  ކާން ފަކުރުގަންނާނެއެވެ. އެކެއުމާ ދުރުވާނެއެވެ. ވިސްނޭ އެންމެންވެސް ދެކޭގޮތުގައި، މުޅަތަކެތި ކެއުމަކީ އިންސާނުންގެ ކަރާމަތަށް ލިބޭ އިހާނާތެކެވެ. ކަރާމަތާ ފުށުއަރާ ކަމެކެވެ. މިހެންވެ، ބާވައިލެއްވި ފޮތެއްގެ ވެރި ހުރިހާ ދީންތަކެއްގައިވެސް ވަނީ މުޅަތަކެތި ޙަރާމްކޮށްފައެވެ. ކަތިލާ ގޮތް ތަފާތުކަމުގައި ވިޔަސް، ކަތިލައިގެން ނޫނީ މިއިން އެއްވެސް ބަޔަކު ޖަނަވާރު ކައި ނުއުޅެއެވެ.

(ށ) މުސްލިމުން ކުރާ ކޮންމެ ކަމެއްގައިވެސް، ޤަޞްދަކާއި އިރާދައެއް އޮންނަން އާދަކުރުވުމެވެ. ނިޔަތަކާއި ޤަޞްދަކާއި އަދި މަސައްކަތެއްކޮށްގެން ނޫނީ އޭނާ އެއްވެސް އެއްޗެއް ބޭނުމެއް ނުކުރާނެއެވެ. އަދި ފައިދާއެއްވެސް ލިބި ނުގަންނާނެއެވެ. މިގޮތުން ކަތިލުމުގެ މާނައަކީ ޙަޤީޤަތުގައި، ކެއުމަށްޓަކައި ޖަނަވާރެއްގެ ފުރާނަ ނެރުމެވެ. މުޅަ އެއްޗެހީގެ ދާއިރާއިން ކަތިލެވޭ ޖަނަވާރު ބޭރުވަނީ، މި ޤަޞްދުގެ ސަބަބުންނެވެ. މުޅަތަކަތެ ކައިއުޅޭ އުޞޫލުން އެއްވެސް ޤަޞްދެއް ވިސްނުމެއް ނެތި، އިންސާނާ ކައި އުޅުމަކީ މާތް ﷲ ރުހިވޮޑިގަންނަވާ ކަމެއް ނޫނޭ، މިއިން ދޭހަވާފަދައެވެ. ނަމަވެސް ޝިކާރަކުރެވޭ ނުވަތަ ކަތިލެވޭ އެއްޗަކީ ޤަޞަދަކާއި މަސައްކަތަކާއި ލައިގެން މެނުވީ ހޯދައިގަނެވޭނެ އެއްޗެއް ނޫނެވެ.

(ނ) ހިތަށް މަރުވެފައިވާ މުޅަތަކެއްޗަކީ ގިނަފަހަރަށް، ދެމިހުންނަ ބައްޔެއްގެ ސަބަބުން، ނުވަތަ އެއަށް ކުއްލިއަކަށް ޖެހުނު ބައްޔެއްގެ ސަބަބުން، ނުވަތަ ވިހަ ގަހެއްފަދަ އެއްޗެއް ކައިގެން މަރުވެފައިވާ އެއްޗެކެވެ. މިފަދަ ޖަނަވާރެއް ކައިގެން ގެއްލުން ލިބުމަކީ ގާތްކަމެކެވެ. ބަލިކަށިވެގެން ނުވަތަ ބަނޑަށްޖެހިގެން މަރުވާ ޖަނަވާރުތަކުގައިވެސް ކަން އޮތީ ހަމަ މިބީދައިންނެވެ. އޭގައި އެތަކެއް ބައްޔާއި ޖަރާސީމު ހުރެއެވެ.

(ރ) މުޅަތަކެތި ކެއުން، އަހަރެމެން އިންސާނުންނަށް، މާތް ﷲ ޙަރާމްކުރެއްވުމުން، މަސްކާ އެހެން ޖަނަވާރުތަކާއި ދޫނިތަކަށް، އެފަދަ ތަކެތި ކެއުމުގެ ފުރުޞަތު، މާތް ﷲ ގެ ރަޙްމަތްފުޅުން ލިބިގެން ދެއެވެ. އެހެނީ އެތަކެއްޗަކީ ވެސް ޤުރުއާނުގައިވާފަދައިން، އަހަރެމެންފަދަ އެހެން އުއްމަތްތަކެކެވެ.  ޞަޙަރާތަކާއި ހާމަކަންބޮޑު ބިންތަކުގައި، ޖަނަވާރުތަކާއި ދޫނިތަކުގެ ކާނާއަކީ، އެތަންތަނަށް މަރުވާ ޖަނަވާރުތަކެވެ. އަދި ހުރިހާ ޖަނަވާރަކީ އަމިއްލައަށް ފަހައިދުވެ ޝިކާރަކޮށްގެން ކެވޭފަދަ ޖަނަވާރެއްވެސް ނޫންމެއެވެ.

(ބ) މުޅަތަކެތި ކެއުން ޙަރާމްވެފައި އޮތީމާ، އަތުގައި ހުންނަ ކެވޭ ޖަނަވާރުތަކާމެދު އިންސާނާ ފަރުވާތެރިވެއެވެ. ބައްޔެއް ޖެހި ނުވަތަ ބަލިކަށިވީމާ، މަރުވާން އޭތި ދޫކޮށެއް ނުލާނެއެވެ. އޭގެ ބަދަލުގައި  އަވަހަށް އެއަށް ފަރުވާދޭން ނުވަތަ، އެއަށް ލިބޭ ވޭންކުޑަކުރަން އޭނާ އޭތި ކަތިލާނެއެވެ.

އޮހޮރޭ ލޭ ޙަރާމްވުން:

2-    ޙަރާމްކުރެވިފައިވާ ދެވަނަ އެއްޗަކީ: އޮހޮރޭ ލެޔެވެ. މާނައަކީ ދިޔާކޮށް އޮހޮރޭ ލެޔެވެ.

ޖަނަވާރުތަކުގެ ހުންކޮށި (ޠިޙާލު) ކެއުމާ ބެހޭގޮތުން އިބްނު ޢައްބާސަށް ސުވާލު ދެންނެވުނީމާ، އެ ކެވިދާނެކަމަށް ވިދާޅުވިއެވެ. ދެން އަރިހުގައި ތިއްބެވި ބޭކަލުން އެއީ، ލޭ ނޫންތޯއޭ ދެންނެވީމާ ވިދާޅުވީ، ޙަރާމްކުރެވިފައިވަނީ އޮހޮރޭ ލޭކަމުގައެވެ.

