ހުކުރު20201120

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: މުހިއްމު ބޭނުމެއްނެތި ކުއްތާ ގެންގުޅުން

އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: މުހިއްމު ބޭނުމެއްނެތި ކުއްތާ ގެންގުޅުން

halaal-haraam-kutta-gengulhunމުހިއްމު ބޭނުމެއްނެތި ގޭގައި ކުއްތާގެންގުޅުން، ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ މަނާކުރައްވާފައެވެ. ބައެއް މުއްސަނދިން އެމީހުން ގެންގުޅޭ ކުއްތާއަށް ނިކަން ދީލަތިކޮށް ޚަރަދުކޮށްފައި، އެހެންނަމަވެސް އިންސާނަކަށް އެ ޚަރަދުކުރަންޖެހުނީމާ ދަހިވާތަން އަހަރެމެން ދެކެމެވެ. އަދި ބައެއްފަހަރު  ކުއްތާއަށް ހޭދަކުރެވޭ ފައިސާއިން ނުފުދިގެން، ހުރިހާ ލޯތްބަކާއި ކުލުނެއް ވެސް ދެނީ ކުއްތާއަށެވެ. އެކަމަކު އޭނާގެ ތިމާގެ މީހުންނާ ޖެހުނީމާ، ލޯތްބެއް ކުލުނެއް ނުހުރެއެވެ. އަވަށްޓެރިންގެ މަތިން ހަނދާނެއް ނުހުރެއެވެ. މިކަންކަމާމެދު އަހަރެމެން ވިސްނީމާ، މުއްސަނދިން ގެންގުޅޭ ގޮތަށް ކުއްތާގެންގުޅުން، އިސްލާމްދީން ޙަރާމްކުރި ސަބަބު ވިސްނައިގަތުން ދައްޗެއް ނޫނެވެ.

އަދި ހަމައެހެންމެ ގޭގައި ކުއްތާ ގެންގުޅުމަކީ، ތެލި ކަންވާރު ފަދައެއްޗެއްސަށް ކުއްތާ ދޫބާނައި ނަޖިސްވުން ގާތްކަމެކެވެ. ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވަނ: إِذَا وَلَغَ الْكَلْبُ فِيْ إِنَاءِ أَحَدِكُمْ فَلْيَغْسِلْهُ سَبْعَ مَرَّاتٍ إِحْدَاهُنَّ بِالْتُّرَابِ[1]

ޙަދީޘުގެމާނަ: "ކަލޭމެންގެ ތެލި ކަންވާރެއްގައި ކުއްތާ ދޫލައިފިއްޔާ، ހަތްފަހަރު ދޮންނާށެވެ. އަދި އޭގެތެރެއިން އެއްފަހަރު ވެލިލައިގެން ދޮންނާށެވެ."

ބައެއް ޢިލްމުވެރިން ވިދާޅުވަނީ، ކުއްތާ ގެންގުޅުން މަނާވުމުގެ ޙިކުމަތްތަކުގެ ތެރޭގައި، ގެއަށް މެހުމާނުން އައުމުން ވައްވައްޖެހުމާއި، ސަލާންޖަހަން އަންނަ ފަޤީރުން ބިރުގެންނެވުމާއި، މަގުން ހިނގައިބިނގައި އުޅޭ މީހުންނަށް އުނދަގޫކުރުން ވެސް ހިމެނޭކަމަށެވެ.

ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާގެ ކިބައިން ރިވާވެގެންވެއެވެ: أَتَانِيَ جِبْرِيْلُ عَلَيْهِ السَّلامُ فَقَالَ لِيَ: أَتَيْتُكَ البَارِحَةَ، فَلَمْ يَمْنَعْنِي أَنْ أَكُوْنَ دَخَلْتُ، إِلاَّ أَنَّهُ كَانَ عَلَىَ البَابِ تَمَاثِيْلُ، وَكَانَ فِي البَيْتِ قِرَامُ سِتْرٍ فِيْهِ تَمَاثِيْلُ، وَكَانَ فِيْ الْبَيْتِ كَلْبٌ، فَمُرْ بِرَأْسِ التِّمْثَالِ الَّذِيْ فِي البَيْتِ يُقْطَعُ فَيَصِيْرُ كَهَيْئَةِ الشَّجَرَةِ، وَمُرْ بِالسِّتْرِ فَلْيُقْطَعْ فَيُجْعَلَ مِنْهُ وِسَادَتَانِ تُوْطَآَنِ، وَمُرْ بِالْكَلْبِ فَلْيُخْرَجْ[2]

