އާދީއްތަ20200913

އާކުރެވުނީ: 08:43:52

ރަޖްޢީ ވަރި...

anbaku-ehen-firiheni-dheke-loabivunވަރީގެ އަސްލަކީ އޭގައި ރުޖޫޢަ ކުރުން ހިމެނިގެންވުމެވެ. އެހެނީ ވަރި ކުރެވޭ ފަހުން ފިރިމީހާ އެކަމާ ހިތާމަކޮށް ދެރަވާ ހިނދު ޢިއްދާގެ ދުވަސްވަރު ރުޖޫޢަ ކުރެވޭ ގޮތަށް އޮތުން ލައްވާފައިވަނީ ވަކި ޙިކްމަތް ތަކަކަށްޓަކައި އަހަރެމެންގެ ކަންތައް އެންމެ ބޮޑަށް ދެނެވޮޑިގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ.

ވަރި ކުރުމަށްފަހު ރުޖޫޢަ ކުރުން ހުއްދަވާ ކަމުގެ ދަލީލަކީ އަލް ބަޤަރާ ސޫރަތުގެ 229 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނައެވެ. ''ރުޖޫޢަ ކުރެވޭ ފަދަ ވަރިއަކުން ވަރިކުރުންވަނީ ދެފަހަރުއެވެ.

ދެންއޮތީ އެކަނބަލުންނާއި އެކު ހެޔޮގޮތުގައި ( އިނދެގެން) އުޅުމެވެ. ނުވަތަ ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލުމެވެ. އަދި އައްތަލާޤް ސޫރަތުގެ 1 ވަނަ އާޔަތުގެ މާނައިގައިވެއެވެ. ''އޭނަބީ ކަލޭގެފާނެވެ! ( ކަލޭގެފާނުގެ އުއްމަތުގެ މީހުންނަށް ވިދާޅުވާށެވެ) ތިޔަބައިމީހުން އަނބިންވަރި ކުރާއިރު އެކަނބަލުންނާއި ޖިމާޢުނުވާ ތުހުރެއްގައި ވަރިކުރާހުށިކަމެވެ.

 

ރަޖުޢާގެ ތަޢްރީފް:

ޢަރަބި ބަހުގައި ރަޖުޢާގެ މާނައަކީ ރައްދުކުރުމެވެ.

ރަޖުޢީ ވަރިއަކީ ބާއިން ވަރިނޫން ވަރިއެއްގެ ޢިއްދާގައި އިން އަންހެނަކު، ކައިވެންޏަށް އަލުން އަނބުރާގެނައުމެވެ.

ވަރިކުރުމަށްފަހު އަނބިމީހާ ރުޖޫޢަ ކުރެވޭނެ ކަމުގަ ދަލީލް ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތާއި ޢިލްމްވެރިންގެ އިޖުމާޢުންނާއި ބުއްދިން ސާބިތުވެއެވެ.

ކީރިތި ޤުރުއާނުން ދަލީލް:

އަލްބަޤަރާ ސޫރަތުގެ 228 ވަނަ އާޔަތް

އާޔަތުގެ މާނަ: ''އަދި ( ދަންނާށެވެ!) ވަރިވެއްޖެ އަންހެނުން، ތިން ޙައިޟާއި ތިން ޠުހުރު ހަމަވާންދެން ޢިއްދައިގައި ތިބޭހުށިކަމެވެ. އަދި އެކަނބަލުންގެ ރަޙިމުތަކުގައި،ﷲ ހައްދަވައި ( ލައްވައިފި ) އެއްޗެއް ވަންހަނާކޮށް ފޮރުވުމަކީ، އެކަނބަލުންނަކީ ﷲ އަށާއި، އާޚިރަތްދުވަހަށް އީމާންވެއްޖެބަޔަކުކަމުގައިވަނީނަމަ، އެކަނބަލުންނަށް އެއްގޮތަކަށްވެސް ހުއްދަ ޙަލާލުކަމެއްނޫނެވެ. އަދި ( ޢިއްދައިގެ ދުވަސްވަރުގައި) އެމީހުން ޞުލްޙަވުމަށް އެދެނީނަމަ، އެކަނބަލުން އަނބުރައި ގެންދިއުމަކީ، ( އެކަނބަލުންގެ ) ފިރީންގެ މައްޗަށް ޙައްޤުކަން ބޮޑުވެގެންވާ ކަމެކެވެ. އަދި އެކަނބަލުންނަށް(ވެސް) އެކަނބަލުންގެ ފިރީންނަށް ލިބިގެންވާފަދަ ޙައްޤުތައް ޢަދްލުވެރިގޮތުގައި ލިބިގެންވެއެވެ. ނަމަވެސް ފިރީން ވަނީ އެކަނބަލުންގެ މައްޗަށް ދަރަޖައެއް އުހުލިގެންނެވެ. އަދި ( ދަންނާށެވެ!) ﷲ އަކީ ގަދަކީރިތިވަންތަ، ބުއްދިވެރި ރަސްކަލާނގެއެވެ.''

