ކުށުސަޖިދަ ޖެހުން
- ތަރުޖަމާ: އިސްމާޢީލް ނާޖީ
- 05 ފެބްރުއަރީ 2007
ޙަމްދާއި ޘަނާ ޙައްޤުވެގެން ވަނީ ޢާލަމްތަކުގެ ވެރި ރަސްކަލާނގެ، މާތް ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ހުރީ ފާޅުކަން ބޮޑު ރިސާލާތް ގެނެސްދެއްވި އަޅަމެންގެ ރަސޫލާ މުޙައްމަދުގެފާނަށެވެ. އަދި އެ ކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނާއި އަދި ޤިޔާމަތާ ޖެހެންދެން އިޙްސާންތެރިކަމާއެކު އެ ކަލޭގެފާނަށް ތަބާވެތިބި މީހުންނަށެވެ.
މިއަށް ފަހު ބުނަމެވެ: ނަމާދުގެ ކުށުސަޖިދައިގެ ޙުކުމާ ބެހޭ ގިނަ އެއްޗެހިތައް، ވަރަށް ގިނަ ބަޔަކަށް ނޭނގެއެވެ. ކުށުސަޖިދަ ވާޖިބުވާ ތަންތާގައި ސަޖިދަ ނުޖަހާ ބައެއް މީހުން ދޫކޮށްލައެވެ. އަދި އަނެއް ބަޔަކު ކުށުސަޖިދަ ޖަހަން ނުޖެހޭ ތަންތާގައި ސަޖިދަ ޖަހައެވެ.
އަދި އަނެއް ބަޔަކު ސަލާމް ދިނުމުގެ ފަހުން ކުށުސަޖިދަ ޖަހަން ޖެހޭ ފަހަރު ފަހަރު، ސަލާމް ދިނުމުގެ ކުރިން ޖަހައެވެ. އަނެއް ބަޔަކު ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަ ޖަހަން ޖެހޭ ފަހަރު ފަހަރު، ސަލާމް ދިނުމުގެ ފަހުން ޖަހައެވެ. މިހެންވީމާ، ކުށސަޖިދައިގެ ޙުކުމްތައް އުނގެނުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ. ވަކިން ޚާއްޞަކޮށް، އެ ބައެއްގެ ފަހަތުގައި މީހުން ނަމާދު ކުރާ އިމާމުންނަށެވެ. ފަހަތުގައި މުސްލިމުން ލައިގެން ނަމާދު ކުރުމުގެ މަސްއޫލިއްޔަތު އުފުލީމާ، މި ކަމުގައި އޮންނަ ރަނގަޅު ގޮތަށް އެ މީހުން ތަބާވާން ޖެހޭނެއެވެ. އެހެންވެ މި ކަމާ ބެހޭ ބައެއް ޙުކުމްތައް އަހަރެންގެ އަޚުންނަށް ހުށައަޅައިދޭން އަހަރެން ބޭނުންވީއެވެ. އެއީ މާތް ﷲ ގެ ކިބަފުޅުން، މީގެ މަންފާ އެ ކަލާނގެ މުއުމިން އަޅުތަކުންނަށް ފޯރުކޮށްދެއްވުން އެދި، ދުޢާ ކުރާ ހާލުގައެވެ.
ކީރިތިވަންތަ ﷲ ގެ ވާގިފުޅަށް އެދޭ ހާލު، އަދި އެ ކަލާނގެ ތައުފީޤާއި ރަނގަޅު ގޮތް ދެއްކެވުން އެދި ދުޢާ ކުރަމުން ބުނަމަވެ:
ކުށުސަޖިދައަކީ: ހަނދާން ނެތުމުގެ ސަބަބުން ނަމާދަށް މެދުވެރިވާ އުނިކަމެއް ފޫބެއްދުމުގެ ގޮތުން، ނަމާދު ކުރާ މީހާ ޖަހާ ދެ ސަޖިދައެކެވެ.
ކުށުސަޖިދަ ޖަހަން ޖެހޭ ތިން ސަބަބެއް އޮވެއެވެ. އެއީ:
އިތުރުވުން (އައްޒިޔާދާ)، އުނިވުން (އައްނަޤްޞު)، ޝައްކު(އައްޝައްކު) އެވެ.
1- އިތުރުވުން
މީހަކު ނަމާދުގައި އިތުރު ކޮއްޅަށް ހުރުމެއް، އިށީނުމެއް، ރުކޫޢެއް، ސަޖިދައެއް، ގަސްދުގައި ގެނެސްފިނަމަ ނަމާދު ބާޠިލް ވާނެއެވެ. މިފަދަ އިތުރު ކުރުމެއް ގެނެވުނީ ހަނދާންނެތިގެން ނަމަ، އަދި އިތުރުވިކަން ހަނދާންވީ ނަމާދު ނިމުނު ފަހުން ނަމަ، އޭނާ ކުރަންވީ ހަމައެކަނި ކަމަކީ، ކުށުސަޖިދަ ޖެހުމެވެ. އަދި އޭނާގެ ނަމާދު ޞައްޙަވާނެއެވެ. ނަމަވެސް، އިތުރު ކުރެވޭ ވަގުތު އެކަން ހަނދާން ވެއްޖެނަމަ ޖެހޭނީ އެކަމުން ރުޖޫޢަވާށެވެ. އަދި ކުށުސަޖިދަ ކުރާށެވެ. އަދި އޭނާގެ ނަމާދު ޞައްޙަވާނެއެވެ.
މީގެ މިސާލަކީ: މީހަކު މިސާލަކަށް މެންދުރު ނަމާދުގައި ކުރީ ފަސް ރަކްޢަތެވެ. އިތުރު ރަކްޢަތެއް ކުރެވުނު ކަން، ހަނދާންވީ އައްތަޙިއްޔާތުގައި އިންދައެވެ. އެހެންވެއްޖެ ނަމަ، އޭނާ ޖެހެނީ އައްތަޙިއްޔާތު ކިޔައި ފުރިހަމަކުރާށެވެ. ދެން ސަލާމް ދޭށެވެ. ދެން މިއަށް ފަހު ކުށުސަޖިދަ ޖަހައި ސަލާމް ދޭށެވެ.
އިތުރުވީކަން، ސަލާމް ދިނުމުގެ ފަހުން ނޫނީ ހަނދާން ނުވިއްޔާ ޖެހޭނީ، ކުށުސަޖިދަ ޖަހައި ސަލާމް ދޭށެވެ. ފަސްވަނަ ރަކްޢަތު ތެރޭގައި ހުއްޓާ، އިތުރު ވެއްޖެކަން ހަނދާންވެއްޖެނަމަ، އޭނާ ޖެހޭނީ ވަގުތުން އިށީނދެ އައްތަޙިއްޔާތު ކިޔައި ނަމާދުގެ ސަލާމް ދޭށެވެ. ދެން ކުށުސަޖިދަ ޖަހައި ސަލާމް ދޭށެވެ.
މީގެ ދަލީލަކީ: ޢަބްދުﷲ ބިން މަސްޢޫދު -ރަޟިޔަﷲ ޢަންހު-[1] ރިވާ ކުރައްވާފައިވާ މި ޙަދީޘެވެ.
أنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى الظُّهْرَ خَمْسًا ، فَقِيلَ لَهُ : أَزِيدَ فِي الصَّلَاةِ ؟ فقالَ : وَمَا ذاكَ ؟ قَالُوا : صَلَّيْتَ خَمْسًا، فَسَجَدَ سَجْدَتَيْنِ بَعْدَ مَا سَلَّمَ. وفي رواية : فَثَنَى رِجْلَهُ وَاسْتَقْبَلَ الْقِبْلَةَ فَسَجَدَ سَجْدَتَيْنِ ثُمَّ سَلَّمَ . (رواه الجماعة)
މާނަ: ''ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މެންދުރު ނަމާދުގައި ފަސް ރަކްޢަތް ކުރެއްވިއެވެ. އެ ހިނދު ސުވާލު ދެންނެވުނެވެ: ''ނަމާދުގައި ރަކްޢަތެއް އިތުރު ކުރެވުނީތޯއެވެ؟'' ރަސޫލާ ޙަދީޘް ކުރެއްވިއެވެ: ''އެއީ ކީއްވެގެންހެއްޔެވެ؟'' އެ ބޭކަލުން ދެންނެވިއެވެ: ''ކަލޭގެފާނު ކުރެއްވީ ފަސް ރަކްޢަތެވެ.'' އެ ހިނދު އެކަލޭގެފާނު ސަލާމް ދެއްވާފައި ހުންނަވާފައި ދެ ސަޖިދަ ކުރެއްވިއެވެ.'' އެހެން ރިވާޔަތެއްގައި އޮންނަނީ: ''...ދެން އެ ކަލޭގެފާނު ފައިންޕުޅު އަނބުރާލެއްވުމަށް ފަހު، ޤިބްލައަށް ކުރިމަތިލައްވާ ދެ ސަޖިދަ ކުރައްވާފައި، ދެން އެއަށް ފަހު ސަލާމް ދެއްވިއެވެ.'' (ރަވާހު އަލްޖަމާޢާ) [2]
ނަމާދު ފުރިހަމަ ކުރުމުގެ ކުރިން ސަލާމް ދިނުން:
ނަމާދު ފުރިހަމަ ކުރުމުގެ ކުރިން ސަލާމް ދިނުން ބެލެވެނީ، އެއީ ނަމާދަށް އިތުރު ކުރެވޭ އިތުރު ކުރުމެއް ކަމުގައެވެ.[3] ވީމާ ނަމާދު ފުރިހަމަ ކުރުމުގެ ކުރިން، ގަސްދުގައި ސަލާމް ދީފިއްޔާ ނަމާދު ބާޠިލް ވާނެއެވެ.
