Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ޝަރުޢީ ކަތިލުން

އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ޝަރުޢީ ކަތިލުން

halaal-haraam-sharuee-kathilun* ހުރިހާ ކަނޑުޖަނަވާރެއް ޙަލާލް:
* އެއްގަމުޖަނަވާރު ތެރެއިން ޙަރާމްތަކެތި:
* އޮޅުޖަނަވާރުގެ މަސް ހުއްދަވުމަށްޓަކައި އެ ކަތިލާންޖެހުން:
* ޝަރުޢީ ކަތިލުމުގެ ޝަރުޠުތައް:
* ޝަރުޢީ ކަތިލިމުގެ ޙިކުމަތް:
* ކަތިލާއިރު ބިސްމިކިއުމުގެ ޙިކުމަތް:
* އަހުލުކިތާބީން ކަތިލާފައިވާތަކެތި:
* ފައްޅިތަކަށާއި ނަޞްރާނީ ޢީދުތަކަށް ކަތިލެވޭތަކެތި:
* ކަރަންޓުޖައްސައިގެންނާއި އަދި އެފަދަ ގޮތްގޮތުން ކަތިލާއެއްޗެހި:
* މަޖޫސީންނާއި އަދި އެފަދަ މީހުން ކަތިލާއެއްޗެހި:
* ޤަވާޢިދެއް: ނުފެންނަ ކަމަކާބެހޭގޮތުން އިތުރަށް ސުވާލުކުރުމެއް ނެތެވެ:

ހުރިހާ ކަނޑުޖަނަވާރެއް ޙަލާލް:

އުޅޭތަނަށް ބަލާއިރު ޖަނަވާރުތައް ބެހެނީ ދެބަޔަކަށެވެ. އެއީ ކަނޑުޖަނަވާރާއި އެއްގަމުޖަނަވާރެވެ.

ކަނޑުޖަނަވާރު: އެއީ ފެނުގައި އުޅޭ، ފެނުންބޭރުގައި ދިރިނޫޅެވޭ ޖަނަވާރެވެ. މިފަދަ ހުރިހާ ޖަނަވާރަކީވެސް ޙަލާލް އެއްޗެކެވެ. ބޭނިއިރު ނުވަތަ ހިފިއިރު ނުވަތަ ފެނުން  ނެގިއިރު އެ އޮތީ ދިރިކަމަށްވިޔަސް ނުވަތަ މަރުވެފައި ކަމަށްވިޔަސް، އުހުލިފައި ނުވަތަ ގެނބިފައި ކަމަށްވިޔަސް، އަދި ކޮންމެ ގޮތަކަށް އޮއްވާ ލިބުނުކަމުގައިވިޔަސް، ކަނޑުޖަނަވާރުގެ ހުރިހާ ބާވަތެއް ޙަލާލެވެ. މަހާއި ބޮޑުމަހާއި ކަނޑުކުއްތާއާއި ކަނޑުއޫރާއި އަދި މިނޫން ހުރިހާ އެއްޗަކީވެސް ކެއުން ޙަލާލު ތަކެއްޗެވެ. އަދި އެ ހިފީ ނުވަތަ ބޭނީ މުސްލިމެއްތޯ ނުވަތަ ޣައިރުމުސްލިމެއްތޯ ބަލާކަށްނުޖެހެއެވެ. މާތް ﷲ ވަނީ އެކަލާނގެ އަޅުތަކުންނަށް ކަނޑުގައިވާ ހުރިހާ އެއްޗެއް ޙަލާލުކުރައްވާ ތަނަވަސްކޮށްދެއްވާފައެވެ. މިގޮތުން ކަނޑުޖަނަވާރުގެ އެއްވެސް ބާވަތެއް ޙަރާމްކުރައްވާފައި ނެތެވެ. އަދި އެއްގަމުޖަނަވާރުފަދައިން ކަތިލުން ޝަރުޠުކުރައްވާފައިވެސް ނެތެވެ. މެރުމުގައި ވީވަރަކުން ވޭން ނުލިބޭނެ ގޮތަކަށް އެކަންކުރީމާ ނިމުނީއެވެ.

މާތް ﷲ ވަޙީކުރައްވާފައިވަނީ: وَهُوَ الَّذِي سَخَّرَ الْبَحْرَ لِتَأْكُلُوا مِنْهُ لَحْماً طَرِيّاً

އާޔަތުގެމާނަ: "އަދި ތިޔަބައިމީހުންނަށްޓަކައި، ކަނޑު ޚިދުމަތްތެރިކުރެއްވީ އެކަލާނގެއެވެ. އެއީ ތިޔަބައިމީހުން އެ ކަނޑުން ތާޒާ މަސް ކެއުމަށްޓަކައެވެ." {އައްނަޙްލު: 14}

އަދިވެސް ވަޙީކުރައްވާފައިވަނީ: أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ مَتَاعاً لَكُمْ وَلِلسَّيَّارَةِ

އާޔަތުގެމާނަ: "ކަނޑު ކެޔޮޅުކަން ކުރުމާއި، ކަނޑުން ލިބޭ ކާތަކެތި ތިޔަބައިމީހުންނަށް ޙަލާލްކުރައްވާފައިވެއެވެ. އެއީ ތިޔަބައިމީހުންނަށާއި، ދަތުރުވެރިންނަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައެވެ." {އަލްމާއިދާ: 96}

އެއްވެސް އިސްތިސްނާއެއް ނެތި ހުރިހާ ކަނޑުޖަނަވާރެއް، އިންސާނުންނަށްޓަކައި ލައްވާފައިވާކަން މި އާޔަތްތަކުން އެބައެނގެއެވެ. އެކަލާނގެ ކަމެއް ހަނދުމަފުޅުނެތިވޮޑިއެއް ނުގަންނަވާނެއެވެ. وَمَا كَانَ رَبُّكَ نَسِيّاً

އާޔަތުގެ މާނަ: ''އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، ހަނދުމަނެތިވެވޮޑިގެންވާ، ކަލަކު ކަމުގައި ނުވެއެވެ. (މަރްޔަމް:64)

އެއްގަމުޖަނަވާރު ތެރެއިން ޙަރާމްތަކެތި:

އެއްގަމުޖަނަވާރު ތެރެއިން ޤުރުއާނުގައި ޞަރީޙަކޮށް ޙަރާމްކުރައްވާފައިވަނީ، އޫރުމަހާއި، މުޅަތަކެއްޗާއި، ލެޔާއި، ﷲ ފިޔަވާ އެހެންފަރާތަކަށް ކަތިލެވޭތަކެތި އެކަންޏެވެ. ކުރިންވެސް ބުނެވިފައިވާނެ ފަދައިން، ކެއުން ޙަރާމްތަކެއްޗަކީ ޖުމްލަކޮށް ބަލާއިރު ހަތަރު އެއްޗެކެވެ. އަދި ތަފްޞީލުކޮށް ބަލާއިރު ދިހަ އެއްޗެކެވެ.

ނަމަވެސް ހަމަ ކީރިތި ޤުރުއާނުގައި މާތް ރަސޫލާ ސިފަކުރައްވާފައިވަނީ، އެކަލޭގެފާނަކީ ރަނގަޅުތަކެތި ޙަލާލުކުރައްވާ ނުބައިތަކެތި ޙަރާމްކުރައްވާނެ ބޭކަލެއްކަމުގައެވެ. ﷲ ވަޙީކުރައްވާފައިވަނީ: وَيُحِلُّ لَهُمْ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمْ الْخَبَائِثَ

އާޔަތުގެ ތަފްސީރީ މާނަ: ''އަދި އެކަލޭގެފާނު، ރަނގަޅު ތަކެތި އެމީހުންނަށް ޙަލާލް ކުރައްވައެވެ. އަދި ނުބައިވެގެންވާ ތަކެތި އެމީހުންނަށް ޙަރާމްކުރައްވައެވެ.'' {އަލްއަޢްރާފް: 157}

ނުބައިތަކެއްޗަކީ، މަދުބަޔަކު އެ ކައިއުޅުނަސް، ގިނަބަޔަކު އެ ކާން ފަކުރުގަންނަ އެއްޗެއްސެވެ.