އޮހެރޭ ލޭ ޙަރާމްވުމުގެ ސިއްރަކީ، ދިޔާކޮށް ހުންނަ ލެޔަކީ، ޠަބީޢަތް ސަލާމަތުން ހުރި މީހެއްވިއްޔާ، އެ ބޯން ނުވަތަ ކާން ޖެހިލުންވެ ފަކުރުގަންނާނެ އެއްޗެކެވެ. ހަމައެހެންމެ އެއީ މުޅަތަކެތި ފަދައިން ޞިއްޙަތަށް ގެއްލުން ލިބިދާނެ އެއްޗެކެވެ.

ޖާހިލިއްޔަ ޒަމާނުގެ މީހުން ބަނޑުހައިވެއްޖެނަމަ، ކަށިގަނޑެއް ނުވަތަ ތޫނު އެއްޗެއް ހޯދައިގެން، އޭނާގެ  ޖަމަލު ގަޔަށް ހަރައި ލޭ އޮހޮރައި ޖަމާކޮށްގެން ބޯލައެވެ. މިކަމަށް އިޝާރާތްކޮށް ޅެންވެރިއަކު ކިޔާފައިވާ ބައިތެއްގެ މާނާގައިވެއެވެ:  "ނަމަނަމަ ކަލޭ މުޅަތަކެއްޗާ ގާތް ނުވާށެވެ. އަދި ލޭ ނެރެން ކަށިގަނޑެއް ނުނަގާށެވެ."

ހަމައެހެންމެ، މިގޮތަށް ޖަނަވާރުން ލޭ ނެރުމަކީ  ޖަނަވާރަށް ގެއްލުމާއި ބަލިކަން ލިބޭނެ ކަމެއްވެސް މެއެވެ. އެހެންވެ މާތް ﷲ ވަނީ އޮހޮރޭ ލޭ ބުއިން ޙަރާމްކުރައްވާފައެވެ.

އޫރުމަސް:

3-   ކެއުން ޙަރާމްކުރެވިފައިވާ ތިންވަނަ އެއްޗަކީ، އޫރުމަހެވެ. އޫރުގެ މައިގަނޑު ކާނާއަކީ ގޮނޑާއި ނަޖިސްތަކެތި ކަމަށް ވާހިނދު، އިންސާނީ ޠަބީޢަތް ސަލާމަތުން ހުންނަ އާދައިގެ މީހުން ދެކެނީ އޫރުމަހަކީ ނުބައި އެއްޗެއް ކަމުގައެވެ. އަދި އޫރުމަސް ކާން ފަކުރުގަނެއެވެ. ފަހުގެ ޞިއްޙީ ހޯދުންތަކުން ވެސް ސާބިތުވެފައިވަނީ އޫރުމަސް ކެއުމަކީ، ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް ގެއްލުން ހުރިކަމެކެވެ. ވަކިން ޚާއްޞަކޮށް ހޫނު ސަރަހައްދުތަކުގައެވެ. އަދި ފަހުގެ ޢިލްމީ ތަޖުރިބާތަކުން ހާމަވެފައިވަނީ އޫރުމަހުގައި ވަރަށް ނުރައްކާތެރި ބާވަތެއްގެ ފަންޏެއް (ޓްރިކައިނާ) އާއި އަދި މި ނޫންވެސް އެހެނިހެން ބަލިތައް ހުންނަކަމަށެވެ. ފަހަރެއްގާ އަދި މުސްތަޤްބަލުގައި މިހާރު އަހަރެމެންނަށް އެނގޭވަރަށް ވުރެ ބޮޑަށް، އޫރުމަސް ޙަރާމްވުމުގެ ޙިކުމަތް ފާޅުވުމަކީ އެކަށީގެންވާކަމެކެވެ. ކީރިތި ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސިފަފުޅުގައި، "وَيُحَرِّمُ عَلَيْهِمْ الْخَبَائِثَ" އޭ ވަޙީކުރައްވާފައިވާ ބަސްފުޅަކީ ޙައްޤު ތެދުކަން ކަށަވަރެވެ. މިބަސްފުޅުގެ މާނައީ: "އަދި ނުބައިވެގެންވާ ތަކެތި، އެކަލޭގެފާނު އެމީހުންނަށް ޙަރާމްކުރައްވަތެވެ."

އަދި މީގެ އިތުރުން ބައެއް ހޯދުންތެރިން ވިދާޅުވާ ގޮތުގައި، އާދަވެގެން އޫރުމަސް ކެއުމަކީ، މީހާގެ ކިބައިން ލަދުހަޔާތް ކެނޑި ޣީރަތްތެރިކަން ކެނޑޭކަމެކެވެ.

ﷲ ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެތި:

4-    ހަތަރުވަނަ އެއްޗަކީ، ﷲ ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލެވޭ ތަކެއްޗެވެ. މީގެ މާނައަކީ، ބުދުފަދަ ތަކެއްޗަށް ކަތިލެވޭ ޖަނަވާރެވެ. އިހުގައި ބުދަށް އަޅުކަންކުރި ޢަރަބިން އެއްޗެއް ކަތިލައިފިނަމަ، އެމީހުންގެ ލާތައާއި ޢުއްޒާ ފަދަ ބުދުތަކުގެ ނަންގަނެއެވެ. މިފަދަ ޢަމަލަކީ ﷲ ފިޔަވާ އެހެން ފަރާތަކާ ކުއްތަންވުމުގެ ގޮތުން ކުރެވޭ ކަމެކެވެ. އެކަލާނގެ މަތިވެރި އިސްމުފުޅާ ނުލާ ކުރާ އަޅުކަމެކެވެ. ވީމާ މިފަދަ ތަކެތި ކެއުން ޙަރާމްވުމުގެ ސަބަބަކީ އަދި ޙިކުމަތަކީ، ސީދާ ދީނާ ގުޅުން ހުރިކަމެކެވެ. އެއީ އެއްކައުވަންތަކަމުގެ ޢަޤީދާ ޙިމާޔަތް ކުރުމެވެ. މީހުންގެ ޢަޤީދާ ސާފުކަންމަތީ ބޭއްވުމެވެ. އަދި ހުރިހާ ސިފައެއްގެ ޝިރުކާއި ވަސަނިއްޔަތު މުޅީން ފިލުވާލުމެވެ.