ސަލާމް ދެވުނީ ހަނދާންނެތިގެން ކަމުގައި ވާނަމަ، އަދި އެކަން ހަނދާންވީ ވަރަށް ގިނަ ވަގުތު ވީ ފަހުން ނަމަ، ޖެހޭނީ އަލުން ނަމާދު ކުރާށެވެ.
ކުޑަ ހިނދުކޮޅެއްގެ ފަހުން ހަނދާން ވެއްޖެނަމަ، މިސާލަކަށް ދެ މިނިޓް ނުވަތަ ތިން މިނިޓް، އޭނާ ޖެހޭނީ ނަމާދު ފުރިހަމަކޮށް ސަލާމް ދޭށެވެ. ދެން މިއަށް ފަހު ކުށުސަޖިދަ ޖަހައި ސަލާމް ދޭނީއެވެ.
މީގެ ދަލީލަކީ: އަބޫ ހުރައިރާ -ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވި ޙަދީޘެވެ. އެކަލޭގެފާނު ވިދާޅުވިއެވެ:
أنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى بِهمْ الظُّهْرَ أَوْ الْعَصْرَ فسَلَّمَ مِنْ رَكْعَتَيْنِ ، فَخَرَجَ السَّرَعَانُ مِنْ أَبْوَابِ الْمَسْجِدِ يَقُولُونَ: قَصُرَتْ الصَّلَاةُ ، وقام النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى خَشَبَةٍ فِي الْمَسْجِدِ فَاتَّكَأَ عَلَيْهَا كَأَنَّه غَضْبَانُ ، فَقَامَ رَجُلٌ فَقَالَ: يَا رَسُولَ اللَّهِ ، أَنَسِيتَ أَمْ قَصُرَتْ الصَّلَاةُ ؟ فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: لَمْ أَنْسَ وَلَمْ تُقْصَرْ. فَقَالَ الرَّجُلُ: بَلَى قَدْ نَسِيتَ ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ للصَّحَابَة: أحَقٌّ مَا يَقُولُ؟ قَالُوا: نَعَمْ، فَتَقَدَّمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَصَلَّى مَا بَقيَ مِنْ صَلاَتِه ثُمَّ سَلَّمَ ، ثُمَّ سَجَدَ سَجْدَتيْن ثُمَّ سَلَّمَ. (متفق عليه) [4]
މާނަ: ''ކީރިތި ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މެންދުރު ނުވަތަ ޢަޞްރު ނަމާދެއް، އެ ބޭކަލުންނާއިގެން ކުރައްވަން ހުންނަވާފައި، ދެ ރަކްޢަތް ކުރެއްވުމަށް ފަހު ސަލާމް ދެއްވިއެވެ. ދެން އަވަހަށް މިސްކިތުން ނިކުތް މީހުން، ނަމާދު ކުރު ކުރެވިއްޖެއޭ ކިޔައި އުޅުނެވެ. އެ ވަގުތު ކީރިތި ރަސޫލު-ޞައްލައްﷲ ޢަލައިހި ވަސައްލަމަ- މިސްކިތުގައި އޮތް ލަކުޑި ގަޑެއްގެ ގާތުގައި އެއަށް ލެނގިވަޑައިގެން، ކޯފާވެވަޑައިގެން ހުންނެވި ފަދައަކުން ހުންނެވިއެވެ. ދެން މީހަކު ތެދުވެ، ސުވާލު ދެންނެވިއެވެ: ''އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނު ހަނދުމަފުޅު ނެތުނީތޯއޭ؟ ނުވަތަ ނަމާދު ކުރު ކުރެވުނީތޯއެވެ؟'' ދެން ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ: ''އަހަރެން ހަނދާން ނެތުނީކީ ނޫނެވެ. އަދި ނަމާދު ކުރު ކުރެވުނީކީ ވެސް ނޫނެވެ.'' ދެން އެ މީހާ ދެންނެވިއެވެ: ''އެކަމަކު ހަމަ ގައިމު ވެސް ކަލޭގެފާނު ހަނދުމަފުޅު ނެތިވަޑައިގެންފިއެވެ.'' ދެން ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޞަޙާބީންނަށް ޙަދީޘް ކުރެއްވިއެވެ. ''އޭނާ އެ ބުނަނީ ތެދެއްހެއްޔެވެ؟'' އެ ބޭކަލުން ދެންނެވިއެވެ: ''އާދޭހެވެ.'' އެ ހިނދު ނަބިއްޔާ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ކުރިއަށް ޖެހިވަޑައިގެންފައި، އެ ކަލޭގެފާނުގެ ނަމާދުގެ ބާކީ އޮތް ބައި ފުރިހަމަ ކުރެއްވިއެވެ. ދެން ސަލާމް ދެއްވިއެވެ. ދެން ދެ ސަޖިދަ ޖެއްސެވިއެވެ. ދެން އެއަށް ފަހު ސަލާމް ދެއްވިއެވެ.'' (މުއްތަފަޤުން ޢަލައިހި)4
ނަމާދު ފުރިހަމަވުމުގެ ކުރިން އިމާމުމީހާ ސަލާމް ދިނުމުން، ޖަމާއަތުން ބައެއް ފާއިތުވެފައިވާ މައުމޫމުން އެ މީހުންނަށް ފާއިތުވެފައިވާ ބައި ފުރިހަމަ ކުރުމަށްޓަކައި ތެދުވެއްޖެއެވެ. ދެން އިމާމުމީހާއަށް އޭނާގެ ނަމާދުގައި ފުރިހަމަ ކުރަން ޖެހޭ އުނިކަމެއް ވެއްޖެކަން ހަނދާންވުމުން، އެ ކަން ފުރިހަމަ ކުރަން ތެދުވެއްޖެއެވެ. މި ހެން މިކަންތައްތައް ވެއްޖެނަމަ، ޖަމާޢަތުން ފާއިތުވި ބައި ފުރިހަމަ ކުރުމަށްޓަކައި ތެދުވި މައުމޫމުންނަށް ދެ އިޚްތިޔާރެއް ލިބިގެންވެއެވެ. ފުރަތަމަ އިޚްތިޔާރަކީ، ފާއިތުވި ބައި ފުރިހަމަ ކުރުންމަތީ ދެމި ތިބެ، ނިމުނީމާ ކުށުސަޖިދަ ކުރުމެވެ. ދެވަނަ އިޚްތިޔާރަކީ، އެ މީހުން އިމާމާއަށް އަލުން ތަބާވެ، އިމާމުމީހާ ސަލާމް ދިނުމުން އެ މީހުންގެ ބާކީ އޮތްބައި ފުރިހަމަ ކުރުމެވެ. ދެން ސަލާމް ދީފައި ކުށުސަޖިދަ ކުރުމެވެ. މި ގޮތް އައުލާކަން ބޮޑެވެ.
2- އުނިވުން
ހ- ރުކުނެއް އުނިވުން:
މީހަކު އޭނާގެ ނަމާދުން އުނިކުރި ރުކުނަކީ، ހަށަންބަންނަ ތަކްބީރު ނަމަ، އޭނާ ނަމާދު ފެއްޓިކަމަކަށް ވެސް ނުވާނެއެވެ. އެއީ ގަސްދުގައި ވިޔަސް އަދި ހަނދާން ނެތިގެން ކަމަށް ވިޔަސް ވެހެވެ. ސަބަބަކީ ހަށަންބަންނަ ތަކުބީރު ނުކިޔަންޏާ ނަމާދުގެ ތެރެއަށް ވަދެވުނު ކަމަށް ނުބެލެވޭތީއެވެ.
