ހަމަކަށަވަރުން ހުރިހާ ޙަމްދެއް ހުރީ މާތް ﷲ އަށެވެ. އަހަރެމެން އެކަލާނގެ އަށް ޙަމްދު ކުރަމެވެ. އަދި އެކަލާނގެ ވާގިވެރިކަމަށް އެދެމެވެ. އަދި ފާފަތައް ފުއްސެވުން އެދި އެކަލާނގެ ޙަޟްރަތަށް ދުޢާ ދަންނަވަމެވެ. އަހަރެމެންގެ ނަފްސުތަކުގައި ހުންނަ ނުބައި ކަމާއި އަހަރެމެންނަށް ކުރެވޭ ކަންތަކުގެ ނުބައި ކަންކަމުން، ﷲ ގެ ރައްކާތެރި ކަމަށް އެދެމެވެ. ﷲ އެ މީހަކަށް ތެދުމަގު ދައްކަވައިފި މީހަކު، މަގު ފުރެއްދޭނެ މީހަކު ނުވެއެވެ. އަދި ހަމަކަށަވަރުން، ﷲ ފިޔަވާ އަޅުކަން ކުރުން ޙައްޤު އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އެކަލާނގެއަކަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އަދި ހަމަކަށަވަރުން، މުޙައްމަދުގެފާނަކީ އެކަލާނގެ އަޅަކު ކަމާއި ރަސޫލެއްކަމަށް، އަޅުހެކިވަމެވެ.
ދެން މިއަށް ފަހު ބުނަމެވެ. އަހަރެންގެ ޢަޚެއް ކަމުގައިވާ، އަލްމަކްތަބުލް އިސްލާމީގެ ވެރިއާ ޒުހައިރު އައްޝާވިޝް، އަހަރެންގެ ފޮތެއް ކަމުގައިވާ ''ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރެވިގޮތް، ތަކުބީރުން ގޮސް ސަލާމްދިނުމާ ހަމައަށް، ތިބާއަށް ފެންނަހެން'' މި ފޮތުގެ ކުރު ޚުލާޞާއެއް ހެދުމަށް ޚިޔާލު ދިނެވެ. މި ފޮތް ކުރު ގޮތަކަށް ޢާއްމުންގެ މީހުންނަށް ވިސްނައިގަންނަން ފަސޭހަ ގޮތަކަށް ހެދުމަށެވެ.
އަދި އަހަރެންގެ ހިތުގައިވެސް އެތައް ދުވަހެއް ކުރިން އުފެދިފައި އޮތް، މި ޚިޔާލަކީ ރަނގަޅު ޚިޔާލެއް ކަމުގައި އަހަރެންނަށް ފެނުނު ހިނދު، އަދި އަމުދުން ރަޙްމަތްތެރިންނާއި އަޚުންގެ މިފަދަ ޙިޔާލު އަބަދުވެސް ލިބޭތީ، ޢިލްމީ ކަންކަމާ ހެދި ތޮއްޖެހިފައިވާ އަހަރެންގެ ވަގުތުން ކޮންމެވެސް ވަގުތުކޮޅެއް ހުސްކުރީއެވެ.
ދެން، މި ކަމަށް އަހަރެންނަށް ލިބި ހުރި ކުޅަދާނަ ކަމަކާއި މިންނަތް ހުރި ވަރަކުން، ހުށައެޅުނު ޚިޔާލު ތަންފީޒު ކުރެވޭތޯ ބެލީމެވެ. ހުރިހާ އުނި ސިފަތަކަކުން ހުސް ޠާހިރުވަންތަ ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނގެ ޙަޟްރަތުން، މިކަމަކީ، އެ ކަލާނގެ ވަޖުހުފުޅަށް ޚާލިޞްކޮށް ކުރެވޭ ކަމެއް ކަމުގައި ލެއްވުމަށް އެދި ދުޢާ ދަންނަވާ ހާލުގައެވެ. އަދި މިކަމަކީ އަހަރެންގެ މުސްލިމް އަޚުންނަށް މަންފާ ކުރާނެ ކަމެއް ކަމުގައި ލެއްވުން އެދެމެވެ.
މީގައި ''ޞިފަތު ޞަލާތުއް ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަ'' މި ފޮތުގައި ހިމެނިފައި ނުވާ، ފައިދާ ހުރި ބައެއް އިތުރު ނުކުތާތައް ހިމެނިފައި ވާނެއެވެ. އެ ކަންކަމަކީ ފަހުން އެ ކަމާ މެދު އަހަރެންނަށް ސަމާލުވެވި، މި ޚުލާޞާގައި ހިމެނުން ރަނގަޅު ކަމަށް އަހަރެންނަށް ފެނުނު ކަންކަމެވެ. ހަމަ އެހެންމެ، ބައެއް ޙަދީޘާއި ޛިކުރުތަކުގައި އައިސްފައިވާ ބަސްތަކުގެ ޝަރަހައެއް ކުރުމަށް އަހަރެން ޚާއްޞަ ސަމާލުކަމެއް ދިނީމެވެ.
އަދި ކޮންމެ ބަޔަކަށްވެސް މައިގަނޑު ސުރުޚީތަކެއް ކަނޑައެޅީމެވެ. އަދި އިތުރަށް ސާފުކޮށް ދިނުމުގެ ގޮތުން އަރިމަތީ ސުރުޚީތަކެއްވެސް ލައި، އޭގެ ދަށުން ސުމާރު ނަންބަރުތަކެއް ޖެހިފައި ވާނެއެވެ.
އަދި ކޮންމެ މައްސަލައެއް ކައިރީ އޭގެ ޙުކުމަކީ ރުކުނެއްތޯ؟ ވާޖިބެއްތޯ؟ ބުނެވިފައި ވާނެއެވެ. ޙުކުމް ވަކިން ބުނެވިފައި ނުވާ ކަންކަމަކީ އެއީ، ސުންނަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. މީގެ ތެރެއިން ބައެއް ކަންތަކަކީ ފަހަރެއްގައި އެއީ ވާޖިބެއް ކަމުގައި ވެސް ބުނެވިދާނެ ކަންތަކެވެ. އެހެން ނަމަވެސް، މި ފަދަ ކަންތަކުގައި ވަކި ގޮތެއް ކަނޑަ އެޅުމަކީ، ޢިލްމީ ތަޙުޤީޤާ ޚިލާފުކަމެކެވެ.
ރުކުނަކީ: އެ އާ ލައިގެން ކަމެއް ފުރިހަމަވާ، އެ ނެތިއްޖެނަމަ އެ ކަމެއް ކަނޑައެޅިގެން ބާޠިލުވާ ކަންތަކެވެ. މިސާލަކަށް، ނަމާދުގައި ނަމަ ރުކޫޢެވެ. ފަހެ ރުކޫޢަކީ ނަމާދުގެ ރުކުނެކެވެ. އެއާ ނުލައި ނަމާދު ބާޠިލުވާނެއެވެ.
ޝަރުޠު: ރުކުނާ އެއްފަދައެވެ. ނަމަވެސް ތަފާތަކީ ޝަރުޠަކީ ޝަރުޠުކުރެވުނު ކަމުން ބޭރު އެއްޗެއް ކަމެވެ. މިސާލަކަށް، ނަމާދުގައި ނަމަ ވުޟޫއެވެ. ފަހެ އެއާ ނުލައި ނަމާދު ޞައްޙަ ނުވާނެއެވެ.
ވާޖިބު: އެއީ ޤުރުއާނާއި ސުންނަތުގައި، އެކަމެއް ކުރަން އަމުރުވެވިފައިވާ، އަދި އެއީ ރުކުނެއްކަން ނުވަތަ ޝަރުޠެއް ކަމުގެ ދަލީލެއް ނެތް ކަންތަކެވެ. އަދި އެކަން ކޮށްފި މީހާއަށް ޘަވާބު ލިބި، ޢުޛުރަކާ ނުލައި ދޫކޮށްފި މީހަކަށް ސަޒާލިބޭ ކަންތަކެވެ.
ފަރުޟަކީ ވެސް ވާޖިބު ފަދަ އެއްޗެކެވެ. ފަރުޟާއި ވާޖިބާ ދެމެދު ފަރަގު ކުރުމަކީ އެއީ، އޭގެ މައްޗަށް ދަލީލެއް ނެތް، އަލަށް ހެދިފައިވާ އިޞްޠިލާޙެކެވެ.
ސުންނަތް: ސުންނަތަކީ، އެއީ އަޅުކަންތަކުގެ ތެރެއިން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، އެ ކަމެއް ކުރެއްވުމުގައި ދާއިމީ ގޮތެއްގައި ނުވަތަ ޢާއްމު ގޮތެއްގައި، ދެމި ހުންނެވި ކަންތަކެވެ. އަދި އެކަމަކީ ވާޖިބު ފަދައަކުން ކުރަން އަމުރު ކުރެވިގެންވާ ކަންތަކެއް ނޫނެވެ. އަދި އެއީ އެކަން ކުރާ މީހަކަށް ޘަވާބު ލިބޭ، އެ ކަން ދޫކޮށްލާ މީހާއަށް ޢަޛާބެއް ނުލިބޭ އަދި އެއްޗެހި ނުކިޔޭ ކަންތަކެވެ.
ދެން، ނަކަލު ކުރާ ބައެއް މީހުން ބުނެ އުޅޭ، އަދި ރަސޫލު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަށް ނިސްބަތް ކުރެވޭ ޙަދީޘް "مَنْ تَرَكَ سُنَّتِي لَمْ تَنلْه شَفَاعَتِي "
މާނައަކީ: ''ތިމަން ކަލޭގެފާނުގެ ސުންނަތް ދޫކޮށްފި މީހަކަށް، ތިމަން ކަލޭގެފާނުގެ ޝަފާޢަތް ނުލިބޭނެއެވެ."
އެއީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިއަހުން އެއްވެސް އަސްލެއް އައިސްފައިވާ ޙަދީޘެއް ނޫނެވެ. ވީމާ މިފަދަ އެއްޗެއް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ނިސްބަތް ކުރުން ހުއްދައެއް ނުވާނެއެވެ. އެއީ އެކަލޭގެފާނު ޙަދީޘް ނުކުރައްވާ ބަސްފުޅެއް، އެކަލޭގެފާނު ޙަދީޘް ކުރެއްވި ކަމަށް ބުނެވިދާނެ ކަމުގެ ބިރަށްޓަކައެވެ. ފަހެ ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާ ޙަދީޘް ކުރައްވާފައި ވަނީ: مَنْ قالَ عَليَّ مَا لمْ أقلْ فَليَتَبَوَّأ مَقعَدَه مِنَ النَّارِ
މާނައަކީ: ''ތިމަންކަލޭގެފާނު ޙަދީޘް ނުކުރައްވާ ވާހަކައެއް، ތިމަންކަލޭގެފާނު ޙަދީޘް ކުރެއްވި ކަމަށް ބުނެފި މީހާ، ފަހެ ނަރަކައިން އޭނާ އަށް ކަނޑަ އެޅިފައިވާ ގޮނޑި ނަގާށެވެ."
މި މަސައްކަތުގެ އަސްލު ފޮތެކޭ އެއްގޮތަށް، މި ފޮތުގައިވެސް، ތަބާ ވެވޭ ހަތަރު މަޛްހަބުގެ ތެރެއިން ވަކި މަޛްހަބަކަށް އަހަރެން ޚާއްޞަ ނުވާ ވާހަކައަކީ، އިތުރަށް ބަޔާން ވެސް ކުރަން ޖެހޭނެ ކަމެއް ނޫނެވެ. ކިއެއްތަ، މީގައި އަހަރެން ހިނގި މަގަކީ، ޙަދީޘްގެ އަހުލުވެރިން ހިނގާ މަގެވެ. އެ މީހުންނަކީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ސާބިތުވާ ކޮންމެ އެއްޗެއް ޤަބޫލުކުރާ ބައެކެވެ. އެހެންވެ، އެ މީހުންގެ މަޛްހަބަކީ އެހެން މަޛްހަބުތަކަށް ވުރެ ވަރުގަދަ މަޛްހަބެކެވެ. މި ކަމަކީ ހުރިހާ މަޛްހަބުތަކެއްގެ ވެސް އިންސާފުވެރިން ހެކިވާ ކަމެކެވެ. މީގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ޙަނަފީ މަޛްހަބުގެ ޢައްލާމާ އަބުލް ޙަސަނާތު އައްލުކްނަވީ ވިދާޅުވިއެވެ:
''އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އެ މީހުންނަކީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަޤީޤީ ވާރުތަވެރިންނެވެ. އަދި އެކަލޭގެފާނު ގެންނެވި ދީނުގެ ނާއިބުންނެވެ. އެ މީހުންގެ ތެރޭގައި މާތް ﷲ އަހަރެމެން ހަޝްރު ކުރައްވާށިއެވެ! އަދި އެ މީހުންނަށް ލޯބި ވާ އަދި އެ މީހުން ހިނގާ މަގުގައި ހިނގާ ހާލުގައި އަހަރެމެންގެ މަރު ހިއްޕަވާފާނދޭވެ!"
މިފަދައިން ވިދާޅުވި، އިމާމް އަޙްމަދަށް މާތް ﷲ ރަޙްމަތް ލައްވާށިއެވެ! ވިދާޅުވީ '' ނަބީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދީނަކީ ރިވާކުރެވިފައިވާ ޚަބަރުތަކެކެވެ. ޒުވާނަކަށް އޮތް، ލިބިފައިވާ އެންމެ މޮޅު ސަބަބަކީ އެކަލޭގެފާނުގެ އަޘަރުތަކެވެ. ނަމަނަމަ ޙަދީޘާއި އޭގެ އަހުލުވެރިން ދޫކޮށްފައި ނުދާށެވެ. އެހެނީ ރައުޔަކީ ރޭގަނޑެކެވެ. އަދި ހަދީޘަކީ ދުވާލެކެވެ. ފަހަރެއްގާ ޒުވާނާއަށް، ތެދުމަގު އޮތީ ކޮން ތަނެއްގައި ކަން ނޭނގިދާނެއެވެ. އެއީ އިރު އަރައި ގަދައަށް ބަބުޅާ ހާލުގައި ވަނިކޮށް ނަމަވެސް އެވެ.
ދިމިޝްޤު - 26 ޞަފަރު 1392. ހ
މުޙައްމަދު ނާޞިރުއްދީން އަލައަލްބާނީ
1- ގެފުޅަށް ކުރިމަތިލުން
1- އޭ މުސްލިމާއެވެ. ތިބާ ނަމާދު ކުރަން ތެދުވެއްޖެނަމަ، ކޮންމެ ތަނެއްގައި ހުރި ކަމުގައި ވިޔަސް، ގެފުޅާއި ކުރިމަތިލާށެވެ. ފަރުޟެއް ކަމުގައިވިޔަސް އަދި ސުންނަތެއް ކަމުގައިވިޔަސް ވެހެވެ. ގެފުޅަށް ކުރިމަތިލުމަކީ ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. މިއީ އެއާ ނުލާ ނަމާދު ކަމުނުދާނެ، ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ.
2- ހަނގުރާމަވެރިއާ، ޚައުފު ނަމާދު ކުރާއިރު ނުވަތަ ގަދައަށް ހަނގުރާމަ ކުރެވެމުން ދަނިކޮށް ކުރާ ނަމާދުގައި، ގެފުޅަށް ކުރިމަތިލުމުގެ ވާޖިބުކަން ވެއްޓިދެއެވެ.
- އަދި ގެފުޅާއި ކުރިމަތިލުން ކުޅަދާނަ ނޫން ބަލިމީހާ، ނުވަތަ ކަނޑު އުޅަނދެއްގައި ނުވަތަ ކާރެއްގައި ދަތުރު ކުރާ މީހާ، ނުވަތަ މަތިންދާ ބޯޓެއްގައި ދަތުރު ކުރާ މީހާ، ނަމާދުގެ ވަގުތު ފާއިތުވެދާނެހެން ހީވަންޏާ، ގެފުޅަށް ކުރިމަތި ލުމުގެ ވާޖިބުކަން ވެއްޓިދެއެވެ.
- އަދި ސުންނަތް ނަމާދެއް ނުވަތަ ވިތުރި ކުރާ މީހާ، ސަވާރީއެއް ނުވަތަ އުޅަނދެއްގައި ދަތުރު ކުރަމުން ދަންޏާ، ގެފުޅަށް ކުރިމަތިލުމުގެ ވާޖިބުކަން ވެއްޓިދެއެވެ. މިފަދަ މީހާއަށް ކުޅަދާނަވެގެން ވާނަމަ، ހަށަން ބަންނަ އިރު ސަވާރީ ނުވަތަ އުޅަނދު ގެފުޅަށް ކުރިމަތި ކުރުވުން އެދެވިގެންވެއެވެ. ދެން އޭގެ ފަހުން އޭތި ދާ ދިމާއަކަށް ދާނީއެވެ.
3- ގެފުޅު ލޮލަށް ފެންނަން ހުރި ކޮންމެ މީހަކުވެސް، ސީދާ ގެފުޅާއި ދިމާއަށް ކުރިމަތިލުން ވާޖިބުވެގެންވެއެވެ. ފެންނަ ހިސާބުގައި ނެތް މީހާ ކުރިމަތިލާނީ، ގެފުޅު ހުރި ދިމާއަށެވެ.
އޮޅިގެން ގެފުޅު ނޫން ފަރާތަކަށް ކުރިމަތިލައި ނަމާދު ކުރުމުގެ ޙުކުމް:
4- އުޑުމަތި ބަނަވެގެން ނުވަތަ އެ ނޫންވެސް ސަބަބަކާއި ހެދި، ރަނގަޅު ފަރާތަށް ކުރިމަތިލާން ކުރެވުނު މަސައްކަތެއް ކޮށް އަދި އިޖްތިހާދު ކޮށްފައި، ގެފުޅު ނޫން ފަރާތަކަށް ކުރިމަތިލައިގެން ހުރެ ނަމާދު ކުރެވުނަސް، އޭނާގެ ނަމާދު ރަނގަޅު ވާނެއެވެ. އަދި އެ ނަމާދު އަލުން ކުރާކަށް އޭނާއަށް ނުޖެހޭނެއެވެ.
5- ނަމާދަށް ހުއްޓާ، އޭނާ އިތުބާރު ކުރާ މީހަކު އައިސް، ރަނގަޅު ފަރާތް ދައްކައިފިނަމަ، އެ ދިމާއަކަށް ކުރިމަތިލާން އަވަސްވެގަންނަން އޭނާއަށް ޖެހޭނެއެވެ. އަދި އޭނާގެ ނަމާދު ކަމުދާނެއެވެ.
2 ކޮޅަށްހުރުން (ޤިޔާމް)
6- ނަމާދު ކުރާ މީހާ، ނަމާދުކުރަން ޖެހޭނީ ކޮޅަށް ހުރެއެވެ. އަދި އެއީ ރުކުނެކެވެ. ނަމަވެސް އެއީ މި އަންނަނިވި މީހުންނަށް ފިޔަވައެވެ:-
- ޚައުފު ނަމާދު ކުރާ މީހާ ނުވަތަ ގަދަ ހަނގުރާމައެއްގެ ތެރޭގައި ނަމާދު ކުރާ މީހާ، ސަވާރީ މަތީގައި ހުރެ ނަމާދު ކުރުން ހުއްދައެވެ. އަދި ބަލި މީހާއާއި ކޮޅައްހުރުން ނުކުޅެދޭ މީހާ ނަމާދު ކުރާނީ، އިށީނދެ އިނދެވޭ ނަމަ އިށީނދެ އިނދެގެންނެވެ. އެހެން ނޫން ނަމަ އޮށޯވެ އޮވެގެންނެވެ. ސުންނަތް ނަމާދު ކުރާ މީހާ، ސަވާރުވެ ހުރެ ނުވަތަ ބޭނުންނަމަ އިށީނދެ އިނދެ ވެސް ނަމާދު ކުރެވިދާނެއެވެ. މި ހާލަތުގައި އޭނާ ރުކޫޢު އާއި ސަޖިދަ ކުރާނީ ބޯ ކުރިމައްޗަށް ތިރި ކޮށްގެންނެވެ. ބަލި މީހާވެސް މިކަން ކުރާނީ މިހެންނެވެ. އަދި ސަޖިދަ ކުރާއިރު އޭނާގެ ބޯ ރުކޫ ކުރާ އިރަށް ވުރެ ބޮޑަށް ތިރި ކުރަން ވާނެއެވެ.
7- އިށީނދެ އިނދެ ނަމާދު ކުރާ މީހާ، ސަޖިދަ ކުރުމައްޓަކައި ބިންމަތީގައި އެއްޗެއް ބެހެއްޓުމަކީ ހުއްދަ ގޮތެއް ނޫނެވެ. ކިއެއްތަ، އޭނާއަށް ޖެހޭނީ، ކުރިން ބުނެވުނު ފަދައިން، ސަޖިދަ ކުރާއިރު ރުކޫޢު ކުރާއިރަށް ވުރެ ބޮޑަށް ތިރިވާށެވެ. ނިއްކުރި ބިންމަތީގައި ޖެއްސުން ކުޅަދާނަ ނޫންނަމަ، އޭނާއަށް އޮތީ މި ގޮތެވެ.
ކަނޑުއުޅަނދެއްގައި ނުވަތަ މަތިންދާބޯޓުގައި ނަމާދު ކުރުން:
8- ފަރުޟު ނަމާދު ކަނޑު އުޅަނދެއްގައި ކުރުން ހުއްދައެވެ. މަތިންދާބޯޓުގައި ވެސް ހަމަ މިފަދައެވެ.
9- އެދޭތީގައި ނަމާދުކުރާ މީހާ އަށް އޭނާ ވެއްޓިދާނެ ކަމުގެ ބިރު ހީވެއްޖެ ނަމަ، އިށީނދެ އިނދެ ނަމާދުކުރުން ހުއްދައެވެ.
10- މުސްކުޅި ކަމުގެ ސަބަބުން ނުވަތަ ހަށިގަނޑުގެ ބަލިކަށިކަމުގެ ސަބަބުން، ޤިޔާމަށް (ކޮޅަށްހުރުން) ހުންނަ އިރު، އަސާއަކަށް ނުވަތަ ތަނބަކަށް ލެނގިގެން ހުރުން ހުއްދައެވެ.
ކޮޅަށްހުރުމާއި އިށީނދެ އިނުން އެއްކުރުން:
11- ދަމުނަމާދު ކުރާ އިރު، ކޮޅަށްހުރެ ނުވަތަ ޢުޛުރަކާއި ނުލާ އިށީނދެ އިނދެ ކުރުންވެސް ހުއްދައެވެ. ނުވަތަ މި ދެ ގޮތް އެއްކުރުންވެސް ހުއްދައެވެ. އެގޮތުން ނަމާދުގައި ކިޔަވަން، އިށީނދެ އިނދެފައި، ރުކޫޢު ކުރުމުގެ ކުޑައިރުކޮޅެއް ކުރިން ތެދުވެ ބާކީ ހުރި އާޔަތްތައް ކިޔަވާފައި، ދެން ރުކޫޢުކޮށް ސަޖިދަ ކުރާނީއެވެ. ދެން ދެވަނަ ރަކްޢަތުގައިވެސް ހަމަ މިހެން ހަދާނީއެވެ.
12- އިށީނދެ އިނދެ ނަމާދު ކުރާނަމަ، އިންނާނީ ފައިވަށްކޮށްގެންނެވެ. ނުވަތަ އެ ނޫންވެސް އޭނާއަށް ފަސޭހަ ގޮތަކަށެވެ.
ފައިވާނުގައި ނަމާދުކުރުން:
13- ނަމާދަށް ހުންނައިރު، ހުސްފައިގައި ހުރުންވެސް ހުއްދައެވެ. ހަމަ އެހެންމެ ފައިވާނަށް އަރައިގެން ހުރެ ނަމާދު ކުރުންވެސް ހުއްދައެވެ.
14- ބޮޑަށް ރަނގަޅު ގޮތަކީ، ބައެއްފަހަރު ހުސްފައިގައި ހުރެ އަނެއްބައިފަހަރު ފައިވާނުގައި ހުރެ ނަމާދު ކުރުމެވެ. އެއީ މިކަން ކުރުން އެ މީހަކަށް ފަސޭހަ ފަދައަކުންނެވެ. ވީމާ ނަމާދު ކުރަންވީމާ ކޮންމެހެން ފައިވާނަށް އެރުން ނުވަތަ ބޭލުން އެއީ އޮތް ގޮތެއް ނޫނެވެ. ކިއެއްތަ އެ ވަގުތު އޭނާ ހުރީ ހުސްފައިގައި ނަމަ، އޭނާ ނަމާދު ކުރާނީ ހުސްފައިގައި ހުރެއެވެ. އެ ވަގުތު ހުރީ ފައިވާނަށް އަރައިގެން ނަމަ، ފައިވާނުގައި ހުރެ ނަމާދު ކުރާނީއެވެ. މިއީ އެހެން ގޮތަކަށް ހަދަން ޖެހޭފަދަ ކަމެއް މެދުވެރި ނުވާނަމައެވެ.
15- ފައިވާން ބާލައިފިނަމަ، އޭނާގެ ކަނާތް ފަރާތުގައި އެ ފައިވާން ބަހައްޓައިގެން ނުވާނެއެވެ. ބަހައްޓަން ވާނީ، ވާތް ފަރާތުގައި މީހަކު ނަމާދު ކުރަން ނެތްނަމަ، ވާތް ފަރާތުގައެވެ. އެހެން ނޫންމަ އެ ބަހައްޓަން ވާނީ ދެ ފައި ދެމުގައި ބިންމަތީގައެވެ.[1] މިކަން ވަނީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޞައްޙަ ގޮތުގައި ރިވާ ކުރެވިފައެވެ.
މިންބަރުގައި ހުރެ ނަމާދު ކުރުން:
16- މީސްތަކުންނަށް އުނގަންނައި ދިނުމަށްޓަކައި، އުސްތަނެއްގައި ހުރެ އިމާމު މީހާ ނަމާދު ކުރުން ހުއްދައެވެ. އެ ގޮތުން އެތާގައި ކޮޅަށްހުރެ، ތަކްބީރު ކިޔައި، ޤުރުއާން ކިޔަވައި، ރުކޫޢު ކުރާނީއެވެ. ދެން ފަހަތަށް ފައިބައިފައި މިންބަރު ކައިރީގައި ހުރެ ބިންމަތީގައި ސަޖިދަ ކުރާނީއެވެ. ދެން އަނެއްކާ މިންބަރަށް އަރާނީއެވެ. އަދި އަނެއް ރަކްޢަތުގައިވެސް ފުރަތަމަ ރަކްޢަތުގައި ކަންތައް ކުރި ގޮތަށް ކުރާނީއެވެ.
ނިވަލަކާ ދިމާއަށް ހުރެ ނަމާދު ކުރުމުގެ ވާޖިބުކަން، އަދި އެއާ ކައިރިވުން:
17- ނިވަލެއް ބަހައްޓައިގެން ހުރެ ނަމާދު ކުރުމަކީ ވާޖިބު ކަމެކެވެ. މިސްކިތެއްގައި ނަމާދު ކުރުން ނުވަތަ އެނޫން ތަނެއްގައި ހުރެ ނަމާދު ކުރުމަކުން މީގައި ފަރަގެއް ނެތެވެ. އަދި މިސްކިތް ބޮޑަސް ކުޑަޔަސް ތަފާތެއް ނެތެވެ. މިއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ބަސްފުޅުތަކުގެ ޖުމްލަ ބަސްފުޅަށް ބަލާފައެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނީ: لاَ تصَلِّ إلا إلىْ سُتْرَة ، وَلا تدع أحَداً يَمرُّ بَيْنَ يَدَيكَ ، فَإن أبَى فَلتقاتله فإنَّ مَعه القَريْن
މާނައަކީ: ''ސުތުރާ (ނިވަލެއް) އަކާ ދިމާއަށް ހުރެ ނޫނީ ނަމާދު ނުކުރާށެވެ. އަދި ކަލާގެ ކުރިމަތިން އެއްވެސް މީހަކު ހުރަސް ކުރެވުނަ ނުދޭށެވެ. ވީމާ މީހަކު ދެކޮޅު ހަދާފައި ދާން އުޅެފިނަމަ ގަދަކަމުން ނަމަވެސް އޭނާ ހުއްޓުވާށެވެ. އެހެނީ ޤަރީނު އޭނާއާ އެކު ވެއެވެ.'' މާނައަކީ ޝައިޠާނާ އެވެ.
18- އަދި މިއާ ކައިރިވުން ވާޖިބެވެ. އެހެނީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މިފަދައިން އަމުރު ކުރައްވާފައެވެ.
19- ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ސަޖިދަ ޖައްސަވާ ތަނާއި، އެކަލޭގެފާނުގެ ކުރިފުޅު މަތީގައި ހުންނަ ފާރާއި (ސުތުރާ) ދެމެދު، ކަންބަޅިއަކަށް ދެވޭހާ ދުރުމިން ހުރެއެވެ. ވީމާ މިފަދައިން ކަންތައް ބަހައްޓައިފި މީހަކަށް، އޭނާގެ މައްޗަށް ވާޖިބުވެގެންވާ ކައިރިވުން ފުރިހަމަ ކުރެވުނީއެވެ.[2]
ނިވަލުގެ އުސްމިން ހުންނަން ޖެހޭ ވަރު:
20- ސުތުރާ (ނިވާ) ގެ އުސްމިން ހުންނަން ޖެހޭނީ ބިމުން ފެށިގެން ގާތްގަނޑަކަށް ކައިވަތެއް ނުވަތަ ދެކައިވަތުގެ މިންވަރަށެވެ. އެއީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ މިބަސްފުޅަށްޓަކައެވެ.[3]
إذَا وَضَعَ أحَدُكُم بَيْنَ يَدَيْه مثلَ مُؤخِّرة الرَّحل فَليُصَلِّ، وَلا يُبَالي مَنْ وَرَاءَ ذَلك
މާނައަކީ: ''ކަލޭމެންގެ ތެރެއިން މީހަކު، ޖަމަލުދާނުގެ ލެނގޭތަންގަޑު ފަދަ އެއްޗެއް، ކުރިމަތީގައި ބަހައްޓާފައި، ދެން ނަމާދު ކުރާށެވެ. ދެން އޭގެ ބޭރުން މީހަކު ހުރަސް ކުރިއަސް އަޅާ ނުލާށެވެ.''
21- ސުތުރާ ކުރިމަތީ ހުރެ ނަމާދު ކުރާ އިރު ހުންނަން ވާނީ ސީދާ އެއާ ކުރިމަތިވާ ގޮތަށެވެ. އެހެނީ، ސުތުރާއާއި ދިމާއަށް ނަމާދު ކުރާށޭ، ހަދީޘުގައި އޮތުމުން ފާޅުކޮށް ދޭހަވަނީ މި ގޮތެވެ. ސީދާ އެއާ ކުރިމަތި ނުވާހެން ކަނާތަށް ނުވަތަ ވާތަށް ޖެހިގެން ހުރުމަކީ، ސުންނަތުން ސާބިތުވާން އޮތް ގޮތެއް ނޫނެވެ.
22- ބިން މައްޗަށް ޖަހާފައި ހުންނަ ދަނޑިބުރިއެއް ނުވަތަ އެނޫންވެސް އެފަދަ އެއްޗަކާ ދިމާއަށް، ނުވަތަ ގަހެއް، ހޮޅިގަނޑެއް، ނުވަތަ ރަޖާ ދަށުގައި އެނދުގައި އޮށޯވެ އޮންނަ އަނބި މީހާއާ ދިމާއަށް ހުރެ، ނުވަތަ ސަވާރީ- އެއީ ޖަމަލެއް ކަމުގައި ވިޔަސް- ފަދަ އެއްޗަކާއި ދިމާއަށް ހުރެ ނަމާދު ކުރުން ހުއްދައެވެ.
މަހާނައާ ދިމާއަށް ހުރެ ނަމާދު ކުރުން ޙަރާމްވުން:
23- މަހާނައަކާ ދިމާއަށް ހުރެގެން ނަމާދު ކުރުން އެއްގޮތަކަށްވެސް ހުއްދައެއް ނޫނެވެ. އެއީ ނަބީބޭކަލުންގެ މަހާނައެއް ނުވަތަ އެ ނޫން ބައެއްގެ މަހާނަ ކަމުގައި ވިޔަސް ވެހެވެ.
މަސްޖިދުލް ޙަރާމް ގައި ކަމުގައި ވިޔަސް، ނަމާދު ކުރާ މީހެއްގެ ކުރިމަތިން ހުރަސް ކުރުން ޙަރާމް ވުން:
24- އޭނާ ނަމާދަށް ހުރީ ނިވަލެއް ބަހައްޓައިގެން ކަމުގައި ވާނަމަ، އޭނާގެ ކުރިމަތިން ހުރަސް ކުރުން ހުއްދައެއް ނޫނެވެ. މަސްޖިދުލް ޙަރާމްއެކޭ އެހެން މިސްކިތެކޭ މި ކަމުގައި ތަފާތެއް ނެތެވެ. މަނާވުމުގައި ހުރިހާ ތަނަކީވެސް ހަމަހަމަ ތަންތަނެވެ. އެއީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ޢާއްމު ބަސްފުޅަށް ބަލާފައެވެ.
لَوْ يَعْلَمُ الْمَارُّ بَيْنَ يَدَيْ الْمُصَلِّي مَاذَا عَلَيْهِ لَكَانَ أَنْ يَقِفَ أَرْبَعِينَ خَيْرًا لَهُ مِنْ أَنْ يَمُرَّ بَيْنَ يَدَيْهِ
މާނައަކީ: ''ނަމާދު ކުރަން ހުންނަ މީހާގެ ކުރިމަތިން ހުރަސްކުރާ މީހާއަށް، އޭނާގެ މައްޗަށް އޮތް ފާފަ އެނގޭނަމަ، ސާޅީސް ވަންދެން ހުއްޓި ހުރީހެވެ. ހުރަސް ކުރުމަށް ވުރެ އެގޮތް އޭނާއަށް ހެޔޮކަން ބޮޑެވެ.'' އެބަހީ ނަމާދަށް ހުންނަ މީހާއާއި އޭނާ ސަޖިދަޖަހާ ތަނާ ދެމެދުން ހުރަސް ކުރުމެވެ.
މަސްޖިދުލް ޙަރާމް ގައި ކަމުގައި ވިޔަސް، ނަމާދަށް ހުންނަ މީހާ އޭނާ ކުރިމަތިން ދާން އުޅޭ މީހުން މަނާ ކުރުން ވާޖިބުވުން:
25- ސުތުރާއަކާއި ދިމާއަށް ހުރެ ނަމާދު ކުރާ މީހާއަށް، އޭނާ ކުރިމަތިން އެއްވެސް މީހަކު ދެވުނަ ދިނުން ހުއްދައެއް ނޫނެވެ. އެއީ މަތީގައި ފާއިތުވެ ދިޔަ ޙަދީޘަށް ބަލާފައެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ''ކަލޭގެ ކުރިމަތިން އެއްވެސް މީހެއް ހުރަސް ކުރިޔަ ނުދޭށެވެ.'' އަދި ''ކަލޭމެންގެ ތެރެއިން މީހަކު، ނިވަލަކާއި ދިމާއަށް ހުރެ ނަމާދު ކުރަނިކޮށް ، މީހަކު ކުރިމަތިން ހުރަސްކުރަން އުޅެފިނަމަ، އެ މީހެއްގެ މޭމަތީގައި ހިފައި ކޮއްޕައިގެން އޭނާ ހުއްޓުވާށެވެ. އަދި ވީ ވަރަކުން އޭނާ ދުރުކުރާށެވެ.'' އަދި އެހެން ރިވާޔަތެއްގައި އޮންނީ ދެ ފަހަރު އެކަން މަނާ ކުރުމުންވެސް ދާން އުޅެފިނަމަ ބާރުގެ ބޭނުންކޮށްގެންވެސް މަނާ ކުރާށެވެ. ފަހެ އެވާނީ ޝައިޠާނަކަށެވެ.''
މީހުން ހުރަސް ކުރެވުނަ ނުދޭން، ކުރިއަށް ޖެހިލުން:
26- ކުޑަ ކުއްޖެއް ނުވަތަ ޖަނަވާރެއް ފަދަ އެއްޗެއް ކުރިމަތިން ހުރަސް ކުރެވުނަ ނުދޭން، ފިޔަވަޅެއް ނުވަތަ އެއަށް ވުރެ ގިނައިން ކުރިއަށް ޖެހިލުން ހުއްދައެވެ. އެއީ އޭރުން އެ ކުއްޖާ ނުވަތަ ޖަނަވާރު މީހާގެ ފަހަތުން ހުރަސް ކުރުވުމަށްޓަކައެވެ.
ނަމާދު މެދުކަނޑާލާ އެއްޗެހި:
27- ނަމާދަށް ހުންނަ އިރު ސުތުރާއް ބެހެއްޓުމުގެ މުހިއްމު ކަމުގެ ތެރޭގައި، ނަމާދު ކުރާ މީހާއާއި އެއާއި ދެމެދުން ހުރަސް ކުރުމުން ނަމާދު ނުބައި ނުވުން ހިމެނެއެވެ. ސުތުރާއެއް ނުބަހައްޓާ މީހާ މިއާއި ޚިލާފެވެ. ފަހެ އޭނާގެ ކުރިމަތިން، އަންހެނެއް، ޙިމާރެއް ނުވަތަ ކަޅު ކުއްތާއެއް ހުރަސް ކޮށްފިއްޔާ ނަމާދު ބާޠިލު ވާނެއެވެ.
3- ނިޔަތް
28- ނަމާދު ކުރަން ހުއްޓޭ މީހާ އޭނާ ކުރަން އުޅޭ ނަމާދަށް، ނިޔަތް ގަނެ އެއީ ކޮން ނަމާދެއްކަން ހިތުގައި ކަނޑައަޅަންޖެހޭނެއެވެ. އެއީ މިސާލަކަށް ކުރަނީ ފަރުޟު މެންދުރުކަން ނޫނީ ޢަޞުރުކަން ނުވަތަ އެއީ އެ ދެނަމާދުގެ ސުންނަތްކަން ކަނޑައެޅުމެވެ. މިއީ ނަމާދުގެ ރުކުނެއް އެހެން ނޫނީ ޝަރުޠެކެވެ. ދެން ނިޔަތް ދުލުން ކިއުމަކީ އެއީ، ސުންނަތާއި ޚިލާފު ބިދުޢަ އެކެވެ. މިއީ، (ނިޔަތް ދުލުން ކިއުމަކީ) ނަކަލުކުރެވޭ (އެބަޔަކަށް ޢާއްމުން ތަބާވާ އިމާމެއް: އިމާމް ޝާފިޢީ ފަދަ) އެއްވެސް އިމާމަކުވެސް ވިދާޅުވި ގޮތެއް ނޫނެވެ.
4- ތަކުބީރު ކިއުން
29- ދެން ''ﷲ އަކްބަރު'' ކިޔައި ނަމާދު ފައްޓާނީއެވެ. މިއީ ނަމާދުގެ ރުކުނެކެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވާ މި ޙަދީޘަށްޓަކައެވެ. مِفْتَاحُ الصَّلاَةِ الطُّهُورُ وَتَحْرِيمُهَا التَّكْبِيرُ وَتَحْلِيلُهَا التَّسْلِيمُ
މާނައަކީ: ''ނަމާދުގެ ތަޅުދަނޑިއަކީ، ޠާހިރުވުމެވެ. އަދި ނަމާދުން ބޭރު ހަރަކާތްތައް ޙަރާމް ކުރާ އެއްޗަކީ ތަކްބީރެވެ. އަދި ނަމާދުން ބޭރު ހަރަކާތްތައް ހުއްދަ ކުރާ އެއްޗަކީ ސަލާމް ދިނުމެވެ.''[4]
30- އެއްވެސް ނަމާދެއްގައި ތަކްބީރު ކިޔާ އިރު، ހަރު އަޑުން ކިޔައިގެން ނުވާނެއެވެ. މިއީ އެމީހަކީ، އިމާމަކަށްވެ ހުރެ ނަމާދު ކުރާ މީހަކަށް ނުވާނަމައެވެ.
31- އިމާމް މީހާ ތަކްބީރު ކީމާ، ބަންގި ދޭ މީހާ އެ ތަކްބީރު ހަރު އަޑުން މީހުންނަށް ފޯރުކޮށް ދިނުން ހުއްދައެވެ. އެއީ މިކަމުގެ ބޭނުމެއް އޮތްނަމައެވެ. މިސާލަކަށް އިމާމް މީހާ ބަލިވެ އުޅުން، ނުވަތަ އޭނާގެ އަޑު މަޑުވުން، ނުވަތަ އޭނާގެ ފަހަތުގައި ނަމާދު ކުރަން ތިބި މީހުން ގިނަވުން ފަދަ ހާލަތްތަކުގައެވެ.
32-އިމާމު މީހާ ތަކްބީރު ކިޔައި ނިމުމުގެ ކުރިން، އިމާމުގެ ފަހަތުގައި ނަމާދު ކުރާމީހާ، އެ ކިޔައިގެން ނުވާނެއެވެ.
ދެ އަތް އުފުލުމާއި އަދި އުފުލާގޮތް:
33- ނަމާދު ކުރާ މީހާ ދެ އަތް އުފުލާނީ، ތަކްބީރާއި އެކުއެކީ ނުވަތަ އޭގެ ކުރިން، ނުވަތަ އޭގެ ފަހުންނެވެ. މި ހުރިހާ ގޮތްތަކަކީވެސް ސުންނަތުން ސާބިތުވެފައިވާ ގޮތްތަކެކެވެ.
34- ދެ އަތް އުފުލަން ވާނީ، އިނގިލިތައް ދަމާލެވިފައިވާ ހާލުގައެވެ.
35- ދެ އަތްތިލަ އުފުލާނީ، ކޮނޑާއި ހަމައަށެވެ. އަދި ބައެއް ފަހަރު މިއަށްވުރެ ބޮޑަށް އުފުލަން، ކަންފަތާއި ހަމައަށް ވެސް، އަތްތިލަ އުފުލުން އޮވެއެވެ.[5]
އަތް ބޭއްވުމާއި އަދި ބާއްވާ ގޮތް:
36- ދެން ތަކްބީރާއި ވިދިގެން، ކަނާއަތް ވާއަތް މަތީ ބާއްވާށެވެ. އަދި މިއީ ސަލާމާއި ޞަލަވާތް ލެއްވި ނަބީ ބޭކަލުންގެ ސުންނަތެއްވެސް މެއެވެ. އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ މި ގޮތަށް ހެދުމަށް، އެކަލޭގެފާނުގެ ޞަޙާބީންނަށް އަމުރު ކުރައްވާފައެވެ. ވީމާ ދެ އަތް އެލުވާލައިގެން ހުރުން ހުއްދައެއް ނޫނެވެ.
37- ކަނާއަތް ބާއްވާނީ، ވާއަތު އަތްތިލައާއި، ކުޑަހުޅާއި، އަތް ދަނޑީގެ މަތީގައި ވާ ގޮތަށެވެ.
38- ބައެއް ފަހަރު ކަނާއަތުން ވާއަތުގައި ހިފަހައްޓައިގެންނެވެ.[6]
އަތް ބާއްވާ ތަން:
39- ދެއަތް ބާއްވާނީ އޭނާގެ މޭމަތީގައެވެ. ފިރިހެނުންނާއި އަންހެނުންވެސް މި ކަމުގައި އެއް ފަދައެވެ.[7]
40- އުނަގަނޑުގައި ކަނާއަތް ބޭއްވުން އެއީ ހުއްދަ ގޮތެއް ނޫނެވެ.
ޚުޝޫޢަތްތެރި ވުމާއި އަދި ސަޖިދަ ކުރާތަނަށް ބެލުން:
41- ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި ކުރެހުންގަނޑާއި ބިންވަޅުނެގުންތައް ފަދަ، މީހާގެ ސަމާލުކަން ގެއްލުވާފަދަ އެއްޗެހިތަކާއި ދުރުހެލިވާން ޖެހޭނެއެވެ. އެހެންމެ، ކާހިތްވާފަދަ ކާއެއްޗެއް ތައްޔާރުވެފައި ހުއްޓާ، ނުވަތަ ކުޑަކަމުދާން ނުވަތަ ބޮޑުކަމުދާން ޖެހިފައި ހުއްޓާވެސް ނަމާދު ކޮށްގެން ނުވާނެއެވެ.
42- ނަމާދަށް ކޮޅަށް ހުންނައިރު އޭނާ ބަލާނީ ސަޖިދަ ޖަހާތަނަށެވެ.
43- ކަނާއަތަށް ވެސް ނުވަތަ ވާއަތަށް ވެސް އެނބުރިގެން ނުވާނެއެވެ. ފަހެ ފަރާތްފަރާތަށް އެނބުރުމަކީ، ނަމާދަށް ހުންނަ މީހާގެ ނަމާދުން ޝައިޠާނާ ކުރާ ވައްކަމެކެވެ.
44- އުޑަށް ބެލުމަކީ ހުއްދަ ކަމެއް ނޫނެވެ.
ނަމާދަށް ފަށައިގަންނަ ދުޢާ (ދުއާއުލް އިސްތިފްތާޙް) :
45- ދެން ނަމާދު ފައްޓައިގަންނާނީ، ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުން ސާބިތުވެފައިވާ ބައެއް ދުއާތަކުންނެވެ. އޭގެ ގިނަ ދުޢާތަކެއް ވެއެވެ. އެންމެ މަޝްހޫރު ދުޢާއަކީ: سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ ، وَتَبَارَكَ اسْمُكَ ، وَتَعَالَى جَدُّكَ ، وَلا إِلَهَ غَيْرُكَ
މާނައަކީ: ''އިބަރަސްކަލާނގެ ހުރިހާ އުނި ސިފައަކުން ހުސްޠާހިރުވަންތަ އެވެ. އޭ ﷲ ! އިބަ ރަސްކަލާނގެއަށް ޙަމްދު ހުއްޓެވެ. އަދި އިބަރަސްކަލާނގެ އިސްމުފުޅު މަތިވެރިވެ މާތް ވެގެންވެއެވެ. އަދި އިބަރަސްކަލާގެ މާތްކަމާއި ގަދަކީރިތިކަން ބޮޑުވެ މަތިވެރިވެގެންވެއެވެ. އަދި އިބަރަސްކަލާގެ ފިޔަވައި ކަލަކު ވޮޑިގެން ނުވެއެވެ.''
މި ކަމަކީ އަމުރު ކުރެވިފައިވާ ކަމެއްކަން ވަނީ ސާބިތުވެފައެވެ. ވީމާ މިކަން ކުރުމުގެ މައްޗަށް ސަމާލުވާން ޖެހޭނެއެވެ.[8]
5- ކިޔެވުން
46- ދެން، އަޢޫޛު ކިޔާނީއެވެ. މިއީ ވާޖިބު ކަމެކެވެ. އަދި އަޢޫޛު ނުކިއުން އެއީ ފާފަވެރިވާނެ ކަމެކެވެ.
47- ސުންނަތް ގޮތަކީ ބައެއް ފަހަރު މިހެންވެސް ކިއުމެވެ.
أَعُوذُ بِاللَّهِ مِنْ الشَّيْطَانِ الرَّجِيمِ ، مِنْ هَمْزِهِ ، وَنَفْخِهِ، وَنَفْثِهِ
މާނައަކީ: ''މާތްﷲ ގެ ރަޙްމަތުން ބޭރު ކުރެވިގަންވާ ޝައިޠާނާގެ ނުބައި ކަމުން، މާތްﷲ ގެ ރައްކާތެރިކަމަށް އެދެމެވެ. އެ ޝައިޠާނާގެ ސަބަބުން ވާ މޮޔަކަމާއި، އޭގެ ބޮޑާކަމާއި، އޭގެ ނުބައި ކިޔެވެލިފަތި ތަކުންނެވެ.''
48- އަދި ބައެއްފަހަރު މިހެން ކިޔާށެވެ.
أَعُوذُ بِاللَّهِ السَّمِيعِ الْعَلِيمِ مِنْ الشَّيْطَانِ الرَّجِيمِ مِنْ هَمْزِهِ وَنَفْخِهِ وَنَفْثِهِ
މާނައަކީ: ''ރަޙްމަތުން ބޭރު ކުރެވިގަންވާ ޝައިޠާނާގެ ނުބައި ކަމުން، ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގަންނަވާ އައްސަވާ ވޮޑިގަންނަވާ މާތްﷲ ގެ ރައްކާތެރިކަމަށް އެދެމެވެ. އެ ޝައިޠާނާގެ ސަބަބުން ވާ މޮޔަކަމާއި، އޭގެ ބޮޑާކަމާއި، އޭގެ ނުބައި ކިޔެވެލިފަތި ތަކުންނެވެ.''
49- ދެން، އަޑު ހަރުކޮށް ކިޔަވާ ނަމާދާއި ސިއްރުން ކިޔަވާ ނަމާދުގައިވެސް، މަޑު އަޑުން بِسْمِ اللهِ الرَّحْمنِ الرَّحِيمِ އޭ ކިޔާށެވެ.
ސޫރަތުލް ފާތިޙާ ކިޔުން:
50- ދެން ސޫރަތުލް ފާތިޙާ (އަލްޙަމްދު)، އެއްކޮށް ކިޔާށެވެ. ބިސްމި އަކީ އަލްޙަމްދުގެ އާޔަތެކެވެ. އަދި އަލްޙަމްދު ކިޔުމަކީ، އެއާ ނުލާ ނަމާދު ޞައްޙަ ނުވާނެ ރުކުނެކެވެ. ވީމާ ޢަރަބި ބަސް ނުދަންނަ މީހުންވެސް، މި ހިތު ދަސް ކުރުމަކީ ވާޖިބު ކަމެކެވެ.
51- ނަމަވެސް އެއްވެސް ގޮތަކަށް، އަލްޙަމްދު ކިޔަން ނުކުޅެދޭ މީހެއް ނަމަ، މިފަދައިން ކިޔުމުން ފުދޭނެއެވެ. ކިޔާނީ:-
سُبْحَانَ اللَّهِ ، وَالْحَمْدُ لِلَّهِ ، وَلاَ إِلَهَ إِلاَّ اللَّهُ ، اللَّهُ أَكْبَرُ ، وَ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
މާނައަކީ: ''ﷲ އަކީ ހުސް ޠާހިރުވަންތަ ރަސްކަލާނގެއެވެ. އަދި ﷲ ގެ ކިބަފުޅަށް ޙަމްދު ހުއްޓެވެ. އަދި ﷲ މެނުވީ ކަލަކު ވޮޑިގެން ނުވެއެވެ. އަދި ﷲ ގެ ކުޅަދުންވަންތަ ކަމާއި މާތްކަން އެހެން ހުރިހާ އެއްޗަކާއި ކަމަކަށް ވުރެ ބޮޑެވެ. އަދި ﷲ ގެ އެހީފުޅާ ނުލާ، އެއްވެސް ކަމެއް ކުރުމުގެ ކުޅަދާނަކަމެއް، ގޮތެއް އަދި ބާރެއްވެސް، އެއްވެސް ފަރާތަކަށް ލިބިގެން ނުވެއެވެ.''
52- އަލްޙަމްދު ކިޔުމުގައި ސުންނަތް ގޮތަކީ، އާޔަތަކުން އާޔަތަކުން، ކޮންމެ އާޔަތަކަށްފަހު ހުއްޓަމުން ކިއުމެވެ. އެގޮތުން ކިޔާނީ:
بِسْمِ اللهِ الرَّحْمنِ الرَّحِيمِ
ދެން
الْحَمْدُ للّهِ رَبِّ الْعَالَمِينَ
ދެން ހުއްޓާފައި ކިޔާނީ
الرَّحْمـنِ الرَّحِيمِ
ދެން
مَالِكِ يَوْمِ الدِّينِ
މި ގޮތަށް އަލްޙަމްދު ނިމެންދެން ކިޔާށެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، މުޅިންވެސް ކިޔަވައި ވިދާޅުވީ މި ގޮތަށެވެ. އާޔަތްތަކަށް ހުއްޓަވަމުންނެވެ. ފަހަތުގައި އޮންނަ އާޔަތާއި ގުޅުއްވަމަކުން ނޫނެވެ. މިއީ އެއް އާޔަތާއި އަނެއް އާޔަތާއި މާނައިގެ ގޮތުން ގުޅުން ހުރި ކަމުގައި ވިޔަސް ވެހެވެ.
53- އަލްޙަމްދު ކިޔާ އިރު، '' مَالِكِ '' ނުވަތަ '' مَلِكِ '' މި ދެގޮތަށްވެސް ކިއުން ހުއްދައެވެ.
އިޤްތިދާވެގެން ނަމާދު ކުރާ މީހާ، އަލްޙަމްދު ކިޔުން:
54- ސިއްރުން ކިޔެވޭ ނަމާދުތަކުގައި، އިޤްތިދާވެގެން ފަހަތުގައި ނަމާދު ކުރާ މީހާ، އަލްޙަމްދު ކިޔުން ވާޖިބުވެގެން ވެއެވެ.
އަދި ފާޅުގައި ކިޔެވޭ ނަމާދުތަކުގައިވެސް، އިމާމް މީހާ ކިޔަވާ އަޑު ނީވޭނަމަ، އަލްޙަމްދު ކިޔުން ވާޖިބެވެ. ނުވަތަ އިމާމް މީހާ އަލްޙަމްދު ކިޔައި ނިމިގެން، ފަހަތުގައި އިޤްތިދާވެގެން ނަމާދު ކުރާ މީހާއަށް އަލްޙަމްދު ކިޔަން ވަގުތު ދީގެން ހުރެއްޖެނަމަވެސް، އަލްޙަމްދު ކިޔަން ޖެހޭނެއެވެ. އެހެންނަމަވެސް، އަހަރެން ދެކެނީ މިގޮތަށް އިމާމު މީހާ ވަގުތު ދީގެން ހުރުން އެއީ ސުންނަތުން ސާބިތު ކަމެއް ނޫންކަމުގައެވެ.[9]
އަލްޙަމްދުގެ ފަހުން ކިޔުން:
55- ފުރަތަމަ ދެ ރަކްޢަތުގައި ސޫރަތުލް ފާތިޙާ (އަލްޙަމްދު) ކިޔުމަށް ފަހު، އެހެން ސޫރަތެއް ކިޔުން ސުންނަތް ވެގެންވެއެވެ. ކަށުނަމާދުގައިވެސް އެހެން ސޫރަތެއް ކިޔުން ސުންނަތް ވެގެން ވެއެވެ. ނުވަތަ ބައެއް އާޔަތްތައް ވެސް ކީދާނެއެވެ.
56- އަލްޙަމްދު ފަހުން ކިޔަވާ ކިޔެވުން ބައެއްފަހަރު ދިގުކޮށް ކިއިދާނެއެވެ. އަދި ބައެއްފަހަރު ކުރުކޮށް ކިއިދާނެއެވެ. އެއީ ދަތުރުކުރުން، ކެއްސުން، ބައްޔެއް، ނުވަތަ ކުޑަކުއްޖެއް ރޯން ފެށުން ފަދަ ސަބަބުތަކަށްޓަކައެވެ.
57- އަލްޙަމްދު ފަހުން ކިޔާ ކިޔެވުމުގެ ކުރު ދިގުމިން ބިނާ ވަނީ، އެ ކުރާ ނަމާދެއްގެ މައްޗަށެވެ. އެ ގޮތުން ފަތިސް ނަމާދުގައި ކިޔާ ކިޔެވުން، އެހެން ހުރިހާ ނަމާދުތަކަށް ވުރެ ދިގެވެ. ދެން އެންމެ ދިގީ މެންދުރު ނަމާދުގައެވެ. ދެން ޢަޞުރު ނަމާދުގައެވެ. ދެން ޢިޝާ ނަމާދުގައެވެ. ދެން މަޣްރިބް ނަމާދުގައެވެ. މިއީ ޢާއްމުކޮށް ދިގު މިން ދާ ގޮތެވެ.
58- ދަމު ނަމާދުގައި ކިޔާ ކިޔެވުން، މި ހުރިހާ ނަމާދަކަށް ވުރެ ދިގެވެ.
59- އަދި ސުންނަތް ގޮތަކީ ފުރަތަމަ ރަކްޢަތުގައި، ދެވަނަ ރަކްޢަތަށް ވުރެ ދިގުކޮށް ކިޔުމެވެ.
60- އަދި ފަހު ދެ ރަކްޢަތުގައި ފުރަތަމަ ދެ ރަކްޢަތަށް ވުރެ، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ވަރަށް ކުރުކޮށް ކިޔުމެވެ.[10]
ރަކްޢަތުގައި އަލްޙަމްދު ކިޔެވުން:
61- ނަމާދުގެ ކޮންމެ ރަކްޢަތެއްގައި، އަލްޙަމްދު ކިޔުމަކީ އެއީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
62- ފަހު ދެ ރަކްޢަތުގައި، ބައެއްފަހަރު އަލްޙަމްދުގެ އިތުރަށް ކޮންމެވެސް މިންވަރެއް ކިޔެވުމަކީ ވެސް ސުންނަތެކެވެ.
63- ސުންނަތުގައި އައިސްފައިވާ މިންވަރަށް ވުރެ ދިގުކޮށް، އިމާމު މީހާ ޤުރުއާން ކިޔުމަކީ، ހުއްދަ ކަމެއް ނޫނެވެ. ދިގުކޮށް ކިޔުމަކީ ފަހަތުގައި ނަމާދު ކުރަން ތިބެދާނެ، މުސްކުޅިން، ނުވަތަ ބަލިމީހުން، ނުވަތަ ޅަދަރިމައި އަންހެނަކު ނުވަތަ ކަމެއް ކުރަން ޖެހިފައި ވާ މީހުންނަށް، ދަތި އުނދަގޫ ވާނެ ކަމެކެވެ.
ކިޔުމުގައި ސިއްރުކޮށް ކިޔުމާއި ފާޅުކޮށް ކިޔުން:
64- ފާޅުކޮށް ކިޔާނީ، ފަތިސް ނަމާދުގައްޔާއި، ހުކުރު ނަމާދުގައްޔާއި، ޢީދު ދެ ނަމާދުގައްޔާއި، އިސްތިސްޤާ ނަމާދުގައްޔާއި، ކޭތަ ނަމާދުގައްޔާ އަދި މަޣްރިބާއި ޢިޝާ ނަމާދުގެ ފުރަތަމަ ދެ ރަކްޢަތުގައެވެ.
ސިއްރުކޮށް ކިޔާނީ މެންދުރު ނަމާދާއި ޢަޞްރު ނަމާދުގައެވެ. އަދި މަޣްރިބް ނަމާދުގެ ތިންވަނަ ރަކްޢަތުގައްޔާއި ޢިޝާ ނަމާދުގެ ފަހު ދެ ރަކްޢަތުގައެވެ.
65- ސިއްރުކޮށް ކިޔެވޭ ނަމާދުތަކުގައިވެސް، އިމާމު މީހާ އެހެން މީހުންނަށް އަޑު އިވޭ ވަރަށް، އާޔަތެއް ކިޔާލުމަކީ ހުއްދަ ކަމެކެވެ.
66- ވިތުރި ނަމާދާއި ދަމު ނަމާދުގައި، ބައެއް ފަހަރު ސިއްރުކޮށް އަނެއް ބައި ފަހަރު ފާޅުކޮށް ކިއިދާނެއެވެ. ނަމަވެސް ޤުރުއާން ކިޔާއިރު އަޑު އުފުލަން ވާނީ މެދު މިނަކަށެވެ.
ތަރުތީލުކޮށް ކިޔެވުން:
67- ސުންނަތް ގޮތަކީ، ޤުރުއާން ކިޔާއިރު ތަރުތީލުކޮށް ކިޔުމެވެ. އަވަސް އަރުވާލައިގެން އަވަހަށް ކިޔެވުމެއް ނޫނެވެ. ކިއެއްތަ، ކިޔަން ވާނީ އަކުރު އަކުރު ވަކިވަކިން ލަހުންނެވެ. އަދި އޭނާގެ އަޑުން ޤުރުއާން ރީތިކޮށް ކިޔަވަން ވާނެއެވެ. އަދި ކިޔަވަން ވާނީ، ރާގު ލައްވައިގެންނެވެ. އެއީ މި ކަމުގައި ތަޖްވީދު ޢިލްމުވެރިންގެ އަރިހުގައި އެނގެން އޮންނަ ޙުކުމްތަކުން ބޭރު ނުވާ ފަދައަކުންނެވެ. އަލަށް އުފައްދައިގެން އުޅޭ ރާގުތަކަށް ނުވަތަ މިއުޒިކް ޤަވާޢިދުތަކާ އެއްގޮތަށް ޤުރުއާން ކިޔަވައިގެން ނުވާނެއެވެ.
އިމާމު މީހާ ރަނގަޅުކޮށް ދިނުން:
68- އިމާމު މީހާއަށް ކިޔެވުމުގެ ތެރޭގައި އޮޅުމެއް އަރައިފިނަމަ، އޭނާގެ ކިޔެވުން ރަނގަޅުކޮށް ދިނުމަކީ ފަހަތުގައި ނަމާދުކުރާ މީހާއަށް އޮތް ކަމެކެވެ.
6- ރުކޫޢު ކުރުން
69- ޤުރުއާން ކިޔައި ނިމުމުން، ކުޑަ ހިނދުކޮޅަކަށް ހިމޭންވެލާށެވެ. ގާތްގަނޑަކަށް ނޭވާ ހަމައަކަށް އެޅޭ މިންވަރަށެވެ.
70- ދެން މަތީގައި ބުނެވިފައިވާ ފަދައިން، ހަށަންބަންތަކުބީރާ އެކު އަތް އުފުލި ގޮތަށް އަތް އުފުލާށެވެ.
71- ދެން ތަކުބީރު ކިޔާނީއެވެ. މިއީ ވާޖިބެކެވެ.
72- ދެން ރުކޫޢު ކުރާނީއެވެ. އެއީ ކޮންމެ ހުޅެއް ވެސް ލެނބެންވާ ވަރަށް ލެނބި، ކޮންމެ ގުނަވަނެއް ވެސް ހަމަޖެހެންވާ ވަރަށް ހަމެޖެހެންދެނެވެ. މިއީ ނަމާދުގެ ރުކުނެކެވެ.
ރުކޫޢު ކުރާ ގޮތް:
73- ދެ ކަކޫގައި ރަނގަޅަށް ހަރުލާ ގޮތަށް، ދެ އަތް ބާއްވާށެވެ. އަދި އަތުގެ އިނގިލިތައް ހުންނަންވާނީ ހުޅުވިފައެވެ. އެއީ އޭނާ، ދެ ކަކުލުގައި ދެ އަތުން ރަނގަޅަށް ހިފައިގެން ހުންނަ އިރު، ހުންނާނެ ގޮތަށެވެ. މިހުރިހާ ކަމަކީވެސް ވާޖިބެވެ.
74- މީހާގެ ބުރަކަށި އޮންނަން ވާނީ، ރަނގަޅަށް ދަމާލެވި، ހަމައަށެވެ. މިހެން އޮންނަ އިރު ބުރަކަށި މައްޗަށް ފެން އެޅިއަސް، ބުރަކަށި އޮތްލެއް ތެދު ކަމުން، އެ ފެން ހަރުލާނެއެވެ. އަދި މި ގޮތަށް އޮތުމަކީ ވާޖިބެކެވެ.
75- ބުރަކައްޓަށް ވުރެ ބޮޑަށް ބޯ ތިރިކޮށްގެން ނުވާނެއެވެ. އަދި އެއަށް ވުރެ މައްޗަށް ބޯ އުފުލައިގެން ވެސް ނުވާނެއެވެ. ކިއެއްތަ، ރުކޫޢުގައި އޮންނަ އިރު ބޯ ހުންނަންވާނީ، ބުރަކައްޓާއި އެއް ހަމައެއްގައެވެ.
76- އަދި ދެ އުޅަނބޮށި ހުންނަން ވާނީ، ގަޔާއި ދުރުކޮށްފައެވެ.
77- ރުކޫޢު ގައި ކިޔާނީ: سُبْحَانَ رَبِّيَ الْعَظِيم
މި ހެން ކިޔާނީ ތިން ފަހަރު ނުވަތަ އެއަށް ވުރެ ގިނައިންނެވެ.[11]
މާނައަކީ: ''މި އަޅާގެ މަތިވެރިވަންތަ، ވެރި ރަސްކަލާނގެއަކީ، ހުރިހާ އުނި ސިފައަކާއި ކަމަކުން ހުސްޠާހިރުވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.''
ރުކުންތައް އެއްވަރު ކުރުން:
78- ސުންނަތް ގޮތަކީ، ނަމާދުގެ ރުކުންތައް ދިގު މިނުގައި އެއްވަރު ކުރުމެވެ. އެގޮތުން ރުކޫޢު، އިޢުތިދާލު، ސަޖިދަ، ދެ ސަޖިދަ ދެމެދު އިނުމުގެ ދިގު މިން ގާތްކުރާށެވެ.
79- ރުކޫޢުގައި ވެސް އަދި ސަޖިދައިގައި ވެސް އޮންނަ އިރު، ޤުރުއާން ކިޔުން ހުއްދައެއް ނޫނެވެ.
ރުކޫޢުން ތެދުވުން:
80- ދެން ރުކޫޢުން ތެދުވެ، ބުރަކަށި ސީދާ ކުރާށެވެ. މިއީ ރުކުނެކެވެ.
81- ސީދާވަމުން (އިޢްތިދާލު ވަމުން) ކިޔާނީ:
سَمِعَ اللَّهُ لِمَنْ حَمِدَه
މިއީ ވާޖިބެކެވެ.
މާނައަކީ: ''މާތް ﷲ އަށް ޙަމްދު ކުރި މީހެއްގެ އަޑު، އެކަލާނގެ އައްސަވައިވޮޑިގަނެ، އިޖާބަ ދެއްވައެވެ.''
82- ސީދާ ވާ ހިނދު، ކުރީގައިވެސް ބުނެވުނު ގޮތަށް އަތް އުފުލާށެވެ.
83- ދެން ސީދާވެ ކޮޅަށް، ހަމަޖެހިލައިގެން ހުންނާށެވެ. އެއީ ކޮންމެ ކަށިކޮޅެއް ވެސް ހުންނަންވާ ތަނަކަށް އައިސް ހަމަޖެހެންދެނެވެ. މިއީ ނަމާދުގެ ރުކުނެކެވެ.
84- މިތަނުގައި ކޮޅަށް ހުންނަ އިރު ކިޔާނީ މިފަދައިންނެވެ.[12]
رَبَّنَا وَ لَكَ الْحَمْدُ
މާނައަކީ: ''އަޅަމެންގެ ވެރި ރަސްކަލާކޮ! އަދި އިބަ ރަސްކަލާނގެ އަށް ޙަމްދުހުއްޓެވެ.''
އަދި މިއީ ނަމާދު ކުރާ ކޮންމެ މީހެއްގެ މައްޗަށް ވެސް ވާޖިބު ކަމެކެވެ. އެއީ އިމާމެއްގެ ފަހަތުގައި ނަމާދު ކުރާ މީހަކަށް ވިޔަސް ވެހެވެ. އެހެނީ ކޮޅަށް ހުންނަ އިރު ކިޔަން ކަނޑައެޅިފައިވާ ދުޢާއަކީ މިއީއެވެ. އެހެނީ '' سَمِعَ اللَّهُ لِمَنْ حَمِدَهُ'' މިއީ ސީދާވަމުން (އިޢްތިދާލު ވަމުން) ކިޔާ ދުޢާއެކެވެ.[13]
85- ކުރިންވެސް ބުނެވުނު ފަދައިން، މި ގޮތަށް ކޮޅަށް ހުރުމާއި ރުކޫޢުގެ ދިގުމިން، ގާތްގަނޑަކަށް އެއް ވަރަކަށް ބަހައްޓާށެވެ.
7- ސަޖިދަ
86- ދެން اللَّهُ أَكْبَرُ އޭ ކިޔާށެވެ. މިއީ ވާޖިބެކެވެ.
87- އަދި ބައެއް ފަހަރު އަތް އުފުލާށެވެ.
ސަޖިދަ ޖަހާއިރު ފުރަތަމައިނުން އަތް ތިރިކުރުން:
88- ދެން ކަކުލަށް ވުރެ ކުރިން ބިން މަތީގައި ދެ އަތް ޖައްސަމުން، ސަޖިދަ ކުރާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރެއްވި ގޮތަކީ މިއީއެވެ. އަދި އެކަލޭގެފާނުގެ ސުންނަތުން ސާބިތުވެފައި ވާ ގޮތަކީވެސް މިއީއެވެ. ޖަމަލު ބަނޑުޖަހަން ތިރިވާ ގޮތަށް، ސަޖިދައަށް ތިރިވުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ނަހީ ކުރައްވާފައެވެ. އޭތި ތިރި ވާނީ ކުރިމަތީ ދެފައިގެ ކަކޫމައްޗަށެވެ.
89- ސަޖިދަ ކުރާ ހިނދު -މިއީ ރުކުނެއް- އޮންނަން ވާނީ، ދެ އަތްތިލަ މައްޗަށް ބުރަވެއެވެ. އަދި އަތްތިލަ ބާއްވާނީ ފަތުރާލާފައެވެ.
90- އަދި އަތްތިލައިގެ އިނގިލިތައް ބަހައްޓާނީ ކައިރި ކޮށްފައެވެ.
91- އަދި ދެ އަތްތިލަ ހުންނަން ވާނީ، ޤިބްލައާއި ދިމާއަށެވެ.
92- ދެ އަތްތިލަ ބާއްވާނީ ކޮނޑާއި އެއް ހަމައެއްގައެވެ.
93- އަދި ބައެއް ފަހަރު ކަންފާތައި އެއް ހަމައިގައިވެސް ބޭއްވިދާނެއެވެ.
94- ދެ އަތްދަނޑި ހުންނަން ވާނީ ބިމުން އުފުލިފައެވެ. މިއީ ވާޖިބު ކަމެކެވެ. ކުއްތާ އޮންނަހެން، ދެ އަތްދަނޑި ބިންމަތީގައި ބާއްވައިގެން ސަޖިދާގައި އޮތުން ހުއްދައެއް ނޫނެވެ.
95- ބިންމަތީގައި، ރަނގަޅަށް ނޭފަތާއި ނިއްކުރި ޖައްސަން ޖެހޭނެއެވެ. މިއީ ރުކުނެކެވެ.
96- އަދި ހަމަ އެހެންމެ ދެ ކަކޫވެސް ރަނގަޅަށް ބިމުގައި ޖައްސަން ޖެހޭނެއެވެ.
97- ފައިގެ އިނގިލިތައްވެސް ހަމަ މިފަދައެވެ.
98- ފައިތިލަ ހުންނަން ޖެހޭނީ، ކޮޅަށް ވާގޮތަށް ބިމުގައި ވިއްދާފައެވެ. މިއީ ހައްތާ ވެސް ވާޖިބު ކަންތަކެކެވެ.
99- ފައިތިލައިގެ އިނގިލިތަކުގެ ކޮޅު ހުންނަން ވާނީ، ޤިބްލައަށް ކުރިމަތިވާ ގޮތަށެވެ.
100- ދެ ފައިގެ ފުންނާބު ހުންނަން ވާނީ، ޖައްސައި ކައިރިކޮށްފައެވެ.
ސަޖިދައިގައި ހަމަޖެހިލުން:
101- ސަޖިދައިގައި ހަމަޖެހިލުމަކީ ވާޖިބު ކަމެކެވެ. މި ކަން ކުރެވޭނީ، ސަޖިދަ ކުރާ ހުރިހާ ގުނަވަން ތަކުގެ މައްޗަށް، އެއްވަރަކަށް ބުރަވެ އޮވެގެންނެވެ. އެއީ: ނިއްކުރި އާ އެކު ނޭފަތް، ދެ އަތްތިލަ، އަދި ދެ ކަކޫ، އަދި ދެ ފައިގެ އިނގިލިތަކެވެ.
102- މި ގޮތަށް ސަޖިދައިގައި ހަމަޖެހިލައިފި މީހަކަށް، ސަޖިދައިގައި ގެންނަން ޖެހޭ އިޠްމިއުނާން (ހަމަޖެހިލައިގެން ހިނދުކޮޅަކަށް މަޑު ކޮށްލުން) ގެނެވޭނެކަން ޔަޤީނެވެ. ސަޖިދައިގައި ހަމަޖެހިލައިގެން ހިނދުކޮޅަކަށް މަޑު ކޮށްލުމަކީ ރުކުނެކެވެ.
103- މިތާނގައި ކިޔާނީ سُبْحَانَ رَبِّيَ الأَعْلَى ތިންފަހަރުއެވެ. ނުވަތަ އެއަށްވުރެ ގިނައިންނެވެ.[14]
މާނައަކީ: ''މި އަޅާގެ، އެންމެ މަތިވެރި، ވެރި ރަސްކަލާނގެއަކީ، ހުރިހާ އުނި ސިފައަކާއި ކަމަކުން ހުސްޠާހިރުވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.''
104- ސަޖިދައިގައި އޮންނަ އިރު ވީހާވެސް ގިނައިން ދުޢާ ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އެހެނީ އެއީ ދުޢާ އިޖާބަ ކުރެވޭނެ ކަމަށް ބެލެވޭ މަޤާމެކެވެ.
105- ކުރިންވެސް ބުނެވުނު ފަދައިން، ސަޖިދައިގައި އޮންނަ ވަގުތުވެސް ގާތްގަނޑަކަށް ރުކޫޢުގައި އޮންނަ ވަގުތާއި އެއްވަރު ކުރާށެވެ.
106- ސީދާ ބިން މަތީގައި، ނުވަތަ ނިތްކުރިއާ ބިމާ ދޭތެރޭ ހުރަކަށް ވާ ގޮތަށް ބާއްވާފައި އޮންނަ ފޮތިކޮޅެއް، ދޫލައެއް، ކުނަލެއް ފަދަ އެއްޗެއްގެ މަތީގައި ވެސް ސަޖިދަ ޖެހުން ހުއްދައެވެ.
107- ސަޖިދައިގައި އޮވެ ޤުރުއާން ކިޔެވުން ހުއްދައެއް ނޫނެވެ.
ދެ ސަޖިދަ ދެމެދު އިފްތިރާޝަށް އިނުމާއި، އިޤްޢާއަށް އިނުން:
108- ދެން ''ﷲ އަކްބަރު'' ކިޔަމުން ބޯ އުފުލާނީއެވެ. މިއީ ވާޖިބެކެވެ.
109- އަދި ބައެއް ފަހަރު ދެ އަތް ވެސް އުފުލިދާނެއެވެ.
110- ދެން ހަމަޖެހިލައިގެން އިށީންނާށެވެ. އެއީ ކޮންމެ ކަށިކޮޅެއް ވެސް ހުންނަންވާ ތަނަކަށް އައިސް ހަމަޖެހެންދެނެވެ. މިއީ ނަމާދުގެ ރުކުނެކެވެ.
111- އިށީންނާނީ، ވާތު ފައި ބިންމަތީގައި އަރިއަކަށް ބާއްވައި، އެ ފައި މަތީގައެވެ. މިއީ ވާޖިބެކެވެ.
112- އަދި ކަނާތު ފައިތިލަ ހުންނަން ވާނީ ބިންމަތީގައި ކޮޅަށް ވިއްދާފައެވެ.
113- ކަނާތު ފައިގެ އިނގިލިތައް ހުންނަން ވާނީ ޤިބްލައާ ވީ ކޮޅަށެވެ.
114- ބައެއްފަހަރު އިޤްޢާއަށް އިށީނދެ އިނުން ވެސް ހުއްދައެވެ. އިޤްޢާއު އަކީ ދެފައިތިލަ ކޮޅަށް ޖަހައި ވިއްދައި، ދެ ފުންނާބު މަތީގައި އިށީނދެ އިނުމެވެ.
115- އިށީނދެ އިނދެ ކިޔާނީ:
اللَّهُمَّ اغْفِرْ لِيْ، وَارْحَمْنِيْ، وَاجْبُرْنِيْ، وَارْفَعْنِيْ، وَعَافِنِيْ وَارْزُقْنِيْ
މާނައަކީ: ''އޭ ﷲ ! މި އަޅާގެ ފާފަ ފުއްސަވާފާނދޭވެ! އަދި މި އަޅާއަށް ރަޙްމަތް ލައްވާފާނދޭވެ! އަދި މި އަޅާގެ ކަންތައް ފުއްދަވައި ދެއްވާފާނދޭވެ! އަދި މިއަޅާގެ ދަރަޖަ މަތިވެރި ކުރައްވާފާނދޭވެ! އަދި މިއަޅާއަށް ރައްކާތެރި ކަމާ ދުޅަހެޔޮކަން ދެއްވާފާނދޭވެ! އަދި މިއަޅާއަށް ރިޒުޤު ދެއްވާފާނދޭވެ! ''
116- އަދި ބޭނުންނަމަ، މިހެންވެސް ކިއިދާނެއެވެ.
رَبِّ اغْفِرْ لِيْ، رَبِّ اغْفِرْ لِيْ
މާނައަކީ: ''އޭ ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! މި އަޅާގެ ފާފަ ފުއްސަވައި ދެއްވަފާނދޭވެ! ''
117- އަދި މި އިށީނުން ސަޖިދައިގައި އޮންނަ ވަގުތާ ގާތް ކުރާ ވަރަށް، ދިގު ކުރާށެވެ.
ދެވަނަ ސަޖިދަ
118- ދެން '' اللَّهُ أَكْبَرُ'' ކިޔާށެވެ. މިއީ ވާޖިބެކެވެ.
119- އަދި ބައެއް ފަހަރު މި ތަކްބީރާ އެކު އަތް އުފުލިދާނެއެވެ.
120- ދެން ދެވަނަ ސަޖިދަ ކުރާށެވެ. މިއީ ވެސް ރުކުނެކެވެ.
121- ދެވަނަ ސަޖިދައިގައިވެސް، ފުރަތަމަ ސަޖިދައިގައި ކަންތައް ކުރިގޮތަށް ކުރާށެވެ.
ޖަލްސަތުލް އިސްތިރާޙާ (އަރާމުކޮށްލަން ހިނދުކޮޅަކަށް މަޑުކޮށްލުން) :
122- ދެވަނަ ސަޖިދައިން ބޯ އުފުލައި، ދެވަނަ ރަކްޢަތަށް ތެދުވާން އުޅޭހިނދު '' اللَّهُ أَكْبَرُ '' އޭ ކިޔާށެވެ. މިއީ ވާޖިބެކެވެ.
123- އަދި ބައެއްފަހަރު ދެ އަތް އުފުލިދާނެއެވެ.
124- އަދި ތެދުވުމުގެ ކުރިން، ކޮންމެ ކަށިކޮޅެއް ވެސް ހުންނަންވާ ތަނަކަށް އައިސް ހަމަޖެހެންދެން، ހަށިގަނޑު ސީދާކޮށް ވައަތް ފައި މަތީގައި އިށީނދެ އިންނާށެވެ.
ދެވަނަ ރަކްޢަތް
125- ދެން ފުށްގަނޑު މޮޑޭ މީހާ އެ މޮޑޭއިރު އަތް މުށްކަވާހެން، އަތް މުށްކަވާފައި ބިންމަތީގައި އަތް ޖައްސައި، އަތުގެ އެހީގައި ދެވަނަ ރަކްޢަތަށް ތެދުވާށެވެ. މިއީ ރުކުނެކެވެ.
126- އަދި ދެވަނަ ރަކްޢަތުގައިވެސް ކަންތައް ކުރާނީ ހަމަ ފުރަތަމަ ރަކްޢަތުގައިވެސް ކަންތައް ކުރި ގޮތަށެވެ.
127- ތަފާތަކީ، މި ރަކްޢަތުގައި ނަމާދަށް ފަށައިގަންނަ ދުޢާ (ދުޢާއުލް އިސްތިފްތާޙް) ނުކިޔާ ކަމެވެ.
128- ދެވަނަ ރަކްޢަތް ފުރަތަމަ ރަކްޢަތަށް ވުރެ ކުރު ކުރާށެވެ.
ހެކިވާން އިށީނުން (ތަޝައްހުދު / އައްތަޙިއްޔާތު) :
129- ދެވަނަ ރަކްޢަތް ނިމުމުން، ހެކިވާން (އައްތަޙިއްޔާތަށް) އިށީންނާނީއެވެ. މިއީ ވާޖިބެކެވެ.
130- އިށީންނާނީ އިފްތިރާޝް ކޮށްގެންނެވެ. އެއީ މަތީގައި ދެ ސަޖިދަ ދެމެދު އިންނަ ގޮތް ކަމަށް ބުނެވުނު ގޮތެވެ.
131- ނަމަވެސް މިތާނގައި، އިޤްޢާއު ކޮށްގެން އިށީނދެ އިނުން ހުއްދައެއް ނޫނެވެ.
132- އަދި ކަނާއަތްތިލަ، ކަނާތުފައިގެ ފަލަމަސްގަނޑާއި ކަކޫ މަތީ ބާއްވާށެވެ. ކަނާއަތުގެ އުޅަނބޮށި ނިމޭ ހިސާބު އޮންނަން ވާނީ ކަނާތު ފައިގެ ފަލަ މަސްގަނޑު މަތީގައެވެ.
133- އަދި ވައަތްތިލަ އޮންނަން ވާނީ، ވައަތްފަރާތު ފައިގެ ފަލަމަސްގަނޑާއި ކަކޫ މަތީގައި ފަތުރާލެވިފައެވެ.
134- އަތް މައްޗަށް ބުރަވެގެން އިނދެ، އިށީނދެ އިނުމަކީ ހުއްދަ ކަމެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ވައަތެވެ.
އިނގިލި ހަރަކާތް ކުރުމާއި އެއަށް ބެލުން:
135- ކަނާއަތްތިލައިގެ އިނގިލިތައް ހުންނަންވާނި މުށްކަވާފައެވެ. ބައެއްފަހަރު ބޮޑުވާ އިނގިލި މެދު އިނގިލި މަތީގައި ބާއްވާށެވެ.
136- އަދި ބައެއް ފަހަރު، ބޮޑުވާ އިނގިއްޔާއި މެދު އިނގިލި ބޮޅެއްގެ ސިފައިގައި ޖައްސައިގެން ވެސް ހުންނާށެވެ.
137- އަދި ޝަހާދަތް އިނގިލި ހުންނަން ވާނީ، ޤިބްލައާ ދިމާއަށް އިޝާރާތް ކުރެވިފައެވެ.
138- އަދި ނަޒަރު ހުއްޓިފައި ހުންނަން ވާނީ، ޝަހާދަތް އިނގިއްޔަށެވެ.
139- ހެކިވާން އިށީނުން (އައްތަޙިއްޔާތް) ފެއްޓުނީއްސުރެ ނިމެންދެންވެސް، ދުޢާ އެއް ކިޔާ ނަމަ، އެ އިނގިލި ހަރަކާތް ކުރާށެވެ.
140- އަދި ވައަތުގެ އިނގިއްޔަކުން އިޝާރާތް ކޮށްގެން ނުވާނެއެވެ.
141- މިހުރިހާ ކަމެއް މިގޮތަށް، ހުރިހާ އައްތަހިއްޔާތެއްގައި ވެސް ކުރާށެވެ.
ތަޝައްހުދު (އައްތަޙިއްޔާތު) ގެ ޢިބާރާތް:
142- ތަޝައްހުދު ކިއުމަކީ ވާޖިބެކެވެ. އެ ހަނދާން ނެތިއްޖެނަމަ، ކުށުސަޖިދަ ޖަހަންޖެހޭނެއެވެ.
143- އަދި އެ ކިޔާނީ ސިއްރުންނެވެ.
144- ތަޝައްހުދުގެ ޢިބާރާތަކީ:
التَّحِيَّاتُ لِلَّهِ ، وَالصَّلَوَاتُ ، وَالطَّيِّبَاتُ . السَّلاَمُ عَلَي النَّبِيِّ وَرَحْمَةُ اللَّهِ وَبَرَكَاتُهُ ، السَّلاَمُ عَلَيْنَا وَعَلَى عِبَادِ اللَّهِ الصَّالِحِينَ ، أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ
މާނައަކީ: ''މަތިވެރިކަމާއި ޘަނާގެ ހުރިހާ ބަހެއް ޙައްޤުވަނީ ހަމައެކަނި ﷲ އަށެވެ. އަދި ނަމާދާއި އެހެނިހެން އަޅުކަންތައްވެސް މެއެވެ. އަދި އެންމެ ހެޔޮ ބަސްތަކާއި ޢަމަލުތަކާއި ސިފަތައް ވެސް މެއެވެ. ސަލާމާއި ރައްކާތެރިކަން ނަބިއްޔާގެ މައްޗަށް ލައްވާފާދޭވެ![15] އަދި ﷲ ގެ ރަޙްމަތާއި ބަރަކާތް ވެސް މެއެވެ. ސަލާމާއި ރައްކާތެރިކަން އަޅަމެންގެ މައްޗަށް ލައްވާފާނދޭވެ! އަދި ﷲ ގެ ހުރިހާ ޞާލިޙް އަޅުތަކުންގެ މައްޗަށް ވެސް މެއެވެ. ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށް، މި އަޅާ ހެކިވަމެވެ. އަދި މުޙައްމަދުގެފާނަކީ އެކަލާނގެ އަޅާ ކަމާއި އަދި ރަސޫލާ ކަމަށް، މި އަޅާ ހެކިވަމެވެ.'' [16]
145- ދެން މިއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް، ޞަލަވާތް ކިޔާނީއެވެ. ކިޔާނީ:
اللَّهُمَّ صَلِّ عَلَى مُحَمَّدٍ ، وَعَلَى آلِ مُحَمَّدٍ ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ
، إِنَّكَ حَمِيدٌ مَجِيدٌ . اللَّهُمَّ بَارِكْ عَلَى مُحَمَّدٍ ، وَعَلَى آلِ مُحَمَّدٍ ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ
وَعَلَى آل إبراهيم، إِنَّكَ حَمِيدٌ مَجِيدٌ
މާނައަކީ: ''އޭ ﷲ! މުޙައްމަދުގެފާނު މައްޗަށް ޞަލަވާތް ލައްވާފާނދޭވެ. އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް މެއެވެ. އެއީ އިބަރަސްކަލާނގެ، އިބްރާހީމްގެފާނާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއަށް ހުރިހާ ޙަމްދަކާއި މަތިވެރިކަމެއް ޙައްޤުވެގެންވެއެވެ. އޭ ﷲ ! މުޙައްމަދުގެފާނު މައްޗަށް ބަރަކާތް ލައްވާފާނދޭވެ. އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް މެއެވެ. އެއީ އިބަރަސްކަލާނގެ، އިބްރާހީމްގެފާނާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއަށް ހުރިހާ ޙަމްދަކާއި މަތިވެރިކަމެއް ޙައްޤުވެގެންވެއެވެ.''
146- ކުރުކޮށް ކިޔަން ބޭނުންނަމަ މިހެން ކިޔާށެވެ:-
اللَّهُمَّ صَلِّ عَلَى مُحَمَّدٍ ، وَعَلَى آلِ مُحَمَّدٍ ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ وَبَارَكْتَ عَلَى إِبْرَاهِيمَ ، وَعَلَى آل إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ
މާނައަކީ: ''އޭ ﷲ ! މުޙައްމަދުގެފާނު މައްޗަށް ޞަލަވާތް ލައްވާފާނދޭވެ. އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް މެއެވެ. އަދި މުޙައްމަދުގެފާނު މައްޗަށް ބަރަކާތް ލައްވާފާނދޭވެ. އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް މެއެވެ. އެއީ އިބަރަސްކަލާނގެ، އިބްރާހީމްގެފާނާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތާއި، ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއަށް ހުރިހާ ޙަމްދަކާއި މަތިވެރިކަމެއް ޙައްޤުވެގެންވެއެވެ.''
147- ދެން މި ތަޝައްހުދުގައި ހުންނަ އިރު، ވާރިދުވެފައިވާ ދުޢާތަކުގެ ތެރެއިން އެ މީހަކު ހިތް އެދޭ ދުޢާއެއް އިޚްތިޔާރުކޮށްގެން ކިޔާށެވެ.
ތިންވަނަ އަދި ހަތަރުވަނަ ރަކްޢަތް:
148- ދެން '' اللَّهُ أَكْبَرُ '' ކިޔާށެވެ. މިއި ވާޖިބެކެވެ. ސުންނަތް ގޮތަކީ އިށީނދެ އިނދެ އެހެން ކިއުމެވެ.
149- ބައެއް ފަހަރު ދެ އަތް އުފުލިދާނެއެވެ.
150- ދެން ތިންވަނަ ރަކްޢަތަށް ތެދުވާނީއެވެ. މިއީ، ޖެހިގެން އަންނަ ރަކްޢަތް ފަދައިން، ރުކުނެކެވެ.
151- ހަތަރުވަނަ ރަކްޢަތަށް ތެދުވާހިނދު ވެސް ހަދާނީ ހަމަ މިހެންނެވެ.
152- ނަމަވެސް ތެދުވުމުގެ ކުރިން، ހަށިގަނޑު ސީދާކޮށްގެން ވާތުފައި މަތީގައި އިށީނދެ އިންނާށެވެ. އެއީ ކޮންމެ ކަށިކޮޅެއް ވެސް ހުންނަންވާ ތަނަކަށް އައިސް ހަމަޖެހެންދެނެވެ.
153- ދެން ދެ އަތުގެ އެހީގައި ތެދުވާނީއެވެ. އެއީ ދެވަނަ ރަކްޢަތަށް ތެދުވި އިރު ވެސް ކަންތައް ކުރިފަދައިންނެވެ.
154- ތިން ވަނަ އަދި ހަތަރު ވަނަ ރަކްޢަތުގައިވެސް ސޫރަތުލް ފާތިޙާ ކިޔާށެވެ. މިއީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ.
155- ބައެއްފަހަރު، އާޔަތެއް ނުވަތަ އެއަށް ވުރެ ގިނަ އާޔަތްތަކެއް، މީގެ އިތުރަށް ކިޔެވިދާނެއެވެ.
ކުރިމަތިވާ ކަމަކަށް ކިޔާ ޤުނޫތު، އަދި ކިޔާ ތަން: (ޤުނޫތުއް ނާޒިލާ)
156- މުސްލިމުންނާއި ކުރިމަތިވާ ބޮޑު ކަމަކާއި ހެދި، ޤުނޫތު ކިޔައި މުސްލިމުންނަށްޓަކައި ދުޢާ ކުރުމަކީ، ސުންނަތެކެވެ.
157- މި ކިޔަން ޖެހޭ ތަނަކީ، ރުކޫޢުން ތެދުވެ '' رَبَّنَا وَ لَكَ الْحَمْدُ '' މިހެން ކިއުމަށް ފަހުއެވެ.
158- ދާއިމީކޮށް ކިޔަންޖެހޭ ވަކި ދުޢާއެއް މީގައި ނޯވެއެވެ. ކިއެއްތަ، އެ ދިމާވި ކަމަކާއި ގުޅޭ ދުޢާއެއް ކިޔާނީއެވެ.
159- މި ދުޢާގައި، ދެ އަތް އުފުލާށެވެ.
160- އިމާމެއް ކަމުގައި ވާނަމަ މި ދުޢާ ކިޔާނީ އަޑު ހަރުކޮށެވެ.
161- އަދި ފަހަތުގައި ތިބޭ މީހުން '' آمِيْن '' ކިޔާނީއެވެ.
162- ނިމުނީމާ '' اللَّهُ أَكْبَرُ '' ކިޔައި، ސަޖިދައަށް ދާނީއެވެ.
ވިތުރިގެ ޤުނޫތާއި، އެ ކިޔާ ތަން އަދި އޭގެ ޢިބާރާތް:
163- ވިތުރި ގައި، ބައެއް ފަހަރު ޤުނޫތު ކިއުން އެއީ ދީނުގައި އައިސްފައިވާ ކަމެކެވެ.
164- ކުރިމަތިވާ ކަމަކަށްޓަކައި ކިޔާ ޤުނޫތާއި ޚިލާފަށް، މި ޤުނޫތު ކިޔާނީ ރުކޫޢު ކުރުމުގެ ކުރިންނެވެ.
165- މީގައި ކިޔާނީ މި ފަދައިންނެވެ.
اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ ، وَعَافِنِي فِيمَنْ عَافَيْتَ ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ ، وَبَارِكْ لِي فِيمَا أَعْطَيْتَ ، وَقِنِي شَرَّ مَا قَضَيْتَ ، فإِنَّكَ تَقْضِي وَلاَ يُقْضَى عَلَيْكَ ، وَإِنَّهُ لاَ يَذِلُّ مَنْ وَالَيْتَ ، وَلاَ يَعِزُّ مَنْ عَادَيْتَ ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ وَلاَ مَنْجَا مِنْكَ إلاَّ إليْكَ
މާނައަކީ: ''އޭ ﷲ ! މި އަޅާއަށް ތެދުމަގު ދައްކަވައި، އިބަ ރަސްކަލާނގެ ތެދުމަގު ދެއްކެވި މީހުންގެ ތެރޭގައި ލައްވާފާނދޭވެ! އަދި އިބަ ރަސްކަލާނގެ، ހުރިހާ ނުބައި ކަމަކުން ދުރު ކުރައްވާ ސަލާމަތް ކުރެއްވި މީހުންގެ ތެރޭގައި، މި އަޅާ ލައްވާފާދޭވެ! އަދި އިބަ ރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ އަދި އެބައެއްގެ ކަންތައް އިބަ ރަސްކަލާނގެ ބަލަހައްޓަވާ މީހުންގެ ތެރޭގައި، މި އަޅާ ލައްވާފާނދޭވެ! އަދި އިބަރަސްކަލާނގެ މި އަޅާއަށް ދެއްވި ހުރިހާ ނިޢްމަތްތަކެއްގައި ބަރަކާތް ލައްވާފާނދޭވެ! އަދި އިބަރަސްކަލާނގެ މިންވަރު ކުރައްވާފައިވާ ނުބައި ހުރިހާ ކަމަކުން، މި އަޅާ ރައްކާތެރި ކުރައްވާފާނދޭވެ! ފަހެ ހަމަކަށަވަރުން ހުރިހާ ކަމެއް މިންވަރު ކުރައްވަނީ އިބަ ރަސްކަލާނގެ އެވެ. އަދި އިބަ ރަސްކަލާނގެ މިންވަރު ކުރެއްވި ކަމަކަށް ހުރަސް އެޅޭނެ ފަރާތެއް ނުވެއެވެ. އަދި އިބަ ރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ ރުއްސުން ލެއްވި މީހަކު، އެއްވެސް މީހަކަށް ނިކަމެތި ކޮށެއް ނުލެވޭނެއެވެ. އަދި އިބަ ރަސްކަލާނގެ އެ މީހަކާ ޢަދާވާތްތެރިވެ ވޮޑިގެންފި މީހަކު، ޢިއްޒަތްތެރި ނުވާނެއެވެ. އިބަރަސްކަލާނގެ މަތިވެރިވެ މާތްވެ ވޮޑިގަންނަވައެވެ. އަދި އިބަރަސްކަލާގެ މާތްކަމާއި މަތިވެރިކަން އުފުލިގެން ވެއެވެ. އަދި އިބަ ރަސްކަލާނގެ ކިބަފުޅުން ރައްކާ ވުމަށް އެދި، އިބަ ރަސްކަލާނގެ ޙަޟްރަތަށް އައުން ނޫނީ ނެތެވެ.''
166- މި ދުޢާއަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އުނގަންނަވައި ދެއްވާފައިވާ ދުޢާއެކެވެ. ވީމާ އެކަލޭގެފާނު މައްޗަށް ކިޔެވޭ ޞަލަވާތެއް ފިޔަވާ އެހެން އެއްޗެއް މިއަށް އިތުރު ކުރެވިގެން ނުވާނެއެވެ. އެއީ ﷲ ރުއްސުން ލެއްވި ޞަޙާބީން މި ކަން ކުރެއްވި ކަން ސާބިތުވަފެއި ވާތީއެވެ.
167- ދެން، ކުރިންވެސް ބުނެވުނު ފަދައިން ރުކޫޢުކޮށް ދެ ސަޖިދައަށް ވެސް ދާނީއެވެ.
ފަހު ތަޝައްހުދު އަދި ތަވައްރުކު ކޮށް އިނުން:
168- ދެން ފަހު ތަޝައްހުދަށް (ފަހު އައްތަޙިއްޔާތަށް)، އިށީންނާނީއެވެ. ދެ ތަޝައްހުދު ވެސް ވާޖިބެވެ.
169- އަދި މި ތަޝައްހުދުގައި ކަންތައް ކުރާނީ ހަމަ ފުރަތަމަ ތަޝައްހުދު ގައި ވެސް ކަންތައް ކުރި ގޮތަށެވެ.
170- ނަމަވެސް މި ތަޝައްހުދުގައި އިށީންނާނީ، ތަވައްރުކު ކޮށެވެ. އެއީ ވާތު ފިނދުކިބަ ބިންމަތީ ޖައްސައިގެން، ދެ ފައި ވެސް ކަނާތް ފަރާތުން ނެރެގެން، ވާތު ފައި ކަނާތު ކަށިމަތި ދަށަށް ލައިގެން އިނުމެވެ. (ތަވައްރުކުގެ މާނައަކީ، ވާތް ފަރާތުގެ ފިނދު މަސްގަނޑު ބިންމަތީ ޖައްސައިގެން، ކުޑަކޮށް އަރިއަކަށް ވާ ގޮތަކަށް، އިނުމެވެ. މިހެން އިންނަ އިރު ވާތު ފައި އޮންނާނީ ގައި ދަށުން ގޮސް ކަނާތު ފައި ދަށުން ނިކުމެފައެވެ. ކަނާތު ފައިތިލަ ހުންނާނީ ބިންމަތީގައި ވިއްދާފައެވެ.)
171- ކަނާތު ފައިތިލަ ހުންނަން ވާނީ ބިމުގައި ކޮޅަށް ވިއްދާފައެވެ.
172- ބައެއް ފަހަރު، މި ގޮތަށް ނުވިއްދައި، ދޫކޮށްލާފައި ބޭއްވުން ވެސް ހުއްދައެވެ.
173- މި ގޮތަށް އިންނަ އިރު އިންނާނީ، ވާތުން ކަކުލުގައި ރަނގަޅަށް ހިފަހައްޓައިގެން، ވާތް މައްޗަށް ބުރަވެއެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޞަލަވާތް ކިއުން ވާޖިބުވުން، އަދި ހަތަރު ކަމަކުން، ﷲގެ ރައްކާތެރިކަން ހޯދުން:
174- މި ތަޝައްހުދުގައި، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޞަލަވާތް ކިއުމަކީ ވާޖިބު ކަމެކެވެ. ފުރަތަމަ ތަޝައްހުދާ ބެހޭ ގޮތުން ވާހަކަ ދެކެވުނު އިރު، ފަހު ތަޝައްހުދުގައި ކިޔަން ޖެހޭ ބައެއް ޢިބާރާތްތައް ބަޔާން ކުރެވިފައި ވާނެއެވެ.
175- އަދި ހަތަރު ކަމަކުން، ﷲ ގެ ރައްކާތެރި ކަމަށް އެދޭށެވެ. ދަންނަވާނީ :-
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عَذَابِ جَهَنَّمَ ، وَمِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ ، وَمِنْ شَرِّ فِتْنَةِ الْمَسِيحِ الدَّجَّالِ
މާނައަކީ: ''އޭ ﷲ ! ނަރަކައިގެ ޢަޛާބުން، ހަމަ ކަށަވަރުން މި އަޅާ އިބަ ރަސްކަލާނގެ ރައްކާތެރި ކަމަށް އެދެވެ. އަދި ކަށްވަޅުގެ ޢަޛާބުންނެވެ. އަދި ދިރި ހުރުމާއި މަރު ގައި ދިމާވާ ފިތުނައިންނެވެ. އަދި މަސީޙުއް ދައްޖާލުގެ ފިތުނައިގެ ނުބައިކަމުންނެވެ.''[17]
ސަލާމް ދިނުމުގެ ކުރިން ކުރާ ދުޢާ:
176- ދެން މިއަށް ފަހު، ޤުރުއާނާއި ސުންނަތުގައި ސާބިތުވަފައިވާ ދުޢާތަކުގެ ތެރެއިން، އެ މީހަކަށް ފެންނަ ދުޢާ އަކުން ދުޢާ ކުރާނީއެވެ. މިފަދަ ދުޢާތައް ވަރަށް ގިނައެވެ. އަދި މިއިން ދުޢާއެއް ދަސްވެފައި ނެތްނަމަ، އެ މީހާގެ ދީނާއި ދުނިޔޭގައި ފައިދާ ކުރާނެ ފަދަ، އެ މީހަކަށް ކުރަން ފަސޭހަ ދުޢާއެއް ކުރާނީއެވެ.
ސަލާމް ދިނުމާއި، އޭގެ ވައްތަރުތައް:
177- ދެން ކަނާތް ފަރާތަށް ސަލާމް ދޭނީއެވެ. މިއީ ރުކުނެކެވެ. ސަލާމް ދޭނީ ކަނާތު ކޯތާފަތް، ފަހަތުގައި ތިބޭ މީހުންނަށް ފެންނަ ވަރަށް މޫނު އަނބުރާފައެވެ.
178- ދެން ވާތް ފަރާތަށް ސަލާމް ދޭނީއެވެ. އެއީވެސް ހަމަ ވާތު ކޯތާފަތް ފަހަގުގައި ތިބޭ މީހުންނަށް ފެންނަވަރަށެވެ. މިއީ ކަށު ނަމާދަށް ކަމުގައި ވިޔަސް މެއެވެ.
179- ކަށު ނަމާދު ފިޔަވާ އެހެން ނަމާދުތަކުގައި، އިމާމު މީހާ ސަލާމް ދޭ އިރު، އަޑު އުފުލަން ޖެހޭނެއެވެ.
180- ސަލާމް ދެވޭ އެތައް ގޮތެއް އޮވެއެވެ.
އެއް ގޮތަކީ : السَّلامُ عَليْكُم وَرَحْمَة الله وَبَرَكَاتُه އޭ ބުނެ، ކަނާތް ފަރާތަށް ސަލާމް ދިނުމެވެ. އަދި السَّلامُ عَليْكُم وَرَحْمَة الله އޭ ބުނެ، ވާތް ފަރާތަށް ސަލާމް ދިނުމެވެ.
މާނައަކީ: ''ތިބާ އަށް، ﷲ ސަލާމާއި ރައްކާތެރިކަން ލައްވާށިއެވެ. އަދި އެކާލާނގެ ރަޙްމަތާއި ބަރަކާތް ވެސް ތިބާއަށް ހުއްޓެވެ.''
ދެވަނަ ގޮތަކީ: ދެފަރާތަށް ވެސް ''ބަރަކާތުހޫ'' މި ބަސް ނުލައި السَّلامُ عَليْكُم وَرَحْمَة الله އޭ ބުނެ ސަލާމްދިނުމެވެ.
ތިންވަނަ ގޮތަކީ: ކަނާތް ފަރާތަށް السَّلامُ عَليْكُم وَرَحْمَة الله އޭ ބުނެ، ވާތް ފަރާތަށް السَّلامُ عَليْكُم އޭ ބުނުމެވެ.
ހަތަރު ވަނަ ގޮތަކީ: ކުރިމައްޗަށް މޫނު ލައިގެން ހުރެ، އެންމެ ސަލާމެއް ދެމުން، ކުޑަކޮށް ކަނާތަށް އެނބުރުމެވެ.
އޭ މުސްލިމު އަޚާއެވެ! ''ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދުކުރެއްވި ގޮތުގެ ޚުލާޞާ'' ފޮތެއްގެ ސިފައިގައި ލިޔެވުނު ވަރަކީ މިއީއެވެ. ތިބާއަށް ރަނގަޅަށް އޮޅުންފިލައި، އެ މަންޒަރު ކުރިމަތިން ފެނުމެކޭ އެއްގޮތަށް ސިކުނޑިއަށް ތަޞައްވަރުކުރެވޭނެ ހެން، ގެނެވޭތޯ މަސައްކަތްކުރީމެވެ. ފަހެ، އިތުރުއެކަލޭގެފާނު ނަމާދުކުރައްވާފައިވާ ގޮތް އަހަރެން މި ސިފަކޮށްދިން ގޮތަށް، ތިބާ ނަމާދުކޮށްފި ނަމަ، ފަހެ ތިބާގެ ނަމާދު ﷲ ޤަބޫލުކުރެއްވުމަށް، އަހަރެން ﷲ ކިބަފުޅުން އެދެމެވެ. އެހެނީ، މި ގޮތަށް ކަންތައް ކުރުމުން، އެ އޮތީ، ރަސޫލާ ގެ މި ބަސްފުޅު ''އަހަރެން ނަމާދުކުރަނިކޮށް ތިޔަބައިމީހުންނަށް ފެނުނު ފަދައިން ނަމާދުކުރާށެވެ.'' ގައި އައިސްފައިވާ ގޮތަށް ހަމަ ހަޤީޤަތުގައިވެސް ކަންތައް ކުރެވިފައެވެ.
މިއަށް ފަހު ތިބާއަށް އޮތީ، ނަމާދުގައި، ހިތް ހާޒިރުކުރުވުމާއި، ޚުޝޫޢަތްތެރިކަން ހަނދާންނެތިކޮށް ނުލުމެވެ. ފަހެ ﷲ ތަޢާލާގެ ޙަޟުރަތުގައި އަޅާ ހުއްޓި ހުރުމުގެ އެންމެ ބޮޑު ބޭނުމަކީ މިއީއެވެ. އަހަރެން ސިފަކޮށްފައި މިވާ ފަދައިން، ޚުޝޫޢަތްތެރި ވެވުނު މިންވަރުކުންނާއި، ތިބާ ނަމާދުކުރުމުގައި ރަސޫލާ އާ ވީހާވެސް އެއްގޮތް ވީ މިންވަރަކުން، މާތްﷲ إِنَّ الصَّلاَةَ تَنْهَى عَنِ الْفَحْشَاء وَالْمُنكَرِ މި އާޔަތުގައި އިޝާރާތްކުރައްވާފައި ވާ، އެދެވޭ މޭވާ ތިބާއަށް ލިބޭނެއެވެ.
ނިންމާލަމުން އަހަރެންގެ ދުޢާއަކީ، ﷲ އަހަރެމެންގެ ނަމާދާއި އެހެނިހެން ހެޔޮޢަމަލުތައް ޤަބޫލުކުރެއްވުމެވެ. އަދި އެ ކަލާނގެ ޙަޟްރަތަށް ދެވޭ ދުވަހަށް ޓަކައި އޭގެ ޘަވާބު ރައްކައުތެރިކޮށްދެއްވުމެވެ. އެ ދުވަހަކީ ފައިސާ އަކުން ނުވަތ ދަރިއަކުން މަންފާއެއް ކުރާނެ ދުވަހެއް ނޫނެވެ. މަންފާއެއް ކުރާނީ ހަމަ އެކަނި ސަލާމަތުން އޮތް ހިތަކާއިގެން ﷲ ގެ ޙަޞްރަތަށް ދާ މީހަކަށެވެ.
وَ الْحَمْدُ للّهِ رَبِّ الْعَالَمِينَ
[1] ކުރިމަތީ ފައިވާން ބަހައްޓައިގެން ނުވާނެކަން މި ކަމުން ދޭހަވެއެވެ. މިއީ ވަރަށް ގިނަ މުސްލިމުން ފަރުވާ ނުބަހައްޓާ ރީތި އަދަބެކެވެ. މިހެންވެ އެމީހުން ފައިވާނާ ދިމާލަށް ނާމަދު ކުރާތަން ތިބާއަށް ފެންނާނެއެވެ!
[2] މިއިން އެނގެނީ، ސޫރިޔާ އާއި އެހެނިހެން ތަންތަނުންވެސް އަހަރެން ދެކުނު މިސްކިތްތަކުގައި، މީހުން ފާރާއި ނުވަތަ ތަނބާއި ދުރުގައި، މިސްކިތުގެ މެދުގައި ތިބެގެން ނަމާދު ކުރުމަކީ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަންތައް ކުރެއްވި ގޮތް ނޭނގުމުގެ ސަބަބުން ވާ ކަމެއްކަމެވެ.
[3] ވީމާ ކުރިމަތީގައި ރޮނގެއް އަޅާލިއަސް ނުފުދޭނެއެވެ. އަދި މިފަދައިން އައިސްފައިވާ ޙަދީޘަކީ ޟަޢީފް ޙަދީޘެކެވެ.
[4] މާނައަކީ ހަށަން ބަނުމުން ނަމާދުގައި ކުރުން ޙަރާމް، ނަމާދުން ބޭރު ޙަރަކާތްތައް ކުރުން ޙަރާމްވެއެވެ. އަދި ސަލާމް ދިނުމުން ނަމާދުގައި ކުރުން ޙަރާމް ކަންތައް ހުއްދަވެއެވެ.
[5] ބޮޑުވާ އިނގިލި ކަންފަތު ފޫޅުގައި ޖެއްސުން އެއީ، އަސްލެއް އޮތް ކަމެއް ނޫނެވެ. ކިއެއްތަ އަހަރެން ބުނާނީ އެއީ ވަސްވާހުގެ ސަބަބަކަށް ވެދާނެ ކަމެކެވެ.
[6] އަތް ބާއްވާ އިރު، ކަނާތުން ވާތުގައި ހިފަހައްޓައިގެން ހުރުމާ، ކަނާތް މަތީ ވާއަތް ބާއްވައިގެން ހުރުން، މި ދެ ގޮތް އެއްފަހަރާ ގެނައުމަކީ އަސްލެއް އޮތް ކަމެއް ނޫނެވެ.
[7] މޭ މަތީ ނޫން ތަނެއްގައި އަތް ބޭއްވުމަކީ، ޟަޢީފްކޮށް އައިސްފައިވާ ގޮތްތަކެވެ. އެހެން ނޫނީ އަސްލެއް ނެތް ގޮތްތަކެވެ.
[8] އިތުރު ދުޢާ ބަލަން ބޭނުން މީހަކު، '' ޞިފަތު ޞަލާތު އައްނަބީ '' މި ފޮތުގެ ޞަފްޙާ 72-73 ބަލާށެވެ.( ދިހަވަނަ ނުވަތަ އެގާރަވަނަ ޗާޕް )
[9] މި މައްސަލައާއި ބެހޭ ގޮތުން ވާހަކަ ދެއްކި މީހުންގެ ދަލީލުތަކުގެ ސަނަދާއި، އެ މީހުންނަށް ދެވޭ ރައްދު އަހަރެން ވާނީ '' ސިލްސިލަތުލް އަޙާދީޘު އައްޟަޢީފާ '' ގެ ނަންބަރު 546 - 547 ގައި ބުނެފައެވެ.
[10] މި ފަޞްލާއި ބެހޭ ގޮތުން އިތުރަށް ކިޔަން، '' ޞިފަތު ޞަލާތުއް ނަބީ '' ގެ ޞަފްޙާ 83 ބަލާށެވެ.
[11] މި ރުކުނުގައި ކީދާނެ، އެހެނިހެން ދުޢާތަކެއް ވެސް ވެއެވެ. މީގެ ތެރޭގައި ދިގު އަދި ކުރު، އަދި މެދުމިނުގެ ދުޢާތަކެއް ހުރެއެވެ. ޞިފަތު ޞަލާތުއް ނަބީ '' ގެ ޞަފްޙާ 113 ބަލާށެވެ.
[12] މި ތާނގައި ކީދާނެ، އެހެނިހެން ދުޢާތަކެއް ވެސް ވެއެވެ. ޞިފަތު ޞަލާތުއް ނަބީ '' ގެ ޞަފްޙާ 116 ބަލާށެވެ.
[13] މި މަޤާމުގައި ކޮޅަށް ހުންނަ އިރު(އިޢްތިދާލުގައި)، އެއް އަތް އަނެއް އަތް މަތީ ބާއްވައިގެން ހުރުން އެއީ އަންގަވާފައިވާ ގޮތެއް ނޫނެވެ. އެހެނީ އެއީ ވާރިދުވެފައި ވާ ގޮތެއް ނޫނެވެ. މި މައްސަލައިގެ ތަފްޞީލަށް، ޞިފަތު ޞަލާތުއް ނަބީ '' ބަލާށެވެ.
[14] އެހެނިހެން ދުޢާތަކެއް ވެސް ވެއެވެ. '' ޞިފަތު ޞަލާތުއް ނަބީ '' ގެ ޞަފްޙާ 127 ގައި އެ ވާނެއެވެ.
[15] ކީރިތި ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތް ފަހުން، ކިޔަންވާ ގޮތަކީ މިއީއެވެ. އަދި ސަލާމާއި ޞަލަވާތް ލެއްވި، އިބްނު މަސްޢޫދު، ޢާއިޝާ، އިބްނު އައްޒުބައިރު، އިބްނު ޢައްބާސް ގެ އަރިއަހުން ސާބިތުވެފައިވާ ގޮތަކީވެސް މިއީއެވެ. ތަފްޞީލު ބޭނުން މީހަކު '' ޞިފަތު ޞަލާތުއް ނަބީ '' ގެ ޞަފްޙާ 142 ބަލާށެވެ.
[16] ބުނެވިފައިވާ އަހަރެންގެ ފޮތުގައި، ސާބިތުވެފައިވާ އެހެނިހެން ޢިބާރާތްތަކެއް ވެސް ވެއެވެ. މިތާ އަހަރެން މި ބުނެލީ އެންމެ ޞައްޙަ ޢިބާރާތެވެ.
[17] ދިރި ހުރުމުގައި ދިމާވާ ފިތުނައަކީ : އިންސާނާ ދުނިޔޭގައި ދިރި ހުންނަ އިރު ކުރިމަތިވާ، ޝަހުވަތްތަކާއި، ދުނިޔޭގެ ތަފާތު ވައްތަރު ތަކުގެ ފިތުނައެވެ.
މަރުގައި ދިމާވާ ފިތުނައަކީ : ކަށްވަޅުގައި ދިމާވާ ފިތުނައާއި، ދެ މަލާއިކަތް ބޭކަލުން ވަޑައިގެން ކުރާ ސުވާލުތަކުގެ ފިތުނައެވެ.
މަސީޙުއް ދައްޖާލުގެ ފިތުނައަކީ : ދައްޖާލުގެ އަތް މަތިން ފެންނާނެ އާދަޔާ ޚިލާފު ކަންތައްތަކާއި، އެ ކަންތައް ތަކުގެ ސަބަބުން އެއަށް ތަބާވެ އެއީ އިލާހެއް ކަމަށް ބެލުމުގެ ފިތުނައެވެ.