ބުރާސްފަތި20180920

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު ބޭންކު ފައިދާ ... އިޖްމާޢްވެފައި ވާ ޙަރާމް ކަމަކުން ޙަލާލް ކަމަކަށް!

ބޭންކު ފައިދާ ... އިޖްމާޢްވެފައި ވާ ޙަރާމް ކަމަކުން ޙަލާލް ކަމަކަށް!

bank-faidha-haraam-kamakun-halaal-kamakaލިޔުއްވީ: ޑޮކްޓަރ އައްޝައިޚް ޢަލީ މުޙްޔިއްދީން އަލްޤުއްރާ ދާޣީ (ޤަޠަރު ޔުނިވާސިޓީ ގެ ކުއްލިޔަތުއް ޝަރީޢާ، ފިޤުހު ބައިގެ ރައީސް)

އަޒްހަރު ގެ މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ އިން ނެރުނު އާ ޤަރާރަށް ދެވެން އޮތް އެންމެ އެކަށީގެންވާ ރައްދެއް ކަމަށް އަޅުގަނޑު ދެކެނީ، އިސްލާމީ 35 ޤައުމެއްގެ ވަފްދުގެ ޙާޟިރުގައި، ހަމަ އެ މަޖްމަޢުން 1965 ވަނަ އަހަރު ބޭއްވި ބައްދަލުވުމެވެ. އަދި އެތަކެއް ޢިލްމުވެރިން ހިމެނިވަޑައިގަންނަވާ ޖަބްހަތު ޢުލަމާއުލް އަޒްހަރުއްޝަރީފް އިން ނެރުއްވި ފަތުވާއެވެ. އަދި މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީ(އޯ.އައި.ސީ) އިން އުފެދިފައިވާ، މަޖްމަޢުލް ފިޤްހުލް އިސްލާމީ އިން ނެރެފައިވާ ޤަރާރެވެ. 1985 ވަނަ އަހަރު ޑިސެމްބަރ ގައި ނެރުނު މި ޤަރާރަކީ ހުރިހާ އިސްލާމީ ޤައުމުތަކެއްގެ ވަފްދުތަކާއި، ފިޤުހާއި އިޤްތިޞާދުގެ ތަޖުރިބާ ކާރުން ޙާޟިރު ވެ ނެރުނު ޤަރާރެކެވެ.

އަދި އައްޝައިޚް އިބްނު ބާޒް(ރަޙިމަހުއްﷲ) ރިއާސަތުގައި ހުންނަވައިގެން ރާބިޠަތުލް ޢާލަމުލް އިސްލާމީ ގެ މަޖްމަޢުލް ފިޤްހީ އިން ނެރުނު ޤަރާރެވެ. އަދި މީގެ އިތުރަށް، ސުޢޫދިއްޔާގެ ހައިއަތު ކިބާރުލް ޢުލަމާއު (އެންމެ ބޮޑެތި ޢިލްމުވެރިންގެ މަޖްލިސް) އިން ނެރެފައިވާ ފަތުވާއެވެ. އަދި ސޫދާނާއި އިންޑިއާގެ ފިޤުހު މަޖްމަޢުން ނެރެފައިވާ ޤަރާރެވެ. އަދި ޔޫރަޕް ގެ ފަތުވާއާއި ބަޙުޘާއި ބެހޭ މަޖްލިސް (މަޖްލިސުލް އޫރުއްބީ ލިލްއިފްތާއި ވަލްބުޙޫޘި) އިން ނެރެފައިވާ ޤަރާރެވެ. އަދި މި ނޫނަސް، އިސްލާމީ ދުނިޔޭގެ ޢިލްމުވެރިންނާ އިޤްތިޞާދީ ތަޖުރިބާކާރުން ބާއްވާފައިވާ އިސްލާމީ އިޤްތިޞާދާ ބެހޭ އެތަކެއް ބައްދަލުވުންތަކުން ނެރެފައިވާ ޤަރާރުތަކެވެ.

ޤަޠަރު އިސްލާމީ ބޭންކު ގެ ޝަރްޢީ ކޮމިޓީ ގެ މެމްބަރު ކަން، އަޅުގަނޑު ވަނީ މީގެ ދެ އަހަރު ކުރިން ދޫކޮށްފައެވެ. ވީމާ ޤަޠަރުގެ އެއްވެސް އިސްލާމީ ބޭންކެއް ބެލުމުގެ ޒިންމާ އަޅުގަނޑު މިހާރު ނު އުފުލަމެވެ. ނަމެވެސް، އަޅުގަނޑު މި ލިޔުން ލިޔަނީ، ޙައްޤު ބަޔާން ކުރުމަކީ ވާޖިބު ކަމެއް ކަމަށް އަޅުގަނޑު ދެކޭތީއެވެ. އަދި ޙައްޤު ނު ފޮރުވަން ވެގެންނެވެ.

ފަޟީލަތުއް ޝައިޚް މުޙައްމަދު ސައްޔިދު ޠަންޠާވީ ރިއާސަތުގައި ހުންނަވައިގެން، އަޒްހަރުއް ޝަރީފް ގެ މަޖްމަޢްލު ބުޙޫޘު އިން ނެރުނު ފަތުވާއަށް ރައްދު ދިނުމަށްޓަކައި، އަޅުގަނޑުގެ އަމިއްލަ ވާހަކައެއް ނުވަތަ އަމިއްލަ ފަތުވާއެއް ދޭކަށް، އަޅުގަނޑު ބޭނުމެއް ނޫނެވެ. ކިއެއްތަ، އެ ފަތުވާއަށް ރައްދު ދޭން އަޅުގަނޑު ބޭނުންވަނީ، ދުނިޔޭގެ އިތުބާރު ހުރި ފިޤުހު މަޖްމަޢްތަކުން، ބޭންކު ފައިދާ އަކީ ޙަރާމް އެއްޗެއް ކަމަށް ފަތުވާ ދީ، ނެރެފައިފާ ޤަރާރުތަކުންނެވެ. މި ދެންނެވި ޖަމާޢީ ފަތުވާތަކާއި ޤަރާރުތަކަކީ، އަޅުގަނޑު ދެކޭ ގޮތުގައި، މިނިވަން ޖައްވެއްގައި ނެރެވިފައިވާ ފަތުވާތަކެކެވެ. އަދި އެ ފަތުވާ ނެރުމަށް، އަމިއްލަ މަސްލަހަތެއް އޮތް އެއްވެސް ފަރާތެއްގެ ބާރާއި ނުފޫޒު ފޯރުވާފައި ނުވެއެވެ.

އަޒްހަރު ގެ މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ އިން ނެރުނު އާ ޤަރާރު :

އިސްތިޢްމާރީ ބާރުތަކުން، އިސްލާމީ ޤައުމުތައް ހިފުމަށް ފަހު ފުއްދާލީކީ ނޫނެވެ. މީގެ އިތުރުން މުސްތަޝްރިޤުންނާއި، ނަޞާރާދީން ފަތުރާ މީހުންނާއި، ހުޅަނގުވެފައި ތިބޭ މީހުގެ ޒަރީޢާއިން، އިސްލާމީ ޤައުމުތައް ޘަޤާފީ، ފިކުރީ، އިޤްތިޞާދީ، އަދި ޤާނޫނާއި ތަޝްރީޢީ ގޮތުން ވެސް، ވަނީ އިސްތިޢްމާރު ކޮށްފައެވެ. އިސްލާމީ ޝަރީޢަތް ހުޅަނގުގެ ޤާނޫނުތަކަކަށް ބަދަލު ކުރަން މަސައްކުރިއެވެ. އިސްތިޢްމާރީ ބާރުތަކުން، އިސްލާމީ ދުނިޔޭގައި ޔަހޫދީ ރައުސްމާލީ ނިޒާމަށް ހިނގާ ބޭންކުތައް އުފައްދަން ކުރެވެން އޮތް އެއްވެސް ކަމެއް ނުކޮށް ދޫކޮށް ނުލައެވެ. އަދި މި ދެންނެވި ފަދަ ބޭންކުތައް އުފެއްދުމަށް ފަހު، ''ބޭންކާއި ނުލާ އިޤްތިޞާދެއް ނޯންނާނެ. ރިބާ ފައިދާ އާ ނުލާ ބޭންކެއް ނުހުންނާނެ'' ފަދަ ޝިޢާރުތައް ފެތުރިއެވެ.