ޙަދީޘުގެމާނަ: "ތިމަންކަލޭގެފާނު އަރިހަށް ސަލާމްލެއްވި ޖިބްރީލުގެފާނު ވަޑައިގެން ވިދާޅުވިއެވެ: ކަލޭގެފާނު އަރިހަށް އިއްޔެ އައީމެވެ. ނަމަވެސް އެތެރެއަށް ނުވަނީ، ދޮރޮމަތީގައި ބުދެއް ހުރުމާއި، ގޭތެރޭގައި ޞޫރަޖެހި ފަރުދާއެއް ހުރުމާއި، ކުއްތާއެއް އޮތުމުގެ ސަބަބުންނެވެ. ފަހެ އެ ބުދުގެ ބޯ ކަނޑުއްވައި، ގަސް ބުރިއެއްހެން ހައްދަވަން އަންގަވާށެވެ. އަދި ފަރުދާ ކަފާފައި އަތްދަށުގައި ޖައްސާ ދެބާލީސް ހަދަން އަންގަވާށެވެ. އަދި ގޭތެރެއިން ކުއްތާ ނެރުއްވަން ވެސް އަންގަވާށެވެ."[3]

މި މަނާކުރުމަކީ، ބޭނުމެއް އަދި އެއްވެސް ފައިދާއެއް ނެތި ކުއްތާ ގެންގުޅުން މަނާކުރެވިފައިވާ މަނާކުރުމެކެވެ.

ޝިކާރަކުރުމާއި ދަނޑުގޮވާންކުރުމުގައި ކުއްތާ ހުއްދަ:

ޝިކާރަކުރުމާއި ދަނޑުގޮވާމާއި ގެރިބަކަރި ރައްކާތެރިކުރުންފަދަ، މުހިއްމު ބޭނުންތަކަށްޓަކައި ކުއްތާ ގެންގުޅުން، މަތީގައިވާ ޙަރާމްވުމުގެ ޙުކުމުން އިސްތިސްނާވެއެވެ. ބުޚާރީއާއި މުސްލިމުގައި އައިސްފައިވާ ޙަދީޘެއްގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: مَنْ اتَّخَذَ كَلْبًا، إِلاَّ كَلْبَ صَيْدٍ أَوْ زَرْعٍ أَوْ مَاشِيَةٍ، انْتُقِصَ مِنْ أَجْرِهِ كُلَّ يَوْمٍ قِيْرَاطٌ

ޙަދީޘުގެމާނަ: "ޝިކާރަކުރާ ކުއްތާއެއް ނުވަތަ ދަނޑުގޮވާމާއި ޖަނަވާރު ރައްކާތެރިކުރާ ކުއްތާއެއް ފިޔަވާ، އެހެން ކުއްތާއެއް ގެންގުޅެފި މީހެއްގެ އަޖުރުން ކޮންމެ ދުވަހަކު ބައިވަރެއް އުނިވެގެންދާނެއެވެ."

ބައެއް ފިޤުހުވެރިން މި ޙަދީޘުން ދަލީލު ނަންގަވައިގެން ވިދާޅުވަނީ، މުހިއްމު ބޭނުމެއް ނެތި ކުއްތާ ގެންގުޅުން މަނާކުރެވިފައިވަނީ މަކްރޫހަކަމެއްގެ ގޮތުގައެވެ. ޙަރާމްކަމެއްގެ ގޮތުގައެއް ނޫނެވެ. އެހެނީ އެއީ ޙަރާމްކަމެއް ނަމަ، އަޖުރުން އުނިވާ ވާހަކަ ޙަދީޘުގައި ނުއޮންނާނެއެވެ. އަޖުރުން އުނިވިޔަސް ނުވިޔަސް، އެކަން ވާނީ ޙަރާމްކަމަކަށެވެ.

ގޭގައި ކުއްތާ ގެންގުޅުން ނަހީކުރެވިފައި އޮތުމުގެ މާނައަކީ، ކުއްތާއަށް އަނިޔާކޮށް ރަޙުމް ނުބެހެއްޓުމެއް ނޫނެވެ. އަދި ކުއްތާ މަރާށެކޭވެސް ނޫނެވެ. ފަހެ އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ: لَولاَ أَنَّ الْكِلاَبَ أُمَّةٌ مِنَ الْأُمَمِ لأَمَرْتُ بِقَتْلِهَا[4]

ޙަދީޘުގެމާނަ: "ކުއްތާއަކީ އުއްމަތްތަކުގެ ތެރެއިން އުއްމަތަކަށް ނުވީނަމަ، އެ މަރަން އަމުރުކުރެއްވީމުހެވެ."

