ބުދަ20200520

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ރީތިވެގެން... އެހެންނަމަވެސް ދީނީ އިންތަކުގެ ތެރޭގައި

ރީތިވެގެން... އެހެންނަމަވެސް ދީނީ އިންތަކުގެ ތެރޭގައި

burugaa-thabarrujރަނގަޅު ޒީނަތަށް ދީން ބާރު އަޅައެވެ. ޒީނަތްތެރި ވުމަށް އިސްލާމް ދީން އަންހެނުންނާއި ފިރިހެނުންނަށް ވެސް، ވަރަށް ބޮޑަށް ބާރުއަޅައެވެ. އެގޮތުން އަޢްރާފް ސޫރަތުގެ 31 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވަނީ: يَا بَنِي آدَمَ خُذُواْ زِينَتَكُمْ عِندَ كُلِّ مَسْجِدٍ وكُلُواْ وَاشْرَبُواْ وَلاَ تُسْرِفُواْ إِنَّهُ لاَ يُحِبُّ الْمُسْرِفِينَ

މާނައަކީ: "އޭ އާދަމުގެ ދަރިންނެވެ. ތިޔަބައި މީހުން އަޅުކަން ކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިވެ ރިވެރިގޮތުގައި ހިފާށެވެ. އަދި ތިޔަބައި މީހުން ކައިބޮއި އުޅޭށެވެ. އަދި އިސްރާފު ނުކުރާށެވެ. ހަމަކަށަވަރުން، އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ރުހިވޮޑިގެން ނުވެއެވެ.''

އަދިވެސް ވަޙީ ކުރައްވަނީ: قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنَ الرِّزْقِ

 

މާނައަކީ: ''ކަލޭގެފާނު ވިދާޅުވާށެވެ. މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ނެރުއްވައި ދެއްވި، ޒީނަތާއި ރިޒުޤުން ހެޔޮތަކެތި ޙަރާމްކޮށްގަތީ ކާކުހެއްޔެވެ؟ '' (ސޫރަތުލް އަޢްރާފް-32)

ރަސޫލާގެ -ޞައްލަﷲ ޢަލައިހިވަސައްލަމަ- ޙަދީޘްފުޅެއްގެ މާނައިގައިވަނީ '' ހަމަ ކަށަވަރުން ﷲ އަކީ ރީތިހާ ސިފަތަކުގެވެރި ރަސްކަލާނގެއެވެ. އެކަލާނގެ ރީއްޗަށް ލޯބިވެވޮޑިގަންނަވައެވެ. ''

ނުބައި ޒީނަތާ އިސްލާމް ދީން ދެކޮޅު:

މިހެން މިކަން އޮތަސް ޒީނަތްތެރިވުން އިސްލާމް ދީނުގައި ހުއްދައީ، ވަކި ގޮތަކަށެވެ. ޠާހިރު ގޮތަކަށެވެ. ފަހަރެއްގައިވެސް މީހުންގެ ހިލޭފިރިހެނުންނާއި އަންހެނުންގެ ހިތްތަކުގައި ޝަހުވަތްތެރި ކަމުގެ ރާޅުބާނީ އުފައްދަމުން، ފާޙިޝް ޢަމަލުތަކަށް މަގުފަހު ކުރަމުން، މީހުންގެ ހިތްތައް ކިލަނބު ކުރަމުން، އިސްރާފު ކުރަމުން، މިއީ ޒީނަތޭ ބުންޏަސް އެއީ ޒީނަތެއް ނޫނެވެ.

ސޫރަތުލް އަޙްޒާބްގެ 33 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ: وَلاَ تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَى

މާނައަކީ: ''އަދި އިހުގެ ޖާހިލިއްޔަ ކަމުގެ ޒީނަތުން ފާޅުވެގަނެ ނުހަދާށެވެ.'' މުރާދަކީ ޖާހިލިއްޔަ ޒީނަތަކުން ޕަރުމަރައި ނޫޅޭށެވެ."

