ހޯމަ20181112

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ރޯދަ ހިފުން ނަހީ ކުރެވިފައިވާ ދުވަސްތައް

ރޯދަ ހިފުން ނަހީ ކުރެވިފައިވާ ދުވަސްތައް

roadha-70-massala1- ދެ ޢީދު ދުވަހު ރޯދަ ހިފުން މަނާ:

ހިފާ ރޯދައަކީ ފަރުޟު ވެފައިވާ (މިސާލަކަށް ގަޟާ ރޯދަ، ނަދުރު، ކައްފާރާ ރޯދަ) ކަމަށް ވިޔަސް، އަދި ސުންނަތް ރޯދައަކަށް ވިޔަސް، ފިޠުރު ޢީދާއި އަޟްޙާ ޢީދު ދުވަހު ރޯދަ ހިފުމަކީ ޙަރާމްކުރެވިފައިވާ ކަމެކެވެ. عَنْ ‏ ‏أَبِي سَعِيدٍ الْخُدْرِيِّ ‏ ‏قَالَ ‏ نَهَى رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏عَنْ صِيَامِ يَوْمَيْنِ يَوْمِ الْفِطْرِ وَيَوْمِ الْأَضْحَى

މާނައަކީ: ''އަބޫ ސަޢީދުލް ޚުދްރީ ވިދާޅުވިއެވެ. ދެ ދުވަހެއްގައި ރޯދަ ހިފުން ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ނަހީ ކުރެއްވިއެވެ. ފިޠްރު ޢީދު ދުވަހާއި އަޟްޙާ ޢީދު ދުވަހެވެ.'' (ސުނަން އަބީ ދާއޫދް، ރޯދަ ބާބު)

2- އައްޔާމުއް ތަޝްރީޤުގައި ރޯދަ ހިފުން މަނާ:

ޖުމްހޫރު ޢިލްމުވެރިން ދެކިލައްވަނީ، މި ދުވަސްތަކުގައި ނަދުރަކުން ހިފަންޖެހޭ ރޯދައެއް ވިޔަސް، ޤަޟާ ރޯދައެއްވިޔަސް، އަދި ސުންނަތް ރޯދައެއްވިޔަސް، ހިފުން ހުއްދަ ނޫންކަމަށެވެ. މީހަކު އެފަދަ ރޯދައެއް ހިފިޔަސް އެ ވާނީ ބާޠިލު އެއްޗަކަށެވެ.

އައްޔާމް ތަޝްރީޤަކީ ޔައުމުއްނަޙްރު ނުވަތަ އަޟްޙާ ޢީދު ދުވަހަށް ފަހުން އަންނަ ތިންދުވަހެވެ. އަޟްޙާ ޢީދަކީ ޙައްޖު މަހުގެ 10 ވަނަ ދުވަސް ކަމަށް ވުމާއެކު އައްޔާމުއް ތަޝްރީޤަކީ ޙައްޖުމަހުގެ 11، 12، 13 މި ތިން ދުވަހެވެ.

عَنْ ‏ ‏سُلَيْمَانَ بْنِ يَسَارٍ ‏ أَنَّ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏نَهَى عَنْ صِيَامِ أَيَّامِ ‏ ‏مِنًى

މާނައަކީ: ''މިނާގެ ދުވަސްތަކުގައި ރޯދަ ހިފުން ﷲގެ ރަސޫލާ ނަހީ ކުރެއްވިއެވެ.'' (މުވައްޠައު މާލިކް، ބާބުލް ޙައްޖު)

އަދި އެހެން ޙަދީޘެއްގައި އެއީ ކައިބޮއެ ހަދާ ދުވަސްތަކެއް ކަމަށްވެސް ޙަދީޘް ކުރައްވާފައިވެއެވެ.

ނަމަވެސް ތަމައްތުޢު އަދި ޤިރާން ޙައްޖުކުރުމުން ވާޖިބުވާ ހަދުޔު ނުލިބޭ މީހާއަށް އައްޔާމުއް ތަޝްރީޤުގައި ރޯދަ ހިފުން ހުއްދައެވެ. މިކަން ޙަދީޘުތަކުން ސާބިތުވެއެވެ. ޝައިޚް އިބްނު ޢުޘައިމީން ވިދާޅުވެފައި އޮންނަނީ، ''ޤިރާން، ތަމައްތުޢު ޙައްޖުން ވާޖިބުވާ ހަދުޔު ނުދެވޭ މީހާއަށް ރޯދަ ހިފިދާނެއެވެ. އެނުން މީހަކަށް ޢީދު ދުވަހާއި އައްޔާމުއްތަޝްރީޤުގައި ރޯދަ ހިފުން ހުއްދައެއް ނުވާނެއެވެ. ކިއެއްތަ ޖެހިޖެހިގެން ދެމަސް ދުވަހު ރޯދަ ހިފަން ޖެހޭ މީހާވެސް މި ދުވަސްތަކާއި ދިމާވެއްޖެނަމަ، ހުއްޓާލުމަށްފަހު އަލުން ފައްޓާނީއެވެ.''

3- ހަމަ އެކަނި ހުކުރު ދުވަހު ރޯދަ ހިފުން މަނާ:

ހުކުރު ދުވަހަކީ މުސްލިމުންނަށް، ކޮންމެ ހަފްތާއަކު އަންނަ ޢީދު ދުވަހެއްކަހަލަ ދުވަހެކެވެ. މި ދުވަހު ސުންނަތް ރޯދަ ހިފުން މަނާ ކުރެވުނީ މި ސަބަބަށްޓަކައެވެ. ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައިވަނީ ހުކުރު ދުވަހު ސުންނަތް ރޯދަ ހިފުން ނަހީ ކުރެވުނީ މަކްރޫހަ ކަމެއްގެ ގޮތުގައެވެ. ޙަރާމް ކަމެއްގެ ގޮތުގައެއް ނޫނެވެ.

ނަމަވެސް ހުކުރު ދުވަހުގެ ކުރީ ދުވަހު ނުވަތަ އޭގެ ފަހު ދުވަހު ރޯދަ ހިފާނަމަ، ހުކުރު ދުވަހު ރޯދަ ހިފުން މަކްރޫހައެއް ނޫނެވެ. މަކްރޫހައީ ވަކިން ޚާއްޞަކޮށް ހުކުރު ދުވަހު ރޯދަ ހިފުމެވެ. މި ކަމާ ބެހޭ ގޮތުން އައިސްފައިވާ ގިނަ ޙަދީޘްތަކުގެ ތެރެއިން އެއް ޙަދީޘަކީ: عَنْ عَبْد الله بِن عَمرُو: أن رَسُولُ الله -صَلى الله عَليْه وَسَلمَ- دَخَلَ عَلَى جُوَيْرية بِنْت الحَارِثْ وَهيَ صَائمَة فيْ يَوْم ِجمْعَة فَقَالَ لَهَا: "أَصمْت أَمْس؟" فَقَالتْ: لا. قَال: "أتريْديْنَ أنْ تَصُومي غَدًا؟" قَالَت: لا. قَال: "فأفْطري إذنْ

މާނައަކީ: ''ޢަބްދުﷲ ބިން ޢުމަރު ވިދާޅުވިއެވެ. ޖުވައިރިޔާ ބިންތު އަލްޙާރިޘްގެ (ރަސޫލާގެ އަނބިކަބަލެއް) ގެ ގެކޮޅަށް ﷲގެ ރަސޫލާ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ވަޑައިގަތެވެ. އަދި އެކަމަނާ ހުންނެވީ ހުކުރު ދުވަހު ރޯދަ ހިއްޕަވައިގެންނެވެ. ދެން ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ-ޙަދީޘްކުރެއްވިއެވެ. ''ކަމަނާ އިއްޔެ ރޯދަ ހިފިންތަ؟'' އެ ކަމަނާ ދެންނެވިއެވެ. ''ނޫނެކެވެ.'' ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ''މާދަން ރޯދަން ހިފަން ޤަސްދު ކުރަމުހެއްޔެވެ؟'' އެ ކަމަނާ ދެންނެވިއެވެ. ''ނޫނެކެވެ.'' ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ''އެހެންވިއްޔާ ރޯދަ ވީއްލާލާށެވެ.'' (ރިވާކުރެއްވީ އަޙްމަދު، ނަސާއީ)

ފަރްޟު ރޯދައެއް ވިއްޔާ، ހުކުރު ދުވަހު ވިޔަސް ހިފުން މަކްރޫހައެއް ނޫނެވެ.

4- ހަމަ އެކަނި ހޮނިހިރު ދުވަހު ރޯދަ ހިފުން މަނާ:

ހުކުރު ދުވަހެކޭ އެއްގޮތަށް ހަމަ އެކަނި ހޮނިހިރު ދުވަހު ސުންނަތް ރޯދަ ހިފުންވެސް، ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ނަހީ ކުރައްވާފައިވެއެވެ. ޢިލްމުވެރިން ވިދާޅުވެފައިވަނީ މި ނަހީއަކީވެސް މަކްރޫހަ ނަހީއެކެވެ. ޙަރާމް ނަހީއެއް ނޫނެވެ. أَنَّ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏لَا تَصُومُوا يَوْمَ السَّبْتِ إِلَّا فِي مَا افْتُرِضَ عَلَيْكُمْ وَإِنْ لَمْ يَجِدْ أَحَدُكُمْ إِلَّا ‏ ‏لِحَاءَ ‏ ‏عِنَبَةٍ أَوْ عُودَ شَجَرَةٍ فَلْيَمْضَغْهُ

މާނައަކީ: ''ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ކަލޭމެންނަށް ފަރުޟު ކުރެވިފައިވާ ރޯދައެއް ނޫނީ، ހޮނިހިރު ދުވަހު ނުހިފާށެވެ. އަދި މޭބިސްކަދުރު ތޮށިކޮޅެއް ނުވަތަ ގަހެއްގެ ދަނޑިކޮޅެއް ނޫން އެއްޗެއް ނުލިބުނިއްޔާ، އެ ހަފާލާށެވެ.''

ކުރިންވެސް ބުނެވުނު ފަދައިން މަކްރޫހަ ކުރެވިފައިވަނީ، ހަމަ އެކަނި ހޮނިހިރު ދުވަހު ސުންނަތް ރޯދަ ހިފުމެވެ. އޭގެ ކުރީ ދުވަހު ނުވަތަ ފަހު ދުވަހު ރޯދާ ހިފާ ގޮތުގެ މަތިން، ހޮނިހިރު ދުވަހުވެސް ސުންނަތް ރޯދަ ހިފިދާނެއެވެ. ދެން ހަނދާން ބަހައްޓަންވީ ކަމަކީ، މަކްރޫހަ ކުރެވިފައިވަނީ، ފަރްޟު ރޯދަ ނޫން ރޯދައެވެ. ވީމާ މީހަކަށް، ނަދުރު، ކައްފާރާ، ޤަޟާ ރޯދައެއް ފަދަ ފަރުޟު ރޯދައެއް ހޮނިހިރު ދުވަހުވެސް ހިފިދާނެއެވެ. އެއީ މަކްރޫހަ ކަމެއް ނޫނެވެ.

5- ޝައްކުވާ ދުވަހު ރޯދަ ހިފުން މަނާ:

فَقَالَ ‏ ‏عَمَّارٌ ‏ ‏مَنْ صَامَ الْيَوْمَ الَّذِي يُشَكُّ فِيهِ فَقَدْ عَصَى ‏ ‏أَبَا الْقَاسِمِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ

މާނައަކީ: ''ޢައްމާރް ބިން ޔާސިރް ވިދާޅުވިއެވެ. ޝައްކުވާ ދުވަހު ރޯދަ ހިފައިފި މީހަކު، އަބުލް ޤާސިމަށް (ރަސޫލާގެ ކުންޔާއެއް) ނުކިޔަމަންތެރިވެއްޖެއެވެ. ''(ރިވާކުރެއްވީ ތިރްމިޛީ)

ޝައްކު ދުވަހޭ ބުނެވެނީ، އެއީ ޝަޢްބާން މަހުގެ ފަހު ދުވަސް އެއީ، ޝަޢްބާން މަހު ދުވަހެއްތޯ ނުވަތަ ރަމަޟާން މަހުގެ ދުވަހެއްތޯ ޝައްކު ވާ ދުވަހަށެވެ. ޝައްކު ދުވަހު ރޯދަ ހިފުން މަނާ ކުރެވިފައިވަނީ ރޯދަ މަސް އައުމުގެ ކުރިން، ޔަޤީން ނުވާ ހާލު، މީހުން ރޯދަ މަހު ރޯދަ ހިފުނަ ނުދިނުމަށްޓަކައެވެ.

ނަމަވެސް ޙަދީޘްތަކުން ސާބިތުވާ ގޮތުގައި، ކުރިން ރޯދަ ހިފަމުން އަންނަ މީހަކު، މިފަދަ ދުވަހަކާއި ދިމާވިޔަސް ރޯދަ ހިފުން މަނައެއް ނޫނެވެ. މީގެ މިސާލަކީ، އާދަވެގެން ސުންނަތް ރޯދައިގެ ގޮތުގައި ހޯމަ ދުވަހު ރޯދަ ހިފަމުން އަންނަ މީހަކު، އިއްތިފާޤުން ޝައްކު ދުވަހާއި ދިމާވިޔަސް ރޯދަ ހިފުން މަނައެއް ނޫނެވެ. ހަމަ އެހެންމެ ކުރިން ފަރްޟު ވެފައިވާ ރޯދަ ހިފުންވެސް މަނައެއް ނޫނެވެ.

6- މުޅި އަހަރު ރޯދަ ހިފުން މަނާ:

އަހަރުގެ ހުރިހާ ދުވަހެއްގައި ރޯދަ ހިފުމަކީ މަނާ ކަމެކެވެ. މިސާލަކަށް މުޙައްރަމް އެކަކުން ރޯދަ ހިފަން ފައްޓާ ގޮތަށް އެ އަހަރު ޒުލްޙިއްޖާ މަހު ފަހު ދުވަހާ ހަމައަށް ޘަވާބު އިތުރު ކުރުމުގެ ގޮތުން، މީހަކު ކޮންމެ ދުވަހަކު ރޯދަ ހިފަން ވިސްނަފާނެއެވެ. ނަމަވެސް މިއީ ހުއްދަ ގޮތެއް ނޫނެވެ. لاَ صَامَ مَنْ صَامَ الأبَدَ

މާނައަކީ : ''އަބަދަށް ރޯދަ ހިފި މީހަކު ރޯދައެއް ނުހިފައެވެ. ''

ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ޢީދު ދުވަހާއި، އައްޔާމުއްތަޝްރީޤު ދުވަސްތަކުގައި ރޯދަ ހިފުން މެދު ކަނޑައިފިނަމަ، މަނާ ކުރެވިފައިވާ މިންގަނޑުން ބޭރުވާނެއެވެ. މާނައަކީ އެއިރުން އެއީ މުޅި އަހަރު ރޯދަ ހިފިކަމަކަށް ނުވާނެއެވެ.

ޙަދީޘްތަކުން އެގޭ ގޮތުގައި މި ގޮތަށް ގިނަ ދުވަހު ރޯދަ ހިފަން ބޭނުން މީހަކަށް އޮތް އެންމެ ހެޔޮކަން ބޮޑު ގޮތަކީ، އެއް ދުވަހު ރޯދައަށް ހުރެފައި އަނެއް ދުވަހު ނުހިފައި އަނެއް ދުވަހު ރޯދަ ހިފުމެވެ. އެހެން ގޮތަކަށް ބުނާނަނަމަ ދެ ދުވަހުން އެއްދުވަހު ރޯދަ ހިފުމެވެ. މި ގޮތަށް ހިފާ ރޯދައަށް ކިޔަނީ ދާއޫދުގެފާނުގެ ރޯދައެވެ. އަދި މިއީ މޮޅު އިތުރު ކަމެއް ކަމުގައި ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.

7- ފިރިމީހާ، ރަށުގައިވަނިކޮށް އަންހެނުން ރޯދަ ހިފުން މަނާ:

މަތީގައި ބުނެވިފައިވަނީ، ފަރުޟު ރޯދައިގެ ވާހަކައެއް ނޫނެވެ. އެއީ ސުންނަތް ރޯދައިގެ ވާހަކައެވެ. ފިރިމީހާ ރަށުގައި އުޅެނިކޮށް، އޭނާގެ ހުއްދައާއި ނުލައި އަނބިމީހާ ސުންނަތް ރޯދަ ހިފުމަކީ، ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- މަނާ ކުރައްވާފައިވާ ކަމެކެވެ. ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވަނީ: عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏رَضِيَ اللَّهُ عَنْهُ ‏ أَنَّ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ لَا يَحِلُّ لِلْمَرْأَةِ أَنْ تَصُومَ وَزَوْجُهَا شَاهِدٌ إِلَّا بِإِذْنِهِ

މާނައަކ: ''ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އޭނާގެ ފިރިމީހާ އެކުގައި ވަނިކޮށް (ރަށުގައި)، ރޯދަ ހިފުން (ފަރްޟު ނޫން) އަންހެނާއަށް ހުއްދައެއް ނޫނެވެ.'' (ޞަޙީޙް ބުޚާރީގެ ކައިވެނި ކިތާބު)

ފިރިމީހާ ރަށުގައި އުޅެނިކޮށް އަންހެނުން ސުންނަތް ރޯދަ ހިފުން މަނާ ކުރެވުނީ، އެއީ އަނބިމީހާގެ ކިބައިން އުފާލިބިގަތުމަކީ ފިރިމީހާއަށް ދީނުގައި ލިބިދީފައިވާ ޙައްޤެކެވެ. އަދި އެކަމުން ދެމަފިރިންނަށް ޘަވާބު ލިބޭ ކަމެކެވެ. މިހެން މިކަން އޮތުމުން، އަނބިމީހާ ދުވާލު ރޯދަ ހިފުމުން ލިބޭ ޘަވާބު އޭނާއާށް ލިބި، އަދި ފިރިމީހާގެ ޙައްޤުވެސް އަދާކޮށް އެބަ ދެވެއެވެ.

ޢިލްމުވެރިން ވިދާޅުވަނީ، މި މަނާ ކުރުމަކީ އެއީ ޙަރާމް ކުރާ މަނައެއް ކަމަށެވެ. ނަމަވެސް ފިރިމީހާގެ މައްސަލައެއް ނެތްނަމަ، ނުވަތަ އޭނާ ބަލިވެ އުޅޭނަމަ، އަނބިމީހާ ސުންނަތް ރޯދަ ހިފުން ހުއްދައެވެ.

8- ދެ ރޯދަ ގުޅުވުން މަނާ:

ރޯދައެއް ހިފުމަށްފަހު، އިރު އޮއްސުމުން އެ ރޯދަ ނުކަނޑައި ހުންނަ ގޮތަށް ހުރެ އަނެއް ދުވަހު ރޯދަ ހިފުން އެއީ މަނާ ކަމަކެވެ.

 


 

ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.