ހުކުރު20201127

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު މުޢާމަލާތު މަޖްމަޢުލް ފިޤުހުލް އިސްލާމީ ގެ 14 ވަނަ ބައްދަލުވުމުން ނެރެފައިވާ ޤަރާރު

މަޖްމަޢުލް ފިޤުހުލް އިސްލާމީ ގެ 14 ވަނަ ބައްދަލުވުމުން ނެރެފައިވާ ޤަރާރު

bank-faidha-oic-qaraar-majmau-14އިސްލާމީ މާލީ މުއައްސަސާތަކާއި ބެހޭ ގޮތުން، ޛުލްޤަޢްދާ 1423ހ / ޖަނަވަރީ 2003 ގައި ބޭއްވުނު ބައްދަލު ވުން

މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީ(އޯ.އައި.ސީ) ގެ ދަށުން އުފެދިފައިވާ، މަޖްމަޢުލް ފިޤުހުލް އިސްލާމީ ގެ ސާދަ ވަނަ ބައްދަލުވުން، ހިޖުރައިން 1423 ވަނަ އަހަރުގެ ޛުލްޤަޢްދާ މަހު 8 އަކުން 13 ވަނަ ދުވަހަށް، މީލާދީން 2003 ވަނަ އަހަރުގެ ޖަނަވަރީ 11 އިން 16 ވަނަ ދުވަހަށް، ޤަޠަރުގެ ވެރިރަށް ދައުޙާގައި ވަނީ ބޭއްވިފައެވެ. އިސްލާމީ މާލީ މުއައްސަސާތަކަށް ދައްކަން ޖެހޭ ފައިސާ ނުލިބި ލަސްވުމުގެ މައްސަލަ އާއި ބެހޭ ގޮތުން، މަޖްމަޢު ގެ މަޖުލިހަށް ހުށައެޅުނު ބަހުސްތައް ބެލުމަށް ފަހު، އަދި ކުރެވުނު މަޝްވަރާތައް އަޑު އެހުމަށް ފަހު، މި އަންނަނިވި ޤަރާރުތައް ނެރެމެވެ.

އެކެއް :

އިސްލާމީ މާލީ މުއައްސަސާތަކަށް މީހުން ދައްކަން ޖެހޭ ފައިސާ ނުދައްކައި ލަސްވުމުގެ މައްސަލަ ހައްލު ކުރަން ޖެހޭ ގޮތާއި، އާދައިގެ ބޭންކުތައް މިފަދަ މައްސަލަތައް ހައްލު ކުރާ ގޮތާއި ތަފާތެވެ. އެހެނީ އާދައިގެ ބޭންކުތަކުން މުޢާމަލާތް އެ ކުރަނީ ޙަރާމް ފައިދާ އާ އެވެ. ވީމާ ބޭންކު ފައިދާ(ބޭންކު އިންޓްރެސްޓު) އަކީ ޙަރާމް އެއްޗެއްކަން އިތުރަށް ބާރު އަޅާ ފާހަނގަ ކޮށްލުމަކީ މި ފުރުސަތުގައި ވެސް މުހިއްމު ކަމެކެވެ. އެއީ މި އަންނަނިވި ނުކުތާތަކުގެ އަލީގައެވެ:-

1- އާދައިގެ ބޭންކުތަކުގެ ވަޒީފާ:

ފައިދާ ވުމާއި ގެއްލުން ވުމުގެ އިހުތިމާލު އޮންނަ މޭވާކުރުމުގެ (އިސްތިޘްމާރު/ އިންވެސްޓު) ދާއިރާގައި މަސައްކަތް ކުރުމަކީ، އާދައިގެ ބޭންކު ހިންގުމުގެ ޤާނޫނުތަކުގައި މަނާ ކަމެކެވެ. މިފަދަ ބޭންކުތަކުން ކުރާ ކަމަކީ، ޑިޕޮޒިޓުގެ ގޮތުގައި ޢާއްމުންގެ އަތުން ފައިސާ އަތުލާފައި(މިއީ ބެލެވެނީ މީހާ ބޭންކަށް ދޭ ދަރަންޏެއް ކަމަށް) އަނެއްކާ އެހެން މީހުންނަށް، ދަރަންޏައް ފައިސާ ދިނުމެވެ. ޤާނޫނީ މީހުންނާއި އިޤްތިޞާދީ މީހުން ބުނާ ގޮތުގައި، މިފަދަ ބޭންކުތަކުގެ މައިގަނޑު މަސައްކަތަކީ، ފައިދާ ދީފައި ލޯނު އަތުލުމާއި ފައިދާ ލާފައި ލޯނު ދިނުމެވެ.

