ހޯމަ20180910

އާކުރެވުނީ: 08:43:52

ތަޝައްހުދުގެ މާނަ އަދި ސުވާލެއް

thashahhudތަޝައްހުދު (އައްތަޙިއްޔާތު) ގެ ޢިބާރާތް ރަސޫލާ އެތައް ގޮތަކަށް ވިދާޅުވެފައި ވެއެވެ. އެހެންވެ އެތައް ޢިބާރާތެއް ރިވާ ކުރެވިފައި ވެއެވެ. ވީމާ އެކަކު ކިޔާ ގޮތާއި އަނެކަކު ކިޔާ ގޮތް އެއް ގޮތް ނުވުމުން ޙައިރާން ވާކަށް ނުޖެހެއެވެ. މި ލިއުމުގައިވާ ތަޝައްހުދަކީ ފަހަރެއްގައި ގިނަބަޔަކު ކިޔާ ޢިބާރާތަކަށް ނުވެ ވެސް ހިގައި ދާނެއެވެ. ޢާއްމުކޮށް ގިނަ މީހުން ކިޔައިއުޅޭ އައްތަޙިއްޔާތަކީ ވެސް އިމާމް މުސްލިމް ރިވާ ކުރެއްވި ހަމަ، ޞައްޙަ ޙަދީޘެއްގައިވާ އެއްޗެކެވެ.

މި ލިއުމުގައި އަދި، އަލްބާނީގެ ފޮތުގައި ގެންނަވާފައިވާ އައްތަޙިއްޔާތަކީ، ހުރިހާ ޢިލްމުވެރިންވެސް ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ ޞައްޙަ އެއްޗެވެ. މިއީ އިބްނު މަސްޢޫދު ރިވާ ކުރައްވައިގެން، ޞަޙީޙް ބުޚާރީ އަދި މުސްލިމް ގައި އައިސްފައިވާ ތަޝައްހުދު އެކެވެ. ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބޮޑަށް ރަނގަޅީ، އެކިފަހަރު އެކިގޮތަށް (ސާބިތުވެފައިވާ ޞައްޙަ ގޮތްތަކާ އެއްގޮތަށް) ތަޝައްހުދު ކިއުމެވެ. އޭރުން ރަސޫލާ ޞަޙާބީންނަށް އުނގަންނަވައި ދެއްވޮ ހުރިހާ ގޮތެއްވެސް، ގެނެވުނީއެވެ. އަދި މުޅި ޢުމުރުގައި އެކައްޗެއް އަބަދު ކިއުމުގެ ސަބަބުން، ބައެއްފަހަރު މާ އަވަސް އަރުވާލައިގެން ކިޔޭކިއުން ވެސް، ހުއްޓިދާނެއެވެ. އަދި އެކިފަހަރު އެކި ޢިބާރާތުން ދުޢާ ކުރުމުގެ މޮޅުކަން ވެސް ޙާޞިލު ވާނެއެވެ.

ތަޝައްހުދު، ޢާއްމުކޮށް ކިޔާގޮތަށް ނަމަ ''އައްތަޙިއްޔާތު'' ގައި ހިމެނޭ ކޮންމެ ލަފްޒަކީވެސް، އެއާމެދު ޢިލްމުވެރިން އެތަށް ގޮތަކަށް ވާހަކަ ދައްކަވައި، ޚިޔާލު ފާޅު ކުރައްވާފައިވާ ލަފްޒެކެވެ. ވީމާ އެ ހުރިހާ މާނަ، އެއް މާނައެއްގެ ގޮތުގައި ގެނައުމަކީ ވާނެ ކަމެއް ނޫނެވެ. '' ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަމާދު ކުރެވި ގޮތުގެ ޚުލާޞާ '' މި ފޮތުގައި އައްތަޙިއްޔާތުގެ ޖުމްލަ މާނަ ލިޔެވިފައި ވާނެއެވެ. މި ތާގައި މި ލިޔެލަނީ އެއަށް ވުރެ ތަންކޮޅެއް ތަފްޞީލުކޮށެވެ.

ތަޝައްހުދު ގެ މާނަ ލިޔެވިފައިވާ ލިއުންތައް ބަލައި ހޯދި ހޯދުމުން ފެނުނު އެންމެ ރަނގަޅު އަދި ވިސްނައިގަންނަން އެންމެ ފަސޭހަ މާނަ ތިރީގައި މިވަނީއެވެ.

