ހުކުރު20191011

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން އިސްލާމް ދީނުގައި އަގައިގެ ޖިންސު ހުއްދަތަ؟

އިސްލާމް ދީނުގައި އަގައިގެ ޖިންސު ހުއްދަތަ؟

agaige-jinsuފެށުމުގެ ކުރިން :

މި މައުޟޫޢަށް އެއްޗެކޭ ބުނުމުގެ ކުރިން، އެންމެ ފުރަތަމަ ބުނެ އެއްބަސްވާން ޖެހެނީ، އަންހެނުންނާއި ފިރިހެނުން ހައްދަވައި، ދެ ޖިންސުގެ ނަފްސުގައިވެސް ޖިންސީ ޣަރީޒާއެއް ލައްވައި، އަދި އެޣަރީޒާ މައިތިރިކޮށް ވަކިގޮތަކަށް ޢަމަލު ކުރުމަށް އަހަރެމެން އެންމެން ހެއްދެވި މާތް ރަސްކަލާނގެ އަމަރު ކުރެއްވި ކަމެވެ. މާތްﷲ އެންގެވީ ޝަހުވަތްތެރިކަން ފުއްދަން އޮތް ހަމައެކަނި ގޮތަކީ، ފިރިހެނެއްނަމަ އަންހެނަކާއި، އަންހެނެއްނަމަ ފިރިހެނަކާއި ކައިވެނި ކޮށްގެން، ދެ މީހުންގެ ދެމެދުގައިކަމެވެ.

ބަޤަރާ ސޫރަތުގެ 187 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ : أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَى نِسَائِكُمْ هُنَّ لِبَاسٌ لَكُمْ وَأَنْتُمْ لِبَاسٌ لَهُنَّ عَلِمَ اللَّهُ أَنَّكُمْ كُنْتُمْ تَخْتَانُونَ أَنْفُسَكُمْ فَتَابَ عَلَيْكُمْ وَعَفَا عَنْكُمْ فَالْآنَ بَاشِرُوهُنَّ وَابْتَغُوا مَا كَتَبَ اللَّهُ لَكُمْ

މާނައަކީ : "ރޯދައަށް ތިބޭ ދުވަހުގެ ރޭގަޑަށް ތިޔަބައިމީހުންގެ އަނބީންގެ ގާތަށް ގޮސް، ރޭ ކުރުން ތިޔަބައިމީހުންނަށް ހުއްދަކުރެއްވިގެން ވެއެވެ. އެ ކަނބަލުންނީ ތިޔަބައި މީހުންނަށް ފޭރާމެކެވެ. އަދި ތިޔަބައިމީހުންނަކީ އެކަނބަލުންނަށް ފޭރާމެކެވެ .ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކަށް ޚިޔާނަތްތެރި ވަމުންދިޔަކަން، މާތް ﷲ ދެނެވޮޑިގެންފިއެވެ. ދެން ފަހެ ތިޔަބައި މީހުންގެ މައްޗަށް ތައުބާލައްވައި ތިޔަބައިމީހުންގެ ކިބައިން އެކަން އަފޫކުރައްވައި މާފުކުރައްވައިފިއެވެ. ފަހެ މިހާރު ތިޔަބައިމީހުން އެކަނބަލުންނާއި ބީހި އުޅޭށެވެ. އެބަހީ ޖިންސީ ގޮތުން ދެމަފިރިންގެ ެމެދުގައި ހިގާ ގުޅުންތައް، ގުޅުނަސް އެންމެ ރަނގަޅެވެ. "(މާނަ ނިމުނީ )

ޔަޢުނީ: އެއްބަޔަކީ އަނެއް ބަޔެއްގެ، ޢިއްފަތްތެރިކަމާއި އަބުރު ރައްކާތެރިކޮށް ސިއްރުތައް ވަންހަނާކޮށް ޢައިބުތައް ފޮރުވައި ދޭން ތިބޭ ބައެކެވެ. ހަމަ އެހެންމެ ދެމަފިރިންނަކީ، ފޭރާމުން ހޫނާއި ފިނިން ހަށިގަޑު ރައްކާތެރިކޮށް، ގައިގައި ޖެހި ހަށިގަޑާއި އެކަތިގަޑަކަށް ވެފައި ހުންނަހެން، އެކަކު އަނެކަކަށް ލޯތްބާއި، ހިންހަމަ ޖެހުން ، މަވައްދަތާއި ކުލުނު ހިތަށް ވައްދައިދޭ ބައެކެވެ.

ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގަންނަވާ މާތް ﷲ ދެން އެންގެވީ ދެމަފިރިން ދެކަމަކުން ދުރުހެލިވެ ރައްކާތެރި ވުމަށެވެ. އެއީ ފުރަގަސްފަރާތުގައި ޖިންސީ ގުޅުން ހިންގުމާއި، އަނބިމީހާ ޙައިޟުވެފައި ހުއްޓައި ޖިމާޢުވުމެވެ. މި ދެ ކަންތައް ވަރަށް ޞަރީޙަކޮށް ދީނުގައި ޙަރާމް ކުރެއްވިއެވެ. މިދެކަންތައް ފިޔަވައި އެހެން ކަމެއް ދީނުގައި ޙަރާމޭ ބުނެވޭނެ ހެން ސީދާ ދަލީލެއް ނެތެވެ.

މި ދެކަންތަކުން ދުރުހެލިވެ، ދެމަފިރިން އެކަކު އެނެކަކުގެ ކިބައިން އަރާމާއި ހިތްހަމަޖެހުން ލިބިގަތުން އިސްލާމްދީން ހުއްދަކުރިއެވެ.

ދެމަފިރިން އެ މީހުން ހިތްހަމަ ޖެހޭ، އަރާމު ލިބޭ ގޮތަކަށް ކަންތައް ކުރަމުން ދަނިކޮށް (މަނާ ދެކަން ނޫން) މީހަކަށް އައިސް، އޭ ތީ ޙަރާމް ކަމެކޭ ނުބުނެވޭނެއެވެ. ފިޤުހުގައި އުޞޫލެއްގެ ގޮތުން ބަލައި އުޅޭ އެއް ޤަވާއިދަކީ، މުސްލިމުންގެ ހުރިހާ ކަމެއްވެސް ޙަރާމް ކޮށް، ޙަލާލް ކުރައްވާ ފަރާތަކީ މާތް ﷲ އެވެ. އެކަލާނގެ ހުއްދަ ކުރެއްވި ކަމެއް ޙަރާމް ކުރުމަކީ، އެއީ އަދި މާ ބޮޑު ފާފައެކެވެ. މާތް ﷲގެ ނިޢުމަތްތައް މީހުންނަށް ދަތިކޮށް، ހުއްދަކަންތައް ޙަރާމްކޮށް ނުއުޅުމަށް ޤުރުއާނުގައި އަންގަވާފައިވެއެވެ.

ދެންވެސް ބަލާލަން ޖެހެނީ ފިޤުހީ އުޞޫލަކަށެވެ. އެއީ، ކަންކަމުގެ އަޞްލަކީ ހުއްދަވުމެވެ. މިއީ ޙަރާމް ވުމުގެ ދަލީލެއް ނާންނަހައި ހިނދަކު އެވެ. ނުވަތަ އެކަން ބަލައި އެ ކަމުގައި ދީނީ ގޮތުން ޙަރާމް ކުރެވޭނަ ފަދަ ކަމެއް ޤިޔާސުން ނުވަތަ އިޖުމާޢުން ނުފެނިއްޖެ ހިނދެއްގައެވެ.

އަގައިގެ ޖިންސާއި ބެހޭގޮތުން ޢިލްމުވެރިންގެ ރައުޔު :

މިޒަމާނުގައި އަގައިގެ ޖިންސޭ ބުނެވުނީ، ފިރިމީހާ އަނބިމީހާގެ ޖިންސީ ގުނަވަނުގައި، އަނގަ ބޭނުން ކޮށް ލޮއެ ހެދުން އަދި އަނބިމީހާ ފިރިމީހާގެ ޖިންސީ ގުނަވަނުގައި އަނގަ ބޭނުންކޮށް، ލޮއެ ހެދުމެވެ. އަދި ޖިންސީ ގުނަވަނުގައި ބޮސްދީ ހެދުންވެސް މީގެ ތެރެއަށް ވެއްދިދާނެއެވެ. މި ކަމުގައި ދެން މި ބަލާލަނީ މަޝްހޫރު އިސްލާމީ ބައެއް ޢިލްމުވެރިންގެ ރައުޔަށެވެ.