ރަސޫލު -ޞައްލަﷲ ޢަލައިހިވަސައްލަމަ- ޙަދީޘް ކުރައްވަނީ: عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏قَالَ ‏: قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ ‏ ‏كَاسِيَاتٌ عَارِيَاتٌ ‏ ‏مُمِيلَاتٌ ‏ ‏مَائِلَاتٌ ‏ ‏رُءُوسُهُنَّ كَأَسْنِمَةِ ‏ ‏الْبُخْتِ ‏ ‏الْمَائِلَةِ لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا

މާނައަކީ: އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: "ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދެ ބާވަތެއްގެ ބައެއް ތިމަންކަލޭގެފާނަށް އަދި ފެނިވަޑައިނުގަނެއެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކަކުން މީހުންގެ ގައިގައި ތަޅާ ބަޔަކާއި (ރައްޔިތުން ތަޅާ އަނިޔާކުރާ ވެރިން)، ހެދުން ލައިގެން އެކަމަކުވެސް އޮރިއާމުން ތިބޭ (ޢައުރަ ނިވާނުވާ ހެދުންލާ) އަންހެނުންތަކެކެވެ. އެއަންހެނުންނަކީ ތެދުމަގާއި ޢިއްފަތްތެރި ކަމުގެ ސީދާމަގުން ލެނބިފައި ތިބޭ، އަދި އެހެންމީހުން ކަތިމަގަށް ލަންބުވާ ބައެކެވެ. އެމީހުންގެ ބޯ ހީވާނީ ބުޚްތުއޭ ކިޔޭ (ދެގޮންގަނޑުލީ ޖަމަލެއް) ޖަމަލުގެ އުސްވެ ލެނބިފައިވާ ގޮންގަނޑުހެނެވެ. އަދި އެމީހުންނަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސް ވެސް ނުދުވާނެއެވެ. އެތާނގެ ވަހަކީ މިވެނި އެވެނި ރާސްތާއަކަށް ފޯރާ އެއްޗެކެވެ." (ޙަދީޘް ރިވާ ކުރެވިފައި ވަނީ ޞަޙީޙް މުސްލިމްގެ އައްލިބާސް ވައް ޒީނާ، ބާބުގައި)

ކޮންމެ އިންސާނަކީވެސް ފިޠްރަތުގައިވެސް ޒީނަތްތެރި ވުމަށް ލޯބި ކުރާ މީހެކެވެ. ވަކިން ޚާއްޞަކޮށް އަންހެނުންނަކީ، ޒީނަތްތެރިވާން ބޭނުންވާ ބައެކެވެ. އިސްލާމް ދީން މިކަން ހަނދާން ނައްތެއެއް ނުލައެވެ. އެގޮތުން ފިރިހެނުންނަށް ހުއްދަނޫން، ރަންރިހި ފަށުއިފަދަ ޒީނަތްތައް އަންހެނުންނަށް ހުއްދަ ކުރެއްވިއެވެ. ޞާލިޙް މުސްލިމް އަންހެނުންނަކީ، ހުއްދަ ގޮތުގައި ހުއްދަ ދާއިރާގައި ވީ އެންމެ ޒީނަތްތެރިވާ ބައެކެވެ. އިސްލާމް ދީން އަންގަނީ އަނބިން ފިރީންނަށްޓަކައި ވީ އެންމެ ޒީނެތެއްވެ ތިބުމަށެވެ. ހަމަ އެހެންމެ ފިރިންވެސް އަނބިންނަށްޓަކައި ޒީނަތްތެރިވާން ޖެހޭކަން، ދީން އަހަރެމެންނަށް ދަސްކޮށް ދީފައިވެއެވެ.

ޤުރުބާން ކޮށްލާނީ ކޮން އެއްޗެއް؟

ނަމަވެސް މި ޒަމާނުގައި ވަރަށް ގިނަފަހަރަށް މުސްލިމް އަންހެންކުދިން ހައިރާންވެ، ހަތަރު އަނގޮޅި ކަންމަތީގައި ދާނެ ކޮޅެއް ނޭނގިފައި ހުއްޓި ހުންނަން ޖެހެއެވެ. ސަބަބަކަށް ވަނީ، އޭނާގެ ދީން އޭނާއަށް އަމުރު ކުރަނީ، ޢިއްފަތްތެރި ވުމަށާއި، ހިލޭފިރިހެނުންނަށް ޒީނަތްތެރިކަން ފާޅު ނުކުރުމަށެވެ. ނަމަވެސް އޭނާގެ އަންހެންވަންތަކަމާއި، މުޖްތަމަޢަށް ވަދެފައިވާ އާދަކާދަތައް މަޖްބޫރު ކުރުވަނީ، ޒީނަތްތެރިވުމަށާއި ފަރިކަން ދެއްކުމަށެވެ. ދީން އަންގަނީ ހިލޭ ފިރިހެނުންނާއި ވަކިން އެކަހެރިވެ ނު އުޅުމަށެވެ. ނަމަވެސް ދިރިއުޅުން މަޖްބޫރު ކުރުވަނީ، ފިރިހެނުން ތިބޭ ތަންތަނަށް ގޮސް އެ މީހުންނާއި ވާހަކަ ދައްކައި ހެދުމަށެވެ.

