ހޮނިހިރު20181110

އާކުރެވުނީ: 08:43:52

ނަމާދު ވަގުތުތައް

namaadhu-vaguthuމާތް ﷲ ވަނީ މި އުއްމަތުގެ މައްޗަށް ރެޔަކާއި ދުވާލު، ފަސް ނަމާދު ފަރުޟު ކުރައްވާފައެވެ. އެ ނަމާދުތަކަކީ، މާތް ﷲ ދެނެވޮޑިގެންވާ ވަކި ޙިކްމަތަކަށްޓަކައި، އެއަށް ވަކި ވަގުތުތަކެއް ކަނޑައެޅިފައިވާ ނަމާދުތަކެކެވެ. އެނގޭ އެއް ޙިކުމަތަކީ، ދުވާލާއި ރޭގަނޑު ވެސް، އަޅާގެ ހިތް ހެއްދެވި ފަރާތާއި ގުޅިފައި ބެއްވުމެވެ. ހެނދުނާއި ހަވީރު ގަހަށް ފެންދެނީ ގަސް ހެދިބޮޑު ވިޔަ ދިނުމަށް ކަމަށް ވަންޏާ، ފަތިހާއި މެންދުރާއި ހަވީރާއި ރޭގަނޑު ނަމާދު ކުރަނީ، އިންސާނާގެ ރޫޙަށް ދެވޭ ކާނާއެއްގެ ގޮތުގައި ކަމަށް ފަހަރެއްގައި ސިފަ ކުރެވިދާނެއެވެ. އަބަދު ވެސް މާތް ﷲ މަތިން ހަނދުމަ ކުރުމަށެވެ.

އަބަދުވެސް ސީދާ މަގުގައި ހުރުމަށެވެ. އަބަދުވެސް މުންކަރާތާއި ފާޙިޝް ކަންތަކުން ދުރުވެ ހުރުމަށެވެ. ރެއާ ދުވާލު، ހަފްތާއަކު ހަތް ދުވަހު، އަހަރުގެ ތިންސައްތަ ސައުރަވަންނަ ދުވަހުއެވެ.

 

ވަގުތުބެލުން:

ވަގުތު ބެލެނީ އަބަދުވެސް ކޮންމެވެސް އެއްޗަކަށް ނުވަތަ ތަނަކަށް ނިސްބަތްކޮށެވެ. މިގޮތުން ނަމާދު ވަގުތު ބެލެނީ އިރަށް ނިސްބަތްކޮށެވެ. މިލިއުމުގައި މި ވާ ގޮތަށް، ހުރިހާ ތަނަކަށް ނަމާދުވަގުތު ނުހޯދުމަކީ އެކަށީގެންވާ ކަމެކެވެ. މިސާލަކަށް މިބިން ނޫން އެހެންތަނަކަށް ނަމާދުވަގުތު މިގޮތަށް ނު ހޯދި ދާނެއެވެ. އަދި މިބިމުގެ އެންމެ އުތުރާއި އެންމެ ދެކުނަށް (އިރު އޮއްސުމަށް ފަހު އަންނަ ރަތްވިލާ އާއި އިރު އެރުމުގެ ކުރިން އަންނަ ރަތްވިލާ އެކުވާ ހިސާބަށް ނޫނީ އެއަށްވުރެ އެތަނާ ބިމުގެ ކައިރި ޤުޠުބާއި، ކައިރި ހިސާބަށް) ނަމާދުވަގުތު މިގޮތަށް ނުހޯދި ދާނެއެވެ.

ނަމާދު ވަގުތު:

ނަމާދު ވަގުތަކީ ކޮބައިކަން ކުރު ގޮތަކަށް ބަލަންޏާ ތިރީގައި މިވާ ދެ ޙަދީޘަށް ބަލާލުން ފުދޭނެއެވެ. މި ޙަދީޘްގައި ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މި ވަނީ، ނަމާދު ވަގުތުތައް ބަޔާންކޮށްދެއްވާފައެވެ.

ފުރަތަމަ ޙަދީޘް:

عَنْ ‏ ‏عَبْدِ اللَّهِ بْنِ عَمْرٍو ‏ أَنَّ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏وَقْتُ الظُّهْرِ إِذَا ‏ ‏زَالَتْ ‏ ‏الشَّمْسُ وَكَانَ ظِلُّ الرَّجُلِ كَطُولِهِ مَا لَمْ يَحْضُرْ الْعَصْرُ وَوَقْتُ الْعَصْرِ مَا لَمْ تَصْفَرَّ الشَّمْسُ وَوَقْتُ صَلَاةِ الْمَغْرِبِ مَا لَمْ يَغِبْ الشَّفَقُ وَوَقْتُ صَلَاةِ الْعِشَاءِ إِلَى نِصْفِ اللَّيْلِ الْأَوْسَطِ وَوَقْتُ صَلَاةِ الصُّبْحِ مِنْ طُلُوعِ الْفَجْرِ مَا لَمْ تَطْلُعْ الشَّمْسُ فَإِذَا طَلَعَتْ الشَّمْسُ فَأَمْسِكْ عَنْ الصَّلَاةِ فَإِنَّهَا تَطْلُعُ بَيْنَ قَرْنَيْ شَيْطَانٍ

މާނައަކީ: ޢަބްދުﷲ ބިން ޢަމްރު ރިވާކުރެއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ: ''މެންދުރު ނަމާދުގެ ވަގުތަކީ، އިރު އުޑު މެދުން ލެނބީއްސުރެ މީހާގެ ހިޔަނީގެ ދިގުމިން އޭނާއާ އެއްވަރު ވަންދެނެވެ. ޢަޞްރު ވަގުތު ނުޖެހޭހާ ހިނދަކު މި ވަގުތު ދެމި އޮވެއެވެ. އަދި ޢަޞްރު ނަމާދު ވަގުތަކީ، އިރު ރީނދޫ ނުވާހާ ހިނދެވެ. އަދި މަޣްރިބް ނަމާދު ވަގުތަކީ، ރަތްވިލާ ނު ފިލާހާ ހިނދެވެ. އަދި ޢިޝާ ނަމާދު ވަގުތަކީ، ރޭގަނޑުގެ މެންދަން ވަންދެނެވެ. އަދި ފަތިސް ނަމާދު ވަގުތަކީ، ފަޖުރު ލީއްސުރެ އިރު ނާރާ ހާ ހިނދެވެ. ފަހެ އިރު އަރާ ހިނދު ނަމާދު ނުކުރާށެވެ. އެހެނީ އިރު އަރަނީ ޝައިޠާނާގެ ދެ ދަޅު މެދަށެވެ.'' (ޞަޙީޙް މުސްލިމް: ނަމާދު ވަގުތު ބާބު، ނަމްބަރ: 612)