ޝައިޚް ޔޫސުފުލް ޤަރަޟާވީ ވިދާޅުވަނީ :

"ހަތްދިހައިގެ ކުރީކޮޅު އަހަރެން، ހުޅަނގުގެ ޤައުމުތަކަށް ދަތުރުކުރި ކުރުމުގައި، އަނގައިގެ ޖިންސާއި ބެހޭ ގޮތުން، އަހަރެންނާއި މީހުން ސުވާލު ކުރިއެވެ. އަހަރެމެންގެ އިސްލާމީ ޤައުމުތަކުގައި އޭރު އެދުވަސްވަރު މި ކަހަލަ ސުވާލެއް މީހަކު ނުކުރެއެވެ. ހުޅަނގުގެ ޤައުމުތަކުގެ މީހުންނަކީ ޖިިންސީ ގުޅުން ހިންގާއިރުވެސް އެއްކޮށް އޮރިޔާން ވެގެން ތިބެ، އަދި ޢާއްމު ދިރިއުޅުމުގައިވެސް ވަރަށް ނިވާކަން ކުޑަކޮށް އުޅޭ ބައެކެވެ. އެހެންވީމާ، ޖިންސީ ގުޅުން ހިންގަން ބޭނުންވާ އެދުންވެރިކަން ގެނައުމަށްޓަކައި، އިތުރު ކަންތައްތަކެއް ހޯދަން އެމީހުންނަށް ޖެހިފައިވެއެވެ.

އިސްލާމީ މުޖްތަމަޢުތަކަށް ބަލާއިރު، ފިރިހެނަކަށް ހިލޭ އަންހެނެއްގެ އޮރިޔާމެއް ނުފެންނާނެއެވެ. މީހަކާއި އިނދެގެންވެސް، އެ މީހުންގެ އޮރިޔާން އެއްކޮށް އެހާ ތަފްޞީލު ގޮތެއްގައި މީހުންނަށް ނުފެނެއެވެ. ވީމާ ޖިންސީ ގުޅުން ހިންގަން ބޭނުންވާ އެދުންވެރިކަން ގެނައުމަށްޓަކައި، ދޮން ދިނުމާއި ލޯބި ކުރުން ފިޔަވައި އިތުރު ކަމައް ބޭނުމެއް ނުވެއެވެ. ދެން އެއަށް ފަހު ޖިމާޢުވީމައި ފުދެއެވެ. އެންމެންވެސް ހިތް ހަމަ ޖެހި، އެދުން ފުދެއެވެ."

ޤަރަޟާވީ ދެން ވިދާޅުވިއެވެ. "ދެމަފިރިން ޖިންސީ ގުޅުން ހިންގާއިރު، ައެއްކޮށް އޮރިއާން ވުމަކީ ކޮންކަހަލަ ކަމެއްތޯ ބަލާއިރު ، އެއީ ހުއްދަ ޙަލާލް ކަމެކެވެ.

ރަސޫލާ ޙަދީޘު ކުރައްވާފައިވެއެވެ: رواه الترمذي عن بهز بن حكيم عن أبيه عن جده قال: قلت يا رسول الله عوراتنا ما نأتي منها وما نذر؟ فقال: احفظ عورتك إلا من زوجك أو ما ملكت يمينك

މާނައަކީ :''މުޢާވިޔާތު ބިން ހައިދާ ރިވާކުރެއްވިއެވެ. އަހަރެން ބުނީމެވެ: އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑުމެން ޢައުރަ ރައްކާތެރިކުރާނީ ކޮން ބަޔަކަށްތޯއެވެ؟ އަދި ނުކުރާނީ ކޮން ބަޔަކަށްތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ: ކަލޭގެ ޢައުރަ، އަނބިމީހާއާއި، މިލްކުވެގެންވާ އަޅުއަންހެނާ ފިޔަވައި އެހެން މީހުންނަށް ރައްކާތެރި ކުރާށެވެ. ''

މުއުމިނޫން ސޫރަތުގެ 5 -7 ވަނަ އާޔަތުގައިވެސް ވަނީ: والذين هم لفروجهم حافظون * إلا على أزواجهم أو ما ملكت أيمانهم، فإنهم غير ملومين * فمن ابتغي وراء ذلك فأولئك هم العادون

މާނައަކީ:"އަދި އެމީހުންނީ އެމީހުންގެ ފަރުޖުތައް (އެބަހީ ކުރިމަތީ ފަރާތާއި ފުރަގަސްފަރާތް ނުވަތަ ޖިންސީ ގުނަންތައް) ރައްކާތެރިކުރާ މީހުންނެވެ. އެބައިމީހުންގެ އަނބިންނާއި ފިރީން ނުވަތަ އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ، މައްޗަށް މެނުވީއެވެ. ފަހެ ހަމަކަށަވަރުން އެބައިމީހުންނީ އެބައިމީހުންނާއިމެދު މަލާމާތް ލިބިގެން ނުވާ މީހުންނެވެ. ފަހެ އޭގެ ބޭރުގައި ވާ ކަމަކަށް އެދިއްޖެ މީހާ، ފަހެ އެފަދަ މީހުންނީ ހުއްދަވެގެންވާ ސަރަހައްދު ފަހަނައަޅާ ދާ މީހުންނެވެ."