ފުރާވަރުގެ ޢުމުރު މަޖްބޫރު ކުރަނީ މަޖާކޮށް އުފަލުގައި އުޅުމަށެވެ. ނަމަވެސް މާތް ﷲ އަށް ނުކިޔަމަންތެރިވާން އޭނާގެ ހިތް ނުރުހެއެވެ. ބޭނުންވަނީ ބުރުގާ އަޅައިގެން އައުރަ ނިވާކޮށްގެން އުޅޭށެވެ. ނަމަވެސް މިހެން އުޅޭއިރުވެސް ތިމަންނަށް އަށް ބުރުގާ އަޅަންވާގޮތަށް ނޭޅެއޭވެސް ހީވާފަހަރު އާދެއެވެ.

ހަދާނީ ކިހިނެއްހެއްޔެވެ؟ ޤުރުބާން ކޮށްލާނީ މީގެ ތެރެއިން ކޮންއެއްެޗެއް ހެއްޔެވެ؟ އެއްވެސް އެއްޗެއް ޤުރުބާން ކުރާނެ ކަމެއް ނެތެވެ. ދީނާއި ފީޠްރަތަކީ އަދި ދީނާއި ދުނިޔެއަކީ އެކަތި އަނެކައްޗާއި އަރާރުވާ އެއްޗެއް ނޫނެވެ.

ބަރާބަރަށް އައުރަ ނިވާކޮށްގެން، ދީން އެންގެވިކަންތައް ކޮށްގެން، ނަހީކުރެއްވި ކަންތަކުން ދުރުވެގަނެގެން އުޅުމަކީ ދީން ދަންނަ، އިސްލާމީ މަގު ރަނގަޅަށް އެނގޭ އަންހެން ކުއްޖަކަށް އުނދަގޫވާނެ ކަމެއް ނޫނެވެ.

މި ހިސާބުން މި ލިޔެލަނީ، ބުރުގާ އަޅައގެން ބަރާބަރަށް އުޅޭ މުސްލިމް އަންހެން ކުދިން މުޖްތަމަޢްތެރޭ އުޅޭއިރު، ދީނީ މިންގަނޑެއްގައި ތިމާގެ އުޅުމާއި ސުލޫކް ބެހެއްޓުމަށް އެހީވެދޭނެ ބައެއްކަންތައްތަކެވެ.

މި ކަންތައް ފުރިހިމަ ކޮށްފިނަމަ، އިސްލާމް ދީނުގައި ހުއްދަ ދާއިރާތެރޭގައި އަންހެން ކުއްޖާގެ ޢަމަލުތައް މިކަމުގައި ބަހައްޓައިފިކަމަށް ބުނެވިދާނެއެވެ.

1- ލޯ ތިރިކުރުން:

ފަހެ އަންހެނަކަށް ލިބިގެންވާ އެންމެ އަގުބޮޑު އެއްޗަކީ، އޭނާގެ ލަދުވެތިކަމެވެ. އަދި ލަދުވެތިކަމުގެ އެންމެ ބޮޑު ޢަލާމާތަކީ ލޯ ތިރިކުރުމެވެ. މާތް ﷲ ވަޙީކުރައްވަނީ: وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا وَلْيَضْرِبْنَ بِخُمُرِهِنَّ عَلَى جُيُوبِهِنَّ

މާނައަކީ: "އެކަނބަލުންގެ ބެލުންތައް ތިރި ކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާ ކުރުމަށް މުއުމިން އަންހެނުންނަށް ކަލޭގެފާނު ވިދާޅުވާށެވެ. އަދި އެއިން ފާޅުވެއްޖެތަން (މޫނާއި ދެ އަތްތިލަ ފިޔަވައި) އެ ކަނބަލުންގެ ޒީނަތް (ޒީނަތްވުމުގެ ތަން) ފާޅު ނުކުރާހުށިކަމެވެ. އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅާ ނިވާ ކުރާހުށި ކަމެވެ.'' (ސޫރަތުއް ނޫރް- 31)

ލޯ ތިރި ކުރަން ޖެހެނީ ހަމަ އެކަނި އަންހެނުން ކަމަށް ހީވުމަކީ ގޯހެކެވެ. ނޫރް ސޫރަތުގެ 30 ވަނަ އާޔަތުގައި ފިރިހެނުންގެ ލޯތައް ތިރިކުރުމަށް އަންގަވާފައި، ޖެހިގެން އައި އާޔަތުގައި އެންގެވީ އަންހެނުންގެ ލޯތައްވެސް ތިރިކުރުމަށެވެ.