ނޯޓް: ޝައިޠާނާގެ ދެ ދަޅު މެދަށް އިރު އެރުމުގެ މާނައަކީ، އިރަށް އަޅުކަން ކުރާ މަޖޫސީން ފަދަ މީހުން އެ ވަގުތު އިރަށް އަޅުކަން ކުރަން ތިބޭ ވާހަކައެވެ. ވީމާ އެފަދަ ބަޔަކު އަޅުކަން ކުރާ ވަގުތާއި މުސްލިމުން އަޅުކަން ކުރާ ވަގުތުތަކާ ދިމާ ވިޔަ ނުދިނުމަށް ، އެ ވަގުތުތަކުގައި ނަމާދު ކުރުން ނަހީ ކުރެވުނީއެވެ.

ދެވަނަ ޙަދީޘް:

عَنْ ‏ ‏عَبْدِ اللَّهِ بْنِ عَمْرٍو ‏ عَنْ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏وَقْتُ الظُّهْرِ مَا لَمْ يَحْضُرْ الْعَصْرُ وَوَقْتُ الْعَصْرِ مَا لَمْ تَصْفَرَّ الشَّمْسُ وَوَقْتُ الْمَغْرِبِ مَا لَمْ يَسْقُطْ ‏ ‏ثَوْرُ ‏ ‏الشَّفَقِ وَوَقْتُ الْعِشَاءِ إِلَى نِصْفِ اللَّيْلِ وَوَقْتُ الْفَجْرِ مَا لَمْ تَطْلُعْ الشَّمْسُ

މާނައަކީ: ޢަބްދުﷲ ބިން ޢަމްރު ރިވާކުރެއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ: ''މެންދުރު ނަމާދު ވަގުތަކީ، ޢަޞްރު ވަގުތު ނުޖެހޭހާ ހިނދެވެ. އަދި ޢަޞްރު ނަމާދު ވަގުތަކީ، އިރު ރީނދޫ ނުވާހާ ހިނދެވެ. އަދި މަޣްރިބް ނަމާދު ވަގުތަކީ، ފެތުރިފައިވާ ރަތްވިލާ ފޭދި ނުގެއްލޭހާ ހިނދެވެ. އަދި ޢިޝާ ނަމާދު ވަގުތަކީ، މެންދަން ވަންދެނެވެ. އަދި ފަތިސް ނަމާދު ވަގުތަކީ، އިރު ނާރާހާ ހިނދެވެ.'' (ޞަޙީޙް މުސްލިމް: ނަމާދު ވަގުތު ބާބު، ނަމްބަރ: 612)

މި ދެ ޙަދީޘުން ފަސް ނަމާދުގެ ވަގުތު އެބަ އެނގެއެވެ. ނަމަވެސް ސީދާ ގަޑިން ވަގުތު ކަނޑައެޅުމުގައި، އެކި ޤައުމުތަކާއި ރަށްތައް ތަފާތެވެ. އަދި އެކި މޫސުމްގައި ވެސް ތަފާތެވެ. ތިރީގައި މިވަނީ ކޮންމެ ނަމާދެއްގެ ވެސް ވަގުތު ވަކިވަކިން ތަފްޞީލުކޮށެވެ.

މެންދުރު ނަމާދު:

މަތީގައި ވާ ޙަދީޘްގައި ވަނީ ''މެންދުރު ނަމާދުގެ ވަގުތަކީ، އިރު، އުޑު މެދުން ލެނބީއްސުރެ މީހާގެ ހިޔަނީގެ ދިގުމިން އެ މީހާއާ އެއްވަރު ވަންދެނެވެ.'' ވީމާ މި ބަސްފުޅުގައި މި ވަނީ، މެންދުރު ނަމާދު ފެއްޓޭ ވަގުތާއި ނިމޭ ވަގުތު ބަޔާން ކުރައްވާފައެވެ. ފެއްޓޭ ވަގުތަކީ އިރު މެދުން ލެނބުމެވެ.

އެހެން ގޮތަކަށް ބުނާނަމަ، މެންދުރުނަމާދު ވަގުތު ފެށެނީ ދުވާލު ދެބައިކުރުމަށްފަހު ދެވަނަބައި ފެށުމާއި އެކުގައެވެ. ނުވަތަ އިރުގެ ދޯދީގެ ސަބަބުން ކޮންމެ އެއްޗަކަށް ވެސް ލިބިފައި ހުންނަ ހިޔަނި ދިގުވާންފެށުމުންނެވެ. އިރު އަރާވަގުތު ކޮންމެ އެއްޗަކަށްވެސް (އިރުގެ ދޯދީގެ ސަބަބުން) ލިބިފައި ހުންނަ ހިޔަނީގެ ދިގުމިނުގެ ނިމުމެއް ނު އޮންނާނެއެވެ. ނަމަވެސް އިރު މައްޗަށް އަރަމުން ދާ ވަރަކަށް އެ ހިޔަނި ކުރުވަމުންގޮސް އެ ދުވަހަކު ކުރުވާނެ އެންމެ ކުރުވުމަށްފަހު، ނުވަތަ މުޅިން ހުސްވުމަށްފަހު (ގެއްލުމަށްފަހު)، ދިގުވާން ފަށާނެއެވެ. އެއީ މެންދުރު ނަމާދު ވަގުތު ފެށޭވަގުތެވެ.

އިރު މެދުން ލަނބައިފިކަން ބެލޭނެ ގޮތެއް: (ފެއްޓޭ ވަގުތު)