ޤަރަޟާވީގެ ވާހަކަ ކުރިއަށް ގެންދަވަމުން އަދިވެސް ވިދާޅުވިއެވެ. "އަނެއްކޮޅުން، ދެމީހުން އެއް ހަށިގަޑެއްފަދައިން ތިބެ ގުޅުން ހިންގުން ހުއްދަ އިރު، އައުރަ ހުއްދަ ނުވާންވީ އެއްވެސް ސަބަބެއް ނޯންނާނެކަން އެގެއެވެ.

ފިރިމީހާ އަނބިމީހާގެ ޖިންސީ ގުނަވަނުގައި، އަނގަ ބޭނުން ކޮށް ލޮއެ ހެދުން އަދި އަނބިމީހާ ފިރިމީހާގެ ޖިންސީ ގުނަވަނުގައި އަނގަ ބޭނުންކޮށް، ލޮއެ ހެދުމުގައި ފިޤުޙު ޢިލްމުވެރިން ދެކިލައްވަނީ ، އެއީ ހުއްދަ ކަމެއްގެ ގޮތުގައެވެ. ނަމެވެސް އަނބިމީހާ ފިރިމީހާގެ ޖިންސީ ގުނަވަން ލޮއެ ހެދުމުގެ ތެރޭގައި، އަނގަޔަށް މަނި ވާސިލުވުމަކީ ވެދާނެ ކަމެކެވެ. އެ ގޮތަށް އަގަޔަށް މަނި ދަންޏާ، އެކަން އެއީ މަކްރޫހަ ކަމެކޭ ބުނެވިދާނެއެވެ.

ނަމަވެސް އަގައިގެ ޖިންސަކީ ސީދާ ޙަރާމްކަމެކޭ ނުބުނެވޭނެއެވެ. މި ގުނަވަންތަކަކީ ޢާއްމުކޮށް ސާފު ތަންތަނެވެ. ނަމަވެސް ޢާއްމު ވަރަށް ގިނަބަޔަކު މިފަދަ ތަންތަނުގައި އަގަލައި އުޅެން ފަކުރު ގަނެއެވެ. އަދި ދެމަފިރިން ޖިންސީ އަރާމު، "އަގައިގެ ޖިންސު" ގެ ޒަރީޢާއިން ލިބިގަތުމަކީ އެއީ ސީދާ، ކަމެއް ނޫނެވެ. އެހެން ނަމަވެސް، ކަޑައެޅިގެން މިކަން ޙަރާމް ކުރެވޭނެ ދަލީލެއް ދީނުގައި ނެތެވެ. އަދި ވަކިން ޚާއްޞަކޮށް އަނބިމީހާ މިފަދަ ކަމަކަށް އެއްބަސްވާނަމަ ނުވަތަ މި ފަދަ ކަމަކުން، އަރާމުގެ ކުންނަށް ދެވޭނަމަ، ޙަރާމެއް ނުކުރެވޭނެއެވެ. އަލްމުއުމިނޫން ސޫރަތުގެ 5 ، 6 ، 7 ވަނަ އަޔަތުގައި ވަނީ މިފަދައިންނެވެ.  والذين هم لفروجهم حافظون * إلا على أزواجهم أو ما ملكت أيمانهم، فإنهم غير ملومين * فمن ابتغي وراء ذلك فأولئك هم العادون

މާނައަކީ: "އަދި އެމީހުންނީ އެމީހުންގެ ފަރުޖުތައް (އެބަހީ ކުރިމަތީ ފަރާތާއި ފުރަގަސްފަރާތް ނުވަތަ ޖިންސީ ގުނަންތައް) ރައްކާތެރިކުރާ މީހުންނެވެ. އެބައިމީހުންގެ އަނބިންނާއި ފިރީން ނުވަތަ އެބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ، މައްޗަށް މެނުވީއެވެ. ފަހެ ހަމަކަށަވަރުން އެބައިމީހުންނީ އެބައިމީހުންނާއިމެދު މަލާމާތް ލިބިގެން ނުވާ މީހުންނެވެ. ފަހެ އޭގެ ބޭރުގައި ވާ ކަމަކަށް އެދިއްޖެ މީހާ، ފަހެ އެފަދަ މީހުންނީ ހުއްދަވެގެންވާ ސަރަހައްދު ފަހަނައަޅާ ދާ މީހުންނެވެ."