ދެން، ހަށަންބަންނަ ތަކްބީރު ނޫން އެހެން ރުކުނެއް ގަސްދުގައި ދޫކޮށްފިއްޔާ އޭނާގެ ނަމާދު ބާޠިލްވީއެވެ.
ހަނދާން ނެތިގެން ރުކުނެއް ދޫކޮށްފައި، އަނެއް ރަކްޢަތުގެ އެ ހިސާބަށް ދެވިއްޖެ ނަމަ، ރުކުން ދޫކުރި ރަކްޢަތް އުވުނީއެވެ. އަދި އެ ރަކްޢަތުގެ ފަހުން ކުރި ރަކްޢަތް އެއީ، އެ ރަކްޢަތުގެ މަޤާމް ފުރާ ރަކްޢަތެވެ.
އެކަމަކު އަނެއް ރަކްޢަތުގެ އެ ހިސާބަށް ނު ދެވޭނަމަ، އޭނާގެ މައްޗަށް ވާޖިބުވެގެން ވަނީ، ދޫކުރެވުނު ރުކުނަށް އެނބުރި ގޮސް އެއާއި އޭގެ ފަހުން ހުރި ކަންތައްތައް ގެންނާށެވެ.
މި ދެ ހާލަތުގައި ވެސް، ސަލާމް ދިނުމުގެ ފަހުން ކުށުސަޖިދަ ކުރުން އޭނާގެ މައްޗަށް ވާޖިބުވެގެން ވެއެވެ.
އޭގެ މިސާލެއް: މީހަކު ފުރަތަމަ ރަކްޢަތުގެ ދެވަނަ ސަޖިދަ ޖަހަން ހަނދާން ނައްތާލާފައި ހުއްޓާ، ދެވަނަ ރަކްޢަތުގެ ދެ ސަޖިދަ ދެމެދުގައި އިށީނދެ އިންދާ އެކަން ހަނދާންވީއެވެ. ވީމާ ހަދަން ޖެހޭނެ ގޮތަކީ، ފުރަތަމަ ރަކްޢަތް އުވާލާފައި، ދެވަނަ ރަކްޢަތް ފުރަތަމަ ރަކްޢަތުގެ މަޤާމް ފުރާނީއެވެ. އޭރުން ދެވަނަ ރަކްޢަތް ވާނީ އޭނާގެ ފުރަތަމަ ރަކްޢަތަށެވެ. ދެން އޭގެ މައްޗަށް ބިނާކޮށް ނަމާދު ފުރިހަމަ ކުރާނީއެވެ. ދެން ސަލާމް ދޭނީއެވެ. ދެން އެއަށް ފަހު ކުށުސަޖިދަ ކޮށްފައި ސަލާމް ދޭނީއެވެ.
އެހެން މިސާލެއް: މީހަކު ފުރަތަމަ ރަކްޢަތުގެ ދެވަނަ ސަޖިދަ އާއި އޭގެ ކުރިން އިށީންނަން ޖެހޭ އިށީނުން ހަނދާން ނައްތާލާފައި ހުއްޓާ، ދެވަނަ ރަކްޢަތުގެ ރުކޫޢުން ތެދުވިތަނާ އެކަން ހަނދާންވީއެވެ. ވީމާ ހަދަން ޖެހޭނެ ގޮތަކީ، އެނބުރި ގޮސް އިށީނދެ އަދި ސަޖިދަ ޖަހާނީއެވެ. ދެން މިއަށް ފަހު ނަމާދު ފުރިހަމަ ކުރާނީއެވެ. ދެން ސަލާމް ދޭނީއެވެ. ދެން މީގެ ފަހުން ކުށުސަޖިދަ ކޮށް ސަލާމް ދޭނީއެވެ.
ށ- ވާޖިބެއް އުނިވުން:
ނަމާދު ކުރަން ހުރި މީހާ، ނަމާދުގެ ވާޖިބުތަކުގެ ތެރެއިން ވާޖިބެއް ގަސްދުގައި ދޫކޮށްފިއްޔާ އޭނާގެ ނަމާދު ބާޠިލްވީއެވެ.
އެކަމަކު އެއީ ހަނދާންނެތިގެން ކަމަށް ވަންޏާ، އަދި އެ ވާޖިބު އަދާކުރަން ޖެހޭ ތަން ފަހަނައަޅާ ދިއުމުގެ ކުރިން ހަނދާންވެއްޖެނަމަ، އެ ވާޖިބު ގެންނާށެވެ. އަދި އޭނާގެ މައްޗަށް އެއްވެސް އިތުރު ކަމެއް ނެތެވެ.
ވާޖިބު އަދާކުރަން ޖެހޭ ތަން ފަހަނައަޅާ ދިއުމަށް ފަހު، ނަމަވެސް ޖެހިގެން އޮތް ރުކުނަށް ދެވުމުގެ ކުރިން، އެ ކަން ހަނދާންވެއްޖެ ނަމަ، އޭނާ ޖެހޭނީ ރުޖޫޢަވެ އެ ވާޖިބު ގެންނާށެވެ. ދެން ނަމާދު ފުރިހަމަކޮށް އަދި ސަލާމް ދޭށެވެ. ދެން އެއަށް ފަހު ކުށުސަޖިދަ ކޮށް ސަލާމް ދޭށެވެ.
އެކަމަކު ވާޖިބު ދޫވިކަން ހަނދާންވީ ޖެހިގެން އޮތް ރުކުނަށް ދެވުމަށް ފަހުން ކަމަށް ވަންޏާ، އެ ވާޖިބު އޭނާގެ ކިބައިން ވެއްޓުނީއެވެ. ވީމާ އެނބުރި އެއަށް ރުޖޫޢަވެގެން ނުވާނެއެވެ. ކިއެއްތަ، އޭނާ ނަމާދާއިގެން ކުރިއަށް ދާނީއެވެ. އަދި ސަލާމް ދިނުމުގެ ކުރިން ކުށު ސަޖިދަ ޖަހާނީއެވެ.
އޭގެ މިސާލެއް: މީހަކު ދެވަނަ ރަކްޢަތުގެ ދެވަނަ ސަޖިދައިން ބޯ އުފުލުމަށްފަހު، ފުރަތަމަ އައްތަޙިއްޔާތު ހަނދާންނައްތާލާފައި، ތިންވަނަ ރަކްޢަތަށް ތެދުވާން އުޅެނިކޮށް އެ ކަން ހަނދާންވީއެވެ. ވީމާ އޭނާ ޖެހޭނީ، އިށީނދެ މަޑުކުރާށެވެ. އަދި އައްތަޙިއްޔާތު ކިޔާށެވެ. ދެން މިއަށް ފަހު ނަމާދު ފުރިހަމަ ކުރާނީއެވެ. އޭނާގެ މައްޗަށް އެއްވެސް އިތުރު ކަމެއް ނެތެވެ.
ހަނދާންވީ ތެދުވުމަށް ފަހު، އެހެން ނަމަވެސް ކޮޅަށް ތެދުވެ ހަމަ ނުޖެހެނީސް ކަމަށް ވަންޏާ، ޖެހޭނީ އެނބުރި ގޮސް އިށީނދެ އައްތަޙިއްޔާތު ކިޔާށެވެ. ދެން މިއަށް ފަހު ނަމާދު ފުރިހަމަކޮށް ސަލާމް ދޭނީއެވެ. ދެން އޭގެ ފަހުން ކުށުސަޖިދަކޮށް ސަލާމް ދޭނީއެވެ.
ހަނދާންވީ ތެދުވެ ހަމަޖެހުމަށް ފަހު ކަމަށް ވަންޏާ، އޭނާގެ ކިބައިން އައްތަޙިއްޔާތު ވެއްޓުނީއެވެ. ވީމާ އެ އަށް އެނބުރި ރުޖޫޢަވެގެން ނުވާނެއެވެ. ޖެހޭނީ ނަމާދު ފުރިހަމަކޮށް އަދި ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަ ކުރާށެވެ.