ނަތީޖާއަކަށް ވީ، ބޭންކު ފައިދާ އާއި ބެހޭ ގޮތުން ޢިލްމުވެރިން ނެރުއްވި ފަރުދީ ފަތުވާތަކެއް ފާޅުވުމެވެ. އަދި މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ގެ ދެވަނަ ބައްދަލުވުން، މުޙައްރަމް 1385ހ – މޭ1965މ ގައި ޤާހިރާގައި ބޭއްވުމަށް ފަހު، ބޭންކު ފައިދާ އަކީ ޙަރާމް ރިބާ ކަމުގައި ބުނެ، ކަނޑައެޅިގެންވާ ސީދާ ފަތުވާއެއް ނެރުނެވެ. ބައްދަލު ވުމަށް، 35 ޤައުމެއްގެ ވަފްދު ހާޒިރުވިއެވެ. މި ބައްދަލު ވުމަކީ، މަރްހަލާއެއް ނިމި އާ މަރްހަލާއެއްގެ ފެށުމަކަށް ވިއެވެ. އިސްލާމީ ޘަޤާފަތް ފަތުރާ، އިސްލާމީ އުޞޫލުތައް ހުރިހާ މުޖްމަތަމަޢްތަކާއި ވެށިތަކެއްގައި ވެސް ތަޢާރަފް ކޮށް، މަޖްމަޢް އުފެއްދުނު މަޤްޞަދު ޙާޞިލް ކުރާނެ އާ މަރްޙަލާއެއް އެ ހިސާބުން ފެށުނެވެ. އަދި މުސްލިމުންގެ ޙަޔާތުގައި ކުރިމަތި ވާ އާ މައްސަލަތަކަށް، ޤުރުއާނާއި ސުންނަތުގެ އަލީގައި، އިސްލާމީ ބިންގަލެއްގެ މަތީގައި ބިނާ ކުރެވޭ ހައްލުތަކެއް ހޯދަން، މަސައްކަތް ކުރަން ފެއްޓުނެވެ.

އިސްލާމީ ދުނިޔޭގެ ތަފާތު ޤައުމުތަކުން ހާޒިރުވި ޢިލްމުވެރިންނާއި، މަޖްމަޢްގެ މެންބަރުން ބައްދަލުވީ، މި ފަދަ މަތިވެރި ރޫޙެއްގެއެވެ. އަދި ހޯދިފައިވާ ހޯދުންތައް ބައްދަލު ވުމަށް ހުށައެޅި، މަޝްވަރާތައް ކުރުވުނެވެ. ތަފާތު މުސްލިމް ޤައުމުތަކުގައި މުސްލިމުންގެ ޙަޔާތާއި ގުޅުން ހުރި މައްސަލަތަކާ މެދު ވާހަކަ ދައްކައި ބަހުސް ކުރެވުނެވެ. އަދި ވަކިން ޚާއްޞަ ގޮތެއްގައި، ބޭންކު މުޢާމަލާތާއި ބެހޭ ގޮތުން، ޢިލްމުވެރިން ގެ އިޖްމާޢަކަށް ވާސިލު ވެވުނެވެ.

(އެ ޤަރާރާރު ވިދާޅު ވުމަށްޓަކާ މި ގުޅުމަށް ފިތާލައްވާށެވެ.)

ކަމުގެ ޙުކުމް ކަނޑައެޅިގެން އެނގޭ މި ޤަރާރަށް ފަހު، ބައެއް އިސްލާމީ ޤައުމުތަކާއި، ދީންވެރި ބައެއް އިންވެސްޓަރުން، ރިބާ ބޭންކު ގެ ބަދަލެއްގެ ގޮތުން، އިސްލާމީ މާލީ މުއައްސަސާތަކެއް އުފައްދަން ވިސްނިއެވެ. ޢަމަލީ ސިފައެއްގައި މިފަދަ މުއައްސަސާއެއް އެންމެ ފުރަތަމަ ފާޅުވީ، އަޒްހަރު ގެ ރަށް ކަމުގައި ވާ މިޞްރުގައެވެ. އާދެ، ''މީތު ޣަމްރު'' އޭ ކިޔޭ ރަށުގައި އުފެދުނު އިސްލާމީ ބޭންކެވެ. ދެން އެއަށް ފަހު 1975 ވަނަ އަހަރު ދުބާއީ ގައި، ދުބާއީ އިސްލާމީ ބޭންކު އުފެއްދުނެވެ. އަދި އިސްލާމިކް ޑިވެލޮޕްމެންޓު ބޭންކާއި، ބައިތުއް ތަމްވީލުލް ކުވައިތީ (ކުވައިތު ފައިނޭންސް ހައުސް) އާއި، ބޭންކު ފައިޞަލް އަލްއިސްލާމީ، ބަރަކާ، މަޞްރިފް ޤަޠަރު އަލްއިސްލާމީ، ބޭންކު ޤަޠަރު އައްދައުލީ އަލްއިސްލަމިއްޔާ، އަދި މި ނުންވެސް އެތަކެއް ބޭންކު އުފެދުނެވެ. އެގޮތުން އިސްލާމީ ބޭންކު ގެ ޢަދަދު މި އަދު ވަނީ ދުއިސައްތައަށް ވުރެ ގިނަ ވެފައެވެ. މީގެ އިތުރުން، އާދައިގެ ގިނަ ބޭންކުތަކަކުން ވެސް ވަނީ، އިސްލާމީ މުޢާމަލާތު ކުރާ ގޮފިތަކެއް ވަކިން ހުޅުވާފައެވެ. ކިއެއްތަ، ހުޅަނގުގެ ބޮޑު ބޭންކެއް ކަމުގައި ވާ ސިޓީ ބޭންކުން ވަނީ ''ސިޓީ އިސްލާމިކް އިންވެސްޓްމެންޓު ބޭންކު'' ގެ ނަމުގައި ވަކި ބޭންކެއް ހުޅުވާފައެވެ.

ހުރިހާ އިޝާރާތެއް ވެސް ދައްކަނީ، މި ފަދަ އިސްލާމީ ބޭންކުތަކުގެ ތަޖުރިބާ އަކީ ކާމިޔާބު ތަޖުރިބާއެއް ކަމަށެވެ. އަދި އިސްލާމީ ބޭންކު ނިޒާމަކީ، އިސްލާމީ އިޤްތިޞާދަކީ ކާމިޔާބު އެއްޗެއް ކަމުގެ ހެއްކެކެވެ. ނަމަވެސް ހިތާމައަކީ، ދުނިޔެއަށް ކުރިމަތި ވަމުން ދާ އިޤްތިޞާދީ މައްސަލަތަކުގެ ހައްލަކީ އިސްލާމީ އިޤްތިޞާދު ކަމަށް، އިންސާފަށް ލޯބި ކުރާ މީހުން ބުނަމުން ދިއުމާ އެކުވެސް، މި ނިޒާމު އިހުމާލު ކޮށްލެވިފައި ވާ ކަމެވެ.

ފަޟީލަތުއް ޝައިޚް ޑޮކްޓަރ ޠަންޠާވީ މިޞްރު ގެ ދާރުލް އިފްތާ އަށް ވަޑައިގަތުމުގެ ކުރިން، ބޭންކު ރިބާ ގެ މައުޟޫ އަލުން ނުހިލެއެވެ. އެ މައްސަލަ އަލުން ހިލުމުން، މުފްތީއަކަށް ހުންނަވާފައި، ބޭންކު ފައިދާ އަކީ ޙަރާމް އެއްޗެއް ކަމަށް ފަތުވާ ދެއްވާފައި، ފަތުވާއެއް ނެރުއްވިއެވެ.

ދެން މާގިނަ ދުވަސްތަކެއް ނުވެ، 8 އޮގަސްޓު 1989 ގައި ފަޟީލަތުލް މުފްތީ ބަޔާނެއް ނެރުއްވިއެވެ. އޭގައި ވިދާޅުވެފައި ވަނީ: ''މިޞްރު ގެ ދާރުލް އިފްތާ ދެކޭ ގޮތުގައި، ބޭންކާއި މާލީ މުއައްސަސާތަކާ ބެހޭ ގޮތުން ވާހަކަ ދައްކާ އިރު، ހުރިހާ ވާހަކައެއް ޖުމްލަ ކޮށް ނުބުނެވޭނެއެވެ. އެގޮތުން، ބޭންކުތަކުން ހިންގާ ހުރިހާ މުޢާމަލާތަކީ ޙަރާމް އެއްޗެކޭ ނުވަތަ ހުރިހާ މުޢާމަލާތަކީ ޙަލާލް އެއްޗެކޭ ނުބުނެވޭނެއެވެ. ކިއެއްތަ، މީގައި ބަލަން ޖެހޭނީ ކޮންމެ މައްސަލައެއް ވެސް ވަކި ވަކިންނެވެ. ނުވަތަ އެންމެ ކުޑަ މިނުން، އެއްގޮތްކަން ބޮޑު މައްސަލަތައް އެކު އެކީގައެވެ. ދެން މިއަށް ފަހު އެއާ އެކަށީގެންވާ ޝަރުޢީ ޙުކުމެއް ކަނޑައެޅިދާނެއެވެ. އެހެނީ، ބޭންކުތަކުން ވަރަށް ތަފާތު، އަދި ތަފާތު ބޭނުން ހިފެވޭ، ތަފާތު ވަސީލަތްތަކެއްގެ ބޭނުން ހިފޭ، ތަފާތު މަޤްޞަދުތަކެއްގެ، މުޢާމަލާތު ހިންގައެވެ. އެހެންވީމާ، ޖުމްލަ ގޮތެއްގައި ބޭންކު މުޢާމަލާތްތައް މި އަންނަނިވި ގޮތަށް ބެހިދާނެއެވެ:-

- އޭގެ ތެރޭގައި، އެ ހުއްދަ ކަމަށް އަދި އެއިން ލިބޭ އެއްޗަކީ ޙަލާލް އެއްޗެއް ކަމަށް، ޢިލްމުވެރިން އިޖްމާޢުވެވަޑައިގެންފައިވާ މުޢާމަލާތުތަކެއް ހިމެނެއެވެ.