2- އާދައިގެ ބޭންކާއި ފައިސާ ލާ މީހުންނާއި ދެމެދު އޮންނަ ގުޅުން:

އާދައިގެ ބޭންކަށް ފައިސާ ލާ މީހުންނާއި ބޭންކާއި ދެމެދު އޮންނަ ގުޅުމެއް ކަމަށް، ޤާނޫނީ ގޮތުން އަދި ޝަރުޢީ ގޮތުން ވެސް ބެލެވެނީ، އެއީ ދަރަނި ދިނުމުގެ ގުޅުމެއް ކަމަށެވެ. ވަކާލާ ގެ ގުޅުމެއް ނޫނެވެ. ބޭންކުތަކުގެ ޤާނޫނުތަކާއި ނިޒާމުތައް ބުނަނީ މިހެންނެވެ.

މޭވާކުރުމުގައި ވަކާލާ ޢަޤުދުގެ މާނައަކީ، ވަކި އުޖޫރައެއް ދީގެން ނުވަތަ މޭވާކޮށްގެން ލިބޭ ފައިދާގެ ވަކި ނިސްބަތެއް ދީގެން، މީހަކު(މުވައްކިލް) އޭނާގެ ފައިސާ މޭވާކުރަން އެހެން މީހަކާއި(ވަކީލު) ހަވާލު ކުރުމެވެ. ދެން އިސްލާމީ ފިޤުހުގައި އެއްބަސް ވެވިފައިވާ ޙަޤީޤަތަކީ، މޭވާކުރެވޭ ފައިސާގެ ވެރިއަކީ މުވައްކިލު ކަމެވެ. އަދި އެ ފައިސާއަށް ވާ ފައިދާ އަކާއި ގެއްލުމެއް ވެސް އުފުލަން ޖެހޭނީ އޭނާއެވެ. ވަކާލާ ޢަޤުދު ކުރެވުނީ އުޖޫރަ ދޭ ގޮތަށް ނަމަ، ވަކީލަށް އޮންނާނެ އެއްޗަކީ ކަނޑަ އެޅިފައިވާ ވަކި އުޖޫރައެކެވެ.

ވީމާ ބޭންކަކީ، ފައިސާ ލާ މީހުންގެ ފަރާތުން އެ މީހުންގެ ފައިސާ މޭވާކުރަން ހަވާލު ކުރާ ވަކީލަކަށް ނުވެއެވެ. ސަބަބަކީ، މީހަކު ބޭންކަށް ފައިސާ ލީމާ، އެ ފައިސާ އަށް އުނިކަމެއް ނުގެނެސް ފަހުން އެ، ދޭނެ ކަމުގެ ގެރެންޓީ ބޭންކުން ދިނުމުން، އެ ވާނީ ދަރަނީގެ ޢަޤުދަކަށެވެ. އެ ދަރަންޏަށް ކޮންމެ ގޮތެއް ވެސް ބޭންކަށް ހެދިދާނެއެވެ. ނަމަވެސް އާޚިރުގައި އެ ރައްދު ކުރަން ޖެހޭނެއެވެ. އިސްލާމީ ފިޤުހުގައި ޖެހޭނީ، ދަރަންޏެއް ވިއްޔާ އިތުރު ކުރުމުގެ އެއްވެސް ޝަރުޠެއް ނެތި، ސީދާ އެ މިންވަރު ރައްދު ކުރާށެވެ.

3- އާދައިގެ ބޭންކުތަކުން ދޭ ފައިދާ އަކީ، ޝަރުޢީގޮތުން ޙަރާމް ރިބާ :

ބޭންކަށް ލާ ފައިސާއަށް ލިބޭ ފައިދާ އަކީ(ބޭންކު އިންޓްރެސްޓު)، ޤުރުއާނާއި ސުންނަތުގައި ޙަރާމް ކުރެވިފައިވާ ރިބާ އެވެ. މުޙައްރަމް 1385ހ / މޭ 1965މ ގައި ޤާހިރާގައި ބޭއްވުނު، މަޖްމަޢުލް ބުޙޫޘުލް އިސްލާމިއްޔާ ގެ ދެވަނަ ބައްދަލުވުމުއް ސުރެ، މިއަދާ ޖެހެން ދެން ވެސް ނެރެވިފައިވާ ޤަރާރުތަކާއި ފަތުވާތަކުގައި ބުނެވިފައި ވަނީ މިހެންނެވެ. މި ދެންނެވި ބައްދަލުވުމަށް އިސްލާމީ އުއްމަތުގެ ބޮޑެތި ޢިލްމުވެރިންގެ ތެރެއިން 85 ޢިލްމުވެރިން ޙާޟިރުވެވަޑައިގަތެވެ. އަދި 35 އިސްލާމީ ޤައުމެއް ގެ މަންދޫބުން މި ބައްދަލުވުމަށް ޙާޟިރުވިއެވެ. މި ބައްދަލުވުމުން ނެރެފައިވާ ޤަރާރުގެ ފުރަތަމަ ނަމްބަރުގައި ވަނީ މި ފަދައިންނެވެ:-