މިގޮތުން ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ، ޚައިބަރު ހަނގުރާމައިގެ ދުވަހު ހިމާރު މަސް ކެއުން މަނާކުރައްވާފައެވެ.[1]

މީގެ އެހެން މިސާލަކީ، ބުޚާރީއާއި މުސްލިމުގައި ރިވާކުރެވިފައިވާފަދައިން، ކީރިތި  ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-، ފޭރާދަތް ހުންނަ ވަލުޖަނަވާރާއި، ވަކި ހުންނަ ދޫނި،  ކެއުން ނަހީކުރެއްވުމެވެ.

ވަލުޖަނަވާރަކީ އެހެނިހެން ޖަނަވާރުތައް ޝިކާރަކޮށްގެން ނޮޅާ މަސްކައި އުޅޭ، ސިންގާ، މިނިކާވަގު، ހިޔަޅުފަދަ ޖަނަވާރެވެ. ބުޅިގަނޑު ހުންނަ ދޫންޏަކީ، ބާޒު، ސުރުމުތި، އެހަނޑަ ކަހަލަ ޝިކާރަކުރާ ވަކި ހުންނަ ދޫންޏެވެ.

ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ މަޛްހަބަކީ، ޤުރުއާނުގައި ބަޔާންވެފައިވާ ހަތަރު ބާވަތް ނޫނީ އެހެން އެއްޗެއް ޙަރާމްނުވުމެވެ. ވީމާ އެކަލޭގެފާނު، ވަލުޖަނަވާރުފަދަ ތަކެއްޗާ ބެހޭގޮތުން އައިސްފައިވާ ޙަދީޘްތަކުން މާނަކުރެއްވީ މަކްރޫހަވުމެވެ. ޙަރާމްވުމެއް ނޫނެވެ. ނުވަތަ އެކަލޭގެފާނު އެހެން ވިދާޅުވީ، އެތަކެތި ޙަރާމްކޮށްފައިވާ ޙަދީޘްތައް، އެކަލޭގެފާނާ ހަމައަށް ފޯރާފައި ނުވާތީއެވެ. އިބްނު ޢައްބާސް ވިދާޅުވެފައިވެއެވެ: "ޖާހިލިއްޔަޒަމާނު މީހުން ބައެއް ތަކެތި ކައިފައި އަނެއްބައި ތަކެތި ނުކައި ދޫކޮށްލައެވެ. ދެން މާތް ﷲ އެކަލާނގެ ނަބިއްޔާ ފޮނުއްވައި، އެކަލާނގެ ފޮތް ބާވައިލައްވައި، ޙަލާލްތަކެއްޗަކީ ކޮބައިކަމާއި ޙަރާމްތަކެއްޗަކީ ކޮބައިކަން ކަނޑައެޅުއްވިއެވެ. ފަހެ އެކަލާނގެ ޙަލާލްކުރެއްވި އެއްޗަކީ ހުއްދައެއްޗެކެވެ. އެކަލާނގެ ޙަރާމްކުރެއްވި އެއްޗަކީ މަނާއެއްޗެކެވެ. އަދި އެކަލާނގެ ވަކި ޙުކުމެއް ބަޔާންނުކުރައްވާ ކޮންމެ އެއްޗަކީ ހުއްދަ އެއްޗެއްސެވެ. ދެން އިބްނު ޢައްބާސް މި އާޔަތް ކިޔަވާވިދާޅުވިއެވެ:[2]

قُلْ لا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّماً عَلَى طَاعِمٍ يَطْعَمُهُ إِلاَّ أَنْ يَكُونَ مَيْتَةً أَوْ دَماً مَسْفُوحاً أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ أَوْ فِسْقاً أُهِلَّ لِغَيْرِ اللَّهِ بِهِ

އާޔަތުގެ ތަފްސީރީމާނަ: "ކަލޭގެފާނު ވިދާޅުވާށެވެ! ކާ މީހަކަށް ކެއުން ޙަރާމް ކުރައްވާފައިވާ، ނަޢަމްސޫފީގެ ތެރެއިން ޙަރާމޭ ކަލޭމެން ތިޔަބުނާފަދަ އެއްޗެއް، ތިމަންކަލޭގެފާނަށް އިއްވެވި ވަޙީގެ ތެރޭގައިވާތީ ދެކެވަޑައެއް ނުގުންނަވަމެވެ. އެ އެއްޗަކީ ކަތިލުމަކާ ނުލާ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން، އެއީ ނަޖިސް ހަޑިމުޑުދާރު ތަކެއްޗެވެ. ނުވަތަ ﷲ އަށް ވާންޖެހޭ ކިޔަމަންތެރިކަމުން އެއްކިބާވެ، ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަންގަނެ ކަތިލާފައިވާ އެއްޗެއްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ޙަރާމްވެގެން ވަނީ މިހަތަރު ބާވަތެވެ."   {އަލްއަންޢާމް:145}

މި އާޔަތަށް ބައްލަވާފައި އިބްނު ޢައްބާސް ދެކެވަޑައިގަންނަވަނީ، ހިމާރު މަސްކެއުން ޙަލާލު ކަމަށެވެ. އިމާމް މާލިކު ވެސް މިރައުޔަށް ބުރަވެވަޑައިގަނެ، ވަލުޖަނަވާރުގެ މަހަކީ ޙަރާމް އެއްޗެއްކަމަށް ވިދާޅުނުވެއެވެ. ވިދާޅުވީ އެއީ މަކްރޫހަ  އެއްޗެއްކަމަށެވެ.

އަދި ހަމައެހެންމެ، ކެއުން ހަރާމް ޖަނަވާރެއް، ޝަރުޢީ ހަމަތަކުގެ މަތިން ކަތިލިޔަސް،  ކެއުން ޙަލާލް އެއްޗަކަށް ބަދަލު ނުވާނެކަމަށް، ފިޤުހުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. ނަމަވެސް މިގޮތަށް ކަތިލީމާ، ދިބާޣުނުކޮށް އޭގެ ހަން ޠާހިރުއެއްޗަކަށް ވެދެއެވެ.

އޮޅުޖަނަވާރުގެ މަސް ހުއްދަވުމަށްޓަކައި އެ ކަތިލާންޖެހުން:

ކެއުން ހުއްދަ އެއްގަމު ޖަނަވާރު ބެހެނީ ދެބަޔަކަށެވެ:

ފުރަތަމަ ވައްތަރަކީ، ޖަމަލާއި ގެރިއާއި ކަންބަޅިފަދަ ހިފަންބޭނުންވީމާ ހިފޭ ޖަނަވާރުތަކެވެ. އަދި މި ނޫންވެސް އޮޅުކުރެވިފައިވާ ޖަނަވާރުތަކާއި ގޭގައި ބޮޑުކުރާ ކުކުޅާއި ދޫނިފަދަ ތަކެއްޗެވެ. ދެވަނަ ވައްތަރަކީ، ހިފަންބޭނުންވީމާ ނުހިފޭ އޮޅުނޫން ޖަނަވާރުތަކެވެ.

ފުރަތަމަ ވައްތަރު ކެއުން ހުއްދަ އެއްޗަކަށް ވުމަށްޓަކައި، ޝަރުޢީ ކަތިލުމަކުން ކަތިލަން، އިސްލާމްދީން ޝަރުޠުކުރެއެވެ.