މީގެ ދަލީލަކީ: ބުޚާރީ އަދި އެހެން ބޭކަލުން ޢަބްދުﷲ ބިން ބުޙައިނާ -ރަޟިޔައްﷲ ޢަންހު- ގެ އަރިއަހުން ރިވާކުރައްވާފައިވެއެވެ. ވިދާޅުވިއެވެ:
أنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلَّى بِهمْ الظُّهْرَ فَقَامَ فِي الرَّكْعَتَيْنِ الْأُولَيَيْنِ وَلَمْ يَجْلِسْ (يَعْني للتشَهُد الأوَّل) فَقَامَ النَّاسُ مَعَهُ حَتَّى إِذَا قَضَى الصَّلَاةَ وَانْتَظَرَ النَّاسُ تَسْلِيمَهُ كَبَّرَ وَهُوَ جَالِسٌ فَسَجَدَ سَجْدَتَيْنِ قَبْلَ أَنْ يُسَلِّمَ ثُمَّ سَلَّمَ
މާނަ: ''ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެ ބޭކަލުންނައިގެން މެންދުރު ނަމާދު ކުރެއްވިއެވެ. ފުރަތަމަ ދެ ރަކްޢަތަށް ފަހު އިށީދެވަޑައި ނުގަނެ (އެބަހީ ފުރަތަމަ އައްތަޙިއްޔާތަށް) ތެދުވެވަޑައިގަތެވެ. އެ ހިނދު މީސްތަކުން އެ ކަލޭގެފާނާއެކު ތެދުވިއެވެ. ދެން ނަމާދު ނިމުމުން ސަލާމް ދެއްވާނެ ކަމަށް މީސްތަކުން އިންތިޒާރުކޮށްގެން ތިއްބާ، އެ ކަލޭގެފާނު އިށީދެވަޑައިގެން އިންނަވާފައި ތަކްބީރު ވިދާޅުވެ، ސަލާމް ދެއްވުމުގެ ކުރިން ދެ ސަޖިދަ ކުރެއްވިއެވެ. ދެން އޭގެ ފަހުން ސަލާމް ދެއްވިއެވެ.''[5]
3- ޝައްކު
ޝައްކުވުމަކީ، ދެ ކަމެއްގެ ތެރެއިން ވީ ކޮން ކަމެއްކަން ޔަޤީން ނުވުމެވެ.
އަޅުކަންތަކުގައި، ތިން ހާލަތެއްގައި ޝައްކަކާމެދު އަޅާލުމެއް ނުދެވެއެވެ:
އެކެއް: އެއީ ހަމަ ޙަޤީޤަތެއް ނެތް ވަހުމެއް ނަމައެވެ. މިސާލަކަށް ވަސްވާހެވެ.
ދޭއް: އަޅުކަމެއް ކުރާ ކޮންމެ ފަހަރަކު އާދަވެގެން ޝައްކު އުފެދޭ ގޮތްވެއްޖެނަމައެވެ.
ތިނެއް: އަޅުކަންކޮށް ނިމުމަށް ފަހު ޝައްކު އުފެދިއްޖެނަމައެވެ. ޔަޤީން ނުވާހާ ހިނދަކު، އެ ކަމާ އަޅާލައިގެން ނުވާނެއެވެ. ވަކި ގޮތެއް ޔަޤީންވެއްޖެނަމަ އެ ގޮތަކަށް ކަންތައް ކުރާނީއެވެ.
އޭގެ މިސާލެއް: މީހަކު މެންދުރު ނަމާދު ކޮށް އަވަދިވީތަނާ، އޭނާއަށް ކުރެވުނީ ތިން ރަކްޢަތްތޯ ނޫނީ ހަތަރު ރަކްޢަތްތޯ ޝައްކު އުފެދުނީއެވެ. މި ހާލަތުގައި އޭނާ އެ ޝައްކާ މެދު އަޅާލައިގެން ނުވާނެއެވެ. ނަމަވެސް އޭނާ އަށް ކުރެވުނީ ތިން ރަކްޢަތް ކަމާ މެދު ކަނޑައެޅިގެން ޔަޤީންވެއްޖެނަމަ، އަދި އެއީ ނަމާދު ނިމުނުތާ ކުޑަ ހިނދުކޮޅެއްގެ ފަހުން ނަމަ، އެ ނަމާދު ފުރިހަމަ ކުރާށެވެ. ދެން އޭގެ ފަހުން ސަލާމް ދީފައި، ދެން ކުށުސަޖިދަކޮށް އަދި ސަލާމް ދޭށެވެ. ދިގު މުއްދަތެއް ފާއިތުވި ފަހުން ނޫނީ އެކަން ހަނދާން ނުވެއްޖެނަމަ، އޭނާ ޖެހޭނީ އެ ނަމާދު އަލުން ކުރާށެވެ.
މި ތިން ހާލަތް ނޫން ހާލަތްތަކުގައި އުފެދޭ ޝައްކަކީ އަޅާލާންޖެހޭ ޝައްކެކެވެ.
ނަމާދުގައި ވާ ޝައްކު މި އަންނަނިވި ދެ ގޮތުން ކުރެ ގޮތަކުން ބޭރެއް ނުވާނެއެވެ:
އެކެއް:
ޝައްކު އުފެދުނު ކަމުގެ ދެ ކޮޅުން ކުރެ ކޮޅެއް ބުރަވުމެވެ. މި ހިނދު އޭނާ ޖެހޭނީ ބުރަވި ކޮޅެއްގެ މަތީ ހުރެގެން ނަމާދު ފުރިހަމަކޮށް ދެން ސަލާމް ދޭށެވެ. ދެން އެއަށް ފަހު ކުށުސަޖިދަކޮށް ސަލާމް ދޭށެވެ.
އޭގެ މިސާލެއް: މީހަކު މެންދުރު ނަމާދު ކުރަން ހުރެފައި، މިހާރު މި ކުރެވެނީ ދެވަނަ ރަކްޢަތްތޯ ނޫނީ ތިންވަނަ ރަކްޢަތްތޯ ޝައްކު އުފެދުނީއެވެ. ނަމަވެސް އޭނާ ބޮޑަށް ބުރަވީ، އެއީ ތިންވަނަ ރަކްޢަތް ކަމަށެވެ. މި ހިނދު އޭނާ ޖެހޭނީ އެއީ ތިންވަނަ ރަކްޢަތް ކަމަށް ކަނޑައަޅައި އަދި އޭގެ ފަހުން އެއް ރަކްޢަތްކޮށް ސަލާމް ދޭށެވެ. ދެން އޭގެ ފަހުން ކުށުސަޖިދަކޮށް ސަލާމް ދޭނީއެވެ.
މީގެ ދަލީލަކީ: ޞަޙީޙައިނި އާއި އަދި އެ ނޫންވެސް ޙަދީޘްފޮތްތަކުގައި، ޢަބްދުﷲ ބިން މަސްޢޫދުގެ އަރިއަހުން ރިވާވެގެން ސާބިތުވެފައިވާ ޙަދީޘެވެ. އެކަލޭގެފާނު ރިވާ ކުރެއްވިއެވެ. ނަބިއްޔާ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ:
إِذَا شَكَّ أَحَدُكُمْ فِي صَلَاتِهِ فَلْيَتَحَرَّ الصَّوَابَ فَلْيُتِمَّ عَلَيْهِ ، ثُمَّ لِيُسَلِّمْ ، ثُمَّ يَسْجُدُ سَجْدَتَيْنِ (هذا لفظ البخاري)
މާނަ: ''ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ ނަމާދުގައި ޝައްކު އުފެދިއްޖެނަމަ، ފަހެ ރަނގަޅު ގޮތަކީ ކޮބައިތޯ ހޯދާ ބަލައި، އޭގެ މައްޗަށް ބިނާކޮށް ނަމާދު ފުރިހަމަކުރާށެވެ. ދެން ސަލާމް ދޭށެވެ. ދެން ދެ ސަޖިދަ ކުރާށެވެ.'' މިއީ ބުޚާރީގެ ލަފްޒެވެ.[6]
ދޭއް:
ޝައްކު އުފެދުނު ކަމުގެ ދެ ކޮޅުން ކުރެ ކޮޅެއް ބުރަނުވުމެވެ. މި ހިނދު އޭނާ ޖެހޭނީ ޔަޤީންވާ ގޮތާ އެއްގޮތްވާގޮތުގެ މަތިން ޢަމަލުކުރާށެވެ. އެއީ މަދު ޢަދަދެވެ. ވީމާ އޭގެ މައްޗަށް ބިނާކޮށް ނަމާދު ފުރިހަމަ ކުރާނީއެވެ. އަދި ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަކޮށް ދެން ނަމާދުން ސަލާމް ދޭނީއެވެ.