- އަދި އޭގެ ތެރޭގައި، އެ ހުއްދަ ނޫން ކަމަށް އަދި އެއިން ލިބޭ އެއްޗަކީ ޙަރާމް އެއްޗެއް ކަމަށް، ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވާ މުޢާމަލާތުތަކެއް ހިމެނެއެވެ.

- އަދި އޭގެ ތެރޭގައި، އެއާ މެދު އަދި އެއިން ލިބޭ އެއްޗަކާ މެދު ޢިލްމުވެރިން ޚިލާފުވެވަޑައިގަންނަވާ މުޢާމަލާތުތަކެއް ހިމެނެއެވެ. ''

ދެން ވިދާޅުވެފައި ވަނީ ''ޞިނާޢީ ބޭންކު، ދަނޑުވެރިކަމުގެ ބޭންކު، ގޯތިގެދޮރު ބޭންކު، އަދި މި ނޫން ވެސް މިފަދަ ވަކި ޚާއްޞަ ކަންކަމަށް ހިންގޭ ބޭންކުތަކުން، ފައިދާ ހުރި ތަފާތު މަޝްރޫޢްތައް ހިންގަން ބޭނުން ވާ މީހުން ގެ މަޝްރޫޢްތަކަށް ބޭނުން ޖެހިފައިފާ ފައިސާ ފޯރުކޮށްދީފައި، ދިން ފައިސާ ގެ ބަދަލެއްގެ ގޮތުން، ތަޖުރިބާކާރުން ކަނޑައަޅާ ވަކި މިންވަރެއް ބޭންކުގެ އިދާރީ ޚަރަދާއި ފީއެއްގެ ގޮތުގައި ނެގުމާ ބެހޭ ގޮތުން، އަހަރެން މި ބުނަނީ ހަމަ، އިޖްތިމާޢީ ބޭންކާ ބެހޭ ގޮތުން އަހަރެން ބުނި ވާހަކައެވެ.

އަހަރެން ބުނަނީ : މި ދެންނެވި ގޮތަށް ބޭންކުން، ބޭންކާއި މުޢާމަލާތް ކުރާ މީހުން ގެ އަތުން ނަގާ އެއްޗެކީ، ޝަރުޢީ ގޮތުން ހުއްދަ އެއްޗެއް ކަމަށެވެ. އޭގައި މައްސަލައެއް ނެތެވެ. އެހެނީ، މިއީ ވެސް ބޭންކުން މީހުންނަށް ދޭ ވަކި ޚިދުމަތްތަކެއްގެ ބަދަލުގައި ނަގާ އެއްޗެކެވެ. '' އ. ހ

އަޅުގަނޑު ދެކޭ ގޮތުގައި ފަޟީލަތުލް މުފްތީ ހުއްދަ ކުރައްވާފައި އެ އޮތީ، ބޭންކު ގެ އިދާރީ ޚަރަދުތަކަށް ނަގާ އެއްޗެކެވެ. މިއީ ބަހުސް ކުރެވޭ ވާހަކައެއް ނޫނެވެ. ބަހުސް ކުރެވޭ ވާހަކައަކީ، ވަކިކަންކަމަށް ޚާއްޞަ ކުރެވިފައިވާ ބޭންކާ ގުޅުން ހުރި ދެ މައުޟޫ އެކެވެ. އެއީ:-

އެކެއް:

މި ބޭންކުތަކަކީ މަޝްރޫޢްތަކުގައި މުޝާރަކާ ނުވަތަ މުސާހަމާ ވާ ބައެއް ނޫނެވެ. ކިއެއްތެ، އެ މީހުން ކުރާ ކަމަކީ ވަކި ފައިދާ އެއް ލާފައި ދަރަނި ދިނުމެވެ. މަޝްރޫޢުން ފައިދާ ވިޔަސް ގެއްލުން ވިޔަސް، އެ މީހުން ދިން ފައިސާ އާއި އަދި އިތުރު ފައިދާއެއް އަތުލާނެއެވެ. ގެއްލުން ވުމާއި ފައިދާ ވުން އެއީ އެ މީހުންނާ ބެހޭ ކަމެއް ނޫނެވެ. އަދި އެ މީހުން ވާ މުޝާރަކާއެއް ވެސް ނެތެވެ. މުސްލިމް ފިޤުހުވެރިން އެއްބަސް ވެ ލައްވާފައި ވާ ޤަވާޢިދަކީ ''ފައިދާއެއް ލިބޭނީ ގެއްލުމެއް ލިބެން ތައްޔާރުނަމައެވެ.'' މި ޤަވާޢިދު ނެގިފައިވަނީ ''ފާއިދާ ލިބުނީ، ޖާމިން ވީ ކަމަށްޓަކައި'' ކަމަށް ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ޞައްޙަ ޙަދީޘްފުޅަކުންނެވެ.

ދޭއް: ވަކި ޚިދުމަތްތަކެއްގެ ބަދަލުގައި ނަގާ އެއްޗެއް ނަގާފައި، މި ބޭންކުތަކުން ފުއްދާލަނީކީ ނޫނެވެ. ކިއެއްތަ، ޚިދުމަތަށް ނެގޭ އެއްޗަކަށް ވުރެ މާ ބޮޑު ޢަދަދެއް، ފައިދާ ގެ ގޮތުގައި ބޭންކުތަކުން އަތުލައެވެ. އެއީ ރިބާ ދަރަންޏެއް ދީފައި، އަތުލެވޭ ރިބާ އެކެވެ. ވީމާ އެއީ ސީދާ ޖާހިލިއްޔަ ރިބާ އެވެ. (ފަހުން މި ވާހަކަ އެބަ އާދޭ)

ދެން މިއަށް ފަހު، ފަތުވާ ދިން މައްސަލަ އިތުރަށް ފުޅާ ކޮށް، ''މުޢާމަލާތުލް ބުނޫކި ވަ އަޙްކާމުހާ އައްޝަރްޢިއްޔާ'' (ބޭންކު މުޢާމަލާތާއި އޭގެ ޝަރްޢީ ޙުކުމްތައް) އޭ ކިޔުނު ފޮތެއް ލިޔުއްވައި، ބޭންކުތަކުން ދެމުން މި ގެންދާ ބޭންކު ފައިދާ އެއީ ހުއްދަ އެއްޗެއް ކަމަށް، ޝައިޚް ޠަންޠާވީ ވިދާޅުވިއެވެ. މި ފޮތަށް ރައްދު ދެއްވައި، އިސްލާމީ ބޮޑެތި ޢިލްމުވެރިން ލިޔުއްވިއެވެ. އޭގެ ތެރޭގައި ޝައިޚް ޔޫސުފުލް ޤަރަޟާވީ އޭނާގެ މަޝްހޫރު ފޮތް ''ފަވާއިދުލް ބުނޫކި ހިޔަ އައްރިބާ އަލްމުޙަރަމު'' (ބޭންކު ފައިދާ އަކީ އެއީ ޙަރާމް ރިބާ) ހިމެނެއެވެ. އަދި ޑޮކްޓަރ ޢަލީ އައްސާލޫސް ގެ ފޮތްތަކެއްގައި ވެސް ރައްދު ދެއްވާފައި ލިޔުއްވިއެވެ. އަދި އަޒްހަރު ގެ އެތަކެއް ޢިލްމުވެރިންނެއް އެ ފޮތަށް ރައްދު ދެއްވިއެވެ.

ޤަޠަރު ރޭޑިއޯ އިން ފޮނުވި ''ޤަޟާޔާ ވަ އާރާއި'' ކިޔާ ޕްރޮގްރާމެއްގައި، އަހަރެން ވެސް އެ ފަތުވާއަށް ރައްދު ދީ އެ ފަތުވާ އާ ބެހޭ ގޮތުން ވާހަކަ ދެއްކީމެވެ. އަދި މި މައުޟޫ އާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް، ބައްދަލު ވުމެއް ބޭއްވުމަށް ވެސް، އަހަރެން ޝައިޚަށް ހުށައެޅީމެވެ. ނަމަވެސް ހިތާމައާ އެކު ބުނަން ޖެހެނީ، މި ހުށައެޅުމަށް ޝައިޚް ޖަވާބެއް ނުދެއްވި ކަމެވެ. ކިއެއްތަ މީގެ ބަދަލުގައި ޝައިޚް ކުރެއްވި ކަމަކީ، 1988 ވަނަ އަހަރުއް ސުރެ، ޝައިޚް ގެ މި ފަތުވާތަކައް ތާއީދު ކުރައްވާ މީހުން، އަޒްހަރު ގެ އެކި އެކި މަޤާމް ތަކަށް ގެންނެވުމެވެ. 1989 ވަނަ އަހަރު ޝައިޚް މި ފަތުވާ ނެރުއްވި ނަމަވެސް، މަޖްމަޢް ގެ އަޣްލަބިއްޔަތު ތާއީދު ކުރައްވާނެ ކަން ޔަޤީން ވަން ދެން، 2002 ވަނަ އަހަރު އޮކްޓޯބަރ 31 އާ ހަމައަށް، މި މައްސަލަ މަޖްމަޢްލު ބުޙޫޘުލް އިސްލާމިއްޔާ އަށް ހުށަ ނު އެޅުއްވީ މި ސަބަބަށްޓަކައެވެ. (ފަތުވާ ނެރުނު ބައްދަލުވުމުގައި ތިއްބެވި ޢިލްމުވެރިން ގެ ނަންތައް*****)