ކަލަންޑަރެއް ނެތް ނަމަ، ނުވަތަ ނަމާދު ވަގުތު ޖެހޭ ގަޑި ނޭނގޭ ނަމަ، މެންދުރު ނަމާދު ވަގުތު ހޯދަން މި ޮގޮތް ތަޖުރިބާ ކޮށްލާށެވެ. އިރުގެ ދޯދި ރަނގަޅަށް ލިބޭ ހާމަ، ހަމަތަނެއްގައި ތެދު ދަނޑިބުރިއެއް (އެތަނަށް ކޮޅަށް ހުންނަ ގޮތަށް) ޖަހާށެވެ. ވައިގެ ސަބަބުން ނޫނީ އެހެންވެސް ލޮޅުމެއްގެ ސަބަބުން އެއްވެސް އަތަކަށް ނުޖެހޭނެހެން ވަރަށް ރަނގަޅަށް މިދަނޑިބުރި އެތަނަށް ހަރުކުރެވިފައި ހުރުން މުހިންމެވެ. އަދި މިދަނޑިބުރީ އުސްމިނުގައި (ހަރުކޮއްފައި ހުރި ތަނުން މައްޗަށް) ކުރުވެގެން 3 ފޫޓެއްހާވަރު ހުރުމުން ހިޔަނީގެ ކޮޅު ހޯދަން ފަސޭހަވާނެއެވެ. ހިޔަނި ދިގުވާން ފަށާ ވަގުތު ހޯދުމަށް ހިޔަނީގެ ކޮޅުގައި ފާހަގަ ޖަހަމުންދާށެވެ. މިގޮތަށް ފާހަގަ ޖަހަން ފަށާވަގުތަކީ، އިރު (އުޑުގައި އުތުރުން ދެކުނަށް ބޯމަތިންވާ ގޮތަށް ދަމާލެވޭ ޚިޔާލީރޮނގު ގެ) އިރުމަތީ ގައި ހުރިވަގުތަކަށް ހަދަންވާނެއެވެ.

ހިޔަނި ކުރުވަމުންގޮސް އެ ދުވަހަކު ކުރުވާނެ އެންމެ ކުރުވުމަށް ފަހު ނުވަތަ މުޅިން ހުސްވުމަށް ފަހު (ގެއްލުމަށްފަހު) ދިގުވާން ފަށާނެއެވެ. އެއީ މެންދުރު ނަމާދު ވަގުތު ފެށޭވަގުތެވެ.

މެންދުރު ނަމާދު ނިމޭވަގުތު ބެލޭނެ ގޮތެއް:

މެންދުރު ނަމާދު ވަގުތު ނިމޭ ވަގުތު ހޯދޭނީ، އެ ނަމާދު ފެށޭ ވަގުތު ހޯދުމަށް ބޭނުން ކުރި، ދަނޑިބުރި ހަރުކުރެވިފައި ހުރި ތަނުން ފެށިގެން އޭގެ ހުރި އުސްމިނާއި، އެނަމާދު ފެށުނު އިރު ނުވަތަ އެންމެ ކުރު ހިޔަނީގެ ދިގުމިނަކީ ކޮބައިކަން އެނގުމުންނެވެ.

އެންމެ ކުރު ހިޔަނީގެ ކޮޅުން ފެށިގެން (ދަނޑިބުރި ހަރުކޮށްފައިހުރި ހަމަ ތަނުގެ މަތިން، ހިޔަނި ދިގުވަމުންދާ ކޮޅަށް) ދަނޑިބުރީގެ އުސްމިނަށްވާ މިންޖަހާ ފާހަގަ ކުރާށެވެ. ހިޔަނި ދިގުވަމުން ގޮސް މިފާހަގަ އާ ހަމަވުމުން މެންދުރު ނަމާދު ވަގުތު ނިމި ޢަޞްރު ނަމާދު ވަގުތު ފެށުނީއެވެ.

މިސާލު

ދަނޑިބުރީގެ ދިގުމިނަކީ 3 ފޫޓު ކަމަށްވެފައި، އެންމެ ކުރު ހިޔަނީގެ ދިގުމިނަކީ 2 އިންޗި ކަމަށް ވެއްޖެއްޔާ، މެންދުރު ނަމާދު ވަގުތު ނިމޭނީ ދަނޑިބުރީގެ ހިޔަނީގެ ދިގުމިނަކީ 3 ފޫޓު 2 އިންޗި ކަމަށް ވުމުންނެވެ.

މިހިސާބުން މެންދުރު ނަމާދު ވަގުތު ނިމޭ ވަގުތު ކުރުކޮށް ލިޔެލާނަމެވެ. މެންދުރު ނަމާދު ވަގުތު ނިމޭ ވަގުތަކީ އިރުމެދު ޖެހުނުއިރު ހުރި ހިޔަނި ނުލައި (މީގެ މާނައަކީ އެންމެ ކުރު ހިޔަނި ނުލައި) އެ އެއްޗެއްގެ ހިޔަނި އެ އެއްޗަކާ އެއްވަރު ވުމުންނެވެ.

ފައިދާއެއް: ދިވެހިރާއްޖޭ ގެ ހުރިހާ ރަށެއް ވެސް ހިމެނެނީ އިރު ހިނގާ އެންމެ އުތުރު ދަނޑި ކަމަށްވާ 23.44 ދަރަޖަ އުތުރާއި އިރުހިނގާ އެންމެ ދެކުނު ދަނޑި ކަމަށްވާ  23.44 ދަރަޖަ ދެކުނާއި ދެމެދުގެ ހިސާބެއްގައި ކަމަށް ވާތީވެ، ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ހިޔަނި ކުރުވަމުން ގޮސް އަހަރުގެ ތެރޭގައި ހިޔަނި ގެއްލޭ ދެ ދުވަސް އަންނާނެއެވެ. ވީމާ އެދެދުވަހު އެރަށަކަށް ހިޔަނި އެންމެ ކުރުވާ ވަގުތު ހިޔަނި ނުހުންނާނެއެވެ. ނުވަތަ ހިޔަނީގެ ދިގުމިނުގައި ހުންނާނީ 0 ކެވެ.

ޢަޞްރު ނަމާދު:

ޢަޞްރު ނަމާދު ފެއްޓޭ ވަގުތަކީ މެންދުރު ނަމާދު ނިމޭ ވަގުތުކަން ކުރީ ނުކުތާގައި ބުނެވި ހިނގައްޖެއެވެ. ވީމާ ދެން އެނގެން ބޭނުން ވަނީ، ޢަޞްރު ނަމާދު ނިމޭ ވަގުތެވެ.

ޢަޞްރު ނަމާދު ވަގުތު ނިމުމަށް ދެ ވަގުތެއް އޮވެއެވެ. އެއީ :

1- އިޚްތިޔާރީ ވަގުތަކާއި ޟަރޫރީ ވަގުތެކެވެ. އިޚްތިޔާރީ ވަގުތަކީ، އެ ނަމާދު ކުރަން ކަނޑައެޅިފައިވާ އަސްލު ވަގުތެވެ. އެއީ އިރު ރީނދޫ ވަންދެނެވެ. ''އަދި ޢަޞްރު ނަމާދު ވަގުތަކީ، އިރު ރީނދޫ ނުވާހާ ހިނދެވެ.''