މި ޙަދީޘުގައި އެކަލޭގެފާނު އިޝާރާތް އެކުރެއްވީ، ކީރިތި ޤުރުއާނުގެ މި އަންނަނިވި އާޔަތުގައިވާ މުހިއްމު ޙަޤީޤަތަށެވެ. وَمَا مِنْ دَابَّةٍ فِي الأَرْضِ وَلا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلاَّ أُمَمٌ أَمْثَالُكُمْ

އާޔަތުގެމާނަ: "ފުރާނައެއްހުރެގެން ބިމުގައި އުޅޭ ދިރޭ ކޮންމެ އެއްޗެއްވިޔަސް، އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ އުއްމަތްތަކެއް ކަމުގައި ނޫނީ ނުވެއެވެ" {އަލްއަންޢާމް: 38}

އަދި ޞަޙަރާގައި ފެންބޮވައިގަނެގެންގޮސް ދޫބޭރުވެ ވެލިކާން އޮތް  ކުއްތާއެއް  މީހަކަށް ފެނިގެން، ފެންވަޅަކަށް ގޮސް ފައިވާން ބާލައި، ފައިވާނަށް ފެންއަޅައިގެން ގެނެސް ކުއްތާއަށް ފެންބޯންދިން ވާހަކަ، ކީރިތި ރަސުލާ އެކަލޭގެފާނުގެ އަޞްޙާބުންނަށް ކިޔައިދެއްވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ: "މާތް ﷲ، އޭނާގެ މި ޢަމަލަށް ޝުކުރުވެރިވެވަޑައިގަނެ. ފާފަފުއްސަވައިދެއްވިއެވެ."[5]

ކުއްތާ ގެންގުޅުމާމެދު ފަހުގެ ޢިލްމީ ހޯދުންތައް ދެކޭގޮތް

ތިމަންމެންނަކީ ވަރަށް އޯގާތެރި، ދިރޭތަކެއްޗަށް ނިކަން ހެޔޮކޮށްހިތާ ބައެއްކަމަށް ދަޢްވާކުރާ، ހުޅަނގުގެ އާދަކާދައަށް ލޯބިޖެހިފައިތިބޭ ބަޔަކު މީހުން އަހަރެމެންގެ މި މުޖްތަމަޢްތަކުގައި އުޅެއެވެ. ކުއްތާފަދަ 'އޮޅު' 'ވަފާތެރި' 'ލޯބި' ޖަނަވާރެއް ގެންގުޅުން އިސްލާމްދީނުގައި ޙަރާމްކުރީތީ، މިފަދަ މީހުން މިކަމާ ދެކޮޅު ހަދައެވެ. ވީމާ އެމީހުންނަށް އަހަރެން މިގެނެސްދެނީ، ކުއްތާ ގެންގުޅުމުން ނުވަތަ އެއާ ގައިގޯޅިވެ އުޅުމުން އިންސާނުންނަށް ހުރި ބޮޑެތި ނުރައްކާތަކާ ބެހޭގޮތުން، ޖަރުމަނުވިލާތުގެ ސައިންސުވެރިއަކު ލިޔެފައިވާ މަޒުމޫނެއްގެ ތަންކޮޅެކެވެ: "މިފަހަކަށް އައިސް އޮޅުކުއްތާ ގެންގުޅުމުގެ ޝައުޤުވެރިކަން މީހުންގެ ތެރޭގައި އިތުރުވަމުންދާތީ، މިކަމުގެ ނުރައްކާ ޢާއްމުންގެ ސަމާލުކަމަށް ގެންނަން އެބަޖެހެއެވެ. އެހެނީ މިހާރު ހަމައެކަނި ކުއްތާ ގެންގުޅުމުން ފުއްދާލުމުގެ އިތުރުން، އެއެއްޗެއްސަށް ދޮންދީ ގައިގޯޅިވެ އުޅޭ އެއްޗަކަށް ވެއްޖެއެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންގެ އަތްފަދަ ތަންތާނގައި ކުއްތާ ދޫހާކަން ފުރުޞަތުދެއެވެ. އަދި ވަރަށް ގިނައިން މީހުން ކައިބޮއި އުޅޭ ތަށި ތެލިފަދަ އެއްޗެހީގައި ކުއްތާ ދޫލައި ހަދައެވެ.