ވީމާ ބުރުގާ އެޅިއަސް، ތިމާގެ ލޯ ތިރި ނުކުރެވެންޏާ އެއީ ގޯހެކެވެ. އެހެނީ ބުރުގާ އެޅިއަސް ކޮންމެ މީހެއްގެ ހިތުގައިވެސް އެދުންތަކެއް ހުރެއެވެ. ލޯ ތިރި ކުރަން ދީނުގައި އަންގަވާފައި ވަނީ، މި އެދުންތައް ލަގަނުން ދޫވެ، ނުބައި މަގަކުން ދެވިދާނެތީއެވެ. ވީމާ ބުރުގާ އަޅާ ކުދިން މިކަމަށް ސަމާލު ވުން ކިތަންމެހާވެސް މުހިއްމެވެ.

މީގެ މާނައަކީ، ފިރިހެނަކާއި ވާހަކަ ނުދައްކައި ފިރިހެނަކާއި ދިމާލަށް ނުބެލުމެއް ނޫނެވެ. ޝަހުވަތަކާއި ނުލާ ފިރިހެނުން އަންހެނުންނާއި ދިމާލަށް ބެލުން ހުއްދަފަދައިން، މ ގޮތަށް އަންހެނުން ފިރިހެނުންނާއި ދިމާލަށް ބެލުންވެސް ހުއްދައެވެ. ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއި ސުވާލުކޮށްފިނަމަ، ތިމަންނަ މި ބަލަނީ ދީނުގައި މަޤްބޫލު ގޮތަކަށްތޯ ނޫންތޯ އެނގިދާނެއެވެ.

2- ހިލޭ ފިރިހެނުން ގައިގައި ކޭއްތި ގައިގޯޅިވެ ނުއުޅުން:

އެއްވެސް ތަނެއްގައި އެއްވެސް ހާލަތެއްގައި ހިލޭ ފިރިހެނުންނާއި އަންހެނުން ގައިގޯޅިވެ ޖެހި، ފިތި ހެދުން އެއީ ހުއްދަ ކަމެއް ނޫނެވެ. ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވަނީ: لأن يطعن في رأس أحدكم بمخيط من حديد، خير له من أن يمس امرأة لا تحل له

މާނައަކީ: ''ޙަލާލް ނޫން އަންހެނެއްގެ ގައިގައި އަތްލުމަށް ވުރެ، ކަލޭމެންގެ ތެރެއިން މީހެއްގެ އަމިއްލަ ބޮލަށް ދަގަނޑު ތިނޯހެއް ހެރުންވެސް، ރަނގަޅެވެ.''

ހިލޭ އަންހެނެއްގެ ގައިގައި ފިރިހެނުން އަތް ލުން ޙަރާމް އިރު، އެފަދަ ފުރުސަތެއް ދިނުންވެސް ޙަރާމްވާނެކަން އެނގެއެވެ.

3- އިސްލާމީ އަދަބުތަކަށް ފެތޭ ހެދުމަކަށް ވުން:

މުސްލިން އަންހެނުން ލާ ހެދުމުގައި ހުންނަންޖެހޭކަމަށް ދީން ދެކޭ، ސިފަތަކެއް ވެއެވެ. އެއީ ކޮންމެ ކަހަލަ ހެދުމަކަށް ވިޔަސް، ވަރިހަމައެވެ. ހެދުމަށް ކިޔަނީ ޕާކިސްތާނު ހެދުމެކޭ، ސާޅިއެކޭ، ބުރުގާ ހެދުމެކޭ، ދިވެހި ލިބާހެކޭ، ދިގުހެދުމެކޭ، ޢަރަބި ހެދުމެކޭ، މިއީ ބަލަން ޖެހޭ ކަމެއް ނޫނެވެ. މުހިއްމީ ދީނުގައި ކަނޑައަޅާފައިވާ ސިފަތައް މި ހެދުންތަކުގައި ފުރިހަމަ ވުމެވެ. އޭރުން އެ ނިމުނީއެވެ.