2- ޟަރޫރީ ވަގުތަކީ ޟަރޫރީ ހާލަތެއް ދިމާވެއްޖެ މީހަކަށް ކަނޑައެޅިފައިވާ ވަގުތެވެ. އެއީ އިރު އޮއްސެންދެނެވެ. މި ކަން އެނގެނީ ތިރީގައި މިވާ ޙަދީޘުންނެވެ. مَنْ أَدْرَكَ مِنْ الصُّبْحِ رَكْعَةً قَبْلَ أَنْ تَطْلُعَ الشَّمْسُ فَقَدْ أَدْرَكَ الصُّبْحَ وَمَنْ أَدْرَكَ رَكْعَةً مِنْ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ فَقَدْ أَدْرَكَ الْعَصْرَ

''އިރު އެރުމުގެ ކުރިން ފަތިސް ނަމާދުގެ ރަކްޢަތެއް ލިބިއްޖެ މީހާއަށް ފަތިސް ނަމާދު ލިބިއްޖެއެވެ. އަދި އިރު އޮއްސުމުގެ ކުރިން ޢަޞްރު ނަމާދުގެ ރަކްޢަތެއް ލިބިއްޖެ މީހާއަށް ޢަޞްރު ނަމާދު ލިބިއްޖެއެވެ.'' (ރިވާ ކުރެއްވީ އަލްބުޚާރީ:554 ، މުސްލިމް: 608 )

ޢަޞްރު ނަމާދަށް ދެ ވަގުތެއް އޮންނަކަމަށް ޢިލްމުވެރިން ވިދާޅުވާން ޖެހުނީ، ކީއްވެތޯ ސުވާލު އުފެދިދާނެއެވެ. ޖަވާބަކީ އެއީ އައިސްފައިވާ ދެ ޙަދީޘް އޮތީމައެވެ. ވީމާ ދެ ޙަދީޘް ވެސް ނަގަން ޖެހެއެވެ. އެ ގޮތުން ޢިލްމުވެރިން ވަނީ ދެ ޙަދީޘް ގެ މާނަ އަރާރުން ނުވާނެ ފަދަ ގޮތަކަށް މާނަ ނަންގަވާފައެވެ.

ޢަޞްރު ނަމާދަށް އޮންނަ އިޚްތިޔާރީ ވަގުތު އެނގެނީ މި ބަސްފުޅުންނެވެ. ''އަދި ޢަޞްރު ނަމާދު ވަގުތަކީ، އިރު ރީނދޫ ނުވާހާ ހިނދެވެ.''

ޢަޞްރު ނަމާދަށް ޟަރޫރީ ވަގުތެއް އޮންނަކަން އެނގެނީ މި ބަސްފުޅުންނެވެ. ''އަދި އިރު އޮއްސުމުގެ ކުރިން ޢަޞްރު ނަމާދުގެ ރަކްޢަތެއް ލިބިއްޖެ މީހާއަށް ޢަޞްރު ނަމާދު ލިބިއްޖެއެވެ.''

ޟަރޫރީ ވަގުތުގެ މާނައަކީ ކޮބާ؟

ޟަރޫރީ ވަގުތުގެ މާނައަކީ، ޟަރޫރަތެއް ނުވަތަ މުހިއްމު ކަމެއް މެދުވެރިވެފައިވާ މީހަކަށް ޢަޞްރު ނަމާދުގެ ވަގުތު ތަނަވަސް ވެފައިވުމެވެ. ބަންގީގެ އަޑު އިވުނީމާ، ޖަމާޢަތް ވާޖިބުވާ މީހުން ޖެހޭނީ މިސްކިތަށް، ޖަމާޢަތަށް ދާށެވެ. (ޖަމާޢަތު ނަމާދުކުރުމުގެ ޙުކުމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮވޭ) ޖަމާޢަތް ވާޖިބު ނުވާ މީހުންނަށް، އިޚްތިޔާރީ ވަގުތުގެ ކޮންމެ ވަގުތެއްގައި ވެސް ޢަޞްރު ކުރެވިދާނެއެވެ. މިސާލަކަށް ގޭގައި ހުންނަ އަންހެނެއް، ބަލިމީހެއް ފަދަ މީހުންނެވެ.

ނަމަވެސް މިސާލަކަށް ކުއްލިހާލަތަށް ހުންނަ ޑޮކްޓަރަކަށް، މަގުމަތި ބަލަހައްޓާ ސިފައިންގެ މީހަކަށް، ޕައިލެޓަކަށް، އެ ވަގުތު ނު ފުއްދައިފިނަމަ ނު ފުއްދޭނެ ކަމެއް ލައިގެންފައިވާ މީހެއް، ފަދަ މީސް މީހުންނަށް ޢަޞްރު ނަމާދު ފަސް ކުރެވިދާނެއެވެ. އެއީ މަޣްރިބް ވަގުތާ ޖެހެން ދެނެވެ.

ފައިދާއެއް: އަބަދުވެސް ނަމާދު އަދާކުރުން އަވަސް ކުރާ ވަރަކަށް މޮޅު އިތުރެވެ. ނަމަވެސް ދަތިކަމަކަށް ނުވާނަމަ، ޢިޝާ ނަމާދާއި އަދި ހޫނުގަދަވެގެން ބޭރަށް ދާން އުނދަގޫވެއްޖެނަމަ މެނދުރު ނަމާދު، ބޮޑަށް ރަނގަޅީ ލަސްކުރުމެވެ. ހަމަ އެހެންމެ، ވަގުތު ކުރީކޮޅު ޖަމާޢަތެއް ނެތި ވަގުތު ފަހުކޮޅު ޖަމާޢަތެއް ލިބޭނެކަން އެނގޭނަމަ ވެސް ރަނގަޅީ ފަސްކުރުމެވެ. (ޢުޘައިމީން، ފަތާވާ އަރްކާނުލް އިސްލާމް: 287)

މަޣްރިބް ނަމާދު:

ޙަދީޘްގައި ވަނީ ''އަދި މަޣްރިބް ނަމާދު ވަގުތަކީ، ރަތްވިލާ ނު ފިލާހާ ހިނދެވެ.'' މި ފަދައިންނެވެ.

ޢަޞްރު ވަގުތު ނިމޭ ހިސާބުން، މަޣްރިބް ވަގުތު ފެއްޓުނީއެވެ. އިރު އޮއްސި މަޣްރިބް ނަމާދު ފެއްޓުމުން ދެން މަޣްރިބް ނަމާދު ނިމުމާ ދޭ ތެރޭ މާ ގިނަ ވަގުތެއް ނޯވެއެވެ. މަޣްރިބް ނަމާދުގެ އެންމެ ފަހު ވަގުތަކީ، އުޑު މަތިން ރަތް ވިލާ ގެއްލެންދެނެވެ. އަދި މިއީ ޢިޝާ ފެއްޓޭ ވަގުތު ވެސް މެއެވެ.

