ހޯމަ20181112

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: މަސްތުވާތަކެތި

އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: މަސްތުވާތަކެތި

halaal-haraam-masthuvaa-thakethi

 
"ރާއަކީ ބުއްދީގެ މައްޗަށް ފަރުދާއެޅޭ ކޮންމެ އެއްޗެކެވެ." ޞަލަވާތާއި ސަލާމްލެއްވި މާތް ނަބިއްޔާގެ މިންބަރުފުޅުމަތިން، ޢުމަރުގެފާނު ވިދާޅުވެފައިވާ ބުއްދިވެރި މިބަސްފުޅުން، ރާގެ މަފްހޫމަކީ ކޮބައިކަން ވަނީ ކަނޑައަޅުއްވާފައެވެ. އެހެން ވިދާޅުވީ ސުވާލުކުރާ މީހުންގެ ސުވާލުތަކާއި އޮޅުންއަރާ މީހުންގެ އޮޅުންތައް ގިނަވިޔަ ނުދެއްވުމަށްޓަކައެވެ. ބުއްދިއަށް އަސަރުފޯރުވައި، ހެޔޮނުބައި ވަކިކުރުމާއި ކަންކަން ދެނެގަތުންފަދަ ސިކުނޑީގެ ޠަބީޢީ މަސައްކަތަށް ހުރަސްއަޅައި، އޭގެ މައްޗަށް ފަރުދާއެއް އަޅާ ކޮންމެ އެއްޗަކީ ޙަރާމްކުރެވިފައިވާ ރާއެވެ. މާތް ﷲ އާއި އަދި އެކަލާނގެ ރަސޫލާ، ޤިޔާމަތާ ޖެހެންދެން ވަނީ އެ ޙަރާމްކުރައްވާފައެވެ.

ވީމާ ޙަރާމްކުރެވިފައިވާ ރާގެ ތެރޭގައި، ހަޝީޝާއި ކޮކޭނާއި އަފިހުންފަދަ މަސްތުވާ އެއްޗެހި ހިމެނެއެވެ. މިތަކެތި ބޭނުންކުރާ މީހާގެ ސިކުނޑީގެ މަސައްކަތަށް ނުބައި އަސަރުކުރާކަމާއި، ކަންކަމާއި އެއްޗެހި ރަނގަޅަށް ދެނެގަތުމުގެ ބާރު ކެނޑޭ ކަމީ، އެންމެންނަށް އެނގޭ ކަމެކެވެ. މިފަދަ މަސްތުވާއެއްޗެއް ބޭނުންކުރާ މީހަކަށް ދުރުފެންނާނީ ކައިރިކޮށެވެ. ކައިރި ފެންނާނީ ދުރުކޮށެވެ. ހުރިހާ ކަމަކުން ހުންނާނީ ސަމާލުކަން ގެއްލިފައެވެ. ޙަޤީޤީ ދުނިޔޭގެ ބަދަލުގައި ފެންނާނީ ޚިޔާލީ ދުނިޔެއެކެވެ. ފަތަމުންދާނީ ހުވަފެނީ ވަހުމުތަކުގެ ކަނޑެއްގައެވެ. އެމީހުން މިފަދަ އެއްޗެހި ބޭނުންކުރަނީ، ނަފްސުގެ ޙަޤީޤީ އިޙްސާސްތަކާއި، ދުނިޔެއާއި ދީނުގެ ޙަޤީޤަތްތަކުން ދުރަށް ފިލައި، ޚިޔާލާއި ވަހުމްތަކުގެ ވާދީއަކަށް ދާށެވެ.

މިފަދަ މަސްތުވާތަކެތީގެ ސަބަބުން ހަށިގަނޑަށް ވަޅޯކަން ގެނެސް ސިކުނޑި އައްސިވެއެވެ. ޞިއްޙަތު ދަށްވެއެވެ. އަދި މިހުރިހާ ކަމަކަށްވުރެ ބޮޑު ކަމަކީ، ނަފްސު ބަލިކަށިވެ އަޚްލާޤީ މިންގަނޑުތައް ނެތިގޮސް، ޢަޒުމް ދެރަވެ، ވާޖިބުތަކަށް ފަރުވާކުޑަވުމެވެ. މިހެންވުމުން މަސްތުވާތަކެއްޗަށް ދެވިހިފާފައިތިބޭ މީހުން ވާނީ މުޖްތަމަޢުގެ ހަށިގަނޑުގައިވާ، ބަލިޖެހިފައިވާ ބޭނުމެއް ނުހިފޭ ގުނަވަނަކަށެވެ.