މި އާޔަތުގެ އަލީގައި ފިޤުހުވެރިން ވިދާޅުވަނީ، ދެމަފިރިން އެކަކުގެ ކިބައިން ބޭނުންގޮތަކަށް އަރާމާއި ހިތްހަމަޖެހުން ލިބިގަތުން ހުއްދަކަމުގައެވެ. އެކަމު އެއީ ދެ ގޮތެއް އިސްތިސްނާކޮށްފައެވެ. އެ ދެގޮތަކީ، އަންހެނުންގެ ފުރަގަސްފަރާތުގައި ޖިމާޢުވުމާއި، އަނބިމީހާ ޙައިޟުވެފައި ހުއްޓާ ޖިމާޢުވުމެވެ. މި ދެކަންތައް އެއީ ވަރަށް ބޮޑު ޙަރާމް ކަމެކެވެ. ޙަރާމް ދެ ކަންތައް ޙަރާމްކަން އެގެނީ، އެހެން އާޔަތްތަކާއި ޙަދީޘްތަކުންނެވެ." (ޤަރަޟާވީގެ ވާހަކަ ނިމުނީ)

ޢަލީ ޖުމްޢާ މުޙައްމަދު ވިދާޅުވެފައިވަނީ:

ދެން މި ލިޔެލަނީ އަލްއަޒްހަރުގެ، އުޞޫލުއްދީން އުސްތާޛެއް ކަމުގައިވާ ޢަލީ ޖުމްޢާ މުޙައްމަދު ވިދާޅުވެފައިވާ ވާހަކައެވެ.

ޢަލީ ޖުމްޢާ ވިދާޅުވިއެވެ. "ދެމަފރިންގެ ޖިންސީ ގުނަވަނުގައި ލޮތުމާއި، އަނގަ ހޭކުމާއި އަދި ދޮން ދިނުންފަދަ ކަންކަމަކީ، ދެމަފިރިންނަށް ޖިންސީ އަރާމު ލިބި، އަދި ކައިވެނިން ބޭރު ޙަރާމް ގުޅުންތަކުން މީހާ ރައްކާތެރި ކޮށްދޭކަމެއްނަމަ، ހުއްދަކަމެކެވެ. ކޮންމެ މުސްލިމަކުވެސް ހަނދާން ބަހައްޓަންވީ ކަމަކީ ، ޖިންސީ ގުޅުމަކީ ޝަހުވަތެއްކަމާއި ، މިކަންތައް ފުއްދަން ޖެހޭނީ ހުއްދަ ގޮތުގައިކަމެވެ."

މުޙައްމަދު ސަޢީދު ރަމަޟާން ވިދާޅުވަނީ :

ހަމަ މި މައުޟޫއާއި ބެހޭގޮތުން، ސޫރިއާގެ ޝަރީޢާ ޢިލްމުވެރިއެއް ކަމުގައިވާ ޑޮކްޓަރ މުޙައްމަދު ސަޢީދު ރަމަޟާން އަލްބޫޠީ ވިދާޅުވަނީ އަންނަނިވި ފަދައިންނެވެ.

"ދެމަފިރިންގެ ދެމެދުގައި އޮންނަ ޖިންސީ ގުޅުމަކީ ހަމައެކަނި "ޖިމާޢު" މި ބަހުގެ ތެރޭގައި ހަނިކޮށްލެވޭނެ ކަމެއް ނޫނެވެ. އެކަމަކު މިދާއިރާއަކީ ޤުރުއާނުގައި ނަންދެވިފައިވާ "އިސްތިމްތާޢު" (މާނައަކީ އަރާމު ލިބިގަތުން) މި ބަހުން ދޭހަވާ މާނައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންވީމާ ކޮންމެ ދެމަފިރިއަކަށްވެސް، ޖިންސީ އަރާމު ލިބިގަތުމުގައި، އެމީހުން ބޭނުންގޮތަކަށް ބޭނުން ހިސާބަކަށް ދެވިދާނެއެވެ. ޖިމާޢުވުމާއި އަދި އެ ނޫންވެސް ކަންކަމުގައެވެ. މި ޤަވާޢިދުން އިސްތިސްނާ ވަނީ ތިން ކަމެކެވެ. އެއީ

1 - ޙައިޟުގެ ދުވަސްވަރު ޖިމާޢުވުން (*)

2 - އަންހެނުންގެ ފުރަގަސްފަރާތުގައި ޖިމާޢުވުން (*)

3 - ދެމަފިރިން ހިންގާ ލޯބި ކުރުންތަކުގެ ތެރެއިން، އެއީ ޑޮކްޓަރުންގެ ބަހުން އެއިން އެކަކަށް ނުވަތަ ދެ މީހުންނަށް ޞިއްޙީ ގެއްލުމެއް ލިބިދާނެ ކަންތައް

ޙަރާމޭ ދެންމެ މި ބުނެވުނު ތިން ކަން ފިޔަވައި ކޮންމެ ކަމަކީ، ކަމުގެ ޙުކުމް  އޮތްގޮތުގެ އަޞްލާއި އެއްގޮތްވާ ގޮތުގެ މަތިން، ހުއްދަ ކަންކަމެވެ.