މަތީގައި ވާ ނަން ލިސްޓު ބަލާލުމުން އެނގޭ އެއްޗަކީ، ބޭންކު ފައިދާ ހުއްދަ ކަމަށް ފަތުވާ ދެއްވި ގިނަ ޢިލްމުވެރިންނަކީ، ފަލްސަފާ އާއި ތަފްސީރާއި، ޙަދީޘާއި، ޤާނޫނުގައި ތަޚައްޞުޞް ބޭކަލުން ކަމެވެ. އަދި ފިޤުހާއި އުޞޫލުލް ފިޤުހުން ތަޚައްޞުޞް ވެފައި ތިއްބެވި ބޭކަލުން (ޢަބްދުލް ފައްތާޙު އައްޝައިޚް، މުޙައްމަދު ރައުފަތު ޢުޘްމާން) ފަތުވާ އާ ދެކޮޅު ހެއްދެވިކަމެވެ. މަޖްމަޢް ގެ ރައީސް މި ބައްދަލު ވުމަށް، އިޤްތިޞާދު ޢިލްމުވެރިންނާއި، ފިޤުހުވެރިން ގެންނެވި ނަމަ، އެ މީހުން ފަތުވާ އާ ދެކޮޅު ހަދާނެ ކަމީ، އަހަރެން ކުޑަކޮށް ވެސް ޝައްކު ކުރާ ކަމެއް ނޫނެވެ. 1965 ވަނަ އަހަރު ބޭއްވުނު، މަޖްމަޢް ގެ ދެވަނަ ބައްދަލު ވުން ފަދައިން، އަދި ކުރީ ބައްދަލު ވުމާއި ހުއްޖަތު ގެ ގޮތުން ގާތް ކުރުމަށްޓަކައި، ފިޤުހީ އިޤްތިޞާދީ ބައްދަލު ވުމެއް މި ފަހަރު ނުބޭއްވީ ކީއްވެތޯ، މިއީ އުފެދިފައިވާ ސުވާލެކެވެ. އަދި ބޭންކު ފައިދާ އަކީ ޙަރާމް އެއްޗެއް ކަމަށް ފަތުވާ ދީފައިވާ، އެ މަޖްމަޢްތަކުގައި އިިޤްތިޞާދީ އަދި ފިޤުހު ޢިލްމުވެރިން ހިމެނިވަޑައިގަންނަވާ، މަޖްމަޢްތައް ކޮބައިތޯއެވެ!

 

މިފަތުވާ އާ ދެކޮޅު ހެއްދެވި މިޞްރު ޢިލްމުވެރިންނާއި އަޒްހަރު ޢިލްމުވެރިން:

މި ފަތުވާ އާ ދެކޮޅު ހެއްދެވި މިޞްރު ޢިލްމުވެރިންނާއި އަޒްހަރު ޢިލްމުވެރިން ގެ ޢަދަދު ވަރަށް ގިނައެވެ. މި ފަތުވާ އާ ދެކޮޅު ހަދައި، ޖަބްހަތު ޢުލަމާއުލް އަޒްހަރި އިން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެތަކެއް ސަތޭކަ އަޒްހަރު ޢިލްމުވެރިން ސޮއި ކުރައްވާފައި ވެއެވެ.

އަދި މި ޢިލްމުވެރިން މަޖައްލަތުލް މުޖްތަމަޢް އަށް ދެއްވި ބަސްދީގަތުމެއްގައި(ޢަދަދު 1527، 11 ރަމަޟާން 1423ހ/ 16 ނޮވެމްބަރ 2002) ވެއެވެ:-

1- ޑޮކްޓަރ މުޙައްމަދު ރައުފަތު ޢުޘްމާން ދެކެލައްވަނީ، އަޒްހަރު މަޖްމަޢުން މި ނެރުނު ފަތުވާ އަކީ، ބޭންކު ފައިދާ އަކީ ޙަރާމް ރިބާ ކަން ކަނޑއަޅައި ފަތުވާ ނެރުނު، އިސްލާމީ ދުނިޔޭގައި އެހެން މަޖްމަޢްތަކާއި ދެމެދު ވަރަށް ގިނަ މައްސަލަތަކެއް ޖެހޭނެ ފަތުވާއެއް ކަމަށެވެ. އަދި ބޭންކު ފައިދާ އަކީ ޙަރާމް އެއްޗެއް ކަމަށް ދެކެލައްވާ ކަމަށާއި، އެއީ ރިބާ ނޫން ކަމަށް ބުނާ މީހެއްގެ ބަސް ޖަދަލެއްގެ ގޮތުން ޤަބޫލު ކޮށްފިއްޔާ، ވާނީ ފާސިދު މުޟާރަބާ ޢަޤުދެއްކަމުގައެވެ. މި މައްސަލަ އިތުރަށް ސާފު ކޮށް ދެއްވަމުން، ޑޮކްޓަރ ޢުޘްމާން ވިދާޅުވީ، އިސްލާމީ މުޟާރަބާ ގެ މާނައަކީ ފައިސާގެ ވެރިއާ އާއި އެހެން މީހަކާއި ނުވަތަ ފަރާތަކާއި ދެމެދު، އެ ފައިސާ މޭވާކުރަން (އިންވެސްޓު/ އިސްތިޘްމާރު) އެއްބަސް ވެވި، ލިބޭ ފައިދާ ގެ ނިސްބަތެއް ދެ ފަރާތަށް ބަހަން އެއްބަސް ވުމެވެ. ނަމަވެސް ބޭންކުގައި ވާ ހެން، ލިބޭނެ ފައިދާ ގެ ޢަދަދު ކަނޑައެޅިއްޖެ ނަމަ އެ މުޟާރަބާ ވާނީ ބާޠިލު މުޟާރަބާ އަކަށެވެ. (މި ވާހަކަ މިހެން ވިދާޅުވެފައި ވަނީ، ބޭންކު ނަގާ ދަރަންޏަކީ މުޟާރަބާއަކަށް ވާތީއެއް ނޫނެވެ. މިހެން ވިދާޅުވީ، އެއީ ޖަދަލެއްގެ ގޮތުންނެވެ. ޙަޤީޤަތަކީ، ބޭންކުން މީހުންނަށް ދެނީ ދަރަންޏެވެ. އަދި މީހުން ބޭންކަށް ދެނީ ވެސް ދަރަންޏެވެ. ބޭންކުން ކުރާ މުޢާމަލާތަކީ ޝަރުޢީ މުޟާރަބާ އަކަށް ވެސް ވަކާލާއަކަށް ވެސް، މުޝާރަކާ އަކަށް ވެސް، އަދި ޝަރުޢީ އެހެން އެއްޗަކަށް ވެސް ނުވެއެވެ.)

2- ޑޮކްޓަރ ޙާމިދު އަލްޖާމިޢް އަލްޖާމިޢް ވިދާޅުވީ، މި މައްސަލާގައި ބަލަން ޖެހޭ މަރްޖިޢް އަކީ، އަދި ނަގަން ޖެހޭ ފަތުވާ އަކީ، މަޖްމަޢުން ކުރިން ނެރެފައިވާ، ބޭންކު ފައިދާ ޙަރާމް ކަމަށް ބުނާ ޤަރާރެވެ. އަދި މި މައްސަލަ އަލުން ހިލުވުމަކީ ބޭނުމެއް އޮތް ކަމެއް ނޫން ކަމަށް، ދެކެލައްވައެވެ.

