ހޮނިހިރު20180922

އާކުރެވުނީ: 08:43:52

ތަސްބީޙަ ނަމާދު

kushu-sajida-suvaal-javaabތަސްބީޙަ ނަމާދުގެ ޙުކުމާއި މެދު ޢިލްމުވެރިން ގެ މެދުގައި ޚިލާފު އުފެދި، މައިގަނޑު ދެ ބަޔަކަށް ބެހިފައިވެއެވެ. އެއީ :-

1- ކުރުން އެދެވިގެންވާ ކަމެއް

2- ކޮށްގެން ނުވާނެ ކަމެއް

މި ޚިލާފު މި ގޮތަށް އުފެދެން މެދުވެރި ވި ސަބަބަކީ، މި ކަމާއި ބެހޭ ގޮތުން އައިސްފައިވާ ޙަދީޘްގެ ޞައްޙަ ކަމާއި މެދު ޚިޔާލު ތަފާތު ވުމެވެ. ގިނަ ޢިލްމުވެރިން ވަނީ ތަސްބީޙަ ނަމާދާއި ބެހޭ ގޮތުން އައިސްފައިވާ ޙަދީޘަކީ '' ޙަސަން '' ގެ ދަރަޖަ ދެވޭ ޙަދީޘެއް ކަމަށް ވިދާޅުވެފައެވެ.

ވީމާ މި ބޭފުޅުން ދެކެވަޑައިގަންނަވަނީ، ތަސްބީޙަ ނަމާދަކީ ކުރުން އެދެވިގެންވާ ކަމެއް ކަމަށެވެ. މި ބޭފުޅުންގެ ތެރޭގައި ޢަބްދުﷲ ބިން މުބާރަކް، ދާރަޤުޠްނީ، އަބޫ މޫސާ އަލްމަދަނީ، އަބޫ ބަކްރު ބިން އަބީ ދާއޫދް، އަލްޙާކިމް، އައްސުޔޫޠީ، އިބްނު ޙަޖަރް، އިމާމް އައްނަވަވީ، އަލްއަލްބާނީ އަދި މިނުން ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ.

 

މި ޙަދީޘަކީ ޟަޢީފް އަދި ވަޟުޢީ ޙަދީޘެއް ކަމަށް ވިދާޅުވާ ޢިލްމުވެރިން ވިދާޅުވީ، މި ނަމާދަކީ ކޮށްގެން ވާނެ އެއްޗެއް ނޫން ކަމަށެވެ. މި ބޭފުޅުންގެ ތެރޭގައި، އިބްނުލް ޖައުޒީ، ސިރާޖުއް ދީން އަލްޤަޛްވީނީ، އިބްނު ތައިމިޔާ، އިމާމް އަޙްމަދު އަދި މި ނުން ބޭފުޅުންވެސް ހިމެނި ވަޑައިގަންނަވައެވެ.

ނަމަވެސް ރަނގަޅު ގޮތަކީ، މި ޙަދީޘް ވާރިދުވެފައިވާ ގިނަ ގޮތްތައް އެއްކޮށްގެން ބަލާ އިރު، މި ޙަދީޘަކީ ޞައްޙަ ޙަދީޘަކަށް ވާކަމެވެ. އެންމެ ދަށް ވެގެން ވެސް، '' ޙަސަން '' ގެ ދަރަޖަ ދެވޭނެއެވެ.

ސިލްސިލަތުލް އަލްހުދާ ވައްނޫރު- 75 ގައި، ޝައިޚް އަލްބާނީ ވިދާޅުވެފައި ވަނީ، ތަސްބީޙަ ނަމާދާއި ބެހޭ ގޮތުން އައިސްފައިވާ ޙަދީޘަކީ، އޭގެ ދަރަޖައާ މެދު ޚިލާފު އުފެދިފައިވާ ޙަދީޘެއް ކަމަށެވެ. އެ ގޮތުން އެއީ މައުޟޫޢު ޙަދީޘެއް، ޞަޢީފް ޙަދީޘެއް، ޙަސަން ޙަދީޘެއް، ޞަޙީޙް ޙަދީޘެއް ކަމަށް ވެސް ބުނެވިފައި އެބަހުއްޓެވެ. ނަމަވެސް ފުރަތަމަ ދެ ރައުޔު އެއީ ޙަޤީޤަތާއި މާ ދުރު ވެފައިވާ ދެ ރައުޔު ކަމަށް އަލްބާނީ ވިދާޅުވިއެވެ.

އަދި ބުރަވެވޭ ރައުޔަކީ އެއީ ޙަސަން ނުވަތަ ޞަޙީޙް ދަރަޖަ ދެވޭނެ ޙަދީޘެއް ކަމަށް ބުނާ ބުނުމެވެ. ދެން އަލްބާނީ ވިދާޅުވީ މި ޙަދީޘް ޙަސަން އޭ ބުނަން ޖެހޭ، ހަރުދަނާ ދެ ގޮތެއް އެބަ އޮތް ކަމަށެވެ.