''އެއްވެސް ބާވަތެއްގެ ދަރަންޏަކަށް އިތުރު ކުރެވޭ ފައިދާ އަކީ، ޙަރާމް ކުރެވިފައިވާ ރިބާ އެވެ.''

ދެން މިއަށް ފަހު، ބޭއްވުނު ބައްދަލުވުންތަކާއި ނެރެވުނު ޤަރާރުތަކުގައި ވެސް ބުނެފައި ވަނީ ހަމަ މިގޮތަށެވެ.

އެގޮތުން އިސްލާމީ އިޤްތިޞާދާއި ބެހޭ ގޮތުން ބޭއްވުނު ބައިނަލްއަޤްވާމީ ފުރަތަމަ ބައްދަލުވުން ހިޖުރައިން 1396 ވަނަ އަހަރު(1976މ) މައްކާގައި ބޭއްވުނެވެ. އެ ބައްދަލުވުމަށް ތިންސަތޭކައަށް ވުރެ ގިނަ ޢިލްމުވެރިންނާއި ފިޤުހުވެރިންނާއި ބޭންކާއި އިޤްތިޞާދުގެ ތަޖުރިބާކާރުން ޙާޟިރުވިއެވެ. މި ބައްދަލުވުން ވެސް ބާރު އަޅާ ބުނެފައި ވަނީ، ބޭންކު ފައިދާ އަކީ ޙަރާމް އެއްޗެއް ކަމަށެވެ.

ދެން 1403ހ/1983މ ގައި ކުވައިތުގައި ބޭއްވުނު، އިސްލާމީ ބޭންކުތަކުގެ ދެވަނަ ބައްދަލުވުމުގައި ވެސް ބުނެފައި ވަނީ ހަމަ މިހެންނެވެ.

ދެން، މުނައްޡަމަތުލް މުއުތަމަރުލް އިސްލާމީ( އޯ.އައި.ސީ) ގެ ދަށުން އުފެދިފައިވާ، މަޖްމަޢުލް ފިޤުހުލް އިސްލާމީ ގެ ދެވަނަ ބައްދަލުވުން، 10-16 ރަބީޢުލް އާޚިރު/ 22-28 ޑިސެމްބަރ 1985މ ގައި، ޖިއްދާގައި ބޭއްވުނެވެ. އަދި މި ބައްދަލުވުމުގައި ވެސް ޞަރީޙަ ބަހުން ބުނެފައި ވަނީ:- ''އަދާ ކުރަން ޖެހޭ މުއްދަތު ހަމަވެފައިވާ އެއްވެސް ދަރަންޏެއް، ދަރަނިވެރިއާ އަށް އަދާ ކުރަން ނުކުޅެދުނީމާ، އަދާ ކުރަން ޖެހޭ މުއްދަތު އަލުން އިތުރު ކުރުމާއި ގުޅިގެން އިތުރު ކުރެވޭ ކޮންމެ މިންވަރަކީ(ފައިދާ އަކީ)، އަދި ދަރަންޏެއް ދިނުމުގެ ޢަޤުދު ފެއްޓޭ ހިސާބުން އިތުރު ކުރެވޭ ކޮންމެ މިންވަރަކީީ(ފައިދާ އަކީ)، އެއީ ދީނުގައި ޙަރާމް ކުރެވިފައިވާ ރިބާ އެވެ.''

ދެން 1406ހ/1986މ ގައި، ރާބިޠަތުލް ޢާލަމުލް އިސްލާމީގެ ދަށުން އުފެދިފައިވާ، އަލްމަޖްމަޢުލް ފިޤްހީ އަލްއިސްލާމީ ގެ ނުވަ ވަނަ ބައްދަލުވުން މައްކާގައި ބޭއްވުނެވެ. އެ ބައްދަލުވުމުގައި ބުނެފައި ވަނީ ''ރިބާ ފައިދާ ގެ ގޮތުގައި ލިބޭ ކޮންމެ ފައިސާއަކީ ދީނުގައި ޙަރާމް އެއްޗެއް'' ކަމަށެވެ.