މި ޖުމްލަ މާނަ ނިމުމަށް ފަހު އޭގެ ތިރީގައި ލަފްޒުތަކުގެ ވަކިވަކި މާނަ ލިޔެފައި ވާނެއެވެ. އެ ތާނގައި އެވަނީ ޞަޙީޙް ބުޚާރީގެ ޝަރަޙަ ކަމުގައިވާ ފަތުޙުލް ބާރީގައި އިބްނު ހަޖަރު ލިއުއްވާފައިވާ މާނައިގެ މައްޗަށް އިޢްތިމާދުވެ ލިޔެފައިވާ މާނައެވެ. ސާދާ ގޮތަކަށް މާނަ ދެނެގަންނަން ބޭނުން މީހަކަށް، ޖުމްލަ މާނައިން ފުދޭނެއެވެ.

މާނަ: ''މަތިވެރިކަމާއި ޘަނާގެ ހުރިހާ ބަހެއް ޙައްޤުވަނީ ހަމައެކަނި ﷲ އަށެވެ. އަދި ނަމާދާއި އެހެނިހެން އަޅުކަންތައްވެސް މެއެވެ. އަދި އެންމެ ހެޔޮ ބަސްތަކާއި ޢަމަލުތަކާއި ސިފަތައް ވެސް މެއެވެ. ސަލާމާއި ރައްކާތެރިކަން ނަބިއްޔާގެ މައްޗަށް ލައްވާފާދޭވެ! އަދި ﷲ ގެ ރަޙްމަތާއި ބަރަކާތް ވެސް މެއެވެ. ސަލާމާއި ރައްކާތެރިކަން އަހަރެމެންގެ މައްޗަށް ލައްވާފާނދޭވެ! އަދި ﷲ ގެ ހުރިހާ ޞާލިޙް އަޅުތަކުންގެ މައްޗަށް ވެސް މެއެވެ. ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށް، މިއަޅާ ހެކިވަމެވެ. އަދި މުޙައްމަދުގެފާނަކީ އެކަލާނގެ އަޅާ ކަމާއި އަދި ރަސޫލާ ކަމަށް، މި އަޅާ ހެކިވަމެވެ."

ލަފްޒީ މާނަ

އައްތަޙިއްޔާތު ލިﷲ:

އައްތަޙިއްޔާތު އަކީ ތަޙިއްޔާގެ ގިނަ ގޮތެވެ. މާނައަކީ ސަލާމެވެ. އަދި ދެމިހުރުންކަމަށްވެސް ބުނެވުނެވެ. މުލްކު ކަމަށްވެސް ބުނެވުނެވެ. ނަމަވެސް އެ ޢިބާރާތް ބުނުމުން ދޭހަކޮށް ދޭ މާނައަކީ، މަތިވެރިކަމާއި ސަލާމާއި ޘަނާގެ ހުރިހާ ބަހެއް ޙައްޤުވަނީ ހަމައެކަނި ﷲ އަށް ކަމަށެވެ.

އައްޞަލަވާތު:

ޞަލަވާތަކީ ޞަލާތު ގެ ގިނަ ގޮތެވެ. ލަފްޒީ މާނައަކީ ދުޢާއެވެ. އަދި ނަމާދެވެ. މިތާނގައި މީގެ މާނައަކީ ފަސް ނަމާދުކަމަށްވެސް ބުނެވުނެވެ. އަދި ޝަރީޢަތުގައި ކަނޑައެޅިފައިވާ ހުރިހާ ފަރުޟު ނަމާދަކާއި ސުންނަތް ނަމާދު ކަމަށްވެސް ބުނެވުނެވެ. އަދި އެއީ ހުރިހާ އަޅުކަންތަކެއް ކަމަށްވެސް ބުނެވުނެވެ. އަދި އެއީ ދުޢާ ކަމަށްވެސް ބުނެވުނެވެ. ރަޙްމަތް ކަމަށްވެސް ބުނެވުނެވެ. އައްތަޙިއްޔާތު އަކީ، ބަހުގެ އަޅުކަން ކަމަށާއި، ޞަލަވާތަކީ ޢަމަލުން ކުރެވޭ އަޅުކަން ކަމަށާއި، ޠައްޔިބާތަކީ ޞަދަޤާތް ކަމަށްވެސް ބުނެވުނެވެ.