ކުރާ ގޮތް :

މި ނަމާދު ކުރާ ގޮތާ، އެހެން ނަމާދު ކުރާ ގޮތުގެ ޙަރަކާތާ ވަކި ތަފާތެއް ނޯވެއެވެ. މި ނަމާދުގައި ކުރާނީ 4 ރަކްޢަތެވެ. ކޮންމެ ރަކްޢަތެއްގައި ވެސް، ސޫރަތުލް ފާތިޙާ ކިޔާފައި ކޮންމެވެސް ސޫރަތެއް ނުވަތަ އާޔަތްތަކެއް ކިޔާނީއެވެ.

ސޫރަތް ނުވަތަ އެ ކިޔަވާ މިންވަރެއް ޤިޔާމުގައި ހުރެ ކިޔަވާ ނިމުނީމާ سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ   މިހެން 15 ފަހަރު ކިޔާނީއެވެ. ދެން ރުކޫޢުގައިވެސް ހަމަ މިފަދައިން 10 ފަހަރު ކިޔާނީއެވެ. ދެން ރުކޫޢުން ތެދުވެ އިޢްތިދާލަށް ހުންނަ އިރުވެސް 10 ފަހަރެވެ. ދެން ސަޖިދައިގައި 10 ފަހަރު، ދެ ސަޖިދަ ދެމެދު 10 ފަހަރު ، ދެ ވަނަ ސަޖިދައިގައި 10 ފަހަރު، ސަޖިދައިން ތެދުވެ 10 ފަހަރު އެވެ. މާނައަކީ ކޮންމެ ރަކްޢަތެއްގައި 75 ތަސްބީޙައެވެ. ވީމާ ހަތަރު ރަކްޢަތުގައި ވާނީ ޖުމްލަ 300 ތަސްބީޙައެވެ. ބޭނުން ނަމަ ދެ ރަކްޢަތުން ދެ ރަކްޢަތުން ނުވަތަ، އެއްފަހަރާ ހަތުރު ރަކްޢަތްވެސް ކުރެވިދާނެއެވެ.

ކުޅަދާނަ ނަމަ މި ނަމާދު ކޮންމެ ދުވަހަކުވެސް ކުރެވިދާނެއެވެ. ނޫން ނަމަ ކޮންމެ ހުކުރު ދުވަހަކުއެވެ. އެ ވަރުވެސް ނުވާ ނަމަ ކޮންމެ މަހަކު އެއްފަހަރުއެވެ. ނޫން ނަމަ އަހަރަކު އެއްފަހަރެވެ. މިވަރުވެސް ނުވާނަމަ ޢުމުރުގައި އެއްފަހަރެވެ. އޭރުން ވެސް ރަސޫލާ އަންގަވާފައިވާ އެންގެވުން ތަންފީޒު ކުރެވުނީއެވެ.

ފަހުގެ ބައެއް ޢިލްމުވެރިންގެ ބަސްފުޅު :

ޝައިޚް ސަލްމާން އަލްޢޫދާ، ބިން ޢުޘައިމީން، ބިން ބާޒް ވިދާޅުވެފައި ވަނީ، މި ނަމާދަކީ ކުރަން ޖެހޭ އަދި ކުރަން ވާ އެއްޗެއް ކަމަށް، ސާބިތުވެފައި ވާ ނަމާދެއް ނޫން ކަމަށެވެ.

ޝައިޚް އަލްބާނީ، ޝައިޚް ޢަޠިއްޔާ ޞަޤްރު، ޝައިޚް ފައިޞަލް އަލްމައުލަވީ ވިދާޅުވެފައި ވަނީ، މި ނަމާދަކީ ސާބިތު ވެފައިވާ އެއްޗެއް ކަމަށެވެ. ކުރީގެ ބައެއް ޢިލްމުވެރިންގެ ރައުޔު މަތީގައި ވާނެއެވެ.

މިއީ ބިދުޢައެއް ނޫން :

އަޒްހަރުގެ މަޖްމަޢުލް ބުހޫޘުލް އިސްލާމީ ގެ ފަތުވާ ކޮމިޓީގެ ކުރީގެ ރައީސް، ޝައިޚް ޢަޠިއްޔާ ޞަޤްރު ވިދާޅުވެފައި ވަނީ ތަސްބީޙަ ނަމާދަކީ، ޢިލްމުވެރިން ޚިލާފުވެފައިވާ މައްސަލައަކަށް ވާހިނދު، މި ކަން ކުރަން ޖެހޭ ކަމަށް ދެކޭ މީހުންނާ ދިމާލަށް އަނެއް މީހުން ބިދުޢައެކޭ ބުނެގެން ނުވާނެ ކަމަށެވެ. ސަބަބަކީ، މި ނަމާދާއި ބެހޭ ގޮތުން އައިސްފައިވާ ޙަދީޘަކީ އިތުބާރު ހިފެވޭ ދަރަޖައިގެ ޙަދީޘެއް ކަމަށް އެތަކެއް ބޮޑެތި ޙަދީޘް ޢިލްމުވެރިންނާއި ފިޤުހުވެރިން ވިދާޅުވެފައި ވާތީއެވެ. ވީމާ މި ބޭފުޅުންގެ ބަސް ނަގާ މިހަކަށް، ނަމާދު ކުރާ އިރު މާތް ﷲ އާއި ބޮޑަށް ކުއްތަން ވުމުގެ ގޮތުން، ތަސްބީޙަ ކިޔައި ޙަމްދު ކޮށް، ތަކްބީރު ކިޔައި ތަހުލީލު ކީދާނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.