3- އަޒްހަރު ކުއްލިޔަތުއް ޝަރީޢާ ގެ ވަކީލު، ޑޮކްޓަރ އަޙްމަދު ޠާހާ ރައްޔާން ދެކެލެއްވީ، އާދައިގެ ބޭންކުތަކުން ކުރާ މުޢާމަލާތަކީ، ޝަރުޢުގައި ޙަރާމް ކުރެވިފައިވާ، އިސްލާމީ ދުނިޔޭގެ ފިޤުހާއި ޝަރީޢާ ޢިލްމުވެރިންގެ އެ ޙަރާމް ކަމަށް އިޖްމާޢު ވާ އެއްޗެކެވެ. އަދި ބޭންކު ފައިދާ އަކީ -ކޮންމެ ނަމެއް ކިޔަސް- ހުއްދަ އެއްޗެއް ކަމަށް ބުނާ ބުނުމާ މެދު ޙައިރާން ވާ ކަން ވެސް، ފާޅު ކުރެއްވިއެވެ. އަދި އިތުރަށް ވިދާޅުވަމުން ޑޮކްޓަރ ރައްޔާން ވިދާޅުވެފައި ވަނީ، މާތް ﷲ ރިބާ ޙަރާމް ކުރައްވައި އާޔަތްތައް ބާވައިލެއްވި ދެ ތަން ކަމުގައިވާ، މައްކާ އާއި މަދީނާ މުޖްތަމަޢަކީ ޔަމަނަށާއި ޝާމަށް ދެ ދަތުރު ކުރި، ވިޔަފާރި މުޖްތަމަޢެއް ކަމަށެވެ. ވީމާ މިއިން ދޭހަވަނީ، އެ ދުވަސް ވަރު ފެތުރިފައި އޮތް ރިބާ ގެ ބޮޑު ބަޔަކީ ވިޔަފާރި ކުރުމުގެ ބޭނުމުގައި (އިންވެސްޓެއްގެ ގޮތުގައި) އަތުލައި އަދި ދީ އުޅުނު ރިބާ އެކެވެ. އެހެނެއް ކަމަކު ވެސް، އިސްލާމް ދީން މި ރިބާ ޙަރާމް ކުރިއެވެ. ވީމާ މޭވާކުރަން (އިންވެސްޓު ކުރަން) ރިބާ ހިމެނޭ ދަރަނި ނެގުން ހުއްދަ ވާނެ ކަމަށް ބުނެ، ބަހަނާ ދެއްކުން އެއީ ހުއްދަ ވާނެ ކަމެއް ނޫނެވެ. ބޭންކުން އަތުލާ ނުވަތަ ދޭ ފައިދާ އަކީ ޤުރުއާނުގައި ޙަރާމް ކުރެވިފައިވާ ރިބާ ކަމަށާއި، އަދި އިސްތިޘްމާރު ކުރުމާއި ބޭނުން ކުރުމަށް ނެގޭ ދަރަންޏޭ ކިޔައި ފާޑުފާޑު ނަން ކިޔައި، ރިބާ ހުއްދަ ކުރުމަކީ، އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ޑޮކްޓަރ ރައްޔާން ވިދާޅުވިއެވެ. މި މޭރުމުން ވާހަކަ ދައްކަވަމުން، އޭގެ ފަހަތުން ފައިދާއެއް ހޯދާ ކޮންމެ ދަރަންޏަކީ ރިބާ ކަމަށް ވިދާޅުވެފައިވާ، ކީރިތި ރަސޫލު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘް ފުޅަށް އިޝާރަތް ކުރައްވައި، ބޭނުން ކުރުމަށް ނެގޭ ދަރަންޏާއި އުފެއްދުމަށް ނެގޭ ދަރަނީ ގެ ރިބާ ވެސް ޙަރާމް ކަމަށް ވިދާޅުވިއެވެ.

މަޖްމަޢުން އާ ޤަރާރެއް ނެރޭ އިރު، ކުރިން ނެރެފައިވާ ޤަރާރުތަކާއި ކޮށްފައިވާ އިޖްތިހާދުތަކަށް ރިޢާޔަތް ކުރަން ޖެހޭނެ ކަމަށާއި، އަދި އިސްލާމީ ދުނިޔޭގެ އެހެން ފިޤުހު މަޖްމަޢްތަކަށް ބަލަން ޖެހޭނެ ކަމުގެ މައްޗަށް ވެސް، ޑޮކްޓަރ ރައްޔާން އަލިއެޅުއްވިއެވެ.

4- އަޒްހަރު އުސްތާޒެއް ކަމުގައިވާ ޑޮކްޓަރ ޙުސައިން ޝައްޙާތާ ވިދާޅުވެފައި އޮތީ، އެމެރިކާ އާއި ޔޫރަޕް ޔުނިވާސިޓީތަކުގައި އިސްލާމީ ބޭންކު ތަޖުރިބާ ކިޔަވައިދޭ ކަމަށެވެ. އަދި އިސްލާމީ ބޭންކަކީ ކާމިޔާބު ތަޖުރިބާއެއް ކަމުގެ ދަލީލަކީ، ބޭންކުތަކުގެ ޢަދަދު އިތުރު ވެފައިވާ މިންވަރެވެ. އެގޮތުން ދުނިޔޭގެ ކަންކޮޅުތަކުގައި ހުރި އިސްލާމީ ބޭންކު ގެ ޢަދަދު މި އަދު ވަނީ ދުއިސައްތަ ފަންސާސް ބޭންކަށް އަރައެވެ. އަދި އިސްލާމީ މާލީ މުއައްސަސާތަކުގެ ޢަދަދު އެއްހާހަށް އަރައެވެ. އިސްލާމީ ބޭންކުތަކުން ކުރާ މުޢާމަލާތް އެތަކެއް ސަތޭކަ ބިލިއަން ޑޮލަރަކަށް އަރައެވެ. މި މުޢާމަލާތްތަކުން، ދަނޑުވެރިކަމާއި، އުފެއްދުންތެރިކަމާއި، ވިޔަފާރިއާއި، އަދި މި ނުން ވެސް ތަފާތި އިޤްތިޞާދީ ހަރަކާތްތަކަށް ފައިސާ ދޫކުރެވިފައި ވެއެވެ. (އހ. މަޖައްލާގައި ހުރި ނުކުތާތަށް ނިމުނީ)

ދެން ފާހަނގަ ކޮށްލަން ޖެހޭ އަނެއް ކަމަކީ، މަޖްމަޢުން ފަހުން މި ނެރުނު ފަތުވާ، އެ މަޖްމަޢް ގެ ފިޤުހީ ބަހުސްތަކާ ބެހޭ ކޮމިޓީއަށް ހުށަނާޅާ ކަމެވެ. މިފަދަ ފިޤުހީ މައްސަލަތައް ހުށައަޅަން ޖެހޭ މި ކޮމިޓީ އަށް ހުށަ ނާޅާ، މައްސަލަ ހުށައެޅިފައި ވަނީ މަޖްމަޢް ގެ ''މަޖްލިސް މަޖްމަޢުލް ބުޙޫޘް'' އޭ ކިޔޭ ކޮމިޓީއަކަށެވެ.

ދެން، މި ފަތުވާއަށް މިޞްރު ނޫން ޤައުމުތަކުން ވެސް ވަރަށް ގިނަ ރައްދު ދެވިފައި ވެއެވެ. އެގޮތުން، މަޖްމަޢްލް ބުޙޫޘާއި އެހެނިހެން ފިޤުހީ މަޖްމަޢްތަކުން ޙަރާމް ކަމަށް އެއްބަސްވެފައިވާ އެއްޗެއް، ޙަލާލް ކުރަން ޖެހުނީ ކޮން ސަބަބަކާތޯ، ޝައިޚު ޔޫސުފުލް ޤަރަޟާވީ ސުވާލު ކުރެއްވިއެވެ. ޤަޠަރު ނޫސް އައްރާޔާ ބުނެފައި ވެއެވެ:-

''ބޭންކުތަކުން ދޭ، ފައިދާ އަކީ ޙަލާލް އެއްޗެއް ކަމަށް ބުނާ ފަތުވާއެއް، ޝައިޚުލް އަޒްހަރު އިމާމުލް އަކްބަރު ޑޮކްޓަރ މުޙައްމަދު ސައްޔިދު ޠަންޠާވީ މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ އިން ނެރުއްވި ޚަބަރު ރާޔާ އިން އަޑު އައްސަވާފައި، އެކަމާ ހައިރާން ވެވަޑައިގަންނަވާ ކަން، ޝައިޚް ޔޫސުފުލް ޤަރަޟާވީ ވިދާޅުވެއްޖެއެވެ. ރާޔާއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޝައިޚް ޤަރަޟާވީ ވިދާޅުވީ ''އަހަރެންނަށް އެނގިފައި ވަނީ، ބޭންކު ފައިދާ އަކީ ޙަރާމް ރިބާ ކަމަށް އެންމެ ފުރަތަމަ ބުނި މަޖްމަޢް އަކީ، މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާކަން. އެއީ 1965 ވަނަ އަހަރު ޝައިޚް ޙަސަން މައުމޫން ޝައިޚުލް އަޒްހަރަކަށް ހުންނަވައިގެން. އަދި މުޙައްމަދު ޒަހްރާ، ޢަލީ އަލްޚަފީފް، ފަރަޖް ސިންހޫރީ، މުޙައްމަދު ޢަލީ އައްސާޔިސް، ޢަބްދުﷲ އަލްމިޝައްދު އަދި މި ނޫން ވެސް ބޮޑެތި ޢިލްމުވެރިންތަކެއް ތިއްބަވައިގެން ނެރުއްވި ޤަރާރެއް. ދެން އޭގެ ފަހުން އުފެދިފައިވާ ރާބިޠަތުލް އާލަމުން އިސްލާމީ ގެ އަލްމަޖްމަޢުލް ފިޤްހީ އާއި، މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީގެ މަޖްމަޢުލް ފިޤުހުލް އިސްލާމީ ފަދަ ހުރިހާ ފިޤުހު މަޖްމަޢްތަކުން ވެސް ފަތުވާ ދީފައި ވަނީ ހަމަ މި ގޮތަށް. މި މަޖްމަޢް އަކީ މުޅި އިސްލާމީ އުއްމަތް ތަމްސީލު ކުރާ މަޖްމަޢެއް. މިހާތަނަށް ބޭއްވިފައިވާ ހުރިހާ އިސްލާމީ އިޤްތިޞާދާއި އިސްލާމީ ބޭންކުތަކާ ބެހޭ ބައްދަލުވުންތަކުން ވެސް ދަނީ 1965 ގެ މަޖްމަޢުލް ބުޙޫޘުން ނެރުނު ޤަރާރަށް ޢަމަލު ކުރަމުން އަދި އެއަށް ތާއީދު ކުރަމުން''