ޢިޝާ ނަމާދު:

ޙަދީޘްގައި ވަނީ ''އަދި ޢިޝާ ނަމާދު ވަގުތަކީ، ރޭގަނޑުގެ މެންދަން ވަން ދެނެވެ.'' މިފަދައިންނެވެ.

ޢިޝާ ނަމާދުގެ އިޚްތިޔާރީ ވަގުތަކީ، ރަތް ވިލާ ފިލުމަށްފަހު، މެންދަން ވަންދެނެވެ. ޟަރޫރީ ވަގުތަކީ ފަޖްރުއް ޞާދިޤު ފެއްޓެންދެނެވެ.

ނަމަވެސް ޢަޞްރު ނަމާދުގައި ވާ ފަދައިން ފަތިސް ނަމާދުގައި މި ދެ ވަގުތު އޮންނަ ކަމަށް ހުރިހާ ޢިލްމުވެރިންނެއް އެއްބަސްވެ ނުލައްވައެވެ.(ޝައިޚް ޢުޘައިމީން ވިދާޅުވެފައި ވަނީ ފަހުން މި ބުނި ފަދައިން)

މި ބޭފުޅުން ވިދާޅުވަނީ، ޢިޝާ ނަމާދުގެ ވަގުތު މެންދަން ވުމަށް ފަހު ދެމި ނު އޮންނަ ކަމަށެވެ. މެންދަން ވުމަށް ފަހު އޮންނަނީ، ރޭ އަޅުކަން ކުރާ ވަގުތު ކަމަށެވެ. ދަލީލެއްގެ ގޮތުގައި ނަންގަވާ އެއް ދަލީލަކީ، އަލްއިސްރާ ސޫރަތުގެ 78 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ވަނީ: ''އިރުމެދުން ފިލުމުން ރޭގަނޑުގެ އަނދިރިކަން އަންނަ ވަގުތާއި ހަމައަށް، ކަލޭގެފާނު ނަމާދު ކުރައްވާށެވެ. (އެބަހީ، މެންދުރު ނަމާދާއި، ޢަޞްރު ނަމާދާއި މަޣްރިބް ނަމާދާއި ޢިޝާ ނަމާދެވެ.) އަދި ފަތިސް ނަމާދު ކުރައްވާށެވެ. ހަމަ ކަށަވަރުން ފަތިސް ނަމާދަކީ(ރޭގަނޑުގެ މަލާއިކަތުންނާއި ދުވާލުގެ މަލާއިކަތުންގެ ފަރާތްޕުޅުން) ހެކިލިބިގެންވާ ނަމާދެކެވެ.'' (އަލްއިސްރާ: 78)

މި އާޔަތުން ދަލީލު ނަންގަވާ ބޭފުޅުން ވިދާޅުވެފައި ވަނީ ފަސް ނަމާދުގެ ތެރެއިން ހަތަރު ނަމާދު މި އާޔަތުގައި ވަނީ ފުލުފުލުގައެވެ. އެއީ މެންދުރު، ޢަޞްރު، މަޣްރިބް، ޢިޝާއެވެ. ދެން ފަތިސް ނަމާދުގެ ވާހަކަ އައިސްފައި ވަނީ ވަކި ބައެއްގެ ގޮތުގައެވެ. އަނެއް ނުކުތާއަކީ، ޣަސަޤް ގެ މާނައެވެ. ޢަސަޤް ގެ މާނައަކީ ރޭގަނޑުގެ އަނދިރިކަން އެންމެ ގަދަވާ ވަގުތެވެ. އެއީ މެންދަންވާ ވަގުތެވެ. ވީމާ ޣަސަޤާ ހަމައަށް އޮތުމުގެ މާނައަކީ، ޢިޝާ ނަމާދުގެ ފަހު ވަގުތަކީ އެއީ ކަމަށެވެ.

ފައިދާއެއް: ދިވެހި ބަހުގައި ''މެންދަމުން އަލިވުން'' އޭ ކިޔަނީ ރޭގަނޑު އަނދިރިވާނެ އެންމެ ގަދައަކަށް އަނދިރިވެފައި، ދެން އަނިދިރިކަން މަޑުވަމުން އަލިވަމުން ދާން ފަށާތީ ކަމަށް، އެކަށީގެންވެއެވެ.

ޢިޝާ ނަމާދުގެ ވަގުތު ޟަރޫރަތަށްޓަކައި، ދެވަނަ ފަޖުރާ ޖެހެންދެން އޮންނަ ކަމަށް ދޭހަވާފަދަ ޢިބާރާތެއް، ޙަންބަލީ މަޛްހަބުގެ އިމާމް އިބްނު ޤުދާމާ އަލްމުޣްނީގައި ވިދާޅުވެފައިވެއެވެ: ''ބޮޑަށް ރަނގަޅު ގޮތަކީ، ރޭގަނޑުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑަށް ފަސް ނުކުރުމެވެ. އަދި ދެބައިކުޅަ އެއްބަޔަށް ފަސްކުރިއަސް އެއީ ހުއްދަ ގޮތެކެވެ. ދެބައިކުޅަ އެއްބަޔަށް ވުރެ ފަސް އެއީ ޟަރޫރީ ވަގުތެވެ. އޭގެ ޙުކުމަކީ، ކުރިން ޝަރަޙަކޮށް ބަޔާން ކުރެވުނު ޢަޞްރު ނަމާދުގެ ޟަރޫރޫ ވަގުތުގެ ޙުކުމެވެ. ދެން ދެވަނަ ފަޖުރު ވިލެންދެން ޢިޝާގެ ވަގުތު ދެމި އޮވެއެވެ.'' (މުޣްނީ/ ނަމާދު ވަގުތުގެ ބާބު)

ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިއެއް ކަމުގައިވާ އިމާމް އައްނަވަވީ އަލްމަޖްމޫޢުގައި ވިދާޅުވަނީ: ''ޢިޝާނަމާދަށް ހަތަރު ވަގުތެއް ވެއެވެ. އެންމެ ރަނގަޅު ވަގުތާއި އިޚްތިޔާރު ވަގުތާއި ހުއްދަ ވަގުތާއި ޢުޒުރުގެ ވަގުތެވެ. އެންމެ ރަނގަޅު ވަގުތަކީ ވަގުތު ފެއްޓޭ ވަގުތެވެ. އިޚްތިޔާރު ވަގުތަކީ ރޭގަނޑުގެ ތިންބައިކުޅަ އެއްބައި ވަންދެނެވެ. އެހެން ބަހެއްގައި މެންދަންވަންދެނޭ ވެސް އޮވެއެވެ. ހުއްދަ ވަގުތަކީ ދެވަނަ ފަޖުރުލަންދެނެވެ. ޢުޒުރުގެ ވަގުތަކީ ދަތުރުވެރިޔާ ނުވަތަ ވާރޭގެ ސަބަބުން މަޣްރިބާ ޖަމްޢުކުރާ ވަގުތެވެ.'' (އަލްމަޖްމޫޢް: ނަމާދުވަގުތުގެ ބާބު/ ޢިޝާވަގުތަކީ ރަތްވިލާފިލުން)

ޙަނަފީ ޢިލްމުވެރިއެއް ކަމުގައިވާ އަލްކާސާނީ ބަދާއިޢުއް ޞަނާއިޢް ގައި ވިދާޅުވަނީ: ''އަހަރެމެން ދެކެނީ ޢިޝާ ނަމާދުގެ އެންމެ ފަހު ވަގުތަކީ ފަޖުރުއްޞާދިޤު ވިލުމެވެ.''

ފައިދާއެއް: މެންދަމުގެ މާނައަކީ 12 ޖެހުމެއް ނޫނެވެ. އަދި ރޭގަނޑު ބައި ކުރުމުގައި ބަލަނީ އިރު އޮއްސޭ ވަގުތުން ފެށިގެން އިރު އަރާ ވަގުތާ ދެމެދަކަށް ނޫނެވެ. ބަލަނީ އިރު އޮއްސިގެން ދެވަނަ ފަޖުރު ލުމާ ދެމެދު އޮންނަ ވަގުތަށެވެ. މިސާލަކަށް، އިރު އޮއްސެނީ ހައެއް ޖަހާ އިރު ކަމަށް ވެފައި ދެވަނަ ފަޖުރު ލަނީ ފަހެއް ޖަހާ އިރު ކަމަށް ވަންޏާ، މެންދަމަކަށް ވާނީ ގަޑިން އެގާރަ ގަޑި ބައެވެ. ރޭގަނޑުގެ ތިންބައިކުޅަ އެއްބަޔަށް ވާނީ ނުވަގަޑި ސާޅީހެވެ.

ފަތިސް ނަމާދު:

ޙަދީޘްގައި ވަނީ ''އަދި ފަތިސް ނަމާދު ވަގުތަކީ، ފަޖުރު ލީއްސުރެ އިރު ނާރާ ހާ ހިނދެކެވެ. ފަހެ އިރު އަރާ ހިނދު ނަމާދު ނުކުރާށެވެ.'' މި ފަދައިންނެވެ.

ވީމާ ފަތިސް ނަމާދު ވަގުތު ފެށެނީ، ދެ ވަނަ ފަޖްރު ލުމުންނެވެ. ނިމެނީ އިރު އެރުމުންނެވެ. ދެވަނަ ފަޖުރާއި ފުރަތަމަ ފަޖުރާއި ދެމެދު ގާތްގަނޑަކަށް ގަޑިއެއްހާ ވަގުތު ހުންނަ ކަމަށް ވެއެވެ. ފުރަތަމަ ފަޖުރަކީ އޭގެ އެއްވެސް އަސަރެއް އަޅުކަމަކަށް ފޯރާ އެއްޗެއް ނޫނެވެ. މާނައަކީ، ރޯދަ ހިފާ މީހުން، ފަތިސް ނަމާދު ވަގުތު ބަލާ މީހުން ބަލަން ޖެހެނީ މިއަކަށް ނޫނެވެ. ބަލަން ޖެހެނީ ދެވަނަ ފަޖުރަށެވެ. ދެވަނަ ފަޖުރުގެ ފަހުން ރޯދަ ވެރިއާ ކެއުން ޙަރާމް ވީއެވެ. ނަމާދު ވަގުތު ޖެހުނީއެވެ.

މި ދެ ފަޖުރު ދެމެދު ފަރަގުތަކެއް ހުރެއެވެ. އެއީ:-

- ފުރަތަމަ ފަޖުރަކީ އުދަރެހުން ދިގަކަށް ފެންނަ އަލިކަމެކެވެ. ވީމާ މި ފަޖުރުގެ އަލިކަން ފެތުރިފައި ހުންނާނީ އިރުން ހުޅަނގަށެވެ. ނަމަވެސް ދެވަނަ ފަޖުރަކީ އުދަރެހުގެ ދެކުނުން އުތުރަށް، ހުރަސްކޮށް ފެންނަ އައްޔެކެވެ.

- ފުރަތަމަ ފަޖުރުގެ އަލިކަން ހުންނާނީ ކުޑަ ވަގުތު ކޮޅަކަށެވެ. ނަމަވެސް ދެވަނަ ފަޖުރުގެ އަލިކަން އަންނާނީ އަލިކަން ގަދަވަމުން އިތުރުވަމުންނެވެ.

- ފުރަތަމަ ފަޖުރުގެ އަލިކަމަކީ ތިނެސްކަން ފާޑަކަށް ފެންނަަ އަލިކަމެކެވެ. ފަލަ ކޮޅު ހުންނާނީ އުދަރެހުގައެވެ. މަޝްހޫރު މުސްލިމް ފަލަކީ ޢިލްމުވެރިއާ ބައިރޫނީ މި ސިފަކޮށްފައި ވަނީ ''ހިޔަޅު ނިގޫ'' ގެ ސިފައިގައެވެ. ދެވަނަ ފަޖުރުގެ އަލިކަން އަންނާނީ މުޅި އުދަރެހުން ހުރަސްކޮށް ފެންނަ އައްޔެއްގެ ގޮތުގައެވެ.

- ފުރަތަމަ ފަޖުރުން އެ ފެންނަ އަލިކަމަކީ، އިރުގެ ދޯދިތައް ޖައްވުގައިވާ ''ހިރަފުސް'' ތަކަށް އެޅިގެން ފެންނަ އައްޔެކެވެ. އެއީ އިރު އަރާތީކީ ނޫނެވެ.