ދެން ރަޖަބް 1409ހ/ ފެބުރުއަރީ 1989މ ގައި އޭރު މިޞްރުގެ މުފްތީއަކަށް ހުނަންވާފައި، އައްޝައިޚް މުޙައްމަދު ސައްޔިދު ޠަންޠާވީ ވިދާޅު ވެފައި ވަނީ: ''ކުރިންސުރެ ކަނޑައެޅިފައިވާ ފާއިދާއަކާ އެކު، ބޭންކަށް ލާރި ލުމާއި އަދި ބޭންކުން ލޯނު ނެގުމާއި ލޯނު ދިނުމަކީ ޙަރާމް ކަމެކެވެ.''

އަދި މީގެ އިތުރުން ވެސް، ތަފާތު އިސްލާމީ ޤައުމުތަކުގެ ފިޤުހު މަޖްމަޢްތަކުންނާއި، ފަތުވާ ކޮމިޓީތަކުންނާއި، ޢިލްމީ ދާއިރާތަކުންނާއި، ބޭއްވިފައިވާ ޢިލްމީ ބައްދަލުވުންތަކާއި، އިސްލާމީ ދުނިޔޭގައި ތިބި ބޭންކާއި މާލީ ކަންތައްތަކުގެ ތަޖުރިބާކާރު ޢިލްމުވެރިން، މި ހުރިހާ އެންމެން ވެސް ބާރު އަޅައި ބުނެފައި ވަނީ، ބޭންކު ފައިދާ އަކީ ރިބާ ކަމުގައެވެ. ވީމާ އެއީ ޙަރާމް އެއްޗެއް ކަމުގައެވެ. މި ހުރިހާ އެންމެން މިފަދައިން ފަތުވާ ދިނީމާ، އެ ބެލެވޭނީ މިޒަމާނުގެ ފިޤުހުވެރިންގެ އިޖްމާޢު އެއް ކަމަށެވެ. އަދި މި އިޖްމާޢުއާއި ޚިލާފުވުމަކީ ހުއްދަވާނެ ކަމެއް ނޫނެވެ.

4- މޭވާކުރުމުން (އިސްތިޘްމާރު /އިންވެސްޓް) ލިބޭ އެއްޗަކުން ނުވަތަ ރައުސްމާލުން، ކަނޑައެޅިފައިވާ ފައިދާއެއް ކުރިން ކަނޑައެޅުން :

ޝަރުޢީގޮތުން ހުއްދަ މުޢާމަލާތެއް ކަމުގައިވާ ''މުޟާރަބާ'' އަކީ، ކުރިން ފާއިދާއެއް ކަނޑައަޅާފައި ދޭ ދަރަންޏާއި މުޅިން ތަފާތު އެއްޗެކެވެ. އެހެނީ ލޯނުގައި ފައިދާ އާއި އަދި މޭވާކުރުމުން ގެއްލުން ވެއްޖެނަމަ އެ ގެއްލުން އުފުލަން ޖެހެނީ، ލޯނު ނެގިމީހާ އެކަންޏެވެ. އެކަމަކު މުޟާރަބާ އަކީ، ލާރި ދޭ މީހާ ވެސް ގެއްލުމާއި ފައިދާ ހިއްސާ ކުރަން ޖެހޭ މުޢާމަލާތެކެވެ. ދިން ލާރިން ކުރި މޭވާކުރުމުން ވީ ފައިދާ ނަމަ، ފައިދާ ހިއްސާ ކުރެއެވެ. ދިން ލާރިން ކުރި މޭވާކުރުމުން ވީ ގެއްލުން ނަމަ، ގެއްލުން ހިއްސާ ކުރެއެވެ. އެގޮތުން ކީރިތި ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައި ވަނީ  الْخَرَاجُ بِالضَّمَانِ

މާނައަކީ: ''ފާއިދާ ލިބުނީ، ޖާމިން ވީ ކަމަށްޓަކައެވެ.'' (ރިވާކުރެއްވީ އަޙްމަދު އަދި އަޞްޙާބުއް ސުނަން) (ނޯޓު: މި ޙަދީޘްގެ ތަފްޞީލީ މާނައަކީ، ދަނޑުން، ނުވަތަ ފައިސާއިން ނުވަތަ ނަޢަމްސޫފި ފަދަ އެއްޗެއް މީހެއްގެ އަތުގައި ހުއްޓާ އެއިން އޭނާއަށް ލިބޭ ފައިދާއެއް އެ ލިބެނީ، އަތުގައި މި އެއްޗެހި ހުރި މުއްދަތުގައި އޭނާ އެ އެއްޗެހި ބަލަހައްޓާ، ރައްކާތެރިވެ، ގެއްލުމަށް ޖާމިންވީ ކަމަށްޓަކައެވެ.)