ފަހުން މި ނެރެވުނު ޤަރާރު ނެރެން ޖެހުނު ސަބަބަކީ ކޮބައިތޯ ސުވާލު ދެންނެވުމުން، ޝައިޚް ޤަރަޟާވީ ވިދާޅުވީ ''މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ އިން އެ މީހުންގެ ފަތުވާ ބަދަލު ކުރަން ޖެހުނު ސަބެބެއް އަދި އެ މީހުންގެ ދަލީލުތަކަކީ ކޮބައި ކަމެއް އަހަރެންނަކަށް ނޭނގޭ. އަހަރެން އެއެއް ނުއެއް ދެކެނެ. އަދި ޙަރާމް އެއްޗެއް ޙަލާލް ކުރަން، އަލަށް ފާޅުވި ސަބަބަކީ ކޮބައި ކަމެއް ވެސް އަހަރެންނަކަށް ނޭނގޭ. ''ބޭންކު ފައިދާ އަކީ އެއީ ޙަރާމް ރިބާ'' މި ނަން ކިޔާ ފޮތެއް އަހަރެން ނެރުނިން. އޭގައި އަހަރެން ވާނީ ޝަރުޢީ ދަލީލުތަކާއި، ފިޤުހު މަޖްމަޢްތަކުގެ ޤަރާރުތައް ގެނެސްފައި'' އަދި ވެސް ވިދާޅުވިއެވެ. ''ބޭންކު ފައިދާ ގެ މައްސަލާގައި ކުރީގައި ވެސް ހުރި ގޮތުގައި ހަމަ އަދިވެސް އަހަރެން މި ހުރީ. އަހަރެން ގެ ފޮތް ވަނީ އެތަކެއް ފަހަރު ޗާޕު ކުރެވިފައި އަދި ފުޅާ ދާއިރާއެއްގައި ބެހިފައި''

މި މައްސަލާގައި އަހަރެންގެ ޒިންމާ ބަރީއަ ކުރުމުގެ ގޮތުން، ތިރީގައި މި ހިމަނާލަނީ ފިޤުހު މަޖްމަޢްތަކުން ނެރެފައިވާ ޤަރާރުތަކެވެ:-

1- މަޖްމަޢުލް ބުޙޫޘް ގެ ޤަރާރް (ފިތާލާ)
2- މަޖްމަޢުލް ފިޤްހުލް އިސްލާމީ ގެ ޤަރާރް
3- ރާބިޠާގެ ޤަރާރު

އާ ޤަރާރުގައި ބޭންކު ފައިދާ ހުއްދަ ކުރާ ސަބަބު:

އިސްލާމް އޮންލައިން ގައި 14 ނޮވެމްބަރ 2002 ގައި ބުނެފައިވާ ގޮތުގައި، ބޭންކު ފައިދާ އަކީ ހުއްދަ އެއްޗެއް ކަމަށް، ވިދާޅުވި ޢިލްމުވެރިން، އެ ގޮތަށް ވިދާޅުވި ސަބަބެއް ކަމަށް ދައްކަވަނީ މި އަންނަނިވި ކަންތައްތަކެވެ:-

ބޭންކު ފައިދާ ހުއްދަ ކަމަށް ބުނަން ޖެހޭ ސަބަބުތައް ދައްކަވަމުން، މަޖްމަޢްގެ މެންބަރުން ވިދާޅުވެފައި ވަނީ، ލިބޭނެ ވަކި ފައިދާއެއް ކުރީއްސުރެ ކަނޑައަޅައި، ބޭންކުގައި ފައިސާ މޭވާކުރުމަކީ(އިންވެސްޓު) ހުއްދަ ކަމެކޭ ބުނަން ޖެހުނީ، އެއީ ވައްތަރެއްގެ ވަކާލާއަކަށް ވާތީ ކަމަށެވެ. އަދި ބޭންކަށް ލެވޭ ފައިސާ އަކީ، ޤައުމުގެ ތަރައްޤީގައި ވެވޭ ހިއްސާއަކަށް ވާތީކަމަށެވެ. އަދި އެއީ ދައުލަތުގެ އިޤްތިޞާދުގެ މުހިއްމު ބައެއް އަދާ ކުރާ އެއްޗެއްކަށް ވާތީ ކަމަށެވެ. ވީމާ މިހެން މިކަން އޮތުމުން، މީގައި ރިބާ ހިމެނުމުގެ ބިރެއް އަދި އެހެން މީހެއް ނާޖާއިޒުގޮތުގައި ބޭނުން ހިފޭނެ ޖާގައެއް ނެތް ކަމަށެވެ. މަޖްމަޢްގެ މެންބަރެއް ކަމުގައިވާ ޢަބްދުލް މުޢްޠީ ބައްޔޫމީ ވިދާޅުވީ ''މީހުން ބޭންކަށް ލާ ލާރި، ބޭންކުން މޭވާކޮށް (އިންވެސްޓު/އިސްތިޘްމާރު)، ފައިދާގެ ގޮތުގައި ވަކި މިންވަރެއް ލިބޭނެ ކަން ކުރިން ކަނޑައެޅުމަކީ، އެއީ ވަކާލާގެ ތެރެއަށް ވަނަނާނެ ކަމެކެވެ. ހަމަ އެހެންމެ، ކުރިން ވަކި ފައިދާއެއް ކަނޑައެޅުމަކީ، އަމާނާތްތެރި ނޫން ބައެއް ފަރާތްތައް، ފައިދާ ކުރަން ލެވޭ ފައިސާ އިން ވީ ގެއްލުމޭ ބުނެ އެ ފައިސާ ނަގާލެވުނަ ނުދިނުމަށް އެހީތެރިވާ ކަމެއް ވެސް މެއެވެ.'' އަދިވެސް ވިދާޅުވީ ''ފައިދާ ކުރިން ކަނޑައެޅުމުން، އެ ފައިސާ ގެއްލިގެން ނުދާނެ ކަމާއި ފައިދާ ވާނެ ކަމުގެ އިތުބާރު، ފައިސާގެ ވެރި މިހާއަށް ލިބޭ ކަމެއް'' ކަމަށެވެ.

އަދި މަޖްމަޢްގެ އެހެން މެންބަރެއް ކަމުގައިވާ ޑޮކްޓަރ މުޙައްމަދު އިބްރާހީމް އަލްފައްޔޫމީ ވިދާޅުވީ ''ބޭންކަށް ލާ ލާރިއަށް، ވަކި މިންވަރެއް ފައިދާގެ ގޮތުގައި ލިބޭނެ ކަން ކުރިންސުރެ ކަނޑައެޅުން ހުއްދަ ވާންވީ ސަބަބެއް އެބަ އޮތެވެ. އެއީ ދައުލަތާއި ރައްޔިތުންނާއި ދެމެދު ރިބާއެއް ނު އޮވެއެވެ. ވީމާ ކުރިންސުރެ ވަކި ފައިދާއެއް ކަނޑައަޅާ ބޭންކާ މުޢާމަލާތު ކުރުމަކީ އެއީ ހުއްދަކަމެކެވެ. އަދި މީގެ އިތުރުން، ބޭންކަށް ލާ ލާރިއަކީ ޤައުމުގެ އުފެއްދުންތެރިކަމާއި ތަރައްޤީގައި ހިއްސާވާ އެއްޗެކެވެ. ވީމާ ބޭންކަށް ލާރި ލައިގެން އެ މޭވާ ކުރުމަކީ، އެއިން ވާ ތަރައްޤީގައި މުޅި ޤައުމު ޝާމިލްވާ ކަމެކެވެ.''

އަދިވެސް ފައްޔޫމީ ވިދާޅުވީ'' މަޖްމަޢުލް ބުޙޫޘުން ނެރުނު ޤަރާރަކީ ޝަރްޢީ ގޮތުން ޞައްޙަ ޤަރާރެކެވެ. ވަކި ފައިދާއެއް ލިބޭނެ ކަމަށް އެއްބަސްވެ ބޭންކާ މުޢާމަލާތު ކުރުމަކީ، އެއީ ފަރުދުން ފަރުދުންނާ ދެމެދު ކުރެވޭ މުޢާމަލާތެއް ނޫނެވެ. ދަރަނި ދޭ މީހަކާ ދަރަނި ނަގާ މީހަކާ ދެމެދު ހިނގާކަހަލަ މުޢާމަލާތެއް ނޫނެވެ. އަދި ހަމަ އެހެންމެ މި މުޢާމަލާތުގައި، ދަރަނި ދޭ މީހާ ދަރަނި ނަގާ މީހާ ނާޖާއިޒު ގޮތުގައި ބޭނުން ހިފުމުގެ ޖާގައެއް ވެސް ނެތެވެ.'' އަދި އިޝާރާތް ކުރެއްވީ'' ފައިސާގެ ވެރިފަރާތް ކަމުގައިވާ ޢާއްމުފަރުދުން ބޭންކަށް ލާރި ލީމާ، ބޭންކު އެ ފައިސާ މޭވާކުރުމުން، ބޭންކަކީ މި ފައިސާ މޭވާ ކުރުމަށް ހަވާލު ކުރެވޭ ވަކީލަކަށް ވެގެންދެއެވެ. އަދި އިސްލާމް ދީނުގައި ވަކާލާއަކީ ހުއްދަކަމެކެވެ.''