ޝަރުޢީ ކަތިލުމުގެ ޝަރުޠުތައް:

ކެއުން ހުއްދަ ޖަނަވާރެއްގެ މަސް ޙަލާލުވާނީ ޝަރުޠުތަކެއް ފުރިހަމަވުމުންނެވެ. އެއީ:

1-  ޖަނަވާރު ކަތިލަންވާނީ، އޭގެ ލޭ އޮހޮރި ނާރުތައް ބުރިވާފަދަ ތޫނު އެއްޗަކުންނެވެ. ތޫނުކަން ހުރިއްޔާ ހިލަ ނުވަތަ ލަކުޑިގަނޑެއްފަދަ އެއްޗަކުންވިޔަސްމެއެވެ. ހަމައެހެންމެ ދުރުން ތޫނު އެއްޗެއް ހަރައިގެންވެސް ކަތިލެވިދާނެއެވެ. ޢަދިއްޔު ބިން ޙާތިމުއްޠާއީގެ ކިބައިން ރިވާވެގެންވެއެވެ. ‏ ‏ ‏قَالَ: قُلْتُ يَا رَسُولَ اللَّهِ إِنَّا نَصِيدُ الصَّيْدَ فَلَا نَجِدُ سِكِّينًا إِلَّا الظِّرَارَ وَشِقَّةَ الْعَصَا , فَقَالَ ‏ ‏امْرِ الدَّمَ بِمَا شِئْتَ  وَاذْكُرْ اسْمَ اللَّهِ عَلَيْهِ[3]

ޙަދީޘުގެމާނަ: "ވިދާޅުވިއެވެ: އަހަރެން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަޅުގަނޑުމެން ޝިކާރަކުރުމަށްފަހު، ބައެއްފަހަރު އެ ކަތިލާނެ ވަޅިއެއް ނޯވެއެވެ. އޮންނަނީ ތޫނު ހިލަގަނޑެއް ނުވަތަ ތޫނު ލަކުޑިގަނޑެއް ފަދަ އެއްޗެކެވެ! އެހިނދު ރަސޫލާ ޙަދީޘްކުރެއްވިއެވެ: "އޮތް އެއްޗަކުން ލޭ އޮހޮރުވާލާށެވެ. އަދި ކަތިލާއިރު ﷲ ގެ އިސްމުފުޅު ކިޔާށެވެ."

2-  ކަތިލާންވާނީ ޖަނަވާރުގެ ކަރުން ވައިނޮޅި ބުރިކޮށްގެން އޭތި މަރުވާވަރަށެވެ. ނުވަތަ ކަރާއި މޭމައްޗާއި ގުޅުނު ހިސާބަށް (ޖަމަލުގައި) އެއްޗެއް ހަރައިގެން އޭތި މަރުވާވަރަށެވެ.

ނަމަވެސް ކަތިލުމުގައި އޮންނަ އެންމެ ފުރިހަމަ ގޮތަކީ، ވައިނޮޅިއާއި، ކާތަކެތި ދާ ހޮޅިއާއި، ކަރުގެ ދެފަރާތުގައިވާ ފަލަ ދެހޮޅި ބުރިކުރުމެވެ. ނަމަވެސް، ވަޅެއްފަދަ ތަނަކަށް ބޯވަތަށް ޖަނަވާރެއް ވެއްޓިގެން ނުވަތަ ގަދަދައްކައި ތެޅިހެދުމުގެ ސަބަބުން، ކަތިލާންވާތަނުން ކަތިލަން އުނދަގޫވެއްޖެނަމަ މި ޝަރުޠު ފުރިހަމަކުރާކަށް ނުޖެހޭނެއެވެ. މިފަދަ ޖަނަވާރަކަށް އޮންނާނީ ޝިކާރަކުރެވޭ ޖަނަވާރެއްގެ ޙުކުމެވެ. ވީމާ ތޫނު އެއްޗަކުން ޖެހެން އޮތް ތަނެއްގައި ޖަހައިގެން ނުވަތަ ހަރައިގެން މިފަދަ ޖަނަވާރެއް މެރީމާ ފުދޭނެއެވެ.[4]

ރާފިޢް ބިން ޚަދީޖްގެ ކިބައިން ބުޚާރީއާއި   މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ:  كُنَّا مَعَ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فِي سَفَرٍ فَنَدَّ بَعِيرٌ إبِل القَومِ ,وَلَمْ يَكُنْ مَعَهُمْ خَيْلٌ ,  فَرَمَاهُ رَجُلٌ بِسَهْمٍ فَحَبَسَهُ, فَقَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ:  ‏‏ ‏إِنَّ لِهَذِهِ الْبَهَائِمِ ‏ ‏أَوَابِدَ ‏ ‏كَأَوَابِدِ ‏ ‏الْوَحْشِ فَمَا فَعَلَ مِنْهَا هَذَا فَافْعَلُوا بِهِ هَكَذَا[5]

ޙަދީޘުގެމާނަ: "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެކު އަހަރެމެން ދަތުރެއްގައި ވަނިކޮށް، އެމީހުންގެ ޖަމަލުތަކުގެ ތެރެއިން ޖަމަލެއް ފިލަންދުއްވައިގަތެވެ. އަދި އެމީހުން އަތަކު އެ އަތުލަން ދާނެހާ އަހެއް ނެތެވެ. އެހެންވެ މީހަކު ތީރެއް ޖަހައި ޒަޚަމުކޮށްގެން އޭތި ހުއްޓުވިއެވެ. ދެން ރަސޫލުﷲ - ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: "މި ޖަނަވާރުތައް ފަހަރެއްގާ ވަލުޖަނަވާރުފަދައިން އުޅެފާނެއެވެ. އެގޮތަށް އުޅެފި ޖަނަވާރަކާމެދު މިފަދައިން ކަންތައްކުރާށެވެ."

3halaal-haraam-sharuee-kathilun-b-   ކަތިލާހިނދު ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަންގަނެގެން ނުވާނެއެވެ. މިއީ ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ ޝަރުޠެކެވެ. ޖާހިލިއްޔަ ޒަމާނު މީހުން އެމީހުންގެ އިލާހުންތަކާއި ބުދުތަކާ ކުއްތަންވާން، އެތަކެއްޗަށް ޤުރުބާންކޮށް އުޅުނެވެ. އެމީހުން އެކަން ކުރާގޮތަކީ، ކަތިލާވަގުތު އެތަކެތީގެ ނަންގަނެގެން ނުވަތަ އެކަމަށް ޚާއްޞަކުރެވިފައިވާ ހިލަތަކުގެ މަތީގައި ކަތިލައިގެންނެވެ. ނަމަވެސް ކުރިންވެސް ބުނެވިފައިވާނެ ފަދައިން ކީރިތި ޤުރުއާނުގައި މިހުރިހާ ކަމެއް ވަނީ ޙަރާމްކުރައްވާފައެވެ.

وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ

އާޔަތުގެ ތަފްސީރީމާނަ: "އަދި ﷲ ނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެތި ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވެއެވެ."{އަލްމާއިދާ: 3}

وَمَا ذُبِحَ عَلَى النُّصُبِ

އާޔަތުގެ ތަފްސީރީމާނަ: "އަދި ބުދުތަކަށް ޤުރުބާން ކުރެވޭ ހިލަތަކުގެ މަތީގައި  ކަތިލެވޭ  ތަކެތިވެސް ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވެއެވެ." {އަލްމާއިދާ: 3}

4-  ޖަނަވާރު ކަތިލާންވާނީ ﷲ ގެ އިސްމުފުޅު ގަނެފައެވެ. ޤުރުއާނާއި ޙަދީޘުން މިކަން ފާޅުވެއެނގެން އެބައޮތެވެ. ކީރިތި ޤުރުއާނުގައި ވަނީ: فَكُلُوا مِمَّا ذُكِرَ اسْمُ اللَّهِ عَلَيْهِ إِنْ كُنتُمْ بِآيَاتِهِ مُؤْمِنِينَ އެވެ.

އާޔަތުގެ ތަފްސީރީމާނަ: "ތިޔަބައިމީހުން އެކަލާނގެ އާޔަތްތަކަށް އީމާންވާ ކަމުގައިވަނީނަމަ، އެ އެއްޗެއްގެ މައްޗަށް ﷲ ގެ އިސްމުފުޅު ނަންގަނެ ކަތިލާފައިވާތަކެތިން، ތިޔަބައިމީހުން ކައިއުޅޭށެވެ." {އަލްއަންޢާމް: 118}

އަދިވެސް ވަޙީކުރައްވާފައިވަނީ: وَلا تَأْكُلُوا مِمَّا لَمْ يُذْكَرْ اسْمُ اللَّهِ عَلَيْهِ وَإِنَّهُ لَفِسْقٌ

އާޔަތުގެ ތަފްސީރީމާނަ: "މުޅަތަކެއްޗާއި ބުދުތަކަށާއި ޖިންނީންނަށް ކަތިލެވޭ އެއްޗެހިފަދަ، ކަތިލާއިރު އެއެއްޗެއްގެ މައްޗަށް ﷲ ގެ އިސްމުފުޅު ނަންނުގަންނަ، އެއްޗަކުން ތިޔަބައިމީހުން ނުކާށެވެ! ހަމަކަށަވަރުން އެތަކެތިން ކެއުމަކީ އުރެދުމެއްކަން ކަށަވަރެވެ." {އަލްއަންޢާމް: 121}

އަދި ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވަނީ:‏ ‏مَا أَنْهَرَ الدَّمَ وَذُكِرَ اسْمُ اللَّهِ فَكُلُوهُ[6]

ޙަދީޘުގެމާނަ: "ލޭ އޮހުރުވި އަދި ﷲ ގެ އިސްމުފުޅު ގަނެވިފައިވާ އެއްޗެއްނަމަ ތިޔަބައިމީހުން ކާށެވެ."