މަނާ ވަގުތު :-

ސުންނަތް ނަމާދު ކުރުން މަނާ ވަކި ވަގުތުތަކެއް ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަނޑައަޅުއްވާފައިވެއެވެ. އެ ވަގުތުތަކަކީ ކުރުކޮށް ގުނާނަމަ ތިނެކެވެ. އެއީ:-

1- ފަތިސް ނަމާދަށް ފަހު، އިރު އަރާ ބާރަ ނުވަތަ ފަނަރަވަރަކަށް މިނިޓް ވަންދެން.

2- އިރު އުޑު މެދު ޖެހޭ ވަގުތު (މާނައަކީ މެންދުރު ނަމާދު ވަގުތު ޖެހުމުގެ ގާތްގަނޑަކަށް ދިހަ މިނިޓު ނުވަތަ ފަސް މިނިޓު ކުރިން ފެށިގެން އެ ނަމާދު ވަގުތު ޖެހެންދެން)

3- ޢަޞްރު ނަމާދަށް ފަހު އިރު އޮއްސެން ދެން.

 

ތަފްޞީލުކޮށް ގުނާ ނަމަ ފަހެކެވެ. އެއީ:-

1- ފަޖުރު ލީއްސުރެ އިރު އަރަން ދެން.

2- އިރު އެރީއްސުރެ ބާރަ ނުވަތަ ފަނަރަވަރަކަށް މިނިޓް ވަންދެން.

3- މެންދުރު އިރު އުޑު މެދު ޖެހޭ ވަގުތުން ފެށިގެން (އެންމެ ކުރު ހިޔަނި ހުންނަ ވަގުތު)، އިރު އުޑު މެދުން ފިލަން ދެން. (ހިިޔަނި ދިގުވާން ފަށަންދެން).

4- ޢަޞްރު ނަމާދަށް ފަހު އިރު އޮއްސެންދެން.

5- އިރު އޮއްސެން ދާން ފެށުމަށްފަހު އިރު އޮއްސި ފުރިހަމަ ވަންދެން. (އިރުގެ ބުރު އުދަރެހުނ ގެއްލެންދެން)

ނަމްބަރު އެކެއްގައި އެވާ ''ފަޖުރު ލީއްސުރެ އިރު އަރަން ދެން'' ގެ މާނައަކީ، ޙަންބަލީ މަޛްހަބުގައި ވާ ގޮތުން ނަމަ، ފަތިސް ނަމާދަށް ބަންގި ދިނުމަށް ފަހު ފަތިސް ނަމާދުގެ ސުންނަތް ނޫން އެހެން ސުންނަތެއް ކުރުން މަކްރޫހަވުމެވެ. ޝާފިޢީ މަޛްހަބުގައި ބުނަނީ، ސުންނަތް ކުރުން ނަހީ ކުރެވިފައި ވަނީ ފަތިސް ނަމާދު ކުރުމަށް ފަހުގައި ކަމަށެވެ. ވީމާ ބަންގިއާ ޤަމަތާ ދެމެދު ފަތިހުގެ އަސްލު ސުންނަތަށް ވުރެ އިތުރަށް ސުންނަތް ކުރެވިދާނެ ކަމަށެވެ. ސުންނަތް ކުރުން މަނައީ ފަތިސް ނަމާދު ކުރުމަށް ފަހުގައެވެ.

ނަމަވެސް ޢިލްމުވެރިން ވިދާޅުވަނީ، ފަޖުރުވުމަށް ފަހު ފަތިސް ނަމާދުގެ ސުންނަތް ދެ ރަކްޢަތް ނޫން ސުންނަތެއް ނުކުރުމަށެވެ. ސަބަބަކީ، ކީރިތި ރަސޫލާ ކަންތައް ކުރައްވާފައި ވަނީ މި ފަދައިން ކަމަށް ވާތީއެވެ. (ޢުޘައިމީން: އައްޝަރްޙުލް މުމްތިޢް 4/160)

ފައިދާއެއް: ނަމާދު އެގަޑިއެއްގައި ނުކުރުމަށް ބާރު އަޅުއްވައިފައިވާ ވަގުތުތަކަކީ އިރު އުދަރެހުގެ އެންމެ ތިރިންނާއި އަދި އެންމެ މަތިން ހުރަސް ކުރާ ވަގުތު ތައްކަން ފާހަގަ ކުރެވެއެވެ.

މި ވަގުތުތަކުގައި ނަމާދު ކުރުން ނަހީ ކުރާ، ވަރަށް ގިނަ ޙަދީޘް އައިސްފައިވެއެވެ. އޭގެ ތެރެއިން އެއް ޙަދީޘަކީ ބުޚާރީ އަދި މުސްލިމްގައި އަބޫ ސަޢީދުލް ޚުދްރީ ގެ އަރިއަހުން ރިވާވެފައިވާ މި ޙަދީޘެވެ. عن أَبِي سَعِيدٍ الْخُدْرِيَّ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لا صَلَاةَ بَعْدَ صَلاةِ الْعَصْرِ حَتَّى تَغْرُبَ الشَّمْسُ ، وَلا صَلاةَ بَعْدَ صَلاةِ الْفَجْرِ حَتَّى تَطْلُعَ الشَّمْسُ

މާނައަކީ: ''ޢަޞްރު ނަމާދަށް ފަހު، އިރު އޮއްސެންދެން ނަމާދު ނުކުރާށެވެ. އަދި ފަތިސްނަމާދަށް ފަހު، އިރު އަރަންދެން ނަމާދު ނުކުރާށެވެ''

އަދި މުސްލިމްގައި ވާ ޙަދީޘެއްގައި ވަނީ : عن عُقْبَةَ بْنَ عَامِرٍ الْجُهَنِيَّ يَقُولُ : ثَلاثُ سَاعَاتٍ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَنْهَانَا أَنْ نُصَلِّيَ فِيهِنَّ أَوْ أَنْ نَقْبُرَ فِيهِنَّ مَوْتَانَا : حِينَ تَطْلُعُ الشَّمْسُ بَازِغَةً حَتَّى تَرْتَفِعَ وَحِينَ يَقُومُ قَائِمُ الظَّهِيرَةِ حَتَّى تَمِيلَ الشَّمْسُ وَحِينَ تَضَيَّفُ الشَّمْسُ لِلْغُرُوبِ حَتَّى تَغْرُبَ

ޢުޤްބާ ބިން ޢާމިރް އަލްޖުހަނީގެ ވިދާޅުވިއެވެ: ''ތިން ވަގުތެއްގައި، އަހަރެމެން ނަމާދު ކުރުމާއި މައްޔިތާ ވަޅުލުން، ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ މަނާ ކުރެއްވިއެވެ. އެއީ އިރު އަރަން ފެއްޓުމަށް ފަހު އަރައި ފުރިހަމަވަން ދެން، އަދި އިރު އުޑު މެދު ޖެހުމަށް ފަހު ލެނބެން ދެން، އަދި އިރު އޮއްސެން ދިއުމަށްފަހު އިރު އޮއްސި ފުރިހަމަ ވަންދެނެވެ.''