އައްތަޙިއްޔާތުގައި ފުރަތަމަ އެ އޮންނަ ތިން ލަފްޒު އެއީ ﷲ އަށް ނިސްބަތް ކުރެވޭ ތިން ސިފަ ކަމެވެ. ވީމާ އައްޞަލަވާތުގެ މާނައަކީ އަހަރެމެން ކުރާ ހުރިހާ ނަމާދަކާއި ޢަމަލުންނާއި ހިތުން ކުރާ އަޅުކަންތައް އެއީ ހަމަ އެކަނި ﷲ އަށް ކުރެވޭ އެއްޗެއް ކަމެވެ.

އައްޠައްޔިބާތު:

މާނައަކީ ރަނގަޅު ހުރިހާ ހެޔޮ ބަސްތަކެވެ. މުރާދަކީ ރަނގަޅު ހުރިހާ ހެޔޮ ބަސްތަކާއި ޘަނާ ޙައްޤު ވަނީ ހަމައެކަނި ﷲ އަށެވެ. ޠައްޔިބާތު އަކީ ﷲ ހަނދުމަ ކުރުން ކަމަށްވެސް ބުނެވުނެވެ. އަދި އެއީ ދުޢާ އާއި ޘަނާ ފަދަ ރަނގަޅު ބަސްތައް ކަމަށްވެސް ބުނެވުނެވެ.

އައްސަލާމް ޢަލައް ނަބިއްޔި:

މާނައަކީ، ސަލާމާއި ރައްކާތެރިކަން ނަބިއްޔާގެ މައްޗަށް ލައްވާފާދޭވެ! އަދި އެއީ، ﷲގެ އިސްމުފުޅެއް ކަމުގައިވާ ''އައްސަލާމް'' ގެ ބަރަކާތް ރަސޫލާއަށް ދެއްވުން އެދުން ކަމަށްވެސް ބުނެވުނެވެ.

ރަޙްމަތުﷲ:

މާނައަކީ، ﷲ ގެ ރަޙްމަތް

ބަރަކާތުހޫ:

މާނައަކީ، މާތް ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާ ބަރަކާތް

އައްސަލާމް ޢަލައިނާ:

މިއީ ކީރިތި ރަސޫލާ އަށް ހެޔޮ ދުޢާ ކުރުމަށްފަހު އަމިއްލަ ނަފްސުގެ މައްޗަށްވެސް، ސަލާމާއި ރައްކާތެރިކަން ލެއްވުން އެދި ކުރާ ދުޢާއެކެވެ. މި ޖުމްލައިން ޢިލްމުވެރިން ނަންގަވާ ޙުކުމެއްވެސް އޮވެއެވެ. އެއީ ހެޔޮ ދުޢާއެއް ކުރަންޏާ ފުރަތަމަ އަމިއްލަ ނަފްސަށް އެ ދުޢާ ކުރުމެވެ. ދެން އެހެން މީހުންނަށެވެ. މިތާނގައި ޞާލިޙް އަޅުތަކުންނަށް ކުރެވޭ ދުޢާ އައިސްފައި ވަނީ، ފަހުންނެވެ. އެހެން ނަމަވެސް ކީރިތި ރަސޫލާއަށް، އަމިއްލަ ނަފްސަށް ވުރެވެސް ކުރިން ހެޔޮ ދުޢާ ކުރުން އެއީ އިސްތިސްނާ ހާލަތެކެވެ. އެއީ އަމިއްލަ ނަފްސަށް ވުރެވެސް ބޮޑަށް ލޯބިވާން ޖެހޭ ފަރާތަކީ ރަސޫލާ ކަމުގައި ވާތީއެވެ.