ނަމަވެސް މިއީ އިންސާނުންގެ ޢާއްމު އަދަބާއި ރަހައާއި ޚިލާފު ކަންކަމެވެ. އަދި މީގެ އިތުރަށް މިއީ ޢާއްމު ޞިއްޙަތުގެ ޤަވާޢިދުތަކާ ފުށުއަރާ އާދަތަކެކެވެ. މި ޢިލްމީ މަޒްމޫނުގައި މިކަންކަމަށް ބަލާލުމަކީ އެހާ މުނާސިބުކަމެއް ނޫނެވެ. އެހެނީ މިއީ އަޚްލާޤާއި ނަފްސާނީ ތަރުބިއްޔަތާ ގުޅުންހުރި ކަމެކެވެ.

މި ލިޔުމުގައި ބަލާލުން އަހަރެމެންނަށް މުހިއްމީ، ޞިއްޙީ ގޮތުންނެވެ. ޞިއްޙީ ގޮތުން ބަލާއިރު، ކުއްތާ ގެންގުޅުމާއި އޮޅުކޮށް ހެދުމުގެ ސަބަބުން އިންސާނާގެ ޞިއްޙަތަށާއި ފުރާނައަށް ހުރި ނުރައްކަލަކީ، ކުޑަ ނުރައްކަލެއް ނޫނެވެ. މި ނުރައްކާތައް ނޭނގޭތީ، ނުހަނު ބޮޑެތި ގެއްލުންތަކެއް އެތައް ބަޔަކަށް ވަނީ ލިބިފައެވެ. ކުއްތާ ގައިގައި ހުންނަ ފަތެލި ފަނީގެ ސަބަބުން، ދިގުދެމިގެންދާ ފަރުވާކުރުން އުނދަގޫ ބަލިތައް ޖެހިފައި އެބަހުއްޓެވެ. އަދި ކުއްތާގެ ސަބަބުން ޖެހޭ ބަލިން އެތައް ބަޔަކު މަރުވެފައިވެސް ވެއެވެ.

މި ދެންނެވި ފަންޏަކީ އިންސާނުންނާއި  ގެރިބަކައްޓާއި އަދި ޚާއްޞަކޮށް އޫރުގައިވެސް ހުންނަ ފަންޏެކެވެ. ނަމަވެސް މިފަނި ފުރިހަމަވެ ބޮޑުވެފައި ހުންނަނީ ކުއްތާއާއި  ހިޔަޅުގައި އެކަންޏެވެ. ބުޅަލުގައި މިފަނި ހުރުމަކީ ނާދިރުކަމެކެވެ. ފަތެލި ފަނި އާއިލާގެ އެހެން ފަނިތަކާ މި ފަންޏާ ހުރި ތަފާތަކީ، މީގެ ކުޑަކަމާއި، އަދި އެއާމެދު މިހާތަނަށް ހޯދިފައިވާ ހޯދުންތައް މަދުކަމެވެ...."

ކައިބޮއި ހަދަން ގެންގުޅޭ ތަށިތެލީގައި ކުއްތާގެ ދޫލެވުނަ ނުދިނުމަށާއި، ބޭނުމެއް ނެތި ކުއްތާ ގެންގުޅުމުގެ މައްޗަށް ހޭލުންތެރިކުރުވާ، ކުއްތާއާ ގައިގޯޅިވެއުޅުން، މުޙައްމަދު ޞައްލަ ﷲ ޢަލައިހިވަސައްލަމަ ނަހީކުރައްވާފައިވަނީ ކޮންފަދައަކަށް ކަން ކަލޭ ދެކެފީމުއެވެ. ޢަރަބި އުންމިއްޔަ މުޙައްމަދުގެފާނުގެ އުނގަންނަވައިދެއްވުންތަކާއި، ޒަމާނީ ޢިލްމާއި ފަހުގެ ބޭސްވެރިކަން ފޯރާފައިވާ ހިސާބާއި އެއްގޮތް އެވަނީ ކިހާވަރަކަށްހެއްޔެވެ؟ ގުރުއާން ބުނާފަދައިން ބުނުން ނޫން އެހެން ގޮތެއް އަހަރެމެންނަކަށް ހަމަ ތަނަވަސްވެގެންނެއް ނުވެއެވެ. وَمَا يَنْطِقُ عَنْ الْهَوَى * إِنْ هُوَ إِلاَّ وَحْيٌ يُوحَى

އާޔަތުގެމާނަ: "އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. * އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެއެވެ." {އައްނަޖުމު: 3،4}

 

*  *  *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 

 


ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.