ސުންނަތުން ދަލީލް:

ކީރިތި ރަސޫލާ ޙަފްސާގެފާނު ވަރި ކުރެއްވުމައް ފަހު ރުޖޫޢަ ކުރެއްވުން..

އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. އިބްނު ޢުމަރުގެ އަނބިމީހާ ޙައިޟުގައި ވަނިކޮށް އިބްނު ޢުމަރު އޭނާ ވަރިކުރިއެވެ. ދެން ޢުމަރުގެފާނު ކީރިތި ރަސޫލާއަށް މިވާހަކަ ދެންނެވުމުން އިބްނުޢުމަރުގެ އަނބިކަބަލުން ރުޖޫޢަ ކުރެއްވުމަށް އަމުރު ކުރެއްވިއެވެ.

އިޖުމާޢު:

ޢިލްމުވެރިން ރުޖޫޢަ ވަރިއަކުން ވަރިކުރުމަށް ފަހު ޢިއްދާގައި އަނބިމީހާ އިންހާ ދުވަހަކު ރުޖޫޢަ ކުރެވިދާނެކަމަށް އެއްބަސްވެއެވެ.

ރުޖޫޢަ ކުރެވޭނީ ކޮންކަހަލަ ވަރިއެއް؟

ތިމާގެ އަނބިމީހާ ރުޖޫޢަ ވަރި އަކުން ވަރިކުރުމަށް ފަހު އަނބިމީހާ ޢިއްދާގެ ދުވަސްވަރު އަލުން ރުޖޫޢަ ކުރުމަކީ ފިރިމީހާގެ އަތްމައްޗަށް ދޫކޮށްލެވިފައިވާ ކަމެކެވެ. މިކަމުގައި އަނބިމީހާ އަލުން އަނބުރާ އަންނަން ބޭނުން ނުވިކަމުގައިވިޔަސް ފިރިމީހާ އަށް ރުޖޫޢަ ކުރެވިދާނެއެވެ. ނަމަވެސް ޝަރުތަކަށް ވާންޖެހޭނީ އަނބިމީހާއާއި އެކު ރޭކޮށްފައިވުމާއި، ބާއިންނޫންވަރިއަކުން ވަރިކޮށްފައިވުމާއި، ޢިއްދާހަމަ ވެފައިނުވުމެވެ. ވުމާއި އެކު އަނބިމީހާއާއި އެކު ރޭނުކޮށް ވަރިކުރުމުންނާއި، ބާއިންވަރިއަކުން ވަރިކުރުމާއި، ރަޖުޢީ ވަރިއަކުން ވަރި ކުރުމަށް ފަހު ޢިއްދާހަމަވިއިރުވެސް ރުޖޫޢަ ނުކޮށްފިނަމަ އަނބިމީހާ ރުޖޫޢަ ވުމުކަށް މަޖުބޫރެއް ނުކުރެވޭނެއެވެ. މި ޙާލަތުގައި ޖެހޭނީ އަލުން އާރަނަކާއި އެކު ކައިވެނި ކުރާށެވެ.

ރުޖޫޢަ ކުރަން ހަދާނީ ކިހިނެތް؟

ރުޖޫޢަ ކުރެވޭނީ އަނބިމީހާގެ ޢިއްދާގެ ދުވަސްވަރެވެ. ރުޖޫޢަ ކުރުމަށް އަނގަބަހުން ބުނެގެން ރުޖޫޢަ ކުރުމުގައި ޢިލްމުވެރިންގެ މެދުގައި ހިލާފެއްނެތެވެ. ސަރީޙަބަހަކުން ރުޖޫޢަ ކޮށްފިނަމަ ( މީގެ މިސާލަކީ : ތިހިރީ ރުޖޫޢަ ކޮށްފައެވެ) ފިރިމީހާގެ ނިޔަތަކަށް ބަލާކަށް ނުޖެހެއެވެ. ނަމަވެސް ރުޖޫޢަ ކުރަން ބޭނުން ކުރީ ކިނާޔާގެ ލަފްޒެއްކަމަށް ވާނަމަ ( މިސާލަކީ :އިނދެފީމެވެ. ކައިވެނި ކޮށްފީމެވެ) ފަދަ ބަސްތައް ބުނާ ހިނދު ފިރިމީހާގެ ނިޔަތަށް ބަލަންޖެހެއެވެ.