ޢިބާދުއްﷲ އައްޞާލިޙީނަ:

މީގެ މާނައަކީ، މީހުންގެ ޙައްޤުތަކާއި، އަޅުތަކުންގެ ޙައްޤުތައް އަދާކޮށްގެން ތިބޭ ޞާލިޙް އަޅުތަކުންނެވެ. ވީމާ ނަމާދު ކުރާ ކޮންމެ މުސްލިމަކު ކުރާ މި ހެޔޮ ދުޢާގެ ޘަވާބު، ޞާލިޙް ކޮންމެ މުސްލިމަކަށް ލިބޭނެއެވެ. އެގޮތުން ތިރްމިޛީ ވިދާޅުވެފައި ވެއެވެ. '' ޚަލްޤުތަކުން ކުރާ މިސަލާމުގެ މިންވަރެއް ލިބިގަންނަން ބޭނުންނަމަ، ޞާލިޙް އަޅަކު ކަމުގައި ވާށެވެ. ''

އަޝްހަދު އަން ލާ އިލާހަ އިލައްﷲ:

ޝަހާދަތުގެ ފުރަތަމަ ކަލިމަ. މާނައަކީ، ﷲ ފިޔަވާ އަޅުކަން ކުރެވޭ އެހެން އެއްވެސް އިލާހެއް ނުވާ ކަމަށް މި އަޅާ ހެކިވަމެވެ.

އަޝްހަދު އަންނަ މުޙައްމަދަން ޢަބްދުހޫ ވަރަސޫލުހޫ:

ޝަހާދަތުގެ ދެވަނަ ކަލިމަ. މާނައަކީ، މުޙައްމަދުގެ ފާނަކީ -ޢަލައިހިއްޞަލާތު ވައްސަލާމް- ﷲ ގެ އަޅެއް ކަމާއި އަދި ފޮނުއްވި ރަސޫލެއް ކަމަށް މި އަޅާ ހެކިވަމެވެ.

ކިޔާނީ ''ޢަލައިކަ'' ތަ؟ ނޫނީ ''ޢަލައްނަބިއްޔި'' ތަ ؟

އައްތަޙިއްޔާތި ކިޔާ އިރު ''އައްސަލާމް ޢަލައިކަ އައްޔުހައް ނަބިއްޔު'' އޭ ކިޔެއެވެ. މިތާނގައި ''ޢަލައިކަ'' މި ބަހުގެ މާނައަކީ ''އޭ ނަބިއްޔާއެވެ. ކަލޭގެފާނު މައްޗަށް ސަލާމް ހުއްޓެވެ.'' މިހެންނެވެ. މީހެއްގެ ހިތަށް އަރާފާނެ، އަދި ބައެއް މީހުން ކުރާ ސުވާލަކީ މިހާރު ރަސޫލާ ސުވަރުގެވަޑައިގެންފައި ވަނިކޮށް، އަހަރެމެން ކުރިމަތީގައި ހުންނަ މީހަކަށް މުޚާޠަބް ކުރާ ގޮތަށް، ރަސޫލާއާ މުޚާޠަބު ކުރެވެނީ ކިހިނެއްހެއްޔެވެ؟

ރަސޫލާގެ ޙަޔާތްޕުޅުގައި ޞަޙާބީ ބޭކަލުން، އައްތަޙިއްޔާތު ވިދާޅުވީ މަތީގައިވާ ގޮތަށެވެ. ނަމަވެސް ރަސޫލާ ސުވަރުގެ ވަޑައިގަތިމާ، އިބްނު މަސްޢޫދު ''އައްސަލާމް ޢަލައިކަ '' މި ޖުމްލަ ''އައްސަލާމް ޢަލައް ނަބިއްޔި'' އަށް ބަދަލު ކުރެއްވިއެވެ. ފަހުން ބުނެވިފައިވާ ގޮތަށް ބުނުމުން މާނައަކީ ''ނަބިއްޔާއަށް ސަލާމް ލައްވާފާނދޭވެ! '' މިހެންނެވެ. އެހެން ގޮތަކަށް ބުނާނަމަ، މުޚާޠަބް ކުރުމުގެ ޢިބާރާތް، ޣައިބުގެ ޢިބާރާތަކަށް ބަދަލުވީއެވެ.

ޝައިޚް އަލްބާނީ ވަނީ، އިބްނު މަސްޢޫދު ފަހުން ވިދާޅުވި ގޮތް އިޚްތިޔާރު އިޚްތިޔާރު ކުރައްވާފައެވެ. އަދި ބޮޑަށް ރަނގަޅީވެސް ''އައްސަލާމް ޢަލައް ނަބިއްޔި'' އޭ ބުނުން ކަމަށް ވިދާޅުވަފައި ވެއެވެ. އެހެންވެ، ރަސޫލާ ނަމާދު ކުރެއްވި ގޮތް ސިފަ ކުރައްވާ ލިއުއްވި ފޮތުގައިވެސް، އަލްބާނީ ގެންނަވާފައިވަނީ އިބްނު މަސްޢޫދުގެ ރައުޔެވެ.