ހުންނަން ޖެހޭ ޝަރުޠުތަކަކީ، ދެ އަތްތިލަ ފިޔަވައި ހުރިހާ ތަނެއް ރަނގަޅަށް ނިވާވުން، އެތެރެ ފެންނަވަރުގެ ތުނި ހެދުމަކަށް ނުވުން، ފިރިހެނުންނަށް ޚާއްޞަ ހެދުމަކަށް ނުވުން، ޣައިރު މުސްލިމުންނަށް ޚާއްޞަ ހެދުމަކަށް ނުވުން، އަދި ހަށިގަނޑުގެ ގުނަވަންތައް ފާޅުވާނެހެން ފަހާފައި އޮންނަ ގަޔަށް ބާރު ހެދުމަކަށް ނުވުމެވެ.

ލާ ހެދުމަކީ ތުނި ހެދުމަކަށް ނުވިޔަސް، އުރަމައްޗާއި، އުނަގަނޑާއި، ބުޑުފަދަ ތަންތަން ކަނޑައިނަގާފައި ހުންނަހެން، ދައްކުވައިދޭ ހެދުން އެއީ ހެދުމެއް ނޫނެވެ. މިފަދަ ހެދުން ލާ މީހުންނަކީ، ހެދުން ލައިގެން އެހެންނަމަވެސް އޮރިއާމުން އުޅޭ ބައެކެވެ. ތުނި ހެދުންތަކަށް ވުރެވެސް މިކަހަލަ ހެދުންތަކުން އުފެދޭ ފިތުނަ މާ ބޮޑެވެ.

ވީމާ، ބުރުގާ އަޅާ ކުދިން، ނަމަކަށް ބުރުގާ އެޅުމަކީ ބުރުގާގެ މަޤްޞަދު ހާސިލުވާނެ ކަމެއް ނޫނެވެ. އަޅަން ވާނީ، ދީނުގައި އަޅަން އަންގާފައިވާ ސިފަތައް ފުރިހަމަ ވާ ބުރުގާއެވެ.

4- ބަނޑިބަނޑި ލައްވަމުން ނުހިނގުން:

އަމިއްލަ ނުވަތަ މުޖްތަމަޢްގެ އެކި ކަންކަމުގައި، ޙަރަކާތްތެރިވެ، މީހުންގެތެރެއަށް ނިކުމެ އުޅުމަކީ، ދީނުގައި ހުއްދަ ކަންކަމެވެ. ރަސޫލު ޒަމާނުގައި މީހުން ބާޒާރުގައި ގަނެވިއްކަންވެސް އުޅުނެވެ. ހަނގުރާމައިގައި އެހިތެރިވެ ދީވެސް އުޅުނެވެ. މިސްކިތަށް ނަމާދަށްވެސް ދެއެވެ. މުޖްތަމަޢްގެ ކަންކަމުގައި ބައިވެރިވިއެވެ.

ނަމަވެސް މަގުމައްޗަށް ނިކުމެ އުޅޭއިރު، މީހުންގެ ސަމާލުކަން ދަމައިގަންނަން ގޮތްގޮތަށް ބަނޑިބަނޑި ލައްވަމުން، ހަށިގަނޑުގެ ވަނާތައް ފާޅު ކުރަމުން ހިނގުމަކީ ފަހަރެއްގައިވެސް ހުއްދަކަމެއް ނޫނެވެ. ހިނގަން ވާނީ ތިމާއަކީ ޝަރަފްވެރި، އިޙްތިރާމް ކުރެވޭ ދީންވެރި މީހެއްކަން ދޭހަވާފަދަ ގޮތަކަށެވެ. ބުރުގާ އެޅިއަސް ބަނޑިބަނޑި ލައްވަމުން ހިނގާނަމަ، ބޮލުގައި އޮތް ބުރުގާގެ ބޭނުމެއް ނެތެވެ. ތިމާއަށްވެސް އަދި މުޖްތަމަޢަށްވެސް ބުރުގާ އެޅުމަކުން ވާ ފައިދާއެއް ނެތެވެ.