މަނައީ ހުރިހާ ނަމާދެއްތަ؟

ދެން ސުވާލަކީ މި ވަގުތުތަކުގައި ކުރުން މަނައީ ހުރިހާ ނަމާދެއްތޯއެވެ. ޖަވާބަކީ، ނަމާދުކުރުން ނަހީކުރެވިފައިވާ ވަގުތުތަކުގައި ވެސް، ފަރްޟު ނަމާދު ކުރުން ހުއްދަ ކަމަށް، ޢިލްމުވެރިން އެއްބަސްވެލައްވައެވެ. އަދި މި ވަގުތުތަކުގައި، ސަބަބެއްނެތް ސުންނަތް ނަމާދު ކުރުން މަކްރޫހަ ކަމަށް ވެސް، ޢިލްމުވެރިން އެއްބަސް ވެލައްވައެވެ. ޚިލާފްވެފައި ވަނީ، ސަބަބު އޮންނަ ސުންނަތް ނަމާދުތައް ކުރުމާ މެދުގައެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވަނީ މަކްރޫހަ ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވެފައި ވަނީ ހުއްދަ ކަމަށެވެ.

ކޮންމެ އަކަސް ފަރުޟު ނަމާދު، މި ވަގުތުތަކުގައި ކުރުމަކީ ހުއްދަ ކަމެކެވެ. މީގެ ދަލީލަކީ عَنْ ‏ ‏أَنَسِ بْنِ مَالِكٍ ‏ ‏قَالَ :  قَالَ نَبِيُّ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مَنْ نَسِيَ صَلَاةً أَوْ نَامَنْهَا فَكَفَّارَتُهَا أَنْ يُصَلِّيَهَا إِذَا ذَكَرَهَا

އަނަސްބިން މާލިކް ރިވާކުރެއްވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: ''ނަމާދެއް ހަނދާންނެތިއްޖެ މީހާ، އަދި ނިދުމުގެ ސަބަބުން ނަމާދު އަޅައިފި މީހާ، އޭގެ ކައްފާރާއަކީ ހަނދާން ވުމުން ނަމާދު ކުރުމެވެ.'' (ބުޚާރީ އަދި މުސްލިމް)

އެހެން ރިވާޔަތެއްގައި އޮންނަނީ ''ނިދުމުގެ ސަބަބުން ނަމާދު އަޅައިފި މީހާ، އަދި ނަމާދެއް ހަނދާންނެތިއްޖެ މީހާ، ފަހެ އެ ނަމާދު ހަނދާންވާ ހިނދު ކުރާހުށިކަމެވެ.''

އަދި އަބޫ ހުރައިރާ ގެ އަރިއަހުން ރިވާވެފައިވާ ޙަދީޘެއްގައި ވަނީ عَنْ ‏ ‏أَبِي هُرَيْرَةَ ‏  ‏أَنَّ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏مَنْ أَدْرَكَ مِنْ الصُّبْحِ رَكْعَةً قَبْلَ أَنْ تَطْلُعَ الشَّمْسُ فَقَدْ أَدْرَكَ الصُّبْحَ وَمَنْ أَدْرَكَ رَكْعَةً مِنْ الْعَصْرِ قَبْلَ أَنْ تَغْرُبَ الشَّمْسُ فَقَدْ أَدْرَكَ الْعَصْرَ

''އިރު އެރުމުގެ ކުރިން ފަތިސް ނަމާދުގެ ރަކްޢަތެއް ލިބިއްޖެ މީހާއަށް ފަތިސް ނަމާދު ލިބިއްޖެއެވެ. އަދި އިރު އޮއްސުމުގެ ކުރިން ޢަޞްރު ނަމާދުގެ ރަކްޢަތެއް ލިބިއްޖެ މީހާއަށް ޢަޞްރު ނަމާދު ލިބިއްޖެއެވެ.'' (ރިވާ ކުރެއްވީ ބުޚާރީ އަދި މުސްލިމް)

ވީމާ ހަނދާން ނެތި ނުކުރެވި އޮންނަ ފަރްޟު ނަމާދެއް ހަނދާންވުމުން، އަދި ނަމާދު ވަގުތަށް ނު ހޭލެވި އޮއްވާ ހޭލުމުން، އެއީ ކޮންމެ ވަގުތެއް ކަމުގައި ވިޔަސް ޖެހޭނީ، ވަގުތުން އެ ނަމާދު އަދާ ކުރާށެވެ. ވަގުތު ފާއިތުވެއްޖެނަމަ ޤަޟާކުރާށެވެ. ފަރުޟު ނަމާދު ކުރިމަތީގައި މަނާ ވަގުތެއް ނު އޮވެއެވެ.

އަދި ހަމަ އެހެންމެ މިސްކިތަށް ވަދެ ކުރާ ތަޙިއްޔަތުލް މަސްޖިދް ގެ ދެ ރަކްޢަތް ވެސް ހުއްދައެވެ. އެއީ ރަސޫލާ ޙަދީޘް ކުރައްވާފައިވާ ބަސްފުޅެއްގައި އޮންނަނީ إِذَا دَخَلَ أَحَدُكُمْ الْمَسْجِدَ  فَلاَ يَجْلِسْ حَتَّى يُصَلِّي رَكْعَتَيْنِ

''ކަލޭމެންގެ ތެރެއިން މީހަކު މިސްކިތަށް ވަދެއްޖެނަމަ، ދެ ރަކްޢަތް ނުކޮށް ނު އިށީންނަހުށިކަމެވެ.'' (ރިވާ ކުރެއްވީ ބުޚާރީ)

ނަހީ ކުރެވިފައިވާ ވަގުތުތަކެއް ޙަދީޘްތަކެއްގައި އައިސްފައި އޮއްވާ، އެހެން ޙަދީޘްތަކެއްގައި ފަރްޟު ނަމާދު ކުރުމަށާއި، ތަޙިއްޔަތުލް މަސްޖިދް ދެ ރަކްޢަތް ކުރުމަށް އޮތުމުން، ބެލެވެނީ އެއީ ކުރިން އައިސްފައިވާ ޢާއްމު ޙުކުމަށް އައި ޚާއްޞަ އިސްތިސްނާއެއް ކަމަށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.