ނަމަވެސް ޢުމަރުގެފާނު، ރަސޫލާ ސުވަރުގެ ވަޑައިގަތް ފަހުން މިންބަރަށް އަރާ ވަޑައިގެން މީހުންނަށް އައްތަޙިއްޔާތު އުނގަންނަވައި ދެއްވި އިރުވެސް، ދަސް ކޮށްދެއްވީ ހަމަ ޙަދީޘްގައި ވާ ''އައްސަލާމް ޢަލައިކަ'' މި ޢިބާރާތުންނެވެ.

މިއަދާ ޖެހެންދެންވެސް ޖުމްހޫރު ޢިލްމުވެރިން، އިޚްތިޔާރު ކުރައްވާ ޢިބާރާތަކީ ''އައްސަލާމް ޢަލައިކަ އައްޔުހައް ނަބިއްޔު'' މިހެންނެވެ.  ''އައްސަލާމް ޢަލައް ނަބިއްޔި'' އެއް ނޫނެވެ.

ދެ ގޮތަކީވެސް ޞަހާބީންގެ ފަރާތްޕުޅުން އަހަރެމެންނާއި ހަމައަށް ޞައްޙަ ގޮތުގައި އައިސްފައިވާ ދެ ގޮތްކަމުން، ދެ ގޮތްވެސް ރަނގަޅު ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

ދެން އަހަރެމެން ނަމާދުގައި މުޚާޠަބް ކުރުމުގެ ޢިބާރާތުން އައްތަޙިއްޔާތު ކިޔަސް، މި ކުރާ ދުޢާ ސީދާ ކީރިތި ރަސޫލާއަށް އަޑު އިވިވަޑައިގަންނަވާނެ ކަމަކަށް ނުބަލަމެވެ. ވީމާ އޭގައި މައްސަލައެއް ނެތެވެ. އަހަރެމެން ޤަބޫލު ކުރަނީ، ރަސޫލާއަށް ޞަލާވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރުމުން، މަލާއިކަތް ބޭކަލުން އެކަން، ރަސޫލާއަށް އަންގަވާ ކަމެވެ. ނަމާދުގައި ކިޔޭ އެހެން ދުޢާތަކުގައިވެސް އަހަރެމެން ކިޔަނީ، ރަސޫލާގެ ޞައްޙަ ހަދީޘްތަކުގައި އައިސްފައިވާ ދުޢާތަކަށް އެއްވެސް ބަދަލެއް ނުގެނެސް، އައިސްފައިވާ ޢިބާރާތުންނެވެ.

ވީމާ އައްތަޙިއްޔާތުގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ''އައްސަލާމު ޢަލައިކަ އައްޔުހައް ނަބިއްޔު '' އެވެ. ނަމެވެސް އަނެއް ގޮތަށް ކިއުމަކީވެސް ޢިލްމުވެރިން ހުއްދަ ކުރައްވާ ގޮތެކެވެ.

އިނގިލި ހަރަކާތް ކުރުން:

އައްތަޙިއްޔާތަށް އިންނަ އިރު، އިނގިލި ހަރަކާތް ކުރުވުމުގެ މައްސަލައަކީ ބައެއް މީހުން ކައިރީ، ވަރަށް ބޮޑު މައްސަލައެކެވެ. އައްތަޙިއްޔާތުގައި ކިޔާ އެއްޗެއް އެނގުން، ނުވަތަ ނަމާދުގެ ޚުޝޫޢަތްތެރި ކަމަށް ވުރެވެސް ބޮޑަށް، މި މައްސަލައަށް ސަމާލުކަން ދެވުމަކީ، ހިތާމަ ހުރި ކަމެކެވެ. ކޮންމެ އަކަސް މި މައްސަލައާ ބެހޭ ގޮތުންވެސް ފަހުގެ ވަގުތެއްގައި މިތާގައި ލިއުމެއް ޖެހޭތޯ ބަލާނަމެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.