ކަތިލާއިރު ﷲ ގެ އިސްމުފުޅު ގަތުން ވާޖިބުކަން އިތުރަށް ދަލީލުކޮށްދެނީ، ޖަނަވާރު ޝިކާރަކުރަން ދުނިޖަހާއިރު ނުވަތަ ޝިކާރަކުރަން އުނގަންނައިދީފައިވާ ކުއްތާ ފޮނުވާލާއިރު ބިސްމި ކިޔަން ޖެހޭކަމަށް ވާރިދުވެފައިވާ ޞައްޙަ ޙަދީޘްތަކުންނެވެ. ޝިކާރަކުރުމާ ބެހޭ ފަޞްލުގައި މިކަމާ ބެހޭ އިތުރު ތަފްޞީލު އަންނާނެއެވެ.

ނަމަވެސް ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ، ﷲ ގެ އިސްމުފުޅު ކިޔަން ޖެހުނެއްކަމަކު، ކަތިލާއިރު ކޮންމެހެން ކިޔާކަށް ނުޖެހެއެވެ. ކިއެއްތަ، އޭގެ ބަދަލުގައި ކާވަގުތު ﷲ ގެ އިސްމުފުޅު ގަތުމުންވެސް ފުދެއެވެ. ވީމާ ކަތިލާވަގުތު ﷲ ގެ އިސްމުފުޅު ނުގަތަސް، އެ ކާވަގުތު، ﷲ ގެ އިސްމުފުޅު ގަނެފައި ކައިފިއްޔާ، ﷲ ގެ އިސްމުފުޅު ނުގަނެވޭ ދިރޭ އެއްޗެއް ކެއި ކަމަކަށް ނުވާނެވެ. ޞަޙީޙް ބުޚާރީގައި ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެފައިވާ ޙަދީޘެއްގައި ވަނީ: "އަލަށް އިސްލާމްވީ ބަޔަކު، ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހު ދެންނެވިއެވެ: ބަޔަކު މީހުން އަޅުގަނޑުމެންނަށް އެއްގަމުމަސް ގެނެސްދެއެވެ. ނަމަވެސް އެ ކަތިލީއިރު ﷲ ގެ އިސްމުފުޅު ގަތްކަމެއް ނުވަތަ ނޫންކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ! ފަހެ އަޅުގަނޑުމެން އެއިން ކާންވީތޯއެވެ. ނުވަތަ ނޫންތޯއެވެ؟ ދެން ރަސޫލު ﷲ  –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: "ކަލޭމެން ﷲ ގެ އިސްމުފުޅު ގަނެފައި ކާށެވެ!"

ޝަރުޢީ ކަތިލިމުގެ ޙިކުމަތް:

އަހަރެންނަށް ފެންނަފެނުމުގައި، މިގޮތަށް ކަތިލުމުގައިވާ ޙިކުމަތަކީ ވީހާވެސް ވޭން ކުޑަގޮތަކަށް ވީއެންމެ އަވަހަކަށް ޖަނަވާރުގެ ފުރާނަ ނެރުމެވެ. ކަތިލާއިރު ތޫނު އެއްޗަކުން ކަތިލުން ޝަރުޠުކުރެވިފައިވަނީ ވީހާވެސް އަވަހަކަށް ކަތިލުމަށްޓަކައެވެ. ކަރުން ކަތިލާންޖެހެނީ، ޖަނަވާރުގެ ފުރާނަ އެންމެ އަވަހަށް ދާނީ އޭރުން ކަމަށް ވާތީއެވެ. އަދި ދަތާއި ނިޔަފަތި  ބޭނުންކޮށްގެން ކަތިލުން ނަހީކުރެވިފައިވަނީ، އެ ގޮތަށް ކަތިލީމާ ޖަނަވާރަށް ވޭން ލިބޭނެތީއެވެ. އަދި މިގޮތަށް ކަތިލީމާ ގިނަފަހަރަށް އޭތި މަރުވާނީ ނޭވާނުލެވިގެންނެވެ.

ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ، ތިލަ ތޫނުކުރުމަށާއި ކަތިލެވޭ ޖަނަވާރަށް ފަސޭހަކަން ދިނުމަށް އަމުރުކުރައްވާފައެވެ. މިގޮތުން ޙަދީޘްކުރައްވާފައިވެއެވެ: إِنَّ اللَّهَ كَتَبَ الْإِحْسَانَ عَلَى كُلِّ شَيْءٍ فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ وَإِذَا ذَبَحْتُمْ فَأَحْسِنُوا الذَّبْحَ وَلْيُحِدَّ أَحَدُكُمْ شَفْرَتَهُ فَلْيُرِحْ ذَبِيحَتَهُ [7]

ޙަދީޘުގެމާނަ: "ހަމަކަށަވަރުން މާތް ﷲ ވަނީ، ހުރިހާ އެއްޗަކާމެދު ރަނގަޅަށް ކަންތައް ކުރުމަށް  އަމުރުކުރައްވާފައެވެ. ފަހެ ތިޔަބައިމީހުން (ހައްދެއްގެ ގޮތުގައި) ޤަތުލުކުރާނަމަ ރަނގަޅު ގޮތަކަށް ޤަތުލުކުރާށެވެ. އަދި ތިޔަބައިމީހުން (ޖަނަވާރެއް) ކަތިލާނަމަ، ރަނގަޅު ގޮތަކަށް ކަތިލާށެވެ. ވީމާ ކަލޭމެން ކޮންމެ މީހަކުވެސް އެމީހެއްގެ ތިލަ ތޫނުކުރާށެވެ. އަދި  ކަތިލެވޭ ޖަނަވާރަށް ފަސޭހަކަން ދޭށެވެ."

ކަތިލެވޭ ޖަނަވާރާމެދު ރަނގަޅަށް ކަންތައް ކުރުމާ ބެހޭގޮތުން، އިބްނު ޢުމަރު ވިދާޅުވެފައިވެއެވެ: أَمَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ تُحَدَّ الشِّفَارُ ، وَأَنْ تُوَارَى عَنْ الْبَهَائِمِ ، وَقَالَ : إذَا ذَبَحَ أَحَدُكُمْ فَلْيُجَهِّزْ[8]

ޙަދީޘުގެމާނަ: "ތިލަ ތޫނުކުރުމަށާއި، އެހެން ޖަނަވާރުތަކަށް ނުދައްކާ ކަތިލުމަށް، ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރުކުރެއްވިއެވެ." އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:  "ކަލޭމެންގެ ތެރެއިން މީހަކު ޖަނަވާރެއް ކަތިލާނަމަ، މަރުވާވަރަށް ކަތިލާށެވެ."

އަދި އިބްނު ޢައްބާސްގެ ކިބައިން ރިވާވެފައިވެއެވެ:  "މީހަކު ކަންބަޅިއެއް ކަތިލާންވެގެން ބިންމަތީ ބާއްވާފައި، ތިލަ ތޫނުކުރަނިކޮށް، ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ފެނިވަޑައިގަތެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: أَتُرِيْدُ أَنْ تُمِيْتَهَا مَوْتَاتٍ ؟ هَلَّا أَحْدَدْتَ شَفْرَتَكَ قَبْلَ أَنْ تُضْجِعَهَا[9]

ޙަދީޘުގެމާނަ: "ކަލޭ ބޭނުންވަނީ އޭތި އެތައް ފަހަރަކު މަރާލަންހެއްޔެވެ! އޭތި ކަތިލާން ބޭއްވުމުގެ ކުރިން ތިލަ ތޫނު ނުކުރީ ކީއްވެހެއްޔެވެ!"