އޭގެ މިސާލެއް: ޢަޞްރު ނަމާދުކުރަން ހުރި މީހަކު، އެއީ ދެވަނަ ރަކްޢަތްތޯ ނޫނީ ތިންވަނަ ރަކްޢަތްތޯ ޝައްކު އުފެދުނީއެވެ. އެއީ ދެވަނަ ރަކްޢަތް ކަމަކަށް އަދި ތިންވަނަ ރަކްޢަތް ކަމަކަށް ވެސް، އޭނާއަށް ބުރައެއް ނުވެވުނެވެ. ވީމާ އޭނާ ޖެހޭނީ އެއީ ދެވަނަ ރަކްޢަތް ކަމަށް ކަނޑައަޅާށެވެ. އެ ގޮތުން ފުރަތަމަ އައްތަޙިއްޔާތު ކިޔައި، އޭގެ ފަހުން ދެ ރަކްޢަތް ކުރާނީއެވެ. ދެން ކުށުސަޖިދަ ޖަހައި ދެން ސަލާމް ދޭނީއެވެ.
މީގެ ދަލީލަކީ: މުސްލިމް، އަބޫ ސަޢީދުލް ޚުދްރީ -ރަޟިޔައްﷲ ޢަންހު- ގެ ކިބައިން ރިވާ ކުރައްވާފައިވާ މި ޙަދީޘެވެ. ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ:
إِذَا شَكَّ أَحَدُكُمْ فِي صَلَاتِهِ فَلَمْ يَدْرِ كَمْ صَلَّى ثَلَاثًا أَمْ أَرْبَعًا ؟ فَلْيَطْرَحْ الشَّكَّ وَلْيَبْنِ عَلَى مَا اسْتَيْقَنَ ثُمَّ يَسْجُدُ سَجْدَتَيْنِ قَبْلَ أَنْ يُسَلِّمَ ، فَإِنْ كَانَ صَلَّى خَمْسًا شَفَعْنَ لَهُ صَلَاتَهُ ، وَإِنْ كَانَ صَلَّى إِتْمَامًا لِأَرْبَعٍ كَانَتَا تَرْغِيمًا لِلشَّيْطَانِ
މާނަ: ''ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ ނަމާދުގައި ޝައްކު އުފެދި، އަދި ކުރެވުނީ ކިހާ ވަރެއްކަން -އެއީ ތިނެއްކަން ނުވަތަ ހަތަރެއްކަން- ނޭނގިއްޖެނަމަ، ފަހެ ޝައްކު އެއްކިބާކޮށް އޭނާއަށް ޔަޤީންވާ ޢަދަދުގެ މައްޗަށް ބިނާކުރާށެވެ. ދެން އެއަށް ފަހު ސަލާމް ދިނުމުގެ ކުރިން ދެ ސަޖިދަ ޖަހާށެވެ. އޭރުން، އޭނާ އަށް ކުރެވުނީ ފަސް ރަކްޢަތް ކަމަށްވަންޏާ، އެ، އޭނާގެ ނަމާދު ހިރި ކޮށްފިއެވެ. އަދި އޭނާ އަށް ކުރެވުނީ ފުރިހަމަ ހަތަރު ރަކްޢަތް ކަމަށްވަންޏާ، އެ، ޝައިޠާނާ އަށް ދެވޭ ނިކަމެތިކަމެއް ކަމުގައި ވެއެވެ.''[7]
ޝައްކު އުފެދުމުގެ އެހެން މިސާލެއް:
މީހަކު ނަމާދަށް އަންނައިރު އިމާމާ ރުކޫޢުގައި އޮވެއްޖެނަމަ، އޭނާ ޖެހޭނީ ސީދަލަށް ކޮޅަށް ހުރެ ހަށަންބަންނަ ތަކްބީރު ކިޔައި، ދެން ރުކޫޢު ކުރާށެވެ. މިފަދަ ހާލަތެއް ދިމާވާއިރު، މި އަންނަނިވި ތިން ގޮތުން ކުރެ ގޮތަކުން ބޭރެއް ނުވާނެއެވެ:
އެކެއް: އިމާމްމީހާ ރުކޫޢުން ތެދުވުމުގެ ކުރިން، އޭނާއަށް އިމާމާއި ބައިވެރިވެވިއްޖެކަން ޔަޤީންވީއެވެ. މިހެންވީމާ ބެލެވޭނީ، އޭނާއަށް ރަކްޢަތް ލިބުނު ކަމަށެވެ. ވީމާ އަލްޙަމްދު ކިޔުން އޭނާގެ ކިބައިން ވެއްޓޭނެއެވެ.
ދޭއް: އޭނާ އިމާމާއި ބައިވެރިވެވުމުގެ ކުރިން، އިމާމް މީހާ ރުކޫޢުން ތެދުވެއްޖެކަން ޔަޤީންވީއެވެ. މިހެންވީމާ ބެލެވޭނީ، އޭނާއަށް އެ ރަކްޢަތް ގެއްލުނީ ކަމަށެވެ.
ތިނެއް: އިމާމްމީހާ ރުކޫޢުގައި އޮއްވާ އޭނާއަށް އިމާމާއި ބައިވެރިވެވިގެން ރަކްޢަތް ލިބުނީތޯ، ނުވަތަ އޭނާ އިމާމާއި ބައިވެރިވެވުމުގެ ކުރިން އިމާމް މީހާ ރުކޫޢުން ތެދުވުނީމާ އޭނާއަށް ރަކްޢަތް ގެއްލުނީތޯ، ޝައްކު އުފެދުނީއެވެ. މި ހާލަތުގައި އޭނާ އަށް ވަކި ގޮތެއް ބުރަވެއްޖެނަމަ، ބުރަވި ގޮތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކޮށް ނަމާދު ނިންމާ ސަލާމް ދޭނީއެވެ. ދެން ކުށުސަޖިދަ ޖަހައި ސަލާމް ދޭނީއެވެ. މިއީ އޭނާ އަށް ޖަމާޢަތުން ބައެއް ގެއްލޭ ހާލަތުގައެވެ. ނަމަވެސް އޭނާ އަށް ޖަމާޢަތުން ބައެއް ނުގެއްލޭނަމަ، ކުށުސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ.
ދެ ގޮތުން ކުރެ ގޮތަކަށް އޭނާ ބުރަ ނުވާނަމަ، ޢަމަލު ކުރަން ޖެހޭނީ ޔަޤީންވާ ގޮތާ އެއްގޮތްވާގޮތުގެ މަތިންނެވެ. ޔަޤީންވާ ގޮތަކީ (އޭނާއަށް ރަކްޢަތް ގެއްލުން) އެވެ. ވީމާ މި ގޮތުގެ މައްޗަށް ބިނާކޮށް ނަމާދު ފުރިހަމަ ކުރާނީއެވެ. ދެން ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަ ޖަހައި، އޭގެ ފަހުން ސަލާމް ދޭނީއެވެ.
ސަމާލުކަމެއް:
ނަމާދުގައި ޝައްކު އުފެދުނީމާ، މަތީގައި ބުނެވި ދިޔަ ތަފްޞީލުގެ ދަށުން، އޭނާއަށް ޔަޤީންވި ގޮތަކަށް، ނުވަތަ ބޮޑަށް ބުރަވާ ގޮތަކަށް ޢަމަލުކުރުމަށްފަހު، އޭނާ އަށް ކަންތައް ކުރެވުނީ ހަމަ އަސްލުވެސް ކުރަން ޖެހޭ ގޮތަށް ކަމާއި ކަމެއް އިތުރުވެސް ނުވާ ކަމާއި އަދި މަދުވެސް ނުވާކަން ހާމަވެއްޖެނަމަ، ކުށުސަޖިދަ ޖެހުން އޭނާގެ ކިބައިން ވެއްޓުނީއެވެ. އެހެނީ ކުށުސަޖިދަ ޖަހަން ޖެހޭ ސަބަބު ކަމުގައިވާ ޝައްކުވުން ފިލައިގޮސްފިއެވެ. މިއީ މަޛްހަބުގައި (ޙަންބަލީ މަޛްހަބު) އޮންނަ މަޝްހޫރު ގޮތެވެ.