5- ތުއިވެގަނެގެން ވާހަކަ ނުދެއްކުން :

ހިލޭ ފިރިހެނުންނާއި ވާހަކަ ދެއްކުން އެއީ އޭގެ ޒާތުގައި ޙަރާމް ކަމެއް ނޫނެވެ. ބޭނުމެއް އޮވެގެން، ރަނގަޅު މަޤްޞަދެއްގައި، ކޮންމެ ބަޔަކާއިވެސް ވާހަކަ ދެއްކިދާނެއެވެ. ނަމަވެސް ކަމަކާ ނުލާ، އަނެއް ޖިންސުގެ މީހުނާ ވާހަކަ ދައްކާލާ ހިތުން، ފިރިހެނުން އަންހެނުންނާ އަދި އަންހެނުން ފިރިހެނުންނާ ވާހަކަ ދެއްކުން އެއީ ދީނުގައި ހުއްދަވާނެ ކަމެއް ނޫނެވެ.

މުސްލިމް އަންހެނުން ފިރިހެނުންނާއި ވާހަކަ ދައްކަން ވާނީ، އެއްވެސް ކަހަލަ ތުއިކަމެއް އަޑަށް ނުގެނެހެވެ. އެހެނީ އަޑު ހިމަކޮށްގެން ނުވަތަ އާތްވެގަނެގެން ހިލޭ ފިރިހެނުންނާއި ވާހަކަ ދެއްކުމަކީ، އެއީ އެ މީހުންނަށް ނުބައި ހީކުރުންތަކެއް ހީވެ، ހިތުގައި ބަލިކަމެއް އުޅޭ މީހުންގެ ހިތުގައި ފިތުނަ އުފެދޭނެ ކަމެކެވެ. އަދި އަންހެނަކާއި އަޅައިގަނެގެން އުޅެފާނެ ކަމެކެވެ. އަދި ރަނގަޅު ނިޔަތެއްގައި މީހަކު އަޑު ތުއިކޮށްގެން ވާހަކައެއް ނުވެސް ދައްކާނެއެވެ.

މާތް ﷲ ވަޙީ ކުރައްވަނީ: يَا نِسَاء النَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ النِّسَاء إِنِ اتَّقَيْتُنَّ فَلاَ تَخْضَعْنَ بِالْقَوْلِ فَيَطْمَعَ الَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلاً مَّعْرُوفاً

މާނައަކީ : '' އޭ ނަބިއްޔާގެ އަނބިއަނބި ކަނބަލުނޭވެ. ތިޔަބައި މީހުންނީ އެހެން އަންހެނުންގެ ތެރެއިން މީހެއްފަދަ ބައެއް ނޫނެވެ. ތިޔަ ކަނބަލުން ތަޤުވާވެރިވާނަމަ، އަޑަށް އޮމާންކަން ގެނެސްގެން ވާހަކަ ނުދައްކަވާށެވެ. އެމީހެއްގެ ހިތުގައި ބަލިކަމެއް(އެދުން ނުވަތަ ނިފާޤުކަމުގެ ބަލިކަމެއް) ހުރި މީހަކު، ދަހިވެތިވެދާނެތީއެވެ. އަދި ރަނގަޅު ގޮތުގައި ރަނގަޅު ވާހަކަ ދައްކަވާށެވެ. '' ( ސޫރަތުލް އަޙްޒާބް-32 )

މި އާޔަތުގައި ރަސޫލާގެ އަނބިކަނބަލުންނަށް މާތް ﷲ އަންގަވަނީ، އެކަނބަލުންނަކީ އެހެން އަންހެނުންނަށް ވުރެ ހުރިހާ ގޮތަކުން މާތް މަތިވެރި ބައެއް ކަމަށެވެ. އަދި އެކަނބަލުންގެ ތަޤްވާވެރިކަން މަތީ ދެމިތިއްބެވުމަށެވެ. އަދި އެހެން މީހުންނާއި ނަސޭހެތް ނުވަތަ، ދީނީ ވާހަކައެއް ދެއްކެވިޔަސް، އެ މީހުންނާއި ހަރު އަޑުފުޅުން، ވާހަކަ ދެއްކެވުމަށެވެ. މިއީ އެކަނބަލުން ކޮންމެހެން އަޑުހިމަކޮށްގެން ވާހަކަ ދައްކަވާތީއެއް ނޫނެވެ. ކިއެއްތަ އެއީ ﷲ އެކަނބަލުންނަށް ދެއްވި އިލާހީ ތަރުބިއްޔަތެކެވެ.

ވީމާ، ބުރުގާ އަޅައިގެން އުޅޭ ކުއްޖަކު ފިރިހެނުންނާއި ވާހަކަ ދައްކައި އުޅުމުގެ ތެރޭގައި، އަޅައިގެން ހުރި ބުރުގާގެ މަތިން ހަނދާން ނެތެއްޏާ އެއީ ބުރުގާގެ މަޤްޞަދާއި ޚިލާފުކަމެކެވެ.

6- ފިރިހެނުންގެ ސަމާލުކަން ނުހޯދުން:

ބުރުގާ އަޅައިގެން، އެހެން ނަމަވެސް އެ ބުރުގާގެ ބޭނުން މީހަކަށް ނުހިފި ހިނގައިދާނެއެވެ. އެގޮތުން ބުރުގާ އަޅައިގެން ހިލޭ ފިރިހެނުންގެ ސަމާލުކަން ހޯދަން އުޅުމަކީ، ބުރުގާގެ މަޤްޞަދާއި ޚިލާފުކަމެކެވެ. ބުރުގާ އަޅަނީ، އައުރަ ނިވާކޮށް، ހިލޭ ފިރިހެނުން ތިމާއަށް ނަޒަރު ހުއްޓުވުނަ ނުދިނުމަށްޓަކައެވެ.

މިއާއި ޚިލާފަށް، ބުރުގާ އަޅައިގެން ތިމާގެ ޒީނަތްތެރިކަން އެހެން މީހުންނަށް ދައްކައި، އެ މީހުންގެ ސަމާލުކަން ތިމާއާއި ދިމާލަށް ހުއްޓުވުމަށްޓަކައި، ގިގުނިފަތި ތަޅުވަމުން ނުވަތަ މި ނުންވެސް މިފަދަ ސަމާލުކަން ހޯދޭފަދަ ކަންތައް ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. މާތް ﷲ ވަޙީ ކުރައްވަނީ: وَلايَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ وَتُوبُوا إِلَى اللَّهِ جَمِيعاً أَيُّهَا الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

އާޔަތުގެ ތަފްސީރީމާނަ: "އަދި އެކަނބަލުންގެ ގަހަނާއާއި ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން ބިމުގައި އެކަނބަލުން ނުތަޅާހުށިކަމެވެ." {އައްނޫރު: 31)

ޖާހިލިއްޔަ ޒަމާނުގައި ބައެއް އަންހެނުން، ފިރިހެނުން ތިބޭ ތަނަކާއި އަރާ ހަމަވެއްޖެނަމަ، ފައިގައި އަޅާފައި ހުންނަ ގިގުނިފަތި ތަޅުވައި ހަދައިއުޅުނެވެ. މިކަމަކީ ފިރިހެނުންގެ ސަމާލުކަން ދަމައިގަނެ، އަދި އަންހެން މީހާގެ ހިތުގައި ނުބައި ނިޔަތެއް އޮވެގެން ކުރާ ކަމަކަށް ވާތީ، ޤުރުއާނުގައި ޞަރީޙަ ބަހުން މިކަން މަނާކުރެވުނެވެ.

ޤުރުއާނުގައި އޮތީ ފައިތިލަ ތެޅުވުން ކަމަށް ވިޔަސް، ފައިތެޅުވުން ކަހަލަ ނުވަތަ އެ މަޤްޞަދު ހާސިލުވާ ކޮންމެ ވަސީލަތަކީވެސް އަދި ކޮންމެ ގޮތަކީވެސް މަނާ ގޮތެކެވެ. އެއީ ފިރިހެނުންގެ ސަމާލުކަން ހޯދަން ސެންޓުޖަހައިގެން ނުކުތުންކަމަށް ވިޔަސް، އަދި މޭކަޕް ކުރުންކަމަށް ވިޔަސް ވެހެވެ.

ނިންމުން:

ބުރުގާ އަޅައިގެން، މަތީގައިވާ ގޮތަށް ޢަމަލު ކޮށްފި މުސްލިމް އަންހެނާއަކީ، ދީނުގައި އަންގަވާފައިވާ ގޮތަށް ބުރުގާ އަޅާ، އަދި އެ ބުރުގާގެ މަޤްޞަދު ފުރިހަމައަށް ޙާޞިލުވާ ފަދައަކުން އުޅުން ބަހައްޓާ މީހެކޭ ބުނެވިދާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.