މީހަކު ކަތިލާންވެގެން ކަންބަޅިއެއްގެ ފައިގައި ހިފައި ދަމަމުންދަނިކޮށް ޢުމަރުގެފާނަށް ފެނިވަޑައިގެން ވިދާޅުވިއެވެ:  "ތިކަމުން ކަލެއަށް ހަލާކުހުއްޓެވެ! އޭތީގެ މަރާ ހަމައަށް ރީތި ގޮތަކަށް ގެންދާށެވެ!"[10]

ވީމާ މިތާނގައި މައިގަނޑު ފިކުރަކީ، ބަހުން ޝުޢޫރު ފާޅުކުރުމުގެ ކުޅަދާނަކަމެއް ނެތް ޖަނަވާރަށް އޯގާތެރިވުމެވެ. އަދި އެ ސޮރަށް ލިބޭ ވޭން، އިންސާނާއަށް ވެވުނު މިންވަރަކުން ކުޑަކުރުމެވެ.

ޖާހިލިއްޔަ ޒަމާނު މީހުން ކާންވެގެން، ޖަމަލު ދިރިހުއްޓާ އޭގެ ގޮންގަނޑު ކަނޑައެވެ. ކަންބަޅީގެ ސަރުބީ ނިގޫ ކަނޑައެވެ. މިއީ މި ޖަނަވާރުތަކަށް ނުހަނު ބޮޑު ވޭނާއި އަނިޔާ ލިބޭ ކަމެކެވެ. ނަމަވެސް އިސްލާމްދީން އައުމުން، މިކަން ހުއްޓުވަންވެގެން ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޖަނަވާރުން މިފަދަ ގޮތަކަށް ކަތިލެވޭ  ބައިތައް ކެއުން ނަހީކުރެއްވިއެވެ. މިގޮތުން ޙަދީޘްކުރެއްވިއެވެ: مَا قُطِعَ مِنْ الْبَهِيمَةِ وَهِيَ حَيَّةٌ فَهُوَ مَيْتَةً[11]

ޙަދީޘުގެމާނަ: "ޖަނަވާރެއް ދިރިހުއްޓާ އެއިން ވަކިކޮށްލެވިޖެ އެއްޗަކީ މުޅައެއްޗެކެވެ."

ކަތިލާއިރު ބިސްމިކިއުމުގެ ޙިކުމަތް:

halaal-haraam-sharuee-kathilun-cކަތިލާއިރު ބިސްމިކިޔަން ޖެހުމުގެ ފަހަތުގައި، ސަމާލުކަންދީ ފާހަގަކޮށްލަންޖެހޭފަދަ ސިއްރެއް އެބައޮތެވެ. އެއްކޮޅުން އެއީ ބުދަށް އަޅުކަންކުރި މީހުންނާއި ޖާހިލިއްޔަ ޒަމާނު މީހުން، އިލާހުންކަމަށް ހީކުރާ އިލާހުންގެ ނަންގަނެ ކަތިލުމުގެ އިދިކޮޅެވެ. މުޝްރިކުމީހާ ޖަނަވާރު ކަތިލާއިރު އޭނާގެ ބުދުގެ ނަންގަންނަ އިރު، މުއުމިނުމީހާ ޖަނަވާރު ކަތިލާއިރު އޭނާގެ ކަލާނގެ އިސްމުފުޅު ނުގަނެވާނީ ކިހިނެއްހެއްޔެވެ!

އަނެއްކޮޅުން މި ޖަނަވާރުތަކަކީވެސް ހަމަ އިންސާނުންފަދައިން މާތް ﷲ ގެ މަޚްލޫޤެކެވެ. އަދި އެއީ ރޫޙު ހުންނަ ދިރޭ އެއްޗެކެވެ. ކަންމިހެން އޮތްއިރު، ދުނިޔެއާއި ދުނިޔޭގައި ވާހާއެއްޗަކާއި އަދި އޭނާއާއި އެޖަނަވާރުވެސް ހެއްދެވި ކަލާނގެ އިޒުނަފުޅު ލިބިގެން މެނުވީ، އިންސާނާ މިތަކެތީގެ މައްޗަށް ގަދަވެގަނެ، އޭގެ ފުރާނަ ނަގާލުމުގެ ޙައްޤެއް އެބައޮތްހެއްޔެވެ؟ ކަތިލާއިރު ﷲ ގެ އިސްމުފުޅު ގަތުމުގެ މާނައަކީ، މިދެންނެވި އިޒުނަފުޅު ލިބިފައިވާކަން އިޢްލާނުކުރުމެވެ.

ކަތިލާއިރު ﷲ ގެ އިސްމުފުޅު ގަތީމާ، ތިމަންނާ މިކަތިލަނީ ދިރޭތަކެއްޗަށް އަނިޔާވެރިވުމަށް ނުވަތަ މަޚްލޫޤުތައް ނިކަމެތިކުރުމަކަށް ނޫނޭ އެކަމަކު ﷲ ގެ އިޒުނަފުޅު ލިބިގެން އެކަލާނގެ އިސްމުފުޅުންނޭ، ބުނެވޭކަހަލައެވެ. ޝިކާރަކުރާއިރު ﷲ ގެ އިސްމުފުޅު ގަތީމާ، ތިމަންނާ ޝިކާރަކުރަނީ ﷲ ގެ އިޒުނަފުޅު ލިބިގެން އެކަލާނގެ އިސްމުފުޅުންނޭ، ބުނެވޭކަހަލައެވެ. ކާއިރު ﷲ ގެ އިސްމުފުޅު ގަތީމާ، ތިމަންނާ މިކަނީ ﷲ ގެ އިޒުނަފުޅު ލިބިގެން އެކަލާނގެ އިސްމުފުޅުންނޭ، ބުނެވޭކަހަލައެވެ.

އަހުލުކިތާބީން ކަތިލާފައިވާތަކެތި:

ޝަރުޢީ ހަމަތަކުގެ މަތިން ކަތިލުމަށް އިސްލާމްދީން ދީފައިވާ އަހައްމިޔަތުކަމާއި އަދި މިއީ ފަސޭހަކޮށް ނަގައިގެންވާނެ މައްސަލައެއް ނޫންކަން، އަޅުގަނޑުމެންނަށް އެނގިހިގައްޖެއެވެ. ސަބަބަކީ ޢަރަބިކަރައިގެ މުޝްރިކުންނާއި އަދި އެނޫންވެސް ތަފާތު ދީންތަކުގެ މީހުން، ކަތިލުން ހަދާފައިވަނީ ދީނީ ކަމަކަށެވެ. ކިއެއްތަ، އެއީ ޢަޤީދާއާއި ދީނުގެ އަސްލުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. މިގޮތުން އެމީހުންގެ އިލާހުންތަކަށް އަޅުކަންކުރަންވެގެން، ކަތިލެވޭ ހިލަތައް މަތީގައި ކަތިލައެވެ. އަދި ކަތިލާއިރު އެ އިލާހުންގެ ނަމުގައި ކަތިލައެވެ. ނަމަވެސް އިސްލާމްދީން އައިސްފައި، މިކަންތައްތައް ބާޠިލުކުރިއެވެ. އަދި ކަތިލާއިރު ﷲ ގެ އިސްމުފުޅު ނޫނީ ނުގަތުން ވާޖިބުކުރިއެވެ. ޤުރުބާންކުރެވޭ ހިލަތައް މަތީ ކަތިލެވޭ ތަކެއްޗާއި ﷲ ގެ އިސްމުފުޅު ނޫން ނަމެއް ގަނެ ކަތިލެވޭ އެއްޗެހި ޙަރާމްކުރިއެވެ.

އަހުލުކިތާބީންނަކީ އެމީހުންގެ ދީނުގެ އަސްލުގައި އެއްކައުވަންތަކުރާ ދީނަކަށް ވާހިނދުވެސް، އެދީނަށް ވަދެފައިވާ ތަޙްރީފުތަކުގެ ސަބަބުން، ކާތަކެއްޗާ ގުޅުންހުރި ކަންކަމުގައި އެމީހުންނާމެދު ބަލަންޖެހޭނީ ބުދަށް އަޅުކަންކުރާ މީހުންނާމެދު ވެސް ބަލާގޮތަށް ކަމަށް ބައެއް މުސްލިމުންނަށް ހީވިއެވެ. މިހެންވެ އަހުލުކިތާބީންގެ ކާއެއްޗެހި މުސްލިމުން ކެއުން ހުއްދަކަމާއި، އަދި އަހުލުކިތާބީ އަންހެނުންނާ މުސްލިމު ފިރިހެނުން ކައިވެނިކުރުން ހުއްދަކަން ބަޔާންކުރައްވާ، މާތް ﷲ ޤުރުއާނުގައި ވަޙީބަސްފުޅު ބާވައިލެއްވިއެވެ. އަލްމާއިދާ ސޫރަތުގައި، ޤުރުއާނުގައި އެންމެ ފަހުން ބާވައިލެއްވުނު އާޔަތްތަކުގެ ތެރޭގައި ހިމެނޭ މި އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ: الْيَوْمَ أُحِلَّ لَكُمْ الطَّيِّبَاتُ وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَكُمْ وَطَعَامُكُمْ حِلٌّ لَهُمْ

އާޔަތުގެ ތަފްސީރީމާނަ: "ތިޔަބައިމީހުންގެ މައްޗަށް މާތްﷲ ގެ ނިޢުމަތް ފުރިހަމަކުރެއްވުމުގެ ގޮތުން، މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި ޙަލާލުކުރައްވައިފިއެވެ. އަދި ޔަހޫދީންނާއި ނަޞާރާއިންގެ ކާނާވެސް –އެމީހުންގެ ޝަރީޢަތާ އެއްގޮތަށް ކަތިލައިފިއްޔާ- ތިޔަބައިމީހުންނަށް ޙަލާލުވެގެންވެއެވެ. އަދި ތިޔަބައިމީހުންގެ ކާނާ އެބައިމީހުންނަށް ޙަލާލުވެގެންވެއެވެ." {އަލްމާއިދާ:5}

މިއާޔަތުގެ ޖުމްލަމާނައަކީ، މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި ޙަލާލުކުރައްވައިފިއެވެ. ވީމާ ބަޙީރާ، ސާއިބާ، ވަޞީލާ، ޙާމް ފަދަ ތަކެތި އެއްޗެއް މިއަދުން ފެށިގެން ނުހުންނާނެއެވެ. އަދި ޔަހޫދީންނާއި ނަޞާރާއިންގެ ކާތަކެތި، މުސްލިމުންނަށް މާތް ﷲ ޙަރާމްކުރައްވާފައިނުވާތީ، އެއްޗެހީގެ އަސްލު ޙުކުމާ އެއްގޮތްވާގޮތުގެ މަތިން މިއީ ޙަލާލު އެއްޗެކެވެ. ހަމައެހެންމެ މުސްލިމުންގެ ކާތަކެއްޗަކީ އަހުލު ކިތާބީންނަށް ހުއްދައެއްޗެކެވެ. ވީމާ އަހުލުކިތާބީން ކަތިލާފައިވާ ނުވަތަ ޝިކާރަކޮށްފައިވާ ޖަނަވާރުގެ މަސްކެއުން މުސްލިމުންނަށް ހުއްދަވެގެންވެއެވެ. އަދި މުސްލިމުން ކަތިލާ ނުވަތަ ޝިކާރަކުރާ އެއްޗެހި އަހުލުކިތާބީންނަށް ހުއްދަވެގެންވެއެވެ.

ކާއެއްޗެހީގެ މައްސަލާގައި މުޝްރިކުންނާއި މެދު ހަރުކަށި ގޮތް ގެންގުޅެފައި، އަހުލުކިތާބީންނާމެދު ފަސޭހަކޮށްފައިވަނީ، މުއުމިނުންނާ އެންމެ ގާތް ބަޔަކީ އެމީހުންނަށް ވާތީއެވެ. އެހެނީ އަހުލުކިތާބީން، ވަޙީއަށާއި ނަބީކަމަށާއި ދީނުގެ އަސްލުތަކަށް ޖުމްލަގޮތެއްގައި އީމާންވެއެވެ. އަދި އެމީހުންނާމެދު ރަނގަޅަށް މުޢާމަލާތްކޮށް، އެމީހުންގެ ކާނާ ކައި، އެމީހުންގެ އަންހެނުންނާ ކައިވެނިކޮށް، ހެޔޮކޮށް ހިތުމަކީ ދީނުގައި ހުއްދަކުރެވިފައިވާ ކަމެކެވެ. އެއީ އެމީހުން މުސްލިމުންނާއެކު އިސްލާމީ މުޖްތަމަޢެއްގައި އުޅުނީމާ މިދީނުގެ ޙަޤީޤަތަކީ ކޮބައިކަމާއި މިދީނުގެ ޢަޤީދާއާއި އަޅުކަންތަކާއި އަޚްލާޤު ފެނިގެންދާނެއެވެ. އަދި ޙަޤީޤަތުގައި އިސްލާމްދީނަކީ އެންމެ މަތިވެރި މާނައިގައިވާ، އަދި އެންމެ ފުރިހަމަ ގޮތުގައިވާ، ތަޙްރީފުނުވާ ފޮތެއް އޮތް، ބިދުޢަތަކާއި ބުދަށް އަޅުކަންކުރުމުގެ ބާޠިލު ކަންކަން ނެތް، އެމީހުންގެ ޙަޤީޤީ ދީންކަން އެނގިދާނެއެވެ.

ދެން طَعَامُ الَّذِينَ أُوتُوا الْكِتَابَ މިބަސްފުޅުގައިވާ ' طَعَامُ ' އަކީ މާނަ ޢާއްމު ލަފްޒެކެވެ. ވީމާ އޭގެ ތެރޭގައި އަހުލުކިތާބީންގެ ހުރިހާ ކާނާއެއް ހިމެނޭނެއެވެ. ކަތިލެވޭ ތަކެއްޗާއި، އޮއްޓަރާއި އަދި މިނޫންވެސް ކެވޭ ހުރިހާ އެއްޗެކެވެ. މިހުރިހާ އެއްޗެއްވެސް އަހަރެމެންނަށް ޙަލާލެވެ. މިއިން އިސްތިސްނާވާނީ، މުޅަތަކެއްޗާއި އޮހޮރޭ ލެޔާއި އޫރުމަސްފަދަ އޭގެ ޒާތުގައި ޙަރާމްކުރެވިފައިވާ ތަކެއްޗެވެ. މިތަކެއްޗަކީ އަހުލުކިތާބީއެއް ނުވަތަ މުސްލިމެއްގެ ކާނާކަމުގައި ވިޔަސް، އެ ކެއުން ކަނޑައެޅިގެން ޙަރާމެވެ.

ދެން އޮތީ މުސްލިމުންނަށް އެނގުން މުހިއްމު މައްސަލަތަކެއް ސާފުކޮށްދިނުމެވެ:

ފައްޅިތަކަށާއި ނަޞްރާނީ ޢީދުތަކަށް ކަތިލެވޭތަކެތި:

1halaal-haraam-sharuee-kathilun-d-  އަހުލުކިތާބީއަކު ކަތިލާއިރު، ޢީސާގެފާނު ނުވަތަ ޢުޒައިރުގެފާނުގެ ނަންފުޅު ފަދަ، ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަންގަތް އަޑު ނުއިވޭނަމަ އޭގެ މަސްކެއުން ޙަލާލެވެ. އެކަމަކު ﷲ ފިޔަވާ އެހެން ފަރާތެއްގެ ނަންގަތް އަޑު އިވިއްޖެނަމަ، ބައެއް ފިޤުހުވެރިން ވިދާޅުވެފައިވަނީ އެ މަސްކެއުން ޙަރާމްވާނެކަމަށެވެ. ސަބަބަކީ އެ ބެލެވޭނީ ﷲ ނޫން ފަރާތެއްގެ ނަންގަނެ ކަތިލެވުނު ތަކެތީގެ ތެރޭގައި ހިމެނޭ އެއްޗަކަށެވެ.