އަދި މީގެ އިތުރުން، މަސްތުވާތަކެތި ބޭނުންކުރުމަކީ، އަނބިދަރިން ކާންބޯން ހޯދާ ފައިސާ މަސްތުވާތަކެއްޗަށް ގޮސް ހުސްވެ، ބަނގުރޫޓޫވެ ޢާއިލާ ވިއްސިވިހާލިވެގެންދާ ކަމެކެވެ. އަދި ފަހަރެއްގާ މަސްތުވާތަކެތި ގަންނަން ލާރިހޯދަންވެގެން އޭނާ ނުބައި މަގުމަގުން ހިނގަންވެސް ފަށާފާނެއެވެ.

"ޙަރާމްކުރުން ގުޅިފައި ވަނީ ނުބައި އެއްޗެއްސާއި ގެއްލުމާ" އޭ ބުނާ ފިޤުހީ އުޞޫލު ހަނދާންކޮށްފިނަމަ، އެއިން ޞިއްޙީ، ނަފްސާނީ، އަޚްލާޤީ، އިޖްތިމާޢީ، އިޤްތިޞާދީ ގެއްލުންތައް ލިބޭކަން ސާބިތުވެފައިވާ މަސްތުވާތަކެތި، އެއްވެސް ޝައްކެއް އޮޅުމެއް ނެތް ގޮތުގައި ޙަރާމްކަން އެނގިގެންދާނެއެވެ.

އިސްލާމްދީނުގެ ފިޤުހުވެރިން އެބޭކަލުންގެ ޒަމާނުގައި ފާޅުވި މިފަދަ މަސްތުވާތަކެތި ޙަރާމްކަމަށް އިޖްމާޢުވެވަޑައިގަތެވެ. މިބޭކަލުންގެ އެންމެ ކުރީގައި ހުންނެވި، ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ، ވިދާޅުވެފައިވަނީ:

halaal-haraam-masthuvaa-thakethi-b"މި ވިނަގަހަކީ (ޙަޝީޝް) މަސްތުވިޔަސް ނުވިޔަސް ޙަރާމްއެއްޗެކެވެ. ފާޖިރުން އެބޭނުން ކުރަނީ އެއިން ލިބޭ މަޖާވުމާއި އުފަލަށްޓަކައެވެ. މިކަމުގައި މިތަކެއްޗާއި މަސްތުވާ ދިޔާ އެއްޗެއްސާއި އެއްގޮތްވެގެންވެއެވެ. ދޭތީގައި ހުރި ތަފާތަކީ، ރާއިން ހަށިގަނޑަށް ލިބޭނީ ހަރަކާތާއި ލޭހޫނުކަމެވެ. މިއިން ހަށިގަނޑަށް ލިބޭނީ ވަޅޯކަމާއި ނިކަމެތިކަމެވެ. އަދި މީގެ އިތުރުން، މިއިން މިޒާޖާއި ބުއްދި ފަސާދަވެއެވެ. ޝަހުވަތްތެރިކަމުގެ ދޮރު ހުޅުވެއެވެ. އަދި މީގެ ސަބަބުން ޢާއިލާގެ މައްޗަށް ހުންނަ ޣީރަތްތެރިކަން ގެއްލިދެއެވެ. މުސްލިމުންގެ ތެރޭގައި މި ބޭނުންކުރުން ފެތުރުނީ ތަތާރުން ފާޅުވި ހިސާބުންނެވެ. މިފަދަ މަސްތުވާއެއްޗެއްގެ މަދުމިންވަރެއްވެސް ގިނަމިންވަރެއްވެސް ބޭނުންކުރުމަކީ، ރާ ބުއިމުގެ ހައްދު ޖަހަންޖެހޭ ކަމެކެވެ. އެއީ އައްޑިހަ ނުވަތަ ސާޅީސް އެތިފަހަރެވެ."

މަސްތުވާ ހިކި އެއްޗެހި ބޭނުންކުރާ މީހާއަކީ، ރާބޯމީހާ ކަހަލަ މީހެކެވެ. ކިއެއްތަ ބައެއް ގޮތްގޮތުން އެއަށްވުރެ ނުބައި މީހެކެވެ. އަދި ރާބުއިމުން އަދަބުދެވޭ ފަދައިން މަސްތުވާ ހިކި އެއްޗެހި ބޭނުންކުރުމުންވެސް އަދަބުދެވެންޖެހެއެވެ. މިކަމާ ބެހޭގޮތުން އިބްނު ތައިމިއްޔާ ވިދާޅުވެފައިވަނީ:

"އިސްލާމީ ޝަރީޢަތުގައި އޮންނަ ޤަވާޢިދަކީ، ރާބުއިމާއި ޒިނޭކުރުންފަދަ، މީހުން އެދުންވެރިވާ ކަންކަމުގެ އަދަބަކަށް ހައްދުޖެހުމެވެ. އަދި މުޅަމަސް ކެއުންފަދަ، މީހުން އެދުންވެރިނުވާ ކަންކަމުގެ އަދަބަކަށް ތަޢްޒީރުކުރުމެވެ. ޙަޝީޝަކީ މީހުން އެކާން އެދުންވެރިވާ އެއްޗެކެވެ. އަދި ދެވިހިފާފައިވާ މީހަކަށް އެ ދޫކޮށްލުމަކީ އުނދަގޫކަމެކެވެ. ވީމާ ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ ނައްޞުތަކުގައި، ރާ ބޯމީހާގެ ޙުކުމް ވާފަދައިން، ޙަޝީޝް ބޭނުންކުރާ މީހާގެ ޙުކުމްވެސް ވެއެވެ."[1]

ގެއްލުންވާ އެއްވެސް އެއްޗެއް ކެއުމާއި ބުއިން ޙަރާމް:

halaal-haraam-masthuvaa-thakethi-cއިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ޢާއްމު ޤަވާޢިދެއްވެސް މިތާ އެބައޮތެވެ. އެއީ ބޭނުންކުރުމުން ލަހުންވިޔަސް އަވަހަށް ވިޔަސް މަރުވާ ވިހައެއް، ނުވަތަ ގެއްލުންވެ އަނިޔާލިބޭ އެއްވެސް ކާއެއްޗެއް ބޯއެއްޗެއް، ބޭނުންކުރުމަކީ ހުއްދަކަމެއް ނޫނެވެ. އަދި ގިނައިން ބޭނުންކުރުމުން ގެއްލުންވާ ކާއެއްޗެއް ނުވަތަ ބޯއެއްޗެއްވެސް ގިނައިން ބޭނުންކޮށްގެން ނުވާނެއެވެ. އެހެނީ މުސްލިމު ނަފްސެއްގެ މިލްކުވެރިއަކީ ހަމައެކަނި އޭނާއެއް ނޫނެވެ. އެކަމަކު އޭނާއަކީ އޭނާގެ ދީނާއި އުއްމަތުގެވެސް މިލްކެކެވެ. އަދި އޭނާގެ ޙަޔާތާއި ޞިއްޙަތާއި މުދަލާއި މިހެންގޮސް ހުރިހާ ނިޢުމަތްތަކަކީވެސް މާތްﷲ އޭނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. ވީމާ މިކަންކަމަށް އަމާނާތްތެރިވާންޖެހޭނެއެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ: وَلا تَقْتُلُوا أَنفُسَكُمْ إِنَّ اللَّهَ كَانَ بِكُمْ رَحِيماً
އާޔަތުގެމާނަ: "އަދި، ތިޔަބައިމީހުންގެ ނަފްސުތައް ޤަތުލުނުކުރާށެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނާމެދު ރަޙުމަތްވަންތަ ރަސްކަލާނގެ ކަމުގައި، ﷲ ވޮޑިގެންވެއެވެ." {އައްނިސާ: 29}

އަދިވެސް ވަޙީކުރައްވަނީ: وَلا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ
އާޔަތުގެމާނަ: "އަދި ތިޔަބައިމީހުންގެ އަތްތަކުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް އެއްލާނުލާށެވެ." {އަލްބަޤަރާ: 195}

އަދި ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވަނީ: لَا ضَرَرَ وَلَا ضِرَارَ[2]
ޙަދީޘުގެމާނަ: "ގެއްލުމެއް ލިބިގަތުމެއް ނެތެވެ. އަދި ގެއްލުމެއް ދިނުމެއްވެސް ނެތެވެ."

ދުންފަތުގެ އިސްތިޢުމާލުކުރުމުން ޞިއްޙަތަށް ގެއްލުން ލިބޭކަން ސާބިތުވަންޏާ، އެ ޙަރާމްވާނެކަން މި އުޞޫލަށް ބިނާކޮށް އަހަރެމެންނަށް ބުނެވިދާނެއެވެ. އަދި ވަކިން ޚާއްޞަކޮށް ގެއްލުންވާވާހަކަ އޭނާ ބަލާ ޑޮކްޓަރު ބުނެފިއްޔާއެވެ. ދުންފަތުގެ އިސްތިޢުމާލުކުރުމުން ޞިއްޙަތަށް  ގެއްލުންލިބޭކަން ސާބިތު އަދިނުވިޔަސް، އެއީ ދީނާއި ދުނިޔޭގެ މަންފާއެއް ނެތި ބޭކާރުކުރެވޭ ފައިސާއެކެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-  ވަނީ "ފައިސާ ބޭކާރުކުރުން ނަހީކުރައްވާފައެވެ."[3] އަދި އަމިއްލަ ނަފްސަށާއި އަނބިދަރިންނަށް ޚަރަދުކުރަން އެ ފައިސާއަށް ބޭނުންޖެހިފައިވާނަމަ، ނަހީކަން އިތުރަށް ބޮޑެވެ.[4]

 

*  *  *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 


 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.