5-   އިންސާނުން އުފެއްދެވީ މާތް ﷲ އެވެ. އަދި އެކަލާނގެ ބިމުގައިވާހާ އެއްޗެއް އިންސާނުންނަށްޓަކައި ޚިދުމަތްތެރިކުރެއްވިއެވެ. ޖަނަވާރުތައް ކިޔަމަންތެރިކުރެއްވިއެވެ. އަދި ކަތިލާހިނދު އެކަލާނގެ އިސްމުފުޅު ގަނެފައި، އިންސާނާގެ ބޭނުންތައް ފުއްދަން ދިރޭތަކެތި ކަތިލުން ހުއްދަކުރެއްވިއެވެ. ކަތިލާއިރު ﷲ ގެ އިސްމުފުޅު ގަނެފައި ކަތިލުމުން ދޭހަކޮށްދެނީ، ދިރިހުރި ޖަނަވާރެއް އޭނާ އެ މަރަނީ، އެ ޖަނަވާރު އުފެއްދެވި ޚާލިޤުގެ އިޒުނަފުޅާއި ރުއްސެވުމާ އެކުގައިކަމެވެ. ވީމާ ކަތިލާހިނދު ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަން ގަނެފިނަމަ، މި އިޒުނަ ބާޠިލުވީއެވެ. އަދި އެ ޖަނަވާރުގެ ބޭނުން ހިފުމުން އޭނާ މަޙްރޫމުކުރުން ޙައްޤުވީއެވެ.

މުޅަތަކެތީގެ ތެރޭގައި ހިމެނޭ ބާވަތްތައް:

މަތީގައި އިސްވެދިޔައީ، ކެއުން ޙަރާމް މައިގަނޑު ހަތަރު ބާވަތެވެ. ނަމަވެސް، މި ހަތަރު ބާވަތުގެ ތެރެއަށް، މުޅަތަކެތީގެ ތެރޭގައި ހިމެނޭ އިތުރު ފަސްބާވަތެއް އަލްމާއިދާ ސޫރަތުގެ އާޔަތުގައި  ބަޔާންކުރައްވާފައިވެއެވެ. އެއީ:

6-   ކަރުހިފައި މަރާތަކެތި: މިއީ އޭގެ ކަރުގައި ހިފައިގެން ނުވަތަ ވާގަނޑެއްފަދަ އެއްޗަކުން ކަރަށް ބާރުކޮށްގެން ނުވަތަ ދަތިތަނަކަށް ބޯ ކޮއްޕިގެން ތާށިވެ، ނޭވާނުލެވިގެން މަރުވާ ޖަނަވާރެވެ.

7-   ޖަހައި މަރާތަކެތި: މިއީ ދަނޑިބުރިއެއް ނުވަތަ އެނޫންވެސް އެފަދަ އެއްޗަކުން ޖަހައި، މަރާ ޖަނަވާރެވެ.

8-   ވެއްޓި މަރުވާތަކެތި: މިއީ އުސްތަނަކުން ވެއްޓިގެން، ނުވަތަ ވަޅުގަނޑަކަށް ވެއްޓިގެންފަދަ ގޮތަކަށް މަރުވާ ޖަނަވާރެވެ.

9-   ދަޅުންޖަހައިގެން މަރުވާތަކެތި: މިއީ އެއް ޖަނަވާރު އަނެއްޖަނަވާރާ ތޮޅި، ދަޅުންޖަހައިގެން މަރުވާ ޖަނަވާރެވެ.

10-  މިނިކާ ޖަނަވާރެއް ކައިފައިވާތަކެތި: މިއީ މިނިކާ ޖަނަވާރު، އެހެން ގޮތަކަށް ބުނާނަމަ ޝިކާރަކޮށްގެން ކައިއުޅޭ ޖަނަވާރެއް، އެއްބައި ކައިފައިވާ، ނުވަތަ އެ ސޮރު ދިން ހަމަލާގެ ސަބަބުން މަރުވާ ޖަނަވާރެވެ.

މި ފަސް ބާވަތް ބަޔާންކުރެއްވުމަށް ފަހު، މާތް ﷲ ވަޙީކުރައްވާފައިވަނީ: إِلاَّ مَا ذَكَّيْتُمْ އެވެ. މާނައަކީ، މިޖަނަވާރުތަކުގެ ތެރެއިން، ފުރާނަހުއްޓާ އަތުޖެހި، ޝަރުޢީ ހަމަތަކުން ކަތިލެވޭ އެއްޗެހި، ކެއުން ޙަރާމްތަކެތީގެ ތެރެއަކު ނުހިމެނެއެވެ. ކަތިލުމާ ބެހޭ ވާހަކަ ފަހުން އަދި އަންނާނެއެވެ.

ދިރިއޮތް ކަމުގެ ނިޝާނެއް ހުއްޓާ ޖަނަވާރު ކަތިލެވިއްޖެނަމަ، އެ ޙަލާލުވުމަށް ފުދެއެވެ. މިގޮތުން ޢަލީގެފާނު ވިދާޅުވެފައިވެއެވެ: "ޖަހައިގެން ނުވަތަ ވެއްޓިގެން ނުވަތަ ދަޅުންޖަހައިގެން މަރުވަމުންދާ ޖަނަވާރެއް، އޭތީގެ ހަތަރެސްފައި ހަރަކާތްކުރަނިކޮށް ކަތިލެވިއްޖެނަމަ، އެއިން ކާށެވެ."  އައްޟައްޙާކު ވިދާޅުވެފައިވެއެވެ: "ޖާހިލިއްޔަ މީހުން އެ (މުޅަތަކެތި) ކައިއުޅުނެވެ. ދެން މާތް ﷲ ވަނީ އިސްލާމްދީނުގައި އެ ޙަރާމްކުރައްވާފައެވެ. އެއިން އިސްތިސްނާވަނީ ކަތިލެވޭ އެއްޗެއްސެވެ. ފަހެ އޭގެ ފައި ނުވަތަ ނަގޫ ނުވަތަ ލޯ ހަރަކާތްކުރުން ފަދަ ދިރިހުރިކަމުގެ ނިޝާނެއް ހުއްޓާ ކަތިލެވިއްޖެނަމަ، އެ ކެއުން ޙަލާލެވެ."[1]

މި ބާވަތްތައް ޙަރާމްވުމުގެ ޙިކުމަތް:

ފަހުން ބުނެވުނު ފަސް ބާވަތް ޙަރާމްވުމުގެ ޙިކުމަތަކީ، މުޅަތަކެތި ޙަރާމްވުމާ ބެހޭގޮތުން ބުނެވިފައިވާ ޙިކުމަތްތަކުގެ ތެރެއިން، ޞިއްޙަތަށް ގެއްލުންވުމުގެ ނުރައްކާ ފިޔަވާ ދެން ހުރި ޙިކުމަތްތަކެވެ. އެހެނީ މިތަކެތި ކެއުމުން ޞިއްޙަތަށް ގެއްލުންވުން އެހާ ފާޅެއް ނޫނެވެ. އަދި އެތާ ބުނެފައިވާ ޙިކްމަތްތަކުގެ ތެރެއިން އެންމެ ފަހުން އޮތް ޙިކުމަތް، މިތާނގައިވެސް ފާޅުކަން ބޮޑެވެ. މިގޮތުން ޙިކުމަތްތެރި ޝަރީޢަތް މީސްތަކުންނަށް އުނގަންނައިދެނީ، ދިރޭތަކެއްޗާ އަޅާލުމާއި އެތަކެއްޗަށް އޯގާތެރިކަން ބަހައްޓައި އެއަށް ރައްކާތެރިވުމެވެ. ވީމާ، ޖަނަވާރެއް ކަރުފިތިގެން ނުވަތަ އުސްތަނަކުން ވެއްޓި ނުވަތަ އެކަތި އަނެކައްޗާ ތޮޅި މަރުވަން، އިހުމާލުވެ ދޫކޮށްލައިގެން ނުވާނެއެވެ. އަދި ހުއިހައްޕާ ހިތްހަރު ބައެއް މީހުން –ޚާއްޞަކޮށް އުޖޫރައަށް އެމަސައްކަތްކުރާ މީހުން- ހަދާހެން، ޖަހައިގެން މަރުވަންދެން، ޖަނަވާރުން ގައިގައި ތަޅައި އަނިޔާކޮށް ހެދުމަކީ ހުއްދަކަމެއް ނޫނެވެ.  ހަމަ މިފަދައިން ޖަނަވާރުން ލައްވާ ތޮޅުވުމަކީ، މިސާލަކަށް ދެ ގެރި ނުވަތަ ދެ ކަންބަޅި ތޮޅި ޒަޚަމްވަންދެން ނުވަތަ ކިރިޔާ މަރުނުވާވަރަށް ތޮޅުވުމަކީ، ދީނުގައި ހުއްދަކަމެއް ނޫނެވެ.

މިހެންވެ ޢިލްމުވެރިން ވިދާޅުވެފައި ވަނީ، ދެ ޖަނަވާރު ތޮޅިފައި ދަޅުންޖަހައިގެން ލޭފޭބީ ކަތިލެވޭ ނާރުން ކަމަށް ވިޔަސް، އެ ކެއުން ހުއްދަ ނުވާނެކަމަށެވެ. މީގެ މަޤްޞަދަކީ –އަހަރެންނަށް ހީވާގޮތުން- މިގޮތަށް ދެ ޖަނަވާރު ތަޅައި އެކަތި އަނެކައްޗަށް އަނިޔާވާން އޭގެ ވެރިޔާ ދޫކޮށްލީމާ، މަރުވި ޖަނަވާރުގެ މަހުން އޭނާ މަޙްރޫމުކޮށް އަދަބު ދިނުމެވެ.

ދެން މިނިކާޖަނަވާރު ކާފައި ހުންނަ އެއްޗެހި ކެއުން ޙަރާމްކުރުމުގެ އެންމެ ފުރަތަމަ ބޭނުމަކީ އިންސާނާގެ ކަރާމަތް ރައްކާތެރިކުރުމެވެ. އިންސާނުންނަކީ ވަލުޖަނަވާރުތައް ކައިފައި ބާކީވާ ބައި ކާ ބަޔަށް ވިޔަ ނުދިނުމެވެ. ޖާހިލިއްޔަ ޒަމާނުގެ މީހުން، މިނިކާ ޖަނަވާރު ކާފައި ބާކީވާ ކަންބަޅި ނުވަތަ ޖަމަލުގެ މަސް ކައި އުޅުނެވެ. ނަމަވެސް މާތް ﷲ ވަނީ މުއުމިނުންގެ މައްޗަށް އެ ޙަރާމްކުރައްވާފައެވެ.

ޤުރުބާންކުރެވޭ ހިލަމަތީ ކަތިލެވޭތަކެތި:

11-   ތަފްޞީލުކޮށް ބަލާއިރު، ކެއުން ޙަރާމް ދިހަވަނަ ބާވަތަކީ ޤުރުބާންކުރެވޭ ހިލަމަތީ ކަތިލެވޭ ޖަނަވާރެވެ. ޖާހިލިއްޔަ ޒަމާނުގައި، ބުދުތަކުގެ ކުރިމަތީގައި ޖަހާފައި ހުންނަ ޤުރުބާންކުރާ ހިލަބުރިތަކެއް ގެފުޅުގެ ވަށައިގެން ހުރެއެވެ. ދެން މުޝްރިކުންގެ މީހުން ގޮސް އެ ހިލަބުރިތައް މަތީގައި ނުވަތަ އެއާ ގާތުގައި ތިބެ، ބުދުތަކާ ކުއްތަންވުމުގެ ގޮތުން، ޖަނަވާރުތައް ޤުރުބާންކުރަނީއެވެ.

ވީމާ މިއީ ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަންގަނެ ކަތިލެވޭ އެއްޗެހީގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. އެހެނީ މި ދެ ކަމުގައި ވެސް ހިމެނެނީ ﷲ ފިޔަވާ އަޅުކަންކުރެވޭ ޠާޣޫތުން މަތިވެރިކުރުމެވެ.  ދެކަމުގައި ހުރި ތަފާތަކީ، ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަންގަނެ ކަތިލެވޭ އެއްޗަކީ، ފަހަރެއްގައި ބުދުތަކާއި ޤުރުބާންކުރެވޭ ހިލަތަކާއި ދުރުގައި،  ކަތިލެވޭ އެއްޗަކަށް ވެދާނެއެވެ. ނަމަވެސް ކަތިލާހިނދު ބުދުގެ ނަންގަނެ ބުދަށްޓަކައި ކަތިލަނީއެވެ. އެކަމަކު ޤުރުބާންކުރެވޭ ހިލަމަތީ ކަތިލެވޭ އެއްޗަކީ، ބުދުކައިރިއަށް ގޮސް، އެ ހިލަމަތީ ކަތިލެވޭ ޖަނަވާރެވެ. މިގޮތަށް ކަތިލާއިރު، ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަންގަނެފައިވުން ކޮންމެހެން ލާޒިމެއް ނޫނެވެ.