އެ މީހުން ވިދާޅުވެފައި ވަނީ އާ ވާހަކައެއް ނޫން :

މި ފަތުވާގައި ބޭންކު ފައިދާ ހުއްދަކަމަށް ދައްކަވާފައިވާ ސަބަބުތަކަކީ އެއީ:-

1- ބޭންކުން ދޭ ފައިދާ އަކީ، ބޭންކާއި ބޭންކަށް ލާރި ލާ މީހާއާ ދެމެދު ކުރެވޭ ވަކާލާ ޢަޤުދެއްގެ މައްޗަށް ބިނާވާ އެއްޗެކެވެ. ބޭންކަކީ ލާރީ ލާ މީހާގެ ފަރާތުން މަސައްކަތް ކުރާ ވަކީލެކެވެ.

2- ދައުލަތާއި ރައްޔިތުންނާއި ދެމެދު ރިބާއެއް ނު އޮވެއެވެ.

މި ވާހަކައަށް އޮތް ރައްދަކީ:

އެކެއް:

މިޞްރު، ފަރަންސޭސިވިލާތް އަދި މިނުން ވެސް ޤައުމުތަކުގެ ޤާނޫނުގައި އޮންނަ ގޮތުން، ބޭންކަށް ލާރި ލާ ޢަޤުދަކީ އެއީ ދަރަނީގެ ޢަޤުދެކެވެ. ވަކާލާ ޢަޤުދެއް ނޫނެވެ. ބޭންކާއި ލާރި ލާ މީހާއާ ދެމެދު އޮންނަނީ ވަކާލާ ޢަޤުދުގެ ގުޅުމޭ ބުނާ މީހުންނަށް ދޭން އޮތް އެންމެ ވަރުގަދަ ރައްދަކީ މިއީއެވެ. ފަހެ މިއަދާ ޖެހެންދެން ވެސް ދެ ފަރާތް ދެމެދުގައި އެ ކުރެވޭ ޢަޤުދަކީ ދަރަނީގެ ޢަޤުދެކެވެ. މީހަކު ބޭންކަށް ގޮސް ލާރި ލުމުގެ މާނައަކީ، ވަކި ފައިދާއެއް އިތުރުވާ ގޮތަށް އޭނާ ބޭންކަށް ދަރަންޏެއް ދިނުމެވެ. ވީމާ މީގައި ވަކާލާ ޢަޤުދެއް ކޮބައިހެއްޔެވެ؟

ބޭންކަށް(ރިބާ ބޭންކަށް) ލާފައި ހުންނަ ލާރީގެ ޙަޤީޤަތަކީ ކޮބައިކަން، މިޞްރުގެ މަދަނީ ޤާނޫނުގައި ވަނީ ކަނޑައަޅައި ނިންމާފައެވެ. ޤާނޫނު ދެކެނީ އެއީ ދަރަންޏެއް ކަމަށެވެ. 726 ވަނަ މާއްދާގައި ބުނަނީ : ''ވަދީޢާގެ ގޮތުގައި ބެހެއްޓޭ އެއްޗަކީ، ފައިސާ ނުވަތަ ބޭނުން ކޮށްލުމުން ހަލާކުވެދާ ކަހަލަ އެއްޗެއް ނަމަ، އަދި ރައްކާކުރަން ބެހެއްޓުނު މީހާ މި އެއްޗެހީގެ ބޭނުން ހިފުމަށް ހުއްދަދެވިފައިވާނަމަ، އެ ޢަޤުދު ބެލެވެނީ އެއީ ދަރަނީގެ ޢަޤުދެއްކަމަށެވެ.''

ޑޮކްޓަރ ފަރަޖް އައްސިންހޫރީ މި މާއްދާއާ ބެހޭގޮތުން ވިދާޅުވެފައި ވަނީ ''ޢާއްމުކޮށް މި ދަންނަ ގޮތުންކުރެ ގޮތް ނޫން ގޮތަކަށް ވެސް، ދަރަނީގެ ޢަޤުދު އޮވެދާނެއެވެ. އޭގެ ތެރޭގައި ބޭންކަށް ފައިސާލުން ހިމެނެއެވެ. އެހެނީ ބޭންކަށް ލާރި ލާ މީހާ ބެލެވެނީ އެއީ ދަރަނި ދޭ މީހެއް ކަމަށެވެ. ބޭންކަކީ ދަރަނި ނަގާ މީހާއެވެ... ''

ޤާނޫނާއި އިޤްތިޞާދުގެ ޢިލްމުވެރިން ވަނީ މި ކަން ކަށަވަރުކޮށް ދެއްވާފައެވެ. (ޤާނޫނީ ނަޒަރަކުން ބޭންކު މުޢާމަލާތް- ޑޮކްޓަރ ޢަލީ ޖަމާލުއްދީން ޢިވަޟް- މި ފޮތް ބަލާށެވެ.)

ޝަރީޢާ ޢިލްމުވެރިންނާއި އިޤްތިޞާދީ ޢިލްމުވެރިންނާއި ޤާނޫނީ ޢިލްމުވެރިންގެ ގިނަ ބައެއް ޙާޟިރުވެގެން، 1369-ހ ވަނަ އަހަރު، އިސްލާމީ އިޤްތިޞާދާއި ބެހޭގޮތުން ބޭއްވުނު ފުރަތަމަ ޢާލަމީ ބައްދަލުވުމުގައި، ބޭންކު ފައިދާއަކީ ޙަރާމް އެއްޗެއް ކަމަށް އިޖްމާޢުވެ ބުނުމުން، ބޭންކާ ލާރި ލާ މީހާއާ ދެމެދު އޮންނަނީ ދަރަނީގެ ގުޅުންކަން ކަށަވަރުވެއެވެ.

ވީމާ، މި ފަހުން މި ނެރުނު ޤަރާރު ނެރުނު ޢިލްމުވެރިން އަސްލު ޖެހިވަޑައިގަންނަވަނީ، މި މައްސަލަ އޮޅުން ފިއްލެވުމަށް، އިޤްތިޞާދީ އަދި ޤާނޫނީ ތަޖުރިބާކާރުންގެ ބަސް އަޑުއައްސަވާށެވެ. އެއީ ބޭންކަށް ލާރި ލުމުގެ ޢަޤުދު ގެ އިޤްތިޞާދީ އަދި ޤާނޫނީ ހައިސިއްޔަތު ހޯދައި ދެނެގަންނާށެވެ.

އަނެއްކޮޅުން، އިސްލާމީ ފިޤުހު އިޖްމާޢްވެފައި އޮންނަ ގޮތުގައި، ގަސްތުގައި ފަރުވާކުޑަކޮށް ޢަޤުދުގައި ކަނޑައެޅިފައިވާ ހައްދުން ބޭރުވެގެން މެނުވީ، ވަކާލާ ޢަޤުދެއްގައި، ވަކީލަކު ޖާމިންވާން ނުޖެހޭނެއެވެ. (އަލްމުޣްނީ ގެ 5/ 102-103 ބަލާ) . ނަމަވެސް ޤާނޫނީ ޢިލްމުވެރިން ވެސް އެއްބަސް ވާ ގޮތުގައި، ބޭންކަށް ލާރި ލާ މީހާ ލީ ލާރިއާއި އަދި އެއަށް އިތުރުވާނެ ފައިދާ (ބޭންކް އިންޓްރެސްޓް) އަކީ، ބޭންކު ޖާމިނުވާ އެއްޗެކެވެ. ކޮންމެ ގޮތަކަށް ކޮންމެ ކަމެއް މެދުވެރިވިޔަސް ވެހެވެ. ވީމާ މިއީ ވަކާލާއަކަށް ނުވެއެވެ.

ދޭއް:

ފަތުވާ ނެރުނު ބައެއް މީހުން ބުނެފައި ވަނީ، ކުރީއްސުރެ ފައިދާގެ މިންވަރު ކަނޑައެޅުނީ، ބޭންކުން ހިންގާނެ މޭވާކުރުންތަކަށް ބަލާ އަންދާޒާ ކޮށްފައި ކަމަށެވެ.