ނަމަވެސް އަނެއްބައި ފިޤުހުވެރިން ވިދާޅުވެފައިވަނީ، މާތް ﷲ ވަނީ އަހުލުކިތާބީންގެ ކާނާ މުސްލިމުންނަށް ޙަލާލުކުރައްވާފައެވެ. އަދި ޙަލާލުކުރެއްވިއިރު، އެމީހުން ޖަނަވާރު ކަތިލާއިރު ކިޔާ އެއްޗެހި އެކަލާނގެ މޮޅަށް ދެނެވޮޑިގެންވެއެވެ.

ޤިއްދީސް ޖިރްޖިސް އޭ ކިއުނު ފައްޅިއަކަށް ކަތިލެވުނު ކަންބަޅިއެއްގެ މަސް ކެވިދާނެތޯ، ﷲ ރުއްސުންލެއްވި އަބުއްދަރްދާއުއާ ސުވާލުކުރެވުނެވެ. ޖަވާބުގައި އަބުއްދަރްދާއު ވިދާޅުވިއެވެ: "އެމީހުންނަކީ އަހުލުކިތާބީންނެވެ. އެމީހުންގެ ކާނާ އަހަރެމެންނަށް ޙަލާލެވެ. އަދި އަހަރެމެންގެ ކާނާ އެމީހުންނަށް ޙަލާލެވެ." މިހެން ވިދާޅުވެފައި އެމަސް ކެއުމަށް އޭނާއަށް އެންގެވިއެވެ."[12]

އަހުލުކިތާބީން އެމީހުންގެ ޢީދުތަކަށާއި ފައްޅިތަކަށް ކަތިލާ އެއްޗެއްސާ ބެހޭގޮތުން އިމާމު މާލިކު އަރިހު ސުވާލު ދެންނެވުނީމާ ވިދާޅުވީ: "އަހަރެން ދެކެނީ އެއީ މަކްރޫހަ އެއްޗެއް ގޮތުގައެވެ. ޙަރާމް އެއްޗެއް ގޮތުގައެއް ނޫނެވެ."[13] ކެއުން މަކްރޫހަކަމަށް ވިދާޅުވީ ﷲ ނޫން ފަރާތަކަށް ކަތިލެވޭ އެއްޗެހީގެ ތެރޭގައި އޭތި ހިމެނިދާނެކަމުގެ ބިރުފުޅަގަނެ ވަރަޢަވެރިވެވަޑައިގަތުމުގެ ގޮތުންނެވެ.  އަދި އޭތި ޙަރާމްކަމަށް ވިދާޅުނުވީ، އިމާމް މާލިކު ދެކެވަޑައިގަންނަވަނީ، އަހުލުކިތާބީންނަށް ބަލާއިރު، ﷲ ނޫން ފަރާތަކަށް ކަތިލެވޭ އެއްޗެއްސަކީ، އެމީހުންގެ ކަލާނގެއާ ކުއްތަންވުމަށްޓަކައި ކަތިލާ އެއްޗެއްސެވެ. ކާންވެގެން ކަތިލާއެއްޗެއްސެއް ނޫނެވެ. ވީމާ އެމީހުން އަމިއްލައަށް ކާންވެގެން ކަތިލާ އެއްޗެއްސަކީ 'އަހުލުކިތާބީންގެ ކާނާ" ގެ ތެރޭގައި ހިމެނޭނެ އެއްޗެކެވެ. އަދި ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވަނީ: وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَكُمْ އެވެ. މާނައަކީ: "އަދި ފޮތް ލިބުނު މީހުންގެ ކާނާވެސް ތިޔަބައިމީހުންނަށް ޙަލާލުވެގެންވެއެވެ."

ކަރަންޓުޖައްސައިގެންނާއި އަދި އެފަދަ ގޮތްގޮތުން ކަތިލާއެއްޗެހި:

2-  ދެވަނަ ސުވާލަކީ، އަހުލުކިތާބީން ކަތިލާއެއްޗެހިވެސް އަހަރެމެން ކަތިލާގޮތަށް ތޫނު އެއްޗަކުން ކަރުން ކަތިލުމަކީ ޝަރުޠެއްހެއްޔެވެ؟ ގިނަ ޢިލްމުވެރިން މިކަން ޝަރުޠުކުރައްވައެވެ. ނަމަވެސް މާލިކީ މަޛްހަބުގެ ބައެއް ޢިލްމުވެރިން ފަތުވާދެއްވާފައިވަނީ މިއީ ޝަރުޠެއް ނޫންކަމަށެވެ.

އަލްޤާޟީ އިބްނުލް ޢަރަބީ، މާއިދަތު ސޫރަތުގެ އާޔަތް ތަފްސީރުކުރައްވަމުން ވިދާޅުވެފައިވަނީ: "މިއާޔަތުން އަހުލުކިތާބީން ޝިކާރަކުރާ އެއްޗެއްސާއި އެމީހުންގެ ކާނާއަކީ ﷲ ޙަލާލުކުރައްވާފައިވާ ރަނގަޅުތަކެތީގެ ތެރޭގައި ހިމެނޭއެއްޗެއްކަން ކަނޑައެޅިގެން ދަލީލުކޮށްދެއެވެ. މިއާޔަތުގައި މިކަން ވަކިން ތަކުރާރުކޮށް ބަޔާންކުރެއްވީ، ވާހަކައާއި ސުވާލު ގިނަކޮށް އިއުތިރާޒުކުރާ ފާސިދު ސިކުނޑިތަކުގައި، މިކަމާމެދު އޮވެދާނެ ޝައްކާއި އިއުތިރާޒުތައް ފިލުވާލުމަށެވެ. ނަޞްރާނީއަކު ކުކުޅުގެ ކަރުއަނބުރައިގެން ބޯބުރިކުރުމަށްފަހު ކައްކައިފިއްޔާ، އޭނާއާއެކު ކެއުމާއި އަދި އެއިން އެއްޗެއް އަތުލުން ހުއްދަވާނެތޯ، އެއްފަހަރަކު އަހަރެންނާއި ސުވާލުކުރެވުނެވެ. ޖަވާބުގައި އަހަރެން ބުނީ:  އެއިން ކެވިދާނެކަމަށެވެ. ސަބަބަކީ އެއީ އެ އަހުލުކިތާބީގެ ކާނާއެވެ. އަދި އެމީހުންގެ ޢިލްމުވެރިންނާއި ރާހިބުންގެ ކާނާއެވެ. އެއީ އަހަރެމެން ކަތިލާގޮތް ކަމުގައި ނުވިޔަސް، މާތް ﷲ ވަނީ އެމީހުންގެ ކާނާ އަހަރެމެންނަށް ހިފެހެއްޓުމަކާ ނުލާ ޙަލާލުކުރައްވާފައެވެ. އެމީހުންގެ ދީނުގައި ޙަލާލުކަމަށް ދެކޭ ކޮންމެ އެއްޗެއް، އެކަން މާތް ﷲ ދޮގުކުރައްވާފައި ނުވާނަމަ، އެއީ އަހަރެމެންނަށް ޙަލާލުއެއްޗެކެވެ. އަހަރެމެންގެ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ: ކައިވެނީގެގޮތުގައި އެމީހުންގެ އަންހެނުން އަހަރެމެންނަށް ދިނީމާ އެއަންހެނުންނާ ޖިމާޢުވުން އަހަރެމެންނަށް ހުއްދަވެއެވެ. ވީއިރު އެމީހުން ކަތިލާއެއްޗެހި ނުކެވެންވީ ކިހިނަކުންހެއްޔެވެ؟ ޙަލާލާއި ޙަރާމަށް ބަލާއިރު ޖިމާޢުވުމަކީ ކެއުމުގެ މައްސަލައަށްވުރެ މާ މުހިއްމު މައްސަލައެކެވެ."