ޤުރުބާންކުރެވޭ ތަކެތި ކަތިލެވޭ، މި ބުނެވުނު  ހިލަތަކަކީ ގެފުޅުވަށައިގެން ހުރި އެއްޗަކަށް ވީމާ، އޭގެ މަތީގައި ކަތިލުމަކީ ގެފުޅު މަތިވެރިކުރުމުގެ ގޮތުން ކުރެވޭ ކަމެކޭ، މީހަކު ހީކޮށްފާނެއެވެ. އެހެންވެ މީހަކަށް މިފަދަ ހީއެއްވިޔަ ނުދިނުމަށް، ކީރިތި ޤުރުއާނުގައި ޞަރީޙަ ބަހުން މިކަން ޙަރާމްކުރެއްވީއެވެ. މިއީ ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަންގަނެ ކަތިލެވޭ ތަކެތީގެ ތެރޭގައި ހިމެނޭ އެއްޗަކަށް ވާހިނދުވެސް، ވަކިން މިކަން ޙަރާމްކުރެވުމުގެ ބޭނުމަކީ މިއީއެވެ.

މަހާއި ގޮއްފުޅަނގި މުޅަތަކެތީގެ ތެރެއިން އިސްތިސްނާވޭ:

މަހާއި، ބޮޑުމަހާއި އަދި ކަނޑުގައި އުޅޭ މިނޫންވެސް މިފަދަ ދިރޭތަކެތި، އިސްލާމީ ޝަރީޢަތުގައިވަނީ މުޅަތަކެތީގެ ތެރެއިން އިސްތިސްނާކޮށްފައެވެ. ކަނޑާ ބެހޭގޮތުން ކީރިތި ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާ ސުވާލު ދެންނެވުނީމާ، ޙަދީޘްކުރެއްވީ: هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ [2]

ޙަދީޘުގެމާނަ: "އޭގެ ފެން ޠާހިރެވެ. އަދި އޭގެ މުޅަތަކެތި ޙަލާލެވެ."

އަދި މާތް ﷲ ވަޙީކުރައްވާފައިވަނީ: أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ

އާޔަތުގެ ތަފްސީރީމާނަ: "ކަނޑު ކެޔޮޅުކަން ކުރުމާއި، ކަނޑުން ލިބޭ ކާތަކެތި ތިޔަބައިމީހުންނަށް ޙަލާލްކުރައްވާފައިވެއެވެ." {އަލްމާއިދާ: 96}

މި އާޔަތާ ބެހޭގޮތުން ޢުމަރުގެފާނު ވިދާޅުވިއެވެ: "ކަނޑު ކެޔޮޅުކަމުގެ މުރާދަކީ، ބާނާތަކެއްޗެވެ. ކަނޑުން ލިބޭ ކާތަކެތީގެ މުރާދަކީ، ލައްގާ ތަކެއްޗެވެ." އިބްނު ޢައްބާސް ވިދާޅުވަނީ: "ކަނޑުން ލިބޭ ކާތަކެތީގެ މުރާދަކީ، މަރުވެފައިވާ މަސްމަހާމެއްސެވެ."

އަދި ބުޚާރީއާއި މުސްލިމުގައި، ޖާބިރުގެފާނު ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެއްފަހަރަކު ޞަޙާބީންތަކެއް ލަޝްކަރެއްގައި ފޮނުއްވިއެވެ. އަދި  ލައްގާފައި އޮތް ބޮޑުމަހެއް އެމީހުންނަށް ފެނުނެވެ. ދެން އެމީހުން ވިއްސަކަށް ދުވަސްވަންދެން އެ މަހުން ކައިއުޅުނެވެ. އަދި އެނބުރި މަދީނާއަށް އައިސް، އެވާހަކަ ކީރިތި ރަސޫލާއަށް ދެންނެވުމުން ޙަދީޘްކުރެއްވިއެވެ: ‏ ‏كُلُوا رِزْقًا أَخْرَجَهُ اللَّهُ أَطْعِمُونَا إِنْ كَانَ مَعَكُمْ [3]

ޙަދީޘުގެމާނަ: "އެއިން ކާށެވެ. އެއީ މާތް ﷲ ކަލޭމެންނަށް ނެރެދެއްވި ރިޒުޤެކެވެ. އަދި އެއިން ބާކީ އެއްޗެއް ހުރިނަމަ އަހަރެމެންނަށް ވެސް ކާންދޭށެވެ." ދެން ޞަޙާބީންތަކެއް އެއިން މަސް ގެނެސްދިނީމާ، އެކަލޭގެފާނު ފަރީއްކުޅުއްވިއެވެ.

ހަމަމިފަދައިން ގޮއްފުޅަންގަކީ ވެސް، މަރުވެފައި އޮއްވާ ކެއުން ހުއްދަކުރައްވާފައިވާ އެއްޗެކެވެ. އެހެނީ، އެއީ ކަތިލެވޭނެ އެއްޗެއް ނޫނެވެ. އިބްނު އަބީ އައުފާ ވިދާޅުވެފައިވެއެވެ: غَزَوْنَا مَعَ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏سَبْعَ غَزَوَاتٍ ‏كُنَّا نَأْكُلُ مَعَهُ الْجَرَادَ[4]

"ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއެކު، އަހަރެމެން ހަތް ހަނގުރާމައެއްގައި ނުކުތީމެވެ. އަދި އެކަލޭގެފާނާއެކު އަހަރެމެން ގޮއްފުޅަނގި ކައިއުޅުނީމެވެ."

މުޅަތަކެތީގެ ހަމާއި ކަށްޓާއި ކެހެރީގެ ބޭނުންހިފުން:

މުޅަތަކެތި ޙަރާމްވުމުގެ މާނައަކީ، އެތަކެތި ކެއުން ޙަރާމްވުމެވެ. ނަމަވެސް އޭގެ ހަން، ދަޅު، ކަށި، ނުވަތަ ކެހެރީގެ ބޭނުންހިފުން ހުއްދައެވެ. ކިއެއްތަ، އޭގެ ބޭނުން ހިފުމަކީ ކުރަންޖެހޭ ކަމެކެވެ. އެހެނީ، ބޭނުންހިފިދާނެ އަގެއްހުރި އެއްވެސް އެއްޗެއް އުކާލުމަކީ ހުއްދަކަމެއް ނޫނެވެ.