އެހެން ރައުޔެއްގައި ވަނީ: ކުށުސަޖިދަ ޖެހުން ނުވެއްޓޭނެ ކަމަށެވެ. އެއީ ކުށުސަޖިދަ ޖަހައިގެން، ޝައިޠާނާ އަށް ނިކަމެތިކަމެއް ދިނުމަށްޓަކައެވެ. ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘްފުޅުގައި ވަނީ ''އަދި އޭނާ އަށް ކުރެވުނީ ފުރިހަމަ ހަތަރު ރަކްޢަތް ކަމަށްވަންޏާ، އެ، ޝައިޠާނާ އަށް ދެވޭ ނިކަމެތިކަމެއް ކަމުގައި ވެއެވެ.'' އަދި ޝައްކުމަތީގައި ހުރެ ނަމާދުގެ ބައެއް އޭނާ އަދާކޮށްފައިވާތީއެވެ. ބޮޑަށް ރަނގަޅު ރައުޔަކީ މިއީއެވެ.
އޭގެ މިސާލެއް: މީހަކު ނަމާދަށް ހުއްޓާ އެއީ ދެވަނަ ރަކްޢަތްތޯ ނޫނީ ތިންވަނަ ރަކްޢަތްތޯ ޝައްކު އުފެދުނީއެވެ. އަދި ދެ ގޮތުން ކުރެ ގޮތަކަށް އޭނާއަށް ބުރަ ވެސް ނުވެވުނެވެ. އެހެންވެ، އެއީ ދެވަނަ ރަކްޢަތް ކަމަށް ބަލައި، އޭނާ ނަމާދު ފުރިހަމަ ކުރީއެވެ. ދެން އޭގެ ފަހުން، އެއީ ހަމަ އަސްލުވެސް ދެވަނަ ރަކްޢަތްކަން ހާމަވީއެވެ. ވީމާ މަޛްހަބުގެ މަޝްހޫރު ރައުޔުގައި ވާގޮތުން، އޭނާ ކުށުސަޖިދަ ޖަހާކަށް ނުޖެހޭނެއެވެ. ނަމަވެސް ދެވަނަ ރައުޔުގައި، -އެއީ ބޮޑަށް ރަނގަޅު ކަމަށް އަހަރެން ދެކޭ ރައުޔު- ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަ ޖަހަން ޖެހޭނެއެވެ.
މައުމޫމު ކުށުސަޖިދަ ޖެހުން:
އިމާމު ހަނދާން ނެތިއްޖެނަމަ، އޭނާ ޖަހާ ކުށުސަޖިދައަށް މައުމޫމު ތަބާވުމަކީ ވާޖިބު ކަމެކެވެ. އެއީ ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މި ޙަދީޘް ބަސްފުޅު އޮތީމައެވެ.
إِنَّمَا جُعِلَ الْإِمَامُ لِيُؤْتَمَّ بِهِ ، فَلَا تَخْتَلِفُوا عَلَيْهِ » . إلى أن قال: « وَإِذَا سَجَدَ فَاسْجُدُوا»
މާނަ: ''ހަމަކަށަވަރުން އިމާމު ކަނޑައެޅިފައި ވަނީ، އޭނާއަށް ތަބާވުމަށްޓަކައެވެ. ފަހެ ތިޔަބައިމީހުން އޭނާއާ ޚިލާފު ނުވާށެވެ.'' މިހެން ގޮސް ''އަދި އޭނާ ސަޖިދަ ޖަހައިފިއްޔާ ތިޔަބައިމީހުން ސަޖިދަ ޖަހާށެވެ.'' އޮތް ހިސާބަށެވެ. (މުއްތަފަޤުން ޢަލައިހި)[8]
އިމާމު ކުށުސަޖިދަ ޖެހީ ސަލާމް ދިނުމުގެ ކުރިން ނުވަތަ އޭގެ ފަހުން ކަމަށް ވިޔަސް، މައުމޫމު އޭނާއަށް ތަބާވުމަކީ ވާޖިބުވެގެންވާ ކަމެކެވެ. މި ކަމަށް ވާ އިސްތިސްނާއަކީ، މައުމޫމު އެއީ ލަހުން އައިސްގެން ނަމާދުން ބައެއް ގެއްލިފައިވާ މީހަކަށް ވުމެވެ. ފަހެ މިފަދަ މީހާ، ސަލާމް ދިނުމުގެ ފަހުން ޖަހާ ކުށު ސަޖިދަ ޖެހުމުގައި އިމާމާއަށް ތަބާވާން ނުޖެހެއެވެ. އެއީ މިއީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ ލަހުން އައިސްގެން ނަމާދުން ބައެއް ގެއްލިފައިވާ މީހާ އަށް އިމާމުއާ އެކު ސަލާމް ނުދެވޭނެއެވެ. ވީމާ އޭނާ ޖެހޭނީ ނަމާދުން ގެއްލުނު ބައި ގެނެސް، ނަމާދުން ސަލާމް ދޭށެވެ. އަދި އޭގެ ފަހުން ކުށުސަޖިދަ ޖަހައި ސަލާމް ދޭށެވެ.
އޭގެ މިސާލެއް: ނަމާދުގެ ފަހު ރަކްޢަތުގައި މީހަކު އިމާމު އާ އިޤްތިދާވީއެވެ. އޭރު ސަލާމް ދިނުމުގެ ފަހުން ޖަހަން ޖެހޭ ކުށުސަޖިދައެއް އިމާމު ޖަހަން ޖެހިފައި އޮތެވެ. ވީމާ، އިމާމު ސަލާމް ދިނުމުން އޭނާ ޖެހޭނީ، ނަމާދުން ގެއްލިފައި އޮތް ބައި ފުރިހަމަކުރަން ތެދުވާށެވެ. އިމާމުއާ އެކު ކުށުސަޖިދަ ޖަހައިގެން ނުވާނެއެވެ. ނަމާދުން ގެއްލުނު ބައި ފުރިހަމަކޮށް ސަލާމް ދީ ނިމުނީމާ، ދެން ކުށުސަޖިދަ ޖަހާނީއެވެ.
ދެން ހަމައެކަނި މައުމޫމު ހަނދާން ނެތިއްޖެނަމަ، އޭނާ އަށް ނަމާދުން ބައެއް ގެއްލިފައި ނެތިއްޔާ، ކުށު ސަޖިދަ ޖަހަން ނުޖެހޭނެއެވެ. އެހެނީ އޭނާ ކުށުސަޖިދަ ޖަހައިފިއްޔާ އިމާމު އާ ޚިލާފުވެވި އިމާމު އަށް ތަބާވާ ތަބާވުމަށް ގުޑުން އެރީއެވެ. ޞަޙާބީ ބޭކަލުން -ރަޟިޔަﷲ ޢަންހުމް- ވެސް، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އައްތަޙިއްޔާތު ހަނދުމަފުޅުނެތިވަޑައިގަތީމާ، އައްތަޙިއްޔާތު ދޫކޮށްލެއްވިއެވެ. އެ ބޭކަލުން އިށީނދެވަޑައި ނުގަނެ، އެ ކަލޭގެފާނާ އެއްކޮށް ތެދުވެވަޑައިގަތެވެ. އެއީ އިމާމު އާ ޚިލާފު ނުވެ އޭނާއާ ތަބާވާން ޖެހޭ ޖެހުމަށް ރައްކާތެރިވެ ވަޑައިގަތުމުގެ ގޮތުންނެވެ.
އެކަމަކު ނަމާދުން ބައެއް ގެއްލިފައިވާ މީހަކު، އިމާމު ފަހަތުގައި ހުއްޓާ ނުވަތަ ގެއްލުނު ބައި ފަހުން ފުރިހަމަ ކުރި ކުރުމުގެ ތެރޭގައި ހަނދާން ނެތިއްޖެނަމަ، ކުށުސަޖިދަ ޖެހުން ނުވެއްޓޭނެއެވެ. މި ހާލަތުގައި އޭނާ ޖެހޭނީ ގެއްލުނު ބައި ފުރިހަމަކޮށް، ސަލާމް ދިނުމުގެ ފަހުން ނުވަތަ ކުރިން -ކުރިން ބުނެވި ދިޔަ ތަފްޞީލާ އެއްގޮތްވާގޮތުގެ މަތިން- ކުށުސަޖިދަ ޖަހާށެވެ.