އިންސާނާގެ ފިޠްރީ ޣަރީޒާގެ ދަށުން ޖިންސީއަރާމު ލިބިގަތުމުގައި، ކުރަން އެންމެންވެސް ބޭނުންވާ ކަންތަކެއް ހުރެއެވެ. އެއީ ޖިމާޢުވުމާއި އޭގެ ފެއްޓުންތަކެވެ. މިއީ ދެމަފިރިންނަށްވެސް ލިބިގަތުން ޙައްޤުވެގެންވާ އުފާތަކެކެވެ. މަޤްބޫލު ޢުޒުރެއް ނެތި، އެއްވެސް ހާލެއްގައި މިއިން ކަމެއް ކުރަން ދެކޮޅު ހަދައި މަނާވެގަތުން، ދެމަފިރިންކުރެ އެކަކަށްވެސް ހުއްދައެއް ނޫނެވެ.

އެކަމަކު، އަރާމު ލިބިގަތުމުގެ އެހެނިހެން ގޮތްތަކަކީ އަންހެނުންނާއި ފިރިހެނުންނަށް ބެލިއަސް، އެ ކަންތައް ކުރަން އެދޭ މީހުންނާއި ނޭދޭ މީހުން، ފަކުރު ގަންނަ މީހުންނާއި ނުގަންނަ މީހުން، ރުހޭ މީހުންނާއި ނުރުހޭ މީހުން ތިބޭ ކަންކަމެވެ. ވީމާ މިއިންކަމަކަށް ދެ މީހުންގެ ރުހުމާއި ނުލައި ދިއުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަނބިމީހާ ކުރަން ބޭނުން ނުވާ ކަމެއް ކުރަން ފިރިމީހާ މަޖްބޫރުކޮށްގެން ނުވާނެއެވެ. އަދި ފިރިމީހާ ބޭނުންނުވާ ކަމެއް އަނބިމީހާވެސް އެދިގެން ނުވާނެއެވެ. "( ވާހަކަ ނިމުނީ )

ފިޤުހުފޮތްތަކުން ފެންނަނީ :

ދެމަފިރިންގެ ގުޅުމާއި ބެހޭ ޙުކުމްތައް ހޯދަން، އިސްލާމީ ފިޤްހު ފޮތްތައް ބަލާއިރު ފެންނާނީ "ދެ ކަމެއް ފިޔަވާ ކޮންމެ ކަމެއްވެސް ހުއްދަ" މިފަދަ ޝާމިލް ޖުމްލަ ޢިބާރާތްތަކެވެ. ދެ ކަމެކޭ އެ ބުނެވެނީ ފުރަގަސްފަރާތުގައި ޖިމާޢުވުމާއި، ޙައިޟު ދުވަސްވަރު ޖިމާޢުވުމެވެ. ދެ މަފިރިއަކަށް ހުއްދަ ކަންތައްތަކާއި ހުއްދަ ނޫން ކަންތައްތަކުގެ، ލިސްޓެއް ނަންބަރު ތަރުތީބުން ފިޤްހު ފޮތްތަކުގައި ނުހުރެއެވެ. ހުންނަނީ ޖުމުލަ ގޮތެއްގައި ކަމުގެ ހުކުމް ބަޔާން ކޮށްފައެވެ.

ކުރިންވެސް ބުނެވުނު، ފުރަގަސްފަރާތުގައި ޖިމާޢުވުމާއި ޙައިޟު ދުވަސްވަރު ޖިމާޢުވުމަށް، އަދި އެހެން ކަމެއްވެސް އިތުރުކޮށްލެވިދާނެއެވެ. އެއީ ނަޖިސްއެއްޗެއް އަގައިން ދިރުވުމެވެ.

ވިމާ އަގައިގެ ޖިންސީ ގުޅުން ހިންގުމަކީ ކޮންކަހަލަ ކަމެއްތޯ ބަލާއިރު، އެކަމުގައި ނަޖިހެއް ނުހިމެނޭ ގޮތަކަށް އެކަން ކުރާނަމަ، ޝަރުޢީ ގޮތަކުން ބަލާނަމަ އެ ވާނީ ހުއްދަ ކަމަކަށެވެ.