އިބްނު ޢައްބާސް ރިވާކުރައްވާފައިވެއެވެ: تُصُدِّقَ عَلَى مَوْلَاةٍ لِمَيْمُونَةَ بِشَاةٍ فَمَاتَتْ فَمَرَّ بِهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  فَقَالَ :هَلَّا أَخَذْتُمْ إهَابَهَا فَدَبَغْتُمُوهُ ، فَانْتَفَعْتُمْ بِهِ ، فَقَالُوا إِنَّهَا مَيِّتَةٌ  فقَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  إِنَّمَا حَرُمَ أَكْلُهَا[5]

ޙަދީޘުގެމާނަ: "އުއްމުލް މުއުމިނީން މައިމޫނާގެ، މިނިވަންކުރެވުނު ޖާރިއާއަކަށް، ކަންބަޅިއެއް ޞަދަޤާތްކުރެވުނެވެ. އަދި އޭތި މަރުވިއެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެ ފެނިވަޑައިގަތުމުން ޙަދީޘްކުރެއްވިއެވެ: "ހަން ނަގައި، ދިބާޣުކޮށްގެން ކަލޭމެން އޭގެ ބޭނުން ހިފިނަމައެވެ." އެހިނދު ޞަޙާބީން ދެންނެވިއެވެ: "އެއީ މުޅައެކެވެ." ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: "ޙަރާމްކުރެވިފައިވަނީ އެ ކެއުމެވެ."

އަދި ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، މަރުވެފައިވާ ޖަނަވާރުގެ ހަން ޠާހިރުކުރާނެ ގޮތްވެސް އުނގަންނަވައިދެއްވާފައެވެ. އެއީ ދިބާޣުކުރުމެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ: دِبَاغُ الْأَدِيمِ ذَكَاتُهُ[6]

ޙަދީޘުގެމާނަ: "ހަން ދިބާޣުކުރުމަކީ އޭގެ ކަތިލުމެވެ."

މާނައަކީ، މަރުވެފައިވާ ޖަނަވާރެއްގެ ހަން ދިބާޣުކުރުމަކީ، ޙަލާލުކުރުމަށްޓަކައި ދިރިހުރިޖަނަވާރެއް ކަތިލުންފަދަ ކަމެކެވެ. އަދި އެހެން ރިވާޔަތެއްގައި ވަނީ: دِبَاغُهُ يَذْهَبُ بِخَبَثِهِ[7]

ޙަދީޘުގެމާނަ: "އެ ދިބާޣުކުރީމާ އޭގެ ނުތާހިރުކަން ފިލައިދެއެވެ."

އަދި ޞަޙީޙް މުސްލިމާއި އެހެންވެސް ޙަދީޘް ފޮތްތަކުގައި ވެއެވެ: ‏إِذَا دُبِغَ الْإِهَابُ فَقَدْ طَهُرَ

ޙަދީޘުގެމާނަ: "ހަން ދިބާޣުކުރެވިއްޖެނަމަ، އެ ޠާހިރުވެއްޖެއެވެ."

މި ޙަދީޘްތަކުގެ މާނައިގެ ތެރޭގައި،  ހުރިހާ ވައްތަރެއްގެ ހަން ޝާމިލުވެއެވެ. އެއީ ކުއްތާ ނުވަތަ އޫރުގެ ހަން ކަމުގައިވިޔަސް ވެހެވެ. ޡާހިރީ މަޛްހަބުގެ މީހުން ބުނީ މިގޮތަށެވެ. ނުވަތަ މިފަދައިންނެވެ. އަދި އަބޫޙަނީފާގެ ދަރިވަރު އަބޫ ޔޫސުފުވެސް މިފަދައިން ވިދާޅުވެފައިވެއެވެ. އިމާމް ޝައުކާނީ ބުރަވެވަޑައިގަތީވެސް މިރައުޔަށެވެ.

އަދި އުއްމުލް މުއުމިނީން ސައުދާ ބިންތު ޒަމަޢާ ވިދާޅުވެފައިވެއެވެ: مَاتَتْ شَاةٌ لَنَا فَدَبَغْنَا مَسْكَهَا فَمَا زِلْنَا نَنْتَبِذُ فِيهِ حَتَّى صَارَ شَنًّا[8]

ޙަދީޘުގެމާނަ: "އަހަރެމެންގެ ކަންބަޅިއެއް މަރުވީމާ، ހަން ދިބާޣުކުރުމަށްފަހު، އޭތި ބާވަންދެން ކަދުރުފޯކުރަން ބޭނުންކުރީމެވެ."

ޟަރޫރީ ޙާލަތް އިސްތިސްނާވޭ:

މަތީގައި ބަޔާންވެފައިވާ ޙަރާމް ހުރިހާ ތަކެއްޗަކީވެސް، އިޚްތިޔާރު އޮންނަ ހާލަތުގައި ޙަރާމްތަކެއްޗެވެ.

ނަމަވެސް، ކުރިންވެސް ބުނެވިފައިވާނޭ ފަދައިން، ޟަރޫރީ ޙާލަތުގައި އެކަމަށް ވަކި ޙުކުމެއް އޮވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ: وَقَدْ فَصَّلَ لَكُمْ مَا حَرَّمَ عَلَيْكُمْ إِلاَّ مَا اضْطُرِرْتُمْ إِلَيْهِ

އާޔަތުގެ ތަފްސީރީމާނަ: ''ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ޙަރާމްކުރެއްވި ތަކެތި ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. ނަމަވެސް ޙަރާމްކުރެވިފައިވާ ތަކެތީގެ ތެރެއިން އެއްޗެއް، މަޖްބޫރުވެ ކޮންމެހެން ކާންޖެހިއްޖެނަމަ އެ ހުއްދަވެގެންވެއެވެ.'' {އަލްއަންޢާމް: 119}

އަދި މުޅަތަކެއްޗާއި ލެޔާއި މިނޫންވެސް ތަކެތި ޙަރާމްކަން ބަޔާންކުރެއްވުމަށް ފަހު ވަޙީކުރައްވާފައިވަނީ: فَمَنْ اضْطُرَّ غَيْرَ بَاغٍ وَلا عَادٍ فَلا إِثْمَ عَلَيْهِ إِنَّ اللَّهَ غَفُورٌ رَحِيمٌ

އާޔަތުގެ ތަފްސީރީމާނަ: ''އަދި ކަލޭމެންގެ މައްޗަށްވާ، ﷲ ގެ ފަޟްލުވަންތަވެރިކަމުންނާއި،  ފަސޭހަކުރުމުގެ ގޮތުން، މަޖްބޫރުވެއްޖެމީހާ، ކެއުމަށް އެދުންވެރިވުމެއް އަދި ކެއުމުގައި ބަނޑުފުރާނަ މުއްތިކުރެވޭރަށް ވުރެ އިތުރަށް ކައި ހައްދުފަހަނައަޅައި ދިއުމެއްނެތި، މިތަކެތިން ކެއުމަކުން، އޭނާގެ މައްޗަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން ﷲ އީ، އެކަލާނގެ އަޅުތަކުންނަށް ގިނަގިނައިން ފާފަފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.'' {އަލްބަޤަރާ: 173}

ޟަރޫރަތެއްކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވަނީ، ބަނޑުހައިވެފައިވާ މީހާ ކާއެއްޗަކަށް ބޭނުންޖެހުމެވެ. –އަދި ބައެއް ޢިލްމުވެރިން ކަނޑައަޅުއްވާފައިވަނީ އެއީ ކާއެއްޗެއް ނުލިބި ރެއަކާ ދުވާލެއްވުން- ކަމަށެވެ. މިފަދަ މީހަކަށް، ޙަރާމް މި ތަކެތި ފިޔަވާ އެހެން އެއްޗެއް ނުލިބިއްޖެނަމަ، ބަނޑުހައިހޫނު ކަމުގެ ޟަރޫރަތް ފިލުވައި މަރުން ސަލާމަތްވާނެ މިންވަރަށް، މިއިން އެއްޗެއް ކެއުން ހުއްދައެވެ. މިގޮތުން އިމާމް މާލިކު ވިދާޅުވެފައިވެއެވެ: "އޭގެ މިންވަރަކީ، އޭނާގެ ބަނޑުފުރޭވަރުވެ، އެހެން އެއްޗެއް ލިބެންދެން ކާނެ މިންވަރު ނެގުމެވެ." އަދި އެހެން ބޭކަލުން ވިދާޅުވެފައިވަނީ: "ފުރާނަ ހިފެހެއްޓޭނެ މިންވަރަށް ނޫނީ ކައިގެން ނުވާނެ" ކަމަށެވެ. ހީވާ ގޮތުން، غَيْرَ بَاغٍ وَلا عَادٍ ގެ މާނައަކީ މިއެވެ. غَيْرَ بَاغٍ ގެ މާނައަކީ، އެއަށް އެދުންވެރިކަމެއް ނެތިއެވެ. އަދި وَلا عَادٍ ގެ މާނައަކީ، ޟަރޫރަތުގެ ހައްދުން ބޭރުވުމެއް ނެތުމެވެ.

ބަނޑުހައިހޫނުކަމުގެ ޟަރޫރަތް، ޞަރީޙަ ނައްޞުން ކީރިތި ޤުރުއާނުގައި ވެއެވެ: فَمَنْ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لإِثْمٍ فَإِنَّ اللَّهَ غَفُورٌ رَحِيمٌ

އާޔަތުގެ ތަފްސީރީމާނަ: "ފަހެ ބަނޑުހައިހޫނުކަމެއްގެ ތެރޭގައިވާ މީހަކު، ފާފަކުރުމުގެ ގަސްދެއް ނެތި، އިސްވެދިޔަ ޙަރާމްތަކެތީގެ ތެރެއިން އެއްޗެއް ކެއުމަށް މަޖްބޫރުވެއްޖެނަމަ، ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ." {އަލްމާއިދާ: 3}

ބޭސްވެރިކަމުގެ ޟަރޫރަތް:

ބޭސްވެރިކަމުގެ ޟަރޫރަތަކީ -ބަލިން ފަސޭހަވުން މިއިން ޙަރާމް އެއްޗެއް ކެއުމުގެ މައްޗަށް ހުއްޓިފައި އޮތުން- ޢިލްމުވެރިންގެ މެދުގައި ޚިލާފުއޮންނަ މައްސަލައެކެވެ. ބޭސްފަރުވާކުރުމަކީ ކާއެއްޗެހި ފަދަ ޟަރޫރީ ބޭނުމެއްކަމަށް، ބައެއް ޢިލްމުވެރިން ދެކެވަޑައިނުގަންނަވައެވެ. މީގެ ދަލީލެއްކަމަށް މި ބޭފުޅުން ނަންގަވާ ޙަދީޘަކީ: إنَّ اللَّهَ لَمْ يَجْعَلْ شِفَاءَكُمْ فِيمَا حَرَّمَ عَلَيْكُمْ [9]

ޙަދީޘުގެމާނަ: "ހަމަކަށަވަރުން މާތް ﷲ ކަލޭމެންގެ މައްޗަށް ޙަރާމްކުރައްވާފައިވާ އެއްޗެއްގައި، ކަލޭމެންގެ ޝިފާ ނުލައްވައެވެ."

ނަމަވެސް ބައެއް ޢިލްމުވެރިން ވަނީ، ބޭސްފަރުވާކުރުމަކީ ކެއުންބުއިންފަދަ ޟަރޫރީ ބޭނުމެއްކަމަށް ބައްލަވާފައެވެ. އެހެނީ މި ދޭއްޗަކީވެސް ދިރިހުރުމަށް ލާޒިމު ދޭއްޗެވެ. މިބޭކަލުންގެ މި ރައުޔަށް –ޙަރާމްތަކެތި ބޭސްފަރުވާއަށްޓަކައި ބޭނުންކުރުން- ދައްކަވާ ދަލީލަކީ، ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޢަބްދުއްރަޙްމާން ބިން ޢައުފާއި ޒުބައިރު ބިން އަލްޢައްވާމާ ދެބޭކަލުންނަށް ހަމުގެ ބައްޔެއްޖެހިވަޑައިގަތީމާ، ފަށުއި ފޭރާން ތުރުކުރައްވަން ހުއްދަދެއްވިއެވެ. ނަމަވެސް އެހެންޏާ ފަށުއި ހެދުން ލުމަކީ އެކަލޭގެފާނު ނަހީކުރައްވާ އަދި އެ ލާ މީހުންނަށް އިންޒާރުދެއްވާފައިވާ އެއްޗެކެވެ.[10]

ފަހަރެއްގާ މި ރައުޔަކީ، ހުރިހާ ޙުކުމްތަކެއްގައްޔާއި އަދި ހުރިހާ އިރުޝާދުތަކެއްގައިވެސް އިންސާނާގެ ޙަޔާތަށް ރައްކާތެރިވާ އިސްލާމްދީނުގެ ރޫޙާ، އެއްގޮތް ރައުޔުކަމަށްވުން ގާތްކަންބޮޑެވެ.

ނަމަވެސް ޙަރާމް އެއްޗެއް އެކުލެވިގެންވާ ބޭހެއް ބޭނުންކުރުން ހުއްދަވަނީ ޝަރުޠުތަކެއްގެ މަތިންނެވެ. އެއީ:

1-    މިފަދަ ބޭހެއް ބޭނުން ނުކޮށްފިއްޔާ، ޞިއްޙަތަށް ލިބިދާނެ ޙަޤީޤީ ނުރައްކަލެއް އޮތުން.

2-    އޭގެ ބަދަލުގައި ބޭނުންކުރެވޭނެ، އަދި އެއާ ނުލާ ފުއްދިދާނެ ކަހަލަ، ޙަލާލު ބޭހެއް ނެތުން.