އޭގެ މިސާލެއް: ރުކޫޢުގައި '' سُبْحَانَ رَبِّي العَظيْم '' އޭ ކިޔަން މައުމޫމު ހަނދާން ނެތުނީއެވެ. އޭނާއަށް ނަމާދުން ބައެއް ގެއްލިފައެއް ނެތެވެ. ވީމާ ކުށުސަޖިދަ ޖަހަން އޭނާއަކަށް ނުޖެހޭނެއެވެ. ނަމަވެސް އޭނާ އަށް ނަމާދުން ރަކްޢަތެއް ނުވަތަ އެއަށް ވުރެ ގިނައިން ގެއްލިފައި ވާނަމަ، އެ ފުރިހަމަ ކުރުމަށްފަހު ދެން ސަލާމްދިނުމުގެ ކުރިން ކުށުސަޖިދަ ޖަހަން ވާނެއެވެ.
އަނެއް މިސާލު: އިމާމު އާ އެކު މެންދުރު ނަމާދު ކުރަން ހުރި މައުމޫމަކު، އިމާމު ހަތަރުވަނަ ރަކްޢަތަށް ތެދުވުނު އިރު، އޭނާ އެ ހުރީ ފަހު ރަކްޢަތުގައި ކަމަށް ހީކޮށް ނުތެދުވެ އިށީނދެ އިނީއެވެ. ނަމަވެސް އިމާމު ތެދުވެއްޖެކަން ރޭކާލީމާ އޭނާ ވެސް ތެދުވެއްޖެއެވެ. މި މީހާއަށް ނަމާދުން ބައެއް (ޖަމާޢަތުން ބައެއް) ގެއްލިފައި ނުވާނަމަ، ކުށު ސަޖިދަ ކުރުމެއް ނެތެވެ. އެކަމަކު އޭނާއަށް ނަމާދުން ރަކްޢަތެއް ނުވަތަ އެއަށް ވުރެ ގިނައިން ގެއްލިފައިވާ ނަމަ، ޖެހޭނީ އެ ފުރިހަމަކޮށް ސަލާމް ދީ، ދެން އޭގެ ފަހުން ކުށުސަޖިދަ ޖަހައި ސަލާމް ދޭށެވެ. މި ކުށު ސަޖިދަ އަކީ، އިމާމު ހަތަރުވަނަ ރަކްޢަތަށް ތެދުވި ވަގުތު އޭނާ އިށިނދެ އިން އިނުމުން ނަމާދަށް ގެނެވުނު އިތުރު ކަމަށްޓަކައި ޖަހާ ސަޖިދައެކެވެ.
ޚުލާޞާ
މަތީގައި ދިޔަ ވާހަކަތަކުން އަހަރެމެންނަށް އެނގުނު އެއްޗަކީ، ކުށުސަޖިދަ ބައެއް ފަހަރު ސަލާމް ދިނުމުގެ ކުރިން، އަދި އަނެއް ބައި ފަހަރު ސަލާމް ދިނުމުގެ ފަހުން އޮންނަ ކަމެވެ.
ސަލާމް ދިނުމުގެ ކުރިން ޖަހަން ޖެހެނީ ދެ ހާލަތެއްގައެވެ:
އެކެއް: އެއީ ނަމާދަށް ގެނެވޭ އުނިކަމެއްގެ ސަބަބުން ކަމަށް ވާނަމައެވެ. އެއީ ޢަބްދުﷲ ބިން ބުޙައިނާ -ރަޟިޔަﷲ ޢަންހު- ރިވާ ކުރައްވާފައިވާ ޙަދީޘްގައި، ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަނދުމަފުޅު ނެތިވަޑައިގެން ފުރަތަމަ އައްތަޙިއްޔާތު ދޫކުރެއްވުނީމާ، ސަލާމް ދެއްވުމުގެ ކުރިން ކުށުސަޖިދަ ޖެއްސެވި ކަމަށް އޮތީމައެވެ. މި ޙަދީޘްގެ ލަފްޡާ އެކު މަތީގައި ބަޔާންވެ ހިނގައްޖެއެވެ.
ދޭއް: އެއީ ދެ ކޮޅުން ކުރެ ކޮޅެއް ބުރަ ނުވާ ޝައްކެއްގެ ސަބަބުން ކަމަށް ވާނަމައެވެ. އެއީ އަބޫ ސަޢީދުލް ޚުދްރީ -ރަޟިޔަﷲ ޢަންހު- ރިވާކުރައްވާފައިވާ، ނަމާދުގައި ޝައްކު އުފެދި ކުރެވުނީ ތިން ރަކްޢަތް ކަން ނުވަތަ ހަތަރު ރަކްޢަތް ކަން ނޭނގުނު މީހާ ކަންތައް ކުރަން ޖެހޭ ގޮތުގެ ޙަދީޘް އޮތީމައެވެ. އެ ފަދަ މީހަކަށް ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރު ކުރައްވާފައި އޮތީ، ސަލާމް ދިނުމުގެ ކުރިން ދެ ސަޖިދަ ޖެހުމަށެވެ. މި ޙަދީޘްގެ ލަފްޡާ އެކު މަތީގައި ބަޔާންވެ ހިނގައްޖެއެވެ.
ސަލާމް ދިނުމުގެ ފަހުން ޖަހަން ޖެހެނީ ދެ ހާލަތެއްގައެވެ:
އެކެއް: އެއީ ނަމާދަށް ގެނެވޭ އިތުރުކަމެއްގެ ސަބަބުން ކަމަށް ވާނަމައެވެ. އެއީ ޢަބްދުﷲ ބިން މަސްޢޫދު -ރަޟިޔަﷲ ޢަންހު- ، ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މެންދުރު ނަމާދުގައި ފަސް ރަކްޢަތް ކުރެއްވުމުން، ސަލާމް ގެ ފަހުން އެކަން ހަނދުމަކޮށް އެރުވުނީމާ، ދެ ސަޖިދަ ޖައްސަވައި ސަލާމް ދެއްވި ކަމަށް، ރިވާ ކުރައްވާފައިވާ ޙަދީޘް އޮތީމައެވެ. ސަލާމް ދެއްވުމަށް ފަހު ކުށުސަޖިދަ ޖެއްސެވީ، އިތުރު ކުރެއްވުނުކަން، ސަލާމް ދެއްވުމުގެ ފަހުން ނޫނީ އެނގިވަޑައި ނުގަތުމުން ކަމެއް، އެ ކަލޭގެފާނު ބަޔާންކޮށެއް ނުދެއްވައެވެ. ވީމާ އެ ދަލީލުކޮށް ދެނީ އޭގެ ޢާއްމު ޙުކުމެވެ. ނަމާދަށް ކަމެއް އިތުރު ކުރެވިއްޖެނަމަ، ސަލާމް ދިނުމުގެ ކުރިން ނުވަތަ ފަހުން އެކަން އެނގުނަސް، ކުށު ސަޖިދަ އޮންނާނީ ސަލާމް ދިނުމުގެ ފަހުން ކަމެވެ.
ހަމަ އެހެންމެ، ނަމާދު ފުރިހަމަކޮށް ނިމުމުގެ ކުރިން ހަނދާން ނެތިގެން ސަލާމް ދިނުމަށް ފަހު، އެކަން ހަނދާންވުމުން ނަމާދު ފުރިހަމަކޮށްފިއްޔާ، އޭނާ ވާނީ ނަމާދަށް އިތުރު ސަލާމެއް އިތުރު ކުރިކަމަށެވެ. ވީމާ ނަމާދުން ސަލާމް ދިނުމަށް ފަހު ކުށުސަޖިދަ ޖަހަން ޖެހޭނެއެވެ. އެއީ، ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މެންދުރު ނުވަތަ ޢަޞްރު ނަމާދެއް ކުރައްވަން ހުންނަވާފައި ދެވަނަ ރަކްޢަތުން ސަލާމް ދެއްވީމާ، އެކަން ހަނދުމަކޮށް އެރުވުނީމާ އެ ނަމާދު ފުރިހަމަކުރައްވައި ސަލާމް ދެއްވުމަށް ފަހު ދެން ކުށުސަޖިދަ ޖައްސަވައި ސަލާމް ދެއްވި ކަމަށް، އަބޫ ހުރައިރާ -ރަޟިޔަﷲ ޢަންހު- ރިވާ ކުރައްވާފައިވާ ޙަދީޘް އޮތީމައެވެ. މި ޙަދީޘްގެ ލަފްޡާ އެކު މަތީގައި ބަޔާންވެ ހިނގައްޖެއެވެ.