އެކަމަކު އަގައިގެ ޖިންސު ނުވަތަ އިގިރޭސި ބަހުން ބުނާ "އޯރަލް ސެކްސް" އަކީ ވަރަށްފުޅާ ބަހެކެވެ. ތަފާތު އެތައް ކަމަކަށް ބުނެވިދާނެ ބަހެކެވެ.

އަނެއްކޮޅުން، ހަށިގަޑުން ނުކުންނަ ތަފާތު ވައްތަރުތަކުގެ ފެނަކީ ނަޖިސް އެއްޗެއްތޯ ނުވަތަ ޠާހިރު އެއްޗެއްތޯ އެއީ ފިޤްހީ މަޛްހަބުތަކުގެ މެދުގައި ޚިލާފް އުފެދިފައިވާ އެއްޗެކެވެ. ނަމުން ބުނާނަމަ މަންޏާއި އަންހެނާގެ ފަރުޖުން ބޭރުވާ ފެނެވެ. (* ތަފްޞީލް)

ނަޖިހެއް އަގައިގައި ޖެހުމުން މުޅިން އެއްކިބާވެވޭނެ އެއް ގޮތަކީ، ފިރިމީހާ އަންހެނުންގެ ފަރުޖުގެ ބޭރު ތުންފަތާއި ކުޅަދިލީގައި ދޮންދީ ހެދުމެވެ. ފަރުޖުގައި ބޮސްދިނުމުގެ ވާހަކަ، ޙަނަފީ މަޛުހަބުގެ ވަރަށް ގިނަ ފޮތްފޮތުގައި ބަޔާން ކުރެވިފައިވެއެވެ. ބުނެފައި އޮންނަނީ އެއީ ޖިމާޢުވުމުގެ ކުރިން ހުއްދަ ކަމެއް ކަމުގައެވެ. އޭގެ ފަހުން މަކްރޫހަ ކަމެއް ކަމުގައެވެ. ދެވަނަ އަށް ބުނެވިފައި އޮތް ކަންތަކުގެ ވާހަކަ ޝާފިޢީ މަޛްހަބުގެ "ފަތުޙުލް މުޢީން'' މި ފޮތުގައި ބަޔާން ކުރެވިފައިވެއެވެ.

މަތީގައި ބުނެވުނު ވާހަކައަށް ބަލާފައި، އަނބިމީހާވެސް ފިރިމީހާގެ ޛަކަރުގައި ބޮސް ދިނުން ހުއްދަވާނެއެވެ. ނަމަވެސް އެއީ މަނި ޤަޛްފު ވުމުގެ ކުރިން، ޛަކަރުން ބޭރުވާނެ މަޛްޔު އިން ރައްކާތެރި ވާނަމައެވެ. އެހެނީ ކުރިންވެސް ބުނެވިފައިވާ ފަދައިން މަޛްޔަކީ ނަޖިހެކެވެ. ނަޖިސް އެއްޗެއް އަގައިގައި ޖެއްސުން ހުއްދައެއް ނޫނެވެ. ޝާފިޢީ، ޙަންބަލީ މަޛްހަބުގައި މަންޏަކީ ޠާހިރު އެއްޗަކަށް ވިޔަސް އެ ދިރުވައިލުން ހުއްދައެއް ނޫނެވެ.

މިފަދަ ވާހަކައެއް ދައްކާއިރު ސުވާލު އުފެދިދާނެ އެހެން ކަމަކަށްވެސް އިޝާރާތް ކޮށްލާނަމެވެ. އެއީ އަނބިމީހާގެ އަތް ބޭނުންކޮށްގެން ފިރިމީހާގެ މަނި ބޭރު ކުރުން ހުއްދަވާނެ ކަމެވެ. ހަމަ އެހެން ފިރިމީހާ ގެ އަތް ބޭނުންކޮށްގެން އަނބިމީހާ ޖިމާޢުވުމަށް ތައްޔާރީ ޙާލަތަކަށް ގެނައުމާއި، އުފާ ހޯދައިދިނުންވެސް ހުއްދައެވެ. އަދި އުރަމަތީގައި ބޮސް ދިނުމާއި، ގައިގެ ޠާހިރު އެހެން ތަންތާގައި ބޮސް ދިނުންވެސް ހުއްދައެވެ.

އަހަރެން މި ބުނި ހުރިހާ ވާހަކައަކީ ވެސް ދީނީ ގޮތުން ޙުކުމް އޮތް ގޮތުގެ ވާހަކައެވެ. ޙަރާމް ޙަލާލްގެ ވާހަކައެވެ. ފަކުރު ގަތުމާއި ނުގަތުމުގެ ވާހަކައެއް ނޫނެވެ.  އަދި ކަމެއް ހުއްދަ ވުމާއި އެކަމެއް ކޮންމެހެން ކުރަންޖެހުމާއި ވެސް ވަރަށް ތަފާތެވެ.