3-    އަދި އެ ބޭހަކީ، ތަޖުރިބާއާއި ދީންވެރިކަމުގައި އިތުބާރުހުރި މުސްލިމު ޑޮކްޓަރެއް ލިޔެދޭ ބޭހަކަށް ވުން.

ނަމަވެސް މިއާ ވިއްދައިގެން ބުނެލަންޖެހޭ ވާހަކައަކީ، ޢަމަލީ  މައިދާނަށް ބަލާހިނދުގައްޔާއި އަދި އިތުބާރުހިފޭ މޮޅެތި ޑޮކްޓަރުންގެ ބަހަށް ބަލާއިރު، މިފަދަ ޙަރާމްއެއްޗެއް ބޭހުގެ ގޮތުގައި ބޭނުންކުރުމަކީ  ޑޮކްޓަރީ ގޮތުން ހަމަކޮންމެހެން ބޭނުން ކަމެއް ނޫނެވެ. ނަމަވެސް މިތާނގައި މި އުޞޫލު –ޟަރޫރަތެއް ޖެހިގެން ބޭހުގެ ގޮތުގައި ޙަރާމްއެއްޗެއް ބޭނުންކުރުން- އަހަރެން ބަޔާންކުރީ، ޙަރާމް އެއްޗެއް ނޫނީ ބޭނުންކުރެވެން ނެތް ހާލަތެއްގައި ފަހަރެއްގާ ހުރެދާނެ މުސްލިމަކަށް ރިޢާޔަތްކޮށްފައެވެ.

މުޖްތަމަޢަށް ޟަރޫރަތް ފުއްދައިދެވެންޏާ، ފަރުދަކީ ޟަރޫރަތް ޖެހިފައިވާ މީހެއް ނޫން:

ޟަރޫރަތެއްކަމަށް ބެލެވޭ ޝަރުޠަކީ ކާނެ އެއްޗެއް އަމިއްލަ އަތުގައި ނެތުމެއް ނޫނެވެ. ކިއެއްތަ، މުޖްތަމަޢުގެ އެއްވެސް ބައެއް އަތުގައި –މުސްލިމުންކަމުގައި ވިޔަސް ޛިއްމީން ކަމުގައިވިޔަސް- ޟަރޫރަތްޖެހިފައިވާ މީހާގެ ޟަރޫރަތް ފުއްދައިދެވޭނެ މިންވަރަށް ކާއެއްޗެހި އިތުރަށް ހުރެއްޖެނަމަ، ޙަރާމް އެއްޗެއް ކެއުން ޟަރޫރަތަކަށް ވެގެން ނުވާނެއެވެ. އެހެނީ އިސްލާމީ މުޖްތަމަޢަކީ ހަށިގަނޑެއްގެ ގުނަވަންތައްފަދަ، ނުވަތަ  އެކުވެ ލާމެހިގެންވާ ބިނާއެއްފަދަ ބައެކެވެ.

އިޖްތިމާޢީ އެހީތެރިކަމާ ބެހޭގޮތުން އިސްލާމީ ފިޤުހުވެރިން ވިދާޅުވެފައިވާ އަގުހުރި ވާހަކަފުޅުތަކުގެ ތެރެއިން، އިމާމް އިބްނު ޙަޒްމުގެ މި ބަސްފުޅު ފާހަގަކުރެވެއެވެ: ''މުސްލިމެއް ނުވަތަ ޛިއްމީއެއްގެ އަތުގައި ކަމުގައި ވިޔަސް، އިތުރުވެފައިހުރި ކާއެއްޗެއް ހުރެއްޖެނަމަ، މުސްލިމަކު މުޅައެއްޗެއް ނުވަތަ އޫރުމަސް ޟަރޫރަތެއް ގޮތުގައި ކެއުން ހުއްދައެއް ނުވާނެއެވެ. އެހެނީ ކާއެއްޗެއް ނެތް މީހާއަށް ކާންދިނުމަކީ، ކާއެއްޗެހި ހުރިމީހާގެ މައްޗަށް ވާޖިބުކަމެކެވެ. މިކަން މިހެން ވާހިނދު، އޭނާ މުޅައެއްޗެއް ނުވަތަ އޫރުމަސް ކެއުމަކީ ޟަރޫރަތެއްކަމުގައި ނުބެލެވޭނެއެވެ. އަދި ކާއެއްޗެހި އިތުރަށް ހުރި މީހާ، ކާންދޭން ދެކޮޅުހަދައިފިނަމަ، ކާނެއެއްޗެއް ގަދަކަމުން އަތުލުން ވެސް ހުއްދައެވެ. އަދި ގަދަކަމުން އަތުލަން އުޅުމުގެ ތެރޭގައި ބަނޑުހައިވެފައިވާ މީހާ މަރުވެއްޖެނަމަ، އަނެއް މީހާގެ ކިބައިން ޤިޞާޞްވެސް ހިފަންޖެހޭނެއެވެ. އަދި ކާންދޭން ދެކޮޅު ހެދިމީހާ މަރުވެއްޖެނަމަ، އޭނާ އެ ދިޔައީ ﷲ ގެ ލަޢްނަތަށެވެ. ސަބަބަކީ ބަނޑުހައިވެފައިވާ މީހާގެ ޙައްޤެއް އޭނާ ވަނީ ހިފަހައްޓާފައެވެ. އަދި އޭނާއަކީ ބަޣާވާތްތެރި މީހުންގެ ތެރެއިންވާ މީހެކެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ: فَإِنْ بَغَتْ إِحْدَاهُمَا عَلَى الأُخْرَى فَقَاتِلُوا الَّتِي تَبْغِي حَتَّى تَفِيءَ إِلَى أَمْرِ اللَّهِ

އާޔަތުގެމާނަ: "އޭގެތެރެއިން އެއްބަޔަކު އަނެއްބަޔަކަށް ބަޣާވާތްކޮށްފިނަމަ، އެ ބަޣާވާތްކުރި މީހުން ﷲ ގެ އަމުރުފުޅަށް ރުޖޫޢަވެއްޖައުމަށްދާންދެން އެމީހުންނާ ހަނގުރާމަކުރާށެވެ." {އަލްޙުޖްރާތު: 9}

ޙައްޤު ލިބެންޖެހޭ އަޚާގެ ޙައްޤު ދޭން ދެކޮޅުހެދުމަކީ، އެ އަޚާއާ ދެކޮޅަށް ބަޣާވާތްތެރިވުމެވެ. ޒަކާތްދޭން ދެކޮޅުހެދި މީހުންނާ އަބޫބަކުރުގެފާނު ހަނގުރާމަކުރެއްވީވެސް މިހެންވެގެންނެވެ.[11]

 

*  *  *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ.

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.