ޢަމަލުން ރުޖޫޢަ ކުރުމާއި މެދު ޢިލްމުވެރިންގެ މެދުގައި ހިލާފް އުފެދިފައިވެއެވެ. އަމަލުން ރުޖޫޢަ ކުރުމަކީ އަނބިމީހާއާއެކު އެއްދާން ކުރުން، ޝަހުވަތާއި އެކު އަނބިމީހާގައިގާ ބައްދާލުން ފަދަކަންކަމެވެ. ޝާފިޢީ މަޒުހަބުގައި އަމަލުން ކުރާ ރުޖޫޢަ ހުއްދައެއްނޫނެވެ. ވުމާއި ޝާފިޢީ މަޒުހަބުގައި ރުޖޫޢަ ކުރަން ޖެހެނީ ރުޖޫޢަ ކުރުމުގެ މާނަ ދޭހަވާ ބަސްތަކަކުންނެވެ.

އަނބިމީހާއަށް ގެއްލުން ދިނުމަށްޓަކައި ކުރާ ރުޖޫޢަ:

އަނބިމީހާ ވަރިކުރުމަށް ފަހު ރުޖޫޢަ ކުރުން ހުއްދަ ކުރެވިފައިވާ އާޔަތް ތަކުގައި ވަކި ޝަރުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އެގޮތުން ގެއްލުންދިނުމުގެ ބަދަލުގައި ރުޖޫޢަ ކުރަން ޖެހޭނީ އަލުން އަނބިމީހާ އިސްލާޙުކޮށް ހެޔޮކޮށް ހިތާ އެކުގައި އުޅުމަށެވެ. ވުމާއި އެކު ރުޖޫޢަ ކުރުމުގައި ނިޔަތަކަށް ވާންޖެހޭނީ އަލުން އެކީގައި ދިރި އުޅުމަށެވެ. އަނބިމީހާ އަށް ގެއްލުން ދިނުމަށާއި،ޢިއްދާގެ މުއްދަތު ދިގުކުރުމުގެ ނިޔަތުގައި ރުޖޫޢަ ކޮށްފިނަމަ ފިރިމީހާ ފާފަވެރިވާނެއެވެ.

ރުޖޫޢަ ކުރާއިރު ހެކި ބޭނުންވާނެތަ؟

ގިނަ ޢިލްމުވެރިން ބުރަވާ ގޮތުގައި ކައިވެނި ރުޖޫޢަ ކުރުމަށް ހެކި ބޭނުމެއްނުވެއެވެ. ނަމަވެސް ރުޖޫޢަ ކުރެވޭ އިރު ހެކިން ތިބުން މުސްތަޙައްބު ކަމުގައި ޢިލްމްވެރިން ބުނެއެވެ.

ރަޖުޢީ ވަރި އަކުން ވަރި ކުރުމަށް ފަހު ޢިއްދާ ހަމަ ވަންދެން އަނބިމީހާ އަށް ހަރަދު ދޭންޖެހޭނެތަ؟

ރަޖުޢީ ވަރި އަކުން ވަރި ކޮށްފައިވާ އަންހެނާ އަށް ހަރަދާއި، ކެއިން ބުއިމާއި، އުޅޭނެ ތަން ދިނުމުގެ ޙުކުމަކީ އަނބިމީހާގެ ވެސް ޙުކުމެވެ. ރަޖުޢީ ވަރި އަކުން ވަރި ކުރުމަށް ފަހު ވެސް ޢިއްދާ ހަމަ ނުވާ ކަމުގައި ވަނީ ނަމަ ފިރިމީހާ އަންހެންމީހާގެ މި ހަރަދުތައް ބެލުން ހުއްޓެވެ. މިކަމަށް ދަލީލް ކޮށްދެނީ އަލްބަޤަރާ ސޫރަތުގެ 228 އާޔަތެވެ.

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.