މި ޙަދީޘުން ފިޤުހުވެރިން ވަނީ ވަރަށް މަޝްހޫރު ފިޤުހީ ޤަވާޢިދެއް ނަގާފައެވެ. އެއީ ''އަލްޣުންމު ބިލްޣުރްމި'' އެވެ. (މާނައަކީ: ފައިދާ އެއް ލިބޭނީ ގެއްލުމެއް ލިބެން ތައްޔާރުނަމައެވެ.''

އެތަކެއް ޤަރުނެއް ވަންދެން، އަދި ހުރިހާ މަޛްހަބުތަކެއްގައި ވެސް، ފިޤުހުވެރިން އިޖްމާޢުވެފައި ވަނީ، މުޟާރަބާ އާއި އަދި ހުރިހާ ވައްތަރެއްގެ މުޝާރަކާ ޢަޤުދުތަކެއްގައި ވެސް، ލިބޭނެ ފައިދާ ޢަދަދުން ކަނޑައެޅުމާއި، ރައުސްމާލުގެ ނިސްބަތުން ފައިދާ ކަނޑައެޅުމަކީ ހުއްދަ ކަމެއް ނޫންކަމަށެވެ. ފައިސާގެ އަސްލަށް ޟާމިނު ވުމަކީ މިފަދަ ޢަޤުދުތަކުގައި ހުއްދަ ކަމެއް ނޫންކަމަށް ޞައްޙަ ޝަރުޢީ ދަލީލުތައް ބުނެއެވެ. ޢަޤުދުގައި، ލިބޭނެ ފައިދާ ޢަދަދުން ކަނޑައަޅާ ނުވަތަ ރައުސްމާލުގެ ނިސްބަތުން ފައިދާ ދޭން އެއްބަސް ވެއްޖެނަމަ، މުޝާރަކާގައި ކަނޑައެޅިފައިވާ ގެއްލުމާއި ފައިދާ ގައި ބައިވެރިވުމުގެ އުސޫލު މުގުރާލެވުނީއެވެ. އަދި މުޟާރަބާގައި ފައިދާގައި ނިސްބަތުން ހިއްސާވާ އުސޫލު މުގުރާލެވުނީއެވެ. މި ދެންނެވި އިޖްމާޢުއަކީ ކަނޑައެޅިގެން ސާބިތުވާ، އަދި އެއާ އެއްވެސް މީހަކު ޚިލާފުވިކަން އެނގިފައި ނުވާ، އިޖްމާޢު އެކެވެ. އެ ގޮތުން، އަލްމުޣްނީގެ 3/34 ގައި އިބްނު ޤުދާމާ ވިދާޅުވެފައި ވަނީ: ''މުޟާރަބާގައި އަދި މުޝާރަކާގައި، ޢަޤުދު ކުރާ ދެމީހުން ނުވަތަ އޭގެ ތެރެއިން އެކަކު، ފައިދާއިން ވަކި ޢަދަދެއްގެ ދިރުހަމް ލިބެންޖެހޭނެ ކަމަށް ޝަރުޠުކޮށްފިއްޔާ، ޢަޤުދު ބާޠިލް ވާނެކަމަށް، ޢިލްމުވެރިން ކަމަށް ބެލެވޭ އެންމެން އިޖްމާޢުވެއެވެ.''

ވީމާ މި މަޖްމަޢުން މި އިޖްމާޢަށް އިޤްރާރު ވުމަށް ފަހު، މުސްލިމުންނަށް ވަޞިއްޔަތް މި ކުރަނީ ޙަލާލް ގޮތުގައި ރިޒުޤު ހޯދުމަށެވެ. އަދި ﷲ އާއި ރަސޫލާއަށް ކިޔަމަންތެރިވުމުގެ ގޮތުން، ޙަރާމް ގޮތުގައި ފައިސާ ނު ހޯދުމަށެވެ.

ދޭއް:

(ނޯޓު: ޤަރާރުގެ މި ނަމްބަރުގައި ވަނީ، ދައްކަން ޖެހޭ ފައިސާ ނުލިބި ލަސްވުމުގެ މައްސަލަ އާއި ބެހޭ ގޮތުން ދައްކާފައިވާ ވާހަކަތަކެވެ. މި ވާހަކަތަކަކީ ރިބާ ގެ ޙުކުމާއި ބެހޭ މި މައުޟޫއަށް މުހިއްމު އެއްޗަކަށް ނުވާތީ، އެބައި ތަރުޖަމާ ނުކޮށް ދޫކޮށްލަމެވެ.)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.