ނަމަވެސް މިހެން ބުނެފައި އެވަނީ، ރިބާ ބޭންކުގެ މުޢާމަލާތްތައް ރަނގަޅަށް ނޭނގުމުގެ ސަބަބުންނެވެ. ޤާނޫނީ އަދި އިޤްތިޞާދީ ޢިލްމުވެރިން ވެސް އެއްބަސް ވާ ގޮތުގައި ރިބާ ބޭންކުތަކުގެ މައިގަނޑު ވަޒީފާއަކީ، ފައިދާ ލާފައި ދަރަނި ދިނުމާއި، ފައިދާ ލާފައި ދަރަނި ނެގުމެވެ. ބޭންކު ދަރަނި ދެނީ ނަގުދު ފައިސާއަށް ބޭނުންވެފައިވާ މީހުންނަށެވެ. ބޭންކު ދަރަނި ނަގަނީ ބޭންކަށް ލާރި ލާ މީހުންގެ އަތުންނެވެ. އަދި މީހުން ބޭންކަށް ލާފައި ހުންނަ ފައިސާއިން ވިޔަފާރި ކުރުމަކީ، ޤާނޫނީ ގޮތުން ބޭންކުތަކަށް މަނާ ކަމެކެވެ.

އާދައިގެ މި ހުންނަ ބޭންކެއްގެ އަހަރީ ރިޕޯޓަށް ބަލައިފިއްޔާ، ވަރަށް ސާފުކޮށް އެނގެން އޮންނާނެ އެއްޗަކީ، އެ ބޭންކަކީ ދަރަނި ދީ އަދި ދަރަނި ނަގާ ބައެއް ކަމެވެ. އަދި ބައެއް ކަހަލަ ޚިދުމަތްތަކެއް ވެސް ބޭންކުން ދެއެވެ. ނަމަވެސް މި ޚިދުމަތްތަކަކީ، ބޭންކުގެ މައިގަނޑު މަސައްކަތް ކަމުގައިވާ ދަރަނި ދިނުމާއި ދަރަނި ނެގުމާ އަޅާ ބަލާއިރު ވަރަށް ކުޑަ އެއްޗެކެވެ. ބޭންކުން ކުރާ އެހެނިހެން މަސައްކަތަކީ، އަރިމަތީގައި ކުރެވޭ ވަރަށް ހަނި ދާއިރާއެއްގައި ހިމެނޭ މަސައްކަތްތަކެކެވެ. ހަމަ އެހެންމެ މި ބޭންކުތަކުން ވާ އެއްބަސްވުންތަކުގައި ވެސް ބުނެފައި އޮންނަނީ، ބޭންކާއި ފައިސާ ލާ މީހާއާ ދެމެދު އޮންނަ ގުޅުމަކީ ދަރަނީގެ ގުޅުން ކަމަށެވެ. ބޭންކުތަކުގައި ދަރަނީގެ ޢަޤުދު ގައި ''ދެވުނު ދަރަނީގެ މިވެނި ފައިދާއެއް އިތުރު ކުރެވޭނެއެވެ. އަދި މި ފައިދާ މަހުން މަހަށް އަހަރެމެންގެ އެކައުންޓަކަށް ޖަމާކުރަން ޖެހޭނެއެވެ.'' މިފަދަ ޢިބާރާތްތައް ހުރުމުން ވެސް ދޭހަވަނީ އެއީ ދަރަންޏެއް ކަމެވެ.

ފަތުވާ ދެއްވި އުސްތާޛުން، މިޞްރުގެ މަރްކަޒީ ބޭންކަށް ވަޑައިގެން، މި އަންނަނިވި ސުވާލު ކުރައްވާ ބައްލަވާށެވެ. މިޞްރުގައި ހުންނަ ރިބާ ބޭންކުތަކުން، ސީދާ ވިޔަފާރި ކުރުމާއި މޭވާކުރުމާއި، މީހުން ބޭންކަށް ލާފައި ހުންނަ ފައިސާއިން ގަނެ ވިއްކައި ހެދުން ހުއްދަހެއްޔެވެ؟

މި ސުވާލުގެ ޖަވާބަކަށް މަރްކަޒީ ބޭންކުން ބުނާނީ، ހުއްދަ ނޫންކަމަށެވެ. ފަހެ، މީހުން ބޭންކަށް ލާފައި ހުންނަ ފައިސާއިން ވިޔަފާރި ކުރުމަކީ އެއްވެސް ރިބާ ބޭންކަކަށް -ޤާނޫނުގައި- ހުއްދަ ކަމެއް ނޫނެވެ.

ތިނެއް :

ދެން، ދައުލަތާއި ރައްޔިތުންނާއި ދެމެދު ރިބާ ނު އޮންނާނެ ކަމަށް ބުނި ވާހަކައަށް، ދޭނެ ރައްދުވެސް އެބަ ހުއްޓެވެ. އެއީ:-

1- ގިނަ ބޭންކުތަކަކީ ސަރުކާރުގެ އަމިއްލަ އެއްޗެއް ނޫނެވެ. ކިއެއްތަ އެއީ އެ ބޭންކެއްގެ ހިއްސާދާރުންގެ އަމިއްލަ އެއްޗެކެވެ. ނުވަތަ ސަރުކާރާއި އަމިއްލަ ފަރާތެއް ގުޅިގެން ހިންގާ ބޭންކުތަކެވެ. ޕްރައިވެޓައިޒޭޝަން ކުރަމުން ދާ މި ޒަމާނުގައި، ގިނަ ބޭންކުތއް ވެފައި ވަނީ އަމިއްލަ ފަރުދުން ނުވަތަ މުއައްސަސާތަކުގެ އެއްޗަކަށެވެ.

2- ދައުލަތާއި ރައްޔިތުންނާ ދެމެދު ރިބާ ނު އޮންނަ ކަމަށް ބުނި ބުނުމަކީ، ފިޤުހީ އެއްވެސް އަސާސެއް ނުވަތަ ޝަރުޢީ އެއްވެސް ދަލީލެއްގެ މައްޗަށް ބުރެވެ ތިބެ ބުނެފައިވާ ބުނުމެއް ނޫނެވެ. ދައުލަތާއި ރައްޔިތުންގެ ދެމެދުގައި އޮންނަ މާލީ ގުޅުން، ބައްޕައާއި ދަރީގެ މާލީ ގުޅުމުގެ މައްޗަށް ޤިޔާސް ކުރެވޭނެ އެއްވެސް ހަމައެއް ނެތެވެ.

އެހެނީ، ޖުމްހޫރު ފިޤުހުވެރިން ދެކެލައްވަނީ ބައްޕައާއި ދަރިއާ ދެމެދު ވެސް ރިބާ ހިނގާ ކަމަށެވެ. އެއީ ބައްޕަގެ މާލީ ޒިއްމަތާއި ދަރިފުޅުގެ މާލީ ޒިއްމަތަކީ ދެ އެއްޗަކަށް ވާތީއެވެ.

ބައްޕައާއި ދަރިއާއި ދެމެދު ރިބާ ނު އޮންނަ ކަމަށް ބުނެފައިވާ ބުނުމެއް ފިޤުހުގައި އޮވެއެވެ. ނަމަވެސް މިއީ ބަލިކަށި ބުނުމެކެވެ. އަދި މިއީ ވަރުގަދަ ބުނުމަކަށް ވިޔަސް، ރައްޔިތުންނާއި ސަރުކާރާއި ދެމެދު އޮން ގުޅުމަކަށް، މި މިސާލު ނުފެއްްތޭނެއެވެ. އެހެނީ، ޔަޤީނުން ވެސް އެނގޭ އެއްޗަކީ، ފަރުދުންގެ ފައިސާ އަކީ ދައުލަތުގެ މިލްކެއް ނޫނެވެ. ވީމާ ބައްޕާ އާއި ދަރިފުޅުގެ މައްޗަށް ކުރެވޭ ޤިޔާސް މި ހިސާބުން ބާޠިލުވާނެއެވެ.

އަނެއްކޮޅުން، އިސްލާމީ ދައުލަތުގެ މައްޗަށް ވާޖިބުވެގެން ވަނީ، މާތް ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެ ބޯ ލެނބުމުގެ ނަމޫނާއަކަށް ވުމެވެ. މާތް ﷲ އަށް ކިޔަމަންވުމާއި ޝަރީޢާތަށް ހުރުމަތްތެރިކޮށް ހިތުމުގައި، ފަރުދުންނަށް ނަމޫނާއަކަށް ވުމެވެ. މިގޮތަށް މިކަން ނުވާ ނަމަ، ދައުލަތުން ރިބާ ކާފައި، ޢާއްމުން ގާތު ރިބާ ނުކާށޭ ބުނެވޭނެހެއްޔެވެ؟ ދައުލަތުގެ އެންމެ އިސް ވާޖިބަކަށް ވާން ޖެހޭނީ ރިބާ އާ ދުރުހެލިވުމެވެ.

ލިޔުން ނިންމާލަމުން ވެސް، އަހަރެން ހަނދާންކޮށްލަ ދޭން ބޭނުންވާ ކަމަކީ، މިހާރުގެ ޝައިޚުލް އަޒްހަރު ފަޟީލަތުއް ޝައިޚް މުޙައްމަދު ސައްޔިދު ޠަންޠާވީ، މިޞްރުގެ މުފްތީއަކަށް ހުންނެވި އިރު، ބޭންކު ފައިދާ އަކީ ޙަރާމް އެއްޗެއް ކަމަށް ވިދާޅުވެ ފަތުވާ ދެއްވާފައިވާ ކަމެވެ.


 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.