އަގައިގެ ޖިންސީ ގުޅުން ހިންގަން ބައެއް ފިރިހެނުން އަބީންނަށް މަޖްބޫރުވެސް ކުރެއެވެ. ނަމަވެސް މިއީ ހުއްދަވާނެ ކަމެއް ނޫނެވެ. މިފަދަ ކަމެއް ނުކުރުމުގެ ފުރިހަމަ ޙައްޤު އަނބިމީހާއަށް ލިބިގެން ވެއެވެ. އަދި އެކަން ނުކުރުން އެއީ "ފިރިމީހާއަށް ނުކިޔަމަންތެރި" ވުމަކަށްވެސް ނުވާނެއެވެ.

މި ހިސާބުން ކުރުގޮތަކަށް މަނި ، މަޛްޔު ، އަދި އަންހެނާގެ ފަރުޖުގައި ހުންނަ ފެނުގެ ޙުކުމަކީ ކޮބައިތޯ ބަލާލާނަމެވެ.އިބްނު ތައިމިޔާ ވިދާޅުވެފައިވެއެވެ: "މަނި ނަޖިސް ކަމުގައި ބުނަނީ މާލިކީ މަޛްހަބެވެ. އަބޫ ޙަނީފާ، އިސްޙާޤު އަދި އިމާމް އަޙްމަދުގެ ރިވާޔަތެއްގައި ދެކޭގޮތުގައި އެ ނަޖިހެވެ. މަނި ރޯކޮށް ހުރެއްޖެ ނަމަ އެ ޖެހޭނީ ދޮންނާށެވެ. ހިކިއްޖެނަމަ ނިޔަފަތިން އެ ނައްޓާލުމުން ފުދޭނެއެވެ. އަދި އެ ހެދުމުގައި ނަމާދުވެސް ޞައްޙަވާނެއެވެ. ތިންވަނަ ރައުޔަކީ އެއީ ފަކުރުގަނުވާ އެއްޗެއް ކަމެވެ. އެހެނެއް ކަމަކު އެއީ ޠާހިރު އެއްޗެކެވެ. މި ގޮތަށް ބުނަނީ ޝާފިޢީ މަޛްހަބު، ޙަންބަލީ ބަޛްހަބެވެ. އަހަރެން (ޔަޢުނީ އިބްނު ތައިމިޔާ) ނަގަނީ މި ރައުޔެވެ. މީގައި ކޮންމެ ބައެއްވެސް ދަލީލާއި ހެކި ދައްކައެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިން ދެކެނީ މަންޏަކީ ޠާހިރު އެއްޗެއްކަމެވެ. ދަލީލަކީ އިމާމް މުސްލިމް ރިވާ ކުރެއްވި މި ޙަދީޘެވެ.

عن عائشة قالت ‏:‏ ‏ كنت أفرك المني من ثوب رسول الله صلى الله عليه وسلم ثم يذهب فيصلي فيه ‏

މާނައަކީ :ޢާއިޝަތުގެފާނު ވިދާޅުވިއެވެ: ''ކީރިތި ރަސޫލާގެ ހެދުންކޮޅުގައި ހިކިފައި ހުންނަ މަނި ، އަހަރެން ދެ އަތުން ފިލުވާއުޅުނީމެވެ. ދެން އެ ހެދުންކޮޅުގައި ރަސޫލާ ވަޑައިގެން ނަމާދު ކުރައްވައެވެ. '' (އިބްނު ތައިމިޔާގެ ވާހަކަ ނިމުނީ )
ކުރު ޚުލާޞާއަކީ، ޖުމްހޫރު ޢިލްމުވެރިން އެއްބަސްވާ ގޮތުގައި މަންޏަކީ ނަޖިހެއް ނޫނެވެ. އެކަމަކު މަޛްޔު އަކީ ނަޖިހެކެވެ. އަންހެން މީހާ ޠާހިރުކޮށް (ޙައިޟު ނޫން) ހުންނަ އިރު ފަރުޖުގައިވާ ފެނަކީ ޠާހިރު އެއްޗެކެވެ. ޠާހިރު ވާނީ އެއީ ރަޙިމުގެ ތެރެއިން ނުވަތަ، ފަރުޖުގެ އެތެރެއިން އުފެދިގެން އަންނަ ފެނެއް ނަމައެވެ. ކުޑަކަމުދާ ހޮޅިން އަންނަ ފެނެއް ވިއްޔާ ނަޖިސްވާނެއެވެ.


ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.