ދޭއް: އެއީ ދެ ކޮޅުން ކުރެ ކޮންމެވެސް ކޮޅަކަށް ބުރަވާ ޝައްކެއްގެ ސަބަބުން ކަމަށް ވާނަމައެވެ. އެއީ އިބްނު މަސްޢޫދު -ރަޟިޔަﷲ ޢަންހު- ރިވާ ކުރައްވާފައިވާ މި ޙަދީޘް ފުޅުގައި، ނަމާދުގައި ޝައްކު އުފެދިއްޖެނަމަ، ރަނގަޅު ގޮތަކީ ކޮބައިތޯ ހޯދާ ބަލައި، އޭގެ މައްޗަށް ބިނާކޮށް ނަމާދު ފުރިހަމަކުރުމަށް ފަހު ސަލާމް ދީ ސަޖިދަ ޖެހުމަށް، ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރު ކުރައްވާފައިވާތީއެވެ. މި ޙަދީޘްގެ ލަފްޡާ އެކު މަތީގައި ބަޔާންވެ ހިނގައްޖެއެވެ.
ދެން މީހަކަށް އެއް ނަމާދެއްގައި، ސަލާމް ދިނުމުގެ ކުރިން ކުށުސަޖިދަ ޖަހަން ޖެހޭ ހަނދާންނެތުމަކާއި، ސަލާމް ދިނުމުގެ ފަހުން ކުށުސަޖިދަ ޖަހަން ޖެހޭ ހަނދާންނެތުމެއް ކުރިމަތިވެއްޖެނަމަ، ޢިލްމުވެރިން ވިދާޅުވަނީ: ދޭތީގެ ތެރެއިން ގަދަކަން ލިބޭނީ ސަލާމް ދިނުމުގެ ކުރިން ޖަހަން ޖެހޭ ކުށުސަޖިދައަށް ކަމަށެވެ.
އޭގެ މިސާލެއް: މެންދުރު ނަމާދު ކުރަން ހުރި މީހަކު، ފުރަތަމަ އައްތަޙިއްޔާތަށް ނު އިށީނދެ ތިންވަނަ ރަކްޢަތަށް ތެދުވުނީއެވެ. ދެން އަނެއްކާ ތިންވަނަ ރަކްޢަތުގައި އެއީ ދެވަނަ ރަކްޢަތް ކަމަށް ހީކޮށް، އައްތަޙިއްޔާތަށް އިންދާ އެކަން ހަނދާންވީއެވެ. ވީމާ އޭނާ ޖެހޭނީ ތެދުވެ ބާކީ އޮތް އެއް ރަކްޢަތް ގެނެސް، ކުށުސަޖިދަ ޖަހައި ދެން ސަލާމް ދޭށެވެ.
ފަހެ މި މީހާ ވަނީ ފުރަތަމަ އައްތަޙިއްޔާތު ދޫކޮށްފައެވެ. މި ކަމަށް ކުށުސަޖިދަ ޖަހަން ޖެހޭނީ ސަލާމް ދިނުމުގެ ކުރިންނެވެ. ދެން ތިންވަނަ ރަކްޢަތުގައި އިތުރު އިށީނުމެއް އިށީނދެފައެވެ. މި ކަމަށް ކުށުސަޖިދަ ޖަހަން ޖެހޭނީ ސަލާމް ދިނުމުގެ ފަހުންނެވެ. ނަމަވެސް ދެ ކުށުސަޖިދައިގެ ތެރެއިން ގަދަކަން ދެވުނީ ސަލާމް ދިނުމުގެ ކުރިން ޖަހާ ކުށު ސަޖިދައަށެވެ. މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.
ﷲ ބާވައިލެއްވި ކީރިތި ޤުރުއާނާއި އެ ކަލާނގެ ފޮނުއްވި ރަސޫލާގެ ސުންނަތް ފަހުމުވެ، އަދި ޢަޤީދާއާއި، އަޅުކަމާއި، މުޢާމަލާތްތަކުގައި، އެ ދޭއްޗަށް ބޭރުފުށުންނާއި އެތެރެފުށުން ޢަމަލު ކުރުމުގެ ތައުފީޤު އަހެރެންނަށާއި އަހަރެންގެ މުސްލިމް އަޚުންނަށް ދެއްވުމަށާއި އަދި އަހަރެމެންގެ ނިމުން އެއީ ރަނގަޅު ނިމުމެއް ކަމުގައި ލެއްވުން އެދި، މާތް ﷲ ދުޢާކުރަމެވެ. ހަމަކަށަވަރުން އެ ކަލާނގެ އެއީ ދީލަތިވަންތަ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.
އަދި ހުރިހާ ޙަމްދަކާއި ޘަނާއެއް ހުރީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އަދި ޞަލަވާތާއި ސަލާމް ހުރީ އަހަރެމެންގެ ނަބިއްޔާ މުޙައްމަދު އަދި އެކަލޭގެފާނުގެ އާލުންނާއި އެންމެހާ އަޞްޙާބުންނަށެވެ.
ލިޔެފައި ވަނީ، ﷲ ތަޢާލާ އަށް ފަޤީރު
މުޙައްމަދު ބިން ޞާލިޙް އަލްޢުޘައިމީން ގެ ޤަލަމުން
4/3/1400ހ
[1] މުއްތަފަޤުން ޢަލައިހި، ޞަޙީޙް އަލްބުޚާރީގެ ޤިބްލައާ ބެހޭ ގޮތުން އައިސްފައިވާ ޙަދީޘްތައް ނަންގަތް ބާބު (401) އަދި ހަނދާން ނެތުން ނަންގަތް ބާބު (1227) އަދި މި ނުން ވެސް ތަންތާނގައި. ޞަޙީޙް މުސްލިމްގެ ނަމާދުގައި ހަނދާންނެތުން ނަންގަތް ބާބު (527)
[2] ރަވާހު އަބޫދާއޫދު: ފަސްރަކްޢަތް ކޮއްފިޔާ އޭ ނަންގަތް ބާބު (2019). ތިރްމިޛީ: ސަލާމްދީ ވާހަކަ ދެއްކުމަށް ފަހު ދެ ސަޖިދަ ޖެހުން ނަންގަތް ބާބު(393). ނަސާއީ: ހޯދާ ބެލުމުން ނަންގަތް ބާބު(1242). އިބްނު މާޖާ: ނަމާދުގައި ޝައްކުވާ މީހާ ނަންގަތް ބާބު(1211)
[3] އެއީ އިތުރުކުރުމެއް ކަމަށް ބެލެވޭ ގޮތަކީ، ނަމާދުގެ ތެރޭގައި އިތުރު ސަލާމް ދިނުމެއް ގެނައިމައެވެ
[4] ރިވާކުރެއްވީ އަލްބުޚާރީ، ކިތާބު އައްޞަލާތުގެ މިސްކިތުގައި އެއް އަތުގެ އއިނގިލިތައް އަނެއް އަތުގެ އިނގިލިތެރެއަށް ވައްދައިގެން ހުރުން ނަންގަތް ބާބު (482) (714) (715) އަދި ހަނދާންނެތުން ނަންގަތް ބާބު(1226) އަދި މި ނުންވެސް ތަންތާނގައި. މުސްލިމް ރިވާކުރެއްވީ، ނަމާދުގައި ހަނދާން ނެތުން ނަންގަތް ބާބުގައި(573)
[5] ރިވާކުރެއްވީ އަލްބުޚާރީ، ތަޝައްހުދަކީ ވާޖިބެއްކަމަށް ނުދެކޭ މީހުން ނަންގަތް ބާބު(829) އަދި ހަނދާން ނެތުމުގެ ބާބު(1224) (1225) އަދި މި ނުންވެސް ތަންތާނގައި. މުސްލިމް ރިވާ ކުރެއްވީ ނަމާދުގައި ހަނދާން ނެތުމުގެ ބާބުގައި(570)
[6] އަލްބުޚާރީ ރިވާކުރެއްވީ، ޤިބްލައަށް ކުރިމަތިލުން ނަންގަތް ބާބުގައި(401) މުސްލިމް ރިވާކުރެއްވީ ނަމާދުގައި ހަނދާން ނެތުން ނަންގަތް ބާބުގައި(572)
[7] މުސްލިމް ރިވާކުރެއްވީ ނަމާދުގައި ހަނދާންނެތުން ނަންގަތް ބާބުގައި(571)
[8] އަލްބުޚާރީ ރިވާކުރެއްވީ، އިމާމް މީހާ ކަނޑައެޅުނީ އޭނާއާ ތަބާވުމަށޭ ނަންގަތް ބާބުގައި(657) މުސްލިމް ރިވާކުރެއްވީ މައުމޫމު އިމާމާ އަށް އިޤްތިދާވުން ނަންގަތް ބާބު(412) . އިމާމް އަޙްމަދު (420)
ގުޅުންހުރި: