ބުދަ20201021

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ސުންނަތް ރޯދަ ހިފުން މޮޅު އިތުރު ދުވަސްތައް

ސުންނަތް ރޯދަ ހިފުން މޮޅު އިތުރު ދުވަސްތައް

roadha-sunnaމަހެއްގެ ތެރޭގައި ސުންނަތް ރޯދަ ހިފުން ރަނގަޅީ ކޮން ދުވަސްތަކެއްގައިހެއްޔެވެ؟ އަދި ރޯދަހިފުމަށް ހަފުތާގެ ވަކި ޚާއްޞަ ދުވަހެއް އޮވޭހެއްޔެވެ؟ އަދި ހޯމަ ބުރާސްފަތީގައި ރޯދަ ހިފުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟

މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ ނިޢްމަތްތަކުގެ ތެރޭގައި، ފަރުޟުތަކުގެ އިތުރުން އަދި ސުންނަތް އަޅުކަންތަކެއް ކޮށްގެން، އެކަލާނގެއާއި ބޮޑަށް ކުއްތަން ވެވޭ ގޮތް މިންވަރު ކުރެއްވުން ހިމެނެއެވެ.

އެ ގޮތުން ފަރުޟު ފަސް ނަމާދު، ރަމަޟާން މަހު ރޯދަ ފަދަ ފަރުޟު އަޅުކަންތަކުގެ އިތުރުން، ހަމަ މި ބާވަތުގެ ސުންނަތް އަޅުކަންތަކެއް، ސުންނަތް ކަންތަކުގެ ގޮތުގައި، ކަނޑައެޅިފައި ވެއެވެ.

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ.

قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِنَّ اللَّهَ قَالَ ‏ ‏مَنْ عَادَى لِي وَلِيًّا فَقَدْ ‏ ‏آذَنْتُهُ ‏ ‏بِالْحَرْبِ وَمَا تَقَرَّبَ إِلَيَّ عَبْدِي بِشَيْءٍ أَحَبَّ إِلَيَّ مِمَّا افْتَرَضْتُ عَلَيْهِ وَمَا يَزَالُ عَبْدِي يَتَقَرَّبُ إِلَيَّ بِالنَّوَافِلِ حَتَّى أُحِبَّهُ فَإِذَا أَحْبَبْتُهُ كُنْتُ سَمْعَهُ الَّذِي يَسْمَعُ بِهِ وَبَصَرَهُ الَّذِي يُبْصِرُ بِهِ وَيَدَهُ الَّتِي يَبْطِشُ بِهَا وَرِجْلَهُ الَّتِي يَمْشِي بِهَا وَإِنْ سَأَلَنِي لَأُعْطِيَنَّهُ وَلَئِنْ اسْتَعَاذَنِي لَأُعِيذَنَّهُ وَمَا تَرَدَّدْتُ عَنْ شَيْءٍ أَنَا فَاعِلُهُ تَرَدُّدِي عَنْ نَفْسِ الْمُؤْمِنِ يَكْرَهُ الْمَوْتَ وَأَنَا أَكْرَهُ مَسَاءَتَهُ

މާނައަކީ: ''ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. މާތްﷲ (ޤުދުސީ ޙަދީޘްފުޅެއްގައި) ވަޙީކުރެއްވިއެވެ. ''ތިމަންރަސްކަލާނގެ ތެދުވެރި އިޚްލާޞްތެރި އަޅުވެރިއަކަށް ޢަދާވާތްތެރިވެގެންފި މީހެއްގެ މައްޗަށް، ތިމަންރަސްކަލާނގެ ހަނގުރާމަ އިޢްލާންކުރައްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ އަޅާ ތިމަންރަސްކަލާނގެއާއި ކުއްތަން ވުމަށްޓަކައި ކުރަން، ތިމަން ރަސްކަލާނގެ އެންމެ ލޯބިވެވޮޑިގަންނަވާ ކަމަކީ، ތިމަންރަސްކަލާނގެ އޭނާގެ މައްޗަށް ފަރުޟު ކުރެއްވި ކަންތަކެވެ. އަދި ތިމަންރަސްކަލާނގެ އަޅާ، އޭނާ ދެކެ ތިމަން ރަސްކަލާނގެ ލޯބިވެވޮޑިގަންނަވަން ދެން، އޭނާ ކުރާ ސުންނަތް އަޅުކަންތަކުން، ތިމަންރަސްކަލާނގެ އާއި ކުއްތަންވޭވޭ ހުންނާނެއެވެ. ތިމަންރަސްކަލާނގެ އޭނާ ދެކެ ލޯބިވެވޮޑިގެންފިނަމަ، ތިމަންރަސްކަލާނގެ ވާ ހުށީ އޭނާ އަޑު އަހާ އެހުން ކަމުގައެވެ. އަދި އޭނާ ދެކޭ ދެކުން ކަމުގައެވެ. އަދި އޭނާ ހިފާ އަތް ކަމުގައެވެ. އަދި އޭނާ ހިނގާ ފައި ކަމުގައެވެ. އަދި އޭނާ ތިމަންރަސްކަލާނގެ ކިބަފުޅުން ކަމަކަށް އެދިދަންނަވައިފިނަމަ، ފަހެ އެ ކަމެއް ފުއްދަވައި ދެއްވާހުށީމެވެ. އަދި ތިމަންރަސްކަލާނގެ ކިބަފުޅުން ރައްކާތެރިކަމަށް އެދި ދަންނަވައިފިނަމަ، ފަހެ އޭނާ ރައްކާތެރި ކުރައްވާހުށީމެވެ. އަދި މަރުވާން ނޭދޭ މުއުމިނެއްގެ ފުރާނަ ހިއްޕަވަން، ތިމަންރަސްކަލާނގެ ފަސްޖެހިވޮޑިގަންނަވާ ވަރަށް އެހެން ކަމަކަށް ފަސްޖެހިވޮޑި ނުގަންނަވަމެވެ. ފަހެ ތިމަންރަސްކަލާނގެ އަޅާ، މާޔޫސް ކުރަން ތިމަންރަސްކަލާނގެ ރުހިވޮޑިނުގަންނަވަމެވެ. '' (ޞަޙީޙް ބުޚާރީ، ބާބުއް ރަޤާއިޤް)

ނޯޓު: މިއީ މި ޙަދީޘްގެ ލަފްޒީ މާނަ އައިސްފައި އޮންނަ ގޮތެވެ. ނަމަވެސް ޢިލްމުވެރިން ވަނީ މީގެ މަޤްޞަދުތަކާ މެދު ތަފާތު ޚިޔާލު ފާޅު ކުރައްވާފައެވެ. އެއް ރައުޔަކީ އޭނާގެ އިވުމާއި ފެނުމާއި އަތާއި ފައި ކަމުގައި އެކާލާނގެ ވޮޑިގެންވާ ވުމަކީ، ޖައްސަވާފައިވާ މިސާލެކެވެ. އަސްލު އެ މިސާލުގެ މަޤްޞަދަކީ އެ ގުނަވަންތަކަށް ވުރެ އެކަލާނގެ ކުރެއްވި އަމުރުތަކަށް ކިޔަމަން ވުމުގައި އޭނާ އިސްކަން ދެއެވެ.

ދެވަނަ ރައުޔަކީ، އެ ހުރިހާ ގުނަވަނެއްވެސް ވަނީ އެކަލާނގެ މަގުގައި މަޝްޣޫލުވެފައެވެ.

ތިންވަނަ ރައުޔަކީ، އެ ގުނަވަންތަކުން އޭނާ ކުރަން ބޭނުންވާ ކަންތައްތައް އެ ކަލާނގެ ފުއްދަވައި ދެއްވައެވެ. އަދި މިނޫން ރައުޔުތަކެއްވެސް މި ޙަދީޘްގެ މާނައިގައި ހާމަ ކުރެވިފައިވެއެވެ. މި ޙަދީޘުން އަހަރެމެންނަށް އެނގޭ އެއް ކަމަކީ މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ބަހައްޓަވާ އޯގާތެރިވަންތަކަމެވެ. އަނެއް ކަމަކީ ފަރުޟުތަކުގެ އިތުރުން ސުންނަތްތައް ކޮށްގެން ، ލިބެން އޮތް ދަރަޖައިގެ މަތިވެރި ކަމެވެ. އަނެއް ކަމަކީ، މާތް ﷲ އާއި ވަކީލު ކޮށްފި މީހަކަށް އެހެން މީހަކު ބޭނުން ނުވާނެ ކަމެވެ.

ސުންނަތް ރޯދަ ބެހެނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ :-

އެކެއް : ވަކި ކަމަކާއި ގުޅިފައި ނުވާ ސުންނަތް ރޯދަ (މުޠްލަޤު)

މީގެ މާނައަކީ ވަކި ވަގުތެއް ނުވަތަ ވަކި ހާލަތަކާއި ގުޅިފައި ނެތް ސުންނަތް ރޯދައެވެ. އެ ގޮތުން އަހަރުގެ ދުވަސްތަކުގެ ތެރެއިން އެ މީހަކު ބޭނުން ކޮންމެ ދުވަހަކުވެސް މިފަދަ ރޯދައެއް ހިފިދާނެއެވެ. ނަމަވެސް އެއީ ރޯދަ ހިފުން ނަހީ ކުރެވިފައިވާ ޢީދު ދުވަސް، އައްޔާމުއް ތަޝްރީޤް ތިން ދުވަސް (ހަދްޔު ނެތް ޙައްޖުވެރިއާ މި ތިން ދުވަހު ރޯދަ ހިފުން ހުއްދަ)، ފިޔަވައެވެ. އަދި ހަމަ އެކަނި ހުކުރު ނުވަތަ ހޮނިހުރު ނުވަތަ އާދީއްތަ ދުވަސް އެއިން ދުވަހެއްގެ ޒާތަށްބަލައި، ރޯދަހިފުމަށް ޚާއްޞަ ކުރުންވެސް އެއީ މަކްރޫހަވެގެންވާ ކަމެކެވެ. ބައެއް ޢިލްމުވެރިންގެ އަރިހުގައި ޙަރާން ކަމެކެވެ.

މުޠްލަޤު ސުންނަތް ރޯދަ ހިފަން އޮތް އެންމެ މޮޅު އިތުރު ގޮތަކީ، ކުޅަދާނަ ވެގެންވާ ނަމަ އެއް ދުވަހު ރޯދަ ހިފާފައި އަނެއް ދުވަހު ރޯދަ ނުހިފާ ދޫކޮށްލުމެވެ. މި ގޮތަށް ހިފާ ރޯދައަށް ދާއޫދުގެފާނު ހިއްޕެވި ރޯދައޭ ކިޔެއެވެ. މި ރޯދަ އާއި ބެހޭ ގޮތުން ކީރިތި ރަސޫލި -ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘް ކުރައްވަނީ: أَحَبُّ الصِّيَامِ إِلَى اللَّهِ صِيَامُ ‏ ‏دَاوُدَ ‏‏ كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا وَأَحَبُّ الصَّلَاةِ إِلَى اللَّهِ صَلَاةُ ‏ ‏دَاوُدَ ‏ ‏كَانَ يَنَامُ نِصْفَ اللَّيْلِ وَيَقُومُ ثُلُثَهُ وَيَنَامُ سُدُسَهُ

މާނައަކީ: ''މާތް ﷲ އެންމެ ލޯބިވެވޮޑިގަންނަވާ ރޯދައަކީ، ދާއޫދުގެފާނު ހިއްޕެވި ރޯދައެވެ. އެކަލޭގެފާނު ދެ ދުވަހުން އެއް ދުވަހު ރޯދަ ހިއްޕެވިއެވެ. އަދި މާތް ﷲ އެންމެ ލޯބިވެވޮޑިގަންނަވާ ނަމާދަކީ، ދާއޫދުގެފާނު ކުރެއްވި ނަމާދެވެ. އެކަލޭގެފާނު، ރޭގަނޑުގެ ދެބައިކުޅަ އެއްބައި(ފުރަތަމަ ބައި) ގައި އަވަހާރަފުޅު ލައްޕަވައެވެ. އަދި ރޭގަނޑުގެ ތިންބައިކުޅަ އެއްބައިގައި ނަމާދު ކުރައްވައެވެ. ދެން (އަނެއްކާ) ރޭގަނޑުގެ ހަ ބައިކުޅަ އެއްބައިގައި އަވަހާރަފުޅު ލައްޕަވައެވެ.'' (ރިވާކުރެއްވީ : ބުޚާރީ، ބާބު އަޙާދީޘުލް އަންބިޔާއު)

މި ގޮތަށް ރޯދަ ހިފުން ސުންނަތް ވެގެން ވަނީ ޝަރުޠެއްގެ މަތިންނެވެ. އެއީ މިހެން ރޯދަ ހިފުމުން އޭނާގެ ހަށިގަނޑަށް ބަލިކަމެއް ނާންނަނަމައެވެ.

ދޭއް : ވަކި ކަމަކާއި ގުޅިފައިވާ ސުންނަތް ރޯދަ ( މުޤައްޔަދު)

މީގެ މާނައަކީ ވަކި ވަގުތެއް ނުވަތަ ވަކި ހާލަތެއް ނުވަތަ ދިމާވާ ސަބަބަކާއި ހެދި ހިފުން ސުންނަތް ރޯދައެވެ. މުޤައްޔަދު ރޯދަ އަކީ މުޠްލަޤު ރޯދަ އަށް ވުރެ ޖުމްލަ ގޮތެއްގައި ހެޔޮކަން ބޮޑު ރޯދައެކެވެ.

މުޤައްޔަދު ރޯދަ ދެ ބަޔަކަށް ބެހިގެން ވެއެވެ. އެއީ :

އެކެއް: މީހެއްގެ ހާލަތާއި ގުޅިފައިވާ ރޯދަ. މީގެ މިސާލަކީ ޝަހުވަތްތެރިކަން ހުންނަ ނަމަވެސް ކައިވެނި ކުރުމުގެ ޤާބިލިއްޔަތު ކަމެއް ނެތް ޒުވާނާ ރޯދަ ހިފުން ސުންނަތް ވުމެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘް ކުރައްވާފައި ވަނީ : يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنكُم الْبَاءَةَ فَلْيَتَزَوَّجْ ،‏ فَإِنَّهُ أَغَضُّ لِلْبَصَرِ ،‏ وَ أَحْصَنُ لِلْفَرْجِ ،‏ وَ مَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ ،‏ فَإِنَّهُ لَهُ وِجَاءٌ

މާނައަކީ: ''އޭ އެންމެހައި ޒުވާނުންނޭވެ. ކަލޭމެންގެ ތެރެއިން ކައިވެނި ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކު، ކައިވެނި ކުރާށެވެ. ފަހެ އެއީ ލޯ ތިރި ކުރުމަށް އެހީވެދޭ، ފަރުޖު ރައްކާތެރިކޮށްދޭ ކަމެކެވެ. އަދި ކުޅަދާނަވެގެން ނުވާ މީހަކަށް އޮތީ ރޯދަ ހިފުމެވެ. ފަހެ އެ ކަމުން ޝަހުވަތްތެރިކަން ކުޑަވެއެވެ.''

މި ޙަދީޘުން އެނގޭ ގޮތުގައި، ކައިވެނި ނުކުރެވޭ މީހާ ރޯދަ ހިފުން ސުންނަތް ވެގެން ވެއެވެ. އަދި އޭނާގެ ޝަހުވަތްތެރިކަން އިތުރުވާ ނަމަ ރޯދަ ހިފުން ސުންނަތްކަން ގަދަވެއެވެ. މި ރޯދަ ހިފަން ވަކި ދުވަހެއް ކަނޑައެޅިފައި ނޯވެއެވެ.

ދޭއް: ވަކި ވަގުތަކާއި ގުޅިފައިވާ ރޯދަ. މި ވައްތަރުގެ ސުންނަތް ރޯދަ ހަފްތާ އާއި އަދި މަހާއި އަދި އަހަރާއި ވެސް ގުޅިފައި ވެއެވެ.

ހަފްތާއާއި ގުޅިފައިވާ ރޯދަ:

ހަފްތާއާއި ގުޅިފައިވާ ސުންނަތް ރޯދަ އަކީ، ކޮންމެ ހަފްތާއެއްގެ ވެސް ހޯމަ އަދި ބުރާސްފަތި ދުވަހު ހިފާ ސުންނަތް ރޯދައެވެ. ހޯމަ، ބުރާސްފަތީގައި ރޯދަ ހިފުން ސުންނަތް ކަން އެނގެނީ ތިރީގައި މިވާ ޙަދީޘުންނެވެ.  عَائِشَةَ قَالَتْ : إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَتَحَرَّى صِيَامَ الاثْنَيْنِ وَالْخَمِيس

މާނައަކީ: ''ޢާއިޝަތުގެފާނު ރިވާ ކުރެއްވިއެވެ. ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިއްޕަވަން، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގަސްދު ކުރައްވައި ސަމާލުކަން ދެއްވިއެވެ." (ރިވާ ކުރެއްވީ ތިރްމިޛީ ، ނަސާއީ، އަދި އަލްބާނީ ވަނީ މި ޙަދީޘް ޞައްޙަ ކަމަށް ވިދާޅުވެ ޞަޙީޙުލް ޖާމިޢުއް ޞަޣީރު ގައި ހިމަނުއްވާފައި)

ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރޯދަ ހިފުމާއި ބެހޭ ގޮތުން، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހު ސުވާލު ދެންނެވުމުން އެކަލޭގެފާނު ޙަދީޘް ކުރެއްވީ: تُعْرَضُ الْأَعْمَالُ يَوْمَ ‏ ‏الِاثْنَيْنِ وَالْخَمِيسِ فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ

މާނައަކީ: ''މީސްތަކުންގެ ޢަމަލުތައް މާތް ﷲ ގެ ޙަޟްރަތަށް ހުށައެޅޭ ދުވަހަކީ ހޯމަ އަދި ބުރާސްފަތި ދުވަހެވެ. ފަހެ ތިމަންކަލޭގެފާނު ލޯބި ކުރައްވަނީ، ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައް ހުށައެޅޭށެވެ.'' (ރިވާ ކުރެއްވީ ނަސާއީ، ތިރްމިޛީ، އަޙްމަދު، އިބްނު މާޖާ އަދި އަލްބާނީ މި ޙަދީޘް ޞައްޙަކަމަށް ވިދާޅުވި )

އެހެން ފަހަރަކު، ހޯމަ ދުވަހު ރޯދަ ހިފުމާއި ބެހޭ ގޮތުން ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާ ސުވާލު ދެންނެވުމުން ޙަދީޘް ކުރެއްވީ: فِيهِ وُلِدْتُ وَفِيهِ أُنْزِلَ عَلَيَّ

މާނައަކީ: ''އެ ދުވަހަކީ ތިމަންކަލޭގެފާނު އުފަންވެވަޑައިގަތް ދުވަހެވެ. އަދި އެއީ ތިމަންކަލޭގެފާނަށް ވަޙީ ބާވައިލެއްވުނު ދުވަހެވެ.'' (ޞަޙީޙް މުސްލިމް، ބާބުއް ޞިޔާމް)

މަހާއި ގުޅިފައިވާ ރޯދަ :

މަހާއި ގުޅިފައިވާ ރޯދައިގެ މިސާލަކީ ކޮންމެ މަހެއްގެވެސް ތިން ދުވަހު ހިފާ ސުންނަތް ރޯދައެވެ. މި ރޯދަ ސުންނަތް ވުމުގެ ދަލީލަކީ ތިރީގައި މި ވާ ޙަދީޘެވެ. أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ : أَوْصَانِي خَلِيلِي بِثَلَاثٍ لا أَدَعُهُنَّ حَتَّى أَمُوتَ صَوْمِ ثَلاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَصَلاةِ الضُّحَى وَنَوْمٍ عَلَى وِتْرٍ

މާނައަކީ: ''އަބޫ ހުރައިރާ ރިވާ ކުރެއްވިއެވެ. ''އަހަރެންގެ މިތުރު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަހަރެންނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އަހަރެން މަރުވަންދެންވެސް އެ ކަންތައްތައް ދުލެއް ނުކުރާނަމެވެ. އެއީ ކޮންމެ މަހެއްގައިވެސް ތިން ދުވަހު ރޯދަ ހިފުން އަދި ޟުޙާ ނަމާދު ކުރުން އަދި ވިތުރި ކޮށްގެން ނިދުމެވެ.'' (ރިވާކުރެއްވީ ބުޚާރީ އަދި މުސްލިމް)

މި ސުންނަތް ރޯދަ ހިފުން ބޮޑަށް އެދެވިގެން ވަނީ، ހިޖުރީ މަހުގެ މެދުތެރޭގެ ދުވަސްތަކުގެ ތިން ދުވަހެއްގައި ރޯދަ ހިފުމެވެ. މިކަން އެނގެނީ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވި މި ޙަދީޘުންނެވެ. عن أَبِي ذَرٍّ قَال : قَالَ لِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا صُمْتَ شَيْئًا مِنْ الشَّهْرِ فَصُمْ ثَلاثَ عَشْرَةَ وَأَرْبَعَ عَشْرَةَ وَخَمْسَ عَشْرَةَ

މާނައަކީ: ''އަބޫ ޛައްރު ވިދާޅުވިއެވެ. ސަލާމާއި ޞަލަވާތް ލެއްވި ﷲ ގެ ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަހަރެންނަށް ޙަދީޘް ކުރެއްވިއެވެ. ''ކަލޭ މަހުގެ ދުވަސްތަކުން ދުވަހެއްގައި ރޯދަ ހިފާނަމަ، ތޭރަ، ސާދަ އަދި ފަނަރަ ވަނަ ދުވަހު ހިފާށެވެ.'' (ރިވާ ކުރެއްވީ ނަސާއީ، އިބްނު މާޖާ، އަދި އަލްބާނީ މި ޙަދީޘް ޞައްޙަ ކުރެއްވި)

އަހަރާއި ގުޅިފައިވާ ރޯދަތަކަށް ބަލާއިރު، ވަކި ދުވަސްތަކެއް ކަނޑައެޅިފައިވާ ރޯދައާއި ވަކި ދުވަސްވަރަކާއި ގުޅިފައިވާ ރޯދަ އެބަހުއްޓެވެ.

ވަކި ދުވަސްތަކެއް ގައި ހިފުން ސުންނަތް ރޯދަ:

1- ޢާޝޫރާ

ޢާޝޫރާ ގައި ރޯދަ ހިފުން ސުންނަތްވެގެން ވެއެވެ. ޢާޝޫރާ ދުވަހަކީ އެއީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހެވެ. عَنْ ‏ ‏ابْنِ عُمَرَ ‏ ‏رَضِيَ اللَّهُ عَنْهُمَا ‏ ‏قَالَ ‏
‏صَامَ النَّبِيُّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏عَاشُورَاءَ وَأَمَرَ بِصِيَامِهِ فَلَمَّا فُرِضَ رَمَضَانُ تُرِكَ

މާނައަކީ: ''އިބްނު ޢުމަރު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާޝޫރާ ދުވަހު ރޯދަ ހިއްޕެވިއެވެ. އަދި އެ ދުވަހު ރޯދަ ހިފަން އަމުރު ކުރެއްވިއެވެ. ދެން ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެއްވުމުން، މި ދުވަހު ރޯދަ ހިފުން (ފަރުޟު ރޯދައެއް ގޮތުގައި ) ދޫ ކޮށްލެވުނެވެ.''

ޢާޝޫރާ ދުވަހު ރޯދަ ހިފުމާއި ބެހޭ ގޮތުން އިބްނު ޢައްބާސާއި ސުވާލު ދެންނެވުމުން ވިދާޅުވިއެވެ. مَا عَلِمْتُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ يَوْمًا يَطْلُبُ فَضْلَهُ عَلَى الأَيَّامِ إِلاَّ هَذَا الْيَوْمَ وَلا شَهْرًا إِلا هَذَا الشَّهْرَ يَعْنِي رَمَضَانَ

މާނައަކީ: "ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެ ދުވަހެއްގެ މާތްކަން ހޯއްދަވަން، އެހެން ދުވަސްތަކަށް ވުރެ ބޮޑަށް ސަމާލުވެވަޑައިގެން ރޯދަ ހިއްޕަވާ ދުވަހެއް މިދުވަސް ނޫނީ އަހަރެން ނުދެކެމެވެ. އަދި މަސްތަކުގެ ތެރެއިން މި މަސް ފަދަ އެހެން މަހެއް ނުދެކެމެވެ. އެބަހީ ރަމަޟާން މަހެވެ.'' (ރިވާ ކުރެއްވީ ބުޚާރީ މުސްލިމް)

އިމާމް މުސްލިމް ރިވާ ކުރެއްވި އެހެން ޙަދީޘެއްގައި އޮންނަނީ، ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ފާއިތުވެ ދިޔަ އަހަރުގެ ފާފަ ފޮހެވޭ ކަމެއް ކަމުގައެވެ.

ޢާޝޫރާ ގައި ރޯދަ ހިފުން ފުރަތަމަ އޮތީ ފަރުޟެއްގެ ގޮތުގައެވެ. ނަމަވެސް ފަހުން އިސްލާމުންނަށް ރަމަޟާން މަހުގެ ރޯދަ ފަރުޟު ކުރެވުމުން އެ ދުވަހު ރޯދަ ހިފުން ފަރުޟު ކަމެއްގެ ބަދަލުގައި ސުންނަތް ކަމަކަށް ވީއެވެ.

ޢާޝޫރާ ދުވަހަކީ ޔަހޫދީން ވެސް ދެކޭ ގޮތުގައި މާތް ވެގެންވާ ދުވަހެކެވެ. އެއީ މާތް ﷲ، މޫސާގެފާނާއި ބަނީ އިސްރާއީލުން ފިރުޢައުނުގެ އަނިޔާވެރިކަމުން، ސަލާމަތް ކުރެއްވި ދުވަހެވެ. އަދި ފަހުން ޝީޢީންވެސް ވަނީ މި ދުވަހަކީ އެ މީހުންގެ ޚާއްޞަ ދުވަހެއްގެ ގޮތުގައި ފާހަގަ ކުރަން ފަށާފައެވެ. އެއީ މި ދުވަހަކީ ކަރްބަލާގައި ޙުސައިނުގެފާނު ޝަހީދުކޮށްލެވުނު ދުވަސް ކަމަށް ވާތީއެވެ.

ޢާޝޫރާގައި ރޯދަ ހިފާ ގޮތް:

ޢާޝޫރާގައި ރޯދަ ހިފުން މޮޅު އިތުރު ގޮތަކީ، އެ ދުވަހުގެ ކުރިއާއި ފަހުންވެސް ރޯދަ ހިފުމެވެ. ކުރިން ދުވަހެއް ނުވަތަ ފަހުން ދުވަހެއްގައި ރޯދަ ހިފަނީ، އެއީ ހަމަ އެކަނި ދިހަވަނު ދުވަހު ޔަހޫދީން ރޯދަ ހިފާތީ، އެ މީހުންނާއި ތަފާތު ގޮތަކަށް ރޯދަ ހިފަން ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަންގަވާފައި ވާތީއެވެ. ނަމަވެސް ޢިލްމުވެރިން ވިދާޅު ވަނީ ހަމަ އެކަނި ދިހަވަނަ ދުވަހު ރޯދަ ހިފުންވެސް ހުއްދަ ކަމަށެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ ޘަވާބު ލިބޭނެ ކަމަށެވެ. ނަމަވެސް އެންމެ މޮޅު އިތުރު ގޮތަކީ 11،10،9 މި ތިން ދުވަހު ރޯދަ ހިފުމެވެ. ނޫނީ 10،9 ނޫނީ 10، 11 ގައި ހިފުމެވެ.

މި ދުވަހު ރޯދަ ހިފުމާއި ބެހޭ ގޮތުން، އިބްނުލް ޤައްޔިމް ވިދާޅުވަނީ " ޢާޝޫރާ ދުވަހު ރޯދަ ހިފުން އޮތީ ތިން ދަރަޖައަކަށެވެ. އެންމެ ފުރިހަމަ ގޮތަކީ އެ ދުވަހާއި އެ ދުވަހުގެ ކުރިއާއި ފަހު ދުވަހު ރޯދަ ހިފުމެވެ. ދެން އޮތް އެންމެ ރަނގަޅު ގޮތަކީ، ނުވަ ވަނަ ދުވަހާއި ދިހަ ވަނަ ދުވަހު ރޯދަ ހިފުމެވެ. ވަރަށް ގިނަ ޙަދީޘް މި ގޮތަށް އައިސްފައި ވެއެވެ. ދެން އޮތް ގޮތަކީ ހަމަ އެކަނި ދިހަ ވަނަ ދުވަހު ރޯދަ ހިފުމެވެ. ޢާޝޫރާދުވަހާ ބެހޭ ޚާއްޞަ ލިޔުމެއް މި ގުޅުމުގައިވާނެއެވެ.

2- ޢަރަފާތް ދުވަސް

ޙައްޖު މަހުގެ ފުރަތަމަ ނުވަ ދުވަހު ރޯދަ ހިފުމަކީ ސުންނަތް ކަމެކެވެ. އަދި ނުވަވަނަ ދުވަހު ރޯދަ ހިފުން ސުންނަތް ކަން ގަދައެވެ. އެ ދުވަހަކީ ޢަރަފާތް ދުވަހެވެ. ނަމަވެސް މި ދުވަހު ރޯދަ ހިފުން ސުންނަތް ވެގެން ވަނީ، ޢަރަފާތް ބިމުގައި ތިބޭ މީހުން ފިޔަވާ އެހެން މީހުންގެ މައްޗަށެވެ.

ވަކި ދުވަސްވަރެއްގައި ހިފުން ސުންނަތް ރޯދަ :

1- ޝައްވާލު މަހު ރޯދަ

ޝައްވާލު މަހު ހަ ދުވަސް ރޯދަ ހިފުމަކީވެސް ވަރަށް ގަދަ ސުންނަތެކެވެ. مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ

މާނައަކީ: ''ރަމަޟާން މަހުގެ ރޯދަ ހިފައި، ޝައްވާލު މަހުން 6 ދުވަސް (ރޯދަ ހިފުމުން) އެއާއި ގުޅުވައިފި މީހަކު، އަހަރުގެ ހުރިހާ ދުވަހަކު ރޯދަ ހިފިފަދައެވެ.''(ޞަޙީޙް މުސްލިމް)

2- މުޙައްރަމް މަހުގެ ރޯދަ

ވީ ވަރަކުން މުޙައްރަމް މަހުގެ ދުވަސްތަކުގައި ރޯދަ ހިފުމަކީ ވެސް ސުންނަތެކެވެ. އެގޮތުން ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘް ކުރައްވަނީ : عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏ قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ وَأَفْضَلُ الصَّلَاةِ بَعْدَ الْفَرِيضَةِ صَلَاةُ اللَّيْلِ

މާނައަކީ: އަބޫ ހުރައިރާ ވިދާޅުވިއެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ.'' ރަމަޟާން މަހުގެ ރޯދައަށް ފަހު އެންމެ ހެޔޮއިތުރުކަން ބޮޑީ، މާތް ﷲ ގެ ޙުރުމަތްތެރި މަސް ކަމުގައި ވާ މުޙައްރަމް މަހު ރޯދަ ހިފުމެވެ. އަދި ފަރުޟު ނަމާދަށް ފަހު އެންމެ ހެޔޮއިތުރުކަން ބޮޑީ، ދަމު ނަމާދެވެ.'' (ޞަޙީޙް މުސްލިމް، ބާބުއް ޞިޔާމް)

3- ޝަޢްބާން މަހު ރޯދަ ހިފުން

ރަމަޟާން މަހުގެ ކުރިން އޮންނަ ޝަޢްބާން މަހުގެ ގިނަ ދުވަސްތަކަކު ރޯދަ ހިފުމަކީވެސް ސުންނަތްވެގެން ވާ ކަމެކެވެ.

ޝަޢްބާން މަހު ރޯދަ ހިފުމާއި ބެހޭ ގޮތުން ޢާއިޝަތުގެފާނު ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. عَنْ ‏ ‏عَائِشَةَ ‏ ‏رَضِيَ اللَّهُ عَنْهَا ‏ ‏قَالَتْ ‏ كَانَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَصُومُ حَتَّى نَقُولَ لَا يُفْطِرُ وَيُفْطِرُ حَتَّى نَقُولَ لَا يَصُومُ فَمَا رَأَيْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ

މާނައަކީ: ''ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ''އެއްގޮތަކަށް ވެސް ރޯދަ ނު ކަނޑުއްވައޭ މީހަކު ބުނާ ދަރަޖައަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕަވައެވެ. އަދި ރޯދަ ނު ހިއްޕަވައޭ މީހަކު ބުނާ ދަރަޖައަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ނު ހިއްޕަވާ (ދުވަސްތަކެއް) ދޫކޮށްލައްވައެވެ. އަދި ރަމަޟާން މަސް ފިޔަވާ އެހެން މަހެއް އެއްކޮށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވި ތަން، ތިމަން ކަމަނާ ނުދެކެމެވެ. އަދި ޝަޢްބާން މަހުގައި ރޯދަ ހިއްޕަވާހާ ގިނައިން އެހެން މަހެއްގައި ރޯދަ ހިއްޕަވަނިކޮށްވެސް ނުދެކެމެވެ.'' (ޞަޙީޙް ބުޚާރީ ، ބާބުއް ޞައުމު)

ޝައްކެއްވެސް ނެތް ގޮތުގައި މާތް ﷲ ޘަވާބާއި ދަރުމައަށް އެދި ރޯދަ ހިފުމަކީ، ވަރަށްވެސް ދަރުމަ އިތުރު އަޅުކަމެކެވެ. އަދި ހެޔޮކަމުގެ ތިލަފަތް ބަރު ކުރެވިދާނެ ފަސޭހަ ގޮތެކެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-ޙަދީޘް ކުރައްވަނީ: مَنْ صَامَ يَوْمًا فِي سَبِيلِ اللَّهِ عَزَّ وَجَلَّ بَاعَدَ اللَّهُ وَجْهَهُ مِنْ جَهَنَّمَ سَبْعِينَ عَامًا

މާނައަކީ: ''މާތް ﷲ ގެ މަގުގައި ރޯދައެއް ހިފައިފި މީހެއްގެ މޫނު (އެބަހީ އެ މީހާ) ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަކަށް، މާތް ﷲ ދުރު ކުރައްވާނެއެވެ.'' (ނަސާއީ، އަދި އަލްބާނީ ވަނީ މި ޙަދީޘް ޞައްޙަކަމަށް ވިދާޅުވެފައި)

ޚުލާޞާ:

މަތީގައިވާ ހުރިހާ ވާހަކައެއް ޚުލާޞާ ކޮށް ބުނާނަމަ ބުނަން ޖެހެނީ ރޯދަހިފުން ސުންނަތްވެގެންވާ ދުވަސްތަކަކީ:

1- އަހަރުގެ ދުވަސްތަކުން އެމީހަކު ބޭނުން ދުވަހަކު ހިފުން ސުންނަތް ރޯދަ (މަނާ ދުވަސްތައް ފިޔަވައި)

2- ދާއޫދުގެފާނު ހިއްޕެވި ރޯދަ.

3- ކައިވެނި ނުކުރެވޭ ޒުވާނާ ހިފާ ރޯދަ.

4- ކޮންމެ ހަފްތާއެއްގެ ހޯމަ ބުރާސްފަތި.

5- ކޮންމެ މަހެއްގެ ތިން ދުވަސް.

6- ޢާޝޫރާ.

7- ޙައްޖުމަހު ނުވަ ދުވަހު އަދި ޢަރަފާތް ދުވަހު.

8- ޝައްވާލު މަހު ހަ ރޯދަ.

9- މުޙައްރަމް މަހު ރޯދަ ހިފުން.

10- ޝަޢްބާން މަހު ރޯދަ ހިފުން.


 

 ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.