މިއީ މިކަމާމެދު އިބްނުލް ޢަރަބީގެ ރައުޔެވެ. އަދި އެހެން ތަނެއްގައި ވިދާޅުވެފައިވަނީ: "ކެއުން ހުއްދަކުރުމަށްޓަކައި ކަތިލެވޭގޮތް ނޫންގޮތަކަށް، މިސާލަކަށް ނޭވާލެވުނަނުދީ ނުވަތަ ބޮލުގައިޖަހައިގެން ފަދަގޮތަކަށް، މަރާފައިވާ އެއްޗެއް އެމީހުން ކެޔަސް، އެއީ އަހަރެމެން ކެއުން ޙަރާމް މުޅައެއްޗެކެވެ."  މިދެބަސްފުޅުގައި އަރާރުމެއްނެތެވެ. އެހެނީ މީގެ މުރާދަކީ: އަހަރެމެން ގާތު އެއީ ޞައްޙަ ކަތިލުމަކަށް ނުވިޔަސް، އެމީހުން އެއީ ޞައްޙަ ކަތިލުމެއްކަމަށް ދެކޭ އެއްޗެހި އަހަރެމެންނަށް ޙަލާލެވެ. އަދި ޞައްޙަ ކަތިލުމެއްކަމަށް އެމީހުން ނުދެކޭ އެއްޗެހި، އަހަރެމެންނަށް ޙަލާލެއް ނޫނެވެ. އަހަރެމެން އަދި އެމީހުންވެސް ކަތިލުމުގެ މާނައެއްކަމަށް ބަލަނީ: "ކެއުން ޙަލާލުކުރުމުގެ ނިޔަތުގައި ފުރާނަދުއްވައިލުމެވެ."

މިއީ މާލިކީ މަޛްހަބު ފިޤުހުވެރިން ކުރެ  ޖަމާޢަތެއްގެ ބޭކަލުންގެ ރައުޔެވެ.

އިސްވެދިޔަ ވާހަކައިގެ އަލީގައި، އަހުލުކިތާބީންގެ އަތުން އިމްޕޯޓުކުރެވޭ -ފަހަރެއްގައި ކަރަންޓުޖައްސައިގެން ނުވަތަ އެނޫންވެސް އެފަދަގޮތަކަށް ކަތިލާފައިވާ- ކުކުޅުމަހާއި ގެރިމަސްފަދަ އެއްޗެހީގެ ޙުކުމަކީ ޙަލާލުވުމެވެ.

އިބްނުލް ޢަރަބީއާއި އޭނާއާ އެއްބަސްވެވަޑައިގަތް ޢިލްމުވެރިންގެ ރައުޔުގައި، މާއިދަތު ސޫރަތުގެ އާޔަތުގެ ޢާއްމު މާނައަށް ބަލާއިރު، ކަތިލެވި އެމީހުންގެ ދީނުގައި ޙަލާލުއެއްޗެއްކަމަށް އަހުލުކިތާބީން ދެކޭ އެއްޗެއްސަކީ، އަހަރެމެންނަށް ޙަލާލުއެއްޗެކެވެ.

ނަމަވެސް ކޮމިއުނިސްޓު ޤައުމުތަކުން އިމްޕޯޓުކުރެވޭ އެއްގަމުމަސް ކެއުން އެއްވެސް ހާލެއްގައި ހުއްދައެއް ނޫނެވެ. އެހެނީ އެމީހުންނަކީ އަހުލުކިތާބީންނެއް ނޫނެވެ. އެއީ ހުރިހާދީނަކަށް ކުފުރުވެ، ﷲ އާއި އެކަލާނގެ ހުރިހާ ރިސާލަތަކަށް އިންކާރުކުރާ ބައެކެވެ.

މަޖޫސީންނާއި އަދި އެފަދަ މީހުން ކަތިލާއެއްޗެހި:

މަޖޫސީން ކަތިލާއެއްޗެއްސާމެދު ޢިލްމުވެރިން ޚިލާފުވެވަޑައިގަންނަވައެވެ. ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ މަޖޫސީން ކަތިލާއެއްޗަކުން ކެއުން ހުއްދަނުވާނެކަމަށެވެ. ސަބަބަކީ އެމީހުންނަކީ މުޝްރިކުންނެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވެފައިވަނީ، އެ ޙަލާލުކަމަށެވެ. ސަބަބަކީ، ކީރިތި ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވަނީ: سَنُّوْا بِهِمْ سُنَّةَ أَهْلِ الْكِتَابِ[14]

ޙަދީޘުގެމާނަ: "އަހުލުކިތާބީންނާމެދު ކަންތައްކުރާހެން އެމީހުންނާ(މަޖޫސީންނާ) މެދު ކަންތައްކުރާށެވެ." އަދި އެކަލޭގެފާނު، ހަޖަރުގެ މަޖޫސީން އަތުން ޖިޒްޔަ ޤަބޫލުފުޅުކުރެއްވިއެވެ.[15]

އިބްނު ޙަޒުމް އެކަލޭގެފާނުގެ އަލްމުޙައްލާއޭ [16]ކިއުނު ފޮތުގެ ކަތިލުމުގެ ބާބުގައި ވިދާޅުވެފައިވެއެވެ: "އެބައިމީހުންނަކީ އަހުލުކިތާބީންނެވެ. ހުރިހާކަމެއްގައިވެސް އެމީހުންގެ ޙުކުމަކީ އަހުލުކިތާބީންގެ ޙުކުމެވެ."[17]

އަބޫޙަނީފާ އަރިހުގައި ޞާބިއީންނަކީވެސް އަހުލުކިތާބީންގެ ތެރޭގައި ހިމެނޭ ބައެކެވެ.[18]

ޤަވާޢިދެއް: ނުފެންނަ ކަމަކާބެހޭގޮތުން އިތުރަށް ސުވާލުކުރުމެއް ނެތެވެ:

ނުފެންނަ ކަމަކާބެހޭގޮތުން ސުވާލުކުރުމަކީ މުސްލިމުންނަށް ކުރަންޖެހޭ ކަމެއް ނޫނެވެ. އެޖަނަވާރު ކަތިލެވުނީ ކިހިނެއްތޯ؟ ކަތިލުމުގެ ޝަރުޠުތައް ފުރިހަމަވެފައިވޭތޯ؟ ކަތިލީއިރު ﷲ ގެ އިސްމުފުޅު ގަނެވުނުތޯ ނުވަތަ ނޫންތޯ؟  މިކަހަލަ ސުވާލުކޮށްގެން ނުވާނެއެވެ. ކިއެއްތަ، މުސްލިމަކު–ޖާހިލު އަދި ފާސިޤަކަށް ވިޔަސް- ނުވަތަ އަހުލުކިތާބީއަކު ކަތިލީކަމުގައިވިޔަސް، ކަތިލީތަން އަހަރެމެނަށް ނުފެންނަ ކޮންމެ އެއްޗަކީ ކެއުން ޙަލާލު އެއްޗެކެވެ.

ކުރިންވެސް ވާނީ ޞަޙީޙު ބުޚާރީގައި ވާރިދުވެފައިވާ ޙަދީޘެއް ގެނެސްފައެވެ. އެއީ: "އަލަށް އިސްލާމްވީ ބަޔަކު، ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހު ދެންނެވިއެވެ: މީހުން އަޅުގަނޑުމެންނަށް އެއްގަމުމަސް ގެނެސްދެއެވެ. ނަމަވެސް އެ ކަތިލީއިރު ﷲ ގެ އިސްމުފުޅު ގަތްކަމެއް ނުވަތަ ނޫންކަމެއް އަޅުގަނޑުމެންނަކަށް ނޭނގެއެވެ! ފަހެ އަޅުގަނޑުމެންނަށް އެއިން ކެވިދާނެތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟ ދެން ރަސޫލު ﷲ  –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: "ކަލޭމެން ﷲ ގެ އިސްމުފުޅު ގަނެފައި ކާށެވެ!"

މިޙަދީޘާ ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވެފައިވަނީ: މި ޙަދީޘުން ދަލީލުކޮށްދެނީ، ކަމެއްގެ ފާސިދުކަމާއި ބާޠިލުކަމަށް ދަލީލު ލިބެންދެން، ޢަމަލުތަކާއި ކަންތައްތަކުގައި ބަލަންޖެހެނީ އެކަން ޞައްޙަވެފައި ރަނގަޅުކަމަށެވެ.

= ނިމުނީ =

*  *  *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 


 

Comments